news
stringlengths
242
32.4k
Title
stringlengths
6
118
ލިއަމް އޭނާގެ ލޯބިވެރިޔާ ޖެސިކާ އާއެކު ގޮސް މަޝްހޫރު ކްލަބެއް ކައިރިއަށް ކާރު މަޑުކޮށްލިއެވެ. އެއް ފަރާތުގައި ކާރު ޕާކު ކޮށްލާފައި ޖެސިކާގެ އުނަގަނޑުގައި އަތް އަޅުވާލަމުން އެތަނުގެ އެތެރެއަށް ވަންނަން ލިއަމް ހިނގައިގަތެވެ. އެތެރެއަށް ވަތް އިރު އެ ތަނުގައި ދެ ޖިންސު މަސްހުނި ވެގެން ނަށަމުން ދިޔައެވެ. ޖަހާފައިވާ މިއުޒިކާ އެއްވަރަށް ހަރަކާތްތައް ގެންނަމުން ދިޔައިރު، ރަލާއި މަސްތުގެ ދުނިޔޭގައި އެ ޒުވާނުން ދިޔައީ ޣަރަގުވަމުންނެވެ. މީހުންތަކުގެ ތެރޭން ފުރޭނިގެން ކަހަލަ ގޮތަކަށް ލިއަމްއާ، ޖެސިކާ ކުރިއަށް ދިޔައެވެ. އިސާހިތަކު އެ ދެމީހުން ވެސް އެހެން ޒުވާނުންނާ ބައިވެރި ވެއްޖެއެވެ. ލިއަމް ޖެސިކާގެ އުނަގަނޑުގައި އަތް އަޅުވާލަމުން އޭނާއާއި ގާތް ކޮށްލިއެވެ. ގެނައި ކުއްލި ހަރަކާތާއެކު ޖެސިކާ، ފާރާ އޭނާއާއި، ދެމެދު ހައްޔަރުކޮށްލަމުން، ޖެސިކާއާއި ގާތް ވެލިއެވެ. ޖެސިކާގެ މޫނު އޭނާގެ މޫނާ ކިރިއާ ޖެހޭ ނުޖެހޭ ހިސާބަށެވެ. ޖެސިކާ ވެސް ލިއަމަށް ދަޢުވަތު ދެމުން ދިޔައެވެ. އެ ދެމީހުންގެ އަމިއްލަ ދުނިޔޭގައި ގެއްލިފައި ތިއްބައި، ސިހުން ގެނުވީ ލިއަމްގެ ޓީޝާޓުގައި ހިފާ މީހަކު ދުރަށް ހޫރާލުމާއި އެކުގައެވެ. ލިއަމް ގޮސް އެތާ ހުރި މޭޒެއްގައި ޖެހިފައި ވެއްޓުމާއެކު، ޖެސިކާ ހަޅޭއްލަވައިގަތެވެ. އެއާއެކު ބައެއް ޒުވާނުން އެމީހުންގެ ހަރަކާތްތައް މަޑުޖައްސައިލިއެވެ. ލިއަމަށް އިތުރު ހަރަކާތެއް ނުގެނެވި އުޅެނިކޮށް އެ ޒުވާނާ އަނެއްކާ ވެސް ލިއަމް ގާތަށް ޖެހިލާ ލިއަމްގެ ބަނޑުގައި ކޮޅުފައިން ޖެހިއެވެ. އިސާހިތަކު ތަނުގައި ކުޅެވެމުން ދިޔަ މިޒުޒިކްގެ އަޑު ކެނޑިއްޖެއެވެ. އޭރު އެތަނުގައި ތިބި ގިނަ މީހުންގެ ނަޒަރު ހުރީ އެ ދެމީހުންނަށް ހުއްޓިފައެވެ. ލިއަމް ތެދުވަމުން އެ ޒުވާނާގެ މޫނުމައްޗަށް ގޮށްމުށުގެ ހަމަލާއެއް އަމާޒުކޮށްލިއެވެ. އެ ޒުވާނާގެ ތުންފަތް މަތި ފެޅި ލޭތައް އޮހިގަތް ނަމަވެސް، އޭނަ އެކަމަށް ސަމާލުކަމެއް ނުދެއެވެ. ދެވަނަ ހަމަލާ އަމާޒުކޮށްލީ އެ ޒުވާނާގެ ބަނޑަށެވެ. އެއާއެކު އެ ޒުވާނާ ގޮސް ވެއްޓުނީ އެތާހުރި މޭޒެއްމައްޗަށެވެ. ލިއަމް އޭނާގެ ގަމީސް ރަނގަޅުކޮށްލިއެވެ. ގަމީހުގެ މޭމަތިން ދެ ގޮށް ނައްޓައިލަމުން އޭނާ ހަމަޖެހިލިއެވެ. އޭނާއަށް އިތުރު ހަރަކާތެއް ނުގެނެވި އުޅެނިކޮށް އަނެއްކާ ވެސް، އެ ޒުވާނާ އައިސް ލިއަމްއަށް އޭނާގެ ހަމަލާ އަމާޒުކޮށްލިއެވެ. ވެއްޓުނު ލިއަމް ކައިރިއަށް ދުވެފައި ޖެސިކާ ދިޔަ މަންޒަރު ބަލަން ހުރިއިރު، އެ ޒުވާނާގެ މޫނުމަތިން ފެންނަނީ އަލިފާން ކަހަލަ ނަފުރަތެކެވެ. "ޒައިދު! ހަމަ މިހާރު ހުއްޓާލާ" ޖެސިކާ އިނގިރޭސިން ބުނެލިއެވެ. އެއާއެކު ޒައިދު، އެއްމިޔަކަށް ހިނިތުންވެލިއެވެ. އެމޫނުމަތީގައި ވަނީ ބުނެދޭން ނޭނގޭ ފަދަ އަސަރެކެވެ. ލިއަމް ޖެސިކާގެ އަތުގައި ހިފާ ކައިރިކޮށްލަމުން އޭނާގެ ތުންފަތް ޖެސިކާގެ ކޯތާފަތާ ކައިރިކޮށްލީ، ޒައިދު ރުޅި އަރުވާލުމުގެ ބޭނުމުގައެވެ. ވީ ވެސް އެހެންނެވެ. ޒައިދު އެ އައި ގޮތަށް އައިސް، ލިއަމްގެ ގިރުވާނުގައި ހިފިއެވެ. "މިހާރު ޖެސިކާ އަކީ މަގޭ މީހެއް... ގެޓް ލޮސްޓް" ލިއަމް ޒައިދުގެ އަތް ފޮޅުވާލަމުން ވާހަކަ ދެއްކިއެވެ. އެ އަޑުން ބޮޑާ ކަން ފާޅުވަމުން ދިޔައެވެ. އަނެއްކާ ވެސް ޒައިދު އޭނާގެ ހަމަލާއެއް ލިއަމަށް އަމާޒު ކޮށްލުމާއެކު، ލިއަމް ވެސް ކުރިއަށް ޖެހިލާ، ޒައިދުގެ، ގައިގައި ކޮޅުފައިން ޖެހިއެވެ. ބޮޑު ތަޅާފޮޅުމަކަށް ދިޔުމާއެކު، ލަސްތަކެއް ނުވެ ތަނުގެ ސެކިއުރިޓީ އައިސް އެ ދެމީހުން ދުރު ކުރުވިއެވެ. ލިއަމް ޖެސިކާގެ އަތުގައި ހިފައިގެން ނުކުމެގެން ދިޔައީ އަދިވެސް އެއްފަހަރު ފަޚުރު ވެރިކަމުގެ ބެލުމަކުން ޒައިދަށް ބަލާލައިފައެވެ. ***** ޚިޔާލުތަކުން ނުކުތް ލިއަމް ތެދުވަމުން ބޮލުގައި ހިފައްޓައިލިއެވެ. އެރޭގެ ހަނދާންތަކުގެ ސަބަބުން ނަފްސަށް ނުތަނަވަސް ކަމެއް ވެރިވެގެން ދިޔައެވެ. ކީއްވެކަމެއް ނޭނގެއެވެ. ހާސްވެ ކަންބޮޑުވާ ގޮތްވަނީއެވެ. ސައިޑް ކަބަޑު މަތީގައި ހުރި ޖަގުން ތައްޓަށް ފެންއަޅާ، އެއް ނޭވާއިން އެ ފެންތަށި ހުސްކޮށްލި، ލިއަމް އެނދުން ތެދުވިއެވެ. ދެފަރާތަށް ހިނގެން ފެށުނެވެ. ކޮންމެ ދިމާލަކުން ވިސްނި ކަމުގައި ވިނަމަ ވެސް، ވިސްނުން ގުޅި ލާމެހެނީ ސާރާއާއެވެ. އޭނާއަށް ޒައިދުގެ މޫނުމަތިން ފެނުނީ ނުރައްކާތެރި ވިދުވަރެކެވެ. ***** ޖެހިގެން އައި ދުވަހުގެ ހަވީރުގެ ވަގުތެވެ. ސާރާ ޤުރުއާން ކިޔަވާ އަޑު އިވެން ފެށުމާއެކު ލިއަމް ކުޑަ ދޮރު ހުޅުވައިލިއެވެ. ޤުރުއާން އަޑު އިވޭ ކޮންމެ ފަހަރަކު، އޭނާގެ ހިތަށް އެ ލިބޭ ފިނިކަން ބަޔާން ކޮށްދޭނީ ކިހިނެއްހެއްޔެވެ؟ އެ ކަމާ ބެހޭގޮތުން އެރިކް މެން މީހެއްގެ މަޝްވަރާ ހޯދަން ވީ ހެއްޔެވެ؟ ނޫނެކެވެ. އެމީހުން ހީކުރާނީ އޭނައަކީ މޮޔައެއް ކަމަށެވެ. އެއީ އެއްގޮތަކަށް ވެސް ކަމުދާ ޚިޔާލަކަށް ނުވުމާއެކު، ލިއަމަށް ބޮލުގެ އިޝްތަށިގަނޑުގެ ތެރެއަށް އަތް މަހާލެވުނެވެ. ލިއަމް އެތަނުން ހިރިލީވެސް އެ އަޑު އެކީ ކެނޑުނު ފަހުންނެވެ. އޭނާ ގޮސް އެނދުގައި އިށީނދެލިއެވެ. އެއަށްފަހު ނޯޓު ފޮތް ނެގިއެވެ. ސާރާ ދިން ގަނޑުކޮޅު ނަގާ އޭގައި ލިޔެފައި އޮތް އާޔަތްތަކުގެ މާނަ ކިޔައިލިއެވެ. އުޑު، މަތީގައި އެ އޮންނަނީ ހަމަ އެއްވެސް ތަނބެއްގެ އެހީއަކާ ނުލައެވެ. އިރު އަރަނީ ވަކި ވަގުތެއްގައެވެ. އޮއްސެނީ ވަކި ވަގުތެއްގައެވެ. ރޭދުވާ ތަކުރާރު ވެއެވެ. ހުރިހާ ކަމެއް ވެސް ހިނގަނީ ޤުދުރަތީ ޤާނޫނެއްގެ ދަށުންނެވެ. އިރު އަރަން ހަމަޖެހިފައިވާ ވަގުތަށް ކޮންމެ ދުވަހަކު ވެސް އިރު އަރައެވެ. އޮއްސެން ކަނޑައެޅިފައިވާ ގަޑިއަށް އޮއްސެއެވެ. ސިކުންތެއް ވެސް ތަފާތެއް ނުވެއެވެ. މިހާ ފުރިހަމައަށް މި ހުރިހާ ކަމެއް މި ހިނގަނީ ކިހިނެއް ކަމާމެދު އޭނާ ފުރަތަމަ ފަހަރަށް ވިސްނަމުން ދިޔައެވެ. މިއިން އެއްވެސް ކަމެއް ބަދަލުކުރުމުގެ ކުޅަދާނަކަން އެއްވެސް މީހަކަށް ލިބިގެނެއް ނުވެއެވެ. ވިސްނިވަރަކަށް ލިއަމްގެ ސިކުނޑީގެ މަސައްކަތް އަވަސްވަމުން ދިޔައެވެ. ހެދިފައިވާ ގަސްތައް ކަނޑާ އޭގެ ލަކުނޑިން ތަފާތު އެއްޗެހި އުފެއްދެއެވެ. ފަތުން ފަތް ޕިލާވެލީގެ ބޭސް ހެދެއެވެ. އެހެންނަމަ ވެސް އޭގެ އެއްވެސް ގަހެއް ހެދުމުގެ ކުޅަދާނަކަމެއް އިންސާނުންނަކަށް ލިބިގެނެއް ނުވެއެވެ. ޤުރުއާނުގައި ވާ އާޔަތް ތަކަކީ ތެދު ކަމުގައި ސިކުނޑިން ގޮވަން ފެށިއެވެ. އެހެންނަމަ ވެސް ލިއަމް ބިރު ގަންނަނީއެވެ. އޭނާއަށް މި ދެވެނީ ރަނގަޅު މިސްރާބަކަށް ނޫންކަމުގައި ހީވަނީއެވެ. އެހެންނަމަ ވެސް އެ ކަންތައް ތަކާ މެދު ވިސްނުން ހުއްޓުވޭ ގޮތެއް ނުވިއެވެ. އެދެވެނީ އިތުރު ކަންތައްތަކެއް އެނގުމަށެވެ. ޝައިތާނާ ލިއަމްގެ ހިތަށް ޝައްކާ ވަހުމު ވައްދަން މަސައްކަތް ކުރަނީއެވެ. އެންމެ ފަހުން ގަނޑުކޮޅު ފޮތް ތެރެއަށް ލަމުން ޓެރެސްއަށް ނުކުމެލީ ހިންހަމަޖެހުން ހޯދާލުމުގެ ބޭނުމުގައެވެ. އޭރު އިރުއޮއްސި އަނދިރިކަން ދުނިޔެއަށް ވެރިވަނީއެވެ. ލިއަމްގެ ހަނދާނަށް އައީ ސާރާ އޭނާއަށް ފޮނުވި އާޔަތުގެ މާނައިގައިވާ ތަންކޮޅެކެވެ. "(އަދި) އެކަލާނގެ ރޭގަނޑުން ދުވާލު ނިވައިކުރައްވަތެވެ." އެތަންކޮޅު ހިތަށް ވެރިވުމާއެކު ލިއަމްއަށް ވަށައިގެން ބަލައިލެވުނެވެ. ސާރާ އަބަދުވެސް ހެކި ދައްކާއިރު ޤުރުއާނުގެ އާޔަތެއް ލިޔެއެވެ. ޤުރުއާނަކީ ތެދުކަން ސާބިތުކޮށް ދޭން އެދެންވީއެވެ. އޭނާ ޤުރުއާނާ ބެހޭގޮތުން ހޯދި ހޯދުން ތަކުން އެނގުނު ގޮތުގައި ޤުރުއާނަކީ 1400 އަހަރު ވެފައި ވާ މުސްލިމުންގެ މުޤައްދަސް ފޮތެވެ. އެ ފޮތުގެ އަކުރަކަށް އަދި ފިއްޔަކަށް ވެސް ބަދަލެއް އައިސްފައެއް ނުވެއެވެ. ލިއަމް ވިސްނިއެވެ. "1400 އަހަރު... އެންމެ އަކުރަކަށް ވެސް ފިއްޔަކަށް ވެސް ބަދަލެއް ނާދޭ... ކިހިނެއް؟" ކިތަންމެ ރަނގަޅަށް ވިސްނަން އުޅުނަސް އޭނާގެ ހިތަށް ވަސްވާސްތައް ވެއްދުމުގައި މިފަހަރު ވެސް ޝައިތާނާ ކާމިޔާބު ހޯދިއެވެ. ސިކުނޑިއަށް ބުރަކަން އިޙްސާސް ކުރެވުމާއެކު ލިއަމް ގޭތެރެއަށް ވަދެ އެނދުމައްޗަށް ވެއްޓިގަތެވެ. ***** އިޝާ ނަމާދު ކޮށްގެން ސާރާ ކުޑަ ދޮރު ހުޅުވައިލިއެވެ. ލިއަމްގެ ޚަބަރެއް ނުވާތީ ސާރާއަށް މާޔޫސްކަމެއް ވެރިވެފައިވެއެވެ. އޭނައަށް އަބަދާ އަބަދު އެ ޒުވާނާ ހޯދެނީ ކީއްވެހެއްޔެވެ؟ އެ ހިތް އެ ޒުވާނާ ދުށުމަށް އެދެނީ ކީއްވެހެއްޔެވެ؟ އަމިއްލަ ހިތަށް އެއީ ގޯހެއް ކަމަށް ވިސްނައިދެމުން ސާރާ ކުޑަދޮރު ލައްޕައިލިއެވެ. ***** އަސުރު ނަމާދަށް ގޮވިއިރު މިއަދު ވެސް ލިއަމަށް ހުރެވުނީ މިސްކިތެއް ކައިރީގައެވެ. މިސްކިތުގެ ވަށާ ފާރު ކައިރީގައި ލިއަމް މަޑުކޮށްލިއެވެ. ކީއްވެކަމެއް ނޭނގެއެވެ. އެމީހުން މިސްކިތުގައި އެ ކުރާ ކަމެއް އޭނާ ބަލަން ބޭނުންވީއެވެ. އޭނާއަށް ވިސްނިފައިވާ ގޮތުގައި މުސްލިމުން އެމީހުންގެ ހަރުކަށި އުސޫލުތައް އާލާކޮށް ޅަ ކުދިންގެ ސިކުނޑިތައް އެންމެ ގިނައިން ދޮންނަމުން ދަނީ މިސްކިތް ތަކުގައެވެ. މިސްކިތް އެތެރޭގައި އެމީހުން ކުރާ ކަންތައް އެނގެން، ޝައުގުވެރި ވިނަމަ ވެސް އެތެރެއަށް ވަންނާކަށް ލިއަމަކަށް ނުކުރުނެވެ. މިސްކިތަށް ނުވަނީ ވެސް އެހެންވެއެވެ. "އައްސަލާމް ޢަލައިކުމް" ދާދި ގާތުން ޒުވާނަކު ސަލާމް ގޮވައިލި އަޑު އިވިފައި ލިއަމަށް ބަލައިލެވުނެވެ. އޭނާގެ ގާތުގައި ހުރީ ޒުވާން ފިރިހެން ކުއްޖެކެވެ. ލިއަމް ބަލައިލުމާއެކު އެ ޒުވާނާ ހިތްހެޔޮ ހިނިތުންވުމެއް ހަދިޔާ ކޮށްލިއެވެ. އޭނާ އެތެރެއަށް ވަންނަން ބޭނުންތޯ ސުވާލުކޮށްލިއެވެ. "އަހަންނަށް ވަދެވޭނެތަ؟" ލިއަމް އިނގިރޭސިން ސުވާލު ކޮށްލިއެވެ. "ވަދެވޭނެ... ހިނގާ" ލިއަމްއަށް ބަލައިލަމުން އެ ޒުވާނާ ބުނެލިއެވެ. އެތެރެއަށް ވަންނަން ހިނގައިގަތް ލިއަމް ގޮވައިގެން ފުރަތަމަ އޭނަ ދިޔައީ އިސްކުރު ބަރިއާ ދިމާލަށެވެ. އޭނަ ވުޟޫ ކުރި މަންޒަރު ބަލަން ހުރި ލިއަމް ހުރީ ހައިރާން ވެފައެވެ. އޭނާ އެ ޒުވާނާގެ ހަރަކާތްތަކަށް ބެލިއެވެ. ވުޟޫ ކޮށް ނިމިގެން އެ ޒުވާނާ މިސްކިތާ ދިމާލަށް ހިނގައިގަތުމުން ލިއަމްވެސް ހިނގައިގަތެވެ. އޭނާ ގޮސް މަޑުކޮށްލީ ފަހަތުގައެވެ. ބޭނުންވީ އެމީހުން ކުރާ ކަމެއް ބަލައިލާށެވެ. އެމީހުން ނަމާދުކުރަން ފެށިއެވެ. އެ ހަރަކާތްތައް އޭގެ ކުރިން ވެސް އޭނާއަށް ފެނުނެވެ. ސާރާގެ ފަރާތުންނެވެ. ހަދާފައިވާ ސަފުތަކަށް ބަލައިލި ލިއަމްގެ ހިތަށް ތަފާތު ޝުއޫރުތައް ވެރިވިއެވެ. އެންމެން ވެސް ކުރަމުން ދިޔައީ އެއް ހަރަކާތްތަކެކެވެ. ބަލާބެލުމަށް މުއްސަންޖެއް ފަޤީރެއް ވަތްކެއް ނުވެއެވެ. އެންމެން ވެސް ހަމަ ހަމައެވެ. ބާރު ގަދަ މީހާ ބާރުގަދަ ތަނެއް ނުފެނެއެވެ. އެންމެން ވެސް ތިބީ އެހާ މަޑުމައިތިރި ކޮށެވެ. އިސްލާމް ދީނާ މެދު ސާފު ހިތަކުން ވިސްނުމަށް ސިކުނޑި ގޮވަން ފެށިއެވެ. ފެންނަމުން ދާ ހެކި ތަކުން އަސަރު ކުރަމުން ދިޔައީ ލިއަމްގެ ހިތަށާއި ސިކުނޑިއަށެވެ. އޭނާއަށް ހުޅަނގުގެ މީޑިއާ އިން ދައްކައިދީފައިވާ މަންޒަރާއި ފެންނަ މަންޒަރާ ހާދަ ތަފާތެވެ. މިސްކިތް ތަކަކީ ނުރައްކާތެރި ތަނެއްކަމުގައި ވިސްނިފައި ވިޔަސް، އެ ވިސްނުން ބަދަލުކުރަން މަޖުބޫރު ވެއްޖެއެވެ. މިސްކިތް ތެރެއިން އޭނާއަށް އިޙްސާސް ކުރެވުނީ އަމާންކަމެވެ. އެއީ އޭނާއަށް ވިސްނިފައިވާ ފަދަ ނުރައްކާތެރި ތަނެއް ނޫނެވެ. އެތަނުގައި މީހުންނަށް އަނިޔާވެރިވާ ވާހަކަ އެއް ނުދައްކައެވެ. މީހުންނަށް ގެއްލުން ދޭން މަޝްވަރާއެއް ނުކުރެއެވެ. ހަތިޔާރެއް ނުފެނެއެވެ. ކޮންމެ މީހަކުވެސް އޭނައަށް ހަދިޔާ ކޮށްލަނީ ހިނިތުންވުމެކެވެ. "އަހަންނަށް މި ކުރެވެނީ ރަނގަޅު ކަމެއްތަ؟ މިސްކިތަށް ވަނުމަކީ ހެދުނު ގޯހެއްތަ؟ އެކަމަކު މި ތަނުން އަހަންނަށް އިޙްސާސް ވަނީ އަމާންކަން...ލިބެނީ ހިންހަމަޖެހުން، ކޮންމެ މީހަކު ވެސް އަހަންނަށް ދެނީ ހިތްހެޔޮ ހިނިތުންވުމެއް... ނޫން... މިއީ ކަންނޭގެ އެމީހުންގެ އުކުޅަކީ، ހިތްހެޔޮ ކަން ދައްކައިގެން ސިކުނޑި ދޮވެލަނީ ކަންނޭގެ..." ކިތަންމެ ރަނގަޅަށް ވިސްނަން އުޅުނަސް އެކަން ކުރަން ލިއަމަށް އުނދަގޫވިއެވެ. އާއެކެވެ! އެންމެ ކުޑަ އިރުއްސުރެވެސް އޭނާއަށް އަޑު އިވެނީ މިސްކިތްތަކަކީ ނުރައްކާތެރި ތަނެއް ކަމުގައެވެ. ނަމާދުކޮށް ނިމުމާއެކު އެ ޒުވާނާ އައިސް ލިއަމް ކައިރީ ހުއްޓުނެވެ. މިސްކިތުން ދެމީހުން ނުކުތީ އެކުއެކީގައެވެ. ގަޑިއަށް ބަލައިލަމުން އެ ޒުވާނާ އޭނާ ދާން ޖެހިއްޖެ ކަމުގައި ބުންޏެވެ. އެތަން ބަލަން ހުރި ލިއަމަށް ހިން ދިރުވާލެވުނެވެ. އެ ކުޑަ ވަގުތު ކޮޅުވެސް އޭނާގެ ސިކުނޑިއަށް ނުބައި ވަސްވާސްތައް ވެރިވެއްޖެއެވެ. "މަ މޮޔަވަނީތަ؟" ލިއަމްގެ ހިތަށް އެރިއެވެ. އޭނަ މިވަރަށް މި ދީނާ މެދު ޝައުގުވެރި މިވަނީ ކީއްވެހެއްޔެވެ؟ އެތަނުން ދާން ހިނގައިގަތް އިރު އޭނާގެ ސިކުނޑި ވަނީ ބޮޑު ހައިޖާނުގަނޑެއްގެ ތެރޭގައެވެ. ގެއަށް ގޮސް ފެންވަރާ ހަދާލައިގެން އަނެއްކާ ވެސް މައުލޫމާތު ކޮޅެއް ލިބޭތޯ އޭނަ ނުކުތެވެ. ***** ޒައިދު ބޭރުގައި އުޅެފައި ގެއަށް އައިސް ވަތް އިރު އިރުއޮއްސެން ކައިރިވަނީއެވެ. މަންމަމެން ކޮޓަރިއާ އަރާ ހަމަވީތަނާ ބައްޕައާއި މަންމައާއި ދެމީހުން ދައްކަމުން ދިޔަ ވާހަކަ ޒައިދަށް އަޑު އިވުނެވެ. "އަހަންނަށް ފެންނަނީ ލަސްނުކޮށް މި ވާހަކަ ޒައިދާ ވެސް ދައްކަން... އަނެއްކޮޅުން ސާރާ ވެސް އެހުރީ މިހާރު މީހަކާ އިންނަ އުމުރަށް ގޮސްފަ... އަހަރެމެންނަށް ވުރެ ކުރިން އެހެން ބަޔަކު ސާރާގެ ކައިވެންޏަށް އެދިފާނެ" ފަޒީލާގެ އަޑު އައީ ކޮޓަރި ތެރެއިންނެވެ. "ފަޒީލާއަށް ހީވޭތަ އޭނަ އެއްބަސް ވާނެހެން؟ އޭނަ އުޅެނީ އިނގިރޭސި ވިލާތުން ކުއްޖަކު ހޯދައިގެން... އަހަރެން އެ ވާހަކަ ދައްކަން ފަށާއިރަށް އޭނާ މައުޟޫ ބަދަލުކޮއްލާ!..." ވާސިމުގެ އަޑު އިވުނެވެ. "މަސައްކަތް ކުރެވިދާނެ އެއްނު... ޒައިދު ހާދަ ދީނާ ވެސް ދުރޭ... އަހަންނަކަށް ނޭނގެ އޭނަ ނަމާދެއް ކުރާކަމެއް ވެސް... " ފަޒީލާ ބުނެލި އަޑު އިވުނެވެ. އިރުކޮޅު އެ އަޑަށް ސަމާލުކަން ދީގެން ހުރުމަށްފަހު ޒައިދު ހިނގައިގަތީ އޭނާގެ ކޮޓަރިއާ ދިމާލަށެވެ. އޭރު މަޣްރިބް ނަމާދަށް ގޮވަނީއެވެ. އޭނާ އެކަމަށް ފަރުވާލެއް ނުބަހައްޓާ ކޮޓަރިއަށް ވަދެ އެނދުމަތީގައި އޮށޯތެވެ. ގޮވަމުން ދިޔަ ބަންގީގެ އަޑު އިވުނުނަމަ ވެސް ޒައިދު އެކަމަކަށް ސަމާލުކަމެއް ނުދެއެވެ. ފޯނުން މިއުޒިކް ޖަހައިލާ އޭނާ ލަވައެއް އަޑު އަހަން ފެށިއެވެ. "ސާރާ" އަޑު އިވެމުން ދިޔަ ލޯބީގެ ލަވަ އޭނާއަށް ހަނދާންކޮށްދެމުން ދިޔައީ ސާރާއެވެ. ސާރާގެ ފިޔާ ތޮށި ކުލައިގެ ތުންފަތާއި އެ ދޮން މޫނެވެ. "ސާރާ ކިތަންމެ ރީއްޗަސް އަހަރެން ކިހިނެއް އޭނަ އާ ކައިވެނި ކުރާނީ... ސާރާއަށް ވުރެ އަހަންނަށް މާ ރަނގަޅު އެލީނާ ވެސް، ބޮޑު ބުރުގާ އަޅާފަ އޯވަ ވެފަ ހުންނަ ކުއްޖަކާއެކު ހަޔާތުގެ ބާކީ ދުވަސްތައް މަށަކަށް ހޭދަ އެއް ނުކުރެވޭނެ... މަންމަމެން ވެސް އެ އުޅެނީ ކިހިނެއްވެގެންތަ؟" ޒައިދު އެކި ގޮތްގޮތަށް ވިސްނިއެވެ. ލިއަމް ލެޕްޓޮޕް ހިފައިގެން ޓެރެސްއަށް ނުކުތް އިރު ސާރާވެސް ޓެރެސްގައި ހުއްޓެވެ. އޭރު ރޭގަނޑު ނުވައެއް ޖަހާ ބޮޑުވެއްޖެއެވެ. ބޮޑު ހެދުމެއްގައި ސާރާ ހުރި އިރު އާދައިގެ މަތިން އިސްތަށިގަނޑު ނިވާކޮށްލާފައި ވަނީ ބުރުގާއަކުންނެވެ. އެ އަންހެން ކުއްޖާ ގެ ފުރިހަމަ ކަމުން ލިއަމަށް ހިނދުކޮޅަށް ކަޅި ޖަހާ ނުލާ ބަލަން ހުރެވުނެވެ. ބޮޑު ހެދުން ލިއަސް ސާރާ ރީއްޗެވެ. ހުންނަލެއް ވަރަށް މައުސޫމެވެ. ލާފައި ހުރި ބޮޑު ހެދުންމަތިން ޖެކެޓެއް ލާފައި ހުރި ނަމަވެސް، ސާރާއަށް ވަރަށް ބޮޑަށް ފިނިކަން އިޙްސާސްކުރެވުނެވެ. އޭނާގެ ނަޒަރު ހުރީ ދުރަށް ހުއްޓިފައެވެ. ޖެހިގެން ހުރި ގޭ ޓެރެސްގައި މީހަކު އުޅޭހެން ހީވެ އޭނާ އެނބުރި ބަލައިލިއެވެ. ލިއަމް ފެނިގެން އެ ތުންފަތް މައްޗަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. ލިއަމް ވެސް ހިނިތުންވެލިއެވެ. ލެޕްޓޮޕާ އެއްޗެހި މޭޒުމަތީގައި ބަހައްޓަމުން ލިއަމް ފޮތުގައި ކޮންމެ ވެސް އެއްޗެއް ލިޔެލާ އެ ގަނޑު ކަނޑައިލަމުން ބޮނޑި ކޮށްލާފައި އެއްލިއެވެ. ގަނޑުކޮޅު ނެގި ސާރާ ހީކުރީ އޭނާއަށް މިފަހަރު ވެސް ލިބޭނީ ލިއަމްގެ ސުވާލުތަކެއް ކަމަށެވެ. އެހެންނަމަވެސް ވީ އެހެންނެއް ނޫނެވެ. އޭގައި އޮތް އެއްޗެއްގެ ސަބަބުން އޭނާއަށް ލިއަމަށް ބަލައިލެވިއްޖެއެވެ. އޭރު ލިއަމް ހުރީ އޭނާގެ ހިނިތުންވުން ފުޅާކޮށްލަމުން ސާރާއަށް ބަލަހައްޓައިގެންނެވެ. (ނުނިމޭ)
ނޫރު- 6
ކ. ހިންމަފުށީގައި ހުންނަ ޑްރަގް ޓްރީޓްމަންޓް އެންޑް ރީހެބިލިޓޭޝަން ސެންޓަރު (ޑީޓީއާރުސީ)އިން ފެނުނު އެއް ކޭސްއަކީ މާލެއިން މިއަދު ފެނުނު ކޭސްއެއްގެ ކޮންޓެކްޓެއް ކަމަށާއި އެ ސެންޓަރަށް ބަލި ދަތުރުކުރި ގޮތަކީ މިއީ ކަމަށް އެންއީއޯސީން ލަފާކޮށްފި އެވެ. އެކި ތަންތަނުގައި ބަލި ހުރި މިންވަރު ދެނެގަތުމަށްޓަކައި އެކްޓިވް ސަވެއިލަންސްގެ ދަށުން ނަގަމުންދާ ސާމްޕަލްތަކުގެ ތެރެއިން އިއްޔެ ހިންމަފުށީ ޑީޓީއާރުސީއިން ނެގި ތިން ސާމްޕަލްއެއް ވަނީ ޕޮޒިޓިވްވެފަ އެވެ. އެ ތިން މީހުންނަކީ ވެސް އެ ސެންޓަރަށް ފަރުވާ ހޯދަން ގޮސްފައިވާ ތިން މީހުންނެވެ. އެންއީއޯސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ ޑޮކްޓަރު، ޑރ. ނަޒްލާ ރަފީގު ވިދާޅުވީ އެންމެ ފަހުން ޑީޓީއާރުސީއަށް މީހުން ގޮސްފައިވާނީ މިދިޔަ އޭޕްރީލް މަހުގެ 13 ވަނަ ދުވަހު ކަމަށެވެ. ކޮވިޑް19 އާބެހޭގޮތުން ބާއްވަމުންދާ ސިލްސިލާ ބައްދަދުލުވުމުގެ ތެރެއިން ޑރ. ނަޒްލާ ރަފީގު- ސަން ފޮޓޯ "އެންމެ ފަހުން ޑީޓީއާރުސީއަށް ކްލައިންޓުން ގޮސްފައިވަނީ 13 އޭޕްރީލްގައި. އެ ދުވަހު ހަތަރު ކްލައިންޓުން ގޮސްފައިވޭ. އޭގެ ކުރިން އޭޕްރީލް އަށްވަނަ ދުވަހު ދެ މީހުން، ނުވަވަނަ ދުވަހު އެކަކު އަދި 12 ވަނަ ދުވަހު ހަތަރު މީހުން ގޮސްފައިވޭ،" ޑރ. ނަޒްލާ ވިދާޅުވި އެވެ. ޑީޓީއާރުސީން ޕޮޒިޓިވްވި ތިން ސާމްޕަލްގެ ތެރޭގައި އެންމެ ފަހުން ދިޔަ ހަތަރު މީހުންގެ ތެރެއިން އެކަކުގެ ސާމްޕަލް ވެސް ހިމެނޭ ކަމަށެވެ. އެ ހަތަރު މީހުންގެ ތެރެއިން އެކަކު މިހާރު ހުރީ އާއިލާ މެމްބަރަކަށް ދިމާވި ކަމަކާ ގުޅިގެން މާލެ އައުމަށްފަހު އާއިލާއާ އެކުގަ އެވެ. ތިންވަނަ މީހާ ވެސް އެތަނަށް ދިޔަތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ދޫކޮށްލާފައިވާ ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ. "13ވަނަ ދުވަހު ދިޔަ ހަތަރުވަނަ މީހާ ޑީޓީއާރުސީއަށް ދިއުމުގެ ކުރިން މާލޭގައި އުޅުނުއިރު ގޮސްފައި ހުރި ތަންތަން ބަލައިލިއިރު، އޭނާ ދިޔަ އެއް ގެއަކުން މިއަދު ޕޮޒިޓިވްވި ބޭރު މީހެއް ވަނީ އައިޑެންޓިފައި ކުރެވިފައި. މިއީ އެތަނަށް [ޑީޓީއާރުސީއަށް] ބަލި ދިއުމުގެ ޕޮސިބަލް ރޫޓަށް ވެދާނެ ކަމަށް ލަފާކުރެވޭ، ޔަގީންކޮށް މިވަގުތު އެހެން ދަންނަވަން ނޭނގުނު ނަމަވެސް،" ޑރ. ނަޒްލާ ވިދާޅުވި އެވެ. ހިންމަފުށީ ޑީޓީއާރުސީ ލޮކްޑައުންކޮށް، އެތަނުން މީހުން ވަދެ ނިކުތުން ހުއްޓުވާފައިވަނީ އޭޕްރީލް 22 ވަނަ ދުވަހުގަ އެވެ. ނަމަވެސް އެތަނުގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން ހިންމަފުށްޓަށް ނިސްބަތްވާ ބައެއް މުވައްޒަފުން ވަގަށް ރަށު ތެރެއަށް ނިކުމެ އުޅޭކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އެއީ ކޮންބައެއްކަން ހޯދިފައިވާ ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ. "ކޮންމެވެސް ވަރަކަށް ހެލްތު ސެންޓަރަށް ބަލިވެގެން ދައްކަން ދެ މީހަކު ގޮސްފައިވޭ. އެކަކު ރެގިއުލާކޮށް ބޭސްއަޅަން ސެންޓަރަށް ގޮސްފައިވާ ކަމަށް މައުލޫމާތު ލިބޭ. އެތަން ލޮކްޑައުން ކުރި ކަމުގައި ވިޔަސް ކޮންމެވެސް ވަރަކަށް ބައެއް މުވައްޒަފުން އެތަނުގެ މެނޭޖްމަންޓަށް ނޭނގި، އެ ރަށުގެ މީހުން އެ ރަށު ތެރެއަށް ގޮސްފައިވާ ކަން އަދި ރަށު ތެރޭގައި އުޅެފައިވާ ކަން ފާހަގަކުރެވޭ،" ޑރ. ނަޒްލާ ވިދާޅުވި އެވެ.
ހިންމަފުށީ ރިހެބުން ޕޮޒިޓިވްވި އެކަކީ މާލެއިން ފެނުނު ކޭސްއެއްގެ ކޮންޓެކްޓެއް: ޑރ. ނަޒްލާ
ކ. ހިންމަފުށީގައި ހުންނަ ޑްރަގް ޓްރީޓްމަންޓް އެންޑް ރީހެބިލިޓޭޝަން ސެންޓަރު (ޑީޓީއާރުސީ)އިން ފެނުނު އެއް ކޭސްއަކީ މާލެއިން މިއަދު ފެނުނު ކޭސްއެއްގެ ކޮންޓެކްޓެއް ކަމަށާއި އެ ސެންޓަރަށް ބަލި ދަތުރުކުރި ގޮތަކީ މިއީ ކަމަށް އެންއީއޯސީން ލަފާކޮށްފި އެވެ. އެކި ތަންތަނުގައި ބަލި ހުރި މިންވަރު ދެނެގަތުމަށްޓަކައި އެކްޓިވް ސަވެއިލަންސްގެ ދަށުން ނަގަމުންދާ ސާމްޕަލްތަކުގެ ތެރެއިން އިއްޔެ ހިންމަފުށީ ޑީޓީއާރުސީއިން ނެގި ތިން ސާމްޕަލްއެއް ވަނީ ޕޮޒިޓިވްވެފަ އެވެ. އެ ތިން މީހުންނަކީ ވެސް އެ ސެންޓަރަށް ފަރުވާ ހޯދަން ގޮސްފައިވާ ތިން މީހުންނެވެ. އެންއީއޯސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ ޑޮކްޓަރު، ޑރ. ނަޒްލާ ރަފީގު ވިދާޅުވީ އެންމެ ފަހުން ޑީޓީއާރުސީއަށް މީހުން ގޮސްފައިވާނީ މިދިޔަ އޭޕްރީލް މަހުގެ 13 ވަނަ ދުވަހު ކަމަށެވެ. ކޮވިޑް19 އާބެހޭގޮތުން ބާއްވަމުންދާ ސިލްސިލާ ބައްދަދުލުވުމުގެ ތެރެއިން ޑރ. ނަޒްލާ ރަފީގު- ސަން ފޮޓޯ "އެންމެ ފަހުން ޑީޓީއާރުސީއަށް ކްލައިންޓުން ގޮސްފައިވަނީ 13 އޭޕްރީލްގައި. އެ ދުވަހު ހަތަރު ކްލައިންޓުން ގޮސްފައިވޭ. އޭގެ ކުރިން އޭޕްރީލް އަށްވަނަ ދުވަހު ދެ މީހުން، ނުވަވަނަ ދުވަހު އެކަކު އަދި 12 ވަނަ ދުވަހު ހަތަރު މީހުން ގޮސްފައިވޭ،" ޑރ. ނަޒްލާ ވިދާޅުވި އެވެ. ޑީޓީއާރުސީން ޕޮޒިޓިވްވި ތިން ސާމްޕަލްގެ ތެރޭގައި އެންމެ ފަހުން ދިޔަ ހަތަރު މީހުންގެ ތެރެއިން އެކަކުގެ ސާމްޕަލް ވެސް ހިމެނޭ ކަމަށެވެ. އެ ހަތަރު މީހުންގެ ތެރެއިން އެކަކު މިހާރު ހުރީ އާއިލާ މެމްބަރަކަށް ދިމާވި ކަމަކާ ގުޅިގެން މާލެ އައުމަށްފަހު އާއިލާއާ އެކުގަ އެވެ. ތިންވަނަ މީހާ ވެސް އެތަނަށް ދިޔަތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ދޫކޮށްލާފައިވާ ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ. "13ވަނަ ދުވަހު ދިޔަ ހަތަރުވަނަ މީހާ ޑީޓީއާރުސީއަށް ދިއުމުގެ ކުރިން މާލޭގައި އުޅުނުއިރު ގޮސްފައި ހުރި ތަންތަން ބަލައިލިއިރު، އޭނާ ދިޔަ އެއް ގެއަކުން މިއަދު ޕޮޒިޓިވްވި ބޭރު މީހެއް ވަނީ އައިޑެންޓިފައި ކުރެވިފައި. މިއީ އެތަނަށް [ޑީޓީއާރުސީއަށް] ބަލި ދިއުމުގެ ޕޮސިބަލް ރޫޓަށް ވެދާނެ ކަމަށް ލަފާކުރެވޭ، ޔަގީންކޮށް މިވަގުތު އެހެން ދަންނަވަން ނޭނގުނު ނަމަވެސް،" ޑރ. ނަޒްލާ ވިދާޅުވި އެވެ. ހިންމަފުށީ ޑީޓީއާރުސީ ލޮކްޑައުންކޮށް، އެތަނުން މީހުން ވަދެ ނިކުތުން ހުއްޓުވާފައިވަނީ އޭޕްރީލް 22 ވަނަ ދުވަހުގަ އެވެ. ނަމަވެސް އެތަނުގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން ހިންމަފުށްޓަށް ނިސްބަތްވާ ބައެއް މުވައްޒަފުން ވަގަށް ރަށު ތެރެއަށް ނިކުމެ އުޅޭކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އެއީ ކޮންބައެއްކަން ހޯދިފައިވާ ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ. "ކޮންމެވެސް ވަރަކަށް ހެލްތު ސެންޓަރަށް ބަލިވެގެން ދައްކަން ދެ މީހަކު ގޮސްފައިވޭ. އެކަކު ރެގިއުލާކޮށް ބޭސްއަޅަން ސެންޓަރަށް ގޮސްފައިވާ ކަމަށް މައުލޫމާތު ލިބޭ. އެތަން ލޮކްޑައުން ކުރި ކަމުގައި ވިޔަސް ކޮންމެވެސް ވަރަކަށް ބައެއް މުވައްޒަފުން އެތަނުގެ މެނޭޖްމަންޓަށް ނޭނގި، އެ ރަށުގެ މީހުން އެ ރަށު ތެރެއަށް ގޮސްފައިވާ ކަން އަދި ރަށު ތެރޭގައި އުޅެފައިވާ ކަން ފާހަގަކުރެވޭ،" ޑރ. ނަޒްލާ ވިދާޅުވި އެވެ.
ހިންމަފުށީ ރިހެބުން ޕޮޒިޓިވްވި އެކަކީ މާލެއިން ފެނުނު ކޭސްއެއްގެ ކޮންޓެކްޓެއް: ޑރ. ނަޒްލާ
ޑޯނަޓެއް ކާހިތްވާވަރުން ނުހުރެވިގެން އުޅެނީ ކިތައް ދިވެހިން ހެއްޔެވެ؟ ޝުގާ ނޫނީ ހަކުރުލީ ޑޯނަޓް ކާހިތްވާ ފަރާތްތަކާއި ޗޮކްލެޓް ހާކާފައި ހުންނަ ޑޯނަޓްތައް މީރުވެގެން ކައިއުޅޭ ކުޑަކުދިންވެސް އެހާމެ ގިނަ އެވެ. ޒަމާނާއެކު ޑޯނަޓްތަކުގެ ވައްތަރުތަކާއި ރަހަތައް ބަދަލުވެ ޑޯނަޓް ތައްޔާރު ކުުރުމުގެ ފޯރި ދިވެހިންގެ ތެރޭގައި ވެސް ގަދަ އެވެ. ފޮނިތޮށިއެމްވީގެ ފަރާތުން އައިމިނަތު ރުޚުޝާ އަހުމަދު (ތޫތަ) މިއަހަރުގެ ސަންބަދިގޭގައި ތައްޔާރުކޮށްދޭ އެންމެ ފަހު ރެސިޕީއަކީ "ލޮކްޑައުންޑް ޔީސްޓް ފްރީ ޑޯނަޓް" އެވެ. ބޭނުންވާތަކެތި: 140 ގްރާމް ސެލްފް ރެއިޒިން ފުށް 190 ގްރާމް ޕްލެއިން ޔޯގަޓް މިރެސިޕީ ތައްޔާރުކުރުމަށް ޕްލެއިން ޔޯގަޓްގެ ބަދަލުގައި 112 ގްރާމް ކިރު ނުވަތަ 1/2 ޖޯޑު ކިރު ބޭނުންކުރެވިދާނެ އެވެ. ސެލްފް ރެއިޒިން ފުށް ގޭގައި ނެތްނަމަ 140 ގްރާމް އާދައިގެ ފުށަށް 1 1/2 ސައިސަމުސާ ބޭކިންގ ޕައުޑަރ އެއްކުރާށެވެ. ނުވަތަ 140 ގްރާމް ފުށަށް 1/2 ސައިސަމުސާ ބޭކިންގ ސޮޑާ އެއްކޮށްލުމުންވެސް ސެލްފް ރެއިޒިންގ ފުށް ތައްޔާރުކުރެވުނީ އެވެ. ތައްޔާރުކުރާނެގޮތް: ޑޯނަޓް ތައްޔާރުކޮށްލަން ބޭނުންވާ ފުށް އަދި ޔޯގަޓް ރަނގަޅަށް އެއްކޮށްލުމަށްފަހު ޕައިޕިންގ ބޭގް އަކަށް އަޅާށެވެ. ތެޔޮ ތާސް ރަނގަޅަށް ހޫނުކޮށްލުމަށްފަހު ޕައިޕިންގ ބޭގް އިން ވީޑީއޯ އިން ފެންނަގޮތަށް ސީދާ ތެއްޔަށް ޑޯނަޓްތައް އަޅަމުން ކަތުރަކުން ބުރި ކުރަމުން ގެންދާށެވެ. ރަނގަޅަށް ތެލަށް އަޅާލެވުމުން ގަދަ މުށިކުލައަކަށް ޑޯނަޓްތަކުގެ ކުލަ ބަދަލުވާނެއެވެ. އަދި ތެޔޮގަނޑުގެ މައްޗަށް ޑޯނަޓްތައް ވީޑިއޯއިން ފެންނަގޮތަށް އަރާނެއެވެ. ޑޯނަޓްތައް ގްލޭޒްކުރުން: ސިނަމަން ޝުގާ އިން ގްލޭޒްކުރުމަށް ބަޓަރ (މެލްޓް ކޮށްފަ) 3 މޭޒުމަތީ ސަމުސާ ކާސްޓާ ޝުގާ ނުވަތަ އާދަައިގެ ހަކުރު 1/2 މޭޒުމަތީ ސަމުސާ ފޮނިތޮށި (މުގުރާފަ) ޑޯނަޓްތަކުގައި މެލްޓްކޮށްފައިހުރި ބަޓަރ އުނގުޅާށެވެ. އެއަށްފަހު ބޯތައްޓެއްގައި ހަކުރާއި ފޮނިތޮށި އެއްކޮށްލާށެވެ. ޑޯނަޓްތައް ބޯތައްޓަށް އަޅާލުމަށްފަހު ރަނގަޅަށް ޑޯނަޓްތައް ކޯޓް ކޮށްލާށެވެ. ގްލޭޒްޑް ޑޯނަޓް 125 ގްރާމް ނުވަތަ 1 ޖޯޑު އައިސިންގ ޝުގަރ 38 ގްރާމް ބަޓަރ (މެލްޓަޑް) 1-2 މޭޒުމަތީ ސަމުސާ ކިރު (އެމީހަކު ބޭނުންވާ ތިކްނެސް ކޮންސިސްޓެންސީ އެއް ހޯދުމަށް) 1 ސައިސަމުސާ ވެނީލާ އެސެންސް ހުރިހާ އިންގްރީޑިއަންޓްއެއް ބޯތައްޓެއްގައި ރަނގަޅަށް ވިސްކް ކޮށްލާށެވެ. އެއަށްފަހު ޑޯނަޓްތައް ރަނގަޅަށް ކޯޓް ކޮށްލާށެވެ. ޗޮކްލެޓް ގްލޭޒް އަކަށް ބަދަލުކޮށްލަން ބޭނުންވާނަމަ 2 މޭޒުމަތީ ސަމުސާ ކޮކޯ ޕައުޑަރ އާއި އެއްކޮށް އިތުރު ކިރުކޮޅެއް މިކްސްއަށް އެޑްކޮށްލާށެވެ. އޭރުން އެކަމަށް ހައްލެއް ލިބުނީއެވެ. މިއަދުގެ ރޯދަވީއްލާގަޑިއަށް ޑޯނަޓް ތައްޔާރުކޮށް އަޖުމަބަލާލާށެވެ!
ރޯދަމަސް ނިމުމުގެ ކުރިން ކޮންމެހެން ވެސް ޑޯނަޓް ހަދަންވާނެ!
ދޮންމަންމަ ދޮން ނިޔަދުރެއް ފަދައެވެ. މިއީ ވަރަށް ކުރީއްސުރެ އަހަރެން އަޑު އަހަމުން އައި ދިވެހި ހަރު ބަހެކެވެ. ކަންދިމާކުރި ގޮތުން އުމުރުން ފަނަރަ އަހަރުގައި ބައްޕަ، އަހަރެންގެ މަންމަ ވަރިކޮށްލުމަށް ފަހު، އެހެން މީހަކާ އިނުމުން އަހަންނަށް ވެސް ދޮންމަންމަ އެއް ލިބުނެވެ. ބައްޕަ މަންމަ ވަރިކޮށްލުމުންނާއި، އެވަރު ނުފުދިގެން ދޮންމަންމައެއް ހޯދައިދިނުމަކީ، އަހަންނަށް ގަބޫލުކުރަން ފަސޭހަކަމަކަށް ނުވިއެވެ. ދޮންމަންމަ އަނީސާ ދެކެ އަހަރެން އަންނަނީ އަމަށަކު ރުޅިއެއް ނޫނެވެ. ބައްޕަ މަންމަ ވަރިކޮށްލިއިރު، އަހަރެންގެ އިތުރުން އުމުރުން ހަތް އަހަރުގެ ކޮއްކޮއެއް ހުރެއެވެ. ބައްޕައާ އިނދެގެން ދޮންމަންމަ ބަދަލުވީ އަހަރެމެން ގެއަށެވެ. ވަރިވެގެން މަންމަ، މަންމަގެ އުފަން ރަށަށް ބަދަލުވީއެވެ. އަހަރެމެން މަންމައާއެކު، ދާން އުޅުމުން ކޮއްކޮ އެކަނި ހުންނާނެޔޭ ކިޔާފައި, މަންމަ އަހަރެން ގެންދަން ދެކޮޅު ހެދީއެވެ. ކޯޓުން ކޮއްކޮ މަންމައާއި ހަވާލު ނުކުރީ ކީއްވެކަމެއް މާ ރަނގަޅަކަށް އަހަންނަކަށް ނޭނގެއެވެ. ބައްޕައާ މަންމައާއި ދެމީހުން އެކީގައި އުޅުނުއިރު ވެސް، ވަރަށް ގިނަ މައްސަލަތައް ޖެހެއެވެ. އެންމެ ގިނަ މައްސަލަތައް ޖެހޭނީ އަހަރެމެން ދެކުދިންނާ ގުޅުވައިގެންނެވެ. ހަނދާން ހުންނަން ފެށީއްސުރެ މަންމައަކީ މާ މުރާލި މީހެއް ނޫނެވެ. އުމުރުން ހަތް އަހަރުން ފެށިގެން އަހަރެން ވެސް ގޭތެރޭގެ މަސައްކަތްތައް ކުރަމެވެ. ކުނި ކެހުމާއި ގަރުދިޔައާއި ބަތްފަދަ އެއްޗެހި ކައްކަން ދަސްކުރީމެވެ. މަންމަގެ ކަމަކަށް އޮންނާނީ ހިންދީ ޑްރާމާ ބެލުމެވެ. އެކަމާ ބައްޕަ ކިތަންމެ ފަހަރަކު މަންމައާ ޒުވާބުކުރެއެވެ. ގިނައިން ކޮއްކޮއަށް ކާންދީ ބަލަނީ އަހަންނެވެ. މަންމަގެ އުޅުމާ މެދު ހިންހަމަ ނުޖެހުނު ނަމަވެސް، އަހަރެން އެއްޗެއް ނުބުނަމެވެ. މަންމަ ވަރިކޮށްލުމަށް ފަހު، ބައްޕަ އަހަރެން ގާތު ބުނީ މަންމަގެ އުޅުން ކަމުނުދާތީ ވަރިކުރީ ކަމުގައެވެ. އެކަމަކު އޭގެ ފަހުން ދޮންމަންމައެއް ގެންނަ ވާހަކަ ބުނުމުން އަހަރެން ގާތަށް ރުޅިއައީއެވެ. ޚާއްސަ ގޮތެއްގައި ކޮއްކޮ ދޮންމަންމައެއްގެ ވިހަ ގަދަ ވަކިތަކުގެ ދަށުވާން ނޭނދޭތީއެވެ. ދޮންމަންމަގެ ވެސް އެހެން މީހަކާ އިނދެގެން ލިބިފައި ހުންނަ ކޮއްކޮ އާ އެއް އުމުރެއްގެ ކުއްޖަކު ހުރެއެވެ. *** އަވި ގަދަ ދުވަހެކެވެ. އަހަރެން ގެ ކައިރި ފިހާރެއަކަށް ގޮސްފައި އައިސް ގެއަށް ވަތް އިރު ކޮއްކޮ ގޯތިތެރޭގައި ހުރި ގަހެއްގެ ދޮށުގައި ރޯން ހުއްޓައި ދުށީމެވެ. ފުރަތަމަ ވެސް ވިސްނުން ގުޅުނީ ދޮންމަންމައާއެވެ. ކޮއްކޮ ކައިރިއަށް ޖެހިލަމުން އަހަރެން ސުވާލުކޮށްލީމެވެ. "ރާއީ... ކިހިނެއްވީ؟" އަހަރެންގެ ސުވާލާއެކު ކޮއްކޮ ރޮމުން އަހަރެންގެ ގައިގައި ބައްދައިލިއެވެ. ވާނުވާ ވެސް ބަލައިލުމެއްނެތި އަހަރެން އެތެރެއަށް ވަނީމެވެ. ކޮއްކޮ އޭރުވެސް ރޮނީއެވެ. ދޮންމަންމައަށް އެ މަންޒަރު ފެނުމާއެކު "ރާއީ ކިހިނެއްވީހޭ؟" އަހައިލިއެވެ. އަހަރެން ގާތަށް އައީ ރުޅިއެވެ. "ކޮން ރާއީއެއް ކިޔާކަށް... މީ ޔަޤީނޭ ކަލޭގެ ކަންތައްކަން" އައިސްފައި ހުރި ރުޅިއާއެކު އަހަރެން ބުނީމެވެ. ދޮންމަންމަ ރާއީ އާ ދިމާލަށް ފިޔަވަޅެއް އަޅައިލިއެވެ. އޭރު ތަންކޮޅެއް ދުރުގައި ރީޝާ ބަލަން ހުއްޓެވެ. އެއީ ދޮންމަންމަގެ ދަރިފުޅެވެ. އަހަރެން އަތުގެ ފަސް އިނގިލި ދައްކައިލަމުން މަޑުކުރުމަށް އެދުނީމެވެ. ދޮންމަންމަގެ ފިޔަވަޅުތައް ވަގުތުން ހުއްޓުނެވެ. އަހަރެންގެ ބަސްތަކުން އެ ދެ ލޯ ފެންކަޅިވިއެވެ. ވީ ގޮތެއް ރާއީ ނުބުނެއެވެ. "ރާއީ... ތީ ފިރިހެންކުއްޖެއްނު. ފިރިހެން ކުދިން ވަރަށް ސްޓްރޯންގް ވާނޭ" އަހަރެން ކޮންމެވެސް އެއްޗެއް ކިޔައިގެން ރާއީ ހަމައަކަށް އަޅުވައިލީމެވެ. ދޮންމަންމައާ މެދު އަހަރެންގެ ހިތުގައި ވަނީ ހުސް ޝަކުވާއެވެ. ރުޅިވެރިކަމެވެ. ނަފުރަތެވެ. މަންމަ ގޭގައި އުޅުނު އިރުވެސް ކާ އެއްޗެހި ހެދުމަކީ އަހަރެންގެ ޒިންމާއެކެވެ. ދޮންމަންމަ އަޔަކަސް އެ ޒިންމާތަކުން އަހަންނަކަށް ރެކެވޭކަށް ނޯންނާނެއެވެ. ދޮންމަންމައިން ވެއްޖެއްޔާ މަންމައަށް ވުރެ އަދި މާ ނުބައި ވާނެއެވެ. އަހަރެން ބަދިގެއަށް ވަތްއިރު ބަތް ހުރީ ކައްކާފައެވެ. އުނދުން ކައިރިއަށް ޖެހިލާ އަހަރެން އޭގެ މަތީގައި ހުރި ތެލީގެ މަތިގަނޑު ހިއްލައިލާ ބަލައިލީމެވެ. ރިހަ ވެސް ހުރީ ކައްކާފައެވެ. "އަންނަ ފުރަތަމަ ދުވަސްކޮޅު އުޅޭނެމިހެން، ހަޤީޤީ ކުލަވަރު ދައްކައިލާނީ އަދި ފަހުން" އަހަރެންގެ ހިތަށް އެރިއެވެ. ދޮންމަންމައިންނަކީ ނުބައި ބަޔެކެވެ. ދުވަސްތައް ފާއިތުވަމުން ދިޔައެވެ. ދޮންމަންމަ ދެކެ އަހަރެން އަންނަނީ އަމަށަކު ރުޅިއެއް ނޫނެވެ. ކުރާ ކުދި ކުދި ކަންތައްތަކަށް ފާޑުކިޔާ ދެރަވާފަދަ ބަސްތައް ބުނަމެވެ. އަހަރެންގެ ކުރިމަތީގައި ބައެއް ފަހަރު ބަހެއް ބުނެލިޔަސް ދޮންމަންމަ ގިނައިން ހުންނާނީ ހަނެވެ. ބައެއްފަހަރު އުޅޭ ގޮތުން ދޮން މަންމަގެ ހުންނަ އަންހެން ދަރިފުޅު ރީޝާއަށް ވުރެ ކޮއްކޮ ގާތް ކުރަން އުޅޭހެން ވެސް ހީވެއެވެ. ދުވަސްވީރަކަށް ރީޝާ އާއި ރާއީގެ ގުޅުން ވެސް ދިޔައީ ބަދަހިވަމުންނެވެ. އެކަމާ އެންމެ ނުރުހުނީ އަހަންނެވެ. އެކަމަކު ބައްޕަ ހުންނަނީ އަބަދާ އަބަދު ހިނިތުންވެލައިގެންނެވެ. ހީވާގި މުރާލި މީހަކު ލިބުނީމަ ކަމަށް ވެސް ވެދާނެއެވެ. ދޮންމަންމަގެ އެ އުޅުމުން ވެސް އަހަންނަށް ނެގުނީ މުޅީން ނުބައި މާނައެކެވެ. އެއީ ބައްޕައަށް އޭނަގެ ރަނގަޅުކަން ދައްކަން ވެގެން ކުރާ ކަމެއްކަމުގައި އަހަރެން ނިންމީމެވެ. ރާއީއާއި ރީޝާ އާއި ދެމީހުން ކުޅެން އުޅޭއިރު ބައެއްފަހަރު ތަޅައިގަނެއެވެ. ގޯސް ކަމެއް ކޮށްގެން އަދަބު ދެންޏާ ދޮންމަންމަ އަބަދުވެސް އަދަބު ދޭނީ ރީޝާއަށް އެކަންޏެވެ. ރުޅިއައިސްގެން ބަހެއް ބުންޏަސް ބުނާނީ ރީޝާއާ ދިމާލަށެވެ. އަހަރެން ހުންނާތީ ރާއީ އާ ދިމާލަށް ބަހެއް ބުނަން ނުކެރެނީ ކަމަށް ވެސް ވެދާނެއެވެ. އަހަންނަށް ރަނގަޅީ ވެސް އެހެންވިއްޔާއެވެ. ދޮންމަންމައަކަށް އަހަރެމެންގެ މައްޗަށް ބަސް ކިޔިގެނެއް ނުވާނެއެވެ. އެ ގޮތުގައި ދެ އަހަރެއްހާ ދުވަސް ފާއިތުވެގެން ހިނގައްޖެއެވެ. ދޮންމަންމަ އާއި އަހަރެންގެ ގުޅުމަކަށް މާ ބޮޑު ބަދަލެއް ނާދެއެވެ. އެހެން ނަމަވެސް ރާއީ ދޮންމަންމައާ ވަރަށް ގާތް ވެއްޖެއެވެ. ދޮންމަންމަގެ އުޅުމަށް އެއްވެސް ކަހަލަ ބަދަލެއް ނާދެއެވެ. އިހެކޭ އެއްގޮތަށް ގޭތެރޭގެ ކަންތައްތައް ބަލަހައްޓައެވެ. މިހާރު އަހަރެން ގިނަ ފަހަރަށް ގޭތެރޭގެ އެއްވެސް މަސައްކަތެއް ނުކުރަމެވެ، ޖެއްސުމަށެވެ. އެކަމަކު އެކަމާ މާބޮޑު އެއްޗެކޭ ދޮންމަންމައެއް ނުބުނެއެވެ. ބައެއްފަހަރު އެހެން ކުދި ކުދި ކަންތައްތައް ކޮށްލަދޭން ބުނެފާނެއެވެ. އަހަރެން ވެސް ފަހަކަށް އައިސް އެހެން ކުދި ކުދި ކަންތައްތައް ކޮށްލަދީ ހަދަމެވެ. އެކަމަކު ގޭގެ މައިގަނޑު ކުރާ ހުރިހާ މަސައްކަތެއް ވެސް ކުރާނީ ދޮންމަންމައެވެ. ރާއީ ދޮންމަންމައަށް މަންމައޭ ކިޔާފައި ގޮވަން ފެށުމުން އަހަރެން އެކަން މަނާކުރީމެވެ. އެއީ ރާއީގެ މަންމަ ނޫންކަމަށް ބުނީމެވެ. "ދޮންތާ. އަނީސާ މަންމަ ކިހާ ރަނގަޅުތަ؟ މަންމަ ވެސް އެހެންނޫޅޭ" އަހަރެން ޝަކުވާ ކުރަން ފެށުމުން އެންމެ ފަހުން ރާއީ ބުނީ އެހެންނެވެ. ދޮންމަންމަގެ ރަނގަޅުކަން އޭނާގެ ޅަ ސިކުނޑިއަށް ވެސް ވިސްނުނީއެވެ. އަހަރެން ރާއީއަށް ވިސްނައިދޭން މަސައްކަތް ކުރީމެވެ. ދޮންމަންމައެއްގެ ހިތް އެއްވެސް އިރެއްގައި ދޮން ދަރިންނަށް ހެވެއްނުވާނޭކަމުގައެވެ. އެކަމަކު އެކަން ރާއީއަށް ވިސްނޭނީ ކިހިނެއްހެއްޔެވެ؟ ކުޑަ ކުދިން ގަބޫލު ކުރާނީ އެ ކުދިންނަށް ފެންނަ ކަންތައްތަކެއް ނޫން ހެއްޔެވެ؟. ކޮންމެއަކަސް ދުވަސްތައް ފާއިތުވަމުން ދިޔައީ އެ ގޮތަށެވެ. ދޮންމަންމަ ކިތަންމެ ރަނގަޅަކަށް ކަންތައް ކޮށްދިނަސް އަހަންނަކަށް އެކަމެއް ކަމަކު ނުދެއެވެ. ޖެއްސުމެއް ވެއްޖެއްޔާ ކޮށްލެވޭތޯ އަހަރެން ބަލަމެވެ. އެއީ އެއްދުވަހެއްގެ ހަވީރުގެ ވަގުތެވެ. އަހަރެން އިނީ ގޭ ގޯތިތެރޭގައި ހުރި ގަހެއްގައި އެލުވާފައި އިން އުނދޯއްޔެއްގައެވެ. ވަށާފާރު ކައިރީގައި ޖަހާފައި ހުރި ދޮން ވެލި ފުންޏެއްގެ ކައިރީގައި ރާއީ ކުޅެން އިނެވެ. އަހަރެން އަތުގައި އޮތް ވާހަކަ ފޮތުގެ ތެރެއަށް ގެއްލިފައި އިންދާ ރީޝާ ގޭތެރޭން ނުކުތެވެ. އެ ދިޔަ ގޮތަށް ގޮސް ރާއީ އަތުގައި ކުޅޭ ކުޅޭ ރޮބޮޓު ޖަހައިގަނެފައި ރާއީ ކޮށްޕައިލިއެވެ. ވަގުތުން ރާއީ ރޮއިގަތެވެ. އުމުރުން ބޮޑުވަމުން އައި ނަމަވެސް ރާއީ އުޅޭލެއް އަދިވެސް ވަރަށް ޅައެވެ. ހިތުގެ މައްސަލައެއް ހުންނާތީ ކަމަށް ވެސް ވެދާނެއެވެ. ރާއީ ވަރަށް އަވަހަށް ހިތުގައި ޖެހި ރޯން ފަށާނެއެވެ. އަހަރެން ރީޝާއާ ދިމާލަށް ހަޅޭއްލަވައިގަތީމެވެ. ރީޝާ ފެށީ ރޯށެވެ. ދޮންމަންމަ ނުކުތުމާއެކު ވީ ގޮތް ބުނީމެވެ. އޭރުވެސް އަހަރެންގެ އަޑުގައި ހުރީ ނުރުހުމެވެ. "ތެދެއް ރީ... އެހެން ހެދިންތަ؟" ދޮންމަންމަ ރީޝާ އާ ސުވާލުކުރިއެވެ. އެވަގުތު ރީޝާ ރޮމުން ބޯ ޖަހައިލިއެވެ. "އަވަހަށް މާފަށް އެދޭ" ދޮންމަންމަ ރީޝާ އާ ދިމާލަށް ބުނެލިއެވެ. ރީޝާ މަޑު ފިޔަވަޅުތަކެއްގައި ގޮސް މާފަށް އެދުނެވެ. ދޮންމަންމަގެ މޫނުމައްޗަށް ހިނިތުންވުމެއް ވެރިވިތަން ދުށީމެވެ. ދޮން މަންމަ ރީޝާއަށް ދެނީ ރަނގަޅު ތަރުބިއްޔަތެކެވެ. މިހާ ދުވަސް ވީއިރު އެކަން ޤަބޫލުކުރަން މަޖުބޫރުވެއްޖެއެވެ. އެ ދުވަހު ފަހުން ރާއީ ރީޝާ އަތަށް އެ ރޮބޮޓް ދީފައި މާފަށް އެދުނު ތަން އަހަރެން ދުށީމެވެ. ފަހުން އެނގުނު ގޮތުގައި ރާއީ ރީޝާގެ އަތުން ނަގައިގެން އެ ރޮބޮޓް ފޮރުވީއެވެ. ވީ ގޮތް އެނގުމުން އަހަންނަށް އިސްޖަހައިލެވުނެވެ. މީގެ ދެ އަހަރު ކުރިން ކޮއްކޮ ރޯން ހުރި މަންޒަރު އަހަރެންގެ ލޯކުރިމައްޗަށް ސިފަވިއެވެ. ވީ ގޮތް އޮޅުން ފިލުވައިލަން ހިތް އެދުނެވެ. އަހަރެން ރާއީ އާ ސުވާލުކޮށްލީމެވެ. ރާއީގެ ހަނދާނަކު އެކަން ހުރި ކަމަކަށް ނުވިއެވެ. ފަހުން ދޮންމަންމަގެ ފަރާތުން އަހަންނަށް އެ ހާދިސާ ހިނގި ގޮތް އޮޅުން ފިލިއެވެ. ދޮންމަންމަ ބުނީ އެ ދުވަހު ރީޝާ ރުޅިއައިސްގެން ރާއީގެ ލޯ މަތީގައި ޖެހިކަމަށް ބުނި ކަމަށެވެ. އެކަމާ ރީޝާއަށް އަދަބު ވެސް ދިން ކަމުގައެވެ. އަހަންނަށް ބޮލުގައި އަތް ޖައްސައިލެވުނެވެ. "ނަމްޝާ... ނަމްޝާއަށް ނޭނގުނަސް އަހަރެން ބަލަނީ އެންމެ ރަނގަޅަކަށް ކަންތައް ކޮށްދެވޭތޯ" ދޮންމަންމަ ބުނެލިއެވެ. އަހަންނަށް ބޯ ޖަހައިލެވުނެވެ. ފަހުން އަހަންނަށް އެނގުނު ގޮތުގައި ބައްޕަ މަންމައާއި ވަކިވީ މަންމަ އެހެންމީހަކާ ގުޅުން ބާއްވާކަން އެނގިގެންނެވެ. އެކި ފަހަރު މަތިން މަންމައަށް ނަސޭހަތް ދީގެން ވެސް އެކަން ނުހުއްޓުމުންނެވެ. ވީ ގޮތް އެނގުމުން މަންމައާ މެދު ހިތުގައި ރުޅިވެރިކަން އުފެދުނެވެ. ދޮންމަންމައާ މެދު ފުރަތަމަ ފަހަރަށް ވިސްނައިލަން މަޖުބޫރުވިއެވެ. ހުރިހާ ދޮންމަންމައިންނަކީ ދޮން ނިޔަދުރަކަށް ނުވާނެކަން އަހަންނަށް ޤަބޫލުކުރެވުނެވެ. އަހަރެންގެ ޙަޔާތުން ދޮންމަންމައަށާއި ރީޝާއަށް ޖާގައެއް ދޭން އަހަރެން ނިންމީމެވެ. ދޮންމަގެ ބަސް މަދުކަމާއި ކެތްތެރިކަން އަހަރެންގެ ހިތުން ޖާގައެއް ކަށަވަރު ކޮށްފިއެވެ. (ނިމުނީ)
ދޮންމަންމަ
ބޭރު ގައުމުތަކުގައި ކިޔެވުމަށާއި ވަޒީފާ އަދާކުރަމުންދިޔަ ދިވެހި މެޑިކަލް ދަރިވަރުން ގެނައުމަށް ހަތަރު މިލިއަން ރުފިޔާ ހަރަދުވި ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން ބުނެފި އެވެ. މިދިޔަ މާޗް މަސް ތެރޭ ސަރުކާރުން ވނީ، ކޮރޯނާވައިރަސް ރާއްޖޭގައި ފެތުރިއްޖެ ހާލަތެއްގައި އިތުރު ސިއްހީ ހިދުމަތް ތެރިން ބޭނުންވާނެތީވެ، ބޭރު ގައުމުތަކުގައި ތިބި ދިވެހި މެޑިކަލް ދަރިވަރުން ރާއްޖެ އައުމަށް އެދިފަ އެވެ. އަދި އެގައުމުގެތަކުގެ އެހީތެރިކަމާއެކު އެ ދިވެހިން ގެނައުމުގެ މަސައްކަތް ސަރުކާރުން ފެށި އެވެ. ރޭ ދަރުބާރުގޭ، އެންއީއޯސީގައި ބޭއްވި ނޫވެއިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާނު މަބްރޫކު އަޒީޒު ވިދާޅުވީ، މިހާތަނަށް ތިން ގައުމަކުން 168 ދަރިވަރުން ގެނެސްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ، ފިލިޕިންސް އިން 63 ދަރިވަރުން، ނޭޕާލް އިން 99 ދަރިވަރުން އަދި ޕާކިސްތާނުން ހަ ދަރިވަރުން ކަމަށް މަބްރޫކު ހާމަ ކުރެއްވި އެވެ. "މިގޮތުން މި ހުރިހާ ދަރިވަރުން ގެނައުމަށް ޖުމަލަ ހަތަރު މިލިއަން ރުފިޔާ ހަރަދުވެފައިވޭ،" މަބްރޫކު ވިދާޅުވި އެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކު ވާހަކަ ދައްކަވަނީ: 168 ދަރިވަރުން ގެނައުމަށް ހަތަރު މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ވިދާޅުވި -- ސަން ފޮޓޯ/ ފަޔާޒު މޫސާ މަބްރޫކު މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި އެ ދަރިވަރުންގެ ތެރެއިން 78 ދަރިވަރަކު ކަރަންޓީން ނިންމައި، ހިދުމަތަށް ނުކުމެފައިވެ އެވެ. "މީގެތެރެއިން ގިނަ އަދަދެއްގެ ބޭފުޅުން އަޅުގަނޑުމެންނާއެކު އައިޖީއެމްޗްގައި އަދި މެޑިކަލް ކުލަސްޓާގައި، އެންއައިއޯސީ ތެރޭގައި މަސައްކަތް ކުރަމުން އެބަދޭ. މި ކުދިންނަށް ބޭނުންވާ ތަމްރީންތައް ދިނުމުގެ މަސައްކަތް މިހާރުވެސް ކުރިއަށް އެބަދޭ،" މިދިޔަ އަންގާރަ ދުވަހު އެންއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކު ވިދާޅުވި އެވެ. https://sun.mv/135259 މުޅި ރާއްޖޭގައި މިވަގުތު ތިބި ޑޮކްޓަރުންގެ އަދަދަކީ 2،000 އެއްހާ ޑޮކްޓަރުންނެވެ. އޭގެ ތެރެއިން މިވަގުތު ކޮވިޑްއަށް އެންއައިއޯސީގައި މަސައްކަތް ކުރެވޭނެ ޑޮކްޓަރުންގެ އަދަދަކީ، 905 މީހުންނެވެ. ނަރުހުންގެ އަދަދަކީ، މުޅި ރާއްޖޭގައި 2،970 ނަރުހުންނެވެ. މީގެ އިތުރުން ސަރުކާރުން ދަނީ ބޭރުގެ ބައެއް ސިއްހީ މާހިރުންގެ ޓީމްތައްވެސް ރާއްޖެ ގެންނަމުންނެވެ. އެގޮތުން މިދިޔަ ހަފްތާގައި ބަންގްލަދޭޝް އިން 10 މީހުންގެ ސިއްހީ މާހިރުންގެ ޓީމެއް ވަނީ ރާއްޖެ އައިސްފަ އެވެ. މީގެ ކުރިން އިންޑިއާގެ ޓީމެއް ވެސް ރާއްޖެ އައިސްފައިވެ އެވެ. ބޭރުގައި ތިބި މެޑިކަލް ދަރިވަރުން ގެނައުމަށް ހަތަރު މިލިއަން ރުފިޔާ ހަރަދުވެފައިވާ ކަމަށް މިރޭ މަބްރޫކު ހާމަކުރެއްވި އިރު، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމިރު ވިދާޅުވީ، ކޮވިޑާ ދެކޮޅަށް ކުރާ މަސައްކަތަށް މިހާރުވެސް 223 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށެވެ. އަދި މިހާރު އަންދާޒާ ކުރެވޭ ގޮތުގައި 1.6 ބިލިއަން ރުފިޔާގެ ހަރަދު ހިނގާފާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.
