news
stringlengths
242
32.4k
Title
stringlengths
6
118
ލޮކްޑައުންއާ ގުޅިގެން ހާލުގައި ޖެހި، ވަގުތީ ހިޔާވަހިކަމުގައި ދިރިއުޅެމުންދާ ފަރާތްތަކަށް އީދު ދުވަހުގެ މުނާސަބަތުގައި ހާއްސަ ހެނދުނުގެ ނާސްތާއެއް ދިރާގުގެ އެހީގައި ފޯރުކޮށްދީފި އެވެ. މި ނާސްތާއަކީ މަޓާޓޯ އާއި ނެޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް)ގެ އިސްނެގުމުގެ މަތިން ފަށާފައިވާ ފުޑް ސަޕޯޓް ޕްރޮގްރާމުގެ ދަށުން ދިން ނާސްތާއެކެވެ. މި ޕްރޮގްރާމުގައި މަޓާޓޯއާއި އެންބީއޭއެމްއަށް ދިރާގު، ކޮކާކޯލާ މޯލްޑިވްސް އަދި މަންޓާ އެއާއިން ވެސް ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ. ވަގުތީ ހިޔާތަކުގައި ތިބި މީހުންނަށް މިއަދު ފޯރުކޮށްދިން އީދު ބްރެކްފަސްޓް-- ފޮޓޯ/ ދިރާގު ރޯދަމަސް ފެށުމުގެ ކުޑަ ދުވަސްކޮޅެއް ކުރިން ފެށި މި ޕްރޮގުރާމު، ރޯދަމަހުގެ އިތުރުން ފިތުރު އީދާއި ޝައްވާލު މަހުގެ ފުރަތަމަ ހަ ދުވަހާ ހަމައަށް ކުރިއަށްދާނެ އެވެ. މި ޕްރޮގުރާމްގެ ދަށުން ކަރަންޓީން އަދި ލޮކްޑައުންގެ ސަބަބުން މާލެ އަދި ހުޅުމާލޭގައި ވަގުތީ ހިޔާތަކުގައި ތިބި ދިވެހިންނާއި ބިދޭސީންނަށް ކާބޯތަކެތީގެ އެހީތެރިކަން ދަނީ ފޯރުކޮށްދެމުންނެވެ. މި ފަރާތްތައް މިހާރު ދިރިއުޅެމުންދަނީ މާލެ އަދި ހުޅުމާލޭގައި ސަރުކާރުން ހަމަޖައްސާފައިވާ ވަގުތީ ހިޔާތަކުގަ އެވެ. މިއަދާ ހަމައަށް މި ޕްރޮގުރާމްގެ ދަށުން 25000 އެއްހާ "މީލް ޕެކޭޖް" ވަނީ ހަދިޔާކޮށްފަ އެވެ.
ހާލުގައި ތިބި މީހުންނަށް ދިރާގުގެ އެހީގައި އީދު ނާސްތާ
އިންޑިއާގެ ޓްރިވެންޑްރަމް އިން 20،310 ކިލޯގެ ޕެރިޝަބަލްސް އާއެކު މޯލްޑިވިއަންގެ ފްލައިޓެއް ރާއްޖެއަށް ދަތުރު ފަށައިފި އެވެ. މޯލްޑިވިއަން އިން މިއަދު ބުނީ މިއީ މިހާތަނަށް އެ އެއާލައިނުން އެންމެ ގިނަ އަދަދެއްގެ ކާބޯތަކެތި ރާއްޖެ ގެންނަ ފަހަރު ކަމަށެވެ. މިކަމުން ދޭހަވަނީ ރާއްޖޭގެ ރައްޔިތުންނަށް މެދުކެނޑުމެއްނެތި ކާބޯތަކެތި ލިބުން ކަށަވަރުކުރުމަށް މޯލްޑިވިއަންގެ ޓީމުތަކުން ކުރަމުން އަންނަ މަސައްކަތް ކަމަށެވެ. މޯލްޑިވިއަން އިން ދަނީ ރާއްޖެއިން ބޭރުން ރާއްޖެއަށް ބޭނުންވާ މުދާ ގެނައުމަށް ކާގޯ ދަތުރުތައް ބާއްވަމުންނެވެ. އެގޮތުން އިންޑިއާ، ލަންކާ، ތައިލެންޑް އަދި ޔޫއޭއީ އިން މުދާ ގެނައުމަށް ފްލައިޓުތައް ބާއްވައެވެ. އަދި ރަށްރަށަށް ބޭނުންވާ މުދާ ގެންދިޔުމުގައި ހުރި ދަތިތަކުގެ ސަބަބުން ދިމާވާ މައްސަލައަށް ހައްލު ހޯދުމަށް މޯލްޑިވިއަން އިން އަންނަނީ އެ އެއާލައިނުގެ ބޯޓުތަކުގައި ކާގޯ ދަތުރުތައް ބާއްވަމުންނެވެ.
20،310 ކިލޯގެ ކާގޯ ހިފައިގެން މޯލްޑިވިއަން ރާއްޖެއަށް
މި އަހަރު އައްޑޫ ސިޓީގައި ފަގީރުންގެ ގޮތުގައި ޖުމްލަ 1031 މީހަކު ރަޖިސްޓްރީކޮށްފައިވާ ކަމަށާއި، ޒަކާތުގެ ގޮތުގައި ލިބުނު ފައިސާ އޭގެ ހައްގުވެރިންނަށް ބަހާ ނިންމާފައިިވާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފި އެވެ. އައްޑޫ ސިޓީ ކައުންސިލުން ބުނެފައި ވަނީ މި އަހަރު އެ ސިޓީން 12،494 މީހުން ޒަކާތުގެ ފައިސާ ދައްކާފައިވާ ކަމަށެވެ. އަދި ޒަކާތުގެ ގޮތުގައި 349،079.37 ރުފިޔާ ލިބިފައިވާ ކަމަށެވެ. ސިޓީ ކައުންސިލުން ބުނީ، ޒަކާތުގެ ފައިސާ ފަގީރުންގެ ބޭންކް އެކައުންޓުތަަކަށް ޖަމާކޮށްދީ ނިންމާފައިވާ ކަމަށެވެ. ތަފާސް ހިސާބުތަކަށް ބަލާއިރު، އެންމެ ގިނަ ފަގީރުން ރަޖިސްޓްރީކޮށްފައި ވަނީ ހިތަދޫންނެވެ. ހިތަދޫ އިން ފަގީރުންގެ ގޮތުގައި 541 މީހަކު ރަޖިސްޓްރީކޮށްފައި ވާއިރު، އެ އަވަށުން 6348 މީހަކު ވަނީ ޒަކާތުގެ ގޮތުގައި 182،430.61 ރުފިޔާ ދައްކައިފައެވެ. ހިތަދޫގައި ތިބި ފަގީރުންނަށް، ބޮލަކަށް ޖެހިފައި ވަނީ 337.21 ރުފިޔާއެވެ. ފޭދޫ އިން 2118 މީހަކު ޒަކާތުގެ ގޮތުގައި 63132.69 ރުފިޔާ ވަނީ ދައްކާފައެވެ. ފޭދޫން 111 މީހަކު ފަގީރުންގެ ގޮތުގައި ރަޖިސްޓްރީކޮށްފައި ވާއިރު ބޮލަކަށް ޖެހިފައި ވަނީ 568.76 ރުފިޔާ އެވެ. މަރަދޫން ޒަކާތް ދައްކާފައި ވަނީ 1554 މީހުންނެވެ. ޒަކާތުގެ ގޮތުގައި ލިބުނު 42403.68 ރުފިޔާ، އެ އަވަށުގައި ރަޖިސްޓްރީވެފައި ތިބި 72 ފަގީރުންނަށް ބެހެމުން ބޮލަކަށް ޖެހިފައި ވަނީ 588.94 ރުފިޔާ އެވެ. މީދޫން 1074 މީހަކު، ޒަކާތުގެ ގޮތުގައި 24783 ރުފިޔާ ވަނީ ދައްކާފައެވެ. މީދޫގައި ފަގީރުންގެ ގޮތުގައި 109 މީހަކު ރަޖިސްޓްރީވެފައި ވާއިރު، ޒަކާތުގެ ގޮތުގައި ބޮލަކަށް ޖެހިފައި ވަނީ މީހަކަށް 227.37 ރުފިޔާ އެވެ. މަރަދޫފޭދޫ އިން 840 މީހަކު ޒަކާތުގެ ގޮތުގައި 21494.39 ރުފިޔާ ވަނީ ދައްކާފައެވެ. އެ އަވަށުން 62 މީހަކު ފަގީރުންގެ ގޮތުގައި ރަޖިސްޓްރީކޮށްފައި ވާއިރު ބޮލަކަށް ޖެހިފައި ވަނީ 341.18 ރުފިޔާ އެވެ. ހުޅުދޫގައި ފަގީރުންގެ ގޮތުގައި ރަޖިސްޓްރީވެފައި ތިބީ 136 މީހުންނެވެ. އެ އަވަށުން 560 މީހަކު ޒަކާތުގެ ގޮތުގައި 14835 ރުފިޔާ ދައްކާފައި ވާއިިރު، ބޮލަކަށް ޖެހިފައި ވަނީ 109.08 ރުފިޔާ އެވެ. މިދިޔަ އަހަރާ އަޅާބަލާއިރު އައްޑޫ ސިޓީގައި ފަގީރުންގެ ގޮތުގައި ރަޖިސްޓްރީވެފައި ތިބި މީހުން ވަނީ އިތުރުވެފައެވެ. މިދިޔަ އަހަރު އައްޑޫގައި ފަގީރުންގެ ގޮތުގައި ރަޖިސްޓްރީކޮށްފައި ތިބީ 893 މީހުންނެވެ. އައްޑޫ ސިޓީގެ އާބާދީ 33،690 އަށް އަރާއިރު، އެއީ ރާއްޖޭގެ ދެވަނައަށް އެންމެ އާބާދީ ބޮޑު ސިޓީއެވެ.
އައްޑޫ ސިޓީގައި 1031 ފަގީރުން، ޒަކާތުގެ ފައިސާ ބަހާ ނިންމައިފި
ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މީހުންގެ ތެރެއިން ކޮވިޑް19 އަށް ޕޮޒިޓިވްވެފައި ހުއްޓާ ފިލި ދެ ބިދޭސީއަކު އަދިވެސް ނުފެންނަކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ. އެ ސެންޓަރުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވީ ކޮވިޑަށް ޕޮޒިޓިވް ވެފައިވަނިކޮށް ފިލާފައިވާ ހަތް މީހުންގެ ތެރެއިން ފަސް މީހަކު ފެނިފައިވާ ކަމަށާއި ބާކީ ދެމީހުން އަދިވެސް ނުފެންނަ ކަމަށެވެ. ބަލިޖެހުނު މީހުންގެ ތެރެއިން ފިލައިގެން އުޅެނިކޮށް ހޯދި އެއް ބިދޭސީއަކަށް ޓްރީޓޮޕް ހޮސްޕިޓަލުގައި ވެންޓިލޭޓަރަށްލައިގެން ފަރުވާދިނުމަށްފަހު މިހާރު ވަނީ ވެންޓިލޭޓަރުން ނަގައިފައެވެ. މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކު ވިދާޅުވީ ބިދޭސިން ބައިތިއްބާ ތަންތަނުގެ ސެކިޔުރިޓީ ބަލަހައްޓަމުންދަނީ ފުލުހުން ކަމަށާއި އެތަންތަނުން ފިލޭނެ ފުރުސަތެއް މިހާރު ނޯންނާނެ ކަމަށެވެ. ރާއްޖޭގައި ކޮވިޑްޖެހުނު މީހުންގެ އަދަދު 1106 އަށް އެރިއިރު އޭގެ ތެރޭ ގިނައީ ބަންގްލަދޭޝް މީހުންނެވެ. އެގައުމުގެ 562 މީހަކު ބައްޔަށް ޕޮޒިޓިވް ވެފައިވާކަމަށް އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކައެވެ. ރާއްޖެއިން މިހާތަނަށް 74 މީހަކު ކޮވިޑުން ރަނގަޅުވެފައިވާއިރު ހަތަރު މީހަކު ވަނީ ބަލީގައި މަރުވެފައެވެ.
ޕޮޒިޓިވްވެެފައި ހުއްޓަައި ފިލި ދެ ބިދޭސީއަކު އަދިވެސް ނުފެނޭ
ލަންޑަން (މެއި 24): ކޮރޯނާވައިރަސް ބަލިމަޑުކަމުގެ ސަބަބުން ޔޫރަޕިއަން ޔޫނިއަންއަށް ލިބޭ ގެއްލުމާ ގުޅިގެން އެ އިއްތިހާދު ބައިބައިވެދާނެ ކަމަށް އެމެރިކާގެ ބިލިއަނަރު ޖޯޖް ސޯރޯސް ބުނެފި އެވެ. އުމުރުން 89 އަހަރުގެ ސޯރޯސް ބުނި ގޮތުގައި ކޮރޯނާވައިރަހުގެ ސަބަބުން ޔޫރޯ ޒޯންގެ އިގުތިސާދަށް ލިބޭ ގެއްލުން "ގިނަ މީހުން ހީކުރާ ވަރަށް ވުރެ ދިގު މުއްދަތަކަށް" ދެމިގެންދާނެ އެވެ. އެހެންކަމުން އެންމެ ބޮޑު ގެއްލުންތައް ލިބިފައިވާ ގައުމުތަކަށް އެހީވުމަށް އީޔޫއިން 'ޕާޕެޗުއަލް ބޮންޑްސް' ނުވަތަ ބޮންޑު އަނބުރާ ދައްކަން ޖެހޭ ވަކި ތާރީހެއް ނެތި، އިންސްޓްރެސްޓް ދައްކަމުން ގެންދާ ފަދަ ބޮންޑުތައް ތައާރަފް ކުރުން ރަނގަޅެވެ. "އާދަޔާ ހިލާފު ހާލަތްތަަކަށް އާދަޔާ ހިލާފު ފިޔަވަޅު ބޭނުންވޭ. ޕާޕެޗުއަލް ބޮންޑަކީ އެފަދަ ފިޔަވަޅެއް. އެއީ އާއްމު ހާލަތްތަކުގައި އަޅަން ވިސްނާނެވެސް ފިޔަވަޅެއް ނޫން. ނަމަވެސް އީޔޫއިން މިހާރު އެ ފިޔަވަޅު އަޅަން ނުވިސްނާ ނަމަ، އެ އިއްތިހާދަށް މިހާރު ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިނުގަނެވިދާނެ،" ސޯރޯސް ބުންޏެވެ. މީގެ އިތުރުން ޔޫރަޕްގެ ހާލަތު އިތުރަށް ގޯސްވެއްޖެ ނަމަ އިޓަލީ ފަދަ ގައުމުތަކުން، އިނގިރޭސިވިލާތް ގޮތަށް އިއްތިހާދުން ވަކިވާން ނިންމުން އެކަށީގެންވާ ކަމަށް ސޯރޯސް ބުންޏެވެ. ޔޫރަޕްގެ ގައުމުތަކުގައި މިހާތަނަށް 1.4 މިލިއަން މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެ، ބަލީގައި 559،000އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. އަދި ޔޫރަޕިއަން ޔޫނިއަންއިން ވަނީ މި އަހަރު އެ އިއްތިހާދުގެ އިގުތިސާދު -7.5 ޕަސެންޓަށް ދަށްވާނެ ކަމަށް ލަފާކޮށްފަ އެވެ.
ބަލިމަޑުކަމުން ލިބޭ ގެއްލުމާ ގުޅިގެން އީޔޫ ބައިބައިވެދާނެ: ސޯރޯސް
ފަސޭހަ ކަމާއި އެކު ފެތުރޭ ނުރައްކާތެރި ކޮވިޑް-19 ރޯގާއާ އެކު ދިރިއުޅެން ފަށާއިރު ކުޅިވަރުތަކަށް ވާނޭ ގޮތަކާ މެދު މިނިސްޓަރު މަހްލޫފް، އެސޯސިއޭޝަންތަކާ އެކު މަޝްވަރާ ކޮށްފި އެވެ. މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަހުގެ ޕޮޒިޓިވް ކޭސްތަކެއް ރާއްޖެއިން ފެންނަން ފެށުމާ އެކު މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް އެންޕަވަޔަމެންޓްގެ ދަށުގައިވާ ހުރިހާ ކުޅިވަރުކުޅޭ ތަންތަނާއި މަރުކަޒުތައް ބަންދުކުރީ މާޗް މަހުގެ 15 ވަނަ ދުވަހު އެވެ. އެއަށްފަހު އަދިވެސް ކުޅިވަރުތައް ފެށޭނެ ތާރީހެއް ބުނަން ނޭންގޭ އިރު ބައެއް އެސޯސިއޭޝަން ތަކުން މިއަހަރަށް ތާވަލުކޮށްފައި ހުރި މުބާރާތްތައް ވަނީ މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފަ އެވެ. އަދި އެހެންމެ ބައެއް އެސޯސިއޭޝަންތަކުން މިހާރު ވަނީ ބޮޑެތި މުބާރާތްތައް ވެސް ނުކުޅެ ކެންސަލް ކޮށްފަ އެވެ. އެއާއެކު ގައުމީ ޓީމުތަކުގެ ޕްރެކްޓިސްތައް ވެސް ވަނީ މެދުކެނޑުމަކަށް އައިސްފަ އެވެ. އަދި ޕްރެކްޓިސްތައް ކުރިއަށް ނުދާތީ ކުޅުންތެރިންނަށް ސަރުކާރުން ދޭ 5،000 ރުފިޔާގެ އެލަވަންސް ވެސް މި ދުވަސްވަރު ނުދޭން ވަނީ ނިންމާފަ އެވެ. އެއާ އެކު ކުޅިވަރު ހަރަކާތްތަކުން ދިރިއުޅުމަށް އާއްމުދަނީ ހޯދާ ބައެއް ކުޅުންތެރިންނަށް ވަނީ ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހިފަ އެވެ. މިކަންކަމަށް ހައްލެއް ހޯދުމުގެ ގޮތުން ރޭގެ ވަގުތެއްގައި ކުޅިވަރާ ބެހޭ ވަޒީރު މަހްލޫފް ވަނީ ރާއްޖޭގެ ގައުމީ ހުރިހާ ކުޅިވަރު އެސޯސިއޭޝަންތަކުގެ އިސްވެރިންނާ އެކު ވީޑިއޯ ކޮންފަރެންސެއް ބާއްވައިފަ އެވެ. އެ ބައްދަލުވުމާ ބެހޭ ގޮތުން ވާހަކަ ދައްކަމުން މަހްލޫފް ރޭ ކުރެއްވި ޓްވީޓުގައި ވިދާޅުވީ، ކުޅިވަރު އެސޯސިއޭޝަންތަކާ އެކު ބޭއްވުނު ބައްދަލުވުމަކީ ވަރަށް ޕްރޮޑަކްޓިވް ބައްދަލުވުމެއް ކަމަށާއި، ގައުމީ ޓީމުތަކުގެ ކުޅުންތެރިންނާއި، ކުޅިވަރު އެކެޑެމީތަކަށް އެލަވަންސްތައް ދިނުމާ ބެހޭ ގޮތުން މަޝްވަރާ ކުރެވުނު ކަމަށެވެ. އަދި ނިއު ނޯމަލްއާ އެކު ކުޅިވަރުތައް އަލުން ފަށާނެ ގައިޑްލައިނެއް އެކުލަވާލުމަށް ވެސް މި ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ކަމަށް މަހްލޫފް ވިދާޅުވި އެވެ. ކޮވިޑް-19 ގެ ސަބަބުން ގައުމުގައި އޮތް ލޮކްޑައުން އުވާލައި އާއްމު ހާލަތަށް ރުޖޫއަ ވެއްޖެ ނަމަ ސެޕްޓެމްބަރު ހިސާބުގައި ފުޓުބޯޅައިގެ ހަރަކާތްތައް އަލުން ފެށުމަށް މަޝްވަރާ ކުރެވިފައިވާ ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.
ނިއު ނޯމަލްއާ އެކު ކުޅިވަރުތަކަށް ވާނޭ ގޮތަކާ މެދު މަޝްވަރާ ކޮށްފި
މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 ގެ ޝިކާރައަކަށްވޖ ޔުވެންޓަސްގެ ފޯވަޑް، ޕައުލޯ ޑިބާލާ އެ ބަލިން ފަސޭހަވުމާ އެކު ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށައިފި އެވެ. ކޮވިޑް-19 އަށް ޕޮޒިޓިވްވި ކަން ޑިބާލާ އެންމެ ފުރަތަމަ އިއުލާން ކުރީ މާޗު މަހުގެ 21 ގަ އެވެ. އޭނާ އާއި އޭނާގެ ލޯބިވެރިޔާވެވެސް އޭރު ޕޮޒިޓިވް ވި އެވެ. ޑިބާލާ އާ ދާދި އެއްކޮށް ކަހަލަ ގޮތަކަށް، ކޮވިޑް ޖެހުނު ޔުވެންޓަސްގެ ޑިފެންޑަރު، ޑެނިއަލް ރުގާނީ އާއި މިޑްފީލްޑަރު ބްލޭސް މަޓްއީޑީ ވެސް ވަނީ މީގެ ދުވަސްކޮޅެއް ކުރިން ކޮވިޑް-19 އިން ރަނގަޅުވެފަ އެވެ. ބަލި ޖެހުނުތާ ހަ ހަފުތާ ފަހުން ކޮވިޑުން ސަލާމަތްވިކަން ޑިބާލާ އިންސްޓަގުރާމް މެދުވެރިކޮށް ކުރި ޕޯސްޓެއްގައި އިއުލާން ކުރީ މިދިޔަ ހަފުތާގެ ތެރޭގަ އެވެ. އަދި ބަލިން މުޅިން ފަސޭހަވިކަން ޔަގީންވުމުން އޭނާ މިހާރު ވަނީ ޔުވެންޓަސްގެ ޓީމް ފަރިތަކުރުންތަކުގައި ވެސް ބައިވެރިވާން ފަށައިފަ އެވެ. ޔުވެންޓަސްގެ ފޯވާޑް ޕައޮލޯ ޑިބާލާ ކޮވިޑުން ރަނގަޅުވުމުން ޔުވެންޓަސްގެ ފަރިތަކުރުންތަކުގައި ބައިވެރިވަނީ --- ފޮޓޯ: ބްލީޗާ ރިޕޯޓް އުމުރުން 26 އަހަރުގެ ޑިބާލާ އިންޑިވިޖުއަލް ފަރިތަކުރުންތަކުގައި ބައިވެރިވާން ފެށި އިރު، ޔުވެންޓަސްއިން އަންނަނީ އަންނަ މަހުގެ ތެރޭގައި ހުއްޓިފައިވާ އިޓާލިއަން ލީގު ފެށުމަށް ތައްޔާރުވަމުންނެވެ. އެގޮތުން ގައުމުން ބޭތުގައި ތިބި ކުޅުންތެެރިންވެސް އަނބުރާ އިޓަލީއަށް އައިސްފައިވާ އިރު މި މަހުގެ ތެރޭގައި ރަސްމީކޮށް ޕްރެކްޓިސްތައް ފަށާނެ ކަމަށް އެކުލަބުން ވަނީ ބުނެފަ އެވެ. ނަމަވެސް ޕްރެކްޓިސްތައް ފެށުމުގެ ކުރިން ހުރިހާ ކުލަބެއްގެ ކުޅުންތެރިން ވައިރަހަށް ޓެސްޓް ކުރަމުންދާ އިރު އަދިވެސް ބައެއް ކުލަބުތަކުގެ ކުޅުންތެރިންގެ ގައިން ވައިރަހުގެ އަސަރު ދަނީ ފެންނަމުންނެވެ. އެއާ އެކު އައިސޮލެޝަންގައި ކުޅުންތެރިން ބައިތިއްބާފައިވާ އިރު އަންނަ މަހުގެ ތެރޭގައި ލީގު ފެށި ނަމަވެސް މެޗުތައް ކުޅޭނީ އެއްވެސް ސަޕޯޓަރަކު ނުވައްދަ އެވެ. ކޮރޯނާ ވައިރަހުގެ އަސަރު އެންމެ ބޮޑަށް ކުރި އިޓަލީން އެގައުމުގެ ކުޅިވަރުގެ ހުރިހާ ހަރަކާތެއް މެދުކަނޑާލީ މާޗު މަހުގެ ކުރީކޮޅު އެވެ. އޭގެ ފަހުން މިހާރު ދެމަސް ދުވަސް ވެފައިވާ އިރު އިޓަލީގެ ހާލަތު މިހާރު ވަނީ ބޮޑުތަނުން ރަނގަޅުވެފަ އެވެ.
ކޮވިޑުން ރަނގަޅުވުމުން ޑިބާލާ އެނބުރި ޓްރެއިނިންގްއަށް
ކޮވިޑް19 އިން އަރައިގަތުމަށް ރާއްޖެއާއި ޗައިނާ ގުޅިގެން މަސައްކަތްކުރުމަށާއި، އެމަސައްކަތްކުރާނެ އޮނިގަނޑެއް ރޭވުމާ ބެހޭ ގޮތުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއިި ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖަންގް ލީޖޮންގް މަޝްވަރާކުރައްވައިފި އެވެ. ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް މިނިސްޓަރާއި ސަފީރު ކުރެއްވި މަޝްވަރާތަކުގައި ދެ ގައުމުގެ ދެމެދުގައި މިހާރު ކުރިއަށްދާ މަސައްކަތްތަކާއި ބެހޭގޮތުންނާއި، ޗައިނާއިން ރާއްޖޭގައި ހިންގަމުންދާ މަޝްރޫއުތަކާ ބެހޭގޮތުން މަޝްވަރާކުރެއްވި ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ. އަދި ކުރިއަށް ރޭވިފައި ހުރި ބައެއް މަސައްކަތްތަކާ ބެހޭ ގޮތުންވެސް ދެ ބޭފުޅުން ވަނީ މަޝްވަރާކުރައްވައިފަ އެވެ. އެ ބައްދަލުވުމުގައި ޗައިނާ ސަފީރު ވަނީ އަދި ކޮވިޑް19 އިން އަރައިގަތުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ޗައިނާއިން ޝައުގުވެރިވާކަމަށް ވެސް ވިދާޅުވެފަ އެވެ. ރާއްޖެއިން ކޮވިޑް19 އާ ދެކޮޅަށް ކުރާ މަސައްކަތަށް އެހީވުމަށް ޗައިނާ ހިލޭ އެހީގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ވަނީ 800 އެނދުގެ ޖާގަ ހިމެނޭ ލޭބާ ކުއާޓަރެއް އިމާރާތް ކޮށްދީފަ އެވެ. އަދި 10 މޮބައިލްގެ ހަދަން ބޭނުންވާ ތަކެތި ވެސް ޗައިނާއިން ވަނީ ރާއްޖެއަށް ހަދިޔާކޮށްފަ އެވެ. މީގެ އިތުރުން ބެއިޖީން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ)ގެ ފަރާތުން ހުޅުމާލޭގައި ހުރި ދެ ބުރި އިމާރާތެއް ރެނޮވޭޓް ކުރުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ. ޗައިނާއިން މީގެ ކުރިން ރާއްޖެއަށް ވަނީ 10 ވެންޓިލޭޓަރާއި 30،000 ސާޖިކަލް މާސްކާއި އިމަޖެންސީ ސާމާނު ވެސް ހަދިޔާކޮށްފަ އެވެ.
