news
stringlengths
242
32.4k
Title
stringlengths
6
118
ރަށްރަށުގައި ހައްދާ ކާބޯތަކެތި ވިއްކުމަށް މާލެ ގެންނައިރު އެކަމާ ބެހޭ މުއާމަލާތްތައް މާލޭގައި ގާއިމްކޮށްފައިވާ އައިސީޕީތަކާއެކު ކުރިއަށްގެންދާނީ ރަށުކައުންސިލްތަކުން ކަމަށް ސަރުކާރުން ބުނެފި އެވެ. ކޮރޯނާ ވައިރަސްއާއި ގުޅިގެން މާލެ ސިޓީ ލޮކްޑައުންކޮށްފައިވާތީ، ރޯދައަށް ރަށްރަށުގައި ހައްދާފައިވާ މޭވާ އާއި ތަރުކާރީ މާލެ ގެނެސް ވިއްކުމަށް އެހެން އަހަރުތަކުގައި އޮންނަފަދަ ފަސޭހަ އިންތިޒާމެއް މިއަހަރު ހަމަޖެހިފައެއް ނެތެވެ. ނަމަވެސް ދަަނޑުވެރިންގެ އުފެއްދުންތައް ގަތުމަށް "ޢެގްރޯނެޓް" ގެ ނަމުގައި ކުންފުންޏެއް އުފައްދާ، އެތަކެތި ރައްޔިތުންނަށް ގަނެވޭނެ އިންތިޒާމު ވަނީ ހަމަޖައްސައިފައެވެ. ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވީ އަތޮޅުތެރޭ އުފައްދާ މޭވާ އާއި ތަރުކާރީ ޑިސްޓްރިބިއުޓް ކުރުމަށް ގާއިމްކޮށްފައިވާ އައިސީޕީ ޑެސްކާ ކޯޑިނޭޓު ކުރާނީ ރަށްރަށުގެ ކައުންސިލްތަކުން ކަމަށެވެ. "ކައުންސިލްތަކުން މާލެގައި އޮންނަ އައިސީޕީ އާ ގުޅައިގެން މި ކާބޯތަކެތި، މާލޭގައި އޮންނަ އައިސީޕީ މެދުވެރިކޮށް އެގްރޯނެޓަށް ގަނެވޭނެ އިންތިޒާމު ގާއިމް ކުރެވޭނެ،" މަބްރޫކު ވިދާޅުވިއެވެ. އެގްރޯނެޓަށް ފޮނުވާ އުފެއްދުންތައް ފޮނުވުމަށް ހއ އަތޮޅުން ފެށިގެން ބ އަތޮޅާއި ހަމައަށް ހުރި އަތޮޅުތަކުގެ ކައުންސިލްތަކުން ގުޅަންޖެހޭ ނަންބަރަކީ 3320833 އެވެ. ޅ އަތޮޅުން ފ އަތޮޅާއި ހަމައަށް ހުރި ރަށްރަށުން ގުޅާނެ ނަންބަރަކީ 3320834 އެވެ. ދ. އަތޮޅުން ފެށިގެން އައްޑޫ ސިޓީ އާއި ހަމައަށް ހުރި ރަށްރަށުން ގުޅާނެ ނަންބަރަކީ 3320835 އެވެ. މަބްރޫކު ވިދާޅުވީ މި ނަންބަރުތަކާ ގުޅައިގެން މާލޭގައި ހުންނަ ފިހާރަތަކުން، މިތަކެއްޗަށް އޯޑަރުވެސް ކުރެވޭނެ ކަމަށެވެ. ބުރާސްފަތިދުވަހުގެރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިކޮނޮމިކް މިނިސްޓްރީގެ ރެޖިސްޓްރާ އޮފް ކޮމްޕެނީސް މަރިޔަމް ވިސާމް ވިދާޅުވީ ވިސާމް ވިދާޅުވީ ނޯތު ހާބަރުގައި ގާއިމްކޮށްފައިވާ އައިސީޕީ ޑެސްކާ އެކު ކުރިއަށް އޮތް ދުވަސްތަކުގައި އަތޮޅުތެރެއަށް މުދާތައް ފޯރުކޮށްދިނުމާއި އަތޮޅުތެރެއިން މާލެ ގެންނަ މުދާ ދައުރުރުކުރުމައި ވަރަށް ބޮޑެތި ފަސޭހަތަކެއް ލިބޭނެ ކަމަށެވެ. ހާއްސަކޮށް ދަނޑުވެރިކަން ކުރާ ރަށްތަކުން މާލެ ގެންނަ މުދާތައް ފަސޭހައިން ފޯރުކޮށްދެވޭނެކަން އޭނާ ފާހަގަކުރެއްވި އެވެ. ރަށްރަށުން ގެންނަ މުދާ "އެގްރޯނެޓް" މެދުވެރިކޮށް ފިހާރަތަކަށް ފޯރުކޮށްދޭނެ ކަމަށް ވިސާމް ވިދާޅުވިއެވެ. ރަށްރަށުގައި އުފައްދާ މޭވާ އާއި ތަރުކާރީ ގަނެ ވިއްކުމަށް އެގްރޯނެޓު އުފައްދާފައިވާއިރު މި ކުންފުނިން ތަކެތި ގަންނަން ފަށާނީ އަންނަ މަހުން ފެށިގެން ކަމަށް މީގެ ކުރިން ވަނީ ބުނެފައެވެ. މީގެ އިތުރުން ރަށްރަށަށް ބޭނުންވާ މުދާ ފޯރުކޮށްދިނުމަށް މޯލްޑިވިއަންގެ ކާގޯ ފްލައިޓުތައް ބޭއްވުމަށް ނިންމާފައިވާކަމަށާއި ކޮންމެ ދުވަހަކުވެސް ބާއްވާ ކާގޯ ފްލައިޓުތަކުން، ކަރަންޓީނު ފެސިލިޓީތަކުގައި ތިބޭ މީހުންގެ ތެރެއިން ކަރަންޓީނު ފުރިހަމަކުރާ މީހުންނަށް ރަށަށް ދެވޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށް މަބްރޫކު ރޭ ވިދާޅުވިއެވެ.
ރަށްރަށުން މާލެއަށް ތަކެތި ގެންނައިރު އަންގަން ޖެހޭ
ސްރީލަންކާގެ ރައީސް ގޯޓާބަޔަ ރާޖަޕަކްސަގެ ތިން މަހުގެ މުސާރަ ކޮވިޑް-19 ހެލްތް ކެއާ ސެކިއރިޓީ ފަންޑަށް ހަދިޔާ ކުރަން ނިންމައިފި އެވެ. ކޮވިޑް-19 ފެތުރުން ހުއްޓުވުމަށް ކުރާ މަސްކަތްތަކަށް އެހީވުމުގެ ގޮތުން ލަންކާ ސަރުކާރުން ހުޅުވާފައިވާ މި ފަންޑަށް ރައީސް ގޯޓާބަޔާގެ ތިން މަހުގެ މުސާރައަށްވާ 292،500 ލަންކާ ރުޕީސް (1557.56 ޑޮލަރު) ފަންޑަށް ހަދިޔާކޮށްފައިވަނީ އިއްޔެ ކަމަށް ލަންކާގެ ނޫސްތަކުން ބުންޏެވެ. ލަންކާ ރައީސްގެ މީޑިއާ ޑިިވިޝަނާ ހަވާލާދީ އެގައުމުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި މިއަދާ ހަމައަށް އެ ފަންޑަށް ޖަމާވި ފައިސާގެ އަދަދު އެއް ބިލިއަން ރުޕީސް (5.32 މިލިއަން ޑޮލަރަށް) ވުރެ ގިނަ އެވެ. ސްރީލަންކާގެ މުއާސަލާތީ ކުންފުނި މޮބިޓެލްގެ ފަރާތުންވެސް މި ފަންޑަށް އިއްޔެ ވަނީ 50 މިލިން ރުޕީސް ހަދިޔާކޮށްފަ އެވެ. އަދި އެއާޓެލް ކުންފުނީގެ ފަރާތުން 1.2 މިލިއަން ރުޕީސް މީގެ ކުރިން ވަނީ ހަދިޔާކޮށްފަ އެވެ. އޭގެ އިތުރުން އެހިނިހެން ސަރުކާރުގެ އިސްފަރާތްތަކާއި ޖަމިއްޔާ ޖަމާއަތްތަކާއި ބޭރު ފަރާތްތަކުގެ އެހީވެސް މި ފަންޑަށް ދަނީ ލިބެމުންނެވެ. މި ފައިސާ ޖަމާވަމުން ދަނީ ބެންކް އޮފް ސިލޯންގައި އެކަމަށްޓަކައި ހާއްސަކޮށްފައިވާ އެކައުންޓަށެވެ. މި ފަންޑަށް ލިބޭ ފައިސާ ހަރަދު ކުރާނީ، ބޭހާއި މެޑިކަލް ރިސާޗް ސާމާނު ހޯދުމަށާއި ސިއްހީ ދާއިރާގެ މުވައްޒަފުންނަށް ރައްކާތެރިކަން ހޯދައިދިނުމަށެވެ. އޭގެ އިތުރުން މަދުން އާމްދަނީ ލިބޭ ފަރާތްތަކަށް އެހީވުމަށް ވެސް މި ފަންޑަށް ލިބޭ ފައިސާ ބޭނުންކުރާނެެވެ. އެއް މިލިއަން ރުޕީސްއާއެކު މި ފަންޑު ހުޅުވާފައިވަނީ މިދިޔަ މާޗްމަހު 23ގަ އެވެ. ލަންކާގައި މިހާތަނަށް 935 މީހަކު ވައިރަހަށް ޕޮޒިޓިވްވެފައިވީއިރު، ނުވަ މީހަކު ވަނީ މަރުވެފަ އެވެ. ވައިރަހުން ރަނގަޅުވި މީހުންގެ އަދަދަކީ، 477 އެވެ.
ލަންކާ ރައީސްގެ ތިން މަހު މުސާރަ ކޮވިޑް ފަންޑަށް
"މާލެއިން ރަށްރަށަށް ދާ މީހުން، ވަކި މުއްދަތަކަށް [ރިސޯޓުތަކުގައި] ކަރަންޓީނުގައި ބައިތިއްބަން މިޖެހެނީ، ރަށްރަށުގައި މިބަލި ފެތުރުމުގެ ފުރުސަތު ހަނިކުރުމަށް. މާލޭގައި މި ބަލި ފެތުރިފައިވާތީ، މާލެއިން ރަށްރަށަށް ދާ މީހުން، އެމީހެއްގެ ރަށުގައި ކަރަންޓީނު ކުރުމަކީ، ރައްކާތެރި ކަމެއް ނޫން. އެއީ އެ ރަށްރަށުން ވެސް ބޭނުންވާ ގޮތެއް ނޫން،"މިއީ މިދިޔަ ހަފްތާއެއްހާ ދުވަސްތެރޭ ރައްޔިތުންގެ މަޖިލީހުންގެ ފާޅުކުރެއްވި ކަންބޮޑުވުންތަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރޭ ދެއްވި ސީދާ ޖަވާބެވެ. ރައީސް ސޯލިހް ވިދާޅުވި ގޮތުގައި، ރަށެއްގައި ވައިރަސް ފެތުރިއްޖެ ނަމަ، އެ ރަށެއްގައި މި ވައިރަހާ ދެކޮޅަށް ކުރަންޖެހޭ މަސައްކަތް މާ ބުރަވާނެ އެވެ. އަދި އެރަށެއްގައި އަޅަންޖެހޭ ފިޔަވަޅުތަކުގެ ސަބަބުން، އެ ރަށެއްގެ ރައްޔިތުންނަށް، މާގިނަ އުނދަގޫތަކާ ކުރިމަތިލާން ޖެހޭނެ ކަމަށް ރައީސް ސޯލިހް ވިދާޅުވި އެވެ. މިދިޔަ މަހު 15 ވަނަ ދުވަހު މާލެއިން ފެނުނު ކޮރޯނާވައިރަސްގެ ފުރަތަމަ ކޭސްއާއެކު މާލެ ފުރަބަންދު ކުރުމުން، ރަށަށް ނުދެވި މާލޭގައި ތާށިވި މީހުންގެ އަދަދު، 5،000 އަށް ވަނީ އަރައިފަ އެވެ. މިވަގުތުގެ ހާލަތު އިތުރަށް ބިރުވެރިވާނީ، މާލޭގައި މުޅިން ބަލި ކޮންޓްރޯލް ނުކުރެވި އުޅެނިކޮށް ރާއްޖޭގައި އެތައް ރަށެއްގައި ބަލި ފެތުރިގެންފާނެތީ އެވެ. ހެލްތް މިނިސްޓަރު އަބްދުﷲ އަމީން އެ ހާލަތް ސިފަކުރައްވަނީ، އެއީ ރާއްޖެއަށް ކުރިމަތިވާނެ އެންމެ ބޮޑު "މުސީބާތް" ކަމަށެވެ. އެހެންވެ، ސަރުކާރުގެ ވިސްނުމަކީ، އެމީހުންގެ ފަރާތުން ރަށްތަކަށް މި ވައިރަސް ނުދާނެ ގޮތަކަށް ކަންކަން ތަރުތީބު ކުރުމެވެ. ނަމަވެސް މަޖިލިސް މެމްބަރުން ހަރުއަޑުން ގޮވާލައްވަނީ، ރަށްރަށުގެ ރައްޔިތުން އެ ރަށްތަކަށް ގެންގޮސް، އެ ރަށްރަށުގެ ސްކޫލްތަކާއި ހޯލްތަކުގައި ކަރަންޓީނު ކުރުމަށެވެ. އެކަން ތަންފީޒު ކުރަން ކައުންސިލްތަކާ ހަވާލުކުރުމަށެވެ. ރަށަށް ނުދެވި މާލޭގައި ތާށިވި ބަޔަކު ކަރަންޓީނަށް ގެންދަނީ -- ރައްޔިތުން އިންތިހާބު ކުރި މަންދޫބުންގެ ކަންބޮޑުވުމަކީ، މާލޭގައި މީހުން ތާށިވުމުން އެތައް ބަޔަކު ބިކަވެގެން ގޮސް، އެ ޝަކުވާ ކެނޑި ނޭޅި މެންބަރުންނާ ހަމަޔަށް އަންނަމުން ދިޔުމެވެ. އެ ޖަރުބާތުގެ ތެރެއިން މެންބަރުން ވިދާޅުވަނީ، ރިސޯޓްތަކުގައި ކަރަންޓީނު މަރުކަޒު ހަދައިގެން ރަށްތަކަށް ދާން ބޭނުންވާ މީހުން އެތަންތަނުގައި ކަރަންޓީނު ކުރުމަކީ ކޮންމެވެސް އެހެން ބޭނުމެއްގައި ކުރާ ކަމެއް ކަމަށެވެ. އެކަމާ ގުޅިގެން މެންބަރުންގެ އޮތީ ތުހުމަތެވެ. ވިދާޅުވަނީ، ރަށްރަށުގެ ސްކޫލް ހޯލްތަކުގައި އެނދު ޖަހައި އެ ތަންތަނުގައި މީހުން ކަރަންޓީނު ކުރީމާ މައްސަލަ ހައްލުވީ ކަމަށެވެ. ނަމަވެސް ސަރުކާރުން ބުނަނީ އެކަން އެއީ ކުރެވެން އޮތް ކަމެއް ނޫން ކަމަށެވެ. އެކަމުގައި ނުކުރެވިގެން ސަރުކާރަށް އުޅޭ ސަބަބުތަކުގެ ލިސްޓްވެސް ވަރަށް ދިގެވެ. މެންބަރުން ދައްކަވާ ވާހަކަ އާއި އަސްލު މައްސަލައިގެ ހަގީގަތް ވަރަށް ތަފާތެވެ. ރައްޔިތުންގެ ޝަކުވާގެ އަޑުތަކާ ހުރެ އުނދަގޫ ވެގެން މެންބަރުން ދައްކަވާ މޮޅަތި ވާހަކަތަކާއި ކަމުގެ ހަގީގަތާ ކިހާ ގާތް ހެއްޔެވެ؟ ހެލްތް މިިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވި ގޮތުގައި އެންމެ ފުރަތަމަ ސަރުކާރުން ނިންމީ، ރަށްރަށުގައި އިންތިޒާމް ހުރި ވަރަކުން ރަށްރަށުގައި ބަލި ޖެހޭ މީހުން ކަރަންޓިން ކުރާށެވެ. ނަމަވެސް މާލެއަށް އަންނާނެ ކަމަށް ބެލުވުނު ސާޖާއެކު އެ ނިންމުން ބަދަލުކޮށް ފަހުން ނިންމުމަކަށްވީ ރަށްރަށް އެމީހުން އެރުވުމުގެ ކުރިން ޓްރާންސިޓް ކަރަންޓިން ފެސިލީޓީ ނުވަތަ ރިސޯޓެއްގައި އެމީހުން 14 ދުވަހު ކަރަންޓީން ކުރުމެވެ. ބޭނުމަކަށްވީ މުޅި ރާއްޖެއަށް ބަލި ފެތުރި ބިރުވެރި ހާލަތަކަށް ރާއްޖެ ސޮއްސާލުމުން ސަލާމަތް ކުރުމެވެ. "އަޅުގަނޑުމެންނަށް އެންމެ ބޮޑު މައްސަލައަކަށް ވާނީ މާލޭގައި މި ބަލި ކޮންޓްރޯލް ނުވެގެން އުޅެނިކޮށް ރަށްތަކަށް ފެތުރެން ފަށައި ފިއްޔާ. އެއީ ރަށްތަކުގައި ވަސީލަތްތައް މަދުވުމާ މި ހުރިހާ ކަމަކާ ހުރެ. އެހެންވެ، އެ ބިރުވެރި ހާލަތަށް ނުގޮސް، ރަށްތަކަށް ބަލިދާ ވަރު ކޮންޓްރޯލް ކުރަން މި މަސައްކަތް ކުރެވެނީ. އެތައްހާސް ބަޔަކު ކަރަންޓީނު ކުރުމުގެ ވިސްނުން ވެސް އޮތީ އެހެންވެ. އެ ރިކްސް [ރަށްރަށަށް ބަލިދިޔުމުގެ ރިސްކް] އަޅުގަނޑުމެން ނުނަގާނަން،" ހެލްތް މިނިސްޓަރު އަމީން ވިދާޅުވި އެވެ. މާލެ ފިޔަވާ އެންމެ ބޮޑަށް ބަލި ފެތުރުނު، ށ. ނަރުދޫއަށް ހެލްތް މިނިސްޓަރު އަމީން ކުރެއްވި ދަތުރުގެ ތެރެއިން -- ފޮޓޯ/ ހެލްތް މިނިސްޓްރީ މިހާރު ސަރުކާރުގެ ޕްލޭނަކީ 14 ދުވަހަށް ކަރަންޓީނުކޮށް އެ ދުވަސް ހަަމަވުމުން، ކޮވިޑަށް ޓެސްޓްކޮށް ނަތިޖާ ނެގަޓިވްވުމުން އެ ރަށްތަކަށް އެމީހުން ގެންދިޔުމެވެ. މިހާރު ލިބިފައި ހުރި ރިސޯޓުތައް މަދުކަމުން އެ އެންމެން އެއްފަހަރާ ކަރަންޓީން ކުރުމުގައި ދަތިތަކެއް ވަނީ ކުރިމަތިވެފަ އެވެ. ކޮންމެހެން މިވަގުތަށް ރަށަށް ދާންޖެހޭ ކަމަށް ފާހަގަވި، 1،800 މީހުންގެ ތެރެއިން 1،078 މީހަކު މިހާރު ވެސް ވަނީ ކަރަންޓީނުކޮށްފަ އެވެ. އަދި ބާކީ ތިބި މީހުން މިމަހުގެ 24 ގެ ނިޔަލަަށް ކަރަންޓީން ކުރެވޭނެ ކަމަށް ރައީސް ސޯލިހު ރޭ ވިދާޅުވި އެވެ. ކޮވިޑް-19އާ ދެކޮޅަށް މަސައްކަތް ކުރާ އެންއޯސީސީގެ ތަރުޖަމާނު މަބްރޫ އަޒީޒު ވިދާޅުވީ، މިވަގުތު ޓްރާންސިޓް ކަރަންޓިން ފެސިލިޓީތަކުގައި ބޭނުން ކުރަމުން އަންނަނީ 24 ރިސޯޓެެއް ކަމަށާއި އަދިވެސް އިތުރު ތަންތަން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އޭނާ ވެސް ވިދާޅުވި ގޮތުގައި، އެޅޭ އެންމެ ކަތި ފިޔަވަޅަކުން މުޅި ރާއްޖޭގެ އާބަދީގެ ބޮޑު ބައެއް ނުރައްކަލެއްގެ ތެރެއަށް ވައްޓާލުމަށް ސަރުކާރުން ބޭނުން ނުވާ ކަމަށެވެ. "ކިތަންމެ ބޮޑު ހަރަދެއް ކޮށްގެން ނަމަވެސް އަޅުގަނޑުމެން މަސައްކަތް މި ކުރަނީ މި ވައިރަސް ރާއްޖޭގެ އެހެން ރަށްތަކަށް ނުދިޔުމަށް. މިވަގުތަށް އަދިވެސް ސަރުކާރުގެ ވިސްނުމަކީ، ރަށްރަށް މީހުން އެރުވުމުގެ ކުރިން ރިސޯޓުތަކުގައި މީހުން ކަރަންޓިން ކުރުން،" މަބްރޫކު ވިދާޅުވި އެވެ. ރަށްރަށުގެ ރައްޔިތުން އެމީހުން ރަށަށް އެރުވުމަށް ދެކޮޅު! މޭ، 17، 2020: ށ. ފުނަދޫ ރައްޔިތުންގެ ފަރާތުން ފުރަބަންދުގައި އޮތް އެ އަތޮޅު ނަރުދޫއަށް އެހީގެ ތަކެތި ފޮނުވުން: ރަށްރަށުގައި މާލޭގައި ތިބި މީހުން ކަރަންޓިން ކުރުމަށް ބައެއް ރަށްތަކުން ދަނީ ދެކޮޅު ހަދަމުން -- ސަން ފޮޓޯ/ މުހައްމަދު އަފްރާހު ރައީސް ވިދާޅުވި ފަދައިން މާލޭގައި ހަލުވިކަމާއެކު ވައިރަސް ފެތުރެމުންދަނިކޮށް، މާލެއިން މީހުން ރަށްރަށަށް އެރުވުމަށް ބައެއް ރަށްތަކުން ދަަނީ ދެކޮޅު ހަދަމުންނެވެ. ސަރުކާރުން އެންމެ ފުރަތަމަ އެއްކުރި މައުލޫމާތުތަކުން ރާއްޖޭގެ 200 ރަށުގެ ތެރެއިން ރަށްތަކުގައި ކަރަންޓިން ކުރަން އެއްބަސްވީ އެންމެ 30 ހެއްހާ ރަށުންނެވެ. ދެން ހުރި ރަށްތަކަކީ، އެގޮތަށް ކަރަންޓިން ނުކުރެވޭ ނުވަަތަށް މާލެއިން މީހުން އެރުމަށް ދެކޮޅު ހެދި ރަށްތަކެވެ. އާބާދީގެ ނިސްބަތުން 15،000 އެއްހާ މީހުން އުޅޭ ގއ. އަތޮޅުގެ ހުރިހާ ރަށެއް އޭގެ ތެރޭގައި ހިމެނެ އެވެ. ގއ. އަތޮޅު ކައުންސިލްގެ ރައީސް އަހްމަދު ފުއާދު ވިދާޅުވި ގޮތުގައި މިވަގުތު މާލޭގައި އެ އަތޮޅު 1،100އަށްވުރެ ގިނަ މީހުން ތާށިވެފައި އެބަތިއްބެވެ. އޭގެ ތެރެއިން އަދި މިހާތަނަށް ޖާގަ ލިބުނީ 14 މީހުންނަށްކަމަށް ފުއާދު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، ގިނަ އަދަދެއްގެ ރައްޔިތުން އަންނަން ބޭނުންވި ނަމަވެސް އަތޮޅުގެ ނުވަ ރަށުގެ ރައްޔިތުން އެމީހުން ކަރަންޓީން ނުކޮށް ރަަށަށް އެރުވުމަށް ދެކޮޅު ކަމަށެވެ. "ސަރުކާރުންގެ ނިންމުގެ ކުރިންވެސް ގއ. އަތޮޅުގެ ހުރިހާ ކައުންސިލްތަކުން ވަނީ ނިންމާފައި މާލޭގައި ތާށިވެފައި ތިބި މީހުން ރަށުން ބޭރުގައި ކަރަންޓިން ކުރުމަށްފަހު ނޫނީ އެއްވެސް ރަށަކަށް ނުގެނައުމަށް. އެއީ ރައްޔިތުންގެ ކަންބޮޑުވުމެއް ރަށްތަކަށް މި ވައިރަސް ފެތުރިދާނެތީ،" ފުއާދު ވިދާޅުވި އެވެ. ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބުދުލް ލަތީފް ހަސަން ވިދާޅުވީ، މިއީ މިހާރު ބަހުސް ކުރެވޭ މައުޟޫއެއް ނޫން ކަމަށާއި މިކަމުގައި ޑޮކްޓަރުންގެ ލަފާގެ މަތިން ސަރުކާރުން ނިންމުމެއް ނިންމާފައިވާ ކަމަށެވެ. އެހެން ކަމުން ކައުންސިލާއި ރައްޔިތުން ތިބީ އެގޮތަށް އަމަލުކުރެއްވުމަށް ކަމަށް އޭނާ ވިދާޅުވިއެ ވެ. އޭނާ ވިިދާޅުވި ގޮތުގައި މާލޭގައި 146 ކުޅުދުއްފުށީ މީހުން ތާށިވެފައި އެބަތިބި ކަމަށެވެ. އޭގެ ތެރެއިން ކަރަންޓީނަށް އަދި ލެވުނީ 26 މީހުން ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ވެސް ގަބޫލު ކުރައްވަނީ އެޗްޕީއޭއިން އެ އޮތީ އެންމެ ރަނގަޅު ނިންމުން ނިންމާފައި ކަމަށެވެ. ހާއްސަ އިންތިޒާމްތަކުގެ ތެރެއިން ރަށްތަކުގައި ކަރަންޓީން ކުރެވެންޖެހޭ! މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: ސަރުކާރުންގެ ކަރަންޓިން ކުރުމުގެ އުސޫލަށް މެމްބަރުން ދެކޮޅު ހައްދަވައި --- ފޮޓޯ/ މަޖިލިސް މާލެ ފުރަބަންދުގައި އޮންނަތާ މިހާރު ދޮޅު މަހަށްވުރެ ގިނަ ދުވަސް ވެފައިވާއިރު، މާލޭގައި ތާށިވީ މީހުން ތިބީ ވަރަށް ހާލުގައި ކަމާ މެދު ޝައްކެއްނެތެވެ. އެ ނޫން ވެސް އެތައް ބަޔަކު މި ވައިރަހުގެ ހާލުގައި ޖެހިފައިވެ އެވެ. ސަރުކާރުން ހިންގާ މައި ޕާޓީ އެމްޑީޕީ ބައެއް މަޖިލިސް މެމްބަރުންނާއި އިދިކޮޅު މެމްބަރުން ވިދާޅުވަމުން ގެންދަވަަނީ ސަރުކާރުން މިކަމުގައި އަމަލު ކުރަމުންދަނީ ހަރަދުބޮޑު ގޮތަކަށް ކަމަށެވެ. އަދި ތާށިވެފައި ތިބި ރައްޔިތުން ރަށަށް ގެންދިޔުމުގައި މި ނޫން ގޮތަކަށް އަމަލު ކުރަން ޖެހޭ ކަމަށް ބައެއް މެމްބަރުން ވިދާޅުވެފައިވެ އެވެ. ސަރުކާރުން ބުނެފައިވަނީ ކޮޓަރިއަކަށް ދުވާލަކަށް ނަގާނީ 750 ރުފިޔާ ކަމަށެވެ. އެ ރޭޓުން ބަލާއިރު ކޮޓަރިއަކަށް ދެމީހުން ލައިގެންވެސް 5،000 މީހުންނަށް 3.75 މިލިއަން ރުފިޔާ 14 ދުވަހަށް ހޭދަކުރަން ޖެހެ އެވެ. އަދި އެމީހުން ދަތުރުފަތުރަށް ވެސް ބޮޑު ހަރަދެއް ހިނގާނެ ކަމަށް ބެލެވެ އެވެ. އެއީ ބައެއް ރަށްތަކަކީ މިހާރުކަނޑައަޅާފައިވާ ކަރަންޓިން ފެސިލިޓީތަކާ ވަރަށް ދުރުގައި ހުރި ތަންތަނަށް ވުމެވެ. ނައިފަރު ދާއިރާގެ މެމްބަރު އަދި އިދިކޮޅު މައި ޕާޓީ ނައިބު ރައީސް އަހްމަދު ޝިޔާމް ވިދާޅުވީ، 127 މީހަކު އެ ދާއިރާއިން ރަށަށް ދާނެ ބޭނުން ވެފައިވާ ކަމަށެވެ. އެގޮތުން މިހާތަނަށް ކަރަންޓިން ފެސިލިޓީތަކަށް ގެންދެވުނީ 40 އެއްހާ މީހުން ކަމަށް އޭނާ ވިދާޅުވި އެވެ. އޭޭނާ ވިދާޅުވީ، މާލޭގައި ވަރަށް ގިނަ ރައްޔިތުން ދަތި ހާލަތުގައި ތާށިވެފައި ތިބި އިރު ސަރުކާރުން ވަރަށް ބޭކާރު ހަރަދުތައް ކުރައްވަމުން ގެންދަވާ ކަމަށެވެ. އެގޮތުން އޭނާގެ ދާއިރާގެ ރައްޔިތުންނަށް ކައިރި ހިސާބުތަކުގެ ރިސޯޓުތަކުން ކަރަންޓިން ކުރެވެން އޮއްވާ ދުރު ހިސާބުތަކަށް ކަރަންޓިން ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ. "މިއަށްވުރެ ހަރުދަނާ އިންތިޒާމެއްގެ ތެރެއިން މިކަން ކުރެވޭނެ. އަޅުގަނޑަށް ފެންނަނީ ސަރުކާރުން ވަރަށް ގިނަ ކަންކަމުގައި ބޭކާރު ހަރަދުތައް ކުރައްވަމުން ގެންދަވާތަން. ތާށިވެފައި ތިބި ރައްޔިތުންނަށް ސަރުކާރުން އަވަސް ހައްލެއް ހޯދައިދޭން އެބަ ޖެހޭ" ޝިޔާމް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، ތާށިވި ރައްޔިތުންނަށް ވީހާވެސް އަވަހަކަށް އެރަށްތަކަށް ގެންދިޔުމަށް ހާއްސަ އިންތިޒާމްގަތަކުގެ ތެރެއިން ޖާގަ ހުުރި ރަށްތަކުގައި ކަރަންޓީން ކުރެވިދާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. "މިހާލަތުގައި މިގޮތަށް ދަތި ހާލުގައި އުޅުމަށްވުރެ، ރަށްރަށުގައި މީހުން ދިރިނޫޅޭ ސަރައްހަދުތަކުގައި ކަރަންޓިން ކުރެވެން ވާނެ. ވަރަށް ކައިރިން މޮނީޓާކުރެވިގެން. މިހާރު ވަރަށް ބޮޑު ހަރަދެއް އެބަ ކުރަންވާ ރިސޯޓުތަކުގެ ކަރަންޓީނަނަށް... މިކަމުން ކޮރަޕްޝަނަށް ވެސް މަގުފަހިވޭ،" ޝިޔާމް ވިދާޅުވި އެވެ. އިދިކޮޅު މެމްބަރު ޝިޔާމްއެކޭ އެއްގޮތަށް ސަރުކާރުގެ މެމްބަރުންވެސް ތަކުރާރު ކުރައްވަމުން ގެންދަވާ ވާހަކައަކީ އެއީ އެވެ. އެމްޑީޕީ މެމްބަރުން ވިދާޅުވާ ގޮތުގައި އެހާ ބޮޑު ހަރަދެއް ރިސޯޓުތަކުގައި ކަރަންޓިން ކުރުމަށްވުރެ ރަށްރަށުގައި ކަރަންޓިން ކުރެވެން ވާނެ އެވެ. މާލޭގައި ތާށިވި ބަޔަކު ކަރަންޓީނަށް ގެންދިޔުމުގެ މަސައްކަތް ކުރަނީ -- އެކަމަކު ސުވާލަކީ ރާއްޖޭގެ ހުރިހާ ރަށެއް ކަރަންޓީނު ކުރަން ތައްޔާރު ހެއްޔެވެ. އަދި އެކަމަށް ޖާގަ އެބަ އޮތް ހެއްޔެވެ؟ އަދި ކަރަންޓީނު ތަންފީޒު ނުވުމުގެ ބިރު އޮތް އިރު އެ ރިސްކު ނަގައިގެން މުޅި ރަށް ހަލާކުގެ ތެރެއަށް ގެންދިޔުމަކީ އަދި މާ ބޮޑަށް ހަރަދު ކުރަން ޖެހޭނެ ކަމެކެވެ. އޭރުން އަދި ކުރަން ޖެހޭ ހަރަދު މިހާރުގެ ހަރަަދަށް ވުރެ މާ ބޮޑުވާނެ އެވެ. މީގެ އިތުރަށް މިހާރުވެެސް ކޮވިޑް-19އާ ދެކޮޅަށް ހަރަދުކުރި 800 މިލިއަނެއްހާ ރުފިޔާގެ ތެރެއިން ކަރަންޓީނު ކުރުމަށް ހިނގާފައި އޮތީ ނިސްބަތުން ވަރަށް ކުޑަ އެއްޗެކެވެ. ބޮޑު ހަރަދެއް ހިނގާފައި ވަނީ ސިއްހީ ފަރުވާދޭނެ ވަސީލަތްތައް ގަންނާށެވެ. އެހެން ވީމާ ކަރަންޓީނުގެ ހަރަދަކީ ކުރެވޭ މަސައްކަތާ ބަލާއިރު ނުބައްދަލު ހަރަދެއް ކަމަށް ބުނާ ވާހަކަ އަކީވެސް ހަގީގަތަކަށް ވުރެ އެކަމާ ދުރު ވާހަކަ އެކެވެ. ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ ރަށްރަށުގެ ޓާސްކް ފޯސްތަކުން މިހާރުވެސް ވަރަށް ބުރަ މަސައްކަތް ކުރައްވާ ކަމަށާއި އެޗްޕީއެއިން ކުރަން ޖެހޭ ގިނަ ކަންކަން ރަށްރަށުގައި ކުރަނީ އެބޭފުޅުންގެ ބޮޑު އެހީތެރިކަމާ އެކުގައި ކަމަށެވެ. އެހެން ނަމަވެސް ރަށްރަށުގައި ކަރަންޓީނު ކުރުމަކީ ބޮޑެތި ޗެލެންޖާއި ރިސްކު ހިމެނޭ ކަމެއް ކަމަށް މިނިސްޓަރު އަމީން ވިދާޅުވި އެވެ. އެހެންވެ، ސަރުކާރުގެ ވިސްނުމަކީ، ރަށްފުށުގެ ކަރަންޓީނު ބަދަލުގައި ރާއްޖެ ސަރަހައްދު ތަކަކަށް ބަހާލައި ކަރަންޓީނު ފެސިލިޓީތަކެއް ގާއިމް ކުރުމެވެ. "މީގައި އަޅުގަނޑުމެން ރާވާފައި މި ވަނީ ބިން ބޮޑު ވަސީލަތް ހުރި ރަށްތައް ބަލާފައި ފަސް ސަރަހައްދެއްގައި ފަސް ރަށެއްގައި ކަރަންޓީނު މަރުކަޒުތަކެއް ހަދަން. އެއީ އާންމު އާބާދީތަކާ ދުރުގައި މި ތަންތަން ގާއިމްވެފައި ހުންނާނީ، އަދި ވަސީލަތްތައް ހުރި ތަންތަން އެއީ މިހާރުވެސް. އޭގެ ތެރެއިން ކަރަންޓީނު ކުރުމުގެ މަސައްކަތް ލާމަރުކަޒީ ކުރުމުގެ ވިސްނުން މި އޮތީ،" މިނިސްޓަރު ވިދާޅުވި އެވެ. މޭ، 17، 2020: އާބާދީގައި 600 އަށް ވުރެ ގިނަ މީހުން އުޅޭ ށ. ނަރުދޫ ފުރަ ބަންދުގައި އޮތްއިރު ރަށު ތެރެއިން ވަރަށް މަދުން ނޫނީ މީހެއްގެ ހިލަމެއް ވެސް ނުވޭ -- ސަން ފޮޓޯ/ މުހައްމަދު އަފްރާހު ކުރިން ވާހަކަ ދެއްކެވި ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބުދުލް ލަތީފް ހަސަން ވެސް ވިދާޅުވީ، އެ ސިޓީގައި މިހާރުވެސް 100 އެއްހާ މީހުން ކަރަންޓިން ކުރުމުގެ ޖާގަ އެބަ އޮތް ކަމަށެވެ. ކުޅުދުއްފުއްޓަކީ ވެސް ސަރުކާރުން ކަރަންޓީނު މަރުކަޒު ހަދާ ބޭނުން ކުރަން ވިސްނާފައިވާ ރަށެކެވެ. ޑޮކްޓަރުންގެ އިރުޝާދާއެކު ރަށްރަށުގައި ކަރަންޓިން ކުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ސަރުކާރުން ނިންމަވާފި ނަމަ، އެ ކައުންސިލުން އޮތީ އެކަމަށް ތައްޔާރުވެގެން ކަމަށް ކައުންސިލް ރައީސް، އަބްދުއްލަތީފް ވިދާޅުވި އެވެ. މިނިސްޓަރު އަމީން ވިދާޅުވީ، ދެން އޮތް ފޭސްއަކީ މާލޭގައި މިހިރަ ހަރުކަށި ފިޔަވަޅުތަކަށް ލުއި ދޭއިރު ކޮވިޑް-19 ގެ ފަރުވާއަށް މުޅި ރާއްޖެ ތައްޔާރު ކުރުމެވެ. އެގޮތުން އަތޮޅު ތެރޭގައި މި ބައްޔަށް ރާވާފައިވާ ފަރުވާގެ ނިޒާމް އެކްޓިވޭޓް ކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މިއީ ރޭވުންތެރިކަމާ އެކު ދެލިކުރެވިގެން ހިސާބުޖެހިގެން ކުރެވޭ މަސައްކަތެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. "މިހާރު މިދާ ފޭސްއަކީ ފިޔަވަޅުތައް ލުއިކުރުމުގެ ކުރިން ޓެސްޓިން ކެޕޭސިޓީ އިތުރު ކުރުން އަދި ރަށްރަށުގައި މި ހުރި ފަރުވާގެ ނިޒާމުތައް ވަރުގަދަކުރުމުގެ މަސައްކަތް. އެގޮތުން ފަސް ސެންޓަރުގެ ތެރެއިން އަޅުގަނޑުމެން މިކަން ކުރާނީ. އެތަންތަން އެކްޓިވޭޓް ކުރުމުގެ މަސައްކަތް މިދަނީ،" މިނިސްޓަރު ވިދާޅުވި އެވެ. މެންބަރުން ކިތަންމެ މޮޅުކޮށް އެކި ރާގު ރާގަށް ވާހަކަ ދެއްކެވި ނަމަވެސް ރަށްފުށުގެ ކަރަންޓީނަކީ ފަސޭހައިން ކުރެވެން އޮތް ކަމެއް ނޫނެވެ. ސަބަބަކަށް ވަނީ، ޒަމާނުއްސުރެ ރަށްރަށުގެ ސިއްހީ ނިޒާމުގެ ވަރުދެރަ ކަމެވެ. އަދި އާންމުންގެ ވިސްނުން މީހުން ރަށުގައި ކަރަންޓީނު ކުރުމާ ދެކޮޅު ވުމެވެ. އެ ހުރިހާ ގޮތަކަށް ވިސްނާ ނަމަ، ކޮންމެ ރަށެއްގައި މީހުން ކަރަންޓީނު ކުރުމަކީ ވަށާ ޖެހޭ ސިޔާސަތަކަށް ނުވާނެ އެވެ. މިވަގުތަށް އޮތީ މިހާރުގެ ސިޔާސަތެވެ. އެއީ މުޅި ރާއްޖޭގެ އެންމެންގެ ރައްކަލަކަށް ޓަކައި އިހުތިރާމް ކުރަން ޖެހޭ ސިޔާސަތެކެވެ.
ރަށްފުށުގެ ކަރަންޓީނު، ކާމިޔާބުވާކަށް ނެތް!
ކޮރޯނާ ވައިރަަސް އާއި ގުޅިގެން ދަތުރުތައް ހުއްޓާލާފައި އޮންނަމަވެސް އަބޫދާބީގެ އިއްތިހާދު އެއާވޭސް އިން އަންނަ މަހުގެ 16 ވަނަ ދުވަހުން ފެށިގެން ދަތުރުތައް ފަށަން ތައްޔާރުވެއްޖެއެވެ. އިއްތިހާދު އެއާ އިން ވަނީ އަބޫދާބީގެ ސަރުކާރާއެކު މަޝްވަރާކޮށް، ލިމިޓެޑް ޝެޑިއުލެއްގައި ދަތުރުތައް ބޭއްވުމާގުޅޭގޮތުން ވާހަކަ ދައްކައިފައެވެ. "ޓާގެޓަކީ ބަލީގެ ކަންތަކުން އަރައިގަނެވި ވީހާވެސް އަވަހަކަށްް ފުލް ޝެޑިއުލްގައި ދަތުރުތައް ފެށުން. މިހާރު ޓާގެޓަކީ 16 ވަނަ ދުވަހުން ފެށިގެން ލިމިޓެޑް ޝެޑިއުލެއްގައި އަލުން ފްލައިޓު އޮޕަރޭޓު ކުރަން ފެށުން" އިއްތިހާދުން ބުންޏެވެ. އިއްތިހާދު އެއާވޭސް އިން ދަނީ ޔޫއޭއީގައި ތާށިވެފައި ތިބި އެހެން ގައުމުތަކުގެ މީހުން އެމީހުންގެ ގައުމަށް ގެންދިޔުމަށް ހާއްސަ ފްލައިޓުތަކެއް ބާއްވަމުންނެވެ. މި ދަތުރުތައް އަންނަ މަހުގެ 15 އާއި ހަމައަށް ބާއްވަން ވަނީ ނިންމައިފައެވެ. ކޮރޯނާވައިރަހުގެ ބަލިމަޑުކަމުގެ އަސަރު އެންމެ ބޮޑަށް ކުރަމުންދާ އެއް ދާއިރާ އަކީ އޭވިއޭޝަން ދާއިރާއެވެ. މުޅިދުނިޔޭގެ ވައިގެ ދަތުރުތައް އެކީހެން ހުއްޓި، ފްލައިޓުތައް ޕާކުކޮށްފައިވާއިރު އެއާލައިންތަކަށް ވަނީ ބިލިއަނުން ގެއްލުން ވެފައެވެ.
އިއްތިހާދު އެއާވޭޒްގެ ދަތުރުތައް އަންނަމަހު 16 ގައި ފަށަނީ
އޮފީސް އަލުން ހުޅުވާ ދުވަހަކީ ސުންގަނޑި ހަމަވާ ޓެކްސްތައް ދައްކަން ޖެހޭ ދުވަސް ކަމުގަައި ނުވާނެ ގޮތަކަށް އިންތިޒާމުތައް ހަމަޖައްސާނެ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފިއެވެ. ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި، ސަރުކާރުން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ މުއްދަތު އިތުރުކޮށް، މި މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރުގެ އޮފީސްތައް ނުހުޅުވާގޮތަށް ވަނީ ހަމަޖައްސައިފައެވެ. އެހެންކަމުން އެ މުއްދަތުގައި މީރާ ވެސް ނުހުޅުވާނެ އެވެ. މީރާއިން ބުނީ އެ އޮތޯރިޓީ އަލުން ހުޅުވާނެ ދުވަހެއް ފަހުން އިއުލާނު ކުރާނެ ކަމަށެވެ. މިދިޔަ މަހުގެ ފަނަރަ ވަނަ ދުވަހު މާލެ ސިޓީ ލޮކްޑައުން ކުރި ފަހުން އެ އޮތޯރިޓީ ހުޅުވާފައެއް ނުވެއެވެ. އެހެންވުމުގެ ސަބަބުން ގިނަ ޓެކްސް ތަކެއްގެ ސުންގަނޑި ވަނީ ހަމަވެފައެވެ. ގްރީން ޓެކްސް ރިޓާން، ޖީއެސްޓީ، އެއާޕޯޓް ޓެކްސްފީ، ޑިޔުޓީ ފްރީ ރޯޔަލްޓީ އަދި ނަން ރެޒިޓެންޓް ވިތް ހޯލްޑިން ޓެކްސްގެ ސުންގަޑި އަކީ މެއި ތިން ވަނަ ދުވަހެވެ. މީރާ އިން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ މި މުއްދަތުގައި ގިނަ ސުންގަޑިތަކެއް އައިސްފައިވާ ކަމަށާއި، އެ ހުރިހާ ސުންގަޑިތަކުގެ އާ ސުންގަޑިއަކީ ބަންދަށްފަހު އޮފީސް ހުޅުވާ ދުވަސްކަމުގައި ވެއްޖެނަމަ، ޓެކްސް ދައްކާ ފަރާތްތަކުން އަދާކުރަންޖެހޭ އިލްތިޒާމުތައް އަދާކުރުމަށާއި، އިޖުތިމާއީ ގައިދުރުކަމާއެކު ހިދުމަތް ދިނުމުގައި ބޮޑެތި ދަތިތަކެއް ދިމާވާނެ ކަމަށެވެ. އެހެންކަމުން ޓެކްސްތަކުގެ ސުންގަޑި ކަނޑައަޅާނީ މި މުއްދަތުގައި ފާއިތުވެފައިވާ ހުރިހާ ސުންގަޑިއެއްގެ އާ ސުންގަޑިއަކީ އޮފީސް ހުޅުވާ ދުވަސް ކަމުގައި ނުވާނެ ގޮތަކަށް ކަމަށެވެ. މިކަމާގުޅޭ އިތުރު މައުލޫމާތު ފަހުން ހާމަކުރާނެ ކަމަށް މީރާއިން ބުންޏެވެ. މީރާ އިން ބުނީ މި މުއްދަތުގައި މި އޮތޯރިޓީ ހުޅުވައިގެން ހިދުމަތް ނުދެވުނު ކަމުގައިވިޔަސް، މީރާގެ ގިނަ ހިދުމަތްތައް އޮންލައިންކޮށް މެދުކެނޑުމެއްނެތި ލިބެމުންދާނެ ކަމަށެވެ. އެހެންކަމުން އޮންލައިންކޮށް ލިބެންހުރި ހިދުމަތްތައް އޮންލައިންކޮށް ހޯދަމުން ގެންދިއުމަށް އެ އޮތޯރިޓީން ވަނީ އިލްތިމާސް ކޮށްފައެވެ. ކޮވިޑް19 އާއި ގުޅިގެން އިގްތިސޯދު ދަށަށް ގޮސްފައިވާ މި ދަނޑިވަޅުގައި ޓެކުހުން ލިބޭ އާމްދަނީ ވެސް ވަނީ ބޮޑުތަނުން ދަށަށް ގޮސްފަ އެެވެ. އޭޕްރީލް މަހު މީރާ އަށް ލިބުނު އާމްދަނީ ވަނީ 59.6 ޕަސެންޓް ދަށަށް ގޮސްފައެވެ.
އޮފީސް ހުޅުވާ ދުވަހަކީ ޓެކްސްތަކުގެ ސުންގަޑި ކަމުގައި ނުހަދާނަން: މީރާ
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އުފަންދުވަހުގައި ގައުމު ގޮވަމުން ދަނީ އެމަނިކުފާނުގެ ހިދުމަތަށް ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބުނެފި އެވެ. މިއަދަކީ ރައީސް ޔާމީންގެ 61 ވަނަ އުފަން ދުވަހެވެ. އެމަނިކުފާނުގެ އުފަންދުވަހުގެ މުސާބަތުގައި ޕީޕީއެމް/ޕީއެންސީއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެމަނިކުފާނުގެ އުފަން ދުވަސް ފާހަގަކުރަމުންދާއިރު މުޅި ގައުމު އެދި ގޮވަމުން ދަނީ އެމަނިކުފާނުގެ ހިދުމަތަށް ކަމަށެވެ. އަދި ގައުމު ވެއްޓިފައިވާ އަނދަވަޅުން ސަލާމަތް ކުރެވޭނީ ރައީސް ޔާމީނަށް ކަމަށް ގިނަ ބަޔަކު ގަބޫލު ކުރާ ކަމަށް އެ ކޯލިޝަނުން ބުންޏެވެ. "ދިވެހި ގައުމު ވެއްޓިފައި މިވާ އަނދަވަޅުން ސަލާމަތްކޮށް، ފުނޑިފައިވާ ގައުމުގެ އިގްތިސާދު ކޮޅަށް ޖަހައި ގައުމު އާރާސްތު ކުރެވޭނެ ހަމައެކަނި ލީޑަރަކީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްކަން މިއަދު ދިވެހި ރައްޔިތުން ގަބޫލު ކުރެ އެވެ. އަދި އެމަނިކުފާނަށް ލިބެމުންދާ ނުހައްގު އަނިޔާތަކުން އެމަނިކުފާނު މިންޖުކޮށް ގައުމުގެ ހުންގާނު އެމަނިކުފާނާ ހަވާލު ކުރުމަށް ދިވެހި ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ،" ޕީޕީއެމް/ޕީއެންސީގެ ބަޔާނުގައިވެ އެވެ. ރައީސް ޔާމީން މިނިވަންކޮށް، ގައުމުގެ ހުންގާނު އެމަނިކުފާނާ ހަވާލު ކުރަށް އެ ކޯލިޝަނުން ކުރަމުންދާ މަސައްކަތް އިތުރަށް ވަރުގަދަކޮށް އެ މަސައްކަތުގެ މަތީގައި ސާބިތުވެ ތިބި ކަމަށްވެސް އެ ޕީޕީއެމް/ޕީއެންސީއިން ބުންޏެވެ. އަދި ހައިކޯޓުގައި އޮތް އެމަނިކުފާނުގެ މަނީ ލޯންޑަރިންގެ މައްސަލައިގެ އަޑުއެހުންތައް އަވަސްކޮށް، އެމަނިިކުފާނު ގޭބަންދަށް ބަދަލުކުރުމަށް އެ ކޯލިޝަނުގެ ބަޔާނުގައި ސަރުކާރަށް ގޮވާލި އެވެ. މިވަގުތު ޖަލުގައި ގިނިކަންޏާ އޮންނަވަން ޖެހުނަސް ރައީސް ޔާމީންގެ އެދުމަކީ، ދިވެހި ރައްޔިތުން ގައުމު އިސްކޮށް، ގައުމާއި ރައްޔިތުންގެ ސަލާމަތަށް ގުޅިގެން މަސައްކަތް ކުރުމަށް ކަމަށް އެ ކޯލިޝަނުން ބުނެފައިވެ އެވެ. ރޭ ޗެނަލް 13ގައިި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީންގެ ހާލުކޮޅު މިހާރު ވަރަށް ދެރަ ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެފައިވެއެވެ އެމަނިކުފާނަކީ މައިބަދައާއި ހިތުގެ އާލާސްކަންފުޅެއް ހުންނަ ބޭފުޅެއްކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، ރައީސް ޔާމީނަށް ކޮޅަށް ހުރެގެން ނަމާދުވެސް ނުކުރެއްވޭ ކަމަށެވެ. "ރައީސް ޔާމީނަށް އަމިއްލަފުޅަށް ކޮޅަށް ހުރެގެން ނަމާދު ނުކުރެވޭ ހާލަތުގައި ހުރީ. އަޅުގަނޑަށް އެކަން އެނގޭތީ މިދަންނަވަނީ،" އަދުރޭ ވިދާޅުވި އެވެ. ރައީސް ޔާމީންގެ އުފަންދުވަހުގެ މުސާނަބަތުގައި އަބްދުއްރަހީމް އަބްދުﷲގެ ވީޑިއޯ މެސެޖެއްގައިވެސް ވިދާޅުވީ، މިވަގުތަކީ ރައީސް ޔާމީންގެ ހިދުމަތަށް ރާއްޖެ ވަރަށް ބޮޑަށް ބޭނުންވެފައިވާ ވަގުތެއް ކަމަށެވެ. މިހާރު ފެތުރެމުންދާ ކޮވިޑް-19 ވައިރަސްއާ ދެކޮޅަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އެކަށީގެންވާ ވަރަށް ތައްޔާރުވެފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ދިވެހީންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރަން ސަރުކާރު ފެއިލްވެފައިވާ ކަމަށް ވިދާޅުވިއެވެ. އެހެންކަމުން، މިވަގުތަކީ ރައީސް ޔާމީންގެ ބޭނުން ގައުމަށް އެންމެ ބޮޑު ވަގުތު ކަމަށް އޭނާ ވިދާޅުވި އެވެ. އަބްދުއްރަހީމް ވިދާޅުވީ، ރައީސް ޔާމީން ޖަލުގައި ހޭދަ ކުރަމުންދާ ދުވަސްތަކަކީ ޕީޕީއެމް/ޕީއެންސީގެ މެމްބަރުންނަށްވެސް ވަރަށް އުނދަގޫ ދުވަސްތަކެއް ކަމަށެވެ. "ރައީސް ޔާމީނަށް އަދިވެސް އެއްފަހަރު ދަންނަވާލަން ބޭނުން. މަނިކުފާނު ޖަލުގައި އެކަނިވެރިކަމާ އެކީގައި އަނިޔާވެރިކަމުގެ ދާނެއްގައި ތި ހޭދަކުރައްވާ ދުވަސްތަކަކީ އަޅުގަނޑުމެންނަށްވެސް ފަސޭހަ ދުވަސްތަކެއް ނޫނޭ. އަޅުގަނޑުމެންނަށްވެސް އުނދަގޫ ދުވަސްތަކެކޭ. ތި އަސަރުގައި، ތި ހިތްދަތިކަމުގައި، ތި ހިތާމައިގައި، އަޅުގަނޑުމެންގެ ދެ ޕާޓީގެ ހުރިހާ އެންމެން ބައިވެރިވަމޭ. އެއާ އެކު ދަންނަވާލަން ބޭނުންވަނީ އަޅުގަނޑުމެން މި ތިބީ މަނިކުފާނާ އެކުގައި ސާބިތުވެއޭ،" އަބްދުއްރަހީމް ވިދާޅުވި އެވެ.
ރައީސް ޔާމީންގެ އުފަންދުވަހު އިދިކޮޅުގެ މެސެޖު: ގައުމު ގޮވަނީ މަނިކުފާނުގެ ހިދުމަތަށް
ކޮރޯނާވައިރަހާ ގުޅިގެން ރާއްޖޭގެ އިގްތިސޯދު ވެންޓިލޭޓަރުގައި އޮތްކަން، ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް އަންގާފައި ނުވާކަމަށް، ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވެއްޖެ އެވެ. މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ހަސަން ލަތީފް މިހެން ވިދާޅުވީ، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތާ އެކު ރާއްޖޭގެ އިގްތިސޯދަށް ކުރަމުން އަސަރާ ގުޅޭ ގޮތުން މައުލޫމާތު ދެއްވުމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު އިއްޔެ ދެއްވި ޕްރެސްގައި ދެއްކެވި ވާހަކައަކާ ގުޅިގެންނެވެ. މިނިސްޓަރު އަމީރު ވިދާޅުވީ އްޖޭގެ އިގްތިސާދަށް ބޮޑެތި ލޮޅުންތަކެއް އައިސް މިހާރު ވަނީ ވެންޓިލޭޓަރުގެ އެހީ ބޭނުންވެފައި ކަމަށެވެ. މިނިސްޓަރުގެ ވާހަކައަށް އިޝާރާތް ކުރައްވައި މެމްބަރު ހަސަން ލަތީފް ވިދާޅުވީ، އެ ޕްރެސް ބަލަން އިންނެވި އިރު ވަރަށް ބޮޑަށް ހިތާމަކުރެއްވި ކަމަށެވެ. އެ ހިތާމަ ސިފަކޮށްދެއްވަމުން މެމްބަރު ވިދާޅުވީ، އިއްޔެ ކުރެވުނީ ގާތް ރައްޓެއްސެއްގެ މަންމަ ނިޔާވިއިރުު، މަންމަ ނިޔާވީ ހަފްތާއެއް ވަންދެން ވެންޓިލޭޓަރުގައި އޮވެފައިކަމަށް، އެ ރަހުމަތްތެރިޔާ ސަހަރާގައި ހުރެފައި ބުނުމުން ކުރެވޭނެ ކަހަލަ އިހްސާސެއް ކަމަށެވެ. އެވަރުގެ ބޮޑު ކަމެއް ވީއިރު އެހާ ގާތް ރަހްމަތްތެރިއަކަށް މެމްބަރު ވެހުރެ، ރަހުމަތްތެރިޔާ އެވާހަކަ ނުބުނެ ހުރުމުން ކުރެވޭނެ އިހްސާސް ކަމަށެވެ. "އެކަމަކު ރާއްޖޭގެ އިގްތިސޯދު ވެންޓިލޭޓަރުގައި އޮތް އިރު، އަޅުގަނޑުމެން އެއްވެސް މީހަކަށް އެކަން ސަރުކާރުންް އަންގާލާފައި ނެތީމާ ދެން އެ ކުރެވުނު އިހްސާސް. އެކަމަކު މި ދަންނަވަނީ މި ގައުމުގެ އިގްތިސޯދުގެ ވާހަކަ ވިއްޔާ. އަޅުގަނޑުމެން ވެސް ހަމަ ދިރި މި ތިބީ މި ދުނިޔޭގައި އަދި. އަންގާލަން ވާނެ ނޫންހޭ އަޅުގަނޑު ހިތަށް އަރަނީ،" މެމްބަރު ވިދާޅުވި އެވެ. ހަސަން ލަތީފް ވިދާޅުވީ ދެން ވެސް އަވަސްވެގަންނަންވީ އިހްތިސޯދު ވެންޓިލޭޓަރުން ނަގައި، ސަލާމަތް ކުރުމަށް ކަމަށެވެ. ސަރުކާރުން މަޖިލީހުގައި އެދިފައިިވާ ފަައިސާ ސަރުކާރަށް ލިބޭނެ ގޮތް ހަދައިދިނުމަށް ކަމަށެވެ. އެހެން ނަމަވެސް މަޖިލީހުން އެކަމަށް ހުއްދަ ދޭއިރު އެ ފައިސާ ހަރަދުކުރާނެ ގޮތުގެ ފުރިހަމަ ތަފްސީލް މަޖިލީހަށް ލިބެންވާނެ ކަމަށާއި، އަދި އެ ފައިސާ ހަރަދުކުރާ ގޮތް މަޖިލީހަށް ބެލޭނެ މެކޭނިޒަމް އެއް ހޯދަންޖެހޭ ކަމަށް މެމްބަރު ވިދާޅުވި އެވެ. ރައްޔިތުންގެ މަޖިލީހަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ފޮނުއްވާފައިވާ ސިޓީގައި އެދިވަޑައިގަތީ ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ 32 ވަނަ މާއްދާގެ (ހ)، (ބ) އަދި (ރ) އަށް އަމަލު ކުރުން އެއް އަރަހަށް ފަސް ކުރުމަށް މަޖިލީހުން ފާސް ކުރުމަށެވެ. އެގޮތަށް ފަސްކޮށް ދިނުމަށް އެދޭ ސަބަބެއް ކަމަށް ސިޓީގައި ބުނެފަނީ މިވަގުތަކީ އެ ގާނޫނުގެ 36 ވަނަ މާއްދާގެ (ހ) ގައި ބުނާ ގުދުރަތީ ކާރިސާއެއް މެދުވެރިވެފައިވާ ހާލަތަކަށް ވާތީ އެވެ. އަމަލުކުރުން ފަސްކޮށްދިނުމަށް ފިނޭންސް މިނިސްޓަރު އެދިވަޑައިގެން 32 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ ދައުލަތުގެ މަރުކަޒީ ބޭންކުން ދައުލަތަށް ދަރަންޏަށް ފައިސާ ނެގޭނީ 91 ދުވަހުގެ ތެރޭގައި އެފައިސާ ދައްކާ ހަލާސްކުރާ ގޮތަށް ކަމަށެވެ. އަދި އެގޮތަށް ފައިސާ ނެގޭނީވެސް ވޭތުވެދިޔަ ތިން އަހަރު ސަރުކާރަށް ލިބުނު ޖުމްލަ އާމްދަނީގެ މައްޗަށް ބިނާކޮށް އަހަރަކަށް ޖެހޭ އެވްރެޖް އާމްދަނީގެ އެއް ޕަސެންޓަށްވުރެ އިތުރު ނުވާ ގޮތަށް ކަމަށްވެސް އެ މާއްދާގައި ވަނީ ބުނެފަ އެވެ. ހަސަން ލަތީފް ވިދާޅުވީ އިސްތިސްނާއެއް ހޯދައިދެނީ ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ ދަށުން ކުރަންޖެހޭ ބައެއް ކަންކަން ކުރުމަށް ކަމަށާއި، އެކަމުގެ ސަބަބުން ސަރުކާރުން ދައުލަތުގެ ހަރަދަށް ޒިންމާވުމުން އިސްތިސްނާ ނުވާނެ ކަމަށެވެ. އަދި ސަރުކާރުން އެދިފައިވާ ގޮތަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެކަން ފަހިކޮށްދިނުމަށް ތައްޔާރަށް ހުރި ކަމަށް ވިދާޅުވިއެވެ. "އެހެންނަމަވެސް އަޅުގަނޑަށް ގަބޫލުކުރެވެނީ ސަރުކާރުން ދަރަންޏަށް ނަގާ ފައިސާ ހަރަދުކުރާނެ ގޮތުގެ ފުރިހަމަ މައުލޫމާތު މަޖިލީހަށް އެނގެން ވާނެ ކަމަށް،" މެމްބަރު ވިދާޅުވިއެވެ. މެމްބަރު ވިދާޅުވީ މިނިސްޓަރު އަމީރު އިއްޔެ ދެއްވި ޕްރެސްގައި ބައެއް ހަރަދުތަކުގެ ތަފްސީލް ދެއްވި ކަމަށާއި އެހެން ނަމަވެސް އެ މައުލޫމާތު އަދި މަޖިލީހާ ހިއްސާކޮށްފައި ނުވާ ކަމަށެވެ. އަދި މަޖިލީހުގައި އެދިފައި ވަނީ 4.2 ބިލިއަން ރުފިޔާގެ ދަރަންޏަކަށް ކަމަށާއި، މިނިސްޓަރު އިއްޔެ ދެއްވީ އޭގެ ތެރެއިން 1.49 ބިލިއަން ރުފިޔާ ހަރަދު ކުރައްވާނެ ގޮތުގެ ތަފްސީލް ކަމަށެވެ. "ފިނޭންސް މިނިސްޓަރު މަޖިލީހުގައި އެދިވަޑައިގެންފައިވާ 4.2 ބިލިއަން ރުފިޔާއިން މި ދެންނެނެވި 1.49 ބިލިއަން ރުފިޔާ އުނިކުރީމާ ބާކީ އޮތް 2.71 ބިލިއަން ރުފިޔާ ހަރަދު ކުރާނެ ގޮތުގެ ތަފްސީލް އެނގެން ބޭނުންވާ ވާހަކަ މި ދަންނަވަނީ،" ލަތީފް ވިދާޅުވިއެވެ. އެގޮތުން ރޯގާއިން ސަލާމަތްވުމަށް އަޅާ ފިޔަވަޅުތަކަށް ހިނގާނެ ހަރަދާއި ބައްޔަށް ފަރުވާ ދިނުމަށް ހިނގާނެ ހަރަދުގެ އިތުރުން ސަރުކާރުުގެ އެހެނިހެން ކޮމިޓްމަންޓުތަކަށް ހިނގާނެ ހަރަދުތައް ތަފްސީލުކޮށް އެނގެން ޖެހޭނެ ކަމަށް މެމްބަރު ވިދާޅުވިއެވެ. "ވަޒީފާ ގެއްލިފައިިވާ ފަރާތްތަކަށް އިނާޔަތް ދިނުމުގައި ހިނގާނެ ހަރަދާއި، ގޭކުލި ނުދެއްކިވާ ފަރާތްތަކަށް އިނާޔަތެއް ދެވޭނެތޯ، އެހެންނަމަ އެއީ ކިހާ ހަރަދެއްތޯ. ވިޔަފާރިތައް ބަނގުރޫޓުވާން ކައިިރިވެފައިވާ ފަރާތްތަކަށް އިނާޔަތެއް ދެވިދާނެތޯ އެހެންނަމަ އެއީ ކިހާ ހަރަދެއްތޯ. އިގްތިސޯދު ނެގެހެއްޓުމަށް ކުރާނެ ހަރަދުތަކަކީ ކޮބައިިތޯ އާއިި، އެކަންކަމަށް ހިނގާނީ ކޮން ހަރަދުތަކެއްތޯ އާއި ތައާރަފްކުރާ އިގްތިސޯދީ ރިލީފް ޕެކޭޖްތަކަށް ހިނގާނީ ކިހާ ހަރަދެއްތޯ އާއި އޭގަ ހިމެނޭނީ ކޮންކޮން ކަމެއްތޯއާއި، ސިއްހީ ހިދުމަތްތެރިންނަށް އިނާޔަތެއް ދެވިދާނެތޯ އާއި ހާއްސަކޮށް ޑޮކްޓަރުންނާ ނަރުހުންނަށް، އެއީ ކިހާ ވަރެއްތޯ އާއި މިކަންކަމުގެ ތަފްސީލުތައް އެނގެން ރައްޔިތުން ބޭނުންވާނެ،" އެހެންކަމުން ސަރުކާރުން ފައިސާ ހަރަދުކުރާނެ ގޮތުގެ ތަފްސީލް މިހާރުން މިހާރަށް މަޖިލީހަށް ލިބެންޖެހޭ ކަމަށާއި، ފައިސާ ލިބުމަށްފަހު ސަރުކާރުން އެ ފައިސާ ހަރަދުކުރާ ގޮތުގެ މައުލޫމާތު މަޖިލީހަށް މޮނިޓަ ކުރެވޭނެ އިންތިޒާމެއް ކޮމިޓީ މަރުހަލާގައި ނިންމަންވާނެ ކަމަށް މެމްބަރު ވިދާޅުވިއެވެ. "މި މޭރުމުން މި ވާހަކަ މި ދައްކާ ސަބަބަކީ، އަޅުގަނޑު އެއްގޮތަކަށް ވެސް ބޭނުމެއް ނޫން އަޅުގަނޑުގެ ރައީސުލްޖުމްހޫރިއްޔާގެ އިސްތަށިފުޅުގައި ބަޔަކު ކޮށްފާނެ ނުރަނގަޅުކަމެއްގެ އިލްޒާމުގެ ޒައްރެއްގެ މިންވަރުވެސް އެޅޭކަށް،" މެމްބަރުު ވިދާޅުވިއެވެ.
އިގްތިސޯދު ވެންޓިލޭޓަރުގައި އޮތްކަން ސަރުުކާރުން މަޖިލީހަށް ނާންގާ: ހަސަން ލަތީފް
މި ރޯދަމަހު ފުރަބަންދުގައި، ގޭގައި ކެއްކުމުގެ ވާހަކަތައް ވަރަށް ގިނައިން ދެކެވިއްޖެއެވެ. ތަފާތު ކެއުންތަކެއް ތައްޔާރު ކުރެވިއްޖެއެވެ. ކަން ދިމާކުރި ގޮތުން، ފިތުރު އީދުވެސް ފާހަގަކުރަން ޖެހިފައި މި އޮތީ ބޭރަށް ނުނުކުމެ، ގޭގެ ހަތަަރު ފާރުގެ އެތެރޭގައެވެ. އެހެންކަމުން އީދު ދުވަހަށްވެސް ތަފާތު، މީރު އެއްޗެއް ތައްޔާރުކޮށްލަންވާނެ ނޫންހެއްޔެވެ؟ ސޯޝަލް މީޑިއާގައި އޭނާ ތައްޔާރުކުރާ، ކާބޯތަކެއްޗާއި ރެސިޕީތަކުގެ ފޮޓޯތަކުން އެންމެންގެ ހިތްތައް ފަތަހަކޮށްލި ޖިންޖާބޭކްސް، ފިތުރު އީދުގެ ހެނދުނު ސަޔަށް ހަދާނެ ވަރަށް މީރު ރެސިޕީއެއް ތައްޔާރުކޮށްފައި އެބަ އޮތެވެ. ޖިންޖާބޭކްސްގެ ވެރިޔާ ފާތިމަތު ޝާދްނީ ބުނި ގޮތުގައި މިއީ ކްރީމީ، ޗީޒީ އަދި ޔަގީނުން އެންމެންނަށްވެސް ކަމުދާނެ ޑިޝްއެކެވެ. އަލުވީގެ އިތުރުން މަހާއި މީރު ރަހައިން ފުރިގެންވާ ސޯސްގަނޑަކާއެކު ތައްޔާރުކުރާ ކެސެރޯލް ޑިޝްއެކެވެ. މި ރެސިޕީގައި ހިމެނެނީ މައިގަނޑު ތިން ބައެކެވެ، ތިން ބަޔަށްވެސް ބޭނުންވާ ތަކެއްޗާއި، ތައްޔާރުކުރަނެ ގޮތް ވަކިވަކިން ހުށަހަޅާލާނަމެވެ. ކްރީމީ ފިޝް ކެސެރޯލް ޕޮޓޭޓޯ ޓޮޕިންގްއަށް ބޭނުންވާނީ: 750 ގްރާމް އަލުވި (ތޮށި ނޮޅާފައި، އަދި ކޮށާފައި) 50 ގްރާމް ބަޓަރު (މެލްޓެޑް) 1/2 ސައިސަމުސާ ލޮނު 1 ސައިސަމުސާ އަސޭމިރުސް ކުނޑި 1/2 ސައިސަމުސާ ގާލިކް ޕައުޑާ 30 ގްރާމް ގްރޭޓެޑް ޗީޒް (މި ރެސިޕީގައި ޝާދްނީ ބޭނުންކުރީ ޗެޑާ ޗީޒް) ކްރީމީ ފިޝް ކެސެރޯލްގެ މަތީ ފަށަލައިގެ ގޮތުގައި ބޭނުންކުރާނީ އަލުވި ޗަސްކޮށްގެން ހަދާ ޕޮޓޭޓޯ މޭޝްއެއް -- ފޮޓޯ/ ޖިންޖާބޭކްސް ފިޝް ފިލިންގްއަށް ބޭނުންވާނީ: 540 ގްރާމް ކަނޑުމަސް (ކުދިކޮށް ކޮށާފައި)* 1 މޭޒުމަތީސަމުސާ ޖިންޖާ ޕޭސްޓް 1 މޭޒުމަތީސަމުސާ ގާލިކް ޕޭސްޓް 1/2 ސައިސަމުސާ ދިރި ކުނޑި 1 މޭޒުމަތީސަމުސާ ޗިލީ ޕައުޑާ/ތެޅި މިރުސް *ކަނޑުމަހުގެ ބަދަލުގައި ކުކުޅުވެސް ބޭނުންކުރެވިދާނެކަމަށް ޝާދްނީ ބުނޭ ސޯސްގަނޑު ހެދުމަށް ބޭނުންވާނީ: 50 ގްރާމް ބަޓަރު (ކޮށާފައި) 3 ލޮނުމެދުކޮޅު (ކުދިކޮށް ކޮށާފައި) 1 ފިޔާ (މެދު ސައިޒުގެ، ކުދިކޮށް ކޮށާފައި) 2-3 ބޭ ލީފް (އޮޕްޝަނަލް) 3 މޭޒުމަތީ ސަމުސާ ފުށް 1/2 ގިތެޔޮމިރުސް (ކުދިކޮށް ކޮށާފައި) 2 ޖޯޑު ކިރު 1 ރޯޒްމޭރީ ސްޕްރިގް (އޮޕްޝަނަލް) 1/2 ޗިކަން ސްޓޮކް ކިއުބް 1 މޭޒުމަތީސަމުސާ މިކްސްޑް ޑްރައިޑް ހާބްސް 1/2 މޭޒުމަތީސަމުސާ ގާލިކް ޕައުޑާ (އޮޕްޝަނަލް) 1 މޭޒުމަތީސަމުސާ ތައިމް ޕައުޑާ 1/2 މޭޒުމަތީސަމުސާ ޗިލީ ޕައުޑާ/ތެޅި މިރުސް (އޮޕްޝަނަލް) 1/2 ޖޯޑު ކުކިންގް ކްރީމް/ހެވީ ކްރީމް 45 ގްރާމް ގްރޭޓެޑް ޗީޒް (މި ރެސިޕީގައި ޝާދްނީ ބޭނުންކުރީ ޗެޑާ ޗީޒް) 1 ބިހުގެ ގޮބޮޅި ޖިންގާބޭކްސްގެ ކްރީމީ ފިޝް ކެސެރޯލްއަށް ބޭނުންވާ ކްރީމީ ސޯސްގަނޑު ތައްޔާރުކުރަނީ -- ފޮޓޯ/ ޖިންޖާބޭކްސް ތައްޔާރުކުރާނެ ގޮތް އަލުވި ފުރަތަމަ އަލުވިކޮޅު ދޮވެލުމަށްފަހު އޭގެ ތޮށި ނޮޅާފައި، "ކުއާޓާ"ކޮށް ކޮށާލާށެވެ. އެއަށްފަހު ތެއްޔަކަށް އަޅައި، ސައިސަމުސާ ލޮނުވެސް ލުމަށްފަހު ފެނުކައްކާލާށެވެ. ފެންގަނޑު ކެކެން ފެށުމުން ގިނި މަޑުކޮށްލާފުމަށްފަހު، އުލަކުން ހަރާލެވޭހާ މަޑު ވަންދެން ކައްކާށެވެ. މިކަމަށް 30 މިނިޓާއި 40 މިނިޓާ ދެމެދުގެ ވަގުތެއް ހޭދަވެދާނެއެވެ. ޕޮޓޭޓޯ މޭޝް ތައްޔާރުކުރުމަށްޓަކައި އަލުވި ފެނުކައްކާނީ ހަން ނޮޅައި، މި ސައިޒަށް ކޮށުމަށްފަހު -- ފޮޓޯ/ ޖިންޖާބޭކްސް މިކަން ހާސިލުވުމުން އަލުވިތައް ތެލިން ނަގައި، ބޯތައްޓަކަށް ލުމަށްފަހު "މޭޝް" ނުވަތަ ޗަސްކޮށްލާށެވެ. ޕޮޓޭޓޯ މޭޝާއެއް ނެތްނަމަ، އުލަކުންވެސް މިކަން ކޮށްލެވޭނެއެވެ. ޗަސްކޮށްލި އަލުވީގެ ތެރެއަށް ބަޓަރު، ގާލިކް ޕައުޑާ، ލޮނު އަދި އަސޭމިރުސް ކުނޑި އަޅައި، ރަނގަޅަށް އެއްކޮށްލާށެވެ. އެންމެ ފަހުން ގްރޭޓެޑް ޗީޒްވެސް އަޅާލައި، ރަނގަޅަށް މިކްސް ކޮށްލާށެވެ. ކްރީމީ ފިޝް ކެސެރޯލްގެ ޕޮޓޭޓޯ މޭޝް ތައްޔާރުކުމަށް ޗަސްކުރި އަލުވިކޮޅުގެ ތެރެއަށް ލޮނާއި އަސޭމިރުހާއި ދިޔާ ބަޓަރު އެޅުމަށްފަހު އެއްކޮށްލާ -- ފޮޓޯ/ ޖިންޖާބޭކްސް ކްރީމީ ފިޝް ކެސެރޯލްގެ މަތީ ފަށަލައިގެ ގޮތުގައި ބޭނުންކުރަން ޕޮޓޭޓޯ މޭޝް ތައްޔާރުވެފައި -- ފޮޓޯ/ ޖިންޖާބޭކްސް މަސް ރޯ ކަނޑުމަސްކޮޅު ކުދިކޮށް ކޮށާލާށެވެ. އެއަށްފަހު އޭގެ މައްޗަށް ތެޅި މިރުސް، ދިރި ކުނޑި، އަސޭމިރުސް ކުނޑި، ލޮނު އަދި ޖިންޖާ ޕޭސްޓާއި ގާލިކް ޕޭސްޓް އަޅާފައި، މަސްކޮޅު 15 މިނިޓު ވަންދެން މެރިނޭޓުކޮށްފައި ބަހައްޓާލާށެވެ. ކްރީމީ ފިޝް ކެސެރޯލްއަށް ބޭނުންވާ މަސްކޮޅު ތައްޔާރުކޮށްފައި -- ފޮޓޯ/ ޖިންޖާބޭކްސް ދެން އޮތީ މަސްކޮޅު އުނދުނުގައި ތައްޔާރުކޮށްލުމެވެ. ތަވައަކަށް ތެޔޮކޮޅެއް ލައި ހޫނުކޮށްލުމަށްފަހު ލޯ-މީޑިއަމް ހީޓްގައި މަސްކޮޅު ކައްކާލާށެވެ. މެރިނޭޓްކުރި މަސްކޮޅު ތައްޔާރުވާން ނަގާނީ ގާތްގަނޑަކަށް 10-15 މިނިޓެވެ. މިކަން ކޮށް ނިމުމުން ތަވައިން މަސްކޮޅު ނަގާށެވެ. ކްރީމީ ފިޝް ސޯސް މި ބައި ތައްޔާރުކުރާނީ ކަނޑުމަސްކޮޅު ކައްކާލި ތަވާގައެވެ. ތަވައިން މަސްކޮޅު ނެގުމަށްފަހު އެއަށް ބަޓަރުކޮޅު އަޅައި، މީޑިއަމް ހައި ހީޓްގައި ބަޓަރު މެލްޓްކޮށްލާށެވެ. ދެން ލޮނުމެދާއި، ފިޔައާއި ބޭ ލީވްސް އަޅާއި، ފަސް މިނިޓެއްހާ އިރު ވަންދެން ކައްކާލާށެވެ. ފިޔާއާއި ލޮނުމެދު ގޯލްޑެން ކުލައަކަށް ބަދަލުވުމުން ތަވާގެ ތެރެއަށް ފުށްކޮޅު އަޅާފައި، މިނިޓެއްހާ އިރު ވަންދެން ސްޓަރ ކޮށްލާށެވެ. ސޯސްގަނޑު ތައްޔާރުކުރުމަށްޓަކައި ފިޔާއާއި ލޮނުމެދު، ބޭލީވްސްއާއެކު މީރުކުރަނީ -- ފޮޓޯ/ ޖިންޖާބޭކްސް އެއަށްފަހު، މި ބަޔަށް ބޭނުންވާ 2 ޖޯޑު ކިރުގެ ތެރެއިން އެއް ޖޯޑު، މަޑުމަޑުން ތަވައަށް އަޅާލާށެވެ. ކިރު އަޅާމުންދާ ވަރަކަށް ސްޓަރ ކުރާށެވެ. ބޭނުންވާ ނަތީޖާއަކީ ޕޭސްޓުގަނޑެއް ފަދަ އޮލަކަމެވެ. ދެވަނަ ޖޯޑު ކިރުވެސް ދެން އަޅާލާށެވެ. އަދި ހާބް މިކްސްއާއި ގިތެޔޮމިރުސްކޮޅުވެސް އަޅާށެވެ. އެއަށްފަހު އެއްކަލަ ޗިކަން ކިއުބްކޮޅުވެސް ތަވައަށް ލައި، އެ ވިރެންދެން މުޅި ސޯސްގަނޑު ސްޓަރކޮށްލާށެވެ. މިހާ ހިސާބުން އުނދުނުގެ ގިނި މަޑުކޮށްލުމަށްފަހު ހެވީ ކްރީމްކޮޅުވެސް އަޅާއި، އެއްކޮށްލާށެވެ. އަދި ރަހަ ލާވަރަށް ލޮނާއި އަސޭމިރުސް އަޅައި ސީސަން ކޮށްލުމަށްފަހު ސޯސްގަނޑު ރަނގަޅަށް އޮލަ ވަންދެން މަޑުގިނީގައި ކައްކާލާށެވެ. ދެން ޗީޒްކޮޅުވެސް އަޅާލައި، މެލްޓްވަނދެން އަދިވެސް ކައްކާލާށެވެ. ކްރީމީ ސޯސްގަނޑުގެ ތެރެއަށް ކުރިން ތައްޔާރުކުރި ކަނޑުމަސްކޮޅު އަޅާލާ -- ފޮޓޯ/ ޖިންޖާބޭކްސް މިކަން ވެ ނިމުމުން، ކުރިން ތަވާގައި ރޯ ފިލުވާލި ކަނޑުމަސްކޮޅު މި ސޯސްގެ ތެރެއަށް އަޅާލާށެވެ. ގޭގައި ނަޓްމެގް (ތަކޫވަކެއް) ހުރި ނަމަ، ސޯސްގަނޑުގެ ތެރެއަށް ނަޓްމެގްކޮޅެއްވެސް ގާނާލާށެވެ. ރަނގަޅަށް އެއްކޮށްލުމަށްފަހު އުނދުނުން ނަގާށެވެ. ކްރީމީ ފިޝް ސޯސްގެ ތެރެއަށް ޗީޒް އަޅައި، ޗީޒްކޮޅު ވިރެންދެން އެއްކޮށްލާ -- ފޮޓޯ/ ޖިންޖާބޭކްސް ކްރީމީ ފިޝް ސޯސް ތައްޔާރުކޮށް ނިމުމަށްފަހު އޭގެ ތެރެއަށް ބިހުގެ ގޮބޮޅިއެއް ލައި އެއްކޮށްލާ -- ފޮޓޯ/ ޖިންޖާބޭކްސް އަދި ނިމުނީކީ ނޫނެވެ--ދެން ބޭނުންވާނީ ބިހެއްގެ ގޮބޮޅިއެވެ. ގޮބޮޅިވެސް ސޯސްގަނޑުގެ މައްޗަށް ވައްޓާލާށެވެ. ބޭނުންވާ ތަކެތި ތައްޔާރުވެއްޖެ، ދެން އޮތީ ކެސެރޯލް "ރާވާލުން" ކުރިން ތައްޔާރުކުރި އަލުވި މޭޝް އަދި ކަނޑުމަސް އެޅި ކްރީމީ ސޯސްގަނޑުން ކެސެރޯލް އެސެމްބަލްކުރުމަށްފަހު ޖެހޭނީ އަވަނުގައި ފިހެލާށެވެ. އެހެންކަމުން އެ މަސައްކަތް ފެށުމުގެ ކުރިން އަވަން ޖައްސާލައި، 180 ޑިގްރީސް ސެލްސިއަސް (ފެރެންހައިޓުން 356 ޑިގްރީސް)އަށް ހޫނު ކޮށްލާށެވެ. ބޭކިންގް ޑިޝްގެ ތިރީ ފަށަލައިގެ ގޮތުގައި ކްރީމީ ފިޝް ސޯސް އަޅާފައި -- ފޮޓޯ/ ޖިންޖާބޭކްސް ދެން ކެސެރޯލް އެސެމްބަލް ކޮށްލަމާ ހެއްޔެވެ. ބޭކިންގް ޑިޝްއެއް ނެގުމަށްފަހު އެންމެ ފުރަތަމަ އަޅާލާނީ ކަނޑުމަސް އަޅައިގެން ތައްޔާރުކުރި ކްރީމީ ސޯސްގަނޑެވެ. މިއީ ކެސެރޯލްގެ ތިރީ ފަށަލައެވެ. ރަނގަޅަށް، އެއްވަރަކަށް ފަތުރާލާށެވެ. އެއަށްފަހު ދެން އޮތީ މަތީ ފަށަލައެވެ--އެންމެ ފުރަތަމަ ހެދި ޕޮޓޭޓޯ މޭޝްއެވެ. ކްރީމީ ފިޝް ސޯސް ފަށަލައިގެ މަތީގައި ޕޮޓޭޓޯ މޭޝް ފަތުރާލާނީ މިހެން -- ފޮޓޯ/ ޖިންޖާބޭކްސް ފިޝް ސޯސްގަނޑުގެ މައްޗަށް ޕޮޓޭޓޯ މޭޝް ލައި، ވަރަށް ފަރުވާތެރިކަމާއެކު ފަށަލައެއްގެ ގޮތަށް ފަތުރާލާށެވެ. އަދި އުލަކުން އެއްވަރުކޮށްލާށެވެ. މި ރެސިޕީގައި ޝާދްނީ ވަނީ އުލުގެ ދަތްތަކުން އަލުވި މޭޝްގައި ރޮނގުތަކެއްގެ ޑިޒައިނެއް ލައި، ރީތިކޮށްލާފައެވެ. މިހެން ހަދާލުމަށްފަހު އަވަނަށް ލައި، މުށި ކުލައަކަށް އަރަންދެން ފިހެލާށެވެ. މިކަމަށް ނަގާނީ ގާތްގަނޑަކަށް 40-50 މިނޓެވެ. ސާވްކުރާނީ އަވަނުން ނަގައި، 20 ވަރަކަށް މިނިޓަށްފަހުއެވެ. އަވަނުގައި ފިހެލުމަށްފަހު ކްރީމީ ފިޝް ކެސެރޯލް ތައްޔާރުކޮށް ނިމިފައި -- ފޮޓޯ/ ޖިންޖާބޭކްސް އިތުރު ވާހަކަތައް ތަފާތު އެކި ވައްތަރުގެ އަލުވި ލިބެން ހުންނަ އިރު، ޝާދްނީ ބުނީ ކޮންމެ ވައްތަރެއްގެ އަލުތްވެއްވެސް މި ޑިޝްގައި ބޭނުންކުރެވިދާނެ ކަމަށެވެ. އަދި އޭނާ ޗެޑާ ޗީޒް ބޭނުންކުރިއަސް، ކޮންމެ ވައްތަރެއްގެ ވިރޭ ޗީޒްއެއް ބޭނުންކުރެވޭނެ ކަމަށެވެ. އަދި ކަނޑުމަސް ކަމުނުދާ ނަމަ އޭގެ ބަދލަުގައި ކުކުޅުވެސް ބޭނުންކުރެވިދާނެ ކަމަށެވެ. މީގެ އިތުރުން މިއީ ކުރިއާލައި ތައްޔާރުކޮށްލެވޭނެ އެއްޗެއް ކަމަށް އޭނާ ބުންޏެވެ. އެހެންކަމުން އީދު ދުވަހުގެ ހެނދުނުގެ ސަޔަށް މާ ރީއްޗަށްވެސް މި ތައްޔާރުކޮށްލެވޭނެއެވެ. ހަދަންވީ ގޮތަކީ، އީދު ވިލޭރޭ މިތަކެތި ތައްޔާރުކޮށް އަދި ކެސެރޯލްވެސް ރާވަލާފައި ފްރިޖަށް ލާންވީއެވެ. އީދު ދުވަހުގެ ހެނދުނު ހޭލައިގެން އަވަނަށް ލައި ފިހެލައިގެން، ފްރެޝްކޮށް ކާލެވޭނެއެވެ.