ބޭރުގައި ތިބި 168 ދިވެހި މެޑިކަލް ދަރިވަރުން ގެންނަން 4 މިލިއަން ރުފިޔާ ހަރަދުވި
މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19އަށް ޗައިނާއިން އުފައްދާ ވެކްސިންގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ދެވަނަ ފޭސްގެ ކްލިނިކަލް ޓްރަޔަލްތައް ފަށައިފި އެވެ. އިންއެކްޓިވޭޓެޑް ކޮވިން ވެކްސިންގެ ދެވަނަ ޓްރަޔަލްތައް ފެށީ މިދިޔަ ހުކުރު ދުވަހު އެވެ. ވޫހާން އިންސްޓިޓިއުޓް އޮފް ބަޔޮލޮޖިކަލް ޕްރޮޑަކްޓްސް އަދި ވޫހާން އިންސްޓިޓިއުޓް އޮފް ވައިރޮލޮޖީން ގުޅިގެން އުފައްދާ އެ ވެކްސިންގެ ފުރަތަމަ ކްލިނިކަލް ޓްރަޔަލްތައް އެންމެ ފުރަތަމަ ފެށީ މިމަހު 12 ވަަނަ ދުވަހު އެވެ. މިމަހުގެ 23 އާ ހަމައަށް ކުރިއަށް ގެންދިޔަ އެ ކްލިނިކަލް ޓްރަޔަލްތަކުގައި ތިން އުމުރުފުރަޔަކަސް ބަހާލައިގެން 96 މީހަކަށް ވަނީ އެ ވެކްސިން ދީފައެވެ. މިހާތަނަސް ބެލިބެލުމުން އެ ވެކްސިން ރައްކާތެރިކަމަށް ޗައިނާ ނެޝެނަލް ފާމަސޫޓިކަލް ގްރޫޕް (ސިނޯފާމް) އިން ބުނެއެވެ.ފުރަތަމަ ކްލިނިކަލް ޓްރަޔަލްތައް ކުރިއަށް ގެންގޮސްފައިވަނީ އާންމުކޮށް އެފަދަ މަރުހަލާތައް ގެންދާގޮތަށް " ޑަބަލް ބްލައިންޑް ޕްލެސީބޯ ކޮންޓްރޯލް" އަދި "ރެންޑަމް" ކޮށެވެ. ދެވަނަ ކްލިނިކަލް ޓްރަޔަލްއަށް ފަހު ތިން ވަނަ ކްލިނިކަލް ޓްރަޔަލްވެސް ކުރިއަށްގެންދާނެކަމަށް ސިނޯފާމްް ބުނެއެވެ. ސިނޯފާމް ބުނީ ހުރިހާ ކްލިނިކަލް ޓްރަޔަލްތަކެއް ނިންމައި ވެކްސިންގެ ރައްކާތެރިކަން ކަށަވަރުކުރަން އަހަރެއްހާ ދުވަސް ނަގާނެ ކަމަށެވެ. ޗައިނާގެ އިތުރުން ދުނިޔޭގެ އެހެން ގައުމުތަކުގެ ފާމަސޫޓިކަލް ކުންފުނިތަކުންވެސް މިހާރު ދަނީ ކޮވިޑްއަށް ވެކްސިނެއް އުފެއްދުމަށް މަސައްކަތް ކުރަމުންނެވެ.
ޗައިނާއިން އުފެއްދި ކޮވިޑް ވެކްސިންގެ ޓެސްޓް ކުރުމުގެ ދެވަނަ ފޭސް ފަށައިފި
ރާއްޖެއިން ކޮވިޑް-19 ޖެހުނު އިތުރު ނުވަ މީހަކު ރަނގަޅުވެ، އެ ބަލި ޖެހިގެން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު 59 އަށް އަރައިފިއެވެ. ކޮވިޑް ޖެހުނު އިތުރު 10 މީހަކު ރަނގަޅުވި ކަމަށް އެޗްޕީއޭ އިން ވަނީ ކަށަވަރުކޮށްދީފައެވެ. ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 1078 އަށް އަރާފައެވެ. އޭގެތެގޭގައި ގިނައީ ބަންގްލަދޭޝްގެ މީހުންނެވެ. ކޮވިޑް ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް މަރުވެފައި ވަނީ ހަތަރު މީހެކެވެ. ރާއްޖެއިން ކޮވިޑް ކޮންޓްރޯލް ކުރުމަށްޓަކައި އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ޒަރޫރީ ބޭނުމެއްގައި ނޫނީ ރާއްޖޭގެ އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުން މަނާކޮށްފައި އޮންނަތާ ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ. އަދި ރާއްޖޭގެ ހުރިހާ މިސްކިތެއްގައި ޖަމާއަތުގައި ނަމާދު ކުރުން ވެސް ވަނީ މަނާކޮށްފައެވެ.
ކޮވިޑް ޖެހިގެން ރަނގަޅުވި މީހުންގެ އަދަދު 59 އަށް އަރައިފި
ލޯކަލް ކައުންސިލް އިންތިހާބު ފަސްކޮށްފައިވާއިރު މިހާރު ތިބި ކައުންސިލްތަކުގެ ދައުރު ދިގުކުރުމަށް ގާނޫނު އަސާސީއަށް ބަދަލު ގެނައުމަށް، ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހުގެ ބިލް އެޖެންޑާ ކޮށްފި އެވެ. ގާނޫނު އަސާސީއަށް ފަސްވަނަ އިސްލާހު ގެނައުމުގެ ބިލު ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން ބިލެތްދޫ ދާއިރާގެ މެމްބަރު އަހްމަދު ހަލީމް (ދޮން ބިލަތް) އެވެ. އަންނަ ހޯމަ ދުވަހު އޮންނަ މަޖިލީހުގެ ޖަލްސާއަށް އެ ބިލް މިހާރު ވަނީ އެޖެންޑާ ކޮށްފަ އެވެ. މީގެ ކުރިން މިދިޔަ މަހުގެ ފަސް ވަނަ ދުވަހު ވެސް އެ ބިލް މަޖިލީހުގެ ޖަލްސާއަށް އެޖެންޑާ ކުރި އެވެ. ނަމަވެސް ފަހުން ވަނީ އެ ބިލް އެޖެންޑާ އިން ނަގައިފަ އެވެ. އަދި އަލުން އެ ބިލް އެޖެންޑާ ކޮށްފައި މިވަނީ މަހަކަށްވުރެ ގިނަ ދުވަސް ފަހުންނެވެ. ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ އެ ބިލް އެޖެންޑާއިން ނެގުމަށްފަހު މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝިދު އެޖެންޑާ ކުރެއްވީ، ކައުންސިލަރުންގެ ދައުރު ދިގު ދެންމުމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ހުށަހެޅުއްވި ބިލެކެވެ. ނަމަވެސް އެ ބިލް ފާސްވެ ގާނޫނަކަށް ވި ނަމަވެސް ކައުންސިލަރުންގެ ދައުރު ދިގު ނުދެންމޭނެ ކަމަށް ފުންނާބު އުސް ގިނަ ގާނޫނީ ވަކީލުން ދިޔައީ ތަކުރާރުކޮށް ބުނަމުންނެވެ.
ކައުންސިލްގެ ދައުރު ދިގު ކުރަން ގަނޫނު އަސާސީއަށް އިސްލާހު ހުށަހެޅި ބިލް އެޖެންޑާ ކޮށްފި
ލޯކަލް ކައުންސިލް އިންތިހާބު ފަސްކޮށްފައިވާއިރު މިހާރު ތިބި ކައުންސިލްތަކުގެ ދައުރު ދިގުކުރުމަށް ގާނޫނު އަސާސީއަށް ބަދަލު ގެނައުމަށް، ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހުގެ ބިލް އެޖެންޑާ ކޮށްފި އެވެ. ގާނޫނު އަސާސީއަށް ފަސްވަނަ އިސްލާހު ގެނައުމުގެ ބިލު ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން ބިލެތްދޫ ދާއިރާގެ މެމްބަރު އަހްމަދު ހަލީމް (ދޮން ބިލަތް) އެވެ. އަންނަ ހޯމަ ދުވަހު އޮންނަ މަޖިލީހުގެ ޖަލްސާއަށް އެ ބިލް މިހާރު ވަނީ އެޖެންޑާ ކޮށްފަ އެވެ. މީގެ ކުރިން މިދިޔަ މަހުގެ ފަސް ވަނަ ދުވަހު ވެސް އެ ބިލް މަޖިލީހުގެ ޖަލްސާއަށް އެޖެންޑާ ކުރި އެވެ. ނަމަވެސް ފަހުން ވަނީ އެ ބިލް އެޖެންޑާ އިން ނަގައިފަ އެވެ. އަދި އަލުން އެ ބިލް އެޖެންޑާ ކޮށްފައި މިވަނީ މަހަކަށްވުރެ ގިނަ ދުވަސް ފަހުންނެވެ. ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ އެ ބިލް އެޖެންޑާއިން ނެގުމަށްފަހު މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝިދު އެޖެންޑާ ކުރެއްވީ، ކައުންސިލަރުންގެ ދައުރު ދިގު ދެންމުމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ހުށަހެޅުއްވި ބިލެކެވެ. ނަމަވެސް އެ ބިލް ފާސްވެ ގާނޫނަކަށް ވި ނަމަވެސް ކައުންސިލަރުންގެ ދައުރު ދިގު ނުދެންމޭނެ ކަމަށް ފުންނާބު އުސް ގިނަ ގާނޫނީ ވަކީލުން ދިޔައީ ތަކުރާރުކޮށް ބުނަމުންނެވެ.
ކައުންސިލްގެ ދައުރު ދިގު ކުރަން ގަނޫނު އަސާސީއަށް އިސްލާހު ހުށަހެޅި ބިލް އެޖެންޑާ ކޮށްފި
ކޮރޯނާވައިރަހުގެ އެންމެ ގިނަ އަދަދަކަށް ކޭސްތަކެއް ފެނުމަށް ނުވަތަ ޕީކްއަކަށް އަރާނެ ކަމަށް ބެލެެވެނީ މިހާރު ތަންފީޒު ކުރަމުންދާ ލޮކްޑައުން އުވާލުމުން ކަމަށް ލަފާކުރައްވާ ކަމަށް އެޗްޕީއޭގެ ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެ އެވެ. މާލެއިން އެންމެ ފުރަތަމަ މި މަހު 15 ވަނަ ދުވަހު ފެނުނު ކޭސްއާއެކު މާލެ ސަރައްހަދު ވަނީ ލޮކްޑައުންކަށް ގެނެސްފަ އެވެ. މި އިއުލާންކޮށްފައިވާ ލޮކްޑައުންގެ މުއްދަތު ނިމޭނީ، މިމަހު 30 ވަނަ ދުވަހަށެވެ. އެހެން ނަމަވެސް، އެ މުއްދަތު އިތުރު ކުރަން ޖެހޭނެ ކަމުގެ އިޝާރާތް ހެލްތް މިނިސްޓަރު ވަނީ ދެއްވައިފަ އެވެ. ދަރުބާރުގޭ، އެންއީއޯސީގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޑރ. އަފްޒަލް ވިދާޅުވީ، ލޮކްޑައުން ހާލަތުގައި ހަގީގީ ޕީކްއަކަށް އެރުމުގެ ފުރުސަތު ވަރަށް ކުޑަ ވާނެ ކަމަށެވެ. "ހަގީގަތުގައި ޕީކްއަކަށް މި ދެވެނީ، ލޮކްޑައުންގައި އަޅުގަނޑުމެން ނަގާ ސޭފްޓީ މޭޝާސްތަކާއި ބޭނުންވާ އަންނޯން ހުރިހާ ފޯކަސްތައް އައިޑެންޓިފައި ކުުރުމަށްފަހު، ގައުމެއް ލޮކްޑައުން ސްޓޭޓަސް އިން ނެރުމަށްފަހު، ހަގީގަތުގައި ދެން ޓްރޫ ޕީކްއަކަށް އަންނާނީ،" ޑރ. އަފްޒަލް ވިދާޅުވި އެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް ވާހަކަ ދައްކަވަނީ: ހަގީގީ ޕީކްއަކަށް އަރާނީ ލޮކްޑައުންއަށް ފަހު ކަމަށް ވިދާޅުވި --- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ އަފްޒަލް ވިދާޅުވީ، ލޮކްޑައުންއަށް ފަހު އަންނަ އެ ޕީކްއަކީ، އެއް ފަހަރާ ގިނަ ކޭސްތަކެއް އައުން ނުވަތަ، "ރެޑިއުސް ޕީކް" ނޫނީ މަދު ކޭސްތަކެއް ފެންނަ ޕީކްއަކަށްވެސް ވެދާނެ ކަމަށެވެ. "އެ ވެދާނެ ގުދު ފަތި ކުރުން [ނުވަތަ] ކާވް ފްލެޓަން ކުރުން ކަމަށްވެސް. އެ ކާވް ފްލެޓަން ވެގެން ގޮސްދާނެ އަޅުގަނޑުމެން އަޅާފައިވާ ފިޔަވަޅުތަކަށް ބަލާފައި. އެހެން ނަމަވެސް އެ ޕީކް، ޓްރޫ ޕީކްކަށް ދިޔުމުގެ ފުރުސަތު ކުޑަވާނެ، ލޮކްޑައުން ހާލަތުގައި. އެހެންވީމަ ލޮކްޑައުން ދިޔައިމަ އަޅުގަނޑުމެންގެ ރާސްތާ ފެށޭނީވެސް،" ޑރ. އަފްޒަލް ވިދާޅުވި އެވެ. ދެން އޮތީ މި ވައިރަހާ އެކު އުޅުމަށް ފިޓްވުން: ޑރ. އަފްޒަލް ނޫސްވެރިންގެ ބައްދަލުވުުގައި ޑރ. އަފްޒަލް ވާހަކަ ދަައްކަވަނީ: ކޮވިޑާއެކު ދިރިއުޅެން ދަސް ކުރަން ޖެހޭ ކަމަށް މިރޭވެސް އަފްޒަލް ވިދާޅުވި -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ މުޅި ރާއްޖެ އަބަދަކު ލޮކްޑައުންގައި ނުބޭއްވޭނެ ކަމަށް ޑރ. އަފްޒަލް މިރޭވެސް ތަކުރާރުކޮށް ވިދާޅުވި އެވެ. ލޮކްޑައުން ނެގުމާއެކު، މި ވައިރަހާ އެކު ދިރިއުޅެން ދަސްކޮށް، ދިރިއުޅުމުގެ ވައްޓަފާޅިވެސް އެގޮތަށް ބަދަލު ކުރަން ޖެހޭނެ ކަމަށް ޑރ. އަފްޒަލް ވިދާޅުވި އެވެ. "އެހެންވީމަ މިހާރުއްސުރެ މެންޓަލީ އެބަ ޖެހޭ ތައްޔާރުވާން. އެއީ ކުރިއަށް އޮތީ ކޮވިޑާއެކު ދިރިއުޅުން. އެއީ ކޮވިޑް އޮތްތަނެއްގައި ދިރިއުޅެން ޖެހޭ މީހުންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލުގެންނަން ޖެހޭނެ،" ޑރ. އަފްޒަލް ވިދާޅުވި އެވެ. އެ ހާލަތުގައި ކުރަން ޖެހޭ ކަންކަމުގެ މައްޗަށްވެސް ޑރ. އަލިއަޅުވާލިއެވެ. އެގޮތުން ބައްދަލުވާ މީހުން މަދުކޮށް، ކޮންމެގެން ދާނެ ޖެހޭ ތަންތަނަށް ފިޔަވާ އެހެން ތަންތަނަށް ދިޔުން ހުއްޓަލުމަށް ޑރ. އިލްތިމާސް ކުރެއްވި އެވެ. އަދި ކިރިޔާވެސް ވައިރަހުގެ އަލާމާތެއް ފެންނަ ނަމަ، ގޭގައި މަޑުކޮށް އެކަން އަވަހަށް ރިޕޯޓު ކުރަން ޖެހޭނެ ކަށާއި، މުސްތަގުބަލުގައި އެފަދަ މީހުން ހޯމް ކަރަންޓީން ނުވަތަ ގޭގައި އެކަހެރިވުމަށް ވެސް ތައްޔާރުވުމަށް ޑރ. އަފްޒަލް އެދިވަޑައިގެންވި އެވެ. ރާއްޖޭގައި ކޮމިޔުނިޓީ ސްޕްރެޑެއް ހުރިކަން މި މަހުގެ 15ގައި ހާމަވީ ފަހުން، މިހާތަނަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 177އަށް ވަނީ އަރައިފަ އެވެ. މިއަދު އެކަނި ބަލި ޖެހިފައިވާ 36 މީހަކު ވަނީ ފެނިފަ އެވެ. އެއީ މިހާތަނަށް އެއް ދުވަހެއްގައި މިހާ ގިނަ އަދަދެއްގެ މީހުން ޕޮޒިޓިވްވީ ފަހަރެވެ. މާލެ ލޮކްޑައުން ކުރުމުގެ އިތުރުން ޒަރޫރީ ބޭނުމެއް ނެތި ރާއްޖޭގެ އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރުންވެސް ވަނީ މަނާކޮށްފަ އެވެ. އަދި ރަށްތަކުގައި އާންމު އެއްވުންތަކާއި ދަތުރު ދިޔުން ފަދަ ކަންކަންވެސް ވަނީ މަނާކޮށްފަ އެވެ. ރާއްޖެއިން މި ވައިރަސް ޖެހިގެން ރަނގަޅުވި މީހުންގެ އަދަދަކީ، 17 އެވެ. އޭގެ ތެރޭގައި ހިމެނެނީ، 13 ބިދޭސީންނާއި ހަތަރު ދިވެހިންނެވެ.
ހަގީގީ ޕީކްއަކަށް އަރާނީ ލޮކްޑައުން އުވާލުމުން: ޑރ. އަފްޒަލް
އާމްދަނީ ލިބޭނެ ދޮރުތައް ބަންދުވެ ބަނޑަށް ޖެހިފައި ތިބި މީހުންނަށް އެހީތެރިވުމުގެ ގޮތުން ބޮލީވުޑްގެ ބަތަލާ ސޮނާކްޝީ ސިންހާގެ ކުރެހުމެއް ބިޑަށް ހުޅުވާލައިފިއެވެ. ސޮނާކްޝީގެ ޓްވިޓާ އެކައުންޓުގައި އޭނާ ހިއްސާކުރި ވީޑިއޯ އިން ފެންނަނީ އޭނާ ކުރަހާފައިވާ ތަފާތު ކުރެހުންތަކެކެވެ. އޭނާ ބުނީ އެހެން މީހަކަށް އެހީއެއް ނުވާނަމަ ތިމާގެ މޮޅުކަމުގެ ބޭނުމެއް ނެތް ކަމަށާއި ކުރެހުމަކީ އޭނާ ވަރަށް ގަޔާވާކަމެއް ކަމަށާއި އެކަމުގެ ސަބަބުން އޭނާގެ ހިތަށް ހަމަޖެހުން ލިބޭ ކަމަށެވެ. ސޮނާކްޝީގެ ކުރެހުންތައް ބިޑަށް ހުޅުވާލަމުން އޭނާ ބުނީ އެ ބިޑުން ލިބޭ ފައިސާ ހޭދަކުރާނީ އާމްދަނީ ލިބޭނެ ދޮރުތައް ބަންދުވެ ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިވުމަށް ކަމަށެވެ. ބިޑުކުރުން ބަންދުވުމާއެކު އެންމެ މަތިން ބިޑު ކުރާ ތިން މީހުންނަށް ބިޑު މަތި ކުުރުމަށް އެއް ފުރުސަތުދޭނެ ކަމަށާއި އޭގެ ފަހުން ބިޑު ކުރުން ފައިނަލައިޒްކުރާނެ ކަމަށްވެސް އޭނާ ބުންޏެވެ. ބިޑު ކުރުމުގެ އުސޫލު އޭނާގެ ސޯޝަލް މީޑިއާގެ އެކައުންޓްތަކުގައި ވަނީ ހިއްސާކޮށްފައެވެ. ބަތަލާ ސޮނާކްޝީ އެޅި ފިޔަވަޅާއެކު ބޮލީވުޑްގެ ގިނަ ތަރިންނެއް އަންނަނީ އޭނާއަށް ތައުރީފްކުރަމުންނެވެ.
ސޮނާކްޝީގެ ކުރެހުންތައް ބީލަމަށް
މި ދުވަސްކޮޅު އެންމެންވެސް މި ދައްކަނީ ޚަރަދު ކުޑަކޮށް ލިބޭއެއްޗަކުން ފުއްދާލާއިން ފަރުޖައްސާލުމުގެ ވާހަކައެވެ. މުޅި މާލެއާޢި އަތޮޅުތަކުގެތެރެއިންވެސް ގިނަ ރަށްތަކެއް ލޮކްޑައުން ނުވަތަ މޮނިޓާރިންގައި އޮތް އިރު މާގިނައިން ބޭރަށް ނުގޮސް ގޭގައި ހުރި އެއްޗެހިން ފުއްދާލެވޭ، މީރު ރެސިޕީތަކެއް ހަމަގައިމުވެސް ބޭނުންވާނެ އެވެ. މިއަދުގެ ސަން ބަދިގޭގައި އާމިނަތު ލިއުޝާ މި ތައްޔާރުކޮށްދެނީ މިފަދައިން ތައްޔާރުކޮށްލެވޭނެ ވަރަށް ފަސޭހަ ރެސިޕީއެކެވެ. ރޯދަ ވީޢްލާ ވަގުތަށް ނޫނީ ތަރާވީސް ގަޑިއަށްވެސް މި ރެސިޕީ ހަމަގައިމުވެސް ކަމުދާނެ އެވެ. މިއަދުގެ ރެސިޕީއަކީ 'ވަން ޕޮޓް ޕާސްޓާ' އެވެ. އާއިލާގެ ކޮންމެ އުމުރުފުރާއެއްގެ މީހަކަށްވެސް ޕާސްޓާ ނުވަތަ ސްޕެގެޓި ވާނީ ކަމުދާނެ ރަހައަކަށެވެ. ތަފާތު އެތަށް ސަތޭކަގޮތަކަށް ޕާސްޓާ ތައްޔާރުކުރެވިދާނެ އެވެ. އެހެންނަމަވެސް މިއީ ވަރަށް ފަސޭހައިން ކުޑަ ވަގުތުކޮޅެއްތެރޭގައި މާގިނަ ތެލިތަށި ބޭނުންނުކޮށް ތައްޔާރުކުރެވޭނެ މީރު ޕާސްޓާއެކެވެ. މި ރެސިޕީއިން މަދުނުކޮށް މުޅި އާއިލާއަށް ކެވޭނެ އެވެ. ބޭނުންވާ ތަކެތި ކެޕްސިކަމް (ތުނިކޮށް ކޮށާފައި)4 ޕާސްޓާ މަސްދަޅު 2 ފިޔާ 6 ލޮނުމެދު ހިކަނދިފަތް 1 ކެރެޓް 3 ޓޮމާޓޯ ތެޔޮ 2 މޭޒުމަތީ ސަމްސާ ސޯއީ ސޯސް 2 މޭޒުމަތީ ސަމްސާ އޮއިސްޓާ ސޯސް 3 މޭޒުމަތީ ސަމްސާ ގާލިކް ޗިލީ ސޯށް 3 ސްލައިސް ޗީޒް ލުނބޯ ހުތް (އޮޕްޝަނަލް) ތައްޔާރުކުރާނެ ގޮތް ފިޔާ ލޮނުމެދު ހިކަނދިފަތް ޓޯމާޓޯ އަދި ކެރެޓް ކޮށާލުމަށްފަހު ބޮޑު ތެއްޔަކަށް އަޅާލާށެވެ. އެއަށްފަހު ޕާސްޓާ ތެލީގެ ތެރެއަށް އަޅާ އެއްކޮށް ފޮރުވެންދެން ފެން އަޅާލާށެވެ. މި ރެސިޕީގައި ބޭނުންކޮށްފައިވައްތަރުގެ ޕާސްޓާ ނޫނީ ސްޕެގެޓީ ނޫނަސް އެމީހަކަށް ކަމުދާ ވައްތަރެއް ބޭނުންކުރެވިދާނެއެވެ. ރެސިޕީގައި ބޭނުންކޮށްފައިވަނީ އެލްބޯ ޕާސްޓާއާޢި ސްޕެގެޓީ އެއްކޮށެވެ. އެއަށްފަހު މަތިޖަހާ ޕާސްޓާތައް މަޑުވަންދެން ކައްކާލާށެވެ. އެއަށްފަހު މަތިނަގާ މަސްދަޅާއި ހުރިހާ ސޯސްއަކާއި ޗީޒް އަޅާ އެއްކޮށްލާށެވެ. ސްލައިސްޑް ޗީޒް ނޫނަސް، މޮޒެރެލާ، ނުވަތަ ޕާމޭޒަން ވެސް ބޭނުންކުރެވިދާނެ އެވެ. މިކްސްކޮށްލުމަށފަހު އަނެއްކާވެސް މަތިޖަހާ ހުރިހާ ޗީޒްއެއް މެލްޓްވަންދެން ބަހައްޓާށެވެ. އޭރުން ނިމުނީއެވެ. ބޭނުންނަމަ ސާރވްކުރަމުން ލުނބޯހުތް ކޮޅެއް ޖަހާލާށެވެ.
ސަން ބަދިގެ: އެއް ތެއްޔަކުން ޕާސްޓާއެއް!
ނުރައްކާތެރި ކޮވިޑް-19 މާލޭގައި ފެތުރުން ހުއްޓުވުމުގެ ގޮތުން 'ނިއު ނޯމްލް' ގައި މީހުން އުޅުން ބައްޓަން ކުރާނެ ގޮތަކަށް މާލެ ސިޓީ ފައްކާ ކުރުމުގެ މަސައްކަތް ސިޓީ ކައުންސިލުން ފަށައިފި އެވެ. ހަލުވިކަމާ އެކު ފެތުރެމުންދާ ކޮވިޑް-19 ފެތުރުން ހުއްޓުވޭނެ ނަވަތަ އެބަލިން ރައްކާތެރިވެވޭނެ އެންމެ މޮޅު ގޮތަކީ ގައިދުރުކަން ބަހައްޓައި ގިނަ ގިނައިން އަތް ދޮވުން ކަމަށް ސިއްހީ މާހިރުން އަންނަނީ ކެނޑިނޭޅި ބުނަމުންނެވެ. އެކަމަށް ތައްޔާރުވުމުގެ ގޮތުން މީގެ ކުރިން މާރުކޭޓް ސަރަހައްދުގައި އަތް ދޮވެވޭނެ އިންތިޒާމްތަކެއް ވެސް ހަމަޖެއްސި އެވެ. އަދި މިހާރު މާލެ ތެރޭގައި ކޮމިއުނިޓީ ސްޕްރެޑެއް ފެށިފައިވާއިރު ސިޓީ ކައުންސިލުން މިވަނީ 'ނިއު ނޯމްލަ' ގައި ރައްޔިތުންގެ ގައިދުރުކޮށްގެން އުޅުމަށް ބާރު އެޅުމުގެ ގޮތުން ފިހާރަތައް ކައިރީގައި މީހުން ތިބޭނެ ދުރުމިން އަންގައިދޭން ފަށާފަ އެވެ. އެކަމާ ގުޅިގެން މާލޭ ސިޓީގެ މޭޔަރު ޝިފާ މުހައްމަދު 'ސަން' އަށް ވިދާޅުވީ، ފިހާރަތައް ކުރިމަތީގައި މީހުން ތިބެންވީ ދުރުމިން އަންގައި ދިނުމުގެ ގޮތުން ކުރަހަން ފަށާފައިވާނެ ކަމަށާއި ފުރަތަމަ ކުރިއަށް ގެންދާނީ ބޮޑެތި މަގުތަކުގައި ހުރި ފިހާރަތައް ކަމަށެވެ. "ދެން މާރުކޭޓް ސަރަަހައްދަށް ވެސް އަޅުގަނޑުމެން އެކަން ކުރާނަން. ދެން ކުރިއަށް އޮތް ތަނުގައި މާރުކޭޓަކީ މީހުން މަސް ގަންނަން ދާ ތަނެއްގެ ގޮތުގައެއް ނޫން މިހާރު ދެން ފަރުމާ ކުރެވޭނީ. އެތަނަކީ މަސް ކަނޑައިގެން މަސް ޑެލިވާ ކޮށްދޭ ތަނެއްގެ ގޮތުގައި ބަދަލުކުރާނީ،" ޝިފާ ވިދާޅުވި އެވެ. ލޮކްޑައުން ކޮށްފައި މި ދުވަސްވަރުގައި އެއްވެސް މީހަކު މާރުކޭޓަށް މަސް ގަންނަން ދާން ނުޖެހޭ ގޮތަށް ކަންކަން އިންތިޒާމް ކުރުމުގެ މަސައްކަތް ކުރަމުން އަންނަކަން މޭޔަރު ޝިފާ ފާހަކަ ކުރެއްވި އެވެ. އެގޮތުން ފުލުހުންގެ ފަރާތުން ޑެލިވަރީ ހުއްދަ ލިބުނުހާ އަވަހަކަށް މަސް ކަނޑައިގެން މަސް ޑެލިވަރީ ކުރެވޭނެ އިންތިޒާމް ހަމަޖައްސާނެ ކަމަށް ޝިފާ ވިދާޅުވި އެވެ.
ނިއު ނޯމަލްއަށް މާލޭ ސިޓީ ފައްކާ ކުރަނީ
ކޮވިޑް-19 އާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާ އެއްވަރަށް އޭނާގެ މުސާރަ ކުޑަކޮށްދިނުމަށް މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އެދިވަޑައިގެންފި އެވެ. ރައްޔިތުންގެ މަޖިލީހުން މުސާރަ ކަނޑައަޅާ ފަރާތްތަކުގެ މުސާރަ ކުޑަކުރުމަށް އިއްޔެ ވަނީ ފާސްކޮށްފަ އެވެ. އެއާ އެކު މަޖިލިސް މެމްބަރުންނަށް ވުރެ ބޮޑު މުސާރަ އެއް އީވާ އަށް ލިބިވަޑައިގަންނަވާ ކަމަށް ވަނީ ފާހަގަވެފަ އެވެ. އެކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުން މިރޭ ކުރި ޓްވީޓެއްގައި ބުނީ، މެންބަރުންނާ އެއްވަރުގެ މުސާރައެއް ދެއްވުމަށް އީވާ އެދިވަޑައިގެންފައިވާތީ، އެގޮތަށް އަމަލުކުރުމަށް ނިންމާފައިވާ ކަމަށެވެ. މަޖިލީހުން އިއްޔެ ފާސްކޮށްފައި ވަނީ ބޮޑެތި މުސާރަވެރިންގެ އަސާސީ މުސާރައިން 20-35 ޕަސަންޓާ ދެމެދުގެ އަދަދަކަށް ކުޑަކުރާ ގޮތަށެވެ. އެގޮތުން 20،001 ރުފިޔާ އާއި 30،000 ރުފިޔާއާ ދެމެދުގެ މުސާރަތަކުން 20 ޕަސެންޓު އުނިކުރަން ނިންމާފައިވާއިރު 30،001 ރުފިޔާ އާއި 60،000 ރުފިޔާއާ ދެމެދުގެ މުސާރަތަކުން 30 ޕަސެންޓު ކަނޑަން ވަނީ ނިންމާފަ އެވެ. އަދި 60،001 ރުފިޔާއަށް ވުރެ މަތީގެ މުސާރަތަކުން އުނިކުރަން ނިންމާފައި ވަނީ 35 ޕަސެންޓެވެ. ސަރުކާރުން ހުށަހެޅީ ޖުމުލަ އާމްދަނީގެ ގޮތުގައި 60،000 ރުފިޔާ އަށް ވުރެ މަތީން އާމްދަނީ ލިބިވަޑައިގަންނަވާ ބޭފުޅުންގެ ޖުމުލަ އާމްދަނީ 55،000 ރުފިޔާ ހަމަށް ކެޕް ކުރުމަށެވެ. ނަމަވެސް މަޖިލީހުން މެންބަރުންގެ މުސާރަ ކުޑަކުރި އިރު ކުރީ، ބޭސިކް މުސާރައިގެ ގޮތުގައި މެންބަރަކަށް ލިބިވަޑައިގަންނަވާ 42،500 ރުފިޔާގެ 30 ޕަސެންޓް އެކަންޏެވެ. އެއީ 12،750 ރުފިޔާ އެވެ. މުސާރައިގެ އިތުރުން މެމްބަރުންނަށް ކޮމެޓީ އެލަވަންސުގެ ގޮތުގައި ލިބިވަޑައިގަންނަވާ 20،000 ރުފިޔާ އާއި އަދި ލިވިން އެލަވަންސްގެ ގޮތުގައި ލިބިވަޑައިގަންނަވާ 20،000 ރުފިޔާ އިން އެއްވެސް ވަރަކަށް އުންޏެއް ނުކުރެ އެވެ. ބޭސިކް މުސާރައިން ކެނޑި 30 ޕަސެންޓާ އެކު، މެންބަރަކަށް މިހާރު ލިބިވަޑައިގަންނަވާނީ، ބޭސިކް މުސާރަ، 29،750 ރުފިޔާ އާއި 20،000 ރުފިޔާގެ ލިވިން އެލަވަންސާއި ކޮމެޓީ އެލަވަންސްގެ ގޮތުގައި ލިބިވަޑައިގަންނަވާ 20،000 ރުފިޔާ އާ އެކު، ޖުމުލަ 69،750 ރުފިޔާ އެވެ. ނާއިބު ރައީސް އީވާ އަބްދުﷲ މިރޭ ދެއްވި ލުޔާ އެކު އޭނާ އަށް ވެސް ލިބިވަޑައިގަންނަވާނީ 69،750 ރުފިޔާ އެވެ. މަޖިލީހުން އިއްޔެ ފާސްކޮށްފައިވާ ގޮތުން އީވާއަށް މަހަކު 75،000 ރުފިޔާ މުސާރަ އާއި އިނާޔަތްތަކުގެ ގޮތުގައި މަޖިލީހުގެ ލިބިވަޑައިގަންނަވާނެ އެވެ. މަޖިލީހުގެ ނިންމުމުގެ ސަބަބުން ދައުލަތުގެ ތިން ބާރުގެ ވެރިންނަށް ވުރެ މުސާރައާއި އިނާޔަތުގެ ގޮތުގައި އެ މެމްބަރުންނަށް ލިބޭ މިންވަރު ބޮޑުވެ.
މެމްބަރުންނާ އެއްވަރެއްގެ މުސާރައެއްދޭން އީވާ އެދިވަޑައިގެންފި
ކަރަންޓް މީޓަރުގެ ރީޑިންގް ފެންނަގޮތެއް ފޮޓޯއެއް ނަގާފައި ފޮނުވުމަށް ސްޓެލްކޯއިން އެދިއްޖެއެވެ. ސްޓެލްކޯއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އާ ގުޅިގެން ލޮކްޑައުންކޮށްފައިވާ މި މުއްދަތުގައި ކަރަންޓް ރީޑިން ނަގަން ގޭގެއަށް ވަދެ އުޅުމަކީ ގޭގައި ދިރިއުޅޭ ފަރާތްތަކާއި އެ ކުންފުނީގެ މުވައްޒަފުންނަށްވެސް ރައްކާތެރިކަމެއް ނޫން ކަމަށެވެ. އެކަމާ ގުޅިގެން މީޓަރުތަކުގެ ރީޑީން ނެގުމުގެ ގޮތުން މީޓަރުގެ ފޮޓޯ ނަގައި އެ ކުންފުނީގެ ވެބް ޕޯޓަލް www.stelco.com.mv/smr މެދުވެރިކޮށް ފޮނުއްވޭނެ އިންތިޒާމް މިހާރު ހަމަޖައްސައިފައިވާ ކަމަށް ސްޓެލްކޯއިން ބުންޏެވެ. " މިހިނގާ އޭޕްރީލް މަހުގެ ބިލްހެދުމަށްޓަކައި ގްރޭޓަރމާލެ ސަރަހައްދުގެ ކަަސްޓަމަރުން ވީ އެންމެ އަވަހަކަށް މި ކުންފުނީގެ ވެބް ޕޯޓަލްއަށް މީޓަރުގެ ފޮޓޯ ފޮނުއްވާދެއްވުން އެދެމެވެ. އަދި މިކުންފުޏަށް މަތީގައި ދަންނަވާފައިވާ ގޮތަށް ފޮޓޯ ފޮނުވެން ނެތް މީޓަރުތަކަށް ކުރިން އެތަނަކަށް ކަރަންޓު ބޭނުން ކުރައްވަމުންއައި މިންވަރަށާއި، މި ހާލަތުގައި އެތަނެއް ބޭނުންކުރައްވަމުން އަންނަގޮތަށް ބަލައި އެވްރެޖް ބިލެއް ހެދުމަށް ވަނީ ހަމަޖެހިފައެވެ." ސްޓެލްކޯއިން ބުންޏެވެ. އެވްރެޖްބިލެއް ހެދިޔަސް ސްޓެލްކޯއިން އަބަދުވެސް އަމަލުކުރަމުން އަންނަ އުސޫލަކީ ކަރަންޓުގެ ހިދުމަތް ބޭނުންކުރާ މިންވަރަށް ބިލު ކުރުން ކަމުގައިވާތީ އެމިންވަރާއި އެއްހަމަ ކުުރުމަށްޓަކައި ފަހުން ފޮނުވޭ ބިލްތަކަށް އެޑްޖަސްޓްމަންޓް ނުވަތަ ބަދަލުތަކެއް ގެނެވިގެންދާނެކަމަށް އެ ކުންފުނިން ބުންޏެވެ. އަދި މިގޮތަށް ގެނެވޭ ބަދަލުތަކުގެ ސަބަބުން އެއްވެސް ގެއެއްގެ ބިލް ބޮޑު ނުވާނެ ކަމަށް ސްޓެލްކޯއިން ބުންޏެވެ. މި ދަނޑިވަޅު އެންމެންގެ ރައްކާތެރިކަމަށްޓަކައި، ބިލަށް ފައިސާ ދެއްކެވުމަށް ސްޓެލްކޯގެ އެޕްލިކޭޝަނާއި، ވެބްސައިޓް ބޭނުން ކުރެއްވުމަށްވެސް އެ ކުންފުނިން ވަނީ އިލްތިމާސްކޮށްފައެވެ.
ކަރަންޓް މީޓަރުގެ ރީޑިންގް ފެންނަ ފޮޓޯއެއް ފޮނުވުމަށް ސްޓެލްކޯއިން އެދިއްޖެ
ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ 353 ބަންގްލަދޭޝް ރައްޔިތުން މިއަދު އެގައުމަށް އަނބުރާ ފޮނުވާލައިފިއެވެ. ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވި ގޮތުގައި، ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅޭ 353 މީހުން އަނބުރާ ފޮނުވާލީ ރާއްޖެއަށް މެޑިކަލް ސާމާނު ރާއްޖެއަށް ރޭ ގެނެސްދިން ބިމަން ބަންގްލަދޭޝް އެއާލައިންސްގެ ޗާޓަރު ފްލައިޓުގައެވެ. އެ ފްލައިޓު ރޭ ރާއްޖެ އައީ ހުޅުމާލޭގައި ތަރައްގީކުރާ ކޮވިޑް ވިލެޖަށް ބޭނުންވާ މުހިންމު ބައެއް ތަކެތި ހިފައިގެންނެވެ. ބިމަން ބަންގްލަދޭޝް އެއާވޭސްގެ ފަލްއިޓްގެ އިތުރުން ބަންގަލްދޭޝް އިން މިއަދު އެހީ ހިފައިގެން އައި އެ ގައުމުގެ އެއާ ފޯސް ފްލައިޓުވެސް ރާއްޖެއިން ފުރާއިރު، ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ އެގައުމުގެ 70 މީހުން އަނބުރާ ފޮނުވާލަން ހަމަޖެހިފައިވާކަން ވެސް މިނިސްޓަރު ޝާހިދު ވިދާޅުވި އެވެ. ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ 1،500 ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ މިމަހުގެ ކުރީ ކޮޅުގައި ވިދާޅުވެފަ އެވެ. ރައީސް އެހެން ވިދާޅުވި ފަހުން މިއީ ރާއްޖޭގައި ގަވާއިދާއި ހިލާފަށް އުޅޭ ބިދޭސީން ފޮނުވާލު ފުރަތަމަ ފަހަރެވެ. ނަަމަވެސް ކޮވިޑް-19ގެ ނުރައްކާ އެ ބިދޭސީންނަށް ބޮޑުވެފައިވާރު ރައީސް އެހެން ވިދާޅުވުމުގެ ކުރިން ވެސް ވަނީ ބައެއް ބިދޭސީން އަނބުރާ ބަންގްލަދޭޝްއަށް ފޮނުވާލާފަ އެވެ.
ގަވައިދާ ހިލާފަށް އުޅޭ 353 ބަންގްލަދޭޝް މީހުން ފޮނުވާލައިފި
ދެހާސް ތިން ވަނަ އަހަރު ނުކުތް ފިލްމު "ޗުރާ ލިޔާ ހެ ތުމްނޭ" އިން ބޮލީވުޑަށް ނުކުތް ޒައިދު ޚާން އަނެއްކާވެސް ބޮލީވުޑަށް ތައާރަފްކުރަން ނިންމައިފިއެވެ. ދެހާސް ހަތަރު ވަނަ އަހަރު ނުކުތް ފިލްމު "މެއި ހޫން ނާ" އިން ފާހަގަވި ބަތަލަށް ބޮލީވުޑުން މަދު ފުރުސަތުތަކެއް ލިބުނު ނަމަވެސް އޭރު އޭނާ ކުޅުނު ހުރިހާ ފިލްމުތަކެއް ވަނީ ފްލޮޕްވެފައެވެ. އަދި އޭގެ ފަހުން ކުޅޭނެ ފިލްމެއް ނުލިބި ހުރި ޒައިދު ވަނީ ބޮލީވުޑުން އޮއްސިފައެވެ. ނަމަވެސް އާ ފިލްމަކާއެކު ޒައިދު ބޮލީވުޑަށް ނެރުމަށް އަނެއްކާވެސް މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާގެ ބައްޕަ ކުރީގެ އެކްޓަރު ސަންޖޭ ޚާން ވަނީ ބުނެފައެވެ. ސަންޖޭ ބުނީ އެ ފިލްމަކީ އޭނާ ޑައިރެކްޓްކޮށް ޒައިދު ލީޑު ރޯލުކުޅޭ ފިލްމެއް ކަމަށެވެ. 1947 ގައި އިންޑިއާ ޕާކިސްތާނުގެ ހަނގުރާމައިގެ ހީރޯ ބްރިގޭޑިއާ މުހައްމަދު އުސްމާންގެ ހަޔާތުގެ މައްޗަށް އުފައްދާ އެ ފިލްމުގެ ސްކްރިޕްޓްގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ސަންޖޭ ވަނީ ބުނެފައެވެ. އަދި މި ފިލްމުގައި މުހައްމަދުގެ ރޯލުން ފެނިގެންދާނީ އެކްޓަރު ޒައިދު ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ. ސަންޖޭ ބުނީ ޒައިދަށް ދެ ވަނަ ފުރުސަތެއް ފިލްމީ ރޮނގުން ހޯދާދިނުމަކީ ބައްޕައެއް ހައިސިއްޔަތުން އަދާކުރަންޖެހޭ ކަމެއް ކަމަށެވެ. އޭނާ އެންމެ ފަހުން ކުޅުނު ފިލްމަކީ 2005 ވަނަ އަހަރު ނުކުތް ފިލްމު "ޝަރާފަތު ގައީ ތެލް ލޭނޭ" އެވެ.
ޒައިދު ޚާން އެނބުރި ބޮލީވުޑަށް
މިއަދުގެ މިހާތަނަށް 47 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ ރާއްޖެ އިން އެ ބަލި ޖެހުނު މީހުންގެ އަދަދު 1078 އަށް އަރައިފި އެވެ. ހެލްތް ޕްރޮޓެކްސަން އެޖެންސީ (އެޗްޕީއޭ) އިން ދާދި ދެންމެ ކުރި ޓްވީޓެއްގައި ބުނީ، މިއަދު ޕޮޒިޓިވްވި 47 މީހުންގެ ތެރޭގައި ހިމެނެނީ 19 ދިވެހިންގެ އިތުރުން ބަންގްލަދޭޝްގެ 22 މީހަކާއި، ހަތަރު އިންޑިއާ މީހުންގެ އިތުރުން ނޭޕާލްގެ ދެ މީހެއް ކަމަށެވެ. ކޮވިޑް-19 ރާއްޖޭގައި ހަލުވިކަމާއެކު ފެތުރެމުންދާއިރު އެކަމުގެ ނުރައްކާ އެންމެ ބޮޑީ ވެރިރަށް މާލެ އަށެވެ. މިހާތަނަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވެފައި ވަނީ ވެސް މާލެ އިންނެވެ. އެހެންކަމާ ގުޅިގެން މާލެ ސަރަހައްދު ލޮކްޑައުން ކޮށްފައި އޮންނަތާ މިހާރު މަސް ދުވަހަށް ވުރެން ގިނަދުވަސް ވަނީ ވެފައެވެ. މި މަހުގެ 28 ވަނަ ދުވަހާއި ހަމައަށް ލޮކްޑައުންގެ މުއްދަތު އިތުރުކޮށްފައިވާ އިރު، ފިޔަވަޅުތައް ވެސް ވަނީ އިތުރަށް ވަރުގަދަ ކޮށްފަ އެވެ. ނަމަވެސް ސަރުކާރުގެ މަސައްކަތް ކުރަމުން އަންނަނީ ލޮކްޑައުން ވީއްލާލައި "ނިއު ނޯމަލް"ގައި އުޅުމަށް ދޫކޮށްލުމަށެވެ. ރާއްޖެއިން ކޮވިޑް19 ޖެހުމަށްފަހު ބަލިން ރަނގަޅުވެފައިވާ މީހުންގެ އަދަދަކީ 46 އެވެ. އަދި ބަލި ޖެހިގެން ހަތަރު މީހަކު މަރުވެފައިވެއެވެ.
މިއަދު 47 މީހަކު ޕޮޒިޓިވްވެ ޖުމްލަ 1078 އަށް
މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އާ ގުޅިގެން މާލޭގައި ވަގުތީ ގޮތުން ވެކްސިން ދިނުމުގެ ހިދުމަތް މެދުކަނޑާލައިފައި އޮތް ނަމަވެސް އަންނަ މަހު ތިނަކުން ފެށިގެން ދަމަނަ ވެށިން ވެކްސިން ދިނުމުގެ އިންތިޒާމް ހަމަޖައްސަން ނިންމައިފިއެެވެ. ދަމަނަވެށިން މިރޭ ނެރުނު ބަޔާނުގައި ބުނީ 18 އަހަރުން ދަށުގެ ކުދިންނަށް ކޮންމެހެން ދޭން ޖެހޭ ވެކްސިންތަކުގެ ތެރެއިން ގައުމީ ވެކްސިން ޝެޑިއުލްގައި ހިމެނޭ ވެކްސިން ދިނުމަށް އެތަން އަންނަ މަހު ތިނަކުން ފެށިގެން ހުޅުވުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތަށް ވެކްސިން ދޭނީ އެޕޮއިންޓްމަންޓް އުސޫލުންކަމަށްވެސް ވަނީ ބުނެފައެވެ. ދަމަނަވެށިން ބުނީ ހުކުރު އަދި ހޮނިހިރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކަުވެސް ހެނދުނު 10 އަކުން މެންދުރު އެކަކަށް އެޕޮއިންޓްމަންޓް ދޫކުރާނެ ކަމަށެވެ. އެޕޮއިންޓްމަންޓް ދޫކުރުމުގައި ކުއްޖާގެ ނަމާއި އުފަން ތާރީހާއި އެންމެ ފަހުން ވެކްސިން ޖެހި ތާރީހާއި ކުއްޖާ ދިރިއުޅޭ އެޑްރެސްގެ އިތުރުން ކުއްޖާ ދިރިއުޅޭ ގެއަކީ މޮނީޓަރިންގައި އޮތް ހާލަތުގައި އޮތް ގެއެއްތޯ ނޫނީ ނޫންތޯ ބުނެދޭންޖެހޭނެކަމަށް ދަމަނަވެށިން ބުންޏެވެ. ދަމަނަވެށިން ބުނީ ހަމައެކަނި ފަނިބޭސް އަދި ވިޓަމިން އޭ ދޭން ޖެހޭ އުމުރުން ފަސް އަހަރުން ދަށުގެ ކުދިންނަށް ވިޓަމިން ދޫކުރާނީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 10 އަކުން މެންދުރު އެކަކަށް ކަމަށެވެ. އެމްއާރު ވެކްސިން ޖަހަން ބޭނުންވާ 40 އަހަރުން ދަށުގެ ފަރާތްތަކާއި އިންފްލުއެންޒާ ޖަހަން ބޭނުންވާ ފަރާތްތަކުންވެސް 3322403 އާ ގުޅައިގެން އެޕޮއިންޓްމަންޓް ހެދޭނެކަމަށް ދަމަނަވެށިން ބުންޏެވެ.