ޗައިނާއާ ގުޅިގެން ކޮވިޑް19 އާ ދެކޮޅަށް މަސައްކަތް ކުރާނެ އޮނިގަނޑެއް އެކުލަވާލަނީ
އިނގިރޭސިވިލާތުގައި ކޮރޯނާ ވައިރަސްގެ އަލާމާތްތައް ހުންނަ ފަސް އަހަރުން މަތީގެ މީހުން އެ ބައްޔަށް ޓެސްޓްކުރަވޭ ގޮތަށް ހަދަން ނިންމައިފި އެވެެ. އިނގިރޭސިވިލާތުގެ ހެލްތު ސެކެޓްރީ މެޓް ހެންކޮކް ނެރުނު ބަޔާނުގައި ވަނީ އެ ޕްލޭން ކުރިއަށް ގެންދަން ނިންމިކަން އިއްޔެ އިއުލާންކުރައްވައިފަ އެެވެ. "ގަދައަށް ހުން އައިސް ގިނަގިނައިން ކެއްސާފަ، ވަހަށާއި ރަހައިގެ ހިއްސުގައި ތަފާތުކަމެއް އުޅޭ ފަސް އަަހަރުން މަތީގެ އެންމެން ޓެސްޓްކުރެވޭނެ." އޭނާ ވިދާޅުވި އެވެެ. މީގެ ކުރިން ޓެސްޓްކުރުމުގައި އިސްކަން ދީފައިވަނީ ބައެއް މީހުންނަށެވެ. އޭގެެ ތެރޭގައި އެކި މުހިންމު މަސައްކަތްތަކުގައި ޝާމިލްވާ މީހުންނާއި އުމުރުން 65 އަހަރުން މަތީގެ މީހުންނަށެެވެ. ނޫން ނަމަ އެފަދަ މީހުންނާ ކައިރީގައި އުޅުނު މީހުންނަށެވެ. ބަލީގެ އަލާމާތްތައް ހުންނަ މީހުން އެކަމަށް ހާއްސަކޮށްފައިވާ ވެބްސައިޓަށް ވަދެ ހޯމް ޓެސްޓް ކިޓްތަކާއި ގައުމުގެ އެކި ސަރަހައްދުތަކުގައި ގާއިމްކޮށްފައިވާ ސެންޓަރުތަކަށް ދާން ބުކްކުރެވޭގޮތް މިހާރު ވަނީ ހަދައިފައެވެެ. އިނގިރޭސިވިލާތުގައި ކޮރޯނާއަށް ޓެސްޓްކުރުމުގެ ކެޕޭސިޓީވެސް މިހާރު ވަނީ އިތުރުކޮށްފައެވެ. އެގޮތުން ދުވާލަކު ޓެސްޓްކުރެވޭ މިންވަރު 118،822 އަށް ވަނީ އިތުރުކޮށްފައެވެ. މިއީ ޓެސްޓްކުރަން އޮންނަ ޑިމާންޑަށް ވުރެވެސް އިތުރު އަދަދެކެވެ. އޭގެ އިތުރުން ބަލި ކޮންޓްރޯލް ކުރަން ކޮންޓެކްޓް ޓްރޭސިން އެޕެއް ނެެރެފައިވާއިރު އެ މަސައްކަތަށް 18،000 އެއްހާ މުވައްޒަފުން މިހާރު ވަނީ ރެކްރޫޓްވެސްކޮށްފައެވެެ. އެއާއެކު ވަކި ވަކި ހިސާބުތަކުގައި "އައުޓް ބްރޭކް" އެއް އުޅުނަސް ވަރަށް އަވަހަށް ދެނެގަނެވޭނެއެވެެ. މިއީ އެގައުމުގައި ބަލި ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ހަރުކަށި ފިޔަވަޅުތައް ވީހާވެސް އަވަހަކަށް ނައްތާލުމަށް އެހީވުމުގެ ގޮތުން އަޅަމުންދާ ފިޔަވަޅުތަކެކެވެ. ދެކުނު ކޮރެއާ ފަދަ ގައުމުތަކުގައިވެސް ފުރަތަމަ ދުވަސްވަރު ޓެސްޓިން ކެޕޭސިޓީ އިތުރުކޮށް އަވަހަށް ބަލި މީހުން ދެނެގަނެ ވަނީ ބަލި ކޮންޓްރޯލް ކޮށްފައެވެ. ގާޑިއަން
އަލާމާތްތައް ހުންނަ ފަސް އަހަރުން މަތީގެ އެންމެން ޔޫކޭގައި ޓެސްޓްކުރަނީ
މިއީ ރޯދަމަހު ކެއުންބުއިމުގެ ކަންކަން ބައްޓަންކުރާނެ ގޮތާ ބެހޭގޮތުން އާންމުކޮށް ކުރެވޭ ސުވާލުތަކަށް ޓްރީޓޮޕް ހޮސްޕިޓަލުގެ ކްލިނިކަލް ނިއުޓްރިޝަނިސްޓު ހެމާޝްރީ ނަރަޔަނަން ދެއްވާފައިވާ ޖަވާބުތަކެއްގެ ދިވެހި ތަރުޖަމާއެވެ. މި ޖަވާބުތައް "ސަން"ގައި ޝާއިއުކުރާނީ ހަތަރު ލިޔުމެއްގެ މައްޗަށް އެކުލެވޭ ސިލްސިލާއެއްގެ ގޮތުގައެވެ. މިއީ މި ސިލްސިލާގެ ހަތަރުވަނަ، އަދި އެންމެ ފަހު ލިޔުމެވެ. ފުރަތަމަ ބައި ދެވަނަ ބައި ތިންވަނަ ބައި 10. ރޯދައަށް ހުންނަ އިރު ސިއްހީ މައްސަލަތަކުން ރައްކާވުމަށް ކުރަންވީ ކޮންކަމެއް؟ ރޯދައަށް ހުންނަ ވަގުތު ހަށިގަނޑުން ގެއްލިފައިވާ ފެން އަލުން ލިއްބައިދިނުމަށްޓަކައި، ރޯދަ ވީއްލުމަށްފަހު ގިނައިން ފެން ބޯންޖެހޭނެ. ބޮލަށް އެނބުރުން އެރުމާއި، ކޮޅަށް ނުހުރެވުން ފަދަ ކަމެއް ދިމާވެއްޖެނަމަ ލޮނު ނުވަތަ ހަކުރުކޮޅެއް އަޅައިގެން ފެން ތައްޓެއް ބުއިމުން ފަސޭހަވާނެއެވެ. ނުވަތަ ހަކުރު އެޅި ބުއިމެއް، ނުވަތަ ރީހައިޑްރޭޝަން ސޮލިއުޝަނެއްވެސް ރަނގަޅުވާނެއެވެ. 11. ރޯދަމަހު ކެއުންބުއިމުގައި ފެން ހިމަނަންޖެހެނީ ކިހާ ވަރަކަށް؟ ފެނަކީ ހަށިގަނޑުގައި އިލެކްޓްރޮލައިޓްސް ބެލެންސްކޮށްދޭ އެއްޗެކެވެ. އަދި ފެނަކީ ހަށިގަނޑުތެރޭގައި ހިނގާ ކެމިކަލް ރިއެކްޝަންތަކަށް އެހީތެރިވެދޭ އެއްޗެއް ކަމުން، ހަށިގަނޑަށް ނިއުޓްރިއެންޓްސް ނެގުމަށްޓަކައި ފެން ވަރަށް މުހިންމެވެ. ރޯދަމަހުގައި، އަދި ޚާއްސަކޮށް ހޫނު ދުވަސްވަރު ދުވަހުގެ ގިނަ ވަގުތު ރޯދައަށް ހުރުމުގައި، ގިނައިން ފެން ބުއިމަކީ ވަރަށް މުހިންމު ކަމެކެވެ. ފެނުގެ އިތުރުން ޖޫހާއި ސޫޕް، އަދި މޭވާއާއި ތަރުކާރީއަކީ ހަށިގަނޑަށް ފްލުއިޑްސް ލިއްބައިދޭ ރަނގަޅު ތަކެއްޗެވެ. ރޯދައަށް ހުންނަ މީހާ، ރޯދައަށް ހުރުމަށް ތައްޔާރުވުމަށްޓަކައި އިތުރަށް ފެން ބުއިން އެދެވިގެން ވެއެވެ. ސަބަބަކީ، ފެނަކީ ކެލޮރީސް ހިމެނޭ އެއްޗަކަށް ނުވެފައި، އަދި ރޯދައަށް ހުންނަ ވަގުތު ހަށިގަނޑުން ފްލުއިޑްސް ގެއްލޭ ގެއްލުން ފޫބައްދައިދޭތީއެވެ. ކެލޮރީސް ގިނަ ބުއިންތަކުގެ ސަބަބުން ހަށިގަނޑު ބަރުދަން އިތުރުވުމަށް މަގުފަހިވެއެވެ. އަދި ސަޔާއި ކޮފީ ފަދަ ސްޓިމިއުލަންޓް ބުއިންތަކަކީ ޑިއުރިޓިކްސް ކަމުން، އެތަކެތީގެ ސަބަބުން ހަށިގަނޑުން ފްލުއިޑްސް މަދުވުން އެކަށީގެން ވެއެވެ. އޭގެ ބަދަލުގައި ގިނަ އަދަދަކަށް ފެނާއި ފްލުއިޑްސް ހިމެނޭ މޭވާއާއި ތަރުކާރީ ބޭނުންކުރުމަކީ އެދެވިގެންވާ ކަމެކެވެ. މިސާލަކަށް ވޯޓާކްރެސް، އަދި ކަރާ ގިނައިން ބޭނުންކުރުން އެދެވިގެން ވެއެވެ. ލޮނާއި އެހެނިހެން ހަވާދުގެ ބާވަތްތައް ހިމެނޭ ތަކެތި ކެއުމަކީ ކަރުހިއްކުމަށް މަގުފަހިވެދާނެ ކަމެކެވެ. ރޯދައަށް ހުންނަ ވަގުތު ކަރުހިއްކުމުގެ އިހުސާސް ކުރެވުމަށް މެދުވެރިވެދާނެތީ، ހާރުކެއުމަށް މިފަދަ ތަކެތި ކެއުމަކީ އެދެވިގެންވާ ކަމެއް ނޫނެވެ. ރޯދަ ވީއްލާ ވަގުތު ފިނި ފެން ބުއިމަށްވުރެ ތާފަނާ ފެން ބުއިމަކީ، ކާތަކެތި ހަޖަމުކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ. ގިނައިން ފެން ބުއިމަށް ބާރު އެޅުމުގެ ގޮތުން ފެނަށް ލުނބޯ ފޮތި ނުވަތަ މިންޓް ލީވްސް އެޅުމަކީ ކުރެވިދާނެ ކަމެކެވެ. ފެނަކީ ދިރިހުރުމުގެ މުހިންމު ބައެކެވެ. ފެނާ ނުލައި، ހަށިގަނޑުގެ ބައެއް މުހިންމު މަސައްކަތްތަކެއް ކުރިއަކަށް ނުދާނެއެވެ. 12. މާބަނޑު ދުވަސްވަރު ރޯދައަށް ހުންނާނީ ކިހިނެއް؟ މާބަނޑު ދުވަސްވަރަކީ ހަށިގަނޑަށް ނިއުޓްރިއެންޓްސްއާއި ފްލުއިޑްސް ވަރަށް ބޮޑަށް ބޭނުންވާނެ ދުވަސްވަރެކެވެ. މާބަނޑު ދުވަސްވަރު ރޯދަމަހާ އިއްތިފާގުވެ، ރޯދައަށް ހުންނަން ބޭނުންވާ ނަމަ ފުރަތަމަ ސިއްހީ މާހިރަކާ ވާހަކަ ދައްކާލާށެވެ. މާބަނޑު ދުވަސްވަރު ރޯދައަށް ހުންނަން އެދޭ ނަމަ، މުޅި ރޯދަމަހު ރޯދައަށް ހުރުމުގެ ބަދަލުގައި ދުވަސްދުވަހަށް ބަހާލައިގެން ރޯދައަށް ހުރުން ފަދަ ގޮތެއް ޚިޔާރު ކުރެވިދާނެއެވެ. މިސާލަކަށް ދެ ދުވަހުން އެއް ދުވަހުން ރޯދައަށް ހުރުން، ނުވަތަ ހަފްތާ ބަންދުގެ ދުވަސްތަކުގައި ރޯދައަށް ހުރުން ފަދަ އޮޕްޝަނެއް ޚިޔާރުކުރެވިދާނެއެވެ. ރޯދަމަސް ދިމާވަނީ ހޫނުގަދަ ދުވަސްތަކަކަށް ކަމަށް ވާނަމަ، ޑީހައިޑްރޭޝަންގެ ނިޝާންތައް ފެނޭތޯ ރަނގަޅަށް ބަލާށެވެ. ކަރުހިއްކުމުގެ އިތުރުން ކުޑަކަމުދާ ތަކެތި ގަދަ ކުލައެއްގައި ހުރުމަކީ ޑީހައިޑްރޭޝަންގެ ބައެއް ނިޝާންތަކެވެ. ބައެއް އެހެން އަލާމާތްތަކުގެ ތެރޭގައި ބޯއެނބުރުން، ބޮލުގައި ރިއްސުން، ވަރުބަލިވުން، އަނގައާއި ކަރުތެރެ ހިކުން، އަދި މާ މަދުން ކުޑަކަމުދެވުން ހިމެނެއެވެ. ރޯދައަށް ހުންނަ ވަގުތު ނުވަތަ އަރާމުކޮށްލުމަށްފަހުވެސް ބޯ އަނބުރައި، ވަރުބަލިވެ، އަނބުރައިގަތުން ނުވަތަ ޚަބަރު ހުސްވުން ފަދަ ކަމެއް ދިމާވެއްޖެނަމަ ރޯދަ ވީއްލާނީ ފޮނި ބުއިމަކުން ނުވަތަ ލޮނުގަދަ ކާނާއަކުންނެވެ. ސަބަބަކީ ހަށިގަނޑުން ގެއްލިފައިވާ ހަކުރާއި ލޮނާއި ފެން އަލުން ހޯދުމަށެވެ. ޑީހައިޑްރޭޝަނުން ސަލާމަތްވުމަށްޓަކައި އަތްވަށް ނުވަތަ ބޭރުތެރެއަށް ނުނުކުމެ، ފިނި ތަނެއްގައި ނުވަތަ ގޭތެރޭގައި މަޑުކުރާށެވެ. އަދި ރޯދަ ވީއްލާ ވަގުތާއި ހާރުކާ ވަގުތު ގިނައިން ފެން ބޯށެވެ. މާބަނޑު ދުވަސްވަރަކީ އާންމުކޮށް ފެން ބޯ މިންވަރަށްވުރެ ތައްޓެއް ނުވަތަ ދެ ތަށި ގިނައިން ފެން ބޭނުންވާނެ ދުވަސްވަރެކެވެ. ގިނައިން ފެން ބުއިމުގެ އިތުރަށް، ފެން ގިނައިން އެކުލެވޭ މޭވާއާއި ތަރުކާރީ، އަދި ސޫޕްއާއި ސުރުވާ (ސްޓޫ) ފަދަ ބާވަތްތަކުން ރޯދަ ވީއްލުމާއި ހާރުކެއުން އެދެވިގެން ވެއެވެ. މީގެ އިތުރުން މާ ލޮނުގަދަ ތަކެތި ޑައެޓުން ދޫކޮށްލުމަކީވެސް ރަނގަޅު ގޮތެކެވެ. ރޯދަމަހު ސިއްހަތަށް ފައިދާހުރި، މިންހެޔޮ ޑައެޓެއް ކައި، އަދި މައިމީހާއާއި ދަރިފުޅަށް ބޭނުންވާ ނިއުޓްރިއެންޓްސް ލިބޭނެ މަގު ފަހިކުރުމަށްޓަކައި ސަޕްލިމެންޓްސް (ފޮލިކް އެސިޑް އަދި ވިޓަމިން ޑީ) ނެގުމަކީ މުހިންމު ކަމެކެވެ. އަދި މަޑުމަޑުން އެނާޖީ ރިލީޒްކުރާ ލޯ ގްލައިސެމިކް އިންޑެކްސް ފުޑް (ހޯލް މީލް ޕާސްތާ، ހޯލް މީލް ބްރެޑް، އޯޓްސް އަދި ބްރޭން ހިމެނޭ ސީރިއަލސް، ބީންސް އަދި އަންސޯލްޓެޑް ނަޓްސް) ހާރުކެރުމަށް ބޭނުންކުރުމަކީ ކުރެވިދާނެ ކަމެކެވެ. ރޯދަމަހު ރޯދައަށް ހުރުމަށް ނިންމައި، ރޯދަހިފުން ކުރިއަށް ގެންދަނިކޮށް ބަލިވެއްޖެނަމަ ނުވަތަ ސިއްހީ މައްސަލައެއް ދިމާވެއްޖެނަމަ ލަސްނުކޮށް ސިއްހީ މާހިރަކާ ގުޅައި ވާހަކަދެއްކުމަކީ ވަރަށް މުހިންމު ކަމެކެވެ. (ނިމުނީ)
ރޯދަމަހުގައި ކެއިންބުއިމުގެ ކަންކަން ބައްޓަންކުރާނެ ގޮތް (4)
ކޮވިޑް-19 ކޮންޓްރޯލުކުރުމަށް މާލޭ ސިޓީގައި އިއުލާނުކޮށްފައިވާ ފުރަބަންދުގެ އަމުރާ ހިލާފުވި 276 މީހަކު މިހާތަނަށް ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ. ފުލުހުން ބުނެފައިވަނީ ފުރަބަންދުގެ އަމުރާ ހިލާފުވުމުން ހައްޔަރުކުރި މީހުންގެ ތެރެއިން 243 މީހުން ހައްޔަރުކޮށްފައިވަނީ މާލެ ސިޓީއިން ކަމަށެވެ. އަދި 30 މީހަކު ހުޅުމާލެއިން ހައްޔަރުކޮށްފައިވާއިރު ވިލިމާލެއިން ހައްޔަރުކޮށްފައިވަނީ ތިން މީހެއް ކަމުގައި ފުލުހުން ބުންޏެވެ. ނިމިގެން މިދިޔަ ރޯދަމަހުގެ އެންމެ ފަހު ދުވަހުގައިވެސް ފުރަބަންދާ ހިލާފުވި ހަތަރު މީހެއް ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ހާމަކޮށްފައިވެ އެވެ. ފުރަބަންދުގައި ގަވާއިދާ ހިލާފަށް ބޭރުގައި އުޅުނު މީހުންގެ ތެރެއިން ގިނަ ބަޔަކު ވަނީ ޖޫރިމަނާކޮށްފަ އެވެ. އެގޮތުން މިހާތަނަށް އައި އިރު 5،025 މީހެއް ވަނީ ޖޫރިމަނާކޮށްފަ އެވެ. އެއީ މާލެއިން 4،342 މީހުންނާއި ހުޅުމާލެއިން 583 އަދި ވިލިމާލެއިން 100 މީހުންނެވެ. ފުލުހުން ބުނެފައިވަނީ އިއްޔެ އެކަނިވެސް ޖުމްލަ 107 މީހަކު ޖޫރިމަނާކޮށްފައިވާ ކަމަށެވެ. އެއީ މާލެއިން 94 މީހަކާއި ހުޅުމާލެއިން 13 މީހެއް ކަމަށް ފުލުހުން ބުންޏެވެ.
މަގުމައްޗަށް ނިކުތް 5025 މީހަކު ޖޫރިމަނާ، 276 މީހަކު ހައްޔަރު
ރެސްޓޯރެންޓްތަކާއި ކެފޭތަކާއި ސެލޫންތައް ފަދަ ތަންތަން ޕޮލެންޑްގައި އަލުން ހުޅުވައިފި އެވެ. "އަހަރެންގެ އަންހެނުން ސެލޫންއަކަށް ދާން ކެތްމަދުވެފައި ހުންނަތާ މިހާރު ދެ މަސް ވެއްޖެ،" ޕޮލެންޑްގެ މީހަކު ބީބީސީއަށް ކިޔައިދިނެވެ. ޕޮލެންޑްގެ ރައީސް އެ ތަންތަން ހުޅުވާނެކަން އިއުލާންކުރިތާ ކުޑައިިރުކޮޅެއްގެ ތެރޭގައި ޓެކްސްޓް މެެސެޖެއް ލިބި ފުރަތަމަ ދުވަހު އެޕޮއިންޓްމަންޓެއް ލިބޭ ގޮތްވި ކަމަށް އޭނާ ބުންޏެވެ. ކެފޭ ފަދަ ތަންތަން ހުޅުވި ނަމަވެސް އެތަންތަން ހުޅުވާފައި ވަނީ ވަރަށް ހަރުކަށި ގަވައިދުތަކާއެކު އެެވެ. އެތަންތަނަށް ވަނުމާ އެކު ޑިސްއެންފެކްޓެންޓަކުން އަތްދޮވެ އަންގި ލައްވައި ހަދަން ޖެހެ އެވެެ. އެ ތަންތަނުގެ ސްޓާފުންނެކޭ އެއްގޮތަށް ކަސްޓަމަރުން ވެސް މާސްކް އަޅަން ޖެހެ އެެވެ. މޭޒުތައް އަތުރާފައި ހުންނަނީ 1.5 މީޓަރު ދުރުމިނުގަ އެވެ. އަދި ވެސް އިތުރު ގަވައިދުތަކެއް ވަނީ ހިމަނައިފަ އެވެ. ހޫނުކޮށް ހުންނަ ބުއިންތައް ލިބޭކަށް ނުހުރެ އެެވެ. އަދި ފޯން ނަގައިގެން ނުތިބެވޭއިރު ސެލޫންގައި މަޑުކޮށްގެން ނުތިބެވެ އެެވެ. އޭގެ އިތުރުން ސްޓާފުން ގަވައިދުން މީހުންގެ ފިނި ހޫނު މިން ބަލަ އެވެެ. ބީބީސީއަށް މައުލޫމާތު ދިން މީހަކު ބުނީ މި ދަނޑިވަޅު ސެލޫންތައް ފަދަ ތަންތަނަށް ޑިމާންޑް ބޮޑުވެފައިވާތީ އޭގެ ފައިދާ ނަގައި ބައެއް ތަންތަނުން އަގުތައް ވެސް ބޮޑުކޮށްފައިވާ ކަމަށެވެެ. "އަހަރެންގެ އަންހެނުން ދާ ސެލޫންއިން ނަސީބަކުން ހިދުމަތްތައް އަގުބޮޑެއް ނުކުރޭ،" ބީބީސީއަށް ވާހަކަ ދެއްކި މީހާ ބުންނެވެ. މިހާތަނަށް ކޮރޯނާ ޖެހިފައިވާ 18،885 މީހަކު ޕޮލެންޑުން ފެނިފައިވާއިރު 936 މީހަކު ބަލީގައި ވަނީ މަރުވެފަ އެެވެ. ޕޮލެންޑެކޭ އެއްގޮތަށް ޔޫރަޕްގެ އެހެން ބައެއް ގައުމުތަކުގައި ކޮރޯނާ ފެތުރޭ މިންވަރު މަދުވެ، ކުރިން އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކަށް ދަނީ ލުއިދެމުންނެވެ. ބީބީސީ
ކެފޭތަކާއި ސެލޫންތައް ޕޮލެންޑްގައި ހުޅުވައިފި
ކޮވިޑް-19 ގެ ސަބަބުން މި އަހަރު ރާއްޖޭގައި ބާއްވަން ނިންމާފައިވާ 54 ވަނަ ބޮޑީބިލްޑިންގ އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕް ނުބާއްވަން ނިންމައިފިއެވެ. ބޮޑީބިލްޑިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި އޭޝިއަން ބޮޑީބިލްޑިންގ އެންޑް ފިޒީކް ސްޕޯޓްސް ފެޑަރޭޝަން ގުޅިގެން އެ މުބާރާތް ކުރިއަށް ގެންދަން ނިންމާފައި އޮތީ އަންނަ ސެޕްޓެމްބަރު މަހުގެ ފަސްވަނަ ދުވަހުން ފެށިގެން 11 އާ ހަމައަށް، ކ. މާފުށީގައެވެ. ބޮޑީބިލްޑިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ކޮވިޑް19 އާ ގުޅިގެން ދުނިޔެ އާއި ރާއްޖޭގައި އަޅާފައިވާ ފިޔަވަޅުތަކުގެ އިތުރުން، ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކޮށްފައިވާތީ އެ މުބާރާތް މި އަހަރު ނުބާއްވަން ނިންމާފައިވާ ކަމަށެވެ. އެ ނިންމުން ނިންމާފައި ވަނީ ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފާއި، އޭބީބީއެފް އަދި އެ އެސޯސިއޭޝަން އެކުގައި ކުރި މަޝްވަރާތަކަށްފަހު ކަމަށް ބަޔާނުގައިވެއެވެ. އަދި އެ މަޝްވަރާގެ ތެރެއިން، އަލުން އެ މުބާރާތް ދެން ބާއްވާނީ، އަންނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ އެކަކުން ހަތަކަށް ކަމަށް ވެސް ވަނީ ނިންމައިފައެވެ. ބޮޑީ ބިލްޑިން އެސޯސިއޭޝަނުން ބުނީ މުޅި ދުނިޔެއަށް ދިމާވެފައިވާ ސިއްހީ ނުރައްކާތެރި ދަނޑިވަޅުގައި، ދިވެހި ސަރުކާރާއި، އިންޓަނޭޝަނަލް ފެޑަރޭޝަނާއި އަދި އެ އެސޯސިއޭޝަނުން ވެސް އިސްކަން ދެނީ މުޖުތަމައުގެ ރައްކާތެރިކަމާއި އަދި ފަރުދުންނާއި، ކުޅިވަރުގައި ބައިވެރިވާ އެތުލީޓުންނާއި ކުޅިވަރު ކުރިއެރުވުމަށް މަސައްކަތްކުރާ މީހުންގެ ރައްކާތެރިކަމަށް ކަމަށެވެ.