އީދު ދުވަހުގެ ހެނދުނު ސަޔަށް ޖިންޖާބޭކްސްގެ ފައްކާ ޑިޝްއެއް
ހެންވޭރުގައި ހުރި މިސްކިތެއްގެ އިމާމެއް ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ. އެނގިފައިވާ ގޮތުގައި އޭނާ ޕޮޒިޓިވްވިކަން ހެލްތް ޕްރޮޓެކްސަން އެޖެންސީ (އެޗްޕީއޭ) އިން އެންގި އިރު ހުރީ މިއަދު އަސަރު ނަމާދު ބަންގި ގޮވުމަށް މިސްކިތަށް ގޮހެވެ. އެހެން ކަމުން އަސުރު ނަމާދު ބަންގި ގޮވުމަށްފަހު އެޗްޕީއޭ އިން އޭނާ ބަލާ އަންނަންދެން ހުރީ މިސްކިތުގަ އެވެ. މިރޭ 8 ޖަހާކަންހާއިރު ބަލާ އަންނާނެ ކަމަށް އެޗްޕީއޭ އިން ބުނި ނަމަވެސް އަދިވެސް އައިސްފައިނުވާ ކަން ވަނީ އެނގިފަ އެވެ. އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލް އިސްމައީލް އަފްރާހް ވިދާޅުވީ އެ އިމާމު ޕޮޒިޓިވްވީ މަގުމަތިން ނެގި ރެންޑަމް ސާމްޕަލަކުން ކަމަށެވެ. އޭނާ ވިދާޅުވީ މާލޭ ސިޓީ ކައުންސިލާ ގުޅިގެން އެ މިސްކިތް ޑިސް އިންފެކްޓް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލާފައި ވަނީ މިދިޔަ މާޗު މަހުގެ 18 ވަނަ ދުވަހު އެވެ. އޭރު މިސްކިތްތައް ބަންދެއް ނުކުރެ އެވެ. ނަމަވެސް މާލޭގައި ކޮމިއުނިޓީ ސްޕްރެޑެއް ފެށުނު ފަހުން ވަނީ މިސްކިތްތަކުން ފެން ވެސް ކަނޑާލައި، އާންމުންނަށް މިސްކިތަށް ނުވަދެވޭ ގޮތަށް ޓޭޕް ދަމާ ބަންދުކޮށްފަ އެވެ. މިސްކިތައް އެރުމުގެ މުއްދަތު މިމަހުގެ 28 ވަނަ ދުވަހަށް އިތުރުކޮށްފައިވާއިރު، މިހާރު މިސްކިތްތަކަށް އެރެެނީ ބަންގި ގޮވުމަށް އިމާމުންނަށް އެކަންޏެވެ.
އިމާމެއް ކޮވިޑަށް ޕޮޒިޓިވްވެއްޖެ އަދިވެސް މިސްކިތުގައި
ރިޔާޟް (25 އެޕްރީލް 2020) : ކުށްވެރިންނަށް އަދަބެއްގެ ގޮތުގައި އިސްލާމީ ޝަރީއަތުގައި އޮންނަ ހައްދު ޖެހުން ހުއްޓާލުމަށް ސައޫދީ އަރަބިއްޔާއިން ނިންމައިފިއެވެ. ސައޫދީގައި ހައްދުޖެހުން އެއްކޮށް ހުއްޓާލުމަށް ނިންމައި ސައޫދީ ސުޕްރީމް ކޯޓުން އެކުލަވާފައިވާ ޝަރުޢީ ވަޘީޤާ "ޖުޑިޝަލް ޑޮކިއުމެންޓް" އާ ހަވާލާދީ ރޮއިޓާސް އިން ބުނެފައިވަނީ ސައޫދީގައި މީގެފަހުން ހައްދު ޖެހުން އެއްކޮށް ހުއްޓާލި ކަމަށް އެ ޑޮކިއުމަންޓް ބުނާކަމަށާއި ހައްދު ޖަހަންޖެހޭ ހާލަތްތަކުގައި ހައްދު ޖެހުމުގެ ބަދަލުގައި ދެން ކޯޓުތަކުން ކަނޑައަޅާނީ އެއަދަބަކާ އެކަށޭނަ ވަރުގެ ޖަލު ހުކުމްތަކާއި ފައިސާގެ ޖޫރިމަނާތައް ކަމުގަ އެވެ. މި ޑޮކިއުމަންޓަކީ ސައޫދީ ސްޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުންގެ އިއްތިފާގުން ކަނޑައަޅާފައިވާ ޝަރުއީ ނިންމުމެއް ކަމަށާއި އޭގައި އެކޯޓުގެ ހުރިހާ ފަނޑިޔާރުން ސޮއިކޮށްފައިވާ ކަމަށް ވެސް ރޮއިޓާސް ބުނެ އެވެ. ނަމަވެސް ހައްދު ޖެހުން ހުއްޓާލުމަށް ނިންމިކަން ރަސްމީ ސިފައެއްގައި ސައޫދީ ސަރުކާރުން އަދި އިޢުލާނުކޮށްފައެއް ނުވެ އެވެ. މިއާއެކު ވެސް ރޮއިޓާސްގެ މި ޚަބަރު ދޮގުކުރުމަށް ސައޫދީ ސަރުކާރުވަނީ ފަސްޖެހިފަ އެވެ. ހައްދު ޖެހުން ހުއްޓާލުމަށް ސައޫދީގެ ޝަރުޢީ ދާއިރާއިން ނިންމާފައި މިވަނީ ސައޫދީ ޝާހީ އާއިލާއަށް ފާޑުކިޔުމުގެ ސަބަބުން 11 އަހަރަށް ޖަލަށް ލައި ޖަލު ހުކުމެއް ތަންފީޒު ކުރަމުން ދިޔަ އެގައުމުގެ ދީނީ އިލްމުވެރި އެއްކަމަށްވާ ޝައިޚް ޑރ. އަބްދުﷲ އަލްޙާމިދު ސައޫދީ ޖަލެއްގައި އަވަހާރަވުމާގުޅިގެން ބައިނަލްއަގްވާމީ ފާޑުކިޔުންތައް ސައޫދީ އިސްވެރިންނަށް އަމާޒުވަމުންދާ ދަނޑިވަޅެއްގަ އެވެ. ރިޔާޒް ގައި ހުންނަ ސައޫދީ ކޯޓު ޝައިޚް ޑރ. އަބްދުﷲ އަލްޙާމިދު އަވަހާރަވެފައިވަނީ ޖަލުގައި ހުންނަވަނިކޮށް ޖެހުނު ސްޓްރޯކެއްގައެވެ. ސްޓްރޯކް ޖެހުމުން ޑރ. އަބްދުﷲ އަލްޙާމިދު ހޮސްޕިޓަލަށް ނުގެންގޮސް ގަސްދުގައި 4 ގަޑީއިރު ލަސްކުރުމުން ކަމުގެ ތުހުމަތު އެގައުމުގެ އިދިކޮޅު އެކްޓިވިސްޓުންވަނީ ސައޫދީ ސަރުކާރުގެ މައްޗަށް ކޮށްފައެވެ. ހާމިދު ހޮސްޕިޓަލަށް ގެންދިޔުން ލަސްކުރީ އޭނާ އަވަހާރަކޮށްލުމުގެ ބޭނުމުގައި ކަމަށް ދުނިޔޭގެ އެކި ގައުމުތަކުގައި ހަރަކާތްތެރިވާ ސައޫދީ އިދިކޮޅު ފަރާތްތަކުން ސައޫދީ އިސްމަސްއޫލުވެރިންގެ މައްޗަށްވަނީ ތުހުމަތުކޮށްފައެވެ. ތުރުކީގެ އިސްތަންބޫލްގައި ހުންނަ ސައޫދީ ކޮންސިއުލޭޓްގައި ސައޫދީ ނޫސްވެރިއެއްކަމަށްވާ ޖަމާލް އަލްޚާޝުގްޖީ 2018 ވަނަ އަހަރުގެ ފަހުކޮޅު ވަރަށް އަނިޔާވެރި ގޮތަކަށް އަވަހާރަކޮށްލި ކަމުގެ ތުހުމަތު ވެސް ކުރެވިފައި ވަނީ ސައޫދީ އިސް މަސްއޫލުވެރިންގެ މައްޗަށެވެ. ސައޫދީ އަކީ އިސްލާމީ ޝަރީއަތުގައި އޮންނަ ހައްދު ޖެހުމުގެ އަދަބު ހުއްޓާނުލައި ކުރިޔަށް ގެންދާ އިސްލާމީ މަދު ގައުމުތަކުގެ ތެރޭގައި ހިމެނުނު ގައުމެކެވެ. ހައްދު ޖެހުން ހުއްޓާނުލައި ކުރިޔަށް ގެންދާތީ އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކާއި އިންސާނީ ހައްގުތަކުގެ ނަމުގައި ހަރަކާތްތެރިވާ ހުޅަނގުގެ ޖަމްޢިއްޔާތަކުގެ ފާޑުކިޔުންތައް ސައޫދީ އަށް އަމާޒުވެފައިވެ އެވެ. އަދި އެމައްސަލާގައި އިންސާނީ ހައްގުތަކަށް އަރައިގަންނަ ކަމުގެ ތުހުމަތު ވެސް އެފަރާތްތަކުން ސައޫދީގެ މައްޗަށް ކުރަމުން ގެންދެ އެވެ. ސައޫދީ ސަރުކާރުން މިފަހަކަށް އައިސް ވަނީ އެގައުމުން ކުރިން މަނާކޮށްފައިވާ އެތައް ކަމެއް ކުރުމުގެ ހުއްދަ ދީފަ އެވެ. މީގެ ތެރޭގައި މިޔުޒިކީ ބޮޑެތި ހަފްލާތައް ބާއްވައިގެން ނެށުމާއި މިޔުޒިކް ކުޅުމުގެ ހުއްދަ ދިނުމާއި ސައޫދީ ބައެއް ބީޗްތަކުގައި ބިކިނީގައި އަންހެނުން އުޅުން ހުއްދަ ދިނުމުގެ އިތުރުން މިޔުޒިކް ދަސްކޮށްދޭ ސްކޫލްތައް ސަރުކާރުގެ ޚަރަދުގައި ހިންގަން ފެށުން ހިމެނެ އެވެ. މީގެ އިތުރުން ހުޅަނގުގެ ގައުމުތަކުގައި އޮންނަ ބާވަތުގެ މިނިވަން ފަތުވެރިކަމުގެ ނިޒާމެއް ސައޫދީގައި ތަޢާރަފް ކުރުމަށް ވެސް އެގައުމުގެ ސަރުކާރުން ގެންދަނީ މަސައްކަތް ކުރަމުންނެވެ. އަދި ފިރިހެނުންނާ އެކު ކުޅިވަރު ސްޓޭޑިޔަމްތަކަށް އަންހެނުން ދިޔުންވެސް ސައޫދީ ސަރުކާރުން މިދިޔަ އަހަރުވަނީ ހުއްދަކޮށްފައެވެ. (ރޮއިޓާސް)
ހައްދު ޖެހުން ހުއްޓާލުމަށް ސައޫދީ އަރަބިޔާއިން ނިންމައިފި
ރާއްޖޭގައި ތިބި ބޭރު ގައުމުތަކުގެ 237 މީހަކު އެނބުރި ގައުމަށް ފުރައިފި އެވެ. އިމިގްރޭޝަނުން ބުނީ މީގެ ތެރޭގައި ހިމެނެނީ ޔޫރަޕުގެ ގައުމުތަކަށް ނިސްބަތްވާ 47 މީހަކާއި އިންޑޮނޭޝިއާގެ 190 މީހެއް ކަމަށެވެ. ކޮވިޑް19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށް އިންޓަނޭޝަނަލް ދަތުރުތައް ހުއްޓާލާފައިވާ މި ދަނޑިވަޅުގައި ރާއްޖޭގައި ތިބި ބޭރު ގައުމުތަކުގެ މީހުން އެނބުރި ގައުމަށް ފޮނުވުމަށް ހާއްސަ ފްލައިޓުތައް ދަނީ ބާއްވަމުންނެވެ. އެގޮތުން މޯލްޑިވިއަންގެ ޗާޓާޑް ދަތުރުތައް ބައެއް ގައުމުތަކަށް ކުރަމުންދާއިރު، އެކި ގައުމުތަކުން ދަނީ ރާއްޖޭގައި ތިބި އެ ގައުމުގެ ރައްޔިތުން ގެންދިޔުމަށް ފްލައިޓުތައް ބާއްވަމުންނެވެ. މިއަދު ފުރި ޔޫރަޕުގެ ގައުމުތަކުގެ މީހުން އެނބުރި ގައުމުތަކަށް ދާނީ ކޮލަމްބޯ މަގުންނެވެ. އިންޑޮނޭޝިއާގެ ރައްޔިތުން ފުރާފައިވަނީ އިންޑޮނޭޝިއާގެ ފްލައިޓެއްގައެވެ. ރާއްޖޭގައި އެކި ގައުމުތަކުގެ ފަތުރުވެރިން އަދިވެސް ތިބިއިރު، އެމީހުންނަށް ބޭނުންވާ އެހީތެރިކަން ސަރުކާރުން ދަނީ ފޯރުކޮށްދެމުންނެވެ. ފަތުރުވެރިންގެ އެކި މަސައްކަތްތައް ކުރުމަށް ރާއްޖޭގައި އުޅޭ ބިދޭސިންގެ ތެރެއިން އެނބުރި ގައުމަށްދާން ބޭނުންވާ މީހުން މީގެ ކުރިންވެސް ވަނީ ހާއްސަ ފްލައިޓުތަކުގައި ފުރައިފައެވެ. އޭގެ ތެރޭގައި ތައިލެންޑް، އިންޑޮނޭޝިއާ، ފިލިޕީންސް، ބަންގްލަދޭޝްގެ އިތުރުން ސައުތު އެފްރިކާ އާއި ޔޫރަޕުގެ ގައުމުތައް ހިމެނެއެވެ.
ރާއްޖޭގައި ތިބި 237 މީހަކު އެނބުރި ގައުމަށް
ކޮވިޑް19 އާ ގުޅިގެން މާލެ ސިޓީ ލޮކްޑައުންކޮށްފައިވާ މި ހާލަތުގައި ބޭރަށް ނިކުތުމުގެ ހުއްދަ އާއި ނުލައި ބޭރުގައި އުޅުނު ޖުމްލަ 461 މީހަކު ޖޫރިމަނާކޮށްފައިވާކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން ހިއްސާކުރި ތަފާސްހިސާބުތަކަށް ބަލާއިރު އިއްޔެ މާލެއިން 101 މީހަކު، ހުޅުމާލެ އިން ހަތަރު މީހެއް އަދި ވިލިމާލެއިންވެސް ހަތަރު މީހަކު ވަނީ ޖޫރިމަނާކޮށްފައެވެ. ލޮކްޑައުންކުރިފަހުން މާލެއިން ޖުމްލަ 404 މީހަކު ޖޫރިމަނާކޮށްފައިވާކަމަށާއި ހުޅުމާލެއިން 30 މީހަކު އަދި ވިލިމާލެ އިން 27 މީހަކު ޖޫރިމަނާކޮށްފައިވާކަމަށް ފުލުހުން ބުންޏެވެ. ހުއްދަ ނެތ މަގުމަތީގައި އުޅޭ މީހުން ޖޫރިމަނާ ކުރަމުންދަނީ، 1،000 ރުފިޔާއިންނެވެ. މީގެ އިތުރުން ހުއްދަ ނެތި މަގުމަތީ އުޅުނު ފަސް މީހަކު އިއްޔެ މާލެއިން ވަނީ ހައްޔަރު ކޮށްފައެވެ. ލޮކްޑައުންގެ ހާލަތުގައި ފިހާރަތަކާޢި ރެސްޓޯރެންޓުތަކުން ޑެލިވަރީގެ ހިދުމަތްދޭއިރު ޑެލިވަރީ ވެހިކަލްގައި ތަތްކުރާ ސްޓިކާގެ 4.322 ސްޓިކާ މިހާތަނަށް ދޫކޮށްފައިވާކަމަށް ފުލުހުން ބުންޏެވެ. އެގޮތުން މާލެއިން 3،772 ސްޓިކާ، ހުޅުމާލެ އިން 484 ސްޓިކާ އަދި ވިލިމާލެ އިން 66 ސްޓިކާ ދޫކޮށްފައިވެއެވެ. ލޮކްޑައުންގެ މި ހާލަތުގައި ބޭރަށް ނިކުމެވޭނީ ފުލުހުންދޭ ހުއްދަ އެއް ލިބިގެން، ހުއްދަ ލިބޭ ސަރަހައްދުތަކަށެވެ. އެގޮތުން ވިޔަފާރިކުރުމަށާއި އޭޓީއެމްއަށް ދިޔުމަށް އަދި އެނޫންވެސް ޒަރޫރީ ބޭނުންތަކަށް ހުއްދަ އަށް އެދުމުން ފުލުހުން ދަނީ ހުއްދައަށް އެދޭ ކަމަކަށް ރިއާޔަތްކޮށް ހުއްދަ ދެމުންނެވެ. ބުރާސްފަތިދުވަހުގެެރޭ ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުުމުގައި ވާހަކަ ދައްކަވަމުން އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވީ އެވްރެޖުކޮށް ދުވާލަކު 7000 މީހުން ހުއްދަ އަށް އެދޭ ކަމަށެވެ. ނަވީން ވިދާޅުވީ، ފުލުހުން ދޫކުރާ ހުއްދަ ނާޖާއިޒު ގޮތުގައި ބޭނުން ކުރާ ކަމަށާއި އެފަދަ މީހުންގެ ހުއްދަ ބާތިލުކުރާނެ ކަމަށެވެ. ލޮކްޑައުންގެ މާނަ އަކީ ގޭގައި ތިބުން ކަމަށާއި މިހާލަތުގައި މަގުމަތީ އުޅެ، ގޭގެއަށް ޒިޔާރަތްކުރާނަމަ ޑޮކްޓަރުން ކިޔައިދޭ ނަންބަރުތައް އިތުރުވާތަން ފެންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ރާއްޖެއިން މިހާތަނަށް 129 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ.
ލޮކްޑައުންއާ ހިލާފުވި 461 މީހަކު ޖޫރިމަނާކޮށްފި
ކޮވިޑް19 އާދެކޮޅަށް ރާއްޖެއިން ކުރާ މަސައްކަތުގެ ކުރީސަފުގައި މަސައްކަތް ކުރަމުން އަންނަ ސިއްހީ ހިދުމަތްތެރިންގެ އަގުވަޒަން ކުރުމުގެ ގޮތުން، ސިއްހީ ހިދުމަތްތެރިއަކަށް އިތުރު މީހަކާ އެކު ލަކްސްގެ ރިސޯޓަކުން ހިލޭ ޗުއްޓީ ޕެކޭޖެއް ދިނުމަށް ނިންމައި، ކެމްޕޭނެއް ފަށައިފިއެވެ. ލަކްސް ރިސޯޓްސް އެންޑް ހޮޓެލްސްގެ މި ކެމްޕޭނު ކުރިއަށް ގެންދަނީ ފޭސްބުކްގައެވެ. އަދި މި ކެމްޕޭނަށް ސިއްހީ ހިދުމަތްތެރިން ނޮމިނޭޓު ކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފައެވެ. ލަކްސް ރިސޯޓްސް އެންޑް ހޮޓެލްސްގެ ރަސްމީ ފޭސްބުކް ޕޭޖުގައި ބުނެފައި ވަނީ މި ކެމްޕޭނު މެދުވެރިކޮށް، ދެ މީހަކަށް ލަކްސް ސައުތު އަރި އެޓޯލްސް ނުވަތަ ލަކްސް ނޯތު މާލެ އެޓޯލްސް ގައި ދެ ރޭ ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. ލަކްސް ނޯތު މާލެ އެޓޯލް ރިސޯޓު --- ފޮޓޯ/ ލަކްސް ރިސޯޓްސް ސިއްހީ ހިދުމަތްތެރިން ނޮމިނޭޓު ކުރުމުގެ ފުރުސަތު ކޮންމެ މީހަކަށް ވެސް އޮންނާނެއެވެ. މި ކެމްޕޭނުގައި ހިދުމަތްތެރިން ނޮމިނޭޓް ކުރުމަށް ހަދަން ޖެހޭނެ ގޮތަކީ އަމިއްލަ ފޭސްބުކް ޓައިމްލައިންގައި، ނޮމިނޭޓު ކުރަން ބޭނުންވާ ސިއްހީ ހިދުމަތްތެރިއެއްގެ ފޮޓޯ ޕޯސްޓު ކުރުމެވެ. ފޮޓޯއާއެކު އެ ހިދުމަތްތެރިއަކާ ގުޅޭ ކުރު ތަފްސީލަކާއި، މަސައްކަތްކުރާ ތަނާއި ޗުއްޓީ ހޭދަކުރަން ބޭނުންވާ ރިސޯޓު ހިމަނަންވާނެއެވެ. ރިސޯޓުގެ ނަން ޖަހާނީ #CollectivelyWeCareLSAA ނުވަތަ #CollectivelyWeCareLNMA މިގޮތަށެވެ. އެ ސްޓޭޓަސްގައި #CollectivelyWeCare، މި ހޭޝްޓެގް ބޭނުންކުރަން ވާނެއެވެ. ސްޓޭޓަސް ޕޯސްޓު ކުރުމަށްފަހު، އެ ޕޯސްޓް އެންމެނަށް ފެންނާނެހެން "ޕަބްލިކް" ކުރަން ލަކްސް އިން ވަނީ އިލްތިމާސްކޮށްފައެވެ. ލަކްސް އިން ބުނީ މި ކެމްޕޭނު ކުރިއަށް ގެންދާނީ ޖޫން މަހުގެ ތިން ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. އެ ދަތުރު ލިބޭނީ އެ ދުވަހުގެ ނިޔަލަށް އެންމެ ގިނަ ލައިކްސް ލިބިފައިވާ ޕޯސްޓެއްގައި ހިމެނޭ ހިދުމަތްތެރިއަކަށެވެ. ކެމްޕޭނުން ހޮވޭ ސިއްހީ ހިދުމަތްތެރިއަކަށް، އެ ދަތުރުގައި އިތުރު މީހަކު ބައިވެރިކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. ލަކްސް އިން ބުނީ ކެމްޕޭނުން ހޮވޭ ފަރާތަކަށް ފުލް ބޯޑްކޮށް، ޑޮމެސްޓިކް ޓްރާންސްފާ ވެސް ހިމެނޭ އެ ދަތުރުގެ ފުރުސަތު ރިސޯޓު ހުޅުވައި އޮޕަރޭޝަން ފެނުހާ އަވަހަކަށް ލިބިގެންދާނެ ކަމަށެވެ.
"ހެލްތު ކެއާ ހީރޯ" އަށް ލަކްސް އިން ހިލޭ ޗުއްޓީ ދަތުރެއް
ވޫހާން (މެއި 15): ޗައިނާގެ ވޫހާންގައި ދިރިއުޅޭ 11 މިލިއަން މީހުން ކޮރޯނާވައިރަހަށް ޓެސްޓު ކުރުމުގެ މަސައްކަތް އެގައުމުން ފަށައިފި އެވެ. ވޫހާންގެ މުޅި އާބާދީ ޓެސްޓު ކުރަން ފަށާފައި ވަނީ އެ ސިޓީން ވައިރަހުގެ ކޭސްއެއް ނުފެންނަތާ 35 ދުވަސް ފަހުން މިދިޔަ ހަފްތާ ބަންދު ތެރޭގައި އެ ސިޓީގެ ހަ މީހަކު ވައިރަހަށް ޕޮޒިޓިވްވި ފަހުންނެވެ. އެ ހަ މީހުންނަކީ ގައުމުން ބޭރަށް ދަތުރުކޮށްފައި ނުވާ އަދި އެއް ސަރަހައްދެއްގައި ދިރިއުޅޭ މީހުންނެވެ. އެހެންކަމުން ވޫހާންއިން ވަނީ އެ ސިޓީގެ ވިޔަފާރިތަކާއި ސްކޫލުތައް ހުޅުވަމުންދާ މި ދަނޑިވަޅުގައި ވޫހާންގެ އެންމެން ޓެސްޓުކޮށް، ބަލި ޖެހިފައިވީ ނަމަވެސް އަލާމާތްތައް ނުފެންނަ މީހުންގެ އަދަދު ހޯދަން ނިންމާފަ އެވެ. ޗައިނާގެ ދައުލަތުގެ މީޑިއާ ޒިންހުއާއިން އިއްޔެ ރިޕޯޓު ކުރި ގޮތުގައި މި ފަހަރު ޓެސްޓު ކުރުމުގައި އިސްކަން ދޭނީ މީގެ ކުރިން ޓެސްޓުކޮށްފައި ނުވާ މީހުންނަށާއި ބަލި މީގެ ކުރިން ފެތުރުނު އަދި ގިނަ އަދަދެއްގެ މީހުން ދިރިއުޅޭ ސަރަހައްދުތަކަށެވެ. އެގައުމުގެ އެހެން ނޫހެއްގައިވާ ގޮތުން ވޫހާންގެ އެންޓި ވައިރަސް ޑިޕާޓްމެންޓުން ވަނީ އެ ސިޓީގެ ކޮންމެ ޑިސްޓްރިކްޓަކަށްވެސް، އެ ސަރަހައްދުގައި ދިރިއުޅޭ މީހުން ޓެސްޓު ކުރަން 10 ދުވަހުގެ މުހުލަތެއް ދީފަ އެވެ. ނަމަވެސް އެކި ޑިސްޓްރިކްޓުތަކުން ޓެސްޓު ކުރަން ފަށަނީ އެކި ދުވަސްތަކުގަ އެވެ. އެގޮތުން ބައެއް ޑިސްޓުރިކްޓްތަކުން ޓެސްޓު ކުރުން މި ހަފްތާގައި ފެށި އިރު އެހެން ޑިސްޓްރިކްޓުތަކުން ނިންމާފައި ވަނީ އަންނަ ހަފްތާގައި ފަށާށެވެ. ވޫހާންގެ 11 މިލިއަން މީހުން ޓެސްޓު ކުރުމުގެ މަސައްކަތް ވަނީ ފަށާފަ -- ފޮޓޯ: އޭއެފްޕީ ޗައިނާގެ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ ފޮޓޯތަކުން ވޫހާންގައި މިހާރު ޓެސްޓުތައް ހަދަން ތައްޔާރުކޮށްފައިވާ ވަގުތީ ޓެންޓުތައް ކައިރީ މީހުން ކިޔޫ ހަދާފައިވާ މަންޒަރު ފެނިގެންދެ އެވެ. އަދި ޓެސްޓު ހެދުމަށް ފަހު މީހުން ގެޔަށް ދިޔުމަށާއި ނަތީޖާ ލިބުމާއެކު އެ މީހުންނަށް އަންގާނެ ކަމަށް އޮފިޝަލުން ވިދާޅުވާ މަންޒަރު ވީޑިއޯތަކުން ފެނެ އެވެ. ނަމަވެސް ވޫހާންގެ އެކި ސަރަހައްދުތަކުގައި ވައިރަހަށް ޓެސްޓު ކުރާ ގޮތާއި ޓެސްޓު ކުރަން ޖެހޭ މީހުންނާއި މުއްދަތާ ބެހޭ ގޮތުން އޮޅުންތައް އަރާފައިވާ ކަމަށް ރިޕޯޓުތަކުގައިވެ އެވެ. މީގެ އިތުރުން ޗައިނާގެ ގްލޯބަލް ޓައިމްސް ނޫހުން ވާހަކަ ދެއްކި ބައެއް އިސް ސިއްހީ އޮފިޝަލުން ވަނީ ވޫހާންގެ އެންމެން ޓެސްޓު ކުރުމަކީ އަގުބޮޑު އަދި އުނދަގޫ ކަމަކަށް ވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ވޫހާން ޔުނިވާސިޓީގެ އިސް ބޭފުޅަކު ވަނީ މިހާރުވެސް އެ ސިިޓީގެ ތިން މިލިއަނާއި ފަސް މިލިއަނާ ދެމެދުގެ އަދަދަކަށް މީހުން ވައިރަހަށް ޓެސްޓުކޮށްފައިވާ ކަމަށާއި އެހެންކަމުން 10 ދުވަސް ތެރޭ ބާކީ ހަޔެއް ނުވަތަ އަށް މިލިއަނެއްހާ މީހުން ޓެސްޓު ކުރެވޭނެ ކަމަށް ވިދާޅުވެފަ އެވެ. އާ ކޮރޯނާވައިރަހުގެ ކޭސްތައް ފުރަތަމަ ފެނުނު ވޫހާން ފުރަބަންދުގައި އޮންނަތާ 11 ހަފްތާ ފަހުން ހުޅުވާލީ މިދިޔަ މަހުގަ އެވެ. ޗައިނާގައި މިހާތަނަށް 84،031 މީހަކު ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފައިވާ އިރު އޭގެ ތެރެއިން 79,273 މީހެއްގެ ބަލި ވަނީ ރަނގަޅުވެފަ އެވެ. އަދި ބަލީގައި 4،637އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.
ވޫހާންގެ ރައްޔިތުންގެ ވައިރަހަށް ޓެސްޓު ހަދަން ކިއު ހަދައިފި
ޖެނީވާ (މެއި 21): ދުނިޔެއިން 106،000 މީހަކު ކޮރޯނާވައިރަހަށް ޕޮޒިޓިވްވި ކަމަށް އިއްޔެ ރިޕޯޓުކޮށްފައިވާ ކަމަށާއި އެއީ އެއް ދުވަސް ތެރޭ އެހާވަރަށް ގިނަ ކޭސްތައް ފެނުނު ފުރަތަމަ ފަހަރު ކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ)އިން ބުނެފި އެވެ. ޑަބްލިޔުއެޗްއޯގެ ޑިރެކްޓާ ޖެނެރަލް ޓެޑްރޮސް އަދަނޮމް ގެބްރެޔެސަސް އެފަދައިން ވިދާޅުވެފައިވާ އިރު، މިހާތަނަށް ދުނިޔެއިން ވައިރަހަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ ފަސް މިލިއަނަށް އަރާފަ އެވެ. "ފާއިތުވި 24 ގަޑި އިރު ތެރޭ ޑަބްލިޔުއެޗްއޯއަށް ވަނީ 106،000 ކޭސް ރިޕޯޓުކޮށްފަ. އެއީ ބަލިމަޑުކަން ފެށުނު ފަހުން އެއް ދުވަސް ތެރޭ އެހާވަރަށް ގިނަ ކޭސް ފެނުނު ފުރަތަމަ ދުވަސް،" އިއްޔެ ޑަބްލިޔުއެޗްއޯއިން ބޭއްވި ނޫސް ކޮންފަރެންސްގައި ޓެޑްރޮސް ވިދާޅުވި އެވެ. އިއްޔެ ރިޕޯޓު ކުރި ވައިރަހުގެ ކޭސްތަކުގެ ތެރެއިން ތިންބައިކުޅަ ދެބައި ކޭސްތައް ފެނިފައި ވަނީ ހަތަރު ގައުމަކުން ކަމަށް ޓެޑްރޮސް ފާހަގަ ކުރެއްވި އެވެ. ނަމަވެސް އެއީ ކޮން ގައުމުތަކެއްކަން އޭނާ ހާމަ ނުކުރައްވަ އެވެ. މިހާރު ދުނިޔެއިން އެންމެ ގިނަ އަދަދަކަށް ވައިރަހަށް ޕޮޒިޓިވްވެފައި ވަނީ އެމެރިކާ، ރަޝިއާ، ބްރެޒިލް އަދި އިނގިރޭސިވިލާތުގަ އެވެ. އޭގެ ތެރެއިން އެމެރިކާގައި 1.5 މިލިއަން މީހުން ވައިރަހަށް ޕޮޒިޓިވްވެ، ބަލީގައި 93،000އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. އެމެރިކާގެ ޖޯންސް ހޮޕްކިންސް ޔުނިވާސިޓީގެ ވައިރަސް ޓްރެކާއިން ދައްކާ ގޮތުގައި މިހާރު ދުނިޔޭގެ 188 ގައުމަކާއި ޓެރިރަޓަރީއަށް ފެތުރިފައިވާ ކޮރޯނާވައިރަހަށް މިހާތަނަށް 5,000,561 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ. އޭގެ ތެރެއިން 1,899,675 މީހަކު ބަލިން ރަނގަޅުވެފައިވާ އިރު، ބަލީގައި 328,191 މީހަކު ވަނީ މަރުވެފަ އެވެ. ނަމަވެސް ކަމާ ބެހޭ މާހިރުން ވަނީ އެކި ގައުމުތަކުގައި ޓެސްޓު ކުރާ މިންވަރު ތަފާތުވުމުން އަސްލު ބަލި ޖެހޭ މީހުންނާއި ބަލީގައި މަރުވާ މީހުންގެ އަދަދު ރިޕޯޓުކޮށްފައިވާ މިންވަރަށް ވުރެ އިތުރު ވާނެ ކަމަށް ބުނެފަ އެވެ.
ރެކޯޑެއް، އެއް ދުވަސް ތެރޭ މުޅި ދުނިޔެއިން 106،000 ކޭސް
ރާއްޖެއަށް އެއްވެސް އިރެއްގައި ތޫފާން އަމްފާންގެ ވިއްސާރައެއް ނުކުރާ ކަމަށާއި، އޭރުވެސް މިހާރުވެސް ކުރަމުން މިދަނީ ހުޅަނގު މޫސުމުގެ ވިއްސާރަ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ މެޓް އޮފީހުން ބުނެފި އެވެ. މެޓް އޮފީހުގެ މީޓިއޮރޮލޮޖިސްޓަކު "ސަން"އަށް ވިދާޅުވީ، ރާއްޖެއަށް އެއްވެސް އިރެއްގައި ތޫފާން އަމްފަންގެ ސަބަބުން ސީދާ ވިއްސާރައެއް ނުކުރާ ކަމަށެވެ. ނަމަވެސް، ތޫފާނުގެ ސަބަބުން ބައެއް ސަރަހައްދުތަކަށް ވައިގަދަވި ކަމަށް ވިދާޅުވި އެވެ. "ތޫފާނާ ގުޅިގެން ރާއްޖޭގެ ސަރަހައްދުގައި އެއްވެސް ވަރަކަށް ވިއްސާރައެއް ނުކުރޭ. ރާއްޖެއަށް ކުރި ވިއްސާރައަކީ ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވެގެން ކުރި ވިއްސާރައެއް. އޭރުވެސް އަދި މިހާރުވެސް،" މެޓްގެ މީޓިއޮރޮލޮޖިސްޓު ވިދާޅުވި އެވެ. "ރާއްޖޭގެ ސަރަހައްދަށް އެ ދުވަސްކޮޅު ތަންކޮޅެއް ވައި ބާރުކޮށް ހިފެހެއްޓުން ކޮންމެވެސް ވަރަކަށް އެއާ ގުޅިފައި އިންނާނެ. އޭގެ ސީދާ އަސަރެއް އެއީ. އެކަމަކު އޭރުވެސް ރާއްޖެއަށް ކުރި ވިއްސާރައަކީ ހުޅަނގު މޫސުމުގެ ވިއްސާރަ،" މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގެ ކުރިއަށް އޮތް 24 ގަޑިއިރުވެސް އުތުރާއި މެދުރާއްޖެތެރެއަށް އަސަރު ކުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ. "ކުރިއަށް 24 ގަޑިއިރަށް ބެލެވެނީ ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ. ހާއްސަކޮށް މެދުރާއްޖެތެރޭގެ އަތޮޅުތަކަށާއި، އުތުރަށް ދޭތެރެ ދޭތެރެއިން ގަދަ ވަޔާއެކު ބޯކޮށް ވާރޭ ވެހޭނެ. ވައި އެވަރެޖުކޮށް ހުންނާނީ މިއަދުވެސް 15 މޭލާއި 25 މޭލާއި ދޭތެރޭގައި. ވިލާގަނޑުގައި ގާތްގަނޑަކަށް 45 މޭލާއި 55 މޭލާއި ދޭތެރޭގެ އަދަދަކަށް ވައި ގަދަވާނެ ކަމަށް ލަފާ ކުރެވޭ،" މެޓްގެ މީޓިއޮރޮޖިސްޓު ވިދާޅުވި އެެވެ. އާންމުކޮށް ހުޅަނގު މޫސުން ފެށެނީ މެއި މަހުގެ ދެވަނަ ހަފްތާގައި ކަމަށް މީގެ ކުރިން މެޓް އޮފީހުން ބުނެފައިވެ އެވެ. އަދި ހުޅަނގު މޫސުން ފެށޭ އިރުގައި ބޭ އޮފް ބެންގާލް ސަރަހައްދުގައި ތޫފާން އުފެދުމަކީ އެ ދުވަސްވަރުގެ އާންމު ސިފައެއް ކަމަށް ބުނެފައިވެ އެވެ. އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ވިއްސާރަކުރާނެ ކަމަށް ލަފާކޮށްފައިވާއިރު މިއަދު މެންދުރު 1:00ގެ ނިޔަލަށް ހ. އަތޮޅުން ފެށީގެން ޅ. އަތޮޅާ ހަމައަށް އޮތީ ޔެލޯ އެލާޓު ނެރެފަ އެވެ. އަދި ހަވީރު 3:00 ގެ ނިޔަލަށް ކ. އަތޮޅުން ފެށިގެން މ. އަތޮޅާ ހަމައަށް އޮތީ ވައިޓް އެލާޓު ނެރެފަ އެވެ.
އަމްފާންގެ ވިއްސާރައެއް ރާއްޖެއަށް ނުކުރޭ، މިއީ ހުޅަނގު މޫސުމުގެ ވިއްސާރަ: މެޓް
"ޔާ ރަޙްމާނު! ޔާ ރަޙީމު! މި އަޅާގެ މައިންބަފައިންނަށް ޚިދުމަތް ކުރުމުގައި މި އަޅާ ކުރި އެ އަމަލަކީ އިބަ އިލާހަށް ޓަކައި އިހުލާސްތެރިކަމާ އެކު ކުރި އަމަލެއް ކަމުގައި ވާ ނަމަ، އެ އަމަލުގެ ސަބަބުން އަޅަމެންނަށް ރަހުމަތް ލައްވައި އަހަރެމެންނަށް ދިމާވެފައިވާ މުސީބާތް ފިއްލަވައި ފާނދޭ! އިބަ އިލާހު ފިޔަވައި އެހެން އިލާހަކު ނުވޭ!" ރާބިޙު ދުޢާ ކުރިއެވެ. ރާބިޙުގެ ދުޢާއާ އެކު ހޮހޮޅައިގެ އާނގަ މަތީގައި އޮތް ހިލަގަނޑު ކުޑަ ތަންކޮޅެއް ދުރަށް ޖެހުނެވެ. އަދި ހޮހޮޅައިގެ ތެރެއަށް ވަޔާއި އަލި ވަންނަ ވަރުގެ ޖާގައެއް އުފެދުނެވެ. "އަލްޙަމްދު ލި ﷲ." ޢައްމާރު ބުންޏެވެ. "އެންމެ ފަހުން ސާފު ވައިކޮޅެއް ލިބިއްޖެ." ޒިޔާދު ބުންޏެވެ. ތިން މީހުން ވެގެން ހިލަ ދުރަށް ލެވޭ ތޯ އަނެއްކާވެސް މަސައްކަތް ކުރިއެވެ. އެހެންނަމަވެސް ކާމިޔާބެއް ނުވިއެވެ. ***** "މައިންބަފައިންނަށް ކަމޭ ހިތުމަކީ ވާޖިބެއް. އަދި އެހައިމެ ސަވާބު ބޮޑު ކަމެއް. އިސްރާ ސޫރަތުގައި ﷲ ވަޙީ ކުރައްވާފައި ވާ ބަސްފުޅެއްގެ މާނައިގައި ވަނީ - އެއިލާހަށް މެނުވީ، ތިޔަބައިމީހުން އަޅުކަން ނުކުޅައުމަށާއި، މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް، ކަލޭގެފާނުގެ ވެރިއިލާހު ކަނޑައަޅުއްވައި އެންގެވިއެވެ. އެ ދެމީހުންކުރެ އެކަކު، ނުވަތަ އެ ދެމީހުން ތިބާގެގާތުގައި ތިބެ، މުސްކުޅިކަމާ ހަމަޔަށް ފޯރައްޖެނަމަ، އެދެމީހުންނަށް أُف ވެސް ނުބުނާށެވެ! (އެބަހީ: ނުރުހުމުގެ ކިތަންމެ ކުޑަ ބަހެއްވިޔަސް ނުބުނާށެވެ!) އަދި އެ ދެމީހުންނަށް، އަޑުލައި ނުހަދާށެވެ! އަދި މާތް ބަހަކުން އެ ދެމީހުންނަށް ބަސްބުނާށެވެ! (23) އަދި އޯގާވެރިވުމުގެގޮތުން، ނިކަމެތިކަމުގެ ފިޔަ، ތިބާ އެ ދެމީހުންނަށްޓަކައި ތިރިކޮށްލާށެވެ! އަދި ބުނާށެވެ! އަޅުގެ ވެރިއިލާހު! ކުޑަކުއްޖަކު ކަމުގައި މިއަޅާވީދުވަހު، އެދެމީހުން މިއަޅާ ބަލައިބޮޑުކުރި ފަދައިން، އެ ދެމީހުންނަށް رحمة ލައްވައިފާނދޭވެ! (24) ތިޔަބައިމީހުންގެ ހިތްތަކުގައިވާ ކަންތައް ދެނެވޮޑިގަތުންބޮޑީ، ތިޔަބައިމީހުންގެ ވެރިއިލާހެވެ. ތިޔަބައިމީހުންނީ، صالح ބަޔަކުކަމުގައިވާނަމަ، ފަހެ، ހަމަކަށަވަރުން، އެކަލާނގެ حضرة އަށް رجوع ވާ މީހުންނަށް، ގިނަގިނައިން ފާފަފުއްސަވާ އިލާހުކަމުގައި އެއިލާހު ވޮޑިގެންވެއެވެ. (25) - ޞަދަޤަ ﷲ އަލްޢަޡީމް." ގާޒީ ޞަފިއްޔުއްދީނު ވިދާޅުވިއެވެ. "އެ ހިލަގަނޑު ދުރަށް ޖެހުނީ އޭނާގެ ދުޢާގެ ސަބަބުން ތޯ؟" އަމީރާ ޞަފާ އެއްސެވިއެވެ. "އާނ. ދަރިފުޅާ! ﷲގެ އަމުރުފުޅަށް އެ ހިލަ ހަރަކާތް ކުރީ. އަދި އައްޔާއި ވައި ވަންނާނެ ވަރުގެ ޖާގައެއް ހެދުނީ. އަދި އެމީހުންނަށް އޭގެ ސަބަބުން ކޮންމެވެސް ވަރެއްގެ ހިތްހަމަ ޖެހުމެއް ލިބުނު." ގާޒީ ޞަފިއްޔުއްދީީނު ވިދާޅުވިއެވެ. "އެހެންނަމަވެސް އެ މީހުންނަށް ކުރިމަތި މުސީބާތަށް އަދިވެސް ނިމުމެއް ނާދޭ ނޫންތޯ؟ އެމީހުންނަށް އެ ހޮހޮޅައިން ނުނުކުމެވޭ ނަމަ، އެ ތަނުގައި ތިބެ ހަލާކު ވެގެން ދާނެ." އަމީރު މުޙައްމަދު ވިދާޅުވިއެވެ. "ރަނގަޅު ވާހަކައެއް. ކިހިނެއް އެމީހުން ކައިބޮއި ހަދާނީ ވެސް." އަމީރާ ޞަފާ ވިދާޅުވިއެވެ. "އަދި އެހެން އެމީހުންނަށް ތިބެވޭނީ ކިހާ އިރެއް ވާން ދެން؟ ކާ އެއްޗެއް އަދި ބޯ އެއްޗެއް ނެތި." އަމީރު މުޙައްމަދު އެއްސެވިއެވެ. "ބައްޕާ! ދެން ވީ ކިހިނެއް ތޯ؟" ސަލްމާ އެއްސެވިއެވެ. "ދެން ވީ ގޮތް ބައްޕަ ކިޔައި ދޭނަން މާދަމާ! ބައްޕަ ތިޔަ ކުދީންގެ ކިބައިން އެދެނީ އިހުލާސްތެރިކަމާ އެކު ﷲ އަށް ދުޢާ ކުރުން. ދުޢާ ކުރުުމަކީ އަޅުކަމެއް. ދުޢާ ނުކުރުމަކީ ބޮޑާާ ވެގަތުމެއް." ގާޒީ ޞަފިއްޔުއްދީނު ވިދާޅުވިއެވެ. "ހެޔޮ ފަތިހަކަށް ހޭލުމުގެ ތައުފީގު ކާފައަށް ﷲ ދެއްވާށި!" އަމީރާ ޞަފާ ވިދާޅުވިއެވެ. "ދަރިފުޅުމެންނަކީ ހެޔޮކަމުގެ އަހުލުވެރީން. އިންޝާ ﷲ." ގާޒީ ޞަފިއްޔުއްދީނު ވިދާޅުވިއެވެ. ***** "ދޮރު މަތީގައި ކާކު؟" ކޮޓަރީގެ ދޮރުގައި ޓަކި ޖަހާ އަޑަށް ގާޒީ ޞަފިއްޔުއްދީނު އެއްސެވިއެވެ. "އަޅުގަނޑު. ސަލްމާ!" ސަލްމާ ވިދާޅުވިއެވެ. "ވަދޭ ދަރިފުޅާ!" ގާޒީ ޞަފިއްޔުއްދީނު ވިދާޅުވިއެވެ. "ބާއްޖަވެރި ހެނދުނެއް ބައްޕާ! ރަނގަޅަށް އަވަހާރަ ލެއްޕެވުނު ކަމަށް އުއްމީދު ކުރަން." ސަލްމާ ވިދާޅުވިއެވެ. "ﷲ އަށް ޙަމްދު ކުރަން. ދަރިފުޅާ ބުނެބަލަ، ޚަލީފާގެ ހާލުކޮޅު މިހާރު ކިހިނެއް ތޯ؟" ގާޒީ ޞަފިއްޔުއްދީނު ވިދާޅުވިއެވެ. "އަލްޙަމްދު ލި ﷲ. ހަރާރަތު ކޮންމެވެސް ވަރަކަށް ތިރި ވެއްޖެ." ސަލްމާ ވިދާޅުވިއެވެ. "ހޭފުޅު އަރައްޖެ ތަ؟" ޞަފިއްޔުއްދީނު ވިދާޅުވިއެވެ. "ނޫން. ހިތާމައަކީ އެއީ. އަދިވެސް ހޭފުޅެއް ނެތް." ސަލްމާ ވިދާޅުވިއެވެ. "ހާދަ ދެރައޭ! އެއްވެސް އެއްޗެއް ފަރީއް ނުކުޅުއްވާތާ ވެސް މިހާާރު ދެ ދުވަސް މި ވީ. އަދި ފެން ފަރީއްކޮޅެއް ވެސް ނުހިއްޕަވާ!" ޞަފިއްޔުއްދީނު ވިދާޅުވިއެވެ. "އެމަނިކުފާނުގެ އަނގަފުޅަށް ބޭސްވެރިޔާ ތިކިތިކިން ފެންފޮދު އަޅަމުން ދޭ. އަދި ބޭހާއި ހަށިގަނޑު ވަރުގަދަ ކޮށް ދޭ ފަދަ ސަރުބަތު ތިކިތިކި ވެސް އެ ގޮތަށް އެބަ ދޭ." ސަލްމާ ވިދާޅުވިއެވެ. "އެމަނިކުފާނަށް ﷲ ޝިފާ ދެއްވާށި! ބައްޕަ މި ދަނީ ފަނޑިޔާރު ގެއަށް. މަސައްކަތް ނިމުމާ އެކު އެނބުރި އަންނާނަން އިންޝާ ﷲ." ގާޒީ ޞަފިއްޔުއްދީނު ވިދާޅުވިއެވެ. "ބައްޕައާ އެކުގައި ސަލާމަތްތެރިކަން ލަައްވާށި!" ސަލްމާ ވިދާޅުވިއެވެ. ***** "ގާޒީ. ގާޒީ." ގާޒީ ޞަފިއްޔުއްދީނުގެ ގުރާ ގޮވަމުން ދިޔައެވެ. "ގާޒީ ވަޑައިގަންނަވާނެ! އިންތިޒާރު ކުރޭ!" ގުރައާ މުހާތަބުކޮށް ޒަޣުލޫލު ބުންޏެވެ. "ގާޒީ. ގާޒީ." ގުރާ ގޮވައިލިއެވެ. "މިއީ ކޮން ކަމެއް؟ ޒަޣުލޫލު!" ގާޒީ ޞަފިއްޔުއްދީނު އެއްސެވިއެވެ. "އެއީ ހުއްމުސް ގުރާ ނޫންތޯ؟" ޒަޣުލޫލު ދެންނެވިއެވެ. "އެއީ ހުއްމުސް ގުރާ ކަން އެބަ އެނގޭ. ކާކު ފަނޑިޔާރުގޭގެ ސަރިޔަތުގެ މަޖިލީސް ކުރާ ކޮޓަރިއަށް އޭތި ގެނައީ؟" ގާޒީ ޞަފިއްޔުއްދީނު ސުވާލު ކުރެއްވިއެވެ. "ދެ ދުވަސް ވެއްޖެ ނޫން ތޯ މަނިކުފާނު ގެއަށް ވަޑައި ނުގަންނަވާ ތާ. އެހެންވެ އަޅުގަނޑު ހިތަށް އެރީ މި ތަނަށް އޭތި ގެނައިމާ މަނިކުފާނަށް އޭތި ފެންނާނެއޭ. އަދި އޭއްޗަށް ވެސް މަނިކުފާނު ފެނުމުން ހަމަ ޖެހުން ލިބޭނެއޭ. އެހެން ވެ އަޅުގަނޑު އޭތި މި ތަނަށް ގެނައީ." ޒަޣުލޫލު ބުންޏެވެ. "އެއަށް ކާން ދިނުމުން ފުދޭނެ. ދެން ކޮށީގެ ދޮރު ހުޅުވާލާފައި ބެހެއްޓުމުން އޭތި އުދުހިއުދުހިފައި އައިސް ކޮށްޓަށް ވަންނާނެ. މިއީ ފަނޑިޔާރުގެ. މިއީ ރަސްމީ ތަނެއް. އަހަރެމެންގެ އަމިއްލަ ކަންކަމާއި ތަކެތި ގެނެސް ޖަމާ ކުރާން ހުރި ތަނެއް ނޫން މިއީ. އެ ވަރު ޒަޣުލޫލަށް ވިސްނޭން ވާނެ." ގާޒީ ޞަފިއްޔުއްދީނު ވިދާޅުވިއެވެ. "މިހާރު އޭތި ގެންދާން ވީ ތޯ؟" ޒަޣުލޫލު އެހިއެވެ. "މިހާރަކު ނޫން. މިހާރު ޒަޣުލޫލު ދިޔައިމާ ފަނޑިޔާރުގޭގެ މަސައްކަތަށް އުނިކަން އަންނާނެ. ގުރާ ކޮށްޓަށް ލާފައި މި ކޮޓަރީން ބޭރުގައި އެއް ކައިރީގައި ބަހައްޓާ! މައްސަލަ ޖެހިގެން އުޅޭ ދެމަފިރިއެއްގެ މައްސަލަ ބެލުން މިއަދު ފުރަތަމައަށް އޮތީ." ގާޒީ ޞަފިއްޔުއްދީނު ވިދާޅުވިއެވެ. ގުރާ ކޮށްޓަށް ލައިގެން ނުކުމެ ޒަޣުލޫލު އެ ކޮށީގެ މަތީގައި ފޮތިގަނޑެއް އަޅާފައި އެނބުރިލި ވަގުތު، އަމަނުގެ ވެރިޔާ މުފްތާޙު އައިސް ކައިރިއަށް ހުއްޓިވަޑައިގަތެވެ. "އިއްޒަތްތެރި ގާޒީ ކޮބައިތޯ؟" މުފްތާޙު އެއްސެވިއެވެ. "އެބަ އުޅުއްވާ! އިންނެވި ރަސްމީ ކޮޓަރިކޮޅުގައި." ޒަޣުލޫލު ދެންނެވިއެވެ. "މުހިއްމު ކަމެއްގައި މި އައީ. އަޅުގަނޑު އިންތިޒާރުގައި މަޑު ކޮށް ލާނަން. މި ވަގުތު ހޫނު ގަހުވަ ތަށްޓެއް ގެނެސް ދީ." މުފްތާޙު ވިދާޅުވިއެވެ. "ވިދާޅު ވި ގޮތެއް ސާހިބާ!" ޒަޣުލޫލު ދެންނެވިއެވެ. "މި ތަނުން މޭވާ ކޮޅެއް އަހަރެން ކައިލިޔަސް ގާޒީގެ އެއްވެސް މައްސަލައެއް އޮންނާނެ ހެންނެއް ހިއެއް ނުވޭ." މޭޒުމަތީގައި ހުރި މޭވާ ވަށީީން ރަތް އާފަލެއް ނަގަމުން މުފްތާޙު ވިދާޅުވިއެވެ. "ގާޒީ. ގާޒީ." "ކީއްވެ އަހަރެން މޭވާއެއް ނަގާ އިރަށް ގާޒީއަށް ތި ގޮވާން ފެށީ. އޭ ޒަޣުލޫލު!" މުފްތާޙު ވިދާޅުވިއެވެ. "އަޅުގަނޑެއް ނުގޮވަން ސާހިބާ!" ޒަޣުލޫލު ދެންނެވިއެވެ. "ކޮން ދޮގެއް ހަދާކަށް. އަހަރެންގެ މި ދެ ކަންފަތުން އަޑު އެހިން." މުފްތާޙު ވިދާޅުވިއެވެ. "ދޮގު. ދޮގު." "ކާކު ވާހަކަ ދައްކަނީ؟" މުފްތާޙު ހައިރާންކަމާ އެކު އެއްސެވިއެވެ. "އެއީ ހުއްމުސް ގުރާ." ޒަޣުލޫލު ދެންނެވިއެވެ. އެހެން ދަންނަވާފައި ގުރާ ކޮށީގެ މަތީގައި އޭނާ އެޅި ފޮތިގަނޑު ނެގިއެވެ. "މި ތަނަށް މީތި ގެނައީ ގާޒީ ވިދާޅުވެގެން ތަ؟" މުފްތާޙު އެއްސެވިއެވެ. "ނޫން. އެއީ އަޅުގަނޑުގެ ކުށް. ޚަލީފާ އާލާސްކަންފުޅާ އުޅުއްވާ އިރު، ގަނޑުވަރުގައި އަމީރާ ޞަފިއްޔާ އަރިހުގައި ގާޒީ ހުންނަވާ އިރު މި ގުރާ ފެނިވަޑައި ނުގަންނަވާނެތީ މި ތަނަށް ގެނައީ އަޅުގަނޑު. އެކަމަކު އެކަމާ ގާޒީ ވެސް ހިތްޕުޅާ ނުވި." ޒަޣުލޫލު ދެންނެވިއެވެ. "ޚަލީފާގެ އާލާސްކަންފުޅޭ! ކިހިނެއް ކަލެއަށް އެނގުނު ކަމެއް ތިޔައީ." މުފްތާޙު ސުވާލު ކުރެއްވިއެވެ. "ގާޒީ ގޭގައި ނޫޅުއްވައި ގަނޑުވަރުގައި އުޅުއްވާތީ އަޅުގަނޑަށް ވިސްނުނީ." ޒަޣުލޫލު ދެންނެވިއެވެ. "ޒަޣުލޫލު! އަޑު އަހާ! ޚަލީފާގެ އާލާސްކަންފުޅަކީ ބޯޑޫ ސީއްރެއް." ފިލިތައް ދިގުކޮށް ދަންމަވާފައި މުފްތާޙު ވިދާޅުވިއެވެ. "ޚަލީފާގެ އާލާސްކަންފުޅު. ޚަލީފާގެ އާލާސްކަންފުޅު." ގުރާ ތަކުރާރުކޮށް ގޮވާން ފެށިއެވެ. "ދައުލަތުގެ ހައިބަތަށް ޓަކައި ހުއްޓާލާ! ހުއްމުސް!" ހުއްމުސް ގުރައާ މުހާތަބުކޮށް މުފްތާހު ވިދާޅުވިއެވެ. ***** އަމީރު މުރާދު އިންނެވީ އާލާސްކަންފުޅާ އޮންނެވި ބައްޕާފުޅު ސުލްޠާން ސަލީމުގެ އެނދުދާންކޮޅުގެ ކައިރީގައި ހުރި ގޮނޑިއެއްގައެވެ. އެ ވަގުތު އެ ކޮޓަރިކޮޅަށް ތުއްޕުޅު ދެ އަމީރުން ވެސް ވެދެވަޑައި ގަތެވެ. "ބައްޕާ! ކާފާފުޅުގެ ހާލުކޮޅު މިހާރު ކިހިނެއް ތޯ؟" އަމީރާ ޞަފާ އެއްސެވިއެވެ. "އަޑު މަޑު ކުރޭ ދަރިފުޅާ! ކާފާފުޅަށް އުނދަގޫފުޅު ވެދާނެ." އަމީރު މުރާދު ވިދާޅުވިއެވެ. "އަޅުގަނޑު ބޭނުން ވަނީ ކާފާފުޅު ހެއިފުޅު ލައްވާން. އެއްޗެއް ފަރީއްކުޅުއްވުމަށް." އަމީރު މުޙައްމަދު ވިދާޅުވިއެވެ. "އެހެން ހެދުން ރަނގަޅެއް ނުވާނެ ދަރިފުޅާ! ދެބެން ބޭރަށް ގޮސް ކުޅެލާ!" އަމީރު މުރާދު ވިދާޅުވިއެވެ. "ބައްޕާ! އަޅުގަނޑުމެން މި ތަނަށް އައީ ކުޅޭކަށް ނޫނޭ. އަދި މިއީ އަޅުގަނޑުމެންގެ ކުޅޭ ގަޑިއެއް ވެސް ނޫން.' އަމީރު މުޙައްމަދު ވިދާޅުވިއެވެ. "އަޅުގަނޑުމެން މި ތަނަށް އައީ ކާފާފުޅުގެ ހާލުކޮޅު ދެކިލައި، ކާފާފުޅަށް އެހީތެރި ވާން." އަމީރާ ޞަފާ ވިދާޅުވިއެވެ. "އެހެން ވެއްޖެއްޔާ ވާހަކަ ނުދައްކައި މަޑުމަޑުން ތިބޭ އިށީނދެގެން. އަޑުގަދަ ނުކުރާތި." އަމީރު މުރާދު ވިދާޅުވިއެވެ. "ޔާ ރައްބަލް ޢާލަމީން އަޅަމެންގެ ކާފާފުޅަށް ޝިފާ ދެއްވައި ފާނދޭ!" އަމީރު މުޙައްމަދު ދުޢާ ކުރައްވާން ފެށްޓެވިއެވެ. "ޔާ ރައްބަލް ޢާލަމީން ކާފާފުޅަށް ޝިފާ ދެއްވައި ފާނދޭ! ލާއިލާހަ އިއްލާ އަންތަ." އަމީރާ ޞަފާ ވެސް ދުޢާ ކުރެއްވިއެވެ. އެ ދެ ބޭފުޅުން ދުޢާ ކުރައްވާން ފެށްޓެވި ތަނާ ސުލްޠާން ސަލީމުގެ ލޯފުޅު ކުޑަކޮށް ހުޅުވުނެވެ. އަދި އަނގަފުޅު ވެސް ހުޅުވައިލައްވާން އުޅުއްވިހެން ހީވިއެވެ. "ޞަފާ! ފެނުނު ތަ ބޭބެއަށް ފެނުނު ފަދައިން." އަމީރު މުޙައްމަދު އެއްސެވިއެވެ. "އާދެ! ލޯފުޅު ކުޑަކޮށް ހުޅުވައިލެއްވި ތަން ދުށިން." އަމީރާ ޞަފާ ވިދާޅުވިއެވެ. - ނުނިމޭ -
ސަލްމާއާއި ގުރްއާނުގައިވާ ރީތި ވާހަކަތައް 28
ބ. މާޅޮހުގެ ރައްޔިތުންގެ ފަރާތުން ރޯޔަލް އައިލެންޑް ރިސޯޓުގައި ކަރަންޓީނުކޮށްފައި ތިބި މީހުންނަށް ރޯދަ ވީއްލުމެއް ހަދިޔާކޮށްފިއެވެ. ރޯޔަލް އައިލެންޑަކީ ސަރުކާރުން ކޮވިޑް-19 އަށް ޝައްކުވާ މީހުން ކަރަންޓީނުކުރުމަށް ނަގާފައިވާ ރިސޯޓެކެވެ. މި ފެސިލިޓީގައި ގާތްގަނޑަކަށް 180 އެއްހާ މީހުން ވަނީ ކަރަންޓީނު ކުރެވިފަ އެވެ. މާޅޮސް އެސޯސިއޭޝަން ފޯ ކޮމިއުނިޓީ އެމްޕަވާމެންޓް ނުވަތަ މޭސްގެ ފަރާތުން އިސްނަގައިގެން އެ ފެސިލިޓީގައި ތިބި ފަރާތްތަކަށް ރޯދަ ވީއްލުމެއް ހަދިޔާކުރީ މާޅޮހުގެ ގިނަ ރައްޔިތުންތަކެއްގެ ހޫނު ތަރުހީބާއެކުގައިކަމަށް އެ ޖަމްއިއްޔާ އިން ވަނީ ބުނެފަ އެވެ. ބ. މާޅޮހު ރައްޔިތުންގެ ފަރާތުން ރޯޔަލް އައިލެންޑް ގައި ކަރަންޓީނުކޮށްފައި ތިބި މީހުންނަށް ރޯދަ ވީއްލުމެއް މިއަދު ވަނީ ދީފައި އެ ޖަމްއިއްޔާގެ މެމްބަރަކު ވިދާޅުވީ އެ މަސައްކަތަށް ރަށު ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބިފައިވާ ކަމަށެވެ. "ގާތްގަނޑަކަށް 70 އަށްވުރެ ގިނަ ގެއިން މިކަމުގައި ބައިވެރިވި. އާބާދީގެ ވަރަށް ބޮޑު ބައެއް އެއީ ހަމަ. އަދި ރަށުގެ އެހެން ޖަމްއިއްޔާގެ ފަރާތުން އަދި ހުރިހާ ރައްޔިތުންގެ ފަރާތުންހެން އަޅުގަނޑުމެން ހީކުރި ވަރަށް ވުރެ މާ ބޮޑަށް ތަރުހީބު ލިބުނު މިކަމަށް،" އޭނާ ވިދާޅުވިއެވެ. ކަރަންޓީނުގައި ތިބި މީހުންގެ ރޯދަ ވީއްލުމަށް ހަދިޔާ ކުރި ތަކެތީގެ ތެރޭގައި އަށް ބާވަތެއްގެ ހެދިކާ އަދި ކުރުނބާ ފަނި ހިމެނެއެވެ. ބ. މާޅޮހު ރައްޔިތުންގެ ފަރާތުން ރޯޔަލް އައިލެންޑްގައި ކަރަންޓީނުކޮށްފައިވާ މީހުންނަށް ހަދިޔާކުރި ރޯދަ ވީއްލުމުގައި ހިމެނޭ ބައެއް ތަކެތި ރަށުގެ ޒުވާނުން މައިގަނޑު ގޮތެއްގައި ހިމެނޭ އެ ޖަމްއިއްޔާގެ ފަރާތުން ވަނީ މީގެ ހަފްތާއެއްހާ ދުވަސް ކުރިން ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން މާޅޮހުގައި ފިޔާވެސް ބަހައިފަ އެވެ.