އަންނަ މަހު ތިނަކުން ފެށިގެން ދަމަނަވެށިން ވެކްސިން ދޭނެ
"ކިހިނެއް މި ވަނީ؟ ބިންހެލުމެއް ތަ؟" ރާބިޙު ކަންބޮޑުވުމާ އެކު ޢައްމާރު ކުރެން އެހިއެވެ. "ހިލަތަކެއް ފައިބައި ގަތް އަޑު. ސުބްޙާނަ ﷲ. މި ހޮހޮޅައަށް ވަންނަން ހުރި ތަން އެ ބަންދު ވީ." ހޮހޮޅައަށް ވަންނާން ހުރި އާނގައާ ދިމާއަށް ބަލާން ހުރި ޢައްމާރަށް ބުނެވުނެވެ. އަދި ބުންޏެވެ. "ހިނގާ އެ ހިލަގަނޑު ދުރަށް ލެވޭ ތޯ ބަލަމާ." "ކޮން ހިލައެއް؟" ރާބިޙު އެހިއެވެ. "ތެދުވެ ބަލަ! އަހަންނާ އެކު ހިނގާ ބަލަ އެ ހިލަގަނޑު ދުރަށް ލެވޭ ތޯ؟ ނުވަތަ މި ތާ ތެރޭ ތިބެ މަރު ވާން ތަ ބޭނުމީ؟" ޢައްމާރު އަނެއްކާ ވެސް ބުންޏެވެ. "ހާދަ ބޮޑު ހިލަގަނޑެކޭ. ހިނގާ ބަލަ އެއްމެން އެއް ފަރާތަކުން ކޮއްޕަމާ!" "ތިޔަ ހިލަގަނޑު ގުޑުވައި ލެވޭނެ ބާރެއް އަހަރެމެންގެ ކިބަޔަކު ނެތް. ތިޔައީ ތިން މީހުންނަށް ގުޑުވައި ލެވޭ ވަރަށް ވުރެ ބޮޑު ހިލަގަނޑެއް." ރާބިޙު ބުންޏެވެ. "އޭރު ގެނައި ދަނޑިގަނޑު ދީ ބަލަ!" ޢައްމާރު ބުންޏެވެ. "އެ ދަނޑިގަނޑުން ކީއް ކުރެވޭނީ." ރާބިޙު އެހިއެވެ. "މާ ގިނަ ވާހަކަ ނުދައްކައި ބުނާ ގޮތަށް ހަދާ ބަލަ! ދަތުރުގެ އާރުކާޓީއަކީ އަހަންނެއް ނޫން ތަ؟ މަތާ ލައިގެން ވެސް މި ހިލަގަނޑު ދުރު ކުރެވޭ ތޯ! އަދި އުފުއްލާލައިގެން މި ހިސާބަށް ގެނެވޭނެ އެންމެ ބޮޑު ހިލައެއް ގެނޭ." ޢައްމާރު ބުންޏެވެ. "އާނ. މި ގެންނަނީ." ރާބިިޙު ބުންޏެވެ. "ތިޔަ ހިލަގަނޑު ތި ތާ ބާއްވާ!" ޢައްމާރު ބުންޏެވެ. "ވާން އުޅޭ ގޮތެއް އަދި އަހަންނަކަށް ނުވިސްނޭ!" ހައިރާން ވެފައި ހުރި ޒިޔާދު ބުންޏެވެ. "މި ހިލައާއި ދަނޑިގަނޑު ބޭނުން ކޮށްގެން މަތާ ލައިގެން އެ ހިލަގަނޑު ދުރު ކުރެވޭ ތޯ މި އުޅެނީ." ޢައްމާރު ބުންޏެވެ. "ދަނޑިގަނޑު އެ ދިޔައީ ބިންދައިގެން. އަހަރެންގެ އަތަށް ތަދު ވެސް ވެއްޖެ. ވެލިފުކެއްގެ މިންވަރު ވެސް އެ ހިލަގަނޑު ދުރެއް ނުވޭ." ރާބިޙު ބުންޏެވެ. "ދެން ކުރާނީ ކީއް؟" ޒިޔާދު އެހިއެވެ. "އަހަންނަކަށް ނޭނގޭ." ޢައްމާރު ބުންޏެވެ. "ކީއް ވެ ނޭނގޭން ވީ. ތިޔައީ އަހަރެމެންގެ އާރުކާޓީއެއް ނޫން ތަ؟" ރާބިޙު ބުންޏެވެ. "މިހާރު ކަލޭމެންނެކޭ އަހަންނެކޭ ތަފާތެއް ނެތް. ކަން ކުރާނެ ގޮތް އެނގުނަސް އެ ކަމަށް ބޭނުން ވާ ސާމާނާއި ބާރު ނެތިއްޔާ އާރުކާޓީއަކަށް ވެސް ދެއްކޭނެ މަގެއް ނޯންނާނެ." ޢައްމާރު ބުންޏެވެ. "ދެނޯ؟" ކަންބޮޑުވުން އެކުލެވިފައި ވާ ރާގެއްގައި ޒިޔާދު އެހިއެވެ. "އަހަރެމެން ތިން މީހުން މި ތިބީ މި ހޮހޮޅައިގެ ތެރޭގައި ބަންދު ވެފައި." ޢައްމާރު ބުންޏެވެ. "ތީގެ މާނައަކީ ... ދެން ނިމުނީއޭ ތަ؟ ގޮސް ހުސް ވީއޭ ތަ؟ ކޮންމެވެސް ގޮތެއް އޮންނާނެ. ކޮންމެވެސް އެއްޗެކޭ ބުނެ ބަލަ، ރާބިޙު!" ޒިޔާދު ބުންޏެވެ. "އޭ އެކުވެރިޔާ! ﷲ މިންވަރު ކުރެއްވި ކަމަކާ މެދު އަހަރެން ބުނާނީ ކީކޭ." ރާބިޙު ބުންޏެވެ. ***** "ހާދަ ބޮޑު ބަދުނަސީބެކޭ!" އަމީރާ ޞަފާ ވިދާޅުވިއެވެ. "ދަރިފުޅާ ޞަފާ! އެއީކީ ބަދުނަސީބެއް ނޫން. އެއީ ﷲ އެމީހުންނަށް ކުރިމަތި ކުރެއްވި އިމްތިހާނެއް. ﷲ އެއިލާހުގެ އަޅުތަކުންނަށް ކުރިމަތި ކުރައްވާ އިމްތިހާނުތަކުގެ ތެރެއިން އިމްތިހާނެއް." ގާޒީ ޞަފިއްޔުއްދީނު ވިދާޅުވިއެވެ. "އަހަރެމެންނަށް އިމްތިހާނެއް ކުރިމަތި ކުރައްވައިފި ނަމަ އަހަރެމެން ކިހިނެއްތޯ ހަދާން ޖެހެނީ." އަމީރު މުޙައްމަދު އެއްސެވިއެވެ. "އޮތީ ކެތްތެރި ވުން. މަރު ވުމަކީ ނިމުމެއް ނޫން ކަން ހަނދާން ކުރުން. ﷲ މިންވަރު ކުރެއްވި ގޮތަކާ މެދު ރުހުން. މުސްލިމުންނަށް ﷲ ކޮންމެ ކަމެއް ވެސް މެދުވެރި ކުރައްވަނީ އެއަށް ވުރެ ބޮޑު ނުރައްކަލަކުން މިންޖު ކުރެއްވުމަށް ކަން ގަބޫލު ކުރުން. އަދި އޭނާގެ ކިބައިން އުނދަގޫތަކާއި މުސީބާތްތައް ދުރު ކުރެއްވުމަށާއި ދުނިޔެއާއި އާޚިރަތުގައި ހެޔޮ ގޮތް މިންވަރު ކުރެއްވުން އެދި އަދަބުވެރިކަމާ އެކު ﷲ އަށް ދުޢާ ކުރުން. ބަޤަރާ ސޫރަތުގެ ސަތޭކަ އަށްޑިހަ ހަވަނަ އާޔަތުގައި ﷲ ވަޙީ ކުރައްވާފައި ވާ ބަސްފުޅުގެ މާނައިގައި ވަނީ - އަދި ތިމަންއިލާހާ މެދު ތިމަންއިލާހުގެ އަޅުން ކަލޭގެފާނާ سؤال ކޮށްފިނަމަ، (ކަލޭގެފާނު ވިދާޅުވާށެވެ!) ފަހެ، ހަމަކަށަވަރުން ތިމަންއިލާހީ (އެއުރެންނާ) ކުއްތަންވެ ވޮޑިގެންވާ އިލާހެވެ. ތިމަންއިލާހުގެ حضرة އަށް دعاء ކޮށްފިނަމަ دعاء ކުރި މީހާގެ دعاء ތިމަންއިލާހު އިޖާބަ ކުރައްވަމެވެ. ފަހެ، އެއުރެން (އެބަހީ: ތިމަންއިލާހުގެ އަޅުން) ތިމަންއިލާހަށް އިޖާބަދޭހުށިކަމެވެ! އަދި އެއުރެން ތިމަން އިލާހަށް إيمان ވާހުށިކަމެވެ! (އެއީ) އެއުރެންނަށް ތެދުމަގު ލިބުމަށްޓަކައެވެ. (186)- ޞަދަޤަ ﷲ އަލްޢަޡީމް." ގާޒީ ޞަފިއްޔުއްދީނު ވިދާޅުވިއެވެ. "ޔާ އަކްރަމަލް އަކްރަމީން! މިއަޅާގެ ކާފަގެ ބައްޔަށް ޝިފާ ދެއްވައިފާނދޭ! އާމީން. ލާ-އިލާހަ އިއްލާ އަންތަ ޔާ ރައްބަލް ޢާލަމީން." އަމީރާ ޞަފާ ވިދާޅުވިއެވެ. "އާމީން!" އަމީރާ ޞަފާގެ ދުޢާއަށް ގާޒީ ޞަފިއްޔުއްދީނު އާމީން ވިދާޅުވިއެވެ. "ދެން ކާފާ ވިދާޅު ވެ ދެއްވަ ބައްލަވާ! ހޮހޮޅައިގައި ބަންދު ވީ މީހުންނަށް ވީ ކީއް ކަން." އަމީރު މުޙައްމަދުގެ ޝައުގުވެރިކަން ހުރީ ކާފަ ކިޔައި ދެއްވި ވާހަކައިގެ ދެން އޮތް ބަޔަށެވެ. "ދަރިފުޅާ! އެމީހުންގެ ވާހަކަ މި ވަގުތަކު ނިންމައެއް ނުލެވޭނެ. މާދަމާ އެ ވާހަކައިގެ އިތުރު ބައެއް ކިޔައި ދޭނަން. އިންޝާ ﷲ." ގާޒީ ޞަފިއްޔުއްދީނު ވިދާޅުވިއެވެ. ***** "ބައްޕާފުޅާ! އަޅުގަނޑާ ވާހަކަ ދައްކަވަ ބައްލަވާ! ތިޔަ ބަލީގެ ކުރިމަތީގައި ހިތްވަރުފުޅު ބަލި ނުކުރައްވާ!" ސުލްޠާން ސަލީމުގެ އޮންނެވި އެނދުދާންކޮޅުގެ ކައިރީގައި ހުންނަވައިގެން އަމީރު މުރާދު ވިދާޅު ވަމުން ގެންދެވިއެވެ. "ޚާލިދު! ބައްޕާފުޅު އަވަހާރަލައްޕަވާން ބާއްވަވާ!" ސަލްމާ ވިދާޅުވިއެވެ. "އެއީކީ އަވަހާރަ ލެއްޕެވުމެއް ނޫން. ބައްޕާފުޅުގެ ހޭފުޅެއް ނެތް." އަމީރު މުރާދު ވިދާޅުވިއެވެ. "އަޅުގަނޑާ އެކު ވަޑައި ގަންނަވާ! ވާހަކަ ދައްކާލަން ބޭނުން. ހަމަޖެހިވަޑައިގެން ނަފްސުގެ މައްޗަށް ބާރު ހިންގެވުމަކީ މަނިކުފާނުގެ މައްޗަށް ވެސް ލާޒިމު ކަމެއް. އެހެން ނޫނީ ނަފްސާނީ ގޮތުން ބަލިކަށި ވެ ވަޑައި ގެންފާނެ." އަމީރު މުރާދުގެ އަތްޕުޅުގައި ހިއްޕަވަމުން ސަލްމާ ވިދާޅުވިއެވެ. "ބޭސްވެރިޔާއަށް އެއްވެސް ކުރިއެރުމެއް ނުހޯދިގެން އުޅެނީ ކީއްވެ؟" އަމީރު މުރާދު ވާހަކަ ދައްކަވަމުން ގެންދެވިއެވެ. "ޔަގީން ކުރައްވާ! ކޮންމެ މީހަކު ވެސް އެ ދަނީ އެމީހަކަށް ކުރެވޭން އޮތް ކަމެެއް ކުރަމުން." ސަލްމާ ވިދާޅުވިއެވެ. "ދެން ކޮބައިތޯ ނަތީޖާއަކީ؟" އަމީރު މުރާދު އެއްސެވިއެވެ. "ކޮންމެ އުނދަގުލަކަށް ފަހު ދެން އަންނާނީ ފަސޭހައެއް. އިންޝާ ﷲ. އަހަރެމެންނަށް އޮތީ ދުޢާ ކުރުން." ސަލްމާ ވިދާޅުވިއެވެ. "ތެދުފުޅެއް. އަހަރެމެންނަށް އޮތީ ދުޢާ ކުރުން." އަމީރު މުރާދު ވިދާޅުވިއެވެ. "އަދި މަނިކުފާނުގެ ޒިއްމާއާއި މަސްއޫލިއްޔަތު މި ވަގުތު ވަރަށް ބޮޑު. ބައްޕާފުޅުގެ އާލާސްކަންފުޅުގެ ވަގުތުގައި ވެރިކަމުގެ ހުރިހާ ކަމެއް ކުރައްވާން ޖެހި ވަޑައި ގެންފައި ވަނީ މަނިކުފާނު. ވީމާ ރައްޔިތުންގެ މަސްލަހަތު ހުރި ކަންކަމުގެ މައްޗަށް ހާއްސަ ސަމާލުކަމެއް ދެއްވާން އެބަ ޖެހި ވަޑައި ގަންނަވާ. މި ވަގުތު ބައްޕާފުޅުގެ އާލާސްކަންފުޅުގެ ސަބަބުން ޖެހި ވަޑައި ގެންފައި ވާ ހިތާމަފުޅުގައި ހިތްވަރުފުޅު ގަދަ ނުކުރައްވައިފި ނަމަ ރައްޔިތުންގެ ރައްޔިތުންގެ ކަންކަމުގައި ފަރުވާ ކުޑަ ކުރެއްވިދާނެ." ސަލްމާ ވިދާޅުވިއެވެ. "ކިހިނެއް އަހަރެން ހިތްވަރު ގަދަ ކުރާނީ. ބައްޕާފުޅު އެ ހާލުކޮޅުގައި އޮންނަ މަންޒަރު ބަލާކަށް އަހަންނަކަށް ކުޅަދާނައެއް ނޫން. މުސްތަހީލު!" އަމީރު މުރާދު ވިދާޅުވިއެވެ. "ތިޔަ ހެން ވިދާޅު ނުވޭ! ހިތްވަރުފުޅު ގަދަ ކުރައްވާން އެބަ ޖެހި ވަޑައި ގަންނަވާ." ސަލްމާ ވިދާޅު ވިއެވެ. "ވަޒީރު އެ ގެންދަވަނީ ހުރިހާ ކަމެއް ބައްލަވަމުން، ކަންކަން ހިންގަވަމުން. އަހަރެން ހުންނާނީ ބައްޕާފުޅުގެ އަރިހުގަައި." އަމީރު މުރާދު ވިދާޅުވިއެވެ. "ވަޒީރުންނަކީ ކަންކަން އަމިއްލައަށް ނިންމަވާ ބޭފުޅުންނެއް ނޫން. އެންގެވީމާ އަންގަވާ ދާއިރާއަކުން އަދި ދެއްވި އިހުތިޔާރަކާ އެކު ކަންކަން ހިންގަވާން ތިއްބަވާ ބޭފުޅުން އެއީ." ސަލްމާ ވިދާޅުވިއެވެ. "މި ވަގުތު އަހަރެން ވަނީ އިސް ވަޒީރަށް ހުރިހާ ބާރެއް ދީފައި." އަމީރު މުރާދު ވިދާޅުވިއެވެ. "އިސް ހޫރުފާފުޅު އަދި މަތިވެރި ޒައީމު އަރްތުޣްރުލް އާއި އިސް މުނިކާފާފުޅު ސުލްޠާން އުސްމާން އާއި އިސް ކާފާފުޅު ސުލްޠާން މުޙައްމަދު އަލްފާތިޙު ބިނާ ކުރެއްވި މި ދައުލަތް އެހެން ޚާންދާނަކުން އައިސް ހުރި ވަޒީރެއްގެ އަތް މައްޗަށް ދޫކޮށް ނުލައްވާތި!" ސަލްމާ ވިދާޅުވިއެވެ. ***** "ވާރު ޚަރާޖު ނަގައި އެއް ކުރުމުގެ މަސައްކަތް ކުރާ ފަރާތްތަކުގެ މަސައްކަތް ލަސް ވަނީ ކީއްވެ؟" އަމަނުގެ ވެރިޔާ މުފްތާޙާ އިސް ވަޒީރު ސުވާލު ކުރެއްވިއެވެ. "މަތިވަރު ކަނޑާ ދުވަސްވަރު ޖެހޭން ދެން އަޅުގަނޑުމެން މަޑު މި ކުރަނީ. ދަނޑުވެރީންނަށް ބުރަ ނުވެ ދައުލަތަށް ދެއްކުމަށް ނެރޭން ޖެހޭ ޚަރާޖުގެ ކަންކަން ފަސޭހަކަމާ އެކު ކުރިޔަށް ގެންދެެވޭނީ އޭރުން ކަމަށް ފެންނާތީ. އަދި މިއަދާ ހަމަޔަށް އަމަލު ކުރަމުން އަންނަނީ ވެސް އެހެން ކަމަށް ވާތީ." އަމަނުގެ ވެރިޔާ މުފްތާޙު ވިދާޅުވިއެވެ. "މި ވަގުތު ވެރިކަމުގެ ހުރިހާ ކަމެއް މި ހިންގަނީ އަހަރެން. އަހަރެން ނާންގަން ލަސް ކުރާކަށް." އިސް ވަޒީރު ވިދާޅުވިއެވެ. "މި ދިޔަ އަހަރު ވެސް ޚަލީފާ ވިދާޅު ވީ އެ ގޮތަށް ކުރިޔަށް ގެންދާން." މުފްތާޙު ވިދާޅުވިއެވެ. "އެއީ އިސްތިސްނާ ހާލަތެއް ދިމާ ވެގެން ޚަލީފާ އެންގެވި އިސްތިސްނާ އެންގެވުމެއް. އަދި މި ވަގުތު ކަންކަން ހިންގަވާން ހުރީކީ ޚަލީފާއެއް ވެސް ނޫން އަދި ވަލީއަހުދެއް ވެސް ނޫން. މީގެ ފަހުން ވެސް ހަނދާނުގައި ބަހައްޓާތި! ވާރު ޚަރާޖުގެ ކަންކަން ނިންމާން ޖެހޭ ވަގުތަކީ މާލީ އަހަރު ފެށުމުގެ މަސް ދުވަސް ކުރި ކަން. މިހާރު މި ވަނީ މާލީ އަހަރު ފެށޭން އެއްމެ ދެ ހަފްތާއަށް ވެފައި. މި ވަގުތު އަހަރެންގެ ކޮނޑުގައި އެޅިފައި ވާ މަސްއޫލިއްޔަތެއް ދައުލަތުގެ ކަންކަން ރަނގަޅަށް ގެންދިއުމަކީ. ދައުލަތުގެ އިސް ބޭފުޅުންގެ މުސާރަތައް ވަގުތަށް ދެވޭ ކަން ކަށަވަރު ކުރާން ޖެހޭ." އިސް ވަޒީރު ވިދާޅު ވިއެވެ. "ޚަލީފާ ވިދާޅު ވަނީ ރައްޔިތުންނަށް ބުރައަކަށް ނުވާ ގޮތަށޭ ދައުލަތުގެ ޚަރަދުތައް ކުރުމަށް ފައިސާ ހޯދާން ވާނީ." މުފްތާޙު ވިދާޅުވިއެވެ. "ކިތައްމެ ބައިވަރެއް ހުއްޓަސް ދައުލަތަށް ދައްކާން ޖެހޭ ޚަރާޖު ނެރޭން ވީމާ މީހުން ތިބޭނީ ބުރަ ވެފަ. ވީމާ އަވަސް ކުރޭ." އިސް ވަޒީރު ވިދާޅުވިއެވެ. "އަޅުގަނޑު ވެސް ތިޔަ ވާހަކަފުޅާ އެއްބަސް. އެކަމަކު މި ވަގުތު މީހުންގެ އަތުގައި އެއްޗެއް ނެތް ކަން އަޅުގަނޑުމެންނަށް އެބަ އެނގޭ. ނެތް އެއްޗަކުން ކިހިނެއްތޯ އެމީހުން ޚަރާޖު ނެރޭނީ." މުފްތާޙު އަނެއްކާ ވެސް ވިދާޅުވިއެވެ. - ނުނިމޭ -
ސަލްމާއާއި ގުރްއާނުގައިވާ ރީތި ވާހަކަތައް 24
ކޮވިޑް-19 ޖެހުމަށްފަހު ރަނގަޅުވި ނ. މަނަދުއަށް ނިސްބަތްވާ އުމުރުން 80 އަހަރުގެ އަންހެން މީހާ މަރުވެއްޖެއެވެ. "ސަން" އަށް އެނގިފައިވާގޮތުގައި އެ އަންހެން މީހާ މަރުވީ އޭނާއަށް ކުރިމަތިވެފައިވާ އެހެން ސިއްހީ މައްސަލައަކަށް ފަރުވާ ދެމުންދަނިކޮށް މިއަދު ހަވީރު އައިޖީއެމްއެޗުގައެވެ. އެ އަންހެން މީހާ ކޮވިޑުން ރަނގަޅުވިކަން ސަރުކާރުން ހާމަކޮށްފައި ވަނީ މި މަހުގެ 18 ވަނަ ދުވަހުއެވެ. އެމީހާ ކޮވިޑަށް ޕޮޒިޓިވްވިކަން އެނގުނީ ނ. އަތޮޅު ހޮސްޕިޓަލްގައި ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް އައިޖީއެމްއެޗަށް ނެގެސް ޓެސްޓްކުރުމުންނެވެ. އެމީހާއާ ޑައިރެކްޓް ކޮންޓެކްޓްވި 9 މީހަކު މަނަދޫން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.
ކޮވިޑުން ރަނގަޅުވި މަނަދޫ އަންހެން މީހާ މަރުވެއްޖެ
މާލެއިން ފުރައިގެން ދަތުރުކުރި އަމާޒު ބޯޓުގެ ކައްޕި ކޮވިޑް19 އަށް ޕޮޒިޓިވްވުމާ ގުޅިގެން އެ ބޯޓު ދަތުރުކުރި މީހުން ހިމެނޭ ރަށްތަކާއެކު 13 ރަށެއް މޮނިޓަރިންގެ ހާލަތަށް ގެނެސްފިއެވެ. އުމުރުން 49 އަހަރުގެ އަމާޒު ބޯޓުގެ ކައްޕި (ކޭސް133) ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވި ކަން އެނގިގެން ދިޔައީ މިއަދުއެވެ. މާލެ ލޮކްޑައުނަށް ދިޔަ ދުވަސް ކަމުގައިވާ މިމަހުގެ 15 ވަނަ ދުވަހު އެ ބޯޓު ވަނީ މާލެއިން ފުރައިގެން ގޮސްފައެވެ. ދަރުބާރުގޭ، އެންއައިއޯސީގައި ބޭއްވި މިރޭ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އައިޖީއެމްއެޗްގެ ޑޮކްޓަރު އިބްރާހީމް އަފްޒަލް ވިދާޅުވީ، މިހާތަނަށް ލިބުނު މައުލޫމަތުތަކުން 13 ރަށެެއްގައި އެ ބޯޓުން ދަތުރު ކުރި މީހުން އެބަތިބި ކަމަށެވެ. އެގޮތުން ނ. އަތޮޅުން ހަ ރަށަކާއި، ށ. އަތޮޅުން ހަތަރު ރަށަކާއި، ހއ. އަތޮޅުގެ ދެ ރަށް ހިމެނޭ ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ. "މި ކޭސްއާ ގުޅިގެން އިތުރު ކްލާސްޓާތަކެއް ފެނިދާނެ ކަމުގެ ބިރުއެބައޮތް. ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިހާރުވެސް ވަރަށް ގަދައަށް އެބަ ކުރިއަށްދޭ،" ޑރ. އަފްޒަލް ވިދާޅުވިއެވެ. އަމާޒު ބޯޓު ކެޕްޓަންގެ ކޭސްއާ ގުޅިގެން މޮނީޓަރިންއަށް ގެނައި 13 ރަށް: ނ. މާފަރު ނ. ހެނބަދޫ ނ. މިލަނދޫ ނ. ވެލިދޫ ނ. ކެދިކުޅުދޫ ނ. ހޮޅުދޫ ށ. ނަރުދޫ ށ. ފުނަދޫ ށ. މިލަންދޫ ށ. ފީވައް ށ. މާއުނގޫދޫ ހއ. ދިއްދޫ އހ. އުތީމު ޑރ. އަފްޒަލް ވިދާޅުވި ގޮތުގައި މިމަހު 15 އަދި 16 ވަނަ ދުވަހު އެ ބޯޓުން 98 މީހަކު ދަތުރުކުރިއެވެ. އަދި މިހާތަނަށް ކޮންޓެކްޓް ޓްރޭސިން އިން ދެނެގަނެވިފައި ވަނީ 51 މީހަކު ކަމަށް އޭނާ ވިދާޅުވިއެވެ. އެ މީހުންގެ ތެރެއިން ފަސް މީހެއްގެ ފަރާތުން ވައިރަހުގެ އަލާމަތްތައް ފެންނަ ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ. ޑރ. އަފްޒަލް ވަނީ 15 ވަނަ ދުވަހު އެ ބޯޓުން ދަތުރުކުރި އެންމެން އެޗްޕީއޭ އަށް ރިޕޯޓުކުރުމަށްވެސް އެދިވަޑައިގެންފައެވެ. މިހާތަނަށް ރާއްޖެއިން ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދަކީ، 141 އެވެ. އޭގެ ތެރެއިން ވޭތުވެދިޔަ 24 ގަޑިއިރު، 12 މީހަކު ވަނީ ވައިރަހަށް ޕޮޒިޓިވްވެފައެވެ. ރާއްޖޭގައި ވައިރަހުން ރަނގަޅުވި މީހުންގެ އަދަދަކީ، 17 އެވެ. ނޯޓު: ރިޕޯޓު ކުރައްވަނީ ފޯނުން ނަމަ އެޗްޕީއޭގެ ހޮޓްލައިން 1678، އަދި އީމެލް އިން ނަމަ، heoc@health.gov.mv އެވެ. އަދި ރާއްޖޭގެ ރަށަކުންނަމަ އެރަށެއްގައި ހުންނަ ސިއްހީ ޚިދުމަތްދޭ ތަނަކަށް ވެސް އެންގިދާނެއެވެ.
އަމާޒު ބޯޓް ކޭސްއާ ގުޅިގެން 13 ރަށެއް މޮނިޓަރިންގެ ހާލަތަށް
ދުނިޔޭގެ ބޮޑު ފާމަސޫޓިކަލް ކުންފުންޏެއް ކަމަށްވާ އެސްޓްރާޒެނެކާ އިން ކޮވިޑް-19 ނައްތާލެވޭނެ ކަމަށް ބެލެވޭ ވެކްސީންއެއްގެ މަސައްކަތް ކުރާ ކަމަށާއި ޓެސްޓުތައް ކާމިޔާބުވެއްޖެ ނަމަ މިއަހަރުގެ ސެޕްޓެމްބަރު މަހުގައި ވެކްސީން ނެރެވޭނެ ކަމަށް އެކުންފުނީން ބުނެފި އެވެ. އެސްޓްރާޒެނެކާއިން ބުނެފައިވަނީ ވެކްސީންގެ މަސައްކަތް މިހާރު އޮތީ ޓެސްޓިންގެ ފުރަތަމަ މަރުހަލާގައި ކަމަށެވެ. އަދި އެ ޓެސްޓުތައް ކާމިޔާބު ނުވުމަކީ އެކަށީގެންވާ ކަމެއްކަން އެނގޭ ކަމަށްވެސް އެކުންފުނީން ބުނެ އެވެ. އެހެންނަމަވެސް ކްލިނިކަލް ޓެސްޓިންގް ޕްރޮގްރާމް ހަލުވި ސްޕީޑެއްގައި ކުރިއަށް ގެންދިޔުމަށް ފުރިހަމަ ޔަގީންކަން ދޭ ކަމަށް އެސްޓްރާޒެނެކާއިން ބުނެ އެވެ. އެކުންފުނީން ބުނެފައިވަނީ ވެކްސީން ކާމިޔާބު ވެއްޖެނަމަ މިއަހަރުގެ ސެޕްޓެމްބަރު މަހުގައި އެ ދޫކުރަން ފެށޭނެ ފެންވަރު އެބަހުރި ކަމަށެވެ. އެގޮތުން އޮކްސްފޯޑް ޔުނިވާސިޓީއާ ގުޅިގެން ވެކްސީން އުފައްދާއިރު ފުރަތަމަ މަރުހަލާގައި 400 މިލިއަން ޑޯސް ޑެލިވާ ކުރުމުގެ ގާބިލުކަން އެކުންފުނީގެ އެބަހުރި ކަމަށް ވަނީ ބުނެފަ އެވެ. މިއަހަރާއި ކުރިއަށް އޮތް އަހަރުގެ ތެރޭގައި އެއް ބިލިއަން ޑޯސް އުފެއްދުމުގެ ގާބިލުކަންވެސް އެސްޓްރާޒެނެކާގެ އެބަހުރި ކަމަށް އެކުންފުނީިން ބުންޏެވެ. އެކަމާ ގުޅޭގޮތުން ސައިންސުވެރިން ބުނެފައިވަނީ ކޮރޯނާވައިރަސްގެ ވެކްސީން އެއް އުފެއްދި ނަމަވެސް އޭގެން ފުރިހަމަ އިމިއުނިޓީއެއް ލިބޭނެ ކަމަށް ނުބެލެވޭ ކަމަށެވެ. އަދި ހަމައެއާއެކު އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ބޯރިސް ޖޯންސަން ވަނީ ކޮވިޑް-19 އަށް ހާއްސަ ވެކްސީން އެއް އުފެއްދި ދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް މީގެކުރީން ވިދާޅުވެފަ އެވެ. ސައިންސުވެރިން މިފަދަ މޭރުމަކުން ވާހަކަދައްކާފައިވީ ނަމަވެސް ގިނަ ބަޔަކު ދަނީ ވައިރަސް އަށް ހާއްސަ ވެކްސިނެއް އުފައްދެމުންގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން ދުނިޔޭގެ 80 އަށްވުރެ ގިނަ ގްރޫޕަކުން ދަނީ ކޮވިޑް-19 ނައްތާލުމަށް ވެކްސީން އެއް ތައްޔާރުކުރުމުގެ މަސައްކަތް ކުރަމުންނެވެ.
ވެކްސިން ކާމިޔާބު ވެއްޖެ ނަމަ ސެޕްޓެމްބަރު މަހު ނެރެނީ
ވޮޝިންޓަން (15 މޭ 2020) : ދުނިޔޭގެ ސިއްޙަތު ޖަމްއިއްޔާ "ޑަބްލިޔޫއެޗްއޯ" އާމެދު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެންގުޅުއްވި ހަރުކަށި ވިސްނުމަށް ބަދަލުތަކެއް ގެންނެވުމަށް ފަހު އެޖަމްއިއްޔާއަށް މާލީ އެހީގެ ބައެއް ދިނުމަށް ޓްރަމްޕް ނިންމަވައިފި އެވެ. ވައިޓް ހައުސް އާ ހަވާލާދީ ފޮކްސް ނިއުސް ބުނާގޮތުން ޓްރަމްޕް މިހާރުވަނީ ޗައިނާއިން ޑަބްލިޔޫއެޗްއޯ އަށް ދޭވަރުގެ މާލީ އެހީއެއް އެމެރިކާ އިން ވެސް ދިނުމަށް ނިންމަވައި އެކަމާބެހޭ ލިޔުމެއްގައި ސޮއިކުރައްވައި އެމެރިކާގެ މާލީ ވުޒާރާއަށް ފޮނުއްވައިފަ އެވެ. ޗައިނާއިން އަހަރެއްގެ މައްޗަށް ޑަބްލިޔޫއެޗްއޯ އަށް ދޭ ކަމަށް ވަނީ 60 މިލިޔަން ޑޮލަރުގެ އެހީއެކެވެ. އެމެރިކާއިން އަހަރެއްގެ މައްޗަށް 400 މިލިޔަން ޑޮލަރުގެ އެހީއެއް ކުރިން އެޖަމްއިއްޔާއަށް ދެމުން ގެންދިއަ އެވެ. ނަމަވެސް ކޮރޯނާވައިރަސް ކޮވިޑް-19 އެމެރިކާގައި އާދަޔާ ޚިލާފަށް ފެތުރި އެމެރިކާއިން ގިނަ އަދަދަށް މީހުން މަރުވާން ފެށުމުން އެކަމާ ކޯފާވެގެން ޓްރަމްޕް ވަނީ ކޮވިޑް-19 ފެތުރުނީ ޑަބްލިޔޫއެޗްއޯގެ އިހުމާލުންކަމަށް ވިދާޅުވެ އެޖަމްއިއްޔާއަށް ކުށްވެރި ކުރައްވައި ބަހުގެ ހަމަލާތައް ދެއްވާފައެވެ. އަދި އެމެރިކާއިން ޑަބްލިޔޫއެޗްއޯ ދޭ މާލީ އެހީ ކަނޑާލާނެކަމުގެ އިންޒާރު ދެއްވުމަށް ފަހު މި މޭމަހުގެ 14 ވަނަ ދުވަހު ޓްރަމްޕް ވަނީ އެމެރިކާ ޑަބްލިޔޫއެޗްއޯ އަށް ދެމުން ގެންދިޔަ މާލީ އެހީ އެއްކޮށް ކަނޑާލައްވާފައެވެ. އެހީ ކަނޑާލުމަށް މަގުފަހި ކުރުމުގެ ގޮތުން ޓްރަމްޕް، ޑަބްލިޔޫއެޗްއޯ ގެ މައްޗަށް ކުރެއްވި ތުހުމަތު ތަކުގެ ތެރޭގައި އެޖަމްއިއްޔާއިން ޗައިނާއަށް ތައުރީފް ކުރާކަމަށް ތުހުމަތު ކުރެއްވުމާއި ޗައިނާ ގެ ޕީއާރު ކުންފުންޏެއްގެ ގޮތުގައި މަސައްކަތް ކުރާކަމަށް ކުރެއްވި ތުހުމަތު ހިމެނެއެވެ. ޑަބްލިޔޫއެޗްއޯ އިންވަނީ ޓްރަމްޕްގެ ތުހުމަތުތައް ދޮގުކޮށް އެޖަމްއިއްޔާގެ މަސައްކަތްތައް ސިޔާސީ ކުރަން މަސައްކަތް ނުކުރުމަށް އެމެރިކާއަށް ގޮވާލާފައެވެ. ކޮވިޑް-19 އާ ގުޅިގެން ދުނިޔޭގެ ފަގީރުގައުމުތަކަށް ބޮޑެތި ޚަރަދުތަކެއް ކުރަން ޑަބްލިޔޫއެޗްއޯ އަށް ޖެހިފައިވާ މިދަނޑިވަޅުގައި އެމެރިކާއިން އެހީ ކަނޑާލުމުން އެމެރިކާގެ އިދިކޮޅު ފަރާތްތަކުންނާ އަދި ދުނިޔޭގެ ބައެއް ގައުމުތަކުންވަނީ އެމައްސަލާގައި ފާޑުކިޔާފައެވެ. މިއާއެކު ޗައިނާއާއި އިނގިރޭސިވިލާތުންވަނީ ޑަބްލިޔޫއެޗްއޯއަށް އިތުރު އެހީތައް ދީފައެވެ. އިތުރު އެހީގެ ގޮތުގައި އިނގިރޭސިވިލާތުން 68 މިލިޔަން ސްޓާލިންގް ޕައުންޑް ދިންއިރު ޗައިނާއިން އިތުރު 30 މިލިޔަން ޑޮލަރު ޑަބްލިޔޫއެޗްއޯއަށް ދީފައިވެއެވެ. (ފޮކްސް ނިއުސް + ނޫސްއެޖެންސީތައް)
ޑަބްލިޔޫއެޗްއޯ އަށް މާލީ އެހީގެ ބައެއް އަލުން ދިނުމަށް ޓްރަމްޕް ނިންމަވައިފި
ށ އަތޮޅާއި ނ އަތޮޅު އަދި ހއ. އަތޮޅުގެ ބައެއް ރަށްރަށަށް މީހުން ގޮވައިގެން ދަތުރުކުރި އަމާޒު ބޯޓުން މިމަހުގެ 15 ވަނަ ދުވަހު ދަތުރު ކުރި ފަރާތްތަކުން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އަށް ރިޕޯޓު ކުރަން އެދިއްޖެ އެވެ. އަމާޒު ބޯޓުގެ ކޭޕްޓަން އުމުރުން 49 އަހަރު (ކޭސް133) މިއަދު ވަނީ ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފައެވެ. މާލެ ލޮކްޑައުނަށް ދިޔުމުގެ ކުރިން އެ ބޯޓުން ވަނީ މާލެއި ފުރައިގެން ގޮސްފައެވެ. ދަރުބާރުގޭ، އެންއައިއޯސީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެޗްޕީއޭގެ ޑޮކްޓަރު އިބްރާޙިމް އަފްޒަލް ވިދާޅުވީ، މިމަހު 15 އަދި 16 ވަނަ ދުވަހު އެ ބޯޓުން 98 މީހަކު ދަތުރުކުރި ކަމަށެވެ. އަދި ބޯޓުގެ ކެޕްޓަންގެ ކޮންޓެކްޓް ޓްރޭސިން އިން 51 މީހަކު ދެނެގަނެވިފައިވާ ކަމަށް ޑރ. އަފްޒަލް ވިފާޅުވިއެވެ. އެ މީހުންގެ ތެރެއިން ފަސް މީހެއްގެ ފަރާތުން ވައިރަހުގެ އަލާމަތްތައް ފެންނަ ކަމަށްވެސް ޑރ. އަފްޒަލް ވިދާޅުވިއެވެ.މު "އެޕްރީލް 15 ވަނަ ދުވަހު 3:00 އިން [މާލެއިން] އަމާޒު ބޯޓުން ފުރި މީހުންގެ ތެރެއިން އަޅުގަނޑުމެންގެ ކޮންޓެކްޓް ޓްރޭސިންއަށް ނުުފެނިވެސް މީހުން ތިބޭނެ. އަޅުގަނޑުމެންގެ އެދުމެއް އެއީ އެމީހުން އެޗްޕީއޭގެ ހޮޓްލައިނަށް ގުޅައިގެން ކޮންޓެކްޓް ޓްރޭސިންއަށް އެ މައުލޫމަތު ދިނުން،" ޑރ. އަފްޒަލް ވިދާޅުވިއެވެ. "މި ކޭސްއާ ގުޅިގެން އިތުރު ކްލާސްޓާތަކެއް ފެނިދާނެ ކަމުގެ ބިރުއެބައޮތް. ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިހާރުވެސް ވަރަށް ގަދައަށް އެބަ ކުރިއަށްދޭ،" އަފްޒަލް ވިދާޅުވީ، މިހާތަނަށް ލިބުނު މައުލޫމަތުތަކުން 13 ރަށެެއްގައި އެ ބޯޓުން ދަތުރު ކުރި މީހުން އެބަތިބި ކަމަށެވެ. އެގޮތުން ނ. އަތޮޅުން ހަ ރަށަކާއި، ށ. އަތޮޅުން ހަތަރު ރަށަކާއި، ހއ. އިން ދެ ރަށް ހިމެނޭ ކަމަށް ޑރ. ވިދާޅުވިއެވެ. "މި ބޯޓުން ދަތުރުކޮށްފައިވާ ތަންތަނުގެ ލިސްޓަކީ، މިހާތަނަށް ލިބުނު މައުލޫމާތުން ނ. އަތޮޅުން، މާފަރު، ހެނބަދޫ، މިލަނދޫ، ވެލިދޫ، ކެދިކުޅުދޫ އަދި ހޮޅުދޫ. ށ އަތޮޅަށްވެސް މި ބޯޓު ދަތުރުކޮށްފައިވޭ. ށ. އަތޮޅުން މި ބޯޓުގައި ދަތުރު ކުރި މީހުން އެބަވޭ، ނަރުދޫ، ފުނަދޫ، ފީވައް، މިލަންދޫ، މާއުނގޫދޫ އަދި ހއ. ދިއްދޫ އާއި އުތީމުގައިވެސް [ބޯޓުން ދަތުރު ކުރި] މީހުން އެބެވޭ،" ޑރ. އަފްޒަލް ވިދާޅުވިއެވެ. މި ރަށްތައް މިހާރު ވަނީ އަރާފޭބުން މަނާކޮށް، މޮނީޓަރިންގެ ހާލަތައް ގެނެސްފައެވެ. މި 13 ރަށުގެ އިތުރުން އެހެން ކޭސްތަކާ ގުޅިގެން މިހާރުވެސް މާލެ ސިޓީއާއެކު އިތުރު އަށް ރަށަކަށް ވަނީ އަރާފޭބުން މަނާކޮށްފައެވެ. މިހާތަނަށް ރާއްޖެއިން ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދަކީ، 141 އެވެ. އޭގެ ތެރެއިން ވޭތުވެދިޔަ 24 ގަޑިއިރު، 12 މީހަކު ވަނީ ވައިރަހަށް ޕޮޒިޓިވްވެފައެވެ. ރާއްޖޭގައި ވައިރަހުން ރަނގަޅުވި މީހުންގެ އަދަދަކީ، 17 އެވެ. ނޯޓު: ރިޕޯޓު ކުރައްވަނީ ފޯނުން ނަމަ އެޗްޕީއޭގެ ހޮޓްލައިން 1678، އަދި އީމެލް އިން ނަމަ، heoc@health.gov.mv އެވެ. އަދި ރާއްޖޭގެ ރަށަކުންނަމަ އެރަށެއްގައި ހުންނަ ސިއްހީ ޚިދުމަތްދޭ ތަނަކަށް ވެސް އެންގިދާނެއެވެ.
އަމާޒު ބޯޓުން މިމަހު 15 ގައި ދަތުރުކުރި މީހުން ރިޕޯޓު ކުރަން އެދިއްޖެ
ދިރާގުން މޯލްޑިވްސް އެސޯސިއޭޝަން ފޮ ޓްރެވަލް އެޖަންޓްސް އެންޑް ޓުއަރ އޮޕަރޭޓަރސް (މަޓާޓޯ) އާއި ނެޝެނަލް ބޯޓިންގް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެން.ބީ.އޭ.އެމް) އިން ކާބޯތަކެތި ފޯރުކޮށްދޭ ޕްރޮގްރާމަށް އެހީތެރިކަން ފޯރުކޮށްދީފި އެވެ. ރޯދަމަސް ފެށުމުގެ ކުޑަ ދުވަސްކޮޅެއް ކުރިން ފެށި މި ޕްރޮގުރާމު، ރޯދަމަހުގެ އިތުރުން ފިތުރު އީދާއި ޝައްވާލު މަހުގެ ފުރަތަމަ 6 ދުވަހާ ހަމައަށް ކުރިއަށްދާނެ އެވެ. މަޓާޓޯ އާއި އެންބީއޭއެމްގެ މި ޕްރޮގުރާމު ބަލައިގަނެ، މި ކަމަށް އެއްބާރުލުންދޭން ދިރާގުން ނިންމި ސަބަބެއް ކަމަށް އެކުންފުނިން ބުނީ މިއީ މި ދަނޑިވަޅުގައި އިންސާނިއްޔަތަށްޓަކާ ކޮށްދޭ ނުހަނު އަގުހުރި މަސައްކަތަކަށް ވާތީ ކަމަށެވެ. މި ޕްރޮގުރާމްގެ ދަށުން ކަރަންޓީން އަދި ލޮކްޑައުންގެ ސަބަބުން މާލެ އަދި ހުޅުމާލޭގައި ވަގުތީ ހިޔާތަކުގައި ތިބި ދިވެހިންނާއި ބިދޭސީންނަށް ކާބޯތަކެތީގެ އެހީތެރިކަން ދަނީ ފޯރުކޮށްދެމުންނެވެ. މި ފަރާތްތައް މިހާރު ދިރިއުޅެމުންދަނީ މާލެ އަދި ހުޅުމާލޭގައި ސަރުކާރުން ހަމަޖައްސާފައިވާ ވަގުތީ ހިޔާތަކުގައިއެވެ. މިއަދާ ހަމައަށް މި ޕްރޮގުރާމްގެ ދަށުން 25000 އެއްހާ "މީލް ޕެކޭޖް" ވަނީ ހަދިޔާކޮށްފަ އެވެ ދިރާގުގެ އިތުރުން މާލޭ އެއިރޭޓަޑް ވޯޓާ ކޮމްޕެނީ އަދި މަންޓާ އެއާއަކީ ވެސް މި ޕްރޮގްރާމުގެ ބައިވެރިންނެވެ. ދިރާގުން ދަނީ ކޮވިޑް-19 އާ ގުޅިގެން ގައުމުގެ ހާލަތަށް ދިމާވާ ކަންތައްތައް ވަރަށް ގާތުން ބަލައި، މި ދަނޑިވަޅުގައި ސަރުކާތުގެ އިދާރާތަކާއި ޖަމިއްޔާ ޖަމާއަތްތަކަށާއި މުޅި މުޖުތަމައަށް އިތުރު ލުއިފަސޭހަތައް ފޯރުކޮށްދެވޭނެ ގޮތްތައް ބަލަމުންނެވެ. ކޮވިޑް-19 އާ ގުޅިގެން ދިރާގުން ކުރިއަށްގެންދާ ކަންތައްތަކުގެ އިތުރު މައުލޫމާތު ހޯދުމަށް ދިރާގުގެ ވެބްސައިޓުން ބަލައިލެވޭނެ އެވެ.
މަޓާޓޯއާއި އެންބީއޭއެމްގެ ފުޑް ސަޕޯޓް ޕްރޮގްރާމަށް ދިރާގުން އެހީވެއްޖެ
ޝީޝާގެ މުވައްޒަފުންނަށް ރޯދަ އިނާޔަތް ނުދޭން ކުރިން ނިންމައިފައި އޮތް ނަމަވެސް އެ ނިންމުމް މުރާޖާކޮށް ހުރިހާ މުވައްޒަފުންނަށް ރޯދަ އިނާޔަތް ދޭން އެ ކުންފުނިން ނިންމައިފިއެވެ. ސައިކަލް ވިޔަފާރީގައި ވަރަށް ކުރީގައި އުޅޭ ޝީޝާއިން މިއަދު ނެރުނު ބަޔާނުގައި ބުނީ ކުރިން ރޯދަ އިނާޔަތް ނުދޭން ނިންމި ނިންމުމަކީ އެންމެ ރަނގަޅު ނިންމުމެއް ނޫންކަމަށް ގަބޫލްކުރާ ކަމަށެވެ. އަދި އެކަމަށް މުވައްޒަފުންގެ ފަރާތުން މާފަށް އެދޭކަމަށްވެސް އެ ކުންފުނިން ބުންޏެވެ. ޝީޝާއިން ބުނީ ކޮވިޑްއާ ގުޅިގެން ވިޔަފާރިއަށް ވަރަށް ބޮޑަށް އަސަރުކުރުމުން މުވައްޒަފުންގެ މަސައްކަތުގެ ގަޑިތަކަށާއި އުޖޫރައަށް ބަދަލު ގެންނަން މަޖުބޫރު ވެފައިވާ ކަމަށެވެ. ޝީޝާއިން ބުނީ ކޮވިޑްއާ ގުޅިގެން މިދިޔަ މަހު މަސައްކަތުގެ ގަޑިތައް ވަރަށް ބޮޑަށް މަދުކުރިކަމުގައިވިޔަސް މިދިޔަ މަހުގެ މުސާރަ ހުރިހާ މުވައްޒަފުންނަށް ދޭނެކަން އެންގި ކަމަށެވެ. އޭގެ އިތުރުން އެ ކުންފުނީގައި މަސައްކަތް ކުރާ ބިދޭސީ މުވައްޒަފުން އެ މުވައްޒަފުން ގައުމަށް ދެވެންދެން ހުރުމާއި ކެއުމާއި ފެނާއި ކަރަންޓްއަށް ހަރަދު ދޭން ނިންމާފައިވާ ކަަމަށްވެސް ބުންޏެވެ.ޝީޝާއިން ބުނީ މިދިޔަ މަހު 21 އިން ފެށިގެން މަސައްކަތު ގަޑިތައް ވަރަށް ބޮޑަށް ކުޑަކުރިކަމަށާއި ގިނަ މުވައްޒަފުން އޭގެ ފަހުން އަދާކުރާނެ މާބޮޑު މަސްއޫލިއްޔަތެއް ނޯންނާނެ ކަމަށެވެ. އެކަމާ ގުޅިގެން އެފަދަ މުވައްޒަފުން މުސާރަ ނުލިބޭ ޗުއްޓީއަކަށް ފޮނުވަން ނިންމި ކަމަށާއި އަދި އާންމު ހާލަތަށް ރުޖޫއަވުމުން އެ މުވައްޒަފުންނަށް ކުރިގެ މަގާމަށް ރުޖޫއަވުމުގެ ފުރުސަތު އޮންނާނެ ކަމަށް ޝީޝާއިން ބުންޏެވެ.
ނިންމުން މުރާޖާކޮށް ހުރިހާ މުވައްޒަފުންނަށް ރޯދަ އިނާޔަތް ދޭން ޝީޝާއިން ނިންމައިފި
ކޮވިޑް19 ފެތުރިފައިވާ މިންވަރު ދެނެގަތުމަށް މިއަދު ކ. ހިންމަފުށީގައި ހުންނަ އައްސޭރި ޖަލުން ރޭންޑަމް ސާމްޕަލް ނަގަން ފަށައިފިއެވެ. މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނީ ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރާ ގުޅިގެން ޖަލު އޮފިސަރުންނާއި ގައިދީންގެ ރެންޑަމް ސާމްޕަލް ނަގާނެ ކަމަށެވެ. އައްސޭރި ޖަލުން ރެންޑަމް ސާމްޕަލް ނަގަން ފަށާފައި ވާއިރު، ހިންމަފުށީގައި ހުންނަ ޑްރަގް ރިހިބިލިޓޭޝަން ސެންޓަރު، ރިހެބުން ނެގި ރެންޑަމް ސާމްޕަލްތަކުގެ ތެރެއިން ތިން ސާމްޕަލެއް ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވް ވެފައެވެ. މީގެކުރިން މާފުށީ ޖަލުން ވެސް ވަނީ ރެންޑަމް ސާމްޕަލްތަކެއް ނަގައިފައެވެ. ގައިދީންނާ އޮފިސަރުން ހިމެނޭ ގޮތުން މާފުށީ ޖަލުން ނެގި 38 ސާމްޕަލް ވެސް ވަނީ ވައިރަހަށް ނެގެޓިވް ވެފައެވެ.
ހިންމަފުށީގައި ހުންނަ އައްސޭރި ޖަލުން ސާމްޕަލް ނަގަން ފަށައިފި
ކޮރޯނާވައިރަސް "ކޮވިޑް-19" އަށް ވެކްސިން އުފެއްދުމުގައި ދުނިޔޭގެ ގައުމުތަކުގެ މެދުގައި ބޮޑު ވާދަވެރިކަމެއް އުފެދިފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ. ބައިނަލްއަގްވާމީ ނޫސްއެޖެންސީތަކުން ޝާއިއުކޮށްފައިވާ މީޑިއާ ރިޕޯޓްތައް ބުނާގޮތުން އޭޝިއާއާއި ޔޫރަޕާއި އެފްރިކާގެ އެތައް ގައުމެއްގެ އިތުރުން އެމެރިކާއާއި އޮސްޓްރޭލިއާގެ ކުންފުނިތަކާއި ލެބޯޓްރީތަކުގެ މެދުގައި ވަނީ ކޮވިޑް-19 އަށް ވެކްސިން އެއް އުފެއްދުމުގެ ބޮޑު ވާދަވެރިކަމެއް އުފެދިފައެވެ. ވެކްސިން އެއް އުފައްދަން 25 ގައުމަކުން ވާދަކުރޭ މިގޮތުން ދުނިޔޭގެ 25 ގައުމަކުން ވެކްސިން އުފެއްދުމުގެ 100 އަށްވުރެ ގިނަ މަޝްރޫއު ކުރިޔަށް ގެންދާކަމަށާއި އޭގެތެރެއިން ކުރީގައި އުޅެނީ އިނގިރޭސިވިލާތް، ޖަރުމަނު، އެމެރިކާ، އަދި ޗައިނާގެ މަޝްރޫއުތައް ކަމަށް ރިޕޯޓްތައް ބުނެއެވެ. ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ ޑަބްލިޔޫއެޗްއޯ ބުނާގޮތުން އިނގިރޭސިވިލާތް، ޖަރުމަނު، އެމެރިކާ، އަދި ޗައިނާ އިން ގެންދަނީ ބައެއް ވެކްސިންތައް އުފައްދައި އޭގެ ކްލިނިކަލް ތަޖްރިބާތައްވެސް ކުރަމުންނެވެ. ކޮވިޑް-19 އަށް ބޭހެއް އުފެއްދުމަށްޓަކައި 115 ރީސާޗެއް ޔޫރަޕުން ކުރިޔަށް ގެންދޭ ޔޫރަޕިޔަން މެޑިސިން އެޖެންސީ (އީމާ) ބުނާގޮތުން އެއެޖެންސީގެ ސްޕަވިޝަންގެ ދަށުން ޔޫރަޕްގެ އިއްތިޙާދުގެ ގައުމުތަކުން ކޮވިޑް-19 އަށް ވެކްސިން އެއް އުފެއްދުމުގެ އިތުރުން ބޭހެއް އީޖާދު ކުރުމަށްޓަކައިވެސް 115 ރިސާޗެއް ކުރިޔަށް އެބަގެންދެއެވެ. ނަމަވެސް ބޭހެއް އުފެއްދޭނީ ކޮން ތާރީޚެއްގައިކަން ކަށަވަރުކޮށް ބުނާކަށް ނޭނގެއެވެ. މީގެއިތުރުންވެސް ކޮވިޑް-19 އަށް ބޭސް އުފެއްދުމަށްޓަަކައި އެމެރިކާ، ޗައިނާ، ކެނެޑާ އިނގިރޭސިވިލާތް ޖަޕާން އަދި އިންޑިއާއިންވެސް ރީސާޗްތައް ކުރިޔަށް އެބަގެންދެއެވެ. އޮސްކްފޯޑް ޔުނިވާސިޓީން އުފެއްދި ވެކްސިން ގެ ތަޖްރިބާގެ ނަތީޖާ ޖޫންމަހު ވެކްސިންތަކަށް ބަލާއިރު އިނގިރޭސިވިލާތުގެ އޮސްކްފޯޑް ޔުނިވާސިޓީން އީޖާދުކުރި ވެކްސިންވަނީ ކްލިނިކަލް ޓެސް ކުރުމަށްޓަކައި މީގެ 10 ވަރަކަށް ދުވަސްކުރިން އިންސާނުންގެ ގަޔަށް ޖަހާފައެވެ. ނަމަވެސް އެ ވެކްސިން ޖެހި ވޮލަންޓިއަރުންގެ ހަށިގަނޑުގައި ކޮވިޑް-19 އާ އިދިކޮޅު އެންޓިބޮޑީސް އުފެދޭނެކަން ނުވަތަ ނޫންކަން އެނގުމަށް ދޮޅުމަސް ނަގާނެކަމަށާއި ޖޫންމަހުގެ ފަހުކޮޅު ވާނުވާ އެނގޭނެކަމަށް އެ ޔުނިވާސިޓީން ބުނެއެވެ. ނަމަވެސް އެއަށްފަހުވެސް އެވެކްސިންއަށް އިތުރު ތަޖްރިބާތައް ކުރާނެއެވެ. ޗައިނާއިން ގިނަ ވެކްސިންތަކެއް އުފެއްދުމަށްފަހު ތަޖްރިބާ ކުރަނީ ޗައިނާގެ ނެޝަނަލް ހެލްތު ކޮމިޝަންގެ ޑެޕިއުޓީ ޑިރެކްޓަރު ޒެންގް ޔިޒިން ވިދާޅުވިގޮތުގައި އެގައުމުން އުފެއްދި ފަސް ވެކްސިނެއް އިންސާނުން ގެ ހަށިގަނޑަށް ޖަހައިގެން ޓެސްޓް ކުރުމުގެ މަރުހަލާވަނީ ފަށާފައެވެ. އެ ވެކްސިން ދިން 2،575 ވޮލަންޓިއަރުންގެ ހަށިގަނޑުން ކަންބޮޑުވާފަދަ ރިއެކްޝަނެއް ފެނިފައި ނުވާ ކަމަށާއި އެކަމުގެ ސަބަބުން އުންމީދު އާވެފައިވާ ކަމަށް ޒެންގް ޔިޒިން ވިދާޅުވިއެވެ. ޖުލައި މަހު އޭގެ ނަތީޖާ ލިބޭނެކަމަށް ވެސް ޒެންގް ޔިޒިން ވިދާޅުވިއެވެ. އެއަށްފަހު އޭގެ ދެވަނަ މަރުހަލާގެ ތަޖްރިބާ ފަށާނެކަމަށް އޭނާ ވިދާޅުވިއެވެ. މީގެއިތުރުންވެސް "ބެއިޖިން ސިނޯވެކް ބަޔޯޓެކް" ކުންފުނިން އުފެއްދި ވެކްސިންއެއް މިހަފްތާގައި ތަޖްރިބާ ކުރުމަށްޓަކައި އިންސާނުންގެ ގަޔަށް ޖަހާނެކަމަށް ޔިޒިން ވިދާޅުވިއެވެ. ބެއިޖިންގެ ސިނޯވެކް ބަޔޯޓެކް އަކީ ޗައިނާގައި ބޭހާއި ވެކްސިން އުފައްދާ އެންމެ މަޝްހޫރު ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ކުންފުންޏެކެވެ. (ނޫސްއެޖެންސީތައް)
ކޮވިޑް-19 އަށް ވެކްސިން އުފެއްދުމުގައި ގައުމުތަކުގެ މެދުގައި ބޮޑު ވާދަވެރިކަމެއް
ރާއްޖެއިން ކޮރޯނާވައިރަސް، ކޮވިޑް-19 އަށް އިތުރު ހަތަރު މީހަކު ޕޮޒިޓިވްވެއްޖެ އެވެ. އެޗްޕީއޭއިން މިރޭ ހާމަކުރި ގޮތުގައި މިފަހަރު ޕޮޒިޓިވްވީ އިންޑިއާގެ ދެ މީހަކާއި ލަންކާ މީހެއް އަދި ދިވެއްސެއް ކަމަށެވެ. އެއާ އެކު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު މި ވަނީ، 141 އަށް އަރައިފަ އެވެ. މިއަދު މާލެއިން ވަނީ ކޮރޯނާ ޖެހިފައިވާ އަށް ދިވެއްސަކުވެސް ފެނިފައެވެ. އޭގެ އިތުރުން ށ. ނަރުދޫން މާލެ ދަތުރުކުރާ ބޯޓުގެ ކެޕްޓަންވެސް ވަނީ ކޮވިޑްއަސް ޕޮޒިޓިވްވެފައެވެ. ދިވެހިންގެ އިތުރުން ބަންގްލަދޭޝްގެ ގިނަ އަދަދެއްގެ މީހުންވެސް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެއެވެ. މާލެއިން ކޮރޯނާއަށް އެންމެ ފުރަތަމަ މީހަކު ޕޮޒިޓިވްވީ މިމަހުގެ 15 ވަނަ ދުވަހު ދިވެއްސެކެވެ. އޭގެ ފަހުން ހުއްޓުމެއް ނެތި ކޮރޯނާ ވައިރަސް މާލޭގައި ދަނީ ފެތުރެމުންނެވެ. ކޮރޯނާ ވައިރަސް މާލެއިން ފެނުނު ދުވަހުން ފެށިގެން މާލެ ވަނީ ލޮކްޑައުންއަކަށް ގެންގޮސްފައެވެ. 14 ދުވަހަށް ފަހުން ލޮކްޑައުން ކުރި ނަމަވެސް އޭގެ ފަހުންވެސް ލޮކްޑައުންއަކަށް ދާން ޖެހިދާނެ ކަމުގެ އިޝާރާތެއް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިއަދު ވަނީ ދެއްވައިފައެވެ. ކޮރޯނާ ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް 17 މީހަކު ވަނީ ރަނގަޅުވެސްވެފައެވެ.
ކޮވިޑް ޖެހިފައިވާ އިތުރު 4 މީހަކު ފެނިއްޖެ، އަދަދު 141 އަށް އަރައިފި
އުރީދޫ މޯލްޑިވްސްގެ އީ-ކޮމާރސް ޕްލެޓްފޯރމް، މޫލީގައި ވަނީ "އީދު ހަދިޔާ" ގެ ނަމުގައި ހާއްސަ އޮފާއެއް ތައާރަފްކޮށްފި އެވެ. އީދަށް ހާއްސަކޮށް ތައާރަފް ކުރި މި އައު ކެޓެގަރީ މެދުވެރިކޮށް މާލެ އާއި ހުޅުމާލޭގައި ދިރިއުޅޭ އާއިލާ އާއި ރައްޓެހިންނަށް އީދު ހަދިޔާ ފޮނުވާލެވޭނެއެވެ. ހަދިޔާތަކުގެ ތެރެއިން، ގިނަ ބަޔެއްގެ މަގުބޫލުކަން ހޯދައިފައިވާ ދަ ސްޕޭސްގެ އާދަޔާހިލާފު މީރު ރަހަތަކުން ތައްޔާރުކޮށްފައިވާ "ވެރީ ފަޖް ސްޕޭސް ބްރައުނީޒް"، "ކެރަޓް ކަޕްކޭކްސް" އަދި "ހައިބިސްކަސް ކޭކް"ގެ އިތުރުން ބްރޭންޑްލޫމް، އަލޯރާ، މަލްޑައިސް، ވީސްޓޯރ އަދި ލިންކް ސާވްއިން ވިއްކާ ގެއަށް ބޭނުންވާ ސާމާނުގެ އިތުން 'ތަކެތި' ފޮތް ވެސް ހިމެނެ އެވެ. ޢީދު ހަދިޔާ ފޮނުވުމަށް އުރީދޫ އެޕް މެދުވެރިކޮށް ޝޮޕްއަށް ޒިޔާރަތް ކުރުމަށްފަހު ކެޓެގަރީތަކުގެ ތެރެއިން އީދު ހަދިޔާ ހިޔާރުކުރާށެވެ. އަދި ބޭނުންވާ ހަދިޔާ ހިޔާރުކުރުމަށްފަހު ކާޓްއަށް ގޮސް ޗެކްއައުޓް ކުރާށެވެ. ހަދިޔާ ފޮނުވަން ބޭނުންވާ އެޑްރެސް، ޑެލިވަރީ އެޑްރެސްގައި ޖަހައި، އޯޑަރު ކަށަވަރު ކުރުމަށްޓަކައި ޕޭމަންޓް ކޮންފާމް ކުރުމުން ނިމުނީ އެވެ. މޫލީ މެދުވެރިކޮށް ޢީދު ހަދިޔާއަށް އޯޑަރުކޮށް ހަދިޔާ ލިބޭ ފަރާތުގެ ދޮރާހަމައަށް އެއް ދުވަސް ތެރޭގައި ގެންގޮސްދެވޭނެ އެވެ. ޢީދު ހަދިޔާ ޕެކޭޖްގައި ހަދިޔާއަށް ގަތް އައިޓަމްގެ އިތުރުން އީދު ތަހުނިޔާ ކާޑަކާއެކު މޫލީގެ ސްޓިކާއެއް ހިމެނޭނެ އެވެ. މޫލީގެ ޕާޓްނަރުންނާއެކު މޫލީ ޓީމުން މަސައްކަތް ކުރަމުންދަނީ ޑެލިވަރީ ޓީމް އަދި ކަސްޓަމަރުންގެ ރައްކާތެރިކަމަށް އެންމެ އިސްކަމެއްދީގެން، އެޗް.ޕީ.އޭ ގެ އިރުޝާދުތަކާއި އެއްގޮތަށް ކަމަށް އުރީދޫއިން ބުނެ އެވެ. މީގެ އިތުރުން މޫލީ މެދުވެރިކޮށް އީދު ހަދިޔާ ލިބޭ ފަރާތްތަކަށް ލަކީ ޑްރޯއެއްގައި ބައިވެރިވެ، ނަސީބުވެރި ފަރާތަކަށް ސެމްސަންގް ގެލެކްސީ ބަޑްސް+ އެއް ހޯދުމުގެ ފުރުސަތުވެސްވަނީ ހުޅުވާލާފަ އެވެ. ހަދިޔާ ލިބޭފަރާތުން މޫލީގެ ފޭސްބުކް ޕޭޖްއަށް ލައިކް ކުރައްވުމަށްފަހު، ހަދިޔާގެ ފޮޓޯއެއް EidHadhiyaa #DeliveredByMoolee# ޖެހުމަށްފަހު 30 މެއިގެ 23:59 ގެ ކުރިން މޫލީ ފޭސްބުކް ޕޭޖަށް ޕޯސްޓް ކުރުމުން ލަކީ ޑްރޯގައި ބައިވެރިވެވޭނެ އެވެ. ރާއްޖޭގެ ކޮންމެ ނެޓްވޯކްއަކުންވެސް މޫލީ މެދުވެރިކޮށް އީދު ހަދިޔާ ފޮނުވުމަށް މޫލީއިން މަރުހަބާ ކިޔަ އެވެ.
އުރީދޫ މޫލީ މެދުވެރިކޮށް އީދު ހަދިޔާ ފޮނުވުމުގެ ފުރުސަތު
ސަރުކާރުން މަސައްކަތް ކުރަނީ ކޮވިޑް19 އާ ގުޅިގެން ކުރާ ހުރިހާ ހޭދައެއް ވެސް ވީހާވެސް ދެފުށް ފެންނަ ގޮތަކަށް ކުރިއަށް ގެންދަން ކަމަށާއި، އެހެންކަމުން މިހާތަނަށް ކުރެވިފައިވާ ހަރަދުތަކުގެ ހާއްސަ އޮޑިޓެއް ކުރަމުން އަންނަ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ. މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވީ ކޮވިޑް19 އާ ގުޅިގެން ކުރެވޭ ހަރަދުތަކުގެ ހާއްސަ އޮޑިޓެއް ކުރުމަށްޓަކައި މިދިޔަ މަހުގެ 12 ވަނަ ދުވަހު އެދިވަޑައިގެންފައި ވާނެ ކަމަށާއި، އަދ މިހާރު ސްޓޭޓް އިންޓާނަލް އޮޑިޓު ކޮމިޓީން އެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ކުރިއަށް އޮތް ހަފްތާގެ ތެރޭގައި އެ މަސައްކަތް މުޅިން ނިންމާލެވޭނެ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ އޮޑިޓުގައި ބަލާނީ މިނިސްޓްރީ އޮފް ހެލްތު، މިނިސްޓްރީ އޮފް ޑިފެންސް، އިމިގްރޭޝަން، އެންޑީއެމްއޭ، ޕޮލިސް، ޓޫރިޒަމް މިނިސްޓްރީ، ފޮރިން މިނިސްޓްރީ، ޕްލޭނިން މިނިސްޓްރީ، އަދި ޖެންޑާ މިނިސްޓްރީން ކުރަމުން އަންނަ ހަރަދުތައް ކަމަށެވެ. މީގެ އިތުރުން ކޮވިޑަށް ކުރާ ހަރަދުގެ ބޮޑު ބައެއް އެސްޓީއޯ މެދުވެރިކޮށް ކަމަށް ވާތީ، ސްޓޭޓް އިންޓާނަލް އޮޑިޓުންއެސްޓީއޯގެ ހާއްސަ އޮޑިޓެއް ކުރުމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުގައި އެދިފައިވާނެ ކަމަށެވެ. މީގެ އިތުރުން ޕީސީބީ މެދުވެރިކޮށް، އެސްޓީއޯގެ އިންޓާނަލް އޮޑިޓުން ވެސް ޕްރޮސެސް ހިނގަނީ ރަނގަޅަށްތޯ ބަލަން އަންގާފައިވާނެ ކަމަށެވެ. މިހާތަނަށް ކޮވިޑް19 އާ ގުޅިގެން 814 މިލިއަން ރުފިޔާ ހަރަދުކޮށްފައި ވާއިރު، އޭގެ ގާތްގަނޑަކަށް 72 ޕަސެންޓު ހަރަދުކޮށްފައި ވަނީ އެސްޓީއޯ މެދުވެރިކޮށް ކަމަށް މިނިސްޓަރު މިއަދު ވަނީ ވިދާޅުވެފައެވެ. "މިކަންތައްތައް މި ކުރެވެނީ އަޅުގަނޑުމެންނަށް ވީހާވެސް ރަނގަޅަށް ކަންކަން ކުރުމަށްޓަކައި. އޭގެ ތެރޭގައި އެއްވެސް ލީކެއް، އެއްވެސް ރަނގަޅު ކުރަންޖެހޭ ކަންތައްތަކެއް ހުރި ނަމަ ވީހާވެސް އަވަހަކަށް އެކަންތައްތައް ފާހަގަކޮށް އެ ޕްރޮސެސް ވީހާވެސް ހަރުދަނާ ކުރުމަށްޓަކައި،" މިނިސްޓަރު ވިދާޅުވިއެވެ. މިހާރުވެސް ފިނޭންސް މިނިސްޓްރީން އަންނަނީ ވީކްލީ ކޮވިޑް19 ސްޕެންޑިން ރިޕޯޓު ޝާއިއުކުރަމުންނެވެ. މިނިސްޓަރު ވިދާޅުވީ އެ ރިޕޯޓުތަކުގައި ވެސް ހުރިހާ މިނިސްޓްރީތަކުން ކުރެވޭ ހަރަދުތައް ތަފްސީލުކޮށް ފެންނަން ހުންނާނެ ކަމަށެވެ. މީގެ އިތުރަށް ޓްރާންސެކްޝަންތަކުގެ ތަފްސީލާއި ވެންޑަރުންގެ ތަފްސީލުތައް ވެސް މީޑިއާއިން އެނގެން ބޭނުންވާނެ ކަމަށާއި އެހެން ނަމަވެސް އެ ތަފްސީލުތައް ޕަބްލިޝް ކުރުމުގެ ވިސްނުން އަދި ނެތް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. "އެހެން ނަމަވެސް އަޅުގަނޑުމެންގެ ސިސްޓަމަށް ރާއްޖޭގެ މުއައްސަސާތަކަށް އެކްސެސް ދެވިފައި ވާނީ. އޭގެ ތެރޭގައި އޭސީސީ އަދި އެހެނިހެން މުއައްސަސާތަަކަށް ވެސް އަޅުގަނޑުމެންގެ ސިސްޓަމަށް ވަދެ ތަފްސީލު ހޯދޭނެ ގޮތަށް އަޅުގަނޑުމެން ވާނީ މަގުފަހިކޮށްދީފަ،" މިނިސްޓަރު ވިދާޅުވިއެވެ. ހަރަދުތަކުގެ އޮޑިޓެއް ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އިރު، ކޮވިޑް19 އިން އަރައިގަތުމަށް ދައުލަތުން ކުރާ ހަރަދުތަކާއި، އެހީގެ ގޮތުގައި ލިބޭ ފައިސާ ހަރަދުކުރާގޮތުގެ ފައިނޭންޝަލް އޮޑިޓެއް ހެދުމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވަނީ ހުށަހަޅުއްވައިފައެވެ. ކޮވިޑަށް ކުރާ ހަރަދުތައް އޮޑިޓު ކުރަން އީވާ ހުށަހެޅުއްވީ ރޯގާއާ ގުޅިގެން ރާއްޖޭގެ އިގްތިސޯދަށާއި ދައުލަތުގެ މާލިއްޔަތަށް ކުރާނެ އަސަރާއި އަދި މި ރޯގާ ފެތުރުނަ ނުދިނުމަށް އަޅާ ފިޔަވަޅުތަކުގެ ސަބަބުން އާއިލާތަކާއި ވިޔަފާރިތަކުގެ އާމްދަނީއަށް އަންނަ ނުރަނގަޅު ބަދަލުތަކުން އަރައިގަތުމަށް ސަރުކާރުން ހިންގުމަށް ނިންމާފައިވާ ޕްރޮގްރާމް ތަންފީޒުކުރުމާމެދު ރައްޔިތުންގެ މަޖިލީހުން ދެކޭގޮތް ކަނޑައެޅުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން މާލިއްޔަތު ކޮމިޓީން ދިރާސާކޮށް ނިންމި ރިޕޯޓަށެވެ. އީވާ ހުށަހަޅުއްވާފައި ވަނީ މިހާރު ސަރުުކާރުން ތައާރަފްކޮށްފައިވާ އިގްތިސޯދީ ޕެކޭޖާއި، މި ހާލަތުގައި ދައުލަތް ހިންގުމަށާއި، އެހީގެ ގޮތުގައި ލިބޭ ފައިސާ އާއި ދަރަނީގެ ފައިނޭންޝަލް އޮޑިޓެއް، ކޮންމެ ކުއާޓަރެއްގައި ހެދުމަށެވެ. އަދި އެ ހަރަދުތައް ކުރަނީ މާލިއްޔަތު ގަވާއިދާ އެއްގޮތަށްތޯ ބެލުމަށާއިި، ގާނޫނާ ހިލާފުވާނަމަ ހަރަދުތަކުގެ ރިޕޯޓެއް ތައްޔާރު ކުރުމަށް ވެސް އިސްލާހުގައިވެއެވެ. އީވާ ވިދާޅުވެފައި ވަނީ ކާރިސާއެއްގެ ވަގުތުގައި ހާއްސަ އަހައްމިޔަތެއް ދީގެން ވަގުތުން އޮޑިޓު ކުރުމަކީ ބައިނަލްއަގުވާމީ އޮޑިޓު ނިޒާމުގައި ބާރުއަޅާ ކަމެއް ކަމަށެވެ. އަދި ދައުލަތުގެ އާމްދަނީ އާއި ހިލޭ އެހީ އަދި މިލްކިއްޔާތާއި ދަރަނި އޮޑިޓް ކުރުމަކީ ގާނޫނު އަސާސީ އާއި އޮޑިޓް ގާނޫނުން އޮޑިޓާ ޖެނެރަލަށް ލާޒިމް ކުރާ ކަމަކަށް ވާއިިރު، ކޮވިޑް-19 އާ ގުޅިގެން ދައުލަތުގެ އެންމެހާ މުއައްސަސާތަކުން ކޮންމެ ކުއާޓަރެއްގައި ކުރާ ހަރަދުތަކާއި ހިލޭ އެހީ އާއި ދަރަނީގެ މާލީ ރިޕޯޓްތަކުގެ އޮޑިޓުކޮށް ކޮންމެ ކުއާޓަރެއް ނިމޭތާ އެއްމަސް ދުވަހުގެ ތެރޭގައި ނިންމަން އޮޑިޓާ ޖެނެރަލަށް އަންގަން ވަނީ ހުށަހަޅުއްވައިފައެވެ.