އޭޝިއަން ބޮޑީބިލްޑިން ޗެމްޕިއަންޝިޕް މި އަހަރު ނުބާއްވަން ނިންމައިފި
ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ހިންގާ އަމިއްލަ ހޮސްޕިޓަލް އޭޑީކޭ އިން ކޮވިޑް-19 އަށް ޓެސްޓް ކުރެވޭ މެޝިނެއް އިންސިޓޯލްކުރުމުގެ މަސައްކަތް ފަށައިފި އެވެ. މިހާރު ރާއްޖޭގައި ކޮވިޑް-19 އަށް ޓެސްޓް ކުރެވެނީ ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗް އާއި ފުލުހުންގެ ފޮރެންސިކްގައި ހުންނަ މެޝިނަކުން އެކަންޏެވެ. އެޑީކޭގެ ޖެނަރަލް މެނޭޖަރ އަހްމަދު އައްފާލް 'ސަން' އަށް ވިދާޅުވީ، ކޮވިޑް-19 އަށް ޓެސްޓް ކުރެވޭ ޕީސީއާރު ސިސްޓަމެއް އޭޑީކޭ ޓްރޭޑް އެންޑް ޝިޕިންގެ ފަރާތުން އެ ހޮސްޕިޓަލަށް ގެނައިސްފައިވާ ކަމަށާއި މިހާރު ކުރިއަށް ދަނީ އެކަމަށް ބޭނުންވާ މުވައްޒަފުން ތަމްރީން ކުރުމުގެ މަސައްކަތް ކަމަށެވެ. އާންމު އުސޫލުން ނަމަ އެ ފަދަ މެޝިންތައް ގެންނައިރު އިންސްޓޯލްކޮށް މުވައްޒަފުން ތަމްރީންކޮށްދިނުމަށް ޓެކްނިކަލް މީހުން އަންނަ ކަން އައްފާލް ފާހަގަކުރެއްވި އެވެ. ނަމަވެސް މިހާރުގެ ހާލަތުގެ ހުރިގޮތުން ބޭރުން ޓެންނިކަލް މީހުން އާދެވިފައިނުވާ ކަމަށް އައްފާލު ވިދާޅުވި އެވެ. އެހެންކަމުން ޓްރެއިނިން މަރުހަލާ ވެސް ކުރިއަށް ގެންގޮސްފައިވަނީ އޮންލައިންކޮށް ކަން އައްފާލް ވަނީ ފާހަގަކުރައްވާފަ އެވެ. "މިހާރު ކުރިއަށް އެ ދަނީ އިންސްޓޮލޭޝަން އެންޑް ޓްރެއިިނިން މަރުހަލާ. މި ބަލަނީ އަންނަ ހަފްތާގައި ޓެސްޓް ހަނދަން ފެށޭނެ ކަމަށް،" އައްފާލް ވިދާޅުވި އެވެ. އޭޑީކޭ އިން އަލަށް އިންސްޓޯލް ކުރާ ޕީސީއާރު މެޝިނުން ކޮވިޑް-19 ގެ 500 ޓެސްޓް ދުވާލެއްގެ މައްޗަށް ހެނދޭނެ ކަން އައްފާލް ފާހަގަކުރެއްވި އެވެ. އަދި މެޝިނާއި އެކު ވެސް ކޮންމެވެސް ވަރަކަށް ޓެސްޓް ކިޓް ލިބިފައިވާ ކަމަށް ވެސް އައްފާލު ވިދާޅުވި އެވެ. މުސްތަގްބަލްގައި އޭޑީކޭ އިން އިތަރަށް ޓެސްޓް ކިޓް ގެނައުމުގެ މަސައްކަތް ކޮށް ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް މިހާރު ދިމާވެފައިވާ ދަތިތަކަށް ކޮންމެވެސް ވަރެއްގެ ތަސައްލީއެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރައްވާކަން އައްފާލު ވަނީ ފާހަގަކުރައްވާފަ އެވެ. ރާއްޖެއިން ކޮވިޑް-19 އަށް ގިނަ އަދަދަކަށް ޓެސްޓް ނުކުރެވުމަކީ ކަންބޮޑުވުމެއް ކަމަށް ޑރ. ޝިނާ މޫސާ ވަނީ ވިދާޅުވެފަ އެވެ. އެކަމުގެ ސަބަބުން ބަލި ޖެހި މުޖުތަމައުތެރޭގައި ވެސް އެތައް ބަޔަކު އުޅެދާނެ ކަމުގެ ބިރުވެރިކަން ވަނީ ބޮޑުވެފަ އެވެ.
އޭޑީކޭގައި ކޮވިޑް-19 އަށް ޓެސްޓް ކުރެވޭ މެޝިނެއް ބަހައްޓައިފި
ކޮވިޑް-19 އަށް ވެކްސިންއެއް އުފެއްދިއްޖެނަމަ ދުނިޔޭގެ އެހެން ގައުމުތަކަށްވެސް އެ ވެކްސިން ފޯރުކޮށްދީ އެހީތެރިވާނެކަމަށް އަދި ބަލި އެންމެ ފުރަތަމަ ފެތުރެން މެދުވެރިވި ސަބަބު ތަހުގީގު ކުރާނެކަމަށް ޗައިނާގެ ރައީސް ޝީ ޖިންގްޕިންގް ވިދާޅުވެއްޖެ އެވެ. ކޮވިޑް-19 ވައިރަސް އެންމެ ފުރަތަމަ ފެނިގެންގޮސްފައިވަނީ ޗައިނާގެ ވޫހާން ސިޓީއިން މިދިޔަ އަހަރުގެ ޑިސެމްބަރު މަސް ތެރޭގަ އެވެ. އެ ބަލީގައި 315،000 އެއްހާ މީހުން މުޅި ދުނިޔެއިން މިހާތަނަށް މަރުވެފައިވާއިރު ޗައިނާއާ ދެކޮޅަށް އަންނަނީ މި ބަލީގެ ސަބަބުން ބޮޑެތި ތުހުމަތުތަކެއް ކުރެވެމުންނެވެ. ވޯލްޑް ހެލްތު އެސެމްބްލީގައި ވާހަކަަދައްކަމުން ރައީސް ޒީ ވަނީ އެގައުމުން ވައިރަސް އެންމެ ފުރަތަމަ ފެތުރުނު ގޮތް ތަހުގީގުކުރާނެ ކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް ރައިސް ޝީ ވަނީ މިފަދަ ތަހުގީގެއް ކުރެވޭނީ ބަލި މުޅިން ކޮންޓްރޯލްކުރެވެމުންކަމަށް ވިދާޅުވެފައެވެ. މީގެ ކުރިން މިފަދަ ތަހުގީގުތަކަށް ގޮވާލައި އެހެން ގައުމުތަކުން ކުރަމުންދިޔަ ފިއްތުންތަކަށް ޗައިނާއިން ވަނީ ބީރު ކަންފަތެއް ދީފަ އެވެ. މިފަދަ ތަހުގީގަކަށް ދެކޮޅު ހެދުމުން ހުޅަނގުގެ ބައެއް ގައުމުތަކުން ވަނީ ޗައިނާއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކޮށްފައެވެ. ބަލި ކޮންޓްރޯލްކުރުމަށް ޗައިނާއިން އެޅި ފިޔަވަޅުތަކަށް އެންމެ ފުރަތަމަ ތައުރީފުގެ މޭރުމުން ވާހަކަދެއްކެވި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްވެސް ވަނީ ޗައިނާއިން މި ބަލި އުފައްދާފައި ވަނީ އެމެރިކާ އަދި ޔޫރަޕުގައި ފަތުރައި އެގައުމުތަކަށް ގެއްލުން ދިނުމަށްކަމަށް ތުހުމަތުކޮށް ބަސްމަގު ބަދަލުކޮށްފަ އެވެ. މީގެ އިތުރުންވެސް ޔޫރަޕްގެ ބައެއް ގައުމުތައް އަދި އޮސްޓްރޭލިޔާއިންވެސް ވަނީ އެންމެ ފުރަތަމަ ބަލި ކޮންޓްރޯލްކުރުމަށް އެކަށީގެންވާ ފިޔަވަޅުތަކެއް ޗައިނާއިން އަޅާފައިނުވާކަމަށް ބުނެފަ އެވެ. އެމެރިކާގެ ރައީސްއ ޑޮނަލްޑް ޓްރަމްޕް ޗައިނާގެ ރައީސް ޒީ ޖިންގްޕިންގްއާއިއެކު -- ބެލެވޭގޮތުގައި ޗައިނާގެ ރައީސް ހެލްތު އެސެމްބްލީގައި ދެއްކެވި ވާހަކަތަކަކީ އެގައުމަށް ކުރިމަތިވެފައިވާ މިފަދަ ފާޑުކިޔުންތައް އަދި ފިއްތުންތައް މަދުކުރުމަށް ކުރެވޭ މަސައްކަތުގެ ބަޔެކެވެ. އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޗައިނާގެ ރައީސް ވަނީ އެގައުމުން ކުރިޔަށް އޮތް ދެ އަހަރު ތެރޭ ބައްޔާ ދެކޮޅަށް ކުރެވޭ މަސައްކަތަށް ދެ ބިލިއަން ޑޮލަރުގެ އެހީތެރިކަމެއް ދޭނޭކަމަށް ވިދާޅުވެފައެވެ. ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއާ އެކު އެހެން ގައުމުތަކުން ކުރަމުންދާ މަސައްކަތް އިތުރުކޮށް މިކަމުގައި ބައިނަލްއަގްވާމީ އެއްބައިވަންތަކަން އިތުރުކުރުމަށްވެސް ރައީސް ޝީ ވަނީ ގޮވާލައްވައިފައެވެ. "ކޮވިޑް-19 އަށް ތައްޔާރުކުރެވޭ ވެކްސިން ޗައިނާއަށް ލިބުމާއިއެކު ބައިނަލްއަގްވާމީ އާންމު މުދަލަކަށް [އެ ވެކްސިން] ހަދައި ކުރިއަރަމުން އަންނަ ގައުމުތަކަށް ފަސޭހަކަމާއެކު ހެޔޮ އަގުގައި ފޯރުކޮށްދިނުމަކީ ޗައިނާގެ ފަރާތުން ދެވޭ އެންމެ ބޮޑު އެއް އެހީއަށް ވެގެންދާނެ،" ރައީސް ޝީ ވިދާޅުވި އެވެ. ޗައިނާގެ ރައީސްގެ މި ބަސްތަކަކީ ގައުމުތަކުގެ އިގްތިސާދުތައް އަލުން ހަރަކާތްތެރިކުރުވުމަށް އަމާޒުކުރެވިފައިވާ ބަސްތަކެއްކަމަށް ތަޖުރިބާކާރުން ވަނީ ބަލައިގަނެފަ އެވެ. މީގެ ކުރިން ވަނީ މި ބައްޔަށް ވެކްސިންއެއް އުފެއްދިއްޖެނަމަ އޭގެ ނާޖާއިޒު ފައިދާ ނަގައި ގައުމުތަކުން އަމިއްލަ ގައުމަށް އިސްކަންދީ ނުވަތަ ބޮޑު އަގުގައި އެހެން ގައުމުތަކަށް ވިއްކަފާނޭކަމުގެ ބިރުތަކެއް ހީވެފަ އެވެ. ކޮވިޑް-19 ހުއްޓުވުމަށް އިނގިރޭސިވިލާތުގައި ތަރައްގީ ކުރެވޭ ވެކްސިން އެއް -- ފޮޓޯ: ސްކައި ނިއުސް އެތައް ވެކްސިންތަކެއް މި ބައްޔާ ދެކޮޅަށް މުޅި ދުނިޔޭގައި ތަރައްގީކުރެވެމުންދާއިރު ޗައިނާގައި މިހާރު ދަނީ މިފަދަ ފަސް ވެކްސިންއެއް އިންސާނުންގެ ގައިގައި ޓެސްޓުކުރެވެމުންނެވެ. އިތުރު ވެކްސިންތަކެއްް މި އަންނަ މަސް ތެރޭގައި ޓެސްތުކުރެވެން ފަށާނެ އެވެ. ރައީސް ޝީ ވަނީ ޗައިނާއިން އެންމެ ފުރަތަމަވެސް އަމަލުކޮށްފައިވަނީ ދެފުށް ފެންނަ ގޮތަށް ޒިންމާދާރުކަމާއެކުގައިކަމަށް އެގައުމުން ބުނާ ބުނުން އަނެއްކާވެސް ތަކުރާރު ކުރައްވާފަ އެވެ. މުޅި ދުނިޔެއަށް ބަލާލާއިރު މިހާރު މި ބަލި ޖެހިފައިވާ މީހުންގެ އަދަދު ހުރީ 4.71 މިލިއަނުގައެވެ. ބަލީގެ އެންމެ ގިނަ ކޭސްތައް މިހާރު ފެނިފައިވަނީ އެމެރިކާއިންނެވެ. އެގައުމުގައި އެކަނިވެސް 1.52 މިލިއަން ކޭސް ފެނިފައިވާއިރު 89،000 އަށް ވުރެ ގިނަ މީހުން ވަނީ މި ބަލީގައި އެމެރިކާއިން އެކަނި މަރުވެފަ އެވެ. ޗައިނާގައި މިހާރު މި ބަލި ކޮންޓްރޯލްކުރެވިފައިވާއިރު އެގައުމުން ވަނީ 82،000 އަށްވުރެ ގިނަ ކޭސް ޕޮޒިޓިވްވެފަ އެވެ. ބަލީގައި ޗައިނާއިން ވަނީ 4،600 އެއްހާ މީހުން މަރުވެފަ އެވެ.
ކޮވިޑް-19 ވެކްސިން އާންމުކޮށް، ބަލި ފެތުރުނު ގޮތް ތަހުގީގުކުރާނަން: ޗައިނާގެ ރައީސް
ސައުދީ އަރަބިއާ އިން ރާއްޖެއަށް ހަދިޔާކޮށްފައިވާ ކަދުރު ގޭގެއަށް ބެހުމަށް ޔޫތު މިނިސްޓްރީން އެކުލަވާލި ވޮލަންޓަރީ ޓީމުން ނުކުމެއްޖެ އެވެ. ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހްލޫފް މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ސައުދީ އަރަބިއްޔާއިން ރާއްޖެއަށް ހަދިޔާކޮށްފައިވާ ކަދުރު ބެހުމުގެ މަސައްކަތް ޔޫތު މިނިސްޓްރީގެ ދަށުން އެކުލަވާލާފައިވާ ވޮލަންޓަރީ ޓީމުން ފަށާފައިވަނީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީގެ އެދިލެއްވުމުގެ މަތިން ކަމަށެވެ. އެގޮތުން އިސްލާމިކް މިނިސްޓްރީގެ ފަގީރުންގެ ދަފްތަރުގައި ރެޖިސްޓްރީކޮށްފައިވާ 426 ގޭބިސީއަކަށް ކަދުރު ބެހުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މަހްލޫފް ވަނީ ވިދާޅުވެފަ އެވެ. މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސްގެ ޕޮޒިޓިވް ކޭސްތަކެއް ރާއްޖެއިން ފެންނަން ފެށުމާ ގުޅިގެން މާލެ ފުރަބަންދުކޮށްފައިވާ އިރު ގޭގެއަށް ފިހާރަތަކުން ޑެލިވަރީ ކުރުމަށް ޔޫތު މިނިސްޓްރީން ވަނީ ވޮލަންޓްރީ ޓީމެއް އެކުލަވާލައިފަ އެވެ. އެ މިނިސްޓްރީގެ މުވައްޒަފުންނާއި އެހެނިހެން ވޮލަންޓްރީންނާ އެކު އިސްވެ ޑެލިވަރީއަށް މިނިސްޓަރު މަހްލޫފް ވެސް ފުރަތަމަ ދުވަހު ވަނީ ވަޑައިގެންފަ އެވެ. އެކަމަކު މަހްލޫފް ޑެލިވަރީކޮށްދިނުމަށް ދިޔަ އިހްސާނު ފިހާރައިގެ މުވައްޒަފުންތަކެއް ވައިރަހަށް ޕޮޒިޓިވް ވުމުން އޭނާ ވަނީ ހޯމް އައިސޮލޭޓް ކޮށްފައެވެ. އެއާ އެކު ވޮލަންޓްރީ ޓީމުގެ އިސްފަރާތެއްގެ ގޮތުގައި މިވަގުތު މަސައްކަތް ކުރަމުން އަންނަނީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ އެވެ. ޔޫތު މިނިސްޓްރީގެ ވޮލަންޓްރީ ޓީމުގައި 500 އަށް ވުރެ ގިނަ މީހުން މިވަގުތު މާލޭގައި ހަރަކާތްތެރިވަމުން ދާކަމަށް އެ މިނިސްޓްރީން ބުންޏެވެ. މީގެ އިތުރުން ރަށްރަށުގެ ކައުންސިލްތަކުގެ ފަރާތުން ކަދުރާ ހަވާލުވާނެ މީހުން ރަމަޟާން މަހުގެ ހެނދުނު 9:30 އާއި 17:00 އާ ދެމެދު އިސްލާމިކް މިނިސްޓްރީ އަށް ދިއުމުން ކަދުރު ލިބޭނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
ސައުދީން ހަދިޔާ ކުރި ކަދުރު ޑެލިވަރީ ކުރުމަށް ވޮލަންޓްރީ ޓީމުން ނުކުމެއްޖެ
ފުރަބަންދުގެ ސަބަބުން ރަށަށް ނުދެވި މާލޭގައި ތާށިވެފައި ތިބި މީހުން ރަށަށް ފޮނުވާލާއިރު މާލެ ސަރަހައްދުގައި ކަރަންޓީނު ކުރުމުގެ ބަދަލުގައި އެ މީހެއްގެ ރަށުގައި އެ މީހަކު ކަރަންޓީނު ކުރަން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ގޮވާލައްވައިފި އެވެ. މީގެ ކުުރިން އެންއީސޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓޫރިޒަމް މިނިސްޓަރު ވިދާޅުވެފައި ވަނީ، މާލެއިން ފުރައިގެން ރަށަށް ދާން 5،000 އެއްހާ މީހުން އެދިފައިވާ ކަމަށެވެ. އެ މީހުން ރަށަށް ފޮނުވަން ހަމަޖެހިފައި ވަނީ މާލެ ސަރަހައްދުގައި ނުވަތަ މާލެ ކައިރި ތަނެއްގައި 14 ދުވަހު ކަރަންޓީނުގައި ބެހެއްޓުމަށް ފަހު އެވެ. މިއަދުގެ މަޖިލީހުގެ ޖަލްސާގައި ބައެއް މެމްބަރުން ވަނީ، އެކަމާ ނުރުހުން ފާޅުކޮށްފަ އެވެ. އަދި މެމްބަރުން ވަނީ ރަށަށް ދާ މީހުން ރަށްރަށުގައި ކަރަންޓީނު ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ގޮވާލައިފަ އެވެ. އެކަމަށް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުވެސް ތާއީދުކުރައްވައި ވާހަކަފުޅު ދެއްކެވިއެވެ. މާލެއިން އިތުރު 500 މީހުން ފުރުވާލަން ތައްޔާރުވެއްޖެ އިތުރަށް ވިދާޅުވުމަށް "އިއްޒަތްތެރި މެމްބަރުން ތި ފާހަގަކުރައްވާ ގޮތުގައި ރަށްރަށުގައި ކަރަންޓީނު ކުރެވޭނެ ތަންތަން ހަމަޖައްސާފައި ރަށްރަށުގެ މީހުންނަށް ރަށްރަށަށް ދެވި އެ ތަންތަނުގައި ކަރަންޓީނުވެވި ދެން އެއަށް ފަހުގައި އާއިލާތަކާ އެކީގައި އުޅެވޭ ގޮތަށް ގޭގެއަށް ބަދަލުވެވޭނެ އުސޫލަކުން މިކަން ނުކުރެވެންވީ އެއްވެސް ސަބަބެއްވެސް އަޅުގަނޑަކަށް ނުވިސްނޭ،" މަޖިލީހުގެ ރައީސް، ނަޝީދު ވިދާޅުވި އެވެ. މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާ ވިދާޅުވީ، ދުވާލެއްގެ މައްޗަށް 700 ރުފިޔާ ހަރަދުކޮށްގެން ރިސޯޓުތަކުގައި މީހުން ކަރަންޓީނު ކުރުމުން ދައުލަތުން ދުވާލެއްގެ މައްޗަށް ގިނަ އަދަދެއްގެ ފައިސާ ހަރަދުވަމުންދާ ކަމަށެވެ. ރަށްރަށުގައި މީހުން ކަރަންޓީނު ކުރާ ނަމަ މިވަރަށް ވުރެ ހަރަދު ކުޑަވާނެ ކަމަށް ރިޒާ ވިދާޅުވި އެވެ. "މިއަދުން މިއަދަށްވެސް އަޅުގަނޑު ދެކޭ ގޮތުގައި ސަރުކާރުން އެބަ ޖެހޭ ރަށްރަށުގައި ކަރަންޓީނު ކުރެވޭނެ އިންތިޒާމު ހޯދައި އެ ފެސިލިޓީތައް ގާއިމްކޮށް، އެކަން އަވަހަށް އިންތިޒާމުވެގެން ދިޔުމަކީ އަޅުގަނޑުމެންނަށް މި ބަލީގައި ދެންމެވެސް ރައީސް ވިދާޅުވި ގޮތަށް އިތުރަށް ފަރުވާ ކުރެވޭނެ ރައްޔިތުންނަށް ހިތްހަމަޖެހުމެއް ލިބޭނެ ގޮތެއް،" މެމްބަރު އަލީ ރިޒާ ވިދާޅުވި އެވެ. "ކޮންމެ ރަށެއްގައި ކަރަންޓީނު ކުރެވޭނެ ގޮތް ހުރި ނަމަ ރައީސް އެބޭފުޅުން [ރައްޔިތުން] މިތާ ތާށިވެގެން ތިބޭކަށް ނުޖޭހެނެ،" ރިޒާ ވިދާޅުވި އެވެ. ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފު ވިދާޅުވީ، ކުޅުދުއްފުށީގެ 142 މީހަކު މާލޭގައި ރަށަށް ނުދެވި ތާށިވެފައި އެބަ ތިބި ކަމަށެވެ. އަދި އެ މީހުން އަތުން ކުއްޔަށް ގިނަ އަދަދެއްގެ ފައިސާ ހަރަދުވަމުން ދާކަން އޭނާ ފާހަގަކުރެއްވި އެވެ. "ކުޅުދުއްފުށިން އެކަނިވެސް 142 މީހަކު މާލޭގައި ސްޓްރޭންޑެޑްވެފައި ތިބި އިރުގައި، މިއަދާ ހިސާބަށް އައިސްފައިވާއިރުގައި، 29 ދުވަސްވީއިރު 450 ރުފިޔާގެ ރޭޓުން ބަލާ ނަމަ 13،000 ރުފިޔާ ހަމަ އެކަނި ރެންޓަށް ދެއްކިފައިވޭ. މިއީ އިއްޒަތްތެރި ރައީސް އަޅުގަނޑުމެންގެ އާންމު މީހެއްގެ ތިން އަހަރު ދުވަހުގެ ސޭވިންއަށް ވުރެ ބޮޑު އެއްޗެއް،" ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފު ވިދާޅުވި އެވެ. ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ، އޭނާގެ ދާއިރާގެ 127 މީހަކު މާލޭގައި ތާށިވެފައި އެބަ ތިބި ކަމަށެވެ. އަދި އެ މީހުން ދުވަހު ކުއްޔަށް ފައިސާ ހަރަދުކޮށް، ރައްކާކޮށްފައި ހުރި ފައިސާކޮޅު ހުސްވަމުންދާ ކަމަށް އޭނާވެސް ވިދާޅުވި އެވެ. އެހެންކަމުން އެ މައްސަލައަށް އަވަސް ހައްލެއް ބޭނުންވާކަން ފާހަގަ ކުރައްވާ ޝިޔާމް ވިދާޅުވީ ރަށްރަށުގައި މީހުން ކަރަންޓީނު ކުރެވޭނެ އިންތިޒާމް ހަމަޖެހެން ޖެހޭ ކަމަށެވެ. "ލާމަރުކަޒީކޮށް ކަރަންޓީނު ކުރަންް ގަވައިދު ހަދަން ޖެހޭ" ނަޝީދު ވިދާޅުވީ ލާމަރުކަޒީ އުސޫލުން ކަރަންޓީނުގެ ކަންތައް ކުރިއަށް ގެންދަން ޖެހޭ ކަމަށެވެ. އެގޮތަށް އަމަލު ކުރެވޭނީ އާންމު ސިއްހަތުގެ ގާނޫނުގެ ފަސް ވަނަ މާއްދާގައި ބުނާ އުސޫލު އެކުލަވާލައިގެން ކަމަށް ނަޝީދު ވިދާޅުވި އެވެ. އެ އުސޫލު އެކުލަވާލެވޭނީ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނަށްކަން ފާހަގަކުރައްވައި އެކަން އޭނާ އަދިވެސް ނުކުރައްވާ ކަމަށް ނަޝީދު ވިދާޅުވި އެވެ. "އަޅުގަނޑު ވަޒީރަށް ތަކުރާރުކޮށް އެބަ ދަންނަވަން މިއަދު އެކަން ކުރައްވަން،" ނަޝީދު ވިދާޅުވި އެވެ. ނަޝީދު އިޝާރާތްކުރެއްވި، އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ ފަސް ވަނަ މާއްދާގެ ހ. އަދި ބ. ގައި ބުނަނީ؛ (ހ) ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުގެ އިހްތިސާސް ހިނގާ ސަރަހައްދުތަކުގައި މި ގާނޫނުގެ ދަށުން ވަޒީރު ހަވާލުކުރާ ކަންކަން ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު އެ ކައުންސިލްތަކުން އުފުލުމަށް މަގުފަހިކޮށްދީ، އެކަމަށް ގާނޫނީ ބާރު ލިބިދިނުމުގެގޮތުން، އޭގެތެރެއިން ކައުންސިލެއް ނުވަތަ ކައުންސިލްތަކެއް އެއީ، އެ ކައުންސިލެއް ނިސްބަތްވާ ސަރަހައްދުގައި، މި ގާނޫނު ތަންފީޒުކުރުމަށްޓަކައި އެ ސަރަހައްދަށް އައްޔަންކުރެވޭ އޭޖެންޓްކަމުގައި، މި ގާނޫނުގެ ދަށުން ކަނޑައެޅުމުގެ އިހްތިޔާރު ވަޒީރަށް ލިބިގެންވެ އެވެ. (ބ) ރަށު ކައުންސިލްތަކަށާއި އަތޮޅު ކައުންސިލްތަކަށާއި ސިޓީ ކައުންސިލްތަކަށް، މި ގާނޫނުގެ ދަށުން ހަވާލުކުރެވޭ މަސްއޫލިއްޔަތުތައް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދެއްގައި ތަފްސީލުކޮށް ބަޔާންކޮށް، އާންމުކޮށް އިއުލާނުކޮށް، ގެޒެޓުގައި ޝާއިއުކުރަންވާނެ އެވެ. ރަށްރަށުގައި ކަރަންޓީނު ކުރެވޭނެ އިންތިޒާމު ހަމަޖައްސާފައި ނުވަނީ ކީއްވެތޯ އާއި، ރައްޔިތުންނަށް އެއަށް ވުރެ ދަތި ގޮތަކަށް އިންތިޒާމު ހަމަޖައްސައިދީފައި ވަނީ ކީއްވެތޯވެސް ބަލަން ޖެހޭ ކަމަށް ނަޝީދު ވިދާޅުވި އެވެ. "ކީއްވެތޯ ރަށްރަށުގެ ރައްޔިތުން ކަރަންޓީނު ކުރުމަށް ނުގެންދަވަނީ. އެމީހުން ރަށަށް ދިއުމަށްޓަކައި ކަރަންޓީނު ކޮށްފައި އާއިލާތަކާއި ހަމައަށް ދެވޭނެ އިންތިޒާމެއް ހަމަޖެހިފައި ނެތީ. އެއަށްވުރެ މާ ދަތި އިންތިޒާމެއް ހިންގަވަމުން ތިޔަ ގެންދަވަނީ ކީއްވެގެންތޯ؟ އެއީ އަޅުގަނޑުމެން އެންމެ ސާފުކުރަން ޖެހޭ ކަމެއް." ނަޝީދު ވިދާޅުވި އެވެ. މިއަދު ނަޝީދު އިތުރަށް ވިދާޅުވީ، މާލޭގައި ތިބެފައި ރަށަށް ދާ މީހުން ރަށަށް ދިޔަ ނަމަވެސް ނުދިޔަ ނަމަވެސް ރައްތަކަށް ރޯގާ ފެތުރޭނެ ކަމަށެވެ. ރައްތަކަށް ރޯގާ ފެތުރެން އޮންނަނީ އެންމެ ގޮތެއް ނޫން ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ. ބެލެވޭ ގޮތުގައި ރާއްޖޭގެ އެންމެނަށް ބަލި ޖެހޭނެ ކަމަށް ނަޝީދު ވިދާޅުވި އެވެ. "100 ޕަސެންޓްގެ މިންވަރަށް ރޯގާ ފެތުރުނަ ނުދިނުމަށް އަޅުގަނޑުމެން އަޒުމު ކަނޑައަޅައިފި ނަމަ ދެން ހަދާން ޖެހޭނެ ގޮތަކީ ދިވެހިރާއްޖޭގެ ފަސްލައްކަ ރައްޔިތުން ކުޑަގޮޅިއަށް ލާން ޖެހޭނީ. އަޅުގަނޑު ހިތުން އެއީ އަޅުގަނޑުމެން ދާން ބޭނުންވާ ހިސާބެއް ނޫން." ނަޝީދު ވިދާޅުވި އެވެ.