ރޯޔަލް އައިލެންޑް ކަރަންޓީނުގައި ތިބި މީހުންނަށް ބ. މާޅޮހުން ރޯދަ ވީއްލުމެއް ދީފި
ކުރީގެ ރައީސް ޑރ. ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި ކުރުނބާ މޯލްޑިވްސްގައި އޮތް ބައްދަލުވުމަކަށް ރައީސް މުހައްމަދު ވަހީދާއި ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް ވަޑައިގަތެވެ. އެ ބައްދަލުވުމުގެ ރިޔާސަތު ކަނޑައަޅާފައި އިން ގޮތުން އެ ތަނުން ރައީސަކީ ކޮން ބޭފުޅެއްކަން އާންމުންނަށް އޮޅުން އަރާގޮތްވި އެވެ. މާނައަކީ ބޮޑު އިސްކަމެއް ދީފައި ވަނީ ރައީސް މައުމޫނަށެވެ. އެކަން އެހެން ވާން ޖެހުނީ ކޮން ނުފޫޒުކަކުން ކަމެއް ނޭނގެ އެވެ. ދެން އައީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަމެވެ. ޕީޕީއެމްގެ ވެރިކަމެވެ. އެ ވެރިކަމުގައި ވެސް ފެނުނީ ދާދި އެންމަންޒަރެކެވެ. ސަރުކާރުގެ ވަޒީފާއަކަށް މީހަކު ލިޔަސް "މަތީ"ގެ ރުހުމާ އެކު ނޫން ގޮތަކަށް އެކަން ކޮށްފި ނަމަ މައްސަލަ ޖެހޭ ތަނެވެ. އަދި އާންމުކޮށް އޮންނަ ޕަބްލިކް ރެލީއަކަށް ދެ ބޭފުޅުން ވަޑައިގަންނަވާ އިރު ވެސް އިސް ލީޑަރު ފަހުން ވަޑައިގަންނަވާ ތަނެވެ. މާނައަކީ ޕާޓީގެ އިސް ލީޑަރުގެ އިސްތިގުބާލުގައި ރައީސުލްޖުމްހޫރިއްޔާ ހުންނަވަން ޖެހޭތަނެވެ. ދުރުން ބަލަން ތިބޭ މީހުންނަށް ފެންނާނީ ކޮން މަންޒަރެއްތޯ އެވެ؟ ފަހުން ވަޑައިގަންނަވާނީ އިސް ލީޑަރު ދެއްތޯ އެވެ. ވަކި ހިސާބަކުން ރައީސް ޔާމީން އެކަމާ ދެކޮޅަށް ތެދުވެވަޑައިގަތެވެ. އެއް އުރައެއްގައި ދެ ކަނޑިއަކަށް ނޯވެވޭނެއޭ ވިދާޅުވި ކަހަލަ އެވެ. އެ ހިސާބުން މައްސަލަ ގޯސްވި އެވެ. ދެ ބޭފުޅުންގެ ދޭތެރޭގައި "ކަނޑި ހަނގުރާމަ" ފެއްޓުނެވެ. އެ ކަނޑިހަނގުރާމާގައި ފުރަތަމަ ޓޫލަށް ރައީސް ޔާމީން ބޭނުން ކުރެއްވީ، ޕީޕީއެމްގެ އިސް ބޭފުޅުންނާއި އަދި އެ ނޫން ވެސް އެފަދަ ބަސް ބުނާ ބޭފުޅުންނެވެ. އެ ބޭބޭފުޅުން ފާޅުކަން ބޮޑުކޮށް ޕީޕީއެމްގެ ލީޑަރަށް ބަސްފުޅުތައް ވިދާޅުވާން ފެއްޓެވި އެވެ، އެ ދެބޭފުޅުންގެ ކޯޅުން ނިމުނީ ދެ ބޭފުޅުން ދެ ފަރާތަށް މޫނު އަނބުރާލައްވައި، ދެ ބޭފުޅުން، އެއްބޭފުޅަކު އަނެއް ބޭފުޅެއްގެ ސިޔާސީ ދުސްމަނުންގެ ގޮތުގައި މަސައްކަތް ކުރައްވަން ފެއްޓެވި ހިސާބުންނެވެ. އޭރު އޮތީ ދެ ބޭފުޅުން ދެ އޮފީސް ހައްދަވައިގެން މަސައްކަތް ފައްޓަވައިފަ އެވެ. ޕާޓީ އޮފީސް ހިންގެވީ، ޕާޓީގެ ލީޑަރެވެ. އަނެއް އޮފީސް ހިންގެވީ ރައީސުލްޖުމުހޫރިއްޔާގެ އަނބިކަނބަލުންނެވެ. މަސް ދާނީ ފެން އޮންނަ ތަނަކަށޭ ބުނާ ގޮތަށް ބާރުގަދަވަމުން ދިޔައީ ރައީސްގެ އަނބިކަނބަލުންގެ ކޮޅެވެ. ތެދުފުޅެކެވެ. ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތީ، ރައީސް މައުމޫންގެ ވަރަށް ބޮޑު ތާއީދާ އެކު އެވެ. އެއީ ރާއްޖޭގައި 30 އަހަރު ވެރިކަން ކުރެއްވުމާ އެކު، އެ ލެގެސީގެ އެހީއާ ވެސް އެކު އެވެ. އެކަމަކު ދިވެހި ރައްޔިތުން އިންތިހާބު ކުރި، ރައީސުލްޖުމްހޫރިއްޔާއަކީ ރައީސް ޔާމީން ނޫންތޯ އެވެ. އެހެން ކަމާ އެކު ސަރުކާރު ހިންގުމުގެ ފުރިހަމަ އިހުތިޔާރު ރައީސަށް ލިބިވަޑައިގަންނަވާކަށް ނުޖެހޭނެތޯ އެވެ؟ ކަންކަމުގައި ޕާޓީގެ ލީޑަރުގެ އަރިހުން ރައީސުލްޖުމްހޫރިއްޔާ މަޝްވަރާ ހޯއްދެވުމަކީ ތަފާތު ކަމެކެވެ. އެކަމަކު ކަންކަން ނިންމުމާއި ޑެސިޝަންތައް ނެގުމުގައި ފުރިހަމަ އިހުތިޔާރު ރައީސުލްޖުމްހޫރިއްޔާ އަށް އޮންނަން ޖެހޭނެ ނޫންތޯ އެވެ. އަދި ހިނދުން ހިނދަށް ހިންގަވާ ހުރިހާ ކަމެއްގައި ކޮންމެ ފަހަރަކު ޕާޓީގެ ލީޑަރުގެ މަޝްވަރާ ހޯއްދަވާކަށް ވެސް ނުޖެހޭނެ ނޫންތޯ އެވެ؟ ރައީސް ޔާމީން ވަރުގެ ކޮރޮޕްޓް ބޭފުޅެއް ނެތިގެން އެ މަނިކުފާނުގެ ވެރިކަން ބަދަލު ކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވި އެއް ބޭފުޅަކީ ޕީޕީއެމްގެ އޭރުގެ ލީޑަރެވެ. އެކަން ކުރައްވަން އެމަނިކުފާނު ނުކުމެވަޑައިގަތީ، އެމަނިކުފާނުގެ 30 އަހަރުގެ ވެރިކަން ނިމުމަކަށް ގެނައުމަށް އެންމެ ގަދައަށް މަސައްކަތް ކުރެއްވި ރައީސް ނަޝީދާ އެކު އެވެ. އެހެން ކަމާ އެކު އެ ދެ ބޭފުޅުން އެއް ޕްލެޓްފޯމަކަށް އަރައިވަޑައިގަތުމަކީ ޕީޕީއެމްގެ ހާޑުކޯ މީހުނަށް ބަލައިގަނެވުނު ކަމަކަށް ނުވި އެވެ. އަދި އެކަންވީ ޕީޕީއެމްގެ ލީޑަރުގެ ސިޔާސީ ހަޔާތަށް ކިލަނބުކަން ގެނުވި ކަމަށެވެ. އެ ކަމަކު އެ ހާލަތުގައި އެ މަނިކުފާނަށް އެ ނޫން ގޮތެއް އޮތް ހެނެއް ވެސް ހިއެއް ނުވެ އެވެ. އެއީ އޭރު ދިޔައީ އެ މަނިކުފާނަށް ނުހައްގު އެތައް އަނިޔާއެއް ވެސް ލިބެމުންނެވެ. އެއީ އެ ތާރީހެވެ. އަޅުގަނޑު ހީކުރީ އެމްޑީޕީ ލީޑް ކުރާ ވެރިކަމެއްގައި އެ ތާރީހު އިޔާދަ ނުވާނެ ކަމަށެވެ. އެހެނީ އެމްޑީޕީ ވަރުގެ ޑިމޮކްރެޓިކް ޕާޓީއެއް ނެތްކަމަށް ދައުވާ ކުރާ އިރު އެ ނޫންގޮތަކަށް ހީވުމަކީ ވެސް މައްސަލައެއް ދެއްތޯ އެވެ. އެކަމަކު މަންޒަރު ފެނުނީ އެހެނެއް ނޫނެވެ. އެމްޑީޕީގެ ލީޑަރު، އާރުއެން ވެސް ބޭނުންފުޅުވީ އެ މަގުން ހިންގަވާށެވެ. ސަރުކާރުގެ މަތީ މަގާމުތަކަށް އެމަނިކުފާނު ބޭނުންފުޅުވާ ބޭފުޅުން އިސް ކުރައްވަން މަސައްކަތް ކުރެއްވިތަން ފެނުނެވެ. ހާއްސަކޮށް ނުފޫޒު ހުރި މަގާމުތަކަށެވެ. އެ ކަމުގައި ހިސާބަަކަށް ކާމިޔާބު ވެސް ހޯއްދެވި އެވެ. އެކަމަކު، ފެނުނީ ހުރިހާ ކަމެއް އެ މަނިކުފާނު ބޭނުންފުޅުވާ ގޮތަށް ދީލަވައްލައިލައްވަން ރައީސުލްޖުމްހޫރިއްޔާ ނުވަތަ، އާރުޖޭ ތައްޔާރަށް ނެތް ތަނެވެ. އެ ހިސާބުން ދެން ފެނުނީ ކުނިޖެހެން ފެށިތަނެވެ. އެމްޑީޕީގެ ލީޑަރުގެ އަމަލުތަކާއި ބަސްފުޅުތައް ހުރި ގޮތުން، ރާއްޖޭގައި އޮތް ރިޔާސީ، ނިޒާމު އޮތް ތަނުގައި ބާއްވާފައި ޕާލަމެންޓްރީ ނިޒާމެއް ހިންގެވުމަށް އުޅުއްވި ކަހަލަ އެވެ. އަދި ބައެއް ފަހަރު ބައެއް ކަންކަމުގައި ރައީސުލްޖުމްހޫރިއްޔާ ތިޔަ ކަންކަމާ އުޅުއްވާނެ ކަމެއް ނެތޭ، ތިމަން މަނިކުފާނު ތިޔަކަންކަން ހަމަޖައްސަވައިލައްވައިފާނަމޭ ވިދާޅުވާ ބަސްފުޅުތަކުން އެކަން އިތުރަށް ޔަގީންވެ އެވެ. އެކަމަކު އެއިން ކަމަކާ ގުޅޭ ގޮތުން ރައީސް ބަސްފުޅެއް ވިދާޅުވާ އަޑު ނުއިވޭތީ، އެމަނިކުފާނު އެކަންކަމާ ދޭތެރޭ ދެކިވަޑައިގަންނަވާ ގޮތް އޮންނަނީ ވަންހަނާގަ އެވެ. އެކަމަކު އެނގޭ ކަމަކީ ރައީސުލްޖުމްހޫރިއްޔާ ވެސް، ރައީސް ހިފަހައްޓަވަން ޖެހޭ ހިސާބުތަކުގައި ދޫދެއްވުމެއް ނެތި ހިފައްހަޓަވާ ކަމެވެ. އެހެން ނޫން ނަމަ ފުރަތަމަ ދުވަހު އޮންނާނީ ކޯލިޝަން ރޫޅިފަ އެވެ. މިހާރު ވެސް ބައެއް ބޭފުޅުން އެއް ލަވަަކަށް އެ ވިދާޅުވަމުން ގެންދަވަނީ އެ ލަވަ އެވެ. ކޯލިޝަންގެ ބައެއް މިނިސްޓަރުން ވަކި ކުރަން ޖެހޭ ވާހަކަ އެވެ. އެއީ ވެސް ހަގީގަތެއް އޮތް ވާހަކަ އެކެވެ. އެކަމަކު އަޅުގަނޑުގެ ނަޒަރުގައި ވަކި ކުރަން ޖެހޭނީ ޕާފޯމް ނުކުރެވޭ، އަދި ޑެލިވާ ނުކުރެވޭ ކޮންމެ މިނިސްޓަރެކެވެ. އެއޭގައި އެމްޑީޕީ ބޭފުޅަކު ވަކި އިސްތިސްނާ ކުރެވިގެންވާނެ ފޯމިއުލާއެއް އޮވެގެން ނުވާނެ އެވެ. އަދި މި ސަރުކާރަކީ ކޯލިޝަން ސަރުކާރަކަށްވާތީ، ވަކި ހިސާބަކުން ކޯލިޝަން ނެތް އެއްޗަކަށް ވެސް ނުހެދޭނެ އެވެ. އެހެންކަމާ އެކު ކިތަންމެ ޕްރެޝަރެއް އަޔަސް، ރައީސުލްޖުމްހޫރިއްޔާ އެ މަނިކުފާނުގެ ލައިންގައި ހުންނަވަ އެވެ. އެޢީ ކޮންމެ ކޮންމެ ބޭފުޅަކަށް ކުރެވޭނެ ކަމެއް ނޫނެވެ. އެކަމުގައި ރައީސުލްޖުމްހޫރިއްޔާގެ މައިބަދާގައި ބާރު ހުރިތަން ފެނެ އެވެ. ދުރުތިބީންނަށް ފެންނަމުން ދިޔައީ އެއް ގޮތުން ނޫނީ އަނެއް ގޮތުން ރައީސުލްޖުމުހޫރިއްޔާ ކޯނާ ކުރެއްވުމަށް މަސައްކަތް ކުރައްވާތަނެވެ. ރައީސް ކަމެއްގައި ބަސްފުޅު ވިދާޅުވާ އިރަށް އެއާ ފުށުއަރާ ގޮތަށް ބަސްފުޅު ވިދާޅުވާ ތަނެވެ. ފުރަތަމަ މައިގަނޑު ހިޔާލުތަފާތުވެއްގެ ގޮތުގައި ފެނުނީ ލޯކަލް ކައުންސިލްގެ މުއްދަތާ ބެހޭ ގޮތުން ސަރުކާރުގެ ސްޓޭންޑަށް ޕާޓީގެ ލީޑަރު ބޯލެންބެވުމަށް އިންކާރު ކުރެއްވި ތަނެވެ. ދައުލަތުގެ ބަންޑާރަ ނައިބު ކައުންސިލްތަކާ ބެހޭ ގޮތުން ގާނޫނު އަސާސީ އަށް ހުށަހެޅުއްވި މައްސަލަ ކުރިއަށް ގެންދެވުމަށް ބަހަނާ ދެއްކެވި ތަނެވެ. އަދި ހަމައެ އާކު ކޮވިޑާ ގުޅޭ ގޮތުން ސަރުކާރުގެ ސިޔާސަތުކަށް ފާޑުވިދާޅުވި ތަނެވެ. ކޮވިޑަކީ ދުނިޔެއަށް ވެސް އަދި ރާއްޖެ އަށް ވެސް އާ ކަމެކެވެ. ދުނިޔޭގެ އެތައް ގައުމަކުން އެއޮއް ދަނީ މީހުންތައް މަރުވަމުންނެވެ. އެހެން ކަމާ އެކު އަތްދޮވެލައިގެން ތިބޭށޭ ބުނެ އެއީ، ސަރުކާރަށް ފަސޭހަކޮށް ދޫކޮށްލެވެން އޮންނާނެ ކަމެއް ނޫނެވެ. އެންމެ މީހެއްގެ ފުރާނައަކީ ވެސް ވަރަށް އަގުބޮޑު އެއްޗެކެވެ. އެކަމަކު އަޅުގަނޑު ވެސް ގަބޫލު ކުރަމެވެ. ބަލި ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރުމާ އެކު، އިގްތިސާދީ ހަރަކާތްތައް ވެސް ވީވަރަކުން ނުހުއްޓި ހިންގޭނެ އުސޫލެއް ރާވަން ޖެހެ އެވެ. އިސް ބަހަކީ ވެސް އަދި ފަހު ބަހަކީ ވެސް ޑޮކްޓަރުންގެ ބަސް ކަމަށް ބުނެ، ނިންމައެއް ނުލެވޭނެ އެވެ. ޑޮކްޓަރުން ބަލާނީ ބަލިން ރައްކާތެރިވުމަށް ކުރެވެން ހުރި ކޮންމެ ކަމެއް ކުރެވޭތޯ އެވެ. އެއީ އެކަން ވާން ވެސް ޖެހޭ ގޮތެވެ. އެކަމަކު ގައުމުގެ އެންމެ އިސް ވެރިޔާގެ ދުރުމި ހުރިހާ ދިމާއަކަށް ފޯކަސް ކުރަން ޖެހެ އެވެ. އަދި ހައްލު ހޯއްދަވަން ޖެހޭނީ ވެސް އެގޮތުގެ މަތީންނެވެ. ކޮވިޑްގެ ފުރަބަންދާއެކު މާލޭގައި އަތޮޅުތަކުގެ 5،000 ވަރަކަށް މީހުން ތާށިވި އެވެ. އެކަމަށް ހައްލު ނުހޯދި އެކަށީގެންވާ ވަރަށް ވުރެ ދިގުލި ކަމަށް ވެސް ވެދާނެ އެވެ. އެކަމަކު ފަސް ހާސް މީހުންގެ މަސްލަހަތަށް ވުރެ، އަނެއް ތިން ހަތަރު ލައްކަ މީހުންގެ މަސްލަހަތު ބޮޑުވާނެ ދެއްތޯ އެވެ. އަތޮޅުތަކަށް ކޮވިޑް ފެތުރިއްޖެ ނަމަ، ރާއްޖެ ފަދަ ވަސީލަތް މަދު ތަނެއްގައި އެކަންވާނީ ކޮންޓްރޯލް ކުރުމަށް ދަތި އުނދަގޫ ކަމަކަށް ނޫންތޯ އެވެ. އެކަމަކު ވެސް އެ ދަނޑިވަޅުގައި ވެސް ޕާޓީގެ ލީޑަރު އަތްލެއްވީ އެކައްލަ 5،000 މީހުންގެ މަސްލަހަތުގެ ވާހަކައިގަ އެވެ. އެ މީހުން ރަށްރަށަށް ފޮނުވަން ޖެހޭ ވާހަކަ އެވެ. އޭރު މާލޭގައި ތިބި ރަށްރަށުގެ މީހުން އެ މީސްމީހުންގެ ކޮމިއުނިޓީތަކަށް، ކަރަންޓީން އަކާ ނުލައި ދިޔުމަށް ދިޔައީ އިންކާރު ކުރަމުންނެވެ. އެހާލަތުގައި ސަރުކާރަށް ވެސް ގޮތް ނިންމަން އެހާ ފަސޭހައެއް ނުވާނެ ދެއްތޯ އެވެ. އެހެން ނޫނަސް ކަމެއް ގޯސްކޮށް ހިނގައެއްޖެ ނަމަ އެކަމުގެ ޒިންމާ އާހިރުގައި އުފުލަން ޖެހޭނީ ސަރުކާރަށް ނޫންތޯ އެވެ. ޕާޓީ ލީޑަރު ފަހު ކާޑު ކުޅުއްވީ ހުސްވި ހަފުތާ ނިމެން އުޅެނިކޮށެވެ. އެމްއެމްޕީއާރުސީގެ މައްސަލާގައި ޖަލުގައި ހުންނަވަން ޖެހޭނީ އިދިކޮޅު ލީޑަރު ރައީސް ޔާމީން އަބްދުލްގައްޔޫމް އެކަނި ނޫން ކަމަށް ދެއްކެވި ވާހަކަ ފުޅާ އެކު އެވެ. ތެދުފުޅެކެވެ. ރައީސް މުހައްމަދު ނަޝީދު 13 އަހަރަށް ޖަލަށްލާން ކުރި ހުކުމާ އެއްގޮތަށް ރައީސް ޔާމީންގެ މައްޗަށް ވެސް އިއްވީ ސިޔާސީ ހުކުމެއް ކަމަށް އަޅުގަނޑު ގަބޫލު ކުރަމެވެ. އެހެނީ، އަޅުގަނޑު ހިތުން ޕަބްލިކް ކޯޓުގައި ދައުލަތުން ޔާމީންގެ މައްޗަށް ސާބިތުކުރަން އުޅުނު ކަންކަން ސާބިތުވި ކަމަކަށް ނުބެލެވެ އެވެ. ނަމަވެސް ކިޔާފައި ހުކުމް ކުރުމަކީ ތަފާތު ކަމެކެވެ. ރައީސް ޔާމީންގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް ކުރީ، އެ މައްސަލަ ބެއްލެވި ފަނޑިޔާރު އަހުމަދު ހައިލަމް ވަކި ކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން (ޖޭއެސްސީ) އިން ނިންމައި މައްސަލަ މަޖިލީހަށް ފޮނުވުމާ އެކު، އޭނާ އިސްތިއުފާ ދެއްވުމުން، އެކުލަވާލި ބެންޗަކުން ނޫންތޯ އެވެ؟ އަދި އޭނާ ވަކި ކުރެއްވީ އޯޕަން ކޯޓެއްގައި އަދި ލައިވް ޓީވީ ކުރިމަތީގައި ކުރި ޝަރިއަތާ އެކު، އަޑުއެހުންތައް ނިމި، ހުކުމަކާ ހަމައަށް ގޮސްފައި ވަނިކޮށް ނޫންތޯ އެވެ؟ އޭގެ އިތުރަށް ޖޭއެސްސީ އިން ހައިލަމް ވަކި ކުރުމަށް ނިންމީ މުހައްމަދު ނަޝީދުގެ ބައިވެރިވުމެއް ނެތިތޯ އެވެ؟ ޖޭއެސްސީގެ ކޮންޕޮސިޝަން އޮތް ގޮތުން ކޮންޓްރޯލް އޮތީ ކޮން ބައެއްގެ އަތުގައިތޯ އެވެ؟ އަދި އެ މައްސަލާގައި ރައީސް ޔާމީން ޖަލުގައި ހުންނެވިކަން އެނގިވަޑައިގަތީ، އެ މަނިކުފާނު އެތަނެއްގައި ހުންނަވާތާ އަހަރު ދުވަސްވާން ކައިރިވީމާތޯ އެވެ. ތެދެކެވެ. ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު ގޭބަންދުގައި ބަހައްޓާފައި ރައީސް ޔާމީން ޖަލުގައި އޮންނަވަން ޖެހޭ އެއްވެސް ހުއްޖަތެއް ނޯންނާނެ އެވެ. ދެން އޮތީ އެމްއެމްޕީއާރުސީގެ ފައިސާ ދިޔަ ތަނެއްގެ ވާހަކަ އެވެ. އެއީ ވެސް މަޖާ ވާހަަކަ އެކެވެ. އެ ފައިސާ އިން ބައިނޭޅެނީ ކޮން ބަޔަކަށްތޯ އެވެ؟ ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބާ އާ ޑީލް ހެއްދެވީ، ކޮން ބޭފުޅަކު މިނިވަންކުރަން، މަޖިލީހުގެ ތެރެއިން ކޮން ވޯޓަކާ ގުޅިގެންތޯ އެވެ؟ އަދީބު ބޭނުންފުޅުވާ ގޮތަށް ވޯޓު ދެއްވުމަށް ޕާޓީގެ އެކި ގުނަވަންތަކަށް ރައީސް ނަޝީދު ނާންގަވަންތޯ އެވެ؟ މިހުރީ ހައްތާ ވެސް ސުވާލެވެ. ރަނގަޅަށް ބައްލަވައި ފުނަށް ފީނުއްވާށެވެ. ކޮނުކޮނުހެން ފަސްގިނަވުން ނޫން ކަމެއް ވާނެހެނެއް ހިއެއް ނުވެ އެވެ. މި މަހު 28 އަށް ފަހު ފުރަބަންދަށް ލުއިތަކެއް ދެއްވުމަށް ސަރުކާރުން ވަނީ ނިންމައިފަ އެވެ. އިގްތިސާދީ ހަރަކާތްތައް ހިންގޭނެ ފަދަ ގޮތަކަށް، އަދި އެންމެ ރިސްކް ކުޑަ ގޮތަކަށް އެކަން ކުރަން ޖެހެ އެވެ. އެކަމަކު އެ ފުރަބަންދު ތައްމިނަށް ހުޅުވާލާ އިރު، ކޮވިޑަށް ޕޮސިޓްވާ އަދަދު މަދެއް ނުވެ އެވެ. އެކަމަކު އެ ނިންމުމަށް ސަރުކާރުން ދީލައި ލަނީ މަޖިލީހުގެ ޕްރެޝަރާ ހެދި ނޫންތޯ އެވެ؟ އެހެން ކަމާ އެކު އާހިރުގައި މި ފިތެނީ ރައްޔިތުން ނޫންތޯ އެވެ. ބޮޑު ދެގެރި ތަޅަންޏާ ބާރު ކުރާނީ ކައްގަލަށެވެ.
ބޮޑު ދެގެރި ތެޅުން، ބާރުކުރަނީ ކައްގަލަށެވެ.
ކޮވިޑް-19 އާ ދެކޮޅަށް ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އެހީތެރިވުމަށް ޖަޕާން ސަރުކާރުން ރާއްޖެއަށް 21.7 މިލިއަން ރުފިޔާގެ ހިލޭ އެހީއެއް ދީފި އެވެ. ފޮރިން މިނިސްޓްރީން ބުނީ ޖަޕާނު ސަރުކާރުން ދިން 21,740,400 ރުފިޔާގެ އެހީގެ ސަބަބުން، ލޮކްޑައުނަށް ފަހު އަލުން ރާއްޖެ ހުޅުވާލާއިިރު ދިވެހި ސަރުކާރަށާއި އޮންޓަޕްރިނިއަރުންނަށް ފައިދާ ކުރާނެ ކަމަށެވެ. ހަމަ އެއާއެކު އިގްތިސޯދު ޑައިވާސިފައި ކުރުމަށް އިންވެސްޓް ކުރުމަށް އެހީތެރިވެދޭނެ ކަމަށެވެ. ފޮރިން މިނިސްޓްރީން ބުނީ މިއީ ޔޫއެންޑީޕީގެ އެހީތެރުކަމާ އެކު ހަމަޖެހިގެން ދިޔަ ފަންޑެއް ކަމަށާއި، އެހެންކަމުން ޔޫއެންޑީޕީ އާއި ޖަޕާން ސަރުކާރަށް ޝުކުރު އަދާކުރާ ކަމަށެވެ. އަދި ކޮވިޑް19 އިތުރަށް ފެތުރުނަ ނުދިނުމަށް ސިއްހީ ދާއިރާގެ މަސައްކަތްތެރީންގެ އަދަދު އިތުރުކުރުމަށް ޕްރޮޖެކްޓެއް ކުރިއަށް ގެންދިއުމަށް ޖަޕާން ސަރުކާރާއެކު މަޝްވަރާކުރަމުން އަންނަ ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުންޏެވެ. މި މަހުގެ ކުރީކޮޅު ވެސް ޖަޕާން ސަރުކާރުން ވަނީ ރާއްޖެއަށް 8.4 މިލިއަން ރުފިޔާގެ ހިލޭ އެހީއެއް ދީފައެވެ. އެ އެހީ ބޭނުންކުރާނީ މެޑިކަލް އިކުއިޕްމަންޓާއި ބޭހުގެ ބާވަތްތައް ގަތުމުގެ އިތުރުން ސްކޫލްތަކުގައި އޮންލައިންކޮށް ކިޔަވައިދިނުމަށް ބޭނުންވާ ސިސްޓަމްތައް ގާއިމުކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.
ޖަޕާނުން ރާއްޖެއަށް 21.7 މިލިއަން ރުފިޔާގެ އެހީއެއް
ރާއްޖޭޭގެ ފަތުރުވެރިކަން އަލުން ފެށުމާ ގުޅޭގޮތުން ޓޫރިޒަމް މިނިސްޓްރީ އިން އެކުލަވާލި ޑްރާފްޓު އެކުލަވާލުމުގައި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޓް ޓުއަ އޮޕަރޭޓާސް (މަޓާޓޯ) އާ މަޝްވަރާ ކޮށްފައިނުވާ ކަމަށް އެ ޖަމްއިއްޔާ އިން ބުނެފި އެވެ. އެ ޖަމްއިއްޔާ އިން ރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ ކޮވިޑް19 ގެ ސަބަބުން އެންމެ ބޮޑު އަސަރެއް ކޮށްފައިވަނީ ޓޫރިޒަމް ދާއިރާ އަށް ކަމަށާއި މާލީ ގޮތުންވެސް އަދި އިންސާނީ ވަސީލަތްތަކުގެ ގޮތުން ބެލިނަމަވެސް، އެ ދާއިރާ އަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ބޮޑު ކަމަށެވެ. ޓޫރިޒަމް ދާއިރާގެ ސްޓޭކް ހޯލްޑަރުންގެ ތެރޭގައި ހިމެނޭ މަޓާޓޯ އިން ބުނީ މޯލްޑިވްސް ސޭވިން ޓުއަރިޒަމް ގައިޑްލައިން ގެ ނަމުގައި ޓޫރިޒަމް މިނިސްޓްރީ އިން އެކުލަވާލި ޑްރާފްޓު އެކުލަވާލުމުގައި އެ ޖަމްއިއްޔާގެ ބަހެއް ހޯދާފައި ނުވާ ކަމަށާއި، ޑްރާފްޓު އެކުލަވާލުމަށްފަހު އެއަށް ކޮމެންޓް ކުރަން ޓޫރިޒަމް މިނިސްޓްރީ އިން އެދިފައިވާ ކަމަށެވެ. މަޓާޓޯ އިން ބުނީ ޓޫރިޒަމްގެ އެސްއޯޕީ އަށް ކޮމެންޓު ކުރުމަށް މަޓާޓޯގެ ޕާޓްނަރުންނާއެކު މަޝްވަރާ ކުރަމުންދާ ކަމަށެވެ. ޓޫރިޒަމް އަލުން ފެށުމާ ގުޅޭ ގައިޑްލައިން އަށް ސްޓޭކް ހޯލްޑަރުންގެ ހިޔާލު ހުށަހަޅަން ހުޅުވާލާފައިވާތީ އެކަން ބަލައިގަންނަ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ. ޓޫރިޒަމް އިން އެކުލަވާލާފައިވާ ގައިޑްލައިންގައި ބުނެފައިވާގޮތުން ކޮވިޑް-19 އަށް ފަހު ރާއްޖެ އަލުން ފަތުރުވެރިކަމަށް ހުޅުވާލާއިރު، ޓޫރިސްޓުން ބޭތިއްބުމުގެ ހާއްސަ ހުއްދަ، "ސޭފް ޓޫރިޒަމް ރިސޯޓު ލައިސަންސް" އެއް ދޫކުރާނެ އެވެ. މި ލައިސަންސް އަށް 50،000 ޑޮލަރު ޗާޖު ކުރާނެ ކަމަށް ގައިޑްލައިންގައި ބުނެފައިވެއެވެ. އަދި ޓޫރިސްޓުންގެ އަތުން ވިސާ ފީ އަށް 100 ޑޮލަރު އަދި ރާއްޖެ އަންނަ ޕްރައިވެޓް ޖެޓުތަކުންވެސް 50،000 ޑޮލަރުގެ ފީ އެއް ނަގާނެ އެވެ ރާއަންނަތަނުން ހުރިހާ ޓޫރިސްޓުން ވައިރަހަށް ޓެސްޓް ކުރާ ގޮތަށް ވެސް އެ ގައިޑްލައިންގައި ހިމަނާފައިވެއެވެ. މި ޓެސްޓު ކުރުމަށްވެސް 100 ޑޮލަރުގެ ފީ އެއް ނަގާނެ ކަމަށް ގައިޑްލައިންގައި ހިމަނާފައިވެއެވެ. މަޓާޓޯ އިން ބުނީ ރާއްޖޭގެ ފަތުރުވެރިކަމަށް ހީނަރުކަން އައިސްފައިވާއިރު، މި އެސްއޯޕީ ނުވަތަ ގައިޑްލައިން އެކުލަވާލުމަށް ހުރިހާ ސްޓޭކް ހޯލްޑަރުންގެ ބަސް ހޯދުން މުހިއްމު ކަމަށެވެ. ރާއްޖޭގެ 40 އަހަރުވީ ފަތުރުވެރިކަމުގެ އަގު ހިފެހެއްޓުމުގެ މުހިއްމުކަން ފާހަގަކޮށް އެ ބަޔާނުގައި ބުނީ މިހާރު އެކުލަވާލާފައިވާ ގައިޑްލައިން އަކީ ރާއްޖޭގެ ބްރޭންޑު އަގު ބޭރުގައި ވެއްޓޭނެ ކަންތައްތަކެއް ހިމެނޭ ގައިޑްލައިންއެއް ކަމަށެވެ. މި ގައިޑްލައިން ގައި ބުނާ ކަންތައްތަކާމެދު ގިނަ ބަޔެއްގެ ހިތްހަމަނުޖެހުން އެބަހުރި ކަމަށް އެ ޖަމްއިއްޔާ އިން ބުންޏެވެ. މަޓާޓޯ އިން ވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ފަހުރުވެރި މާޒީގައި، ފަތުރުވެރިންނަށް މަރުހަބާ ކިޔުމަށް ދިވެހިން ގެންގުޅުނު ގޮތް ދޫކޮށްނުލުމަށްވެސް ގޮވާލައިފަ އެވެ. ރާއްޖޭގެ ޓޫރިޒަމް އަލުން ފެށުމަށް ސަރުކާރުން ކުރާ މަސައްކަތް އެ ޖަމްއިއްޔާ އިން ވަނީ ފާހަގަ ކޮށްފަ އެވެ. ރާއްޖެ ހުޅުވާލުން: އަންނަ ހުރިހާ ޓޫރިސްޓުން ޓެސްޓްކުރާނެ! އިތުރަށް ވިދާޅުވުމަށް
ޓޫރިޒަމް ގައިޑްލައިން އެކުލަވާލީ މަޝްވަރާ ނުކޮށް: މަޓާޓޯ
ކޮވިޑް19 އާ ގުޅިގެން އާއިލާއާ ދުރުގައި މަސައްކަތް ކުރަން ޖެހިފައިވާ މީހުންގެ އާއިލާތަކުގެ ފަރާތުން އެމީހުންނަށް ލިބެމުން އަންނަ އެއްބާރުލުމަށް، ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ ސެލިއުޓް ކުރައްވައިިފައެވެ. ބައިނަލްއަގުވާމީ އާއިލާތަކުގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތޯބުގައި މިނިސްޓަރު ވިދާޅުވީ އެހެން އަހަރުތަކާ ހިލާފަށް މިއަހަރުގެ އާއިލާތަކުގެ ދުވަސް ބައްދަލުކޮށްފައި މިވަނީ ވަރަށް ގިނަ އާއިލާތަކަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައި ކަމަށެވެ. އަދި ކޮވިޑް19 ގެ ސަބަބުން ގިނަ އާއިލާތަކަކަށް އެކި ކަހަލަ ދަތިތައް ތަހައްމަލުކުރަންޖެހިފައިވާ މި ދަނޑިވަޅުގައި އާއިލާތަކުން ދައްކަމުން އަންނަ ކެތްތެރިކަން މިނިސްޓަރު ވަނީ ފާހަގަކުރައްވައިފައެވެ. މިނިސްޓަރު ވިދާޅުވީ ހާލަތުގެ ނާޒުކު ކަމާއެކު އާއިލާގެ މެންބަރުން އެކީގައި ގޭގައި މަޑުކުރަން ޖެހިފައިވީ ނަމަވެސް އެ ފުރުސަތު ފަހިވެފައި ނެތް ގިނަ އާއިލާތަކެއްވެސް އެބަތިބި ކަމަށެވެ. ވަކިން ހާއްސަކޮށް ކޮވިޑް19 އާ ދެކޮޅަށް ސަރުކާރުން ކުރާ މަސައްކަތުގައި ފްރަންޓްލައިންގައި މަސައްކަތް ކުރަމުން އަންނަ ބައެއް ފަރާތްތަކަށް އާއިލާ އާ ބައްދަލުނުކުރެވޭތާ އެތައް ދުވަހެއް ވެފައިވާކަން ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ. ހަމަ އެއާއެކު ކޮންމެ ދުވަހަކު އާއިލާއާ ބައްދަލުވި ނަމަވެސް އަމިއްލަ މީހާއާއި އާއިލާގެ ރައްކާތެރިކަމަށް ނުރައްކާ އޮތް ހިނދުވެސް ގައުމީ ހިދުމަތަށް ނުކުމެ މަސައްކަތް ކުރާ އެތައް ބަޔަކާއި، ބައްޔަށް ޕޮޒިޓިވްވުމުގެ ސަބަބުންނާއި، ކޮންޓެކްޓް ޓްރޭސިންގް ގެ ތެރެއިން ފާހަގަކުރެވިގެން އައިސޮލޭޓްކޮށް ނުވަތަ ކޮރަންޓީން ކުރުމުގެ ސަބަބުން އާއިލާ އާ ދުރުގައި ވަގުތުތައް ހޭދަކުރަންޖެހިފައިވާ ފަރާތްތައް ތިބިކަން ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ. މިިނިސްޓަރު ވިދާޅުވީ އެ ހުރިހާ އެންމެނަށް ވެސް މަސައްކަތުގައި ސާބިތުކަންމަތީ ދެމިތިބުމަށް ލިބޭ އެންމެ ބޮޑު ހިތްވަރަކީ އެފަރާތްތަކުގެ އާއިލާގެ ފަރާތުން ލިބެމުން އަންނަ އެއްބާރުލުން ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. "އެހެންކަމުން މި ހާލަތާއި ގުޅިގެން އާއިލާ އާއި ދުރުގައި ތިބި ފަރާތްތަކަށް އެފަރާތްތަކުގެ އާއިލާ އިން ލިބެމުން އަންނަ އެއްބާރުލުމަށް އެ އާއިލާތަކަށް ސެލިއުޓްކުރާ ހާލު އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ޝުކުރު އަދާކުރަން،" މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ ގައުމުގެ ހުރިހާ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރެވޭ މަސައްކަތުގައި އެ އާއިލާތަކުން ވަމުން އަންނަ މަތިވެރި ގުރުބާނީގެ އާޚިރު ނަތީޖާއަކަށް ވާނީ ދިވެހި އެންމެހާ އާއިލާތަކަށް މި އުނދަގޫ ހާލަތުން އަރައިގަނެވި އެހުރިހާ އާއިލާތަކަށް އަލުން އުފާވެރިކަމާއެކު އުޅެވޭނެ ދުވަސްތަކެއް ފެނުން ކަމަށެވެ. މީގެ އިތުރުން ކޯވިޑް ކޮވިޑް19 ގެ ސަބަބުން އާއިލީ ގުޅުމުގެ މުހިއްމުކަމާއި އާއިލާގެ ރައްކާތެރިކަމާއި، ދުޅަހެޔޮކަން ކަށަވަރުކުރުމުގައި އާއިލާގެ ކޮންމެ މެންބަރެއްގެވެސް މުހިއްމު ދައުރެއް އޮތްކަން ހާމަވެގެން ގޮސްފައިވާ ކަމަށެވެ. އަދި އާއިލާގެ މެންބަރުންގެ އެކި ބޭނުންތަކަށް ފަރުވާ އެއް ހޯދުމުގައި މުޅި އާއިލާ ޝާމިލްވުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަން ވެސް އެނގިގެން ގޮސްފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. އެހެންކަމުން މިއަދު ލިބުނު މުހިންމު ފިލާވަޅާއެކު، މި ކުރިމަތިވި ހާލަތާއެކު ބަދަހިކުރެވުނު އާއިލީ ގުޅުން އަބަދުވެސް އެގޮތުގައި ދެމެހެއްޓުމަށާއި މުޅި އާއިލާގެ ރައްކާތެރިކަމަށްޓަކައި ފަރުދީ ގޮތުން ރައްކާތެރިވުމަށް ކުރި މަސައްކަތް، ނިމުމެއް ނެތް މަސައްކަތެއް ކަމުގައި ހެދުމަށް އަޒުމު ކަނޑައަޅަން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. "އަދި އާއިލާގެ އެއް މެންބަރަކު އަނެއް މެންބަރަކަށް ދިން ވަގުތާއި، އެކަކު އަނެކަކަށްޓަކައި ވީ ގުރުބާނީ އަކީ އެއްވެސް އިރެއްގައި މެދުކަނޑައި ނުލެވޭނެ ކަންކަންކަމުގައި ގަބޫލުކުރުން،" މިނިސްޓަރު ވިދާޅުވިއެވެ. މީގެ އިތުއުން އާއިލާ އާއި މުޖްތަމައަކީ ގުޅި ލާމެހިފައިވާ ދެ ބަހާ ކަމާއި، މުޅި މުޖްތަމައުގެ ދުޅަހެޔޮކަން ކަށަވަރުކުރުމަށް އާއިލާތަކުގެ ދުޅަހެޔޮކަން ކަށަވަރުކުރުން މުހިންމުވާ ފަދައިން މުޖްތަމައުގައި ހިނގާ ކޮންމެ ކަމެއްގެ އަސަރު ވަކިވަކި އާއިލާތަކަށް ނުކޮށް ދިއުމަކީ ދުރުކަމެއް ކަން ހަނދާން ކުރަން ޖެހޭ ކަމަށް ވެސް ހިތޯބުގައި ވިދާޅުވެފައިވެއެވެ. އެހެންކަމުން ގައުމުގެ ކުރިމަގަށްޓަކައި އާއިލާއެއްގެ ތެރޭގައި އޮންނަ ގުޅުން ވަރަގަދަވާންޖެހޭ ކަން ހުރިހާ ރައްޔިތުން ވެސް ގަބޫލުކުރަން ޖެހޭ ކަމަށާއި، މުޅި މުޖްތަމައުގެ ހެވަށްޓަކައި އާއިލީ ގުޅުންތައް ހީނަރުވެދާނެ އެއްވެސް ކަމަކަށް ޖާގަ ނުދިނުމަކީ ކޮންމެ މީހެއްގެ ވެސް ޒިންމާއަކަށް ހަދަން މިނިސްޓަރު އިލްތިމާސް ކުރެއްވިއެވެ. ހަމަ އެއާއެކު އާއިލާ އާއި ދުރުގައި ހުރެ ގެއިން ބޭރުގައި ކުރާ ކޮންމެ އަމަލަކީވެސް ތިމާގެ އާއިލާ އެކޭ އެއްފަދައިން އެހެން އާއިލާތަކަށްވެސް އޭގެ ރަނގަޅު ނުވަތަ ނުރަނގަޅު އަސަރު ކޮށްފާނެ އަމަލެއް ކަން ދަނެ، އާއިލާ އާއި މުޅި މުޖްތަމައުގެ މަންފާއަށްޓަކައި އެކަކު އަނެކަކަށް އިހުތިރާމާއި، އޯގާތެރިކަމާއެކު އަޅާލާ، ޒިންމާދާރު ރައްޔިތަކަށްވުމަށް ވެސް މިނިސްޓަރު އިލްތިމާސް ކުރެއްވިއެވެ.
އާއިލާތަކަށް މިނިސްޓަރުގެ ޝުކުރުގެ ސެލިއުޓް!
ކޮވިޑް-19 ފެތުރުން ހުއްޓުވުމުގެ ގޮތުން މާލެ ސަރަހައްދު ފުރަބަންދުކުރުމާއި އަދި ސަރުކާރު އޮފީސްތައް ބަންދުކުރުމާ ގުޅިގެން އެ މުއްދަތުގެ ތެރޭގައި ހައިކޯޓުން އޮންލައިންކޮށް މައްސަލަތައް ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި ޖުމްލަ 22 މައްސަލައެއް ހުށަހަޅާފައިވާ ކަމަށް ކޯޓުން ބުނެފި އެވެ. ހައިކޯޓުން މިއަދު ބުނީ ހުށަހެޅި 22 މައްސަލައިގެ ތެރެއިން 17 މައްސަލައެއް ބަލައިގެންފައިވާ ކަމަށެވެ. ހައިކޯޓުން ބުނީ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާ މުއްދަތުގައި ޚަސްމުން ހައިކޯޓު ދެކުނު ބްރާންޗަށް ހާޒިރުކޮށްގެން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބަންދު އަމުރުގެ މައްސަލައެއް ހިންގައި މޮނިކޮމް އަމުރުގެ ހަތް އަމުރެއް ހައިކޯޓުން ނެރެފައިވާނެ ކަމަށެވެ. ކޮވިޑް-19 ފެތުރުން ހުއްޓުވުމުގެ ގޮތުން ސަރުކާރު އޮފީސްތައް ބަންދުކުރުމާ ގުޅިގެން މި މުއްދަތުގެ ތެރޭގައި، އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުގެ ހިދުމަތްތައް މެދުނުކެނޑި ރައްޔިތުންނަށް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް "ކޮވިޑް-19 ރޯގާއާ ގުޅިގެން ސަރުކާރު ބަންދުކުރެވިފައިވާ ދުވަސްތަކުގައި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅޭ މައްސަލަތައް ކުރިއަށް ގެންދާނެ ގޮތް ކަނޑައެޅުމާބެހޭ އުސޫލު" ވަނީ އާންމުކޮށްފައެވެ. އެ އުސޫލުގެ ދަށުން ހައިކޯޓުގައި ހިންގުމަށް ހަމަޖެހިފައިވާ މައްސަލަތައް ތަފްސީލްކޮށް ބަޔާންކޮށްފައިވެއެވެ. އެއީ ބަންދު އަމުރުގެ މައްސަލަތަކާއި ވަގުތީ އަމުރުގެ މައްސަލަތަކާއި ކޯޓު އަމުރުތަކާއި އިސްތިއުނާފުކުރެވިފައިވާ މައްސަލަތަކުގެ ތެރެއިން ހުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރަށް އެދިފައިވާ މައްސަލަތަކާއި މައްސަލައިގެ އަޑުއެހުންތައް ނިމިފައިވާ މައްސަލަތަކާއި ގެވެށި އަނިޔާއާގުޅޭ މައްސަލަތަކާއި ކުޑަކުދިންގެ ހައްގުތަކާ ގުޅުންހުރި މައްސަލަތަކެވެ. އަދި، މައްސަލައިގެ ބާވަތަށާއި މައްސަލައިގެ ވަށައިގެންވާ އެންމެހައި ކަންތައްތަކަށް ރިއާޔަތްކޮށް، އެމައްސަލައަކީ އަވަހަށް ޝަރީއަތް ހިންގަންޖެހޭ މައްސަލައެއްކަމަށް އެމައްސަލަ ބަލާ ފަނޑިޔާރުންގެ ބެންޗަށް އިއްތިފާގުވެވިއްޖެނަމަ އެމައްސަލައެއް ކޯޓުގައި ހިންގިދާނެކަމަށް އެ އުސޫލުގައި ބަޔާންކޮށްފައިވެއެވެ. އަޑުއެހުން ބޭއްވުމަށް ތާވަލުކުރެވޭ މައްސަލަތައް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޝަރީއަތް ހިންގުމަށް ގާނޫނީ ހުރަހެއް ނެތް މައްސަލައެއް ނަމަ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީއަތްކުރިއަށް ގެންދެވޭނެ އިންތިޒާމު ހަމަޖެހިފައިވާނަމަ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށެވެ. އެފަދަ ވަސީލަތެއް ނެތްނަމަ ޝަރީއަތަށް މީހުން ވެއްދުމާއި ނެރުމަށް ހަމަޖެހިފައިވަނީ އާންމު ސިއްހީ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ހެލްތު ޕްރޮޓެކްޝަން އެޖެންސީން ދީފައިވާ އިރުޝާދުތަކާ އެއްގޮތަށް ކަމަށް އުސޫލުގައި ބުނެއެވެ. ހައިކޯޓުން ބުނީ އޮންލައިންކޮށް މައްސަލަތައް ގެންދިއުމުގައި ލިބުނު ތަޖުރިބާއަށް ބަލައި މާފުށީ ޖަލާއި އަދި ޕޮލިހުންގެ ބެލުމުގެ ދަށުގައި ތިބި މީހުންގެ މައްސަލަތައް ވީޑީއޯ ކޮންފަރެންސް މެދުވެރިކޮށް ހިންގުމުގައި ދިމާވާ ދަތިތައް ހައްލުކުރުމުގެ ގޮތުން މޯލްޑިވްސް ޕޮލިސް ސާވިސް އާއި މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސް އާއެކު މަޝްވަރާކުރަމުން އަންނަ ކަމަށެވެ.
ފުރަބަންދުގައި ހައިކޯޓަށް 22 މައްސަލައެއް ހުށަހަޅައިފި
މާލެ ސަރަހައްދުގައި އިއުލާންކޮށްފައިވާ ފުރަބަންދާ ހިލާފަށް މަގުމަތީގައި އުޅުނު ދެ މީހަކާ ސުވާލު ކުރުމުން ފިލަން މަސައްކަތް ކުރުމުން ހައްޔަރު ކޮށްފި އެވެ. އެ ހާދިސާ ހިނގާފައި ވަނީ މިއަދު ހަވީރު މަޖީދީ މަގު ވީބީ މާޓް ކައިރީގަ އެވެ. ފުލުހުން ބުނީ ނުކިޔަމަންތެރިކަން ދައްކައި ފިލަން އުޅުމުގެ ސަބަބުން ހައްޔަރު ކޮށްފައިވަނީ އުމުރުން 36 އަދި 38 އަހަރުގެ ދެ ފިރިހެނުން ކަމަށެވެ. އެ މައްސަލަ ފުލުހުން މިހާރު އަންނަނީ އިތުރަށް ތަހުގީގް ކުރަމުންނެވެ. މާލެއިން މިދިޔަ މަހުގެ 15 ވަނަ ދުވަހު ކޮވިޑް-19ގެ ކޭސްއެއް ފެނުމާއެކު 24 ގަޑިއިރަށް މާލެ ސަރަހައްދު ފުރަބަންދުކުރި އެވެ. އެފަހުން ޖެހިގެން އައި ދުވަހު ފުރަބަންދުގެ މުއްދަތު 14 ދުވަހަށް އިތުރުކުރި އެވެ. އަދި އިތުރު ތިން ފަހަރު މުއްދަތު އިތުރުކޮށް މިމަހުގެ 28 ވަނަ ދުވަހާ ހަމައަށް ވަނީ ދައްމާލާފަ އެވެ. އެ މުއްދަތުގައި ގެއިން ބޭރަށް ނިކުމެވޭނީ ހަމައެކަނި ހުއްދަ ދޫކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.
މަގުމަތީގައި އުޅުނު ދެ މީހަކު ފިލަން އުޅުމުން ހައްޔަރު ކޮށްފި
މާޗު މަހުގެ 19 އިން ޖޫން މަހުގެ ނިޔަލަށް ވިސާގެ މުއްދަތު ހަމަވާ ފަރާތްތަކަށް ވިސާ ފީގެ ޖޫރިމަނާ ދައްކަން ނުޖެހޭނެ ކަމަށް އިމިގްރޭޝަނުން ބުނެފި އެވެ. އިމިގްރޭޝަނުން ކުރި އިއުލާނެއްގައި ބުނީ ކޮވިޑް19 އާއި ގުޅިގެން މާޗު 19 އިން ފެށިގެން ސަރުކާރު އޮފީސްތައް ބަންދުކޮށްފައި ވާތިއްޔާއި ލޮކްޑައުންގެ ސަބަބުން މާލޭސަރަހައްދުގައި ބޭރަށް ނިކުމެ އުޅުން މަނާކޮށްފައިވާތީ، މި މުއްދަތުގެ ތެރޭގައި ޓުއަރިސްޓު ވިސާ، ޑިޕެންޑެންޓު ވީސާ، ވޯކް ވިސާ އަދި އެހެނިހެން ވިސާގައި ރާއްޖޭގައި އުޅޭ ފަރާތްތަކުގެ ވިސާގެ މުއްދަތު އިތުރުކުރުމާއި ވިސާ އަށް ފައިސާ ދެއްކުމުގައި ގޮންޖެހުންތަކާއި ކުރިމަތިވެފައިވާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އެހެންކަމުން މާޗު 19 އިން ފެށިގެން ޖޫން މަހުގެ ނިޔަކަށް ވިސާގެ މުއްދަތު ހަމަވާ ފަރާތްތަކުން ވިސާ ފީގެ ޖޫރިމަނާގެ ފައިސާ ދައްކަން ނުޖެހޭނެ ކަމަށް އިމިގްރޭޝަނުން ބުންޏެވެ. ކޮވިޑް-19 އާ ގުޅިގެން ފުރަބަންދު ކުރުމުގެ ކުރިން ވިސާ ޖެހުމަށް ހުށަހަޅާފައިވާ ޕާސްޕޯޓުތައް ވިސާ ޖެހުމަށްފަހު ދަނީ ދޫކުރަމުންނެވެ.
ޖޫންގެ ނިޔަލަށް ވިސާ ފީ ޖޫރިމަނާ ދައްކަން ނުޖެހޭނެ
މިހާތަނަށް ޒަކާތުގެ ގޮތުގައި ދެ މިލިޔަން ހަތަރުލައްކަ އަށްޑިހަ ދެހާސް ރުފިޔާ ލިބިފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު ވިދާޅުވެއްޖެ އެވެ. މިއަދު ޕީއެސްއެމްގެ ޕްރޮގްރާމަކަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ވިދާޅުވީ މިހާތަނަށް މާލެ ސަރަހައްދުން އޮންލައިންކޮށް ޒަކާތް ދައްކާފައި ވަނީ 53،597 މީހަކު ކަމަށެވެ. އެހެން އަހަރުތަކުގެ މި މުއްދަތާ އަޅާބަލާ އިރު މި އަހަރު ޒަކާތް ދެއްކި މީހުންގެ އަދަދު މަދުކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ މިހާރުގެ ހާލަތަށް ބަލާ ނަމަ، މިއީ ރަނގަޅު އަދަދެއް ކަމަށެވެ. އަދި މި ހާލަތުގައި ވެސް ޒަކާތް ދެއްކުމަށް ރައްޔިތުން އިސްކަންދޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ޒަކާތުގެ ގޮތުގައި މިހާތަނަށް ދެ މިލިޔަން ހަތަރުލައްކަ އަށްޑިހަ ދެހާސް ރުފިޔާ ލިބިފައިިވާ އިިރު، އެ ފައިސާ ދޫކުރަން ނިންމާފައިި ވަނީ މިދިޔަ އަހަރު އެކުލަވާލާފައިވާ ފަގީރުންގެ ލިސްޓުގައި ހިމެނޭ މީހުންނަށެވެ. އަދި ފަައިސާ ޖަމާކުރަން ހަމަޖައްސާފައި ވަނީ އެމީހުންގެ އެކައުންޓަށް ކަމަށް ވެސް މިނިސްޓަރު މިއަދު ވިދާޅުވި އެވެ. "ކުރީ އަހަރުތަކުގައި މިނިސްޓްރީއަށް އެމީހުން ގެނެސް ފައިސާ ހަވާލުކުރަނީ. ނަމަވެސް މިހާލަތުގައި އެމީހުންގެ އެކައުންޓަށް އީދު ނަމާދުގެ ކުރިން ފައިސާ ޖަމާ ކުރާގޮތަށް ހަމަޖައްސަނީ،" މިނިސްޓަރު ވިދާޅުވި އެވެ. މިދިޔަ އަހަރު އެކުލަވާލި ފަގީރުންގެ ލިސްޓަށް ޒަކާތުގެ ފައިސާ ބަހަން ނިންމީ ކޮވިޑް19ގެ ސަބަބުން ދަފްތަރު އެކުލުވާލުމުގައި ހުރި ދަތިތަކުގެ ސަބަބުން އެކަން ލަސްކޮށްފައިވަތީ އެވެ. އިސްލާމިކް މިނިސްޓްރީން ބުނީ މިވަގުތު ފަގީރުންގެ ގޮތުގައި ދަފްތަރުކޮށްފައި ވަނީ 8764 މީހުން ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ މާލޭގެ ދަފްތަރުން 1717 މީހަކާއި އަތޮޅުތަކުން 7047 މީހުންނެވެ.
ޒަކާތުގެ ގޮތުގައި ދެ މިލިއަން ލިބިއްޖެ
މޫސުން ގޯސްވާނެތީ ހއ ިން ފެށިގެން ޅ އަތޮޅާއި ހަމައަށް ޔެލޯ އެލާޓް ނެރެފި އެވެ. މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ މި އަތޮޅުުތަކުގެ ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. ވައިޖެހޭނެ ކަމަށް ލަފާކޮށްފައިވަނީ 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނެއްގައެވެ. އަދި ވިލާގަނޑުގައި 55 މޭލަށް ވައިގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. މެޓުން ލަފާކޮށްފައިވާގޮތުގައި ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެއެވެ. އުތުރާއި މެދުތެރޭގެ ރަށްރަށަށް ގުގުރުމާއެކު ބޯކޮށްވާރޭ ވެހޭނެއެވެ. ވިލާގަނޑުގައި 55 މޭލައި ވައިގަދަވާނެ ކަމަށާއި ކަނޑުތައްވެސް ގަދަވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ލަފާކުރެއެވެ ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް މެޓުން ބުންޏެވެ. އާންމުކޮށް ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން އިލްތިމާސް ކުރެއެވެ.
ހއ އިން ޅ އަށް ޔެލޯ އެލާޓް
ދޮންކޭލާއި އެހެނިހެން ތަކެތި ބަރުކޮށްގެން މާލެއަށް ދަތުރުކުރަނިކޮށް އިންޖީނު ހުއްޓި، މާލޭ ވެސްޓްޕާކާ ދިމާލު ތޮށިގަނޑުމައްޗަށް އަރައި ފުނޑުފުނޑުވި ދޯނިން ކަނޑަށް ދޫވި ތަކެތި އޭގެ ވެރިފަރާތާ ހަވާލުކުރުމުގެ މަސައްކަތް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ފަށައިފިއެވެ. މިއަދު ތޮށިގަނޑުމައްޗަށް އަރައި ފުނޑުފުނޑުވީ ކ. ކާށިދޫ އިން ފުރައިގެން މާލެއަށް ދަތުރުކުރި "މިންވަރު" ނަމަކަށް ރ. އިނގުރައިދޫ ދޯންޏެކެވެ. އެ ދޯނީގެ އިންޖީނު ހުއްޓި ތޮށިގަނޑު މައްޗަށް އެރި އިރު، ދޯނީގައި ހަތަރު މީހަކު ތިއްބެވެ. ނަމަވެސް އެމީހުން ވަނީ ސަލާމަތުން އެއްގަމަށް އަރައިފައެވެ. އެ ދޯނީގައި ޓަނެއްގެ ފަތް ކޭލާއި، 5000 ކުރުނބާ އާއި ގަބުޅި އަދި 1500 ކޮޕީ ފަތް ހުރި ކަމަށް މައުލޫމާތު ލިބެއެވެ. ދޯނި ތޮށިގަނޑުމައްޗަށް އަރާ، ރާޅާ ތަޅައި ފުނޑުފުނޑުވުމުން އެ ދޯނީގައި ހުރި ތަކެތި ވަނީ އޮޔާގޮސްފައެވެ. އަދި ގިނަ އަދަދެއްގެ ކޭލާއި އެހެނިހެން ތަކެތި ވަނީ އެމްޕީއެލް ބަނދަރު ތެރެއަށް ލައްގައިފައެވެ. ބަނދަރުގައި ތިބި އެމްޕީއެލް މުވައްޒަފުންގެ މަސައްކަތުން އެތަކެތި ވަނީ މޫދުން ނަގައިފައެވެ. އަދި މިހާރު އެ ތަކެތި ވެރިފަރާތާ ހަވާލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްޕީއެލް އިން ވަނީ ބުނެފައެވެ. ދޯނި މުޅިން ހަލާކުވެ، ދޯނީގެ ބައިތައް އޮޔާދާތީ، އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން އެކަމަށް ސަމާލުވުމަށް އެމްއެންޑީއެފް އިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި މިހާރު ކުރަމުންދާ ވިއްސާރައިގައި ކަނޑުތައް ގަދަވާނެތީ، ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ވެސް އެމްއެންޑީއެފް އިން ވަނީ އިލްތިމާސްކޮށްފައެވެ.