ކޮވިޑް19 ގެ ހަރަދުތަކުގެ ހާއްސަ އޮޑިޓެއް ކުރަން ނިންމައިފި
މިހާރު ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން އިއުލާނުކޮށްފައިވާ ސިއްހީ ކުއްލި ނުރައްކާ ހާލަތާއެކު، ރާއްޖޭގައި ފުރަތަމަ ފަހަރަށް ވާޗުއަލްކޮށް ކެބިނެޓް މެމްބަރުންގެ ބައްދަލުވުމެއް މިއަދު ކުރިއަށް ގެންގޮސްފި އެވެ. ކޮވިޑް-19 އާ ގުޅިގެން މުޅި މާލެ ފުރަބަންދުކޮށްފައިވާ އިރު، އެކަމާ ގުޅިގެން ސަރުކާރުގެ ގިނަ މަސައްކަތްތަކެއް ވަނީ އޮންލައިންކޮށް ފޯރުކޮށްދޭން ފަށައިފަ އެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިސްކޮށް ހުންނަވައި މިއަދު ކުރިއަށް ގެންދެވި ކެބިނެޓް ބައްދަލުވުމުގައި ކޮވިޑް-19ގެ ހާލަތާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފަ އެވެ. އަދި އެ ވައިރަސް ކޮންޓްރޯލުކުރުމަށްޓަކައި އަޅަމުން ގެންދާ ފިޔަވަޅުތަކާ ގުޅޭގޮތުންވެސް އެ ބައްދަލުވުމުގައި ވަނީ މިއަދު މަޝްވަރާކުރައްވާފަ އެވެ. ރައީސް ސޯލިހު މިއަދު ކެބިނެޓް ބައްދަލުވުން ޗެއާކުރައްވަނީ. އެކަމާ ގުޅޭގޮތުން މިއަދު ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވައިރަސްގެ މި ހާލަތުގައި ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ހުރިހާ މުއައްސަސާއެއް އެކުވެގެން ކަމަށެވެެ. އަދި ކުރިއަށް އޮތްތަނުގައި އެ މަސައްކަތް ކުރާނީވެސް އެއްކޮށް ކަމުގައި އޭނާ ވިދާޅުވި އެވެ. މިއަދުގެ ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ ސިސްކޯ ވެބްއެކްސް ޕްލެޓްފޯމް ބޭނުންކޮށްގެނެވެ. ކޮވިޑް-19އާ ގުޅިގެން ސަރުކާރުން ކުރަމުންދާ ބައެއް މަސައްކަތްތައް ވަނީ އޮންލައިންކޮށް ފޯރުކޮށްދޭން ފަށާފަ އެވެ. އަދި ވައިރަސްގެ ހާލަތާ ގުޅިގެން އާންމުންނަށް މައުލޫމާތު ހިއްސާކުރުމަށް ސަރުކާރުން ބާއްވަމުން ގެންދާ ސިލްސިލާ ނޫސްވެރިންގެ ބައްދަލުވުންވެސް ވަނީ ވާޗުއަލްކޮށްފަ އެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް ކެބިނެޓް ބައްދަލުވުމެއް ވާޗުއަލްކޮށް ބާއްވައިފި
ރާއްޖެއިން 701 ބިދޭސީ އަކަށް ފުރުމުގެ ހުއްދަ ދީފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ. ކޮރޯނާވައިރަހުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކުން ގިނަ ގައުމުތަކުގެ ބޯޑަރު ބަންދުކުރުމާ ގުޅިގެން ރާއްޖޭގައި ތިބި އެހެން ގައުމުތަކުގެ ބައެއް ރައްޔިތުންވެސް އަމިއްލަ ގައުމަށް ދާން ބޭނުންވެ، ތިބީ ތާށިވެފައެވެ. އިމިގްރޭޝަނުން މިއަދު ކުރި ޓްވީޓެއްގައި ބުނީ، ރާއްޖޭގައި މަސައްކަތް ކުރަމުންދިޔަ 701 ބިދޭސީ އަކު އެމީހުންގެ އަމިއްލަ ގައުމަށް ދިޔުމަށް، ފުރުމުގެ ހުއްދަ މިހާރު ދީފައިވާ ކަމަށެވެ. އެމީހުން އިއްޔެއާއި މިއަދު ޝެޑިއުލްކޮށްފައިވާ އެވަކުއޭޝަން ފްލައިޓުތަކުގައި ފުރައިގެން ދިޔައީ، އިޓަލީ، އިންޑޮނޭޝިއާ އަދި ފިލިޕިންސްއަށް ކަމަށް އިމިގްރޭޝަނުން ބުނެއެވެ. "މި މީހުންގެ ތެރޭގައި ގިނައީ، ރާއްޖޭގައި މަސައްކަތް ކުރަމުންދިޔަ ބިދޭސީ މަސައްކަތްތެރިން،" އިމިގްރޭޝަން އިން ބުންޏެވެ. މީގެ ކުރިންވެސް މިގޮތަށް ރާއްޖޭގައި ތިބި ފަތުރުވެރިންނާއި ބިދޭސީ މަސައްކަތްތެރިން ގެންދިޔުމަށް އެގައުމުތަކުން ވަނީ ހާއްސަ ފްލައިޓުތަކެއް ބާއްވާފައެވެ. ރާއްޖޭގައި ކޮރޯނާވައިރަސްގެ ނުރައްކާ މާލޭގައި ފެތުރިފައިވާ އިރު، ކުރިއަށް އޮތް ދުވަސްތަުގައި ރާއްޖޭގައި ތިބި އެހެން ގައުމުތަކުގެ އިތުރު ރައްޔިތުންތަކެއް މިގޮތަށް ދިޔުމުގެ ފުރުސަތު އެބައޮތެވެ. ރާއްޖެއިން މިހާތަނަށް ކޮރޯނާ ވައިރަހުގެ 137 ކޭސް ވަނީ ފެނިފައެވެ. އޭގެ ތެރެއިން ވެރިރަށް މާލެއިން މިހާތަނަށް 100 އަށް ވުރެ ގިނަ ކޭސް ވަނީ ފެނިިފައެވެ.
701 ބިދޭސީންނަށް ފުރުމުގެ ހުއްދަ ދީފި
ފްރީލޭންސަރުންނަށް އެސްއެމްއީ ޑިވޮލޮޕްމެންޓް ކޯޕަރޭޝަން މެދުވެރިކޮށް ދޫކުރަން ނިންމި ލޯނު 30،000 ރުފިޔާއާ ހަމައަށް ނެގޭ ގޮތަށް ބޮޑުކޮށްފި އެވެ. ސަރުކާރުގެ އިކޮނޮމިކް ރިލީފް ޕެކޭޖުގެ ދަށުން ވިޔަފާރިއެއްގެ ގޮތުގައި ރަޖިސްޓްރީ ނުކޮށް އަމިއްލަ މަސައްކަތް ނުވަތަ ފްރީލާންސްކޮށް މަސައްކަތް ކުރާފަރާތްތަކަށް ލޯނުގެ ގޮތުގައި ގިނަވެގެން ދޫކުރަން އެންމެ ފުރަތަމަ ނިންމީ 18،000 ރުފިޔާއެވެ. ނަމަވެސް، އެކަމާ ގުޅިގެން ފްރީލޭންސަރުން ކަންބޮޑުވުން ފާޅު ކުރުމުން އެ އަދަދު ބޮޑު ކުރަން މަސައްކަތް ކުރައްވަމުންދާ ކަމަށް މީގެ ކުރިން އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވަނީ ވިދާޅުވެފައެވެ. މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ، ފްރީލޭންސަރުންނަށް ދޫކުރަން ނިންމާފައިވާ ލޯނުގެ އަދަދު ބޮޑު ކުރަން ނިންމާފައިވާކަން އިއުލާނުކުރައްވައިފައެވެ. "އެސްއެމްއީ ފައިނޭންސް ކޯޕަރޭޝަނުން މީގެ ކުރިން ކުދި ވިޔަފާރިތަކަށް ދޭން ނިންމި 18،000 ރުފިޔާގެ ލޯނު 30،000 ރުފިޔާއަށް އިތުރު ކުރުމަށް ވަނީ ނިންމާފައި. މީގެ ސަބަބުން ވިޔަފާރިތަކަށް ކުރިއަށް ވުރެ ފަހި ފުރުސަތުތަކެއް ލިބޭނެ ކަމަށް ގަބޫލު ކުރެވޭ،" އަމީރު ވިދާޅުވިއެވެ. ފްރީލޭންސަރުންގެ ގޮތުގައި ބަލަނީ ވޭތުވެ ދިޔަ 12 މަހުގެ ތެރެއިން ހަ މަސް ދުވަހު މަސައްކަތްކޮށް އާމްދަނީއެއް ލިބިފައިވާނަމަ އެވެ.
ފްރީލޭންސަރުންނަށް ދޭ ލޯނު 30،000އަށް ބޮޑުކޮށްފި
މިދިޔަ އަހަރު އޮކްޓޯބަރު ނޮވެމްބަރު މަހު ހެދި އޯ ލެވެލް އިމްތިހާންގެ ނަތީޖާގެ ސެޓްފިކެޓް ނުލިބޭތީއާއެކު، ކުރިން ދޫކޮށްފައިވާ ނަތީޖާ ހިމެނޭ ޓްރާންސްކުްރިޕްޓް މަތީ ތައުލީމުގެ ފުރުސަތުތަކަށް ބޭނުންކުރަން އިލްތިމާސްކޮށްފި އެވެ. އެޑިއުކޭޝަން މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ބުނީ އޯ ލެވެލް އަދި އޭ ލެވެލް އިމްތިހާންގެ ސެޓްފިކްޓްތަކަކީ ޔުނިވާސިޓީން ޕްރިންޓްކޮށް ސީލް ޖަހައިގެން ފޮނުވާ ލިޔުންތަކެއް ކަމަށެވެެ. އަދި އެ ސެޓްފިކެޓްތައް ޕްރިންޓްކުރަނީ ރީޗެކް މަރުހަލާތައް ނިމި ނަތީޖާ ކަށަވަރުކުރުވުމުން ކަމަށެވެެ ނަމަވެސް އެ މަރުހަލާ ނިމުނުއިރު ކޮވިޑް-19 އާ ގުޅިގެން އިނގިރޭސިވިލާތާއި އެހެނިހެން ގައުމުތަކުގެ އެއާޕޯޓްތައް ބަންދުކޮށްފައިވާތީ ރާއްޖެއާ ހަމައަށް އަދި ސެޓްފިކެޓްތައް ނުގެނެވޭކަމަށް މިނިސްޓްރީން ބުންޏެވެ. މިނިސްޓްރީން ބުނީ އެ ސެޓްފިކެޓްތައް ގެނެވުނުހާ އަވަހަކަށް ދަރިވަރުންނަށް ދޫކުރާނެ ކަމަށެވެ. " ސެޓްފިކެޓަށް އެދުމުގެ ކުރިން މަތީ ތައުލީމުގެ ފުރުސަތަށް ހުށަހަޅަން ބޭނުންވެއްޖެނަމަ މިހާރު ދޫކޮށްފައިވާ ނަތީޖާ ޓްރާންސްކްރިޕްޓް ބޭނުންކުރެވިދާނެ ވާހަކަ ދަންނަވަމެވެެ. އަދި ނަތީޖާގެ ޔަގީންކަން ކަށަވަރުކުރުމަށް އިތުރު ލިޔުމެއް ބޭނުންވާނަމަ ޑީޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަނަށްވެސް އެކަމަށް އެދި ހުށަހެޅުމުން އެފަދަ ލިޔުމެއް ލިބުމުގެ އިންތިޒާމް ހަމަޖެހިފައިވާ ވާހަކަ ދެންނެވީމެވެ." މިނިސްޓްރީގެ ބަޔާނުގައި ވެއެވެ. އެގޮތުން ޕަބްލިކް އެގްޒެމިނޭޝަނަށް ލިޔުން ހޯދަން ހުށަހަޅާއިރު މެއިލް ކުރަން ޖެހެނީ examofficer@dpe.edu.mv އަށެެވެ.
އޯލެވެލް ސެޓްފިކެޓް ލިބެންދެން ޓްރާންސްކްރިޕްޓް ބޭނުން ކުރެވޭނެ: އެޑިއުކޭޝަން
ކޮވިޑް-19 ޖެހިގެން ރަނގަޅުވާ މީހުންނަށް އިމިއުނިޓީ ޕާސްޕޯޓް ދޫކުރަން ފަށައިފިނަމަ ވައިރަސް މާބޮޑަށް ފެތުރޭނެކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ، ޑަބްލިއުއެޗްއޯއިން ބުނެފިއެވެ. ޑަބްލިއުއެޗްއޯއިން ބުނީ ކޮވިޑްއިން ރަނގަޅުވުމަށް ފަހު ހަށިގަނޑުގައި އުފެދޭ އެންޓިބޮޑީގެ ސަބަބުން ދެވަނަ ފަހަރު ބަލިނުޖެހޭނެކަމުގެ ޔަގީންކަން ނެތް ކަމަށެވެ. އަދި ކުރިން ބަލި ޖެހިފައި ތިބި މީހުން ރައްކާތެރިކަމުގެ ފިޔަވަޅު ނާޅާފާނެކަމުގެ ބިރު އެބައޮތް ކަމަށްވެސް ބުނެފައިވެއެވެ. އެއާއެކު ބަލި ފެތުރޭ މިންވަރު އިތުރުވާނެކަަމަށް ވަނީ ބުނެފައެވެ. މިހާތަނަށް ހެދި ދިރާސާތަކުގައި ބުނީ ކޮރޯނާއިން ރަަނގަޅުވާ ގިނަ މީހުންގެ ގައިގައި އެންޓިބޮޑީސް ހުންނަ ކަމަށާއި ނަމަވެސް ބައެއް މީހުންގެ ގައިގައި ވަރަށް މަދުން އެންޓިބޮޑީސް ހުންނަކަން ފާހަގަކުރެވިފައިވާ ކަމަށެވެ. މިދިޔަ ހަފްތާގައި ޗިލީއިން ބުނީ ބަލިން ރަނގަޅުވާ މީހުންނަށް "ހެލްތު ޕާސްޕޯޓް" ދޫކުރަން ނިންމާފައިވާ ކަމަށެވެ. އެގޮތުން ބަލިން ރަނގަޅުވެފައިވާ މީހުންގެ އެންޓިބޮޑީސް ބެލުމަށް ފަހު ބަލި މީހުންނަށް ވަޒީފާތަކަށް ދެވޭނެ ކަމަށް އެގައުމުން ބުންޏެވެ. ޗިލީއިން އެގޮތަށް އަމަލުކުރަން ނިންމިޔަސް ބެލްޖިއަމްއިން ވަނީ އެގޮތަށް އަމަލުކުރަން ދެކޮޅު ހަދައިފައެވެ. ކޮރޯނާ ޖެހިގެން ބެލްޖިއަމްއިން ގިނަ ބަޔަކު މަރުވިއިރު އެގަމުން މިހާރު ނިންމާފައިވަނީ އަންނަ މަހު 11 އިން ފެށިގެން މަޑުމަޑުން ލޮކްޑައުންއަށް ލުޔެއް ދޭށެވެ. މުޅި ދުނިޔެއިން 2.8 މިލިއަން މީހުންނަށް ކޮރޯނާ ޖެހިފައިވާއިރު 200،000 އެއްހާ މީހުން ވަނީ މަރުވެސްވެފައެވެ. (ބީބީސީ)
ކޮރޯނާ ވައިރަސް: އިމިއުނިޓީ ޕާސްޕޯޓް ދޫކުރަން ފަށައިފިނިމަ މާބޮޑަށް ވައިރަސް ފެތުރިދާނެ
މިވަގުތަށް ދައުލަތުން ކުރަން ޖެހޭ ހަރަދުތައް ކުރުމަށް ފައިސާ އެބަހުރި ކަމަށާއި މިވަގުތުގެ ރަދުތަކަށް ފައިނޭންސް ކުރުމަށް ދަތިތަކެއް ނެތް ކަމަށް ފިނޭންސް މިނިސްޓްރީއިން މިއަދު ބުނެފި އެވެ. ފިނޭންސް މިނިސްޓްރީއިން ދަރުބާރުގޭ އެންއޯއީސީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފައިނޭންސް މިނިސްޓްރީގެ ޗީފް ފައިނޭންޝަލް، ބަޖެޓް އެގްޒެކެޓިވް ސަރުވަޝް އާދަމް ވިދާޅުވީ މިވަގުތުން ވަގުތަށް ކުރަން ޖެހޭ ހަރަދުތައް ކުރުމަށް ފައިސާ އެބަހުރި ކަމަށާއި ހާސްވާ ހިސާބަށް ކަންކަން ނުދާ ކަމަށެވެ. "ފައިނޭންސިން ހޯދުމުގެ މަސައްކަތް ފިނޭންސް މިނިސްޓްރީއިން ދަނީ ކުރަމުން. އެހެން ގޮތްގޮތްވެސް އެބަ ހުރި ހޯދެން. ފައިނޭންސިންއަކީ މިއަދަކު އެއްފަހަރާ ބޭނުންވާނެ އެއްޗެއް ނޫން. މިއަދު އަދާ ކުރަން ޖެހޭ ބިލުތައް އަދާ ކުރަން އެ މިންވަރަށް އެބަ ހުރި ފައިސާ،" ސަރުވަޝް ވިދާޅުވި އެވެ. އެހެން ނަމަވެސް، ދައުލަތުގެ އާމްދަނީ ދަށްވުމާ އެކު ކުރިއަށް އޮތްތަނުގައި ހުރި ހަރަދުތަކަށް އިތުރަށް ފައިސާ ބޭނުންވާ ކަމަށާއި އެކަމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ސަރުވަޝް ވިދާޅުވި އެވެ. އަދި ބޭރުގެ މާލީ އިދާރާތަކުން ހޯދަން މަސައްކަތް ކުރަމުންދާ 200 މިލިއަން ޑޮލަރެއްހާ ފައިސާއިން ނުފުދޭނެކަން އޭނާ ތަކުރާރުކުރެއްވި އެވެ. އަދި ވިދާޅުވީ، އާމްދަނީއަށް އަންނަ ބަދަލާ އެއްގޮތަށް ހަރަދުތައް އަދިވެސް ކުޑަކުރުން ފަދަ ފިޔަވަޅުތައް އަޅަން ޖެހޭނެ ކަމަށެވެ. "ފައިސާ ނެތިގެންނެއް ނޫން މި އުޅެނީ. ފައިސާ ހޯދަން މަސައްކަތް ކުރަން ޖެހޭކަން އަޅުގަނޑު ހައިލައިޓު ކުރީ. ދައުލަތުގެ ކަންކަން ރޭވިފައި ހުރީ ރަނގަޅަށް. އަދި މާ ބޮޑަށް ހާސްވާ ހިސާބަކަށް ދާކަށް ނުޖެހޭ،" ސަރުވަޝް ވިދާޅުވި އެވެ. މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުވެސް ވިދާޅުވީ، މިހާރުން މިހާރަށް ބޭނުންވާ ވަރަށް ފައިސާ އެބަ ހުރި ކަމަށެވެ. އެއްވެސް އިރެއްގައި ފައިސާ ނެތިގެން އުޅޭ ކަމަށް ވިދާޅުނުވާ ކަމަށް އަމީރު ވިދާޅުވި އެވެ. ދައްކަވަމުން ގެންދަވަނީ ބަޖެޓުގައި ލަފާ ކުރި ގޮތާ ހިލާފަށް ދައުލަތަށް ލިބޭނެ އާންމުދަނީ 15.8 ބިލިއަން ރުފިޔާއަށް ކުޑަވާތީ އެކަން ފޫބައްދަން އެކި ގޮތް ގޮތުން ފައިނޭންސިން ހޯދަން ޖެހޭ ވާހަކަ ކަމަށް އޭނާ ވިދާޅުވި އެވެ. "އަޅުގަނޑުމެން އެއްވެސް ހާލެއްގައި މި ޕްރެސް ކޮންފަރެންސް ފެށިއިރުވެސް މި ފާހަގަ ކުރީ އަޅުގަނޑުމެން ފައިސާ ނެތިގެނޭ މި އުޅެނީ. އެގޮތަކަށް ނޫން،" އަމީރު ވިދާޅު ވިއެވެ. "ނޯމަލް ބަޖެޓެއްގައިވެސް 38 ބިލިއަން ރުފިޔާގެ ބަޖެޓު ހުށަހަޅާފައި އަޅުގަނޑުމެން އެ ބަޖެޓުގައިވެސް އެބައިން ގާތްގަނޑަކަށް ހަ ބިލިއަން ރުފިޔާގެ ފައިނޭންސިން ގެޕެއް. އެ ފައިނޭންސިން އެ ފައިނޭސިން އަޅުގަނޑުމެެން ހޯދަން ޖެހޭ ވާހަކަ އޭގައިވެސް އަޅުގަނޑުމެން ހިމަނާފައިވާނެ."
މިވަގުތަށް ބޭނުންވާ ފައިސާ އެބަހުރި، ހާސްވާ ހިސާބަކަށް އަދި ނުދޭ: ފިނޭންސް
ބޭ އޮފް ބެންގާލްގައި އުފެދިގެން ބަންގްލަދޭޝް އެއްގަމަށް މިހާރު އަރާފައިވާ ތޫފާން އަމްފާންގެ ސަބަބުން މަރުވި މީހުންގެ އަދަދު 100 އާ ގާތްކޮށްފި އެވެ. އެޓްލާންޓިކް ކަނޑުގައި އާންމުކޮށް އުފެދޭ ތޫފާންތަކުގެ ނުރައްކާ އަންދާޒާކުރުމަށް ބޭނުންކުރެވޭ ކެޓެގަރީތަކުގައި ހިމެނޭ އެންމެ ނުރައްކާތެރި ގިންތިޔަށް މި ތޫފާން މިހާރު ވަނީ ވަރުގަދަވެފަ އެވެ. އެ ތޫފާން ބަންގްލަދޭޝް އަށް އަރާފައިވަނި ރޭގައެވެ. ބަންގްލަދޭޝް ސަރުކާރުގެ އޮފިޝަލަކު ވިދާޅުވިގޮތުގައި އެ ތޫފާނުގައި ބަންގްލަދޭޝްގެ ބައެއް ސަރަހައްދަށްް ބޮޑު ގެއްލުމެއް ވެފައިވާ ކަމަށެވެ. އަދި އެއާއެކު މަރުވި މީހުންގެ އަދަދު މަދުވެގެންވެސް 85 ގައި އުޅޭނެ ކަމަށާއި ކުރިއަށް އޮތް ތަނުގައި އެ އަދަދު އިތުރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އޮފިޝަލު ވިދާޅުވިއެވެ. އޮފިޝަލު ވިދާޅުވިގޮތުގައި އަމްފާންގެ ސަބަބުން ގެއްލުން ވެފައިވާ މިންވަރު ދެނެގަންނަން މިވަގުތު އުދަނގޫ ކަމަށެވެ. ސަބަބަކީ ތޫފާނު އަރައިގެން އައި އިންޑިއާ އާއި ބަންގްލަދޭޝްގެ ސަރަހައްދުތަކުން މުއާސަލާތީ ހިދުމަތްތައް ވަނީ ވަގުތީ ގޮތުން ކެނޑިފައި ކަމަށް އޮފިޝަލު ވިދާޅުވިއެވެ. އެ ތޫފާނުގައި އެންމެ ބޮޑު އަސަރެއް ކޮށްފައިވަނީ އިންޑިއާގެ ކަލްކަތާ ސްޓޭޓަށެވެ. ކަލްކަތާ ސްޓޭޓުގެ ބޮޑު ބަޔަކުން މިހާރު ކަރަންޓް ވެސް ކެނޑިފައިވާ އިރު، މުވާސަލްތައް ވެސް ވަނީ ބޮޑު ބަޔަކުން ކެނޑިފަ އެވެ. އަދި ގަދަ ވަޔާއި، ވިއްސާރައިގެ ސަަބަބުން ގަސްތަކާއި، ބައެއް ގެތައް ވެސް ވަނީ ވެއްޓިފަ އެވެ. އަދި އިންޑިއާއިންވެސް އެ ތޫފާނުގައި މަރުވި މީހުންގެ އަދަދު 15 އިން މަތީގައި އުޅޭ ކަމަށް އިންޑިއާއިން ބުނެއެވެ. އަމްފާން ދަތުރުކުރަމުންދަނީ ގަޑިއަކު 100 މޭލުގެ ބާރު މިނުގައެވެ. އެއީ އެޓްލާންޓިކް ތޫފާނުގެ ކެޓަގަރީ ދެއެއްގެ ބާރުމިން ހުރި ތޫފާނެކެވެ. އެ ތޫފާނު މިއަދު ބަންގްލަދޭޝްގެ އެރުމަށް ފަހު، ބޫޓާނާ ދިމާއަށް މިސްރާބު ޖަހާނެ ކަމަށް ވަނީ ލަފާ ކޮށްފަ އެވެ.
ތޫފާން އަމްފާން: މަރުވި މީހުންގެ އަދަދު 100 އާ ގާތްކޮށްފި
ބޯކޮށް ވާރޭ ވެހި، ކުޑައިރުކޮޅެއް ތެރޭ މާލޭގެ ބައެއް މަގުތައް ފެންބޮޑުވެއްޖެ އެވެ. މާލެއަށް ވާރޭ ވެހެން ފެށީ މިރޭ 7:45 ހާއިރުއެވެ. ގާތްގަނޑަކަށް 15 މިނެއްޓެއްހާއިރު ހުޓުމެއްނެތި ބޯކޮށް ވާރެ ވެހުނެވެ. މިހާރު ވާރޭ ހުއްޓާލާފައިވާއިރު، މާޖީދީ މަގާ އަމީނީ މަގު އަދިވެސް ބައެއް އެހެން މަގުތައް އޮތީ ވަރަށް ބޮޑަށް ފެންބޮޑުވެފައެވެ. މި ދުވަސްވަރަކީ، ވިއްސާރަ ދުވަސްތަކަށް ވުމުން ހެލްތް މިނިސްޓަރު އަމީން ވަނީ އެހެނިހެން ބަލިތަކަށް ފެތުރިދާނެތީ ސަމާލުވުމަށް މިއަދު އިލްތިމާސްކޮށްފައެވެ. އެގޮތުން ޑެންގޫ ފަދަ ބަލިތައް ފެތުރިދާނެ ކަމަށް ބެލެވޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. "ވިއްސާރަ މޫސުމާ މި ބައްދަލުކުރަނީ. ވިއްސާރަ އައުމާއެކީގައި ޑެންގީގެ ކަންކަން ރާއްޖޭގައި ވަރަށް ބޮޑަށް އިތުރުވެގެންދާނެ. އެއީ ކުރިން ވެސް ލަފާކުރެވިފައި އޮތް ކަމެއް... މިހާރު، ހާއްސަކޮށް މާލޭގައި ވެސް ވަރަށް ބޮޑު ސަމާލުކަމެއް ދޭން ޖެހޭ، ޑެންގީ އިތުރުވެގެން ހިނގައިދާނެކަމާ ދޭތެރޭގައި. އެ ހާލަތަށް ގޮސްފިނަމަ ސިއްހީ ނުރައްކަލުގެ މި ހާލަތުގެ ތެރެއިން ބުރަކަމެއް އިތުރުވެގެންދާނެ. " މިނިސްޓަރު ވިދާޅުވި އެވެ. ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާ ކުރެވޭތީ މޫސުމާ ބެހޭ ގައުމީ އިދާރާ މެޓް އޮފީހުން ވަނީ، މިރޭ 8:20 އިން ފެށިގެން ދަންވަރު 1:00 އަށް މާލެ އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ވައިޓް އެލާޓް ނެރެފައެވެ. ކުރިއަށް އޮތް 24 ގަޑިއިރު މޫސުން ލަފާ ކުރާ ގޮތް: ރާއްޖޭގެ އެކިހިސާބަށް ވިއްސާރަ ކުރާނެ އަދި ގުގުރުން އެކަށީގެން ވޭ. ވައިޖެހޭނީ، ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 05 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައި ގަދަވުން އެކަށީގެން ވޭ. ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަ ވާނެ.
ބޯކޮށް ވާރޭވެހި މާލޭގެ މަގުތަކުގައި ފެންބޮޑުވެއްޖެ
ކޮވިޑް19 ކޮންޓްރޯލް ކުރުމަށް ކުރާ މަސައްކަތަށް މިހާތަނަށް 814 މިލިއަން ރުފިޔާ ހަރަދު ކުރެވިފައިވާ ކަމަށާއި، އޭގެ 72 ޕަސެންޓު (586 މިލިއަން ރުފިޔާ) ހަރަދުކޮށްފައި ވަނީ އެސްޓީއޯ މެދުވެރިކޮށް ކަމަށް ސަރުކާރުން ބުނެފިއެވެ. ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވީ އެސްޓީއޯ މެދުވެރިކޮށް އެންމެ ބޮޑު ހަރަދެއް ކުރަމުން އަންނަނީ މެޑިކަލް ކޮންސިއުމަބަލްސް އާ ކެޕިޓަލް އިކުއިޕްމަންޓްސް ހޯދުމަށް ކަމަށެވެ. މެޑިކަލް ކޮންސިއުމަބަލްސްގެ ވެސް ގާތްގަނޑަކަށް 86 ޕަސެންޓު ޕްރޮކިއާ ކުރަނީ އެސްޓީއޯ މެދުވެރިކޮށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އޭގެ އިތުރުން އެސްޓީއޯ އާ އެއްކޮށް ޑިޒާސްޓާ މެނޭޖްމަންޓް ޓްރަސްޓް ފަންޑެއްގައި ސޮއިކޮށްގެން ސްޓޭޕަލްސްގެ ބަފަރ ސްޓޮކެއް މެއިންޓެއިން ކުރުމަށް، އެސްޓީއޯއަށް ގާތްގަނޑަކަށް 84 މިލިއަން ރުފިޔާ ދީގެން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. "އަޅުގަނޑުމެން މި ބަލަނީ ވީހާ ކުޑަ އަގެއްގައި ކަންކަން ކުރެވޭތޯ،" މިނިސްޓަރު ވިދާޅުވިއެވެ. ހަމައެއާއެކު ސޮވެރިން ގެރެންޓީ ދީގެން އެސްޓީއޯ އަށް އައިޓީއެފްސީގެ ކްރެޑިޓް ފެސިލިޓީއެއް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. ކޮވިޑަށް ކުރާ ހަރަދުގެ ބޮޑު ބައެއް އެސްޓީއޯ މެދުވެރިކޮށް ކުރާތީ، ސްޓޭޓް އިންޓާނަލް އޮޑިޓުން އެސްޓީއޯގެ ހާއްސަ އޮޑިޓެއް ކުރުމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުގައި އެދިފައިވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. މީގެ އިތުރުން ޕީސީބީ މެދުވެރިކޮށް، އެސްޓީއޯގެ އިންޓާނަލް އޮޑިޓުން ވެސް ޕްރޮސެސް ހިނގަނީ ރަނގަޅަށްތޯ ބަލަން އަންގާފައިވާނެ ކަމަށެވެ.
ކޮވިޑް-19ގެ ހަރަދުތަކުގެ 72 ޕަސެންޓް ކުރީ އެސްޓީއޯ މެދުވެރިކޮށް: އަމީރު
ދައުލަތުގެ ބައެއް މުވައްޒަފުންގެ މުސާރަތައް އިތުރަށް ކުޑަކުރަން ފިނޭންސް މިނިސްޓްރީން ނިންމާފައިވީ ނަމަވެސް، ކޮވިޑް19 ކޮންޓްރޯލް ކުރުމަށް ކުރާ މަސައްކަތުގެ ފްރަންޓްލައިންގައި މަސައްކަތް ކުރާ އެއްވެސް މުވައްޒަފެއްގެ މުސާރައާއި އިނާޔަތްތައް ކުޑަ ނުކުރާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ. ސަރުކާރުުން ނިންމާފައި ވަނީ 20،000 އަށް ވުރެ މަތިން މުސާރަ ލިބޭ ދައުލަތުގެ މުވައްޒަފުންގެ މުސާރަތައް ކުޑަކުރުމަށެވެ. މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ އެކަން ކުރިއަށް ގެންދާނެ ގޮތުގެ ތަފްސީލީ ސާކިއުލާއެއް މިއަދު އާންމުކުރައްވާނެ ކަމަށެވެ. މުވައްޒަފުންގެ މުސާރަ ކުޑަކުރަން ނިންމި ނަމަވެސް، ކޮވިޑް19 އާ ގުޅިގެން އެންމެ އިސް ސަފުގައި މަސައްކަތް ކުރާ ފަރާތްތައް އިސްތިސްނާ ކުރުމަށް ނިންމާފައިިވާ ކަމަށް ވެސް މިނިސްޓަރު މިއަދު ވިދާޅުވިއެވެ. މުސާރަ ކުޑަ ކުރާ ފަރާތްތަކުގެ ތެރެއިން އިސްތިސްނާ ވާނީ ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓުގެ މުވައްޒަފުންްނާއި، އެޗްޕީއޭގެ މުވައްޒަފުންނާއި، ސިއްހީ ހިދުމަތްދޭ މަރުކަޒުތަކާއި ހޮސްޕިޓަލްތަކުގެ މުވައްޒަފުންގެ ތެރެއިން ރައީސް އައްޔަންކުރާ މަގާމުތައް ފިޔަވައި އެހެން މުވައްޒަފުންނާއި ފުލުހުންނާއި ސިފައިންގެ އިތުރުން ކޮވިޑް19 އާ ގުޅިގެން ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މަސައްކަތް ކުރާ ފަރާތްތަކުގެ ތެރެއިން، އެ މުވައްޒަފަކު ނިސްބަތްވާ އިދާރާއަކުން އައްޔަންކުރުމުގެ ސަބަބުން އެ ސެންޓަރުގައި ދުވާލަކު މަދުވެގެން ހަ ގަޑިއިރަށް މަސައްކަތް ކުރާ މުވައްޒަފުން ކަމަށެވެ. ކޮވިޑް-19އާ ދެކޮޅަށް ފްރޮންޓްލައިންގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ހާއްސަ އެލަވަންސެއްގެ ގޮތުގައި ދުވާލަކު، 500-250 ރުފިޔާއާ ދެމެދުގެ އަދަދެއް ދޭން ވެސް ސަރުކާރުން ވަނީ ނިންމައިފައެވެ. "ފްރޮންޓްލައިން އެލަވަންސް" ދޭން ނިންމާފައި ވަނީ ތިން ގިންތިއަކަށް ބަހާލައިގެންނެވެ. އެގޮތުން އެންމެ ހައިރިސްކް، ފަރާތްތަކަށް ދުވާލަކަށް، 500 ރުފިޔާ އަދި ދެވަނަ ގިންތީގެ ފަރާތްތަކަށް ދުވާލަކަށް 250 ރުފިޔާ އަދި އެންމެ ލޯ ރިސްކް ފަރާތްތަކަށް ދުވާލަކަށް 200 ރުފިޔާ ދެވޭނެ އެވެ. ސިޔާސީ މަގާމުތަކުގައި ތިއްބަވާ ފަރާތްތަކާއި ޑެޕިޔުޓީ މިނިސްޓަރުން ފެންވަރުން ފެށިގެން މަތީގެ މުސާރަލިބޭ ފަރާތްތަކުގެ އިތުރުން މި ހާލަތުގައި އިތުރު އެލަވެންސެއް ލިބޭ ފަރާތްތަކަށް އެ އެލަވެންސް ނުލިބޭނެއެވެ. މީގެކުރިން ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަމީރު ވިދާޅުވީ ދައުލަތުން މުސާރަދޭ މުވައްޒަފުންގެ ތެރެއިން 20،000 ރުފިޔާ އަށްވުރެ ދަށުން މުސާރަ ލިބޭ މުވައްޒަފުންގެ މުސާރައަށް ބަދަލެއް ނާންނާނެ ކަމަށެވެ. އެހެން ނަމަވެސް 20،000 ރުފިޔާ އާއި 25،000 ރުފިޔާ އާއި ދެމެދުގެ މުސާރަ ލިބޭ ފަރާތްތަކުގެ ބޭސިކްް މުސާރައިން 20 ޕަސެންޓު އުނިކުރާނެ އެވެ. މީގެ އިތުރުން 25،000 އާއި 60،000 އާއި ދެމެދުގެ މުސާރައެއް ލިބޭ ފަރާތްތަކުގެ އަސާސީ މުސާރައިން 30 ޕަސެންޓް އަދި 60،000 ރުފިޔާއިން މަތިން މުސާރަ ލިބޭ ފަރާތްތަކުގެ މުސާރައިން 35 ޕަސެންޓް އުނިކުރަން ނިންމާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މީގެ ކުރިން ސަރުކާރުގެ ޑެޕިޔުޓީ މިނިސްޓަރުންގެ ލެވެލް އިން ފެށިގެމް މަތީ މަގާމުތަކުގެ މުވައްޒަފުންގެ މުސާރައިން 20 ޕަސެންޓް ވަނީ އުނިކޮށްފަ އެވެ. މިނިސްޓަރު ވިދާޅުވީ ދައުލަތުގެ ހުރިހާ މުވައްޒަފުންނަށް ގެއަށް ގެންދަން ލިބޭ މުސާރަ ކެޕް ކުރަންވެސް ނިންމާފައިވާ ކަމަށެވެ. އަދި އެ ނިންމުން ނިންމަން ޖެހެނީ، މިނިސްޓަރު ވިދާޅުވީ ކޭޝްފްލޯ މެނޭޖު ކުރުމަށް ހަރަދު ކުޑަކުރަން ޖެހޭތީ ކަމަށެވެ.
ފްރަންޓްލައިން އެއްވެސް މުވައްޒަފެއްގެ މުސާރަ ކުޑަ ނުކުރާނެ: އަމީރު
އިސްލާމިކް ޔުނިވާސިޓީގައި ކިޔަވާ ދަރިވަރުންގެ ކޯސްފީތަކުގެ 20 ޕަސެންޓް މާފްކޮށްދީފި އެވެ. އިސްލާމިކް ޔުނިވާސިޓީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ކޯސްފީތަކުގެ 20 ޕަސެންޓް މާފްކޮށްދޭން ނިންމީ ކޮރޯނާ ވައިރަސްއާ ގުޅިގެން މާލީ ގޮތުން މިވަގުތު ދަތިވެފައިވާތީއާއެކު ދަރިވަރުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަގްސަދުގައި ކަމަށެެވެ. "ހުރިހާ ކޯސްތަކެއްގެ، 2020 ވަނަ އަހަރުގެ ޖުމްލަ ޓިއުޝަން ފީ ގެ 20 ޕަސެންޓް ދަރިވަރުންނަށް މަޢާފު ކޮށްދިނުމަށް ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީން ވަނީ ނިންމާފައެވެ." އެ ޔުނިވާސިޓީން ނެރުނު ބަޔާނުގައިވެ އެވެ. ކޮރޯނާ ވައިރަސްއާ ގުޅިގެން އިސްލާމިކް ޔުނިވާސިޓީ(އައިޔޫއެމް)އިން މިދިޔަ އޭޕްރީލް މަހު ފަހަކުން ފެށިގެން އޮންލައިންކޮށް ކިޔަވައިދިނުން ވަނީ ކުރިއަށް ގެންގޮސްފައެެވެ. ނަމަވެސް މާލެ ފުރަބަންދުކުރި ހިސާބުން ފެށިގެން މިމަހުގެ އެކަކުން ފެށިގެން 28 އަށް އޮންލައިންކޮށް ކިޔަވައިދުނުންވެސް މެދުކަނޑާލައިފަ އެެވެ. އެހެން ނަމަވެސް ދަރިވަރުންނަށް ފިލާވަޅުތައް ގެއްލުނު ނުދިނުމުގެ ގޮތުން މިމަހުގެ 29 އިން ފެށިގެނ ކިޔެވުން ކުރިއަށް ގެންދަން ނިންމާފައިވާކަމަށްވެސް އައިޔޫއެމްއިން ބުންޏެވެ. "އޮންލައިންކޮށް ކިޔަވައިދިނުމަށް ޔުނިވާސިޓީގެ މަޖިލީހުން ރުހުން ދީފައި ވުމާއެކު އެކަޑެމިކް ބޯޑުންވެސް ވަނީ މިކަން ފާސްކޮށް މިކަމާ ގުޅިގެން އެކަޑެމިކް ކަލަންޑަރަށް ގެންނަންޖެހޭ ބަދަލުތައް ގެނެސްފައެވެ." ޔުނިވާސިޓީގެ ބަޔާނުގައިވެ އެވެ.
އިސްލާމިކް ޔުނިވާސިޓީގެ ކޯސްފީތަކުގެ 20 ޕަސެންޓް މާފްކޮށްދީފި
މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސްގެ ސަބަބުން ކުލަބަށް ޖެހިފައިވާ މާލީ ދަތިތަކުން އަރައިގަތުމަށާއި، އެހެނިހެން ފަރާތްތަކަށް އެހީވުމުގެ ގޮތުން ކުޅުންތެރިންގެ މުސާރައިން ނުކެނޑުމަށް ޗެލްސީއިން ނިންމައިފި އެވެ. ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 ގެ ސަބަބުން މުޅި ޔޫރަޕުގެ ފުޓުބޯޅަ ހުއްޓުމަކަށް އައިސްފައިވާ އިރު މިވަގުތ ގައުމުތަކަށާއި، ކުލަބުތަކަށް ދިމާވެފައިވާ މާލީ ދަތިތަކުން ސަލާމަތް ވުމުގެ ގޮތުން ގިނަ ކުލަބުތަކުން ދަނީ އެ ޓީމުތަކުގެ ކުޅުންތެރިންގެ މުސާރަތައް ކުޑަކޮށް ޙަރަދު ކުޑަކުރަމުންނެވެ. އެގޮތުން ބަލާއިރު އިޓަލީގެ ރޯމާގެ ކުޅުންތެރިންނާއި ކޯޗު ވަނީ ކުރިއަށް އޮތް ހަތަރު މަހުގެ މުސާރަ ނުނަގަން ނިންމާފަ އެވެ. އަދި ސްޕެއިނުގެ ބާސެލޯނާ ކުޅުންތެރިންގެ މުސާރައިގެ 70 އިންސައްތަ ނުނަގަން ނިންމާފައިވާ އިރު ރެއާލް މެޑްރިޑާއި، އިނގިރޭސިވިލާތުގެ ބައެއް ކުލަބުތަކުން ވެސް ވަނީ މިކަމުގައި މިސާލު ދައްކާފަ އެވެ. އެކަމަކު ޕްރިމިއާ ލީގުގެ ގަދަ ބާރެއް ކަމަށްވާ ޗެލްސީން ވަނީ ކުޅުންތެރިންގެ މުސާރައިން ބައެއް އުނިކުރުމަށް އެދިފައިވާ އެދުމާ ދެކޮޅު ހަދައި، އެއްވެސް ކުޅުންތެރިއެއްގެ މުސާރައިން ނުކެނޑުމަށް ނިންމާފަ އެވެ. "މި ދަނޑިވަޅުގައި ކުލަބުގެ މާލީ ދަތިކަމުން އަރައިގަތުމަށް ކުޅުންތެރިންގެ މުސާރައިން ވަކި އިންސައްތައެއް ކެނޑުމަށް ކުރިން ވާހަކަ ދެކެވުނު ނަމަވެސް އެގޮތަށް ނުހެދުމަށް ވަނީ ނިންމާފަ،" ޗެލްސީން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ. އެކަމަކު ވަކި ވަކި ކުޅުންތެރިން ބޭނުންވާ ނަމަ ޗެރިޓީ ފައުންޑޭޝަންތަކާއި، ނޭޝަނަލް ހެލްތު ސާވިސްގައި މަސައްކަތް ކުރާ ފަރާތްތަކަށް ވީ ވަރަކުން އެހީތެރިކަން ފޯރުކޮށްދިނުމަށް ކުޅުންތެރިން ގާތު އެދިފައިވާނެ ކަމަށް ޗެލްސީން ވަނީ ބުނެފަ އެވެ. "ކުޅުންތެރިންގެ އަމިއްލަ ގައުމުތަކުގައި މިވަގުތު ތިބެގެން އެގައުމެއްގައި އެހީތެރިކަން ބޭނުންވެފައި ތިބި ފަރާތްތަކަށް އެހީވަމުންދާކަމީ ކުލަބުން އުފަލާ އެކު ފާހަގަ ކުރާ ކަމެއް." ޗެލްސީއިން މިގޮތަށް ނިންމާފައިވަނީ އެ ޓީމުތަކުގައި ތިބި ގިނަ ކުޅުންތެރިންނަކީ އިނގިރޭސިވިލާތުން ބޭރު ކުޅުންތެރިންނަށް ވާތީ އެވެ. ވުމާ އެކު އެކުޅުންތެރިން މި ދަނޑިވަޅުގައި އެންމެ އެހީވާން ބޭނުންވާނީ އެކުޅުންތެރިއެއްގެ ގައުމަށް ކަމަށާއި، ޗެލްސީން ކުޅުންތެރިންނަށް އެފުރުސަތު ދިނީ އެހެންވެ ކަމަށް ރިޕޯޓުތަކުން ބުނެ އެވެ.
ކޮރޯނާ ވައިރަސް: ޗެލްސީ ކުޅުންތެރިންގެ މުސާރައިން ނުކަނޑަން ނިންމައިފި
ދިއްލީ (މެއި 16): އިންޑިއާގެ އުއްތަރަ ޕްރަދޭޝްގައި ރޭ ދެ ލޮރީ އެކްސިޑެންޓުވެ، 24 މީހަކު މަރުވެއްޖެ އެވެ. އިންޑިއާގެ ނޫސްތަކުގައިވާ ގޮތުން އެ ދެ ލޮރީގައި ތިބީ ބޮޑެތި ސިޓީތަކުގައި ވަޒީފާ އަދާ ކުރަމުން ދަނިކޮށް ފުރަބަންދުގެ ސަބަބުން ވަޒީފާ ގެއްލުމުން، އަމިއްލަ އަވަށަށް ދިޔުމަށް ދަތުރު ކުރަމުން ދިޔަ މީހުންނެވެ. އެގޮތުން ދެ ލޮރީގައި ތިބީ ދިއްލީ އާއީ ރާޖަސްތާނުން އެހެން ސްޓޭޓުތަކަށް ދަތުރު ކުރަމުން ދިޔަ މީހުން ކަމަށާއި އެކްސިޑެންޓުވި އިރު އެއް ލޮރީ އޮތީ ޕާކުކޮށްފައި ކަމަށް ރިޕޯޓުތަކުގައިވެ އެވެ. އެންޑީޓީވީން ރިޕޯޓު ކުރި ގޮތުގައި އެކްސިޑެންޓުވި އިރު ދަތުރު ކުރަމުން ދިޔަ ލޮރީގައި ހުރީ ޕުޓީ ބަސްތާތައް އަރުވާފަ އެވެ. އަދި އެ ލޮރީގައި މީހުން ތިބީ ބަސްތާތަކުގެ މަތީގައި އިށީނދެގެން ކަމަށާއި، އެކްސިޑެންޓުވުމުން އެމީހުން ވިއްސައިގެން ދިޔަ ކަމަށް އެ ނޫހުގައިވެ އެވެ. އެ ހާދިސާ ހިނގި އައުރައިޔާ ޑިސްޓުރިކްޓުގެ ފުލުސް އޮފިސަރަކު ވިދާޅުވި ގޮތުގައި ޕާކުކޮށްފައި އޮތް ލޮރީގައި ދަތުރު ކުރަމުން ދިޔަ މީހުން އެކްސިޑެންޓުވި އިރު ތިބީ އެތަނުގައި ސައިބޯން މަޑުކޮށްގެންނެވެ. އޭނާ ލަފާ ކުރައްވާ ގޮތުގައި އެ ހާދިސާ ހިނގީ ފުރަތަމަ ލޮރީގެ ޑްރައިވަރަށް ނިދުމުންނެވެ. އަދި އެ ހާދިސާގައި ދެ ލޮރީވެސް ފުރޮޅާލި އެވެ. އެ އެކްސިޑެންޓުގައި 24 މީހަކު މަރުވުމުގެ އިތުރުން 30އަށް ވުރެ ގިނަ މީހުންނަށް އަނިޔާވި އެވެ. އިންޑިއާގައި ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމަށް މާޗް 24ގައި އިއުލާންކޮށް ހޯމަ ދުވަހާ ހަމަޔަށް އިތުރުކޮށްފައިވާ ފުރަބަންދުގެ ސަބަބުން އެގައުމުގެ ބޮޑެތި ސިޓީތަކުގައި ނުރަސްމީ ވަޒީފާތައް އަދާ ކުރަމުން ދިޔަ އެތައް މިލިއަން މީހުންގެ ވަޒީފާ ވަނީ ގެއްލިފަ އެވެ. އަދި އެ މީހުން އަނބުރާ އަމިއްލަ އަވަށްތަކަށް ގެންދަން ސްޓޭޓްތަކުން ބަހާއި ރޭލުތައް ބޭއްވި ނަމަވެސް އެ އުޅަނދުތަކުން ޖާގައެއް ނުލިބުމާއި ދަތުރަށް ބޭނުންވާ ވަރަށް ފައިސާ ނެތުމުން ގިނަ އަދަދެއްގެ މީހުން ދަނީ ފައިމަގުގައި ދުރު ރާސްތާތަކަށް ދަތުރު ކުރަމުންނެވެ. އެފަދަ ދަތުރުތަކުގައި މީގެ ކުރިންވެސް އެކްސިޑެންޓުތައްވެ، މީހުން މަރުވެފައިވެ އެވެ. އެގޮތުން މަހާރަޝްތުރާ ސްޓޭޓުގައި ފައިމަގުން ދަތުރު ކުރަމުން ދިޔަ ބަޔަކު ރޭލު ދަގަނޑުތަކެއް މަތީ ނިދާފައި ތިއްބާ، މުދާ އުފުލާ ރޭލަކުން ޖެހި 16 މީހަކު މަރުވި އެވެ. އިންޑިއާގައި ވައިރަހަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ ޗައިނާއަށް ވުރެ އިތުރުވެ، 85,940އަށް އަރާފަ އެވެ. އަދި އެގައުމުގައި ބަލި ޖެހިގެން 2،752 މީހަކު ވަނީ މަރުވެފަ އެވެ. އިންޑިއާއިން ފުރަބަންދުގެ މުއްދަތު އަނެއްކާވެސް އިތުރު ކުރުމާ ބެހޭ ގޮތުން ގޮތެއް ނިންމާ، މިއަދު ނޫނީ މާދަމާ އިއުލާން ކުރާނެ ކަމަށް ބެލެވެ އެވެ.
އިންޑިއާގައި ދެ ލޮރީ އެކްސިޑެންޓުވެ، 24 މީހަކު މަރުވެއްޖެ
ރިލީފް ލޯނަށް އެދުނު ކުންފުނިތަކާއި ވިޔަފާރިތަކުގެ ތެރެއިން، ދިވެހި މުވައްޒަފުން ވަޒީފާއިން ވަކިކުރުމުގެ ސަބަބުން އެޕްލިކޭޝަން ބާތިލް ކުރި ފަރާތްތަކަށް އިތުރު ފުރުސަތެއް ދޭން ނިންމައިފިއެވެ. ކޮވިޑް-19 އާ ގުޅިގެން ވިޔަފާރިތަކަށް އެހީވުމަށް ދޫކުރާ ރިލީފް ލޯނު ދޫކުރުމުގައި، މި ހާލަތާ ގުޅިގެން މުވައްޒަފުން ވަޒީފާއިން ވަކިކޮށްފައި ވޭތޯ ބަލާނެއެވެ. ކޮވިޑް19 އާ ގުޅިގެން ދިމާވި ދަތިކަމުގެ ތެރެއިން މުވައްޒަފުން ވަޒީފާއިން ވަކިކޮށްފައި ވާނަމަ، ލޯނަށް ޝަރުތު ހަމައެއް ނުވާނެއެވެ. މިއަދު ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގަައި ކުރިއަށް ދިޔަ ނޫސްވެރިންްގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ، ރިލީފް ލޯނަށް އެޕްލިކޭޝަން ހުށަހެޅު ކުންފުނިތަކާއި ވިޔަފާރިތަކުގެ ތެރޭގައި ދިވެހި މުވައްޒަފުން ވަޒީފާއިން ވަކިކޮށް ނުވަތަ ނޯ ޕޭ ނަގަން މަޖުބޫރުކުރުވާފައިވާ ވިޔަފާރިތައް ހިމެނޭ ކަމަށެވެ. އެ އެޕްލިކޭޝަންތައް މިހާރު ވަނީ ރިޖެކްޓުކޮށްފައެވެ. އެ ވިޔަފާރިތައް ލޯނު ޝަރުތު ހަމަނުވާ ކަމަށާއި އެހެން ނަމަވެސް މިއީ އެންމެނަށް ވެސް ދަތި ވަގުތަކަށް ވާތީ، އެ ވިޔަފާރިތަކުގެ މުވައްޒަފުންނަށް ފަހި ގޮތްތަކެއް ހޯދައިދިނުމުގެ ބޭނުމުގައި އެފަދަ ވިޔަފާރިިތަކަށް އިތުރު ފުރުސަތެއް ދިނުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން އެ ކުންފުނިތަކުން ވަކިކުރި މުވައްޒަފުންނަށް އަލުން ވަޒީފާ ދީ މުސާރައިގެ ގޮތުގައި މަދުވެގެން 5،000 ރުފިޔާ ދޭނަމަ، ލޯނަށް ޝަރުތު ހަމަވާ ގޮތަށް މިހާރު ވަނީ ނިންމައިފައެވެ. "އެ ކުންފުނިތަކުން ވަޒީފާއިން ވަކިކުރި، ސަސްޕެންޑުކުރި ނުވަތަ މުސާރަ ދަށްކުރި މުވައްޒަފުންގެ ނިންމުން އަނބުރާ ގެންގޮސް މަދުވެގެން 5000 ރުފިޔާ ދޭގޮތަށް ހަމަޖައްސައިފި ކަމަށް ހަމަޖައްސަފިނަމަ އެ ކުންފުންޏަށް ނުވަތަ ވިޔަފާރިއަށް ލޯނަށް ޝަރުތުހަމަވާނެ ކަމަށް މިހާރު ވަނީ ނިންމާފައި،" މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ މީގެ ސަބަބުން ވިޔަފާރި އަށާއި މުވައްޒަފުންނަށް ވެސް ފައިދާތަކެއް ވާނެ ކަމަށެވެ. އަދި މިކަމާ ގުޅޭ ތަފްސީލީ ސާކިއުލާއެއް މިއަދު ނެރޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު އަމީރު މިއަދު ވިދާޅުވީ މިހާތަނަށް އިކޮނޮމިކް ރިކަވަރީ ޕެކޭޖުގެ ދަށުން، 83 ފަރާތަކަށް 109.6 މިލިއަން ރުފިޔާގެ ލޯނު ބީއެމްއެލް އިން ދޫކޮށްފައިވާ ކަމަށެވެ. މީގެއިތުރުން އެސްޑީއެފްސީ އިން މިހާތަނަށް 76 ފަރާތެއްގެ 6.2 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާ ކަމަށެވެ. ރިލީފް ލޯނު ދޫކުރަނީ، އަހަރަކު ހަ ޕަސެންޓްގެ އިންޓްރެސްޓް ރޭޓްގަ އެވެ. މި ލޯނު އަނބުރާ ދައްކަން ފަށަން ޖެހެނީ، ހަ މަސް ފަހުން ކަމަށްވާއިރު، ލޯނު އަނބުރާ ދައްކަން ތިން އަހަރުގެ މުއްދަތެއް ލިބޭނެ އެވެ. އަދި ގްރޭސް ޕީރިއަޑްގައި އިންޓްރެސްޓް އަދި ޕްރިންސިޕަލް ޕޭމަންޓް ދައްކާކަށް ނުޖެހޭނެ އެވެ.
ވަކިކުރި މުވައްޒަފުންނަށް އަލުން ވަޒީފާ ދީފިނަމަ ރިލީފް ލޯނު ދޭން ނިންމައިފި
ރާއްޖޭގެ އިގްތިސޯދު މިހާރު ވެއްޓިފައިވާ އަޑިގަނޑުން ނަގައި ކޮޅަށް ޖެހެން އަންނަނީ ވީހާވެސް އަވަހަކަށް ރާއްޖޭގައި ތިބި އެންމެން ކޮވިޑް19 އަށް ޓެސްޓުކޮށްގެން ކަމަށް އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެމްބަރު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން ޣައްސާން މައުމޫން ވިދާޅުވީ މިވަގުތު ރާއްޖެ އޮތީ ވަރަށް ނާޒުކު ހާލަތެއްގައި ކަމަށާއި އިގްތިސޯދު ވެސް އޮތީ ވާނުވާއެއް ނޭނގޭ ހާލަތަކަށް އައިސްފައި ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ކަމަށެވެ. އެހެންކަމުން މި ހާލަތުން އަރައިގަތުމަށް ވަރަށް ގިނަ ފިޔަވަޅުތަކެއް އަޅަން ޖެހޭނެ ކަމަށް ޣައްސާން ވިދާޅުވިއެވެ. ޣައްސާން ވިދާޅުވީ އަލުންް އިގްތިސޯދު ހުޅުވާލެވެން އަންނަނީ ފުދުންތެރިކަން އިތުރުކޮށްގެން ނުވަތަ އިގްތިސޯދުގެ ތެރެއަށް އަލުން ބޭރު ފައިސާ ވަންނާނެ ގޮތެއް ހޯދިގެން ކަމަށެވެ. "އެއީ ހަގީގީ ހައްލަކީ. އެކަން ކުރެވޭނީ އިގްތިސޯދު ހުޅުވާލައިގެން. އިގްތިސޯދު ބަންދުވެފައި މިއޮތީ ނުރައްކާތެރި ވައިރަސް އެއް ފެތުރޭތީ. އިގްތިސޯދު ހުޅުވާލެވޭނީ މި ވައިރަސްގެ ކިބައިން ސަލާމަތްވެގެން،" ޣައްސާން ވިދާޅުވިއެވެ. ޣައްސާން ވަނީ ވައިރަހުން ސަލާމަތްވުމަށް ސަރުކާރަކަށް ކުރެވޭނެ އެންމެ މުހިންމު ކަމަކީ ބައްޔަށް ޓެސްޓުކުރުން އިތުރުކުރުން ކަމަށް ދުނިޔޭގެ ސިއްހަތާ ބެހޭ ޖަމިއްޔާތަކުން ވެސް ބުނަމުން އަންނަ ކަމަށް ވިދާޅުވެފައެވެ. އެހެންކަމުން ރާއްޖޭގެ ސަރުކާރުން ކޮވިޑް19 ޓެސްޓު ކިޓުތަކަށް އިންވެސްޓުކުރަން ޖެހޭ ކަމަށް މެމްބަަރު ވިދާޅުވިއެވެ. "މިސާލަކަށް ފަސް ލައްކަ ޓެސްޓު، މިސާލަކަށް 15 ޑޮލަރުގެ ރޭޓުން ވިޔަސް 7.5 މިލިއަން ޑޮލަރަށް ލިބޭނެ. ރާއްޖޭގައި ބަލި ފެތުރޭ މިންވަރު ދެނެގަނެވޭނީ އެންމެން ވީހާވެސް އަވަހަކަށް ޓެސްޓު ކުރެވިގެން. މިކަން ކޮށްފަ އަޅުގަނޑުމެންނަށް އިގްތިސޯދު ހުޅުވާލުމާ ދޭތެރޭ ވިސްނޭނީ. އިގްތިސޯދު ހުޅުވާލެވިގެން ބޭރު ފައިސާ ވަންނާނީ،" މެމްބަރު ވިދާޅުވިއެވެ. ޣައްސާން ވިދާޅުވީ ރައްޔިތުންނަށް ދެވޭ ދިވެހި ފައިސާގެ އަގެއް ހުންނާނީ އިގްތިސޯދުގެ ތެރެއަށް ބޭރު ފައިސާ ވަދެގެން ކަމަށެވެ. އަލުން ފައިސާ ޗާޕު ނުކުރި ނަމަވެސް، އެމްއެމްއޭއން ކުރިން ޗާޕުކޮށްފައި ހުރި ފައިސާ ރޯލް ކުރަން ފަށައިފިނަމަ، ނުކުންނާނީ ފައިސާ ޗާޕުކުރުމުން ވެސް ނުކުންނާނެ ނަތީޖާ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންކަމުން މިހާރު ސަރުކާރުން އެދިފައިވާ ގޮތަށް 4.2 ބިލިއަން ރުފިޔާ މަރުކަޒީ ބޭންކުން ދިނުމަކީ އެންމެ ރަނގަޅު ކަމެއް ނޫން ކަމަށް ޣައްސާން ވިދާޅުވިއެވެ. "ބޭރު ފައިސާ ވަދެގެން ރައްޔިތުންނަށް ދެވޭ ދިވެހި ފައިސާގެ އަގެއް ހުންނާނީ، އެހެން ނޫނީ ފައިސާ ޗާޕުކޮށްފައި ހުރި ކަރުދާހުގެ އަގު ވެސް ނުޖެހޭ އެއްޗެއް ދީގެން މަސް ދުވަސް، ދެ މަސް ދުވަހު މުދާ ގަނެވިދާނެ. ދެން ބޭރުން މުދާ ގަންނަން ޖެހޭ ހިސާބުން ކިހިނެތްތޯ ހަދާނީ؟،" ޣައްސާން ވިދާޅުވިއެވެ. އެހެންކަމުން ފިނޭންސް މިނިސްޓަރު އެދިވަޑައިގެންފައިވާ އިސްތިސްނާއަކީ ވަރަށް ވިސްނާފައި ނޫނީ ދެވިގެން ވާނެ އިސްތިސްނާއެއް ނޫން ކަމަށާއި، މިކަމުގައި ގައުމު އެންމެ އިސްކުރުމަށް ޣައްސާން ވަނީ އިލްތިމާސްކުރައްވައިފައެވެ. "އަޅުގަނޑުމެން މި ތިބީ ގައުމަށް ފައިދާހުރު ކޮންމެ ކަމަކަށް އެއްބާރުލުން ދޭން. އެހެން ނަމަވެސް މިއީ ގައުމަށް ފައިދާހުރި ކަމެއް ކަމަމަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ،" ޣައްސާންް ވިދާޅުވިއެވެ. ކޮވިޑް19 އާ ގުޅިގެން ދިމާވެފައިވާ އިގްތިސޯދީ އަޑިގަނޑުން އަރައިގަތުމަށް ދައުލަތުގެ ހަރަދުތައް ކުޑަކުރުމުގެ މުހިންމުކަން ވެސް ޣައްސާން މިއަދު ފާހަގަކުރެއްވިއެވެ. އަދި އެކަމަށް މަގުފަހިކުރުމަށް، ކޮރޯނަވައިރަހުގެ ދަތިކަމުން ސަލާމަތްވަންދެން ސިޔާސީ މީހުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރަ އުނިކުރުމަށް ވެސް ޣައްސާން މިއަދު ހުށަހެޅުއްވިއެވެ.
އިގްތިސޯދު ހުޅުވަން ފުރަތަމަ ކުރަންވީ ކަމަކީ ހުރިހާ އެންމެން ބައްޔަށް ޓެސްޓުކުރުން: ޣައްސާން
ރިލީފް ލޯނަށް އެދުނު ކުންފުނިތަކާއި ވިޔަފާރިތަކުގެ ތެރެއިން، ދިވެހި މުވައްޒަފުން ވަޒީފާއިން ވަކިކުރުމުގެ ސަބަބުން އެޕްލިކޭޝަން ބާތިލް ކުރި ފަރާތްތަކަށް އިތުރު ފުރުސަތެއް ދޭން ނިންމައިފިއެވެ. ކޮވިޑް-19 އާ ގުޅިގެން ވިޔަފާރިތަކަށް އެހީވުމަށް ދޫކުރާ ރިލީފް ލޯނު ދޫކުރުމުގައި، މި ހާލަތާ ގުޅިގެން މުވައްޒަފުން ވަޒީފާއިން ވަކިކޮށްފައި ވޭތޯ ބަލާނެއެވެ. ކޮވިޑް19 އާ ގުޅިގެން ދިމާވި ދަތިކަމުގެ ތެރެއިން މުވައްޒަފުން ވަޒީފާއިން ވަކިކޮށްފައި ވާނަމަ، ލޯނަށް ޝަރުތު ހަމައެއް ނުވާނެއެވެ. މިއަދު ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގަައި ކުރިއަށް ދިޔަ ނޫސްވެރިންްގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ، ރިލީފް ލޯނަށް އެޕްލިކޭޝަން ހުށަހެޅު ކުންފުނިތަކާއި ވިޔަފާރިތަކުގެ ތެރޭގައި ދިވެހި މުވައްޒަފުން ވަޒީފާއިން ވަކިކޮށް ނުވަތަ ނޯ ޕޭ ނަގަން މަޖުބޫރުކުރުވާފައިވާ ވިޔަފާރިތައް ހިމެނޭ ކަމަށެވެ. އެ އެޕްލިކޭޝަންތައް މިހާރު ވަނީ ރިޖެކްޓުކޮށްފައެވެ. އެ ވިޔަފާރިތައް ލޯނު ޝަރުތު ހަމަނުވާ ކަމަށާއި އެހެން ނަމަވެސް މިއީ އެންމެނަށް ވެސް ދަތި ވަގުތަކަށް ވާތީ، އެ ވިޔަފާރިތަކުގެ މުވައްޒަފުންނަށް ފަހި ގޮތްތަކެއް ހޯދައިދިނުމުގެ ބޭނުމުގައި އެފަދަ ވިޔަފާރިިތަކަށް އިތުރު ފުރުސަތެއް ދިނުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން އެ ކުންފުނިތަކުން ވަކިކުރި މުވައްޒަފުންނަށް އަލުން ވަޒީފާ ދީ މުސާރައިގެ ގޮތުގައި މަދުވެގެން 5،000 ރުފިޔާ ދޭނަމަ، ލޯނަށް ޝަރުތު ހަމަވާ ގޮތަށް މިހާރު ވަނީ ނިންމައިފައެވެ. "އެ ކުންފުނިތަކުން ވަޒީފާއިން ވަކިކުރި، ސަސްޕެންޑުކުރި ނުވަތަ މުސާރަ ދަށްކުރި މުވައްޒަފުންގެ ނިންމުން އަނބުރާ ގެންގޮސް މަދުވެގެން 5000 ރުފިޔާ ދޭގޮތަށް ހަމަޖައްސައިފި ކަމަށް ހަމަޖައްސަފިނަމަ އެ ކުންފުންޏަށް ނުވަތަ ވިޔަފާރިއަށް ލޯނަށް ޝަރުތުހަމަވާނެ ކަމަށް މިހާރު ވަނީ ނިންމާފައި،" މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ މީގެ ސަބަބުން ވިޔަފާރި އަށާއި މުވައްޒަފުންނަށް ވެސް ފައިދާތަކެއް ވާނެ ކަމަށެވެ. އަދި މިކަމާ ގުޅޭ ތަފްސީލީ ސާކިއުލާއެއް މިއަދު ނެރޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު އަމީރު މިއަދު ވިދާޅުވީ މިހާތަނަށް އިކޮނޮމިކް ރިކަވަރީ ޕެކޭޖުގެ ދަށުން، 83 ފަރާތަކަށް 109.6 މިލިއަން ރުފިޔާގެ ލޯނު ބީއެމްއެލް އިން ދޫކޮށްފައިވާ ކަމަށެވެ. މީގެއިތުރުން އެސްޑީއެފްސީ އިން މިހާތަނަށް 76 ފަރާތެއްގެ 6.2 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާ ކަމަށެވެ. ރިލީފް ލޯނު ދޫކުރަނީ، އަހަރަކު ހަ ޕަސެންޓްގެ އިންޓްރެސްޓް ރޭޓްގަ އެވެ. މި ލޯނު އަނބުރާ ދައްކަން ފަށަން ޖެހެނީ، ހަ މަސް ފަހުން ކަމަށްވާއިރު، ލޯނު އަނބުރާ ދައްކަން ތިން އަހަރުގެ މުއްދަތެއް ލިބޭނެ އެވެ. އަދި ގްރޭސް ޕީރިއަޑްގައި އިންޓްރެސްޓް އަދި ޕްރިންސިޕަލް ޕޭމަންޓް ދައްކާކަށް ނުޖެހޭނެ އެވެ.