ސަރުކާރުގެ ކަރަންޓީނު ސިޔާސަތަށް މެންބަރުންގެ ނުރުހުން!
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ބޮޑު ހިޔާނާތުގެ މައްސަލަ އާއި ގެއްލުވާލާފައިވާ މީހުންނާއި ގޮތް ނޭނގޭގޮތަށް މަރާލާފައިވާ މީހުންގެ މައްސަލަތަކުގެ ތަހުގީގު ގޮސްފައިވާ ހިސާބު ސާފުނުވާ ކަމަށް ބުނެ، މަޖިލީހުން އެކަން ބަލައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅައިފި އެވެ. މަޖިލީހަށް އެ މައްސަލަ ހުށަހަޅުއްވާފައި ވަނީ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު، އިބްރާހިމް މުއިއްޒު އެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދަށް ފޮނުއްވި ސިޓީއެއްގައި މުއިއްޒު ވިދާޅުވެފައި ވަނީ އެ މައްސަލަތައް ތަހުގީގުކޮށް އިންސާފު ހޯދައި ދިނުމަކީ މެމްބަރު ނިސްބަތްވާ ޕާޓީ، އެމްޑީޕީ އާއި ސަރުކާރުގެ ވައުދެއް ކަމަށެވެ. އަދި އެއީ މެމްބަރު މަޖިލީހަށް ހޮވަން ރައްޔިތުން ވޯޓު ދިން ސަބަބަކަށް ވެސް ވާކަމަށެވެ. ހަމައެއާއެކު އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ މައްސަލައާއި ގެއްލުވާލާފައިވާ މީހުންނާއި ގޮތް ނޭނގޭގޮތަށް މަރާލާފައިވާ މީހުންގެ މައްސަލަތަކަކީ، އެކަމުގައި އާންމު މަސްލަހަތު ހިމެނޭ މައްސަލަތަކެއް ކަމަށެވެ. މުއިއްޒު ވިދާޅުވެފައި ވަނީ އެ މައްސަލަތަކުގެ ތަހުގީގުތަކާއި، ނުވަތަ ދައުުވާ އުފުލުމާއި އަދި ޝަރީއަތްތައް ހިނގާގޮތުގެ މައުލޫމާތު ރައްޔިތުންނާ ހިއްސާކުރުން މަދުކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި އެ މައްސަލަތައް މިހާރު ގޮސްފައިވާ ހިސާބު ސާފުނުވާ ކަމަށެވެ. އެހެންކަމުން އެ މައްސަލަތައް ބެލުމުގެ މަސައްކަތް މިހާރު ގޮސްފައިވާ ހިސާބާއި، އެ މައްސަލަތައް ބެލުމާއި، ދައުވާ އުފުލުން ނުވަތަ ޝަރީއަތް ހިންގުން ލަސްވުމަށް ހުރި ސަބަބުތަކަކާއި، ނުފޫޒެއް ނެތި އިތުބާރު ހިފޭ ނިޒާމެއްގެ ތެރެއިން، ނަތީޖާ ނެރެވޭނެ ފަދައިން އެ މައްސަލަތަކާމެދު އަމަލުކުރަމުން ދޭތޯ ޔަގީންކުރުމަށް ބޭނުންވާތީ، އެކަން ރައްޔިތުންގެ މަޖިލީހުން ބަލައިދިނުމަށް އެދޭ ކަމަށެވެ. އެމްއެމްޕީއާރުސީގެ 3.2 ބިލިއަން ރުފިޔާގެ ބޮޑު ހިޔާނާތާ ގުޅިގެން މިހާތަނަށް ދައުވާއެއްކޮށް ހުކުމްކޮށް ޖަލުގައި އޮތީ ކުރީގެ ރައީސް، އަބްދުﷲ ޔާމީން އެކަންޏެވެ. އެމަނިކުފާނު ފަސް އަހަށް ޖަލަށް ލާން ހުކުމްކޮށްފައިވަނީ، އެމްއެމްޕީއާރްސީގެ ފައިސާ އިން އަމިއްލަފުޅު އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރު ލޯންޑާ ކުރެއްވި ކަމުގެ ކުށް ސާބިތުވެ ވެގެންނެވެ. އެމްއެމްޕީއާރްސީގެ ހިޔާނާތާއި ގޮތް ނޭނގޭ މަރުތަކުގެ ތަހުގީގު ގޮސްފައިވާ ހިސާބު ބަލައިދިނުމަށް އެދި އެމްޑީޕީ މެމްބަރު މަޖިލީހަށް މައްސަލައެއް ހުށަހަޅާފައި ވާއިރު، އެ މައްސަލައިގައި ހަމައެކަނި ރައީސް ޔާމީން ޖަލުގައި އޮންނަވަން ޖެހުމަކީ އިންސާފު ނޫން ކަމަށް، އެމްޑީޕީގެ ލީޑަރު ނަޝީދު ވެސް ވަނީ ވިދާޅުވެފައެވެ. އެމްޑީޕީ ވަޓްސްއަޕް ގުރޫޕަކަށް ނަޝީދު ފޮނުއްވި ނޯޓެއްގައި ވިދާޅުވެފައި ވަނީ ކުރީ ސަރުުކާރުގެ މައްސަލަތައް ބަލާނެ ކަމަށް ކުރިން ބުނެ، މިހާރު އެކަމުގައި ފަސްޖެހެންވީ ސަބަބެއް ނެތް ކަމަށެވެ. އަދި މަރު ކޮމިޝަނުން ކުރަން ބުނި ކަންކަން ވެސް ކުރަން ޖެހޭނެ ކަމަށެވެ.
ބޮޑު ހިޔާނާތުގެ ތަހުގީގު ގޮސްފައިިވާ ހިސާބު ހޯދަން މަޖިލީހަށް ހުށަހަޅައިފި
މިސްރަށް ނިސްބަތްވާ ހާލިދާއި ޕެރީ ކައިވެނި ކުރީ މިދިޔަ މާޗް މަހު ހަވަނަ ދުވަހު އެވެ. ދުބާއީގައި މަސައްކަތް ކުރަމުން ދިޔަ ދެމަފިރިން ކައިވެންޏަށް ފަހު ހަނީމޫން ހޭދަކުރަން ދާން ހިޔާރުކުރީ މެކްސިކޯއެެވެ. އެދުވަސްވަރު ކޮރޯނާ ވައިރަސް ފެތުރުނު ނަމަވެސް އެއީ މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ބަލިމަޑުކަން ނުވަތަ "ޕޭންޑަމިކް" އެއްގެ ގޮތުގައި އޭރު އޮތީ ކަނޑަނާޅައެެވެ. އެހެންކަމުން އެ ދެމަފިރިން ދަތުރު ހެދިއިރު އެކަމަކަށް މާާބޮޑު ސަމާލު ކަމެއް ނުދެ އެވެ. ކަންދިމާކުރި ގޮތުން މެކްސިކޯގައި ޗުއްޓީ ހޭދަކުރެވުނުނެވެ. ނަމަވެސް އެނބުރި ދުބާއީއަށް ދާންވެގެން ތުރުކީގެ އިސްތަންބުލްއަށް ދާން ފްލައިޓުގައި ތިއްބައި ލިބުނީ ގަބޫލުކުރަން ދަތި ހަބަރެކެވެ. ހާލިދު-- ކޮރޯނާއާ ގުޅިގެން ޔޫއޭއީގައި މަސައްކަތް ކުރާ ބިދޭސީންނަށް ނުދެވޭނެކަން އޭރުވަނީ އަންގައިފަ އެވެ. ތުުރުކީގެ އިސްތަންބޫލްއަށް ގޮސް އެމީހުން ދުބާއީއަށް ދާން އޮތް ފްލައިޓަށް އަރަން ހުއްދައެއް ނުލިބުނެެވެ. އެހެންވެ އެމީހުން ތިބެން ޖެހުނީ ތުރުކީގެ އިސްތަންބޫލްގެ އެއާޕޯޓްގައި ތާށިވެފަ އެވެ. "އަހަރެމެން ގޫގަލް ކޮށްގެން ދެން ބެލީ ކޮންތާކަށްތޯ ދެވޭނީ. ބެލިއިރު އެނގުނީ ހަމައެކަނި ރާއްޖެއަށް ކަން ދަތުުރުކުރެވެން އޮތީ. ރާއްޖޭގެ އިމިގްރާޝަން ހުރަސްކުރުމާ އެކު ވަރަށް އުފާވި. އެއީ ކުރިން އެއާޕޯޓްގެ ގޮނޑިތަކުގައި ނިދުމުގެ ބަދަލުގައި އެނދެއްގައި ނިދުމުގެ ފުރުސަތު ލިބުނީމައި،" ޕެރީ ބުންޏެވެ. ރާއްޖެ އައުމަށް ފަހުވެސް ދެންވެސް އެމީހުންނަށް ދިމާވީ އެކި ހުރަސްތަކާއެވެެ. ހަނީމޫނަށް އެމީހުން ފުރިއިރު ދިޔައީ ލެޕްޓޮޕާ ނުލާ ކަަމަށްވުމުން އެމީހުންނަށް "ޑިސްޓެންސް" މޯޑުގައި މަސައްކަތްކުރަން ވެސް އޮތީ ނުކުޅެދިފައެވެ. ނުވިތާތަކަށް އެމީހުން ރިސޯޓަށް ދިޔައިރު އެތަނުގައި ވެސް ތިބީ މަދު ފަތުރުވެރިންތަކެކެވެ. އެ އެންމެންނަކީ ވެސް ރާއްޖެއިން ނުދެވިފައި ތިބި މީހުންނެވެ. ނަސީބު ރަނގަޅުކަމުން ރިސޯޓުން އެމީހުންނަށް އަގު ހެޔޮކޮށް ތިބެވޭނެ ގޮތް ހަމަޖެހުނެވެ. ރާއްޖޭގައި ތާށިވި ހާލިދު-- "ރިސޯޓްގައި ތިބި 70 އެއްހާ މީހުން. މުޅިންހެން ކަހަލަ ގޮތަކަށް ތިބީ ހަނީމޫނަށް އައިސްތިބި މީހުން. ތަފާތަކީ އެ އެންމެންނަކީވެސް ޕްލޭންކޮށްގެން ހަނީމޫނަށް ރާއްޖެ އައި މީހުންކަންް،" ޕެރީ ކިޔައިދިނެވެ. މާ ގިނަދުވަހެއް ނުވެ ރިސޯޓްވެސް ބަންދުކުރުމުން ދެމަފިރިންނަށް ދެން ޖެހުނީ އޮޅުވެލި ރިސޯޓަށެވެ. "އަހަރެމެން ރާއްޖޭގައި ތާށިވެފައޭ ބުނީމަ މީހުން ޖޯކެވެސް ޖަހާ. ބުނޭ ތިއީ އެންމެ "އެންމެ ވޯސްޓު ސިޓުއޭޝަނެއް ނޫނޭ". އެހެންނަމަވެސް މިހެން ތާށިވެފައި އާއިލާއާ ދުރުގައި ތިބެން ޖެހުމުން ވަރަށް އަަަސަރުކުރޭ. ރިސޯޓްގައި ތިބިއިރުވެސް މީހުން ފުރައިގެންދާތަން ފެނުމުން ދެރަވޭ. މިކަހަލަ ރީތި ތަނެއްގައި އަސްލުކަންވާންވީ ގޮތެއް ނޫން މިއީ. އެހެން ނަމަވެސް މިހާރު މިއީ ތަފާތު ހާލަތެއް" ޕެރީ ބުންޏެވެ. ހާލިދުގެ ދަމަފިރިން އަދި ވެސް ރާއްޖޭގައި ތިބީ ތާށިވެފައެވެ. އެމީހުންނަށް މިސްރަށް ވެސް ދެވޭކަށް ނެތެވެެ. އެނބުރި ގައުމަށް ދެވުނަސް 14 ދުވަހު ކަރަންޓީނުގައި ތިބެން ޖެހޭނެ އެވެ. އެވަރުންވެސް ދުބާއީއަށް ދެވޭނެ ގޮތެއް ނެތެވެ. ދެމަފިރިން މިހާރު ވަނީ އެމީހުން އެނބުރި ޔޫއޭއީއަށް އެެތެރެވުމަށް ހުއްދަ ދިނުމަށް ވެސް އެދި ހުށަހަޅައިފައެވެ. ނަމަވެސް އަދިވެސް ޖަވާބެއް ނުލިބެއެވެ. ރާއްޖޭގައި ތާށިވި ހާލިދު ރިސޯޓްގެ ސްޓާފުންނާއެކު ދެމަފިރިން ރާއްޖޭގައި ތިބޭ ކޮންމެ ދުވަހަކަށް ލާރި ހަރަދުވެއެވެ. ނަމަވެސް އެނބުރި ދިއުމަށް ފަހު ނޫނީ "ހިސާބު" ތަކާމެދު ނުވިސްނަން ދެމަފިރިން މިހާރު ތިބީ އަޒުމް ކަނޑައަޅައިގެންނެވެ. ހާލިދުގެ ދެމަފިރިންނަށް ވުރެ މާހަލުގައި އެކި ތަންތާނގައި މީހުން އެބަތިބިކަން އެ ދެމަފިރިންނަށް އެނގެ އެވެ. ނަމަވެސް ރާއްޖޭގައި ދިގުދެމިގެން މިދަނީ "ހަނީމޫނޭ" ކިޔާ ވަރަށްވުރެ މާ އުނދަގޫ ދަތުރެއްކަމަށް ދެމަފިރިން ބުނެއެވެ. ބީބީސީ
ނިމުމެއް ނެތް ހަނީމޫނުގައި ދެމަފިރިއަކު ރާއްޖޭގައި
މޫސުން ގޯސްވެ، ކޮވިޑް19 އޮޮޕަރޭޝަނަށް ލަސްކަމެއް އައިސްފައިވާކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ. މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެންއީއޯސީގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒު މިރޭ ވިދާޅުވީ މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން އޮޕަރޭޝަނަށް އިތުރު ދަތިކަމެއް އައިސްފައިވާ ކަމަށެވެ. "އެއްތަނުން އަނެއްތަނަށް ދަތުރު ކުރުމުގައްޔާއި އެއްތަނުން އަނެއްތަނަށް ބަލިމީހުން ގެންދިޔުމުގައި އިތުރު ދަތިކެއް ދިމާވެފައިވާތީ އޮޕަރޭޝަނުގައި ލަސްކަމެއް އައިސްފައިވޭ،" މަބްރޫކު ވިދާޅުވިއެވެ. އަދި މިހާރު މި އޮތް ހާލަތުގައި މަސައްކަތް ކުރެވޭނެ އެންމެ ބާރު ސްޕީޑުގައި މަސައްކަތް ކުރިއަށްގެންދާ ކަމަށްވެސް މަބްރޫކު ވިދާޅުވިއެވެ. އެޗްޕީއޭގެ ފަރާތުން ވާހަކަ ދައްކަވަމުން ޑރ. އިބްރާހިމް އަފްޒަލް ވެސް ވަނީ މޫސުން ގޯސްވުމުގެ ސަބަބުން ޓެސްޓުހެދުމަށް ސާމްޕަލް ޓްރާންސްފާ ކުރުމުގެ މަސައްކަތަށްވެސް ލަސްކަމެއް އައިސްފައިވާ ކަމަށެވެ. ރެޕިޑް ރެސްޕޮންސްޓީމުގެ ފަރާތުން މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެން ވާހަކަ ދައްކަވަމުން އަބްދުލް ހަމީދު ވިދާޅުވީ މި ދުވަސްވަރަކީ ވިއްސާރަ ދުވަސްވަރަކަށްވާތީ މަސައްކަތުގައި ދަތިކަމެއް އެބަހުރި ކަމަށެވެ. "ވިއްސާރަ ދުވަސްކޮޅެއްވީމާ، އެއްގެއިން ނިކުމެ އަނެއް ގެއަށް ގޮސް ސާމްޕަލް ނެގުމާ ހާއްސަކޮށް ޕީޕީއީ ރައްކާތެރި ކުރުން، ޕީޕީއީ ގައި ހުއްޓާ ތެމިއްޖެނަމަ އެއީ އިންފެކްޝަނަށް ހުޅުވޭނެ ކަމެއް،" ހަމީދު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ފްރޮންޓުލައިންގައި މަސައްކަތްކުރާ މީހުންނަށް ރައްކާތެރި މާހައުލެއް އޮތުން މުހިއްމު ކަމަށެވެ. އާރްއާރުޓީ އިން މިހާތަނަށް 10،000 އަށްވުރެ ގިނަ ސާމްޕަލް ނަގާފައިވާއިރު 72 ގަޑިއިރުގެ ބެކްލޮގަކާއެކު ޕެންޑިން ސާމްޕަލްގެ އަދަދު 400 އަށް އަރާނެ ކަމަށް ހަމީދު މިރޭ ވިދާޅުވިއެވެ.
ކޮވިޑް19: މޫސުން ގޯސްވެ އޮޕަރޭޝަނަށް ލަސްކަމެއް
ނިއުދިއްލީ (13 މޭ 2020) : ކޮރޯނާވައިރަސް "ކޮވިޑް-19" ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކާ ގުޅިގެން އިންޑިއާގެ ރައްޔިތުންނަށާއި ކުންފުނިތަކަށް ލިބޭ ގެއްލުންތައް ފޫބެއްދުމަށްޓަކައި 20 ޓްރިލިޔަން އިންޑިއާ ރުޕީސް ގެ ޕެކޭޖެއް އިންޑިއާގެ ބޮޑުވަޒީރު ނަރަންދުރަ މޯދީ އިއުލާން ކުރައްވައިފިއެވެ. މި ޕެކޭޖް އިއުލާން ކުރުމުގެ ގޮތުން ޓީވީ މެދުވެރިކޮށް ދެއްވި ޚިތާބެއްގައި ބޮޑުވަޒީރު ނަރަންދްރަ މޯދީ ވިދާޅުވީ މިއީ މާލީ ރެސްކިއު ޕެކެޖެއް ކަމަށާއި މިޕެކެޖުގެ ސަބަބުން އިންޑިއާގެ އިގްތިސާދު އިނދަޖެހުމުން ސަލާމަތްވެ އިގްތިސާދީ ގޮތުން އަމިއްލަ ނަފްސަށް ބަރޯސާވުމުގެ ފުރުސަތު އިންޑިއާއަށް ލިބިގެންދާނެ ކަމުގައެވެ. ޕެކެޖްގެ ބޭނުމަކީ ކޮވިޑް-19 އާ ގުޅިގެން ލިބެމުންދާ ގެއްލުންތަކުން އިންޑިއާގެ ރައްޔިތުންނާއި ކުންފުނިތައް ސަލާމަތް ކުރުންކަމަށްވާތީ މި ޕެކެޖަށް ތައްޔާރު ވުމުގެ ގޮތުން އިގްތިސާދު ހިފެހެއްޓޭނެ ގޮތްތައް ބަލައި ދިރާސާކޮށްފައިވާނެކަން މޯދީ ހާމަކުރެއްވިއެވެ. 20 ޓްރިލިޔަން ރުޕީސް (ގާތްގަނޑަކަށް 260 ބިލިޔަން އެމެރިކާ ޑޮލަރު) ގެ މި ޕެކެޖަކީ އިންޑިއާގެ ތާރީޚުގައިވެސް ސަރުކާރުން އިއުލާންކުރާ އެންމެ ބޮޑު މާލީ ޕެކެޖްކަމަށް މޯދީ ވިދާޅުވިއެވެ. މިހާތަނަށް ކޮވިޑް-19 އާ ގުޅިގެން އެންމެ ބޮޑު ޕެކެޖެއް އިއުލާނުކޮށްފައިވަނީ ޖަޕާނުންނެވެ. އެއީ އެއް ޓްރިލިޔަން ޑޮލަރުގެ ޕެކެޖެކެވެ. ދުނިޔޭގެ ހަތްވަނަ އިގްތިސާދު ކަމަށްވާ އިންޑިއާއިން އިއުލާނުކުރި މިޕެކެޖަކީ ކޮވިޑް-19 އާ ގުޅިގެން ދުނިޔޭގައި މިހާތަނަށް އިއުލާނުކުރި ދެވަނައަށް އެންމެ ބޮޑު ޕެކެޖްކަމަށާ މިއީ ކޮވިޑް-19 އާ ގުޅިގެން އިންޑިއާގެ އިގްތިސާދު ހުއްޓިފައިވާ މިންވަރުގެ ބޮޑުކަން ހާމަކޮށްދޭ ކަމެއްކަމަށް ރިޕޯޓްތައް ބުނެއެވެ. މިޕެކެޖުން ފައިސާ ދޭނެ ފަރާތްތަކާއި އޭގެ ތަފްސީލް އިންޑިއާގެ މާލީ ވަޒީރު ނިރުމަލާ ސިތާރަމަން ވަރަށް އަވަހަށް ދެއްވާނެކަމަށް މޯދީ ވިދާޅުވިއެވެ. ކޮވިޑް-19 އާ ގުޅިގެން އިއުލާނުކޮށްފައިވާ ފުރަބަންދުގެ މުއްދަތު ދިގުކުރުމާ ގުޅިގެން އިންޑިއާގެ އިގްތިސާދުގެ ގާތްގަނޑަކަށް 80 އިންސައްތަ އާއި 90 އިންސައްތަ ހަރަކާތްތައްވަނީ ހުއްޓިފައެވެ. މިކަމުގެ ސަބަބުން އިންޑިއާގެ ދަނޑުވެރިންނާއި ކުދި ވިޔަފާރިވެރިން އިނދަޖެހިފައިވާއިރު މެދުފަންތިއާއި މަތީފަންތީގެ ކުންފުނިތަކާއި ވިޔަފާރިވެރިންވެސްވަނީ އިނދަޖެހުމުގެ މަގުމަތީގައެވެ. އަދި ދުވަހުން ދުވަހަށް ކުރާ މަސައްކަތުން އާމްދަނީ ހޯދާ މީހުން ހާލުގައިޖެހި ހައިހޫނުކަން ތަހައްމަލް ކުރަން ޖެހިފައިވާތީ އިންޑިއާ ސަރުކާރުންވަނީ އެމީހުންނަށް ހިލޭ ކާބޯތަކެތި ފޯރުކޮށްދިނުމުގެ ޕްރޮގްރާމެއް ފަށާފައެވެ. އިންޑިއާގައި ތަންފީޒު ކުރަމުންދާ ލޮކްޑައުން މުއްދަތު މޭ 17 ގައި ހަމަވާއިރު މޯދީ ވަނީ، ބައެއް ދޫތަކާއެކު ލޮކްޑައުން މުއްދަތު އިތުރަށް ދިގުދަންމަން ގަސްދުކުރާކަން އިއުލާން ކުރައްވާފައެވެ. އިންޑިއާގައި ކޮވިޑް-19 ޖެހިފައިވާ މީހުންގެ އަދަދު 75 ހާހާ ގާތްކުރާއިރު 2400 އަށްވުރެ ގިނަ މީހުން އެ ރޯގާގައި މަރުވެފައިވެއެވެ. އިންޑިއާއަކީ އާބާދީގެ ނިސްބަތުން ކޮވިޑް-19 އަށް ޓެސްޓް ކުރާ ނިސްބަތް އެންމެ ދަށް ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ. އެހެންކަމުން ކޮވިޑް-19 ޖެހިފައިވާ މީހުންގެ ހަގީގީ އަދަދު އިންޑިއާގައި އެތަށް ގުނައެއް މަތީގައި އުޅޭނެކަމަށް އެގައުމުގެ ސިއްހަތާބެހޭ ތަޖްރިބާކާރުން ލަފާކުރައްވައެވެ. (ނޫސްއެޖެންސީތައް)
އިންޑިއާގެ އިގްތިސާދު ސަލާމަތް ކުރަން 260 ބިލިޔަން ޑޮލަރުގެ ޕެކޭޖެއް
މަސްތުވާތަކެތީގެ ބޮޑު މައްސަލައެއްގައި 11 މީހަކަށް ދައުވާކޮށް، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މަައްސަލަތައް ކްރިމިނަލް ކޯޓަށް ފޮނުވައިފި އެވެ. ޕީޖީ އޮފީހުން ދައުވާ ކުރަން ފޮނުވީ ފުލުހުންގެ އިންޓެލިޖެންސް އާއި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓު އަދި މެރިން ޕޮލިސް ގުޅިގެން ހިންގި ބޮޑު އޮޕަރޭޝަނެއްގައި މި އަހަރުގެ މާޗް މަހުގެ 26 ވަނަ ދުވަހު "އިރުއަލި" ކިޔާ މަސްދޯންޏަކުން 61.06 ކިލޯގެ ޑްރަގު އަތުލައިގަތް މައްސަލައިގައި ތުހުމަތުވާ 11 މީހުންގެ މައްޗަށެވެ. އެ މައްސަލައިގައި ހައްޔަރު ކުރި 11 މީހުންގެ ތެރޭގައި ހިމެނެނީ، މަސް ދޯނިން ހައްޔަރު ކުރި ހަތް މީހަކާއި އެ މައްސަލައާއި ގުޅިގެން މާލެ އާއި ހުޅުމާލެއިން ހައްޔަރުކުރި ހަތަރު މީހެކެވެ. އެ އެންމެންނަކީވެސް މަސްތުވާތަކެތީގެ ރެކޯޑް އޮންނަ މީހުންނެވެ. މ. މުލި މުޝްތަރީގެ، މުހައްމަދު ރިޝްވާން އިބްރާހިމް މ. ބޮއިލިންފިޝް، އަހްމަދު ވިސާމް މ. މާކޮޅު، މުހައްމަދު މާއިޝް މ. މުލި، ސޯސަންވިލާ، ހުސައިން ސުނާޒް ގދ. ރަތަފަންދޫ، ގުލްދަސްތާގެ، މުހައްމަދު ހަމީދު މ. ކޮޅުފުށި، އޯޝަންވިއު، މުހައްމަދު މާއިދު ހުޅުމާލެ ފްލެޓް ނަންބަރު 6 ޖީ 4 ، އަހްމަދު ޝިފާޒް މއ. ބޯޅަކިންކިރިމާގެ، އަބްދުﷲ ޝާމް މ. މުލި، ހުދުފިނިފެންމާގެ، މުހައްމަދު ނަޝީދު މއ. ވިރާހް، މުހައްމަދު ޝާމިން މ. ކެޕްރިކޯން، ސައުދުﷲ ރަޝީދު މިއަދު ޕީޖީ އޮފީހުން ބުނީ އެ މައްސަލައިގައި ތުހުމަތުވާ 11 މީހަކަށް ދައުވާ ކުރަން ކްރިިމިނަލް ކޯޓަށް ފޮނުވާފައިވާ ކަމަށެވެ. އެ މަސްތުވާތަކެތީގެ މައްސަލައާ ގުޅިގެން މާލެއާއި ހުޅުމާލޭގެ ގެއެއް ބަލާ ފާސްކޮށް، މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދާފައިވާ ކަމަށް ބެލެވޭ ގިނަ އަދަދެއްގެ ފައިސާވެސް ފުލުހުން ހޯދި އެވެ. އެ މައްސަލަ ކޯޓަށް ފޮނުވުމާ ގުޅިގެން ޕީޖީ ހުސެން ޝަމީމް ކުރެއްވި ޓްވީޓެެއްގައި ވިދާޅުވީ ފުރަބަންދުގެ މި ހާލަތުގައި 576 ސޮފްހާގެ ދައުވާ ޝީޓެއް ތައްޔާރު ކުރުމަކީ ފަސޭހަ ކަމެއް ނޫން ކަމަށާއި އެކަން ކުރުމުގައި ހަރަކާތްތެރިވެ އެ އޮފީހުގެ ވަކީލުންނަށް ޝުކުރާއި ސާބަސް ދެއްވާ ކަމަށެވެ. އަދި ފުލުހުން އެ މައްސަލައިގައި ތަހުގީގު ހިންގާފައިވާ ގޮތަށް ވެސް ޝަމީމް ވަނީ ތައުރީފް ކުރައްވައިފަ އެވެ.