ފުނޑުފުނޑުވި ދޯނިން ދޫވި ތަކެތި ވެރިފަރާތާ ހަވާލުކުރުމުގެ މަސައްކަތް ފަށައިފި
"ޔެސް....." މިންކާ ދުވެފައިގޮސް އޭނަގެ ދަބަސް ހުޅުވާލާފައި ނެގި އިސްތަށިކޮޅެއް ބައްޕައަތަށް ދިއްކޮށްލިއެވެ. މަންސޫރުއަށް އެންމެ މުހިއްމީ ހިރާ އޭނަގެ ބޮލުގައި އެޅުވި ދަރިފުޅުގެ ހަގީގަތް ހާމަވުމެވެ. އާލިޔާ އޭނަގެ ދަރިއަކަށް ނުވަންޏާ އާލިޔާ މަންސޫރުގެ ނަން ދެވިގެން ނުވާނެއެވެ. އޭނަ އެ މައްސަލަ ކޯޓަށްވެސް ވައްދާނެއެވެ. ބައްޕަ ދިޔުމުން މިންކާ އެނދަށް ވެއްޓިގެން ބާލީހުގައި ބައްދާލިއެވެ. އޮޅުވައިލާ މަކަރުހެދުންވެސް ހުއްދައެއް ނުވާނެއެވެ. އޮޅުވައިލަނީއެއް ނޫނެވެ. ކުޑަކޮށް ވަގުތުދެނީއެވެ. އޭނަގެ އަމިއްލަ ނަފުސަށެވެ. އެހެންމީހުންނަށެވެ. މިންކާ ހިތްހަމަޖައްސައިލިއެވެ. *** އުއްމު ކުލްސޫމްއާއި ސުކައިނާ އެގެއަށް އަންނަންވާއިރަށް އާލިޔާ ތައްޔާރުވެލިއެވެ. ކުރީކޮޅު ފިނިވެ ހާސްވެގެން އުޅުނަސް ފަހުން ހަމަޖެހިލައިގެން އޭނާ ނުކުތެވެ. ހުދުކުލައިގެ އަތްދިގު މިޑީއެއްކަހަލަ ހެދުމަކާއި ޖިންސެއްލުމަށްފަހު ބުރުގާ އަޅާފައި އެއްވެސް މޭކަޕެއްނެތިއެވެ. އޭނާ ފެނިފައި ސުކައިނާ އަދި އުއްމު ކުލްސޫމް ދެލޯބޮޑުވެ ހައިރާންވިހެން ހީވިއެވެ. އެހެންވެ އާލިޔާ ރަކިވާގޮތްވެސް ވިއެވެ. އަނެއް ސޯފާގައި އިށީދެެގެން އިނީ އަޔާޒްއެވެ. "ނައިސް ޓު މީޓު ޔޫ އާލިޔާ..." އެދެމީހުންވެސް އާލިޔާއާއި ސަލާމްކޮށްލިއެވެ. "މާޒިން ނާދޭ ދެއްތޯ؟ " އަޔާޒް އަހައިލީ އަދަބުވެރިކޮށެވެ. "މާޒިން ބުނީ ނުކެރޭނެޔޯ. އެހެން އުޅުނަސް ލަދުގަންނަ ގޮތެއްވެސް ހުރޭ. ކޮބާ ތޯ އަޔާޒްގެ ވައިފް......." "އަޅުގަނޑު މަންމަގާތު..މަންމައަކީ ބަލިމީހެއް....." "ކިހިނެއްވީތޯ؟ " "ޑިމެންޝިއާ. އެހެންވެ އެކްސްޓްރާ ކެއާ ބޭނުންވޭ......." ކުދިކުދި ވާހަކަތައް ދެކެވެމުން ދިޔައިރު އާލިޔާ އިނީ ހިމޭނުންނެވެ. އުއްމުުކުލްސޫމްގެ ނަޒަރުގައި އޯގާތެރިކަމެއް ހުރިކަން އާލިޔާއަށް ފާހަގަކުރެވުނެވެ. ބޮޑާކަމެއް ނެތެވެ. ފަސްޓްލޭޑީ ތަފާތެވެ. އޭނަގެ އަަމަލުންނާއި ވާހަކަދެއްކުމުގައި ޔަގީނުންވެސް ފޮޮނިގޮތެއް ހުއްޓެވެ. އެމީހުންގެ ދަރަޖައިގެ ކުއްޖަކަށް ނުވުމުން ހަމައެކަނި ރީތިވިޔަސް އޭނަ އެހާ ގަޔާވާގޮތެއް ނުވިއެވެ. އޭނަ އާލިޔާގެ ތައުލީމުގެ ފެންވަރާއި އެކިކަހަލަ ސުވާލުކުރިއިރު އިންޓަވިއު އެއް ފަދައެވެ. "ކައިވެނީގެ ކުރިން މާޒިންއަށް މޫނު ފެންނަން ޖެހޭނެތަ؟ އެކަން އޮންނަނީ ކިހިނެއް؟ "ކުއްލިއަކަށް ސުކައިނާ އަހައިލިއެވެ. "ދިމާވި އެކްސިޑެންޓަކުން އޭނައަށް އަޅުގަނޑުގެ މޫނު ފެނިފައިވާނީ..ދީނުގައިވެސް އޮވޭ ކައިވެނީގެ ކުރިން އަންހެންކުއްޖާގެ މޫނު ފެނުން............." އާލިޔާ ބުނެދިނެވެ. "އޯ......." ސުކައިނާ ބުމަ އަރުވައިލަމުން ބުނި ރާގުން މަލާމާތްކުރީހެންވެސް ހީވިއެވެ. އިރުކޮޅެއްވާންދެެން ވާހަކަދެއްކުމަށްފަހު ތާރީޚު ކަނޑައެޅުނެވެ. އީދުވިލޭރޭ ކައިވެނި ކުރާގޮތަށެވެ. އެހާ އަވަސްވުމުން އާލިޔާގެ ހިތަށް ބިރުވެރިކަމެއްވެސް ވަނެވެ. މާ އަވަހޭ ބުނަން އުޅެފައިވެސް އޭނަ ހުއްޓައިލިއެވެ. ފަހަރެއްގައި މިއީ އެންމެ ރަގަޅުގޮތް ކަމުގައި ވެދާނެއެވެ. މާޒިން މިގޭގައި ހުންނާނެކަމަށް ވައުދުވެފައިވާއިރު ކޮންމެހެން ސްކައިޕެލެސްއަށް ދާކަށް ނުޖެހޭނެ ނޫންހެއްޔެވެ؟ ނަމަވެސް ދެން ކަންތައްވީ އޭނަ ހީކުރިގޮތަކަށް ނޫނެވެ. މާދަންރޭ ތަރާވީސްދަމަށް އެގެއަށް އަންނަން ސުކައިނާ ދައުވަތު ދިނެވެ. އެމީހުން މާ ގިނައިރުނުކޮށް ދާންވެގެން ތެދުވުނެވެ. އަޔާޒްއާއި އާލިޔާވެސް ތެދުވުނީ އެމީހުންގެ އިއްޒަތާއި ގަދަރުވެރިކަމަށް ބަލާފައި އަދަބުވެރިވުމަށެވެ. ސުކައިނާ މެން ނުކުތުމުން އާލިޔާގެ ހިމޭންކަން ފެނި އަޔާޒް ހިތްވަރުދިނެވެ. "އިރާދަކުރެއްވިއްޔާ ރަގަޅުގޮތަކަށްވާނީ. ތިއީ ކަންތައްތަކާ ކަންބޮޑުވާ ކުއްޖެއްވެސް ނޫނެއްނު. އަދިވެސް ވަގުތު އެބައޮތް. ކޮއްކޮ ބޭނުންވާގޮތެއް ބުނޭ....." އާލިޔާ ހިނިތުންވެލިއެވެ. އޭނައަށް މިހާރު ދެވަނަގޮތެއް އޮތްކަމަކަށް އޭނަ ގަބޫލެއްނުކުރެއެވެ. މިހާ ހިސާބަށް ގޮސްފައި ނޫނެކޭ ބުނުމަކީ ރީތިގޮތެއް ނޫނެވެ. އިސްތިޚާރާއިންވެސް ފެނުނީ އުފާވެރިކަމެވެ. އެކަމަކު ދެރައީ ހުވަފެނުގައި މާޒިންގެ މޫނު ނުފެނުނު ކަމެވެ. ކިރިޔާވެސް ވިސްނައިލަން މަޖުބޫރުވާ ތަންކޮޅަކީ އެގޭ އެހެން މީހުން ފެނި އަރްސަންއާއި މާޒިންގެ މޫނު ނުފެނުމެވެ. ނަމަވެސް ދެން ވާގޮތެއް ބަލާނީއެވެ. މާތް ﷲއާއި ވަކީލުކޮށްގެން ކުރިއަށް ދާން އޭނަ ނިންމިއެވެ. *** މަންސޫރު އާއި ބައްދަލުކުރަން ކޯޓުފަޓުލޫނުގައި ހުރި މީހަކު އައިސް މަޝްވަރާ ކުރަން ތިބެފައި ދިޔުމުން މަންސޫރު މިންކާއަށް ގޮވިއެވެ. އާލިޔާގެ މައްސަލަ ޝަރީއަތަށް ގެންދަން އޭނަ ވަކީލަކު ގެނެސްގެން ތައްޔާރުވަނީ ކަމުގައި ބުނުމުން މިންކާގެ ބޮލަށް އެނބުރުން އެރިއެވެ. "އާލިޔާވެސް ކޯޓަށް ދާން ޖެހޭނެތަ؟ " "ޑިޕެންޑްސް. ދަރިފުޅަށް މިއީ ބޮޑުކަމަކަށް ނުވެ ހިގައިދާނެ. އެކަމަކު މިއީ ވަރަށް ސީރިޔަސް ކްރައިމްއެއް....." "އަލުން އެމީހުން ޑީއެންއޭ ހައްދާނެތަ؟ " މިންކާ ހާސްވިއެވެ. "ހީވަނީ. ޓެސްޓްގެ ނަތީޖާ ލިބުމާއެކު ކޯޓަށް ހުށަހަޅާނަން. އަޔާޒްއާއިވެސް އަދި މި ވާހަކަ ދައްކާނަން....." މަންސޫރު ބުނެލިއވެެ. "ކުރިން އެމީހުން ކައިރީ އަދި އާލިޔާގެ މަންމަ އެހެން މީހަކަށް ހަދަން އުޅުނަސް ޝީ ވޯޒް މައި ވައިފްކަން ބުނަންވާނެ. އެމީހުންނަށް ހަގީގަތް ހާމަވާން ޖެހޭނެ..." މަންސޫރުގެ ކޮންމެ ޖުމްލައެއް މިންކާގެ ކަންފަތަށް ވިރުވާ އަޅަމުން ދިޔަ ލޮއި ފަދައެވެ. އޭނަ ބޭނުންވީ ދުވެ ފިލާށެވެ. ކޯޓަށް ގެންގޮއްސިއްޔާ ހުރިހާކަމެއް ބޭޒާރުވެދާނެއެވެ. އެންމެ ރަގަޅުވާނީ ބައްޕައަށް ހުރިހާ ހަގީގަތެއް ކިޔާދިނުމެެވެ. ނަމަވެސް އޭގެ ކުރިން އޭނަ އާލިއާ އާއި ބައްދަލުކޮށް އެ ވާހަކަތައް ހިއްސާކުރާނީއެވެ. *** އާލިޔާގެ ގެއަށް ދިޔުމަށްފަހު މިންކާ ދުރުދުރުން ސުވާލުކުރަމުންގޮސް އާލިޔާ ލައްވާ ވާހަކަ ދެއްކުވިއެވެ. އާލިޔާ ބުނީ އޭނަ ބައްޕައަކީ ކާކުކަން އެނގުނަސް ގުޅުމެއް ބާއްވަން ބޭނުންނުވާ ކަމުގައެވެ. މަންމަ އެހާ ނިކަމެތިކޮށްލާފައި އެއްލައިލި ކަމަށްޓަކައެވެ. އޭނަގެ ޔަތީމުކަމަކަށް ފަރުވާލެއް ނެތެވެ. އޭނަގެ ހިތާމައަކީ މަންމަ ނިކަމެތިވުމެވެ. އެކަމުގެ ހިތާމައިގާ މަންމަ ދުނިޔެއާއި ވަކިވެގެން ދިޔުމެވެ. އާލިޔާގެ ވާހަކަތަކުގައި ހުރި ހިތިކަމާއި އަސަރަކުން ބައްޕަގެ ހަގީގަތް އެންގުން ބުއްދިވެރިކަމަކަށް ނުފެނުނެވެ. އޭނަ ބައްޕަ ގާތުގައި ކޯޓަށް މައްސަލަ ނުގެންދަން އެދޭނީއެވެ. އާދޭސްކުރާނީއެވެ. އާލިޔާގެ ނަމުގައި މަންސޫރު އޮތަސް ބައްޕައަށް ނިސްބަތްކޮށް ކަން އެނގޭނީ ކޮން ބަޔަކަށް ހެއްޔެވެ؟ މިންކާ އަމިއްލަ ނިންމުންތައް ނިންމަމުން ދިޔައީ އިތުރު މީހަކާ މަޝްވަރާކުރުމެއްނެތި އަމިއްލައަށް ފެނުނު ގޮތަށެވެ. މަހުދީ ގާތު އާލިޔާއާއިމެދު ޝައްކުވާ ވާހަކަ ބުނެފިއްޔާ ކޮންމެ ގޮތެއް ވިޔަސް ބައްޕަ ދެކުނު ގޮތާއި ތަފާތުވާނެ ނޫންހެއްޔެވެ؟ ބައްޕައަށް ހިލޭ މީހަކަށްވިޔަސް މަންމަގެ ދަރިއެއް ވީމަ މަހުދީގެ ކޮއްކޮއަަކަށް ވާނެއެވެ. އޭނަ ފަދައިން ކޮއްކޮއަކަށްޓަކާ ކޮންމެވެސް ކަހަލަ އިހުސާސްތަކެއް ހިތުގައި ހިނގާ ބައްދަލުވެސް ކުރާނެއެވެ. ވަގުތުން ބޭޒާރުވާނެއެވެ. ބައްޕަ މަހުދީ އާއި އެވާހަކަ ހިއްސާކޮށްފާނެ ހެއްޔެވެ؟ މިންކާ މޮޔަވާވަރުވިއެވެ. އެންމެފަހުން ކެތް ނުވެގެން ގޮސް މަހުދީ ގާތު އާލިޔާއާއި މާޒިން ކައިވެނި ކުރަން އުޅޭ ވާހަކަ ބުނެލިއެވެ. "ދެޓް ބި....." މަހުދީ އެގޮތަށް މުޚާތަބު ކުރުމުން މިންކާ ރުޅި އަންނަގޮތްވިއެވެ. "ޔޫ ވިލް ރިގްރެޓް ދިސް....." "އެއީ ކީއްވެތަ؟ " މަހުދީ ހިނި އައެވެ. "އެހާ ރަގަޅު ކުއްޖަކަށް ތިހާ ހުތުރުކޮށް އެއްޗެހި ކީމަ....." "މަންކީ ހަދާން ނެތުނީތަ؟ އެކަހަލަ ޓެރަރިސްޓު ބައިގަނޑަކާ ހެދި މީރާ ދުނިޔެއާ ވަކިވީ. އަހަރެން ދުއާވެސް ކުރާނަން. ތި ކައިވެނި ކުރެވުނަސް ވަރުގަދަ ލަނޑެއް ލިބި މީރާއަށްވުރެ ހިތްދަތިކޮށް މަރުވެގެންދާން. ޔޫ ނޯ ވަޓް. އެ ކަހަލަ މީހުން މަގޭ އަތުން އަދި މަރުވާނެ..." މަހުދީ ފާޑަކަށް ބުނެލިގޮތުން މިންކާގެ ގައިން ހީބިހިނެގިއެވެ. "ދެން ހަމަ މީހުން ގަތުލުކުރާ މީހުންގެ ފެންވަރަށް ދޮންބެ ވެއްޓެން ޖެހޭތަ؟ އެހެން މީހުން މަރާ ވާހަކަ ތިދައްކަނީ........." "ތިހިރީ ރީއްޗަށް ބްރެއިން ވޮޝްކޮށް އެ ސިކް ކަލްޓަށް ވައްދާފައި ދޯ. ދެޓްސް ޑިސްގަސްޓިން. ޓެރަރިސްޓުންނާއި ގުޅިގެން އުޅޭއިރު މީރާއަށް އެމީހުން ހެދިގޮތް ހިތަށް އަރުވަންވާނެއްނު. ތި އާލިއާއަކާއި އެކު އުޅެން ހަދައިގެން ލަނޑެއް ލިބުމުގެ ކުރިން މިކަންތައް ހުއްޓުވަންވީ ކަންނޭގޭ. މިންކް އައިމް ސީރިޔަސް. އެކުއްޖާއާއި ދުރުން އުޅޭ..." މަހުދީގެ ލޮލުން ފެނުނު އިންޒާރަކުން މިންކާގެ ގައިން ހީބިހި ނަގައިލިއެވެ. "އާލިއާއަކީ ކާކުކަން އެނގޭނަމަ..." މިންކާ ހިތާހިތުން ކިޔައިލިއެވެ. "ހެހެ...." މިންކާއަށް ހެވިއްޖެއެވެ. "ވަޓް؟ "މަހުދީ ހައިރާންވިއެވެ. "ފަހުން ބުނާނަން މިހާރަކު ނޫން...." މިންކާ އޭނަގެ ސިކުނޑީގައި ސުވާލުމާކުތައް ޖައްސާފައި ދިޔުމުން މަހުދީ ދެއަތް އުފުލާލާފައި ތިރިކޮށްލިއެވެ. މިންކާގެ މިޒާޖާ ނުގުޅޭ ބީރައްޓެހި އާދަތައް އޭނަ ހައިރާންކުރުވައިފިއެވެ. ސިއްރުވެރިކަމެއް އެބަހުއްޓެވެ. މިންކާގެ ހުންނަ ގޮތަކުން އިތުބާރުކުރެވޭކަށްވެސް ނެތެވެ. އޭނައަށް ހީވީ ހުވަފެނެއްގައި އުޅެވޭހެންނެވެ. މާޒިންއާއި މީރާ ނުލާހިކު ލޯބިން އުޅެނިކޮށް ކޮއްކޮ ނިޔާވުމުން މާޒިންވެސް މިއުޅެނީ ހަމަނުޖެހޭ ކަންތައް ކުރަންވެގެންނެވެ. އާލިޔާ އެ ޕޭޖް ހުއްޓާލައިފިއެވެ. އެނިމުނީ ނޫންހެއްޔެވެ؟ އެހެންނޫނަސް އެހެނޭ ކިޔާފައި އަދި ކައިވެންޏަކުން ޓެރަރިޒަމްއެއް ނުހުއްޓުވޭނެއެވެ. މާޒިންގެ ބައްޕައަކީ ގައުމުގެ ހުންގާނުގައި ހަވާލުވެގެން ހުރި މީހާއަށް ވީހިނދު ކުރެވޭނެ ބައިވަރު ކަންތައްތަކެއް ހުންނާނެއެވެ. ޓެރަރިސްޓުންގެ ހާލިތައް ނައްތާ އެމީހުން އިސްލާހު ކުރަން ރަށަކަށްވެސް ލެވިދާނެއެވެ. އޭނަ މާޒިންއާއި އާލިޔާގެ ކައިވެނި ކޮންމެވެސް ގޮތަކުން ހުއްޓުވާނީއެވެ. މާޒިންއާއި އަރްސަން އެ ކުޅިގަނޑު ނުކުޅެ ރީތިކޮށް ދިރިއުޅުނިއްޔާ މާ ރަގަޅެވެ. ނިގާބީއަކު ވައްދައިގެން މި ގަނޑު ގަންނަން ހަދާނެ ކަމެއް ނެތެވެ. ތިމާއަށް ނުބައި ރޭވުންތައް ރޭވެމުން ދިޔައީ ތިމާއާއި ލޭގެ ގޮތުން ގުޅިފައިވާ ކޮއްކޮއާއި ކަމެއް މަހުދީއަކަށް ނޭގުނެވެ. އަދި ދީނަށް އުޅުމަކީ ޓެރަރިސްޓަކަށް ވުން ނޫންކަމެއް ވެސް މަހުދީއަކަށް ނޭގުނެވެ. ބައެެއް މީހުން ހުރިހާ މުސްލިމުންނަކީ ޓެރަރިސްޓުންގެ ގޮތުގައި ލޭބަލް ކުރާފަދައިން މަހުދީމެންނަށްވެސް ވެގެން އުޅެނީ އެފަދަ ގޮތެކެވެ. *** އަޔާޒްއާއެކު ސްކައި ޕެލެސްއަށް ވަދެފައި ކަންބޮޑުވެ އޭނައަށް ދޮންބެ އަތުގައި ހިފަހައްޓާލެވުނެވެ. "މިގެއަށް ވަންނަންވީމަ ވަރަށް އަންކޮމްފޮޓަބްލް..." "އެހެންވެސް ވެދާނެ. ކޮންމެވެސް ދިމާލަކުން މިއުޒިކް އަޑުއިވޭތީ. ކިތަންމެ ބަލައިލަން ރީއްޗަށް މުއްސަދިވިޔަސް އެގެއެއްގައި ބަގަރާ ސޫރަތް ނުކިޔަވާ ގެއެއްގައި ޝައިތާނުންނަށް ފުރުސަތު އޮންނާނެ. އަދި އެގެއެއް ވާނީ ގަބުރުސްތާނެއްފަދަ ތަނަކަށް. އިރާދަކުރެއްވިއްޔާ މިގެއަށް އައުމަށްފަހު އާލިޔާގެ ފަރާތުން މިގޭގެ މެމްބަރުންނަށް ދީން ދަސްވެ ހިދާޔަތް ލިބިއްޖެއްޔާ ހުރިހާ ކަމެއް ބަދަލުވެދާނެ. ކޮއްކޮއަށް ކިހާ ސަވާބެއްވެސް ލިބޭނެ. ޔޫރަޕްގައި އުޅެ ބޮޑުވީމަ ދީން ނޭގިފައި ތިބީކަމަަށްވާނީ. އަހަރެމެންގެ ރައީސް ފެމިލީ ދީނަށް އުޅެންޏާ އެންމެންވެސް އަދި ކިހާ ލޯބިވާނެ. ސޯ ރަގަޅު މަސައްކަތެއް ކޮއްކޮއާއި ހަވާލުވީ..." އަޔާޒް ބުނެލިއެވެ. "ނޫން. އެމީހުން ބުނާނީ ހައްދު ފަހަނަޅާ ދަނީއޭ.." "ދެއާސް އެ ޑިފެރެންސް. އެމީހުންނަށް އެކަން ވިސްނާދީ. ގުރުއާނައި ސުންނަތަށް އުޅުން ހަރުކަށިކަމަށް ދެކެންޏާ ދެން އެމީހާ ނަމެއްގައި މުސްލިމަކަށް ހުރުމުގެ މާނައަކީވެސް ކޮބާ.. ކޮއްކޮ އެމީހުންނާ އެކު އުޅެން ފެށީމަ ގުރުއާނާއި ސުންނަތަށް ފޮލޯ ކުރަން ދަސްވާނެ. އޭރުން ދީނަށް އުޅުމަކީ ޓެރަރިސްޓުންނަށް ވުން ނޫންކަން އެނގޭނެ. އެކަން ވަރަށް މުހިއްމު...." އާލިޔާމެންގެ އިންތިޒާރުގައި ހުރި ސުކައިނާ ފެންޑާއަށް ނުކުތީ އެމީހުންނަށް މަރުހަބާ ކިޔުމަށެވެ. މިޑީއެއްފަދަ ގަޔަށް ބާރު ހެދުމަކާއެކު ބާރު ޓައިޓެއް ލާފައި ކުޑަކޮށް މޭކަޕްކޮށްލާފައި ހުރިއިރު ތަފާތު ރީތިކަމެއް ފެންނާން ހުއްޓެވެ. ދެއްކުންތެރި ގޮތަކަށް އާލިޔާގެ ގައިގާ ބައްދައިލުމަށްފަހު ތުންފަތަށް ފުޅާ ހިނިތުންވުމެއްވެސް ވެރިކޮށްލައިފިއެވެ. "މަރުހަބާ ޑޮކްޓަރ އަޔާޒު އަދި އަހަރެމެންގެ ވާން އުޅޭ ޅީ ދަރިފުޅު އާލިޔާ...އަވަހަށް ވަންނަވާ..." ސުކައިނާ ދޮރު ހުޅުވައިލަދިނެވެ. ޔަގީނުންވެސް އަޑުގައި މަލާމާތުގެ ފާޑެއް ނެތެވެ. ގޭތެރެ ފެނުމުން އާލިޔާވެސް ލޯތަރަ ތަރަ ޖަހައިގެން ދިޔައެވެ. އާލިޔާމެން އުޅުނީ މެދުމިނުގެ ދިރިއުޅުމެކެވެ. ފަގީރުންނެއް ނޫނެވެ. ނަމަވެސް މިގެއަށް ވަނުމުން ތަނަވަސްކަމާއި ޒީނަތްތެރިކަން އަދި ޝާހީކަމާއި ޑިޒައިންކޮށްފައިވާލެއް ރީތިކަންފެނި ހައިރާންވިއެވެ. ތަނުގެ ފިނިކަމާއި އޭސީއާއި ލާމެހިފައިވާ އަރާމު ވަސް ހިއްސުތަކާއި ކުޅުވިއެވެ. އޮފްއަރާ މާބްލަތަކާއި ބިއްތަކުގައިވާ ކުރެހުންތައްވެސް އަގުބޮޑުވާނެ ވަރު އަންދާޒާކޮށްލެވުނެވެ. މިފަދަ ރާހަތް ތައް ލިބުމުން ގިނަފަހަރަށް އާޚިރަތާއިމެދު ޣާފިލުވެސް ވެވޭނެއެވެ. ބޮޑެތި ސޯފާގެ މަޑުކަމުގެ ތެރެއަށް ގެނބެވުމުން ދިޔައިރު އާލިޔާގެ ހިތް ތެޅެމުން ދިޔައީ ނުބައިގޮތަކަށެވެ. މިގެއަށް ވަނުމުން ޝާހީކަމާއި ދެއްކުންތެރިކަން ފެނި އޭނައަށް އެންމެ ހިތްހަމަޖެހޭ މާހައުލު ބާވައޭ ހިތަށް އެރިއެވެ. "މިގެއަށް ޒިޔާރާތްކުރުމުން އަދި މައްސަލައެއް ނޫނެއްނު. މިހާ މުއްސަދިކޮށް އުޅޭ ބަޔަކާއެކު އުޅެން ވަރަށް އުދަގޫވާނެ. މިފަދަ ލެވިޝް ލައިފްއަކަށް ހިތް ތައްޔާރެއްވެސް ނޫން......" އާލިޔާ ނުތަނަވަސްވެ ހާސްވާންފެށިހެން ހީވިއެވެ. ބޮޑަށް އެހެން ހީވާންފެށީ ރައީސް ވަޑައިގަންނަވާތަން ފެނިފައެވެ. އޭނަގެ މަންމައާއި ބައްޕައާއެކު ގައެވެ. އަދި ސުކައިނާއާއި ޖިބްރީލްއާއި މާޒިންވެސްމެއެވެ. ރައީސް ހުންނެވީ ގަމީހަކާއި ފަޓުލޫނެއްގައެވެ. ރަސްމީކަމެއް ނެތަސް އޭނަގެ ޝަޚުސިއްޔަތުން އަސަރުކުރުވާފަދަ ގޮތެއް ހުއްޓެވެ. ރަސްމީ ތައާރަފަކަށްފަހު ވާހަކަދެއްކެން ފެށިއިރުވެސް ހީވަނީ ހަމަ ރައީސްގެ ރަސްމީ ބައްދަލުވުމެއް ހެންނެވެ. ރައީސް މައިމޫންއާއި ރައީސްގެ ބައްޕަ އަދި އަޔާޒު ކޮންމެވެސް ވަރަކަށް ދީނީ ވާހަކަތައް ދެއްކިއެވެ. އެހެންމީހުން ހިމޭންކަމާއެކު އަޑުއަހަން ތިއްބެވެ. އަޔާޒްއަށް ފުރުސަތު ލިބުމުން ދީނާއި ޓެރަރިޒަމްގެ ވާހަކަ ދެއްކިއެވެ. ދީނަށް އުޅޭ ކޮންމެ މީހަކީ ނިރުބަވެރިއެއް ނޫންކަމަށް ބުނެ އަޔާޒު ވާހަކަދެއްކިއެވެ. "މިއީ އެއްގޮތަކަށްވެސް ގުޅޭ މާހައުލެއްނޫން. ވަރަށް ސްޓްރޭންޖް. އެންމެން ދެން ވަރަށް ރަސްމީ..." އާލިޔާގެ ވިސްނުން ހުރިހާ ދިމާލަށް ދަތުރުކުރިއެވެ. އެންމެން ހެދުން އަޅާފައި ތިބި ހެދުމަށެވެ. ސްޓައިލިޝް އަގުބޮޑު ބްރޭންޑްގެ ހެދުންތަކެވެ. މާޒިންގެ އަތުގައި އެއޮތް ގަޑީގެ އަގުވެސް ލަފާކޮށްލާކަށް ނޭގެއެވެ. މިހާ ދުވަހު އާލިޔާ ފަހަރެއްގައިވެސް މިގެއާއި މާޒިންގެ އާއިލާގެ ޝާހީކަމާއި މުއްސަދިކަން މިގޮތަށް ޚިޔާލަށް ގެނެސްފައެއް ނެތެވެ. ރައީސްގެ އަންހެނުންނާއި ދަރިންގެ ވާހަކަަތަކުން މީސްމީޑިއާ ފަޅުފިލުވާއިރު އޭނަގެ ޚަބަރުތައް ގެނެސްދާނެކަމަކަށް ހީކޮށްފައެއް ނެތެވެ. "ރައީސްގެ ޅީދަރިއަށް ވުމުން އާލިޔާގެ ޒިންމާތަކެއް ވާނެތާ. ބައެއްމީހުން ސޯޝަލް މީޑިއާގައި އަޅުގަނޑުމެންވެސް ދީނާއި ދެކޮޅުކަމަށް ދައްކާ ވަރަށް އެއްޗެހި ގޮވާލައޭ. އާލިޔާ މިގެއަށް ގެނައުމުން އެމީހުންގެ ދޫތައް ބަންދުވާނެ. އާލިޔާއަށްވެސް ޗެރިޓީ ކަންތަކުގައި އުޅެ ދީނީ އެހެން ކަންތައްތައް ވެސް ޕްރޮމޯޓްކުރެވޭނެއްނު. ޑޯޓާ އިން ލޯ އޮފް ދަ ޕްރެޒިޑެންޓަށް ވުމަކީ އާދައިގެ ކަމެއް ނޫން............." ސުކައިނާގެ ޖުމްލައިން އަދި އާލިޔާގެ ނޭވާވެސް ހުއްޓުނެވެ. އާލިޔާ ބޭނުންވީ ދުވެ ފިލާާށެވެ. "އަޅުގަނޑު ދީނަށް ކޮށްދެވެން ހުރި ކަމެއް ކޮށްދޭނަން...." އާލިޔާ މަޑުމަޑުން ބުނެލިއެވެ. އޭނަ ފަހަރެއްގައިވެސް މިގޮތަށް ސިޔާސީ ވާން ޖެހިދާނެކަމަކަށް ވިސްނާފައެއް ނެތެވެ. އޭނަ މި ކައިވެންޏާއި ގަބޫލުވީ އިސްތިޚާރާ ކޮށްފައެވެ. ހިތްވެސް ހަމަޖެހުނެވެ. ނަމަވެސް މިހާރު ވިސްނުނީ އަދި މިއީ އާދައިގެ ކައިވެންޏަކަށްވުރެ ބޮޑަށް މަޝްހޫރު ކައިވެންޏަކަށްވެ އޭނަގެ ނަންވެސް ފަހަރެއްގައި ނޫސްތަކުގައި ލިޔަން ފަށާފާނެކަމެވެ. "ސުބުހާނަﷲ. ޔާﷲ ހެލްޕް މީ......" އާލިޔާ ހިތް ހަމަޔަކަށް އަޅުވަން މަސައްކަތްކުރިއެވެ. އެހެން ދުވަހު މާޒިން ފެނުމުން ނުކުރެވޭ އިހުސާސްތައް މިއަދު އެބަ ކުރެވެއެވެ. ސަބަބަކީ މިހާރު ދެން ކައިވެންޏަށް ރަންކިޔާދުވަސް ޖެހި އޭނަގެ ފިރިމީހާގެ ގޮތުގައި ދިރިއުޅުމަށް އަންނަން އުޅޭ ތީއެވެ. ކުރިން ފެންނައިރަށް ޒުވާބެއްކޮށް އަރައިރުންވިޔަސް މިހާރު ދެން މައިތިރިވާން ޖެހިއްޖެއެވެ. ކެއުމުގެ ވަގުތުގައި ފުދޭވަރަކަށް ސަމާސާކުރެވުނެވެ. "ދެން މިހާރު އާލިޔާ މޫނު ނުފޮރުވިޔަސް އޯކޭއެ. މިއީ ފެމިލީނު. ދެން ރަގަޅަށް ނުވެސް ކެވޭނެއްނު......" މާޒިން އާލިޔާއާއި ދިމާކޮށްލިއެވެ. "ތެދެކޭ އާލިޔާ. ޔޯ ޕްރިޓީ ފޭސް ޝުޑް ނޮޓް ބީ ވެއިލްޑް. ހަނދަށް ވިލާގަނޑެއް އެޅި ފޮރުވުންފަދަ..." ސުކައިނާގެ އެ ޖުމްލައިން އަދި އާލިޔާ ވަކިން ލަދުގަތެވެ. "މަންމައަށް އެނގިވަޑައިގަންނަވާތޯ؟ އާލިޔާގެ ލޯ ހަމަ މަންމަގެ ލޯ ފަދަ.....މަންމަގެ ރީތި ރީތި އަޅި ދެލޯ...." "ތިއްތިގެ ވެސް.." މާޒިން އެއް ލޯ މަަރައިލިއެވެ. "މާޒިންގެ ޗޮއިސް ހަމަ ރަގަޅު ދަރިފުޅާ...." ކާފަ ބުނުއްވިއެވެ. "ކާފައަކީ އަޅުގަނޑު އެންމެ އިންސްޕަޔާ ކުރުވި ފަރާތްވީމަ ހުރިހާ ކަަމަކުން ކާފަ ފޮލޯކުރަން ނިންމީ. މާމައާއި ވައްތަރު ވައިފްއެއް ގެންނަން ނިންމީވެސް އެހެންވެ" "ކޮބާ ތިއްތި؟ ކީއްވެ ނައީ؟" އުއްމު ކުލްސޫމް އެހިއެވެ. "ރާހިލްވެސް މި ދުވަސްކޮޅު ނުވެސް ބުނެ ކޮން ގައުމަކަށް ދިޔައީ؟ " "އުމްރާއަށްހެން ވެސް ހީވޭ...ރާހިލް ދީނީ ކުދިންނާއިއެކު އުޅޭ ދުވަސްކޮޅެއް.." ސުކައިނާ އެހެން ބުނެލިއިރު މޫނުގައި އުފާވެރިކަމެއް ނެތެވެ. ކުޑަކޮށް ބޯ ހޫރައިލީވެސް ހިތްހަމަނުޖެހިފައިވާ ކަހަލަ ގޮތަކަށެވެ. އޭނަ އެންމެ ދެރަވަނީ ރާހިލް ދީނަށް ލޯބިކުރާކަމަށް އަޑު ފެތުރެންފެށީމައެވެ. ދީނަށް ލޯބި ކުރަމުންގޮސް "ޖިހާދު" އަކަށް ދަރިފުޅު ފޮޮނުވަން ސުކައިނާގެ ހިތަކަށް ކުޅަދާނައެއް ނުވާނެއެވެ. ރާއްޖޭގެ އެއްވެސް މަޔެއްގެ ލަނގޮޑިއަށް ކެތް ކުރެވޭނެކަަމަކަށް އޭނަ ގަބޫލެއް ނުކުރެއެވެ. "ސޭމްވެސް ފްރެންޑެއްގެ ދައުވަތަކަށް ދިޔަގޮތަށް އަދި ނާދޭ.." އެކި މީހުން އެކި ވާހަކަތައް ދައްކަމުން ދިޔައިރު އެންމެން ހިމޭނުން އިނީ އާލިޔާއެވެ. ނިގާބުގެ ތެރެއިންވެސް އެންމެ ފަހަރަކުވެސް އޭނަ މާޒިންއަށް ނަޒަރު ހުއްޓައެއް ނުލިއެވެ. ކެއީ ކުޑަކޮށް ފޮތިކޮޅު ހިއްލާލައިގެންނެވެ. މިގޮތަށް ކާންވުމުން ފަސޭހައެއް ނޫނެވެ. ހަމަޖެހިލައިގެން ކައިލެވޭނީ އަމިއްލަ ގޭގައި އަމިއްލަ މޭޒުދޮށުގައެވެ. އާލިޔާގެ ހިތް ނުތަނަވަސްވާން ފެށުމުން ގުރުއާންގެ އާޔަތްތައް ހިތަށް ގެނުވައިގެން އޭނަގެ ހިތަށް ތަސައްލީ ހޯދާ ހިމޭންކުރުވިއެވެ. ނުތަނަވަސްކަން ފިލުވައިލިއެވެ. ކެއުމަށްފަހު ދެން އޮތީ ކައިވެނީގެ ފޯމު ސޮއިކުރުމާއި ރަންކިޔުމުގެ ބަޔެވެ. އެއަށްފަހު އަންހެންވެރިން ވަކި ބަޔަކަށް ގޮސްފައި އާލިޔާ ދެން މޫނުބުރުގާ ނެގިއެވެ. އުއްމު ކުލްސޫމް ތައުރީފުކުރިއެވެ. މޫނުގެ އަލިކަން ފާހަގަކުރިއެވެ. ދޮންވިޔަސް މޫނުގައި މައުސޫމްކަމާއި އަލިކަން އެންމެންގެ ނުހުންނާނެކަމުގައި ބުނެލިއެވެ. ވާހަކަދައްކަން ފެށުުމުން އާލިޔާވެސް މާމަ މަތިން ހަދާންވެ އުއްމުކުލްސޫމް ދެކެ ވީ ޖެހިލުން ކެނޑިގެން ދިޔައެވެ. މާމަ ފަދައިން ހިތް ހެޔޮ އޯގާތެރި އަންހެނެކެވެ. މުއްސަދިންގެ ތެރޭވެސް ހިތްތިރިމީހުން އެބައުޅޭތާއެވެ. ޔަގީނުންވެސް އެންމެ ހިތްހަމަޖެހިގެން އާލިޔާއަށް އުޅެވުނީ އުއްމުކުލްސޫމްއާއި ސުކައިނާއާއި އެކު ވަކި ކޮޓަރިއެއްގައި އިނދެ ވާހަކަ ދައްކައިލެވުނީމައެވެ. އާލިޔާ އޭނަގެ މާމަގެ ވާހަކަވެސް ދެއްކިއެވެ. ސުކައިނާ ހިތުގައި ހަސަދަވެރިކަމާއި ރުޅިވެރިކަން ފުރިގެން އަރާ ވަރުވިޔަސް އޭނަ ބޭރުފުށުން މެހުމާންދާރީ އަދާކުރީ ނިކަން ރަގަޅަށެވެ. އެހެންވުމުން އާލިޔާއަށް އުފާވެރިކަން އިހުސާސްކުރެވުނެވެ. އެންމެންގެ ނިޔަތުގެ ނުބައިކަން ނޭގި އާލިޔާ ކުރިއަށް އެޅީ ބޮޑު ފިޔަވަޅެކެވެ. *** ޖެހިގެން އައި ދުވަހު އާލިޔާ ފިހާރައިން އެއްޗެއް ގަނެގެން އަންނަނިކޮށް މާޒިންއާއި ދިމާވިއެވެ. މާޒިން ހުރީ ކާރެއްގެ ކައިރީގައެވެ. ކާރުތެރޭ ތިބި ބަޔަކާއި ވާހަކަދައްކަން ދޮރު ހުޅުވާލައިގެންނެވެ. އޭނަ ފެނިފަ މާޒިން ގޮވައިލިއެވެ. މާޒިން ކާރުން ނެރުނީ ނިކަން ކުޑަ ކުޑަ އަންހެންކުއްޖެކެެވެ. ފަންއިސްތަށިކޮޅު ކުރުކޮށް ކޮށާލަފައިވާއިރު އެކުއްޖާގެ ކުޑަކަމާއި ނާޒުކްކަމުން މަލެއްފަދައެވެ. ލޯބިކަމުގެ އިންތިހާއެވެ. އެންމެ ކުރިން ހީކުރެވުނީވެސް ދެއަހަރު ނުވާ ތުއްތު ކުއްޖެއް ކަމުގައެވެ. "މިއީ ލިލީ. ފެމިލީގެ އެންމެ ކިއުޓް ސްޕެޝަލް ކުއްޖާ. އަދި ދުނިޔޭގައި ހުރި އެންމެ ޓައިނިއެސްޓް ގާލް ދޯ. ލިލީއަށް ތި މޫނުކޮޅުވެސް ދައްކަބަލަ ބިރުނުގަންނަވާ. ލިލީއަށް އާލިޔާ ފެންނާނީ މޮންސްޓާ އެއްހެން.........." މާޒިން ސަމާސާކޮށްލިއެވެ. "ބިރެއް ނުގަނޭ ދޯ ބޭބީ......." އާލިޔާވެސް ކަންބޮޑުވީ އޭނަގެ މޫނު ނުފެނުމުން މިކުއްޖާ ބިރުން ރޯން ފަށާފާނެތީއެވެ. އެ ތުއްތު އަތުގައި އަތް ޖައްސާލުމާއެކު ތަފާތު އިހުސާސެއް ކުރެވުނެވެ. ޚާއްސަ ލޯތްބެއް ހިތުގައި އުފަންވިއެވެ. ޕްރައިމޯޑިއަލް ޑްވާފުންނާއި ބެހޭގޮތުން އޭނަ ކުރިއަކުން ނުދަނެއެވެ. އެކަން އެނގުނީ މިންކާގެ ފަރާތުންނެވެ. މާޒިންގެ އާއިލާގައި އެފަދަ ކުއްޖެއް ހުންނަކަން އެނގުނަސް ދިމާވީ އަލަށެވެ. "ކާކުގެ ކުއްޖެއް؟ "އާލިއާއަށް އަހާލެވުނެވެ. "މަގޭ ދަރިއެއް...." މާޒިން ހީލިއެވެ. "މަންމައެއް ހުންނާނެއްނު..." "މަންމަ ވާނީ އާލިއާއަކަށް ނު....." މާޒިން ހުރީ ސަމާސާ މޫޑެއްގައެވެ. އާލިއާއަށްވެސް ހެވިއްޖެއެވެ. "ސީރިއަސްކޮށް ބުނެފާނަންތަ....." "އޯކޭ. ލިލީއަކީ ވައިސް ޕްރެޒިޑެންޓް ތައިމޫރުގެ ކާފަ ދަރިފުޅު. ލިލީގެ ބައްޕަ ކާރުގައި މިއިނީ. އެކަމަކު އޭނައަކީ ޑެވިލް އެއް ސޯ ތިހާ ދީންވެރި ކުއްޖަކު އިންޓްރޮޑިއުސްކޮށްދޭކަށް ނުކެރޭނެ........." މާޒިން އެއްލޯ މަރައިލިއެވެ. "ފޫހި މާޒިން އެއް..." އާލިޔާ ހިނި އައެވެ. އޭނަ ގުދުވެލާފައި އެކުއްޖާ އުރާލިއެވެ. ލުއިކަމުން ފަތްކޮޅެއްފަދައެވެ. މިކުއްޖާ ބޮޑުވީމަވެސް ހުންނާނީ މިހެން ލޯބި ނާޒުކް މަލެއްހެންނެވެ. މިކަހަލަ ކުދިން މަދުކަމުން ބައެއްފަހަރު ޑޮކްޓަރުންނަށްވެސް މިފަދަ ކުދިން ދުށުމުގެ ނަސީބު ނުލިބިތިބެއެވެ. އެފަދަ ކުދިންނާމެދު މައިންބަފައިންގެ ކަންބޮޑުވުންތައް ހުރެއެވެ. އެކުދިންނަށް ދިމާވާ ގަނާގެ އިތުރުން ބޮޑުވުމުން މީހުންނާއި ކައިވެނިކޮށް ދަރިން ލިބޭނެތޯ އާއި އެކަހަލަ ވަރަށް ގިނަސުވާލު ހިތުގައި އުފެދޭނެއެވެ. ތައިމޫރުގެ ދަރިފުޅަކީވެސް އިސްކޮޅުން މިހާ ކުރުކޮށް ހުންނަ ކުއްޖެއްހެއްޔެވެ.ނޫނީ އަންހެނުންނަކީ މިކަހަލަ ކުއްޖެއްހެއްޔެވެ. ލިލީގެ މަންމައަކީ އާއިޒާ އަދްނާން އޭ މިންކާ ބުނި ހަދާނެއް ވެއެވެ.އެތައް ސުވާލެއް އުފެދުނެވެ. އާލިޔާ ލިލީއާއި ވާހަކަދެއްކިއެވެ. ލިލީގެ އަޑުގެ ޅަކަމާއި އެހެރަ ލޯތްބަކުން އާލިޔާގެ ހިތް ވިރިގެން ފޭބިއެވެ. ލޮލަށް ޖަމާވި ކަރުނަތައް ކޯތާފަތުން ތިރިއަށް ދެމިގަތެވެ. އަތު ތެރޭ ބޮނޑިކޮށްލެވުނެވެ. "މާޝާﷲ ކޮންފަދަ ލޯބި....." އާލިޔާ ބުނެލިއެވެ. "ބުނީމެއްނު އެންމެ ކިއުޓް ކުއްޖާއޭ...." މާޒިން ލިލީގެ އަތުގައި ހިފައިލިއެވެ. އާލިޔާއަށް ފަހަގަކުރެވުނީ ލިލީގެ މުޅި އަތްވެސް މާޒިންގެ އަތްތިލަ ވަރުވެސް ނުވާކަމެވެ. ކުޑަ ތަމްބްލީނާއެކެވެ. މާޒިން އެކުއްޖާ ކާރަށް އަރުވަން އުޅެނިކޮށް އާލިޔާ ލިބުނު ފުރުސަތުގައި ދަނީ އޭ ބުނެލާފައި ގެއާއި ދިމާލަށް ފިޔަވަޅުތައް އަވަސްކޮށްލިއެވެ. އޭރުވެސް ލިލީގެ މަންމައާއި ބައްޕައާއިމެދު އޭނަގެ ހިތުގައި ޝައުގުވެރިކަން އުފެދިފައިވިއެވެ. މާޒިން "ޝޭން" އޭ ކިޔާފައި ލިލީގެ ބައްޕައާއި މުޚާތަބު ކުރިހެން އާލިޔާއަށް ހީވިއެވެ. *** އާލިޔާ ގެއަށް ވަންއިރު އެންމެ ކުރިން ދިމާވީ މިންކާއާއެވެ. މިންކާ އިނީ ދެރަވެފައެވެ. އޭނަ ދެއްކީ ރޭ ކޮންމެވެސް ކުއްޖަކު ނަގާފައި ހުރި ފޮޓޯއެކެވެ. ރޭ އުދަރެހަށް އަރާފައިވާ ފަދަ ރީތި ފިޔާތޮށިކުލައެއް ދުވަހަކު ނުދެކޭކަމަށް ބުނެ އެތައް ކޮމެންޓެއް ހުއްޓެވެ. ދެން އޮތީ ހެނދުނު އިންސްޓާކޮށްފައިވާ ފޮޓޯތަކެވެ. އާލިޔާ. ރޭ އެވަރަށް ނަސޭހަތް ދިނީމަވެސް އައި މެސްޑް އަޕް. ސަން ރައިޒިން ވިތްއައުޓް ރޭއިސް އަކީ ލައިލަތުން ގަދުރުވިލޭރޭގެ ނިޝާނެއްކަމަށް ބުނެއެއްނު. މިހިރީ ހަމަ އެގޮތަށް........" މިންކާ ދެއްކީ ފޮޓޯތަކެކެވެ. "އަދާވެސް ބުނި ރޭ ދޭއް ޖެހިއިރު އަޔާޒު އޭނަވެސް ތެދުކޮށް އިރުއަރަންދެން ނަމާދުކޮށް ގުރުއާން ކިޔަވާ ޒިކުރުކޮށް ދުޢާކުރި ވާހަކަ. އައިމް ސޯ އަޕްސެޓް..ވަރަށް ރިގްރެޓްކޮށްފިން. އަސްލު ރޭ ކަމަކާ ބޯ ގޮވީއޭ. އަދި ނުވީތާކަށް ދޮންބެއާއި ފާޑެއްގެ ޒުވާބެއްގައި ޓައިމް ވޭސްޓްކޮށްލެވުނީ. ސްޓޯރީއަށް ހުރި ކޮމެންޓްތައް ފެނި ރިޕްލައި ކުރެވި ދެން ރެއާއި ނުގުޅޭ ކަންތައްތަކެއްގައި ވަގުތު ނަގައިލެވިއްޖެ. އާލިޔާ ބުނިގޮތަށް ހެދުނުނަމަ. އާލިޔާ ބުނިހެން އެންމެ ބޮޑަށް ރިގްރެޓް އަދި ކުރާނީ ކަށްވަޅުގައި ހޭލެވޭ ހިނދުކަން ނޭގޭ......." "ދެރަ ނުވޭ. ކުޑަ މިންވަރަކަށް އަޅުކަން ކޮށްލެވުނަސް އެއީވެސް އިރާދަކުރެއްވިއްޔާ ހަމަ ހެޔޮކަމެއް އެކުރެވުނީ. ލައިލަތުލްގަދުރު ވެއްޖެއްޔާ އެ ސަވާބު މަލްޓިޕަލްވާނެ. ދުނިޔޭގައި ތިބެއްޖެއްޔާ އަދިވެސް އީދުޖެހެން ތިން ރޭ އެބައޮތް. އިފްތާރުގަޑީގައި ފާފަ ފުއްސެވުން އެދި ދުޢާކޮށް ތައުބާވެ ބާކީއޮތް ދުވަސްތައް ރަގަޅުގޮތުގައި އުޅެން އަހަރެމެން މަސައްކަތްކުރަމާ. ރޯދަމަހުގެ ހުރިހާ ރެއެއްގައިވެސް އަޅުކަން ކުރަންވާނެ. ރޯދަމަސް ނިމުނަސް ހުއްޓާލާނީއެއްނޫނެއްނު. ލައިލަތުލްގަދުރުހާ މާތް ބަރަކާތްލެއްވިގެންވާ ރެއެއްނެތް. އެއީ ދަ ނައިޓް އޮފް ޑިކްރީ. އެހެންވެ ދުޢާ ކުރުން ގިނަ ކުރަން އޮންނަނީ. ދުޢާގެ ސަބަބުން އެމީހެއްގެ ތަގުދީރުގައި ލިޔުއްވާފައި ވާ ކަންތައް ބަދަލުވެސް ވެދާނެ. އަދި އެއީ ގުރުއާން ބާވައިލެއްވުނުރޭ. އެރޭ ކުރާ އަޅުކަންތައްތައް އެތައް އަހަރެއްގެ އަޅުކަމާއި އެއްވަރުވޭ. ނަސީބު ރަގަޅުމީހުންނަށް އެރޭ ރަގަޅުގޮތުގައި އަޅުކަން ކުރެވޭނީ. އެކަމަކު މިންކްއަށް އެނގޭތަ؟ ދުނިޔޭގައި ތިބެއްޖެއްޔާ މާޔޫސްވާކަށް ނުޖެހޭނެ. ކޮށްލާ ކުޑަ ކަމަކުންވެސް ފާފަ ފޮހެވިދާނެ............." އާލިޔާ މިންކާގެ އަތުގައި ހިފާ ބާރުކޮށްލިއެވެ. "އާލިޔާ ހާދަ ރަގަޅޭ. އެއްވެސް ފާފައެއް ނުކޮށް ހަމަ ބެސްޓް..." "ނޫނޭ. އަހަންނަކީވެސް އާދަމުގެ ދަރިއެއް. ފާފަވެސް ކުރެވޭނެ. ތައުބާވުން ލައްވާފައި އޮންނަނީ އެހެންވެ. ކުދިކަންތައް ތައް ހެން ހީވެ ކުރާ ކަންތައްތަކުންވެސް ބައެއްފަހަރު ފާފަވެރިވޭ. އަހަރެންވެސް ހަމަ ދީނަށް އުޅެން މަސައްކަތްކުރަނީ. އެކަމަކު އެންމެ ދީންވެރިމީހާއެއް ނޫން. މިންކްވެސް ހަމަ ޓްރައި ތިކުރަނީ. ދެމީހުންކުރެ މާތްﷲގެ ހަޟުރަތުގައި އެންމެ ރަގަޅުމީހާއަކީ ކާކުކަމެއްވެސް ނޭގޭ. އެންމެ މޮޅަށް ދެނެވޮޑިގެންވަނީ މާތްﷲ. ވީމަ އެހެން ނުވިސްނާ....." އާލިޔާ މިންކާއަށް ހިތްވަރު ދިނުމުން ހިތަށް ތަސައްލީއެއް ލިބުނެވެ. އޭނަ އާލިޔާއާއި ދެކޮޅަށް ރޭވުންތައް ރާވާއިރު އޭނަގެ ހިތުގެ ފިނިކަމަކީ މިއީއެވެ. މިއީ މަންމަގެ އެންމެ ފަހުގެ ހަނދާނެވެ. ކުޑަ ދަރިފުޅެވެ. އޭނަގެ ކޮއްކޮއެވެ. ދި ނޫން.. އަދި އަހަންްމިއެވެ. *** އާލިޔާ ދޮރާާށި ތަޅުލާންވެގެން ގޮސް ދޮރު ހުޅުވައިލިތަނުން މޫނު ފޮރުވައިގެން ހުރި މީހަކު އެތެރެއަށް ދެމިގަތެވެ. ވަގުތަކަށް ބަލަ ބަލާ ފާރައަށް ހުރި މީހެއް ފަދައެވެ. އޭނަ ހަޅޭއްލެވިޔަސް ދޮންބެއަށްވެސް އަޑުއިވޭނެކަމެއް ނޭގެއެވެ. "ކާކު..." އާލިޔާ ރުޅިއަތުވެއްޖެއެވެ. "ކަލޭ ކޮން އަޑެއް ނެރޭކަށްތަ؟ " ކުއްލިއަކަށް އެމީހަކު އާލިޔާގެ މޫނުގައިވާ ފޮތިގަނޑުވެސް ދަމައިގެންފިއެވެ. އެހިސާބުގައި ދިއްލާފައިވާ ހޮޅިބުރީގެ ގަދަ އަލި އާލިޔާގެ މޫނަށް އެޅުނެވެ. ކިތަންމެ ރީއްޗަށްވެސް އެމީހަކަށް އޭނަގެ މޫނު ފެނިއްޖެއެވެ. ނުނިމޭ
ނިރުބަވެރިޔާ 27
ސުކްރޭ (މެއި 21): ކޮރޯނާވައިރަހަށް ތައްޔާރުވުމަށް ބޮލީވިއާއަށް ވެންޓިލޭޓަރު ގަތުމުގައި ކޮރަޕްޝަނުގެ އަމަލު ހިންގުމުގެ ތުހުމަތުގައި އެގައުމުގެ ހެލްތު މިނިސްޓަރު މާސެލޯ ނަވާހަސް ހައްޔަރުކޮށްފި އެވެ. ބޮލީވިއާއިން ވަނީ ސްޕެއިންގެ ވެންޓިލޭޓަރު އުފައްދާ ކުންފުންޏަކުން 170 އަށް ވުރެ ގިނަ ވެންޓިލޭޓަރު ގަނެފަ އެެވެ. އެ ވެންޓިލޭޓަރުތައް ގަނެފައި ވަނީ ކޮންމެ ވެންޓިލޭޓަރަކަށް 27،683 ޑޮލަރު ހަރަދުވާ ގޮތަށް، ޖުމްލަ 4.8 މިލިއަން ޑޮލަރަށެވެ. އެ މުއާމަލާތުގައި ސްޕެއިންގެ އެހެން ކުންފުންޏަކުން ވަނީ މެދުވެރިއެއްގެ ރޯލު އަދާކޮށްފަ އެވެ. ނަމަވެސް އެ ވެންޓިލޭޓަރުތައް ގަތް ފަހުން ބޮލީވިއާގެ ޑޮކްޓަރުން ވަނީ އެއީ އެގައުމުގެ އައިސީޔޫގައި ބޭނުން ކުރަން ޝަރުތު ހަމަނުވާ ވެންޓިލޭޓަރުތަކެއް ކަމަށް ބުނެފަ އެވެ. އަދި ބޮލީވިއާގެ މީޑިއާތަކުން ވަނީ އޭގެއިން ކޮންމެ ވެންޓިލޭޓަރެއްގެ އަސްލު އަގަކީ 7،194 ޑޮލަރުކަން ހާމަކޮށްފަ އެވެ. ބޮލީވިއާގެ ރައީސް ޖެނީން އަންޔޭސް ވަނީ އެ މައްސަލަ ތަހުގީގު ކުރަން އަންގަވާފަ އެވެ. އަދި މިދިޔަ މަހު މަގާމާ ހަވާލުވި ނަވާހަސް މަގާމުން ދުރުކުރައްވާފަ އެވެ. އެކަމަނާ ވިދާޅުވި ގޮތުގައި އެ ވެންޓިލޭޓަރުތަކަށް މިހާތަނަށް ދެ މިލިއަން ޑޮލަރު ވަނީ ދައްކާފަ އެވެ. ނަމަވެސް އެ އެއްބަސްވުމަށް އިތުރު ފައިސާއެއް އެގައުމުން ދެން ނުދޭނެ އެވެ. "ވެންޓިލޭޓަރު ގަތުމުގައި ކޮރަޕްޝަން ހިންގި މީހުން ތަހުގީގުކޮށް، ހުރިހާ ފައިސާއެއް ބޮލީވިއާގެ ރައްޔިތުންނަށް ރައްދުކޮށްދޭނެ ކަަމަށް އަޅުގަނޑު ވައުދުވަން. އަދި ހޮސްޕިޓަލްތަކަށް ބޭނުންވާ އާލާތްތައް ފޯރުކޮށްދިނުމުގައި ދެފުށްފެންނަ ގޮތަކަށް މަސައްކަތް ކުރަމުން ދާނަން،" އަންޔޭސް ވިދާޅުވި އެވެ. އެގައުމުގެ ފުލުހުން އިއްޔެ ވަނީ އެ މައްސަލައިގައި ނަވާހަސްގެ އިތުރުން ހެލްތު މިނިސްޓްރީގެ އެހެން އޮފިޝަލުންތަކެއްވެސް ހައްޔަރުކޮށްފައިވާ ކަމަށް ބުނެފަ އެވެ. ބޮލީވިއާގައި ކޮރޯނާވައިރަހަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 4،000އަށް ވުރެ އިތުރުވެފަ އެވެ. އަދި ބަލީގައި 189 މީހަކު ވަނީ މަރުވެފަ އެވެ.
އަގުބޮޑުކޮށް ވެންޓިލޭޓަރު ގަނެގެން ބޮލީވިއާގެ ހެލްތު މިނިސްޓަރު ހައްޔަރުކޮށްފި
ޒަހަމްވެފައި ހުރި އިތުރު ބިދޭސީއަކު ތ.ގުރައިދޫއިން ފެނިއްޖެ އެވެ. ގުރައިދޫ ކައުންސިލް މެމްބަރު ނައުފަލް ހަސަން "ސަން" އަށް ވިދާޅުވީ، ބަންގްލަދޭޝްއަށް ނިސްބަތްވާ އެމީހާ ފެނުނީ އޭނާ ދިރިއުޅޭ ގޭގައި އިތުރު ބިދޭސީންތަކަކާ އެކު ނިދަން އުޅެނިކޮށް ކަމަށެވެ. ވަޅި ހަރާ މަރާލުމަށްފަހު، އެއްލާލާފައި އޮތް ބިދޭސީއަކުވެސް މިރޭ އެ ރަށުން ފެނިފައިވެ އެވެ. އެ ރަށު ސިއްހީ މަރުކަޒަށް ގެންދެވުނު އިރުވެސް އެ ބިދޭސީ މީހާ މަރުވެފައިވާ ކަމަށް މަރުކަޒުން ވަނީ ބުނެފަ އެވެ. އެ ބިދޭސީ މީހާގެ މަރާ އެކު އެ ރަށުގައި ބިދޭސީން ދިރިއުޅޭ ތަންތަން ޗެކް ކުރުމުގެ މަސައްކަތް ފުލުހުން ވަގުތުން ފެށިއެވެ. ގުރައިދޫ ކައުންސިލް މެމްބަރު ނައުފަލް ވިދާޅުވީ، ޒަހަމްވެފައި ހުރި އިތުރު ބިދޭސީއަކު ފެނުނީ ބިދޭސީން ދިރިއުޅޭ ތަންތަން ޗެކް ކުރުމަށް ފުލުހުން ކުރި މަސައްކަތުގެ ތެރެއިން ކަމަށެވެ. އެ ބިދޭސީ މީހާއާ އެކު އިތުރު ދެ ބިދޭސީއަކު އޭނާ ދިރިއުޅޭ ކޮޓަރިން ފެނުނު ކަމަށާއި، ފުލުހުން އެ ކޮޓަރިއަށް ވަން އިރު އެ އެންމެވެސް އުޅުނީ ނިދަން އޭނާ ވިދާޅުވި އެވެ. އަދި ޒަހަމް ވެފައިވާ ބިދޭސީ މީހާ އޭރު ޑޮކްޓަރަށް ދެއްކުމަށް އެއްވެސް މަސައްކަތެއް ކޮށްފައި ނުވާ ކަމަށް ވެސް ނައުފަލް ވިދާޅުވި އެވެ. "ފުލުހުން ވަނީ ވަގުތުން އެ ބިދޭސީ މީހާ ހެލްތު ސެންޓަރަށް ގެންގޮސްފައި. އަދި އޭނާއަށް ލިބިފައިވާ ޒަހަމްތަކަށް ހެލްތް ސެންޓަރުން ވަނީ ފަރުވާ ދީފަ. އެމީހާއަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަކަށް ފާހަގައެއް ނުކުރެވޭ،" ނައުފަލް ވިދާޅުވި އެވެ. އެ ބިދޭސީ މީހާ ދިރިއުޅުނު ގޭ ކައިރިން ލޭ ފެނުނު ކަމަށާއި، އޭނާ ޒަހަމްވެފަައި ވަނީ ކިހިނެތްކަން އަދި އެނގިފައި ނުވާކަމަށް ނައުފަލް ވިދާޅުވި އެވެ. އެ މައްސަލަ ފުލުހުން މިވަގުތު އަންނަނީ ތަހުގީގު ކުރަމުން ކަމަށާއި، މައްސަލަ ހިނގި ގޮތް ސާފު ވާނީ ފުލުހުންގެ ތަހުގީގަށް ފަހު ކަމަށް ވެސް ނައުފަލް ވަނީ ވިދާޅުވެފަ އެވެ.
ޒަހަމްވެފައި ހުރި އިތުރު ބިދޭސީއަކު ގުރައިދޫން ފެނިއްޖެ
މިދިޔަ ފެބްރުއަރީ މަހު ރިލީޒްކުރި ކާމިޔާބު ފިލްމު "މަލަންގް" ނެޓްފްލިކްސްއިން ސްޓްރީމްކުރަން ފަށައިފިއެވެ. ރޮމޭންޓިކް އެކްޝަން ތްރިލާ މި ފިލްމުގެ ލީޑު ތަރިންނަކީ އަދިތްޔާ ރޯއީ ކަޕޫރާއި ދިޝާ ޕާޓްނީއެވެ. މަލަންގް ނެޓްފްލިކްސް އިން ސްޓްރީމްކުރާކަން ދިޝާ ވަނީ އޭނާގެ އިންސްޓަގްރާމް އެކައުންޓުގައި ހިއްސާކޮށްފައެވެ. "މަލަންގް" ވެގެން ދިޔައީ ބޮކްސް އޮފީހުގައިވެސް ވަރަށް ބޮޑު ކާމިޔާބީއެއް ހޯދި ފިލްމަކަށެވެ. އެ ފިލްމަށް ބޮލީވުޑްގެ ކްރިޓީކް ތަރަން އާދަޝްވެސް ވަނީ ވަރަށް ބޮޑަށް ތައުރީފްކޮށްފައެވެ. މިއަހަރު ނުކުތް ފިލްމުތަކުގެ ތެރެއިން ތިންވަނައަށް މި ފިލްމު ވަނީ އެންމެ ބޮޑު އޯޕަނިން ހޯދި ފިލްމަށް ވެފައެވެ. އެ ފިލްމު ރިލީޒްކުރިތާ ފުރަތަމަ ދުވަހުވެސް އެ ފިލްމަށް ވަނީ ހަ ކުރޯޑުގެ އާމްދަނީއެއް ލިބިފައެވެ. ވަރުގަދަ ޓްވިސްޓްތަކަކާއެކު ފެނިގެންދާ އެ ފިލްމުގައި އެދެތަރިންގެ އިތުރުން ބޮލީވުޑްގެ ކާމިޔާބު ބަތަލު އަނިލް ކަޕޫރާއި ކުނާލް ކޭމޫ ވެސް ފެނިގެންދާނެ އެވެ. ދިޝާއާއި އަދިތްޔާގެ ކެމިސްޓްރީ ފެނިގެންދާ ފުރަތަމަ އޮން ސްކްރީން ފިލްމަކީ މި ފިލްމެވެ.
ރިކޯޑް މުގުރަން ދިޝާ އާއި އަދިތްޔާގެ "މަލަންގް" ނެޓްފްލިކްސް އަށް
ކޮރޯނާ ވައިރަހުގެ ސަބަބުން ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމުގެ ގޮތުން ހުޅުވާފައިވާ ފަންޑަކަށް ފައިސާ ހޯދުމަށްޓަކައި މަޝްހޫރު ދިގު ދުވުންތެރިނާ ކްރިސްޓިއަން ވާލީ 19 ދުވަސް ތެރޭގައި 19 މެރަތަން ފުރިހަމަ ކޮށްފި އެވެ. އުމުރުން 35 އަހަރުގެ އައިޒަލް އޮފް މޭންގެ ދުވުންތެރިޔާ ވާލީގެ ޗެރިޓީ ރަން ފެށީ މި މަހުގެ ފުރަތަމަ ދުވަހު ހެވެ. އަދި އެއަށް ފަހު އޭނާ ވަނީ 26.2 މޭލަށް ދުވެ 19 ދުވަސް ތެރޭ 19 މެރަތަން ފުރިހަމަ ކޮށްފަ އެވެ. ވާލީގެ މި ދުވުން ގިނަބައެއްގެ ސަމާލުކަމަށް އައިސްފައިވާ އިރު އޭނަގެ ޓާގެޓަކަށްވި 23،000 ޑޮލަރަށް ވުރެން ހަތަރު ގުނަ އިތުރަށް ވާލީއަށް އެދުވުމުން ފައިސާ އެއްކުރެވިފައިވެ އެވެ. ޕީލްއާއި ކެޕިޓަލް އޮފް ޑޮގްލަސްއާ ދޭތެރޭ ދުވެގެން ވާލީ ވަނީ ޖުމުލަ 102,000 ޑޮލަރު ޗެރިޓީގެ ގޮތުގައި ހޯދައިފަ އެވެ. އަދި މި ފައިސާ އޭނާ ހަދިޔާ ކުރުމަށް ނިންމާފައި ވަނީ އައިޒަލް އޮފް މޭންގެ މޭންއެކްސް ސޮލިޑަޓަރީ ފަންޑަށެވެ. ކްރިސްޓިއަން ވާލީ 19 މެރަތަން ދުވުމަށްފަހު އޭނަގެ ދަރިފުޅާ އެކު --- އިނގިރޭސިވިލާތާއި އަޔަލެންޑާއި ދެމެދުގައި އޮންނަ އައިރިޝް ސީގައި އޮންނަ އައިޒަލް އޮފް މޭން އަކީ ބްރިޓިޝް ކިންގްޑޮމްގެ ދަށުގައި އޮތް އަމިއްލަ ދައުލަތަކާ އެކު ހިންގާ ގައުމެކެވެ. އެގައުމުގައި މިހާތަނަށް 335 މީހަކު ކޮރޯނާ ވައިރަހަށް ޕޮޒިޓިވް ވެފައިވާ އިރު އެ ބަލި ޖެހިގެން 24 މީހަކު ވަނީ މަރުވެފަ އެވެ. އެހެން ގައުމުތަކެކޭ އެއްގޮތަށް އައިޒަލްސްގައި އޮފް މޭންގައި ވެސް ލޮކްޑައުންގައި ފިޔަވަޅުތައް އަޅާފައި އޮތް އިރު އާއްމު އެއްވުންތައް ބޭއްވުން ވަނީ މަނާކޮށްފަ އެވެ. އެހެން ނަމަވެސް ބޭރަށް ނުކުމެ އުޅުމުގައި ސޯޝަލް ޑިސްޓެންޓްގެ ބަހައްޓައިގެން ފިހާރަ އަދި ރެސްޓޯރަންޓްތައް ބޭނުން ކުރުމުގެ ހުއްދަ ވަނީ ދީފަ އެވެ. މި ލޮކްޑައުން ތެރޭގައި ޗެރިޓީއަށް ފައިސާ ހޯދުމާއި، މަޝްހޫރުކަން ހޯދުމަށް ގިނަ ބަޔަކު އަންނަނީ ދިގު ދުވުންތައް ދުވަމުންނެވެ. އެގޮތުން މިދިޔަ މާޗް މަހު ފްރާންސްގެ ދިގު ދުވުންތެރިޔާ އެލީޝާ ނޮޗޮމޯވިޒް ވަނީ އޭނަގެ 23 ފޫޓް ބެލަކަނީގައި އެއްކޮޅުން އަނެއްކޮޅަށް ހުއްޓުމެއް ނެތި ހަތް ގަޑިއިރު ދުވެފަ އެވެ. މީގެ އިތުރުން ރެސްޓޯރެންޓެއްގައި ކައްކާއަކަށް މަސައްކަތް ކުރާ މެޓް ލުއިސް ވަނީ ޓްރެޑްމިލްއެއްގައި 26.2 މޭލަށް ދުވެ، އޭނާ މަސައްކަތް ކުރާ ރެސްޓޯރަންޓުގެ މުވައްޒަފުންނަށް މުސާރަ ދެވޭ ވަރަށް ފަންޑު ހޯދައިފަ އެވެ.
ކޮރޯނާ ފަންޑަށް ލާރި ހޯދުމަށް 19 ދުވަހުން 19 މެރަތަން
ޑައިރެކްޓަރު ސުޖިތު ސިރްކާގެ ފިލްމު "ގުލާބީ ސިތާބޯ" އެމެޒޯން ޕްރައިމުގައި ރިލީޒްކުރަން ނިންމައިފި އެވެ. މި ފިލްމު ކުރިން ސިނަމާތަކަށް ގެންނަން ނިންމީ މިދިޔަ އޭޕްރިލް މަހުގެ 17 ވަނަ ދުވަހުއެވެ. ނަމަވެސް ކޮވިޑް19ގެ ސަބަބުން އިންޑިއާގެ ސިނަމާތަކަށް ވަކި މުއްދަތެއް ނެތް ގޮތަށް ބަންދުކުރުމާ ގުޅިގެން ވޭތުވެދިޔަ ދުވަސްތަކު ރިލީޒްކުރަން ހުރި ފިލްމުތައް ރިލީޒްކުރެވިފައެއް ނުވެއެވެ. ގުލާބޯ ސިތާބޯ އެމެޒޯންގައި ރިލީޒްކުރުމާއެކު މި ފިލްމުވެގެންދާނީ ބޮޑު ފިލްމެއް ސްޓްރީމިން ޕްލެޓްފޯމަކުން ރިލީޒްކުރާ ފުރަތަމަ ފިލްމަށެވެ. ސްކްރީން ރައިޓަރު ޖޫހީ ޗަތުރަވެދީ ސްކްރީން ޕްލޭ ލިޔެ ތައްޔާރުކުރާ އެ ފިލްމުގެ މުހިއްމު ތަރިންނަކީ ލެޖެންޑް އަމީތާބް ބައްޗަން އަދި އާޔޫޝް ކުރާނާ އެވެ. އެ ފިލްމަކީ ފެމިލީ ކޮމެޑީއެވެ.މި ފިލްމުވެގެންދާނީ އަމީތާބް އާއި އާޔޫޝް ސްކްރީނުން ފެނިގެންދާ ފުރަތަމަ ފިލްމަށެވެ. ބައެއް ޚަބަރުތައް ބުނާގޮތުގައި އިންޑިއާ ސިނަމާތަށް ދެން ހުޅުވާނީ ދިވާލީ އާ ދިމާކޮށެވެ. އެހެންކަމުން ބައެއް ޑައިރެކްޓަރުން އަންނަނީ އެ ބައެއްގެ ފިލްމު ދިވާލީ ފެސްޓިވަލަށް ފަހު ގެނެސްދިނުމަށް ތާވަލްކުރަމުންނެވެ.
ސިނަމާ ދޫކޮށް އަމީތާބުގެ ގުލާބޯ ސިތާބޯ އެމެޒޯންއަށް
ސްޕެއިންގައި ގެއިން ބޭރަށް ދާނަމަ ކޮންމެ މީހަކު ވެސް މާސްކު އެޅުން އެގައުމުގެ ސަރުކާރުން މަޖުބޫރުކޮށްފި އެވެ. މިހާރު ފެތުރެމުންދާ ކޮވިޑް-19 ކޮންޓްރޯލުކުރުމަށް ޓަކައި އެކި ގައުމުތަކުން ދަނީ ރައްކާތެރިވުމުގެ ގޮތުން ތަފާތު ފިޔަވަޅުތައް އެޅުމުގެ މަސައްކަތްކުރަމުންނެވެ. އެގޮތުން ޔޫރަޕުގެ ބައެއް ގައުމުތަކުގެ ޕަބްލިކް ޓްރާންސްޕޯޓުގައި ވަނީ މާސްކު އެޅުން މިހާރު ވެސް މަޖުބޫރުކޮށްފަ އެވެ. ސްޕެއިންގެ ހެލްތު މިނިސްޓްރީއިން ބުނެފައި ވަނީ ގެއިން ބޭރަށް ނިކުމެ ފިހާރައަކަށް ދިޔަ ނަމަވެސް ނުވަތަ ރެސްޓޯރަންޓަކަށް ދިޔަ ނަމަވެސް މާސްކު އެޅުން މަޖުބޫރުވާނެ ކަމަށެވެ. އަދި ފަސް އަހަރުން މަތީ ކޮންމެ ފަރާތަކަށް ވެސް މާސްކް އެޅުން މަޖުބޫރުވާނެ ކަމަށް މިނިސްޓްރީއިން ބުނެއެވެ. ސްޕެއިންގައި މީގެކުރީން ވެސް ވަނީ ޕަބްލިކް ޓްރާންސްޕޯޓުތަކުގައި މާސްކު އެޅުން މަޖުބޫރުކޮށްފަ އެވެ. ނަމަވެސް އަލަށް ގެނައި ބަދަލާއެކު ބޭރަށް ނުކުންނަ ނަމަ ކޮންމެ ތަނަކަށް ދިޔަ ނަމަވެސް މާސްކު އެޅުން މިހާރު މަޖުބޫރުވާނެއެވެ. ކޮވިޑް-19 ކޮންޓްރޯލުކުރުމަށްޓަކައި ސްޕެއިން އިން ވަނީ ވަރުގަދަ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން ކުޑަކުދީން ހަ ހަފްތާއަށް ގޭގައި ބޭތިއްބުމަށްވެސް ސަރުކާރުން ވަނީ އަންގާފައެވެ. ސްޕެއިންގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 232،000 އިން މައްޗަށް އަރާއިރު މަރުވި މީހުންގެ އަދަދު ވަނީ މިހާރު 28،000 އާ ގާތްކޮށްފައެވެ.
ސްޕެއިންގައި ބޭރަށް ދާނަމަ މާސްކު އަޅަން މަޖުބޫރުކޮށްފި
މި އަހަރު ފިތުރު ޒަކާތުގެ ފައިސާ ދޫކުރާނީ މިދިޔަ އަހަރު އެކުލަވާލާފައިވާ ފަގީރުންގެ ލިސްޓްގައި ހިމެނޭ މީހުންނަށް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު ވިދާޅުވުމުން، ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެކަމަށް ފާޑުވިދާޅުވެއްޖެއެވެ. ޕީއެސްއެމް ނިއުސްއިން ގެނެސްދޭ ކޯވިޑް-19 ގެ ލައިވް ކަވަރޭޖްގައި ވާހަކަދައްކަވަމުން އިސްލާމިކް މިނިސްޓަރު ވިދާޅުވީޒަކާތުގެ ގޮތުގައި މިހާތަނަށް ދެ މިލިޔަން ހަތަރުލައްކަ އަށްޑިހަ ދެހާސް ރުފިޔާ ލިބިފައިވާކަމަށެވެ. އަދި ޒަކާތުގެ ގޮތުގައި ލިބޭ ފައިސާ ބަހަން ނިންމާފައި ވަނީ މިދިޔަ އަހަރު އެކުލަވާލާފައިވާ ފަގީރުންގެ ލިސްޓްގައި ހިމެނޭ މީހުންނަށް ކަމަށާއި އެމީހުންގެ އެކައުންޓަށް ފައިސާ ޖަމާކުރާގޮތަށް ހަމަޖެހިފައިވާ ކަމަށެވެ. މިކަމާ ގުޅިގެން ޑރ. ޝަހީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިދިޔަ އަހަރުގެ ހާލަތާ މި އަހަރުގެ ހާލަތު ތަފާތު ކަމަށެވެ. "މި އަހަރު އެތައް ބައެއްގެ ވަޒީފާ ގެއްލު މީހުން ހާލުގައި ޖެހިފައިވާއިިރު، މިދިޔަ އަހަރުގެ ލިސްޓަށް އަމަލުކުރުމަކީ ޝަރުއީ ނަޒަރުން ބަލާއިރުވެސް ހަމަޖެހޭ ކަމެއް ނޫން. ދީނީ ކަންކަން ކުރަން ޖެހޭނީ ހާލަތަށް ރިއާޔަތްކޮށް،" ޝަހީމް ވިދާޅުވިއެވެ. ކޮވިޑް19 އާ ގުޅިގެން އިގްތިސޯދު އަޑިއަޅާލައި، އެތައް ބައެއްގެ ވަޒީފާ ވަނީ ގެއްލިފައެވެ. އަދި ގިނަ އަދަދެއްގެ ބައެއްގެ މުސާރަ އާއި އާމްދަނީ ދަށަށް ގޮސް ދިރިއުޅުމުގެ ހާލަތު ވަނީ ދަށްވެފައެވެ. މިދިޔަ އަހަރު އެކުލަވާލި ފަގީރުންގެ ލިސްޓަށް ޒަކާތުގެ ފައިސާ ބަހަން ނިންމީ ކޮވިޑް19ގެ ސަބަބުން ދަފްތަރު އެކުލުވާލުމުގައި ހުރި ދަތިތަކުގެ ސަބަބުން އެކަން ލަސްކޮށްފައިވަތީ އެވެ. އިސްލާމިކް މިނިސްޓްރީން ބުނީ މިވަގުތު ފަގީރުންގެ ގޮތުގައި ދަފްތަރުކޮށްފައި ވަނީ 8764 މީހުން ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ މާލޭގެ ދަފްތަރުން 1717 މީހަކާއި އަތޮޅުތަކުން 7047 މީހުންނެވެ. އިސްލާމިކް މިނިސްޓަރު މިއަދު ވިދާޅުވީ އެހެން އަހަރުތަކުގެ މި މުއްދަތާ އަޅާބަލާއިރު މިއަހަރު ޒަކާތް ދެއްކި މީހުންގެ އަދަދު މަދުކަމަށެވެ. އެހެންމަވެސް މި ހާލަތަށް ރިއާޔަތް ކުރާނަމަ މީ ރަނގަޅު އަދަދެއްކަމަށެވެ. މިނިސްޓަރު ވިދާޅުވީ މިހާތަނަށް މާލެ ސަރަހައްދުން 53،597 މީހަކު އޮންލައިންކޮށް ޒަކާތް ދައްކާފައިވާ ކަމަށެވެ.
މިދިޔަ އަހަރުގެ ފަގީރުންގެ ލިސްޓަށް ޒަކާތް ބަހާތީ ހިޔާލުތަފާތުވުން
ތ. ގުރައިދޫގައި ވަޅިން ހަމަލާދީ ބިދޭސީއަކު މަރާލައިފިއެވެ. މަރާލާފައިވާ ބިދޭސީއަކު މިރޭ ގުރައިދޫ ސިއްހީ މަރުކަޒަށް ގެންގޮސްފައިވާކަން އެ މަރުކަޒުން ވަނީ "ސަން" އަށް ކަށަވަރުކޮށްދީފައެވެ. މިއީ މިއަހަރު ވަޅިން ހަމަލާދީ ރާއްޖޭގައި މަރާލި ފުރަތަމަ މީހާއެވެ. ގުރައިދޫ ކައުންސިލްގެ މެމްބަރު ނައުފަލް ހަސަން "ސަން" އަށް ވިދާޅުވީ މަރާލާފައި ވަނީ އެރަށުގައި ދަނޑުވެރިކަން ކުރަން އުޅޭ ބަންގްލަދޭޝްގެ ފިރިހެނެއް ކަމަށެވެ. އެމީހާ މަރާލާފައި އެއްލާލާފައި ވަނީ އޭނާ ދިރިއުޅޭ ސައިޓުގެ ކުރިމަތީގައި ހުރި އެހެން ސައިޓެއްގެ ތެރެއަށް ކަމަށެވެ. "ދަނޑުވެރިކަން ކުރާ ސައިޓެއްގައި މަސައްކަތް ކުރަނީ. އެ ސައިޓުގައި އޭނާގެ އެކަމޮޑޭޝަން ވެސް ހުންނާނީ. ބޮޑުމީހާގެ ފިހާރައަށްގޮސް ކުޑަކޮށް އެހީތެރިވުމަށްފަހު 11:00 އެހައިކަންހާއިރު އަނބުރާ ސައިޓަށް ނިދަން ދިޔައީ. ލަފާކުރެވެނީ އެކަން ކުރަން ތިބި ބަޔަކު ރެޑީވެގެންނޭ ތިބީ އޭނަ އަންނަ ގަޑިއަކަށް،" ނައުފަލް ވިދާޅުވިއެވެ. ވަޅިން ހަމަލާދީފައި ވަނީ އެމީހާގެ ކަރަށާއި ބަނޑަށް ކަމަށް ވެސް ނައުފަލް ވިދާޅުވިއެވެ. ފުލުހުން އަންނަނީ ހާދިސާ ހިނގި ސަރަހައްދު ބަންދުކޮށް އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ. މިކަމާ ގުޅޭގޮތުން ފުލުހުންގެ ބަހެއް އަދި ނުލިބެއެވެ. މިދިޔަ އަހަރު ވެސް ރާއްޖޭގައި ވަނީ ބިދޭސީއަކު މަރާލައި ކަނޑުފައްތާލާފައެވެ. އޭނާ މަރާލާފައި ވަނީ ށ. ޅައިމަގު ކުރިމަގު ބޯޓުގައި ކައްކާއެއްގެ ގޮތުގައި މަސައްކަތްކުރި ލުތުފަރު ނަމަކަށް ކިޔާ މީހެކެވެ. އޭނާ މަރާލީ އެ ބޯޓުގައި ދެންތިބި ބަންގްލަދޭޝްގެ މީހުންގެ މެދުގައި ހިނގި ދެބަސްވުމަކަށްފަހުއެވެ. ފުލުހުން ވަނީ އޭނާގެ ހަށިގަނޑުގެ ބައިތައް ކަނޑުއަޑިން ހޯދާފައެވެ.
ވަޅިން ހަމަލާދީ ގުރައިދޫގައި ބިދޭސީއަކު މަރާލައިފި
ބޭސް ފަދަ ތަކެތި އުފެއްދުމަށް މަޝްހޫރު ކުންފުންޏެއް ކަމަށްވާ ޖޯންސަން އެންޑް ޖޯންސަންގެ އެންމެ މަގުބޫލު އަދި އެންމެ ގިނަ ދުވަސްވީ އެ ޕްރޮޑަކްޓު ކަމަށްބާ ބޭބީ ޕައުޑާ އުފެއްދުން ހުއްޓާލުމަށް އެކުންފުނިން ނިންމައިފި އެވެ. ފުޅީގައި ހުންނަ ޓެލްކް ބޭބީ ޕައުޑާއަކީ ޖޯންސަން އެންޑް ޖޯންސަންގެ އެންމެ މަގުބޫލު އަދި އެންމެ ގިނަ ބަޔަކަށް އެނގޭ ޕްރޮޑަކްޓެވެ. އެ ޕްރޮޑަކްޓަކީ ގަރުނަކަށްވުރެ ގިނަ ދުވަސް ވަންދެއް ވިއްކަމުން ގެންދިޔަ ޕްރޮޑަކްޓެކެވެ. މިހާރު ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން ގިނަ ގައުމުތަކެއް ބަންދުކޮށްފައިވި ނަމަވެސް އެ ޕްރޮޑަކްޓުގެ ޑިމާންޑު ވަރަށް ބޮޑު ކަމަށް ޖޯންސަން އެންޑް ޖޯންސަން އިން ބުނެއެވެ. ހާއްސަކޮށް އެމެރިކާ އާއި ކެނެޑާގައި އެ ޕްރޮޑަކްޓުގެ ޑިމާންޑު އިންތިހާއަށް ބޮޑެވެ. އެކުންފުނިން އެ ޕްރޮޑަކްޓު ހުއްޓާލުމަށް ނިންމާފައިވާ ސީދާ ސަބަބެއް ހާމަކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް ފާއިތުވި އަހަރުތަކުގައި އެކުންފުނީގެ ބޭބީ ޕައުޑާ އާ ދެކޮޅަށް އެތައް ހާހަކުން ވަނީ ކޯޓުތަކަށް ކޭސްތަކެއް ހުށަހަޅާފައެވެ. އެންމެ ފާހަގަކުރެވޭ އެއް މައްސަލައަކީ ބޭބީ ޕައުޑާ އާންމުކޮށް ބޭނުންކުރި އަންހެނަކަށް އޯވަރިއަން ކެންސަރު ޖެހުމަށް މަގުފަހިވި ސަބަބުތަކުގައި އެ ބޭބީ ޕައުޑާ ހިމެނުން ކަމަށް އެ ކޭސްގައި ބުނެ އެވެ. އެ މައްސަލާގައި ކޯޓުން ނިންމީ މައްސަލަ ހުށަހެޅި އަންހެން މީހާގެ ކޮޅަށެވެ. އަދި ކޯޓުން އެ އަންހެން މީހާއަށް 100 މިލިއަން ޑޮލަރަށް ވުރެ ބޮޑު އަދަދެއް ދިނުމަށް ޖޯންސަން އެންޑް ޖޯންސަން އަށް އެންގި އެވެ. އެކުންފުނިން ބުނެފައިވަނީ، މިހާރު އެކުންފުނީގެ އިންވެންޓްރީގައި ހުރި ބޭބީ ޕައުޑާ ވިއްކާލާނެ ކަމަށެވެ. އެހެންނަމަވެސް އެއަށް ފަހު އެ ޕްރޮޑަކްޓު އުފެއްދުން ހުއްޓާލާނެ ކަމަށް އެކުންފުނީން ބުންޏެވެ.
ޖޯންސަން އެންޑް ޖޯންސަންގެ ބޭބީ ޕައުޑާ ވިއްކުން ހުއްޓާލަނީ
ރަސްމީ މަސައްކަތެއް ކުރުމަށް ސިނަމާލެ ބްރިޖު ހުރަސްކޮށް އެއާޕޯޓަށް ދާން ޖެހޭ ފަރާތްތަކަށް ހުއްދަ ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ. އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ފައިރޫޝް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެ ހުއްދަ އަށް އެދޭ ފަރާތްތަކުގެ މައުލޫމާތު ops@police.gov.mv އަށް ފޮނުވުމުން ވެރިފައިކުރުމަށްފަހު ހުއްދަ ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. ކޮވިޑް-19އާ ގުޅިގެން މާލެ ސަރަހަައްދުގެ ލޮކްޑައުން އިތުރަށް ހަރުކަށި ކޮށްފައިވާއިރު، ދަންވަރު 1:00 އިން ހެނދުނު 9:00 އަށް ސިނަމާލެ ބްރިޖު ބަންދުކުރުމަށް ވަނީ ނިންމާފަ އެވެ. މާލެ ސަރަހައްދުގެ ފުރަބަންދުގެ މުއްދަތު މި މަހުގެ 28ގެ ނިޔަލަށް އިތުރު ކުރަން ވަނީ ނިންމައިފަ އެވެ. މި މުއްދަތުގައި މާލެ، ހުޅުމާލެ، ވިލިމާލެ ތިލަފުށި އަދި ގުޅީފަޅަށް ހުއްދަ ނެތި އަރައި ފޭބުމާއި ބޭރަށް ނިކުމެ އުޅުން ވަނީ މަނާކޮށްފަ އެވެ. ކޮވިޑް-19 ރާއްޖޭގައި ހަލުވިކަމާ އެކު ފެތުރެމުންދާއިރު އެ ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިއަދު ވަނީ 1000 އިން މައްޗަށް އަރާފައެވެ.
އެއާޕޯޓަށް ދާން ބޭނުންވާ ފަރާތްތަކަށް ފުލުހުން ހުއްދަ ދޫކުރާނެ
ރާއްޖޭގައި ތިބި އިންޑިއާ ރައްޔިތުންގެ ތެރެއިން އެނބުރި ގައުމަށް ދާން ބޭނުންވާ މީހުންގެ ތެރެއިން އިތުރު 588 މީހުންނާ އެކު، އިންޑިއާ މަނަވަރު މިއަދު ފުރައިފި އެވެ. ކޮރޯނާ ވައިރަސް އާއެކު، އެކި ގައުމުތަކުގައި ތިބި އިންޑިއާ ރައްޔިތުން އެނބުރި ގައުމަށް ގެންދިޔުމުގެ ހާއްސަ، "ސަމުދުރާ ސެތޫ"ގެ ނަމުގައި އޮޕަރޭޝަނެއް އިންޑިއާ އިން ވަނީ ފަށައިފަ އެވެ. އޮޕަރޭޝަނުގެ ދަށުން ކަނޑުމަގުންނާއި ވައިގެ މަގުން އިންޑިއާ ރައްޔިތުން އެނބުރި ގައުމަށް ގެންދާނެ އެވެ. މިދިޔަ ހުކުރު ދުވަހު ރާއްޖޭގައި ތިބި އިންޑިއާގެ 750 މީހަކު ވަނީ ގެންގޮސްފައެވެ. އިންޑިއާގެ އަސްކަރީ މަނަވަރަށް މީހުން އަރުވަނީ -- ފޮޓޯ/ ކިޔުންތެރިއެއް މި މަނަވަރުގައި އިންޑިއާ އަށް ދާ ރައްޔިތުން ފުރަތަމަ ޖެހޭނީ ކޮޗިންގައި 14 ދުވަހުގެ ކަރަންޓީނު ފުރިހަމަކުރާށެވެ. އެނބުރި އެމީހަކު ދާން ބޭނުންވާ ސްޓޭޓަކަށް ދެވޭނީ ކަރަންޓީނު ފުރިހަމަ ކުރުމަށް ފަހު އެވެ. ރާއްޖޭގައި އެކި މަސައްކަތްތައް ކުރުމަށް އިންޑިއާގެ 27،000 އެއްހާ މީހުން އެބަތިއްބެވެ. އެނބުރި ގައުމަށް ގެންދާ މީހުންގެ ތެރެއިން އިސްކަންދެނީ މާބަނޑު މީހުންނާއި ކުޑަކުދިން އަދި ސިއްހީ މައްސަލަތަކެއް ހުރި މީހުންގެ އިތުރުން ވަޒީފާ ގެއްލުނު މީހުންނަށާއި އާއިލާގެ މީހަކު މަރުވެގެން ގައުމަށް ދާން ބޭނުންްވެފައި ތިބި މީހުންނަށާއި ރާއްޖޭގައި ތާށިވެފައި ތިބި އިންޑިއާ ފަތުރުވެރިންނަށެވެ. ރާއްޖެއިން މިހާތަނަށް 1020 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު އޭގެ ތެރޭގައި އިންޑިއާގެ 99 މީހަކު ހިމެނެ އެވެ.
އިންޑިއާ މަނަވަރުގައި އިތުރު 588 މީހަކު ފުރައިފި
އެމެރިކާގައި ކޮވިޑް-19 އެންމެ ގަދައަށް ފެތުރު އެއް ސަރަހައްދު ކަމަށްވާ ނިއު ޔޯކްގެ އެލްމްހާސްޓް ހޮސްޕިޓަލުގައި ވައިރަސް ކޮންޓްރޯލުކުރުމަށް ކުރި މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން އެތަނުގެ މުވައްޒަފުންނަށް ހަދިޔާއެއްގެ ގޮތުގައި ޗުއްޓީއެއް ދީފި އެވެ. އެލްމްހާސްޓް ހޮސްޕިޓަލްއަކީ އެމެރިކާގެ އެޕިސެންޓާގައި އެންމެ ބޮޑު ވޯކްލޯޑަކާއެކު މަސައްކަތްކޮށްފައިވާ އެއް ހޮސްޕިޓަލެވެ. އެއާ ގުޅީގެން އެމެރިކަން އެއާލައިންސް އާއި ހާޔަޓް ހޮޓެލް ކޯޕަރޭޝަން ގުޅިގެން ވަނީ އެލްމްހާސްޓް ހޮސްޕިޓަލުގެ 4،000 އަށްވުރެ ގިނަ މުވައްޒަފުންނަށް ޗުއްޓީއެއް ހަދިޔާއެއްގެ ގޮތުގައި ދިނުމަށް ނިންމާފައެވެ. އެގޮތުން އެއާލައިން މެދުވެރިކޮށް އެމެރިކާއާއި ކެރީބިއަން އިން ބޭނުންވާ ސަރަހައްދުތަކަށް އެ ފަރާތްތަކަށް ޗުއްޓީ ހޭދަކުރުމަށް ދެވޭނެ އެވެ. އަދި އެ ފަރާތްތަކުން ތިބުމާއި ކެއުމުގެ އިންތިޒާމު ހަމަޖައްސާނީ ހާޔަޓް އިންނެވެ. ކޮވިޑް-19 ގެ ހާލަތު ރަނގަޅުވުމުން އެ ފަރާތްތަކަށް ބޭނުން މަންޒިލަކަށް ދިޔުމުގެ ފުރުސަތު އޮންނާނެއެވެ. އެ ފަރާތްތަކަށް ޗުއްޓީ ލިބޭ މުއްދަތުގެ ވާހަކައެއް ދެ ކުންފުނީންވެސް ހާމަކޮށްފައެއް ނުވެއެވެ. ޗުއްޓީ ލިބޭ ފަރާތްތަކުގެ ތެރޭގައި ހޮސްޕިޓަލުގެ ހުރިހާ ޑިޕާޓްމެންްޓުގައިވެސް ހަރަކާތްތެރިވި ފަރާތްތަކުން ހިމެނޭނެއެވެ. އެގޮތުން ޑޮކްޓަރުންނާއި ނަރުހުންގެ އިތުރުން ސަޕޯޓު ސްޓާފުންނަށްވެސް އެ ޗުއްޓީ ލިބޭނެ ކަމަށް ދެކުންފުނިން ވަނީ ހާމަކޮށްފައެވެ.