ވަކިކުރި މުވައްޒަފުންނަށް އަލުން ވަޒީފާ ދީފިނަމަ ރިލީފް ލޯނު ދޭން ނިންމައިފި
ރޯމް (މެއި 16): އިޓަލީން އަންނަ މަހުގެ ތިނެކުން ފެށިގެން ބައިނަލްއަގުވާމީ ދަތުރުތައް ފަށާނެ ކަމަށް އެގައުމުގެ ސަރުކާރުން މިއަދު އިއުލާންކޮށްފި އެވެ. މިދިޔަ ފެބްރުއަރީ މަހު އިޓަލީގައި ކޮރޯނާވައިރަސް ފެތުރެން ފެށުމާ ގުޅިގެން ޖެހިގެން އައި މަހު މުޅި އެގައުމު ބަންދުކޮށް، ޒަރޫރީ ނޫން ހުރިހާ ހިދުމަތްތައް ހުއްޓުމަކަށް ގެނަ އެވެ. ނަމަވެސް މިހާރު އެގައުމުން ކޮންމެ ދުވަހަކު ވައިރަހަށް ޕޮޒިޓިވްވާ މީހުންގެ އަދަދާއި މަރުވާ މީހުންގެ އަދަދު މަދުވަމުންދާ އިރު އިޓަލީން ވަނީ ފުރަބަންދުގެ ފިޔަވަޅުތައް ލުއި ކުރަން ފަށާފަ އެވެ. އެގޮތުން އެގައުމުގެ ފެކްޓަރީތަކާއި ޕާކުތައް ހުޅުވަން މިމަހުގެ ހަތަރެއްގައި ވަނީ ހުއްދަ ދީފަ އެވެ. އަދި ޖިސްމާނީ ގައިދުރުކަން ބަހައްޓާ ނަމަ، ފިހާރަތަކާއި ރެސްޓޯރެންޓުތަކާއި އަޅުކަން ކުރާ ތަންތަން ހޯމަ ދުވަހު ހުޅުވޭނެ އެވެ. މީގެ އިތުރުން އަންނަ މަހުގެ ތިނެކުން ފެށިގެން އިޓަލީގެ އެތެރޭގެ ދަތުރުތަކާއި ގައުމަށް އަރާ ފޭބުން ހުއްދަ ވާނެ ކަމަށް އެގައުމުގެ ބޮޑުވަޒީރު ޖުސެޕީ ކޮންޓޭ މިއަދު ނެރުއްވި އަމުރެއްގައިވެ އެވެ. އިޓަލީގެ ސަރުކާރުންް ވަނީ ކޮރޯނާވައިރަސް ބަލިމަޑުކަމުން އިގިތިސާދަށާއި މީހުންނަށް ލިބޭ ގެއްލުންތައް ފޫބެއްދުމަށް 59 ބިލިއަން ޑޮލަރުގެ ސްޓިމިއުލަސް ޕެކޭޖެއް އެކުލަވާލާފަ އެވެ. އިޓަލީގައި މިހާތަނަށް 223،800އަށް ވުރެ ގިނަ މީހުން ވައިރަހަށް ޕޮޒިޓިވްވެފައިވާ އިރު 72،000 މީހެއްގެ ބަލި ވަނީ ރަނގަޅުވެފަ އެވެ. އެގައުމުގައި ބަލި ޖެހިގެން 31،610 މީހަކު ވަނީ މަރުވެފަ އެވެ.
އިޓަލީން އަންނަ މަހު ބައިނަލްއަގުވާމީ ދަތުރުތައް ފަށަނީ
ކުރީގެ ރައީސުންނަށް ދޭ އިނާޔަތްތައް ކުޑަ ކުރަން ތާއީދު ކުރައްވާ ކަމަށާއި އެ މަސައްކަތް ވީހާވެސް އަވަހަކަ ރައްޔިތުންގެ މަޖިލީހުން ނިންމުން މުހިންމު ކަމަށް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް، މަޖިލީހުގައި ދަންނަވައިފި އެވެ. މިިދިޔަ ހަފްތާގެ ތެރޭގައި ފިނޭންސް މިނިސްޓްރީއިން ވަނީ ކުރީގެ ރައީސުންނަށް ދޭ އިނާޔަތް ކުޑަ ކުރަން މަޖިލީހަށް ހުށަހަޅައިފަ އެވެ. އެކަން ކުރެވޭނީ ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭން ޖެހޭ ރައްކާތެރިކަމާއި އިނާޔަތްތަކާ ބެހޭ ގާނޫނު އިސްލާހުކޮށްގެންނެވެ. އެކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް މައުމޫން އިއްޔެ ފޮނުއްވި ސިޓީފުޅެއްގައި ވިދާޅުވީ ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ނޭދެވޭ އަސަރުކޮށް، އެތައް ބައެއްގެ ވަޒީފާ ގެއްލުމުގެ އިތުރުން އާންމުދަނީ ހޯދަން ކުރަން ކުރާ މަސައްކަތްތައް ނުކުރެވިފައި ތިބިކަމަށެވެ. އަދި ސަރުކާރުގެ ހަރަދުތައް ކުޑަކުރަން ޖެހިފައިވާކަންވެސް ފާހަގަކުރެއްވި އެވެ. އެ ސަބަބުތަކާ ހުރެ ރައީސް މައުމޫން ވިދާޅުވީ، ސަރުކާރުން ހުށަހަޅާފައިވާ ގޮތަށް ކުރީގެ ރައީސުންނަށް ދޭ އިނާޔަތްތައް ކުޑަ ކުރުން އަވަސް ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި ދެކެވަޑައިގަންނަވާ ކަމަށެވެ. "އެހެންކަމުން މި ހައްސާސް ދަނޑިވަޅުގައި ސަރުކާރުން ހުށަހަޅުއްވާފައިވާ ސިޓީގައިވާ ކަންކަން އަވަސް ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި އަޅުގަނޑު ދެކެމެވެ. އަދި ކުރީގެ ރައީސުންނަށް ސަރުކާރުން ދެއްވަމުން ގެންދަވާ އިނާޔަތްތައް މުރާޖައާ ކުރެއްވުމަށް އަޅުގަނޑު ތާއީދު ކުރާކަންވެސް މަނިކުފާނަށް ދެންނެވުމަށްޓަކައި މި ފުރުސަތުގެ ބޭނުން ހިފަމެވެ." ރައީސް މައުމޫންގެ ސިޓީފުޅުގައިވެ އެވެ. ކުރީގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް ވެސް ވަރަށް ބޮޑު އަދަދެއް އެކި އިނާޔަތުގެ ގޮތުގައި ދައުލަތުން އަންނަނީ ކޮންމެ މަހަކު ހޭދަކުރަމުންނެވެ. އެގޮތުން އެބޭފުޅުންގެ މާލީ އިނާޔަތާއި އޮފީސް ހިންގުމުގެ ހަރަދު އަދި ބޭސްފަރުވާއަށް 15 މިލިއަން ރުފިޔާ މި އަހަރަށް ބަޖެޓުކޮށްފައިވެ އެވެ. ކުރީގެ ރައީސުންނަށް މާލީ އިނާޔަތުގެ ގޮތުގައި 75،000 ރުފިޔާ، އެކަމަޑޭޝަނަށް 10،000 ރުފިޔާ އަދި އޮފީސް ހިންގުމަށް 87،000 ރުފިޔާ ކޮންމެ މަހަކު ދެ އެވެ. ރައީސް މުހައްމަދު ނަޝީދަށާއި، ރައީސް މުހައްމަދު ވަހީދު ހަސަން މަނިކަށާއި، ރައީސް މައުމޫން އަބްދުލްގައްޔޫމަށް އެ އިނާޔަތް ލިބިވަޑައިގަންނަވަ އެވެ.
ކުރީގެ ރައީސުންގެ އިނާޔަތް ކުޑަ ކުރަން މައުމޫން ތާއީދުކުރައްވައިފި
ރިޔާޟް (25 އެޕްރީލް 2020) : ކޮރޯނާވައިރަސް "ކޮވިޑް-19" އާ ގުޅިގެން ދުނިޔޭގެ ގިނަ ގައުމުތަކުގެ ސަރުކާރުތަކުން މީޑިއާގެ މިނިވަންކަމަށް ހުރަސްއަޅަމުން ގެންދާކަމަށް އދ. ން ބުނެފިއެވެ. އިންސާނީ ހައްގުތަކާ ބެހޭ އދ. ގެ ހައިކޮމިޝަނާ މިޝޭލް ބެޝެލެޓް ވިދާޅުވީ ކޮވިޑް-19 އާ ގުޅޭގޮތުން ދޮގު ޚަބަރު ފަތުރާކަމަށްބުނެ ދުނިޔޭގެ އެތަށް ގައުމެއްގެ ސަރުކާރުތަކުން މީޑިއާގެ މިނިވަންކަމަށް ހުރަސްއަޅަމުންދާކަމަށެވެ. މިގޮތުން ސަރުކާރުތަކަށް ފާޑުކިޔާ ނޫސްތަކާއި ޓީވީ އަދި ރޭޑިއޯ ފަދަ ޚަބަރުފަތުރާ ވަސީލަތްތައް ހުއްޓުވުމަށްޓަކައި ކޮވިޑް-19 އާ ގުޅޭގޮތުން ދޮގު ޚަބަރު ފަތުރާކަމުގެ ތުހުމަތު ނޫސްވެރިންނަށްކޮށް މި ޚުތޫރަތްތެރި ދަނޑިވަޅުގެ ނާޖާއިޒު ފައިދާ ސިޔާސީ ގޮތުން ނެގުމަށް ބައެއް ސަރުކާރުތަކުން މަސައްކަތް ކުރަމުން ގެންދާކަމުގައެވެ. ބެޝެލެޓް ވިދާޅުވީ ކޮވިޑް-19 ދެކޮޅަށް ކުރާ ހަނގުރާމަ ކިތަންމެ އުދަނގޫވެފައި ދަތިނަމަވެސް ސަރުކާރުތަކުން ޚަބަރާ މައުލޫމާތު މިނިވަންކަމާ ކުޅެގެން ނުވާނެ ކަމަށެވެ. އަދި ޚަބަރާއި މައުލުމާތު ފެތުރުމަށް އެއްވެސް ވަރަކަށް ހުރަސްއަޅައިގެންވެސް ނުވާނެކަމަށެވެ. އަދި އެއްވެސް ބަހަނާ އެއް ދައްކައިގެން ނޫސްވެރިންނަށް ފިއްތުންތައް ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަަމާއި އެކަން ކުރުމަކީ އިންސާނީ ހައްގުތަކަށް އަރައިގަތުންކަމަށް އެކަމަނާ ސިފަކުރެއްވިއެވެ. ނަމަވެސް ދުނިޔޭގައި ޑިމޮކްރެޓިކް ގޮތުން އުފައްދާފައިވާ ސަރުކާރުތަކުންވެސް ކޮވިޑް-19 ގެ ހާލަތު ހަތިޔާރަކަށް ބޭނުންކޮށްގެން މިނިވަން ނޫސްވެރިކަމަށް ފިއްތުންތައް ކުރިމަތިކޮށް ހުރަސްއަޅަމުން ގެންދާކަމަށާ މިކަމުގައި ސަރުކާރުތަކުގެ މަގްސަދަކީ އިދިކޮޅު ފަރާތްތަކުން ކިޔާ ފާޑުކިއުންތަކުގެ އަޑު ކަނޑުވާލުންކަމަށް ބެޝެލެޓް ވިދާޅުވިއެވެ. ކޮވިޑް-19 އާގުޅޭގޮތުން ސަރުކާރުތަކުން ނެރުނު ތަފާސް ހިސާބުތަކުގެ ސައްހަކަމާ މެދު ސުވާލު އުފެއްދި ބައެއް ނޫސްވެރިންނަށް ބައެއް ގައުމުތަކުގެ ސަރުކާރުތަކުން ބިރު ދައްކާފައިވާއިރު ކޮވިޑް-19 ގުޅޭ ކަންކަމުގައި ދޮގު މައުލޫމާތު ފެތުރިކަމަށްބުނެ ބައެއް ސަރުކާރުތަކުން ބައެއް ނޫސްވެރިން ހައްޔަރުކޮށް ބައެއް ނޫސްތައް ބަންދުކުރުންފަދަ ޖަރީމާތައް ހިންގާފައިވާކަން ބެޝެލެޓް ފާހަގަ ކުރެއްވިއެވެ. ކޮވިޑް-19 ކޮންޓްރޯލް ކުރުމަށްޓަކައި ދުނިޔޭގެ ގައުމުތަކުން އަޅާފައިވާ ފުރަބަންދުގެ ފިޔަވަޅުތަކާ ގުޅިގެން ގިނަ ބަޔަކު މަޖްބޫރީ ހާލަތުގައި ގެއިން ނުނުކުމެ ތިބެން ޖެހިފައިވާ މިދަނޑިވަޅުގައި މީޑިއާ ބަރޯސާވާންޖެހިފައިވާ މިންވަރު އާދަޔާ ޚިލާފަށް ބޮޑުކަން ބެޝެލެޓް ވަނީ ފާހަގަކުރައްވާފައެވެ. އަނެއްކޮޅުން ދުނިޔޭގެ ފެންވަރުގައި ނޫސްވެރިކަމުގެ މިނިވަންކަމަށް ވަކާލާތުކުރާ މަޝްހޫރު ޖަމްއިއްޔާ "ރިޕޯޓާސް ވިތައުޓް ބޯޑާސް" އިންވެސްވަނީ މިމޭރުމުން ވާހަކަ ދައްކައި ބަޔާނެއް ނެރެފައެވެ. ކޮވިޑް-19 ގެ ނާޒުކު ހާލަތުގެ ނާޖާއިޒު ފައިދާ ނަގައިގެން ނޫސްވެރިންނާ ދެކޮޅަށް މިފަދަ ހަރުކަށި އަމަލުތައް ހިންގާ ގައުމުތަކުގެ ތެރޭގައި އޭޝިޔާއާއި އޭޝިއާ-ފެސިފިކް ސަރަހައްދުގެ ބައެއް ގައުމުތަކާއި އެފްރިކާގެ ބައެއް ގައުމުތަކުގެ އިތުރުން ޔޫރަޕްގެ ބައެއް ގައުމުތަކާއި އެމެރިކާގެ ބައެއް ސްޓޭޓްތަކާއި ލެޓިން އެމެރިކާގެ ބައެއް ގައުމުތައް ޝާމިލްވާކަމަށް ބުނެ"ރިޕޯޓާސް ވިތައުޓް ބޯޑާސް" އިންވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. (ނޫސްއެޖެންސީތައް)
ކޮވިޑް-19 ހަތިޔާރަކަށް ހަދައިގެން ބައެއް ގައުމުތަކުން ނޫސްވެރިންނަށް ބިރު ދައްކަނީ
ރާއްޖެއަށް މިހާރު ހުޅަނގު މޫސުން ފެށިފައިވާ ކަމަށާއި، ރާއްޖޭގެ އިރުން ބޭ އޮފް ބެންގޯލްގައި އުފެދެމުންދާ ސައިކްލޯންގެ ނުސީދާ އަސަރުވެސް ރާއްޖެއަށް ކުރަމުންދާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ބުނެފިއެވެ. މި ދުވަސްވަރު ރާއްޖޭގެ ހުރިހާ ސަރަހައްދުތަކަށްވެސް ވިއްސާރަ ކުރަމުން އެބަދެއެވެ. މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ހާއްސަކޮށް، މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ގަދައަށް ވިއްސާރަ ކުރިއެވެ. އެކަމުގެ ސަބަބުން ބ. އަތޮޅުން ފެށިގެން ފ. އަތޮޅާ ހަމައަށް އޮރެންޖު އެލާޓު މެޓް އޮފީހުން ނެރުނެވެ. އެއީ މެޓް އޮފީހުން އޮރެންޖު އެލާޓު ނެރުނު ފުރަތަމަ ފަހަރެވެ. މެޓް އޮފީހުގެ އޮފިޝަލަކު މިއަދު "ސަން"އަށް ވިދާޅުވީ، މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައަކީ ހުޅަނގު މޫސުމުގެ ވިއްސާރަ ކަމަށެވެ. ތަފާތަކީ މި ދުވަސްވަރު ބޭ އޮފް ބޭންގާލްގައި ސައިކްލޯނެއް އުފެދެމުން ދިޔުން ކަމަށް އޭނާ ވިދާޅުވިއެވެ. އޮފިޝަލު ވިދާޅުވި ގޮތުގައި، ސައިކްލޯން އުފެދުމަކީ މި ދުވަސްވަރުގެ މޫސުމުގެ އާންމު ސިފައެކެވެ. "މިދިޔަ އަހަރުގެ ހުޅަނގު މޫސުން އައި އިރުވެސް ބޭ އޮފް ބޭންގާލްގައި ސައިކްލޯނެއް އުޅުނު. އޭރު އޮތީ ސައިކްލޯނެއް އުފެދިފައި،" އޮފިޝަލު ވިދާޅުވިއެވެ. ސައިކްލޯންގެ އަސަރު ރާއްޖެއަށް ކުރާނީ ނުސީދާކޮށް ކަމަށް މެޓްގެ އޮފިޝަލު ވިދާޅުވިއެވެ. އެގޮތުން އެ ސައިކްލޯންގެ ސަބަބުން ރާއްޖޭގެ ސަރަހައްދުގައި ވައި ގަދަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް، ސައިކްލޯން ދާނީ ރާއްޖެއާ ދުރަށް ކަމަށާއި ދުރުވާ ވަރަކަށް އޭގެ އަސަރު ކުޑަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އިއްޔެ ރާއްޖޭގެ ސަރަހައްދުތަަކަށް ވައި ޖެހުނު ވަރަށް ބަލާއިރު އެންމެ ބާރަށް ވައި ޖެހުނު ކަމަށް ރެކޯޑު ކުރެވިފައި ވަނީ ހުޅުލެއިންނެވެ. އެތަނަށް ގަޑިއަކު 48 މޭލުގެ ބާރުމިނުގައ ވައިޖެހުނެވެ. މާލޭ ސަރަހައްދަށް ޖެހުނު ވައި ބާރު ކަމުން މާލޭގެ ބޮޑެތި ބައެއް ގަސްތައްވެސް ވެއްޓުނެވެ. މެޓް އޮފީހުގެ އޮފިޝަލު ވިދާޅުވީ، މި އަހަރު ހުޅަނގު މޫސުން ފެށިފައި މިވަނީ ހަމަ އާދައިގެ މަތިން ހުޅަނގު މޫސުން ފެށޭ ދުވަސްވަރުގައި ކަމަށެވެ. އާންމު ގޮތެއްގައި ހުޅަނގު މޫސުން ފެށެނީ މެއި މަހުގެ ދެވަނަ ހަފްތާގައި ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް މިދިޔަ އަހަރު ހުޅަނގު މޫސުން ފެށުން ކުޑަކޮށް ލަސްވި ކަމަށް އޭނާ ވިދާޅުވިއެވެ. "މިދިޔަ އަހަރު ހުޅަނގު މޫސުން ކޮންމެވެސް ވަރަކަށް ޑިލޭއެއްވި. މިދިޔަ އަހަރު ހުޅަނގު މޫސުން އިނީ 20 މެއި އިން ފެށިގެން އެސްޓެބްލިޝްވި ކަމަށް،" މެޓްގެ އޮފިޝަލު ވިދާޅުވިއެވެ. "2015އިން ފެށިގެން 2018އާ ހިސާބުގެ ރެކޯޑުތަކަށް ބަލާއިރު އަޅުގަނޑުމެންނަށް އެބަ ފާހަގަކުރެވޭ ހުޅަނގު މޫސުން އެވަރެޖުކޮށް ފެށިފައި އެހެރީ، 2015ގައި 13 މެއިގައި، 2016ގައި 9 މެއިގައި، 2017ގައި 16 މެއިގައި، 2018ގައި 11 މެއިގައި،" މެޓްގެ އޮފިޝަލު ވިދާޅުވީ، ހުޅަނގު މޫސުން އައުން ލަސްވުމަކީ ދޭތެރެ ދޭތެރެއިން ދިމާވާ ކަމެއް ކަމަށެވެ. 2014 ވަނަ އަހަރުވެސް ހުޅަނގު މޫސުން މެއި މަހުގެ 20 ހިސާބަށް ލަސްވި ކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ އިތުރުން ބައެއް އަހަރުތަކުގައި ހުޅަނގު މޫސުން ފެށުން އަވަސްވާ ކަމަށްވެސް އޮފިޝަލު ވިދާޅުވިއެވެ. އެގޮތުން 2002 ވަނަ އަހަރު 2 މެއިގައި އަދި 2005 ވަނަ އަހަރު އެކެއް މެއިގައި ހުޅަނގު މޫސުން ފެށިފައިވާ ކަމަށް ރެކޯޑު ކުރެވިފައިވާކަން އޮފިޝަލު ފާހަގަކުރެއްވިއެވެ.
މޫސުން ގޯސްވަނީ ރާއްޖެ ކައިރީގައި އުފެދެމުންދާ ސައިކްލޯންއެއްގެ ސަބަބުން
'ރޯދަ ސުންބުލި' ގެ ދެވަނަ އެޕިސޯޑުގައި މިއަދު އަހަރެމެން މި ބަލާލަނީ ގަޟާ ކުރަންޖެހޭ ރޯދައަށެވެ. ބައެއް ފަރާތްތަކަކީ ޝަރުއީގޮތުން ރޯދަ ދޫކޮށްލުން ހުއްދަ ބައެއް ކަމުގައިވީ ނަމަވެސް އެ ރޯދަތަކަކީ އަނެއް އަހަރުގެ ރޯދަ މަހުގެ ކުރިން ގަޟާ ކުރަންޖެހޭ ރޯދަތަކެކެވެ. ނަމަވެސް ބައެއް ހާލަތްތަކުގައި ކޮންމެވެސް ސަބަބަކާއިހެދިހުރެ އެ ރޯދަތައް ގަޟާ ނުކުރެވި ހުރިނަމަ އަމަލުކުރަންޖެހޭ ވަކި ގޮތްތަކެއްވެސް ވަނީ ކަނޑައެޅިފަ އެވެ. މި ސުވާލުގެ ޖަވާބުވެސް ދެއްވާފައިވަނީ އުސްތާޒާ ސާމިޔާ ޒަކަރިއްޔާ އެވެ. ސ: މިދިޔަ ރޯދަމަހުގެ ރޯދަތައް ގަޟާނުކުރެވެނީސް މިއަހަރުގެ ރޯދަމަސް ލައިގަނެއްޖެ.ދެން ރޯދަ ގަޟާކުރާނީ ކިހިނެއް؟ ޖ: ރޯދަ މަހުގެ ރޯދަތައް ނުހިފާ ދޫކޮށްލަންޖެހޭ ހާލަތުގައި ރަނގަޅު ގޮތަކީ އަނެއް އަހަރުގެ ރޯދަމަސް އައުމުގެ ކުރިން އެ ރޯދަތައް ގަޟާކުރުމެވެ. ނަމަވެސް ބައެއް ކަހަލަ އުޒުރުތަކާއި ހެދި ނުވަތަ ފަރުވާ ކުޑަކުރެވުމުގެ ސަބަބުންވެސް ބައެއް ފަހަރު ރޯދަތައް ގަޟާނުކުރެވި ހުރެދާނެއެވެ. އެހެންނަމަވެސް މިއީ ރޯދަ ގަޟާކުރުމުގެ ވާޖިބު އެމީހާގެ ކިބައިން ކެނޑިގެންދާ ކަމެއް ނޫނެވެ. އެހެންކަމުން އާ ރޯދަމަހެއް ފެށޭއިރު ކުރީ ރޯދަމަހުގެ ރޯދަތައް ގަޟާނުކުރެވިހުރިނަމަ އެ ރޯދަތައްވެސް ގަޟާކުރުމާއެކު އިލްމުވެރިން ވިދާޅުވަނީ ކޮންމެ ރޯދައަކަށް މިސްކީނަކަަށް ފިދުޔަ ދޭށެވެ. ނުވަތަ ކާންދޭން ޖެހޭނެ ކަމުގައެވެ. ނުވަތަ ކެއުމަށްވާ ފައިސާ ސަދަގާތްކުރުމަށެވެ. އެއީ އޭނާ ފާއިތުވީތީއެވެ. އަދި ހަމަ އެހެންމެ ފާއިތުވެ ގިނަ އަހަރުތަކެއް ވެއްޖެނަމަ ކޮންމެ އަހަރަކަށްވެސް އިތުރަށް އޭނާ ފިދުޔަ ދޭންޖެހޭ ކަމަށް އުސްތާޒާ ސާމިޔާ ޒަކަރިއްޔާ ވިދާޅުވިއެވެ.
ރޯދަ ސުންބުލި: ކުރީ އަހަރުގެ ރޯދަތަކެއް ނުހިފިހުރި ނަމަ ހަދާނީ ކިހިނެއް؟
ގްރޭޓާ މާލޭގެ ކޮންސްޓްރަކްޝަން ސައިޓުތަކާއި، މީހުން ދިރިއުޅޭ ގެތަކުގެ ބެލްކަނިތަކުގައި މަގުމައްޗަށް ވެއްޓޭ ގޮތަށް އެއްވެސް އެއްޗެއް ނުބަހައްޓަން މާލޭ ސިޓީ ކައުންސިލުން އަންގައިފިއެވެ. ރާއްޖޭގެ މޫސުމާބެހޭ އިދާރާއިން ވަނީ ގްރޭޓާ މާލޭ ހިމެނޭގޮތަށް ރާއްޖޭގެ ބޮޑުބަޔަކަށް ބޯކޮށް ވާރޭވެހި ވައި ގަދަވާނެކަމަށް ލަފާކޮށް އާންމު ހުރިހާ ފަރާތްތަކުން މޫސުމަށް ވަރަށް ބޮޑަށް ސަމާލުވުމަށް އިލްތިމާސް ކޮށްފައިއެވެ. މިހާރު ކުރަމުން އަންނަ ހުޅަނގު މޫސުމުގެ ވިއްސާރައިގައި ގްރޭޓާ މާލޭ އަށް ވައިގަދަވެ ބޮޑެތި ގެއްލުންތަކެއް އަންނަނީ ލިބެމުންނެވެ. އެހެންކަމުން ރައްޔިތުންނަށް ދިމާވެދާނެ ނުރައްކާތެރި ހާދިސާއަކުން ރައްކާތެރިވުމަށްޓަކައި ގްރޭޓާ މާލޭ ސަރަހައްދުގެ ކޮންސްޓްރަކްޝަން ސައިޓުތަކާއި ގޭގޭގެ ބެލްކަނީގައި މަގުމައްޗަށް ވެއްޓިދާނެ ފަދަ ގޮތަކަށް ގަސްމުއްޓާއި މިބާވަތުގެ އެއްވެސް އެއްޗެއް ނުބެހެއްޓުމަށް ގޭގެ ވެރިންނަށާއި ގްރޭޓާ މާލޭގައި އިމާރާތްކުރަމުންދާ ސައިޓުތަކުގައި މަސައްކަތްކުރަމުންދާ ކޮންސްޓްރަކްޝަން ކޮމްޕެނީތަކުގެ ވެރިންނަށް ސިޓީ ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި މަތިން އެއްޗެހި ވެއްޓޭފަދަގޮތަކަށް ބެހެއްޓިފައި ހުރި ކޮންސްޓްރަކްޝަން ސައިޓު ފަދަ ތަންތަން ވީ އެންމެ އަވަހަކަށް ރަނގަޅު ކުރުމަށް ވެސް ވަނީ އަންގައިފައެވެ. މެޓުން ބުނެފައިވަނީ މިއަދު ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 15 މޭލާ 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލާ 55 މޭލާ ދެމެދުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށެވެ. އެހެންކަމުން އާންމުކޮށް ހުރިހާ ފަރާތްތަކުން ވެވސް މޫސުމަށް ސަމާލުވުމަށް ވަނީ އިލްތިމާސް ކޮށްފައެވެ.
އިމާރާތްތަކާއި ބެލްކަނިތަކުގައި މަގަށް ވެއްޓޭގޮތަށް އެއްޗެހި ނުބަހަޓަން އަންގައިފި
ކޮރޯނާވައިރަހުގެ ހާލަތު ކޮންމެވެސް ވަރަކަށް ކޮންޓްރޯލްވެ، ހަރުކަށި ފިޔަވަޅުތައް ދޫކުރުމާ ދިމާލަށް ރާއްޖޭގެ މިސްރާބުވެސް ހުރި އިރު ދެން އޮތް އެންމެ ބޮޑު ނުރައްކަަލަކީ، މާލެއެކޭ އެއްގޮތަށް ރާއްޖޭގެ އެތައް ރަށެއްގައި އެއް ފަހަރާ ބަލި ފެތުރިގެން ދިޔުމެވެ. މިއީ މިހާރު ވެސް ނާޒުކު ސިއްހީ ނިޒާމެއް އޮތް ރާއްޖެއަށް ކުރިމަތިވާނެ އެންމެ ބޮޑު ގޮންޖެހުމެވެ. ޒަމާނުއްސުރެ ރާއްޖޭގެ ހެލްތް ނިޒާމް ތަރުތީބުވެފައި އޮތީ ބޮޑު ބައްޔެއް ވެއްޖެ ނަމަ، މާލެ އަންނަން ޖެހޭ ގޮތަށެވެ. ނޫނީ އަވަށްޓެރި ގައުމަކަށް ގޮސް ފަރުވާ ހޯދުމެވެ. "ސަން"އަށް ދެއްވި ހާއްސަ އިންޓަވިއެއްގައި ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވެސް ވިދާޅުވި ގޮތުގައި މާލެއެކޭ އެއްގޮތަށް މުޅި ރާއްޖޭގެ އެކި ރަށްރަށުގައި އެއްފަހަރާ ބަލި ފެތުރިއްޖެ ނަމަ، އެ ވާނީ ރާއްޖެއަށް ކުރިމަތިވާނެ އެންމެ ބޮޑު ސިއްހީ ކާރިސާއަށެވެ. އެ ހިސާބަށް ނުގޮސް ރާއްޖެ ސަލާމަތް ކުރަން ސަރުކާރުން ވަނީ މިހާރު ޕްލޭންތަކެއް ރާވާ އެވެ. މި ވައިރަހުން ސަލާމަތް ވެވޭނެ ދުވަހެއް ނޭނގޭ އިރު ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވި ގޮތުގައި، މާލެއިން ބޭރުން ރާއްޖޭގެ އެކި ރަށްރަށުގައި ބަލި ފެތުރިދާނެ ހާލަތަކަށް މިހާރު ވަނީ ތާއްޔާރުވެފަ އެވެ. އެއީ ކޮވިޑް-19 ފަރުވާގެ ސެންޓަރުތަކެއް ރާއްޖޭގެ ފަސް ސަރަހައްދަކަށް އަމާޒުކޮށްގެން ގާއިމްކުރުމެވެ. މާލެއަށް ފަހު އެންމެ ގިނަ ކޮވިޑް-19 ގެ ބަލި މީހުން ފެނުނު ނަރުދޫގައި މިނިސްޓަރު އަމީން -- މިނިސްޓަރު ވިދާޅުވީ ގޮތުގައި ސަރުކާރުގެ ވިސްނުމަކީ ވެސް، ބަލި ޖެހޭ އެންމެން މާލެ ސަރަހައްދަށް ޖަމާކުރުމެއް ނޫނެވެ. އަދި މިވަގުތަށް ރަށްރަށުން ބަލި ފެންނަވަރު މަދުވުމުން މީހުން މާލެއަށް ގެނެސް ފަރުވާދެވުނު ނަމަވެސް، މުސްތަގުބަލުގައި ކޮވިޑް-19 ފަރުވާގެ ނިޒާމް ލާމަރުކަޒީ ކުރަން ޖެހޭ ކަމަށް މިނިސްޓަރު ވެސް އެއްބަސްވެލައްވަ އެވެ. މިނިސްޓަރު އަމީން ވިދާޅުވި ގޮތުގައި އެކަމަކަށް އޮތް ވިސްނުމަކީ ރީޖަނަލް ލެވަލްގައި ކޮވިޑް-19 ފަރުވާގެ މަރުކަޒުތަކެއް ގާއިމް ކުރުމެވެ. އެތަންތަނުގެ މަސައްކަތް ފަށާ މިހާރު ވަނީ އެތަންތަން އެކީ ނިންމާލުމާ ވަރަށް ގާތްވެފައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެ މަރުކަޒުތަކުގައި ކްރިޓިކަލް ފަރުވާ އާއި އައިސީޔޫ އެނދުތައް ގާއިމް ކުރުމާއި މީހުން ކަރަންޓީނު ކުރެވޭނެ ނިޒާމް ގާއިމް ކުރެވިފައި ހުންނާނެ ކަމަށް ވިދާޅުވި އެވެ. އަދި އެތަންތަނުގައި އެކަށީގެންވާ ވަރަށް ރައްކާތެރި ކަމަށް ބޭނުން ކުރާ ޕީޕީއީ އާއި ފަރުވާދެވޭނެ އެހެން ވެސް ސާމާނު ދަތި ނުވެ ލިބޭ ގޮތަށް އިންތިޒާމްތައް ރާވަމުން ދާ ކަމަށް މިިނިސްޓަރު ވިދާޅުވި އެވެ. "އެންމެން މާލެއަށް ޖަމާކުރުމެއް ނޫން އަޅުގަނޑުމެންގެ ވިސްނުމުގައި އޮތީ. ފަރުވާ މަރުކަޒީ ސެންޓަރުތަކެއްގެ ތެރެއިން ދިނުން. ފަސް މަރުކަޒެއް އަޅުގަނޑުމެން މި ގާއިމް ކުރަނީ. އެ ތަންތަނުގައި ކުރިޓިކަލް ކެއާ، އައިސީޔޫ ބެޑް، އައިސޮލޭޝަން މި ހުރިހާ ކަމެއް ހަމަޖެހިފައި ހުންނާނެ. އަޅުގަނޑުމެންގެ ތައްޔާރީތައް މި ހުރީ ރަށްރަށަށް ބަލި ގޮސްފި ނަމަ މި ތަންތަނުގެ ތެރެއިން ފަރުވާގެ ނިޒާމު ރޭވުމަށް،" މިނިސްޓަރު ވިދާޅުވި އެވެ. އައްޑޫ ސިޓީ، ހިތަދޫ ރީޖަނަލް ހޮސްޕިޓަލް -- ސަން ފޮޓޯ/ ފަޔާޒު މޫސާ ކޮވިޑް-19 ފަރުވާގެ ފަސް ސެންޓަރު ރާއްޖޭގައި ގާއިމް ކުރަނީ؛ ޒޯން އެކެއް - ށ. ފުނަދޫ ޒޯން ދޭއް - ބ. އޭދަފުށީ ޒޯން ތިނެއް - ލ. ގަން ޒޯން ހަތަރެއް - ގއ. ވިލިގިލީގައި ޒޯން ފަހެއް - އައްޑޫ ސިޓީ މިނިސްޓަރު ވިދާޅުވީ އެ ސެންޓަރުތަކުގެ ފަރުވާގެ ކަންކަން ކުރިއަށް ގެންދަން ޖެހޭނެ ގޮތް ވިލަރެސް ކުރުމަށް އައިޖީއެމްއެޗްގެ ދަށުން ކޮވިޑް-19 ފަރުވާގެ ކުލިނިކަލް އެޑްވައިޒަރީ ބޯޑެއް މިހާރު އެކުލަވާލާފައިވާ ކަމަށެވެ. އަދި އެ ސެންޓަރުތަކުގައި ފަރުވާގެ ކަންކަން ކުރިއަށް ގެންދާނެ ގޮތާއި، ބަލި މީހަކު ވަރަށް ބޮޑަށް ހާލު ބޮޑުވާ ދަނޑިވަޅުގައި ކަންކުރާނެ ގޮތުގެ އިރުޝާދު އެ ޓީމުން ފަސް ސަރަހައްދުގެ ސެންޓަރުތަކަށް ދެމުން ގެންދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. "އެ އެޑްވައިޒަރީ ބޮޑުން މި ފަސް ސެންޓަރާ ގުޅިގެން މަސައްކަތް ދާނީ. އެބޭފުޅުން ދުވަހެއް ދުވަހަށް އިރުޝާދު ދެއްވާނެ ދޭން ޖެހޭ ފަރުވާ ތަކާއި ފަރުވާއަށް އަންނަ ބަދަލާ މި ހުރިހާ އެއްޗެއް. އަދި ބަލި މީހަކު މާލެ ގެންނަން ޖެހިއްޖެ ހިދެއްގައި އެކަން ވެސް މި ނިޒާމްގެ ތެރެއިން އިންތިޒާމް ވެެގެން ދާނީ،" މިނިސްޓަރު ވިދާޅުވި އެވެ. މޭ، 17، 2020: އާބާދީގައި 600އަށް ވުރެ ގިނަ މީހުން އުޅޭ ށ. ނަރުދޫ ފުރަ ބަންދުގައި އޮތްއިރު ރަށުތެރެއިން ވަރަށް މަދުން ނޫނީ މީހެއްގެ ހިލަމެއް ވެސް ނުވޭ: މި ރަށަކީ މާލެއަށް ފަހު އެންމެ ގިނަ ޕޮޒިޓިވް ކޭސްތައް ފެނުނު ރަށް -- ސަން ފޮޓޯ/ މުހައްމަދު އަފްރާހު ރަށްރަށުގައި މިހާރުވެސް ގެންދަނީ ޓާސްކް ފޯސްތަކެއް ހަދައިގެން ކޮވިޑް-19ގެ ކަންކަން އެ ރަށެއްގައި އިންތިޒާމް ކުރަމުންނެވެ. މިނިސްޓަރު ވިދާޅުވީ ކައުންސިލްތަކާ ގުޅިގެން ޓާސްކް ފޯސްތަކުން ވަރަށް މުހިންމު އަދި ބުރަ މަސައްކަތަކެއް ކުރަމުން އަންނަ ކަމަށެވެ. އަދި ރަށްރަށުގައި ބަލި ފެތުރިއްޖެ ހާލަތެއްގައި އަމަލު ކުރާނެ ގޮތުގެ ކަންކަން ރާވާނެ ގޮތްތައް ޓާސްކް ފޯސްތަކަށް ބްރީފްކޮށް މީހުން ތަމްރީންކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ނިއުނޯމަލްއަކަށް ދާއިރު ރާއްޖޭގެ މީހުން އުޅޭ ކޮންމެ ރަށަކުން ބަލި މީހަކު ފެނިއްޖެ ނަމަ ރަށު ލެވަލްގައި ކަންކުރާނެ ގޮތާއި އަތޮޅު ލެވަލްގައި ކަންކުރާނެ ސާފު އުސޫލުތައް ކަނޑައެޅި އެ ކަންކަމަށް ޓާސްކް ފޯސްތައް ތައްޔާރު ކުރެވިފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. "އަތޮޅުތަކުން ޕީޕީއީ ލިބޭނެ ގޮތާއި އެހެން ވެސް ކަންކަން ކުރަން ޖެހޭ ގޮތްތައް ވަނީ އެކަށައެޅިފައި. އެ ނިޒާމުތައް އެކުލަވާލެވިފައި. އެ ކަންކަމުގެ ތެރެއިން އަތޮޅުތައް މި ބައްޔަށް ވަނީ ތައްޔާރު ކުރެވިފައި. އަދިވެސް އިތުރަށް އެ ނިޒާމު ވަރުގަދަ ކުރުމުގެ މަސައްކަތް ކުރަމުން މިދަނީ،" މިނިސްޓަރު ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި ރާއްޖޭގައި މިވަގުތު ކޮމިޔުނިޓީ ސްޕްރެޑެއް އޮތުމުން، ސަރުކާރުގެ މިހާރު އަމާޒަކީ ޓެސްޓިން ކެޕޭސިޓީ އިތުރު ކުރުމެވެ. އެގޮތުން އަތޮޅުތަކުގައި ވެސް، ޓެސްޓް ކުރެވޭނެ އިންތިޒާމް މި މަހުގެ ފަހުކޮޅު ނޫނީ އަންނަ މަހުގެ ތެރޭގައި ގާއިމް ކުރެވޭނެ ކަމަށް ވިދާޅުވި އެވެ. އަތޮޅު ތެރޭގައި މިހާރުވެސް ބައްޔަށް ޓެސްޓް ކުރެވޭނެ ކަހަލަ މެޝިންތައް ހުރުމުން އެތަކެއްޗަށް ބޭނުންވާ ކާޓްރިޗް ގަނެ، މިހާރު ވަނީ ރާއްޖެ ގެނައުމުގެ މަގުމަތީގަ އެވެ. ކޮވިޑް-19 ޓެސްޓިން ހަދަނީ -- "މިމަހުގެ ނިޔަލަށް ނުވަތަ ޖޫންމަހުގެ ފުރަތަމަ ހަފްތާ ތެރޭގައި ޑަބްލިއުއެޗްއޯ މެދުވެރިކޮށް އަޅުގަނޑުމެންނަށް ޖީންއެކްސްޕާޓް ކާޓްރިޖްތައް ރާއްޖެއަށް އައުމާއެކީގައި އަތޮޅު ތެރޭގައި ޓެސްޓްކުރުން ފެށިގެންދާނެ. މީގެއިތުރުން ޕީސީއާރު މެޝިންތައް ބޭނުންކޮށްގެންވެސް އަތޮޅުތަކުގައި ޓެސްޓްކުރުމުގެ އިންތިޒާމްތައް މި އަންނަނީ ހަމަޖައްސަމުން" މިނިސްޓަރު އަމީން ވިދާޅުވި އެވެ. މިވަގުތު ބައްޔަށް ހަމައެކަނި ޓެސްޓް ކުރެވެނީ މާލޭގަ އެވެ. ސަރުކާރުގެ އަމާޒުވެެސް މިހާރު ހުރީ އަންނަ ބުރާސްފަތި ދުވަހަށް ފަހު މިހާރު އޮތް ފުރަބަންދަށް ލުއިތަކެއް ދިނުމަށެވެ. އެކަމަކު، އެކަން ކުރަނީ ބޮޑެތި ހިފެހެއްޓުންތަކާ އެކު އެވެ. އެއާ އެކު ކޭސްތައް ގިނަވުމުގެ ފުރުސަތު އޮންނާނެ އެވެ. އެ ދުވަހަށް ވާއިރަށް މުޅި ރާއްޖެ އެ ބައްޔަށް ތައްޔާރު ކުރުން ވަރަށް މުހިންމެވެ. މިވަގުތު މާލެ ފިޔަވައި ދެތިން ރަށަކުން ވަރަށް މަދުން ބަލި މީހުން ފެނުނު ނަމަވެސް، ވިސްނަން ޖެހޭނީ މާލެ ނޫނަސް އެތަށް ރަށެއްގައި ބަލި ފެތުރިދާނެ ހާލަތަށެވެ. އެ ހާލަތަށް ތައްޔާރު ނުވެ ތިއްބާ އެ ހާލަތު ކުރި މަތިވެއްޖެ ނަމަ އެއީ ރާއްޖޭގެ ރިހޭ ފައި މައްޗަށް ފޮއި ވެއްޓުން ފަދަ ކަމެކެވެ. އެއީ ނުރައްކާތެރި ހާލަތަކަށް ވާނެ އެވެ.
ކޮވިޑް-19އަށް ފަސް މަރުކަޒެއް، އެންމެން މާލެ ނުގެންނާނެ!
ރާއްޖެއިން އަދި މިހާތަނަށް ފެނިފައިނުވާ މޫދުވިނައިގެ އާ ބާވަތެއް ފެނިފައިިވާ ކަމަށް މޯލްޑިވްސް ރެޒީލިއަންޓް ރީފްސް ޕްރޮޖެކްޓުން ބުނެފި އެވެ. އެ ޕްރޮޖެކްޓުގެ ފޭސްބުކް ޕޭޖުގައި ބުނެފައި ވަނީ، އާ ވައްތަރެއްގެ މޫދުވިނައެއް ފާހަގަ ވެފައި ވަނީ އިއްޔެ ބޭއްވި ވެބިނާއެއްގެ ތެރެއިން، މޫދުވިނައިގެ ފޮޓޯތަކެއް ބަލަމުން ދަނިކޮށް ކަމަށެވެ. އާ ވައްތަރެއްގެ މޫދު ވިނައެއް ފެނިފައި ވަނީ އައްޑޫ ނޭޗާ ޕާކުންނެވެ. އަދި އެއީ ސައިމޮޑޭސިއާ ސެރަލާޓާ ކިޔާ މޫދުވިނައެއް ކަމަށް ތަޖުރިބާކާރުން ކަށަވަރުުކޮށްދީފައިވާ ކަމަށް ވެސް އެ ޕޭޖުގައި ބުނެފައިވެ އެވެ. މިއާއެކު ރާއްޖެއިން ފެނިފައިިވާ މޫދުވިނައިގެ ބާވަތްތަކުގެ އަދަދު ވަނީ ހަތަކަށް އަރާފައެވެ. މީގެ އިތުރުން ރާއްޖެއިން މޫދުވިނައިގެ އިތުރު ވައްތަރުތައް ފެނުމަކީ ވަރަށް ބޮޑަށް އެކަށީގެންވާ ކަމެއް ކަމަށް ރެޒީލިއަންޓް ރީފްސް ޕްރޮޖެކްޓުން ވަނީ ބުނެފަ އެވެ. ރާއްޖޭގައި މޫދުވިނަ ނޮޅުމުގެ އާދަ ހުއްޓުވައި، އަދި މޫދުވިނަ ހިމާޔަތްކުރުމަށް މިދިޔަ އަހަރުގެ ކުރީކޮޅު ވަނީ "ޕްރޮޓެކްޓް މޯލްޑިވްސް ސީގްރާސް"ގެ ނަމުގަައި ބޮޑު ކެމްޕޭނެއް ވެސް ފަށައިފައެވެ. އެ ކެމްޕޭނުގައި ރާއްޖޭގެ ގިނަ އަދަދެއްގެ ރިސޯޓުތަކުން ވެސް ވަނީ ބައިވެރިވެފަ އެވެ. އެ ކެމްޕޭނު ފެށީ ސިކްސް ސެންސެސް ލާމު ރިސޯޓުގެ މެރިން ބަޔޮލޮޖިސްޓުންގެ ޓީމު "މޯލްޑިވްސް އަންޑަވޯޓާ އިނީޝިއޭޓިވް"އާއި ކަނޑުއަޑީގެ ދިރުންތައް ހިމާޔަތްކުރަން މަސައްކަތްކުރާ އިނގިރޭސިވިލާތުގެ ޗެރިޓީ "ބްލޫ މެރިން ފައުންޑޭޝަން" ގުޅިގެންނެވެ. މޯލްޑިވްސް ރެސިލިއެންޓް ރީޕްސް ޕްރޮޖެޓަކީ ވެސް ބްލޫ މެރިން ފައުންޑޭޝަނުން ކުރިއަށް ގެންދާ ޕްރޮޖެކްޓެކެވެ.
ރާއްޖެއިން މޫދުވިނަައިގެ އާ ވައްތަރެއް ފެނިއްޖެ
އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ބިޔޯންސޭ ކޮވިޑް19ގެ ރިލީފް ފަންޑަށް ހަ މިލިއަން ޑޮލަރު ހަދިޔާކޮށްފި އެވެ. ބިޔޯންސޭ ބުނީ ނަފްސާނީ ބަލިތަކަށް އިސްކަންދީގެން ކުރިއަށް ގެންދާ އެ ހަރަކާތަކީ ޔޫސީއެލްއޭ އާ ގުޅިގެން ހިންގާ ހަރަކާތެއް ކަމަށެވެ. އޭނާ ބުނީ އެ ހަރަކާތުގައި 24 ގަޑިއިރު ހުއްޓުމެއްނެތި މަސައްކަތްކުރަމުން އަންނަ އެކި ކަހަލަ އޮގަނައިޒޭޝަން ތަކަށް އެއްބާރުލުން ފޯރުކޮށްދިނުމުގެ ގޮތުން ވެސް ބައެއް ކަހަލަ ތަކެތި ފޯރުކޮށްދީފައިވާ ކަމަށެވެ. އޭގެ ތެރޭގައި ކާނާ، ފެން، ތަންތަން ސާފުކުރަން ބޭނުންކުރާ ސާމާނު، ބޭސް އަދި ފޭސް މާސްކް ހިމެނެ އެވެ. ބިޔޯންސޭ ބުނީ މުޅި ދުނިޔެ މިފަދަ ނުރައްކާތެރި ބައްޔެއް ތަހައްމަލުކުރަމުން އަންނަ ދަނޑިވަޅެއްގައި އެހީ ބޭނުންވެފައި ތިބި ބަޔަކަށް އެހީ ފޯރުކޮށްދިނުމަކީ ވަރަށް މުހިއްމުކަމެއްކަމަށެވެ.
ކޮވިޑް19 ރިލީފް ފަންޑަން ބިޔޯންސޭ ހަ މިލިއަން ޑޮލަރު ހަދިޔާ
އިއްޔެ މާލެ ސަރަހައްދަށް މޫސުން ވަރަށް ގޯސްވެ، ކަނޑުގަދަވުމުގެ ސަބަބުން މާލޭ ހުޅަނގު ފަރާތަށް އުދަ އަރައި، އެދިމާލުގައި އޮންނަ ރަސްފަންނު ބީޗަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ. މިދިޔަ 24 ގަޑިއިރުގެ ތެރޭގައި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ވަރަށް ބޮޑަށް ވިއްސާރަވެ ވައިގަދަވިއެވެ. އަދި ބ. އަތޮޅުން ފެށިގެން ފ. އަތޮޅާ ހަމައަށް ރޭގެ ވަގުތަކަށް އޮރެންޖު އެލާޓްވެސް ނެރުނެވެ--މިއީ ފަހުގެ ތާރީހެއްގައި މޫސުމާ ބެހޭ ގައުމީ އިދާރާއިން އޮރެންޖު އެލާޓް ނެރުނު ފުރަތަމަ ފަހަރެވެ. އިއްޔެ ކުރި ވިއްސާރައިގައި ރަސްފަންނު ސަރަހައްދަށް ވަރަށް ބޮޑަށް އުދަ އެރިއެވެ. އެތަނަށް ބިންދާލި ރާޅުތަކުގެ ސަބަބުން އެތަނުގެ ބީޗު މިހާރު ވަނީ ވަރަށް ބޮޑަށް ގިރާލާފައެވެ. އޭގެ އިތުރުން ހިއްކާފައި އޮތް ވެލިގަނޑު ދަމާލައި، އެތަނުގެ ބިންގަނޑު ވަނީ ވަރަށް ބޮޑަށް ބައިބައިވެެފައެވެ. އިއްޔެ ކުރި ވިއްސާރައިގައި ރަސްފަންނަށް ވަރަށް ބޮޑަށް ގެއްލުންވެފައި -- ސަން ފޮޓޯ/ މުޒައްޔިން ނާޒިމް އޭގެ އިތުރުން މީހުުން ހިތްހަމަޖައްސާލަން ތިބޭ ބެންޗުތައް ފަދަ ތަންތަނަށްވެސް ވިއްސާރައިގެ ސަބަބުން އެކި ވަރުގެ ގެއްލުން ލިބިފައިވެއެވެ. ހިޔާކުރަން ޖަހާފައި ހުރި ކުޑަތައް ހުރީ ބިންމައްޗަށް ވެއްޓިފައެވެ. އަދި ގޮނޑުދޮށަށް ވަނީ ގިނަ އަދަދަކަށް ކުނިބުނި އަރައިފައެވެ. މީގެ ކުރިންވެސް ރަސްފަންނަށް އުދަ އަރާ ފަހަރުތަކުގައި އެތަން ވަރަށް ބޮޑަށް ގިރައެވެ. އުދަ އަރާ ކޮންމެ ފަހަރަކު އެތަނަށް އަލުން ވެލި އަޅަން ޖެހެއެވެ. ރަސްފަނުނު ބީޗު ހެދުމުގެ މަސައްކަތް ހަވާލު ކުރީ 2016 ވަނަ އަހަރުގެ ތެރޭގައި އެމްޓީސީސީއާއެވެ. އެތަނަށް ސާޅީހަކަށް މިލިއަން ރުފިޔާ ހަރަދު ކުރިއެވެ. އިއްޔެ ކުރި ވިއްސާރައިގައި ރަސްފަންނަށް ވަރަށް ބޮޑަށް ގެއްލުންވެފައި -- ސަން ފޮޓޯ/ މުޒައްޔިން ނާޒިމް ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި ރަސްފަންނު ހުޅުވި ދުވަސްވަރު ރަސްފަންނުގެ ފެނުން ނަޖިސް ފެނިގެން އެތަން ބަންދު ކުރިއެވެ. އެ ފަހަރު އެތަން ބަންދު ކުރުމަށް ފަހު އަލުން ހުޅުވާލީ ލޮނުގަނޑުގެ ޓެސްޓުތައް ހެދުމަށް ފަހު އެއީ މޫދަށް އެރެން ރައްކާތެރި ތަނެއް ކަމަށް އޭރުގެ ހެލްތު މިނިސްޓްރީން ބުނުމުންނެވެ. މި ސަރުކާރު އައި ފަހުންވެސް އެތަނުން ނަޖިސް ފެނިގެން މާލޭ ސިޓީ ކައުންސިލުން އެތަން ބަންދު ކުރިއެވެ. އެތަން އަލުން ހުޅުވީ އެޗްޕީއޭއިން ރައްކާތެރިކަމުގެ ކްލިއަރަންސް ދިނުމުންނެވެ. މަރާމާތަށް ހަރަދު ކުރަން ޖެހޭތީ އެކަމުގެ ފާޑުކިޔުން ކުރީގެ ސަރުކާރަށް މީގެ ކުރިންވެސް އަމާޒުވިއެވެ. އިއްޔެ ކުރި ވިއްސާރައިގައި ރަސްފަންނަށް ވަރަށް ބޮޑަށް ގެއްލުންވެފައި -- ސަން ފޮޓޯ/ މުޒައްޔިން ނާޒިމް ރަސްފަންނު ސަރަހައްދުގައި ތަރައްގީ ކުރި ޕެވެލިއަންވެސް މިހާރު ހުންނަނީ ބަންދުކޮށްފައެވެ. މީގެ ކުރިން ކުރިން ތިން ރެސްޓޯރެންޓެއް ހިންގި އެތަން ބަންދުކުރުމަށްފަހު ޕެވިލިއަން ބޭނުން ނުކޮށް އޮތުމުގެ ސަބަބުން މިހާރު ވަނީ ވަރަށް ބޮޑަށް ހާލާކުވެ ވީރާނާވެފައެވެ. އެކި އުމުރުފުރާތަކުގެ މީހުން ރަސްފަންނުގެ މޫދު ބޭނުން ކުރެއެވެ. ނަމަވެސް މި ދުވަސްވަރު ކޮވިޑް-19އާ ގުޅިގެން މާލެ ލޮކްޑައުންކޮށްފައި އޮތުމުން އާންމުން އެއްވެ އުޅޭ އެހެންތަންތަންހެން އެތަންވެސް އޮންނަނީ ހުހަށެވެ.
ގަދަ ވިއްސާރައިގައި އުދަ އަރައި، ރަސްފަންނު ސުންނާފަތިވެއްޖެ
ޒަކާތަކީ މާތްﷲ މުސްލިމުންގެ މައްޗަށް ފަރުޟުކުރައްވާފައިވާ އިސްލާމްދީނުގެ އެއް ރުކުނެވެ. ޒަކާތުގެ ދެ ބާވަތެއް ހިމެނޭއިރު، ރަމަޟާން މަހާއި ގުޅިގެން ދެއްކުން ފަރުޟު ކުރައްވާފައިވަނީ ފިތުރު ޒަކާތެވެ. ރޯދަ ސުންބުލީގައި މިއަދު އުސްތާޒާ ސާމިޔާ ޒަކަރިއްޔާ އަލިއަޅުވާލައްވާފައިވަނީ ފިތުރު ޒަކާތް ދެއްކުމާއި ބެހޭގޮތުންނެވެ. ސ: ފިތުރު ޒަކާތް ދެއްކުން އެންމެ ރަނގަޅު ގޮތަކީ ކޮބާ؟ ޖ: ފިތުރުޒަކާތް ފަރުޟުކުރައްވާފައިވަނީ ރަމަޟާން މަހު ރޯދަ ހީފާމީހުންނަށް އީދު ދުވަހު އީދު ނަމާދަށް ދިއުމުގެ ކުރިން އެ ޒަކާތުގެ އަހުލުވެރިންނަށް ނުވަތަ ބެހެނިވެރިންނަށް އެ ފޯރުކޮށްދޭން ޖެހޭގޮތަށެވެ. ގައުމުތަކުގައި އަމަލުކުރެވޭ ގޮތަކީ އެ ގައުމެއްގެ ދައުލަތުން ޒަކާތް ނަގައި އޭގެ ބެހެނިވެރިންނަށް ފޯރުކޮށްދިނުމެވެ. ކީރިތި މާތް ނަބިއްޔާ މުހައްމަދުއް ރަސޫލު ސައްލައްﷲ އަލައިހި ވަސައްލަމްއަށް މާތްﷲ ވެސް ވަނީ ފިތުރު ޒަކާތް ނެންގެވުމަށް އަދި އެ ރައްޔިތުންނަށް ފޯރުކޮށްދެއްވުމަށް ވަހީކުރައްވާފައެވެ. އެހެންކަމުން ޒަކާތް އަދާކުރަންޖެހޭ ފަރާތްްތަކުގެ އަތުން ޒަަކާތް ނަގައި އަދި އޭގެ ހައްގުވެރިންނަށް އަމާނާތްތެރިކަމާއެކީ ރައްދުކޮށްދިނުމަކީ ދައުލަތުގެ ޒިންމާއެކެވެ. އިހުޒަމާނުގައި ނަމަ އެއީ ސާއެއްގެ މިންވަރެވެ. ނަމަވެސް މި ޒަމާނުގައި ހަނޑުލުން ނުވަތަ އަޅުގަނޑުމެން ކައިއުޅޭ އޮއްޓަރު ހުރި ބާވަތަކުން އެ ދައްކަންޖެހޭ މިންވަރެއް ކަމަށް ދައުލަތުން ކަނޑައަޅާ މިންވަރެވެ. މިކަމުގައި އެންމެ ރަނގަޅީ ހަނޑުލުން ދިނުމުގެ ބަދަލުގައި އެ ދައްކަންޖެހޭ މިންވަރު ދެއްކުން ކަމަށް އަޅުގަނޑަށް ގަބޫލުކުރެވެއެވެ. ސަަބަބަކީ އެއީ ޒަކާތުގެ މަގްސަދު އެންމެ ބޮޑަށް ހާސިލްވެ މީސްތަކުންނަށް އޭގެ މަންފާ ލިބޭގޮތްކަމުގައިވާތީއެވެ. އިހުޒަމާނުގައިނަމަ ހަނޑޫކޮޅެއް ދީފައި އޭގެ ބަދަލުގައި އެހެންއެއްޗެއް އެމީހަކަށް ގަނެވެއެވެ. ނަމަވެސް މިޒަމާނުގައި ހުރިހާ އެއްޗެއް ގަނެވެނީ ފައިސާއިންނެވެ. އެހެންކަމުން ފަގީރު ނިކަމެތި މީހާއަށްވެސް އޭނާ އެންމެ ބޮޑަށް ބޭނުންވެފައިވާ ކަމެއް ކޮށްގެން އީދުގެ އުފަލުގައި ބައިވެރިވެވޭނީ ފައިސާ ހުރެގެންނެވެ. މީގެ އިތުރުން އަޅުގަނޑުމެން އަމިއްލަ އަމިއްލައަށް ޒަކާތް ދެއްކުމުގެ ބަދަލުގައި ދައުލަތަށް ޒަކާތް ދެއްކުމުގެ ސަބަބުން ޒަކާތުގެ އެންމެ ހައްގު ބެހެނިވެރިންނަށް އެ އޮންނަ އުސޫލުގެ ދަށުން ހަމަހަމައަށް ޒަކާތް ލިބުމަށް މަގުފަހިކޮށްދޭނެ އެވެ. ނަމަވެސް ފަރުވާކުޑަކުރެވިގެން މާ ލަސްކުރެވިއްޖެ ކަމުގައިވާނަމަ އެ ހާލަތުގައި ނިކަމެއްޗަކަށް އެ ފޯރުކޮށްދެވިދާނެއެވެ. ނަމަވެސް އެންމެ ރަނގަޅު ގޮތަކީ ވަގުތު ފާއިތުނުވަނީސް އެންމެ ރަނގަޅުގޮތުގައި ޒަކާތް ދެއްކުމެވެ. ރާއްޖޭގެ އިސްލާމިކް މިނިސްޓްރީން ކަނޑައަޅާފައިވާ ފިތުރު ޒަކާތުގެ ނިސާބަކީ އާންމުކޮށް ކައި އުޅުނު ހަނޑުލުގެ ނުވަތަ ފުށުގެ ބާވަތުގެ 2.4 ކިލޯ، ނުވަތަ އެއަށް ވާ އަގެވެ.އެވެ. ކޮވިޑް19 ގެ މި ހާލަތުގައި ޒަކާތް ދެއްކުމުގެ އިންތިޒާމް ހަމަޖެހިފައިވަނީ އޮންލައިންކޮށެވެ. ގްރޭޓާ މާލޭގެ ރައްޔިތުން ޒަކާތް ދައްކަންޖެހޭނީ ދިރާގު ޕޭ، އުރީދޫ އެމް ފައިސާ، އަދި ބޭންކް އޮފް މޯލްޑިވްސްއާއި މޯލްޑިވްސް އިސްލާމިކް ބޭންކުގެ އިންޓަނެޓް ބޭންކިން މެދުވެރިކޮށެވެ. ފިތުރު ޒަކާތް ބަލައިގަންނަ އަގުތައް: އާދައިގެ ހަނޑޫ: 15 ރުފިޔާ ތައިލެންޑް ހުދު ހަނޑޫ: 48 ރުފިޔާ ބާސްމަތީ ހަނޑޫ: 105 ރުފިޔާ ރަތް ހަނޑޫ: 65 ރުފިޔާ އާދައިގެ ފުށް: 12 ރުފިޔާ އާޓާ ފުށް: 55 ރުފިޔާ މާލެ ސިޓީ ފިޔަވައި އެހެން ސިޓީތަކާއި ރަށްރަށުގައި ފިތުރުޒަކާތް ބަލައިގަތުމުގެ އިންތިޒާމު ހަމަޖައްސާނީ އެރަށެއްގެ ކައުންސިލުން ކަމަށް ވެސް މިނިސްޓްރީގެ އިއުލާނުގައިވެ އެވެ.
ފިތުރު ޒަކާތް ދެއްކުމުގެ އެންމެ ރަނގަޅު ގޮތަކީ ކޮބާ؟
އޮންލައިންކޮށް ކިޔަވައިދިނުމުގެ ގައުމީ މިންގަނޑެއް އެކުލަވާލައި އެ އުސޫލުތަކުގެ ދަށުން އޮންލައިންކޮށް ކިޔަވައިދިނުމުގެ މަސައްކަތް ކުރިއަށް ގެންދަން ނިންމާފައިވާާކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވެއްޖެ އެވެ. ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމެޓީގައި މިނިސްޓަރު މިއަދު ވިދާޅުވީ އޮންލައިންކޮށް ކިޔަވައިދިނުމުގައި ތަފާތު މައްސަލަތައް ހުރި ކަން އެނގިލައްވާ ކަމަށެވެ. އެގޮތުން ކަނެކްޓިވިޓީގެ މައްސަލަ ހުރިކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. އެހެން ގައުމުތަކުގައި ވެސް ހާއްސަކޮށް އިނގިރޭސިވިލާތް މިސާލަކަށް ނަންގަވައި މިނިސްޓަރު ވިދާޅުވީ އެގައުުމުގައިވެސް ގޫގަލް ޑްރައިވް މެދުވެރިކޮށް ވޯކްޝީޓްތައް "ޑަމްޕް" ކުރަމުންދާތީ ވެސް ވަރަށް ބޮޑަށް ފާޑުކިޔުންތައް އަމާޒުވެފައިވާ ކަމަށެވެ. " އޮންލައިން ޓީޗިންނަކީ ހަމައެކަނި އޮންލައިންކޮށް މެޓީރިއަލްސްތައް ފޯރުކޮށްދިނުމެއް ނޫން، އޮންލައިން ޓީޗިންނަކީ ކްލާހެއް ރިކޯޑްކޮށްލާފައި އަނެއް މީހާއަށް އެ އެެެއެތި ފޯނުން ނޫނީ ޓީވީން ވީޑިއޯ ބަލައިލުމެއް ނޫން. އެއީ އެއަށްވުރެ އޭގެ ޑެފިނީޝަން މާފުޅާ ކޮމްޕްރިހެންސިވްކަމެއް. މާ އިންޓަރެކްޓީވް ޕްރޮސެސްއެއްގެ ތެރެއިން ނޫނީ ކުރިއަށް ގެންގޮސްފިއްޔާ ނޫނީ އޭގެ ބެނިފިޓްސްތައް ލިބޭނެކަމެއް ނޫން،" މިިނިސްޓަރު ވިދާޅުވި އެވެ. ގައުމީ މިންގަނޑެއް އެކުލަވާލެވުމުން މަތީ ތައުލީމު ފޯރުކޮށްދޭ ޔުނިވާސިޓީ އަދި ކޮލެޖްތަކުން އޮންލައިންކޮށް ކިޔަވައިދޭ ކޯސްތަކުގެ ފެންވަރު ކަށަވަރުކުރެވިގެން ދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި މަތީ ތައުލީމަށް ކިޔަވާ ދަރިވަރުންނަށް އޮންލައިންކޮށް ލިބިގެންދާ ތައުލީމްއަކީ ފެންވަރު ރަނގަޅު ވަކި އުސޫލަކުން ގިންތި ކުރެވޭ ކޯސްތަކެއް ކަމުގައި ވެގެންދާނެކަން ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ. "އޮންލައިން ޓީޗިންގައި ބޭނުންވާ ޕްލެޓްފޯމްތައްވެސް ހުންނަންވާނެ. އެއަށް ބޭނުންވާ ރިސޯސާސްތައްވެސް ކޮންމެވެސް ވަރަަކަށް ހުންނަންވާނެ. އެކި ލެވަލްތައް ހުންނަންވާނެ އެކި ކޮލެޖުގައި އެކި ކަންތައްތައް ކޮށްދޭނެ މިންވަރަށް. އެހެން ނަމަވެސް މިނިމަމް ސްޓޭޑަޑްތަކެއް ކަނޑައަޅައި އެކުލަވާލަން ޖެހޭ." މިނިސްޓަރު ވިދާޅުވި އެވެ.