ފުރަބަންދުގައި އޮތަސް ޑްރަގުގެ ބޮޑު މައްސަލައެއްގައި 11 މީހަކަށް ދައުވާކޮށްފި
ކޮވިޑް19އާ ގުޅިގެން އިތުރު ހަ ރަށެއް މޮނީޓަރިންގެ ހާލަތަށް ގެނެސްފި އެވެ. މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެންއީއޯސީގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ މިއަދުގެ މިހާތަނަށް އައިއިރު އިތުރު ހަ ރަށެއް މޮނީޓަރިން ހާލަތަށް ގެނެސްފައިވާ ކަމަށެވެ. "މީގެ ތެރޭގައި މި ހިމެނެނީ ހދ. ކުމުންދޫ، ހދ. ހިރިމަރަދޫ، ބ. ކެންދޫ، ށ. ޅައިމަގު، ށ. ގޮއިދޫ އަދި ކ. މާފުށި،" މަބްރޫކް ވިދާޅުވި އެވެ. ހަމައެއާއެކު ބައެއް ރަށްތަކާއި ތަންތަން މޮނީޓަރިންގެ ހާލަތުން އާންމު ހާލަތަކަށް ބަދަލުކޮށްފައިވާ ކަމަށް ވެސް މަބްރޫކް ވިދާޅުވި އެވެ. އޭގެ ތެރޭގައި ހިމެނެނީ "ދުރުރާސްތާ 8" ބޯޓާއިި ނޫފަރު އެކްސްޕްރެސް އަދި ކ. ގުރައިދޫ އެވެ. މީގެ އިތުރުން އިތުރު 19 ރަށަކާއި ދެ ބޯޓެއް ކުރިއެކޭ ވެސް އެއްފަދައިން އަދި ވެސް އޮތީ ލޮކްޑައުން ކޮށްފަ އެވެ.
އިތުރު ހަ ރަށެއް މޮނީޓަރިންގެ ހާލަތަށް ގެނެސްފި
ކޮރޯނާ ވައިރަސްގެ ސަބަބުން އަޅާފައިވާ ހަރުކަށި ފިޔަވަޅުތައް މަޑު މަޑުން ނަގަން ފެށުމުން ދެމަހެއްހާ ދުވަހު މެދު ކެނޑިފައި އޮތް އާސެނަލްގެ ޓްރެއިނިންގް ފަށައިފި އެވެ. މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަހުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކާ އެކު އިނގިރޭސި ޕްރިމިއާ ލީގާއި، ކުލަބުތަކުގެ ޓްރެއިނިންގްތައް މެދުކަނޑާލީ މިދިޔަ މަހުގެ ކުރީކޮޅު އެވެ. އެއަށް ފަހު ކުޅުންތެރިން އަމިއްލަ ގޭގައި ތިބެގެން ފިޓްނެސް ދެމެހެއްޓުމަށް ދިޔައީ ކުލަބުގެ ކޯޗުންގެ އިރުޝާދާ އެކު ތަމްރީންތައް ހަދަމުންނެވެ. ނަމަވެސް ކޮރޯނާ ވައިރަސް ކޮންމެވެސް ވަރަކަށް ކޮންޓްރޯލް ކުރެވި މަޑު މަޑުން އިނގިރޭސިވިލާތުގެ ހިސާބުތައް ހުޅުވަން ފެށުމާ އެކު އާސެނަލުގެ ކުޅުންތެރިން މިއަދު ވަނީ ޓްރެއިނިންގް ފެސިލިޓީގައި ތަމްރީންތައް ހަދަން ފަށައިފަ އެވެ. އެގޮތުން ޓީމުގެ ފުރަތަމަ އެގާރައިގައި ހިމެނޭ އެލަކްސްންޑްރާ ލަކަޒެޓްއާއި، ޑޭވިޑް ލުއިޒް ވަނީ ޓްރެއިނިންގް ގްރައުންޑަށް ތަމްރީން ހެދުމަށް ގޮސްފަ އެވެ. އެގައުމުގައި އަޅާފައިވާ ލޮކްޑައުން އަދި ވެސް ދެމިއޮތުމާ ގުޅިގެން ޓްރެއިނިންގް ފެސިލިޓީތައް ރަސްމީކޮށް ނުހުޅުވާ ކަމަށާއި، ކުޅުންތެރިން ތަމްރީންތައް ހަދާނީ ވަކި ވަކިން އެހެން ކުޅުންތެރިންނާއި ދުރުގައި ކަމަށް އާސެނަލުން ވަނީ ބުނެފަ އެވެ. ޓީމުގެ ހުރިހާ ކުޅުންތެރިން މީގެ ކުރިން ކަރަންޓީންކޮށް ޓެސްޓްކޮށްފައިވާ އާސެނަލްގެ ކޯޗު މިކެލް އާޓެޓާއަށް ވަނީ ކޮރޯނާ ވައިރަސް ޖެހި ރަނގަޅު ވެފަ އެވެ. އިނގިރޭސިވިލާތުގެ މީޑިއާތައް ބުނާ ގޮތުން އަންނަ މަހުގެ 18 ގައި ރަސްމީކޮށް ޓީމުތަކަށް ފަރިތަކުރުންތައް ހެދުމަށް ހުއްދަ ލިބޭނެ އެވެ. އަދި ޖޫން އަށެއްގައި ލީގުގެ ކުޅުން އަލުން ފަށާނެ ކަމަށް ރިޕޯޓްތަކުން ދަނީ ބުނަމުންނެވެ. އެހެން ނަމަވެސް ހާލަތު އިތުރަށް ގޯސްވެއްޖެ ނަމަ ލީގު އިތުރަށް ކުރިއަށް ނުގެންގިސް ކެންސަލް ކުރަން ޖެހިދާނެ ކަމުގެ އިޝާރާތެއް އިނގިރޭސި ފުޓުބޯޅަ އެސޯސިއޭޝަނުން ވަނީ ކޮށްފަ އެވެ.
ލޮކްޑައުން ދެމިއޮތް ނަމަވެސް އާސެނަލުން ޓްރެއިނިންގް ފަށައިފި
މާލޭގައި ކޮވިޑް-19 ފެތުރެން ފެށުމާ އެކު، ވައިރަހުގެ ނުރައްކާ އެންމެ ބޮޑުވި ބަޔަކީ ރާއްޖޭގެ ބޮޑެތި ހޯލް ސޭލްގެ ވިޔަފާރިތަކެވެ. ބާޒާރުމަތީގައި އެ ކުންފުނިތަކުގެ މުދާ ބާލާ އެރުވުމުގައި އުޅޭ ބިދޭސީންގެ މެދުގައި ކޮވިޑް-19 ފެތުރިގަނެ، އެ ކުންފުނިތައް ވަގުތީ ގޮތުން ބަންދުކުރަން މަޖުބޫރުވި އެވެ. ރާއްޖެއަށް ގަނޑުކޮށް މުދާ އެތެރެކޮށް ވިއްކާ، ބީއެޗްއެމް، އެމްއެޗްއޭ، ލިލީ އަދި ކޭޑީއެމް ކަހަލަ ބޮޑެތި ހޯލް ސޭލަރުންގެ ސަޕްލައި ޗެއިންގައި ހިމެނޭ އެތައް މުވައްޒަފުންނެއް ތިބީ އެ ވައިރަހުގެ ޝިކާރައަކަށްވެފަ އެވެ. އެ ވިޔަފާރިތަކަށް ހުއްޓުން އައުމާ އެކު، ބާޒާރަށް އެނގުން ވެއްޖެ އެވެ. ދިވެހިންގެ ކެއިން ބުއިމުގައި މުހިންމު އެތައް ބާވަތެއް ބާޒާރުން ހުސްވެ، ނޫނީ ވަރަށް ބޮޑަށް މަދުވެ މި ވަނީ އަގުތައް ބޮޑުވެފަ އެވެ. ޑިސްއިންފެކްޓްކޮށް، ފިހާރަ ހުޅުވަން ހުއްދަ ލިބުނަސް، ހޯލް ސޭލަރުންނަށް އެންމެ ބޮޑު ގޮންޖެހުމަކީ އެ ކުންފުނީގެ ވިޔަފާރިތަކުގައި އުޅޭ މުވައްޒަފުން ކޮވިޑް-19 ގެ ޝިކާރައަކަށްވެފައިވުމެވެ. ރާއްޖޭގެ މާކެޓުގައި އާންމުކޮށް ބޭނުންކުރާ މުދާ އެތެރެކޮށް ވިއްކާ އެއް ކުންފުންޏަކީ ބީއެޗްއެމްއެވެ. ނަމަވެސް އެ ކުންފުނީގެ މުވައްޒަފަކަށް ކޮވިޑް-19 ޖެހި، ކުންފުނީގެ އޮޕަރޭޝަންތައް މިދިޔަ މަހުގެ 20 ވަނަ ދުވަހުން ފެށިގެން ވަނީ ހުއްޓުމަކަށް ގެނެސްފަ އެވެ. ރޯދަމަސް ކަމަށްވުމާ އެކު، ބީއެޗްއެމް އިން ވިއްކާ މުދަލަށް ވެސް އޮތް ޑިމާންޑު އިތުރުވެ، މާކެޓުން އެ ތަކެތި ވަނީ މުޅީންހެން ހުސްވެފަ އެވެ. ދިވެހިން އާންމުކޮށް ބޭނުންކުރާ ކިރާއި އެނޫންވެސް ކާބޯތަކެތީގެ ބާވަތްތައް އެތެރެކުރާ ބީއެޗްއެމްގެ މާކެޓިން މެނޭޖަރު އިބްރާހިމް ޝަރީފް ވިދާޅުވީ ކުންފުނީގެ އޮޕަރޭޝަން ފަށަން ޕްލޭނެއް އެކުލަވާލާފައިވާ ކަމަށެވެ. ނަމަވެސް ކުންފުނީގެ ލޭބަރުންނާއި ޑްރައިވަރުން އަދި އޮފީސް ސްޓާފުންގެ ތެރެއިންވެސް ބަޔަކު އަދިވެސް ތިބީ ކަރަންޓީނުގައި ކަމަށާއި މުވައްޒަފުންނަށް ރިލީޒް ލިބުނުހާ އަވަހަކަށް އޮޕަރޭޝަންތައް ފެށޭނެ ކަމަށެވެ. "ބައެއް މުވައްޒަފުން ދޫކޮށްލައިފި. އެކަމަކު މުވައްޒަފުން ދިރިއުޅޭ ބައެއް ތަންތަން އެބަހުރި އަދިވެސް މޮނީޓަރިންގައި، އެތަމްތަން މޮނީޓަރިން އިން ނަގައި، އޮޕަރޭޝަން ފެށޭވަރަށް މުވައްޒަފުންނަށް ރިލީޒް ލިބުމުން އޮޕަރޭޝަންތައް ފެށޭނެ. އަޅުގަނޑުމެން ވަނީ މިހާރު ފަށަން ހުރިހާ ތައްޔާރީއެއް ވެފައި،" ޝަރީފް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ބީއެޗްއެމް އިން ވިއްކާ މުދަލުގެ ސްޓޮކް އެބަހުރި ކަމަށެވެ. ނަމަވެސް ޑެލިވަރީ މަސައްކަތް ނުފެށޭތީ ފިހާރަތަކަށް އެތަކެތި ފޯރުކޮށް ނުދެވޭނެކަން އޭނާ ފާހަގަ ކުރެއްވި އެވެ. "އަޅުގަނޑުމެންނަށް ވަރަށް ގިނަ އާންމުންވެސް އެބަ ގުޅާ. އާންމުކޮށް ބޭނުންކުރާ ކިރާ، ކުޑަކުދިންގެ ކާބޯތަކެތި މިކޮޅުން އެބަވިއްކަން އެތަކެތީގެ ޝޯޓޭޖެއް މާކެޓުގައި އެބައުޅޭ. މަސައްކަތް މިކުރަނީ ވީހާވެސް އަވަހަކަށް އޮޕަރޭޝަން ފެށިގެން މިކަމަށް ހައްލެއް ގެނައުމަށް މަސައްކަތް ކުރާނަން،" ކޯސްޓް ކިރު ފަދަ މާކެޓުގައި މަގުބޫލު ޕްރޮޑަކްޓުތައް ވިއްކާ ބީއެޗްއެމްގެ މާކެޓިން މެނޭޖަރު ވިދާޅުވި އެވެ. ބީއެޗްއެމްއިން ބާޒާރަށް ނެރޭ ކޯސްޓް ކިރާއި ޔޯގަޓްގެ ބާވަތްތައް އަދި އެ ނޫންވެސް ދިވެހިންގެ ކެއިން ބުއިމުގައި ބޭނުން ކުރާ ބާވަތްތައް ބާޒާރުން މިހާރު ވަނީ އެކީހެން ހުއްޓިފަ އެވެ. ކޮވިޑް-19 އާއި ގުޅިގެން ބީއެޗްއެމްއެކޭ އެއްގޮަށް، ލިލީ އާއި އެމްއެޗްއޭގެ ސަޕްލައިޗެއިން އަށްވެސް ބުރޫ އެރި އެވެ. ލިލީ ކުންފުނީގެ އިސް އޮފިޝަލަކު ވިދާޅުވީ، ލިލީގެ ފިހާރަތައް ހުޅުވައިގެން ހޯލް ސޭލްކޮށް ތަކެތި މިހާރު ވިއްކަން ފަށާފައިވާ ކަމަށެވެ. އެހެން ނަމަވެސް އެ ކުންފުނީގެ ބައެއް މުވައްޒަފުން އަދިވެސް އެކަހެރިކޮށްފައި ތިބުމާއި ބަލި ޖެހުނު މީހުން އަދިވެސް ރަނގަޅު ނުވާތީ، ހޯލް ސޭލްކޮށް މުދާ ގަންނަ ފަރާތްތަކަށް އެތަކެތި ސަޕްލައިކޮށް ނުދެވޭ ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ ބަދަލުގައި މުދާ އޯޑަރު ކުރުމަށް ފަހު ފިހާރައަށް އައިސް އަމިއްލައަށް މުދާ ގެންދެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. "މުޅިން ނޯމަލްއަކަށް އަޅުގަނޑުމެންނަކަށް އަދި ނާދެވޭ. އަޅުގަނޑުމެންނަކަށް ސަޕްލައިއެއް ނުކޮށްދެވޭ މިހާރު. ކުރިން އަޅުގަނޑުމެން ސަޕްލައިކޮށްދޭން. މުވައްޒަފުންނަށް އެއްކޮށް ނިކުމެވޭ ގޮތް ވީމާ ސަޕްލައިކޮށްދެވޭނީ،" ލިލީގެ އޮފިޝަލް ވިދާޅުވި އެވެ. އެއާ އެކު، ލިލީއިން އެތެރެ ކުރާ ޗީޒް އާއި އެހެން ވެސް ކާތަކެތީގެ ބާވަތްތައް ރަށްރަށަށް ލިބުން ވަނީ ދަތިވެފަ އެވެ. އެހެންކަމުން އެތަކެތީގެ އަގު ރަށްރަށުގައި ބޮޑެވެ. ގާތްގަނޑަކަށް ބައެއް ތަކެތީގެ އަގުތައް ރަށްރަށުގައި ފަސް ޕަސެންޓް ވަރު ބޮޑުވެފައިވެ އެވެ. ކޭޑީއެމްގެ އޮފިޝަލަކު ވެސް ވިދާޅުވީ އެ ކުންފުނީގެ ގިނަ މުވައްޒަފުން ތިބީ ކަރަންޓީނުގައި ކަމަށްވުމުން އޮޕަރޭޝަން ހުއްޓިފައި އޮތް ކަމަށެވެ. އެހެން ނަމަވެސް އަންނަ ހޮނިހިރު ދުވަހުން ފެށިގެން އޮޕަރޭޝަންތައް ފަށަން ތައްޔާރުވަމުން އަންނަ ކަމަށް ބުންޏެވެ. ބާޒާރުމަތީގައި ހުރި ހޯލް ސޭލް ބައެއް ފިހާރަތަށް އަދިވެސް ހުންނަނީ ބަންދުކޮށްފަ އެވެ. ސަބަބަކަށް ވަނީ، ބައެއް ފިހާރަތަކުގެ އޯނަރުން މުވައްޒަފުންނަށް ނުރައްކާ އޮތުމުން ފިހާރަތައް ހުޅުވަން ބޭނުން ނުވުމެވެ. މީގެ އިތުރަށް ކޮރޯނާވައިރަހާ އެކު، ދުނިޔޭގެ ސަޕްލައިން ޗެއިންއަށް ވެސް ލަސްކަމެއް އައިސްފައިވާތީ މުދާ ރާއްޖެ ގެނައުމުގައި ދަތި އެބަ ހުއްޓެވެ. ހާއްސަކޮށް ތަރުކާރީ އަދި މޭވާގެ ބާވަތްތައް ގެނައުމުގެ ދަތިތައް އެބަ ހުރި ކަމަށް ހޯލް ސޭލަރުން ބުނެ އެވެ. ރާއްޖެއިން ކޮވިޑް-19 ޖެހިފައިވާ 904 މީހުންގެ ތެރެއިން، ގިނަ ބަޔަކު ޕޮޒިޓިވްވީ ބާޒާރު މަތިންނެވެ. ބާޒާރުމަތިވީ އެ ވައިރަސް އެންމެ ގަދަޔަށް ފެތުރުނު އެއްތަނަށެވެ. މީގެ ތެރޭގައި އެކި ވިޔަފާރިތަކުގެ ޑެލިވަރީގައި މަސައްކަތްކުރާ މީހުންނާއި ކޭޝިއަރުންވެސް ހިމެނެ އެވެ.
ބޮޑެތި ހޯލްސޭލަރުން ހުއްޓި، ބާޒާރު ހުސްވަނީ!
ރާއްޖޭގައި ކޮވިޑް19 ޖެހުނު މީހުންގެ އަދަދު 1106 އަށް އަރައިފިއެވެ. މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވީ ރޭގެ 12 އިން ފެށިގެން މިހާތަނަށް 12 މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށެވެ. ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން އޮޕަރޭޝަނަށް ލަސްތަކެއް އައިސްފައިވާ ކަމަށާއި ޕެންޑިންގައި ހުރި ސާމްޕަލް ތަކުގެ އަދަދުވެސް އިތުރުވެފައިވާ ކަމަށް މަބްރޫކު ވިދާޅުވިއެވެ. ރާއްޖޭގައި މިހާރު ބައްޔަށް ފަރުވާ ހޯދަމުން ދަނީ 1026 މީހުން ކަމަށް މަބްރޫކު މިރޭ ވިދާޅުވިއެވެ. އެޗްޕީއޭގެ ފަރާތުން ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ މިރޭވެސް އިތުރު ސާމްޕަލްތަކުގެ ނަތީޖާ ލިބޭނެ ކަމަށް ބެލެވޭ ކަމަށެވެ. ރާއްޖެއިން މިހާތަނަށް 74 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. މި ބަލީގައި މަރުވި މީހުންގެ އަދަދަކީ ހަތަރެެކެވެ.
ބަލިޖެހުނު މީހުންގެ އަދަދު 1106 އަށް
އީދުތައް ޝަރުއުކުރައްވާފައި ވަނީ ހަމައެކަނި އުފާ ފާޅުކުރާން ނޫންކަމަށާއި މި އީދުގައި ގޭގައި ތިބެން ޖެހުނަސް އެކުވެރިކަން އާލާކޮށް އެންމެންނަށް އަޅާލާ ރަހުމް ކުރުމަށް މިއަދުގެ އީދު ހުތުބާގައި އެންމެންހާ މުސްލިމުންނަށް ގޮވާލައިފި އެވެ. ރާއްޖޭގައި އީދު ނަމާދުކުރަން ހުއްދަ ދީފައިވާ ހުރިހާ މިސްކިތެއްގައި އިއްވި، އީދު ހުތުބާގައި ބުނީ އިސްލާމީ އީދުތަކަކީ އެކަމުގެ ހަފްލާގައި އެންމެން ބައިވެރިވާން ޖެހޭ އިހްތިފާލުތަކެއް ކަމަށެވެ. އަދި އެފަދަ ދުވަސްތަކުގައި ހަމައެކަނި އުފާފާޅުކުރަން ވީ ހަމައެކަނި މުއްސަނދިން ނޫން ކަމަށާއި، މުއްސަނދިން ފަގީރުންނާއި މިސްކީނުންނަސް ހެޔޮ ފޯރުކޮށްދީ އީދުގެ އުފަލުގައި އެމީހުން ބައިވެރިކުރަން ޖެހޭނެ ކަމަށެވެ. އީދު ނަމާދުގެ ކުރިން ފިތުރު ޒަކާތް ދައްކަން ޖެހެނީ އެ ސަބަބަށްޓަކައިކަން ހުތުބާގައި ވަނީ ފާހަގަކޮށްފަ އެވެ. ކޮރޯނާ ވައިރަސް ފެތުރޭތީ ފުރަބަންދުކޮށްފައި އޮތް މި ހާލަތުގައިވެސް ގޭގައި އީދު ނަމާދުކޮށް އަވަށްޓެރިންނާއި ރަހުމަތްތެރިންނާއި ގާތް ތިމާގެ މީހުންނަށް އީދުގެ ތަހުނިޔާ ފޮނުވުމަށް މިއަދުގެ ހުތުބާގައި ވަނީ ގޮވާލައިފަ އެވެ. އަދި ބޭނުން ޖެހިފައިވާ މީހުންނަށް އީދުގެ އުފަލުގައި އެމީހުން ބައިވެރިކުރަންވެސް ވަނީ ގޮވާލައިފަ އެވެ. "އިސްލާމްދީނުގައި އީދުތައް ޝަރުއުކުރައްވާފައިވަނީ ހަމައެކަނި އުފާ ފާޅުކޮށް މަޖާކުރާކަށް ނޫނެެވެ. އެކަމަކު އެކަން ޝަރުއު ކުރެއްވީ މުޖުތަމައުގެ އަފުރާދުންގެ މެދުގައި އެކުވެރިކަން އާލާކޮށް އިސްލާމީ އުހުއްވަތްތެރިކަން ދެމެހެއްޓުމަށް ޓަކައެވެެ. މުސްލިމުންގެ މެދުގައި ހެޔޮ ފޯރުވުމުގެ ރީތި އާދަ ފެތުރުމަށްޓަކައެވެ." މިއަދުގެ ހުތުބާގައި ބުނެފައިވެ އެވެ. އީދުގެ އުޖާލާކަމާއެކު މޫނުމަތިން އުފާވެރިކަން ފާޅުކޮށް ލޯތްބާއި ކުލުނާއި އަހުވަންތަކަމުގެ ޝުއޫރުތައް އެކަކު އަނެކަކަށް ހަދިޔާކުރުމަށްވެސް މިއަދުގެ ހުތުބާގައިވަނީ ގޮވާލައިފަ އެވެ. އަދި ރަހިމުގެ ގުޅުން ކެނޑިފައިވާ އެންމެންގެ މެދުގައި އެގުޅުން އަލުން އާކޮށް ރަހުމަތްތެރިންގެ މެދުގައި އެކުވެރިކަން ބަދަހިކުރަންވެސް ވަނީ ގޮވާލައިފަ އެވެ.