ނިއު ޔޯކު ހޮސްޕިޓަލެއްގެ މުވައްޒަފުންނަށް ހަދިޔާއަކަށް ޗުއްޓީއެއް
މަސްތުގެ ހާލުގައި ހުރެ އަންހެނުންތަކެއްގެ ގައިގައި ބޭ އަދަބީ ގޮތަކަށް އަތްލައި ޖިންސީ ގޯނާ ކުރި ކަމުގެ ދައުވާ ސާބިތުވެ އެމެރިކާގެ ސްޓޭޓެއްގެ އެޓާރނީ ޖެނެރަލެއްގެ ގާނޫނީ ލައިސެންސް ސަސްޕެންޑުކޮށްފިއެވެ. އެމެރިކާގެ އިންޑިއާނާ ސްޓޭޓުގެ އެޓާނީ ޖެނެރަލް ކާޓިސް ހިލްގެ ގާނޫނީ ލައިސެންސް ސަސްޕެންޑްކުރުމަށް އެ ސްޓޭޓުގެ ސުޕްރީމް ކޯޓުން ނިންމާފައިވަނީ އޭނާގެ މައްޗަށް ކުރެވުނު ތުހުމަތުތައް ތަހުގީގުކުރި ސުލޫކީ ކޮމިޓީގެ ހޯދުންތަކަށް ރިއާޔަތްކޮށް ކޯޓުގެ ހުރިހާ ގާޒީންގެ އިއްތިފާގުންނެވެ. ހިލް ގެ މައްޗަށް ތުހުމަތު ކުރެވިފައިވަނީ 2018 ވަނަ އަހަރު އޮތް ޕާޓީއެއްގެ ތެރެއިން މަސްތުގެ ހާލުގައި ހުރެ އެ ސްޓޭޓްގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރެއްގެ އިތުރުން އިތުރު ތިން އަންހެނެއްގެ ގައިގައި ބޭ އަދަބީ ގޮތެއްގައި އަތްލުމުގެ ތުހުމަތުތަކެކެވެ. އޭނާއާ ދެކޮޅަށް ދައުވާ ކުރި ގާނޫނު ހަދާ މަޖިލީހުގެ ޑިމޮކްރެޓިކް ޕާޓީގެ މެންބަރު މާރާ ރިއާޑޮން ވަނީ އެ ޕާޓީތެރެއިން ހިލް އޭނާގެ ފުރަގަސްފަރާތުގައި އަތްލި ކަމަށް ބުނެ ހެކިބަސްދީފައެވެ. ހިލްއާއި ދެކޮޅަށް ދެން ހެކިބަސް ހުށަހެޅި ތިން ފަރާތުންވެސް ވަނީ މިފަދަ ގޮތަކަށް ހިލް އެމީހުންނާއި ދޭތެރޭ އަމަލުކުރިކަމަށާއި އަދި ބޭއަދަބީ ބަސް ބޭނުންކޮށްގެން އެމީހުންނާއި މުއާމަލާތްކުރިކަމަށްވެސް ހެކިބަސް ދީފައެވެ. މި ތިން އަންހެނުންނަކީވެސް އިންޑިއާނާގެ ގާނޫނު ހަދާ މަޖިލީހުގެ މުއައްޒަފުންނެވެ. އިންޑިއާނާ ސްޓޭޓުގެ ސުޕްރީމް ކޯޓުން މައްސަލަ ނިންމުމުގައި ވަނީ ހިލްގެ މައްޗަށް މޭ 18 ވަނަ ދުވަހުން ފެށިގެން 30 ދުވަހުގެ މުއްދަތަކަށް ގާނޫނީ އެއްވެސް މައްސަލައެއް ނުބެލުމަށް އަންގައި އަމުރުކޮށްފައެވެ. އަދި މި މުއްދަތު ފުރިހަަމަވުމުން އޭނާގެ ލައިސެންސްގެ ސަސްޕެންޝަން އުވާލެވިގެންދާނެކަމަށްވެސް ނިންމުމުގައި ވަނީ ބުނެފައެވެ. މިއީ އަޑުއެހުމުގައި ދައުވާ ހުށަހެޅި ފަރާތުން ކޯޓުގައި އެދުނު އެއް އަހަރު ދުވަހުގެ މުއްދަތާއި ތަފާތު ނިންމުމެކެވެ. މި މައްސަލައިގައި ހިލް އަދި އޭނާގެ ވަކީލުންވެސް ވަނީ ތުހުމަތުތަކަށް އިންކާރުކޮށްފައެވެ. މައްސަލައިގެ ނިންމުމާ ގުޅޭގޮތުން އަދި ވަކި އެއްޗެއް ހިލްގެ ފަރާތުން ހާމަކޮށްފައެއްނުވެއެވެ. ޖިންސީ ގޯނާގެ މައްސަލަ ފެންމަތިވުމާއިއެކު ހިލްގެ އިސްތިއުފާއަށް އެތައް ބަޔަކު ވަނީ ގޮވާލައިފައެވެ. ހިލް އަކީ އެންޓި-އެބޯޝަން އަދި ކުށްކުރުން ހުއްޓުވަން ހަރުކަށި ވިސްނުމެއް ގެންގުޅޭ ފަރާތެއްގެ ގޮތުގައި އެމެރިކާގައި ނަން މަޝްހޫރުވަމުން އަންނަ ފަރާތެކެވެ. އޭނާއަކީ އެމެރިކާގެ ވެރިކަންކުރާ ރިޕަބްލިކަން ޕާޓީގެ ތެރެއިން ކުރިއަރަމުން އަންނަ ތަރިއެއްގެ ގޮތުގައި ގިނަ ބަޔަކު ފާހަގަކޮށްފައިވާ ފަރާތެކެވެ. އެޓާނީ ޖެނެރަލްގެ ގާނޫނީ ލައިސެންސް ސަސްޕެންޑްކުރުމާއެކު ދެން އަމަލުކުރުމަށް ވަކި ގޮތެއް އިންޑިއާނާގެ ގާނޫނުގައި ކަނޑައެޅިފައިނުވާއިރު ބައެއް ފަރާތްތަކުން ވަނީ މި ސަސްޕެންޝަނުގެ ސަބަބުން ގާނޫނީ ބޮޑު މުސީބާތެއް އައިސްދާނޭކަމުގެ ބިރު އެބަ އޮތްކަމަށްވެސް ދީފައެވެ.
ޖިންސީ ގޯނާގެ ތުހުމަތުތަކެއްގައި އެމެރިކާގެ ސްޓޭޓެއްގެ އެޓާނީ ޖެނެރަލަކު ސަސްޕެންޑްުކޮށްފި
މާލެ ސަރަހައްދު ލޮކްޑައުން ކޮށްފައިވާ މުއްދަތުގައި ޟަރޫރީ ބޭނުންތަކަށް މުދާ ވިއްކާ ފަރާތްތަކަށް ފުލުހުން ދޫކަރަމުން ދިޔަ ހުއްދަ ދޫކުރުން ވަގުތީ ގޮތުން ހުއްޓާލަައިފި އެވެ. އިކޮނަމިކް މިނިސްޓްރީން ބުނީ، ޟަރޫރީ ބޭނުންތަކަށް މުދާ ވިއްކާ ފަރާތްތަކަށް ހުއްދަ ދޫކުރުން، ވަގުތީ ގޮތުން ހުއްޓާލާފައި ވަނީ މި މަހުގެ 28 ވަނަ ދުވަހާ ހަމައަށް ކަމަށެވެ. އެ ދުވަހަކީ މާލޭ ސަރަހަައްދުގެ ފުރަބަންދުގެ މުއްދަތު ވެސް ހަމަވާނެ ދުވަހެވެ. ކޮވިޑް-19 އާ ގުޅުގެން ސަރުކާރުން އިިއުލާން ކޮށްފައިވާ ފުރަބަންދު މިހާރު ވަނީ އިތުރަށް ހަރުކަށި ކޮށްފަ އެވެ. އެގޮތުން ކުރިއަށް އޮތް ތަނުގައި ގޭބިސީއަކުން ބާޒާރަށް ދެވޭނީ ހަފްތާއަކު އެއް ފަހަރު ކަމަށް ވެސް ފުލުހުން ވަނީ ހާމަކޮށްފަ އެވެ. ފުލުހުން ރޭ ވަނީ ދަންވަރު 1:00 އިން ފެށިގެން ސިނަމާލެ ބްރިޖަށް އެރުމުގައި ވެސް ހާއްސަ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން މިހާރު ސިނަމާލެ ބްރިޖު ދަންވަރު 1:00 އިން ފެށިގެން ހެނދުނު 9:00 އަށް ބަންދު ކުރުމަށް ފުލުހުން ވަނީ ނިންމާފައެވެ. ބަންދުގެ ގަޑީގައި ބްރިޖަށް އެެރޭނީ އާންމު ހިދުމަތުގެ ބޭފުޅުންނާ ސަލާމަތީ ހިދުމަތްތަކުގެ ބޭފުޅުންނަށެވެ.
މުދާ ވިއްކާ ފަރާތްތަކަށް ހުއްދަ ދޫކުރުން މެދުކަނޑާލައިފި
ކެބްރިޖް ޔުނިވާސިޓީގެ ހުރިހާ ފިލާވަޅުތަކެއް އޮންލައިންކޮށް އަންނަ އަހަރު ހޫނު މޫސުމާ ހަމައަށް ގެންދަން އެ ޔުނިވާސިޓީއިން ނިންމައިފި އެވެ. އެހެން ނަމަވެސް ގައިދުރުވެ ތިބޭގޮތުން ކުދި ކުދި ގްރޫޕްތަކާއެކު ކޮންމެވެސް ވަރަކަށް ކިޔަވައިދިނުމުގެ ކަންތައް މަދުމަދުން ކުރިއަށްގެންދެވިދާނެ ކަމަށް ވަނީ ބުނެފަ އެވެ. އޮންލައިންކޮށް ކުރިއަށް ގެންދަން ނިންމި ނަމަވެސް ގައިދުރުވުމުގެ ކަންތައްތަކަށް ބަދަލު އައިސްފިނަމަ އެ ނިންމުން ބަދަލުކުރާނެކަމަށް ޔުނިވާސިޓީން ވަނީ ބުނެފަ އެވެ. ކޮވިޑް-19 އާ ގުޅިގެން ކެމްބްރިޖް ޔުނިވާސިޓީގެ އެކި ކެމްޕަސްތަކުގެ ކިޔެވުން ކްލާސްތަކުގައި އޮތީ މެދުކަނޑާލައިފައެވެ. އަދި މާޗް މަހުން ފެށިގެން ކްލާސްތައް އޮންލައިންކޮށް ނަގައިދެމުންދިޔައިރު އިމްތިހާންތައް ކުރިއަށް ގެންދަނީ "ވާޗުއަލް" ކޮށެވެެ. "މި ބަލިމަޑުކަމުގައި އަމަލުކުރަން ކަނޑައަޅާފައިވާ އިރުޝާދާ އެއްގޮތަށް އެކިފަހަރު މަތިން މިދަނީ ބަދަލުތައް ގެންނަމުން. އަދި ކުރިއަށް އޮތް ތަނުގައިވެސް ގެންނާނެ" ކެމްބްރިޖްގެ ބަޔާނުގައި ވެއެވެ. އޮންލައިންކޮށް ކިޔަވައިދޭން ކުރިއަށް ގެންދަން ނިންމިއިރު އިނގިރޭސިވިލާތުގެ މެންޗެސްޓާ ޔުނިވާސިޓީއިންވެސް ވަނީ އަންނަ ޓާމުގައި އޮންލައިންކޮށް ކިޔަވައިދޭން ނިންމައިފަ އެވެ. އޮންލައިންކޮށް ކިޔަވައިދޭން ނިންމިޔަސް ޓިއުޝަން ފީއަށް ބަދަލު ނުގެންނާނެކަމަށް ވަނީ ބުނެފަ އެވެ. އިނގިރޭސިވިލާތަކީ ޔޫރަޕްގައި އެންމެ ބޮޑަށް ކޮރޯނާ ވައިރަސް ފެތުރެމުންދިޔަ އެއް ގައުމެވެެ. އެގައުމުން މިހާތަނަށް ކޮރޯނާ ޖެހިފައިވާ 248،000 އަށ ވުރެ ގިނަ މީހުން ފެނިފައިވާއިރު ބަލީގައި 35،704 މީހުން ވަނީި މަރުވެފަ އެވެ. -- ބީބީސީ
އަންނަ އަހަރާ ހަމައަށް ކެމްބްރިޖް ޔުނިވާސިޓީގެ ކިޔެވުން އޮންލައިންކޮށް
ލުބްލިޖާނާ (15 މޭ 2020) : ކޮރޯނާ ވައިރަސް "ކޮވިޑް-19" ނައްތާލެވިއްޖެ ކަމަށް ޔޫރަޕްގެ ކުޑަ ގައުމެއް ކަމަށްވާ ސްލޮވީނިއާ އިން ބުނެފިއެވެ. ކޮވިޑް-19 ނައްތާލުމުގައި ކާމިޔާބު ހޯދިކަން އިއްލާން ކުރުމުގެ ގޮތުން ސްލޮވީނިއާ ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެރޯގާ ޖެހިފައިވާ މީހަކު އެގައުމުގައި މިވަގުތުނެތްކަން ކަށަވަރު ކޮށްފައިވާކަމުގަ އެވެ. ފާއިތުވި ތިން ހަފްތާގައި ސްލޮވީނިއާ އިން ފެނިފައި ވަނީ ކޮވިޑް-19 ގެ އެންމެ ތިން ކޭސް ކަމަށާ އެމީހުން ވެސް މިހާރު ބަލިން ރަނގަނޅުވެފައިވާކަމަށް އެ ބަޔާން ބުނެއެވެ. ގާތްގަނޑަކަށް ދެ މިލިޔަން މީހުންގެ އާބާދީ އެއް އޮންނަ ކުޑަގައުމެއް ކަމަށްވާ ސްލޮވީނިއާއަކީ ހަންގެރީއާއި އިޓަލީއާއި ކްރެއޭޝިއާ އަދި އޮސްޓްރިއާ އާ އިންވެގެން އޮންނަ އިރުމަތީ ޔޫރަޕްގެ ގައުމެކެވެ. އެގައުމުން ކޮވިޑް-19 ޖެހިފައި ވަނީ 1464 މީހުންނަށެވެ. އަދި އެރޯގާގައި މަރުވެފައި ވަނީ 103 މީހުންނެވެ. ސްލޮވީނިއާގެ އަވަށްޓެރި ގައުމުތައް ކަމަށްވާ ހަންގެރީ، އިޓަލީ، ކްރެއޭޝިއާ އަދި އޮސްޓްރިއާ އަކީ ކޮވިޑް-19 ގެ ކޭސްތައް ގިނަގައުމުތަކެއް ކަމަށްވެފައި އެގައުމުތަކުގައި އަދިވެސް ކޮވިޑް-19 ފެތުރެމުންދާތީ އެ ރޯގާ ނުރައްކާ ސްލޮވީނިއާއަށް ބޮޑުކަމަށް ރިޕޯޓްތައް ބުނެއެވެ. ސްލޮވީނިއާ ސަރުކާރުން ވަނީ ކޮވިޑް-19 އިންސަލާމަތްވެފައިވާ ގައުމެއްގެ ގޮތުގައި އެގައުމު ބޭއްވުމަށް ސިއްޙީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ތަންފީޒުކުރާނެކަމަށް ބުނެއެވެ. ސްލޮވީނިއާގެ އިތުރުން ނިއުޒިލޭންޑް ވެސް ވަނީ ކޮވިޑް-19 ކޮންޓްރޯލް ކުރިކަން އިއިލާނުކޮށްފަ އެވެ. ނަމަވެސް އެ ރޯގާ ނައްތާލެވުނުކަން ނިއުޒިލޭންޑުން އިއުލާންކޮށްފައެއް ނުވެ އެވެ. ކޮވިޑް-19 ކޮންޓްރޯލްކުރި ގައުމެއްކަމަށްވާ ޗައިނާ އިން ވަނީ އެގައުމުގައި އަލުން ލޯކަލް ޓްރާންސްމިޝަނެއްގެ ބިރު އުފެދެމުންދާކަމަށް ބުނެފަ އެވެ. މިގޮތުން ކޮވިޑް-19ގެ 4 ކޭހެއް ފާއިތުވި 24 ގަޑީއިރު ތެރޭގައި ފެނިފައިވާކަމަށާ އެއީ ކަންބޮޑުވުމެއްކަމަށް ޗައިނާ އިން ބުނެފައިވެ އެވެ. ޗައިނާއިން ވަނީ ކޮވިޑް-19 ގެ ޝިކާރައަކަށް އެންމެ ފުރަތަމަވި އެގައުމުގެ ވޫހާން ސިޓީގެ 11 މިލިޔަން މީހުން އެވައިރަސް އަށް ޓެސްޓް ކުރުމުގެ 10 ދުވަހުގެ ޚާއްސަ ކޭންޕޭނެއް ފަށައިފަ އެވެ. މި ކޭންޕޭންގެ ދަށުން މިހާތަނަށް ވަނީ ވޫހާން ސިޓީގެ 3.5 މިލިޔަން މީހުން ޓެސްޓްކޮށްފައެވެ. (ނޫސްއެޖެންސީތައް)
ކޮވިޑް-19 ނައްތާލިކަން ސްލޮވީނިއާއިން އިއުލާނުކޮށްފި
ދޮންއަނބު ރިހަ އަހަރެމެން ތައްޔާރުކުރަން ފެށީ ކަނޑައެޅިގެން ކޮން ދުވަސްވަރެއްގައި ރާއްޖޭގެ ކޮން ރަށެއްގައިކަން ބުނެދޭން ނޭގުނު ނަމަވެސް، ވޭތުވެދިޔަ 10 ވަރަކަށް އަހަރުގެ ތެރޭގައި މި ރިހައިގެ މަގުބޫލް ވަނީ ބޮޑުވެފަ އެވެ. ރޮއްޓާއި ދޮން އަނބުރިހަ އާއި ތެލުލިފަތާއި މަސްމިރުސް ލައިގެން ވަރަށް މީރު ކެއުމެކެވެ. އެލީޝާ އިސްމާއިލް(ނޮނާ) މިއަދު އަހަރެމެންނާ ހިއްސާކޮށްލީ ދޮންއަނބު ރިހަ ތައްޔާރުކޮށްލާނެގޮތުގެ ރެސިޕީ އެވެ. ބޭނުންވާތަކެތި: 1 ފިޔާ (ކުޑަސައިޒުގެ ތުނިކޮށް ކޮށާފައި) 2 ހިކަނދިފަތް ކޯޅި 2 ރާނބާފަތް 1 ފޮނިތޮށި 3-4 ކާފޫރުތޮޅި 1 ސައިސަމުސާ އިގުރު (ގާނާފައި) 1 ސައިސަމުސާ ލޮނުމެދު (ގާނާފައި) 1 - 1/2 ގިތެޔޮ މިރުސް 2 ސައިސަމުސާ ހަނާކުރި ހަވާދު 2 ސައިސަމުސާ މަސް ހަވާދު 2 ސައިސަމުސާ ދިރި 2 ސައިސަމުސާ އަސޭމިރުސް(މުގުރާފައި) 1 ސައިސަމުސާ ދަވިއްގަނދު (މުގުރާފައި) 2 މޭޒުމަތީ ސަމުސާ އައްޑޫ ހަވާދު 2 މޭޒުމަތީ ސަމުސާ ހިކިމަސް (ޗިޕްސް ގޮތަށް ނުވަތަ މުގުރާފަ) 1 ދަޅު ކާށިކިރު 2 ސައިސަމުސާ ޗިލީ ޕައުޑަރ 4 ދިވެހި އަނބު(ދޮންވެފައި) 1 ދިވެހި ދޮންއަނބު (ފޮތިޖަހާފައި) 1/2 ޖޯޑު ފެން ލޮނު (ރަހަލާވަރަށް) ތައްޔާރުކުރާނެގޮތް: ތެއްޔަކަށް ކުޑަ ތެޔޮފޮދެއް އަޅާ ހޫނުކޮށްލާށެވެ. ފިޔާ، ގާނާފައިހުރި އިގުރު އަދި ލޮނުމެދު މަޑުގިނީގައި ރަނގަޅަށް ވަޅޯކޮށްލާށެވެ. 3-5 ވަރަކަށް މިނިޓް ފިޔާތައް ވަޅޯކޮށްލުމަށްފަހު، ހިކަނދިފަތާއި ރާނބާފަތް، އަދި ފޮނިތޮށްޓާއި ކާފޫރުތޮޅީގެ އިތުރުން ގިތެޔޮ މިރުސް އެއްކޮށްލާށެވެ. އަދި ރަނގަޅަށް ދޭފަތުން ތެލީގައި ހުރި ހުރިހާ ބާވަތެއް އެއްކޮށްލާށެވެ. އެއަށްފަހު 2 ސައިސަމުސާ ހިކިމަސް އެއްކޮށްލުމަށްފަހު ރަނގަޅަށް ފްރައިކޮށްލާށެވެ. 2 ސައިސަމުސާ ދިރި އަޅާލުމަށްފަހު ތެލީގައި ހުރި ހުރިހާ އިންގްރީޑިއަންޓްސްއެއް ރަނގަޅަށް ދޭފަތުން އެއްކުރަމުން ގެންދާށެވެ. އެއަށްފަހު ބާކީހުރި ހަވާދުގެ ބާވަތްތައް ކަމަށްވާ ހަނާކުރި ހަވާދު، މަސް ހަވާދު، 2 ސައިސަމުސާ އަސޭމިރުސް އަދި މުގުރާފައި ހުރި ދަވިއްގަނދުކޮޅުވެސް އަޅާލުމަށްފަހު އެއްކުރަމުންގެންދާށެވެ. 2 ސައިސަމުސާ ޗިލީ ޕައުޑަރ ނުވަތަ ލޮނުމިރުސް ހަވާދާއި އައްޑޫ ހަވާދުކޮޅުވެސް އެޅުމަށްފަހު 1/4 ޖޯޑު ފެން އަޅާލާށެވެ. ދޭފަތުން ރަނގަޅަށް ތެލީގެ ތެރޭގައި ހުރި ސާމާނު އެއްކޮށްލަށް ފެށުމުން ފުލުގައި ކެރަމަލައިޒްވެ ހިފާފައިހުރި ފިޔާތައް މައްޗަށް އަރަމުންދާއިރު ހަވާދުގެ މީރުވަހުން ބަދިގެ އެއްވަސްވެގެންދާކަންވެސް ފާހަގަކުރެވޭނެއެވެ. ފޮތިޖަހާފައިހުރި އަނބުކޮޅު އަވަހަށް އެޑްކޮށްލާ ރަނގަޅަށް ދޭފަތުން ހާކާލާށެވެ. އިސާހިތަކު ރިހަގަނޑު އޮލަވާން ފަށާފާނެއެވެ. ރަނގަޅަށް ދޮންއަނބުކޮޅު ފްރައިވާން ފެށުމުން 4 ދޮންއަނބުވެސް ރިހަ ތެއްޔަށް އަޅާލަންވީއެވެ. ދޮނއަނބުތައް އެއްކޮށް ޗިސްނުކޮށް ތެލީގެ ތެރެގައި ކެރެމަލައިޒްވާނެގޮތަށް ފްރައިކޮށްލާށެވެ. 2 މިނިޓެއްހާއިރު ރަނގަޅުވާނެއެވެ. އެއަށްފަހު ކާށިކިރު ދަޅުގެ އެއްބައި އަދި 1/4 ޖޯޑު ފެން އަޅާ 10 ވަރަކަށް މިނިޓް ތެލީގައި މަތިޖަހައިގެން ކައްކާލާށެވެ. 10 ވަރަކަށް މިނިޓްފަހުން ލޮނުހެޔޮވަރުކޮށްލާށެވެ. ނޮނާ އެޑް ކޮށްލީ 1/2 ސައިސަމުސާ ލޮނެވެ. މިރިހަ ތައްޔާރުކުރުމުގައި ބޭނުންކުރާ އައްޑޫ ހަވާދުގައި ފުދޭވަރަކަށް ލޮނުހުރުމާވެސްއެކުގައެވެ. އެއަށްފަހު ބާކީ ހުރި ކާށިކިރުކޮޅު އަޅާލާ މަޑުގިނީގައި އަދި އިތުރު ވިއްސަކަށް މިނިޓް ތެލީގައި މަތިޖަހައި ކައްކާލުމުން ދޮންއަނބު ރިހަ ތައްޔާރުކޮށްލެވުނީއެވެ. މިއީ ރޮއްޓާއި ކަޅުސަޔާއި އެކު ކާލަން ވަރަށް ކަމުދާނެ ރިހައެކެވެ.
ދޮންއަނބު ރިހަ ކާހިތްވާ ކުއްޖަކު ޓެގްކޮށްލާ
ސަރުކާރު ބަންދުކޮށްފައިވާ މުއްދަތު، މި މަހުގެ 28 ވަނަ ދުވަހާ ހަމައަށް އިތުރު ކުރަން ރައީސް އޮފީހުން ނިންމައި، އެކަން އިއުލާންކޮށްފި އެވެ. ރައީސް އޮފީހުން ބުނެފައިވަނީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލުކުރުމަށްޓަކައި މާލޭގެ މަގުމައްޗަށް ނުކުމެ އުޅުމާއި އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާކޮށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން އިން ނެރެފައިވާ އަމުރުގެ މުއްދަތު މި މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ދެމެހެއްޓުމަށް އެ އޭޖެންސީން ނިންމާފައިވާތީ، އެ އަމުރު ތަންފީޒު ކުރުމުގެ ގޮތުން، އަންނަ އާދީއްތަ ދުވަހުން ފެށިގެން މޭ މަހުގެ 28 ވަނަ ދުވަހު ނިޔަލަށް ސަރުކާރުގެ އޮފީސްތައް ނުހުޅުވާގޮތަށް ރައީސް އިބްރާހިމް މުހައްމަދު ހަމަޖައްސަވާފައިވާ ކަމަށެވެ. މީގެ އިތުރަށް ކޮވިޑް-19 އާ ގުޅިގެން، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށާއި، ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ އަސާސީ ހިދުމަތްތައް ދިނުމުގައި މިހާރުވެސް އަމަލުކުރަމުން އަންނަ ގޮތަށް ކުރިއަށް ގެންދިއުމަށާއި، ބަލިޖެހޭ މީހުންނަށް ފަރުވާދިނުމާއި، ބަލިޖެހޭ މީހުންގެ ފަރާތުން އެހެން މީހުންނަށް ބަލިފެތުރުން ކުޑަކުރުމަށްޓަކައި ދައުލަތުގެ މުވައްޒަފުންގެ އެހީތެރިކަން ހޯދުމަށް ސަރުކާރުގެ އޮފީސްތަކަށް ރައީސް ވަނީ އަންގަވާފައެވެ. އަދި ކުރިއެކޭވެސް އެއްގޮތަށް މި ދުވަސްތަކުގެ ތެރޭގައިވެސް ގޭގައި ތިބެގެން ކުރެވެން ހުރި މަސައްކަތްތައް، ގޭގައި ތިބެގެން ކުރަމުން ގެންދިއުމަށާއި، ސަރުކާރުގެ އިދާރާތަކުން އޮންލައިންކޮށް ދެއްވެން ހުރި ހުރިހާ ހިދުމަތްތަކެއް އޮންލައިންކޮށް ދެމުން ގެންދަން ވެސް ރައީސް ވަނީ އޮފީސްތަކަށް އަންގަވާފައެވެ. ސަރުކާރު ބަންދު ނަމަވެސް، ބޭންކިން ހިދުމަތްތަކާއި ސަރުކާރުގެ އެހެނިހެން އިދާރާތަކުން ދޭން ޖެހޭ އަސާސީ ހިދުމަތްތައް ދެމުން ގެންދާ ގޮތަށް ވެސް ރައީސް އޮފީހުން ވަނީ ހަމަޖައްސައިފަ އެވެ. މިހާތަނަށް ރާއްޖެއިން 1020 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވް ވެފައި ވާއިރު، މެއި މަހުގެ 31 ވަނަ ދުވަހު ރާއްޖެ ސާޖަކަށް ދާނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ.
މި މަހުގެ 28 ގެ ނިޔަލަށް ސަރުކާރު ބަންދު
ކޮވިޑްގެ ހާލަތާއެކު އާންމު ދިރިއުޅުން ބަދަލުވެ ގައިދުރުކަމާއެކު ސުކޫލުތަކުގައި ކިޔަވައިދޭން ފަށާއިރު ބައެއް ސުކޫލުތަކުގައި ހަތަރު ދަންފަޅިއަަށްވެސް ކިޔަވައިދޭން ޖެހިދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ. ކޮވިޑް19 ފެތުރެމުންދާތީ ސުކޫލުތައް ބަންދުކޮށްފައި އޮންނަތާ މިހާރު ދެމަހަށްވުރެ ގިނަ ދުވަސްވެއްޖެ އެވެ. ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކަ ކޮމިޓީގައި މެމްބަރަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އައިޝަތު އަލީ ވިދާޅުވީ ނިއު ނޯމަލްއަކަށް ގޮސް ސުކޫލުތަކުގައި ކިޔަވައިދޭން ފަށަން ތައްޔާރު ވަމުން އަންނަ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ނިއު ނޯމަލްގައި އަމަލުކުރާނެ ގޮތުގެ މަޝްވަރާތައް މިހާރު ކުރެވެމުން އަންނަ ކަމަށެވެ. "ނިއު ނޯމަލްގައި ކަންކުރާނެ ގޮތެއް އަޅުގަނޑުމެން މިހާރު މިދަނީ މަޝްވަރާ ކުރަމުން. އަޅުގަނޑުމެންނަށް އެބަފެނޭ ބައެއް ސުކޫލުތަކުގައި ހަތަރު ދަންފަޅިއަށްވެސް ގެންދަން ޖެހޭތަން. ސުކޫލުގެ ވަގުތު ވަރަށް ބޮޑުތަކުން މަދުވެގެން ދާނެ. ފޭސް ޓު ފޭސްކޮށް މުދައްރިސާ ބައްދަލު ކުރާނީ މަދުވަގުތު ކޮޅަކަށް. އަނެއްބައިގައި އަޅުގަނޑުމެން ފިލާވަޅު ނަގައިދޭނީ ޑިސްޓެންސް މޯޑުން،" މިނިސްޓަރު އައިޝަތު އަލީ ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވީ ބެލެނިވެރިން ސުކޫލު ދޮށަށް ކުދިން ބަލާ ދާއިރުވެސް ގިނަ ބަޔަކު އެއްތަނަކަށް އެއްނުވާނެހެން ގަޑިތަކަކަށް ބަހާލައިގެން ކުދިން ބަލާ ދިޔުމުގެ ކަންކަންވެސް ކުރަން ރާވާފައި ވާކަމަށެވެ. އެހެންނަމަވެސް ނިއު ނޯމަލްގައި އަމަލު ކުރާނެ އުސޫލު އަދި މުޅިން ފައިނަލް ނުވާ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ. މިނިސްޓަރު ވިދާޅުވީ އެންމެންގެ ވެސް އުންމީދަކަށް ވާނީ ސުކޫލުތައް ހުޅުވޭނެ ދުވަހެއް އައުން ކަމަށެވެ. އެހެންވެ ނިއު ނޯމަލްއަކަށް ތައްޔާރުވެ ސުކޫލުތައް ހުޅުވުމަށް އެޑިއުކޭޝަން މިނިސްޓްރީއިން މަސައްކަތް ކުރަމުން ދާ ކަމަށް ވިދާޅުވި އެވެ. މީގެ ކުރިން ގިނަ ސުކޫލުތަކުގައި ކިޔަވައިދެމުން ދިޔައީ އެއް ދަންފަޅިއަށެވެ. ކޮވިޑް 19 ގެ ހާލަތުގެ ސަބަބުން ތައުލީމީ ދާއިރާއަށްވެސް އަސަރުތަކެއް ކުރާނެ ކަމަށް މިނިސްޓަރު އައިޝަތު އަލީ ވިދާޅުވި އެވެ. ތައުލީމީ ދާއިރާއަށް ކުރާނެ އަސަރާ ބެހޭ ރެޕިޑް އެސެސްމެންޓެއް ޔުނިސެފާ ގުޅިގެން މިހާރު ހަދަމުން ދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. "އަސަރުކުރާނެ. ވަރަށް ގިނަ ގާތް ގަނޑަކަށް ދެމަސް ވަނީ މިހާރު ދަރިވަރުން ގޭގައި ތިބޭތާ. ސުކޫލަކީ ހަމައެކަނި ދަރިވަރުން ކިޔަވަން ދާތަނެއް ނޫން. އެކުދިންގެ އިޖުތިމާއީ ގުޅުންތަކާއި ތަފާތު އެކި ކަންތައްތައް ސުކޫލުގައި ހިނގަމުން ދާނެ. އެހެންވީމަ އެކަންކަން އެކުދިންނަށް މިސްވާތީ އަސަރުތަކެއް ކުރަމުން ދާނެ،" މިނިސްޓަރު ވިދާޅުވި އެވެ. ކޮވިޑާ ގުޅިގެން ކުދިންގެ ތައުލީމީ ދާއިރާއަށް ކުދިންނަށް ކުރާ އަސަރުތަކާ ގުޅޭ އެސެސްމެންޓް ރިޕޯޓު މިހަފްތާ ނިމެންވާއިރަށް ލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ނިއުނޯމަލްގައި ހަތަރު ދަންފަޅިއަށް ކިޔަވައިދޭން ޖެހިދާނެ: މިނިސްޓަރު
ކޮރޯނާވައިރަސް ނެތް ރައްތަކުގައި ޖަމާއަތުގައި ނަމާދު ކުރުމުގެ ހުއްދަ ވަރަށް އަވަހަށް ދެވޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ. ކޮރޯނާވައިރަހުން ރައްކާތެރިވުމަށް އެޅި ފިޔަވަޅުތަކުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެށްގައި ޖަމާއަތުގައި ނަމާދު ކުރުން މެދުކަނޑާލަން ވަނީ އަންގާފައެވެ. ކޮވިޑް ނެތް ރަށްރަށުގައި ޖަމާއަތުގައި ނަމާދު ކުރުމުގެ ހުއްދަ ދިނުމަށް އިދިކޮޅު ފަރާތްތަކުންވެސް ދާދި ފަހުން ވަނީ ގޮވާލާފައެވެ. މިރޭ ރައީސް ސޯލިހް ގައުމާ މުހާތަބު ކުރައްވައި ދެއްވި ހިތޯބުގައި ވިދާޅުވީ، ކޮރޯނާވައިސް ނެތް ރަށްރަށުގައިވެސް ލުއިތަކެއް ދިނުމަށް މިހާރު ނިންމާފައިވާ ކަމަށެވެ. އެގޮތުން ވަރަށް އަވަހަށް އެ ރަށްތަށް އާންމު ހާލަތަށް ގެނެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. "އެންމެ ފުރަތަމަ ކަމަކަށް އަޅުގަނޑުމެން މިހާރު ވިސްނާފައި މިއޮތީ، ކޯވިޑް-19 ފެތުރިފައި ނެތް ރަށްރަށް، ވީ އެންމެ އަވަހަކަށް އާންމު ހާލަތަކަށް ގެންނަން. އަދި އެފަދަ ރަށްރަށުގައި، އާންމު އުސޫލުން މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރެވޭނެ ގޮތް ހަމަޖެއްސު މާއި ވިޔަފާރިތައް ހުޅުވުމުގެ ހުއްދަ ދެވޭނެ،" ރައީސް ސޯލިހް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ، މިހާރު އަޅާފައިވާ ފިޔަވަޅުތައް ރަނގަޅަށް ތަންފީޒު ކުރެވެމުންދާނަމަ، މާލެ ސަރަހައްދުގެ ލޮކްޑައުންއަށްވެސް ލުއެއް ދިނުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން އެކަންކުރާނީ ފިޔަވަހިތަކަކަށް ބަހާލައިގެން ކަމަށާއި ފުރަތަމަ ފިޔަވަހީގައި ގެއިން ބޭރަށް ނުކުމެ އުޅުމަށް ލުއިތަކެއް ދިނުމާއި، މިހާރަށް ވުރެ ފަސޭހަ އިންތިޒާމަކުން އާންމު ވިޔަފާރިތަކަށް ފުރުސަތު ފަހިކުރާނެ ކަމަށް ރައީސް ވިދާޅުވއެވެ. އަދި އެހެން ފިޔަވަހިތަކުގައި މީހުން އެއްވެ އުޅުމުގެ ކަންކަމަށް ލުއިތަކެއް ދެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. "މިސްކިތްތައް ހުޅުވާލައި، ހޮޓާތަކާއި ކެފޭތައް ހުޅުވުމަށާއި ސްކޫލްތަކުގެ ކިޔަވައިދިނުން ފެށުމަށް ވެސް، ވަކި އިންތިޒާމުތަކެއްގެ ދަށުން ހުއްދަ ދެވޭނެ. ހަމައެއާ އެކު، ސަރުކާރުގެ އޮފީސްތަކާއި އަމިއްލަ އޮފީސްތަކުގެ ވަޒީފާއަށް ނުކުތުމަށް ވެސް ހާއްސަ އިންތިޒާމުތަކެއް ހަމަޖެއްސޭނެ،" ރައީސް ސޯލިހް ވިދާޅުވިއެވެ. މާލޭ ސަރަހައްދަށް ފުރަބަންދު އިއުލާންކޮށްފައިވަނީ މިދިޔަ މަހުގެ 15 ވަނަ ދުވަހު މާލެއިން ފެނުނު ފުރަތަމަ ކޭސްއާ ގުޅިގެންނެވެ. ތިން ފަހަރެއްގެ މަތިން މުއްދަތު އިތުރު ކުރި ފުރަބަންދުގެ މުއްދަތު މިހާރު ހަމަވާނީ މި މަހުގެ 28 ވަނަ ދުވަހުއެވެ. ރާއްޖެއިން އަޅާފައިވާ ފިވަޅުތަކުން މި ވައިރަސް ވަރަށް ބޮޑަށް ކޮންޓްރޯލްކުރެވިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ފުރަބަންދަށް ދެވޭ ލުއިތަކަކީ، ކުރިން އުޅެމުން ދިޔަ އާންމު ދިރިއުޅުމަށް މުޅިން ބަދަލުވުން ކަމުގައި އަދި ދެކިގެން ނުވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. މިހާތަނަށް މާލެ ފިޔަވާ ރާއްޖޭގެ ފަސް ރަށަކުން މި ވައިރަސް ފެެނިފައިވެއެވެ. އެއީ، ހއ. އުލިގަން، ށ. ނަރުދޫ ހއ. ތަކަންދޫ، ނ. މަނަދޫ އަދި ކ. ހިންމަފުށިންނެވެ. އޭގެ ތެރެއިން އުލިގަން ފިޔަވާ ހުރިހާ ރަށެއް ހުރީ މޮނީޓަރިންގެ ހާލަތުގައެވެ.
ކޮވިޑް19 ނެތް ރަށްތަކުގައި ޖަމާއަތުގައި ނަމާދުކުރުމުގެ ހުއްދަ ވަރަށް އަވަހަށް ދޭނެ: ރައީސް
ޕެރިސްގެ މެޓްރޯ ސިސްޓަމް ބޭނުންކުރާ ފަރާތްތަކަށް ފޭސްް މާސްކު އެޅުން މަޖުބޫރުކޮށް، މާސްކު ނާޅާ އުޅޭ ކަމަށްވާނަމަ ޖޫރިމަނާކުރުމަށް އެ ގައުމުގެ ސަރުކާރުން ނިންމައިފި އެވެ. ޕެރިސްގެ އެންމެ ހަލަބޮލި ވަގުތު މެޓްރޯ ބޭނުން ކުރަން ހާއްސަ ހުއްދައެއް ނަގަން ޖެހޭ ގޮތަށް ވެސް ވަނީ ހަމަޖައްސައިފަ އެވެ. އެގޮތުން މަސައްކަތަށް ދާނަމަ އެ ތަނަކަށް ދާ ސަބަބު، ލިޔުމުން ކުންފުނީގެ ފަރާތުން މުވައްޒަފަށް ލިބިފައި އޮންނަން ޖެހޭނެ ކަމަށް ވަނީ ސަރުކާރުން ހާމަކޮށްފަ އެވެ. ޕެރިސް ސްޓޭޓް ޕަބްލިކް ޓްރާންސްޕޯޓް އޮޕަރޭޓާ ކަމަށްވާ އާރުއޭޓީޕީއިން ބުނެފައިވަނީ މެޓްރޯ ބޭނުންކުރާ ފަރާތްތަކުންގެ ތެރެއިން ގަވާއިދާ ހިލާފަށް މާސްކު ނާޅާ އުޅޭކަން އެނގިއްޖެ ނަމަ 145 ޑޮލަރާ ހަމައަށް ވާ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށެވެ. އެ ގަވާއިދަށް އަމަލުކުރާ މިންވަރު ބަލައި އެ ނިންމުން ތަންފީޒުކުރުމަށްޓަކައި އާރުއޭޓީޕީގެ މުވައްޒަފުންނާއި ފުލުހުން ހަރަކާތްތެރިވާނެ ކަމަށް އެ އޮޕަރޭޓަރުން ވަނީ ބުނެފައެވެ. އާރުއޭޓީޕީއިން އެގޮތަށް އަމަލުކުރުމަށް ނިންމާފައިވަނީ ޕަބްލިކް ޓްރާންސްޕޯޓުތަކުގައި 11 އަހަރުން މަތީ ކޮންމެ މީހަކުވެސް ފޭސް މާސްކު އެޅުން މަޖުބޫރުކުރުމަށް އިކޯލޮޖީ މިނިސްޓްރީއިން ނިންމުމުންނެވެ. ޕެރިސްގައި ފޭސް މާސްކު ތިން ކެޓަގަރީއަކަށް ބެހިގެންވެއެވެ. އެއީ އެފްއެފްޕީ2 ފިލްޓަރިން މާސްކް އާއި ސާޖިކަލް މާސްކް އަދި އާންމު ހާލަތްތަކުގައި ބޭނުންކުރާ މާސްކެވެ. އެއިން ކޮންމެ ވައްތަރެއްގެ މާސްކް އަކީވެސް ޕަބްލިކް ޓްރާންސްޕޯޓުގައި ބޭނުންކުރުން ހުއްދަވާނެ ވައްތަރުގެ މާސްކް އެވެ.
ޕެރިސް މެޓްރޯގައި މާސްކު ނާޅާނަމަ ޖޫރިމަނާ ކުރާނެ
ބާލިން (މެއި 15): މިއަހަރުގެ ފުރަތަމަ ތިން މަހު ޖަރުމަނުގެ އިގުތިސާދު މައިނަސް 2.2 ޕަސެންޓަށް ދަށްވެ، އެގައުމު ރިސެޝަންއަކަށް ގޮސްފައިވާ ކަމަށް ރަސްމީ ތަފާސްހިސާބުން ދައްކައިފި އެވެ. ޖަރުމަނުގެ ފެޑެރަލް ސްޓެޓިސްޓިކްސް އޮފީހުން ބުނި ގޮތުގައި މިއީ 2009 ވަނަ އަހަރުގެ މާލީ ކާރިސާއަށް ފަހު އެގައުމުގައި އެއް ކުއާޓަރު ތެރޭ އިގުތިސާދު އެހާވަރަށް ދަށަށް ދިޔަ ފުރަތަމަ ފަހަރެވެ. އަދި މިއަދު އެ އޮފީހުން ވަނީ މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި އެގައުމުގެ އުފެއްދުންތެރިކަމުގެ ދުވެލި ހުރީ ސުން ޕަސެންޓުގައި ކަމަށް މީގެ ކުރިން ލަފާ ކުރެވުނު ނަމަވެސް އޭގެ އަސްލު އަދަދަކީ މައިނަސް 0.1 ޕަސެންޓު ކަން ފާހަގަ ކޮށްފަ އެވެ. އެހެންކަމުން ޖެހިޖެހިގެން ދެ ކުއާޓަރުގައި ގައުމުގެ އިގުތިސާދީ ކުރިއެރުން ނެގެޓިވްވުމުން އެގައުމު މިހާރު ރިސެޝަނަކަށް ގޮސްފައިވާ ކަމަށް ގާޑިއަން ނޫހުން ފާހަގަ ކުރި އެވެ. ޖަރުމަނަކީ ޔޫރަޕްގެ އެންމެ ބޮޑު އިގުތިސާދެވެެ. އަދި އެގައުމާ އަޅާ ބަލާއިރު އަވަށްޓެރި އެހެން ގައުމުތަކުގެ އިގުތިސާދީ ދުވެލި ވަނީ މާބޮޑަަށް ދަށްވެފަ އެވެ. އެގޮތުން ފްރާންސުގެ އިގުތިސާދު މައިނަސް 5.8 ޕަސެންޓަށް ދަށްވެ، އިޓަލީގެ އިގުތިސާދު މައިނަސް 4.7 ޕަސެންޓަށް ދަށްވެފައިވެ އެވެ. އެ ތަފާތު ފެންނަ ސަބަބުތަކުގެ ތެރޭގައި ޖަރުމަނުގެ ލޮކްޑައުންގެ ތެރޭގައި ފެކްޓަރީތަކާއި ކޮންސްޓްރަކްޝަން ސައިޓުތަކުގެ މަސައްކަތް ކުރިއަށްގެންދިޔަ އެގައުމުގެ ހުރިހާ ސްޓޭޓަކުން ނިންމުމާއި ގައުމުން ފާސްކުރި 810 ބިލިއަން ޑޮލަރުގެ ރެސްކިއު ޕެކޭޖުގެ ދަށުން ގިނަ ވަޒީފާތައް ސަލާމަތް ކުރެވުން ހިމެނެ އެވެ. ކޮރޯނާވައިރަހުގެ 1.4 މިލިއަނަށް ވުރެ ގިނަ ކޭސް ފެނިފައިވާ ޔޫރަޕްގެ މުޅި އިގުތިސާދު މައިނަސް 3.3 ޕަސެންޓަށް ދަށްވެފައިވާ ކަމަށް އީޔޫ ސްޓެޓިސްޓިކްސް އޮފީސް ޔޫރޯސްޓެޓްއިން ބުންޏެވެ. ނަމަވެސް ލޮކްޑައުންގެ ސަބަބުން ޖަރުމަނަށް ލިބުނު ގެއްލުމުގެ މިންވަރު ރަނގަޅަށް އެނގޭނީ ދެވަނަ ކުއާޓަރުގައި ކަމަށް އިކޮނޮމިސްޓުން ވިދާޅުވި އެވެ. މިދިޔަ މާޗް މަހު ލޮކްޑައުންއަށް ދިޔަ ޖަރުމަނުގައި މިހާރު ފިޔަވަޅުތައް ލުއިކޮށް، ފިހަރަތަކާއި ސްކޫލުތައް ވަނީ ހުޅުވަން ފަށާފަ އެވެ.
ކޮރޯނާވައިރަހާ ހެދި ޖަރުމަނުގެ އިގުތިސާދު ރިސެޝަންއަކަށް ގޮސްފި
މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އާއެކު ކުރިމަތިިވި ދަތިތަކާ ގުޅިގެން 15،000 އަށް ވުރެ ގިނަ ލޯނު މިހާތަނަސް ފަސްކޮށްދީފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ. ކޮވިޑާ ގުޅޭގޮތުން ރައީސް ސޯލިހް މިރޭ ދެއްވި ޚިތާބުގައި ވިދާޅުވީ ސަރުކާރުގެ އެންމެ އިސްވާޖިބަކީ ރައްޔިތުންނަށް ހާލުގައި ޖެހޭ ކޮންމެ ވަގުތެއްގައި އެހީތެރިވުން ކަމަށެވެ. އެހެންކަމުން ކެރި ފޯރުންތެރިކަން ހުރި މިންވަރަކުން ﷲގެ ވާގިފުޅާއެކު ވީ އެންމެ ރަނގަޅަކަށް އެހީތެރިވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. " ވިޔަފާރިތަކަށާއި އެކި ކަންކަމަށް، އަމިއްލަ މީހުން ބޭންކުތަކުން ނަގާފައިވާ ލޯނުތައް އަނބުރާ ދެއްކުން 6 މަސްދުވަހަށް ފަސްކުރުމުގެ ޕްރޮގްރާމްގައި، އެޗް.ޑީ.އެފް.ސީ. އާއި އެމް.އެފް.އެލް.ސީ އަދި އެސްޑީ.އެފް.ސީ އާއި ރާއްޖޭގައި ހިންގާ 8 ބޭންކު މިހާރު ވަނީ ބައިވެރިވެފައި. މި ދެންނެވި ތަންތަނުން ނަގާފައިވާ ލޯނުތަކުގެ ތެރެއިން މިހާތަނަށް 15000 އަށްވުރެ ގިނަ ލޯނުގެ މުއްދަތު ވަނީ ފަސްކޮށްދީފައި. " ރައީސް ވިދާޅުވިއެވެ. ފަސްކޮށްދިން 15،000 ލޯންތަކުގެ ތެރެއިން 83 ޕަސެންޓް ލޯނު 83 އިންސައްތަ ނުވަތަ 13199 ލޯނަކީ ބޭންކް އޮފް މޯލްޑިވްސްގެ ލޯންކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. ކޮރޯނާއާ ގުޅިގެން މާލީގޮތުން ދަތިވި ވިޔަފާރިތަކާއި ރިސޯޓްތަކުންވެސް ވަނީ ބީއެމްއެލް މެދުވެރިކޮށް ސަރުކާރުން ދޫކުރާ ލޯނު ހޯދަން އެދިފައެވެ. އެފަދަ ހުށަހެޅުންތަކުގެ ތެރެއިން 157 ހުށަހެޅުމަކަށް ލޯނު ދޫކުރަން ނިންމައި، އޭގެތެރެއިން 98 ވިޔަފާރިއަކަށް ލޯނުދޫކޮށްފައިވާކަންވެސް ރައީސް ފާހަގަކުރެއްވިއެވެ. "ކުދި ވިޔަފާރިތަކަށާއި އަމިއްލަ މަސައްކަތް ކުރާ މީހުންނަށް، އެސް.ޑީ.އެފް.ސީ މެދުވެރިކޮށް ސަރުކާރުން ދޫކުރާ ލޯނު ހޯދުމަށް ލިބުނު ހުށަހެޅުންތަކުގެ ތެރެއިން، 396 ވިޔަފާރިއަކަށާއި އަމިއްލަ މަސައްކަތްކުރާ 134 މީހަކަށް، (ޖުމްލަ 530 ފަރާތަކަށް) ލޯނު ދޫކުރުމުގެ މަސައްކަތް މިހާރު ކުރިއަށް އެބަދޭ." ރައީސް ވިދާޅުވިއެވެ. ކޮވިޑްއާއެކު ވަޒީފާ ގެއްލިފައިވާ ފަރާތަތްކަށް އެހީތެރިވުމުގެ ގޮތުން ހާއްސަ ޕެކޭޖެއް ކަނޑައަޅައި އޭގެން ކޮންމެ މީހަކަށް 5000 ރުފިޔާގެ ރޭޓުން މިހާރުވެސް އެލަވަންސް ދެމުންދާކަން ރައީސްގެ ޚިތާބުގައި ފާހަގަކުރެއްވިއެވެ.
15000 އަށް ވުރެ ގިނަ ލޯނުގެ މުއްދަތު މިހާރު ވާނީ ފަސްކޮށްދީފައި: ރައީސް
އިންޑިއާގައި ތިިބި ދިވެހީންގެ ތެރެއިން ރާއްޖެ އަންނަން ބޭނުންވެފައިތިބި 235 ދިވެހިން ރާއްޖެ ގެނެސްފިއެވެ. އިންޑިއާ އިން މީހުން ގެނައުމަށް މިއަދު މެންދުރު މޯލްޑިވިއަން އިން ބޭއްވި ފްލައިޓުގައި ޓްރިވެންޑްރަމް އިން 50 މީހަކު ގެނެސްފައިވާއިރު މިރޭ ބޭއްވި ފްލައިޓުގައި 185 މީހަކު ވަނީ ގެނެސްފައެވެ. އިންޑިއާގެ އެކި ސިޓީތަކުގައި ތިބި ދިވެހިން ރާއްޖެ ގެނައުމަށް ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރުން ކުރާ މަސައްކަތުގެ ދަށުން މިއަދު ރާއްޖެ ގެނެސްފައިވަނީ ޕަންޖާބް، ކަލްކަތާ، ގުރްގުއާން، ރިޝިކޭޝް، ދިއްލީ، ވެއްލޫރު، ޗެންނާނީ، ޓްރިވެންޑްރަމް، ކޮޗިން، ބެންގަލޫރު، ޕޫނޭ، ގޯއާ، ޖަމްނާގަރް، އެޒިމާލާ، ވެލިންޓަން އަދި ޕަޗްމާރީ ގައި ތިބި ދިވެހީންނެވެ. މި ސިޓީތަކުގައި ތިބި ދިވެހީން ރާއްޖެ އައުމަށް ގޮސްފައިވަނީ ދިއްލީ އަދި ޓްރެވިންޑްރަމް އަށެވެ. އަނބުރާ ރާއްޖެއަށް ގެނައި މީހުންގެ ތެރޭގައި ބޭސްފަރުވާއަށް އިންޑިއާއަށް ގޮސް ފްލައިޓް ކެންސަލްވި ފަރާތްތަކާ، ބޮޑެތި ބަލިތަކަށް ފަރުވާކުރުމަށް އިންޑިއާއަށް ދަތުރުކޮށް، ލޮކްޑައުންގެ ސަބަބުން ފަރުވާ ހުއްޓިފައިވާ ފަރާތްތަކާއި، ރިޕަޓްރިއޭޝަން ފްލައިޓްތަކުގައި އައުމަށް އެއަޕޯޓްތަކަށް ދިޔުމަށް ދަތި ދުރު ހިސާބުތަކުގައި ތިބި ދިވެހިންނާއި، ކުރު މުއްދަތުގެ ވިސާގައި އިންޑިއާގައި ތިބި ދިވެހިން އަދި ކިޔަވާ ކުދިންވެސް ހިމެނޭ ކަމަށް ފޮރިން މިނިސްޓްރީއިން ވަނީ ބުނެފައެވެ. މީގެ ކުރިންވެސް އިންޑިއާގައި ތިބި ދިވެހިން ރާއްޖެ ގެނައުމަށް ވަނީ ފްލައިޓުތައް ބާއްވައިފައެވެ. ކުރިއަށް އޮތްތަނުގައިވެސް މި ފަދަ ފްލައިޓުތައް ބާއްވަން ނިންމާފައިވާއިރު ފުރުސަތު ލިބޭވަރަކުން ބޭރުގައި ކިޔަވަން ތިބޭ ދިވެހިން ރާއްޖެ ގެނައުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ.
އިންޑިއާގައި ތިބި 200 އަށްވުރެ ގިނަ ދިވެހީން ގެނެސްފި
ދައުލަތުގެ އާމްދަނީ ވަރަށް ބޮޑުތަކުން ދައްވެފައިވުމާ އެކު، މިހާރު ލިބިފައިވާ ބޭރުގެ ހިލޭ އެހީއިން ދައުލަތުގެ ހަރަދުތައް ހަމަނުޖެއްސޭނެ ކަމަށާއި އެހީ ހޯދަން ބޮޑެތި ގޮންޖެހުންތަކެއް ހުރި ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ. އޮޑިޓާ ޖެނެރަލްގެ އޮފީހުން ރޭ ބޭއްވި ވެބިނާ ސެޝަންއެއްގައި ކޮވިޑް-19ގެ އިގްތިސާދީ އަދި ފިސްކަލް ލޮޅުންތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓްރީގެ ޗީފް ފައިނޭންޝަލް ބަޖެޓް އެގްޒެކެޓިވް ސަރުވަޝް އާދަމް ވިދާޅުވީ، މިވަގުތު ރާއްޖެއަށް ފައިސާ ހޯދަން މަސައްކަތް ކުރަނީ ބޭރުގެ ހިލޭ އެހީ ގޮތުގަ އާއި ބޭރުގެ ފަރާތްތަކުން ލޯނު ހޯދުން އަދި އެތެރޭގެ މާލީ ބާޒާރަށް ޓީބިލް ވިއްކައިގެން ކަމަށެވެ. މި ތިން ގޮތުގެ ތެރެއިން ވެސް ބަޖެޓު ފައިނޭންސްކުރަން މައިގަނޑު ގޮތެއްގައި ބުރަވަނީ ބޭރުގެ ލޯނާއި ހިލޭ އެހީ ލިބުމުން ދަތިވުމުން ކަމަށް އޭނާ ވިދާޅުވި އެވެ. އިތުރު ތަފްސީލު ދެއްވަމުން ސަރުވަޝް ވިދާޅުވީ މި ދުވަސްވަރަކީ ބައިނަލްއަގްވާމީ ފައިސާގެ ބާޒާރުތަކުގައި ވެސް ހަރަކާތްތައް މަދު ދުވަސްވަރެއް ކަމަށްވުމާއެކު އަމިއްލަ ބޭންކުތަކުން ފައިސާ ހޯދުމަށާއި މާލީ ބާޒާރުގައި އިންސްޓްރޫމަންޓްތައް ވިއްކުމުގައި ދަތިތަކެއް ދިމާވާ ކަމަށެވެ. ރާއްޖޭގެ އިގްތިސާދު ދަށްވެ، އާމްދަނީ ލިބުން ދަތިވުމާއެކު ބަޖެޓުގައި ހިމެނޭ ހަރަދުތަކަށް ފައިސާ ހޯދުމަށް ވެސް މި ދުވަސްވަރު ދަތިތަކެއް ވަނީ ކުރިމަތިވެފައިކަން އޭނާ ފާހަގަ ކުރެއްވި އެވެ. މި ދުވަސްވަރު ބޭރުގެ މާލީ އިދާރާތަކުން އެހީ ދިނުމުގައި ކޮވިޑް-19ގެ ކަންކަމަށް އިސްކަން ދޭތީ ބަޖެޓްގައި ހުރި އެހެން ހަރަދުތަކަށް ފައިސާ ހޯދުން ދަތިކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ސަރުކާރުން ހޯދަން މަސައްކަތް ކުރާ 233 މިލިއަން ޑޮލަރުގެ ތެރެއިން މިހާރު ބައެއް ހިލޭ އެހީތައް ލިބިފައި ވިޔަސް އެ ފައިސާއިން ދައުލަތުގެ ހަރަދުތައް މެނޭޖް ނުކުރެވޭނެކަމަށް ވެސް ސަރުވަޝް ވިދާޅުވި އެވެ. ސަބަބަކަށް ވަނީ، ސަރުވަޝް ވިދާޅުވި ގޮތުގައި އެ ފައިސާ ލިބުނަސް ފައިނޭންސް ކުރެވޭނީ ގާތްގަނޑަކަށް ހަރަދުތަކުގެ ހަތަރު ބައިކުޅަ އެއްބަޔަށް ކަމަށްވުމެވެ. "ބަޖެޓަށް އަންނަ ލޮޅުން އެހާ ބޮޑު. ފުރަތަމަ ކަމަކީ އާމްދަނީގެ ބޮޑު ބައެއް އުނިވެގެން މިދަނީ. އަދި އެއާއެކީގައި ހަރަދު އެ މިންވަރަކަށް އެޖަސްޓެއް ނުކުރެވޭނެ ކުރު ރާސްތާގައި. އެހެންކަމުން ޑެފިސިޓް ބޮޑުވެ، ފައިނޭންސިން ގެޕް ވަރަށް ބޮޑުވެގެން މިދަނީ،" ސަރުވަޝް ވިދާޅުވި އެވެ. މިއަހަރުގެ ބަޖެޓުގައި ދައުލަތަށް 29.9 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެ ކަމަށް ލަފާކުރެވުނު ނަމަވެސް މިހާރު ފިނޭންސް މިނިސްޓްރީން ލަފާކުރަނީ އެންމެ ރަނގަޅު ހާލަތުގައި ވެސް އާމްދަނީގެ ގޮތުގައި ލިބޭނީ 15.2 ބިލިއަން ރުފިޔާ ކަމަށެވެ. ގައުމުތަކުން މި ދުވަސްވަރު ސިއްހީ ވަސީލަތްތަކާއި ބޭހާއި އެނޫން ތަކެތި ވެސް އެކްސްޕޯޓު ކުރުން މަދުކުރަން ފިޔަވަޅު އަޅާ ފަދައިން ފައިސާ ބޭރު ކުރުން މަދުކުރުމަށްޓަކައި ކެޕިޓަލް ކޮންޓްރޯލްސްގެ ފިޔަވަޅުތައް އަޅާފައިވާކަން ވެސް ސަރުވަޝް ފާހަގަ ކުރެއްވި އެވެ. މީގެ ސަބަބުން ގައުމުތަކުން ފައިސާ ބޭރުކުރުމާއި އެހީތެރިކަން ހޯދުމުގައި ދަތިތަކެއް ކުރިމަތިވަމުންދާ ކަމަށް އެ ރިޕޯޓުގައި ބުނެފައިވެ އެވެ. މީގެ އިތުރުން އެތެރޭގެ މާކެޓުން ވެސް ފައިނޭންސިން ހޯދުމުގައި ދަތިތަކެއް އެބަހުރި ކަމަށް ސަރުވަޝް ވިދާޅުވި އެވެ. "އެތެރޭގެ މާކެޓުގައި ބޭންކްތަކަށް މޮރެޓޯރިއަމް ވެސް ދީގެން މިތިބެނީ. އެއާއެކު ބޭންކްތަކުގެ އާމްދަނީ ވަރަށް ބޮޑަށް ވަނީ ދަށްވެފައި. އިގްތިސާދުގައި ފައިސާ ދައުރުކުރާ މިންވަރު ވެސް ވަނީ ވަރަށް ދަށްވެފައި. އެހެންވީމަ ބޭންކްތަކަށް ވެސް ފައިސާ ހޯދާފައި އެ ފައިސާ ޓީބިލަށް އިންވެސްޓު ކުރެވޭނެ ކެޕޭސިޓީ ވަރަށް ބޮޑަށް ދަށްވެފައިވަނީ." ސަރުވަޝް ވިދާޅުވި އެވެ. މީގެ އިތުރުން އާންމުންގެ ވަޒީފާ ގެއްލެމުންދާ މިންވަރަކަށް ޕެންޝަން އޮފީހުގެ އާމްދަނީ ދަށްވަމުން ދިއުމާއެކު ޕެންޝަން އޮފީހުން ވެސް ޓީބިލްގައި އިންވެސްޓުކުރާ މިންވަރު މަދުވާނެ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
އެހީ ހޯދަން ވަރަށް ދަތި، ލިބުނު ފައިސާއިން ހަރަދުތައް ހަމަނުޖެއްސޭނެ: ފިނޭންސް
ޑަބްލިއުއެޗްއޯ މެދުވެރިވެގެން ރާއްޖެއަށްް ގެންނަ 75 ވެންޓިލޭޓަރު ގެނައުމަށް ހަވާލުކުރި އެގްޒެކިޔުޓާސް ޖެނެރަލް ޓްރޭޑިން އަށް އެ މަސައްކަތް ހަވާލު ކުރި އިރު އެ ކުންފުންޏަކީ ލެޖިޓިމޭޓް ކުންފުންޏެއްތޯ ހެލްތު މިނިސްޓްރީ އިން ބެލިކަމަށާއި އެ މަސައްކަތް އެ ކުންފުންޏަށް ހަވާލުކުރީ އެކަން ޔަގީން ކުރުމަށްފަހު ކަމަށް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން ބުނެފިއެވެ. އެންއީއޯސީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެގްޒެކިޔުޓާސް ޖެނެރަލް ޓްރޭޑިން އަކީ ދުބާއީގައި ވިޔަފާރި ކުރުމުގެ ލައިސަންސް ނެތް ކުންފުންޏެއްކަމަށާއި އެކަން ސަރުކާރުން ޔަގީންކުރިތޯ ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެ ސެންޓަރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވީ ވެންޓިލޭޓަރުތައް ގެނައުމަށް ހަވާލު ކުރި ކުންފުންޏަށް ކޮންޓްރެކްޓު ހަވާލުކުރުމުގެ މަސައްކަތްކުރި ހެލްތު މިނިސްޓްރީގެ މުވައްޒަފުންނާ ވާހަކަ ދެއްކި ކަމަށެވެ. "ހަމަ އެކުންފުންޏާ އެނގޭތޯ، އެއީ އެކުންފުނީގެ ނަމަކީ. އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން. ދެން ތި ވިދާޅުވާ ލައިސަންސްގެ ކަންތަކުގައި އަޅުގަނޑަށް ދެން އެނގޭވަރުވެސް އަޅުގަނޑު ބުނެލަދޭނަން. ފުރަތަމަ ކަމަކަށް، އަޅުގަނޑު މިއަދު މި ޓްރާންސެކްޝަން ހިންގެވި ހެލްތް މިނިސްޓްރީގެ ކުދިންނާ ވާހަކަ ދެއްކިން. އެކުދިންގެ އަތުގައި ހުރި ޑޮކިޔުމެންޓުތައް އަޅުގަނޑުމެން ހޯދިން. މި ކަމުގައި އެ ޓްރާންސެކްޝަން ހިންގުމަށް މަޝްވަރާ ކުރެވި ކޮންޓްރެކްޓު ކުރުމަށްފަހުގައި އަޅުގަނޑަށް ހީވަނީ އެ ބޭފުޅުންގެ ބިޒްނަސް ލައިސަންސް އެކްސްޕަޔާ ވެފައި އޮތް ވާހަކައެއް ދެއްތޯ ތި ވިދާޅުވަނީ. ތި ބޭފުޅުންނަށްވެސް އެނގިލައްވާނެ ބިޒްނަސް ލައިސަންސެއް މަސައްކަތް ކުރާގޮތަކީ އަހަރުން އަހަރަށް ނޫނީ ކޮންމެ ދެ އަހަރަކުން އާ ކުރާ އެއްޗެއްގެ ގޮތަށް އޮންނަނީ. ދެން ކޮވިޑް19 އާ ގުޅިގެން މި އައި ހާލަތުގައި ފަހަރުގައި ވެދާނެ، ލައިސަންސް އާ ނުވެ އޮތީ ކަމަށް،" މަބްރޫކު ވިދާޅުވިއެވެ. މަބްރޫކު ވިދާޅުވީ އެ ކުންފުންޏާ މި މުއާމަލާތް ހިނގި އިރު ކުންފުނީގެ ސައްހަކަން ޔަގީން ކޮށްފައިވާ ކަމަށެވެ. "އެ ބޭފުޅުން ވިދާޅުވަނީ ޑޮކިޔުމެންޓޭޝަން ހޯދީމޭ ލެޖިޓިމޭޓު ކުންފުންޏެއް ކަމަށް. އަޅުގަނޑަށް ހީވަނީ ވެގެން ތިއުޅޭގޮތަކީ ފަހަރުގައި އެބޭފުޅުންގެ ބިޒްނަސް ލައިސަންސް އެކްސްޕަޔާވެފައި އެކަހަލަ ކަމެއް ވެފައި އޮތީ ކަމަށް. އަޅުގަނޑު އެބޭފުުންނާ މިއަދު އެކަމުގައި އިތުރަށް މައުލޫމާތު ހޯދީ. ކިހިނެއްތޯ އެކަން ހިނގީ. އެބޭފުޅުން ވިދާޅުވަނީ މި ބުނާގޮތަށް އެ ކުންފުންޏާ އެކީގައި ވަހަކަ ދެއްކި އެގްރިމެންޓް ކުރެވިގެން އެބޭފުޅުންނަށް އެ ދެއްކުނު ފައިސާއެއް ދެއްކިފައިވަނީ،" މަބްރޫކް ވިދާޅުވިއެވެ. މި ވެންޓިލޭޓަރުތައް ގެނައުމަށް އެކުންފުންޏާ ހަވާލުކޮށްފައިވަނީ 34 މިލިއަން ރުފިޔާއަށެވެ. މި މަހުގެ ތެރޭގައި އެކިއެކި ކުންފުނިތަކުން ޖުމްލަ 45 ވެންޓިލޭޓަރު ރާއްޖެ އަންނާނެ ކަމަށް މަބްރޫކު ރޭ ވަނީ ވިދާޅުވެފައެވެ.
ވެންޓިލޭޓަރު ގެންނަން ދުބާއީ ކުންފުންޏާ ހަވާލުކުރީ ކުންފުނީގެ ސައްހަކަން ކަށަވަރުކޮށްފައި
ކޮރޯނާ ވައިރަސްއާއެކު "ނިއު ނޯމަލް"ގައި ކޮލެޖުތައް ކުރިއަށް ގެންދާނެ ގޮތާ ގުޅޭ ގޮތުން މަޝްވަރާކޮށްފި އެވެ. ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ބުނީ ކޮވިޑް 19ގެ ސަބަބުން ކޮލެޖްތަކުގެ ކިޔަވާދިނުމަށް ގެންނަމުންދާ ބަދަލުތައް ޙިއްސާ ކުރުމަށް ބޭއްވޭ ސިލްސިލާ ބައްދަލުވުންތަކެއް އެ މިނިސްޓްރީ ފަށާފައިވާ ކަމަށެވެ. އޮންލައިންކޮށް މިއަދު ފެށި އެ ބައްދަލުވުންތައް ކުރިއަށް ގެންގޮސްފައިވަނީ ކުދި ގްރޫޕްތަކަށް ބަހާލައިގެންނެވެ. މިނިސްޓްރީން ބުނީ އެބައްދަލުވުންތަކުގައި ކޮވިޑްގެ މިޙާލަތާ އެކު ކޮލެޖްތަކުގެ ކިޔަވައިދިނުމަށް ގެނައި ބަދަލުތަކާއި އެބަދަލުތައް ގެނައުމަށްޓަކައި ވެވުނު ތައްޔާރީތަކުގެ މައްޗަށް ވާހަކަދައްކާ ޚިޔާލު ބަދަލުކުރި ކަމަށެވެ. އޭގެ އިތުރުން ނިއު ނޯމަލްގައި ކޮލެޖްގެ ޙަރަކާތްތަކާއި ކިޔަވާދިނުން ކުރިޔަށް ގެންދިއުމަށް ޓަކައި ކޮލެޖްތަކުން ކުރެވިދާނެ ކަންތައްތަކާ ގުޅޭ ގޮތުން ވަނީ މަޝްވަރާކުރި ކަމަށެވެ. މިއަދުގެ ބައްދަލުވުމުގައި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ވަނީ ކިޔަވާ ދިނުމާއި ގުޅުންހުރި އެންމެހާ ކަންތައްތަކުގެ ފެންވަރު ކަށަވަރުކުރުމަށް (ކޮލިޓީ އެޝުއަރެންސް) މަސައްކަތް ކުރެއްވުމަށާއި ފެންވަރު ހިފެހެއްޓޭކަން ކަށަވަރު ކުރެއްވުމަށް ކޮލެޖެތަކުން ކުރައްވާ ކަންތައްތައްވެސް ބައްލަވާލައްވައިފަ އެވެ. މިއަދުގެ ބައްދަލުވުމުގައި ކޮލެޖްތަކަށް މިވަގުތު ހުރި ގޮންޖެހުންތައް ވެސް ކޮލެޖްތަކުގެ ވެރިން މިނިސްޓަރަށް ވަނީ ހުށަހަޅުއްވައިފަ އެވެ. ގައުމީ ޔުނިވާސިޓީން މިހާރު ވަނީ މިމަހުގެ 31 ވަނަ ދުވަހު ކޮލެޖުގެ ކިޔެވުން ފަށަން ވެސް ނިންމައިފަ އެވެ.