އޮންލައިންކޮށް ކިޔަވައިދޭނެ ގައުމީ މިންގަނޑެއް އެކުލަވާލަނީ
އާލިއާ ބަޓް ލީޑު ރޯލުން ފެނިގެންދާ ވަރުގަދަ ފިލްމު "ގަންގޫބާއީ ކަތިއަވާޅީ"ގެ ޝޫޓިން ވަނީ ކޮވިޑް19ގެ ސަބަބުން މެދުކަނޑާލައިފަ އެވެ. އެ ފިލްމުގެ މަންޒަރުތައް ޝޫޓްނުކުރާތާ ދުވަސްތަކެއް ވެފައިވާއިރު ހަބަރުތައް ބުނާގޮތުގައި އެ ފިލްމު ޝޫޓްކުރަން ތައްޔާރުކުރި ސެޓު ހަލާކުކޮށްލަން ވަނީ ނިންމާފަ އެވެ. ބަންސާލީގެ ޕްރޮޑަކްޝަން ހައުސް އިން ތައްޔާރުކުރި އެ ސެޓު ހަލާކުކޮށްލަން ނިންމީ އިންޑިއާގެ ލޮކްޑައުން ދެމިގެންދާނެ ދުވަހެއް ނޭނގޭތީކަމަށް ބައެއް ހަބަރުތައް ބުނެ އެވެ. ސެޓު ބޭނުންނުކުރި ނަމަވެސް ސެޓު ހުރި ތަނަށް މިހާރުވެސް ކުލި ނަގާ ކަމަށާއި އެކަމުގެ ސަބަބުން ގިނަ ފައިސާތަކެއް ބޭކާރުވެގެންދާތީ ސެޓު ހަލާކުކޮށްލަން ނިންމީކަމަށް ރިޕޯޓްތައް ބުންޏެވެ. ސަންޖޭ ލީލާ ބަންސާލީ ޑައިރެކްޓްކުރާ އެ ފިލްމަކީ އިންޑިއާގެ ކުރީގެ ވަރަށް މަޝްހޫރު އަންހެން ގޭންގްސްޓާރު ގަންގޫބާއީ ކޮތޭވާލީގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. އެ ފިލްމު ގެނެސްދޭނީ ލިޔުންތެރިޔާ އެސް ހުސައިން ޒައިދީގެ ފޮތް "މާފިއާ ކްއީންސް އޮފް މުމްބާއީ"ގެ މައްޗަށް ބިނާކޮށެވެ.
"ގަންގޫބާއީ"ގެ ސެޓު ހަލާކުކޮށްލަނީ
"ޞަފާ! ފެނުނު ތަ ބޭބެއަށް ފެނުނު ފަދައިން." އަމީރު މުޙައްމަދު އެއްސެވިއެވެ. "އާދެ! ލޯފުޅު ކުޑަކޮށް ހުޅުވައިލެއްވި ތަން ދުށިން." އަމީރާ ޞަފާ ވިދާޅުވިއެވެ. "ކާފާފުޅާ! އަޅުގަނޑުމެން މި ތިބީ ކާފަގެ އަރިހުގައި." ކާފާފުޅު ސުލްޠާން ސަލީމްއަށް ގޮވައިލައްވަމުން އަމީރު މުޙައްމަދު ވިދާޅުވިއެވެ. "ދަރިފުޅުމެން ތިޔަ ކުރަނީ ކީއް؟ ކާފާފުޅަށް އުނދަގޫ ނުކުރާށޭ ބައްޕަ ބުނީމެއް ނު." އަމީރު މުރާދު ވިދާޅުވިއެވެ. "ކާފާފުޅު ދެންމެ ލޯފުޅު ހުޅުވައިލެއްވި ބައްޕާ!" އަމީރާ ޞަފާ ވިދާޅުވިއެވެ. "ކުޑަ އިރުކޮޅަކަށް ހޭފުޅުލައްވާފައި އަނެއްކާ ވެސް އަވަހާރަފުޅަށް ރުޖޫއަ ވެވަޑައި ގެންފި." އަމީރު މުޙައްމަދު ވިދާޅުވިއެވެ. "ހަމަ ރަނގަޅަށް ވެސް ތަ؟ ދަރިފުޅުމެން ތިޔަ ބުނަނީ ދަރިފުޅުމެންނަށް ކަށަވަރު ވާހަކައެއް ތަ؟" އަމީރު މުރާދު އެއްސެވިއެވެ. "ފުރިހަމަ ޔަގީންކަމާ އެކު މި ދެންނެވީ." އަމީރު މުޙައްމަދު ވިދާޅުވިއެވެ. "އާދެ! ބައްޕާ! އަޅުގަނޑުމެންނަށް ފެނުނު." އަމީރާ ޞަފާ ވިދާޅުވިއެވެ. "އެހެންވީ އިރު ބޭސްވެރިޔާއަށް އަންގާން ޖެހޭނެ. ބައްޕަ މި ދަނީ ބޭސްވެރިޔާ ގޮވައިގެން އަންނާން. ދަރިފުޅުމެން ކާފާފުޅުގެ އަރިހުގައި މަޑު ކުރޭ!" އަމީރު މުރާދު އެހެން ވިދާޅު ވެފައި ކޮޓަރިކޮޅުން ނުކުމެވަޑައި ގަތެވެ. "ޔާ ރައްބަލް ޢާލަމީން. އަޅަމެންގެ ކާފާފުޅަށް ރަހުމަތް ލައްވައި ފާނދޭ!" ދެ އަމީރުން ދުޢާ ކުރައްވަމުން ގެންދެވިއެވެ. ***** "ކާފާ! މިއަދު އަޅުގަނޑުމެން ދިޔައީ ފަގީރުުންނަށް ކާބޯތަކެތި ބެހުމުގެ ބުރެއްގައި. ވަރަށް ފައްކާ!" އަމީރު މުޙައްމަދު ވިދާޅުވިއެވެ. "އެކަމަކު ހިތާމައަކީ އެމީހުން ދިރިއުޅޭ ހާލަތު. ވަރަށް ދެރަ ފޭލިގެތަކެއްގައި އެމީހުން ދިރި އުޅެނީ. އެއީ ފިނީން ވެސް އަދި އިރުގެ ހޫނުން ވެސް އެމީހުން ސަލާމަތް ކޮށް ދެވޭ ވަރުގެ ފޭލިގެތަކެއް ނޫން." އަމީރާ ޞަފާ ވިދާޅުވިއެވެ. "އާނ! އަދި އެމީހުންގެ ހެދުންތައް ވެސް ވަރަށް ބާ. އެމީހުންނަށް އާ ހެދުން ވެސް ދޭން އެބަ ޖެހޭ." އަމީރު މުޙައްމަދު ވިދާޅުވިއެވެ. "ކުޅޭ އެއްޗެއް ވެސް އެމީހުންގެ ކުދީންގެ އަތުގައި ނުވެއް ހުރޭ. ވީމާ ކުޅޭ އެއްޗެހި ވެސް ދޭން ވާނެ." އަމީރާ ޞަފާ ވިދާޅުވިއެވެ. "ވަރަށް ރަނގަޅު! ތިޔަ ހުރިހާ ކަމަކީ ވެސް ރަނގަޅު ކަންކަން. އެކަމަކު އެންމެ ރަނގަޅު ގޮތަކީ އެމީހުން އަމިއްލައަށް ތަކެތި ހޯދުމުގެ ގާބިލުކަން އެމީހުންނަށް ހޯދައި ދިނުން." ގާޒީ ޞަފިއްޔުއްދީނު ވިދާޅުވިއެވެ. "އަޅުގަނޑަކަށް ނުވިސްނުނު ކާފާ!" އަމީރު މުޙައްމަދު ވިދާޅުވިއެވެ. "ދަރިފުޅާ އަހަރެމެންނަށް ގޮސް އެމީހުންނަށް މަހެއް ދެވިދާނެ. އެކަމަކު އަނެއް ދުވަހު ވެސް އަހަރެމެން ނުދިނިއްޔާ އެެމީހުންނަށް މަހެއް ނުލިބޭނެ. އެކަމަކު އެމީހުންނަށް މަސް ބާނާނެ ގޮތް އުނގަންނައި ދީފައި އެމީހުންނަށް މަސްވެރިކަން ކުރާނެ ތަކެތި ހޯދައި ދިނުމުގައި އަހަރެމެން އެހީތެރި ވެއްޖެ ނަމަ އެމީހުންނަށް ބޭނުން ވާ މަސް އެމީހުންނަށް އަމިއްލައަށް ހޯދޭނެ. އަދި އިތުރަށް ބޭނޭ މަހުން އެމީހުންނަށް އާމްދަނީ ވެސް ހޯދޭނެ. ވީމާ އެންމެ މުހިއްމީ އެމީހުންނަށް ތައުލީމު ދިނުން. ކަންކަން އުނގަންނައި ދިނުން. އަދި އެ ކަންކަން އަމަލީ ގޮތުން ކުރުމަށް ބޭނުން ވާނެ ވަސީލަތްތައް ފޯރު ކޮށް ދީ މަގުތައް ތަނަވަސް ކޮށް ދިނުން." ގާޒީ ޞަފިއްޔުއްދީނު ވިދާޅުވިއެވެ. "އަޅުގަނޑު އެންމެ އުފާ ވީ އެ އެންމެން ވެސް އަޅުގަނޑުމެންގެ އަނެއް ކާފައަށް ފުރިހަމަ ސިއްހަތަކާއި ދިގު އުމުރެއް ދެއްވުން އެދި ދުއާ ކުރަމުން ދިޔައީތީ." އަމީރާ ޞަފާ ވިދާޅުވިއެވެ. "ދުޢާގެ ވާހަކަ ދެއްކީ މާ ހަނދާން ވީ އެއްކަލަ ހޮހޮޅައިގައި ބަންދު ވީ މީހުންގެ ވާހަކަ. އެ ވާހަކައިގެ އިތުރު ބައެއް ކިޔައި ދެއްވާން ވީ ނޫން ތޯ؟" އަމީރު މުޙައްމަދު ވިދާޅުވިއެވެ. "އެންމެ ރަނގަޅު! ކިހާ ހިސާބަކަށް އެ ވާހަކަ ކިޔައި ދެވުނީ؟" ގާޒީ ޞަފިއްޔުއްދީނު އެއްސެވިއެވެ. "ހޮހޮޅައިގެ ދޮރުމަތީގައި އޮތް ހިލަގަނޑު މައިންބަފައިންނަށް ހެޔޮކޮށް ހިތާ ރާބިޙުގެ ދުޢާއާ ގުޅިގެން ކޮންމެވެސް ވަރަކަށް އެއް ފަރާތަކަށް ޖެހި އުފެދުުނު ކުޑަ ޖާގައިން އެ ހޮހޮޅައަށް އައްޔާއި ވައި ވަންނާން ފެށި ހިސާބަށް." އަމީރާ ޞަފާ ވިދާޅުވިއެވެ. "އާނ. އާނ. ރަނގަޅު! އެ ހިސާބުން ނޭވާ ހާސް ވުމެއް ނެތި އެމީހުންނަށް ނޭވާ ލެވޭން ފެށި." ގާޒީ ޞަފިއްޔުއްދީނު ވާހަކަ ކިޔައި ދެއްވާން ފެށްޓެވިއެވެ. ***** "އައު ވެ އައު ވޭވޭ ހުންނަ ސާފު ވައިގެ ރޯޅިތަކުގެ ނިއުމަތަކީ ހާދަ ހާ ވެސް ބޮޑު ނިއުމަތެކޭ!" ރާބިޙަށް ބުނެވުނެވެ. "މި ތަނުން ނުކުމެވުނީ މާ ނޫނީ ހިތަށް ހަމަ ޖެހުމެއް ނުލިބޭނެ." ޒިޔާދު ބުންޏެވެ. ކަރު ހިއްކައިގެން ގޮސް އަހަރެން މިހިރީ މަރު ވާން ކައިރި ވެފަ. އެއްވެސް ވަރަކަށް ފެނެއް ނެތް ތަ؟" ޢައްމާރު ބުންޏެވެ. "އާނ. އެއްވެސް ވަރަކަށް ނެތް. ހުރިހާ ފެނެއް ހުސް ވެއްޖެ. ރާބިޙު އަތުގައި ކިރުފޮދެއް ހުރެ ދާނެ." ޒިޔާދު ބުންޏެވެ. "ނޫން. އެއްމެ ކިރުފޮދެއް ކީއް ކުރާން، ކިރު ތިއްކަރެއް ވެސް ނެތް." ރާބިޙު ބުންޏެވެ. "ކަދުރުކޮޅު ވެސް ހުސް ވެއްޖެ. ދެން ހަދާނީ ކިހިނެއް؟" ޢައްމާރު ބުންޏެވެ. "އަދިވެސް ބޭރަށް ވާރޭ އެބަ ވެހޭ. ބޭރަށް ނުކުމެވިއްޖެއްޔާ ބޯނެ ފެން ލިބޭނެ." ޒިޔާދު ބުންޏެވެ. "ވާރޭގެ ފެން ބޭރަށް ވެހޭ ތަން ފެންނާތީ އަހަރެންގެ ކަރު ހިއްކުން ވެސް އެބަ ބޮޑު ވޭ." ރާބިޙު ބުންޏެވެ. "ބޭރަށް ހުޅުވިފައި ހުރި ޖާގައިން އަތް ނެރެވޭ ނަމަ ވެސް ފެންފޮދެއް ނެގުނީސް." ޒިޔާދު ބުންޏެވެ. "އަދިވެސް ހިނގާ ބަލަ މި ހިލަގަނޑު ދުރު ކުރެވޭ ތޯ." ޢައްމާރު ބުންޏެވެ. "އުނ. އުނ. އެންމެ ސޫތަކަށް ވެސް ގުޑުވައެއް ނުލެވޭ." ޒިޔާދު ބުންޏެވެ. "ތިޔައީ ބޭކާރު ކަމެއް. ވަރުބަލި ވެ ކަރު ހިއްކުމާއި ބަނޑުހައި ވުން އިތުރު ވުން ނޫން ކަމެއް ނުވާނެ. އެއްވެސް ވަރަކަށް ނުގުޑޭ." ރާބިޙު ބުންޏެވެ. "މީގެ ކުރީން ގުޑުނު. އަދި ޖާގައެއް ވެސް ހެދުނު." ޢައްމާރު ބުންޏެވެ. "އެއީ ދުޢާ ކުރުމުން އެ ހިލަގަނޑަށް އައި ގުޑުމެއް. އަހަރެމެން ކޮއްޕައިގެން ކުރެވުނު ކަމެއް ނޫން." ރާބިޙު ބުންޏެވެ. "އާނ. ސޯލިހު އަމަލުގެ ފައިދާއިން." ޒިޔާދު ބުންޏެވެ. "އެހެން ވީ އިރު އަދިވެސް ސޯލިހު އަމަލެއް ހަނދާންކޮށް އެ އަމަލަށް ޓަކައި ވެސް މި މުސީބާތުން ސަލާމަތް ވޭ ތޯ މަސައްކަތް ކުރާން ވީ ނު؟" ޢައްމާރު ބުންޏެވެ. "އަހަރެން އެބަ އޮތް ވާހަކައެއް. އެކަމަކު އެ ވާހަކަ ކިޔައެއް ނުދެވޭނެ." ޒިޔާދު ބުންޏެވެ. "ހެޔޮ ނުވާނެ ތިޔަ ހެން ނަހަދާ! އަހަރެމެން މި ތާ ތިބެ ބަނޑުހައިކަމާއި ކަރުހިއްކުމުގެ ސަބަބުން މި ތިބަ މަރުވަނީ." ރާބިޙު ބުންޏެވެ. "އަހަރެމެންގެ އޮތް ހައި ވެސް އުއްމީދަކީ މިހާރު ކަލެއަށް ކުރެވިފައި އޮތް ސޯލިހު އަމަލެއްގެ ޒިކުރުކޮށް ﷲ އަށް ދުޢާ ދެންނެވުން." ޢައްމާރު ބުންޏެވެ. "އެއީ އަހަރެން ކިޔައި ދޭން ބޭނުން ވާހަކައެއް ނޫން. އަދި އެ ކަން މެދުވެރިކޮށް ކަމަކަށް އެދޭން ބޭނުން ވި ކަމެއް ވެސް ނޫން. އެކަމަކު އޮތް ހައި ވެސް އުއްމީދަކީ އެއީ ކަމަށް ވަންޏާ ދެން ޖެހޭނީ އެ އަމަލަށް ޓަކައި ދަންނަވާން. އަހަރެމެން މި ތަނުން ސަލާމަތް ކުރައްވައިފިއްޔާ ކަލޭމެން އެ ވާހަކަ އާއްމު ކޮށްގެން ނުވާނެ. އަހަރެންގެ ޒުވާންކަމުގެ ކުރީކޮޅު އަހަންނަކީ ގައިގެ ބާރުގަދަ ހިތްވަރުގަދަ އަދި މުދާ ގިނަ މީހެއް. އަވަށުގެ ކޮންމެ އާއިލާއަކުން ވެސް ބޭނުން ވަނީ އަހަންނަކީ އެ އާއިލާގެ ދަނބިދަރިފުޅަށް ވާން. އެމީހުންގެ އަންހެން ދަރީން ކުރެ ކުއްޖެއްގެ ފިރިއަކަށް އަހަރެން ވާން. އެހެންނަމަވެސް އޭގެ ތެރެއިން އަހަރެންގެ އަތްނބަކަށް ވާން އަހަރެން ބޭނުން ކުއްޖަކަށް ހުރީ އަހަރެންގެ ބޮޑުބޭބެގެ އަންހެން ދަރިފުޅު ޒުބައިދާ އެކަނި." ޒިޔާދު އޭނާގެ ވާހަކަ ކިޔައިދޭން ފެށިއެވެ. ***** "އަހަރެން ލަސް ނުވެ އަންނާނަން. ދަރިފުޅާ ޒުބައިދާ!" ޒުބައިދާގެ ބައްޕަ ބުންޏެވެ. "ސަލާމްތެރިކަމާ އެކު ބައްޕާ!" ޒުބައިދާ ބުންޏެވެ. ޒުބައިދާގެ ބައްޕަ ގެއިން ބޭރަށް ނުކުތް އިރު، ޒިޔާދު ހުރީ އެ ގެއާ ކައިރީގައެވެ. ޒުބައިދާގެ ބައްޕަ އަދި ޒިޔާދުގެ ބޮޑުބޭބެ ދިއުމާ އެކު ޒިޔާދު ގޮސް އެ ގޭގެ ދޮރުގައި ޓަކި ޖަހައިލިއެވެ. އަދި ބުންޏެވެ. "ޒުބައިދާ! ޒުބައިދާ! ދޮރު ހުޅުވަ ބަލަ! އަހަންނަކީ ޒިޔާދު! ބޮޑުބޭބެގެ ދަރިފުޅު!" "މާފު ކުރޭ، ބޮޑުބޭބެގެ ދަރިފުޅާ! ބައްޕަ ދެންމެ ބޭރަށް ނުކުމެއްޖެ. ގޭގައި އިނީ އަހަރެން އެކަނި." ޒުބައިދާ ބުންޏެވެ. "ތިޔައީ މާ ރަނގަޅު ގޮތެއް. އަހަރެން މި އައީ ވެސް ހަމައެކަނި ތިބާއާ ބައްދަލު ކޮށް ވާހަކަ ދައްކާލަން." ޒިޔާދު ބުންޏެވެ. "އަހަރެމެން ދެ މީހުންނަކީ ކިތައްމެެ ތިމާގެއަސް ކައިވެނި ހުއްދަ ހިސާބުގައި ތިބި އަންހެނަކާއި ފިރިހެނެއް. ކައިވެނި ހުއްދަ ވާ ފިރިހެނަކާއި އަންހެނަކު، ކައިވެންޏާ ނުލައި އެކަހެރި ތަނެއްގައި ތިބުމަކީ ފިތުނައެއް. ވީމާ މި ވަގުތު ދޭ. އަދި ތިބާގެ ބޮޑުބޭބެ ގޭގައި ނެތް މި ވަގުތު ބޮޑުބޭބެގެ ގެއާއި އަހުލުން ރައްކާތެރި ކޮށް ދީ." ޒުބައިދާ ބުންޏެވެ. "އެކަމަކު އަހަރެން ތިބާއާ ވަކީން ބައްދަލުކޮށް ވާހަކަ ދައްކާލަން ބޭނުން ވެގެން ހުންނަތާ އެތައް ދުވަހެއް ވެ ކެތްތެރިކަން ކޮޅުން ލައިގެން މި އައީ. އަހަރެެން ކީއް ކުރާނީ؟" ޒިޔާދު ބުންޏެވެ. "ތިޔަ ވާހަކައިން އަހަރެން ލަދު އެބަ ގަނޭ. ތި ވާހަކައިން އަހަންނަށް ނިކަމެތިކަން އިހުސާސް އެބަ ކުރެވޭ. އަހަންނަކީ ދަށުދަރަޖައިގެ އެއްވެސް ގޮތެއް ފޮތެއް ނެތް މީހެއް ކަމަށް ތަ ހީ ކުރަނީ؟" ޒުބައިދާގެ އަޑުގައި ހުރީ ރުޅިވެރިކަމެވެ. "ދޮރު ނުހުޅުވައިފި ނަމަ އެހެރަ އާނގަވަޅުން އެތެރެއަށް ފުންމާލައިގެން ވެސް އަހަރެން ގޭތެރެއަށް ވަންނާނަން." ޒިޔާދު ބުންޏެވެ. - ނުނިމޭ -
ސަލްމާއާއި ގުރްއާނުގައިވާ ރީތި ވާހަކަތައް 29
ކޮވިޑް19 ގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ކުރި އަސަރާ ގުޅޭގޮތުން އެމްއެންޔޫ އިން ކުރިއަށްގެންދާ ދިރާސާ އަންނަ މަހު ނިމޭނެ ކަމަށް އެ ޔުނިވާސިޓީ އިން ބުނެފި އެވެ. އެމްއެންޔޫ އިން ބުނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ފަރާތުން އެ ޔުނިވާސިޓީއާ ޙަވާލުކޮށްގެން ކުރިއަށް ގެންދާ މި ދިރާސާގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ކޮވިޑް19 ގެ ސަބަބުން ކޮށްފައިވާ އަސަރު ދެނެގަތުމާއި، ދުނިޔޭގެ ޓުއަރިޒަމް ވިޔަފާރިއަށާއި، ވަކިވަކި މާކެޓްތަކަށާއި، ދިވެހިރާއްޖެއަށާއި ދުނިޔޭގެ ދަތުރުފަތުރުގެ ވިޔަފާރިއަށް އައިސްފައިވާ ބަދަލުތަކަށް ރިއާޔަތްކޮށް ފަތުރުވެރިކަން ކުރިއަށް އޮތް އަހަރުތަކުގައި އިޔާދަވުމަށް މަގުފަހިވާނެ ތަސައްވުރެއް އެކުލަވާލެވޭނެ ކަމަށެވެ. މި ދިރާސާ ކުރިއަށްގެެންދަނީ ގައުމީ ޔުނިވަސިޓީގެ ރިސާޗް ސެންޓަރުންނެވެ. މި މަސައްކަތުގައި ޔުނިވަރސިޓީގެ 14 ފަންނީ މުއައްޒަފުން ބައިވެރިވަޑައިގަވާކަމަށް އެމްއެންޔޫ އިން ބުންޏެވެ. ދިރާސާ ކުރިއަށް ގެންދިއުމުގައި ފަތުރުވެރިކަމުގެ ސިނާޢަތުގައި މަސައްކަތްކުރައްވާ އެންމެހާ ފަރާތްތަކުގެ އެއްބާރު ލެއްވުމާއި އެކު، އަންނަ ޖޫން މަހުގެ ކުރީ ކޮޅު ނިމޭނެކަމަށް އެ ޔުނިވާސިޓީ އިން ލަފާކުރެ އެވެ.
ކޮވިޑްގެ ސަބަބުން ފަތުރުވެރިކަމަށް ކުރި އަސަރާ ގުޅޭ ދިރާސާ ޖޫން އަށް ނިމޭނެ
ދެހާސް އަށާރަވަނަ އަހަރު ނުކުތް ކާމިޔާބު ފިލްމު "ރެއިޑް"ގެ ސީކުއެލެއް ހަދަން ނިންމައިފިއެވެ. ޕްރޮޑިއުސަރު ބުޝަން ކުމާރު ބުނީ ފިލްމުގެ ފުރަތަމަ ބައިން ފެނިގެންދިޔަ އަޖޭ ދޭވްގަން އާއެކު ފިލްމުގެ ސީކުއަލެއް ހެދުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އަދި ރެއިޑް އަކީ ފާހަގަކޮށްލެވޭ ވަރުގަދަ ފްރެންޗައިޒަކަށްވާނެކަމަށެވެ. ފިލްމުގެ ދެވަނަ ބައިގެ މަސައްކަތްތައް މިހާރު ފަށާފައިވާ ކަމަށާއި ފިލްމަށް ވަރަށް ބޮޑަށް ތައްޔާރުވާންޖެހޭ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ. ޚަބަރުތައް ބުނާގޮތުގައި ރެއިޑްގެ ސީކުއަލް ވެގެންދާނީ ފިލްމުގެ ފުރަތަމަ ބައެކޭވެސް އެއްގޮތަށް ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމަކަށެވެ. ފިލްމުގެ ސްކްރިޕްޓްގެ މަރުހަލާ މިހާރު ފެށިގެން ކުރިއަށްދާ ކަމަށާއި ފިލްމު ސިނަމާތަކަށް އަންނާނީ އަންނަ އަހަރުތެރޭ ކަމަށް ޚަބަރުތައް ބުނެއެވެ. ރެއިޑް ފިލްމަކީ 1980 ގެ ތެރޭގައި އިންޑިއާގައި ކުރިއަށް ގެންދިޔަ ވަރުގަދަ ރެއިޑަކަށް ބިނާކޮށް ތައްޔާރުކުރި ފިލްމެކެވެ. ފިލްމުގައި އަޖޭ ފެނިގެންދިޔައީ އަމޭ ޕާޓަކް ކިޔާ ޖެހިލުންކުޑަ އިންކަމް ޓެކްސް އޮފިސަރެއްގެ ރޯލުންނެވެ. އެ ފިލްމުގައި އަޖޭ އާއެކު ފިލްމުގެ މުހިއްމު ރޯލުތަކުން ފެނިގެންދިޔައީ އިލީނިއާ ޑިކުރޫޒް، ޝޯރަބް ޝުކްލާ އަދި ސާނަންދު ވަރްމާ އެވެ.
އަޖޭގެ "ރެއިޑް"ގެ ސީކުއަލެއް
ހއ. ދިއްދޫ ރައްޔިތުންގެ ފަަރާތުން އެ އަތޮޅުގައި ކަރަންޓީން ފެސިލިޓީއަކަށް ހަދާފައިވާ ހައިޑަވޭ ބީޗް ރިސޯޓް އެންޑް ސްޕާ ނުވަތަ ދޮނަޅުޅި ރިސޯޓްގައި ތިބި މީހުނަށް ރޯދަ ވީއްލުމެއް ދީފި އެވެ. އެކަމަށް އިސްނަގައިގެން ރޯދަ ވީއްލުން އިންތިޒާމް ކޮށްފައިވަނީ ދިއްދޫގެ އަމިއްލަ ޖަމިއްޔާއެއް ކަމަށް މިޑްލް ސްޕޯޓްސް ކްލަބް އިންނެވެ. އެ ކަލްބަގެ ރައީސް ނަޝަވާން އިބްރާހިމް 'ސަން' އަށް ވިދާޅުވީ ދޮނަކުޅި ރިސޯޓްގައި ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިިވާ 15 މީހުންނާއި އެތައް ބަޔަކު ކަރަންޓީން ކޮށްފައި އެބަތިބި ކަމަށެވެ. އެހެން ކަމުން މި އުނދަގޫ ދަނޑިވަޅުގައި އެ ފަރާތްތަކާއި އެ ފަރާތްތަކަށް ހިދުމަތްކޮށްދޭ ސިއްހީ އެހީތެރިންނާއި އެކު ދިއްދޫ ރައްޔިތުން ވެސް ތިބިކަން ހާމަ ކޮށް ދިނުމުގެ ގޮތުން އިއްޔެ ރޯދަ ވީއްލުމެއް ދީފައިވާ ކަމަށެވެ. "ރޯދަ ވީއްލުމުގެ އިތުރުން ވެސް އަޅުގަނޑުމެން ވާނެ އެ ރަށުގައި ހުރި ކޮންމެ މީހަކަށް ފްރުޓް ގިފްޓެއް ޕެކެއް ހަދިޔާ ކޮށްފައި،" ނަޝްވާން ވިދާޅުވި އެވެ. ރާއްޖޭގައި ހަލުވިކަމާއި އެކު ފެތުރެމުންދާ ކޮވިޑް-19 ފެތުރުން ހުއްޓުވުމުގެ ގޮތުން ހުރިހާ ސަރަހައްދެއްގައި އަންނަނީ ކަރަންޓީން ފެސިލިޓީތައް ގާއިމް ކުރަމުންނެވެ. އާންމު ގޮތެއްގައި ކަރަންޓީން ފެސިލިޓީތަކުގެ ގޮތުގައި ހަމަަޖައްސަނީ ރިސޯޓްތަކެވެ. އެއާއި އެކު އެ ރިސޯޓްތައް ކައިރީގައި ހުރި ރަށްތަކުން މީގެ ކުރިން ވެސް ވަނީ ރޯދަ ވީއްލުމުގެ އިތުރުން އެހެނިހެން އެހީތެރިކަން ފޯރުކޮށްދީ ކަރަންޓީންގައި ތިބި ފަރާތްތަކާއި އެކުގައިވާކަން ހާމަ ކޮށްދީފަ އެވެ.
ދިއްދޫއިން ދީލަތި ވެދުމެއް، ކަރަންޓީން މީހުންނަށް ރޯދަވީލުން!
ކުރިއަށް އޮތީ ރާއްޖޭގައި ޑެންގީ ފެތުރުމުގެ ފުރުސަތު ބޮޑުވާ ދުވަސްވަރެއް ކަމަށާއި އެ ބަލި ފެތުރިއްޖެނަމަ އެކަން ވެގެންދާނީ ސިއްހީ ނުރައްކަލުގެ ތެރޭގައި އިތުރު ބުރައަކަށް ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ. ކޮންމެ އަހަރަކު ވެސް ވިއްސާރަ މޫސުމަކީ ރާއްޖޭގައި ޑެންގީ ފެތުރޭ ދުވަސްވަރެކެވެ. "ވިއްސާރަ މޫސުމާ މި ބައްދަލުކުރަނީ. ވިއްސާރަ އައުމާއެކީގައި ޑެންގީގެ ކަންކަން ރާއްޖޭގައި ވަރަށް ބޮޑަށް އިތުރުވެގެންދާނެ. އެއީ ކުރިން ވެސް ލަފާކުރެވިފައި އޮތް ކަމެއް... މިހާރު، ހާއްސަކޮށް މާލޭގައި ވެސް ވަރަށް ބޮޑު ސަމާލުކަމެއް ދޭން ޖެހޭ، ޑެންގީ އިތުރުވެގެން ހިނގައިދާނެކަމާ ދޭތެރޭގައި. އެ ހާލަތަށް ގޮސްފިނަމަ ސިއްހީ ނުރައްކަލުގެ މި ހާލަތުގެ ތެރެއިން ބުރަކަމެއް އިތުރުވެގެންދާނެ. " މިނިސްޓަރު ވިދާޅުވި އެވެ. އޭޕްރީލް 9، 2020: ކޮވިޑް19 އާއި ގުޅުން ހުރި މައުލޫމާތު ދިނުމަށް ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ ނަމަވެސް މިހާރު ވެސް ޑެންގީ ފެތުރުނަ ނުދިނުމަށްޓަކައި ބުރަ މަސައްކަތްތަކެއް ކުރަމުންދާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. "މިއަހަރުގެ ކުރީކޮޅުން ފެށިގެން [ހާއްސަކޮށް އަތޮޅުތަކުގެ ތެރޭގައި] ޕަބްލިކް ހެލްތުގައި މަސައްކަތްކުރާ ފަރާތްތައް އަމިއްލައަށް އިސްނަގައިގެން ވަރަށް ބުރަ މަސައްކަތްތަކެއް ކޮށްފައި ހުރުމުގެ ސަބަބުން މިހާތަނަށް އެހެން އަހަރުތަކުގައި ޑެންގީ ކޭސްތައް ފެންނަ ވަރަށް އަތޮޅު ތެރެއިން ވެސް މާލެއިން ވެސް ނުފެނޭ." މިނިސްޓަރު ވިދާޅުވި އެވެ. ލޮކްޑައުންއާ ގުޅިގެން ކޮންސްޓްރަކްޝަން މަސައްކަތްތައް ހުއްޓިފައިވުމާއެކު، ކޮންސްޓްރަކްޝަން ސައިޓުތައް ސާފުކުރުން ފަދަ ކަންކަން މާލެއާއި އަތޮޅުތަކުގައި ވެސް ކުރިއަށް ގެންދިއުމަށް މިނިސްޓަރު އަމީން އިރުޝާދުދެއްވި އެވެ. މިއަހަރު ޑެންގީ ރިޕޯޓުކުރި މިންވަރު މަދުއިތުރަށް ވިދާޅުވުމަށް
ޑެންގީއަށް ސަމާލުވޭ، ފެތުރިއްޖެނަމަ އެއީ އިތުރު ބުރައެއް: މިނިސްޓަރު އަމީން
މީހުން ބުނަނީ ތެދެކެވެ. މީހެއްގެ ބޭރުފުށަށް ބަލާލައިގެން އެ ވެވެނީ ހަޤީޤީ ލޯތްބެއް ނޫނެވެ. އިންސާނުންނަށް ރީތި އެއްޗެއްސަށް ލޯބި ކުރެވެއެވެ. އެފަދަ އެއްޗެއްސަށް ޝައުޤުވެރި ވެވެއެވެ. އެއީ ޤުދުރަތީ ޤާނޫނެވެ. އިންސާނީ ތަބީއަތެވެ. ބައެއް މީހުންނަށް ހީވަނީ، އެއީ ލޯބި ކަމަށެވެ. އެކަމަކު ހަޤީޤީ ލޯތްބަކީ، މުޅީން ތަފާތު އެއްޗެކެވެ. ހަޤީޤީ ލޯބީގައި ކުލަޖެހެން ފަށަނީ، ކައިވެންޏެއްގެ ފަހުންނެވެ. ކައިވެންޏަކީ، އެހާވެސް މަތިވެރި ގުޅުމެކެވެ. ******** ކަނޑު ގަދަ ދުވަހެކެވެ. ވައި ބާރެވެ. އުޑުމަތި ބައްދާލާފައިވީ، ކަޅު ވިލާ ތަކުންނެވެ. ބަލައިލި ކޮންމެ ދިމާއަކުން ފެންނަމުން ދިޔައީ، ވިއްސާރައިގެ ކުލަވަރެވެ. ޑިއުޓީ ނިންމާލާފައި ބަނދަރަށް ނުކުތް އީމާ ހުރީ، ވަރުބަލިވެފައެވެ. ކަނޑު ކިތަންމެ ގަދަޔަސް، ކަންތައް ވެފައި އޮތް ގޮތުން، ރިސޯޓުގައި މަޑުކުރާކަށް އޭނަގެ ހިތެއް އެއްބަހެއް ނުވިއެވެ. އީމާގެ ހަރަކާތްތަކަށް ބަލަން މިޔާހް ހުއްޓެވެ. ނޫކުލައިގެ އަތްދިގު ޓީޝާޓަކާއި ހުދު ފަޓުލޫނެއްގައި ހުރިއިރު، އިސްތަށިގަނޑު ގެނެސް ނިތްކުރިމަތިން ވައްޓާލާފައި އޮތުމުން، ހީވަނީ މުޅީން ތަފާތު މީހެއް ހެންނެވެ. ދެ އަތް ޖީބަށް ކޮށްޕާލައިގެން ހުރިއިރު، އެ މޫނުމަތިން ފެންނަމުން ދިޔައީ، މާޔޫސް ކަމެވެ. އީމާއަށްޓަކައި އެ ހިތުގައި ވަނީ ހަމްދަރުދީއެވެ. މާސިންގާ ބޮޑު ކަނޑަށް ބަލަހައްޓައިގެން އީމާ އިރުކޮޅަކު ހުއްޓެވެ. އެ މޫނުމަތިން ފެނުނީ، ގޮތް ހުސްވެފައިވާކަމުގެ ނިޝާންތަކެވެ. އޭނަ ލޯންޗަށް އަރަން ހިނގައިގަތީ، ދެފިކުރެއްގައި ހުރެފައެވެ. އެންމެން އަރައި ނިމުމުން، ދެފަހަރަކު ކައްޕި ގޮވައިލި ވެސް ފަހުންނެވެ. "އީމާ!..." މިޔާހް އަކަށް ނުހުރެވުނެވެ. "މިއަދު ދަތުރު ކުރުން އެހާ ރަނގަޅެއް ނޫން... މާދަމާ ދާން، މިރޭ މިކޮޅުގަ މަޑުކޮށްލަންވީނު..." މިޔާހް އާދޭހާއިއެކު އެދުނެވެ. އީމާ ނަގަނަގައި ހުރި ފިޔަވަޅު ހުއްޓުނެވެ. މިޔާހްގެ އަޑު ކަން އެނގުމުން، އޭނަ ފަސްއެނބުރި ބަލައެއް ނުލިއެވެ. އަވި އައިނު ލޮލަށް ހެޔޮވަރުކޮށްލަމުން އޭނަ އަވަހަށް ލޯންޗަށް އަރައިފިއެވެ. ލޯންޗު ދުއްވާލުމާއިއެކު، އީމާއަށް ހިންދިރުވައިލެވުނެވެ. ކުރިމަތިން ފެންނަން އޮތް މާސިންގާ ބޮޑު ކަނޑު ފެނުމުން ވެސް އޭނަ އިނީ، ހޮޑުލަވާ ގޮތް ވެފައެވެ. ކަނޑަށް ނުކުމެވުމާއިއެކު، ލޯންޗް ނަގަނަގާފައި ޖަހަން ފެށިއެވެ. ނަގަމުންދިޔަ ބިޔަ ރާޅުތަކުގެ ތެރޭގައި ދަތުރު ކުރުން ފަސޭހަ ކަމަކަށް ނުވިއެވެ. އީމާ އިނީ، އޭނަ އިށީނދެގެން އިން ޝީޓުގައި ބާރަށް ހިފަހައްޓާލައިގެންނެވެ. އޭނަ ދެލޯ މަރައި ބާރުކޮށްލީ، އެ ރާޅުތައް ފެނުމުން، ހިތް ބިރުގަންނަގޮތް ވާތީއެވެ. ކުއްލިއަކަށް ނެގި ބިޔަ ރާޅެއްގެ ހަމަލާ ލޯންޗަށް އަމާޒު ވެއްޖެއެވެ. ލޯންޗްގެ އިންޖީނު ހުއްޓުނެވެ. ކުރީކޮޅުގެ ދެ ދޮރު ނައްޓައިގެން ލޮނުގަނޑު އެތެރެއަށް ވައްދައިލިއެވެ. އަންހެނުންތައް ހަޅޭއްލަވައިގަތެވެ. އެއްބަޔަކު ބިރުން ރޯން ފެށިއެވެ. އަނެއް ބަޔަކު ދުލަށް އައިހާ ހެޔޮ އެއްޗެއް ކިޔަމުން ދިޔައެވެ. ލޮނުގަނޑުގެ ތެރޭގައި ލޯންޗް ދެފަރާތަށް ހަލުވަމުން ދިޔައެވެ. ދެލޯ މަރައި ބާރުކޮށްލައިގެން އީމާ އިނެވެ. އޭނަގެ ބޮލަށް އެނބުރުން އަރަނީއެވެ. ހެޔޮ އެއްޗެއް ނޫނީ އެ ދުލުން ބޭރު ނުވެއެވެ. ބިރުން ގޮސް މުޅި އެ ހަށިގަނޑު ތުރުތުރު އަޅަމުން ދިޔައެވެ. ކޮންމެވެސް މީހަކު އޭނަގެ ކައިރީގައި އިށީންކަން އެނގުނު ނަމަވެސް ދެ ލޯ ހުޅުވައިލާނެ ހިތްވަރެއް އީމާއަކަށް ނުލިބުނެވެ. ރޮއެ ހަޅޭއްލަވަމުންދިޔަ މީހުންގެ އަޑުތަކުން، އޭނަގެ ސިކުނޑި ހާސްކުރުވައިފިއެވެ. ދެން ސަލާމަތް ނުވާނޭހެން ހީވެ، އޭނަގެ ދެލޮލުން ކަރުނަ އޮހެން ފެށިއެވެ. އީމާގެ ކައިރީގައި އިން މިޔާހްގެ ދެލޯ ފެންކަޅި ވިއެވެ. އީމާގެ ހާލު ފެނި އޭނައަށް ދުރަކު ނީނދެވުނެވެ. ގާތަށް ޖެހިލަމުން، އީމާގެ ކޮނޑުގައި ހިފައި ކައިރިއަށް ދަމާލައިފިއެވެ. ސިހުން ލިބުނު އީމާ ދެލޯ ބޮޑުކޮށްލަމުން ކައިރީގައި އިން މީހަކަށް ބަލައިލިއެވެ. މިޔާހް ފެނުމުން، އެހިތަށް ލިބުނީ ބަޔާންކުރަން ދަތި އުފަލެކެވެ. އެފަދަ ބިރުވެރި ވަގުތެއްގައި، ދަންނަ މީހަކު ގާތުގައި ވުމުން، އެ ލިބޭ އުފާވެރިކަން އޭނައަށް އެވަގުތު އިހުސާސް ކުރެވިގެން ދިޔައެވެ. ބިރުން ގޮސް، ކުރެވޭ ނުކުރެވޭ ކަމެއް ވެސް އީމާއަކަށް ނޭނގެއެވެ. އޭނަގެ ހަމަބުއްދި ފިލައިގެން ގޮސްފައިވާ ކަހަލައެވެ. ކުއްލިއަކަށް މިޔާހްގެ ގައިގައި ހިފައިގަނެފިއެވެ. ލައިގެން އިން ޓީޝާޓުގައި ހިފައި ބާރުކޮށްލިގޮތުން، މިޔާހްއަށް ވެސް ސިހުމެއް ލިބުނެވެ. އެ މޭގައި މޫނު ފޮރުވާލުމާއިއެކު، އިވެން ފެށީ، އީމާގެ މަޑު ގިސްލުމުގެ އަޑެވެ. "ޝްޝްޝް.. ހުއްޓާލާ... ހުރިހާ ކަމެއް ވެސް ރަނގަޅުވާނެ... އަހަރެން މި އިނީނު... ކުޑަ އިރުކޮޅެއް ތެރޭ އެމްއެންޑީއެފްގެ ޓީމް އަންނާނެ..." އީމާގެ ހަށިގަނޑުގައި ދެއަތް ވަށާލަމުން މިޔާހް ބުންޏެވެ. ******** މިޝަލްއަށް ހޭލެވުނީ، ނިދީގައި އޮވެ ޒެންހާ ހަޅޭއްލަވާ އަޑަށެވެ. ރޮއެރޮއެފައި ކޮންމެވެސް އެއްޗެހިތަކެއް ވެސް ކިޔަމުން ދިޔައެވެ. މުޅި އެ ހަށިގަނޑު ވަނީ ދާހިއްލަ ފޯވެފައެވެ. މިޝަލްއަށް ޒެންހާ އާއި ދިމާއަށް އެނބުރެވުނެވެ. އޭނަ ޒެންހާގެ މޫނަށް ބަލަން އިރުކޮޅަކު އޮތެވެ. ނިދީގައި އޮތް އިރުވެސް، އެ ދިގު އެސްފިޔަތައް ވަނީ ތެމިފައެވެ. ލޮލުގެ ހިމަކޮޅުން، ރޮނގެއްހެން ފައިބަމުންދިޔަ ކަރުނަތަކުން، ބާލީސް ތެންމަމުން ދިޔައެވެ. މޫނުމަތީގައި ގޯނާކުރަމުންދިޔަ އިސްތަށިކޮޅުތައް ވަނީ ނިތްކުރި މަތީން ހިއްލާފައިވާ ދާތިކިތަކުގައި ތަތްލާފައެވެ. މިޝަލް އޭނާގެ އަތް އުފުލައިލިއެވެ. މަޑުމަޑުން، އިސްތަށިކޮޅުތައް އެއްފަރާތް ކޮށްލަދިނެވެ. ނިތްކުރިން ފެށިގެން އެ އޮމާން ކޯތާފަތާއި ހަމައަށް އޭނަ އިނގިލި ހިންގައިލިއެވެ. "ޒެންހާ!..." ކޯތާފަތުގައި މަޑުމަޑުން ޖަހައިލަމުން، މިޝަލް ގޮވައިލިއެވެ. ޒެންހާއަށް ހޭލެވުނީ، މިޝަލް އޭނައަށް ގޮވާ އަޑު އިވުމުންނެވެ. ބިރުވެރި ހުވަފެނެއް ފެނިގެން، އޭނަ އޮތީ ދާހިއްލާ ފޯވެފައެވެ. ކައިރީގައި އޮތް މިޝަލް ފެނުމުން، އޭނަ ކުއްލިއަކަށް އެހަށިގަނޑުގައި ބައްދާލައިފިއެވެ. "އެމީހުން، އަހަރެން މަރާލާނެ..." ޒެންހާއަށް ބުނެވުނެވެ. ޒެންހާގެ އެ އަމަލުން ސިހުން ލިބިފައި އޮތް މިޝަލްގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވާކަށް ގިނަ އިރެއް ނުނެގިއެވެ. ނިދީގައި ވިޔަސް، ޒެންހާ އެކުރި ކަމަކުން، އޭނަގެ ހިތަށް ބުނެދޭން ނޭނގޭ އުފާވެރި ކަމެއް ލިބިގެން ދިޔައެވެ. ކޮންމެ ހާލެއްގައި ވެސް ޒެންހާ އާއި އެންމެ ކައިރީގައި ވާން އެ ހިތް އެދެނީއެވެ. އަނބިމީހާއަށް ފުރިހަމަ ރައްކާތެރިކަން ދިނުމަށް އޭނަގެ ހިތް ގޮވައިލިއެވެ. އޭނަ ޒެންހާގެ ހަށިގަނޑުގައި ދެއަތް ވަށާލައިފިއެވެ. އެ އަތުގެ ހިމާޔަތުގައި އޮވެ، ޒެންހާއަށް އަނެއްކާ ވެސް ނިދުނީއެވެ. އޭނައަށް ހޭލެވުނުއިރު ވެސް އޮވެވުނީ، މިޝަލްގެ އަތު ތެރޭގައެވެ. ޒެންހާގެ ނިދިވެސް ވަގުތުން ފިލައި ދިޔައެވެ. އޭނަ ސިހިފައި ދުރަށް ޖެހިލިއެވެ. ފޯނަށް ބަލަހައްޓައިގެން އޮތް މިޝަލް ޒެންހާއަށް ބަލައިލާފައި ހިނިތުންވުމެއް ހަދިޔާ ކޮށްލިއެވެ. ދެމީހުން ވެސް އެއްޗެއް ނުބުނެ، އެކަކު އަނެކަކަށް ބަލަހައްޓައިގެން އިރުކޮޅަކު ތިއްބެވެ. "އެއްޗެއް ދައްކާލަންތަ؟... މިޝަލްގެ ސުވާލާއިއެކު، ޒެންހާއަށް ދެލޯ ބޮޑުކޮށްލެވުނެވެ. ހާލަތުގެ ގޮތުން އޭނައަށް ނެގުނީ، މުޅީން ގޯސް މާނަ އެކެވެ. އެކަން މިޝަލްއަށް ރޭކައިލީ، ޒެންހާގެ މޫނު ލަދުން ރަތްވި ތަން ފެނުމުންނެވެ. "ފޮޓޯ އެކޭ..." މިޝަލް އަވަސް އަވަހަށް ބުންޏެވެ. ޒެންހާއަށް ހެވެން އުޅުނެވެ. މިޝަލްއަށް ވެސް ހެވިއްޖެއެވެ. އެކަން ފޮރުވަމުން، އޭނަ އަވަހަށް ފޯނުގެ އިސްކުރީނު ދައްކާލައިފިއެވެ. ދެ އަހަރުގެ ކުޑަ ފިރެހެން ކުއްޖަކު އުރާލައިގެން، ހުރީ ފިރެހެނެކެވެ. އެމީހާގެ ކަނާއަތް ފަޅީގައި އަންހެނަކު ހުއްޓެވެ. "މީ އަހަރެންގެ ބައްޕަ... މީ އަހަރެން..." ތަސްވީރުން ފަހަރަކު މީހެއްގެ ގައިގައި އިނގިލި ޖައްސައިލަމުން މިޝަލް ބުންޏެވެ. "މީ މަންމަތަ؟..." ޒެންހާ ޝައުޤުވެރިވެލާފައި އެހިއެވެ. މިޝަލްގެ ތުންފަތް މަތީގައިވި ހިނިތުންވުން ފަނޑުވިއެވެ. އެކަން ޒެންހާއަށް ވެސް ފާހަގަ ނުވެއެއް ނުދިޔައެވެ. އޭނަ އިތުރު އެއްޗެއް ނުބުނީ، މިޝަލް ކުއްލިއަކަށް ފޯނު ދުރުކޮށްލުމުންނެވެ. "ޒެންހާ!... މިސާލަކަށް ޒެންހާގެ މަންމަ ވަރަށް ބޮޑު ކުށެއް ކުރީޔޯ... މަޢާފު ކުރާނަންތަ؟..." މިޝަލް ސުވާލު ކުރީ، ސީލިންގަށް ނަޒަރު ހުއްޓާލަމުންނެވެ. ޒެންހާ ވިސްނައިލިއެވެ. އޭނައަށް އެ ސުވާލަށް ޖަވާބެއް ނުދެވި އުޅެނިކޮށް މިޝަލް އަނެއްކާވެސް ވާހަކަ ދައްކަން ފެށިއެވެ. "މަންމަ ގުޅީމަ އުފާވާން އަހަރެން ބޭނުން... މަންމާ އޭ ކިޔާ ގޮވާލަން ވެސް ބޭނުންވޭ... އެކަމަކު..." މިޝަލް ހިންދިރުވައިލިއެވެ. އެ ވާހަކަ ކުރިއަށް ގެންދާކަށް އޭނަ އަކަށް ފަސޭހައެއް ނުވިއެވެ. "އަމިއްލަ ހިތަށް ތިގޮތަށް އަނިޔާ ދޭކަށް ނުވާނެ... މައިންބަފައިން ކުރާ ކުށަށް، އަބަދު ތިގޮތަށް ޝަޒާ ދިނުން ރަނގަޅެއް ނޫން..." ޒެންހާ ވާހަކަ ދެއްކީ، ވިސްނައިދޭ ކަހަލަ ގޮތަކަށެވެ. "ކުށެކޭ؟... ޒެންހާއަށް އެނގޭތަ އަހަރެންގެ ބައްޕަ ނިޔާވީ ކީއްވެ ކަން؟... ބައްޕަ ނިޔާވީ، މަންމަ ދިން އަނިޔާތަކަށް ކެތް ނުވެގެން..." މިޝަލް ދެން ހާމަކޮށްލި ޙަޤީޤަތަކުން، ޒެންހާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. "އެނގޭ ބައްޕަ އެނބުރި ނާންނާނެ ކަން ވެސް... އެކަމަކު، އެ ދުވަހު މަންމަ، ބައްޕައަށް ދިން އަނިޔާތައް މިއަދު ވެސް ހީވަނީ ލޯ ކުރިމަތީ ފެންނަހެން... އެކަންކަން ހަނދާންވާ ކޮންމެ ފަހަރަކު، އަހަރެންގެ ލޭ ހޫނުވޭ... މަންމައަށް ނަފުރަތު ކުރެވޭ... އެނގޭތަ މަންމަ ކީއްވެ ކަން ބައްޕައަށް އަނިޔާވެރިވީ؟..." މިޝަލް، ޒެންހާ އާއި ދިމާއަށް ބަލައިލިއެވެ. އެ ދެލޯ ވަނީ ފެންކަޅި ވެފައެވެ. ޒެންހާ ބޯ ހޫރާލުމުން، މިޝަލް އަނެއްކާ ވެސް އޭނާގެ ނަޒަރު ސީލިންގަށް ހުއްޓައިލިއެވެ. "ދިމާވި އެކްސިޑެންޓެއްގަ ބައްޕަގެ ދެފައި ބުރިކޮށްލަން ޖެހިގެން، ބައްޕަ އަކީ ނުކުޅެދޭ މީހަކަށް ވީމަ... އޭރު ގެއަށް އަންނަ މެހެމާނުން ކުރިމަތީ، މަންމަ ލަދުގަނޭ އަހަރެން މަންމަ އާއި ދިމާލަށް މަންމާ އޭ ކިޔާފަ ގޮވާލަން ވެސް... ދެން މިއަދު މަންމާއޭ ކިޔާފަ ގޮވާލާށޭ ބުންޏަސް، އަހަރެން ކިހިނެތް އެކަން ކުރާނީ... ކޮބާ، ވަކި މިއަދު އެހެން ކިޔުމުގެ ބޭނުމެއް؟... އެ ދުވަހު އަހަރެންގެ ހިތަށް ހާދަ އަސަރެއް ކުރިއޭ... ހާދަ ދެރައެއް ވިއޭ... ބައްޕައާ ދިމާލަށް ކިޔާ އެއްޗެހި އަޑު އިވުނަސް..." މިޝަލް އޭނާގެ ދެލޯ މަރާލިއެވެ. ލޮލުގެ ހިމަކޮޅުން ފޭދިގެން އައީ ކަރުނަ ތިއްކެކެވެ. ބޭއިހްތިޔާރުގައި ޒެންހާއަށް އެ ކަރުނަތިކި ފޮހެލަދެވުނެވެ. މިޝަލްގެ ހިތަށް ކޮށްފައިވާ އަސަރު އެނގުމުން، އޭނަގެ ހިތް ވަނީ ރަހުމުން ފުރިފައެވެ. "މަންމަ އުޅެނީ، ވަރަށް ބަލިކޮށް... އަހަންނަކަށް ނޭނގެ ކީއްވެ ކަމެއް، މިއަދު އަމިއްލަ ނަފުސު ވެސް އެބަ ކުށްވެރި ކުރެވޭ... ހިތަށް އަރަނީ، މަންމަ އާއި ދޭތެރޭ މި ކަންތައް ކުރެވެނީ ރަނގަޅަކަށް ނޫނޭ... އެކަމަކު، މަންމަ ކީ އެއްޗެއްސަށް ކެތް ނުވެގެން ބައްޕައަށް ހާޓް އެޓޭކް ޖެހުނު ދުވަހު އެ ބައްޕަ މަރަށް ތެޅުނު މަންޒަރު، ހިތުން ފިލައިގެން ނުދާހާ ހިނދަކު، މަންމަގެ ކުރިމައްޗަށް އަރާނެ ހިތްވަރެއް ނުލިބޭނެ..." މިޝަލްއަށް ވާހަކަ ދެއްކުނީ ހުއްޓަމުންނެވެ. އެއިން ކޮންމެ ޖުމްލަ އަކުން ޒެންހާގެ ހިތަށް ފުން ޒަހަމްތަކެއް ލިބެމުން ދިޔައެވެ. އެ އަޑުގައިވާ ރިހުން އެއީ އެތައް ދުވަހަކު ތަހަންމަލް ކޮށްފައިވާ ވޭނެއްގެ އަސަރު ކަން އޭނައަށް އިހުސާސް ކުރެވުނެވެ. ޒެންހާއަށް މިޝަލް އާއި ކައިރިއަށް ޖެހިލެވުނެވެ. އެ ހިތި މާޒީގެ ސަބަބުން، މިޝަލްގެ ހިތަށް ކުރާނެ އަސަރު އޭނައަށް ރަނގަޅަށް އެނގުނެވެ. "ތީ އަދި އެންމެ ރަނގަޅު ގޮތެއް ނޫން... ވަގުތު ފާއިތުވުމުގެ ކުރިން މަންމަ އާ ބައްދަލު ކުރުން އެންމެ ރަނގަޅު ވާނީ..." ޒެންހާ ހާމަކުރީ އޭނައަށް ވިސްނުނު އެންމެ ރަނގަޅު ގޮތެވެ. މިޝަލް އެ މޫނަށް ބަލައިލިއެވެ. އެގޮތުގައި އިރުކޮޅަކު އޮވެފައި ކޮށްލި ސުވާލު ތަކަކުން، ޒެންހާ ކޮށި އަރާގޮތް ވިއެވެ. އޭނައަށް ޖެހުނީ، އެ ސުވާލުތަކަށް ދޭން ޖަވާބަކާއިމެދު ވިސްނާށެވެ. "މަންމަ އުޅެނީ މިކޮޅުގަ... މަންމަ އާ ބައްދަލު ކުރަން، ޒެންހާ އަހަންނާ އެކު ދާނަންތަ؟... އަހަންނަށް ހިތްވަރު ދޭން ކައިރީ ހުރެދޭނަންތަ؟..." ޒެންހާ އެއްޗެއް ނުބުނުމުން، މިޝަލް އޭނަގެ ސުވާލުތައް ތަކުރާރު ކުރިއެވެ. ******** ރަށަށް އާދެވުނުއިރު، އީމާގެ ހާލު ދެރައެވެ. އެތައް ފަހަރަކު ހޮޑު ލެވުމުން، އެ ހަށިގަނޑުގައި އެއްވެސް ވަރެއް ނެތެވެ. ވާހަކަ ވެސް ނުދެއްކެއެވެ. މިޔާހްއަށް އީމާ އޭނާގެ ގެއަށް ގެންދަން ޖެހުނީ، އަތުލަފި ކޮށްގެންނެވެ. މީސްމީހުންގެ ކައިރީ އަހައިގެން އީމާގެ ގެއާއި ހަމައަށް ދެވުނު އިރު، އޭނަ ހުރީ ރަނގަޅަށް ވެސް ވަރުބަލި ވެފައެވެ. ގޭގެ ދޮރު ހުރީ، ލައްޕާފައެވެ. ދޮރު ހުޅުވީ، މިޔާހް ދެތިން ފަހަރަކު ޓަކި ޖަހައިލުމުންނެވެ. ދޮރުމަތީގައި ހުރި ފާތުމަ، މިޔާހްގެ ފައިން ފެށިގެން މޫނަށް ނަޒަރު ހިންގައިލިއެވެ. މިޔާހް ހުރީ، ޖެހިލުންވެގެން ބުނަންވީ އެއްޗެއް ވެސް ނޭނގިފައެވެ. "ހޫން!... އަނެއްކާ ކޮން މުސީބާތަކާ މި ލައްވާލީ..." އަކުރުތަކަށް ދަމައިލަމުން ފާތުމަ ބުންޏެވެ. މިޔާހްގެ ހާސްކަން އިތުރުވީ، ފާތުމަ އޭނާގެ އުނަގަނޑުގައި ދެއަތް އަޅުވައިލުމުންނެވެ. ގޭތެރެއަށް ވަންނާނެ ތަންކޮޅެއް ނުދެއްކި ތަނުގައި، ދެބުމަ ގޮށްޖަހާލައިގެން ބަލަން އޭނަ ހުއްޓެވެ. (ނުނިމޭ)
އިންތިހާއަށް ލޯބިވީމޭ... - 27
ކޮވިޑް-19 އިން ރައްކާތެރިވުމަށް ރާއްޖެއިން ކުރަމުން އަންނަ މަސައްކަތުގައި ކަމާ ގުޅުން ހުރި ބައެއް އިދާރާތަކުން ބޭނުންކުރުމަށް ޗައިނާ މެޝިނަރީ އިންޖިނިއަރިން ކޯޕަރޭޝަން (ސީމެކް) ކުންފުނިން ޕީޕީއީ އާއި އެހެނިހެން ބައެއް ސާމާނު ހަދިޔާކޮށްފި އެވެ. ސީމެކުން މިތަކެތި ހަދިޔާކޮށްފައި ވަނީ ފޮރިން މިނިސްޓްރީއާއި، ޖެންޑާ މިނިސްޓްރީއާއި ކަސްޓަމްސް އަދި އިމިގްރޭޝަނަށެވެ. މިއަދު މެންދުރުފަހު ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ސަރުކާރުގެ ފަރާތުން އެ ތަކެއްޗާއި ހަވާލުވެވަޑައިގެންނެވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ. ރާއްޖެއަށް އެތަކެތި ހަވާލުކޮށްދެއްވީ ސީމެކް ކުންފުނީގެ ފަރާތުން ރާއްޖޭގައި އެންމެ އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ލިއު ޝިއައޯޑާ އެވެ. ފޮރިން މިނިސްޓްރީން ބުނީ ސީމެކުން ހަދިޔާކުރި ތަކެތީގެ ތެރޭގައި ހިމެނެނީ ޕީޕީއީ އާއި ފޭސް މާސްކް އަދިި ގޮގްލްސް ކަމަށެވެ. މީގެ އިތުރުން ކޮވިޑް-19ގެ ސަބަބުން ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށުގައި ތިބި ފަރާތްތަކަށް ބޭނުންވާ ބައެއް ސާމާނު ވެސް އަންނަ ހަފްތާތެރޭ ސީމެކުން ރާއްޖެ ގެނެސް، މިނިސްޓްރީއާ ހަވާލުކުރާނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ. ސީމެކުން މީގެކުރިން ވަނީ ކޮވިޑް-19 ވައިރަސްއާ ގުޅިގެން ކަރަންޓީނު ކުރަން ޖެހޭ މީހުން ކަރަންޓީނު ކުރުމަށް ފަރުކޮޅުފުށީގައި ގާއިމުކޮށްފައިވާ އައިސޮލޭޝަން ފެސިލިޓީއަށް ފާހާނާ ބަރިއެއް ހަދިޔާކޮށްފައެވެ.