އީދުގެ ހުތުބާ: ދުރުގައި ތިއްބަސް އުފާކޮށް، އެންމެން ބައިވެރިކުރޭ
މާވެޔޮ މަގު ސަރަހައްދުން ކަރަންޓު ކެނޑެން ދިމާވި މައްސަލަ ހައްލުކޮށް އަލުން ކަރަންޓު ދީފިއެވެ. ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން މާވެޔޮމަގު ސަރަހައްދުން ކަރަންޓު ކެނޑުނީ މިރޭ 9:30 އެހައިކަންހާއިރު އެވެ. ސްޓެލްކޯ އިން ބުނީ ކަރަންޓު ކެނޑެން ދިމާވި މައްސަލަ ހައްލުކޮށް މިރޭ 21:48 ގައި ވަނީ ކަރަންޓު ދެވިފައިވާ ކަމަށެވެ. މާވެޔޮމަގު ސަރަހައްދުން ކަރަންޓު ކެނޑުނުއިރު، މިހާރު ކުރަމުންދާ ވިއްސާރާގައި މާލޭގެ އެކި ސަރަހައްދުތަކުގައި ވަނީ ފެންބޮޑުވެފައެވެ.
މައްސަލަ ހައްލުކޮށް ކަރަންޓު ދީފި
ޖަރުމަނުގެ ކްރިސްޓިއަން ނޫނީ ނަސޯރާ ދީނުގެ ފައްޅިއެއް މުސްލިމުން ނަމާދުކުރަން ދީފި އެވެ. ކޮރޯނާ ވައިރަސް ފެތުރޭތީ ޖަރުމަނުގައި އަޅާފައިވާ ގައިދުރުވުމުގެ ފިޔަވަޅުތަކާއެކު ޖަރުމަނުގެ ބައެއް މިސްކިތްތައް ކުޑަކަމުން މިހާރު ނަމާދު ކުރަން ޖާގަ ނޯވެ އެވެ. އެހެންވެ، އެކަހަލަ ކުޑަ މިސްކިތްތައް ވަނީ ބަންދުކޮށްފަ އެވެ. އެކަމާ ގުޅިގެން ޖަރުމަނުގެ ނިއުކޮލްނު ސަރަހައްދުގައި ހުންނަ ދާރުއް ސަލާމް މިސްކިތުގައި މިވަގުތު ނަމާދު ކުރެވެނީ މަދު ބަޔަކަށެވެ. އެހެންވެ، ޖަރުމަނުގެ ކުރުއެޒްބާގްގައި ހުންނަ މާތުރާ ލުތާން ޗާޗުން ވަނީ ރަމަޟާން މަހު އެ ޗާޗުގައި މުސްލިމުން ޖަމާއަތުގައި ނަމާދުކުރެވޭނެ ގޮތް ހަދައިފީފައެވެ. އެގޮތުން މިދިޔަ ހުކުރު ދުވަހު މުސްލިމުން ހުކުރު ނަމާދު ޖަމާއަތުގައި ކުރީ އެ ޗާޗުގައެވެ. ޗާޗުގައި މުސްލިމުން ނަމާދު ކުރަނީ-- ކޮރޯނާއާ ގުޅިގެން ޖަރުމަނުގައި ފުރަބަންދުކޮށް އެޅި ފިޔަވަޅުތަކަށް ފަހު މިމަހުގެ ހަތަރުވަނަ ދުވަހުން ފެށިގެން ވަނީ އެކި ދީންތަކުގެ މީހުން އަޅުކަންތަކަށް އެއްވުމުގެ ފުރުސަތު ދީފައެވެ. ނަމަވެސް ކޮންމެ މީހެއްގެ ދުރުމިނުގައި ފަސް ފޫޓްގެ ދުރުމިން ހުންނަން ޖެހެއެވެ. " ބަލި މަޑުކަމާއެކު ދެ ކޮމިއުނިޓީއެއް މިވަނީ އެއްބަޔަކު އަނެއްބަޔަކާ ގުޅި ލާމެހިފައި. މިއީ ވަރަށް ރަނގަޅު ނިޝާނެއް. ހާއްސަކޮށް ރަމަޟާން މަހު މި ކާރިސާ ތެރޭގައި މި ފުރުސަތު ލިބުމުން ވަރަށް އުފާވޭ" ދާރުއް ސަލާމް މިސްކިތުގެ އިމާމް ރޮއިޓާސްއަށް މައުލޫމާތު ދެމުން ވިދާޅުވިއެވެ. ޗާޗުގައި ޖަމާއަތުގައި ކުރި ނަމާދުގައި އެ ޗާޗުގެ ޕާސްޓާވެސް ބައިވެރިލައްވައި ވަނީ ކުރި ޚިތާބެއް ދެއްވައިފައެވެ. " މުސްލިމުންގެ ހުރި ކަންބޮޑުވުންތައް އަޅުގަނޑުމެންނަށްވެސް އިހުސާސްވޭ. މިފަދަ ގޮތަކަށް އެއްބަޔަކު އަނެއް ބަޔަކާ މެދު ދެކުމަކީ ވަރަށް ރީތި އުސޫލެއް. އަޅުގަނޑުމެންވެސް ބޭނުންވަނީ މުސްލިމުންގެ ފަރާތުން ކަންކަން ދަސްކުރަން." ޕާސްޓާ ވިދާޅުވިއެވެ. -- ބީބީސީ
ޖަރުމަނުގެ ނަސޯރާ ދީނުގެ ފައްޅިއެއް މުސްލިމުން ނަމާދުކުރަން ދީފި
އަހަރެންގެ އުމުރުން އޭރު 16 އަހަރެވެ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް އަލަށްވެސް ދިޔުމުގެ ފުރުސަތު ލިބުނީ 2012 ވަނަ އަހަރުގެ ވަޅު އީދު ދުވަހު އެވެ. އެއީ، ރާއްޖޭގައި ހިލޭ ސާބަހަށް މަސައްކަތްކުރާ އެންމެ ބޮޑު ޖަމްއިއްޔާ އަދި 10،000 އަށް ވުރެ ގިނަ އަންހެން މެމްބަރުން ހިމެނޭ، މޯލްޑިވްސް ގާލް ގައިޑްސް އެސޯސިއޭޝަންގެ ޒުވާން ލީޑަރުންގެ ގޮފިން އިސްނަގައިގެން އެ މަރުކަޒަށް ކުރި ދަތުރެކެވެ. އަހަރެން ވެސް ގާލްގައިންޑްގެ މެންބަރަކަށް ވުމުން އެ ދަތުރުގައި ބައިވެރިވާން ފުރުސަތު ލިބުނީ އެވެ. "ގުރައިދޫ ދަތުރު"ގެ ނަމުގައި 2،000 ވަނަ އަހަރުން ފެށިގެން ބާއްވަމުން އެ ދަތުރު ވެގެން ދިޔައީ އަހަރެންގެ ހަޔާތުގެ އާ ސޮފްހާއެއްގެ ފެށުމަށެވެ. އަޅާ ނުލެވި ހުރި އިޖްތިމާއީ އެތައް މައްސަލައަކަށް ލޯ ހުޅުވާލަދިނެވެ. ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާއި އުމުރުން ދުވަސްވެފައިވާ ފަރާތްތަކަށް އަޅާލުމާއި އޯގާތެރިވުމުގެ މުހިއްމުކަން އަހަނަށް ބުނެދިނީ މި ދަތުރެވެ. ކޮންމެ އަހަރެއްގެ އީދު ދުވަހު ގުރައިދޫ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ސެންޓަރަށް ޒިޔާރަތްކޮށް އެތަނުގައި ތިބޭ ދުވަސްވީ މީހުންނާ އެކު ވަގުތު ހޭދަކުރުމަކީ ކޮންމެ ގާލް ގައިޑަކަށް ވެސް ހާއްސަކަމަކަށް އޮންނަނީ ވެފަ އެވެ. ކ. ގުރައިދޫ މަރުކަޒަށް ކުރި ދަތުރުގެ ތެރެއިން ގާލްގައިޑަކު އެތަނުގައި ހުންނަ މީހަކާ ވާހަކަ ދައްކަނީ -- އެދަތުރުން އަހަރުމެންނަށް ކިޔައިދެނީ، މައިންބަފައިން މުސްކުޅިވެ ގައިބާރުދެރަވެ ދަރީންގެ ލޯބި އެންމެ ބޭނުންވާ ދުވަހު ގަސްތުގައި އެ އަޅާލުމުން މަހުރޫމްކުރުމުގެ ހިތާމަވެރި އެތައް ވާހަކައެކެވެ. މާލީ ފޯރުންތެރިކަން ނެތުމުން ހިތާދެކޮޅަށް "ބަލި" ދަރީން ލޮލަށް ނުފެންނަހާ ދުރަށް ފޮނުވާލަން މަޖުބޫރުވި މައިންބަފައިންގެ ހިތްދަތި އިހްސާސްތަކެވެ. ގުރައިދޫ ދަތުރު ދިއުމަށް ކޮންމެ އަހަރެއްގެވެސް ރޯދައިގެ ކުރިން ފެށިގެން އަހަރެމެން ތައްޔާރުވާން ފަށަމެވެ. އެންމެ ފުރަތަމަ ކަމަކަށް، އެމަރުކަަޒަށް ގުޅާ އެންމެ ފަހުގެ މައުލޫމާތު އެއްކޮށް އެންމެ ބޭނުންވާ އެއްޗެހީގެ ލިސްޓެއް އެކުލަވާލަނީ އެވެ. ދެހާހުގެ ކުރީ ކޮޅު ނަމަ، އެ މަރުކަޒުގައި ތިބޭ މީހުންނަށް އެހީއެއް ފޯރުކޮށްލަ ދިނުމަށް އެދި ތަނަވަސް މީހުންނާއި ބައެއް ފިހާރަތަކަށް ސިޓީ ލިޔެ ފޮނުވަނީ އެވެ. ނަމަވެސް މި ފަހުން ސޯޝަމް މީޑިއާގައި ދަތުރުގެ މައުލޫމާތު ހިއްސާކޮށްގެން އެހީތެރިކަން ހޯދަނީ އެވެ. އަހަރުމެން އެ ސެންޓަރަށް ދަނީ ދީލަތި އެތައް ދިވެހީންނެއް ދޭ "އީދު ހަދިޔާ" ހިފައިގެންނެވެ. ވަޅު އީދު ދުވަހު ޔަގީނަށް ވެސް އަހަރުމެން ތިބޭނީ ގުރައިދޫ މަރުކަޒުގައި އެތަނުގައި އުޅޭ މީހުންނާ އެކު ވަގުތު ހޭދަކުރުމުގަ އެވެ. މި ދަތުރުގައި އެ މަރުކަޒުގައި ތިބޭ ފަރާތްތަކަށް ބޭނުންވާނެ އަސާސީ ތަކެތިވެސް ގެންގޮސް ބަހާ ހަދަމެވެ. ދިވެހީން އިތުރުން ބޭރުގައި ތިބޭ އެކި ފަރާތްތަކުންވެސް މިކަމަށް އެހީތެރިވެ އެވެ. މިދިޔަ އަހަރަކީ ގުރައިދީ ދަތުރަށް 20 އަހަރު ފުރުނު އަހަރެވެ. އެއާ އެކު، "ގުރައިދޫ ޕްލަސް"ގެ ނަމުގައި ހާއްސަ އެހީއަށް ބޭނުންވާ މަރުކަޒުގައި ތިބޭ މީހުންނަށް ހެލްތް ކޭމްޕަކާއި މަރުކަޒުގައި މަސައްކަތްކުރާ މުވައްޒަފުންގެ ގާބިލްކަން އިތުރުކޮށްދިނުމުގެ ގޮތުން ޓްރެއިނިން ދިނުމުގެ ޕްރޮގްރާމްތަކެއް ވެސް ރޭވި އެވެ. ބޭނުމަކީ ގުރައިދޫ މަރުކަޒަށް ދެމެހެއްޓެނިވި ގޮތެއްގައި އެހީވުމެވެ. ގުރައިދޫ ދަތުރަށް ތައްޔާރުވަނީ -- ގުރައިދޫ ދަތުރުގެ ހުރިހާ ކަމެއް ރާވާ އިންތިޒާމްކުރަނީ ޒުވާނުން ގައިޑުންނާއި ގައިޑް ލީޑަރުންނެވެ. އެހީ ހޯދުމަށް ސިޓީ ފޮނުވުމުން ފެށިގެން، ލިބޭ އެހީތައް އެއްކޮށް ވަކި ތަރުތީބެއްގެ ދަށުން އެތަކެތި ޕެކްކުރުމުގެ މަސައްކަތް ވެސް ކުރަނީ މި ޒުވާނުންނެވެ. އަދި މުޅި ވަޅު އީދު ދުވަހު ގުރައިދޫ މަރުކަޒުގައި ހިންގާނެ ހާއްސަ ހަރަކާތްތައް ވެސް އިންތިޒާމް ކުރަނީ މި ގުރޫޕުންނެވެ. އެކަމަކު މިއަހަރު ތަފާތެވެ. މިއަހަރުގެ ވަޅު އީދު ދުވަހު އަހަރެމެން ގާލް ގައިޑުންގެ އާއިލާއަށް މިވަނީ ވަރަށް ބޮޑު ހުސްކަމެއް ކުރިމަތިވެފަ އެވެ. ކޮރޯނާވައިރަހާ އެކު ފުރަބަންދެއްގައި އޮތުމުން މި ފަހަރު ގުރައިދޫ ދަތުރު ކެންސަލް ކުރަން ޖެހުނީ އެވެ. "އެ ދަތުރަކީ އަހަރުމެން ވަރަށް ކެތް މަދުވެފައި ތިބޭ ދަތުރެއް. އެތަނުގައި ތިބޭ މީހުންނަށް ކޮންމެ އީދަކު މަރުހަބާ ކިޔަން ތިބެނީ ކެތްމަދުވެފައި. އެކަމަކު މިފަހަރު އެ ނަސީބެއް ނުލިބުނު. އަހަރުމެން މިތިބީ ވަރަށް ބޮޑު މާޔޫސްކަމެއްގައި. މިއީ ބަޔާންކުރަންދަތި ފަޅުކަމެއް. އަހަރެންގެ ހިތަށް ވެސް ވަރަށް ބޮޑު ހުސްކަމެއް އައިސްފި،" ގާލް ގައިޑަކުން އޭނާގެ ޝުއޫރު ހިއްސާކުރި އެވެ. ގުރައިދޫ މަރުކަޒަށް ގާލްގައިޑުން ގެންދާ ބައެއް ހަދިޔާ -- ގުރައިދޫ ދަތުރުގެ އެންމެ ހާއްސަ ހަނދާނަކީ އެތަނުގެ މައިގޭޓުން ވަންނައިރު، އެ ތަނުގައި ތިބޭ މީހުންގެ އަހަރުމެންނަށް މަރުހަބާ ކިޔަން މާކުރިން ގޯތިތެރެއަށް އެއްވެ ތިބޭނެ މަންޒަރެވެ. އަދި ވަރަށް ގިނަ ގާލް ގައިޑުންނާއި “ސީދާ ނަމުން” އެ މީހުން މުހާތަބުކުރެ އެވެ. އެއީ، ހިތާ ހިތުގެ ގުޅުމަކަށް އޮންނަނީވެފަ އެވެ. ހަމަ ޔަގީނަށް ވެސް، މަރުކަޒުގައި ތިބޭ ކޮންމެ މީހެއްގެ ހަނދާނުގައި ވެސް މި ދަތުރުގެ ފޮނި ހަނދާންތައް ރައްކާކޮށްފައި ހުންނާނެ އެވެ. އެ ދަތުރުގައި މެންދުރަށް ތާވަލްކޮށްފައި އޮންނަ މިޔުޒިކް އަދި ހުނަރު ޝޯގެ ހަބަރު ދަބަރު އޮޅުންފިލުވާ މިފަހަރު ބޮޑުބެރުގެ ހާއްސަ ލަވައެއް އޮންނާނެތޯ އާއި އޭނާގެ “ފޭވަރިޓް” ކުޑަ އިއްބެގެ ލަވައެއް ޕާފޯމްކޮށްލަން، މައިކުން ކިޔާލަން ލިބިދާނެތޯ އެ މީހުން ސުވާލު ކުރާނެ އެވެ. ހަމަ ގައިމު އެ ސުވާލުތަކުގެ މަތިން އަހަރުމެން ވަރަށް ހަނދާންވެ އެވެ.
ގުރައިދޫ މަރުކަޒަށް ނުދެވި، ގާލް ގައިޑުންނަށް ހިތްދަތި އީދެއް!
މާލޭގައި ދިރިއުޅޭ ފަރާތްތަކުގެ ތެރެއިން، ކޮވިޑް-19 ބަލިމަޑުކަމާއި ގުޅިގެން ދިރިއުޅޭ ތަނުގެ ކުލި ދެއްކުމަށް ދަތިވާ ފަރާތްތަކަށް ސަރުކާރުން އެލަވަންސެއް ދިނުމަށް ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ހުށަހެޅުއްވި އިސްލާހު ފާހެއް ނުވި އެވެ. ޝިޔާމް އެ އިސްލާހު ހުށަހަޅުއްވާފައިވަނީ، އިޖުތުމާއީ ކޮމެޓީން ސަރުކާރަށް ހުށަހަޅަން ނިންމާފައިވާ ރިޕޯޓަށެވެ. ޝިޔާމް ވަނީ ދެ ނުކުތާގެ މައްޗަށް ހިމެނޭ އިސްލާހެއް ހުށަހަޅުއްވާފަ އެވެ. އެގޮތުން ފުރަތަމަ ނުކުތާއަކީ، ކޮވިޑް-19އާ ގުޅުގެން ކުލި ދެއްކުމަށް ދަތިވެ ބޯހިޔާވަހިކަމަށް އެހީތެރިވުމުގެ ގޮތުން މިދިޔަ ސަރުކާރުން ހުޅުމާލޭގައި އަޅާފައިވާ 7000 ހައުސިން ޔުނިޓްގެ ވެރިފަރާތްތަކަށް އެތަންތަނަށް ވަދަވޭނެ ގޮތް ހެދުމެވެ. ދެވަނަ އިސްލާހަކީ، ކުއްޔަށް ދިރިއުޅޭ ފަރާތްތަކުގެ ތެރެއިން ކުލި ދެއްކުމަށް ދަތިވާ ފަރާތްތައް ދެނެގަނެ ކުލި ދެއްކުމަށް އެލަވަންސެއް ހަމަޖައްސައިދިނުމަށް ޝިޔާމް ވަނީ އިސްލާހު ހުށަހަޅުއްވާފަ އެވެ. ނަމަވެސް އެ އިސްލާހު ފާހަށް ނުވި އެވެ. ފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ 10 މެންބަރުންނެވެ. ދެކޮޅަށް 51 މެންބަރުން ވަނީ ވޯޓު ދެއްވާފަ އެވެ. އެ އިސްލާހު ފާސްވުމަށް މަދުވެގެން 31 މެންބަރުންގެ ވޯޓު ބޭނުންވާނެ އެވެ. ޝިޔާމްގެ އިސްލާހު ފާސް ނުވި ނަމަވެސް ހަތް ނުކުތާގެ މައްޗަށް އެކުލެވޭ އެ ރިޕޯޓް ވަނީ 66 މެންބަރުންގެ ވޯޓުން ފާސްވެފަ އެވެ. ކޮމެޓީ ރިޕޯޓް ގައި ފާހަގަކޮށްފައިވާ ހަތް ނުކުތާ: އަމިއްލަ ފަރުދުންނަށާއި ސަރުކާރަށް ކުއްޔަށް ދޫކޮށްފައިވާ އެޕާޓްމަންޓްތަކުންނާއި ގެތަކުން ކުލި ކުޑަވާންޖެހޭކަމަށާއި، އެފަދަ ބަދަލެއް އަންނާނެގޮތްތަކަކަށް ލުއި ދިނުމަށް. މޮރިޓޯރިއަމް ޕެކޭޖް ދިނުމަށްފަހު، އެފަރާތްތަކުން ޢަމަލުކުރާގޮތް މާލެއާއި އަތޮޅުތެރޭގައިވާ ޖޮބް ސެންޓާ މެދުވެރިކޮށް ބަލަމުންގެންދިއުމަށް. މޮރިޓޯރިއަމް ޕެކޭޖް އެއްފަހަރާ ދޫނުކުރުމަށާއި، އެފަރާތްތަކުން މުވައްޒަފުންނާމެދު އިހާނެތިކޮށް ކަންތައްތައް ކުރަމުން ގެންދާނަމަ، ދޫކުރެވިފައިވާ ފައިސާގެ ވަކި ޕަސެންޓެއް ޖޫރިމަނާގެ ގޮތުގައި ނެގުމަށް. ސްކޫލްތައް ބަންދުވެފައިވާ ޙާލަތުގައި މެދުކެނޑުމެއްނެތި ތަޢުލީމުގެ ފުރުސަތު ކަށަވަރުކޮށްދިނުމައްޓަކައި މިޙާލަތާއި ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ތަޢާރުފްކޮށްފައިވާ އޮން-ލައިން ޕޮރޮގްރާމްތަކާއި 'ޓެލެކްލާސް' ކުރިޔަށް ގެންދިޔުމަށް. މާލެއާއި އަތޮޅުތެރޭގައި ދިރިއުޅޭ ހުރިހާ ކުދިންނަށް ތަފާތު ކުރުމެއްނެތި މިފުރުސަތު ފަހިކޮށްދިނުމަށްޓަކައި ސްކޫލް ކުދިންނަށް ހާއްސަ އިންޓަރނެޓް ޕެކޭޖްތަކެއް، ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކާއި އެޑިއުކޭޝަން މިނިސްޓްރީ ގުޅިގެން ކުރިއަށް ގެންދިއުމަށް. ފުރަބަންދުގައިވާ ހާލަތުގައި އަދި ވަކިން ހާއްސަކޮށް މުޖުތަމަޢުގައި ބަލި ފެތުރެމުންދާ ދަނޑިވަޅެއްގައި ކުއްޔަށް ދިރިއުޅެމުންދާ ފަރާތްތަކުގެ ތެރެއިން ހާލުގައިޖެހި ކުލިދެއްކުމަށް ނުކުޅެދޭ ފަރާތްތައް މަގުމަތިވިޔަނުދިނުމަށްޓަކައި ސަރުކާރާ، ސިޓީ ކައުންސިލްތައް އަދި ރަށު ކައުންސިލްތައް މެދުވެރިކޮށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް. އެޗް.ޕީ.އޭގެ އިރުޝާދުގެ ދަށުންމެނުވީ މިސްކިތްތަކާ ޕާކުތައްފަދަ އާންމުން އެއްވާ ތަންތަން، ޢާންމު ބޭނުންތަކަށް ހުޅުވާ ނުލުމަށް. ކޮމިޓީގެ ހުށަހެޅުންތަކުގެ އަމާޒަކީ، ކޮވިޑް-19އާ ގުޅިގެން ތައާރަފްކުރާ މޮރިޓޯރިއަމް ފެކޭޖްތަކަކީ، އިގްތިސާދަށް ހެޔޮބަދަލެއް އަންނާނެ ފަދަ ގޮތަކަށް ބައްޓަންވެފައިވާ ޕެކޭޖުތަކަކަށްވުމާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް މި ހާލަތުން އަރައިގަތުމަށް އެހީތެރިކަން ލިބުން ޔަގީންކުރުމާއި، ތައުލީމީ ނިޒާމު ހަރުދަނާވުމާ، ރައްޔިތުންގެ މެދުގައި އިޖްތިމާއީ ދުޅަހެޔޮކަން އިތުރުކޮށް، ރައްޔިތުންނަށް ދިމާވަމުންދާ އެކި ކަހަލަ ދަތިތައް ލުއިވެ، މި ބަލިމަޑުކަމުން އަރައިގަތުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ވީހާވެސް ރަނގަޅަށް ތަންފީޒުކުރެވޭނެގޮތެއް މަގުފަހިކުރުން ކަމަށް ވެސް ވަނީ ބުނެފަ އެވެ.