ނިއު ނޯމަލްގައި ކޮލެޖުތައް ކުރިއަށް ގެންދާނެ ގޮތާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
އަމަންއަމާންކަން ދެމެހެއްޓުމަށް ފުލުހުން ކުރާ މަސައްކަތަށް އެންމެ ފަހުން އިތުރުކުރި ހަތިޔާރަކީ، ކަރަންޓު ފިސްތޯލަ ނޫނީ ޓޭޒާ ގަން އެވެ. ފުލުހުން މި ހަތިޔާރު ނެގުމާ އެކު އާންމުންގެ އެތައް ބަޔަކު އޮއްސާލީ އެ މީހުންގެ ކަންބޮޑުވުންތަކެވެ. ގިނަ މީހުންގެ ހިޔާލު ހުރީ އެއީ ފުލުހުންގެ އަތަށް ދޭންވާ ވަރު އެއްޗެއް ނޫން ކަމަށެވެ. އަނެއް ބަޔަކު ސުވާލު އުފެއްދީ ފުލުހުންގެ މިޒާތުގެ ހަތިޔާރު ބޭނުން ކުރާ ވަރަށް ރާއްޖޭގެ ހާލަތު ގޯސްވީ ހެއްޔެވެ؟ ނޫނީ މިހާރު ވެސް ފުލުހުންނަށް ދީފައިވާ ބޮޑެތި ބާރުތަކުން ކުށްތައް ހުއްޓުވޭ ވަރު ނުވަނީ ހެއްޔެވެ؟ މި ހުރިހާ ސުވާލެއް ވެސް ގޮސް ހުއްޓެނީ އާންމުން ފުލުހުންނަށް ކުރާ އިތުބާރާ ހިސާބުގަ އެވެ. އަދި ފުލުހުންގެ ހިދުމަތާ މެދު އާންމުން ދެކެމުން އަންނަ ޝައްކު ނަޒަރާ މެދު އެވެ. ކަމުގެ ހަގީގަތަށް ދާއިރު، މި ފިސްތޯލައެއްގެ ބަހުސުގައި ދެކޮޅަށް ވެސް ވާހަކަ ދެއްކިދާނެ އެވެ. މޯލްޑިވްސް ޕޮލިސް ސާވިސްއިން ބުނަނީ މި ފިސްތޯލަ ބޭނުންކުރާނީ މަޖުބޫރީ ހާލަތުގައި އެ ނޫން ގޮތެއް ނެތިގެން ކަމަށެވެ. އެކަމަކު މަޖުބޫރީ ހާލެއް ފުލުުހުން ނިންމާނީ ކިހިނެއް ހެއްޔެވެ؟ އެއީ އިތުބާރާ ހަމައިން އަނެއްކާ އުފެދޭ ބޮޑު ސުވާލެކެވެ. ދިވެހި ފުލުހުން ކަރަންޓް ދޭ ފިސްތޯލައާ އެކު -- ކަރަންޓް ޖައްސާ ފިސްތޯލަ އަކީ ކޮބާ؟ ކަރަންޓު ފިސްތޯލައިގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ދެ ޑާޓު ނުވަތަ ޕިންކޮޅެވެ. ފިސްތޯލައިގެ ޓްރިގަރަށް ފިތާލުމާއެކު ދެ ޑާޓުކޮޅު ނިކުމެގެން ގޮސް، އަމާޒުވާ މީހާގެ ފޭރާން ފޫއަޅުވާލާފައި ގޮސް ސީދާ ހެރޭނީ ހަށިގަނޑަށެވެ. ހަށިގަނޑަށް ވަދެފައި ހުންނަ ޑާޓު ކޮޅާ ފިސްތޯލައާ ގުޅިފައި ވަނީ ދެ ނަރުކޮޅާ އެވެ. މި ނަރުކޮޅުގެ ތެރެއިން ލާފައި ހަށިގަނޑަށް 50،000 ވޯލްޓުގެ ކަރަންޓް ފޮނުވާލަ އެވެ. މި ފޮނުވާލާ ކަރަންޓް މީހާގެ ހަށިގަނޑުގައި ޖެހުމާއެކު "ޝޮކެއް" ލިބި، ހަރަކާތް ހުއްޓި މީހާ އެ ހުރިތަނަކަށް ވެއްޓެ އެވެ. ޓޭޒާ އެކްސް2-- ފުލުހުން އާންމުކުރި ވީޑިއޯއިން ފެންނަ ކަރަންޓު ފިސްތޯލަ އެންމެ ވައްތަރީ އެކްސޮންއިން ވިއްކާ "ޓޭޒާ އެކްސް2" އާ އެވެ. މި ވައްތަރުގެ ފިސްތޯލައިގައި ދެ ޝޮޓު ހިމެނެ އެވެ. މާނައަކީ ކާޓްރިޖް ރީލޯޑު ކުރުމަކާ ނުލައި އިތުރު ޝޮޓެއް ފޮނުވާލެވޭނެ އެވެ. ކޮންމެ ޝޮޓެއްގައި ހިމެނެނީ ދެ ޑާޓު ކޮޅެވެ. ޑާޓު އަމާޒުވާ ދިމާ އަންގައިދިނުމަށްޓަކައި މި ބާވަތުގެ ފިސްތޯލައިގައި ލޭޒާ ބީމް ހިމަނާފައިވެ އެވެ. ކަރަންޓް މުގުރަށްވުރެ ގެއްލުން ބޮޑު! ކުރިން ޓޭޒާ އިންޓަނޭޝަނަލް އަދި މިހާރު އެކްސޮން ނަމަކަށް ކިޔާ ކުންފުނީގެ އުފެއްދުމެއް ކަމަށްވާ ޓޭޒާ ގަން އުފެއްދީ ވަޒަން ބޭނުންކުރާ ފިސްތޯލައާއި ބަޑިފަދަ ތަކެއްޗަށް ވުރެ ރައްކާތެރި ވަސީލަތެއް ފުލުހުންނަށް ހޯދައިދިނުމަށެވެ. ނަމަވެސް ދިވެހި ފުލުހުންނަކީ ފިސްތޯލަ ގެންގުޅޭ ބަޔަކަށް ނުވުމާއެކު މިކަމުގައި އެމެރިކާ އާއި އިނގިރޭސި ފުލުހުންނާ އަޅާކިޔޭނެ ގޮތެއް ނެތެވެ. އަދި ޓޭޒާ ފިސްތޯލައަކީ މިހާރު ގެންގުޅޭ ކަރަންޓް މުގުރަށްވުރެ ގެއްލުން ކުޑަ އެއްޗެކޭ ބުނެވޭކަށް ވެސް ނެތެވެ. ދިވެހި ފުލުހުން ކަރަންޓު ފިސްތޯލަ ބޭނުންކުރުމާ ދެކޮޅަށް ވަކާލާތު ކުރާ މީހުން ބުނާ ގޮތުގައި ދިވެހި ފުލުހުންގެ ކިބައިން މީގެ ކުރިން ފެނިފައިވާ ހާލަތާ ނުބައްދަލު ބާރު ބޭނުން ކުރުމައި "އަނިޔާވެރި އަމަލުތަކު"ގެ ސަބަބުން ފުލުހުންގެ އަތަށް އެއްވެސް ޒާތެއްގެ ހަތިޔާރެއް ދިނުން ރަނގަޅެއް ނޫނެވެ. އެ ހަތިޔާރު ފުލުހުން ރަނގަޅަށް ބޭނުން ކުރުމުގެ ބަދަލުގައި ނާޖާއިޒު ގޮތުގައި ބޭނުން ކުރުމުގެ ފުރުސަތު ބޮޑު ކަމަށް އެފަދަ ފަރާތްތަކުން ގަބޫލު ކުރެ އެވެ. ދިވެހި ފުލުހުން ކަރަންޓް ދޭ ފިސްތޯލައާ އެކު -- މީގެ ކުރިން ފުލުހުންގެ ފަރާތުން އެކި އަނިޔާތައް ލިިބިފައިވާ ރައްޔިތުން މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) ވިދާޅުވި ގޮތުގައި، މި ހުރިހާ ދުވަހުވެސް ފުލުހުންގެ ފަރާތުން ރައްޔިތުންނަށް ނުހައްގު ބޮޑެތި އަނިޔާތައް ލިބެމުން ގޮސްފައިވާ ކަމަށެވެ. އަދި ފުލުހުންގެ އެފަދަ ތާރީހެއް އޮތް އިރު އެފަދަ ހަތިޔާރެއް ދިނުމުގެ ކަންބޮޑުވުން ބޮޑު ކަމަށް އޭނާ ގަބޫލު ކުރައްވަ އެވެ. "އަޅުގަނޑަށް މިހާތަނަށް ފެނިފައިވަނީ ފުލުހުން ރައްޔިތުންނަށް ހަމަލާދީ އަނިޔާކުރިތަން. ރައްޔިތުނެއް ނޫން. އެ ފުލުހުން ފުރަތަމަ ރީހެބިލިޓޭޓް ނުކޮށް،ތިޔަ ހަތިޔާރެއް ދިނުން ރައްކާތެރިބާ؟،" އިންތި ސުވާލު އުފައްދަވާފައިވެ އެވެ. މުޒާހަރާތަކުގައި ނުބައްދަލު ބާރު ބޭނުންކޮށް މުގުރުގެ އިތުރުން ޕެޕާ ސްޕްރޭ ބޭނުން ކުރަން ނުޖެހޭ ގޮތަށް ބޭނުންކޮށްފައިވާ ކަމަށް ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަންގެ ރިޕޯޓްތަކުން ހާމަވެފައިވެ އެވެ. މިފަދަ ނޭދެވޭ އެތައް ކަމެއް ފުލުހުންގެ ފަރާތުން ފެނިފައި ވިޔަސް، އެކަންކަމަށް އިންސާފު ނުލިބި ފަސްއެޅިގެން ދާތީ އާންމުންގެ ޝަކުވާ ބޮޑެވެ. ފުލުހުންގެ ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވީ ފުލުހުން މިތަކެތި ބޭނުންކުރާނީ ޒިންމާދާރުކަމާއެކުގައި ކަމަށާއި ބޭނުންކުރުމުގެ ކުރިން ޓްރެއިނިން ދޭނެ ކަމަށެވެ. އަދި މި ތަކެތި ބޭނުންކުރާ ފުލުހުން މޮނީޓަރު ކުރުމަށްޓަކައި ހަށިގަނޑުގައި ބޮޑީ ކެމެރާއެއް ހުންނާނެ ކަމަށާއި ފުލުހުން އެ ފިސްތޯލަ ބޭނުން ކުރާ ގޮތް އެއަށް ރެކޯޑްވެފައި ހުންނާނެ ކަމަށް ސީޕީ ހަމީދު ވިދާޅުވި އެވެ. ދިވެހި ފުލުހުން ކަރަންޓް ދޭ ފިސްތޯލައާ އެކު -- ބޮޑު ސުވާލު: މިއީ ފުރާނައަށް ނުރައްކާ އެއްޗެއްތަ؟ ކަރަންޓު ފިސްތޯލަ އީޖާދުކުރި ކުންފުނިން މިތަކެތި ފުރަތަމަ މާކެޓުކުރީ "ނޮން ލީތަލް" ނުވަތަ ފުރާނައަށް އެއްވެސް ނުރައްކަލެއް ނުވާ އެއްޗެއްގެ ގޮތުގަ އެވެ. މިއީ ރާއްޖޭގައި މުޅިން އަލަށް ބޭނުންކުރަން ފަށާ އެއްޗަކަށް ވުމާއެކު ބެލެން އޮތީ ބޭރު ގައުމުތަކުގެ ތަޖުރިބާއަށެވެ. ރޮއިޓާސްއިން ކުރި ދިރާސާއަކުން ދައްކާ ގޮތުގައި އެމެރިކާގެ ފުލުހުން ކަރަންޓު ފިސްތޯލަ ބޭނުންކުރުން އާންމުވީ 2000ގެ އަހަރުތަކުގެ ކުރީކޮޅުގަ އެވެ.އެއްކުރި މައުލޫމާތުތަކަށް ބަލައިލާއިރު، 2017ވަނަ އަހަރާ ހަމައަށް ޓޭޒާ ގަން ބޭނުންކުރުމާ ގުޅިގެން އެމެރިކާގައި 1005 މީހަކު ވަނީ މަރުވެފަ އެވެ. މި މަރުތަކާ ވިދިގެން ޓޭޒާގަން ބޭނުންކުރުމާއި ފުލުހުންނާ ދެކޮޅަށް 442އަށް ވުރެ ގިނަ މައްސަލަ ކޯޓުތަކަށް ވަނީ ހުށަހަޅާފަ އެވެ. ނަމަވެސް މިފަދަ ހާދިސާތަކާ ގުޅިގެން އެކްސޮންއިން މާކެޓުކުރަން ބޭނުންކުރި، ނޮން ލީތަލް ބަދަލުވީ "ލެސް ލީތަލް" އަށެވެ. ނުވަތަ ފުރާނައަށް ލިބޭ ގެއްލުން ކުޑަ އެއްޗެއްގެ ގޮތުގަ އެވެ. ގެއްލުން ކުޑަ ކަމަށް އަޅާކިޔަނީ ފިސްތޯލަ، ބަޑި ފަދަ ހަތިޔާރުތަކާ އެވެ. ތެދެކެވެ. އެމެރިކާ ފަދަ ގައުމުތަކުގެ ފުލުހުންނަށް އެންމެ ފަސޭހައިން ބޭނުން ކުރެވެން އޮންނަނީ މުގުރު ނުވަތަ ފިސްތޯލަ އެވެ. ދިވެހި ފުލުހުން ކަރަންޓް ދޭ ފިސްތޯލަ ބޭނުން ކުރަނީ -- ޓޭޒާ ގަންގެ ނުރައްކާ އެންމެ ބޮޑު އެއް ބަޔަކީ ނަފްސާނީ މައްސަލަތައް ހުންނަ މީހުންނެވެ. އެމެރިކާއިން މަރުވި 1005 މީހުންގެ ތެރެއިން ހަތަރު ބައިކުޅަ އެއްބައި މީހުންނަކީ ނަފްސާނީ ބައްޔެއް ނުވަތަ ނާރުގެ މައްސަލަތައް ހުންނަ މީހުން ކަމަށް ރޮއިޓާސްގެ ދިރާސާތަކުން ދައްކަ އެވެ. މި ހާދިސާތަކުގެ ތެރެއިން ކޮންމެ 10 ހާދިސާއަކުން ނުވަ ހާދިސާގައި ފުލުހުން މި ފިސްތޯލަ ބޭނުން ކުރީ، މަރުވި މީހާ އަތުގައި އެއްވެސް ހަތިޔާރެއް ވެސް ނެތި އެވެ. އެހެން ވީމާ އެ ހަތިޔާރު ބޭނުންކޮށްފައި އޮތީ ހާލަތާ ނުބައްދަލު ގޮތެއްގައި ކަމަށް އެ ދިރާސާއިން ހާމަވެ އެވެ. މި ކޭސްތަކުގެ މީހުން މަރުވީ ކަރަންޓު ފިސްތޯލަ ބޭނުންކުރުމަށްފަހު ކަމަށް ވިޔަސް، މަރުވުމުގައި ސީދާ އެ ފިސްތޯލައިގެ ދައުރު ދެނެގަނެވޭ ގޮތެއް ނުވެ އެވެ. ސަބަކަށް ވަނީ، ބައެއް ހާލަތްތަކުގައި ކަރަންޓު ފިސްތޯލައާއެކު އިތުރު ވަސީލަތްތައް ވެސް ފުލުހުން ބޭނުންކޮށްފައިވެ އެވެ. ކަރަންޓު ފިސްތޯލައިގެ ބޭނުންކުރުމުން ހިތުގެ މައްސަލަތައް ހުންނަ މީހުންގެ ފުރާނައަށް ނުރައްކާވާ ކަން ހާމަވީ 2009ވަނަ އަހަރުގެ ފަހުކޮޅުގަ އެވެ. އެއާއެކު އެކްސޮންއިން ދިން އިރުޝާދަކީ ފިސްތޯލައިން ފޮނުވާލާ ޑާޓު، މީހުންގެ މެއަށް އަމާޒު ނުކުރުމަށެވެ. އަދި ފަހުން އުފެއްދި ކަރަންޓު ފިސްތޯލަތަކުގައި ކަރަންޓް ޖެއްސޭ ލެވަލް ދަށްކުރި އެވެ. ދެން އުފެދޭ ސުވާލަކީ ދިވެހިން ފުލުހުން ހަމަ ކަރަންޓު ފިސްތޯލައާ ހަމައަށް ދާން ވެއްޖެ ހެއްޔެވެ؟ އެހާ ވަރަށް ހާލަތު ނުރައްކާ ވީ ހެއްޔެވެ؟ ފުލުހުންގެ އެސިސްޓެންޓް ކޮމިޝަނަރު އަބްދުﷲ ފައިރޫޝް ފާޑުކިޔުންތަކަށް ރައްދު ދެއްވާ ވިދާޅުވަނީ، ގޭންގްތަކާއި ޓެރަރިޒަމް ހުއްޓުވުމުގެ މަސައްކަތް ފުލުހުންނާ ހަވާލުވެފައިވީ ނަމަވެސް މިހާރު އޮތް ހާލަތު މައިތިރި ކުރަން ފުލުހުން ބާރުވެރިވެފައި ނުވާ ކަމަށެވެ. އޭނާ އިޝާރާތްކުރެއްވީ ޓޫރިސްޓަކަށް ހަމަލާދިން ހާދިސާއަށް ކަމަށް ބެލެވިދާނެ އެވެ. އެއީ، ޓެރަރިސްޓް ސެލްއަކުން ހިންގި، ވަރަށް ނުރައްކާ ހަމަލާއެކެވެ. އަދި މިފަހުން ރާއްޖޭގައި ހިންގި ބޮޑެތި އަލިފާނުގެ ހާދިސާތައް ވެސް ޓެރަރިސްޓް ސެލްތަކާ ގުޅިފައިވެ އެވެ. އަދި ބޮން ހަދައިގެން ތަންތަން ގޮއްވާލުމުގެ ޕްލޭންތައް ވެސް މިފަހުން ފުލުހުން ނާކާމިޔާބު ކޮށްލާފައިވެ އެވެ. ހަގީގަތަކީ، ރާއްޖޭގެ ކުށުގެ ވެށި ބަދަލުވެ ނުރައްކާ ވަމުން އަންނަ ކަމެވެ. މީގެ އިތުރުން ފައިރޫޝް ވަނީ ޕެޕާ ސްޕްރޭއާއި ކަރަންޓު ފިސްތޯލައެއް އަޅާކިޔާ ވީޑިއޯއެއް ވެސް ހިއްސާކުރައްވާފަ އެވެ. އެ ވީޑިއޯއިން ދޭ މެސެޖަކީ ފުލުހުންނަށް ނުކިޔަމަންތެރިކަން ދައްކާ ފަދަ ހާލަތްތަކުގައި ޕެޕާ ސްޕްރޭއަށް ވުރެ ކަރަންޓު ފިސްތޯލަ ބޭނުންކުރުން އެކަށީގެންވާ ކަމަށެވެ. ފުލުހުންގެ ތެރޭގައި ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ، ޕޮލިސް ކޮމިޝަނަރުކަން ވެސް ކުރެއްވި ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު ވިދާޅުވާ ގޮތުގައި، ފުލުހުންގެ ހާއްސަ ބަޔަކަށް ޓޭޒާ ހަތިޔާރު ބޭނުންކުރެވޭގޮތަށް ހަމަޖެހުން މުހިންމެވެ. އެކަމަކު އޭނާ ވެސް ގަބޫލު ކުރައްވަނީ، ފުލުހުންގެ އަތަށް އެ ހަތިޔާރު ދޭން ވާނީ ހާއްސަ ތަމްރީން ދީ، އެކަމަށް ފުލުހުން ހާނުވާފަ އެވެ. އެ ހުރިހާ ވާހަކަތަކަކާ އެކުވެސް އާންމުން ބުނަނީ ފުލުހުންނަށް މިހާރުވެސް ބޮޑެތި ބާރުތަކެއް ލިބިދީފައި ވިޔަސް، ފުލުހުންނަށް ރަނގަޅަށް ކަންކަން ތަހުގީގުކޮށް ކުށްވެރިން އިންސާފުގެ ކުރި މައްޗަށް ނުގެނެވޭ ކަމަށެވެ. ހުޅުމާލޭގައި ޓޫރިސްޓުންނަށް ދިން ހަމަލާގެ ތަހުގީގު ނިމި، ދައުވާ ނުކުރެވުމަކީ އޭގެ މިސާލެއް ކަމަށް ބައެއް މީހުން ބުނެ އެވެ. މިކަހަލަ އެތައް އެތައް މައްސަލަ އެކެވެ. ޑެޕިއުޓީ އެޓާނީ ޖެނެރަލެއްގެ ގޮތުގައި ގިނަ ދުވަހު މަސައްކަތް ކުރެއްވި މިހާރު ވިލިމާލޭ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ވިދާޅުވި ގޮތުގައި ގިނަ ފުލުހުން ގާނޫނުތަކަށް ފުރިހަމައަށް އަހުލުވެރިވެފައެއް ނުވެ އެވެ. އެތައް ކުށްވެރިން ދޫވަނީ ފުލުހުންގެ މިބަލި ފައިގެ ބޭނުން ހިފައިގެންނެވެ. އެހެންވެ، ހަތިޔާރު ދިނުމުގެ ފުރަތަމަ ފުލުހުންގެ މުއައްސަސާ އިސްލާހު ކުރުން މާ މުހިންމުކަމަށް އޭނާ ވެސް ދެކެވަޑައިގަންނަވަ އެވެ. ޖުލައި 16، 2016: ފުލުހުން މުޒާހަރާއެއް ކޮންޓްރޯލްކުރުމުގައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ "އެކަން ނުކޮށް އަދި ފުލުހުންގެ މުއައްސަސާ ރަނގަޅަށް ރިފޯމްނުކޮށް މިފަދަ ބާރުތަކެއް ދިނުމަކީ ގިނަ ރައްޔިތުންގެ ކަންބޮޑުވުން އޮތްކަމެއް. އަޅުގަޑުގެވެސް އެ ކަންބޮޑުވުން އެބައޮތް،" އުޝާމް ވިދާޅުވެފައިވެ އެވެ. އެ މައްސަލަ މިހާރު އަންނަނީ މަޖިލީހުގެ ލޮމިޓީއިން ވެސް ބަލަމުންނެވެ. މުޅި މުޖުތަމައަށް ނުރައްކާ ކުރާ ކުށްވެރިން ހިފަން ކަރަންޓު ފިސްތޯލަ ވެސް ބޭނުން ކުރަންވީ އެވެ. އެކަމަކު ފުލުހުންގެ ރަސްމީ ކިޓުގެ ތެރޭގައި މި ހަތިޔާރު ހިމެނުމުގެ ކުރިން އަދި ކުރަން ޖެހޭ ބައިވަރު ކަންކަން އެބަ ހުއްޓެވެ. ފުލުހުންގެ މުއައްސަސާ އިސްލާހު ކުރުމެވެ. ފުލުހުން ގާނޫނުތަކަށް އަހުލުވެރި ކުރުވުމެވެ. ހާލަތާ ނުބައްދަލު ބާރު ބޭނުން ކުރުން އާންމުވެފައި އޮންނަ އޮތުމަށް ނިމުމެއް ގެނައުމެވެ. އާންމުންގެ މެދުގައި ފުލުުހުންނާ މެދު، ކިލަބުވެފައިވާ ތަސައްވަރު ރަނގަޅު ކުރުމެވެ. އެއަށް ފަހު ދެން އުންޑަ ޖަހައި ފިސްތޯލަވެސް ދޭންވީ އެވެ. އޭރުން އެއްވެސް މައްސަލައެއް ނެތެވެ.
ކަރަންޓު ފިސްތޯލަ ބޭނުންކުރާ ހިސާބަށް ދިޔައީތަ؟
މޫސުން ވަރަށް ބޮޑަށް ގޯސްވެ، ބ. އަތޮޅުން ފެށިގެން ފ. އަތޮޅަށް އޮރެންޖު އެލާޓު ނެރެފި އެވެ. މިއީ، މިފަހުގެ ތާރީހެއްގައި މެޓުން އޮރެންޖް އެލާޓް ނެރުނު ފުރަތަމަ ފަހަރެވެ. ބ. އަތޮޅުން ފ. އަތޮޅަށް އޮރެންޖު އެލާޓު ނެރެފައި ވަނީ މިއަދު ހަވީރު 5:00 އިން މިރޭ 7:00 އާ ހަމައަށެވެ. އޮރެންޖު އެލާޓަކީ "ސިވިއާ" ނުވަތަ ތިން ވަނަ ލެވެލްގެ އެލާޓެވެ. އޮރެންޖު އެލާޓު ނެރެނީ އާދަޔާހިލާފަށް ބޯކޮށް ވާރެވެހި ފެން ބޮޑުވުމާއި، އާދަޔާހިލަފަށް ގުގުރުމާއެކު ވައި ގަދަވުން އެކަށީގެންވާ ހާލަތުގަ އެވެ. އެގޮތުން އޮރެންޖު އެލާޓުގައި އެއް ގަޑިއިރު ތެރޭ 90 މިލިމީޓަރުގެ، ނުވަތަ ހަ ގަޑިއިރު ތެރޭގައި 120 މިލިމީޓަރުގެ ވާރޭ ވެހޭނެއެވެ. އޮރެންޖު އެލާޓުގައި ވިލާގަނޑުގައި 63 މޭލަށް ވައިގަދަވާނެއެވެ. މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ބުނީ ދެ އަތޮޅަށް 34 މޭލާއި 40 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި، ކަނޑުތައް ގަދަވާނެ ކަމަށެވެ. އެހެންކަމުން މި ސަރަހައްދުގެ ހުރިހާ ރައްޔިތުން ވެސް މޫސުމަށް ސަމާލުކަންދީ، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް މެޓުން ވަނީ އިލްތިމާސްކޮށްފަ އެވެ. މިއަދު ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެ ކަމަށާއި އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހެނޭ ކަމަށް މެޓުން ވަނީ ބުނެފަ އެވެ. އެގޮތުން މިރޭ 7:00 އާ ހަމައަށް ށ. އަތޮޅުން މ. އަތޮޅަށް ވަނީ ޔެލޯ އެލާޓު ނެރެފަ އެވެ. އުތުރު އަތޮޅުތަކުގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށާއި އަދި އެހެން ހިސާބުތަކުގެ ކަނޑުތައް އާންމުގޮތެއްގައި ގަދަވާނެ ކަމަށް މެޓުން ބުންޏެވެ. އަދި ބައެއް ރަށްތަކަށް އުދަ އަރާނެ ކަމަށް ވެސް ވަނީ ލަފާކޮށްފަ އެވެ. މިހާރު ކުރަމުން އަންނަ ހުޅަނގު މޫސުމުގެ ވިއްސާރައިގައި ގިނަ ރަށްތަކަކަށް އެކިވަރިގެ ގެއްލުންތައް ލިބިގެން ރިޕޯޓުކޮށްފައިވެ އެވެ.
މިފަހުގެ ތާރީހެއްގައި މެޓުން ނެރުނު ފުރަތަމަ އޮރެންޖް އެލާޓްނެރެފި
އުތުރުގެ ބައެއް ރަށްރަށަށް މީހުން ގޮވައިގެން ދަތުރުކުރި އަމާޒު ބޯޓުން ދަތުރު ކުރި މީހަކު ކޮވިޑް19 އަށް ޕޮޒިޓިވް ވުމާގުޅިގެން އެ ބޯޓު މޮނީޓަރިންގެ ހާލަތަށް ގެންގޮސްފައި އޮތްއޮތުން ނިމުމަކަށް ގެނެސްފިއެވެ. މިދިޔަ މަހުގެ 15 ވަނަ ދުވަހު މާލެއިން ފުރައިގެން އުތުރުގެ ރަށްރަށަށް ދަތުރުކުރި ނަރުދޫ އަށް ނިސްބަތްވާ އެ ބޯޓުގެ ކެޕްޓަން ކޮވިޑް 19 އަށް ވަނީ ޕޮޒިޓިވް ވެފައެވެ. މި ކޭސް އާއި ގުޅިގެން ހއ، ށ އަދި ނ އަތޮޅާއި ރ އަތޮޅުގެ ބައެއް ރަށްރަށް ވަނީ މޮނީޓަރިންގެ ހާލަތަށް ގެންގޮސްފައެވެ. އަދި މި ކޭސް އާއި ގުޅުންހުރި މީހުންނާ ގުޅުންހުރި 11 މީހަކު ށ. ނަރުދޫ އިން ވަނީ ބައްޔަށް ޕޮޒިޓިވް ވެފައެވެ. މީގެ އިތުރުން އެ ބޯޓުން ދަތުރުކުރި އެއަތޮޅު މިލަންދޫ މީހަކުވެސް ވަނީ ބައްޔަށް ޕޮޒިޓިވް ވެފައެވެ. އުތުރުގެ ރަށްރަށުގެ ތެރެއިން އުލިގަމުން އަދި ތަކަންދޫ އިން ވެސް ވަނީ ބަލި ޖެހިފައިވާ މީހުން ފެނިފައެވެ. އެ ރަށްރަށުން ބަލި ފެނުނީ މާލެ ދަތުރުކުރާ ކާވިޔާ ބޯޓުން ދަތުރުކުރި ބަޔެއްގެ ފަރާތުންނެވެ. އުތުރުގެ ރަށްރަށުން ބަލި ޖެހުނު މީހުން ހއ ގައި ހިންގާ ދޮނަކުޅި (ހައިޑްއަވޭ) ގައި އައިސޮލޭޓު ކުރިއެވެ. ފަހުން އެމީހުން ވަނީ މާލެ ސަރަހައްދުގެ އައިސޮލޭޝަން ފެސިލިޓީތަކަށް ބަދަލުކޮށްްފައެވެ. ރާއްޖެއިން މިހާތަނަށް 862 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. ބަލިން ރަނގަޅުވި މީހުންގެ އަދަދު 31 އަށް އަރާއިރު ބަލީގައި ތިން މީހަކު ވަނީ މަރުވެފައެވެ.
އަމާޒު ބޯޓު އާންމު ހާލަތަށް ގެނެސްފި
ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވް މީހުންގެ އަދަދު 1،000 އިން މައްޗަށް އަރައިފި އެވެ. އިއްޔެގެ ނިޔަލަށް ކޮވިޑް19 އަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު ހުރީ 982 ގައެވެ. ނަމަވެސް މިއަދު ވަނީ އިތުރު 38 މީހަކު ޕޮޒިޓިވްވެ ޖުމްލަ އަދަދު 1020 އަށް އަރާފަ އެވެ. މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ، 29 ދިވެހިންނާއި އަށް ބަންގަލަދޭޝީންގެ އިތުރުން ނޭޕާލްގެ އެކަކެވެެ. މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ނ. މަނަދޫގެ ނުވަ މީހަކު ވެސް ހިމެނެ އެވެ. މާލެ ފިޔަވައި ރާއްޖެއިން ކޮވިޑް-19އަށް މީހުން ޕޮޒިޓިވްވެފައި ވަނީ މަނަދޫގެ އިތުރުން ހއ. އުލިގަމާއި އެ އަތޮޅު ތަކަންދު އާއި ށ. ނަރުދޫ ށ. މިލަންދޫގެ ކ. ތުލުސްދޫންއިންނެވެ. އޭގެ ތެރެއިން އުލިގަމުން ޕޮޒިޓިވްވި ހަމައެކަނި މީހާ މިހާރު ވަނީ ބަލިން ރަނގަޅު ވެފަ އެވެ. މީގެ އިތުރުން މިއަދު ކ. ހިންމަފުށީގައި ހުންނަ ރީހެބިލިޓޭޝަން ސެންޓަރުން ނެގި ތިން ރެންޑަމް ސާމްޕަލްއެއް ޕޮޒިޓިވް ވެފައިވާކަމަށް އެ ރަށު ކައުންސިލުން ވަނީ ބުނެފައެވެ. ރާއްޖެއިން ކޮވިޑް19 ޖެހުމަށްފަހު ބަލިން ރަނގަޅުވެފައިވާ މީހުންގެ އަދަދަކީ 46 އެވެ. އަދި ބަލި ޖެހިގެން ހަތަރު މީހަކު މަރުވެފައިވެއެވެ.
ރާއްޖޭގެ ކޮވިޑް19 ޕޮޒިޓިވް ކޭސްތައް 1،000 އިން މައްޗަށް
ރާއްޖެއިން ކޮރޯނާ ވައިރަސް އަށް ޕޮޒިޓިވްވި އިތުރު މީހަކު ބަލިން ރަނގަޅު ވެއްޖެއެވެ. މިރޭ އެންއީއޯސީގައި ބާއްވަމުންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާނު މަބްރޫކު އަޒީޒު ވިދާޅުވީ މިއަދު އެކަކު ބަލިން ރަނގަޅުވެފައިވާ ކަމަށެވެ. މިއާއެކު ރާއްޖެއިން ބަލިން ރަނަގަޅުވި މީހުންގެ އަދަދު ވަނީ 31 އަށް އަރައިފައެވެ. މިރޭގެެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ ބަލިން ރަނގަޅުވެފައިވަނީ ކޭސް ނަންބަރު 95 ކަމަށެވެ. މިއަދު ރާއްޖެއިން 23 މީހަކު ބައްޔަށް ޕޮޒިޓިވް ވެފައިވާ ކަމަށް ޑރ. ވިދާޅުވިއެވެ. މީގެ ތެރޭގައި ފަސް އަހަރުގެ ކުއްޖަކުވެސް ހިމެނެއެވެ. ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 285 ދިވެހިންނާއި 577 ބިދޭސިންނާއެކު ޖުމްލަ 862 މީހުންނެވެ. މީގެ ތެރެއިން 826 މީހުންނަށް ދަނީ ފަރުވާ ދެމުންނެވެ. ރާއްޖެއިން ބަލިޖެހިގެން މަރުވެފައިވަނީ ތިން މީހެކެވެ.
ކޮވިޑް ޖެހުނު އިތުރު މީހަކު ބަލިން ރަނގަޅު ވެއްޖެ
އަންނަ ޖުލައި މަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ބައިނަލްއަގުވާމީ ފްލައިޓްތަކަށް ހުޅުވާލާނެކަމުގެ އިޝާރާތެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެއްވައިފިއެވެ. ކޮރޯނާ ވައިރަހާ ގުޅިގެން ރާއްޖެއަށް އޮން އެރައިވަލް ވިސާ ދިނުން މިދިޔަ މާޗް 27 ގެ ފަހުން އޮތީ ހުއްޓާލައިފައެެވެ. އަދި އޭގެ ފަހުން ރާއްޖެ އައިސްފައިވަނީ ކޮންމެހެން މުހިންމު ފްލައިޓްތަކެކެވެ. ކޮވިޑް-19ގެ ހާލަތާ ގުޅޭ ގޮތުން މިރޭ ގައުމާ މުހާތަބު ކުރައްވަމުން ރައީސް ސޯލިހު ވިދާޅުވީ މިހާރު އިއުލާންކޮށްފައިވާ ފުރަބަންދުގެ މުއްދަތު ނިމުމުން ލުއިދޭން ނިންމާފައިވާ ކަމަށެވެ. އޭގެ ތެރޭގައި މީހުން ގެއިންބޭރަށް ނިކުތުމާއި، ސްކޫލްތަކުގައި ކިޔަވައިދިނުމާއި މިސްކިތްތައް ހުޅުވަން އަދި ސަރުކާރުގެ އޮފީސްތަކާއި އާންމު އޮފީސްތައް ހުޅުވުން ވަކި އިންތިޒާމްތަކެއްގެ ދަށުން ކުރިއަށްގެން ދިއުން ހިމެނެއެވެ. "މި ދެންނެވި ލުއިތަކާއެކު، ރާއްޖޭގައި ކޯވިޑް-19ގެ ހާލަތު އިތުރަށް ގޯސްނުވެ، ރަނގަޅަށް ދާނަމަ، އިރާދަކުރެއްވިއްޔާ އަންނަ ޖުލައި މަހުގެ ތެރޭގައި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް، ބައިނަލްއަގުވާމީ ދަތުރުތަކަށް ހުޅުވާލަން މިހާރު ވަނީ ނިންމާފައި. އޭގެ އިތުރުން، ރިޒޯޓްތައް ހުޅުވުމުގެ ހުއްދަ ދެވޭނެ. މިކަންކަން ކުރާނެ ގޮތުގެ ގައިޑްލައިންތައް، ކަމާ ބެހޭ ދާއިރާތަކުގެ އިރުޝާދާއެކު މިހާރު އަންނަނީ ކަނޑައަޅަމުން،" ރައީސް ވިދާޅުވިއެވެ. އަލުން ރާއްޖެ ފަތުރުވެރިކަމަށް ހުޅުވާލާއިރު ސަރުކާރުން މިހާރު ރާވާފައި އޮތީ "ސޭފް ޓުއަރިޒަމް" ޕްލޭންއެއްގެ ދަށުން އެކަން ކުރިއަށްގެންދިއުމަށެވެ. އެގޮތުން އެކަމަށްޓަކައި ،"ސޭފް ޓޫރިޒަމް ރިސޯޓު ލައިސަންސް" އެއް ދޫކުރުމާއި ރާއްޖެ އަންނަތަނުން ހުރިހާ ޓޫރިސްޓުން ވައިރަހަށް ޓެސްޓް ކުރާ ގޮތަށް ހަމަޖެއްސުމަށް އުސޫލެއް ހެދުމަށް މިހާރު ޑްރާފްޓެއްވެސް ވަނީ އެކުލަވާލައިފައެވެ. އަދި އެކަމަށްޓަކައި ހިޔާލު ހޯދުމަށްވެސް މިހާރު ވަނީ ހުޅުވާލައިފައެވެ.
ޖުލައި މަހު ވެލާނާ އެއާޕޯޓް ހުޅުވާލާނެ ކަމުގެ އިޝާރާތެއް ރައީސް ދެއްވައިފި
ރިސޯޓުތަކާއި ދަނޑުވެރިކަމަށް ދޫކޮށްފައި ހުރި ރަށްތަކުން ދައުލަތަށް ދައްކަން ޖެހޭ ހަ މަސް ދުވަހުގެ ބިމު ކުލި ދެއްކުން ފަސްކޮށް ދޭން ނިންމައިފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ. މިކަން ރައީސް ސޯލިހް ހާމަކުރެއްވީ މިރޭ ގައުމާ މުހާތަބު ކުރައްވާ ދެއްވި ޚިތޯބުގަ އެވެ. ރައީސް ވިދާޅުވީ، ކޮވިޑް-19އާއެކު ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކުން އަރައިގަތުމަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ ސަރުކާރުގެ އިސް ޒިންމާއެއް ކަމަށެވެ. އެގޮތުން ރައީސް ވިދާޅުވީ، މި އަހަރުގެ ފަހު ހަ މަސް ދުވަހު ރިސޯޓްތަކުން ދައުލަތަށް ދައްކަން ޖެހޭ ކުލި ލަސްކޮށް ދިނުމަށް ނިންމާފައިވާ ކަމަށެވެ. އަދި ދަނޑުވެރިކަމަށް ދޫކޮށްފައިވާ ރަށްތަކުން ކުރިއަށް އޮތް ހަ މަސްދުވަހުގެ ކުލި ދެއްކުން ލަސްކޮށް ދިނުމަށް ނިންމާފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. "ސަރުކާރުން މިހާރު ނިންމާފައިވަނީ، ރިސޯޓްތަކުގެ މިއަހަރުގެ ފަހު ހަ މަސްދުވަހުގެ، ބިމު ކުލި ދައްކަންޖެހޭ މުއްދަތު ފަސްކޮށްދިނުމަށް. އަދި އޭގެ އިތުރުން ދަނޑުވެރިކަމަށް ދޫކޮށްފައި ހުރި ރަށްތަކުގެ ވެސް، ކުރިއަށް އޮތް ހަ މަހުގެ ބިމު ކުލި، ދައްކަންޖެހޭ މުއްދަތު ފަސްކޮށްދިނުމަށް ސަރުކާރުން މިހާރު ވާނީ ނިންމާފައި،" ރައީސް ވިދާޅުވި އެވެ. މީގެ އިތުރުން ފިނޭންސް މިނިސްޓްރީއިން ކުއްޔަށް ދީފައިވާ އެކި ބިންތަކުގެ މަހު ކުލި ދެއްކުން ހަ މަހަށް ފަސްކޮށްދޭން ނިންމާފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. ވިޔަފާރިތަކަށާއި އެކި އަމިއްލަ ފަރާތްތަކަށް ބޭންކުތަކުން ނަގާފައިވާ ލޯނުތައް އަނބުރާ ދެއްކުން ހަ މަސްދުވަހަށް ފަސްކުރުމަށް ސަރުކާރުން ވަނީ މީގެ ކުރިން ނިންމާފަ އެވެ. އެ ޕްރޮގްރާމްގެ ދަށުން އެޗްޑީއެފްސީ އާއި އެމްއެފްއެލްސީ އަދި އެސްޑީއެފްސީ އާއި ރާއްޖޭގައި ހިންގާ އަށް ބޭންކުން މިހާރު ބައިވެރިވެފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. "މިދެންނެވި ތަންތަނުން ނަގާފައިވާ ލޯނުތަކުގެ ތެރެއިން މިހާތަނަށް 15000 އަށްވުރެ ގިނަ ލޯނުގެ މުއްދަތު ވަނީ ފަސްކޮށްދީފަ. އޭގެ ތެރެއިން 83 އިންސައްތަ ލޯނަކީ، އާދެ، 13199 ލޯނަކީ ބީއެމްއެލް އިން ދޫކޮށްފައިވާ ލޯނުތައް،" ރައީސް ވިދާޅުވިއެވެ. ބީއެމްއެލް މެދުވެރިކޮށް ސަރުކާރުން ދޫކުރާ ލޯނު ހޯދުމަށް ރިސޯޓްތަކާއި އަމިއްލަ ވިޔަފާރިތަކުން ލިބިފައިވާ ހުށަހެޅުންތަކުގެ ތެރެއިން 157 ހުށަހެޅުމަކަށް ލޯނުދޫކުރަން ނިންމައި، އޭގެ ތެރެއިން 98 ވިޔަފާރިއަކަށް މިހާރު ވަނީ ލޯނު ދޫކޮށްފައިވާ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. އޭގެ އިތުރުން އެސްޑީއެފްސީ މެދުވެރިކޮށް ސަރުކާރުން ދޫކުރާ ލޯނު ހޯދުމަށް ލިބުނު ހުށަހެޅުންތަކުގެ ތެރެއިން، 396 ވިޔަފާރިއަކަށާއި އަމިއްލަ މަސައްކަތްކުރާ 134 މީހަކަށް ލޯނު ދޫކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް އިތުރަށް ވިދާޅުވީ، ކޮވިޑް19ގެ ސަބަބުން ވަޒީފާ ގެއްލިފައިވާ މީހުންނަށް ތިން މަސްވަންދެން 5،000 ރުފިޔާ ދިނުމަށް ސަރުކާރުން ވަނީ މީގެ ކުރިން ނިންމަވާފައެވެ. އެ ފަރާތްތަކަށް ވެސް މިހާރު ފައިސާ ދޫކުުރަން ފަށާފައިވާ ކަމަށެވެ.
ރިސޯޓުތަކާއި ދަނޑުވެރި ރަށްތަކުގެ ހަ މަހުގެ ކުލި ދެއްކުން ފަސްކޮށްދީފި
ވޮޝިންޓަން (15 މޭ 2020): ކޮރޯނާ ވައިރަސް "ކޮވިޑް-19" އާ ގުޅިގެން ދުނިޔެއަށް ބޮޑެތި ބަދަލުތަކެއް އަންނާނެކަމަށް ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ ވިދާޅުވެއްޖެއެވެ. ވެރިރަށް އޮޓަވާގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޓްރޫޑޯ ވިދާޅުވީ ކޮވިޑް-19 އަކީ ދުނިޔޭގެ ގިނަ ކަންތަކެއް ބަދަލުކޮށްލާނެ ވަބާއެއް ކަމުގައެވެ. ކޮވިޑް-19 ގެ ސަބަބުން ކުރަންޖެހުނު އައު ތަޖްރިބާއާއި ތަހައްމަލު ކުރަންޖެހުނު ދަތިތަކަކީ އެއާ ގުޅިގެން ދުނިޔެއަށް ބޮޑެތި ބަދަލުތައް އަންނާނެ ކަމެއްކަމަށާއި އޭގެތެރޭގައި އިންސާނުންގެ ފިކުރާއި އިގްތިސާދީ ޕްލޭންތަކަށް ބަދަލު އައުމުގެ އިތުރުން ބައިނަލްއަގްވާމީ ގުޅުންތަކާއި ގައުމީ މަސްލަހަތުގެ ގޮތުގައި ބަލާކަންތައްތަކަށް ބަދަލުތައް އައުންވެސް ހިމެނޭނެ ކަމަށް ޓްރޫޑޯ ވިދާޅުވިއެވެ. މިމޭރުމުން ވާހަކަ ދައްކަވަމުން ކޮވިޑް-19 ގެ ކުރިން ދުނިޔެއޮތް ގޮތާއި ކޮވިޑް-19 އަށް ވެކްސިން އެއް ނުވަތަ ބޭހެއް އިޖާދު ކުރެވި އެ ރޯގާ އެއްކޮށް ކޮންޓްރޯލް ވުމުން ދުނިޔެ އޮންނާނެގޮތް ވަރަށް ބޮޑަށް ތަފާތުވާނެކަމަށް ޓްރޫޑޯ ވިދާޅުވިއެވެ. ކޮވިޑް-19 އަށްފަހު ދުނިޔޭގެ ސްޓްރެޓީޖިކް ބާރުގެ ތިލަފަތަށް ބޮޑެތި ބަދަލުތަކެއް އަންނާނެކަމަށް ސްޓްރެޓީޖިކް ދިރާސާތައް ކުރައްވާ ތަޖްރިބާކާރުންވެސްވަނީ ލަފާކުރައްވާފައެވެ. މީގެތެރޭގައި ބައިނަލްއަގްވާމީ މަސްރަހުގައި އެމެރިކާގެ ބާރާއި ނުފޫޒު ކުޑަވުމާއި އެމެރިކާއާ އެއްވަރުގެ ބޮޑު ބާރެއްގެ ގޮތުގައި ޗައިނާ ދުނިޔޭގެ މަސްހަރަށް ފާޅުވެގެންދިޔުން ހިމެނޭނެ ސްޓްރެޓީޖިކް ދިރާސާތައް ކުރާ ފަރާތްތަކުން ލަފާކުރައްވައެވެ. ކޮވިޑް-19 އާ ގުޅިގެން ދުނިޔެއަށް ކުރިމަތިވި ޚުތޫރަތްތެރި ހާލަތުގައި އެމެރިކާގެ ލީޑާޝިޕް ދުނިޔެއިންވަނީ ގެއްލިފައެވެ. ކޮވިޑް-19 ކޮންޓްރޯލް ނުކުރެވި ދުވާލަކަށް އެތައް ހާސްބަޔަކު މަރުވަމުންދިޔުމުގެ ސަބަބުން އެމެރިކާގެ ބަލިފައިތައް ދުނިޔެއަށް ފެނިފައިވާއިރު އެމެރިކާގެ ލީޑާޝިޕުންވެސް ފެންނަނީ ނުކުޅެދުމާއި ނާގާބިލްކަންކަމަށް މުހައްލިލުން ވިދާޅުވެއެވެ. މިއާއެކު އެމެރިކާގެ މުޖްތަމައު އެތެރެއިން ބަލިކަށިވަމުންދާއިރު އެވަބާ އާ ކުރިމަތިލުމަށްޓަކައި ދުނިޔޭގެ ގައުމުތަކަށް އެހީތެރިވުމުގައިވެސް އެމެރިކާގެ ލީޑާޝިޕް ދައުރެއް ފެނިފައެއް ނުވެއެވެ. މީގެބަދަލުގައި އެމެރިކާގެ ފަރާތުން ފެނިފައިވަަނީ ކޮވިޑް-19 އާ ގުޅޭ ރައްކާތެރިކަމުގެ އިކްވިޕްމަންޓްތަކަށްވެސް ޕައިރަސީގެ އުސޫލުންނާއި ފައިސާގެ ބާރުގައި ހޯދަން މަސައްކަތްކުރިތަނެވެ. ޓްރޫޑޯގެ ސަރުކާރުންވަނީ ކެނެޑާގައި ކޮވިޑް-19 ކޮންޓްރޯލް ކުރުމުގައި ބައެއް ކާމިޔާބީތައް ހޯދާފައެވެ. މިއާއެކު ޓްރޫޑޯ ވަނީ އޭނާގެ ގައުމުގައި އަޅާފައިވާ ފުރަބަންދުގެ ފިޔަވަޅުތަކަށް ލުއިދިނުމުގެ ޕްލޭނެއް އިއުލާނުކުރައްވާފައެވެ. ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ކެނެޑާގައި 74 ހާހަށް އަރާފައިވާއިރު އެރޯގާގައި އެގައުމުން 5 ހާހަށްވުރެ ގިނަ މީހުން މަރުވެފައިވެއެވެ. (އަލްޖަޒީރާ + ނޫސްއެޖެންސީތައް)
ކޮވިޑް-19 އާ ގުޅިގެން ދުނިޔެއަށް ބޮޑެތި ބަދަލުތަކެއް އަންނާނެ: ކެނެޑާގެ ބޮޑުވަޒީރު
މި މަހުގެ 28ގެ ފަހުން މިސްކިތްތަކާއި ސްކޫލްތަކާއި އޮފީސްތައް ހުޅުވަން ހުއްދަދިނުމަށް ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ. ކޮވިޑް-19ގެ ހާލަތާ ގުޅޭ ގޮތުން މިރޭ ގައުމާ މުހާތަބު ކުރައްވަމުން ރައީސް ސޯލިހު ވިދާޅުވީ، އާންމުންގެ އެއްބާރުލުން ލިބި، ފުރަބަންދުގެ ކަންތައްތައް ރަނގަޅަށް ތަންފީޒުވަމުން ދާނަމަ، މާލެ ސަރަހައްދުގައި މިހާރު އޮތް ފުރަބަންދުގެ މުއްދަތު ހަމަވުމުން، ލުއިތަކެއް ދިނުމަށް ވިސްނަވާ ކަމަށެވެ. މިހާރު އިއުލާންކޮށްފައިވާ 14 ދުވަހުގެ ފުރަބަންދުގެ މުއްދަތު ހަމަވަނީ މި މަހުގެ 28 ވަނަ ދުވަހަށެވެ. "އެ ގޮތުން، މިސްކިތްތައް ހުޅުވާލައި، ހޮޓާތަކާއި ކެފޭތައް ހުޅުވުމަށާއި ސްކޫލްތަކުގެ ކިޔަވައިދިނުން ފެށުމަށްވެސް، ވަކި އިންތިޒާމުތަކެއްގެ ދަށުން ހުއްދަ ދެވޭނެ. ހަމައެއާއެކު، ސަރުކާރުގެ އޮފީސްތަކާއި އަމިއްލަ އޮފީސްތަކުގެ ވަޒީފާއަށް ނުކުތުމަށްވެސް ހާއްސަ އިންތިޒާމުތަކެއް ހަމަޖެއްސޭނެ. މިލުއިތައް ދޭނެ ގޮތުގެ ތަފްސީލުތައް، ކަމާ ގުޅޭ ފަންނީ ބޭފުޅުން، ކުރިއަށް އޮތް ދުވަސްތަކުގައި ދެއްވަމުން ގެންދަވާނެ،" ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ފުރަބަންދުގެ ހާލަތުން ވީއްލާލާއިރު ކޮވިޑަށް ޓެސްޓް ކުރުމުގެ ގާބިލްކަން މިހާރަށްވުރެ އިތުރުކޮށް، ފަރުވާ ދިނުމަށް ބޭނުންވާ އެންމެހައި ވަސީލަތްތަކާއި އާލާތްތައްވެސް ހޯދޭނެކަމަށެވެ. ކޮވިޑްއަށް ޓެސްޓްކުރެވޭ ކެޕޭސިޓީ އިތުރުކޮށްފައިވާއިރު އަދިވެސް އިތުރު މެޝިންތައް ގެނައުމަށް ސަރުކާރުން މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ. ކޮވިޑަށް ޓެސްޓްކުރަން އޭޑީކޭ ހޮސްޕިޓަލްގައިވެސް މިހާރު ވަނީ މެޝިނެއް ބަހައްޓައިފައެވެ. އެ މެޝިނުން ދުވާލަކު 1000 މީހުން ޓެސްޓް ކުރެވޭނެއެވެ. ފުރަބަންދަށް ލުޔެއް ދިނަސް ހާލަތު ގޯސްވާނަމަ އަލުން ފުރަބަންދުކުރަން ޖެހިދާނެކަންވެސް ރައީސް ފާހަގަކުރެއްވިއެވެ. "ފުރަބަންދަށް ދެވޭ ލުއިތަކަކީ، ކުރިން އަޅުގަނޑުމެން އުޅެމުންދިޔަ އާންމު ދިރިއުޅުމަށް މުޅިން ބަދަލުވުން ކަމުގައި އަދި ދެކިގެން ނުވާނެ. އަދި ލުއިތަކެއް ދިނުމުގެ މާނައަކީ، ކޯވިޑް ބަލި ރާއްޖެއިން ފިލައިގެން ދިއުމެއް ނޫން. އަދި މި ލުއިތައް ދެނީ، މި ބަލީގެ ނުރައްކާތަކުން މުޅިން ސަލާމަތްވެގެން ކަމުގައިވެސް އަދި ގަބޫލުކުރައްވައިގެން ނުވާނެ،" ރައީސް ވިދާޅުވިއެވެ. ކޮވިޑް ރާއްޖޭގެ އެކި ހިސާބުތަކުގައި ފެތުރެމުން ދިޔަނަމަވެސް ހުރިހާ ރަށްތަކުގައި ކޮވިޑްއެއް ނުފެތުރެއެވެ. ރައީސް ވިދާޅުވީ އެ ބަލި ނެތް ރަށްތައް ވީހާވެސް އަވަހަކަށް އާންމު ހާލަތަށް ގެނައުމުގެ ގޮތުން އެފަދަ ރަށްރަށުގައި މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކޮށް ވިޔަފާރިތައް ހުޅުވުމުގެ ހުއްދަ ދޭން ނިންމާފައިވާ ކަމަށެވެ. އަދި އޭގެ ފަހުން ސްކޫލްތަކާއި އޮފީސްތައް ހުޅުވާނެކަމަށް ވިދާޅުވިއެވެ. "މި ބަލި ނެތް އެހެން ރަށްރަށުގައިވެސް ލުއިތަކެއް ދިނުމަށް މިހާރު އޮތީ ނިންމާފައި. އެންމެ ފުރަތަމަ ކަމަކަށް އަޅުގަނޑުމެން މިހާރު ވިސްނާފައި މިއޮތީ، ކޯވިޑް-19 ފެތުރިފައި ނެތް ރަށްރަށް، ވީ އެންމެ އަވަހަކަށް ޢާންމު ޙާލަތަކަށް ގެންނަން. އަދި އެފަދަ ރަށްރަށުގައި، އާންމު އުސޫލުން މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދު ކުރެވޭނެ ގޮތް ހަމަޖެއްސުމާއި ވިޔަފާރިތައް ހުޅުވުމުގެ ހުއްދަ ދެވޭނެ. އަދި އޭގެ ފަހުން ސްކޫލްތަކާއި އޮފީސްތައް ހުޅުވަމުން ގެންދިޔުން،" ރައީސް ވިދާޅުވިއެވެ.
މި މަހުގެ 28ގެ ފަހުން މިސްކިތް، ސްކޫލް، އޮފީސްތައް ހުޅުވަން ހުއްދަ ދެނީ
އިނގިރޭސި ޕްރިމިއާ ލީގުގައި ވާދަކުރަމުން އަންނަ މެންޗެސްޓާ ސިޓީގެ އޯނަރުން ކަމަށްވާ ސިޓީ ފުޓުބޯލް ގްރޫޕް (ސީއެފްޖީ) އިން ބެލްޖިއަމުގެ ދެވަނަ ޑިވިޝަނުގައި ވާދަކުރަމުން އަންނަ ލޮމެލް އެސްކޭ ގަތުމަށް ޑީލް ހަދައިފި އެވެ. އެއާ އެކު ސީއެފްޖީ ގްރޫޕުގެ އަތް ދަށަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ނުވަ ކުލަބެއް ދާނެ އެވެ. އަބޫ ދާބީގެ މަހުޖަން ޝޭޚް މަންސޫރް ބިން ޒައިދު އަލް ނަހްޔާންގެ ބޮޑު ހިއްސާއެއް އޮންނަ މި ގުރޫޕުން މީގެ ކުރިން ގަނެފައިވާ ކުލަބުތަަކަކީ މެންޗެސްޓާ ސިޓީ، ނިއުޔޯކް ސިޓީ، މެލްބޯން ސިޓީ، ޔޮކޮހޮމާ އެފް މަރީނޯސް، މޮންޓެވިޑޯ ސިޓީ، ޖިރޯނާ އަދި ސިޗުއަން ޖިއުނިއުގެ އިތުރުން އިންޑިއާގެ މުމްބާއީ އެފްސީ އެވެ. ސީއެފްޖީން ގަތުމަށް މިހާރު މަސައްކަތް ކުރަމުންދާ ލޮމެލް އެސްކޭގެ ޑީލުގައި ވާގޮތުން އެކުލަބުގެ ދަރަންޏަށް މިހާރު އަރާފައި އޮތް 1.75 މިލިއަން ޕައުންޑް ވެސް އެ ގްރޫޕުން ވަނީ ދެއްކުމަށް ނިންމާފަ އެވެ. އަދި އެއާ އެކު ކުލަބުގެ އެހެން ހުރިހާ ހަރަދެއް ވެސް އައު މެނޭޖްމެންޓެއްގެ ދަށުން އެ ގްރޫޕުން ހަވާލުވާނެ އެވެ. "މި އިންވެސްޓްމެންޓަކީ އަހަރަމެން ފުޓުބޯޅަ ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ލޯންގްޓާމް ޕްލޭނުގެ ދަށުން ކުރާ އިންވެސްޓްމެންޓެއް. މިކަމުގެ ނަތީޖާއަކަށް ވެގެންދާނީ ހުނަރުވެރި ފުޓުބޯޅަ ކުޅުންތެރިންތަކެއް އުފެދި ރީތި ކުޅުމެއް މުސްތަގުބަލުގައި ވެސް ފެނިގެން ދިއުން." ސީއެފްޖީގެ ޗީފް އެކްސެކިއުޓިވް ފެރާން ސޮރިއާނޯ ބުންޏެވެ. އޭނާ ބުނީ، ބެލްޖިއަމްގެ ކުލަބު ގަތުމަށް އެ ގްރޫޕުން ނިންމީ އެކުލަބުން ކުޅުންތެރިން ތަމްރީން ކުރުމަށް ގެންގުޅޭ ވައްޓަފާޅިއާއި، ކުލަބުގެ މުސްތަގުބަލުގެ އިތުރުން ކުލަބުގެ ތާރީހަށް ވެސް ވަރަށް ބޮޑަށް ބެލުމަށްފަހު ކަމަށެވެ. އަދި އެ ގްރޫޕުގެ އެހީތެރިކަމާ އެކު އެ ކުލަބަކީ ބެލްޖިއަމްގެ އެންމެ ޓޮޕް ކުލަބަކަށް ހަދާނެ ކަމުގެ ޔަގީންކަން ސޮރިއާނީ ވަނީ ދީފަ އެވެ. ސީއެފްޖީއިން ލޮމެލް ކުލަބު ގަތުމުގެ މަސައްކަތް ކުރަމުންދާ އިރު ބެލްޖިއަމުގެ ލީގު މިހާރު ވަނީ ކޮރޯނާ ވައިރަހުގެ ސަބަބުން ކެންސަލް ކޮށްފަ އެވެ. ލީގު ނިންމާލި އިރު ލޮމެލް އެސްކޭ އޮތީ ތާވަލުގެ ހަވަނައިގަ އެވެ.
މެންޗެސްޓާ ސިޓީގެ ވެރިން ބެލްޖިއަމުގެ ކުލަބެއް ގަންނަނީ
ކ. ހިންމަފުށީގައި ހުންނަ ޑްރަގް ރިހިބިލިޓޭޝަން ސެންޓަރު، ރިހެބުން ނެގި ރެންޑޮމް ސާމްޕަލްތަކުގެ ތެރެއިން ތިން ސާމްޕަލެއް ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ އެކު އެ ރަށް މޮނިޓަރިންއަށް ގެނެސްފި އެވެ. އެ ރަށު ކައުންސިލްގެ ނައިބު ރައީސް ހަސަން ފާއިޒް މިއަދު "ސަން"އަށް ވިދާޅުވީ، ޑްރަގް ރިހިބިލިޓޭޝަން ސެންޓަރުން ނެގި ސާމްޕަލްތަކުގެ ތެރެއިން ތިން ސާމްޕަލް ޕޮޒިޓިވްވެފައިވާކަން އެޗްޕީއޭއިން މިއަދު އަންގާފައިވާ ކަމަށެވެ. އެކަމާ ގުޅިގެން އެ ރަށް މޮނީޓަރިންއަށް ލުމަށް އަންގާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. މޮނިޓަރިންގެ ހާލަތަށް ރަށް ގެނައިކަން އަންގައި ކައުންސިލުން މިހާރު ރައްޔިތުންނަށް އާންމުކޮށް އަންގައި، އެ ފިޔަވަޅުތައް ތަންފީޒު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަސް ވެސް އޭނާ ވިދާޅުވި އެވެ. ޖަލުތަކާއި ހާއްސަ އެހީއަށް ބޭނުންވާ މީހުން ބަލަހައްޓާ ސެންޓަރުތަކާއި ކުޑަކުދިންގެ ހިޔާ ފަދަ، ދައުލަތުގެ ފަރާތުން މީހުން ބަލަހައްޓާ ތަންތަނުގައި ރެންޑޮމް ސާމްޕަލިން ނެގުމުގެ މަސައްކަތްތަކެއް އެޗްޕީއޭއިން ވަނީ މިދިޔަ ހަފްތާ ކުރިއަށް ގެންގޮސްފަ އެވެ. އޭގެ ތެރެއިން ޗަލުން ނެގި، 30 އަށް ވުރެ ގިނަ ސާމްޕަލް ވަނީ ނެގެޓިވްވެފަ އެވެ. ނ. މަނަދޫއިން ވެސް މިއަދު އިތުރު ނުވަ މީހަކު ޕޮޒިޓިވްވުމާ އެކު އެ ރަށުގެ އެލާާޓް ލެވަލް ރެޑަށް ގެނެސް، އެ ރަށް ވަނީ މިހާރު ފުރަބަންދުކޮށްފަ އެވެ. މީގެ ކުރިން، ހއ. އުލިގަމާއި، ށ. ނަރުދޫއިން އަދި ހއ. ތަކަންދޫ އަދި ކ. ތުލުސްދޫއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި ބަޔަކު ފެނިފައިވެ އެވެ. މިއަދު ފެނުނު އާ ކޭސްތަކާ އެކު ރާއްޖޭގައި ކޮވިޑް-19 ޖެހިފައިވާ މީހުންގެ އަދަދު ވަނީ ހާހުން މައްޗަށް ގޮސް 1020 އަށް އަރައިފަ އެވެ. އަދި އެ ބަލީގައި ހަތަރު މީހަކު މަރުވި އިރު، 45 މީހަކު ވަނީ ބަލިން ރަނގަޅުވެެފަ އެވެ.
ހިންމަފުށި ރިހެބުން ތިން މީހަކު ޕޮޒިޓިވްވެ ރަށް މޮނީޓަރިންއަށް ލައިފި
ކޮރޯނާ ވައިރަސް ފެތުރުން ކޮންޓްރޯލު ކުރުމުގައި ސަރުކާރު ފެއިލްވެފައިވާ ކަމަށާއި ސަރުކާރުގެ ދޯހަޅި ސިޔާސަތުތަކަށް އިދިކޮޅުގެ އެއްވެސް ތާއީދެއް ނެތްކަމަށް އިދިކޮޅު ޕީޕީއެމް، ޕީއެންސީ އިން ބުނެފިއެވެ. ކޮރޯނާ ވައިރަސް ފެތުރުން ކޮންޓްރޯލު ކުރުމަށް ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކަށް އިދިކޮޅު ކޯލިޝަންގެ އިސް ފަރާތަކުން ތައުރީފު ކުރައްވާފައިވާކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވަނީ ވިދާޅުވެފައެވެ. ރާއްޖެ ޓީވީގައި ވާހަކަ ދައްކަވަމުން ހުކުރު ދުވަހުގެރޭ މިނިސްޓަރު އިމްރާން ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން އަަޅަމުން ގެންދާ ފިޔަވަޅުތައް ރަނގަޅު ކަމަށާއި ސިޔާސީ އެކި ޕާޓީތަކާއި ފަރާތްތަކުން އެ މަސައްކަތްތައް ބަލައިގަންނަ ކަމަށެވެ. ނަމަވެސް އެކަން ދޮގުކޮށް އިދިކޮޅު ކޯލިޝަނުން ވަނީ ޖެހިގެން އައި ދުވަހު ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި ބުނެފައިވަނީ ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން ގެންގުޅޭ ސިޔާސަތުތައް ބަލައި ނުގަންނަ ކަމަށާއި ކޮވިޑް-19 ރާއްޖޭގައި މިހާރު ފެތުރިފައިވާ މިންވަރަށް ފެތުރިގެން ގޮސްފައިވަނީ ސަރުކާރުގެ ދޯހަޅި ސިޔާސަތުތަކާއި ސަރުކާރުގެ އިހުމާލު އެކަމުގައި އޮތް މިންވަރު ބޮޑުކަމުން ކަމަށް ރައްޔިތުން ގަބޫލުކުރާ ކަމަށެވެ. ކޮވިޑް-19 އިން ރައްކާތެރިވުމުގެ ނަމުގައި ދައުލަތުގެ ފައިސާ އިސްރާފުކޮށް ނަހަމަގޮތުގައި ބޭނުންކޮށް، ކޮރަޕްޝަންގެ އަމަލު ހިންގައި ބޭރުގެ އެކިއެކި ފަރާތްތަކުން ލިބޭ ހިލޭ އެހީއާއި ނަގަމުން ގެންދާ ލޯނުތަކަށް ވާނުވާ ނޭނގޭ ކަމަށް ވެސް އެ ބަޔާނުގައި ވަނީ ތުހުމަތުކޮށްފަ އެވެ. އެކަމަކީ ކަންބޮޑުވާ ކަމެއް ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ. މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އިމްރާނުގެ ވާހަކަ އާއި އިދިކޮޅުން ދިން ރައްދާ ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ހޯމް މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މަސައްކަތް ބަލައިގަންނަ ކަމަށް ވިދާޅުވީ އިދިކޮޅު ކޯލިޝަނުގެ އިސް ބޭފުޅެއް ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ކޮވިޑާ ގުޅިގެން މަސައްކަތް ކުރަނީ ގައުމީ ކަމެއްގެ ގޮތުގައި ކަމަށާއި، ކޮވިޑާއި ގުޅިގެން މުހިއްމު ނިންމުމެެއް ނިންމި ދުވަހަކު، އިދިކޮޅު ޕާޓީއެއްގެ އިސް ފަރާތަކުން ގުޅާފައި، އެ ނިންމުން ބަލައިގަންނަ ވާހަކަ ދެންނެވި ކަމަށެވެ. "ތިމަންނަަމެން މިދަނީ ތި ބޭފުޅުން މަޝްވަރާ ކުރުމަށްފަހު ބަލައިގަންނަ ނިންމުންތައް ބަލައިގަންނަމުންނޭ. ހާއްސަކޮށް ތި ނިންމުމަކީ ވަރަށް ބޮޑަށް ބަލައިގަންނަ ކަމެކޭ،" އިދިކޮޅު ބޭފުޅެއްގެ ނަން ވިދާޅުނުވެ މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރުގެ ވާހަކައަށް ރައްދުދީ އިދިކޮޅުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ކޮރޯނާ ވައިރަސްގެ ބިރުވެރިކަމާއި ސީރިއަސްކަމުގެ ވާހަކަ އިދިކޮޅުން ދެއްކި ކަމަށާއި ނަމަވެސް ސަރުކާރުގެ ކޯލިޝަނުގައި ހިމެނޭ ފަރާތްތަކުން އެކަމަށް ޖޯކު ޖެހި ކަމަށެވެ. ސަރުކާރުން ކޮވިޑް19 އާއި ގުޅިގެން އަމަލުކުރަމުންދިޔަ ގޮތްތަކަށް އެ ކޯލިޝަނުން ބިނާކުރުވަނިވި ފާޑު ކިޔާފައިވާނެ ކަމަށާއި މިއީ މި ކާރިސާގެ ތެރޭގައި ރައްޔިތުންގެ ހައްގުތައް ޒިންމާދާރުކަމާއެކު އަދާކުރުމަށް އިދިކޮޅުން މަސައްކަތްކުރާ ކަމުގެ ހެއްކެއް ކަމަށް އިދިކޮޅުގެ ބަޔާނުގައި ބުނެފައިވެއެވެ. މީގެ އިތުރުން ސަރުކާރުގެ އެއްވެސް ސިޔާސަތެއްނެތްކަން ރައްޔިތުންނަށް ހާމަވަމުންދާކަމަށާއި ސަރުކާރުގެެ ކޮރަޕްޝަނާއި ވައްކަމުގެ ވާހަކަތައް ރައްޔިތުން ދައްކަން ފެށުމުން ހަގީގަތާ ކުރިމަތިލުމުގެ ބަދަލުގައި ރައްޔިތުންގެ ވިސްނުން އެހެން ދިމާއަކަށް އެނބުރުމަށް ސަރުކާރުން މަސައްކަތް ކުރާކަމަށް އެ ބަޔާނުގައި ތުހުމަތު ކޮށްފައިވެއެވެ. މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)ގެ އާއިލާގެ ބަޔަކު ކަރަންޓީނުކޮށްފައިވާތީ، އެކަމާ ގުޅޭގޮތުން ކުރެއްވި ފޯނުކޯލެއްގައި ސަރުކާރުން ކުރަމުން އަންނަ ކަންކަން ރަނގަޅު ކަމަށް އޭނާ ވިދާޅުވި ކަމަށެވެ.
ކޮވިޑް19: ސަރުކާރުގެ ސިޔާސަތުތަކަށް އިދިކޮޅުގެ ތާއީދެއް ނެތް
ރޯދަމަހުގެ ދުވާލުވެއްޖިއްޔާ ނިދާފައެވެ. ލޯހުޅުވި ދުނިޔޭގެ އަލިކަމެއް ފެންނަނީ އަސްރަށް ގޮވާފަހުންނެވެ. ދެން ފެންވަރައިން ނުކުމެ، މަޣްރިބަށް ގޮވާއިރު ކާމެޒުދޮށުގައި އިށީދެވެނީ ކިރިޔާއެވެ. އެއަށްފަހު އޮންނަނީ އަރާމުކުރުމެވެ. ތާސްކުޅުމާއި، ޓީވީ ބެލުމާއި ފިލްމު ބެލުމެވެ. ރޯދަމަހަކީ އެހެނިހެން މަސްތަކަށްވުރެ ބޮޑަށް އަޅުކަމަށް ފަރުވާތެރިވާންވީ ދުވަސްވަރުކަމަށްވާއިރު، ގިނަބަޔަކަށް ފަރުވާކުޑަކުރެވި، އުފަލާއި ސަކަރާތުގައި މި ދުވަސްތައް ނަގާލެވޭ ކަމަކީ ހިތާމަހުރިކަމެކެވެ. މިއަދުގެ ރޯދަ ސުންބުލީގައި އުސްތާޒާ ސާމިޔާ ޒަކަރިއްޔާ އަލިއަޅުވާލަނީ ރޯދައަށް ހުރެ މުނިފޫހިފިލުވުމާއި ބެހޭގޮތުންނެވެ. އަޅުކަމާއި ދުނިޔެވީ ކަންކަމުގައި ގެންގުޅެންޖެހޭ ހެޔޮ ބެލެންސްގެ މައްޗަށެވެ. ސ: ރޯދައަށްހުރެ މުނިފޫހިފިލުވުމަކީ ކޮންކަހަލަ ކަމެއް؟ ޖ: ރޯދަމަހު މުނިފޫހިފިލުވުމަކީ ވަރަށް ބޮޑަށް އަޅުގަނޑުމެންގެ ސަގާފަތުގެ ތެރޭގައިވެސް ހިމެނޭ ކަމެކެވެ. އެހެންނަމަވެސް ރޯދަމަހަކީ ވަރަށް މާތް އަޅުކަމެއްގެ ގޮތުގައި އައިސްފައިވާ ކަމެއްކަން ހަނދާނުގައި ބަހައްޓަންޖެހެއެވެ. މުނިފޫހިފިލުވުމަކީ އޭގެ ޒާުތުގައި ގޯސްކަމެއް ނޫނެވެ. އެހެންނަމަވެސް މުނިފޫހިފިލުވާއި ގޮތާއ،ި ކުރާ ކަންކަމަކީ ރޯދައިގެ ފުރިހަމަ ސަވާބާއި ރޯދަ ސައްޚަވުމާއި ވަރަށް ބޮޑަށް ގުޅިފައިވާ ކަމެކެވެ. އެހެންކަމުން މުނިފޫހިފިލުވުމުގެ ގޮތުން ކުރާ ކަންކަމަކީ ދީނީ ގޮތުން ހުއްދަ ކަމެއްކަމުގައި ވާންޖެހޭނެއެވެ. އަދި މުނިފޫހިފިލުވުމަށް ހޭދަކުރާ ވަގުތަކީ ރޯދައިގެ މާތްކަމަށް ހުރަސްއެޅޭ، އެހާ ގިނަވަގުތު ކުރާ ކަމަކަށްވެގެން ނުވާނެއެވެ. މިސާލެއްގެ ގޮތުގައި ބުނާނަމަ ރޯދަމަހު ދުވާލު ހަތަރުދަމު ކުޅިވަރުގައި އުޅެގެން ނުވާނެއެވެ. ރޯދަމަހުގައި ގުރުއާން ކިޔެވުމާއި ޒިކުރު ކުރުމާއި ފަރުޟު ފަސް ނަމާދު އަދާކޮށް ހެޔޮ އަމަލުތައް ގިނަކުރުމަށް އިސްކަންދޭން ވާނެއެވެ. މިކަންކަމާއިއެކު، ހުއްދަ ގޮތުގައި މުނިފޫހިފިލުވުމަކީ މައްސަލައެއް އޮތް ކަމެއް ނޫނެވެ.
ރޯދަ ސުންބުލި: ދީނީ ނަޒަރަކުން ރޯދަހާއި މުނިފޫހިފިލުވުން
އިއްޔެ ފުވައްމުލަކުގައި ކުއްލި ގޮތަކަށް މަރުވި ބަންގްލަދޭޝްގެ ރައްޔިތަކު މިއަދު ކޮވިޑް-19 ހުރި ކަމަށް ޝައްކު ކުރެވޭ މީހުން ވަޅުލާ އުސޫލުން ވަޅުލައިފިއެވެ. ފުވައްމުލަށް ސިޓީ ކައުންސިިލުން މިއަދު ބުނީ އެ މީހާ ވަޅުލީ ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ އިރުޝާދާ އެއްގޮތަށް، ކޮވިޑް-19 ޖެހިފައިވާ މީހުންނާއި އެ ބައްޔަށް ޝައްކު ކުރެވޭ މީހުން ވަޅުލުމަށް ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ކަމަށެވެ. އެ މީހާގެ ޖަނާޒާގެ ކަންކަން ކުރިއަށް ގެންދިޔައީ ފުވައްމުލަށް ސިޓީ ކައުންސިލުގެ މުވައްޒަފުންނެވެ. ސިޓީ ކައުންސިލުން ބުނީ، އެ ބަންގްލަދޭޝް މީހާއާ ކޮންޓެކްޓުވި ފަރާތްތަކުގެ ސާމްޕަލް ނަގައި ޓެސްޓު ކުރަން މިހާރު ފޮނުވާފައިވާ ކަމަށެވެ. ރާއްޖެއިން މިހާތަނަށް ކޮވިޑް-19ގައި މަރުވީ ހަތަރު މީހުންނެވެ. އޭގެ ތެރޭގައި މަޝްހޫރު ވިޔަފާރިވެރިޔާ މަރޮށީ ހުސައިން އަބްދުﷲ (މަރޮށީ ހުސައިން ކަލޭފާނު)އާއި އޭނާގެ އަނބިކަނބަލުންވެސް ހިމެނެއެވެ.
ފުވައްމުލަކުގައި މަރުވި ބިދޭސީއަކު ކޮވިޑްގެ އުސޫލުތަކާ އެއްގޮތަށް ވަޅުލައިފި
ނ. މަނަދޫއިން އިތުރު ނުވަ މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާ ކަމަށް އެ ރަށުގެ، ކޮވިޑް-19 ޓާސްކްފޯހުން ބުނެފި އެވެ. މަނަދޫއިން އެންމެ ފުރަތަމަ ޕޮޒިޓިވްވީ އެ ރަށުން މާލެ ގެނައި އުމުރުން 80 އަހަރުގެ އަންހެނެކެވެ. އެއީ މި މަހުގެ އެއްވަނަ ދުވަހު އެވެ. އެމީހާ ޕޮޒިޓިވްވިކަން އެނގުނީ، ބަޑަށް ތަދުވާތީ އައިޖީއެމްޗަށް ޑރ. ދެއްކުމުން ފަރުވާ ދިނުމަށް ފަހު ހޮސްޕިޓަލުން ދޫކޮށްލި ފަހުންނެވެ. މަނަދޫގެ ޓާސްކްފޯސްއިން މިއަދު "ސަން"އަށް ބުނީ، އެ ރަށުން އިތުރު ނުވަ މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެއީ މަނަދޫއިން އެންމެ ފުރަތަމަ ޕޮޒިޓިވްވި އަންހެން މީހާއާ ކޮންޓެކްޓުވި މީހުން ކަމަށް ޓާސްކްފޯހުން ބުންޏެވެ. މިވަގުތު ޕޮޒިޓިވްވި އެންމެންވެސް ތިބީ އެ މީހުންގެ ގޭގައި އެކަހެރި ކޮށްފައި ކަމަށް ޓާސްކްފޯހުން ބުންޏެވެ. މަނަދޫއިން ޕޮޒިޓިވްވި މި ނުވަ މީހުންނާ އެކު މިހާރު ރާއްޖޭގައި ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ ހާހަކާ ކައިރިކޮށްފަ އެވެ. މިހާރު ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދަކީ 991 އެވެ. އޭގެ ތެރެއިން ގިނައީ ބަންގްލަދޭޝް މީހުންނެވެ. މާލެ ފިޔަވައި ރާއްޖެއިން ކޮވިޑް-19އަށް މީހުން ޕޮޒިޓިވްވެފައި ވަނީ މަނަދޫގެ އިތުރުން ހއ. އުލިގަމާއި އެ އަތޮޅު ތަކަންދު އާއި ށ. ނަރުދޫ ށ. މިލަންދޫ އާއި ކ. ތުލުސްދޫންއިންނެވެ. އޭގެ ތެރެއިން އުލިގަމުން ޕޮޒިޓިވްވި ހަމައެކަނި މީހާ މިހާރު ވަނީ ބަލިން ރަނގަޅުވެސް ވެފަ އެވެ.
މަނަދޫއިން އިތުރު ނުވަ މީހަކު ކޮވިޑް-19އަށް ޕޮޒިޓިވް ވެއްޖެ
އިޓާލިއަން ލީގުގައި ވާދަކުރަމުން އަންނަ އެޓްލަންޓާގެ ޒުވާން މިޑްފީލްޑަރު އަންޑްރޭ ރިނާލްޑީ ކުއްލި ގޮތަކަށް މަރުވެފައިވާ ކަމަށް އެކުލަބުން ބުނެފި އެވެ. އުމުރުން 19 އަހަރުގެ ރިނާލްޑީގެ ސިކުނޑީގެ ނާރެއް ފިތިގެން އޭނާ ހާލު ދެރަވުމުން ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ މިދިޔަ ހަކުރު ދުވަހު އެވެ. އަދި އެކަމުން ފަރުވާ ހޯދަމުން ދަނިކޮށް އޭނާ މިއަދުގެ ވަގުތެއްގައި މަރުވެފައިވާ ކަން އެޓްލަންޓާ އިން ވަނީ ޔަގީންކޮށްދީފަ އެވެ. ރިނާލްޑީގެ މަރާއެކު ފުޓުބޯޅަ އާއިލާއިން އަންނަނީ ސޯޝަލް މީޑިއާގައި ހިތާމަ ފާޅުކުރަމުންނެވެ. އުމުރުން 13 އަހަރުގައި އެޓްލަންޓާގެ ޔޫތް އެކެޑެމީއަށް ކުޅެން ފެށި ރިނާލްޑީ މަރުވި އިރު ލޯން އެއްބަސްވުމެއްގެ ދަށުން އޭނާ ކުޅެމުން އަައީ އިޓަލީގެ ހަތަރުވަނަ ޑިވިޝަނުގައި ވާދަކުރަމުން އަންނަ ލެނަނޯއަށެވެ. ލެނަނޯގެ ރައީސް ޖިއޮވާނީ މުނާފޯ ބުނީ ރިނާލްޑީގެ މަރުގެ ހަބަރު އަޑުއެހީ ފުން ހިތާމައާ އެކު ކަމަށާއި، އޭނާ ކުލަބާ ގުޅުމަށްފަހު ފުރަތަމަ ދުވަހު އައިސް ސަލާން ކޮށްލި ދުވަސް މަތިން ހަނދާން ނުނެތޭނެ ކަމަށެވެ. އަދި ރިނާލްޑީއަށް އެކުލުބުގައި ދީފައިވަނީ ހާއްސަ ގަދަރެއް ކަމަށް މުނާފޯ ބުންޏެވެ. "ރިނާލްޑީއަކީ އާދަޔާ ޚިލާފު ހުނަރެއް ލިބިފައިވާ ކުޅުންތެރިއެއް. މުޅި ކުލަބުގެ ނަން މަތީގައި އޭނާގެ އާއިލާއަށާއި، ރަހުމަތްތެރިންނަށް ތައުޒިއްޔާ ރައްދު ކުރަން،" މުނާފޯ ބުންޏެވެ. ރިނާލްޑޯ ވަނީ އެޓްލަންޓާގެ 17 އަހަރުން ދަށުގެ ޓީމަށް ކުޅެ ބޮޑެތި ކާމިޔާބީތަކެއް ހޯދައިފަ އެވެ. އެގޮތުން 2016 ވަނަ އަހަރުގެ ސުޕަކޮޕާ މުބާރާތް ކާމިޔާބު ކުރުމުގައި މުހިއްމު ދައުރެއް އޭނާ އަދާކުރިއެވެ. މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަހުގެ ސަބަބުން އިޓަލީގެ ލީގުތައް މެދުކަނޑާލާފައި އޮންނަތާ ދެ މަސްވެފައިވާ އިރު އެ ގައުމުން މިހާރު އަންނަނީ އަލުން އަނބުރާ ލީގުގެ ކުޅުން ފެށުމަށް ތައްޔާރުވަމުންނެވެ. އެގޮތުން މިހާރު ބައެއް ކުލަބުތަކުން ޕްރެކްޓިސްތައް ފަށާފައިވާ އިރު އަންނަ މަހުގެ ތެރޭގައި ލީގު އަލުން ފެށޭވަރު ވާނެ ކަމަށް އެގައުމުގެ މީޑިއާ ރިޕޯޓްތަކުން ބުނެ އެވެ.