ސީމެކުން ރާއްޖެއަށް ޕީޕީއީ އާއި ފޭސް މާސްކް ހަދިޔާކޮށްފި
ރަށުން ބޭރުން މީހަކު ނުވަންނަތާ މަހަކަށް ވުރެން ގިނަ ދުވަސްވެފައިިވާ ކ. ހިންމަފުށީ ޑްރަގް ޓްރީޓްމަންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރުން ތިން މީހަކު ނުރައްކާތެރި ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަން ހާމަކުރުމުން އެތައް ސުވާލުތަކެއް ވަނީ އުފެދިފަ އެވެ. ހެލްތް ޕްރޮޓެކްސަން އެޖެންސީ (އެޗްޕީއޭ) އިން އާންމު ނުކުރި ނަމަވެސް ހިންމަފުށީ ރިހެބުން ތިން މީހަކަށް ކޮވިޑް-19 ޖެހިފައިވާ ކަން އެ ތަނުންނާއި އެ ރަށު ކައުންސިލުން އިއްޔެ ޔަގީންކޮށްދިނެވެ. އެ އިދާރާތަކަށް އެކަން އެންގީ އެޗްޕީއޭ އިންނެވެ. އެއާއި އެކު ރިހެބްގައި ހަރަކާތްތެރިވާ މީހުންނާއި އެ ރަށުގެ ރައްޔިތުން ވެސް ތިބީ ބޮޑު ޝޮކެއްގަ އެވެ. ސަބަބަކީ މާލެ އިން ކޮވިޑް-19ގެ ޕޭޝެންޓެއް ފެނުމާއި އެކު މުޅި ރާއްޖެ ލޮކްޑައުންއަކަށް ގެނެސްފައި އޮތް އިރު އެ ރަށަށް ވެސް އިތުރު ބަޔަކު އައިސްފައި ނުވާތީ އެވެ. ހިންމަފުށީ ޑްރަގް ރިހިބިލިޓޭޝަން ސެންޓަރަށް ނައިބު ރައީސް ކުރެއްވި ޒިޔާރަތެއްގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް ރިހެބުން ވާހަކަ ދެއްކި އޮފިޝަލަކު ނަން ނުޖެހުމަށް ޝަރުތު ކޮށް ވިދާޅުވީ، އެތަނުގެ މުވައްޒަފުންނާއި އެކު 35 މީހެއްގެ ސާމްޕަލް ނެގި ކަމަށާއި އޭގެ ތެރެއިން ތިން މީހަކު ޕޮޒިޓިވްވެފައިވާ ކަމަށް އެޗްޕީއޭ އިން އަންގާފައިވާ ކަމަށެވެ. އެ ތިން މީހުންނަކީ ވެސް އެތަނުގައި ފަރުވާ ހޯދާ ފަރާތްތަކެވެ. އޭގެ ތެރޭގައި ހިމެނެނީ ދެ ފިރިހެނުންނާއި އެއް އަންހެނެކެވެ. ވައިރަސް ޖެހުނު ތިން މީހުންނާއި އެ ތަނުގައި ޖުމްލަ އުޅޭ 129 މީހުންގެ ތެރެއިން އެކަކުގެ ފުށުން ވެސް ކޮވިޑް-19އަށް ޝައްކު ކުރެވޭ އެއްވެސް އަލާމާތެއް މި ފަހުން ފެނިފައި ނުވާކަން އޮފިޝަލު ފާހަގަ ކުރެއްވި އެވެ. ކ.ހިންމަފުށި: އެ ރަށުގައި ހުންނަ ޑްރަގް ރިހެބިލިޓޭޝަން ސެންޓަރުން ތިން މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމުން ގިނަ ސުވާލުތަކެއް ވަނީ އުފެދިފައި --ސަން ފައިލް ފޮޓޯ/ އަހްމަދު ހަސަން އެ ތަނުން ފަރުވާ ހޯދާ މީހުންނަކީ، މީގެ ކުރިން ކޮމިއުނިޓީ މަސައްކަތް ފަދަ ކަންކަމަށް އެތަނުން ބޭރަށް ރަށު ތެރެއަށް ގޮސްއުޅޭ ބައެކެވެ. ނަމަވެސް މާލޭގައި ކޮމިއުނިޓީ ސްޕްރެޑް ފެށި ރަށްތައް ވެސް ލޮކްޑައުން ކުރި ފަހުން އެއްވެސް މީހަކު އެތަނުން ބޭރަށް ގޮސްފައި ނުވާކަން އޮފިޝަލް ފާހަގަކުރެއްވި އެވެ. އަދި ރަށުން ބޭރުން އެތަނަށް ގެނެސްފައި ވަނީ ހަމަ އެކަނި ފަރުވާއަށް ބޭނުންވާ ބޭސް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. "ހަމަ އެއްގޮތަކަށް ވެސް ބުނަން ކީއްކުރަން ހީކޮށްލާފައި ބުނާކަށް ވެސް ނޭނގެ މިތަނުން ބަޔަކު ޕޮޒިޓިވް ވާންވީ ސަބަބެއް. ވަރަށް ބޮޑަށް ހައިރާން ވެފައި މި ތިބެނީ،" ރިހެބުން ވާހަކަ ދެއްކި އޮފިޝަލު ވިދާޅުވި އެވެ. އެތަނުގެ ފަރުވާއަށް އެންމެ ފަހުން މީހަކު އައިސްފައިވަނީ މާލެ ލޮކްޑައުން ކުރުމުގެ ދެ ދުވަސް ކުރިން ކަން އޭނާ ފަހަގަ ކުރެއްވި އެވެ. އެއީ މިދިޔަ މަހުގެ 13 ވަނަ ދުވަހެވެ. އޭގެ ފަހުން ވެސް މިހާރު މި ވަނީ މަހަކަށް ވުރެން ގިނަ ދުވަސް ވެފަ އެވެ. ކ. ހިންމަފުށީގައި ހުންނަ ޑްރަގް ރިހިބިލިޓޭޝަން -- ފޮޓޯ/ ރައީސް އޮފީސް އެކަމަކު ލޮކްޑައުން ކުރިފަހުން އާއިލާ މީހަކު މަރުވުމުން އެތަނުގައި ފަރުވާހޯދަމުން ދިޔަ މީހަކު މާލެ ގެނައިކަން އޭނާ ފާހަގަކުރެއްވި އެވެ. ނަމަވެސް އެމީހާ ވެސް އަނބުރާ ހިއްމަފުއްޓަށް ގެނެސްފައި ނުވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ. ޖަލު ތަކާއި ހިލާފަށް ރިހެބުގައިި ތިބޭ ފަރާތްތަކަށް ހުންނާނީ އެތަނުގެ ތެރެއަށް ދޫކޮށްލާފަ އެވެ. އެހެން ކަމުން ކޮޓެރިއެއްގައި ވެސް ގިނަ މީހުން އެކުގައި ތިބެ އެވެ. އަދި ކޮންމެ ދުވަހަކު ވެސް އެކަކު އަނެކަކާ ކައިރިން ބައްދަލުވެ އެވެ. ހިއްމަފުށީ ކައުންސިލްގެ ރައީސް ޝާން އިބްރާހިމް "ސަން" އަށް ވިދާޅުވީ، ރިހެބުން ތިން މީހަކު ޕޮޒިޓިވްވެފައިވާ ކަން އެޗްޕީއޭ އިން އެންގުމުން ރަށް މޮނިޓަރިންގެ ހާލަތަށް ގެނެސް ރައްޔިތުން ގޭގައި ތިބުމަށް އަންގާފައިވާނެ ކަމަށެވެ. އަދި އެކަމާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން އަންނަ ކަން ވެސް ފާހަގަކުރެއްވި އެވެ. "ރައްޔިތުން ތިބީ ޕެނިކެއްގައި އެކަކަށް ވެސް ބުނަން ނޭންގެ ވައިރަސް އައި ގޮތެއް،" ޝާން ވިދާޅުވި އެވެ. ކ. ހިންމަފުށީގައި ހުންނަ ޑްރަގް ރިހިބިލިޓޭޝަން -- ފޮޓޯ/ ރައީސް އޮފީސް ކޮވިޑް-19 މީހަކަށް ޖެހެނީ އެ ބަލި ޖެހިފައިވާ މީހެއް، ކެއްސާ ކިނބިހި އަޅާ އިރު އެ ނިކުންނަ ތިކިތައް ކައިރީގައި ހުރި މީހެއްގެ އަނގައަށް، ނޭފަތަށް ނުވަތަ ލޮލަށް ދިއުމުންނެވެ. އަދި ކޮވިޑް-19ގެ ވައިރަސް ހުރި ތަނެއްގައި އަތްލުމަށްފަހު އަތް ނުދޮވެ މޫނުގައި އަތްލުމުގެ ސަބަބުން ވެސް އެ ބަލި އެހެން މީހަކަށް ޖެހެ އެވެ. އެ ވައިރަސް ޕްލާސްޓިކް ނުވަތަ ދަގަނޑުގައި ދެ ދުވަސް އަދި ލަކުޑި ފިލާގައި އެއް ދުވަސްވަރު ހުންނަ ކަމަށް ޑަބްލިއުއެޗްއޯއިން ވަނީ ބުނެފަ އެވެ. ދިރާސާތަކުން ދައްކާ ގޮތުން ހަށިގަނޑަށް ވައިރަސް ވަންނަތާ 10 ދުވަސްތެރޭ ނުވަތަ ތިން ހަފްތާއަށް ވެސް އެ ވައިރަސް ނުފިލާ ހުރެ އެވެ. ކ. ހިންމަފުށި -- ކަން އެހެން ހުރިއިރު ފުލް ލޮކްޑައުނެއްގައި އޮތް ހިންމަފުށީގެ ހާއްސަ ރައްކާތެރިކަމެއްގައި ހުރި ރިހެބިލިޓޭޝަން ސެންޓަރަކުން އެ ވައިރަސް ފެނުމުން އެ ރަށުގައި ތިބި މީހުންގެ އިތުރުން ވެސް ގިނަ ދިވަހިންނަށް މި ވަނީ ހައިރާންކަމެއް ލިބިފަ އެވެ. ދެން އޮތީ އެ ނަތީޖާ އަކީ، ނުބައިކޮށް ދެއްކި ނަތީޖާއެއް ނުވަތަ ފޯލްސް ޕޮޒިޓިވްއަކަށް ވުމެވެ. އެކަން ކަށަވަރުވެގެންދާނީ ދެވަނަ ސާމްޕަލް ނަގައި ޓެސްޓް ހެދުމުންނެވެ. އެ މަސައްކަތް ދަނީ މިހާރު ކުރިއަށެވެ.
ވައިރަސް ރިހެބަށް ވަނުން، ހައިރާންކަމާއި އެތައް ސުވާލެއް!
ކޮރޯނާވައިރަސް ޖެހިފައިވާ އަށް ދިވެއްސަކު މިއަދު ފެނިފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފި އެވެ. އެޗްޕީއޭއިން އެކަން ހާމަ ކުރީ އިރުކޮޅެއް ކުރިން ކުރި ޓްވީޓެއްގަ އެވެ. އެއާއެކު މިހާރު މާލެއިން ކޮވިޑަށް ޕިސިޓިވްވީ މީހުންގެ އަދަދު ވަނީ 137 އަކަށް އަރާފަ އެވެ. ޕޮސިޓިވްވީ މީހުންގެ ތަފްސީލެއް އެޗްޕީއޭއަކުން ހާމައެއް ނުކުރެ އެވެ. އޭގެ އިތުރުން ށ.ނަރުދޫއިން މީހަކު ކޮވިޑަށް ޕޮސިޓިވްވީކަން 'ސަން' އަށް ވަނީ އެނގިފަ އެވެ. އެކަމަކު އެ މައުލޫމާތު އަދި އެޗްޕީއޭއަކުން ހާމައެއް ނުކުރެ އެވެ. އެނގިފައިވާގޮތުން ނަރުދޫއިން ކޮވިޑަށް ޕޮސިޓިވްވެފައިވަނީ އެރަށުގެ މާލޭ ދަތުރު ކުރާ ބޯޓުގެ ކެޕްޓަނެވެ. އިއްޔެ މާލެއިން ކޮވިޑަށް 13 މީހަކު ވަނީ ޕޮސިޓިވްވެފަ އެވެ. މާލެއިން އެންމެ ފުރަތަމަ ބަލީގެ ޕޮޒިޓިވް ކޭހެއް ފެނުނީ މިމަހުގެ 15 ވަނަ ދުވަހުއެވެ.
ކޮވިޑް ޖެހިފައިވާ އަށް ދިވެއްސަކު މިއަދު ފެނިއްޖެ
އަޚުލާޤަކީ އިންސާނާގެ ނަފުސުގައި ހަރުލާފައިހުންނަ ސިފައެކެވެ. މި ސިފައިގެ ސަބަބުން، އޭނާ ކަމެއް ކުރަން ބޭނުންވާހިނދު އެކަމެއް ކުރާނީތޯ ނުވަތަ ނުކުރާނީތޯ ކުރިން ވިސްނުމަކާނުލައި އަދި ލަސްކަމެއްނެތި ވަރަށް ފަސޭހަކަމާއެކު އެކަމެއް ކުރެވެއެވެ. މިގޮތުގެމަތީން ކުރި އަމަލަކީ ބުއްދީގެގޮތުންނާއި ޝަރުޢީގޮތުން ރީތި އަމަލެއްކަމުގައިވާނަމަ އެއީ ރަނގަޅު އަޚުލާޤެކެވެ. އަދި އެ ކުރި އަމަލަކީ ބުއްދީގެގޮތުންނާއި ޝަރުޢީގޮތުން ހުތުރު އަމަލެއްކަމުގައިވާނަމަ އެއީ ނުބައި އަޚުލާޤެކެވެ.[ޖުރުޖާނީ، 2000، 89] އަޚުލާޤު ނުވަތަ ޚުލްޤުގައި ދެކަމެއް ޝަރުޠުވެގެންވެއެވެ. ފުރަތަމަ ކަމަކީ އަޚުލާޤެއްނަމަ އެއީ އިންސާނާގެ ނަފުސުގައި ސާބިތުވެހުންނަ ސިފަޔަކަށް ވާންޖެހެއެވެ. ނަފުސުގައި ހަރުލައި ސާބިތުވެފައިނުވާ ސިފައެއްނަމަ އެއީ އަޚުލާޤެއް ކަމުގައެއްނުވާނެއެވެ. ދެވަނަ ކަމަކީ އަމަލެއް ކުރުމުގައި އަވަސްކަން އެކުލެވިފައިވުމާއި، تَكَلُّفُ ގެ ސިފަ އެކުލެވިފައިނުވުމެވެ. ތަކައްލުފުގެ ސިފައަކީ ތިމާގެ ކިބައިގައި ހަގީގަތުގައިނެތް ސިފައެއް ތިމާގެ ކިބައިގައި ހުރިކަމަށް ހެދިގެން އުޅުމެވެ. މިސާލަކަށް ރުޅިއަންނަ ވަގުތުގައި ރުޅިނާންނަކަމަށް ހެދިގެން އުޅުމަކީ އެއީ ޚުލްޤު ކަމުގައެއްނުވާނެއެވެ. އަޚުލާޤު ގުޅިފައިވަނީ އިންސާނާގެ ނަފުސާއެވެ. އެހެންކަމުން އެއީ އިންސާނާގެ ހަށިގަނޑުގެ ބޭރުފުށުގެ އަމަލެއްނޫނެވެ. ނަފުސުގައި ހަރުލާފައިހުންނަ އަޚުލާޤު ބޭރުފުށުން ދައްކައިދެނީ މީހާގެ ސުލޫކެވެ. ވީމާ ސުލޫކު ހިމެނެނީ މީހާގެ އަޚުލާޤު ދޭހަކޮށްދޭ ދަލީލުކަމުގައެވެ. އެއީ ގަހުގައި އަޅާ މޭވާއިން، އެ ގަހުގެ ބާވަތް ދެނެގަނެވޭފަދައިންނެވެ. މީހާގެ ސުލޫކު ރަނގަޅުނަމަ އެއީ އޭނާގެ އަޚުލާޤު ރަނގަޅުކަމުގެ ދަލީލެކެވެ. ހަމައެގޮތަށް މީހާގެ ސުލޫކު ގޯސްނަމަ އެއީ އޭނާގެ އަޚުލާޤު ގޯސްކަމުގެ ދަލީލެކެވެ. އަޚުލާޤަކީ ގުދުރަތުން ދެއްވަވާ އެއްޗެއްހެއްޔެވެ؟ ނުވަތަ އަމިއްލައަށް ލިބގަންނަ އެއްޗެއްހެއްޔެވެ؟ محمّد صالح العُثَيْمِين ވިދާޅުވެފައިވެއެވެ. އަޚުލާޤަކީ ގުދުރަތުން ދެއްވުމާއި އަމިއްލަ މަސައްކަތުން ލިބިގަތުމާއި މި ދެބައިވެސް ހިމެނޭ އެއްޗެކެވެ. އެބަހީ: އަޚުލާޤަކީ ގުދުރަތުން ދެއްވާ އެއްޗަކަށްވީފަދައިން ތިމާގެ އަމިއްލަ މަސައްކަތުން ލިބިގަންނަ ބައެއްވެސް އޭގައި އެކުލެވިގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ، أَشَجُّ عَبْد الْقَيْس އަށް ހަދީސްކުރެއްވިއެވެ. "ހަމަކަށަވަރުން، ﷲ ލޯބިވެވޮޑިގަންނަވާ ދެސިފައެއް ތިބާގެ ކިބައިގައިވެއެވެ. (އެއީ) ހިތްތިރިކަމާއި، މަޑުމައިތިރިކަމެވެ." أَشَجُّ ސުވާލުކުރެއްވިއެވެ. އޭ ﷲ ރަސޫލާއެވެ! އެއީ ތިމަން އަމިއްލަޔަށް ލިބިގަތް ދެސިފަތޯއެވެ؟ ނުވަތަ ﷲ ދެއްވި ދެއްވި ދެސިފަތޯއެވެ؟ އެކަލޭގެފާނު ހަދީސްކުރެއްވިއެވެ. "އެހެނެއްކަމަކު އެއީ ﷲ ތިބާގެ ކިބައިގައި ލައްވަވާފައިވާ ދެސިފައެވެ." އެހިނދު أَشَجُّ ވިދާޅުވިއެވެ. ﷲ ލޯބިވެވޮޑިގަންނަވާ އަދި އެކަލާނގެ ރަސޫލާ ލޯބިވެވަޑައިގަންނަވާ ދެސިފަ އަހުރެންގެ ކިބައިގައި ލެއްވެވި ﷲ އަށް ޙަމްދު ކުރަމެވެ.[އަބޫދާއޫދު: 13/4548] ރިވެތި އަޚުލާޤީ ސިފަތައް ގުދުރަތުން ދެއްވާފައިވާނަމަ އެ ސިފަތައް ލިބިގަތުމަށްޓަކައި އިތުރު މަސައްކަތްތަކެއްކޮށް ބުރައުފުލާކަށްނުޖެހޭނެއެވެ. މިގޮތަށް ރިވެތި އަޚުލާޤު ލިބިފައިނުވާމީހާއަށް އެހެންމީހުންގެ އެހީތެރިކަމާއެކު އަދި އަމިއްލަޔަށް މަސައްކަތްކޮށްގެން ﷲ ގެ އިރާދަފުޅާއެކު ރިވެތި އަޚުލާޤު ލިބިގަނެވިދާނެއެވެ. ރިވެތި އަޚުލާޤު ލިބިގަނެވޭނެ މަގުތައް 1. އާއިލާ: އާއިލާއަކީ ރަނގަޅު އަޚުލާޤު ލިބިގަތުމުގެ އެންމެ ފުރަތަމަ މަސްދަރުކަމުގައި ބުނެވިދާނެއެވެ. އެހެނީ ދަރިންނަށް އަޚުލާޤީ ސިފަތަކާއި އެހެނިހެންވެސް ކަންތައްތައް އުނގަންނައިދޭ ފުރަތަމަ މަދަރުސާއަކީ އާއިލާއެވެ. ދަރިންގެ ކިބައިގައި ވަކިކަހަލަ ސިފަތަކެއް ހަރުލައްވައި، އެ ދަރިފުޅަކީ އަޚުލާޤު ރަނގަޅު ދަރިއެއްގެގޮތުގައި ބޮޑުކުރުމުގެ މަސްއޫލިއްޔަތު އުފުލަންޖެހޭ ފަރާތަކީ އާއިލާއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ހަދީސްކުރެއްވިއެވެ. "ކޮންމެ ކުއްޖަކުވެސް ދުނިޔެއަށް އުފަންވަނީ ފިޠުރަތުގެ ސާފުކަންމަތީގައެވެ. (އެބަހީ: ހައްގު ދީންކަމަށްވާ އެއްކައުވަންތަކަމުގެ ދީނުގެ މަތީގައެވެ.) ފަހެ، އެކުއްޖާ ޔަހޫދީއަކަށް ނުވަތަ ނަޞާރާއަކަށް ނުވަތަ މަޖޫސީއަކަށް ހަދަނީ އެކުއްޖާގެ މަންމައާއި ބައްޕައެވެ."[ބުޚާރީ: 5/1296] 2. ރަނގަޅު ތައުލީމު: ހެޔޮނުބައި ވަކިކޮށް ބާއްޖަވެރި ދިރިއުޅުމެއް އުޅުމަށް މަގުފަހިކޮށްދޭނެ އެންމެ މުހިންމު މަސްދަރަކީ ތައުލީމެވެ. ޤުރުއާނުންގެ އެންމެ ފުރަތަމަ ބާވައިލެއްވި އާޔަތްތަކުގައިވެސް އަންގަވާފައިވަނީ ޢިލްމު އުނގެނުމަށެވެ. ﷲ ވަޙީކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވެއެވެ. "ކަލޭގެފާނުގެ ވެރިރަސްކަލާނގެ އިސްމުފުޅުން ކަލޭގެފާނު ކިޔަވައިވިދާޅުވާށެވެ! އެކަލާނގެއީ (ހުރިހާ ތަކެއްޗެއް) ހެއްދެވި ރަސްކަލާނގެއެވެ."[ޢަލަޤު: 1] 3. ރިވެތި އަޚުލާޤުގެ ނަމޫނާ: ތަރުބަވީ ޢިލްމުވެރިން ވިދާޅުވާގޮތުގައި މީހެއްގެ ކިބައިގައި ސިފައެއް ހަރުލެއްވުމަށް އެންމެ ފަސޭހަ ގޮތްތަކުގެތެރޭގައި "ނަމޫނާ" ދެއްކުން ހިމެނެއެވެ. އެހެންކަމުން އާއިލާގެތެރެއިންނާއި، މުދައްރިސުންގެ ފަރާތުންނާއި، ރަހުމަތްތެރިންގެ ފަރާތުންނާއި އަދި މުޖުތަމައުގެ އެންމެހައި ފަރުދުންގެ ފަރާތުން ރިވެތި އަޚުލާޤު ފެނުމަކީ ރަނގަޅު އަޚުލާޤު ލިބިގަތުމަށް މަސައްކަތްކުރާ ފަރާތަށް ވަރަށް މުހިއްމު ކަމެކެވެ. އެއްވެސް އޮޅުމެއްނެތްގޮތުގައި މީސްތަކުންތެރެއިން އަޚުލާޤީ ގޮތުން އެންމެ ފުރިހަމަ ނަމޫނާއަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމައެވެ. ﷲ ވަޙީކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވެއެވެ. "ހަމަކަށަވަރުން، ﷲ ގެ ރަސޫލާގެ ކިބައިގައި، ތިޔަބައިމީހުންނަށް ރިވެތިވެގެންވާ ނަމޫނާއެއްވިއެވެ."[އަޙުޒާބު: 21] 4. ރަނގަޅު ރަހުމަތްތެރިން: ރަނގަޅު ރަހުމަތްތެރިންނަކީވެސް ރިވެތި އަޚުލާޤު ލިބިގަތުމުގެ މުހިއްމު މަސްދަރެކެވެ. ރަހުމަތްތެރިންގެ ގޮތުގައި ހެޔޮލަފާ މީހުން އިޚުތިޔާރު ނުކުރުމަކީ ތިމާގެ ދެދުނިޔޭގެ ބާއްޖަވެރިކަން ގެއްލިގެންދިއުމުގެ މަގެކެވެ. ﷲ ވަޙީކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވެއެވެ. "އަނިޔާވެރިޔާ އޭނާގެ ދެއަތުގައި ދަތްއަޅާ ދުވަސް ހަނދުމަކުރާށެވެ! އޭނާ (އެދުވަހުން) ބުނާނެތެވެ. އޭ ސަހަރޯއެވެ! ރަސޫލާގެ އަރިހުން މަގެއްހިފައި، ބޭނުންކުޅަނަމަ، ތިމަންނާއަށް ކިހާ ރަނގަޅުވީސްހެއްޔެވެ؟ އޭ ހުރި ހަލާކެއްގެ ބޮޑުކަމާއެވެ! ސަހަރޯއެވެ! ތިމަން އެވެނިމީހަކު މިތުރަކުކަމުގައި ނުހިފިނަމަ، ކިހާ ރަނގަޅުވީސްހެއްޔެވެ؟ ހަމަކަށަވަރުން، ތިމަންނާއާހަމަޔަށް އެ ޤުރުއާން އައުމަށްފަހު، އޭނާ ތިމަން އެއިން އެއްކިބާކޮށް މަގުފުރައްދައިފިއެވެ. އިންސާނާއަށް އޭނާ ދެރަކޮށް ނިކަމެތިކޮށްލާ އެއްޗެއްކަމުގައި ޝައިޠާނާ ވެއެވެ."[ފުރުޤާނު: 27-29] 5. މުޖުތަމައު: ރިވެތި އަޚުލާޤު ލިބިގަނެވޭނެ މުޖުތަމައެއްގެ ހާލަތަކަށްވާނީ އެ މުޖުތަމައުގައި ދިރިއުޅޭ މީސްތަކުން އެކަކު އަނެކަކަށް ހެޔޮކަންތައްތަކަށް އަމުރުކޮށް ނުބައިކަންތައްތައް ނަހީކުރުމެވެ. ﷲ ވަޙީކުރައްވާފައިވެއެވެ. "ޒަމާން ގަންދެއްވަމެވެ. ހަމަކަށަވަރުން، އިންސާނާވަނީ، ގެއްލުމެއްގައިކަން ކަށަވަރެވެ. އީމާންވެ ޞާލިޙު އަމަލުތައްކޮށް، އަދި އެކަކު އަނެކަކަށް ހައްގަށް ވަސިއްޔަތްކޮށް، އަދި އެކަކުއަނެކަކަށް ކެތްތެރިވުމަށް ވަސިއްޔަތްކޮށް އުޅުނުމީހުން މެނުވީއެވެ."[ޢަޞްރު: 1-3] ބުނެވިދިޔަ ކަންތައްތަކުގެ އިތުރުން، މީސްތަކުންގެ އަޚުލާޤު ރަނގަޅުކޮށް އެގޮތުގައި ދެމެހެއްޓުމަށްޓަކައި ދައުލަތުގެ މަސްއޫލިއްޔަތުވެސް ވަރަށް ބޮޑެވެ. އިސްލާމީ ދައުލަތެއްގެ އެންމެ މުހިއްމު އެއްމަސްއޫލިއްޔަތަކީ އެތަނެއްގެ ރައްޔިތުންގެ އަޚުލާޤާއި ސުލޫކު ރަނގަޅުކޮށް، ގައުމުގެ އަޚުލާޤީ ތަރުބިޔަތުގެ އޮނިގަނޑު ހަރުދަނާކަންމަތީ ދެމެހެއްޓުމެވެ. އެގޮތުން؛ ގައުމުގެ ތައުލީމީ ނިޒާމު ހެޔޮގޮތުގައި ކުރިއަށް ގެންދިއުމާއެކު ދިރިއުޅުމުގެ އަސާސީ ބޭނުންތައް އެކަށީގެންވާގޮތުގައި ފުއްދޭނެ މަގުތައް ތަނަވަސްކޮށްދޭންޖެހޭނެއެވެ. އަސާސީ ޚިދުމަތްތަކާއެކު، ދިރިއުޅުން އިތުރަށް 'ފުރިހަމަކުރުމަށްޓަކައި' ބޭނުންވާނެ ޚިދުުމަތްތައް ފޯރުކޮށްދިނުމަށްވެސް އިސްކަންދޭންވާނެއެވެ. އިޖުތިމާއީ ރައްކާތެރިކަމާއި އަދުލުގެ ނިޒާމު ހަރުދަނާކުރުމަށް ޚާއްޞަ ސަމާލުކަން ދޭންޖެހޭނެއެވެ. މިފަދައިން ކަންކުރުމުގައި ދައުލަތުން ޒިންމާދާރުނުވިނަމަ، މީސްތަކުން ރިވެތި އަޚުލާޤީ ސިފަތަކާ ދުރުވެ މުޖުތަމައުގެ އަމަންއަމާންކަން ގެއްލި ހީވެސްނުކުރާފަދަ ބޮޑެތި ގެއްލުންތަކާ ކުރިމަތިލާންޖެހުން އޮންނާނީ ވަރަށް ގާތުގައެވެ.
ރޯދައިގެ ވަސިއްޔަތް: ރިވެތި އަޚުލާގު ލިބިގަންނާނީ ކިހިނެއް؟
ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވް އިތުރު 11 މީހަކު ފެނި، ބަލި ޖެހިފައިވާ މީހުންްގެ އަދަދު 1031 އަށް އަރައިފިއެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ފަހުން ޕޮޒިޓިވްވި 11 މީހުންގެ ތެރޭގައި ހިމެނެނީ އަށް ދިވެހީންނާއި، ބަންގަލަދޭޝްގެ ތިން މީހުން ކަމަށެވެ. ފާއިތުވި 24 ގަޑިއިރު ތެރޭގައި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ނ. މަނަދޫގެ ނުވަ މީހަކާއި، ކ. ހިންމަފުށީގައި ހުންނަ ރީހެބިލިޓޭޝަން ސެންޓަރުން ޕޮޒިޓިވްވި ތިން މީހަކު ހިމެނެއެވެ. މީގެ އިތުރުން އައިޖީއެމްއެޗަށް ޑައިލިސިސް ހަދަން ދިޔަ މީހަކާއި، މާލޭގެ މިސްކިތެއްގެ އިމާމަކު ވެސް ފާއިތުވި 24 ގަޑިއިރު ތެރޭގައި ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެއެވެ. ރާއްޖެއިން ކޮވިޑް19 ޖެހުމަށްފަހު ބަލިން ރަނގަޅުވެފައިވާ މީހުންގެ އަދަދަކީ 46 އެވެ. އަދި ބަލި ޖެހިގެން ހަތަރު މީހަކު މަރުވެފައިވެއެވެ.
އިތުރު 11 މީހަކު ޕޮޒިޓިވްވެ، ޖުމްލަ 1031 އަށް
މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އަށް ޗައިނާއިން މިހާރު އުފައްދަން މަސައްކަތް ކުރަމުންދާ ފަސް ވެކްސިނެއްގެ ދެވަނަ ފޭސްގެ ތަހުލީލްތައް އަންނަ ޖުލައި މަހު ނިމޭނެ ކަމަށް ޗައިނާގެ ސައިންޓިންސްޓުން ބުނެފި އެވެ. ޗައިނާއިން އުފައްދަން މަސައްކަތް ކުރަމުންދާ ވެކްސިންތަކުގައި ބާރު ދަށް ކޮށްފައިވާ "ލައިވް ވައިރަސް" ހިމެނޭ ވެކްސިނާއި "އިންއެކްޓިވް" ވައިރަސް ހިމެނެއެވެ. ޗައިނާއިން ބުނީ ދެވަނަ ފޭސްގައި ވެކްސިން ދިން މީހުންގެ ގައިން މާބޮޑު ސައިޑް އިފެކްޓެއް ނުފެންނަ ކަމަށާއި ހުރިހާ ކަމެއް ވެސް ވަރަށް އޮމާންކަމާއެކު ކުރިއަށްދާ ކަމަށެވެ. "ވެކްސިން އުފެއްދުމުގެ މަރުހަލާ ވަރަށް އޮމާންކަމާއެކު އެބަ ކުރިއަށް ދޭ" ޗައިނާގެ ނެޝެނަލް ހެލްތު ކޮމިޝަންގެ ޑެޕިއުޓީ ޑިރެކްޓަރު ޒެންގް ޔީޒިން ވިދާޅުވިއެވެ. ވެކްސިން ޓެސްޓުކުރުމުގެ މަރުހަލާގައި މިހާތަނަށް 2575 މީހަކަށް ވަނީ ވެކްސިންތައް ދީފައެވެ. އޭގެ ތެރޭގައި ފުރަތަމަ ފޭސްގައި ވެކްސިންދިން 539 މީހުންވެސް ހިމެނެއެވެ. "ފުރަތަމަ ފޭސްގައި ކުރިއަށް ގެންދިޔަ ތަހުލީލްތަކުގެ ޑޭޓާތަކުން ދައްކާ އެ ވެކްސިން ރައްތާކެތިކަމަށާއި އެންޓި ބޮޑީވެސް ވެސް އުފައްދާ ކަމަށް" ޒެންގް ވިދާޅުވި އެވެ. އެއާއެކު ދެވަނަ ފޭސްގައި އެކަންތައްތައް އިތުރަށް ޔަގީންކުރާނެ ކަމަށް ވަނީ ބުނެފަ އެވެ. ބާރު ދަށްކޮށްފައިވާ ލައިވް ވައިރަސް އުފައްދަނީ ޗައިނާގެ ބަޔޯމެޑިކަލް ފާމެއް ކަމަށްވާ ކަން ސިނޯ ބަޔޯ އަދި ޗައިނާގެ އާމީން ހިންގާ އެކެޑަމީ އޮފް މިލިޓަރީ ސައިންސަސް ގުޅިގެންނެވެ. އަދި އިންއެކްޓިވޭޓޭޑް ވައިރަސް ހިމެނޭ އަނެއް ހަތަރު ވެކްސިން އުފައްދަނީ ޗައިނާގެ ބަޔޯޓެކް ގްރޫޕާއި ސިނޮވެކް ރިސާޗް އެންޑް ޑިވެލޮޕްމަންޓްއާއި އަދި އިތުރުކުންފުންޏެއް ގުޅިގެންނެވެ. އާންމުކޮށް ވެކްސިންގައި "އިންއެކްޓުވޭޓެޑް" ވައިރަސް ހިމެނޭތީ އެ ވެކްސިންތަކަކީ މާބޮޑަށް ވެސް ރައްކާތެރި ވެކްސިންކަމަށް އަބަދު ވެސް ބެލެވެއެވެ. މައުލޫމާތު: ޗައިނާޑެއިލީ
ކޮވިޑް-19: ޗައިނާއިން އުފައްދާ ފަސް ވެކްސިނެއްގެ ދެވަނަ ފޭސްގެ ޓްރަޔަލް ޖުލައި މަހު ނިމޭނެ
ށ. ނަރުދޫއިން ކޮރޯނާވައިރަސް، ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވްވެއްޖެ އެވެ. "ސަން"އަށް ކަށަވަރުވެފައިވާ ގޮތުގައި ނަރުދޫއިން ޕޮޒިޓިވްވެފައި ވަނީ، މާލެ ދަތުރު ކުރާ ނަރުދޫ "އަމާޒު" ބޯޓްގެ ކައްޕިއަކަށް މަސައްކަތް ކުރާ ދިވެއްސެކެވެ. އެ ބޯޓް މާލެއިން އެ ރަށަށް ގޮސްފައި ވަނީ މި މަހުގެ 16 ވަނަ ދުވަހު އެވެ. އެއީ މާލެ ލޮކްޑައުންކޮށް މާލެއަށް އަރައި ފުރުން މަނާކުރި ދުވަހެވެ. އެނގިފައިވާ ގޮތުގައި ޕޮޒިޓިވްވި މީހާ އައިސޮލޭޝަނަށް ގެންދިޔުމުގެ މަސައްކަތް އެޗްޕީއޭގެ ޓީމެއް އެ ރަށަށް ގޮސް މިހާރު ވަނީ ފަށައިފަ އެވެ. އެ ބޯޓުން 150 އެއްހާ މީހަކު ދަތުރުކުރި ކަމުގެ މައުލޫމާތު ސަންއަށް ވަނީ ލިބިފަ އެވެ. އަދި އެ ބޯޓް ނ. އަތޮޅުގެ ބައެއް ރަށްތަކަށް ދަތުރުކުރާކަން ވެސް އެނގިފައިވެ އެވެ. މިއަދު ޕޮޒިޓިވްވި މީހާ ރޯގާ ޖެހިގެން ޑޮކްޓަރަށް ދެއްކީ ނަރުދޫ ސިއްހީ މަރުކަޒަށެވެ. އަދި ކޮވިޑްގެ އަލާމާތްތަކެއް ފެންނާތީ ސިއްހީ މަރުކަޒުން އެދިގެން އޭނާގެ ސާމްޕަލް ނެގުނީ އޭގެ ދުވަސްކޮޅެއް ފަހުންކަން ވެސް އެނގިފައިވެ އެވެ. ބޯޓްގެ ކައްޕި ޕޮޒިޓިވްވިވުމާ އެކު އަމާޒު ބޯޓްގެ ފަޅުވެރިން ވެސް މިހާރު ވަނީ އެކަހެރިކޮށްފަ އެވެ. މީގެ ކުރިން މާލެއިން ބޭރުން ކޮވިޑް ޖެހިފައިވާ މީހަކު ފެނިފައި ވަނީ، ހއ. އުލިގަމުންނެވެ. އެ މީހާ އަކީވެސް، މާލެއަށް ދަތުރުކޮށްފައި ދިޔަ ފަހުން ކޮވިޑްގެ އަލާމާތްތައް ފެނިގެން ޓެސްޓް ކުރުމުން ބައްޔަށް ޕޮޒިޓިވްވި މީހެކެވެ. މިއަދު އެންއޯއީސީގައި ބޭއްވި ޕްރެސްކޮންފަރެންސެއްގައި ހެލްތް މިނިސްޓަރު އަމީން ވިދާޅުވީ، މާލެ ލޮކްޑައުން ކުރުމުގެ ކުރިން މާލެއިން ގިނަ ބަޔަކު ފުރައިގެން ވެސް ގޮސްފައިވާތީ، ބަލި ހުރި މީހުން މިހާރު އަތޮޅުތަކުގެ ރަށްރަށުގައި ވެސް ތިބުން ވަރަށް އެކަށީގެންވާ ކަމަށެވެ. އަދި މާލޭގައި މިވަގުތު ހުރި އެއްވެސް މީހަކު މާލެއިން ބޭރަށް ފުރައިގެން ދިޔުމަކީ އެއްގޮތަކަށް ވެސް ރައްކާތެރި ކަމެއް ނޫން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. "މާލޭގައި ހުރި ކޮންމެ މީހަކީ ބަލީގެ ރިސްކު ވަރަށް ބޮޑަށް އޮތް މީހެއް. އެހެން ވީމާ، މާލެއިން ފުރައިގެން އެހެން ރަށްރަށަށް މީހުން ދިޔުމަކަށް އަޅުގަނޑުމެންނަކަށް އެއްވެސް ހުއްދައެއް ނުދެވޭނެ،" މިނިސްޓަރު ވިދާޅުވި އެވެ. އެޗްޕީއޭއިން މީގެ ކުރިން އަންގާފައި ވަނީ، މިފަހުން މާލެއިން ރަށްރަށަށް ދަތުރުކުރި މީހުން އެ މީހުންގެ ގޭގޭގައި 14 ދުވަސް ވަންދެން ސެލްފް އައިސޮލޭޓްވުމަށެވެ. އަދި ކިރިޔާ ވެސް އަލާމާތެއް ފެނިއްޖެ ނަމަ ވަގުތުން ރިޕޯޓް ކުރުމަށް ވެސް އެދިފައިވެ އެވެ. މިއަދުވެސް ރާއްޖެއިން ވަނީ ކޮވިޑް19 ޖެހިފައިވާ އަށް ދިވެއްސަކު ފެނިފަ އެވެ. އެއާ އެކު ރާއްޖެއިން އެބަލި ފެނުނު މީހުންގެ އަދަދު މިހާރުވަނީ، 137 އަކަށް އަރާފަ އެވެ. އިއްޔެ އެކަނި މާލެއިން ކޮވިޑަށް 13 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ. މާލެއިން އެންމެ ފުރަތަމަ ބަލީގެ ޕޮޒިޓިވް ކޭހެއް ފެނުނީ މިމަހުގެ 15 ވަނަ ދުވަހު އެވެ.
ނަރުދޫއިން ބޯޓެއްގެ ކައްޕި ކޮވިޑްއަށް ޕޮޒިޓިވްވެއްޖެ
ކިތަންމެ ދަތިިވިޔަސް މީހުން ބިނާ ކުރަން ކަނޑައަޅާފައި އޮންނަ ބަޖެޓުގައި އަތް ނުލާނެކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ، އިބްރާހިމް ހަސަން ވިދާޅުވެއްޖެ އެވެ. މިއަދު ބޭއްވި ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމެޓީގައި ވާހަކަ ދައްކަވަމުން ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވީ ކޮރޯނާ ވައިރަސްއާއެކުވެސް ދަރިވަރުންނަށް ކަނޑައަޅާފައި ހުރި ސްކޮލަޝިޕްތަަކަށް މަޑުޖެހުމެއް ނާންނާނެ ކަމަށެވެެ. މިނިސްޓަރު ވިދާޅުވީ މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސްއާއެކު ބޭރުގެ ބައެއް ތަންތަނުން ކިޔެވުން މެދުކަނޑާލާފައި އޮތް ނަމަވެސް ކުރިއަށް އޮތް ސެމިސްޓާގައި ކިޔެވުން ކުރިއަށް ނުގެންދާނެކަމަށް އެނގިފައި ނުވާ ކަމަށެވެ. "އަޅުގަނޑުމެންގެ ވިސްނުމަކު ނެތް ސްކޮލަޝިޕްތައް މެދުކަނޑާލާކަށް. އަޅުގަނޑުމެން ބޭނުންވަނީ އިއުލާންކޮށްފައި އޮތް އަދި ރައީސްގެ ވައުދުފުޅާއެއްގޮތަށް ހުރިހާ ސްކޮލަޝިޕްތަކަށްވެސް އިއުލާންކޮށްގެން ކުދިން ހޮވައިގެން އެ ފުރުސަތުތައް ދިނުން،" މިިނިސްޓަރު ވިދާޅުވި އެވެ. ގައުމެއްގެ އެންމެ މުހިންމު ރައުސުލްމާލަކީ ތައުލީމީ ޒުވާނުންކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ ޒުވާނުން ބިނާކޮށްގެން ނޫނީ ގައުމެއް ނޯންނާނެ ކަމަށެވެ. "މިކަހަލަ ޕެންޑަމިކެއްގައި ވެސް އަޅުގަނޑުގެ ނަޒަރުގައި އެންމެ ދަތިވިޔަސް އަތް ނުލަންވާނެ ބަޖެޓަކީ މީހުން ބިނާކުރުމާއި ތަމްރީން ކުރުމުގެ ބަޖެޓު. އެ ބަޖެޓު ހަމަ އޮތްގޮތަށް ބޭއްވުން ވަރަށް މުހިއްމު. އޭރުން މިކަަހަލަ ޕޭންޑަމިކްއެއްގައި މަސައްކަތްކުރާނެ ތައުލީމީ ޓެކްނިކަލް މީހުންވެސް މުސްތަގުބަލުގައި އަޅުގަނޑުމެންނަށް ބިނާ ކޮށްދެވޭނީ،" މިނިސްޓަރު ވިދާޅުވި އެވެ. މިދިޔަ ފެބްރުއަރީ މަހުގެ ހަޔާ އެޑިއުކޭޝަން މިނިސްޓްރީން 550 ލޯންގެ ފުރުސަތު މަތީ ތަލުލީމަށް ހުޅުވާލި އެވެެ. ނަަމަވެސް އެ ލޯންތައް އަދި ޕްރޮސެސް ނުކުރެވޭތީ އަދި ދަރިވަރުންނަށް ފައިސާ ދޫނުކުރާކަމަށް މިނިސްޓަރު މިއަދު ވިދާޅުވި އެވެ. ކޮވިޑްއާ ގުޅިގެން ބޭރުގައި އަމިއްލަ ގޮތުން ކިޔަވަން ގޮސް ހާލުގައި ޖެހުނު ބައެއް ދަރިވަރުންނަށް މިނިސްޓްރީން މިހާރު ވަނީ ފައިސާގެ އެހީތެރިކަން ފޯރުކޮށްދޭން ފަށައިފަ އެވެ. ނަމަވެސް އެކަމަށް ހުށަހެޅި ދަރިވަރުންގެ ތެރެއިން ބައެއް ދަރިވަރުން މައުލޫމާތު ފުރިހަމަނުކޮށް ހުށަހަޅާފައިވާތީ އެކަން އަދި ޕްރޮސެސްކޮށްދީފައިނުވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ކިތަންމެ ދަތިވިޔަސް ސްކޮލަޝިޕްތައް ކަނޑާނުލާނަން: މިނިސްޓަރު
ސިވިލް ސާވިސްގެ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް ކަނޑައެޅުން ނުވަތަ އެ އިނާޔަތްތަކަށް ބަދަލު ގެނައުމުގެ އެއްވެސް ބާރެއް، ގާނޫނީ ގޮތުން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)އަށް ލިބިގެން ނުވާކަމަށް އެ ކޮމިޝަނުން ބުނެފި އެވެ. ކޮވިޑް19 އާއި ގުޅިގެން ސިއްހީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން އަށް ގަޑިއިރަށްވުރެ ގިނައިރު މަސައްކަތް ކުރުމުންވެސް އިތުރުގަޑީގެ ފައިސާ ނުލިބޭކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް، ސިވިލް ސާވިސް މުވައްޒަފުންނަށް ރަމަޟާން މަހު އިތުރުގަޑީގެ ފައިސާ ދޭ އުސޫލަށް ބަދަލު ނުގެންނަން ފިނޭންސް މިނިސްޓްރީން ވަނީ ނިންމައިފަ އެވެ. އިތުރުގަޑީގެ ފައިސާއާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ސިވިލް ސާވިސް ކޮމިޝަނަށް ވެސް ފާޑުކިޔަމުންނެވެ. އަދި ކޮމިޝަނަށް ގާނޫނުން ލިބިދީފައިނުވާ ބާރުތަކެއް ބޭނުންކުރަމުންދާ ކަމަށް ތުހުމަތުކޮށް، ކޮމިޝަނުގެ މެންބަރުން ވަކިކުރުމަށް ވެސް އަންނަނީ ގޮވާލަމުންނެވެ. އެކަމާ ގުޅިގެން އެ ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ބައެއް މީޑިއާތަކުން، ސަރުކާރުން ހަރަދު ކުޑަކުރުމުގެ ގޮތުން އަޅަން ނިންމި ފިޔަވަޅުތަކަކީ، ސިވިލް ސާވިސް ކޮމިޝަނުން ކުރަމުންގެންދާ ކަންތައްތަކެއްކަމަށް ދޭހަވާ ފަދަ ގޮތަކަށް މައުލޫމާތު ފަތުރަމުން އަންނަ ކަމަށެވެ. އެހެން ނަމަވެސް ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ގާނޫނުގެ ދަށުން ސިވިލް ސާވިސްގެ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް ކަނޑައެޅުމުގެ ބާރު ލިބިދީފައިވަނީ ނޭޝަނަލް ޕޭ ކޮމިޝަނަށް ކަމަށް އެ ބަޔާނުގައި ވަނީ ފާހަގަކޮށްފަ އެވެ. "ސިވިލް ސާވިސްގެ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް ކަނޑައެޅުން ނުވަތަ އެ އިނާޔަތްތަކަށް ބަދަލު ގެނައުމުގެ އެއްވެސް ބާރެއް، ގާނޫނީގޮތުން ސިވިލް ސާވިސް ކޮމިޝަނަށް ލިބިގެން ނުވެއެވެ." އެ ބަޔާނުގައިވެ އެވެ. އެހެންނަމަވެސް، ސިވިލް ސާވިސްގެ މުވައްޒަފުންގެ ހައްގުގައި މަގާމުތަކުގެ ހާއްސަ އޮނިގަނޑުތައް އެކުލަވާލައި، އެ އޮނިގަނޑުތަކަށް މުސާރައާއި އެލަވަންސްތައް ކަނޑައެޅުމަށް، ނޭޝަނަލް ޕޭ ކޮމިޝަނާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށް ސީއެސްސީގެ ބަޔާނުގައިވެ އެވެ. އެގޮތުން ނަރުހުންގެ އޮނިގަނޑެއް އެކުލަވާލުމާއެކު އެ އޮނިގަނޑަށް މުސާރައާއި އެލަވަންސްތައް ކަނޑައަޅައި 2018 ވަނަ އަހަރުގެ އޯގަސްޓު މަހުން ފެށިގެން އަންނަނީ އަމަލުކުރަމުންނެވެ. އަދި މިހާރުވެސް ސިއްހީ ދާއިރާގެ ވަޒީފާގެ އޮނިގަނޑުތައް ވެސް ހިމެނޭގޮތުން ހާއްސަ ދާއިރާތަކުގެ ހަތް އޮނިގަނޑެއް، އެކުލަވާލައި، އެ އޮނިގަނޑުތަކަށް މުސާރައާއި އެލަވަންސްތައް ކަނޑައެޅުމަށް ނޭޝަނަލް ޕޭ ކޮމިޝަނަށް ހުށަހަޅާފައިވާ ކަަމަށް ސީއެސްސީން ބުންޏެވެ. އެ ހުށަހެޅުންތަކާ ގުޅިގެން ދައުލަތުގެ ހުރިހާ މަގާމުތައް ހިމެނޭގޮތުން މުސާރައާއި އެލަވަންސްތައް އެއްހަމަކުރެވިފައިވާ އޮނިގަނޑެއް މި އަހަރު ތެރޭ އެކުލަވާލައި ނިންމުމަށް އެ ކޮމިޝަނުން މަސައްކަތްކުރަމުންދާ ކަމަށާއި، އެ މަސައްކަތް ކުރިއަށްދާ އިރު، ކޮމިޝަނުން ހުށަހަޅާފައިވާ އޮނިގަނޑުތަކަށް ރިއާޔަތްކުރައްވާނެ ކަމަށް އަންގާފައިވާ ކަަމަށް ވެސް ބުނެފައިވެއެވެ. މީގެ އިތުރުން ސަރުކާރުގެ މުވައްޒަފުންގެ މަސައްކަތު ގަޑި ކަނޑައެޅުމުގެ ގާނޫނީ ބާރެއް ވެސް ސިވިލް ސާވިސް ކޮމިޝަނަށް ލިބިގެން ނުވާކަން ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. ވަޒީފާއާބެހޭ ގާނޫނުގެ 32 ވަނަ މާއްދާގައިވާ ގޮތުން، އިތުރު ގަޑި ނުހިމެނޭގޮތުން މުވައްޒަފަކު ލައްވައި ހަފްތާއެއްގެ ތެރޭގައި 48 ގަޑިއިރަށް ވުރެ އިތުރު ނުވާގޮތަށް މަސައްކަތް ކުރެވިދާނެއެވެ. އަދި ވަޒީފާއާބެހޭ ގާނޫނުގެ 33 ވަނަ މާއްދާގައި މުވައްޒަފަކު ލައްވައި ދުވާލަކު މަސައްކަތްކުރުވޭނެ އެންމެ ގިނަ ވަގުތު ކަނޑައެޅުމުގެ ބާރު ލިބިދީފައިވަނީ މިނިސްޓަރަށެވެ. ކަންމިހެން އޮތުމާއެކު، މުވައްޒަފުން މަސައްކަތް ކުރަންޖެހޭ ގަޑިއާއި މަސައްކަތް ކުރަންޖެހޭ ރަސްމީ ދުވަސްތައް އަބަދުވެސް ކަނޑައަޅަނީ ސަރުކާރުން ކަމަށާއި ސަރުކާރުން ކަނޑައަޅާ ގަޑިތަކެއްގައި، ކަނޑައަޅާ އުސޫލަކުން މުވައްޒަފުން ލައްވައި މަސައްކަތްކުރުވުމުގެ މަސްއޫލިއްޔަތު އަދާކުރަމުންދަނީ ކޮމިޝަނުން ކަމަށް ބަޔާނުގައިިވެއެވެ. ފިނޭންސް މިނިސްޓްރީން މި މަހުގެ 16 ވަނަ ދުވަހު ނެރުނު ސިއްހީ ކުއްލި ނުރައްކަލުގެ މި ހާލަތުގައި އިތުރު ގަޑި ދެވޭނީ ހަފްތާއަކު 48 ގަޑިއިރު މަސައްކަތްކުރުމުން ކަމަށެވެ. ނަމަވެސް އިއްޔެ ނެރުނު މާލިއްޔަތާބެހޭ ސާކިއުލާއިން މި ރަމަޟާން މަހާއި ޝައްވާލް މަހުގެ ހަތް ވަނަ ދުވަހުގެ ނިޔަލަށް، ކުރިން ވެސް މުވައްޒަފުންނަށް އިތުރު ގަޑި ކަނޑައެޅުމުގައި އަމަލުކުރަމުން ދިޔަ އުސޫލުން އަމަލުކުރުމަށް އަންގައިފައެވެ. އެއާއެކު އެގޮތަށް އަމަލުކުރުމަށް ސިވިލް ސާވިސްގެ އިދާރާތަކަށް އަންގާފައިވާނެ ކަމަށް ސީއެސްސީގެ ބަޔާނުގައިވެއެވެ. "އިތުރު ގަޑި ދެވޭ ގަޑިތައް މަދުކުރުން ނުވަތަ އިތުރުކުރުމުގެ ގާނޫނީ އެއްވެސް ބާރެއް މި ކޮމިޝަނަށް ލިބިފައި ނެތް ކަމުގައި ދަންނަވަމެވެ." ސީއެސްސީގެ ބަޔާނުގައިވެއެވެ. އެހެންކަމުން ދޮގު ހަބަރުތައް ނުފެތުރުމަށާއި، ކަމުގެ ދެކޮޅު ބަލައި ފުރިހަމަ ހަގީގަަތް ސާފުކުރުމަށްފަހު ހަބަރު ފެތުރުމަށް އެ ކޮމިޝަނުން ވަނީ ގޮވާލައިފައެވެ. ކޮވިޑް19 އާއި ގުޅިގެން ކުރިމަތިވެފައިވާ މާލީ ދަތިކަމާއެކު މިމަހުގެ މުސާރަ މުއްދަތުން ފެށިގެން މިނިސްޓްރީ އިން ވަކިގޮތެއް ނިންމަންދެން މުސާރަ ކުޑަކުރަން ވަނީ ނިންމައިފަ އެވެ. މީގެ އިތުރުން މަޖިލީހުން މުސާރަ ކަނޑައަޅާ ފަރާތްތަކުގެ މުސާރައިން ބަޔެއް އުނިކުރަންވެސް ވަނީ އިއްޔެ ފާސްކޮށްފަ އެވެ.
މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް ކަނޑައެޅުމުގެ ބާރެއް ނެތް: ސީއެސްސީ
އިނގިރޭސި ޕްރިމިއާ ލީގުގެ އައު ޗެއާމަނަކަށް ގެރީ ހޮފްމަން ހަމަޖައްސައިފި އެވެ. ޕްރިމިއާ ލީގުގެ ސްޓޭކްހޯލްޑަރުންނާ އެކު އިއްޔެގެ ވަގުތެއްގައި އިނގިރޭސި ފުޓުބޯޅައިގެ އިދާރާއިން އިއްޔެގެ ވަގުތެއްގައި ވަނީ ސިއްރު ވީޑިއޯ ކޮންފަރެންސެއް ބާއްވާފަ އެވެ. މި ބައްދަލުވުމުގައި ނިންމި ނިންމުމާ އެކު ވަގުތީ ޗެއާމަނެއްގެ ގޮތުގައި މިވަގުތު ހުރި ކްލޯޑިއާ އާރނޭގެ ބަދަލުގައި މޮންޒޯ ބޭންކްގެ ޗެއާމަން، ހޮފްމަން ހަވާލުވާނީ ޖޫން އެއްވަނަ ދުވަހު އެވެ. އުމުރުން 59 އަހަރުގެ ހޮފްމަން ވަނީ މީގެ ކުރިން އިނގިރޭސި ފުޓުބޯޅަ ފައުންޑޭޝަންގެ ޗެއާމަންކަމާއި، ކޮވެންޓްރީ ސިޓީގެ ވައިސް ޗެއާމަންކަމުގެ މަގާމު ފުރާފަ އެވެ. "ފުޓުބޯޅައަކީ އަހަރެންގެ ހަޔާތުގައި އަބަދުވެސް ވަރަށް މުހިއްމު ކަމެއްގެ ގޮތުގައި ކަނޑައެޅިފައި އޮތް ކަމެއް. އަދި ހިންގުންތެރިއެއްގެ ގޮތުގަޔާއި، ވިޔަފާރީގެ ގޮތުން ވެސް ގުޅިފައި އޮންނަނީ ފުޓުބޯޅަޔާއި. އެހެން ކަމުން ޕްރިމިއާ ލީގުގެ ޗެއާމަންގެ މަގާމު ފުރުމަށް ފުރުސަތު ލިބުމަކީ ލިބުނު ބޮޑު ޝަރަފެއް،" ހޮފްމަން ބުންޏެވެ. ހޮފްމަން ބުނީ ފުޓުބޯޅަ ފައުންޑޭޝަނުގައި އޭނާ މަސައްކަތް ކުރި އިރު ޕްރިމިއާ ލީގު ކުރިއަރައި ދިޔަގޮތް ވަރަށް ރަނގަޅަށް ފެނިގެން ދިޔަ ކަމަށެވެ. އަދި ދުނިޔޭގެ އެންމެ ގިނަ ބަޔަކު ބަލައި، އެންމެ މަގުބޫލު ލީގުގެ ގޮތުގައި ޕްރިމިއާ ލީގު އޮތުމަށް އޭނަގެ ފަރާތުން އެހީތެރިކަން ލިބިފައިވާނެ ކަން ހޮފްމަން ވަނީ ފާހަގަ ކޮށްފަ އެވެ. ހޮފްމަންއާއި އެންމެ ގާތުން ޕްރިމިއާ ލީގުގެ ޗީފް އެކްޒެކިއުޓިވްގެ ގޮތުގައި މަސައްކަތް ކުރާނީ މިދިޔަ ޑިސެމްބަރު މަހު އެމަގާމަށް އައްޔަން ކުރެވުނު ރިޗާޑް މާސްޓާސް އެވެ. މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަހާ އެކު އިނގިރޭސި ފުޓުބޯޅަ ހުއްޓުވުމަށް އައިސްފައި އޮންނަތާ މިހާރު ވަނީ ދޮޅު މަހެއް ވުރެން ގިނަ ދުވަސްވެފަ އެވެ. އަދި ލީގާއި އެނޫން ވެސް މުބާރާތްތައް ފެށޭނެ މާހައުލެއް ނެތް ނަމަ ލީގު ކެންސަލް ކުރަން އިނގިރޭސި ފުޓުބޯޅަ އިދާރާއިން މިހާރު ދަނީ މަޝްވަރާ ކުރަމުންނެވެ. ލީގުގެ ކުޅުން މެދުކަނޑާލި އިރު ބޮޑު ލީޑަކާ އެކު އެއްވަނައިގައި އޮތީ ލިވަޕޫލް އެވެ. ދެވަނަައިގައި މެންޗެސްޓާ ސިޓީ އޮތް އިރު ތިންވަނައިގައި އޮތީ ލެސްޓާ ސިޓީ އެވެ. އެކަމަކު ލީގު ކެންސަލް ކުރަން ޖެހިއްޖެ ނަމަ ޗެމްޕިއަނެއް ހޮވުމާ މެދު އަދި ގޮތެއް ނުނިންމަ އެވެ.
ޕްރިމިއާ ލީގުގެ އާ ޗެއާމަނަކަށް ގެރީ ހޮފްމަން ހަމަޖައްސައިފި
ސޯލް (މެއި 16): ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމުގެ ގޮތުން، އަންނަ ހޯމަ ދުވަހުން ފެށިގެން ކޮރެއަން އެޔާގެ އެތެރޭގެ ދަތުރުތަކުގައި ހުރިހާ ފަސިންޖަރުންވެސް މާސްކު އަޅަން ޖެހޭނެ ކަމަށް އެ އެއާލައިނުން އަންގައިފި އެވެ. ކޮރެއަން އެޔާއިން ބުނި ގޮތުގައި އެ ފިޔަވަޅު އަޅަން ނިންމާފައި ވަނީ ދެކުނު ކޮރެއާގެ ސެންޓްރަލް ޑިޒާސްޓާ ރެސްޕޮންސް ހެޑްކުއާޓާސްއިން ދީފައިވާ ލަފަޔާ ގުޅިގެންނެވެ. އެ އެއާލައިނުން ނެރުނު ބަޔާނުގައިވާ ގޮތުން ކޮރެޔަން އެޔާގެ ޑޮމެސްޓިކް ފްލައިޓުތަކަށް އަރާ ފަސިންޖަރުން ޗެކް-އިން ކައުންޓަރަށްވެސް ދާން ޖެހޭނީ މާސްކު އަޅައިގެންނެވެ. ނަމަވެސް ދެ އަހަރުން ދަށުގެ ކުޑަކުދިންނާއި އެހީއާ ނުލާއި މާސްކު ނުނެގޭ ފަރާތްތަކާއި ނޭވާލާން އުނދަގޫވާ ފަރާތްތައް އެ ގަވާއިދުން އިސްތިސްނާ ވާނެ އެވެ. މީގެ އިތުރުން ކޮރެއަން އެޔާގެ އިންޓަނޭޝަނަލް ފްލައިޓުތަކުގައިވެސް އެ ގަވާއިދަށް އަމަލު ކުރަން ފަށަން ރާވަމުންދާ ކަމަށް އެ ކުންފުނިން ބުންޏެވެ. މީގެ ކުރިން އިންޓަނޭޝަނަލް އެޔާ ޓްރާންސްޕޯޓް އެސޯސިއޭޝަނުންވެސް ވަނީ މަތިންދާބޯޓުތަކުގައި ފަސިންޖަރުންނާއި ކުރޫއިން މާސްކު އެޅުމަށް ހިތްވަރުދޭ ކަމަށް ބުނެފަ އެވެ. ކޮރެއަން އެޔާގެ އިތުރުން އެމެރިކާގެ ޔުނައިޓެޑް އެއާލައިންސް އާއި އެމެރިކަން އެއާލައިންސް އާއި ޖެޓްބްލޫ އެއާވޭސް އާއި އެއާ ފްރާންސުންވެސް ވަނީ ފަސިންޖަރުން މާސްކު އަޅަން އަންގާފަ އެވެ. ކޮރޯނާވައިރަހުގެ ސަބަބުން ވައިގެ ދަތުރުތައް މަޑުޖެހިފައި އޮތުމަށް ފަހު، ކޮރެއަން އެޔާއިން ދަނީ އަންނަ މަހު ބޭރުގެ 19 މަންޒިލަކަށް އަނެއްކާވެސް ދަތުރުތައް ފެށުމަށް ތައްޔާރުވަމުންނެވެ. ދެކުނު ކޮރެއާގައި ކޮރޯނާވައިރަސް ފެތުރުން ވަރަށް ބޮޑަށް ކޮންޓްރޯލްކޮށް، ވައިރަސް ފެތުރުން ހުއްޓުވުމަށް އަޅާފައިވާ ބައެއް ފިޔަވަޅުތައް ލުއި ކުރި ފަހުން، މި މަހުގެ ފުރަތަމަ ހަފްތާގައި އެގައުމުގެ ވެރިރަށުން ވަނީ 100އަށް ވުރެ ގިނަ މީހުން ހިމެނޭ ވައިރަހުގެ ބޮޑު ކްލަސްޓާއެއް ފެނިފަ އެވެ. އަދި އެގައުމުން މިހާރު ދަނީ އެ ކޭސްތަކާ ގުޅުން ހުރި އެތައް ހާސް މީހުން ޓެސްޓު ކުރަމުންނެވެ.
ކޮރެއަން އެޔާގެ އެތެރޭގެ ދަތުރުތަކުގައި މާސްކު އަޅަން އަންގައިފި
ރާއްޖެ އިޝްތިހާރު ކުރުމަށް ހިންގާ ހަރަކާތްތަކުގެ ތެރެއިން ރާއްޖޭގެ ރީތިކަން ދައްކައިދޭ ވޯލްޕޭޕާ ތަކެއް އެމްއެމްޕީއާރުސީ އިން ތައާރަފުކޮށްފިއެވެ. އެމްއެމްޕީއާރުސީ އިން ބުނީ މި ވޯލްޕޭޕާތައް ތައާރަފު ކުރީ ކޮވިޑް19ގެ ސަބަބުން ލޮކްޑަުންގައި ތިބޭ ހާލަތުގައިވެސް ރާއްޖޭގެ ރީތިކަން ފެންނަ ފޮޓޯއެއް ފޯނުގެ ނުވަތަ ލެޕްޓޮޕްގެ ބެކްގްރައުންޑަށް ލުމާއި އޮންލައިން މީޓިން ޔަކުގެ ބެކްގްރައުންޑުގައި ރާއްޖޭގެ ރީތިކަން ފެންނަ ފޮޓޯއެއް ބޭނުންކުރަން ހިތްވަރު ދިނުން ކަމަށެވެ. ކޮވިޑް19 އާއި ގުޅިގެން އެތައް ބަޔަކު ގޭގައި ތިބެގެން މަސައްކަތްކުރާއިރު ފޭސްޓައިމް، ޒޫމްނުވަތަ އެހެން ވީޑިއޯ ކޮންފަރެންސިން އެޕްލިކޭޝަނެއް ބޭނުން ކުރިނަމަވެސް ވޯލްޕޭޕާ އަކީ ގޭތެރޭގެ މާހައުލު ބަދަލުކޮށްލާނެ އެއްޗެއް ކަމަށް އެމްއެމްޕީއާރުސީ އިން ބުންޏެވެ. ރާއްޖޭގެ ރީތިކަން ފެންނަ މި ފޮޓޯތަކާއެކު ރާއްޖޭގައި ޗުއްޓީ ހޭދަކުން ބޭނުންވާ މީހުންގ ހިތްތަކުގައި ރާއްޖެއަށް އޮންނަ ޝައުގުވެރިކަން އިތުރުވާނެ ކަމަށް އެމްއެމްޕީއާރުސީ އިން ބުންޏެވެ. ޒޫމް ބެކްގްރައުންޑް ނުވަތަ ފޭސްޓައިމް ބެކް ގްރައުންޑުގެ ގޮތުގައި ބޭނުން ކުރުމަށް މި ނެރުނު ފޮޓޯތަކާއެކު ކޮންމެ ދުވަހަކުވެސް އެތައް ބަޔަކަށް ރާއްޖޭގެ ރީތިކަން ފެންނާނެ ކަމަށް އެމްއެމްޕީއާރުސީ އިން ވަނީ ބުނެފައެވެ. އެމްއެމްޕީއާރުސީ އިން ވަނީ ރާއްޖޭގެ ރީތިކަން ދައްކައިދޭ ވާޗުއަލް ޓުއާއެއް އަންނަ މަހުގެ އަށްވަނަ ދުވަހު ބާއްވަން ނިންމައިފައެވެ.
ޒޫމްގައި ބޭނުންކޮށްލަން ރާއްޖޭގެ ރީތި ބެކް ގްރައުންޑުތަކެއް ތައާރަފުކޮށްފި
މޫސުން ގޯސްވެ، ކަނޑުތައް އާދަޔާ ހިލާފަށް ގަދަވުމުގެ ސަބަބުން، އިންޑިއާ ރައްޔިތުން ގޮވައިގެން ފުރި އަސްކަރީ މަނަވަރަށް ދަތުރު ނުކުރެވިގެން، އަލުން ރާއްޖޭގައި ބަނދަރުކޮށްފިއެވެ. ރާއްޖޭގައި ތިބި އިންޑިއާ ރައްޔިތުންގެ ތެރެއިން އެނބުރި ގައުމަށް ދާން ބޭނުންވާ މީހުންގެ ތެރެއިން 588 މީހަކު ވަނީ އިމިގްރޭޝަން ކްލިއާކޮށް މިއަދު މަނަވަރަށް އަރައިފައެވެ. ނަމަވެސް "ސަން" އަށް އެނގިފައިވާ ގޮތުގައި ވިއްސާރަވެ ކަނޑުގަދަވުމުގެ ސަބަބުން އެ މަނަވަރަށް މިއަދު ދަތުރުކުރެވޭ ގޮތް ވަނީ ނުވެފައެވެ. އަދި މިހާރު ނިންމާފައި ވަނީ މާދަމާ ހެނދުނުގެ ވަގުތެއްގައި ފުރުމަށް ކަަމަށް މައުލޫމާތު ލިބެއެވެ. ފަސިންޖަރުންނާ ކްރޫ ހިމެނޭ ގޮތަށް 750 މީހުން މިހާރު ވެސް ތިބީ މަނަވަރުގައެވެ. ރާއްޖެއަށް މިއަދު ވަރަށް ބޮޑަށް މޫސުން ގޯސްވެ، ފުރަތަމަ ފަހަރަށް ވަނީ އޮރެންޖު އެލާޓެއް ވެސް ނެރެފައެވެ. މީގެ އިތުރުން ބައެއް ހިސާބުތަކަށް ޔެލޯ އެލާޓް ނެރެ، ދަތުރުފަތުރު ނުކުރުމަށް ވެސް ވަނީ އިލްތިމާސް ކޮށްފައެވެ. ކޮރޯނާ ވައިރަސް އާއެކު، އެކި ގައުމުތަކުގައި ތިބި އިންޑިއާ ރައްޔިތުން އެނބުރި ގައުމަށް ގެންދިޔުމުގެ ހާއްސަ، "ސަމުދުރާ ސެތޫ"ގެ ނަމުގައި އޮޕަރޭޝަނެއް އިންޑިއާ އިން ވަނީ ފަށައިފަ އެވެ. އޮޕަރޭޝަނުގެ ދަށުން ކަނޑުމަގުންނާއި ވައިގެ މަގުން އިންޑިއާ ރައްޔިތުން އެނބުރި ގައުމަށް ގެންދާނެ އެވެ. މިދިޔަ ހުކުރު ދުވަހު ރާއްޖޭގައި ތިބި އިންޑިއާގެ 750 މީހަކު ވަނީ ގެންގޮސްފައެވެ. ރާއްޖޭގައި އެކި މަސައްކަތްތައް ކުރުމަށް އިންޑިއާގެ 27،000 އެއްހާ މީހުން އެބަތިއްބެވެ. އެނބުރި ގައުމަށް ގެންދާ މީހުންގެ ތެރެއިން އިސްކަންދެނީ މާބަނޑު މީހުންނާއި ކުޑަކުދިން އަދި ސިއްހީ މައްސަލަތަކެއް ހުރި މީހުންގެ އިތުރުން ވަޒީފާ ގެއްލުނު މީހުންނަށާއި އާއިލާގެ މީހަކު މަރުވެގެން ގައުމަށް ދާން ބޭނުންްވެފައި ތިބި މީހުންނަށާއި ރާއްޖޭގައި ތާށިވެފައި ތިބި އިންޑިއާ ފަތުރުވެރިންނަށެވެ. ރާއްޖެއިން މިހާތަނަށް 1020 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު އޭގެ ތެރޭގައި އިންޑިއާގެ 99 މީހަކު ހިމެނެ އެވެ.