ކުލި ދެއްކުމަށް އެލަވަންސެއް ދޭން ފާހެއް ނުވި
ކޮވިޑް-19 ޖެހުނު އިތުރު ދެ މީހަކު މިހާރު ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކޮށްފައިވާ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން ހާމަކޮށްފިއެވެ. މީގެ ކުރިން އެ ހޮސްޕިޓަލުގައި ކޮވިޑަށް ޕޮޒިޓިވްވެގެން ފަރުވާ ދެމުން ދިޔައީ، އުމުރުން 80 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. އާންމު ގޮތެއްގައި އެ ހޮސްޕިޓަލަށް ބަދަލު ކުރަނީ، ވައިރަސް ޖެހިގެން ހާއްސަ ގޮތެއްގައި ފަރުވާދޭން ޖެހޭ މީހުންނަށެވެ. މިރޭ ދަރުބާރުގޭ، އެންއީއޯސީގައި ބޭއްވި ނުސްވެރިންގެ ބައްދަލުވުމުގައި ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ، އެ ހޮސްޕިޓަލަށް އަލަށް ގެންދިޔައީ 68 އަހަރުގެ ދިވެހި އަންހެނަކާއި 48 އަހަރުގެ ޕާކިސްތާނު ފިރިހެނެއް ކަމަށެވެ. "ޕާކިސްތާނު މީހާއަށް އޮކްސިޖަން ބޭނުންވާތީ، އޭނާ އޮތީ އޮކްސިޖަން ގުޅާފައި. ދެން ފަރުވާ ދެމުންދާ ދެމީހުންގެ ސްޓޭބަލް [ހާލު ރަނގަޅު]،" ޑރ. އަފްޒަލް ވިދާޅުވިއެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް ވާހަކަ ދައްކަވަނީ ---- ފޮޓޯ/ އެންއީއޯސީ މިދިޔަ ދެ ދުވަސްތަރޭ 85 މީހަކު ވަނީ ވައިރަހަށް ޕޮޒިޓިވްވެފަައެވެ. އޭގެ ތެރޭގައި ހިމެނެނީ، އިއްޔެ ފެނުނު 73 ކޭސްއާއި މިއަދު މިހާތަނަށް ފެނުނު 12 ކޭސްއެވެ. ޑރ. ވިދާޅުވީ، އިއްޔެ ފަހުން ފެނުނު 12 ކޭސްތައް މައިގަނޑު ގޮތެއްގައި ނިސްބަތްވަނީ ދެ ކްލާސްޓާއަކަށް ކަމަށެވެ. އެއީ އާރުއެސްސީ އަދި ބީޒެޑްއެމް ކްލާސްޓާއެވެ. އަދި މިއަދު ފެނުނު 12 ކޭސް ނިސްބަތްވަނީ ތިން ކްލާސްޓާއަކަށް ކަމަށް އަފްޒަލް ވިދާޅުވިއެވެ. އެއީ އާރުއެސްސީ، ބީޒެޑްއެމް އަދި އެމްއެޗްއެފް އެވެ. "[ފަހުން ފެނުނު ކޭސްތަކަކީ] އެއް ބާވަތެއްގެ ބަޔަކު އުޅޭ ކްލާސްޓާތަކެއް މިއުޅެނީ. ނޫނީ އެއްކަހަލަ ގުޅުންތަކެއް އޮތް ކްލާސްޓާތަކެއް،" ޑރ. އަފްޒަލް ވިދާޅުވިއެވެ. މިހާރު ފެނިފައިވާ ކޭސްތަކުގެ ކްލާސްތައް ބެހިގެންވާ ގޮތް -- ޑރ. އަފްޒަލް މިރޭ ވަނީ ކްލާސްޓާތައް ބެހިގެންވާ ގޮތުގެ މައުލޫމާތުވެސް ހިއްސާ ކުރައްވާފައެވެ. އެ މައުލޫމާތުތަކުން އެނގޭ ގޮތުގައި މިހާތަނަށް ޖުމްލަ 20 ކްލާސްޓާއެއް ހިމެނެއެވެ. އެންމެ ގިނަ މީހުން ފެނިފައިވަނީ، އެމްއެޗްއެފް ކްލާސްޓާއިންނެވެ. އެ ކްލާސްޓާއިން 32 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އަދި އެ ކްލާސްޓާއާ ގުޅުން އޮތް އެލްއެލްވައި ކްލާސްޓާ އިން 30 މީހަކު ވަނީ ވައިރަހަށް ޕޮޒިޓިވްވެފައެވެ. އެއްވެސް ކްލާސްޓާއަކަށް ނުފެތޭ 14 މީހަކު ހިމެނެއެވެ. ކްލާސްޓާތަކަށް ނަން ދީފައިވަނީ، އެ ކްލާސްތައް ފެނުނު ތަންތަނާ ގުޅުވައި ކަމަށް ޑރ. އަފްޒަލް މިރޭ ވިދާޅުވިއެވެ. އެގޮތުން ބީޒެޑްއެމް އަކީ، ބާޒާރުމަތި ކްލާސްޓާއެވެ. އެލްއެލްވައި ކްލާސްޓާ އަކީ، ލިލީ ސްޓޯރާ ގުޅޭ ކްލާސްޓާއެވެ. ޖީއާރުވައި އަކީ، މ. ޖަރީމާގެއިން ފެނުނު ފުރަތަމަ ކޭސްއާ ގުޅޭ ކްލާސްޓާއެވެ. ބީއެޗްއެމް އަކީ، ބީއެޗްއެމް ޓްރޭޑާސް އިން ޕޮޒިޓިވްވި މީހުންގެ ކްލާސްޓާއެވެ. އެމްޒެޑް އަކީ، އަމާޒް ބޯޓުން ޕޮޒިޓިވްވި ކެޕްޓަނާ ގުޅޭ ކްލާސްޓާއެެވެ. އެފްލްސީ އަކީ، ފްލޫ ކްލިނިކް ގެ ކްލާސްޓާއެވެ. ޔޫޖީއެމް އަކީ، އުލިގަމުން ޕޮޒިޓިވްވި މީހުންނާ ގުޅޭ ކްލާސްޓާއެވެ. ދެން ހުރި ކްލާސްޓާގެ ނަންތައް އަދި ސީދާ ވަކި ކުރާކަށް ނޭނގެއެވެ. ޑރ. އަފްޒަލް އިތުރަށް ވިދާޅުވި ގޮތުގައި، މިހާރު މަގުމަތިން، ކަންމަތި ފިހާރަ ބިދޭސީން ދިރިއުޅޭ ތަންތަން، ބާޒާރު މަތި އަދި ހުޅުމާލެއިންވެސް ރެންޑޮމްކޮށް ޓެސްޓް ކުރަމުންދާ ކަމަށެވެ. ނަމަވެސް މިއަދު ވިއްސާރަވުމާ ގުޅިގެން ރޭންޑޮމްކޮށް ނެގުނީ 25 ސާމްޕަލްއެއް ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ. މިހާތަނަށް ރާއްޖެއިން ވައިރަހަށް ސާމްޕަލް ނެގި އަދަދަކީ، 6،343 އެވެ. އޭގެ ތެރެއިން 224 މީހަކު ޕޮޒިޓިވް ވިއިރު، 5،999 މީހަކު ވަނީ ވައިރަހަށް ނެގަޓިވްވްވައެވެ. ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ، 87 ދިވެހީންނާއި 137 ބިދޭސީންނެވެ. އޭގެ ތެރެއިން 17 މީހަކު ވަނީ ވައިރަހުން ރަނގަޅުވެފައެވެ. އެއީ ހަތަރު ދިވެއްސަކާއި 13 ބިދޭސީންނެވެ. މިހާތަނަށް ނަތީޖާ ނުލިބޭ ސާމްޕަލްތަކުގެ އަދަދަކީ، 129 އެވެ.
ކޮވިޑް ޖެހުނު އިތުރު ދެ މީހަކު ދަރުމަވަންތައަށް ބަދަލުކޮށްފި
ރާއްޖެއިން ކޮވިޑް19 ޖެހުނު މީހުންގެ ތެރެއިން އިތުރު 15 މީހަކު ބަލިން ރަނގަޅުވެއްޖެއެވެ. މިރޭ އެންއީއޯސީގައި ބާއްވަމުންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާނު މަބްރޫކު އަޒީޒު ވިދަޅުވީ ރާއްޖެއިން މިހާތަނަށް ރަނގަޅުވި މީހުންގެ އަދަދު 74 އަށް އަރާފައިވާ ކަމަށެވެ. މީގެ ތެރޭގައި ހިމެނެނީ ހަތަރު އަންހެނުންނާއި 11 ފިރިހެނުން ކަމަށާއި، އެއީ ހަތް ދިވެހިން އަދި އަށް ބަންގްލަދޭޝް މީހުން ކަމަށް އެޗްޕީއޭ އިން ބުންޏެވެ. މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެޗްޕީއޭގެ އެޕްޑޮމެލެޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ އިއްޔެގެ 12 ޖެހުމާ ހަމައަށް 15 މީހުން އަދި މިއަދު ދެ މީހަކު ރަނގަޅުވެފައި ވާކަމަށެވެ. މިއަދު ބަލިން ރަނަގޅުވީ ދެ ބަންގްލަދޭޝް މީހުން ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ. ރާއްޖެއިން މިހާތަނަށް ބަލި ޖެެހުނު މީހުންގެ އަދަދު ވަނީ 1106 އަށް އަރައިފައެވެ. ބަލިޖެހިގެން މަރުވެފައިވަނީ ހަތަރު މީހުންނެވެ.
ކޮވިޑް ޖެހުނު އިތުރު 15 މީހަކު ރަނގަޅުވެ، އަދަދު 74 އަށް
ދިވެހިންނަކީ އީދު މަޖަލުގައި ނިކަން އަރާ ތިބި ބައެކެވެ. ނަމަވެސް އަހަރުމެންނަށް ކުރިމަތިވެފައިވާ ކޮވިޑްްގެ ވަބާއާއެކު މި އީދުގެ މަޖާކުރުމަށް މިވަނީ ހިޔަނި އެޅިފަ އެވެ. ފުރަބަންދާ އެކު އެންމެން ތިބެން ޖެހިފައި މި ވަނީ ގޭގަ އެވެ. އާއިލީ އީދު ސަޔާއި ފެންކުޅި ކުޅުމާއި، ކޯނޑިކެނޑުމާއި، މިހެން ގޮސް އީދުގައިކޮށް އުޅުނު ސަގާފީ އެތަށް ކުޅިވަރުތަކެއް ނުކުޅެވުނަސް ގޭގައި ތިބެގެން މަޖާކޮށް އުފާކުރެވިދާނެ އެވެ. ދުރުގައި ވިޔަސް އެކުގައި ވެވިދާނެ އެވެ. އަތުގައި އޮންނަ ފޯނު ނަގައި ރަށްޓެހިންނާއި އާއިލާ އެންމެންނަށް އީދު ތަހުނިޔާ ފޮނުވާލެވިދާނެ އެވެ. އެގޮތުން މިފަހަރު ސަންގެ ކިޔުންތެރިންނަށް މި ހަދިޔާ ކުރަނީ މަޝްހޫރު ލަވަކިޔުންތެރިއާ ހަސަން އިރުފާން (ޒަކިއްޓެ) ގޭގައި ހުރެގެން އެހާމެ އަވަހަށް ކިޔާލަދިން "އަހާ މީ އީދެއް" މި ލަވަ އެވެ. މިއީ އޭނާ އެންމެ ފުރަތަމަ 2012 ވަނަ އަހަރު ބޮޑު ބެރުލަވަ ކިޔުމަށް އުޅުނު އިރު އޭނާގެ ހިތާ ގުޅިފައިވި ލަވައެކެވެ. އޭރު ފަރުމަ ގުރޫޕުން ފެނިގެންދިޔަ ޒަކިއްޓޭ މި ލަވަ ކިޔަން ފެށީ އެންމެ ފުރަތަމަ ބޮޑު ބެރުލަވައެއް ކިޔަން ވެގެންނެވެ. ޒަކިއްޓެގެ މި ލަވައާއެކު އޭނާ ދޫކޮށްލާ މެސެޖެއް ވެސް އެބައޮތެވެ. އެއީ އެންމެން ގޭގައި ތިބެން ޖެހުނަސް މިފަހަރު އީދުގައި އާއިލާގެ މީހުންނާއި އެކުވެރިންގެ ހާލު ބަލައިލައި، ގުޅުން ބަދަހި ކުރުމެވެ. ކިތަންމެ ދުރުގައި ތިބެން ޖެހުނަށް އެންމެން އެކުގައިވުމަށެވެ. ދުރުގައި ވިޔަސް ހިތާ އެންމެ ކައިރީ ވެވިދާނެ އެވެ. މިލަވަ ބަލައިލާށެވެ!
އީދު މުބާރިކް! ސަންގެ ކިޔުންތެރިންނަށް އީދު ލަވައެެއް!
މާލެ ފުރަބަންދުކޮށްފައި އޮތް ނަމަވެސް ރޯގާ ދަނީ ފެތުރެމުން ކަމަށާއި އަދި ފެންނަ ފެނުމުގައި ކޮވިޑް-19 ރޯގާ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. ރައީސް ނަޝީދު އެހެން ވިދާޅުވީ ރަށަށް ނުދެވޭގޮތަށް މާލޭގައި ގިނަ ބަޔަކު ތާށިވެފައި ތިބުމާއި އެމީހުން ރަށަށް ފޮނުވަން ސަރުކާރުން ގެންގުޅެ އުސޫލަށް ފާޑު ވިދާޅުވަމުންނެވެ. މިއަދުގެ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ ކޮވިޑްގެ ރޯގާ ރާއްޖޭގެ ގިނަ ރައްޔިތުންނަށް ޖެހޭނެ ކަމަށް އެމަނިކުފާނު ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވާ ކަމަށާއި މިއަދުވެސް އެ ވާހަކަ ތަކުރާރު ކުރައްވާ ކަމަށެވެ. "އިއްޒަތްތެރި މެމްބަރުން އަރިހުގައި ދަންނަވަނަޖެހެނީ މިކަމާ ބެހޭ މާހިރުން ތިބީކީ ހަމައެކަނި ދިވެހިރާއްޖެއަކު ނޫން. އަދި މިކަމާ ގުޅޭ މާހިރުންނަކީ އަޅުގަނޑުމެންވެސް ގައުމުތަކުގައި ގާތް ތިމާގެވެސް މީހުން. އަޅުގަނޑުމެންނަށްވެސް މި ވާނުވާ އެބަ އެނގޭ. މިތަނުގައި މިގޮތަށް މިކަން ކުރިއަށް ގެންގޮސްގެން އަޅުގަނޑަށް އެންމެ ސާފުކޮށް ފެންނަނީ ބެދޭ މަޅިއެއް ނުފެންނާނެ ބުނާ ހަރުބަސް،" ނަޝީދު ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ ލޮކްޑައުންއަށް ދިޔައީ ކޮވިޑް ފެތުރިދާނެ ކަމަށް ބުނެ ގައިދުރުވުމަށްޓަކައި ކަމަށެވެ. އެކަމަކު ބަންދުގައި ތިއްބާވެސް "ރޯގާ ދަނީ އިންތިހާއަށް ފެތުރެމުން" ކަމަށް ވިދާޅުވި އެވެ. "އަދި ފެންނަ ފެނުމުގައި މި ރޯގާ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ޖެހޭނެ." ނަޝީދު ވިދާޅުވި އެވެ. އެހެންވީމަ ރާއްޖޭގެ ހުރިހާ ރަށެއްގައި ކޮވިޑާ ގުޅިގެން އަޅާނެ ފިޔަވަޅުތަކާއި އެ ރޯގާއަށް ފަރުވާ ލިބޭނެ ގޮތް އިންތިޒާމު ކުރަން ޖެހޭ ކަމަށް ނަޝީދު ވިދާޅުވި އެވެ. އަދި ރާއްޖޭގެ ހުރިހާ ރަށެއްގައި އިންތިޒާމުތައް ހަމަޖެހިފައި ހުރި ކަމަށް ދެކޭ ކަމަށް ވިދާޅުވި އެވެ. އަދި ރާއްޖޭގެ ހެލްތް ސެންޓަރުތަކުން ކޮވިޑަށް ފަރުވާ ދިނުމުގެ އިންތިޒާމުތައް ހަމަޖައްސަން ޖެހޭ ކަމަށް ނަޝީދު ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ ލާމަރުކަޒީ އުސޫލުން ކަރަންޓީނުގެ ކަންތައް ކުރިއަށް ގެންދަން ޖެހޭ ކަމަށެވެ. އާންމު ސިއްހަތުގެ ގާނޫނުގެ ފަސްވަނަ މާއްދާގައި އެގޮތަށް ބަޔާންކޮށްފައި އޮންނަ ކަމަށާއި ނަމަވެސް އެ ގާނޫނުގައި ބުނެފައިވާ ލާމަރުކަޒީ އުސޫލުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ކުރިއަށް ގެންދާނެ ގޮތުގެ އުސޫލެއް އަދިވެސް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން އެކުލަވާލާފައި ނުވާ ކަމަށް ނަޝީދު ވިދާޅުވި އެވެ. "ކީއްވެތޯ ރަށްރަށުގެ ރައްޔިތުން ކޮރަންޓީނު ކުރުމަށް ނުގެންދަވަނީ. އެމީހުން ރަށަށް ދިއުމަށްޓަކައި ކޮރަންޓީނު ކޮށްފައި އާއިލާތަކާއި ހަމައަށް ދެވޭނެ އިންތިޒާމެއް ހަމަޖެހިފައި ނެތީ. އެއަށްވުރެ މާ ދަތި އިންތިޒާމެއް ހަމަޖައްސަމުން ތިޔަ ގެންދަވަނީ ކީއްވެގެންތޯ. އެއީ އަޅުގަނޑުމެން އެންމެ ސާފުކުރަން ޖެހޭ ކަމެއް." ނަޝީދު ވިދާޅުވި އެވެ. މާލޭގައި ތާށިވެފައި ރަށަށް ދާން ބޭނުންވެފައި 10،000 ވަރަކަށް މީހުން ތިބި ކަމަށް އެމަނިކުފާނު ފާހަގަ ކުރައްވަމުން ވިދާޅުވީ އެމީހުން ރަށަށް ދިޔަ ނަމަވެސް ނުދިޔަ ނަމަވެސް ރައްތަކަށް ރޯގާ ފެތުރޭނެ ކަމަށެވެ. ރައްތަކަށް ރޯގާ ފެތުރެން އޮންނަނީ އެންމެ ގޮތެއް ނޫން ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ. "100 ޕަސެންޓްގެ މިންވަރަށް ރޯގާ ފެތުރުނަ ނުދިނުމަށް އަޅުގަނޑުމެން އަޒުމު ކަނޑައަޅައިފި ނަމަ ދެން ހަދާން ޖެހޭނެ ގޮތަކީ ދިވެހިރާއްޖޭގެ ފަސްލައްކަ ރައްޔިތުން ކުޑަގޮޅިއަށް ލާން ޖެހޭނީ. އަޅުގަނޑު ހިތުން އެއީ އަޅުގަނޑުމެން ދާން ބޭނުންވާ ހިސާބެއް ނޫން." ނަޝީދު ވިދާޅުވި އެވެ. ނަޝީދު ވިދާޅުވީ ރާއްޖޭގެ މުޅި މުސްތަގުބަލު ބަރުބާދުވެގެން ނުދާނެ ގޮތަކަށް ކޮވިޑް ރޯގާއިން ސަލާމަތްވުމުގެ މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. ރަށްރަށުގައި ކަރަންޓީނު ކުރާނެގޮތް ހަމަޖައްސާފައި އެރަށްރަށުގެ މީހުންނަށް އެރަށްރަށުގައި ކަރަންޓީނުވެވޭނެ ގޮތަށް އިންތިޒާމުތައް ހަމަޖައްސަން ޖެހޭ ކަމަށް ނަޝީދު ވިދާޅުވި އެވެ.
ފެންނަ ފެނުމުގައި ކޮވިޑް ރޯގާ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ޖެހޭނެ: ނަޝީދު
ދުބާއީ ގަލްފް ފުޑް އެކްސްޕޯއަށް ދިޔަ މީހުންގެ މައުލޫމާތު އެޗްޕީއޭއަށް ހިއްސާކޮށްދިނުމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ) އިން އެދިއްޖެ އެވެ. ދުބާއީ ގަލްފް ފުޑް އެކްސްޕޯ ބޭއްވީ ފެބްރުއަރީ މަހުގެ 16އިން ފެށިގެން 20ވަނަ ދުވަހާ ހަމައަށެވެ. އެންއީއޯސީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އިބްރާހިމް އަފްޒަލް ވަނީ އެ އެކްސްޕޯއަށް ދިޔަ މީހުންގެ ތެރެއިން ރާއްޖެއަށް އެނބުރި އައިސްފައިވާ މީހުންގެ މައުލޫމާތު އެޗްޕީއޭގެ ހޮޓްލައިން ނަންބަރު 1676އަށް ގުޅައިގެން ހިއްސާކޮށްދިނުމަށް އެދިފަ އެވެ. "އެކްސްޕޯއަށް ދިޔަ މީހުންގެ ތެރެއިން އެނބުރި ރާއްޖެއަށް އައި މީހުންގެ މައުލޫމާތު އެއްކުރަން ބޭނުންވޭ. އެއީ ކޮންމެހެން މިހާރު ހިންގަމުންދާ ކޭސްތަކާ ގުޅުމެއް ނެތަސް، މި ކޭސްތަކަކީ އޭގައި އެހެން ކޭސްތަކާ ކޮންމެވެސް ވަރަކަށް ތަފާތު ހުރި ކޭސްތަކެއްކަން ފާހަގަކުރެވިގެން އެކަން އިތުރަށް ބަލަންވެގެން،" ޑރ. އަފްޒަލް ވިދާޅުވި އެވެ. ޑރ. އަފްޒަލް ވިދާޅުވީ ފެއާއަށް ދިޔަ މީހުންގެ ތެރޭގައި ގިނައީ ބޭރު ގައުމުތަކަށް ނިސްބަތްވާ މީހުން ކަމަށެވެ. މިއީ ކޮންމެހެން ބަލި ހުރެގެން ބަލާ ބެލުންތަކެއް ނޫން ކަމަށާއި މިއީ ބަލީގެ އެއްވެސް އަލާމާތެއް މީގެ ކުރިން ހުރިތޯއާއި އެ އަލާމާތްތައް ހުރީ ކިހާ މުއްދަތަކަށް ކަން ދެނެގަތުމަށް ކުރާ ކަމެއް ކަމަށް ޑރ. އަފްޒަލް ވިދާޅުވި އެވެ. "ފުޑް އެކްސްޕޯއަށް ދިޔަ މީހުން ހޯދަން ބޭނުންވާ ސަބަބަކީ އަޅުގަނޑުމެންނަށް ޝައްކު ކުރެވޭ ކަހަލަ އަލާމާތްތަކެއް ހުރިކަމަށް ހަބަރު ލިބިފައިވަނީ އެތަނަށް ދިޔަ މީހުންގެ ތެރެއިން މިހާތަނަށް ޕޮޒިޓިވްވެފައިވާ މީހުންގެ ބަލީގެ ހިސްޓްރީއަށް ބަލާއިރު ބަލީގެ އަލާމާތްތައް އެކްސްޕެކްޓްކުރާ މިންވަރަށްވުރެ ދިގުވެފައި ހުރުމާއި ބަލިޖެހިފައި ސިމްޕަމްސްތައް މައިތިރިވުމަށްފަހު އަނެއްކާވެސް އަލުން ފެންނަން ފެށުން،" ޑރ. އަފްޒަލް ވިދާޅުވި އެވެ. ޑރ. އަފްޒަލް ވިދާޅުވީ އެކްސްޕޯއަށް ދިޔަ މީހުންގެ ފަރާތުން ބަލީގެ 'ކޯސަސް އޮފް އިންފެކްޝަން' ފެނިފައިވަނީ އާންމުކޮށް ފެންނަ ކަންކަމާ ތަފާތުކޮށް ކަމަށެވެ. "އާންމުކޮށް މި ބަލީގައި ފެންނަ 'ކޯސަސް އޮފް އިންފެކްޝަން'އާ ތަފާތު ގޮތްތަކަށް ފެންނާތީ އަޅުގަނޑުމެން ބަލައިލަން ބޭނުމީ މިގޮތަށް އިތުރު ބަޔަކު ވެސް އެބަތިބިތޯ، ނޫނީ މިއީ އައިސޮލޭޓްކުރި ދެ ކޭސް ނުވަތަ ތިން ކޭސްއަކުން ފެނިފައިވާ ކަމެއްތޯ ނުވަތަ ވަކިން މި އެކްސްޕޯއަށް ދިޔަ މީހުންގެ ފަރާތުގައި ހުރި ކަމެއްތޯ އެކްސްޕްލޯ ކޮށްލަން. އެމީހުން ތިބޭނީ މިހާރު ބަލިން މުޅިން ރަނގަޅުވެސް ވެފައި އެކަމަކު ބޭނުންވަނީ ކުރީގެ ހިސްޓްރީ އޮޅުން ފިލުވަން،" ޑރ. އަފްޒަލް ވިދާޅުވި އެވެ. ހަމައެއާއެކު ބައެއް މީހުން އަނބުރި ރާއްޖެއަށް އައިއިރު ކޮވިޑް19 ޖެހިފައި ތިބެދާނެ ކަމަށް ބެލުމުގެ ފުރުސަތު އެބައޮތް ކަމަށާއި ނަމަވެސް އެގޮތަށް ކަން ހިނގުމަކީ މިހާރު އެމީހަކު އައިސޮލޭޓް ކުރަން ޖެހޭ ކަމެއް ނޫން ކަމަށް ޑރ. އަފްޒަލް ވިދާޅުވި އެވެ. އެހެންކަމުން އެ އެކްސްޕޯއަށް ގޮސް އެނބުރި އައި މީހުންގެ ތެރެއިން ކޮވިޑް19 ޖެހިފައި ތިބީ ކިތައް މީހުންނަށް ތޯ ބެލުމަށް ބެކްޓްރެކް ކުރަން ބޭނުންވާ ކަމަށް ވެސް ޑރ. އަފްޒަލް ވިދާޅުވި އެވެ.