އެޓްލަންޓާގެ ޒުވާން މިޑްފީލްޑަރު އަންޑްރޭ ރިނާލްޑީ މަރުވެއްޖެ
ކޮވިޑް19 އާ ދެކޮޅަށް ރާއްޖެއިން ކުރަމުންދާ މަސައްކަތުގައި އިތުރު ޑޮކްޓަރުންނާއި ނަރުހުންގެ ބޭނުން ޖެހިފައިވާ މި ހާލަތުގައި ރިސޯޓުތަކުގައި މަސައްކަތްކުރާ ޑޮކްޓަރުންނާއި ނަރުހުންގެ ތެރެއިން 30 ފަރާތެއް ގައުމީ ޓާސްކް ފޯހާ ގުޅުމަށް ބޭނުންވެ ވޮލަންޓިއާ ކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ. ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބަައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ރިސޯޓުތަކުގައި މަސައްކަތް ކުރާ ޑޮކްޓަރުންނާއި ނަރުހުންގެ ތެރެއިން ގައުމީ ޓާސްކްފޯހާ ގުޅުމަށް ވޮލަންޓިއާ ކުރި ފަރާތްތަކުން މި ހަފްތާގެ ތެރޭ މަސައްކަތަށް ނިކުންނާނެ ކަމަށެވެ. ކޮވިޑް 19 އާ ގުޅިގެން މުޅި ދުނިޔެއަށްވެސް މެޑިކަލް ޕްރޮފެޝަަލުންގެ ބޭނުން ޖެހިފައިވާ މި ދަނޑިވަޅުގައި ރާއްޖެއިން ބޭރުގައި މެޑިސިން ހަދާ ދަރިވަރުން ރާއްޖެ ގެނެސް އެ މަސައްކަތުގައި އެ ކުދިން ވެސް ވަނީ ބައިވެރިކޮށްފައެވެ. މީގެ އިތުރުން ހިދުމަތުން ރިޓަޔާ ކޮށްފައި ތިބި މެޑިކަލް ޕްރޮފެޝަނަލުންނާއި މި ވަގުތު ވަގުތީގޮތުން ހިދުމަތުން އެއް ފަރާތްވެގެންތިބި މެޑިކަލް ޕްރޮފެޝަނަލުންވެސް މަސައްކަތަށް ނިކުތުމަށް ސަރުކާރުން ވަނީ އިލްތިމާސް ކޮށްފައެވެ. ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން މީގެ ކުރިން ހާމަކޮށްފައިވާގޮތުގައި ރާއްޖޭގައި މިވަގުތު ތިބީ 905 ޑޮކްޓަރުންނާއި 2970 ނަރުހުންނެވެ. ކޮވިޑް19 ޕީކަކަށް ހިނގައްޖެ ހާލަތެއްގައި ބޭނުންވާނެ ވަރަށް އެކަށީގެންވާ ޑޮކްޓަރުންނާއި ނަރުހުން ނެތް ކަމަށް އެ ސެންޓަރުން ވަނީ ބުނެފައެވެ. ރާއްޖެއިން މިހާތަނަށް 862 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވް ވެފައިވެއެވެ. ބަލިން މިހާތަނަށް ރަނގަޅުވެފައިވަނީ 30 މީހުންނެވެ. ބަލި ޖެހިގެން ތިން މީހަކު ވަނީ މަރުވެފައެވެ. ކޮވިޑް19 އަށް ޝައްކު ކުރެވޭ އަލާމާތްތަކާއެކު ބައެއް ޑޮކްޓަރުންނާއި ނަރުހުން އެކަހެރި ކުރެވިފައިވާއިރު، އެކަށީގެންވާ މިންވަރަށް ޑޮކްޓަރުންނާއި ނަރުހުން ނެތުމަކީ ބޮޑު ކަންބޮޑުވުމެކެވެ.
ރިސޯޓުތަކުގައި މަސައްކަތްކުރާ 30 ޑޮކްޓަރުންނާއި ނަރުހުން ކޮވިޑްގެ މަސައްކަތަށް
ރޭ ވަަރަށް ބޮޑަށް މޫސުން ގޯސްވެ، ވައިގެ ގަދަވެ ކަނޑުމަތީގެ ނުރައްކާތެރި ހާދިސާތަކެއް ހިނގަމުންދާތީ ކަނޑުދަތުރު ކުރުމުގައި މޫސުމަށް ސަމާލުވާން އެމްއެންޑީއެފްއިން އިލްތިމާސްކޮށްފި އެވެ. އެމްއެންޑީއެފްއިން ވަނީ ކަނޑުދަތުރު ކުރާ އުޅަނދުފަހަރުގެ ކެޕްޓަނުންނާއި އޮޑިވެރިން ދަތުރަށް ފެށުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ސާފުކުރަން އިލްތިމާސްކޮށްފަ އެވެ. ހަމައެއާއެކު އޮޑިފަހަރުގެ ސަލާމަތީ ކަންކަން ފުރިހަމަތޯ ބެލުމަށް ވެސް އެމްއެންޑީއެފްއިން ވަނީ އިރުޝާދުދީފަ އެވެ. މިގޮތުން ލައިފް ޖެކެޓާއި މުވާސަލާތީ ވަސީލަތްތަކާއި ދިޔަ ހިއްކާ ޕަމްޕު ފަދަ ނިޒާމުތައް ހުރީ ރަނގަޅަށްތޯ ބެލުން މުހިންމު ކަމަަށް އެމްއެންޑީއެފުން ބުންޏެވެ. މީގެ އިތުރުން މީހުން އުފުލަން ހުއްދަ ދީފައިވާ މިންވަރަށްވުރެ އިތުރަށް މީހުން ނުއުފުލުމަށާއި ކަނޑައަޅާފައިވާ މިންވަރަށްވުރެ އިތުރަށް އޮޑިފަހަރަށް މުދާ ބަރު ނުކުރުމަށް ވެސް އެމްއެންޑީއެފްއިން އެދިފައިވެ އެވެ. މީގެ އިތުރުން ރައްކާތެރިކަން ކުޑަ ކުދި އަނގަމަތި، އުޅަނދުފަހަރުގައި ދަތުރުކުރާއިރު ވަކިން ހާއްސަ ސަމާލުކަމެއް ދިނުމަށް އެމްއެންޑީއެފްއިން އިލްތިމާސްކުރެ އެވެ. މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ވަނީ ށ. އަތޮޅުން ފެށިގެން މ. އަތޮޅާ ހަމައަށް ޔެލޯ އެލާޓު ނެރެފަ އެވެ. އެ އެލާޓު ނެރެފައިވަނީ މިއަދު 3:00 އިން މިރޭ 7:00އާ ހަމައަށެވެ. އެލާޓު ނެރެފައިވާ ސަރަހައްދުތަކުގައި ގަޑިއަކު 28 މޭލާއި 35 މޭލާ ދެމެދުގައި ބާރުމިނެއްގައި ވައި ޖެހޭނެ ކަމަށާއި ވިލާގަނޑުގައި 50 މޭލަށް ވައި ގަދަވާނެ ކަމަށް މެޓް އޮފީހުން ލަފާކުރެ އެވެ. ގއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް މިއަދު 2:30އިން ހަވީރު 6:30 އަށް ވައިޓް އެލާޓް ވެސް ވަނީ ނެރެފަ އެވެ. އެ ސަރަހައްދުތަކުގައި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެ ކަމަށާއި ވިލާގަނޑުގައި 45 މޭލާ ވައި ގަދަވާނެ ކަމަށް މެޓް އޮފީހުން ލަފާކުރެ އެވެ. މި ދުވަސްވަރު ކަނޑުމަތީ ހާދިސާތަކުގެ ރިޕޯޓު ލިބެމުންދާ ކަމަށް އެމްއެންޑީއެފްއިން ބުނެފައިވާއިރު، މިއަދު މާލެ ކައިރިން ވެސް ވަނީ އެފަދަ ހާދިސާއެއް ހިނގާފަ އެވެ. މިއަދު މެންދުރު ކ. ކާށިދޫއިން މާލެއަށް ދަތުރުކުރި ދޯންޏެއްގެ އިންޖީނު ހުއްޓުމުގެ ސަބަބުން މާލޭ ވެސްޓު ޕާކުގެ ތޮށިގަނޑަށް އެ ދޯނި އަރައި ވަނީ ފުނޑުފުނޑުވެފަ އެވެ. މި ހާދިސާގައި ދޯނިން ދަތުރުކުރި ހަތަރު މީހުންނަށް ވެސް އެއްވެސް އަނިޔާއެއް ނުލިބެ އެވެ. އަދި ދޯނިން މާލެއަށް ގެނައި މުދާ އޮޔާގޮސްފަ އެވެ. އައްޑޫ ސިޓީވަރަށް ބޯކޮށް ވާރޭ ވެހި އެ ސިޓީގެ ގިނަ އަވަށްތަކެއްގައި ފެންބޮޑުވެ، ބޮޑެތި ގެއްލުންތަކެއް އިއްޔެ ވަނީ ވެފަ އެވެ. އެ ސަރަހައްދަށް މިއަދުވެސް މޫސުން ވަރަށް ގޯހެވެ.
މޫސުމަށް ސަމާލުވޭ! ކަނޑުމަތީގެ ނުރައްކާ ހާދިސާތަކެއް!
މިލިޔުމުގައި ބަލައިލާފައިވާނީ ކޯވިޑް-19 ހުރިތޯ ބެލުމަށްޓަކައި ހަދާ ޕީސީއާރު ޓެސްޓާއި، ބޮޑުގުންބާކުރުމާއި އަދި ދަތުގެ ފަރުވާއަށްޓަކައި ކުރެވޭ ބައެއް ކަންތައްތަކުގެ ސަބަބުން ރޯދައަށް ކުރާ އަސަރާ ބެހޭގޮތުންނެވެ. ކޯވިޑް-19 ޓެސްޓު ހެދުން މިވަގުތު ދުނިޔެއަށް ކުރިމަތިވެފައިވާ އާލަމީ ވަބާ، ކޯވިޑް-19 ހުރިތޯ ބެލުމަށްޓަކައި ކުރާ އެންމެ އާންމު ޓެސްޓަކީ ޕޮލިމަރައިޒް ޗެއިން ރިއެކްޝަން (PCR) ޓެސްޓެވެ. މި ޓެސްޓުކުރުމަށްޓަކައި ކަފަބުރެއް (ސްވެބްއެއް) ނޭފަތުގެ ހިނދުރިން އެންމެ އެތެރެއަށް (nasopharynx އާހަމައަށް) ވައްދާލައެވެ. އަދި ނޭފަތުގެ އެތެރޭގައި ހުންނަ ދިޔަވަރު ރަނގަޅަށް ހޭކެންދެން އިރުކޮޅަކު އެކަފަބުރު ނޭފަތުގެތެރޭގައި އަނބުރާލުމަށްފަހު ނެރެއެވެ. ނޭފަތުގެ އިތުރުން ބައެއްފަހަރު ކަރުގެތެރެއިން ސާމްޕަލް ނަގައިގެންވެސް މިޓެސްޓު ހަދައެވެ. މިޓެސްޓު ހަދާއިރު ނޭފަތަށް ކަފަބުރު ލެއްވުމުން ކޮންމެވެސް ވަރެއްގެ އުނދަގޫކަމެއް އިހުސާސްކުރެނަސް މިއީ އެހާ ތަދުވާނެ ކަމެއްނޫންކަމަށް މާހިރުން ވިދާޅުވެއެވެ. (ޕީސީއާރު މިއީ ކޯވިޑު-19 އަށް ނޫނަސް އެހެނިހެންވެސް ބައެއް ބަލިތައް ދެނެގަތުމަށާއި ތަފާތު ސިއްހީ ބޭނުންތަކަށްޓަކައި އާންމުކޮށް ކުރާ ޓެސްޓެކެވެ.) ކެރަލާގައި ކޮރޯނާވައިރަހަށް ޓެސްޓުކުރަން މީހެއްގެ ސާމްޕަލް ނަގަނީ -- ފޮޓޯ: ގެޓީ ހަގީގަތަށް ބަލާއިރު، ބުނެވިދިޔަފަދައިން ޕީސީއާރު ޓެސްޓު ހެދުމުން ރޯދައަށް އަސަރެއްކޮށްފާނެތޯއާމެދު އުފައްދަންޖެހޭ މާބޮޑު ފިގުހީ ބަހުސެއްނެތެވެ. ސަބަބަކީ ސާމްޕަލް ނެގުމަަށްޓަކައި ނޭފަތުން ނުވަތަ ކަރުގެތެރެއިން ވައްދާ ކަފަބުރު ނުވަތަ އެއިން މިންވަރެއްވިޔަސް މަޢިދާގެތެރެއިން ހަށިގަނޑަށް އެތެރެވުމުގެ އެއްވެސް ފުރުސަތެއްނެތުމެވެ. އަދި ސާމްޕަލް ނެގުމަށްޓަކައި އެކުރެވޭ ކަންތަކަކީ ބަހުގެގޮތުންނާއި އާދަކާދައިގެގޮތުންވިޔަސް ކެއުމާއި ބުއިމުގެ މާނައިގައި ހިމެނޭ ކަމެއްނޫނެވެ. ވީމާ، ކޯވިޑް-19 އަށް ޓެސްޓުކުރުމަށްޓަކައި ނޭފަތަށް ނުވަތަ ކަރުގެތެރެއަށް ކަފަބުރު ލައްވައިގެން ސާމްޕަލް ނެގިނަމަވެސް ރޯދައެއް ނުގެއްލޭނެއެވެ. ޔުނައިޓެޑް އެރެބް އެމިރޭޓްސްގެ ފަތުވާ ކައުންސިލުގެ ނިންމެވުމަކީވެސް މިއެވެ. އެ ކައުންސިލުން އިތުރަށް ވިދާޅުވެފައިވަނީ މުސްލިމުން ރޯދަ ގެއްލިދާނެކަމުގެ ބިރަށްޓަކައި، ކޮރޯނާ ވައިރަސް ޓެސްޓު ނުހަދާ ތިބެގެންނުވާނެއެވެ. މެލޭޝިއާގެ ހެލްތު މިނިސްޓްރީން ބޭނުންކުރާ، ކޯވިޑް-19 މެނޭޖްމަންޓް ގައިޑްލައިންތައް ބެއްލެވުމަށްފަހު، ޕާލިސްގެ ސްޓޭޓް ފަތުވާ ކޮމެޓީން ނިންމަވާފައިވަނީ ކޯވިޑް-19 ސްވެބް ޓެސްޓުން ރޯދަ ނުގެއްލޭނެކަމަށެވެ. ޕާލިސްގެ މުފްތީ، އެސޯސިއޭޓް ޕްރޮފެސަރ ޑރ. މުޙައްމަދު ޢަޞްރީ ޒައިނުލްޢާބިދީން ވިދާޅުވެފައިވެއެވެ. 'ޙަނަފީ މަޒުހަބުގައިވާގޮތުން ރޯދަ ގެއްލޭނީ ޠަބީޢީ މަގަކުން ހަށިގަނޑުގެތެރެއަށް ފޮނުވައިލެވޭ އެތި ބަނޑުގެތެރޭގައި ރަނގަޅަށް އިސްރިޤުރާރުވެއްޖެނަމައެވެ. އެހެން ފޮނުވައިލެވޭ އެތީގެ އެއްބައި ބަނޑުތެރޭގައި، އަނެއްބައި ހަށިގަނޑުން ބޭރުގައި އޮތްނަމަ ރޯދައެއްނުގެއްލޭނެއެވެ. މިއުސޫލަށް ބަލާއިރު(ވެސް) ކޯވިޑް-19 ސްވެބް ޓެސްޓަކުން ރޯދައެއް ނުގެއްލޭނެއެވެ.' ޕީސީއާރު ޓެސްޓު ހެދުމަށްޓަކައި ލައްވާ ކަފަބުރަކީ އެއްވެސް ގޮތަކަށް ބަނޑާ ހިސާބަށް ވާސިލުވާ އެއްޗެއްނޫނެވެ. ހަމަ މިނުކުތާތައް ފާހަގަކުރައްވައި، އުރުދުންގެ ފަތުވާ ކޮމެޓީންވެސް ވިދާޅުވެފައިވަނީ ކޮރޯނާ ވައިރަސް ހުރިތޯ ބެލުމަށްޓަކައި ސްވެބް ޓެސްޓު ހެދިނަމަވެސް ރޯދަ ނުގެއްލޭނެކަމަށެވެ. ބޮޑުގުންބާ ކުރުން ބޮޑުގުންބާ ކުރުމަކީ ބޮޑުގޮހޮރު ސާފުކުރުމަށްޓަކައި ނުވަތަ އެނޫންވެސް ސިއްހީ ބޭނުމަށްޓަކައި، ޚާއްޞަ އާލާތެއް ބޭނުންކޮށްގެން ފުރަގަސްފަރާތު ދޮރުން ރެކްޓަމްގެ ތެރެއަށް ދިޔާ އެއްޗެއް ފޮނުވައިލުމެވެ. ރޯދައަށް ހުރި މީހާ ބޮޑުގުންބާ ކުރުމުން ރޯދަ ގެއްލުމާމެދު ފިޤުހުވެރީންގެ ތިންޤައުލެއް ވެއެވެ. ފުރަތަމަ ޤައުލު: ބޮޑުގުންބާ ކުރުމުން ރޯދަ ގެއްލޭނެކަމަށް ހަތަރު އިމާމުން އިއްތިފާޤު ވެއެވެ. އަދި މިޒަމާނުގެ އިލްމުވެރީންގެ ތެރެއިން ابن عثيمين ގެ ރައުޔަކީވެސް މިއެވެ. މިބޭފުޅުންގެ ދަލީލުތައް: އިބުނު ޢައްބާސް އާއި ޢިކްރިމާގެ އަރިހުން ނަގުލުކުރެވޭ ބަސްފުޅެއްގައިވެއެވެ. "ރޯދަ ގެއްލުންވަނީ ހަށިގަނޑުގެ އެތެރެއަށް ވަންނަ އެއްޗަކުންނެވެ."[ ابن أبي شيبة: 2/308] މި ބަސްފުޅަށް ބަލާއިރު ބޮޑުގުންބާ ކުރުމުން ރޯދަ ގެއްލޭނެއެވެ. ބޮޑުގުންބާ ކުރުމަށްޓަކައި ހަށިގަނޑަށް އެތެރެ ކުރެވޭ އެއްޗެއް އެތެރެވަނީ ޠަބީޢީ މަގަކުންނެވެ. އަދި މިއީ ކާތަކެތީން ލިބޭ ފައިދާ ހަށިގަނޑަށް ލިބިދޭނެ އެއްޗެއްކަމުގައި ހިމެނެއެވެ. ދެވަނަ ޤައުލު: ބޮޑުގުންބާ ކުރުމަކުން ރޯދައެއް ނުގެއްލޭނެއެވެ. މިއީ ابن حزم ގެ ރައުޔެވެ. އަދި ޝާފިޢީންނާއި މާލިކީންގެ އެއްޤައުލަކީވެސް މިއެވެ. އަދި ابن تيمية އާއި ابن باز އަދި قرضاوي ގެ ރައުޔަކީވެސް މިއެވެ. މިބޭފުޅުން ވިދާޅުވާ ގޮތުގައި ބޮޑުގުންބާ ކުރުމަކީ ކެއުންބުއިމާ އެއްގޮތް ނުވަތަ އެމާނައިގައި ކުރެވޭ ކަމެއްނޫނެވެ. އަލްކާފީ ފީ ފިޤުހި އަހުލުލްމަދީނާ އެވެ ކިޔުނި ފޮތުގައި ބަޔާންކުރައްވާފައިވާގޮތުގައި، ރޯދައަށް ހުރެ ބޮޑުގުންބާ ކުރިމީހާގެ ރޯދަ ޤަޟާކުރުން މުސްތަޙައްބުވެގެންވެއެވެ. އެހެންނަމަވެސް އެއީ ވާޖިބެއްނޫނެވެ. ތިންވަނަ ޤައުލު: محمد رشيد رضا ވިދާޅުވާގޮތުގައި، ބޮޑުގުންބާ ކުރެވޭ ގޮތަށް ބަލައި މިކަން ދެބަޔަކަށް ބަހައިލެވެއެވެ. އެގޮތުން، ބޮޑުގުންބާ ކުރުމަށްޓަކައި ހަށިގަނޑުގެތެރެއަށް ފޮނުވައިލެވޭ ދިޔަވަރުގައި ކާނާގެ ގޮތުގައި ބޭނުންކުރެވޭ (ނުވަތަ ކާނާގެ ފައިދާ ހަށިގަނޑަށް ލިއްބައިދޭ) މާއްދާއެއް އެކުލެވޭނަމަ އެހާލަތުގައި ރޯދަ ގެއްލޭނެއެވެ. އަދި އޭގައި ކާނާގެ މާއްދާއެއް އެކުލެވިފައިނުވާނަމަ ރޯދައެއް ނުގެއްލޭނެއެވެ. އެންމެ ރަނގަޅު ރައުޔު: މި މައްސަލައިގައި އިލްމުވެރީން ވިދާޅުވެފައިވާ ބަސްފުޅުތަކަށް ބަލާއިރު އެންމެ ރަނގަޅު ކަމަށް ފެންނަނީ ތިންވަނަ ރައުޔެވެ. ދަތް ތޮރުފުމާއި، ފުޓުނި އެޅުމާއި، އޮފުކުރުމާއި، ކަވަރުއެޅުވުން މި ހުރިހައި ކަމަކީވެސް ކަރުތެރެއިން (ނުވަތަ މަޢިދާއިން) ބޭރުގައި ކުރެވޭ ކަންތައްތަކެކެވެ. މާލިކީން ދެކެވަޑައިގަންނަވާ ގޮތުގައި ރޯދައަށް ހުރިމީހާ ދުވާލުގައި މިފަދަކަމެއް ކުރުން މަކުރޫހަވެގެންވެއެވެ. ހަމަކޮންމެހެން ދުވާލު އެކަންކުރަން ޖެހޭފަދަ ޟަރޫރަތެއްނެތްނަމަ އެދެވިގެންވަނީ ރޭގަނޑުގައި އެފަދަ ކަންތައްތައް ކުރުމެވެ. އެހެންނަމަވެސް، މިކަމުގެތެރޭގައި ބޭނުންކުރެވޭ އެއްޗެތީގެ ތެރެއިން މިންވަރެއް މަޢިދާގެ ތެރެއިން ހަށިގަނޑަށް ނުދާނަމަ އޭނާގެ ރޯދައެއް ނުގެއްލޭނެއެވެ. ޙަނަފީންނާއި ޙަންބަލީން ދެކެވަޑައިގަންނަވާ ގޮތުގައި ރޯދައަށް ހުރި މީހާ ދުވާލު އެފަދަ ކަމެއް ކުރިކަމުގައިވިޔަސް އޭނާގެ ރޯދައެއް ނުގެއްލޭނެއެވެ. އަދި ابن عثيمين އާއި ابن باز ވެސް އިޚްތިޔާރުކުރައްވަނީ މި ޤައުލެވެ. އަދި مجمع الفقه الإسلامي އިން ނެރުއްވާ ރައުޔަކީވެސްމިއެވެ. އެހެންކަމުން މިމައްސަލައިގައި ޢިލްމުވެރީންގެ މެދުގައި ޚިލާފެއްނެތެވެ. ދަތުގެ ފަރުވާއަކަށްޓަކައި ކުރެވޭ ކަމެއްގައި ބޭނުންކުރެވޭ އެއްޗެތީގެތެރެއިން މިންވަރެއް މަޢިދާއިން ހަށިގަނޑަށް އެތެރެނުވާނަމަ ރޯދައެއް ނުގެއްލޭނެއެވެ. ހުލާސާ އިސްވެ ބަޔާންކުރެވުނު ތިންމައްސަލައިގެ ހުލާސާއަށް ބަލާއިރު، ކޯވިޑް-19 ހުރިތޯ ބެލުމަށް ހަދާ ޕީސީއާރު ޓެސްޓު ހެދިޔަސް ރޯދައެެއް ނުގެއްލޭނެއެވެ. ބޮޑުގުންބާ ކުރުމުން ރޯދަ ގެއްލޭނީ އެކަމަށްޓަކައި ހަށިގަނޑުގެތެރެއަށް ފޮނުވައިލެވޭ ދިޔަވަރުގައި، ކާނާގެ ގޮތުގައި ބޭނުންކުރެވޭ މާއްދާއެއް އެކުލެވޭނަމައެވެ. އެފަދަ މާއްދާއެއް ނުހިމެނޭނަމަ ރޯދައެއް ނުގެއްލޭނެއެވެ. ދަތް ތޮރުފުމާއި، ފުޓުނި އެޅުމާއި، އޮފުކުރުމާއި، ކަވަރުއެޅުވުންފަދަ ކަމެއް ކުރުމުގެތެރޭގައި ހަށިގަނޑުގެތެރެއަށް އެއްޗެއް ނުދާނަމަ އެއިން އެއްވެސްކަމަކުން ރޯދައެއް ނުގެއްލޭނެއެވެ.
ރޯދައިގެ ވަސިއްޔަތް: ކޮވިޑް-19 ޓެސްޓު ހެދުމާއި ދަތުގެ ފަރުވާއިން ރޯދަ ގެއްލޭނެތަ؟
މި ފަހުން ރާއްޖެއިން ފެނިފައިވާ ކޮވިޑް-19އަށް ޕޮޒިޓިވް މީހުންނާ ކޮންޓެކްޓުވި މީހުންގެ އަދަދު މަދުކަން ފާހަަގަކުރެވިފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ. މިއަދު ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރު އަލީ މިއަދު ވިދާޅުވީ، ރައްޔިތުންގެ އެއްބާރުލުމާ އެކު ލޮކްޑައުން ދެމެހެއްޓިއްޖެ ނަމަ، މި ބަލީގެ ހާލަތު ރާއްޖޭގައި ގޯސްނުވެ ކޮންޓްރޯލް ކުރެވޭނެ ކަމުގެ އުންމީދު ވަރަށް ބޮޑު ކަމަށެވެ. މިހާރުވެސް ލޮކްޑައުން ތަންފީޒު ކުރުމުގެ ރަނގަޅު ނަތީޖާ ފެންނަ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން މި ފަހުން ފެންނަ ޕޮޒިޓިވް ކޭސްތަކުގެ ކޮންޓެކްޓު މަދުކަން ފާހަގަކުރެވިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. "އެކަމުގެ ނަތީޖާ އެބަ ފެނޭ. އެއީ މިހާރު ޕޮޒިޓިވްވާ ކޭސެސް އާންމުކޮށް ބައްދަލުވެފައި މި ހުންނަނީ ވަރަށް މަދު ބަޔަކާ އޭގެ މާނައަކީ ގިނަ ރައްޔިތުން އެ ތިބީ ގޭގައި ރަނގަޅަށް އައިސޮލޭޓު ވެގެންނޭ،" މިނިސްޓަރު އަލީ ވަހީދު ވިދާޅުވިއެވެ. ގެތަކުގައި ތިބި މާމައިންނާއި ކާފައިން ގެތަކުގެ ކޮޓަރިތަކުގެ ތެރޭގައި އައިސޮލޭޓު ކުރަން މިނިސްޓަރު އެދިވަޑައިގެންނެވިއެވެ. އެއީ އުމުރުން ދުވަސްވީ މީހުންނަކީ ބަލީގެ ނުރައްކާ ބޮޑު ބަޔަކަށް ވުމުންނެވެ. ރޭވުމާ އެއްގޮތަށް ކަންކަން ގޮސްފި ނަމަ، ބެސްޓް ކޭސް ސިނާރިއޯގައި ރާއްޖޭގެ މައިގަނޑު އިގްތިސާދީ ހަރަކާތް ޓޫރިޒަމް ޖުލައި މަހު ފެށޭނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. އަދި ޓޫރިޒަމް ފަށާ އިރު ފަށާނީ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުވާ ގޮތަށެވެ. ބެސްޓް ކޭސް ސިނޭރިއޯއާ އެއްގޮތަށް ކަން ނުހިނގައި އެއަށް ވުރެ ގޯސް ވެއްޖެ ނަމަ މިނިސްޓަރު ލަފާ ކުރެއްވީ ޓޫރިޒަމް ފެށޭނީ އޮކްޓޯބަރު ހިސާބުގައި ކަމަށެވެ. އަދި އެންމެ ގޯސް ސިނާރިއޯއަށް ހާލަތު ގޮސްފި ނަމަ މި އަހަރު އެއްވެސް ގޮތަކަށް ޓޫރިޒަމް ނުފެށި ހިނގައިދާނެ ކަމަށްވެސް އޭނާ ލަފާކުރެއްވިއެވެ. ރާއްޖެއިން މިހާތަނަށް ކޮވިޑް-19އަށް ޕޮޒިޓިވްވެފައި ވަނީ 862 މީހުންނެވެ. އޭގެ ތެރެއިން ގިނައީ ބަންގްލަދޭޝް މީހުންނެވެ. އެ ގައުމުގެ 478 މީހަކު ޕޮޒިޓިވްވެފައިވާއިރު، ޕޮޒިޓިވްވި ދިވެހީންގެ އަދަދަކީ 288 އެވެ.
މިފަހުން ޕޮޒިޓިވްވި މީހުންގެ ކޮންޓެކްޓްސް މަދު: މިނިސްޓަރު އަލީ ވަހީދު
ކޮވިޑް19 ގެ މިހާލަތަށްފަހު ރާއްޖެ އަލުން ހުޅުވާލާއިރު، މާލޭގެ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ނޫން އެއާޕޯޓެއްގައި ފަތުރުވެރިން އަންނަ ޖެޓުތައް ނުވަތަ ޗާޓާޑް ފްލައިޓުތައް ޖެއްސޭނެ އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ. މިއަދު ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ އެންމެ ފުރަތަމަ ރާއްޖެ އޮންނަ ހާލަތަށްބަލައި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ނޫން އެއާޕޯޓެއްގައި ޖެޓްސް ނުވަތަ ޗާޓާ ފްލައިޓްސް ގެނެވޭނީ ކޮން ގޮތަކަށްތޯ ބަލަމުންދާ ކަމަށެވެ. "އަދި އެވަރުގެ ރަންވޭ ހުރި އެއާޕޯޓުތަކަކީ ކޮބައިކަމާއި އެފަދަ އެއާޕޯޓެއްގައި މަސައްކަތްކުރާ މުވައްޒަފުން އަނބުރާ ރަށަށް ނުގޮސް ކަރަންޓީނު ޕީރިއަޑެއްގައި[މަސައްކަތް] ކުރެވޭނެ ގޮތްތައް ދަނީ ބަލަމުން،" މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ މި އެއާޕޯޓުތަކަށް އަންނަ ފަތުރުވެރިންނަކީ ކޮވިޑް19 އަށް ޓެސްޓުު ކުރެވިފައިވާ މީހުންނަށް ވާންޖެހޭނެ ކަމަށެވެ. އަދި އެމީހުން ޗުއްޓީ ހޭދަކުރުމަށްދާ ރިސޯޓުތަކަކީ ޕީޕީއީގެ އިތުރުން ވަކި ފެންވަރަކަށް މެޑިކަލް ފެސިލިޓީސް ލިބެން ހުންނަ ތަންތަނަށް ވާންޖެހޭނެކަމަށާއި އަދި އެ މީހުން ގެންދިޔުމަށްފަހު ކަރަަންޓީނު މުއްދަތެއް ފުރިހަމަކޮށް އަލުން ޓެސްޓު ހަދައި ޓެސްޓު ނެގެޓިވް ވުމަށްފަހު ނޫނީ ރަށުތެރެއަށް ދޫކޮށްނުލެވޭނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހުޅުވާ ހިސާބަށް ދާއިރު އެ އެއާޕޯޓުގައި ހުންނަންޖެހޭނެ އުސޫލުތަކާއި މިންގަނޑުތައް ހިމެނޭ ދިރާސާއެއްވެސް އެކުލަވާލާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. "އަދި އެއަށްފަހު ތިންވަނަ ފޭސްއެއްގައި ނިއު ނޯމަލްގައި ފަސިންޖާ އެއާލައިންތަކުން ފަތުރުވެރިން އަންނަން ފެށީމާ އެ ހާލަތުގައި ކަންކުރާނެ ގޮތްވެސް ވަނީ އެކުލަވާލާފައި،" މިނިސްޓަރު ވިދާޅުވީ މިކަންތައް ފައިނަލްކުރާނީ ދާއިރާގެ ސްޓޭކް ހޯލްޑަރުންނާއެކު މަޝްވަރާކޮށް އިކޮނޮމިކް ކައުންސިލުން ކަމަށެވެ. އަދި މި މިންގަނޑުތައް ފައިނަލްކޮށް ރިސޯޓުތައް ހުޅުވާލާއިރު ރިސޯޓުތަކުން އެކަމަށް ތައްޔާރުވުމަށް އެއް މަސް ލިބޭނެ ކަމަށް މިނިސްޓަރު އަލީ ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ ނިއު ނޯމަލްގައި މި އަހަރުގެ ތިންވަނަ ކުއާޓަރުގައި ބޯޑަރު ހުޅުވޭނެކަމަށް ލަފާކުރެވޭ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމް ފަށާނޭ ފޭސްތަކާއި ކޮންމެ ފޭސްއެއްގައި ރާއްޖޭގެ ޓޫރިޒަމް ފޯކަސްކުރާނެ ދާއިރާތައް އަދި ރައްކާތެރިކަމަށް އަޅާނެ ފިޔަވަޅުތައް ޕްލޭން ކުރެވިފައިވާ ކަމަށެވެ. އަދި އެ ޕްލޭން އެކުލަވާލީ، ޓޫރިޒަމް މިނިސްޓްރީއިން ރާއްޖެ ގެނައި ޑޮކްޓަރުންގެ ޓީމުގެ އިރުޝާދާ އެކުގައި ކަމަށެވެ. އެހެން ނަމަވެސް، ޓޫރިޒަމް ހުޅުވާލާނީ ރާއްޖޭގައި ބަލި ކޮންޓްރޯލްވުމުން ކަމަށް މިނިސްޓަރު ތަކުރާރުކޮށް ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި ޓޫރިޒަމަށް ރާއްޖެ ހުޅުވާލުމުގެ ވިސްނުން ސަރުކާރުން ގެންގުޅެނީ ޓޫރިޒަމްއަކީ އިގްތިސާދުގެ މޭވާ ކަމުގައި ވާތީ އެވެ. އަދި އެ ގަހުގައި އަޅާ މޭވާއިން ފައިދާ ކުރަނީ ރައްޔިތުންނަށް ކަމަށާއި އެ ސިނާއަތް ނުހިނގާ ނަމަ އޭގެ ގެއްލުން އެންމެހާ ރައްޔިތުންނަށް ކުރާނެ ކަމަށެވެ.
ރާއްޖެ ހުޅުވާލާއިރު ޓޫރިސްޓުންނާއެކު ފްލައިޓުތައް އަންނާނީ ވީއައިއޭއަކަށް ނޫން
ދިއްލީ (މެއި 15): އިންޑިއާގެ ސިޓީތަކުގައި މަސައްކަތް ކުރަމުން ދިޔަ މީހުންގެ ތެރެއިން ފުރަބަންދުގެ ސަބަބުން ވަޒީފާ ގެއްލި، އަމިއްލަ ވިލެޖު (އަވަށް)ތަކަށް އެނބުރި ދާން ޖެހިފައިވާ މީހުންނަށް ދެ މަސް ވަންދެން ހިލޭ ކާތަކެތި ފޯރުކޮށްދޭން އެގައުމުގެ ސަރުކާރުން ނިންމައިފިއެވެ. އިންޑިއާގެ ފިނޭންސް މިނިސްޓަރު ނިރުމަލާ ސިތާރާމަން ވިދާޅުވި ގޮތުގައި އެގައުމުގެ އިގުތިސާދު ސަލާމަތް ކުރުމަށް ކަނޑައަޅާފައިވާ 20 ޓްރިލިއަން ރުޕީސް (266 ބިލިއަން ޑޮލަރު)ގެ ރިލީފް ޕެކޭޖުގެ ދަށުން، ހިޖުރަވެރިންނަށް ހަނޑުލާއި މުގާއި ގޮދަން ފަދަ ކާނާ ފޯރުކޮށްދޭން 35 ބިލިއަން ރުޕީސް (463 މިލިއަން ޑޮލަރު) ވަނީ ހާއްސަކޮށްފައެވެ. އަދި ކުރިއަށް އޮތް ދެ މަސް ތެރޭ އެ އެހީ ގާތްގަނޑަކަށް 80 މިލިއަން މީހުންނަށް ލިބޭނެއެވެ. މީގެ އިތުރުން ހިޖުރަވެރިންނަށް އެކަށޭނަ އަގެއްގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށާއި ރަށްފުށުގައި ދިރިއުޅޭ ވަޒީފާ ނެތް 23 މިލިއަން ވަރަކަށް މީހުންނަށް ވަޒީފާ ހޯދައި ދިނުމަށް 100 ބިލިއަން ރުޕީސް (1.3 ބިލިއަން ޑޮލަރު) ވަނީ މިހާތަނަށް ހަރަދުކޮށްފައެވެ. އަދި އުނގު ވިޔަފާރި ކުރާ މީހުންނާއި ދަނދުވެރިންނަށް ސަބްސިޑައިޒްކޮށްފައިވާ ބޭންކް ލޯނުތައް ދީ، ދަނޑުވެރިން މިހާރު ނަގާފައިވާ ލޯނުތައް އަނބުރާ ދެއްކުން ފަސް ކުރަން ހުއްދަ ދީފައިވާ ކަމަށްވެސް ސަރުކާރުން ބުންޏެވެ. އިންޑިއާގެ ޖީޑީޕީގެ 10 ޕަސެންޓާ އެއްވަރުގެ ކޮރޯނާވައިރަސް ރިލީފް ޕެކޭޖާ ބެހޭ އިތުރު މައުލޫމާތު އެގައުމުން ކޮންމެ ދުވަހަކުވެސް ހިއްސާ ކުރަމުންދާނެކަން ސަރުކާރުން ވަނީ އިއުލާންކޮށްފައެވެ. އިންޑިއާގައި ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމަށް މިދިޔަ މާޗް 25ގައި އިއުލާން ކުރި ފުރަބަންދު ވަނީ އަންނަ އާދިއްތަ ދުވަހާ ހަމަޔަށް އިތުރުކޮށްފައެވެ. ނަމަވެސް ވައިރަސް ފެތުރުމުގެ ނުރައްކާ ކުޑަ ސަރަހައްދުތަކުގައި މިހާރު ވަނީ ފިޔަވަޅުތައް ލުއިކޮށް، ބައެއް ވިޔަފާރިތައް ހުޅުވާލާފައެވެ. އެ ފުރަބަންދާ ގުޅިގެން، އެގައުމުގައި ވަޒީފާ ނެތް މީހުންގެ ނިސްބަތް މިދިޔަ މާޗް މަހު 8.7 ޕަސެންޓުގައި އޮތުމަށް ފަހު މިދިޔަ މަހު އެ އަދަދު ވަނީ 23.5 ޕަސެންޓަށް އަރާފަ އެވެ. އަދި މިދިޔަ ހަފްތާގައި އެ އަދަދު ވަނީ 27.1 ޕަސެންޓަށް އިތުރުވެފަ އެވެ. އިންޑިއާގައި މިހާތަނަށް 82،000 އަށްވުރެ ގިނަ މީހުން ވައިރަހަށް ޕޮޒިޓިވްވެ، ބަލީގައި 2،649 މީހަކު ވަނީ މަރުވެފަ އެވެ.
އިންޑިއާގެ ސިޓީތައް ދޫކޮށް އަވަށްތަކަށް އެނބުރި ދާންޖެހިފައިވާ މީހުންނަށް ހިލޭ ކާބޯތަކެތި ދެނީ
އުރީދޫ މޫލީ މެދުވެރިކޮށް އާންމު ދިރިއުޅުމުގައި ބޭނުންކުރާ ކާބޯތަކެތީގެ ގިނަ ބާވަތްތައް ޑެލިވާ ކުރަން ފަށައިފިއެވެ. އުރީދޫ އިން ބުނީ ކޮވިޑް19 އާއި ގުޅިގެން ތަންފީޒު ކުރަމުންދާ ލޮކްޑައުންގެ ސަބަބުން، ފެން، މަސް އަދި އާންމުކޮށް ބޭނުންކުރާ ކާބޯތަކެތި ފޯރުކޮށްދޭ ފަރާތްތަކުން އޮންލައިންކޮށް ކަސްޓަމަރުންނާއި މުއާމަލާތްކުރުމަށާއި އުފެއްދުންތައް ޑެލިވާކުރުމަށް މޫލީގެ އެހީތެރިކަމަށް އެދެމުންދާ ކަމަށެވެ. ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީ ވުމުގެ ގޮތުންނާއި، ކަސްޓަމަރުން ރައްކާތެރިކަމާއެކު ގޭގައި ތިބެގެން ވިޔަފާރިކުރުމުގެ ފުރުސަތު ދިނުމަށް އާންމުކޮށް ބޭނުންކުރާ ކާބޯތަކެތި ވިއްކާ ވިޔަފާރިތަކާ ގުޅިގެން މޫލީ މެދުވެރިކޮށް މާލެ އަދި ހުޅުމާލޭގެ އެޑްރެސްތަކަށް ކާބޯތަކެތި ފޯރުކޮށްދެމުންދާ ކަމަށެވެ. މޫލީ މެދުވެރިކޮށް ކުދި ވިޔަފާރިތަކާއި އޮންލައިން ރީޓެއިލަރުންނަށް، ފަސޭހަކަމާއިއެކު ކުރިޔަށްވުރެ ގިނަ ކަސްޓަމަރުންނާއި މުއާމަލާތް ކުރުމުގެ ފުރުސަތު ފަހިވާނެ ކަމަށާއި ހިލޭ ވެއަހައުސް ހިދުމަތާއި ޑެލިވަރީ ހިދުމަތް ލިބޭނެއެވެ. މި ހިދުމަތްތަކާއެކު، ރާއްޖޭގެ އެކި ހިސާބުތަކަށް ވިޔަފާރިތަކުން ވިއްކާ ތަކެތި ފޯރުކޮށްދެވޭނެއެވެ. ވިޔަފާރި އޮންލައިންކޮށް، އިތުރަށް ފުޅާކޮށް އަދި ގިނަ ކަސްޓަމަރުންނަށް ހިދުމަތްދޭން ބޭނުންވާ ކޮންމެ ފަރާތަކަށްވެސް މޫލީ މެދުވެރިކޮށް އެ ފުރުސަތު ލިބޭނެއެވެ. ސޯޝަލް މީޑިއާ ޕޭޖެއް މެދުވެރިކޮށްކުރާ ވިޔަފާރިއެއް ކަމުގައިވިޔަސް، ސުޕަރމާރުކޭޓްއެއް ކަމުގައިވިޔަސް އަދި ކަންމަތީ ފިހާރައެއް ކަމުގައިވިޔަސް މޫލީއިން މަރުހަބާ ކިޔާ ކަމަށް އުރީދޫ އިން ބުންޏެވެ. ކުދި ވިޔަފާރިތަކަށް މި ހާލަތުގައި ކުރިމަތިވެފައިވާ ދަތިކަމަށް ލުޔެއް ހޯދައިދީ، މާލެ އާއި ހުޅުމާލޭގައި ވިޔަފާރި ހިންގުމަށާއި ކަސްޓަމަރުންނަށް މުއާމަލާތްކުރުމަށް އެހީތެރިވުމުގެގޮތުން، މޫލީއިން ވަނީ ޕްލެޓްފޯމް ފީ ނެގުން ވެސް ހުއްޓާލާފައެވެ. މޫލީ މެދުވެރިކޮށް މިހާރު އެންމެ 24 ގަޑިއިރުގެ ތެރޭގައި ވިޔަފާރިތައް އޮންލައިންކޮށް ހިންގަން ފެށޭނެއެވެ މޫލީއާ އަލަށް ގުޅިފައިވާ ފަރާތްތަކުގެ ތެރޭގައި: ހޮރައިޒަން ފިޝަރީޒް - މާންދޫ މަސްދަޅު ކ،ޭސް ޓޫނާ މަސްދަޅު ޗަންކްސް އިން އޮއިލް/ބްރައިން ސަޕްލައި އެމްވީ ބީ2ބީ ޕްލެޓްފޯމް - އެންޒީ ޓޫނާ އިން އޮއިލް/ބްރައިން ކޭސް، އެންޒީ ގިތެޔޮ މިރުސް ސޯސް އަދި އެންޒީ ރިހާކުރު ފުޅި ތާޒާ ފެން – 330މލ، 500މލ، 1500މލ އަދި 5ލ ފެން ފުޅީގެ ކޭސް (ކޮންމެ އޯޑަރަކަށް 5 ކޭސް) ކޮންފޫޑް- އެޑިންބޮރޯ ސޯސް، ޖޫސް، ޖޭމް އަދި މިޔޯޖޯ ކަޕް ނޫޑްލްސް މޫލީއަކީ އޮންލައިން ޕޭމަންޓް، މުޅި ރާއްޖެއަށް ހިލޭ ޑެލިވަރީ، އީޒީ ރިޓާންސް އަދި ފެންވަރު ރަނގަޅު އުފެއްދުންތަކާއި އެކު، ކަސްޓަމަރުންނަށް ޔަގީންކަމާއިއެކު ވިޔަފާރިކުރުމުގެ ފަސޭހަކަން ފަހިކޮށްދޭ ޑިޖިޓަލް ޝޮޕިން ޕްލެޓްފޯމްއެކެވެ. މުޅިން ތަފާތު އީ-ކޮމާސް ބާޒާރެއްގެ ގޮތުގައި 2019 ވަނަ އަހަރުގެ އޯގަސްޓްމަހު ތައާރަފްކުރި މޫލީ މެދުވެރިކޮށް، މިހާރުވެސް 10000 އަށް ވުރެ ގިނަ ޑެލިވަރީ ރާއްޖޭގެ އެކި ހިސާބުތަކަށް ފޯރުކޮށްދީފައިވާކަމަށް އުރީދޫ އިން ބުންޏެވެ. އިތުރު ފަރާތްތަކުން މޫލީ އާއި ގުޅެމުންދާއިރު، މި ޕްލެޓްފޯމް އޮތީ ކުރިޔަށް ވުރެ ގިނަ ކަސްޓަމަރުންނަށް، ކުރިޔަށް ވުރެ ތަފާތު ގިނަ އުފެއްދުންތަކެއް ފޯރުކޮށްދިނުމަށް ތައްޔާރުވެފައި ކަމަށް އެ ކުންފުނިން ބުންޏެވެ.
މޫލީ މެދުވެރިކޮށް ކާބޯތަކެތީގެ ގިނަ ބާވަތްތައް ޑެލިވާ ކުރަން ފަށައިފި
މިހާރު ތިބި ކައުންސިލްތަކުގެ މުއްދަތު އަންނަ މަހުގެ ތިން ވަނަ ދުވަހަށް ހަމަވާ އިރު، ގާނޫނު އަސާސީ އިސްލާހުކޮށް ކައުންސިލަރުންގެ ދައުރު އިތުރުނުކޮށްފި ނަމަ ދެން ދިމާވާ ކަންކަމުން އަރައިގަތުމަށް އުނދަގޫވާނެ ކަމަށް ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު އުޝާމް ވިދާޅުވެއްޖެ އެވެ. ކައުންސިލަރުންގެ ދައުރު ހަމަވާނީ ޖޫން މަހުގެ ތިން ވަނަ ދުވަހަށެވެ. ކޮވިޑް-19އިގެ ހާލަތާ ގުޅިގެން ލޯކަލް ކައުންސިލް އިންތިހާބު އެއް އަހަރަށް ފަސްކޮށްފައި ވާތީ ކައުންސިލުގެ ދައުރާމެދު ގޮތް ނިންމުމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު މަޖިލީހަށް ވަނީ ބިލެއް ހުށަހަޅައިފަ އެވެ. ނަމަވެސް ގާނޫނު އަސާސީ އިސްލާހުނުކޮށް ކައުންސިލްތަކުގެ ދައުރު ދިގު ނުކުރެވޭނެ ކަމަށް އެޓާނީ ޖެނަރަލްގެ އިތުރުން ބައެއް މެންބަރުން ވެސް ވަނީ ވިދާޅުވެފަ އެވެ. "އަދި ވެސް ވަގުތު އެބައޮތް. މިހާރު ތިބި ކައުންސިލަރުންގެ ދައުރު 3 ޖޫންގައި ހަމަވުމުގެ ކުރިން ގާނޫނު އަސާސީ އިސްލާހުކޮށް، ގާނޫނާ އެއްގޮތަށް ކައުންސިލަރުންގެ ދައުރުގެ މުއްދަތު އިތުރުނުކުރެވިއްޖެ ނަމަ، ދެން ދިމާވާ ކަންކަމުން އަރައިގަތުމަށް އުނދަގޫވާނެ،" ކުރީގެ ޑެޕިއުޓީ އެޓާނީ ޖެނެރަލް ކަން ވެސް ކުރެއްވި އުޝާމް ވިދާޅުވި އެވެ. މެމްބަރު ހަސަން ލަތީފު ހުށަހެޅުއްވި ބިލުގައި ބުނެފައި ވަނީ ލޯކަލް ކައުންސިލް އިންތިހާބު ބާއްވާ އަލަށް ކައުންސިލަރުން އައްޔަން ކުރެވެންދެން މިހާރު ތިބި ހުރިހާ ރަށު ކައުންސިލަރުންނާއި އަތޮޅު ކައުންސިލަރުން މަގާމުގައި ދެމިތިބޭނެ ކަމަށެވެ. އެގޮތަށް ނިންމާ ސަބަބެއް ކަމަށް ބިލުގައި ބުނެފައި ވަނީ ކައުންސިލުތަކުގެ ދައުރު ހަމަވެ، ދިމާވެފައި އޮތް ހާލަތުގެ ސަބަބުން އިންތިހާބު ނުބޭއްވޭ ހާލަތު ކުރިމަތިވެއްޖެ ނަމަ ކައުންސިލުތައް ގާނޫނީ ހުސްކަމަކަށް ގޮސްދާނެތީ އެވެ. އަދި އެފަދަ ހާލަތެއް ކުރިމަތިވެއްޖެ ނަމަ އަމަލުކުރާނޭ ގޮތް ގާނޫނު އަސާސީގައި ކަނޑައެޅިގެން ބަޔާންކޮށްފައި ނެތް ކަމަށް ވެސް ބިލުގައި ވަނީ ބުނެފަ އެވެ. އެ ގާނޫނަށް އަމަލުކުރަން ފަށާނީ ފާސްވެ ބިލު ތަސްދީކޮށް ގެޒެޓުގައި ޝާއިއުކުރާ ދުވަހުން ފެށިގެން ކަމަށް ބިލުގައި ބުނެފައިވެ އެވެ. ގާނޫނު އަސާސީގައި ބުނަނީ ކޮންމެ ފަހަރަކު އިންތިހާބު ކުރާ ކައުންސިލްތަކުގެ މުއްދަތަކީ ތިން އަހަރު ކަމަށެވެ. އެންމެ ފަހުން އިންތިހާބު ކުރި ކައުންސިލްގެ މުއްދަތު ހަމަ ވަނީ އަންނަ މަހު3ގެ ނިޔަަލަށެވެ. މާނައަކީ ޖޫން 4 އިން ފެށިގެން ގާނޫނު އަސާސީ އަށް އިސްލާހު ނުގެނިެސްފި ނަމަ، ކައުންސިލްތަކަށް ހުސްކަމެއް އަންނާނެ އެވެ. ބަންޑާރަ ނައިބު ވަނީ އެ ހުސްކަން ހައްލު ކުރުމަށް ގާނޫނު އަސާސީއަށް ކުޑަ ބަދަލެއް ގެނައުމަށް ހުށަހަޅައިފި އެވެ. ނަމަވެސް މަޖިލީހަކުން އެ ބިލް އަދި އެޖެންޑާއެއް ނުކުރެ އެވެ.
ޖޫން 3ގެ ކުރިން ކައުންސިލް މުއްދަތު އިތުރުނުކޮށްފި ނަމަ އަރައިގަތުމަށް އުނދަގޫވާނެ: އުޝާމް
ކޮވިޑް19އާ ގުޅިގެން އިންޑިއާ ސަރުކާރުން ރާއްޖެއަށް ފޮނުވި 580 ޓަނުގެ އެހީގެ ޝިޕްމަންޓް ކްލިއާކޮށް ނިމިފައިވާ އެސްޓީއޯއިން ބުނެފި އެވެ. އިންޑިއާއިން ފޮނުވި ކާބޯތަކެތީގެ އެހީއާއެކު ރާއްޖެއަށް މަނަވަރެއް އައީ މި މަހުގެ 12ވަނަ ދުވަހުގަ އެވެ. އެ ޝިޕްމަންޓުގައި ހިމެނެނީ؛ 200 ޓަނުގެ ހަނޑޫ 140 ޓަނުގެ ގޮދަން ފުށް 90 ޓަނުގެ ހަކުރު 120 ޓަނުގެ ރީނދޫ މުގު 26 ޓަނުގެ ފިޔާ 14 ޓަނުގެ އަލުވި އިންޑިއަން ހައި ކޮމިޝަނުން ކުރިން ބުނެފައިވަނީ ކާބޯތަކެތީގެ އެ އެހީ އަކީ އިންޑިއާގެ 'ސެކިއުރިޓީ އެންޑް ގްރޯތު ފޯ އޯލް' (ސާގަރް) ޑޮކްޓްރިން ގެ ދަށުން ސަރަހައްދީ ގައުމުތަކަށް އިންޑިއާއިން ފޯރުކޮށްދޭ އެހީ ކަމަށެވެ. ހަމައެއާއެކު މިއީ މި ރޯދަ މަހު އިންޑިއާގެ ރައްޔިތުންގެ ފަރާތުން ދިވެހިންނަށް ދެވޭ، ދެގައުމުގެ އެކުވެރިކަން ރަމްޒު ކޮށްދޭ ހަދިޔާއެއް ކަމަށްވެސް ހައި ކޮމިޝަނުން ވަނީ ބުނެފަ އެވެ. ތިން ދުވަހުގެ ތެރޭގައި މިތަކެތި ކްލިއާކޮށް ނިންމާލާފައިވާއިރު، އެސްޓީއޯއިން ވަނީ މި މަސައްކަތުގައި ހަރަކާތްތެރިވި އެކުންފުނީގެ ސްޓޭޕަލް، ޑެލިވަރީ އަދި ކްލިއަރަންސް ޓީމުތަކަށް މަރުހަބާ ކިޔާފަ އެވެ.
އިންޑިއާއިން ދިން 580 ޓަނުގެ އެހީ ޝިޕްމަންޓް ކްލިއާކޮށް ނިމިއްޖެ
ކަރަންޓީނު ވުމަށްޓަކައި ވިޔަސް ބޭރު ގައުމުތަކުން ރާއްޖެއަށް މީހުން އަންނަން އެދެމުންދާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ. އެންއީއޯސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަލީ ވިދާޅުވީ ބޭރު ގައުމުތަކުން މީހުން މިހާރު ވެސް ތިބީ ރާއްޖޭގެ ބޯޑަރު ހުޅުވާލާނެ ދުވަހަކަށް އިންތިޒާރު ކޮށްގެން ކަމަށެވެ. އެގޮތުން މިހާލަތުގައި ވެސް ދިގު މުއްދަތަކަށް ކޮޓަރި ހިފައިގެން ކަރަންޓީނު ވާން އައުމަށް ވެސް ރިކުއެސްޓް ލިބިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. "ރާއްޖެއަށް މިއަދު ވެސް ޓޫރިސްޓުން އަންނަން ބޭނުންވޭ. މިވަގުތު ވެސް މިނިސްޓްރީއަށް ރިކުއެސްޓް އައިސްފައި އެބަހުރި، އަރަބި ގައުމުތަކުން އެއްފަހަރާ 2000 މީހުން އަންނަން. މިގޮތަށް އަދަދުތަކުން ރިކުއެސްޓް އެބައާދޭ ރާއްޖެއަށް އަންނަން ބޯޑަރު ހުޅުވާދޭން." މިނިސްޓަރު އަލީ ވިދާޅުވި އެވެ. "އަދި ކަރަންޓީނު ވާން ވެސް، މާނައަކީ ހަ މަސް ދުވަހު ކޮޓަރިއެއް ހިފައިގެން ތިބެން ވިޔަސް އަންނަން ބޭނުންވެގެން ރިކުއެސްޓް އެބައާދޭ." މީގެ އިތުރުން ޗާޓަރު ފްލައިޓްތަކާއި ޖެޓުތަކުގައި ރާއްޖެއަށް އައުމުގެ ހުއްދައަށް އެދި ރިކުއެސްޓް ލިބެމުންދާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. "އެހެންވީމަ މި ބަލި ރާއްޖޭގައި ކޮންޓްރޯލު ކުރެވިގެން ޓޫރިޒަމް އަލުން ފަށަން ބޯޑަރު ހުޅުވާލާއިރު ޓޫރިސްޓުން ރާއްޖެއަށް އަންނާނެކަމާ ދޭތެރޭ އެއްވެސް ޝައްކެއް ނުކުރަން. އިރާދަކުރެއްވިއްޔާ ޓޫރިސްޓުން އަންނާނެ." މިނިސްޓަރު އަލީ ވިދާޅުވި އެވެ. ކޮވިޑް-19އާ ގުޅިގެން އެންމެ ފުރަތަމަ ބަލި ފެތުރޭ ގައުމުތަކުން ޓޫރިސްޓުން އައުން މަނާކުރި އެވެ. އަދި އޮން އެރައިވަލް ވިސާ ދޫކުރުން ހުއްޓާލައި، ޓޫރިސްޓުންނަށް ރާއްޖޭގެ ބޯޑަރު މުޅިން ބަންދުވީ މާޗް 27 ވަނަ ދުވަހުގަ އެވެ. ވިސާ ދޫކުރުން ހުއްޓާލިއިރު ވެސް 50 ރިސޯޓެއް އޮތީ ބަންދުކޮށްފަ އެވެ. ޓޫރިޒަމް ސިނާއަތް އަލުން ފަށައިގަތުން ބަރޯސާވެފައިވަނީ ބަލި ފެތުރޭ މިންވަރަށެވެ. ބަލިފެތުރޭ މިންވަރު ކޮންޓްރޯލު ކުރެވި މި ހާލަތު ރަނގަޅުވެއްޖެނަމަ މިއަހަރުގެ ޖުލައިއާއި އޮކްޓޫބަރު މަހާ ދެމެދު ޓޫރިޒަމް ފަށައިގަނެވޭނެ ކަމަށް ސަރުކާރުން ލަފާކުރެ އެވެ. ޖުލައި ނުވަތަ ޖުލައި މަހުގެ ފަހުން މި ބަލި ކޮންޓްރޯލު ކުރެވޭނެ ކަމަށް ބަލައިގެން ރާއްޖެ އިޝްތިހާރު ކުރަން އެމްއެމްޕީއާރުސީން ވެސް ދަނީ ތައްޔާރުވަމުންނެވެ.
ކަރަންޓީންވާން ވެސް ރާއްޖެއަށް މީހުން އަންނަން ބޭނުންވޭ: މިނިސްޓަރު އަލީ
މާލޭގައި ބިދޭސީންތަކެއްގެ މެދުގައި ހިނގި މާރާމާރީއެއްގައި އެކަކުގެ ބޮލަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފި އެވެ. ފުލުހުން ބުނީ ޗާންދަނީ މަގުގައި ބިދޭސީން ދިރިއުޅޭ އިމާރާތެއްގައި މާރާމާރީއެެއް ހިނގައިގެން އުޅޭ ކަމުގެ މައުލުމާތު ރޭ ދަންވަރު 1:54ގައި ލިބިފައިވާ ކަމަށެވެ. އެ މާރާމާރީގައި ތޫނު އެއްޗަކުން ބޮލަށް ހަމަލާދިނުމުގެ ސަބަބުން އެކަކަށް ޒަހަމްވި ކަމަށް ފުލުހުން ބުންޏެވެ. އެ މީހާ ގެއިން ނުކުމެގެން ދަނިކޮށް، އަނބުރައިގަނެގެން ވެއްޓި، ފުލުހުންގެ ވެހިކަލެއްގައި އައިޖީއެމްއެޗްއަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނި ގޮތުގައި އެ މާރާމާރީއާ ގުޅިގެން ދެ ބިދޭސީން ވަނީ ހައްޔަރުކޮށްފައެވެ. އަދި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ
ބިދޭސީންތަކެއްގެ މެދުގައި ހިނގި މާރާމާރީއެއްގައި އެކަކަށް އަނިޔާވެއްޖެ
ރަމަޟާން މަހުގައި މާތްﷲ ސުބުހާނަހޫ ވަތައާލާ ލައްވާފައިވާ އެންމެ މަތިވެރި ނިއުމަތަކީ އެ މަހުގައި ލައިލަތުލް ގަދްރި ވިލޭރޭ ލައްވާފައިވުމެވެ. ލައިލަތުލް ގަދްރިވިލޭރެއަކީ އެ ރެއެއްގައި ކީޜިތި ގުރުއާން ބާވާލެއްވުނު ރެއެވެ. ލައުހުލް މަހްފޫޟުން ދުނިޔޭގެ ބިމަށް ގުރުއާންބާވާލެއްވުނު ރެއެވެ. މާތްﷲ ވަހީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. "ހަމަކަށަވަރުން މި ގުރުއާން ތިމަންﷲ ބާވާލެއްވީ މަތިވެރި ވެގެންވާ ރެއެއްގައެވެ. ބަރަކާތްތެރި ވެގެންވާ ރެއެއްގައެވެ. ހުރިހާ ހިކްމަތްވަންތަ މަތިވެރި ނިންމުންތައް އެރޭގައި ﷲ ނިންމަވައެވެ. ތިމަން ﷲގެ ހަޒްރަަތުންވާ ނިންމުންތަކެއްގެ ގޮތުގައެވެ. ތިމަން ﷲ އީ ރަސޫލު ބޭކަލުން ފޮނުއްވާ މަތިވެރި ރަސްކަލާންގެއެވެ." ލައިލަތުލް ގަދްރި ވިލޭރެއަކީ އެއްހާސް މައްސަރަށްވުރެ ހެޔޮކަން ބޮޑުވެގެންވާ ރެއެކެވެ. އެހެންކަމުން މިފަދަ މަތިވެރި ނަސީބެއް މާތް ﷲ މިއުންމަތަށް ރަމަޟާންމަހުގައި ލެއްވުމީ ބޮޑު ނިއުމަތެއްކަމުގައި ދެކެންޖެހެއެވެ. އެހެންކަމުން ކޮންމެ މުސްލިމަކުވެސް ވަކި އުމުރުފުރައަކަށް ބެލުމެއް ނެތި އެރޭގެ ހެޔޮކަން ހޯދުމަށްޓަކައި މަސައްކަތްކުރަން ޖެހެއެވެ. ރަސޫލާގެ ހަދީޘް ބަސްފުޅެއްގެ މާނައިގައިވެއެވެ. "ލައިލަތުލް ގަދްރިވިލޭރޭ ނަމާދުކޮށް ގާއިމްވެހުރެ ޒިކުރުކޮށް ﷲގެ ހަޒްރަތުގައި ހުރެ ޘަވާބާއި ދަރުމައަށް އެދުނު މީހާގެ އިސްވެގޮސްފައިވާ ހުރިހާ ފާފައެއް މާތްﷲ ފުއްސަވާދެއްވައެވެ." ހަމައެޔާއެކު އެރޭގެ އިރުއެރުމާއި ހަމައަށް ދުނިޔެއަށް ބާޢްޖަވެރިކަން ހުރިކަމަށްވެސް ކީރިތި ގުރުއާނުގައި ބަޔާންވެފައިވެއެވެ. އަދި ޖިބްރީލްއަމީން މަލާއިކަތުންނާއެކީ ދުނިޔޭގެ ބިމަށް ފައިބާވަޑައިގަންނަވާނެ ކަމަށްވެސް ވެއެވެ. އެރެއަކީ ބާއްޖަވެރިކަމާއި އަމާންކަން ލައްވާފައިވާ ރެއެކެވެ. ދެން އެޔާއެކު ހިތުގައި އުފެދޭ ސުވާލަކީ އެރެއަކީ ކޮން ރެއެއްކަމެވެ. އެހެންނަމަވެސް މިއީ އެއްވެސް މީހަކަށް ކަނޑައެޅި ބުނެދޭން އެނގޭ ރެއެއް ނޫނެވެ. އިލްމުވެރިން ރަސޫލާގެ ހަދީޘްފުޅެއްގެ މައްޗަށް ބިނާކޮށް ވިދާޅުވާގޮތުގައި އެރެއަކީ ރަމަޟާންމަހުގެ ފަހުގެ ދިހައިގެ އޮނަހިރި ރޭތަކުގެ ތެރެއިން ރެއެކެވެ. އެއާއިއެކު ބައެއް ފިޤްހީ އިލްމުވެރިން ބުރަވެވަޑައިގަންނަވަނީ އެއީ 27 ވިލޭރޭ ކަމަށެވެ. އެހެންނަމަވެސް މިއީ ބައެއް އިލްމްވެރިންގެ ރައުޔެވެ. އެހެންކަމުން މި މަތިވެރިރެއަކީ ކަނޑައެޅިގެން ކޮން ރެއެއްކަން ބުނެދޭން ނޭގުމާއިއެކު މިކަމަށް އޮތް ހައްލަކީ ރަމަޟާންމަހުގެ ފަހު ދިހައިގެ ހުރިހާ ރެއެއްގައިވެސް އަޅުކަމައިގެން ގާއިމްވެހުރުމެވެ. ތަރާވީހް ކުރުމާއި، ދަމުނަމާދު ކުރުމާއި ޒިކުރުކުރުން ގިނަކޮށް، ގުރުއާން ކިޔެވުމުގައިވެސް ހޭދަކުރާ ވަގުތު އިތުރުކުރުމެވެ. މިގޮތުގައި ފަހު ދިހައިގެ ކޮންމެ ރެއެއްވެސް ހޭދަކޮށްފިނަމަ ﷲގެ އިރާދަފުޅާއިއެކު އެމީހަކަށް ލައިލަތުލް ގަދްރި ވިލޭރޭ ލިބޭނެއެވެ. އިޚްލާސްތެރިކަމާއިއެކީ އަޅުކަމުގައި ގާއިމްވެ ހުންނާށެވެ. ﷲ ކާމިޔާބު ދެއްވާނެއެވެ.
ލައިލަތުލް ގަދުރި ހޯދަން ގަދައަޅާ މަސައްކަތް ކުރޭ!
ސިއްހީ ބޭނުންތަކަށްޓަކައި ހަށިގަނޑުގެތެރެއަށް ތަފާތު ތަކެތި ލައްވަންޖެހުމަކީ ވަރަށް އާންމު ކަމެކެވެ. މީގެތެރޭގައި ސަޕޯޒިޓޮރީ، ކޮލްޕޯސްކޯޕް، ލެޕަރޮސްކޯޕް އަދި ކެތެޓާ ހިމެނެއެވެ. މީގެއިތުރުން، އެކި އެކި ބަލިތައް ކުރިމަތިވުމުން ދުލުގެ ދަށަށް ބޭސްގުޅައެއް ލެއްވުމަކީވެސް ކުރާ ކަމެކެވެ. ހަށިގަނޑުގެތެރެއަށް މާއްދީ އެއްޗެއް ނުވެއްދިނަމަވެސް، އޮކްސިންޖަން މާސްކު އަޅުވައި ހަށިގަނޑަށް އޮކްސިޖަން ފޮނުވުމަކީވެސް މިއާ އެއްގޮތް ކަމެކެވެ. ރޯދައަށް ހުރެ މިފަދަ ކަމެއް ކޮށްފިނަމަ ރޯދަ ގެއްލޭނެތޯއާމެދު ސުވާލު އުފެދޭނެއެވެ. ވީމާ، މި ކަންކަމާބެހޭގޮތުން ޢިލްމުވެރިން ދައްކަވާފައިވާ ވާހަކަފުޅުތަކަށް ބަލައިލަމާ ހިނގާށެވެ. ސަޕޯޒިޓޮރީ ސަޕޯޒިޓޮރީއަކީ ބައެއްކަހަލަ ބަލިތަކަށް (މިސާލަކަށް ހުން ތިރިކުރުމަށް ނުވަތަ ބަވާސީރު ބައްޔަށް) ފަރުވާކުރުމަށްޓަކައި ފުރަގަސްފަރާތަށް ނުވަތަ އަންހެނުންގެ ކުރިމަތިފަރާތަށް ލައްވާ އެއްޗެކެވެ. ހަށިގަނޑުގެ ހޫނުން ސަޕޯޒިޓޮރީ ވިރި އޭގައިވާ ބޭސް ލޭގެ ތެރެއަށް ފޭދިގެން ދާނެއެވެ. ސަޕޯޒިޓޮރީ ބޭނުންކުރުމުން ރޯދަ ގެއްލުމާމެދު ޢިލްމުވެރީންގެ ދެރައުޔެއް އޮވެއެވެ. ފުރަތަމަ ރައުޔު: محمد البار ވިދާޅުވާގޮތުގައި ރޯދައަށް ހުރެ އެފަދަ ސަޕޯޒިޓޮރީއެއް ބޭނުންކޮށްފިނަމަ ރޯދަ ގެއްލޭނެއެވެ. އެހެނީ ފުރަގަސްފަރާތުން އެއްޗެއް ވެއްދުމަކީ ރޯދަ ގެއްލޭނެ ކަމެކެވެ. އެއީ އެމަގުން ވެއްދޭ އެތި ބަނޑުގެތެރެއަށް ވާސިލުވާކަމަށްޓަކައެވެ. އަދި ފުރަގަސްފަރާތަކީ ހަޖަމުކުރުމުގެ ނިޒާމުގެ ބައެއްކަމުގައި ހިމެނެއެވެ. ދެވަނަ ރައުޔު: އޭނަލް ނުވަތަ ވެޖައިނަލް ސަޕޯޒިޓޮރީއެއް ބޭނުންކުރުމަކުން ރޯދައެއް ނުގެއްލޭނެއެވެ. މިއީ حسان شمسي باشا، محمد الألفي، قرضاوي، علي جمعة، وهبة الزحيلي، مجمع الفقه الإسلامي ގެ ރައުޔެވެ. އެހެނީ ސަޕޯޒިޓޮރީ އަކީ އޭގައި ކާނާގެ އެއްވެސް ބާވަތެއް ހިމެނިފައިވާ އެއްޗަކަށް ނުވެއެވެ. އަދި އެއީ ކެއުމާއި ބުއިން ނުވަތަ އޭގެ މާނައިގައި ހިމެނޭ ކަމެއްވެސްނޫނެވެ. އެންމެ ރަނގަޅުކަމަށް ބުރަވެވޭ ރައުޔު: މިކަމުގައި ހުށަހެޅިފައިވާ ދެރައުޔުގެތެރެއިން އެންމެ ރަނގަޅުކަމަށް ފެންނަނީ ދެވަނަ ރައުޔެވެ. ކޮލްޕޯސްކޮޕީ މިއީ އަންހެނާގެ ކުރިމަތިފަރާތް ނުވަތަ ފަރުޖުގައި ހުރި މައްސަލައެއް ދެނެގަތުމަށްޓަކައި ކޮލްޕޯސްކޯޕެއް (ބޮޑުވާ ބިއްލޫރި ބޭނުންކޮށްގެން ހަދާފައިވާ މައިކްރޮސްކޯޕެއް) ބޭނުންކޮށްގެން ފަރުޖުގެ ހުޅުވިފައިވާ ބައިގެތެރެއިން، ވެޖައިނަލް ވޯލްސް، ވުލްވާ އަދި ސާވިކްސް ފަދަ ބައިތައް ބެލުމެވެ. މިކަމަށްޓަކައި ޚާއްޞަ އެސިޑެއް ބޭނުންކޮށްގެން ފަރުޖު ދޮވެލައެވެ. (ނުވަތަ އެކަމަށް ޚާއްޞަ އެއްޗެއް ފަރުޖުގައި އުނގުޅައެވެ.) އެންޑޮސްކޮޕީއާ ޚިލާފަށް، ކޮލްޕޯސްކޮޕީ ހެދުމަށްޓަކައި ފަރުޖުގެ ތެރެއިން (ހޮޅިއެއްފަދަ) އެއްޗެއް ވައްދާކަށް ނުޖެހެއެވެ. އެހެންނަމަވެސް ބައެއް ޙާލަތަތްކުގައި ފަރުޖުގެ އެތެރެ ރަނގަޅަށް ބެލުމަށްޓަކައި އެކަމަށް ޚާއްޞަ އާލާތެއް (speculum އެއް) ފަރުޖުގެތެރެއަށް ލައްވައި ފޭކޮށްލައިގެން ބަލައެވެ. ޙުކުމް: ކޮލްޕޯސްކޮޕީ ހެދުމުން ރޯދަ ނުގެއްލޭނެކަމަށް މަޖުމަޢުލްފިޤުހިލްއިސްލާމީ އިން ނިންމަވާފައި ވެއެވެ. އެހެނީ ފަރުޖަކީ އެއްވެސް ގޮތަކަށް މަޢިދާއާ ގުޅިފައިވާ ތަނެއްނޫންކަމަށް محمد البار އާއި حسان شمسي باشا އާ ދެޑޮކްޓަރުން ކަށަވަރުކޮށް ދެއްވައެވެ. ޑޮކްޓަރު މަހުދީ ކަމާލު ވިދާޅުވާގޮތުގައި، އާންމުގޮތެއްގައި ކޮލްޕޯސްކޮޕީ ހަދަނީ ބައްޔެއް ދެނެގަތުމަށް ނުވަތަ ފަރުވާއެއް ކުރުމަށްޓަކައެވެ. ރަޙިމުގެތެރެއަށް ކޮލްޕޯސްކޯޕް ލެއްވިނަމަވެސް ރަޙިމު ފަހަނައަޅައި އެއަށްވުރެ އެތެރެއަކަށް އެނުދާނެއެވެ. ވީމާ، އެ އެތި މަޢިދާއާ ގުޅޭނެގޮތެއް ނޯންނާނެއެވެ. މަޢިދާއާ ރަޙިމަކީ މުޅިން ވަކިވެފައިވާ ދެތަނެކެވެ. ލެޕަރޯސްކޮޕީ މިއީ ބަނޑުގެ ސަރޖަރީއެއް ކުރުމަށް ނުވަތަ ވަކި ކަހަލަ ބައްޔެއް ދެނެގަތުމަށް ނުވަތަ އެނޫންވެސް ތަހުލީލެއް ކުރުމަށްޓަކައި ބަނޑުން ތަންކޮޅެއް ކަފާލުމަށްފަހު، ލެންސެއް ނުވަތަ ކެމެރާއެއް ހަރުކޮށްފައިވާ ހޮޅިއެއް (laparoscope އެއް) ބަނޑުގެތެރެއަށް ލައްވައިގެން ކުރެވޭ ކަމެކެވެ. ޙުކުމް: محمد علي البار ދެކެވަޑައިގަންނަވާގޮތުގައި ލެޕަރޯސްކޮޕީ ހެދުމަކުން ރޯދައެއް ނުގެއްލޭނެއެވެ. އަދި މަޖުމަޢުލްފިޤުހިލްއިސްލާމީގެ ޤަރާރަކީވެސް މިއެވެ. އެހެނީ ލެޕަރޯސްކޮޕީ ހެދުމަކީ އޭގެ ސަބަބުން މަޢިދާއަށް އެއްވެސް އެއްޗެއް ވާސިލުކޮށްދޭ ކަމެއްނޫނެވެ. އަދި މިއީ ކެއިންބުއިމާ އެއްގޮތްވެގެންވާ ނުވަތަ އެމާނައިގައި ހިމެނޭކަމެއްވެސް ނޫނެވެ. ކެތެޓާ ކެތެޓާ އަކީ ބްލެޑާގެ ތެރެއަށް ފޮނުވައިލެވޭ ލޭޓެކްސް ނުވަތަ ޕޮލިއުރެތޭން ނުވަތަ ސިލިކޯން ހޮޅިއެކެވެ. އާންމުގޮތެއްގައި މިކަން ކުރަނީ ބްލެޑާގެ ތެރެއިން ފަހަރުވާ އާއި އެހެނިހެންވެސް ފުލުއިޑްސް ބޭރުކުރުމަށެވެ. އަދި ބްލެޑާ އަށް ފޮނުވަންޖެހޭ ބޭހެއް އިންޖެކްޓް ކުރުމަށްޓަކައިވެސް ކެތޭޓާ ބޭނުންކުރެއެވެ. 1418 ވަނަ އަހަރުގެ ޞަފަރު މަހު 8 ން 11 އަށް މަޣުރިބުގައި ބޭއްވި الندوة الفقهية الطبية ގެ ނުވަވަނަ ބައްދަލުވުމުގައި ނިންމަވާފައިވާގޮތުގައި، ބްލެޑާ އަށް ލެއްވޭ ކެތޭޓާ ނުވަތަ ހިތުގެތެރެއަށް ލެއްވޭ ކެތޭޓާ ނުވަތަ ހަށިގަނޑުގެ އެހެން ގުނަވަނެއްގެތެރެއިން ލެއްވޭ ކެތޭޓާ ކަމުގައިވިޔަސް އެ ލެއްވުމަކުން ރޯދައެއް ނުގެއްލޭނެއެވެ. އެހެނީ މިއީ ކެއިންބުއިން ނުވަތަ އެމާނައިގައި ހިމެނޭ ކަމެއްނޫނެވެ. އެހެންނަމަވެސް މިކަން ކުރުމުގައި، ހަށިގަނޑަށް ކާނާ (ނުވަތަ ކާނާގެ ފައިދާ) އެއް ލިއްބައިދޭފަދަ އެއްޗަކާއެކު ކެތޭޓާ ލައްވައިފިނަމަ ރޯދަ ގެއްލޭނެއެވެ. މިހާލަތުގައި އެކަން ހިމެނޭނީ ކެއިންބުއިމުގެ މަގާމުގައެވެ. ރޯދައަށް ހުރިމީހާ ކެތޭޓާ ގުޅުމާމެދު مجمع الفقه الإسلامي ގެ ޤަރާރަކީވެސް މިއެވެ. އެކިއެކި ބަލިތައް ކުރިމަތިވުމުން ދުލުގެ ދަށަށް ލައްވާ ބޭސްގުޅަ ހާޓު އެޓޭކު ނުވަތަ ސްޓްރޯކްފަދަ ހިތުގެ މައްސަލަތައް ކުރިމަތިވުމުން ދުލުގެ ދަށަށް ބޭސްގުޅަ ލައްވައެވެ. މިބާވަތުގެ ބޭސްގުޅަ ލައްވާތާ ހިނދުކޮޅެއްގެތެރޭގައި ދުލުގެ ދަށުގައި އޮވެ އަނގައިގެތެރެއަށް ވިރިގެންދާނެއެވެ. އެހެންކަމުން މިއިން އެއްވެސް މިންވަރެއް މަޢިދާގެތެރެއިން ބަނޑަކަށްނުދާނެއެވެ. ޙުކުމް: مجمع الفقه الإسلامي އިން ނިންމަވާފައިވާގޮތުގައި، މިބާވަތުގެ ބޭސްގުޅަ ބޭނުންކުރަމަކުން ރޯދައެއް ނުގެއްލޭނެއެވެ. އެހެނީ މިއިން އެއްވެސް މިންވަރެއް މަޢިދާގެތެރެއިން ބަނޑަކަށް ނުދާނެއެވެ. އަދި މިއީ ކެއުންބުއިމާ އެއްގޮތްވެގެންވާ ނުވަތަ އޭގެ މާނައިގައިވާ ކަމެއްވެސްނޫނެވެ. އޮކްސިންޖަން މާސްކު އެޅުން ރޯދައަށް ހުރެ އޮކްސިޖަން މާސްކު އަޅައިގެން ނުވަތަ އެނޫންވެސް ގޮތަކަށް ހަށިގަނޑަށް އޮކްސިޖަން ފޮނުވިޔަސް ރޯދައެއް ނުގެއްލޭނެއެވެ. މިހެން ވިދާޅުވާ ބޭފުޅުންގެތެރޭގައި الشرباصي، محمد جبرالألفي، އަދި محمد علي البار ހިމެނިވަޑައިގަންނަވައެވެ. އެހެނީ އޮކްސިޖަނަކީ ނޭވާލުމަށްޓަކައި ހަށިގަނޑަށް ބޭނުންވާ ގޭހުގެ (ނުވަތަ ވައިގެ) މާއްދާ އެކެވެ. އެއީ އެއްވެސް ހާލެއްގައި ހަށިގަނޑުގައި ހަރުލާފައި ހުންނަ އެއްޗެއްނޫނެވެ. އަދި ހަށިގަނޑަށް އޮކްސިޖަން ވަނުމަކީ ކެއިންބުއިމާ އެއްގޮތްވެގެންވާ ކަމެއްވެސްނޫނެވެ. އަދިހަމަ މިއާއެކު އޮކްސިޖަނަކީ އިންސާނާ ދިރިހުރުމަށްޓަކައި ކޮންމެހެން ބޭނުންވާ މާއްދާއެއްވެސްމެއެވެ. އެހެންކަމުން، އޮކްސިޖަން މާސްކު އެޅުމުން ރޯދަ ގެއްލޭނެކަމަށް އެއްވެސް ޢިލްމުވެރިޔަކު ވިދާޅެއް ނުވެއެވެ. مجمع الفقه الإسلامي ންވެސް ނިންމަވާފައިވަނީ މިފަދައިންނެވެ.
ރޯދައިގެ ވަސިއްޔަތް: ސަޕޯޒިޓޮރީ، ކޮލްޕޮސްކޮޕީ، ލެޕަރޮސްކޮޕީ އަދި ކެތެޓާއިން ރޯދަ ގެއްލޭތަ؟
ދޮންކޭލާއި އެހެނިހެން ތަކެތި ބަރުކޮށްގެން ދަތުރުކުރި ދޯންޏެއްގެ އިންޖީނު ހުއްޓި، މާލޭ ވެސްޓްޕާކާ ދިމާލު ތޮށިގަނޑުމައްޗަށް އަރައި ފުނޑުފުނޑުވެއްޖެއެވެ. މިއަދު މާލޭ ވެސްޓްޕާކް ސަރަހައްދު ތޮށިގަނޑަށް އެރީ ކ. ކާށިދޫއިން ފުރައިގެން ދަތުުރު ކުރި "މިންވަރު" ނަމަކަށް ކިޔާ ދޯންޏެކެވެ. އެ ދޯނި ތޮށިގަނޑަށް އެރީ އިންޖީނު ހުއްޓުމުން ކޮންޓްރޯލު ނުވެއެވެ. ހަތަރު މީހުން ދަތުރު ކުރި އެ ދޯނީގައި ގިނަ އަދެއްގެ މުދާ ބަރުކޮށްފައި ހުއްޓެވެ. ދޯނި ތޮށިގަނޑަށް އެރުމުން އޭގެ ތެރެއިން ބައެއް ތަކެތި މޫދަށް ވެއްޓުނެވެ. އަދި ދޯނި ރާޅާ ތަޅައި މިހާރު ވަނީ މުޅިން ފުނޑުފުނޑުވެފައެވެ. ދޯނީގެ މުދަލާއި ދޯނީގެ ހަލާކުވެފައިވާ ބައިތައް އޮޔާދާތީ އެ ސަރަހައްދުން ދަތުރު ކުރާ އުޅަނދުތައް ސަމާލުވެތިބުމަށް މިއަދު އެމްއެންޑީއެފްއިން ވަނީ އެދިފައެވެ. އެ ދޯނިން މޫދަށް ވެއްޓުނު ދޮންކެޔޮތަކެއް ވަނީ އެމްޕީއެލްގެ ބަނދަރު ސަރަހައްދަށް އޮޔާ ގޮސްފައެވެ. އެ ކުންފުނީގެ މުވައްޒަފުން އެ ދޮންކެޔޮތައް ނަގާ މަންޒަރު ފެންނަ ވީޑިއޯއެއް މިހާރު ދައުރުވަމުން އެބަ ދެއެވެ. "މިންވަރު" ދޯނި ތޮއްޓަށް އެރި ހާދިސާގައި އެ ދޯނީގައި ތިބި އެއްވެސް މީހަކަށް ހާނިއްކައެއް ނުވާ ކަމަށް އެމްއެންޑީއެފްއިން މީގެ ކުރިން ވަނީ ބުނެފައެވެ.
ދޮންކެޔޮ ބަރުކޮށްގެން އައި ދޯންޏެއް މާލޭ ތޮށި މައްޗަށް ފުނޑުފުނޑު ވެއްޖެ
ކޮވިޑް-19ގެ ސަބަބުން ޓޫރިޒަމް ސިނާއަތަށް ލިބުނު ގެއްލުމުން އަރައިގަނެ، ކުރިން އޮތް ފެންވަރަށް އެ ސިނާއަތް ގެންދަން އަހަރެއް ނުވަތަ ދޮޅު އަހަރުގެ މުއްދަތެއް ނަގާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ. އެންއީއޯސީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަލީ ވިދާޅުވީ ޓޫރިޒަމް ދާއިރާގެ ފަރާތްތަކަށް ލިބިފައިވާ ގެއްލުންތަކުން އަރައިގަތުމަށް މިހާރު ވެސް ޕެކޭޖުތަކެއް ހަދާފައިވާ ކަމަށެވެ. ނަމަވެސް މި ހާލަތު ދިގުދެމިގެންދާ ވަރަކަށް މިހާރު އިތުރު ޕެކޭޖުތައް ވެސް ބޭނުންވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. "މި ބަލި ރާއްޖޭގައި ކޮންޓްރޯލު ކުރެވިގެން ޓޫރިޒަމް އަލުން ފަށަން ބޯޑަރު އަލުން ހުޅުވާލާއިރު، ޓޫރިސްޓުން އަންނާނެކަމާ ދޭތެރޭ އެއްވެސް ޝައްކެއް ނުކުރަން. އެހެން ނަމަވެސް ޓޫރިޒަމްއަށް ރީބައުންޑެއް ނަގަން އަހަރެއް ދޮޅު އަހަރެއްހާ ދުވަސް ނަގާނެ ކަމަށް އަންދާޒާ ކުރެވެނީ." މިނިސްޓަރު ވިދާޅުވި އެވެ. ކޮވިޑް 19 އާ ގުޅިގެން ވިޔަފާރިތަކަށް ދިމާވާ ދަތިކަމުން އަރައިގަތުމަށް ސަރުކާރުން ތައާރަފްކުރި "ރިލީފް ޕެކޭޖް"ގެ ތެރެއިން ޓުއަރިޒަމަށް ހާއްސަ ރިލީފް ޕެކޭޖެއް މިހާރު ވެސް ވަނީ ކަނޑައަޅާފަ އެވެ. ނަމަވެސް އެއީ ކުރު މުއްދަތަކަށް އަމާޒުކޮށްފައިވާ ޕެކޭޖެކެވެ. "މިއީ ފުރަތަމަ ތިން މަހަކަށް ފޯކާސްޓު ކުރެވުނު ކަމެއް. ނަމަވެސް ތިން މަހަށްވުރެ ދިގުދެމިގެންދާނެކަން މިއޮތީ ވަރަށް ސާފުކޮށް ފެންނަން. އޭގެ މާނައަކީ އިތުރަށް ސަރުކާރުން ވެސް ކުރަން ޖެހޭ ކަންތައްތަކެއް ހުންނާނެ އަދި އިންޑަސްޓްރީގެ ފަރާތްތަކުން ވެސް ނަގަން ޖެހޭ ސްޓެޕްސް ހުންނާނެ." މިނިސްޓަރު އަލީ ވިދާޅުވި އެވެ. ގޯސް ނޫން ހާލަތެއްގައި މިއަހަރުގެ ކޮންމެވެސް ހިސާބެއްގައި ޓޫރިޒަމް ފަށައިގަންނަން މިނިސްޓަރު އަލީ ލަފާކުރެއްވި ނަމަވެސް، އެންމެ ގޯސްވާނެ ކަމަށް ބެލެވޭ ހާލަތުގައި ލަފާކޮށްފައިވަނީ މިއަހަރުގެ ބާކީ އޮތް ބައިގައި އެއްވެސް ޓޫރިސްޓަކު ރާއްޖެއަށް ނާންނާނެ ކަމަށެވެ. މީގެ އިތުރުން މިނިސްޓަރު އަލީ ވިދާޅުވީ ޓޫރިޒަމް ސިނާއަތް އަލުން ފަށައިގަންނަންވާނީ، މިއީ ދިވެހިންގެ ސިނާއަތަކަށް ބަދަލުކޮށްލައި، މި ސިނާއަތާ މެދު އުންމީދުކުރާ ކަންތައްތައް ފުރިހަމަ ކުރުމާ އެކުގައި ކަމަށެވެ. މިނިސްޓަރު ވިދާޅުވީ، ޖުލައި މަހުގެ ތެރޭގައި ޓޫރިޒަމް ހުޅުވުމަކީ އުންމީދެއް ކަމަށެވެ. އަދި މޮޓަރޭޓް ހާލަތެއް އައިސްފި ނަމަ، ޓޫރިޒަމް ހުޅުވުމުގެ އަމާޒު އޮތީ އޮކްޓޯބަރުގައި ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އެހެން ނަމަވެސް، ޓޫރިޒަމް ހުޅުވާނީ މި ބަލި ކޮންޓްރޯލް ކުރެވުމުން ކަމަށާއި 2-6 ހަފްތާއާ ދެމެދު ބަލި ކޮންޓްރޯލްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ޓޫރިޒަމަށް ލިބުނު ގެއްލުމުން އަރައިގަންނަން އަހަރެއް ނަގާނެ: މިނިސްޓަރު އަލީ
އައްޑޫގައި ފިހާރަތަކުގައި އާންމު ވިޔަފާރިކުރުން މަނާކޮށް އައްޑޫ ސިޓީ ކައުންސިލުން އެޅި ފިޔަވަޅުތަކަށް ލުޔެއް ދީފި އެވެ. އައްޑޫގައި އާންމު ވިޔަފާރި ކުރުން މަނާ ކުރީ މިދިޔަ އޭޕްރިލް މަހުގެ 20 ވަނަ ދުވަހު އެވެ. އެ ފަހުން ވިޔަފާރި އާންމު ވިޔަފާރި ކުރަމުން އައީ ޑެލިވަރީ ނިޒާމެއްގެ ތެރެއިންނެެވެ. އޭގެ އިތުރުން އެ ސިޓީގައި އެއް އަވަށުން އަނެއް އަވަށަށް ދަތުރު ކުުރުންވެސް އޮތީ މުޅިން މަނާކޮށްފައެވެ. ނަމަވެސް އެ ފަޔަވަޅުތަކަށް މިހާރު ވަނީ ލުޔެއް ދީފައެވެ. އިއްޔެ އައްޑޫ ސިޓީ ކައުންސިލުން ނެރުނު އިއުލާނެއްގައި ވަނީ އައްޑޫ ސޯޝަލް ސަޕޯޓު ޑެސްކު (އެސްއެސްޑީ)ތަކުން ހުއްދަދޭ ފިހާރަތައް ވަކި ވަގުތެއްގައި ހުޅުވައިގެން ވިޔަފާރިކުރުމަށް ހުއްދަ ދޭން ނިންމާފައިވާ ކަމަށެވެ. އެގޮތަށް ހުއްދަ ދިނުމުގައި އިޖުތިމާއީ ގައިދުރުކަމުގެ މިންގަނޑުތަކަށް އަމަލު ކުރެވޭނެ ގޮތާއި ސަލާމަތީ ފިޔަވަޅުތައް އަޅާފައި ހުރި މިންވަރަށް ބަލާނެއެވެ. އެކަމާ ގުޅޭ ގައިޑްލައިނެއްވެސް ސިޓީ ކައުންސިލުގެ އިއުލާނުގައި އާންމުކޮށްފައިވެއެވެ. ފިހާރަތައް ހުޅުވައިގެން ހިދުމަތް ދެވޭނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އިން 15:00 އަށެވެ. އަދި ހުކުރު ދުވަހު ހެނދުނު 08:00 އިން 11:00 އަށް، އަދި މެންދުރުފަހު 13:30 އިން 15:00 އަށެވެ. މިވަގުތުތައް ފިޔަވައި އެހެން ވަގުތުތަކުގައި އެއަވަށެއްގެ ވިޔަފާރި ކުރެވޭނީ ޑެލިވަރީ ނިޒާމުންނެވެ. އޭގެ އިތުރުން ވަކި ވަގުތުތަކެއްގައި ވިޔަފާރީގެ ބޭނުމަށް އެއް އަވަށުން އަނެއް އަވަށަށްވެސް ދަތުރުކުރަންވެސް ހުއްދަ ދޭން ނިންމާފައިވާ ކަމަށް ސިޓީ ކައުންސިލުގެ އިއުލާނުގައިވެއެވެ. ހިތަދޫއިން މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫއަށް ދަތުރު ކުރެވޭނީ ފުލުހުންގެ ހުއްދަ ހޯދައިގެން ހޮނިހިރު، ހޯމަ އަދި ބުރާސްފަތި މި ދުވަސްތަކުގެ ހެނދުނު 9:00އިން 15:00 އަށެވެ. އެދުވަސްތަކުގައި ދަތުރު ކުރެވޭނީ ހިތަދޫގައި ދިރިއުޅޭ ރައްޔިތުންނަށެވެ. މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫއިން ގުޅިފައިވާ އަވަށްތަކަށް ދަތުރު ކުރެވޭނީ ފުލުހުންގެ ހުއްދަ ހޯދައިގެން އާދީއްތަ، އަންގާރަ އަދި ބުދަ މި ދުވަސްތަކުގެ ހެނދުނު 9:00އިން 15:00 އަށެވެ. އެދުވަސްތަކުގައި ދަތުރުކުރެވޭނީ މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫ ގައި ދިރިއުޅޭ ރައްޔިތުންނަށް އެކަންޏެވެ. ފިހާރަތައް ހުޅުވުމަށް ނިންމިކަމުގައި ވީނަމަވެސް ރެސްޓޯރެންޓްތަކާއި ކެފޭތަކާއި ގާޑިޔާތަކާއި އަދި ބޯކޮށާތަންތަން ހުޅުވުމުގެ ހުއްދަ ދިނުމަށް އަދި ނިންމާފައި ނުވާ ކަމަށް އެ އިއުލާނުގައިވެއެވެ. ފިހާރަތައް ހުޅުވުމުގައި އެ އިއުލާނާ އެއްގޮތަށް އަމަލުކުރަމުންދޭތޯ މޯލްޑިވްސް ޕޮލިސް ސާވިސް އާއި އައްޑޫގެ އަވަށްތަކުގެ ސޯޝަލް ސަޕޯޓު ޑެސްކުތަކުން ބަލަމުން ގެންދާނެ ކަމަށާއި، އިއުލާނާ ހިލާފުވާ ފަރާތްތަކަށް ފިޔަވަޅު އަޅާނެކަމަށްވެސް ސިޓީ ކައުންސިލުން ބުނެފައިވެއެވެ. މި މަހުގެ ނުވަ ވަނަ ދުވަހު އައްޑޫއިން މާލެ ގެނައި ބަލި މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވި ކަމަށް ފުރަތަމަ ޓެސްޓުން ދެއްކި އެވެ. އެކަމާ ގުޅިގެން މުޅި އައްޑޫ ލޮކްޑައުންގެ ހާލަތަށް ގެނައެވެ. ނަމަވެސް، ޕޮޒިޓިވްވި މީހާ ނެގަޓިވްކަން ފަހުން ހެދި ޓެސްޓުތަކުން ދެއްކުމުން އައްޑޫގެ ލޮކްޑައުން ވަނީ އުވާލައިފައެވެ.
އައްޑޫގައި އާންމު ވިޔަފާރިކުރުން ހަނިކޮށް އެޅި ފިޔަވަޅުތަކަށް ލުޔެއް ދީފި
ވަރަށް ނުރައްކާތެރި ކަމަކާ ހަމައަށް ދިއުމަށް މަސައްކަތް ކުރަމުން ދިޔަ ބަޔަކު ދިވެހި ފުލުހުން މިދިޔަ ހަފްތާގައި ހުއްޓުވާފައިިވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ. މިހާރު ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އިމްރާން ވިދާޅުވީ ފުލުހުންނާއި ސިފައިން ގުޅިގެން ރައްޔިތުންްގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކުރުމަށް ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. ވަކިން ހާއްސަކޮށް މިފަދަ ނާޒުކު ދަނޑިވަޅެއްގައި ގައުމުގެ ކްރިޓިކަލް އިންފްރާސްޓްރަކްޗާއަށް ހިމާޔަތް ކުރުމަށް މަސައްކަތްކޮށް، ސެކިއުރިޓީއަށް ހާއްސަ ސަމާލުކަމެއް ދެމުންް އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. "ވަރަށް ގާތުން ކަންކަން ބަލަމުން ގޮސް، މިދިޔަ ހަފްތާގައި ވެސް ވަރަށް ނުރައްކާތެރި ކަންކަމާ ހަމައަށް ދިއުމަށް މަސައްކަތް ކުރަމުން ދިޔަ ބައެއް، ދިވެހި ފުލުހުން ވަނީ ހުއްޓުވާފައި،" މިނިސްޓަރު ވިދާޅުވި އެވެ. ނަމަވެސް އެކަމުގެ އިތުރު ތަފްސީލެއް މިނިސްޓަރު ނުދެއްވަ އެވެ. މިނިސްޓަރު ވިދާޅުވީ ބައެއް ކަހަލަ މައުލޫމާތަކީ މައްސަލައިގެ ތަހުގީގު ފުރިހަމަ ކުރުމަށް ހުރަސް އެޅިދާނެ މައުލޫމާތު ކަމަށްވާތީ ހާމަނުކުރެވޭ ކަމަށެވެ. އެހެން ނަމަވެސް މިނިސްޓަރު ކުރެއްވި "އިޝާރާތް" ރައްޔިތުންނަށާއި، މުއައްސަސާތަކަށާއި އަދި މިފަދަ ކަންކަމާ އެންގޭޖުވެގެން އުޅޭ ފަރާތްތަކަށް އެނގޭނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. ""އިތުރަށް ސަމާލުކަން ދީގެން، ކަންކަން އިތުރަށް ބަލަމުންް ގެންދާއިރު، ،ވަކި ވަކި ފަރުދުން މިފަދަ ކަންކަމާ ދޭތެރޭގައި ވިސްނާ، މަޝްވަރާކޮށް ވާހަކަ ދައްކާ، މިފަދަ ކަންކަމަކީ މި މުއައްސަސާތަކަށް އެނގެމުންދާ ކަންކަން. އެނގޭ ހުރިހާ ކަންކަމަކީ އަދި އަޅުގަނޑުމެން ކުއްލިއަކަށް އެބަޔަކާ މެދުގައި ފިޔަވަޅު ނާޅާ ހިނގައިދާނެ. އެނގިވަޑައިގަންނަވާނެ ވަކި ކަހަލަ އުސޫލުތަކެއް، ހަމަތަކެއް، ގާނޫނުތަކެއް އެބަހުރޭ ފިޔަވަޅު އެޅުމުގައި. ފިޔަވަޅު އަޅާ ހަމައަށް ދިޔައީމަ ފިޔަވަޅު އަޅަނީ،" މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ ކޮވިޑް19 އާ ގުޅިގެން ރާއްޖެއަށް ކުރިމަތިވެފައިވާ ނާޒުކު ހާލަތުގައި ގައުމު ހަލަބޮލި ކުރުމުގެ ވިސްނުމުގައި ބައެއް ފަރާތްތަކުން މަސައްކަތް ކުރަމުން އަންނަކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެގޮތުން ދީނީ ހަރުކަށި ވިސްނުމުގެ ތެރެއިން ވެސް ބައެއް ފަރާތްތަކުން މި ވަގުތުގެ ނާޖާއިޒް ފައިދާ ނަގައި، ރައްޔިތުންނަށް ބިރުވެރިކަމާ ނާމާންކަން ގެނައުމަށްޓަކައިި ބައެއް ކަހަލަ ކަންކަން ކުރާކަން އެނގޭ ކަމަށެވެ. "އެފަދަ ފަރާތްތަކަށް ވެސް އަޅުގަނޑު ދަންނަވާލަން އޮތީ މި ބިރުވެރި ނާޒުކު ދަނޑިވަޅުގައި ރާއްޖޭގެ އަމާންކަމާ ރައްކާތެރިކަމަށް ލޮޅުން އަރާފަދަ ކަމެއް ކުރުމަަށް އަޅުގަނޑުމެން ފުރުސަތެއް ނުދޭނަން،" މިނިސްޓަރު ވިދާޅުވިއެވެ. މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި އދ. މަހިބަދޫ ބަނދުރުތެރޭގައި ހުރި ލޯންޗުތަކެއްގައި ރޯކޮށްލާފައި ވާއިިރު، މާޗު މަހުގެ 22 ވަނަ ދުވަހު ލ އަތޮޅުގައި ޕޮލިސް ލޯންޗެއްގައި ވަނީ ރޯކޮށްލާފައެވެ.
މިދިޔަ ހަފްތާގައި ވެސް ނުރައްކާތެރި ރޭވުމެއް ވަނީ ހުއްޓުވާފައި: އިމްރާން
ކޮވިޑް19 ފެތުރިފައިވަ މިންވަރު ދެނެގަތުމަށް މާފުށީ ޖަލުން ނެގި ސާމްޕަލްތަކުގެ ތެރެއިން 22 ސާމްޕަލެއްގެ ނަތީޖާ ލިބިފައިވާ ކަމަށާއި، އެ ހުރިހާ ސާމްޕަލް ވެސް ވައިރަހަށް ނެގެޓިވް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ. ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ ޖަލުން ނަގާފައި ވަނީ 38 ސާމްޕަލް ކަމަށެވެ. އަދި މިހާތަނަށް ލިބުނު 22 ސާމްޕަލްގެ ނަތީޖާ ވެސް ބައްޔަށް ނެގެޓިވް ކަމަށާއި، އުންމީދުު ކުރައްވަނީ ޖަލުގައި އެއްވެސް ވަރަކަށް ބަލި ނެތް ކަމަށެވެ. ހެލްޕް ޕްރޮޓެކްޝަން އެޖެންސީ އިން މިހާރު ދަނީ އެއްވެސް ޕޮޒިޓިވް ކޭސްްއަކާ ގުޅުމެއް ނެތް މީހުން ކޮވިޑަށް ޓެސްޓް ކުރުމަށް ރާއްޖޭގެ އެކި ސަރަހައްދުތަކުން ރޭންޑަމް ސާމްޕަލް ނަގަމުންނެވެ. އެގޮތުން މި މަހުގެ އަށް ވަނަ ދުވަހު މާފުށީ ޖަލުގައި ތިބި ގައިދީންގެ ތެރެއިން 15 މީހެއްގެ ސާޕަލް އަދި 23 އޮފިސަރެއްގެ ސާމްޕަލް ނެގިއެވެ. މިހާތަނަށް ރާއްޖެއިން ކޮވިޑަށް 862 މީހަކު ވަނީ ވައިރަހަށް ޕޮޒިޓިވްވެފައެވެ. އޭގެ ތެރެއިން ތިން މީހަކު މަރުވި އިރު، 30 މީހަކު ވަނީ ވައިރަހުން ރަނގަޅުވެފަ އެވެ.
މާފުށީ ޖަލުން ނެގި 22 ސާމްޕަލް ނެގެޓިވް
މިއަދު ފަތިހު މާލެއަށް ވިއްސާރަވެ ވައިގަދަވުމުގެ ސަބަބުން މާލޭގެ ފަސް ސަރަހައްދަކުން ގަސްތަކެއް ވެއްޓިއްޖެއެވެ. މިއަދު އެމްއެންޑީއެފްއިން ބުނީ، ފަތިހު މާލެއަށް ކުރި ވިއްސާރައިގައި މާލޭގެ ފަސް ގަހެއް ވެއްޓިގެން އެމްއެންޑީއެފްއިން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. އެގޮތުން ހެންވޭރު ސަހަރާ، މާވެޔޮމަގު، ދިވެހިރާއްޖޭގެ އަޑު، ކޮއްތު ހަޓް ރެސްޓޯރަންޓް އަދި ވިލިމާލެ ފެރީ ޓާމިނަލް ކައިރީގައި ގަސް ވެއްޓިގެން ސިފައިން ވަނީ ހަރަކާތްތެރިވެފައެވެ. އޭގެ އިތުރުން މާލޭގެ ދެ ތަނެއްގެ ފުރާޅު އެއްލާލައިގެން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ. އެ ދެ ތަނަކީ އެސްޓީއޯ ފުށް ގުދަނާއި، ގ. ސައްލިގެ ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ. މިވަގުތު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން ށ. އަތޮޅުން ފެށިގެން މ. އަތޮޅާ ހަމައަށް އޮތީ ޔެލޯ އެލާޓު ނެރެފައެވެ. މި ސަރަހައްދުތަކުގެ އިތުރުން އައްޑޫ ސިޓީއަށް އިއްޔެއާއި އޭގެ ކުރިން ދުވަހު ކުރި ވިއްސާރައިގައި މަގުތައް ފެންބޮޑުވެ، ގެތަކަަށްވެސް ވަނީ ފެން ވަދެފައެވެ.
ގަދަ ވަޔާއެކު މާލޭގައި ގަސްތަކެއް ވެއްޓިއްޖެ
އިންޓަނެޓްގައި ދައުރުވާ" ހޭޓް ސްޕީޗް" ނުވަތަ އެހެން މީހުންނާމެދު ނަފްރަތު އުފެދޭ ކަހަލަ ކޮންޓެންޓް 24 ގަޑިއިރު ތެރޭ ތެރޭ ނަގަން މަޖުބޫރުކުރާ ގާނޫނެއްގެ ބިލެއް ފްރާންސްއިން ފާސްކޮށްފިއެވެ. ސޯޝަލް ނެޓްވޯކްތަކާއި އިންޓަނެޓްގެ އެކި ޕްލެޓްފޯމްތަކުގައި ހުންނަ އެފަދަ ކޮންޓެންޓް ނުނަގައިފިނަމަ ބޮޑު އަދަދުން ޖޫރިމަނާ ކުރާނެއެެެވެ. ހޭޓް ސްޕީޗްގެ ގޮތުގައި ބަލާ ކަންތައްތަކުގެ ތެރޭގައި ޔަހޫދީންނާ ދެކޮޅަށް ނާޒީން ހިންގި ގަތުލްއާންމަކީ ނުހިނގާ ކަމަށް ބުނުމާއި، ވަކި ބަޔަކާ ދެކޮޅަށް ތަފާތު ކުރުމަށް ހިތްވަރު ދިނުމާއި މީހުންނަށް މަރުގެ އިންޒާރު ދިނުން ހިމެނެއެެވެ. އާ ގާނޫނުގެ ދަށުން ކުޑަކުދިންގެ ބަރަހަނާ މަންޒަރު ހިމެނޭ އޮރިޔާންކާޑާއި އަދި ޓެރެރިޒަމް އާ ގުޅޭ ކޮންޓެންޓް އެއް ގަޑިއިރު ތެރޭ ނަގަން ޖެހޭނެއެެވެ. އެ ގަވައިދުތަކަށް ބޯ ނުލަނބާނަމަ ކުންފުނިތަކަށް ލިބޭ އާމްދަނީގެ 4 ޕަސެންޓްއިން ޖޫރިމަނާ ކުރެވެއެެވެ. ޖަރުމަނުންވެސް މީގެ ކުރިން ވަނީ އެފަދަ ގާނޫނެއް ފާސްކޮށްފައެވެެ. ފްރާންސްގެ ޑިޖިޓަލް ރައިޓްސް ގްރޫޕް ލާ ކުއަދުރޭޗާ ޑު ނެޓްއިން ބުނީ އެއް ގަޑިއިރު ތެރޭ ޓެރެރަޒިމްއާ ގުޅޭ ކޮންޓެންޓް ނެގުމަކީ ކުރެވޭނެކަމެއް ނޫން ކަމަށެެވެ. ފާޑު ކިޔާ މީހުން މިހާރުވެސް ބުނަމުންދަނީ އެ ބިލަކީ ހިޔާލު ފާޅުކުރުން ހަނިކުރުމަށް އަޅާ ފިޔަވަޅެއް ކަމަށެެވެ. ފްރާންސްގެ ރިޕަބްލިކަން ޕާޓީގެ މެމްބަރުން ވަނީ އެ ބިލާ ދެކޮޅު ހައްދަވައިފައެެވެ. ބީބީސީ
ފްރާންސްގައި "ހޭޓް ސްޕީޗް" ހުންނަ ކޮންޓެންޓް އެއް ދުވަސް ތެރޭ ނަގަން ޖެހޭ ގާނޫނެއް
ރާއްޖޭގައި ތިބި 500އަށް ވުރެ ބަންގްލަދޭޝް މީހުން މިއަދު އަނބުރާ ގައުމަށް ފޮނުވާލާނެ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)އިން ބުނެފިއެވެ. އެންއީއޯސީއިން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެ ސެންޓަރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، މިއަދު 500އަށް ވުރެ ގިނަ ބަންގްލަދޭޝް މީހުން ގައުމަށް ފޮނުވާލަނީ މޯލްޑިވިއަންއާއި ބަންގްލަދޭޝްގެ ގައުމީ އެއާލައިން، ބިމާން ބަންގްލަދޭޝް އެއާލައިންއާ ގުޅިގެން ކުރާ ދަތުރުތަކެއްގައި ކަމަށެވެ. ރާއްޖޭގައި ތިބި 1،500 ބަންގްލަދޭޝް މީހުން އަނބުރާ ގައުމަށް ފޮނުވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މި މަހުގެ ހަތަރު ވަނަ ދުވަހު ގައުމާ މުހާތަބުކުރައްވައި ވާހަކަފުޅު ދެއްކެވި އިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުވެސް ވަނީ ވިދާޅުވެފައެވެ. ރާއްޖެއިން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދަކީ 982 އެވެ. އޭގެ ތެރެއިން ގިނައީ ބަންގްލަދޭޝް މީހުންނެވެ. އެ ގައުމުގެ 524 މީހަކަށް އެ ބަލި ޖެހިފައިވެއެވެ. ބަލި ޖެހިފައިވާ ދިވެހީންގެ އަދަދަކީ 323 އެވެ. މާލޭގައި ގިނަ ބަންގްލަދޭޝް މީހުން ދިރިއުޅެނީ ކުޑަކުޑަ ތަންތަނުގައި ތޮއްޖެހިގެންނެވެ. އެހެންކަމުން އެފަދަ ތަންތަނުގައި ދިރިއުޅޭ މީހުންގެ މެދުގައި ބަލި ފެތުރުން އަވަސް ކަމަށް މީގެ ކުރިން ކަމާ ބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ. އަދި އެފަދަ ތަންތަނުގައި ބަލި ފެތުރިޔަ ނުދިނުމަށް ބައެއް މީހުން ވަނީ ވަގުތީ ގޮތުން އެހެން ތަންތަނަށްވެސް ބަދަލުކޮށްފައެވެ.
މިއަދު ބަންގްލަދޭޝްގެ 500އަށް ވުރެ ގިނަ މީހުން އަނބުރާ ގައުމަށް ފޮނުވާލަނީ
ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާނީ ވިޔަފާރިވެރިއަކަށްޓަކައި ނޫން ކަމަށާއި، އެކަން ކުރާނީ ދިވެހި ރައްޔިތުންނަށްޓަކައި ކަމަށް ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ. އެންއޯއީސީގައި ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގައި އަލީ ވަހީދު ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމް ފަށާނޭ ފޭސްތަކާއި ކޮންމެ ފޭސްއެއްގައި ރާއްޖޭގެ ޓޫރިޒަމް ފޯކަސް ކުރާނެ ދާއިރާތައް އަދި ރައްކާތެރިކަމަށް އަޅާނެ ފިޔަވަޅުތައް ޕްލޭން ކުރެވިފައިވާ ކަމަށެވެ. އަދި އެ ޕްލޭން އެކުލަވާލީ، ޓޫރިޒަމް މިނިސްޓްރީއިން ރާއްޖެ ގެނައި ޑޮކްޓަރުންގެ ޓީމުގެ އިރުޝާދާ އެކުގައި ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ބެސްޓް ކޭސް ސިނާރިއޯއެއްގައި ޖުލައި މަހު އަލުން ފަތުރުވެރިކަަން ފެށޭނެ ކަމަށާއި، މޮޑަރޭޓް ސިނާރިއޯއެއްގައި ފަތުރުވެރިކަން ފެށޭނީ އޮކްޓޫބަރުުގެ ފަހުން ކަމަށާއި، އެންމެ ގޯސް ހާލަތަށް ގޮސްފިނަމަ މި އަހަރު ފަތުރުވެރިކަަން ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. އަދި އިންޑަސްޓްރީގައި މިއަދުވެސް ބޯޑަރު ހުޅުވަން ބޭނުންވާ މީހުންނާއި، ބޯޑަރު ހުޅުވަން ބޭނުން ނުވާ މީހުން ތިބި ކަމަށާއި، ސަރުކާރުގެ ވިސްނުމަކީ ރައްޔިތުންްގެ ސަލާމަތާ ރައްކާތެރިކަމަށްޓަކައި ބަލި ކޮންޓްރޯލް ކުރުމަށްފަހު، ބޯޑަރު އަލުން ހުޅުވާލުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި ޓޫރިޒަމަށް ރާއްޖެ ހުޅުވާލުމުގެ ވިސްނުން ސަރުކާރުން ގެންގުޅެނީ ޓޫރިޒަމްއަކީ އިގްތިސާދުގެ މޭވާ ކަމުގައި ވާތީ އެވެ. އަދި އެ ގަހުގައި އަޅާ މޭވާއިން ފައިދާ ކުރަނީ ރައްޔިތުންނަށް ކަމަށާއި އެ ސިނާއަތް ނުހިނގާ ނަމަ އޭގެ ގެއްލުން އެންމެހާ ރައްޔިތުންނަށް ކުރާނެ ކަމަށެވެ. "އެހެންވީމަ ބޯޑަރު ހުޅުވާލާ ދުވަހަކު ހުޅުވާލާނީ ވިޔަފާރިވެރިއަކަށްޓަކައެއް ނޫން. ބޯޑަރު ހުޅުވާލާނީ އާންމު ރައްޔިތުންނަށްޓަކާ. އާންމު ރައްޔިތުންްގެ ވަޒީފާތަކާ، އެމީހުންގެ އާންމު ދިރިއުޅުން، އިޖުތިމާއީ ގޮތުން ހުރި މައްސަލަތަކުގެ ހައްލަކީ ރާއްޖެގައި އަދި މިއަދު ފަތުރުވެރިކަން،" މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ ބޯޑަރު ހުޅުވާލުމުގެ އެއް މަސް ކުރިން، ހުރިހާ ރިސޯޓުތަކަށް ވެސް ތައްޔާރުވާން އެއް މަސް ދުވަހުގެ ނޯޓިސް ދޭނެ ކަމަށެވެ. އަދި އަލުން ބޯޑަރުތައް ހުޅުވާލާނީ ސަލާމަތީ ގޮތުން އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އެޅުމަށްފަހު ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ކޮވިޑް19 ބަލި ޖެހޭ މީހުންގެ އިތުރުން، އިގްތިސޯދީ ގޮތުން ވެސް މި ބަލި ޖެހެމުން އަންނަ މީހުން މަދު ނޫން ކަމަށެވެ. ބަލީގެ ސަބަބުން އިގްތިސޯދަށް އަރާފައިވާ ލޮޅުން އާންމު ރައްޔިތުންގެ ވަޒީފާތަކާއި މުސާރައަށް ކުރަމުން އަންނަ އިރު، ބަލީގެ އަސަރު ހުރިހާ އެންމެނަށް ވެސް ކުރަމުން އަންނަކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ. އެހެންކަމުން ރާއްޖޭގެ އިގްތިސޯދު ކިކްސްޓާޓް ނުކޮށް، ރާއްޖެ ކުރިއަށް ގެންދެން ނެތް ކަމަށާއި، ދުރަށް ވިސްނައިގެން ތައްޔާރު ނުވެވިއްޖެ ނަމަ، ބަލިވުމުގެ އިތުރުން އެތައް ބަޔަކު ހާލުގައި ޖެހިގެން ދާނެ ކަމަށެވެ. ކުރިއަށް އޮތް ދެ ހަފްތާގެ ތެރޭގައި ރާއްޖޭގައި ބަލި ފެތުރޭ މިންވަރު ބޮޑުތަން އިތުރުވެ، މެއި މަހުގެ 31 ވަނަ ދުވަހު ބޮޑު ސާޖަކަށް ދާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އެހެންކަމުން މިވަގުތު ސަރުކާރުން ފޯކަސް ކުރަނީ ސާޖު ކޮންޓްރޯލް ކުރުމަށް ކަމަށާއި، އިގްތިސޯދު އަލުން ފެށުމުގެ މަސައްކަތް ކުރިއަށް ގެންދާނީ ކުރިއަށް އޮތް ދެތިން ހަފްތާ ކަންތައް ވާގޮތެއް ބެލުމަށް ފަހުގައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. "އަޅުގަނޑު ޔަގީންކަން އަރުވަން ޑޮލަރު ފޮއްޗެއްގެ ބޭނުމުގައެއް ރާއްޖޭގެ ބޯޑަރެއް އަޅުގަނޑުމެން ނުހުޅުވާނަން. ވިޔަފާރިއެއްގެ ބޭނުމުގައެއް ބޯޑަރެއް ނުހުޅުވާނަން. ބޯޑަރު ހުޅުވާނީ ހުރިހާ ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަމާ އާންމު ދިރިއުޅުމަށްޓަކައި، އެދުވަސް އައީމަ އެންމެނަށް ވެސް އިހުސާސް ކުރެވޭނެ ހުޅުވާލަން ވީއޭ. އެދުވަސް އަންނަންދެން، އެ ދުވަސް ހޯދުމަށްޓަކައި މަސައްކަތް ކުރުމަކީ އެންމެން ވެސް ކުރަން ޖެހޭނެ ކަމަށް،" މިނިސްޓަރު ވިދާޅުވިއެވެ. މީގެ އިތުރުން މިނިސްޓަރު އަލީ ވިދާޅުވީ ޓޫރިޒަމް ސިނާއަތް އަލުން ފަށައިގަންނަންވާނީ، މިއީ ދިވެހިންގެ ސިނާއަތަކަށް ބަދަލުކޮށްލައި، މި ސިނާއަތާ މެދު އުންމީދުކުރާ ކަންތައްތައް ފުރިހަމަ ކުރުމާ އެކުގައި ކަމަށެވެ. މިނިސްޓަރު ވިދާޅުވީ، ޖުލައި މަހުގެ ތެރޭގައި ޓޫރިޒަމް ހުޅުވުމަކީ އުންމީދެއް ކަމަށެވެ. އަދި މޮޑަރޭޓް ހާލަތެއް އައިސްފި ނަމަ، ޓޫރިޒަމް ހުޅުވުމުގެ އަމާޒު އޮތީ އޮކްޓޯބަރުގައި ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އެހެން ނަމަވެސް، ޓޫރިޒަމް ހުޅުވާނީ މި ބަލި ކޮންޓްރޯލް ކުރެވުމުން ކަމަށާއި 2-6 ހަފްތާއާ ދެމެދު ބަލި ކޮންޓްރޯލްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ބޯޑަރު ހުޅުވާނީ ރައްޔިތުންނަށްޓަކައި، ވިޔަފާރިވެރިއަކަށްޓަކައެއް ނޫން: އަލީ ވަހީދު
ބަންގްލަދޭޝްގައި ރޮހިންގާ މީހުން ތިބި އެންމެ ބޮޑު ރެފިއުޖީ ކޭމްޕަކުން ކޮރޯނާ ވައިރަސް ފެނިއްޖެ އެވެ. ބަންގްލަދޭޝްގެ ކޮކްސް ބާޒާރުގައި ހުންނަ އެ ރެފިއުޖީ ކޭމްޕްގައި ތިބި ދެ މީހުންގެ ގައިން ވަނީ ވައިރަސް ފެނިފަ އެވެ. ވައިރަސް ފެނިފައި ވަނީ ރޮހިންގާ މީހުން ތިބި ބަންގަލަދޭޝްގެ އެންމެ ބޮޑު ރެފިއުޖީ ކޭމްޕްގަ އެެވެ. އެތަނުގައި މިލިއަނެއްހާ ރެފިއުޖީ ތިބެއެވެެ. ބަންގަލަދޭޝްގެ އޮފިޝަލުން ބުނީ ބަލި ފެނުނު މީހުން މިހާރު އެކެހެރިކޮށްފައިވާ ކަމަށެވެެ. އަދި ޓެސްޓް ކުރުމަށްޓަކައި އިތުރު 1900 މީހުން ވެސް ވަނީ އެެކެހެރިކޮށްފަ އެވެ. ބަންގްލަދޭޝްއާ އިންވެގެން އޮންނަ މިޔަންމާގައި ކުރިން ދިރިއުޅެމުން ދިޔަ ރޮހިންގާ މީހުން ބަންގްލަދޭޝްއަށް އައީ މިޔަންމާ ސިފައިންގެ އަނިޔާވެރިކަމުން ސަލާމަތްވުމަށެެވެ. އެ ކޭމްޕްތަކުގައި ތިބި ރޮހިންގާ މީހުން މާޗް 14 އިން ފެށިގެން ތިބީ ލޮކްޑައުންގަ އެވެ. އެހީދޭ އޭޖެންސީތަކުން ބުނީ އެ ކޭމްޕްތަކުގައި ދިރިއުޅޭ މީހުން އުޅެނީ ވަރަށް ކައިރިކައިރީގައި ކަމަށާއި އެމީހުންނަށް ރަނގަޅު ބޯފެން ވެސް ނުލިބޭ ކަމަށެވެެ. "ރެފިއުޖީ ކޭމްޕްއިން ބަލި މިހާރު އެވަނީ ފެނިފައި. ބަލީ އެތަކެއް ސަތޭކަ ރެފިއުޖީން މަރުވުމުގެ ފުރުސަތު އެބައޮތް." ބަންގްލަދޭޝްގެ ސޭވް ދަ ޗިލްރަންސް ހެލްތު ޑިރެކްޓަރު ޑރ. ޝާމިން ޖަހާން ވިދާޅުވި އެވެ. ބީބީސީ
ރޮހިންގާ މީހުން ތިބި އެންމެ ބޮޑު ރެފިއުޖީ ކޭމްޕުން ކޮރޯނާ ވައިރަސް ފެނިއްޖެ
ކުރިއަށް އޮތް 2-6 ހަފްތާގެ ތެރޭގައި ރާއްޖޭގައި މި އޮތް ކޮވިޑް-19 ގެ ހާލަތު ކޮންޓްރޯލް ކުރެވިދާނެ ކަމަށް ލަފާކުރެވޭ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ. މިނިސްޓަރު އަލީ ވިދާޅުވީ ދުނިޔޭގެ އެހެން ގައުމުތަކެކޭ ވެސް އެއްގޮތަށް ރާއްޖެ މިހާރު މި ކުރިމަތިލަނީ މި ބަލީގެ އެންމެ އުނދަގޫ ހާލަތާ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ކުރިއަށް މި އޮތް ދުވަސްތަކުގެ ތެރޭގައި ރައްޔިތުންގެ އެއްބާރުލުމާ އެކު ލޮކްޑައުން ދެމެހެއްޓިއްޖެ ނަމަ، މި ބަލީގެ ހާލަތު ރާއްޖޭގައި ގޯސްނުވެ ކޮންޓްރޯލް ކުރެވޭނެ ކަމުގެ އުންމީދު ވަރަށް ބޮޑު ކަމަށެވެ. އަދި އެކަމުގެ ހުރިހާ ރައްޔިތުންގެ އެއްބާރުލެއްވުމަށް މިނިސްޓަރު އެދިވަޑައިގެންނެވި އެވެ. "އަޅުގަނޑުމެން މި ވަންނަނީ ސާޖަކަށް. މި ބަލީގައި އަންނާނެ އެންމެ އުނދަގޫ ހާލަތަށް މި ވަންނަނީ. އަޅުގަނޑުމެންގެ ފޯކަސް މިހުރީ މި ހާލަތް މެނޭޖްކޮށް، މި ހާލަތުން އަރައިގަތުމަށް. އިރާދަކުރެއްވިއްޔާ ކަންކަން ރަނގަޅަށް ގޮސްފި ނަމަ، 2-6 ހަފްތާގެ ތެރޭގައި މި ބަލި ކޮންޓްރޯލް ކުރެވި ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް މަޑުމަޑުން ލޮކްޑައުން އީޒް [ލުއި] ކުރެވުނު ބީދައިން ކުރެވުމަކީ ބެސްޓް ކޭސް ސިނާރިއޯއެއް [ރަނގަޅު ހާލަތުގައި] ޕޮސިބުލް [ކުރެވޭނެ] ކަމެއް،" މިނިސްޓަރު ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވީ މިހާރު ކަންކަން ރޭވިފައިވާ ގޮތަށް އޮމާންކަމާ އެކު ކުރިއަށް ގޮސްފި ނަމަ އޭރުން، ޖުލައި މަހުގައި ރާއްޖޭގެ ޓޫރިޒަމް ފަށައިގަނެވޭނެ ކަމަށް އުންމީދު ކުރެވެ އެވެ. އެއީ ބެސްޓް ކޭސް ސިނާރިއޯ އެވެ. މިނިސްޓަރު ވިދާޅުވީ އެ ސިނާރިއޯގެ އިތުރުން "މޮޓަރޭޓް ސިނާރިއޯއެއް" ނުވަތަ މެދުމިނުގެ ހާލަތަކަށް ވެސް ސަރުކާރުން އަންދާޒާތަކެއް ކުރާ ކަމަށެވެ. މި ހާލަތުގެ ތެރޭގައި ބަލި ފެތުރޭނެ މިންގަނޑެއް ބެލުމަށް ފަހު، ބަލި ކޮންޓްރޯލްކޮށް އޮކްޓޯބަރާ ހިސާބުގައި ޓޫރިޒަމް ހުޅުވޭވަރު ވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. ދުނިޔޭގެ އެހެން ގައުމުތަކުވެސް މިފަދަ ސާޖްތައް އަންނަ ކަން ފާހަގަ ކުރައްވަން މިނިސްޓަރު ވިދާޅުވީ އެންމެން ގުޅިގެން ކާމިޔާބު މަސައްކަތްތަކެއް ކުރިވިއްޖެނަމަ، މި އަންނަ ސާޖަށްފަހު، މިހާލަތު އަރައިގަނެވޭނޭ ކަމަށެވެ. އަދި ސާޖު އިތުރުވަމުންދާ ދަނޑިވަޅުގައި ސަރުކާރުގެ މަސައްކަތްވެސް ދެ ގުނަ ކުރާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވި އެވެ. "އެހެންވީމާ މި ދަނޑިވަޅުގައި އަޅުގަނޑުމެން ހުރިހާވެސް އިރުޝާދަކީ، އެޅިފައިވާ ފިޔަވަޅުތައް ދެމެހެއްޓުމާއި އެއްބައިވަންތަކަން އިސްކުރުން. ލޮކްޑައުން މި ހާލަތުގައި ރައްޔިތުންނަށް ދަތިވާނެ އިތުރު ފިވަޅުތަކެއް އަޅުގަނޑުމެން ނާޅާނަން،" އަލީ ވަހީދު ވިދާޅުވި އެވެ. މިނިސްޓަރު އަދި ވިދާޅުވީ، ސާޖްއަކާ ރާއްޖެ ކުރިމަތިވާ މި ދަނޑިވަޅުގައި ގޭގައި ތިބި ދުވަސްވީ މީހުންނަށް ސަމާލުވުމަށް ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމަށެވެ. އެގޮތުން ގޭގައި ހުރި ކޮޓަރިތަކުގައި އެބޭފުޅުން އައިސޮލޭޓް ކުރުމަށް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ. ކުރިމަތިވަނީ ހުޅަނގު މޫސުންކަން ފާހަގަ ކުރައްވާ މިނިސްޓަރު ވިދާޅުވީ، މާލެއާ ދުރުގައި ހުރި ކަރަންޓީނު މަރުކަޒުތަކަށް މީހުން ގެންދިޔުމުގައި ދަތިތަކެއް ހުރެދާނެތީ، އެ ހާލަތަށް ސީޕްލޭންތައް ތައްޔާރ ހާލަތުގައި ހުންނާނެ ކަމަށެވެ. އެހެންވެ، އެކަމުގައި ވެސް ދަތިތަކެއް ނުވާކަން ވެސް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ. މުޅި ދުނިޔެވެސް މިހާރު މިދަނީ ލޮކްޑައުންތައް ލުއިކުރުމަށްކަން ފާހަގަ ކުރައްވައި، މިނިސްޓަރު ވިދާޅުވީ، ކޮވިޑް-19 ގެ ހާލަތު ރާއްޖޭގައި އެންމެ ގޯސްކޮށް ދާނަމަ ވެސް، މި އަހަރު ނިމޭ އިރުވެސް ޓުއަރިޒަމް ނުފެށޭނެ ކަމަށެވެ. އަލީ ވަހީދު ވިދާޅުވީ، ޓުއަރިޒަމް ހުޅުވާލާއިރު، ހުޅުވާލާނީ ރައްޔިތުންނާއި އެންމެންގެވެސް ސަލާމަތާއި ރައްކާތެރިކަމަށް ސަމާލުކަންދީ، އަޅަންޖެހޭ ފިޔަވަޅުތައް އަޅައިގެން ކަމަށެވެ. އެގޮތުން މިހާރު އިކޮނޮމިކް ކައުންސިލުން އެކަމުގައި ޕްލޭންތައް ރޭވި ރައީސް އޮފީހާ ކަރުދާހެއް ހިއްސާކޮށްފައިވާ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ. އަދި ސިނާއަތުގެ ބޭފުޅުންނާއި ރައްޔިތުންގެ މަޝްވަރާއެކު ޓުއަރިޒަމް އަލުން ފަށާނެ އުސޫލު ފައިނަލް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ. "ދުނިޔޭގެ އެހެން ގައުމުތަކުގައި އަޅާފައުވާ ފިޔަވަޅުތަކަށް ލުއި ދިނުމަށްފަހު، އަލުން ފަށުމަށްޓަކައި އަޅަން ޖެހޭ މިންގަނޑުތައް އަޅުގަނޑުމެންނަށް މިހާރު ވަނީ ދެނެގަނެވިފައި. އޭގެ މާނައަކީ ފޭސް 1 ގައި ހުޅުވާނީ ކޮން އެއާޕޯޓެއްތޯ. ފުރަތަމަ ގެންނާނީ ކޮން ގޮތަަކަށް ކޮންކަހަލަ ފްލައިޓްތަކެއްތޯ. ފޭސް 2ގައި އަޅުގަނޑުމެން ގެންދާނީ ކޮން ގޮތަކަށްތޯ. އެއަށްފަހު ނިއު ނޯމަލްއެއްގައި ގެންދަވާނީ ކޮންގޮތަކަށްތޯ،" މިނިސްޓަރު އަލީ ވިދާޅުވި އެވެ. އެ ޕްލޭނާ ގުޅޭ މާ ބޮޑު ތަފްސީލެއް އަލީ ވަހީދު ނުދެއްވަ އެވެ. ރައީސް އޮފީހާ މަޝްވަރާ ކުރުމަށްފަހު ޕްލޭން އާންމު ކުރައްވާނެ ކަމަށް މިނިސްޓަރު އަލީ ވިދާޅުވި އެވެ. މިިނިސްޓަރު އަލީ އަދި ވިދާޅުވި ގޮތުގައި ކޮވިޑާއެކު އިިގްތިސާދަށް އައި ލޮޅުމާއެކު ޓޫރިޒަމް ސިނާއަތަށް ލިބުނު ގެއްލުމުން އަރައިގަނެ، ކުރިން އޮތް ފެންވަރަށް އެ ސިނާއަތް ގެންދަން އަހަރެއް ނުވަތަ ދޮޅު އަހަރުގެ މުއްދަތެއް ނަގާނެ އެވެ. އަދި ރާއްޖޭގެ ބޯޑަރު ހުޅުވާލާނީ ވިޔަފާރިވެރިންނައްޓަކައި ނޫން ކަމަށާއި ބޯޑަރު ހުޅުވާލާނީ، ރައްޔިތުންނަށްޓަކައި ކަމަށްވެސް އަލީ ވަހީދު ވިދާޅުވި އެވެ. "އާންމު ރައްޔިތުންގެ ވަޒީފާތަކާއި، އިޖްތިމާއި ގޮތުން ހުރި މަސައްލަތަކުގެ ހައްލަކީ، ރާއްޖޭގައި އަދިވެސް ފަތުރުވެރިކަން. އެ ދުވަސް އަޅުގަނޑުމެންނަށް ހޯދޭނެ،" އަލީ ވަހީދު ވިދާޅުވި އެވެ.
ރާއްޖޭގައި ކޮވިޑްގެ ހާލަތު 2-6 ހަފްތާ ތެރޭ ކޮންޓްރޯލްވާނެ ކަމަށް ބެލެވޭ: މިނިސްޓަރު
ކޮރޯނާ ވައިރަސްއާ ދެކޮޅަށް ހަށިގަނޑުގައި އެންޓި ބޮޑީސް އުފެދިފައި ހުރީ ސްޕެއިންގެ މުޅި އާބާދީގެ އެންމެ ފަސް ޕަސެންޓް މީހުންގެ ގައިގައި ކަމަށް އެގައުމުން ހެދި ދިރާސާއެއްގައި ބުނެފި އެެވެ. ސްޕެއިންގް ނޭޝަނަލް އެޕިޑެމޮލޮޖީ ސެންޓަރުގެ ޑިރެކްޓަރު މަރީނާ ޕޮލާން ވިދާޅުވީ ސްޕެއިންގެ މީހުން "ހާޑް އިމިއުނުޓީ" އަކަށް ދާން ކައިރި ވެސް އަދި ނުވާ ކަަމަށެެވެ. އެހެންކަމުން ދެވަނަ ފޭސްއެއްގައި އަނެއްކާ ވެސް އެ ބަލި ފެތުރިގެން ހިނގައިދާނެ ކަމަށް ވަނީ ބުނެފަ އެެވެ. ހާޑް އިމިއުނިޓީއަކަށް ދިއުމުން އާބާދީއެއްގެ ގިނަ ބައެއްގެ ގައިގައި އެންޓި ބޮޑީސް އުފެދި ބަލި ފެތުރުގެ ފުރުސަތު ވަރަށް ބޮޑަށް ކުޑަވެ އެެވެ. ދިރާސާއިން އިތުރަށް ދެއްކި ގޮތުގައި ބަލި ޖެހުނު މީހުންގެ ތެރެއިން 87 ޕަސެންޓް މީހުންގެ ގައިގައި އެންޓިބޮޑީސް ހުއްޓެވެެ. ބަލި ޖެހުނު މީހުންގެ ތެރެއިން ފަސް އަލާމާތަށް ވުރެ ގިނަ އަލާމާތްތައް ފެނުނު މީހުންގެ ގައިގައި އެންޓި ބޮޑީސް ހުރިވަރު ގިނަ އެެވެ. ކޮވިޑް ޖެހުނު ބައެއް މީހުންގެ ގައިން މާ ބޮޑު އަލާމާތެއް ނުފެންނަ އިރު އަނެއް ބައި މީހުންގެ ގައިން ބޮޑެތި އަލާމާތްތައް ފެނި ހާލު ވަރަށް ބޮޑަށް ގޯސްވި އެެވެ. އެ ދިރާސާގައި ބަލި އެންމެ ބޮޑަށް ފެތުރުނު މެޑްރިޑް ފަދަ ސަރަަހައްދުތަކުގައި އެންޓި ބޮޑީސް އުފެދުނު މިންވަރު ބޮޑު ކަމަށް ދެއްކި އެވެ. އެންޓިބޮޑީސް އުފެދުމުގައި އަންހެނުންނެކޭ ފިރިހެނުންނެކޭ މާބޮޑު ތަފާތެއް ފާހަގަކުރެވިފައި ނުވާ ކަމަށް ވެސް ވަނީ ބުނެފަ އެެވެ. ސްޕެއިން އަކީ މުޅި ޔޫރަޕްގައި ވެސް ކޮރޯނާ އެންމެ ބޮޑަށް ފެތުރުނު އެއް ގައުމެވެެ. އެގައުުމުގެ ހާލަތު ގޯސްވެ، މާޗް 14 އިން ފެށިގެން އޮތީ ކުއްލި ހާލަތުގަ އެވެ. ނަމަވެސް މިހާރު ބަލި ފެނުން މަދުވެފައިވާތީ ގައުމު ދަނީ މަޑުމަޑުން ހުޅުވާލަމުންނެވެ. ސްޕެއިންއިން މިހާތަނަށް ކޮރޯނާ ޖެހިފައިވާ 272،646 މީހަކު ފެނިފައިވާއިރު އެބަލީގައި 27،321 މީހަކު ވަނީ މަރުވެފަ އެެވެ. ސީއެންއެން
ކޮރޯނާއާ ދެކޮޅު އެންޓިބޮޑީސް ހުރީ ސްޕެއިންގެ އެންމެ 5 ޕަސަންޓު މީހުން ގައިގައި: ދިރާސާ
ހުޅުމާލޭގައި ފަތުރުވެރިންނަަށް ހަމަލާދިނުމުގެ ތުހުމަތުގައި ހައްޔަރު ކުރި އަށް މީހުން ބަންދުން ދޫވި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ބަލަމުން ގެންދާތީ، އެ މައްސަލައިގައި މީޑިއާގައި ވާހަކަ ދައްކަވަން އަދި ބޭނުން ނުވާ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ. މިދިޔަ ފެބުރުއައީ މަހުގެ ހަތަރު ވަނަ ދުވަހުގެ ރޭ ހުޅުމާލޭގެ ތިން ސަރަހަދެއްގައި ވަޅިން ހަމަލާ ދިނުމުގެ ސަބަބުން ޒަހަމްވެފަައި ވަނީ ޗައިނާގެ ދެ ފަތުރުވެރިއަކާއި އޮސްޓްރޭލިއާގެ ފަތުރުވެރި އެކެވެ. ގާނޫނުގައި ބުނާ މުއްދަތުގައި ޕީޖީން ކޯޓުގައި ދައުވާ ނުކުރުމުގެ ސަބަބުން އެމީހުން ބަންދުން ދޫވެފައި ތިބި ކަމަށް މިދިޔަ ހޮނިހިރު ދުވަހު ފުލުހުން ވަނީ ބުނެފައެވެ. އެ މައްސަލައިގައި ދައުވާ ކުރުމަށް ލިބޭ ގާނޫނީ މުއްދަތު ފަހަނަ އަޅާ ދިޔުމުން އެ މައްސަލައިގައި ދައުވާ ކުރުމުގެ ފުރުސަތު ވަނީ ބަންދުވެފަ އެވެ. ރާއްޖެ ޓީވީއަށް ރޭ ދެއްވި ހާއްސަ އިންޓަވިއުގައި މިކަމާ ގުޅޭ ގޮތުން ނޫސްވެރިޔާ ކުރި ސުވާލަށް ޖަވާބު ދެއްވަމުން ޕީޖީ ޝަމީމް ވިދާޅުވީ، އެކަން ހިނގި ގޮތް މިހާރު މަޖިލީހުގެ ކޮމިޓީން ބަލަމުން ދާތީ، މީޑިއާގައި އެކަމާ ގުޅޭ ގޮތުން ވާހަކަ ދެއްކުމަކީ ރަނގަޅު ކަމެއް ނޫން ކަމަށެވެ. އަދި ކޮމިޓީގައި އެ އެކަމާ ގުޅޭ ސާފު މާއުލޫމާތު ހިއްސާ ކުރައްވާނެ ކަމަށް ޝަމީމް ވިދާޅުވި އެވެ. "މީޑިއާގައި ތިވާހަކަ ދެއްކުމަށްވުރެ، މަޖިލީހުގެ އެކަމާ ބެހޭ ކޮމިޓީއަކަށް އަޅުގަނޑުމެން ތި މައުލޫމާތު ހާމަ ކުރާނަން. ހާމަކުރުމުން އެބޭފުޅުން އެކަމުގައި ބަސްފުޅެއް ވިދާޅުވާނީ. އަޅުގަނޑުމެން ބޭނުމެއް ނުވޭ އެއްގޮތަކަށް ވެސް ތި މައުޟޫގައި މީޑިއާގައި ޝަރީއަތް ކުރާކަށް. އެކަމަކީ ރަނގަޅު ގޮތަކަވެސް ނުވާނެ،" ފަތުރުވެރިން ދޫއްވި މައްސަލައަކީ ކިހިނެތް ހިނގި ކަމެއްތޯ ކުރި ސުވާލަށް ޖަވާބު ދެއްވަމުން ޕީޖީ ޝަމީމް ވިދާޅުވިއެވެ. ޝަމީމް ވިދާޅުވީ، އެ މައްސަލައާ ގުޅޭ މައުލޫމާތު މަޖިލީހުގެ ކޮމިޓީއާ ހިއްސާ ކުރުމަށް އެ އޮފީހުން ތައްޔާރުވަމުންދާ ކަމަށެވެ. އަދި ކޮމިޓީއާ ހިއްސާކުރެއްވުމަށްފަހު މީޑީއާއަށް މައުލޫމާތު ހާމަ ކުރަން ޖެހިއްޖެ ނަމަ އެކަމަށް ޖަވާބެއް ދެއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. https://sun.mv/136399 ތަހުގީގަށް އެކަށީގެންވާ މިންވަރަށް މަސައްކަތް ކުރި، ފެއިލްވީ ކޮންކަމެއްތޯ ބަލާނަން: އިމްރާން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިމްރާން ވާހަކަ ދައްކަވަނީ: ފުލުހުން ތަހުގީގަށް އެކަށީގެންވާ މިންވަރަށް މަސައްކަތް ކުރި ކަމަށް ވިދާޅުވި --- ފޮޓޯ/ އެންއީއޯސީ އެންއޯއީސީގައި މިއަދު ބޭއްވި ނޫސްވެެރިންގެ ބައްދަލުވުމުގައި މިކަމާ ގުޅޭގޮތުން "ސަން" އިން ސުވާލުކުރުމުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ، އެ މައްސަލައިގެ ތަހުގީގުގައި ފުލުހުން ވަރަށް ގިނަ އެނަލިސިސްތައް ހަދައި ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އެހެންކަމުން ތަހުގީގު ފުރިހަމަ ކަމަށް ގަބޫލު ކުރައްވާކަމަށް އިމްރާން ވިދާޅުވިއެވެ. "އަޅުގަނޑު ގަބޫލުކުރަނީ އެކަށީގެންވާ މިންވަރަށް ތަހުގީގު ކުރެވިފައިވާ ކަން. އަދި އެކަށީގެންވާ މިންވަރަށް ހެކި ހޯދިފައިވާ ކަމަށް. އެހެން ނަމަވެސް ދައުވާ ކުރުމުގެ އިހްތިޔާރު ލިބިގެންވަނީ ޕީޖީއަށް. ޕީޖީ މިވަގުތައް ނިންމަވާފައި އޮތް ގޮތް [ދައުވާ އަނބުރާ ފޮނުވާލުން]. ދެން މިކަމުގައި ކުރިއަށް ދާނެ ގޮތް މިދަނީ މަޝްވަރާ ކުރަމުން. އަދި ފެއިލްވެގެން ދިޔަ ދިމާއެއްވެސް ދެނެގަތުމުގައި ބަލަން ޖެހޭ ބެލުންތައް ހޯމް މިނިސްޓަރުގެ ހައިސިއްޔަތުން މިދަނީ ބަލަމުން،" ފަތުރުވެރިންނަށް ހަމަލާދިން މީހުން ދޫވީ ކޮން ބައެއްގެ ފެއިލްވުމަކުންތޯ ސުވާލުކުރުމުން އިމްރާން ވިދާޅުވިއެވެ. ފުލުހުން މިދިޔަ ހޮނިހިރު ދުވަހުގެރޭ މީޑިއާތަކަށް ފޮނުވި މެސެޖުގައި ވަނީ އެ މައްސަލައިގައި ބަންދުކުރެވިފައި ތިބި މީހުންގެ ތަހުގީގު ފުރިހަމަކޮށް ގާނޫނުގައި ބުނާ މުއްދަތުތެރޭގައި ދައުވާ ކުރުމަށް ހުށަހެޅިކަމަށެވެ. ނަމަވެސް އެކަށީގެންވާ ވަރަށް ހެކި ނެތް ކަމަށް ބުނެ ޕީޖީ އޮފީހުން ދައުވާކޮށްފައިނުވާ ކަމަށް ފުލުހުން ބުންޏެވެ. އެ މައްސަލާގައި ހައްޔަރުކުރި އަށް މީހުން ދޫވީ ޕީޖީ އޮފީހުން ދައުވާ ނުކުރަން ނިންމުމުން ކަމަށް ފުލުހުން ބުންޏެވެ. މިކަމާ ގުޅިގެން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދުވެސް ވިދާޅުވެފައި ވަނީ އެ މައްސަލައިގައި ފުލުހުން ހިންގި ތަހުގީގު ރަނގަޅު ކަމަށާއި ދައުވާ ކުރެވޭ ވަރަށް ހެކި ހޯދުމަށް އެކަށީގެންވާ މަސައްކަތް ފުލުހުން ކޮށްފައިވާ ކަމަށެވެ. އަދި މިކަމުގައި ޕީޖީއާ ގުޅިގެން އިތުރު ގޮތްގޮތުން ދައުވާކުރެވެން ހުރިކަންކަން ބަލަމުން އަންނަނަ ކަމަށް އޭނާ ވިދާޅުވިއެވެ. އެ މީހުން ދޫވެފައި ތިބުމުން، މުޖުތަމައަށް ނުރައްކަލެއް ކުރިމަތިވެދާނެތީ، ހޯމް މިނިސްޓަރު ހައިކޯޓަށް ހުށަހަޅައިގެން އެ މީހުންގެ މައްޗަށް ވަނީ "މޮނިކޮން އަމުރެއް" ނެރެފަ އެވެ. އެ އަމުރާ އެކު އެ މީހުންގެ ފައިގާ ޓެގް އަޅުވައިގެން މޮނީޓާ ކުރުމުގެ ބާރު އެއް އަހަރު ދުވަހުގެ މުއްދަތަށް ފުލުހުންނަށް ވަނީ ލިބިފަ އެވެ. ޓޫރިސްޓުންނަށް ހަމަލާދިން މީހުން މިނިވަންވުމުގެ ބިރު އިތުރަށް ވިދާޅުވުމަށް
ފަތުރުވެރިން ދޫވި މައްސަލަ މަޖިލީހުން ބަލާތީ ޕީޖީ ޝަމީމް ކޮމެންޓް ކުރަން ބޭނުމެއް ނުވި
ރާއްޖޭގައި ނާސަރީ އަދިމަތީ ސާނަވީ (ގްރޭޑް 11،12) ގައި ކިޔަވާ ކުދިންނަށް ބަލާއިރު، މާލެއާއި އަތޮޅުތެރޭގެ ރަށްތަކުގައި ބޮޑު ފަރަގެއް އުޅޭކަމަށް ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ. ދުނިޔޭގެ ކުޑަކުދިންގެ ދުވަހާ ގުޅުވައިގެން ސްޓެޓިސްޓިކްސް ބިއުރޯއިން އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖޭގެ އާބާދީގެ 23 ޕަސެންޓު ހިއްސާކުރަނީ ކުޑަކުދިންނެވެ. އެއީ 126،054 ކުޑަކުދިންނެވެ. އެޑިއުކޭޝަން މިނިސްޓްރީން ދީފައިވާ 2019 ވަނަ އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު 89،432 ކުދިން އަންނަނީ އެކި ސްކޫލުތަކުގައި ކިޔަވަމުންނެވެ. ޖެނުއަރީ 12، 2020: އިއްޒުއްދީން ސްކޫލް ހުޅުވުން: ސްކޫލްގައި ބޭއްވި ހާއްސަ އެސެމްބްލީގައި އެ ސްކޫލް ހުޅުވައިދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް -- ސަން ފޮޓޯ/ ފަޔާޒު މޫސާ އޭގެ ތެރެއިން 56،056 ކުޑަކުދިން ކިޔަވަނީ އަތޮޅުތެރޭގެ އެކި ސްކޫލުތަކުގައެވެ. މާލޭގެ ސްކޫލުތަކުގައި ކިޔަވަނީ 33،376 ކުޑަކުދިންނެވެ. އަތޮޅުތެރޭގައި ކިޔަވާ ކުދިންގެ އަދަދު މާލެއަށް ވުރެ ގިނަ ނަމަވެސް، މަތީ ސާނަވީގައި އަތޮޅުތެރޭގައި ކިޔަވާކުދިންގެ އަދަދު މަދެވެ. އަތޮޅު ތެރޭގައި ގްރޭޑް 11 އަދި 12ގައި ކިޔަވާކުދިންގެ އަދަދު 1000 އަށް ވުރެ މަދެވެ. މާލޭގައި މަތީ ސާނަވީގައި ކިޔަވާކުދިންގެ އަދަދު އުޅެނީ 1000 އިން މަތީގަ އެވެ. މަތީ ސާނަވީ ދަރިވަރުންތަކުން – ސަން ފައިލް ފޮޓޯ/ފަޔާޒު މޫސާ މަތީ ސާނަވީ ފިޔަވައި އެހެން ހުރިހާ ގްރޭޑުތަކެއްގައި ކިޔަވާ ކުދިން ވެސް އަތޮޅުތެރޭގައި ގިނަ އެވެ. އަތޮޅުތެރޭގައި 3000 އާ ގާތްކުރާ އަދަކަކަށް ކުދިން ނާސަރީގައި ކިޔަވާއިރު، މާލޭގައި ނާސަރީގައި ކިޔަވަނީ 2500 އެއްހާ ކުދިންނެވެ. ވަކިވަކި ގްރޭޑުތަކަށް ބަލާއިރު، އެންމެ ގިނަ އަދަދެއްގެ ކުދިން ކިޔަވަނީ ގްރޭޑް ދޭއް އަދި ގްރޭޑް ހަތަރެއްގަ އެވެ. ތަފާސްހިސާބުތައް ދައްކާގޮތުން ޕްރައިމަރީގައި އަދި މަތީ ސާނަވީގައި ގިނައީ އަންހެން ކުދިންނެވެ. ސާނަވީގައި ގިނަައީ ފިރިހެން ކުދިންނެވެ. އާބާދީގައި ގިނައީ ފިރިހެން ކުދިން، ބޮޑުބައި އަތޮޅުތެރޭގައި ރާއްޖޭގެ ކުޑަކުދިންގެ އާބާދީގައި ގިނައީ ފިރިހެން ކުދިންނެވެ. އާބާދީގެ 52 ޕަސެންޓު ފިރިހެން ކުދިން ހިއްސާކުރާއިރު، 48 ޕަސެންޓު ހިއްސާކުރަނީ އަންހެން ކުދިންނެވެ. ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖޭގެ ކުޑަކުދިންގެ އާބާދީގެ ބޮޑު ބައެއް އުޅެނީ އަތޮޅުތެރޭގައެވެ. މާލޭގައި ދިރިއުޅެނީ 47،181 ކުޑަކުދިންނެވެ. އެއީ ކުޑަކުދިންގެ އާބާދީގެ 37 ޕަސެންޓެވެ. އަތޮޅުތެރޭގައި ދިރިއުޅެނީ 78،874 ކުޑަކުދިންނެވެ. ބ. މާޅޮހު ރަށު ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ ކުޑަކުދިންގެ ސިއްހަތު ދެހާސް ސަތާރަ ވަނަ އަހަރުގެ ޑެމޮގްރެފިކް ހެލްތު ސާވޭއިން ދައްކާފައިވާ ގޮތުގައި ރާއްޖޭގެ ކޮންމެ 100 ކުއްޖަކުން 15 ކުއްޖަކީ އުމުރާ އެކަށީގެންވާ އިސްކޮޅަށް ވުރެ ކުރުކޮށް ތިބޭ ކުދިންނެވެ. މިހެން ދިމާވަނީ އެކަށީގެންވާ ވަރަށް ނިއުޓްރިޝަން ނުލިބުމުގެ އިތުރުން އިންފެކްޝަންތަކުގެ ސަބަބުން ކަމަށް އެ ދިރާސާގައި ބުނެފައިވެއެވެ. ޗައިލްޑް ޕްރޮޓެކްޝަން ތަފާސްހިސާބުތައް ދައްކާގޮތުން، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީން މިދިޔަ އަހަރު 2606 އެކަނިވެރި މައިންްނާއި ބަފައިންގެ އިތުރުން 4375 ކުޑަކުދިންނަށް ވަނީ އެލަވަންސް ދީފައެވެ. އޭގެތެރެއިން މާލޭގައި ދިރިއުޅެނީ 721 ބެލެނިވެރިންނާއި 1093 ކުދިންނެވެ. އަތޮޅު ތެރޭގައި 85 ބެލެނިވެރިން އަދި 3282 ކުދިން އެބަތިއްބެވެ.
ނާސަރީ އާއި މަތީ ސާނަވީ: މާލެ އާއި އަތޮޅުތެރޭގައި ފަރަގު ބޮޑު
ކަނޑުދަތުރުފަތުރު ކުރާއިރު މޫސުމަށް ސަމާލުކަން ދިނުމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން އެދިއްޖެ އެވެ. އެމްއެންޑީއެފްއިން މިއަދު ބުނީ، މި ދުވަސްވަރަކީ މޫސުން ގޯސް ދުވަސްރަވަކަށް ވާތީ ކަނޑު ދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދިނުމަށް އެދޭ ކަމަށެވެ. ކަނޑުދަތުރުފަތުރު ކުރުމުގައި ސަމާލުވުމަށް އެމްއެންޑީއެފްއިން އެދިފައިވާއިރު، މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ވަނީ ށ. އަތޮޅުން ފެށިގެން މ. އަތޮޅާ ހަމައަށް ޔެލޯ އެލާޓު ނެރެފަ އެވެ. މެޓް އޮފީހުން ލަފާކޮށްފައި ވަނީ އެ ސަރަހައްދުތަކުގައި ގަޑިއަކު 28 މޭލާއި 35 މޭލާ ދެމެދުގައި ބާރުމިނެއްގައި ވައި ޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި 50 މޭލަށް ވައި ގަދަވާނެ ކަމަށެވެ. މި ދުވަސްވަރު ރާއްޖޭގައި އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރުން ސަރުކާރުން އޮތީ މަނާކޮށްފަ އެވެ. ދަތުރު ކުރެވެނީ ކަމާ ބެހޭ ފަރާތްތަކުގެ އުޅަނދުތަކާއި ހާއްސަ ހުއްދައެއް ހޯދައި އާންމު އުޅަނދުތަކަށެވެ. އެއީ ރާއްޖޭގެ ރަށްރަށަށް ކޮވިޑް-19 ފެތުރިޔަނުދިނުމަށް އެޅި ފިޔަވަޅެކެވެ.
ކަނޑުދަތުރުފަތުރު ކުރާއިރު ސަމާލުވުމަށް އެދެފި