ކޮވިޑް-19: ދުބާއީ ގަލްފް ފުޑް އެކްސްޕޯއަށް ދިޔަ މީހުން އެޗްޕީއޭ އިން ހޯދަނީ
އަހަރެމެންގެ ރާއްޖެ އާންމު ހާލަތެއްގައި އޮތްނަމަ މިއަދު މި ރިޒޯޓު އޮންނާނީ ފުރިބާރުވެފަ އެވެ. ރާއްޖެއިން ބޭރުން ރާއްޖެ ދެކިލަން އަންނަ މެހެމާނުންނާއި އެއްވަރަށް ނުވަތަ އެއަށްވުރެވެސް ގިނައިން ގޮސްތިބޭނެ އެއްބަޔަކީ އަމިއްލަ ގައުމުގެ މުއްސަނދި ސަގާފަތާއި އާދަކާދައާއި ކުޅިވަރުތައް ދެކިލުމަށް ގޮސް ތިބޭ ކުދިބޮޑު ދިވެހީންނެވެ. ކުޑަ އީދަކަސް، ބޮޑު އީދަކަސް، އެންމެ ބޮޑު އަމާޒަކީ ރާއްޖޭގެ ތާރީހާއި ސަގާފަށް އިއާދަކޮށް ފަނޑުވުމެއްނެތް ދިވެހި ކުލަތައް އެންމެ މެހެމާނުންނަށް ދައްކާލަދިނުމެވެ. އެވެރިން މިކަންކަމުގައި ބައިވެރިކުރުމެވެ. މިއީ ސަމާ އައިލެންޑް ރިސޯޓް މޯލްޑިވްސްގައި އާންމު އީދު ދުވަހެއް މިފަހުން ކުރިއަށްދާގޮތެވެ. މިއަދު ދިމާވެފައިމިވާ ހިތްދަތި ވަގުތުކޮޅުގައި ރިޒޯޓު ބަންދުކޮށް، ވިޔަފާރި ހުއްޓުނު ނަމަވެސް، އެ ރިޒޯޓަކީ ދިވެހިންގެ ފުރިހަމަ މެހެމާންދާރީއާއި މުއްސަނދި ސަގާފަތް ދުނިޔޭގެ ލޯތަކަށް ދައްކާލަދިނުމުގެ ޒިންމާ ނިކަން ފުރިހަމައަށް އަދާކުރަމުން އައި ރިޒޯޓެކެވެ. ސަމާރ އައިލެންޑް މޯލްޑިވްސްގެ އީދު ހަރަކާތްތައް-- ފޮޓޯ ސަމާރ އައިލެންޑް މިފަހުން އައި ކޮންމެ އީދެއްގައިވެސް ސަމާ އައިލެންޑްގައި ފޯރިގަދަ އެތަށް ހަރަކާތެއް ކުރިއަށްގެންގޮސްފައިވެ އެވެ. ބޮޑުބެރާއި، ބޮޑު މަހާއި، މާލި ނެށުމާއި، ކޯޑި ކެނޑުމާއި، ދަނޑިޖެހުމާއި އަދި ދަފިނެގުންފަދަ އެތަކެއް މިޔުޒިކީ އަދި ސަގާފީ ކުޅިވަރުތަކުގައި ގެސްޓުންނާއި ސްޓާފުން ހޭލަމޭލަވެގެން އުޅެ އެވެ. ބިދޭސީންނަށް މިއީ މުޅީން އާ ތަޖުރިބާއެކެވެ. އަދި ދޭސީންނަށް މިއީ ފޫހިނުވާނޭފަދަ ހަރަކާތްތަކެކެވެ. "ކޮންމެ އީދެއްގައިވެސް ވަރަށް ގިނަ ލޯކަލްސް ވެސް އާދޭ. އެއްފަހަރުއައިއްސިއްޔާ ދެވަނަ ފަހަރަށް ތިންވަނަ ފަހަރަށްވެސް އާދޭ. ފަތުރުވެރިންނާއި އެއްވަރަށް ދިވެހިންވެސް މި ހަރަކާތްތަކުގައި ބައިވެރިވެ ފޯރި ނަގާ. ރިޒޯޓަކަށްވުރެ ބޮޑަށް މި ދުވަސްތަކުގައި ހީވާނީ މިއީ އާންމު މީހުން އުޅޭ ރަށެއްހެން. އެހާވެސް ފޯރިގަދަ." ސަމާ އައިލެންޑްގެ ފަރާތުން ބުންޏެވެ. ސަމާރ އައިލެންޑް މޯލްޑިވްސްގެ އީދު ހަރަކާތްތައް-- ފޮޓޯ ސަމާރ އައިލެންޑް ސަމާ އައިލެންޑްގައި ހަރަކާތްތެރިވާ ސްޓާފުންގެ ތެރޭގައި ރާއްޖޭގެ އެކި ހިސާބުތަކަށް ނިސްބަތްވާ މީހުން ހިމެނޭއިރު، އެއިން ކޮންމެ މީހެއްގެ ފަރާތުންވެސް ދިވެހިންގެ ސަގާފަތާއި އާދަކާދައިގައި ހިމެނޭ އާ ކަމެއް އެކަކު އަނެކަކަށްދަސްވެ ހިއްސާކުރުމަށްވެސް މިއަށްވުރެ ވަކިބޮޑު މުނާސަބާއެއް ނެެތެވެ. ސަމާ އައިލެންޑުން ބުނާގޮތުން އެ ރިޒޯޓުގައި މިފަހުން ފާހަގަކުރި އީދުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ 2016 ވަނަ އަހަރުގެ ފިތުރުއީދު ފާހަގަކުރުމަށް ބޭއްވި ހަރަކާތްތަކެވެ. އެއީ ރިޒޯޓުގައި ބޮޑުމަސް ހަރަކާތް ބޭއްވިވެސް ފުރަތަމަ ފަހަރެވެ. ކަންދިމާކުރިގޮތުން ވާރޭވެހުނު ދުވަހެއް ނަމަވެސް ތާވަލްކުރި ގޮތަށް ބޮޑުމަހާއި މާލި ޕެރޭޑް ނިކަން ކާމިޔާބު ކަމާއިއެކީ ބޭއްވުނެވެ. ސަމާރ އައިލެންޑް މޯލްޑިވްސްގެ އީދު ހަރަކާތްތައް-- ފޮޓޯ ސަމާރ އައިލެންޑް "އެއަހަރުގެ ފަހުން ކޮންމެ އަހަރަކުވެސް ވަރަށް ކުލަގަދަކޮށް އީދު ފާހަގަކުރެވޭ. ރިޒޯޓަށް އަންނަ ގެސްޓުންނާއި އަދި ސްޓާފުންވެސް ވަރަށް ޝަައުގުވެރިވެ އުފާވާ ކަމަކަށް މިކަންވަނީ. ބޮޑުމަހާއި މާލި ޕެރޭޑަކީ ކޮންމެ އީދެއްގެވެސް ހަމަ 'މަސްޓެއް'" ރިޒޯޓުން ބުންޏެވެ. މި ފޯރިއާއި ޖޯޝަށް މަޑުޖެހިލުމެއް މިއައީ މުޅި ދުނިޔެއަށް ފެތުރުނު ކޮވިޑް19ގެ ބަލިމަޑުކަމުގެ ސަބަބުންނެވެ. ކިތަންމެ ހަރަކާތެއް އަދި މިއަހަރަށް ތާވަލުކުރެވުނަސް، ކަންދިމާކުރީ މުޅީން ތަފާތުކޮށެވެ. ބަރަކާތްތެރި ފިތުރުއީދު މިއަދު ބައްދަލުކުރިއިރު، ރިޒޯޓު އޮތީ ފަޅަށެވެ. އުންމީދުކުރެވުނު ބޮޑުބެރުގެ އަޑުތަކެއް މިއަދަކު ނީވެ އެވެ. ހީސަމާސާކޮށް އީދުއުފާނަގާނެ ދިވެހިންތަކެއްވެސް ނެތެވެ. ސަމާރ އައިލެންޑް މޯލްޑިވްސްގެ އީދު ހަރަކާތްތައް-- ފޮޓޯ ސަމާރ އައިލެންޑް ސަމާ އައިލެންޑަށް މިވަގުތަކީ ކިތަންމެހާވެސް ދަތި އުނދަގޫ ވަގުތުކޮޅެކެވެ. އީދު ފަދަ މުނާސަބަތުތަކަށް ޒިޔާރަތްކުރާ މެހެމާނުންނާއި ހާއްސަކޮށް ކުޑަކުދީންގެ މަތީން ހަނދާންއާވާއިރު، އަދިވެސް ރިޒޯޓުގެ ހީވާގި މުވައްޒަފުންތިބީ އަތްއުރާލައިގެނެއް ނޫނެވެ. ރިޒޯޓު މުވައްޒަފުންގެ ފަރާތުން ތައްޔާރުކުރާ ވަރަށް ހާއްސަ އީދު ލަވައެއް އެ ރިސޯޓުން ތައްޔާރުކޮށް ވަނީ އިއްޔެ ފޭސްބުކުން ދައްކާލައިފަ އެވެ. އަދި އިއްޔެ ހަވީރު 5:00-6:00 އަށް ސްޓާފުންނަށް ލައިވް ބޮޑުބެރު ޝޯއެއް ވެސް ބޭއްވި އެވެ. ސަމާރ އައިލެންޑް މޯލްޑިވްސްގެ އީދު ހަރަކާތްތައް-- ފޮޓޯ ސަމާރ އައިލެންޑް އީދު މިފަހަރު އައީ އަހަރެމެންގެ ތެރެއިން އެކަކުވެސް އުންމީދުކުރި ގޮތަކަށް ނޫނެވެ. އެހެން ނަމަވެސް އުންމީދު ގެއްލުވާނުލާށެވެ. ސަމާ އައިލެންޑްފަދައިން ރާއްޖޭގެ ގިނަ ރިޒޯޓުތަކަކީ މިފަދަ މުނާސަބަތުތަކުގައި ތަފާތު ހަރަކާތްތަކެއް ފަތުރުވެރިންނަށް ތަޖުރިބާކޮށްދޭ ރިޒޯޓުތަކެވެ. މިއަދު ނުކުރެވުނަސް ކުރިއަށްއޮތްތަނުގައި މާ ފޯރިގަދަވާނެ އެވެ.
ރިސޯޓްތަކުގެ އީދު ކުޅިވަރާއި ފޯރި މާޒީގެ ތެރެއަށް
ގައުމުތަކުގައި ދިމާވެފައިވާ ނުރައްކާތެރި ހާލަތުން އަރައިގަނެ އަލުން އަނބުރާ ފުޓުބޯޅަ ލީގުތައް ފެށުމުން ހުރިހާ މެޗެއްގައިވެސް ފަސް ބަދަލު ކުރެވޭ ގޮތަށް ގަވާއިދު ބަދަލު ކުރުމަށް ފީފާއިން ހުށައަޅައިފި އެވެ. ދުނިޔޭގައި މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކާ އެކު މުޅި ދުނިޔޭގެ ފުޓުބޯޅަ މިވަގުތު ވަނީ ހުއްޓުމަކަށް އައިސްފަ އެވެ. އެއްބައި ގައުމުތަކުގެ ލީގުތައް މުއްދަތެއް ނެތް ގޮތަށް ފަސް ކުރި އިރު އަނެއްބައި ލީގުތައް ދަނީ ކެންސަލް ކުރަމުންނެވެ. އެއާ އެކު މިހާރު ރޭވިފައި ހުރި މެޗުތައް ފަސްވަމުންދާތީ ކުޅުމަށް އަލުން ރުޖޫއަވާ ހިސާބުން ގިނަ މެޗުތަކެއް ކައިރީ ކައިރީގައި ކުޅެން ޖެހޭނެ ކަމަށް ވަނީ ބެލެވިފަ އެވެ. އެކަމުގެ ސަބަބުން ކުޅުންތެރިންނަށް ލިބޭ ވަރުބަލިކަމާއި، އިންޖަރީތައް މަދުކުރުމުގެ ގޮތުން ކޮންމެ މެޗެއްގައި ފަސް ބަދަލު ކުރެވޭ ގޮތަށް އަދި، އިތުރު ވަގުތަށް ގޮސްފި ނަމަ އިތުރު ދެ ބަދަލު ކުރެވޭ ގޮތަށް ގަވާއިދު ބަދަލު ކުރުމަށް ފީފާއިން ވަނީ ހުށައަޅާފަ އެވެ. މި ބަދަލުތަކާ އެކު ލީގުތަކާއި، މުބާރާތްތައް ހިންގާ މެނޭޖްމެންޓުން މި އަހަރު ނިމެންދެން އަމަލު ކުރެވޭނެ ކަމަށާއި، ގައުމީ ޓީމުގެ މެޗުތަކަށް ވެސް މިގަވާއިދު ތަންފީޒް ވާނެ ކަމަށް ފީފާއިން ވަނީ ބުނެފަ އެވެ. "ލީގުތަކުގެ ކުޅުން އަލުން ފެށުމުން އެއްފަހަރާ ގިނަ މެޗުތަކެއް ކުޅެން ޖެހޭނެ ކަމަށް ބެލެވޭ. އެކަމުގެ ސަބަބުން ކުޅުންތެރިންގެ ފިޓްނަސްއަށް ބޮޑެތި އަސަރު ކުރާނެތީ ފީފާއިން ވަނީ މެޗެއްގެ ފުރިހަމަ ވަގުތުގައި ފަސް ބަދަލު އަދި، އިތުރު ވަގުތަށް ގޮސްފިނަމަ އިތުރު ދެ ބަދަލު ކުރެވޭ ގޮތަށް ގަވާއިދު ބަދަލު ކުރުމަށް ހުށައަޅާފައި." ފީފާއިން ބުނެފައިވެ އެވެ. ކޮރޯނާ ވައިރަސްގެ ސަބަބުން ގައުމުތަކުގެ ފުޓުބޯޅައަށް ބޮޑެތި ދަތިތަކެއް ދިމާވެފައިވާ އިރު ފީފާގެ މެމްބަރު ހުރިހާ ގައުމެއްގެ މެދުގައި 150 މިލިއަން ޑޮލަރު އެހީގެ ގޮތުގައި ބެހުމަށް އެ އިދާރާއިން ވަނީ ދާދި ފަހުން ނިންމާފަ އެވެ.
ހުރިހާ މެޗެއްގައި ވެސް ފަސް ބަދަލު ކުރެވޭ ގޮތަށް ހަދަނީ
ރާއްޖޭގައި ދިރިއުޅޭ އިންޑިއާ ރައްޔިތުންގެ ތެރެއިން އެނބުރި ގައުމަށް ދާން ބޭނުންވާ މީހުން ގައުމަށް ގެންދިޔުމަށް ބޭއްވި ހާއްސަ ދަތުރުތަކުގައި ގެންދިޔަ ދެ މީހަކު ކޮވިޑް19 އަށް ޕޮޒިޓިވް ވެއްޖެ އެވެ. "ޓައިމްސް އޮފް އިންޑިއާ" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ރާއްޖެއިން އެނބުރި ދިޔަ ދެ މީހަކު ޕޮޒިޓިވް ވެފައިވާކަން އެނގުނީ އިއްޔެ ކުރި ޓެސްޓުތަކުންނެވެ. މި ދެމީހުންނަކީ އިންޑިއާގެ ޓްރިޗީ އަށް ނިސްބަތްވާ ދެމީހުން ކަމަށް އެ ނޫހުން ރިޕޯޓުކޮށްފައިވެ އެވެ. މި ދެ މީހުންނާ ގުޅޭ އިތުރު ތަފްސީލެއް ޓައިމްސް އޮފް އިންޑިއާ އިން ހާމަކޮށްފައެއް ނުވެ އެވެ. ރާއްޖޭގައި ދިރިއުޅޭ އިންޑިއާ މީހުންގެ ތެރެއިން އެނބުރި ގައުމަށް ދާން ބޭނުން 900 އަށް ވުރެ ގިނަ މީހުން އިންޑިއާގެ އަސްކަރީ މަނަވަރުގައި ވަނީ ގައުމަށް ގެންގޮސްފަ އެވެ. އެނބުރި އިންޑިއާއަށް ދާ މީހުން ކޮޗިންގައި 14 ދުވަހުގެ ކަރަންޓީނު ފުރިހަމަ ކުރަންޖެހެ އެވެ. އެނބުރި އެމީހެއްގެ ސިޓީ އަށް ދެވޭނީ ކަރަންޓީނު ފުރިހަމަކުރުމަށްފަހު އެވެ. މިދިޔަ އާދިއްތަ ދުވަހު އަދި ހުކުރު ދުވަހުވެސް އިންޑިއާގެ އަސްކަރީ މަނަވަރުގައި އެގައުމުގެ ރައްޔިތުން އެނބުރި ގޮސްފައިވެއެވެ. މީގެ ތެރެއިން ޕޮޒިޓިވް ވީ ސީދާ ކޮން ދުވަހަކު ދިޔަ ބަޔެއްކަމެއް އިންޑިއާގެ މީޑިއާގައި ރިޕޯޓުކޮށްފައެއް ނުވެއެވެ. އިންޑިއާގެ މަނަވަރުތަކުގައި ގެންގޮސްފައިވަނީ މާބަނޑު މީހުންނާއި ކުޑަކުދިން އަދި ސިއްހީ މައްސަލަތަކެއް ހުރި މީހުންގެ އިތުރުން ވަޒީފާ ގެއްލުނު މީހުންނަށާއި އާއިލާގެ މީހަކު މަރުވެގެން ގައުމަށް ދާން ބޭނުންްވެފައި ތިބި މީހުންނަށާއި ރާއްޖޭގައި ތާށިވެފައި ތިބި އިންޑިއާ ފަތުރުވެރިންނެވެ. ރާއްޖޭގައި އެކި މަސައްކަތްތައް ކުރުމަށް އިންޑިއާގެ 27،000 އެއްހާ މީހުން އެބަތިއްބެވެ. އިންޑިއާ ހައިކޮމިޝަނުން ބުނީ ރާއްޖޭގައި ތިބި އިންޑިއާ ރައްޔިތުންގެ ތެރެއިން ނިއުދިއްލީ، ޗެންނާއީ، މުމްބާއީ އަދި ބެންގަލޫރަށް ހާއްސަ ފްލައިޓުތަކެއްވެސް ބާއްވަން ނިންމާފައިވާ ކަމަށެވެ. މީގެ އިތުރުން ރާއްޖޭގައި ތިބި އިންޑިއާ ރައްޔިތުންގެ ތެރެއިން އެނބުރި ގައުމަށްދާމް ބޭނުންވާ މީހުން ގެންދިޔުމަށް އަންނަ ހުކުރު ދުވަހު އިތުރު ދަތުރެއް ބާއްވަން ނިންމާފައިވާ ކަމަށް ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން ވަނީ ބުނެފައެވެ. ހުކުރު ދުވަހު ބާއްވާ މި ދަތުރުގައި ގެންދާނީ ހަމައެކަނި ކެރެލާ ސްޓޭޓަށް ނިސްބަތްވާ މީހުން އެކަނި ކަމަށާއި މި ދަތުރުގައި ގެންދާ މީހުންނަކީ އެނބުރި ގައުމަށް ދިޔުމަށް ބޭނުންވެ، ހައިކޮމިޝަނުގައި މިހާރުވެސް ރެޖިސްޓްރީ ކޮށްފައިވާ މީހުން ކަމަށް އިންޑިއާ ހައިކޮމިޝަނުން ބުންޏެވެ. ރާއްޖެއިން މިހާތަނަށް 904 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު އޭގެ ތެރޭގައި އިންޑިއާގެ 72 މީހަކު ހިމެނެއެވެ.
ރާއްޖެއިން ދިޔަ އިންޑިއާ މަނަވަރުން ދެ މީހަކު ކޮވިޑް-19އަށް ޕޮޒިޓިވް ވެއްޖެ
ލިވަޕޫލުގެ ކުރީގެ ތަރި ފިލިޕޭ ކުޓީނިއޯ އަނބުރާ އެކުލަބަށް ދިއުމަށް އެދުމުން ކުލަބުން ދެކޮޅު ހަދާފައިވާ ކަމަށް ރިޕޯޓްތަކުން ބުނެފި އެވެ. ބްރެޒިލްގެ ހުނަރުވެރި މިޑްފީލްޑަރު ކުޓީނިއޯ މިވަގުތު ޖަރުމަނުގެ ބަޔާން މިއުނިކަށް ކުޅެމުންދަނީ ބާސެލޯނާގެ ލޯނު އެއްބަސް ވުމެއްގެ ދަށުންނެވެ. ބަޔާން މިއުނިކުގައި ކުޓީނިއޯ މޮޅު ކުޅުމެއް ދެއްކި ނަމަވެސް އެކުލަބުން އޭނާ ދާއިމީ ކޮންޓްރެކްޓެއް ދިނުމާ މެދު އަދި ގޮތެއް ނިންމާފައި ނުވާއިރު އޭނަގެ ކުރީގެ ކުލަބް ލިވަޕޫލަށް ދާން ބޭނުންވާ ކަމުގެ އިޝާރާތެއް ކުޓީނިއޯ ވަނީ ކޮށްފަ އެވެ. އުމުރުން 27 އަހަރުގެ ކުޓީނިއޯ ލިވަޕޫލް ދޫކޮށް ބާސެލޯނާއަށް ބަދަލުވީ 2018 ވަނަ އަހަރުގެ ޖަނަވަރީ މަހު އެވެ. އެކަމަކު 100 މިލިއަން ޕައުންޑުގެ އަގަކަށް ބާސެލޯނާއަށް ގޮސް ކުޓީނިއޯއަށް އެންމެ ރަނގަޅު ކުޅުމެއް ނުދެއްކުނެވެ. އެހެން ކަމުން ބާސެލޯނާއިން އޭނަގެ ބަދަލުގައި އެތުލެޓިކޯ މެޑްރިޑުގެ އެންޓޮއިން ގްރީޒްމަން ގެނައުމުން ފުރުސަތު ގެއްލޭނެތީ ކުޓީނިއޯ ވަނީ ލޯން އެއްބަސްވުމެއްގެ ދަށުން ބަޔާން މިއުނިކަށް ފޮނުވާލައިފަ އެވެ. ވޭތުވެ ދިޔަ ސީޒަން އެއްކޮށް ކުޓީނިއޯ ބަޔާންގައި ކުޅުނު އިރު ބާސެލޯއިން އޭނާ ގެންނަން ބޭނުންވާ ކަމުގެ އިޝާރާތެއް ނުކުރެއެވެ. ވުމާއެކު ކުޓީނިއޯގެ މުސްތަގުބަލާއި މެދު މިވަގުތު ވަނީ ބޮޑު ޝައްކެއް އުފެދިފަ އެވެ. އެކަމަކު އޭނާ މިވަގުތު އެންމެ ބޭނުންވަނީ އަނބުރާ ކުރީގެ ކުލަބް ލިވަޕޫލަށް ދާން ކަމަށް އޭނަގެ އެޖެންޓް ވަނީ ދާދި ފަހުން ބުނެފަ އެވެ. ނަމަވެސް ލިވަޕޫލުން ދެން އަނބުރާ ކުޓީނިއޯ ނުގެންނާނެ ކަމަށާއި، ކުލަބުގެ މާލީ ހާލަތު ހުރި ގޮތުން މިވަގުތު އިތުރު ކުޅުންތެރިއަކު ލިވަޕޫލަށް ނުގެނެވޭނެ ކަމަށް އިނގިރޭސި ވިލާތުގެ މަޝްހޫރު ނޫހެއް ކަމަށްވާ މިރޯ އިން ވަނީ ރިޕޯޓް ކޮށްފަ އެވެ. ކުޓީނިއޯ ވަނީ ލިވަޕޫލުގައި އޭނާ ހޭދަ ކުރި ދުވަސްތަކުގައި ދެފަހަރެއްގެ މަތިން ކުލަބުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދައި 50 ގޯލު އެ ޓީމަށް ޖަހައިދީފަ އެވެ.
ކުޓީނިއޯ އެނބުރި ގެނައުމަށް ލިވަޕޫލުން ދެކޮޅު: ރިޕޯޓް
އެމެރިކާގެ ކެލިފޯނިއާގެ ޓާގެޓް ފިހާރައަކަށް ދިޔަ ދެ ކަސްޓަމަރަކު މާސްކް ނޭޅުމުގެ ސަބަބުން ފިހާރައިގެ މުވައްޒަފާ ދެމެދު ޖެހުނު ހަމަނުޖެހުމެއްގައި މުވައްޒަފަށް ހަމަލާ ދީ ދެމީހަކު ފިލި މައްސަލައެއް ބަލަން ފަށައިފި އެވެ. މި މަހުގެ ކުރީކޮޅުގައި ކެލިފޯނިއާގެ ވެން ނުނީ ސަރަހައްދުގެ ޓާގެޓަކަށް ދެމީހަކު ވަންނަން އުޅުމުން އެތަނުގެ ސެކިއުރިޓީ ބަލަހައްޓާ މުވައްޒަފެއް ވަނީ އެ ދެމީހުން މަޑުކުރުވާފައެވެ. އަދި އެއަށްފަހު މާސްކް ނާޅާ ތިބުމުން އެމީހުންނަށް މާސްކް އެޅުމަށް އެދުނެވެ. ނަމަވެސް އެ ދެމީހުން ވަނީ މާސްކް އެޅުމަށް ދެކޮޅު ހަދާފައެވެ. ފުލުހުން ބުނެފައިވަނީ އެ މައްސަލަ އިތުރަށް ހޫނުވުމުން އިތުރަށް އެ މައްސަލަ ހައްލުކުރުމަށް މުވައްޒަފު މަސައްކަތްކުރި ކަމަށެވެ. އެހެންނަމަވެސް އެތަނުން އެކަކު އެ މުވައްޒަފު ގައިގައި ޖެހީ ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުންޏެވެ. އެ ދެމީހުން އަނިޔާކޮށް މުވައްޒަފުގެ އެއް އަތް ބިންދާލާފައިވާ ކަމަށް ސީސީޓީވީ ފުޓެޖް އިން ފެނިގެން ދިޔަ ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ވަނީ މިހާރު ދެ މީހުންނަކީ ކޮންބައެއްކަން ހޯދާފައެވެ. އެގޮތުން އެ ހާދިސާ އާ ގުޅިގެން ހޯދަމުން ދިޔައީ އުމުރުން 31 އަހަރު ފިލިޕް ހެމިލްޓަން ނަމަކަށް ކިޔާ މީހަކާއި 29 އަހަރުގެ ޕޯލް ހެމިލްޓަން ނަމަކަށް ކިޔާ މީހެއް ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ އެ ދެމީހުންވެސް ވަނީ ދާދި ފަހުން ހައްޔަރުކޮށްފައި ކަމަށެވެ. އެހެންނަމަވެސް މިހާރު ދެ ދެމީހުންވެސް ވަނީ 50،000 އެމެރިކާ ޑޮލަރުގެ ބެއިލް އަކުން ދޫކޮށްލާފައި ކަމަށް ފުލުހުން ބުންޏެވެ.
މާސްކް އަޅަން ދެކޮޅު ހަދައި ފިހާރައެއްގެ މުވައްޒަފަށް އަނިޔާކޮށްފި

No dataset card yet

New: Create and edit this dataset card directly on the website!

Contribute a Dataset Card
Downloads last month
0
Add dataset card