މޫސުން ގޯސްވުމުން އިންޑިއާ މަނަވަރަށް ފުރޭ ގޮތެއް ނުވި
ފެޑެރޭޝަން އޮފް އިންޓަނޭޝަނަލް ފުޓްބޯޅަ އެސޯސިއޭޝަން (ފީފާ) ގެ މެމްބަރު ގައުމުތަކަށް އެހީގެ ގޮތުގައި 150 މިލިއަން ޑޮލަރު ބަހާލުމަށް ނިންމައިފި އެވެ. ދުނިޔޭގެ ފުޓުބޯޅައާއި ބެހޭ މައި އިދާރާއިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ގައުމުތަކުގެ ފުޓުބޯޅަ އެސޯސިއެޝަންތައް ހިންގުމަށް ދެވޭ ފައިސާގެ އިތުރުން މެމްބަރު 211 ގައުމަކަށް މާލީ އެހީތެރިވާން ނިންމާފައިވާ ކަމަށެވެ. އެގޮތުން ފީފާގެ މެމްބަރު ކޮންމެ އެސޯސިއޭޝަނަށް ހިންގުމުގެ ހަރަދުތަކުގެ އިތުރުން 500،000 ޑޮލަަރުގެ އެހީ ލިބޭނެ ކަމަށް ފީފާއިން ވަނީ ބުނެފަ އެވެ. ފީފާއިން މެމްބަރު އެސޯސިއޭޝަންތަކަށް މީގެ ކުރިން ފައިސާ ރައްދު ކުރަމުން އައީ ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ޕޭމަންޓް އަހަރު ފެށޭ ދުވަސްކޮޅު ހަވާލު ކުރާއިރު ދެވަނަ ޕޭމަންޓް ހަވާލު ކުރާނީ ޖުލައި މަހު އެވެ. އެކަމަކު މިފަހަރުގެ ދެވަނަ ޕޭމަންޓް އަވަސް ދިނުމަށް ނިންމާފައިވާ ކަމަށާއި، މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސްގެ ސަބަބުން އެސޯސިއޭޝަންތަކަށް ބޮޑެތި ގެއްލުންތައް ލިބެމުންދާ ކަމަށް ފީފާއިން ވަނީ ބުނެފަ އެވެ. "މި ވަބާގެ ސަބަބުން މުޅި ފުޓުބޯޅަ ކޮމިއިނުޓީއަށް ވެސް މިވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައި. ދުނިޔޭގެ ފުޓުބޯޅައިގެ ބެލެނިވެރި ފަރާތުގެ ހައިސިއްޔަތުން ފީފާއިން މިތިބީ މިވަގުތު ޖެހިފައިވާ ދަތި ހާލުން މެމްބަރު އެސޯސިއޭޝަންތަކަށް އެހީވުމަށް ތައްޔާރަށް،" ފީފާގެ ރައީސް ޖިއަނީ އިންފަންޓީނޯ ވިދާޅުވެފައިވެ އެވެ. އިންފަންޓީނޯ ވިދާޅުވީ، ކަމާބެހޭ ފަރާތްތަކާ އެކު މަޝްވަރާކޮށްގެން ފުޓުބޯޅައަށް ލިބެމުންދާ ގެއްލުންތައް ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ. އަދި އެކަންކަމުން އަރައިގަތުމަށް ބޭނުންވާނެ މާލީ އެހީތެރިކަން ހޯދުމުގެ މަސައްކަތް ކުރސަމުންދާ ކަމަށް އިންފަންޓީނޯ ވަނީ ވިފދާޅުވެފަ އެވެ. ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމަށް އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅު ތަކާ އެކު ރާއްޖޭގެ ފުޓުބޯޅަ އެސޯސިއޭޝަނުން ވަނީ 2019/2020 ވަނަ އަހަރުގެ ސީޒަނުގެ ބާކީބައި ކެންސަލް ކޮށްފައެވެ. އެގޮތުން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ވަނީ ސީޒަނުގައި ކުރިއަށްދިޔަ އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕް ކެންސަލްކޮށްފައެވެ. އެފްއޭ ކަޕް ކެންސަލްކުރީ ކުއާޓާ ފައިނަލް މެޗުތައް ކުޅުނު ފަހުންނެވެ.
މެމްބަރު ގައުމުތަކަށް ފީފާއިން އެހީވުމަށް ނިންމައިފި
ސަން ބަދިގޭގައި މި ރޯދަމަހު ފޮނިތޮށިއެމްވީ ނުވަތަ އައިމިނަތު ރުޚުސާ (ތޫތަ)ގެ ދެ ރެސިޕީއެއް މިހާތަނަށް ގެނެސްދެވިފައި ވާނެއެވެ. އެއީ މުޅިންވެސް މެދުއިރުމަތި ނުވަތަ އަރަބި، ފަސޭހަ ޑިޝްތަކެކެވެ. މިފަހަރުވެސް މި އޮތީ އަރަބި ފޭވަރިޓެކެވެ--ޕީޓާ ބްރެޑެވެ. އަރަބި ދުނިޔޭގެ އިތުރުން އެހެން ގައުމުތަކުގައިވެސް ގިނަ ބައެއްގެ މެދުގައި މަގުބޫލު މި ރޮށި ހަދަނީ އަހަރެމެން ފިހާ ތެޔޮ ރޮއްޓާ ތަފާތުކޮށް، އަދި ބޯކޮށެވެ. ޕީޓާ ބްރެޑަކީ ފަސޭހައިން ހެދޭ، މީރު ރޮއްޓެކެވެ. ތެޔޮ ރޮށިން "ބްރޭކެއް" ނަގައި، މީތި އަޅެ ޓްރައިކޮށްލަބަލާށެވެ. ބޭނުންވާ ތަކެތި: 460 ގްރާމް ފުށް 25 އެމްއެލް އޮލިވް އޮއިލް 8 ގްރާމް ހަކުރު 9 ގްރާމް ލޮނު 5 ގްރާމް ޔީސްޓް 313 އެމްއެލް ތާފަނާ ފެން ތައްޔާރުކުރާނެ ގޮތް: މިއަށް ބޭނުންވާ ހުރިހާ އިންގްރީޑިއެންޓެއް ބޯތައްޓެއްގައި އެއްކޮށްލާށެވެ. ދެން ވީ ފުއްގަނޑު މޮޑޭށެވެ. އަތުން މޮޑޭނަމަ، ރަނގަޅަށް މޮޑޭށެވެ. އަދި މިކްސަރެއް ބޭނުންކުރާ ނަމަ 3 މިނިޓު ލޯ މޯޑުގައި، އަދި އިތުރު 3 މިނިޓު ހައި މޯޑުގައި މޮޑުމުން ހުންނާނީ ރަނގަޅަށެވެ. އެއަށްފަހު ބޯޑް ނޫނީ މޭޒުަމަތީގައި އޮލިވްއޮއިލް ފޮދެއް ލުމަށްފަހު ފުށްގަނޑު ވީޑިއޯއިން ފެންނަގޮތަށް ބެންޗް ކޮށްލާށެވެ. އެއަށްފަހު ކްލިންގް ފިލްމް/ޕްލާސްޓިކް ރެޕް އަޅާލުމަށްފަހުފުށްގަނޑު ދެ ގަޑިއިރު ވަންދެން ފުށްގަނޑު "ރައިޒް"ވާން ބަހައްޓާށެވެ. ނޫނީ އަސްލު ސައިޒުގެ ދެގުނައަށްވުރެ ފުފެންދެން ބަހައްޓާށެވެ. ފުށްގަނޑުގެ ސައިޒް ޑަބަލްވުމުން ޓެނިސް ބޯޅަ ސައިޒަށް ފުށްގަނޑުން ގުޅަޖަހާލާށެވެ. އެއާއެކު އަވަހަށް އަވަން 200 ޑިގްރީ ސެލްސިއަސްއަށް ޕްރީހީޓް ކޮށްލަން ޖައްސާލުމަށްފަހު ބޭކިންގ ޓްރޭގައި ކުޑަ އޮލިވްއޮއިލް ތެޔޮފޮދެއް ހާކާލާށެވެ. ދެން އޭރު ގުޅަ ޖެހި ފުށް ގުޅަތައް ރޮށި ދަމާ ގޮތަށް ދަމާލާށެވެ. އެކަމަކު މިއީ މާ ތުނިކޮށް ދަމާ ރޮއްޓެއް ނޫނެވެ--އެކަމަށް ސަމާލުކަން ދެއްޗެވެ. ޕިޓާ ބްރެޑް ދަމާފައި 15 ވަރަކަށް މިނެޓް ބެހެއްޓުމަށްފަހު، އަވަނުގައި 15-20 މިނެޓް ވަންދެން ފިހެލާށެވެ. ޕީޓާ ބްރެޑްއަކީ ހުމޫސް ކަހަލަ ޑިޕްއަކާއިއެކުވެސް ނޫނީ ހުހާކާލަންވެސް މީރުވާނެ އެއްޗެކެވެ. ނުވަތަ ރިހަ ކޮޅަކާ ޖަހައިގެން އަޖުމަ ބަލާލަންވީ ނޫންހެއްޔެވެ؟
ސަން ބަދިގެ: ތެޔޮ ރޮށީގެ ބަދަލުގައި ޕީޓާ ބްރެޑް ހަދަމާ
ޖަޕާނުން ރާއްޖޭގެ އިމިގްރޭޝަން އަދި ކަސްޓަމްސް އަދި ބޯޑަރު ބެލެހެއްޓުމުގެ ދާއިރާ ހަރުދަނާ ކުރުމަށް 68.8 މިލިއަން ރުފިޔާގެ ހިލޭ އެހީއެއް ދީފިއެވެ. މިމަހުގެ ކުރީކޮޅުވެސް ޖަޕާން ސަރުކާރުން ވަނީ ޔުނިސެފް މެދުވެރިކޮށް 5،346،600 ރުފިޔާ އަދި ރެޑް ކްރެސެންޓް މެދުވެރިކޮށް 2،775،000 ރުފިޔާގެ ހިލޭ އެހީވެސް ރާއްޖެއަށް ދީފައެވެ. އަދި މިއަދު، ޔޫއެންޑީޕީ މެދުވެރިކޮށް ރާއްޖެއަށް 21.7 މިލިއަން ރުފިޔާގެ ހިލޭ އެހީވެސް ޖަޕާނުން ވަނީ ދީފައެވެ. އެ ފައިސާ އަކީ ރާއްޖެއިން ކޮވިޑް-19އާ ދެކޮޅަށް ކުރަމުންދާ މަސައްކަތަށް އެހީތެރިވުމަށް ދިން ފައިސާއެވެ. އޭގެ އިތުރުން، 68.8 ރުފިޔާގެ ހިލޭ އެހީ ރާއްޖެއަށް ދިނުމުގެ އެއްބަސްވުމުގައި މިއަދު ވަނީ ސޮއިކޮށްފައެވެ. މިއަދު ފޮރިން މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ. ޖަޕާނުގެ ފަރާތުން ސޮއިކުރެއްވީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއީއެވެ. މި އެހީ ބޭނުން ކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ ބޯޑަރު ބެލެހެއްޓުން އިތުރަށް ހަރުދަނާކުރުމަށާއި ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއާއި މޯލްޑިވްސް އިމިގްރޭޝަންގެ ގާބިލްކަން އިތުރުކުރުމަށެވެ. މި އެހީގެ ދަށުން ކަސްޓަމްސް އަދި އިމިގްރޭޝަނަށް ބޭނުންވާ ފޭޝަލް ރިކޮގްނިޝަން ސިސްޓަމް، މޮބައިލް އެކްސް-ރޭ، ސައްހަ ނޫން ފައިސާގެ ނޫޓު ދެނެގަންނަ މެޝިން، ސްޕެޝަލް ލުމިނެސެންޓް މައިކްރޯސްކޯޕް، ސްޕީޑް ބޯޓް އަދި ވެހިކަލް ހޯދުމަށް ވަނީ ހަމަޖެހިފައެވެ. އެއްބަސްވުމުގައި ސޮއިކުރެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ޝާހިދު ވިދާޅުވީ މި އެހީއަކީ ޖަޕާނުން ރާއްޖެއަށް އަބަދުވެސް ވެދެމުން އަންނަ ދީލަތި އެހީތެރިކަމުގެ މިސާލެއްކަމަށެވެ. އަދި މި އެހީއަކީ ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރުމާ، ބޯޑަރު ބެލެހެއްޓުން ހަރުދަނާކުރުމުގައި ދެގައުމު ގުޅިގެން މަސައްކަތްކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވުމަށް މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ރައީސް އިބްރާހިމް މުހައްމަދު ސާލިޙް ޖަޕާނަށް ކުރެއްވި ދަތުރުފުޅުގެ ނަތީޖާއެއް ކަމަށް ޝާހިދު ވިދާޅުވިއެވެ. ޖަޕާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރުގެ ވާހަކަފުޅުގައި އެކަމަނާ ވަނީ ރާއްޖޭގެ ރަށްތައް ދުރުދުރުގައި އޮތުމާއި، ރަށްތައް އުފެދިފައިވާގޮތުން އެއްގަމާއި، ވަޔާއި ކަނޑުމަގުން ރާއްޖޭގެ ސަރަހައްދީ ރޮނގު ބެލެހެއްޓުމަކީ ގައުމީ ސަލާމަތަށް ވަރަށް މުހިއްމު ކަމެއްކަން ފާހަގަކުރައްވާފައެވެ. އަދި ބޯޑަރު ބެލެހެއްޓުމުގައި ކަމާ ބެހޭ ފަރާތްތަކުގެ މެދުގައި އޮންނަ ގުޅުން ވަރުގަދަވާން ޖެހޭކަމަށް ވިދާޅުވިއެވެ.
ޖަޕާނުން ރާއްޖެއަށް އިތުރު 68.8 މިލިއަން ރުފިޔާގެ އެހީއެއް ދީފި
ދުނިޔޭގައި ފެތުރެމުންދާ ކޮރޯނާ ވައިރަސް ފެތުރުން ހުއްޓުވމަށް އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކު މެދުކަނޑާލާފައި އޮތް ޑަޗް ލީގު، ޗެމްޕިއަނަކާ ނުލައި ނިންމާލައިފި އެވެ. މިފަހަރުގެ ސީޒަނުގައި ބާކީ އަދި މުހިއްމު މެޗުތަކެއް ހުއްޓާ ޔޫރޮޕުގެ އެހެން ގައުމުތަކެކޭ އެއްގޮތަށް ނެދަލެންޑްސްގެ ޑަޗް ލީގު މެދުކަނޑާލީ މިދިޔަ މަހުގެ ކުރީކޮޅު އެވެ. އަދި އަވަސް މުއްދަތެއްގައި ލީގުގެ ކުޅުން ފެށޭނެ މާހައުލެއް ނެތް ނަމަ 2019-2020 ވަނަ ސީޒަން ނިންމާލަން ޖެހިދާނެ ކަމަށް ރޯޔަލް ޑަޗް ފުޓުބޯޅަ އެސޯސިއޭޝަނުން މިދިޔަ އަންގާރަ ދުވަހު ވަނީ ބުނެފަ އެވެ. އެއަށްފަހު އެގައުމުގެ ބޮޑު ވަޒީރު މާކް ރުޓް ވަނީ ސެޕްޓެމްބަރުގެ ނިޔަލަށް ފުރަބަންދު އިތުރު ކުރުމަށް ނިންމާފަ އެވެ. އެހެން ކަމަށްވާނަމަ ލީގުގެ ކުޅުން ކުރިއަށް ގެންދެވެން ނެތް ކަމަށް ބަލައި މިހާރު ކުރިއަށް ދާ ސީޒަން، ޗެމްޕިއަން އަދި ރެލިގޭޓްވި ޓީމެއް ނުހޮވާ ވަނީ ނިންމާލާފަ އެވެ. ޑަޗްގެ ފުޓުބޯޅަަ ސީޒަން ނިންމާލި އިރު އެންމެ ފަހުގެ ޗެމްޕިއަން އަޔެކްސްއާއި އޭޒީ އަލްކްމާރް ވަނީ ޕޮއިންޓްގެ ގޮތުން އެއްވަރުވެފަ އެވެ. އެ ދެ ޓީމު ވެސް 25 މެޗު ކުޅެފައިވާ އިރު ދެ ޓީމަށް ވެސް ވަނީ 56 ޕޮއިންޓް ލިބިފަ އެވެ. އެކަމަކު ފައިދާ ގޯލުން ލީގު ތާވަލުން އަޔެކްސް އޮތީ ކުރީގަ އެވެ. ނަމަވެސް ބާކީ އޮތް ނުވަ މެޗު ނުކުޅެ ޗެމްޕިއަނެއް ހޮވެން ނެތް ކަމަށް ބުނެ ޑަޗް ފުޓުބޯޅަ ފެޑެރޭޝަނުން ލީގު ކެންސަލް ކުރި އިރު މިއީ ގައުމީ ލީގު ހުއްޓާލި ފުރަތަމަ ޔޫރޮޕުގެ ގައުމެވެ. މީގެ އިތުރުން ލީގު ކެންސަލްކުރި އިރު ރެލިގޭޝަން ޒޯނުގައި އޮތް ޓީމުތައް އަންނަ ސީޒަނަށް ރެލިގޭޓް ނުވާނެ ކަމަށާއި، އެއްވަނައިގައި އޮތް އަޔެކްސްއަށް އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ޖާގައެއް ޔަގީންވެފައިވާ ކަމަށް ޑަޗް ފެޑެރޭޝަނުން ވަނީ ބުނެފައެވެ. މިހާރު އޮތް ގޮތުން ނަމަ މިހާރު ކުރިއަށްދާ ސީޒަނުގެ ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގުގެ ބާކީ އޮތް މެޗުތައް މި އަހަރުގެ އޮގަސްޓް މަހު ކުޅުމަށް ޔޫއެފާއިން ވަނީ މަޝްވަރާ ކުރަމުންނެވެ. އެކަމަކު އެ ހާލަތަށް ގައުމުތައް ނައިސްފި ނަމަ އެ މުބާރާތް ވެސް ކެންސަލް ކުރަން ޖެހޭނެ ކަމުގެ އިންޒާރު ޔޫއެފާއިން ވަނީ ދީފަ އެވެ.
ކޮރޯނާވައިރަސް: ޗެމްޕިއަނަކާ ނުލައި ޑަޗް ލީގު ނިންމާލައިފި
ރާއްޖޭގައި ވެސް ކޮވިޑް19 ހަލުވިކަމާ އެކު ފެތުރި، މިހާރު މިވަނީ އެންމެ ބިރުބޮޑު ދުވަސްތައް ގުނަން ފަށައިފަ އެވެ. މިހާރު އަންދާޒާ ކޮށްފައިވާ ގޮތުން މި މަހުގެ 31 ވަނަ ދުވަހަކީ ރާއްޖެ ސާޖަކަށް ދާނެ ދުވަހެވެ. އެ ދުވަހާ ހިސާބަށް ދާއިރު ބަލި ޖެހިފައިވާ 6000 އަށް ވުރެ ގިނަ މީހުން ތިބޭނެ ކަމަށާއި، އަދި ހޮސްޕިޓަލްތަކަށް ބާރު ބޮޑުވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. މިއާ އެކު ސަރުކާރުން މިވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށްފަ އެވެ. ޕޮޒިޓިވް ކޭސްތައް ފެންނަ މިންވަރު އިތުރުވާ ވަރަކަށް، އެމީހުންގެ ކޮންޓެކްޓުން ވެސް އަންނަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. މިއާ އެކު ކަރަންޓީނު އަދި އައިސޮލޭޝަން ފެސިލިޓީތަކަށް ވެސް އަންނަނީ ބުރަ ބޮޑުވަމުންނެވެ. އެހެންކަމުން މިހާރު ސަރުކާރުން ވަނީ ގޭގައި މީހުން އެކަހެރި ކުރުމުގެ މަސައްކަތް ފަށައިފަ އެވެ. މިރޭ ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ކުރިއަށް ދިޔަ ޕެނަލް ޑިސްކަޝަންގައި ޑރ. ނަޒްލާ ރަފީގް ވިދާޅުވީ ކޮންމެ ދުވަހަކު ވެސް 100 އާއި 150 އާ ދެމެދުގެ އަދަކަކަށް މީހުން ކޮރަންޓީން އަދި އައިސޮލޭޝަނަށް ގެންދެވޭ ކަމަށެވެ. މިހާތަނަށް ގިނަ މީހުން އެކަހެރި ކުރަމުން އައީ ކަރަންޓީން އަދި އައިސޮލޭޝަން ފެސިލިޓީގެ ގޮތުގައި ކަނޑައަޅާފައިވާ ތަންތަނުގަ އެވެ. އެހެން ނަމަވެސް ވަރަށް ރިސްކު ކުޑަ މީހުން މަދުމަދުން ނަމަވެސް ގޭގައި އަންނަނީ އެކަހެރި ކުރަމުންނެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވާހަކަ ދައްކަވަނީ -- ސަން ފޮޓޯ: ފަޔާޒު މޫސާ ނަމަވެސް ޕޮޒިޓިވް މީހުންނާއިި އެކަހެރިކުރަން ޖެހޭ ކޮންޓެކްޓުންގެ އަދަދު އިތުރުވަމުން އަންނާތީ މިހާރު މިވަނީ އެހެން ގައުމުތަކާ އެއްގޮތަށް، ރާއްޖޭގައި ވެސް ގޭގައި މީހުން އެކަހެރި ކުރަން ޖެހިފަ އެވެ. ގޭގައި އެކަހެރިވާނެ އެންމެ ރަނގަޅު ގޮތަކީ ކޮބާ؟ ގޭގައި މީހުން އެކަހެރި ކުރުމުގެ ކަންކަން ފަށާފައިވާއިރު، ގޭގައި އެކަހެރިވެގެން ހުންނަ މީހާ އަމަލު ކުރާނެ ގޮތާއި، ސަމާލުކަން ދޭންޖެހޭ ކަންކަން އެނގިފައި އޮތުން މުހިންމެވެ. މިރޭގެ ޕެނަލްގައި ބައިވެރިވެވަޑައިގެންނެވި ޑރ. މުއާޒް މޫސާ ވިދާޅުވީ ގޭގައި އެކަހެރިވެވޭނެ އެންމެ ރަނގަޅު ގޮތަކީ، ބަލި ޖެހިފައި ހުންނަ މީހާ ވަކިން ކޮޓަރިއެއްގައި އެކަހެރިވެ ހުރުން ކަމަށެވެ. މިގޮތަށް މީހަކު ހުންނަ ކޮޓަރި އަކީ ރަނގަޅަށް ވައި ދައުރުވާ ކޮޓަރިއަކަށް ވާންވާނެ އެވެ. އަދި އެމީހަކު ބޭނުންކުރަން ވާނީ ވަކި ފާހާނާއެކެވެ. ހަމައެއާ އެކު، ގޭގައި އުޅޭ އެހެން މީހުންނާ ބައްދަލުކޮށް ހަދައިގެން ނުވާނެ އެވެ. އެކަހެރިކޮށްފައި ހުންނަ މީހާއަށް ކާ އެއްޗެހި ގެންގޮސްދޭ މީހުން ވެސް، ދޮރު ބޭރުގައި އެއްޗެހި ބެހެއްޓުމަށް ފަހު ހުންނަން ވާނީ ދުރުގަ އެވެ. ބަލި މީހާ ބޭނުންކުރާ ތަށްޓާއި، އުލާއި ސަމުސާ ވެސް ހުންނަން ވާނީ ވަކި ކުރެވިފަ އެވެ. "އެނގޭ މިއީ އުނދަގޫ ކަމެއް ކަން އެކަހެރިކޮށް ހުންނަަން ޖެހުން. އެހެން ނަމަވެސް ވިސްނާލަން ޖެހޭނެ ކަމަކީ ކޮންމެ ހާލަތެއްގައި ވެސް ވިސްނަން ޖެހޭނޭ ތިމާއަކީ ބަލި ޖެހިފައި ހުރި މީހަކަށް ވެދާނޭ. އެހެންވެގެންނޭ އެކަހެރި ކުރެވެނީ. އެހެންވީމާ ތިމާގެ ފަރާތުން ތިމާގެ އާއިލާއަށް، ތިމާއާ އެއްކޮށް އުޅޭ މީހުންނަށް މި ބަލި ފެތުރުން ހުއްޓުވުމަށް ޓަކައި ވަރަށް މުހިންމު ކަމެކޭ އެހެން މީހުންނާ ބައްދަލުނުވުމުން، އެހެން މީހުންނާ އެއްކޮށް ނޫޅުން،" ޑރ. މުއާޒް ވިދާޅުވި އެވެ. މެއި 12، 2020: މާލެ މަތިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ މިއީ އެންމެ ރަނގަޅު ގޮތް ކަމުގައި ވީނަމަވެސް، މާލެ ފަދަ، ގިނަ ބަޔަކު އެކުގަައި ތަނެއްގައި އުނދަގޫ ކަމަކަށް ވާނެ އެވެ. ވަކިން ކޮޓަރިއެއްގައި ހުރެވުނު ނަމަވެސް، އެހެން މީހުންނާ އެއް ފާހާނާއެއް ބޭނުން ކުރަން ޖެހިދާނެ އެވެ. އެފަދަ ހާލަތެއްގައި ދެން އަމަލު ކުރާނީ ކިހިނެތް ހެއްޔެވެ؟ ގިނަ ބަޔަކު ބޭނުންކުރާ ފާހާނާއެއް ނަމަ، އެކަހެރި ކޮށްފައި ހުންނަ މީހާ ފާހާނާ ބޭނުންކުރުމަށް ފަހު، ފާހާނައިގައި އާންމުކޮށް އަތްލެވޭ ގޮތަށް ހުންނަ އިސްކުރު، ދޮރު ފަދަ ތަންތަން ސައިބޯނި ލައިގެން ރަނގަޅަށް ދޮންނަން ވާނެއެވެ. މިއީ ކޮންމެ ފަހަރަކު ކުރަން އުނދަގޫ ކަމެއް ނަމަވެސް، އެންމެ ރައްކާތެރި ގޮތަކީ މިއީ އެވެ. ސާފުކުރާނީ ކިހިނެތް؟ ކޮރޯނާ ވައިރަސް އެންމެ ފަސޭހައިން ފެތުރެނީ ބަލި ޖެހިފައި ހުންނަ މީހާ ކެއްސައި، ކިނބިހި އަޅާ އިރު ބޭރުވާ ކުޅުތިކިތަކުންނެވެ. އެހެން ނަމަވެސް ރޯގާ ފޮޅުން ފަދަ ކަންކަން ކުރުމަށް ފަހު، އަތް ނުދޮވެ ތަނެއްގައި އަތް ލެވިއްޖެ ނަމަ، އެތަނެއްގައި ވައިރަސް ހަރުލާފައި ހުރެ އެވެ. އެހެންކަމުން މިގޮތަށް ވެސް އެކެއްގެ ގައިން އަނެކެއްގެ ގަޔަށް ވައިރަސް ފެތުރެ އެވެ. އެހެންކަމުން ބަލި މީހަކު އަތްލާ ތަންތަން ރަނގަޅަށް ސާފުކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. އެންމެ ފުރަތަމަ އާންމުކޮށް ސާފުކުރާ ގޮތަށް، އާންމުކޮށް ބޭނުންކުރާ އެއްޗެހި ބޭނުންކޮށްގެން ތަޅުންގަނޑާއި، ފާހާނާ ސާފުކުރާށެވެ. އެއަށް ފަހު ދެން ބްލީޗް ސޮލިއުޝަން ބޭނުންކޮށްގެން ތަންތަން ޑިސްއިންފެކްޓު ކުރާށެވެ. ކޮވިޑް19 އާއި ބެހޭ މައުލޫމާތު ދިނުމަށް ދަރުބާރުގޭގައި ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ "މިއަށް ބޭނުންކުރަނީ އާންމުކޮށް ބޭނުންކުރާ ބްލީޗް ސޮލިއުޝަން. ގާތްގަނޑަކަށް އެއް ލީޓަރު ފެނަށް، ބައި ޖޯޑު ނޫނީ ގާތްގަނޑަކަށް 120 އެމްއެލް ބްލީޗް އެޅިދާނެ. އެހެން ގޮތަކުން ދަންނަވާ ނަމަ އެއް ޖޯޑު ބްލީޗަށް، ނުވަ ޖޯޑު ފެން. މި މިނުގައި އަޅާފައި ބޭނުންކުރެވިދާނެ. މިގޮތަށް ބޭނުންކުރާ އިރު، ބްލީޗް ސޮލިއުޝަން ތައްޔާރުކުރުމަށް ފަހު މަތި ޖަހާފައި، އަވި ނުދޭ ހިސާބެއްގައި ބެހެއްޓިދާނެ 24 ގަޑިއިރު ވަންދެން ބޭނުންކުރެވިދާނެ،" ޑރ. ނަޒްލާ މުސްތަފާ ވިދާޅުވި އެވެ. ބްލީޗް ސޮލިއުޝަނުން ތަންތަން ސާފުކުރާނީ ކުޑަ ފޮތިކޮޅެއް ބޭނުންކޮށްގެނެވެ. ބްލީޗް ސޮލިއުޝަން އުނގުޅާލުމަށް ފަހު 10 ވަރަަކަށް މިނެޓު ބަހައްޓަން ވާނެ އެވެ. އޭގެ އަސަރު ކުރާނީ އޭރުންނެވެ. ބްލީޗް ސޮލިއުޝަނަކީ ވަރަށް ވަސް ގަދަ އެއްޗަކަށް ވުމުން، ސާފުކުރާއިރު ދޮރުތައް ހުޅުވާލާފައި ބަހައްޓަން ޑރ. ނަޒްލާ އިލްތިމާސް ކުރެއްވި އެވެ. އަދި ސާފުކުރާއިރު އަންގި ލެއްވުމަށާއި، ސާފުކޮށް ނިމުމަށް ފަހު ބޭނުންކުރި ފޮތިކޮޅާއި އަންގި ރަނގަޅަަށް ސައިބޯނި ލައިގެން ދޮވެ، ހިއްކަން ސަމާލުކަން ދޭން ވާނެ އެވެ. އެކަހެރިކޮށްފައި ހުންނަ މީހާގެ އެއްޗެހި ދޮންނާނީ ކިހިނެތް؟ ކަރަންޓީނު ނުވަތަ އައިސޮލޭޓުކޮށްފައި ހުންނަ މީހެއްގެ ދާ އަންނައުނާއި ތުވާއްޔާއި އެނދުގައި އަޅާ ބެޑްޝީޓް ފަދަ އެއްޗެހި ދޮވުމުގައި ވެސް ހާއްސަ ސަމާލުކަމެއް ދޭން ޖެހެ އެވެ. "މީގަ ވިސްނަން ޖެހޭ މުހިންމު ކަމަކީ ހެދުން ނޫނީ ބެޑްޝީޓް އެއްޗެހި ފޮޅަންޏާމުން ވައިރަސްތައް މުޅި ތަންތަނަށް ދާނެ. އެހެންވެ ބެޑްޝީޓް އެއްޗެހި ނަގާ އިިރު ވެސް ވަރަށް ވިސްނައިގެން، މަޑުމަޑުން ނަގާފައި އޮޅާލާފައި މިސާލަކަށް ލޯންޑްރީ ބާސްކެޓް ނޫނީ ދާއެއްޗެހި އަޅާ ވަކި ވަށިގަނޑަކަށް އަޅާނީ،" ޑރ. ނަޒްލާ ވިދާޅުވި އެވެ. މިގޮތަށް ކަންތައް ކުރާ އިރު ލޯންޑްރީ ބާސްކެޓުގައި ވެސް އިތުރު ޝީޓެއް ބައިންދާ، އެ ޝީޓުގެ ތެރެއަށް ދާ އެއްޗެހި އެޅުން ބުއްދިވެރި އެވެ. އޭރުން ދޮންނަން ގެންދާ އިރު، ވަކި ހެދުންތައް ނެގުމުގެ ބަދަލުގައި ޝީޓު ނަގައިގެން ގޮސް މެޝިނަށް ލެވޭނެ އެވެ. "އޭރުން ވަކިވަކި ހެދުންތައް ވަކިން ނަގާކަށް ނުޖެހޭނެ. މިސާލަކަށް ކުލަ ހެދުމާ އެއްޗެހި ވަކިކުރަން ޖެހެޏްޏާ ވެސް ދެ ވަށިގަނޑު ބޭނުންކުރާށޭ. ފަހުން އަނެއްކާ ވެސް އެ އެއްޗެހި ހާވާ ހަދަންޏާ ހަމަ އިންފެކްޓު ވުމުގެ ފުރުސަތު ބޮޑުވާނެ،" ޑޮކްޓަރު ވިދާޅުވި އެވެ. ޑރ. ނަޒްލާ ވިދާޅުވީ އެއްޗެހި ދޮވުން އެންމެ ރަނގަޅީ 60 ޑިގްރީ އާއި 90 ޑިގްރީ އާ ދެމެދުގެ ހޫނު ފެނުގައި ކަމަށެވެ. މީގެ އިތުރުން އެކަހެރިކޮށްފައި ހުންނަ މީހާގެ ކޮޓަރީގައި ހުންނަ ކުނި އަޅާ ވަށިގަނޑަށް ވެސް އެއްޗެއް ލީކުވުމުގެ ފުރުސަތު ކުޑަކުރުމަށް ދެ ކޮތަޅު ލާފައި ބެހެއްޓުން ބުއްދިވެރި އެެވެ. އެއް ގޭގައި ގިނަ މީހުން ކަރަންޓީނު ވާނީ ކިހިނެއް؟ ޑރ. މުއާޒް ވިދާޅުވީ ގެއަކުން މީހަކު ޕޮޒިޓިވް ވެއްޖެ ނަމަ، އެ ގޭގައި ދިރިއުޅޭ ހުރިހާ އެންމެން ވެސް ބައްޔަށް ހުށަހެޅުނީ ކަމަށާއި އެހެންކަމުން އެންމެން ވެސް ކަރަންޓީނު ކުރަން ޖެހޭނެ ކަމަށެވެ. އެހެން ނަމަވެސް އެކި މީހުން ބައްޔަށް ހުށަހެޅުނު މިންވަރު ތަފާތުވެދާނެ އެވެ. އެފަދަ ހާލަތެއް އަތުވެއްޖެ ނަމަ، އެންމެ ރިސްކް ބޮޑު މީހުން މުޅިން އެކަހެރިވުން އެދެވިގެންވެ އެވެ. އަދި ހައި ރިސްކް ގްރޫޕަކަށް ފެތޭ މީހަކު ހިމެނޭ ނަމަ، އެމީހަކު ރައްކާތެރި ކުރުމަށް ހާއްސަ ސަމާލުކަމެއް ދޭން ވާނެއެވެ. ކޮންމެ މީހަކު ވަކި ކޮޓަރިއެއްގައި އެކަހެރި ވެވޭނެ ގޮތް ނެތް ނަމަ، އިޖުތިމާއީ ގައިދުރުކަން އިސްކުރުމަށާއި، ސާފުތާހިރު ކަމަށް ސަމާލުކަން ދިނުމަށް ޑރ. އިލްތިމާސް ކުރެއްވިއެވެ. މިފަދަ ގެއަކަށް ކާބޯތަކެތި ޑެލިވަރީ ކުރާނަމަ ސަމާލުކަން ދޭން ޖެހޭ ގިނަ ކަންތައްތަކެއް ޑރ. ނަޒްލާ ފާހަގަކުރެއްވި އެވެ. ފުރަތަމަ ކަމަކަށް، އޮންލައިންކޮށް ވިޔަފާރިކުރުމަށް އިސްކަން ދޭން ވާނެއެވެ. އަދި ޑެލިވަރީ ކުރަން އަންނަ މީހާ އާ ދިމާނުވާނެ ގޮތަކަށް އިންތިޒާމުތައް ހަމަޖައްސަން ވާނެއެވެ. "ދޮރު ކައިރީގައި ބަހައްޓާށޭ މިސާލަކަށް އޭނަ ޑެލިވާ ކުރާ އެއްޗެހި ގެނެސް ބަހައްޓާނެ ކުޑަ މޭޒެއް. ގޭގަ ތެރޭ ތިބޭ މީހުން ތިބޭނީ ދުރުގައި. އޭނާ އޭތި ގެނެސް މޭޒުމަތީ ބަހައްޓާފައި ދިޔައީމަ ދެން ގޭގައި ތިބޭ މީހުން ގޮސް އެއްޗެހި ނަގާނީ،" ޑރ. ނަޒްލާ ވިދާޅުވި އެވެ. ބޭރުން ގޭތެރެއަށް ވައިރަސް ވަނުމުގެ ފުރުސަތު ކުޑަކުރުމަށް، ޑެލިވަރީ ކުރާ އެއްޗެހި ސާފުކުރަން ވާނެ އެވެ. އަދި އެއްޗެހި ދޮވެ ސާފުކުރުމަށް ފަހު، ސައިބޯނި ލައިގެން އަތް ދޮންނަން ވާނެ އެވެ. ކުރިއަށް މިއޮތީ ރާއްޖެއަށް ދަތި ދުވަސްތަކަކަށް ވެދާނެ އެވެ. އެހެންކަމުން މި އަންނަ ސާޖު ކުޑަކުރުމަށް ކޮންމެ މީހަކު ވެސް ފަރުދީ ޒިންމާ އަދާކޮށް، އަމިއްލައަށް ރައްކާތެރިވުން ވަރަށް މުހިންމެވެ. ގުދު ފަތި ކުރެވޭނީ ކޮންމެ މީހަކު ވެސް ޑޮކްޓަރުންގެ އިރުޝާދުތަކަށް ބޯލަނބައި، އެއްބާރުލުން ދީގެންނެވެ.
ގޭގައި އެކަހެރިވާން ތައްޔާރުވޭ، ސަމާލުކަން ދޭންވީ މި ކަންކަމަށް!
ކުއަލަލަމްޕޫރު (މެއި 21): އަންނަ މަހުގެ އެކަކުން ފެށިގެން މެލޭޝިއާއަށްދާ މީހުން ކަރަންޓީނުގައި ބައިތިއްބަން ހަރަދުވާ މިންވަރު އެމީހުން އަމިއްލައަށް ދައްކަން ޖެހޭނެ ކަމަށް އެގައުމުން ބުނެފި އެވެ. މެލޭޝިއާގެ ޑިފެންސް މިނިސްޓަރު އިސްމާއީލް ސަބްރީ ޔައުގޫބް ވިދާޅުވި ގޮތުގައި އަންނަ މަހުން ފެށިގެން އެގައުމަށް ދާ އެގައުމުގެ ރައްޔިތުން ކަރަންޓީނަށް ދޭން ޖެހޭނީ އެކަމަށް ހަރަދުވާ މިންވަރުގެ ދެބައިކުޅަ އެއްބަޔެވެ. އަދި އެހެން ގައުމުތަކުގެ މީހުން ކަރަންޓީނަށް ހަރަދުވާ ފުރިހަމަ އަގު ދައްކަން ޖެހޭނެ އެވެ. އޭގެ ތެރޭގައި މެލޭޝިއާގެ ރައްޔިތުންނާ ކައިވެނިކޮށްގެން ތިބޭ މީހުންނާއި އާއިލާގެ މެމްބަރުންވެސް ހިމެނޭނެ އެވެ. މީގެ އިތުރުން މެލޭޝިއާއަށް ދަތުރު ކުރެވޭނީ ކަރަންޓީނުގެ ހަރަދުތައް ދައްކާނެ ކަމަށް އެއްބަސްވާ ލިޔުމެއްގައި ސޮއި ކުރާ މީހުންނަށް ކަަމަށާއި މެލޭޝިއާގެ އެމްބަސީތަކާއި ހައިކޮމިޝަންތަކުގައި އެކަން ކުރެވޭނެ ކަމަށް ޔައުގޫބް ވިދާޅުވި އެވެ. މެލޭޝިއާގައި ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމުގެ ގޮތުން އިއުލާން ކުރި މޫވްމެންޓް ކޮންޓްރޯލްގެ އޯޑާ (އެމްސީއޯ)ގެ ދަށުން އަޅާފައިވާ ފިޔަވަޅުތައް އެގައުމުން ވަނީ މި މަހުގެ ކުރީކޮޅު ލުއި ދޭން ފަށާފަ އެވެ. ނަމަވެސް އޭގެ ފަހުން އިއުލާން ކުރި ކޮންޑިޝަނަލް އެމްސީއޯ ވަނީ އަންނަ މަހުގެ ނުވައަކާ ހަމަޔަށް އިތުރުކޮށްފަ އެވެ. އަދި އޭގެ ދަށުން، ޑިޕްލޮމެޓިކް ޕާސްޕޯޓު އޮންނަ ފަރާތްތަކާއި މެލޭޝިއާގެ ދާއިމީ ރަށްވެހިންނާއި ޒަރޫރީ ހިދުމަތްތައް އަދާކުރާ މީހުންނާއި މެލޭޝިއާގެ މީހުންނާ ކައިވެނިކޮށްގެން އުޅޭ މީހުން ފިޔަވާ އެހެން ބޭރު މީހުންނަށް މެލޭޝިއާއަށް ނުވަދެވޭނެ އެވެ. މެލޭޝިއާއަށް ދާ މީހުން އެގައުމުގެ ސަރުކާރުން ކަނޑައަޅާފައިވާ ކަރަންޓީނު ފެސިލިޓީތަކުގައި 14 ދުވަސް ހޭދަ ކުރަން ޖެހޭނެ އެވެ. އަދި ކަރަންޓީނަށް ދުވާލަކަށް ހަރަދުވާނެ ކަމަށް ބެލެވެނީ މަދުވެގެން 150 ރިންގިޓް (34.53 ޑޮލަރު) ކަމަށް މެލޭޝިއާގެ އެމްބަސީތަކުން ވަނީ ބުނެފަ އެވެ. މެލޭޝިއާގައި މިހާތަނަށް 7،000 އަށް ވުރެ ގިނަ މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފައި ވާ އިރު، ބަލީގައި 114 މީހަކު ވަނީ މަރުވެފަ އެވެ.
އަންނަ މަހުން ފެށިގެން މެލޭޝިއާއަށް ދާ މީހުން ކަރަންޓީނުގެ އަގު ދައްކަން ޖެހޭނެ
މި މަހުގެ ނިޔަލަށް މާލޭ ސަރަހައްދަށް އިއުލާންކޮށްފައިވާ ލޮކްޑައުން އަދި އުވާލެވޭނެ ހާލަތެއް ނެތް ކަމަށާއި އެ ލޮކްޑައުން އަދިވެސް އިތުރުކުރަން ޖެހިދާނެ ކަމުގެ އިޝާރާތް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން މިއަދު ދެއްވައިފި އެވެ. މާލެއިން މި މަހުގެ 15 ދުވަހު ކޮވިޑް-19ގެ ކޭސްއެއް ފެނުމާއެކު 24 ގަޑިއިރަށް މާޅެ ސަރަހައްދު ލޮކްޑައުން ކުރި އެވެ. އެފަހުން ޖެހިގެން އައި ދުވަހު ލޮކްޑައުންގެ މުއްދަތު 14 ދުވަހަށް އިތުރުކުރި އެވެ. އެ މުއްދަތު ހަމަވަނީ، މިމަހު 30 ވަނަ ދުވަހަށެވެ. ދަރުބާރުގޭގައި ގާއިމްކޮށްފައިވާ އެންއައިއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "ސަން" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަމީން ވިދާޅުވީ، ލޮކްޑައުންގެ ސަބަބުން ވަރަށް ބޮޑަށް ބަލި ކޮންޓްރޯލް ކުރުމަށް ފަސޭހަވެގެން ދިޔަ ކަމަަށެވެ. ނަމަވެސް ކުރިއަށް އޮތް ދުވަސްތަކުގައި އަދިވެސް މާލޭ ސަރަހައްދުގެ ލޮކްޑައުން އުވާލެވޭނެ ފަދަ ހާލަތެއް ނެތް ކަމަށް އަމީން ވިދާޅުވި އެވެ. "ކުރިއަށް އޮތްތަނަށް އެއްޗެއް ދަންނަވާކަށް އެހާ ބޮޑަށް ބޭނުމެއް ނޫން. އެކަމަކު މިވަގުތު މިހާލަތު މިއޮތީ އަޅުގަނޑުމެނަށް ލޮކްޑައުންގެ ހާލަތުން ވީލަން ޖެހޭ ހިސާބެއްގައެއް ނޫން. މި ވަގުތު މި ހާލަތު މިއޮތީ އަޅުގަނޑުމެން އާންމު ހާލަތަށް ބަދަލުވާން ޖެހޭ ހާލަތުގައެއް ނޫން،" ލޮކްޑައުން އިތުރަށް ދިގުދަންމާފާންތޯ ސުވާލު ކުރުމުން އަމީން ވިދާޅުވި އެވެ. އަމީން ވިދާޅުވީ ކުރިއަށް އޮތް ހަތަރު ވަރަކަށް ދުވަސްތެރޭވެސް ލޮކްޑައުންގެ އުވާލެވޭނެ ފަދަ ހާލަތަކަށް އައިސްދާނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ. އަދި ކައިރި މުސްތަގުބަލެއްގައި އާންމު ހާލަތައް އައިސްދާނެ ކަމަށްވެސް ގަބޫލު ނުކުރައްވާ ކަމަށް އަމީން ވިދާޅުވި އެވެ. "އެހެންވީމަ ހާލަތު ބަދަލުވާން ވަގުތު ނަގާނެ. މި ދަތިކަމުގެ ތެރޭގައި އިތުރު ދުވަހު އުޅެން ޖެހިދާނެ ކަމަށް ގަބޫލުކޮށްގެން އަޅުނޑުމެން ކުރިއަށް ދާން ޖެހޭނީ،" މިނިސްޓަރު އަމީން ވިދާޅުވި އެވެ. ލޮކްޑައުންގައި ބާއްވަން ޖެހެނީ، ވައިރަސް ކުއްލިއަކަށް ފެތުރުނަ ނުދީ ހިފެހެއްޓުމަށްޓަކައި ސިއްހީ ނިޒާމަކަށް ނުކަތާ ވަރަށް ބަލި މީހުން އިތުރު ވިޔަ ނުދިނުމަށް ކަމަށް ވެސް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ. މިވަގުތު އިތުރު ހަރަކާތްތަކެއް ގެނެސްފި ނަމަ، ވައިރަސް މާ ބޮޑަށް މާލެ ތެރެއަށް ފެތުރިގެން ހިނގައިދާނެ ކަމަށް ވެސް އަމީން ވިދާޅުވި އެވެ. އަދި މިވަގުތު އަޅާފައިވާ ފިޔަވަޅުތަކަށް އެންމެން އަމަލު ކުރާނަމަ، ބަލި ފެތުރުން ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެެވޭނެ ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ. މިނިސްޓަރު އިތުރަށް ވިދާޅުވީ، މިހާރު މަސައްކަތް ކުރަމުން މިދަނީ މާލެއާއި ރާއްޖޭގެ އެހެން ރަށްތަކުގައިވެސް ވައިރަސް ފެތުރިފައިވާ ކަމަށް ދެކިގެން ކަމަށެވެ. އެއާއެކު މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ ވީހާ އަވަހަށް ބަލި ހުރި މީހުން ދެނެ ގަތުމަށްޓަކައި ޓެސްޓް ހަދައި މީހުން އެކަހެރިކުރުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މާލެ ލޮކްޑައުން ކުރުމުގެ އިތުރުން ޒަރޫރީ ބޭނުމެއް ނެތި ރާއްޖޭގެ އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރުންވެސް ވަނީ މަނާކޮށްފަ އެވެ. އަދި ރަށްތަކުގައި އާންމު އެއްވުންތަކާއި ދަތުރު ދިޔުން ފަދަ ކަންކަންވެސް ވަނީ މަނާކޮށްފަ އެވެ. މިހާރު ރާއްޖެއިން ކޮރޯނާ ވައިރަސް ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދު ވަނީ 137 މީހުންނަށް އަރާފަ އެވެ. އެގެ ތެރެއިން 17 މީހަކު ވަނީ ވައިރަހުން ރަނގަޅުވެފަ އެވެ. އެއީ 13 ބިދޭސީންނާއި ހަތަރު ދިވެހިންނެވެ.
މި މަސް ނިމުނަސް މާލޭ ސަރަހައްދުގެ ލޮކްޑައުން އަދި ނެނގޭކަށް ނެތް: މިނިސްޓަރު
ބެއިޖިންގް (21 މޭ 2020) : ކޮރޯނާވައިރަސް "ކޮވިޑް-19" ޖެހޭ މީހުންގެ ހަށިގަނޑުން ފެންނަ އަލާމާތްތައް އެކި ސަރަހައްދުގައި ތަފާތުކަން ވަރަށް ބޮޑަށް ފާހަގަ ކުރެވި އެކަން ކަށަވަރު ކުރެވިފައިވާ ކަމަށް ޗައިނާގެ ޑޮކްޓަރުން ބުނެފި އެވެ. ކޮވިޑް-19ގެ ތަޖްރިބާ އެންމެ ބޮޑަށް ލިބިފައިވާ ޗައިނާގެ ޑޮކްޓަރުންނާ ހަވާލާދީ އެގައުމުގެ ނޫސް އެޖެންސީއެއް ކަމަށްވާ ޒިންހުވާ ބުނާ ގޮތުން ޗައިނާގެ އުތުރުގެ ސަރަހައްދުތަކުގައި ކޮވިޑް-19 ޖެހުނު މީހުންގެ ހަށިގަނޑުން ފެނުނު އަލަމާތްތައް އެގައުމުގެ ވުހާން ސިޓީގައި އެ ރޯގާ ޖެހުނު މީހުންގެ ހަށިގަނޑުން ފެނުނު އަލަމާތްތަކާ ވަރަށް ތަފާތެވެ. އަދި ޗައިނާގެ ފަރުބަދަމަތީ ދެ ސަރަހައްދު ކަމަށްވާ ހީލޮންގްޖިޔާންގް އާއި ޖީލީންގައި ކޮވިޑް-19 ޖެހުނު މީހުންގެ ހާލަތްތައް ދިރާސާކުރިއިރު އެ މީހުންގެ އިންކިއުބޭޓާ މުއްދަތު (ބަލީގެ އަލާމާތްތައް ފެންނަ މުއްދަތު އަދި ޓެސްޓަށް ޕޮޒިޓިވްވާ ކަމަށް ދައްކާ މުއްދަތު) އެހެން ސަރަހައްދުތަކުން ޕޮޒިޓިވް ވި މީހުންގެ އިންކިއުބޭޓާ މުއްދަތަށްވުރެ މާ ބޮޑަށް ދިގުކަން ފާހަގަ ކުރެވިފައިވާ ކަމުގައެވެ. މީގެއިތުރުން ފަރުބަދަމަތީ ދެ ސަރަހައްދުން ޕޮޒިޓިވް ވި މީހުންގެ ކިބައިން ހުމުގެ ކަންފުޅެއްވެސް ނުފެންނަކަމާއި ނަމަވެސް ކެއްސުމާއި ކަރު ހިރުވުމާއި އާދަޔާ ޚިލާފަށް ވަރުބަލިވުމުގެ އަލާމާތްތައް އެހެން ސަރަހައްދުތަކުން ޕޮޒިޓިވް ވި މީހުންނަށްވުރެ ބޮޑަށް އެމީހުންގެ ކިބައިން ފެނިފައިވާ ކަމަށް ޗައިނާގެ ޑޮކްޓަރުން ވިދާޅުވިއެވެ. ކޮވިޑް-19 ޖެހޭ މީހުންގެ ހަށިގަނޑުން ފެންނަ އަލާމާތްތައް އެކި ސަރަހައްދުގައި ތަފާތުވަނީ އެސަރަހައްދުތަކުގެ މޫސުމާއި ހޫނު ފިނިމިނާއި ވައިގެ ތެތްކަންފަދަ ކަންކަމާ ގުޅިގެންކަމަށް ބެލެވޭކަމަށާއި އެކަން އިލްމީ ގޮތުން ދިރާސާ ކުރަމުން ގެންދާކަން ޗައިނާގެ ޑޮކްޓަރުން ހާމަކުރެއްވިއެވެ. އަދި މޫސުން ތަފާތު ޗައިނާގެ ބައެއް ސަރަހައްދުތަކުން ޕޮޒިޓިވްވި މީހުންގެ ތެރެއިން ގިނަ މީހުންގެ ހަށިގަނޑުން އެއްވެސް އަލާމާތެއް ފެނިފައިނުވާ މައްސަލަ ވެސް ފާހަގަ ކުރެވިފައިވާކަމާއި އެކަންވެސް ދިރާސާ ކުރަމުން ގެންދާކަމަށް ޗައިނާގެ ޑޮކްޓަރުންނާ ހަވާލާދީ ޒިންހުވާ ބުނެއެވެ. ކޮވިޑް-19 ޖެހޭ މީހުންގެ ހަށިގަނޑުން އަލާމާތްތައް ފެނުމުގައި އެމީހުންގެ އުމުރާ އަދި ހަށިގަނޑުގެ ދިފާއީ ބާރު މުހިއްމު ދައުރެއް އަދާ ކުރާކަމަށް ޑޮކްޓަރުން ވިދާޅުވެއެވެ. މީގެއިތުރުން ވައިގެ ތެތްކަން ބޮޑު ހޫނު ގަދަ ސަރަހައްދުތަކުގައި ކޮވިޑް-19 ވައިރަސް ބަލިކަށިކަމާއި ވައިގެ ތެތްކަން ކުޑަ ފިނިގަދަ ސަރަހައްދުތަކުގައި އެވައިރަސް އިންސާނުން ހަމަލާދޭ މިންވަރު މާވަރުގަދަކަން ފާހަގަ ކުރެވިފައިވާކަމަށް ބައެއް ޑޮކްޓަރުން ވިދާޅުވެފައިވެއެވެ. (ޒިންހުވާ + ނޫސްއެޖެންސީތައް)
ކޮވިޑް-19 ޖެހޭމީހުންގެ ހަށިގަނޑުން ފެންނަ އަލާމާތްތައް އެކި ސަރަހައްދުގައި ތަފާތު: ޗައިނާގެ ޑޮކްޓަރުން
ސައޮ ޕައޮލޯ (މެއި 16): ބްރެޒިލްގެ ހެލްތު މިނިސްޓަރު ކަމަށް ކެންސަރު ބަލީގެ ޑޮކްޓަރެއް ކަމަށްވާ ނެލްސަން ތައިޝް އައްޔަން ކުރިތާ އެއް މަސްވެސް ނުވަނީސް އޭނާ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ. މިދިޔަ މަހުގެ 17އިގައި ހެލްތު މިނިސްޓަރު ކަމަށް އައްޔަން ކުރި ތައިޝް އިސްތިއުފާ ދެއްވީ ކޮރޯނާވައިރަހާ ގުޅިގެން އަމަލު ކުރާނެ ގޮތާ ބެހޭ ގޮތުން ސަރުކާރާ ދެބަސްވުންތައް އުފެދުމާ ގުޅިގެން ކަމަށް ރިޕޯޓުތަކުގައިވެ އެވެ. އޭނާ އިސްތިއުފާ ދެއްވި ސަބަބު ނޫސްވެރިންނާ ބައްދަލު ކުރެއްވުމަށް ފަހު ހާމަ ކުރައްވާނެ ކަމަށް މީޑިއާތަކުން ރިޕޯޓު ކުރި އެވެ. ކޮރޯނާވައިރަހަކީ އާދައިގެ ރޯގާއެއްގެ ގޮތުގައި ސިފަ ކުރައްވާފައިވާ ބްރެޒިލްގެ ރައީސް ޖައިރު ބޮލްސޮނާރޯ ގެންދަވަނީ އެވައިރަހަށް ފަރުވާ ދިނުމަށް މެލޭރިއާ ބޭސް ހައިޑްރޮކްސިކްލޮރޮކުއިން ފުޅާ ދާއިރާއެއްގައި ބޭނުން ކުރުމަށް ގޮވާލައްވަމުންނެވެ. ނަމަވެސް ތައިޝް ވަނީ އެ ބޭހަކީ މިބައްޔަށް ރަނގަޅު ފަރުވާއެއްކަން ދޭހަވާ ސައިންޓިފިކް ހެކި ނެތްކަން ފާހަގަ ކުރައްވާ، ބޭސް ބޭނުން ކުރަން ހިތްވަރު ނުދެވޭނެ ކަމަށް ވިދާޅުވެފަ އެވެ. ހައިޑްރޮކްސިކްލޮރޮކުއިންއާ ބެހޭ ގޮތުން އެމެރިކާގައި ހެދި ދިރާސާއަކުން ވަނީ ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފައިވާ މީހުންގެ ތެރެއިން، އެ ބޭސް ބޭނުން ނުކުރާ މީހުންނާއި ބޭސް ބޭނުން ކުރި މީހުންގެ ފަރާތުން ވަކި ތަފާތެއް ނުފެންނަ ކަމަށް ދައްކާފަ އެވެ. މީގެ އިތުރުން ބްރެޒިލްގެ އިގުތިސާދު އަލުން ހުޅުވާލުމާ ބެހޭ ގޮތުންވެސް ދެ ބޭފުޅުންގެ މެދުގައި ވަނީ ހިޔާލު ތަފާތުވުން އުފެދިފަ އެވެ. އެގޮތުން އެގައުމުގައި ޖިމްތަކާއި ސެލޫންތައް ހުޅުވުމަށް ހުއްދަ ދޭ އަމުރެއް ސަރުކާރުން ނެރުނު އިރު އެކަމާ ބެހޭ ގޮތުން ތައިޝްއާ މަޝްވަރާ ނުކުރާ ކަމަށް މިދިޔަ ހަފްތާގައި އޭނާ ވަނީ ވިދާޅުވެފަ އެވެ. ރައީސް ބޮލްސޮނަރޯ އެގައުމުގެ ހެލްތު މިނިސްޓަރު ކަމަށް ތައިޝް އައްޔަން ކުރެއްވީ މީގެ ކުރިން އެ މަގާމުގައި ހުންނެވި ލުއިޒް އެންރީކޭ މެންޑެޓާއަށް ފާޑުވިދާޅުވެ، އޭނާ މަގާމުން ދުރުކުރެއްވުމަށް ފަހުގަ އެވެ. އެގޮތުން ބްރެޒިލްގައި ޖިސްމާނީ ގައިދުރުކަން ބެހެއްޓުމަށާއި މީހުން ގޭގައި މަޑުކުރުމަށް މެންޑެޓާ ގޮވާލައްވަމުން ގެންދެވުމުން ބޮލްސޮނާރޯ ވަނީ ނުރުހުން ފާޅު ކުރައްވާފަ އެވެ. ބްރެޒިލްގައި ކޮރޯނާވައިރަހަށް ޕޮޒިޓިވްވި މީހުންގެ އަދަދު އިއްޔެ ޖަރުމަނާއި ފްރާންސަށް ވުރެ އިތުރުވެ، މިހާރު އެ އަދަދު ވަނީ 208،000 ހުރަސްކޮށްފަ އެވެ. އަދި އެގައުމުން ބަލީގައި 14،000އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.
ބްރެޒިލްގެ އާ ހެލްތު މިނިސްޓަރު މަހެއް ނުވަނީސް އިސްތިއުފާ ދެއްވައިފި
މާލެ ތެރެއަށް ކޮރޯނާވައިރަސް ވަރަށް ބޮޑަށް ފެތުރިފައިވާ ކަމަށް ބެލެވޭތީ، މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ ވީހާ އަވަހަކަށް ބަލި ހުރި މީހުން ދެނެ ގަންނަން ޓެސްޓް ހަދައި އެ މީހުން އެކަހެރިކުރަން ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ. މިއަދު ދަރުބާރުގޭ، އެންއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަމީން ވިދާޅުވީ، މާލޭގައި ބަލި ފެތުރިފައިވާ ބައެއް ސަރަހައްދުތައް މިހާރުވެސް ފާހަގަވެފައިވާ ކަމަށެވެ. އަދި މިހާރު ޓެސްޓު ކުރުމުގެ ކަންކަން އިތުރު ކުރުމުގެ މަސައްކަތް ކުރުމަނުންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެގޮތުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ސާވަޔަލަންސް ޓެސްޓްތަކެއް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. "އޭގެ މާނައަކީ [ކޮމިއުނިޓީ ސާވަޔަލަންސް އަކީ] ޕޮޒިޓިވް ކޭސްއަކާ ގުޅުން ހުރި ކޭސްއެއް ފިޔަވާ، އެކި ސަރަހައްދުގައި ނުވަތަ އެކި ގުރޫޕުތަކުގައި މެދުގައި ޓެސްޓް ކުރުމަށް ކުރެވޭ މަސައްކަތް. މި ޓެސްޓްތައް އަތޮޅު ތެރެވޭވެސް ކުރެވޭނެ. މާލޭގެ އެކި ސަރަހައްދުތަކުގައިވެސް ކުރެވޭނެ،" އަމީން ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، އެގޮތަށް ޓެސްޓް ކުރުމުގެ ބޭނުމަކީ، އަވަހަށް ބަލި ހުންނަށް މީހުންނާއި އެފަދަ ސަރަހައްދުތައް ވެސް ދެނެގަތުން ކަމަށެވެ. އެ މަސައްކަތުގެ ތެރެއިން މިދިޔަ ދެ ދުވަހު ހެދި ޓެސްޓްތަކުން ކުރިން ބަލި ހުރިކަން ރޕޯޓުކޮށްފައި ނުުވާ މީހުން، އަދި ކުރިން ބަލި ހުރި ކަން ނޭނގޭ ސަރަހައްދުތައް ދެނގަނެވިފައިވާކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ. އަމީން އިތުރަށް ވިދާޅުވީ، މިހާރު ފެނިފައިވާ ކޭސްތަކުގެ އަދަދުތަކުން އަލާމަތް ހުންނަ މީހުން އަދި ބަލި ހުރި މީހުން ވެސް ގޭގައި ކަރަންޓީނު ކުރުމަށް ވެސް ވިސްނަން ޖެހިދާނެ ކަމަށެވެ. އަދި އެކަމަށް ތައްޔާރުވުމަށްވެސް މިނިސްޓަރު އަމީން އިލްތިމާސް ކުރެއްވި އެވެ. މީގެ އިތުރުން ކުރިއަށް އޮތީ ވިއްސާރަ ދުވަސްތަކެއް ވުމުން ޑެންގޫ ފަދަ ބަލިތަކަށް ސަމާލުވުމަށް ވެސް މިނިސްޓަރު ވަނީ އިލްތިމާސްކޮށްފަ އެވެ. މިނިސްޓަރު އަމީން ވަނީ، މިހާރު މާލެ ސަރަހައްދަށް އިއުލާންކޮށްފައިވާ ލޮކްޑައުންވެސް ދިގު ކުރަން ޖެހިދާނެ ކަމުގެ އިޝާރާތެއްވެސް މިއަދު ދެއްވާފަ އެވެ. މިނިސްޓަރު ވިދާޅުވީ، ކުރިއަށް އޮތް ހަތަރު ވަރަކަށް ދުވަސް ތެރޭވެސް ލޮކްޑައުން އުވާލެވޭނެ ހާލަތައް އައިސްދާނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ. މިހާރު ރާއްޖެއިން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދު ވަނީ 137 މީހުންނަށް އަރާފަ އެވެ. އެގެ ތެރެއިން 17 މީހަކު ވަނީ ވައިރަހުން ރަނގަޅުވެފަ އެވެ. އަދި މާލެއިން ފެނުނު ކޭސްތައް ވަނީ 100އިން މައްޗަށް ގޮސްފަ އެވެ.
މިހާރު ބަލަނީ ޓެސްޓްކުރުން އިތުރުކޮށް ބަލި ހުންނަ މީހުން އަވަހަށް ދެނެގަންނަން: އަމީން
ވޮޝިންޓަން (މެއި 15): އާ ކޮރޯނާވައިރަހުން ރައްކާތެރިވުމަށް އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް އޮކްސްފޯޑްއިން އުފެއްދި ވެކްސިނެއް ރާމާމަކުނަށް ދީގެން ޓެސްޓު ކުރުމުން ރަނގަޅު ނަތީޖާއެއް ލިބިފައިވާ ކަމަށް ސައިންސުވެރިން ބުނެފި އެވެ. އޮކްސްފޯޑާއި އެމެރިކާގެ ނެޝަނަލް އިންސްޓިޓިއުޓްސް އޮފް ހެލްތު (އެންއައިއެޗް)ގެ ސައިންސުވެރިން ގުޅިގެން އެގައުމުގައި ކުރިއަށްގެންދިޔަ ޓެސްޓުތަކުގައި ވަނީ ރީޒަސް މަކާކް އާއިލާގެ ރާމާމަކުނުތަކަކަށް ވައިރަސް ޖައްސާފަ އެވެ. އަދި އޭގެ ތެރެއިން ވެކްސިން ދިން ހަ ރާމާމަކުނުގެ ފުއްޕާމެ އާއި ވައިހޮޅިތަކުން ވައިރަސް ފެނުނީ މަދުން ކަމަށާއި އެ ރާމާމަކުނުތަކަށް ނިއުމޯނިއާ ނުޖެހޭ ކަމަށް ސައިންސުވެރިން ބުންޏެވެ. މީގެ އިތުރުން ވެކްސިން ދިން ރާމާމަކުނުތަކުގެ ހަށިގަނޑުން އެންޓިބޮޑީތައް 28 ދުވަސް ތެރޭ ފެނުނު ކަމަށް ސައިންސުވެރިން ބުންޏެވެ. އެންޓިބޮޑީތަކަކީ ބަލި ޖައްސާ ބެކްޓީރިއާ އާއި ވައިރަސް ފަދަ މާއްދާތަކުން ދިފާއުވުމަށް ހަށިގަނޑުން އުފައްދާ ޕްރޮޓީންއެކެވެ. އެ ދިރާސާ އަދި ސައިންޓިފިކް ޖާނަލްއެއްގައި ޝާއިއުކޮށް، އެހެން ސައިންސުވެރިން ބަލާ 'ޕިއާ ރިވިއު'ކޮށްފައި ނުވެ އެވެ. ނަމަވެސް ލަންޑަން ސްކޫލް އޮފް ހައިޖީން އެންޑް ޓްރޮޕިކަލް މެޑިސިންގެ އެޕިޑެމިއޮލޮޖިސްޓް ޕްރޮފެސަރު ސްޓީވެން އެވަންސް ވަނީ އެއީ 'ފެންވަރު ރަނގަޅު' ދިރާސާއެއް ކަމަށާއި ޓެސްޓުން ލިބުނު ނަތީޖާއިން ވެކްސިނަށް އޮތް އުއްމީދު އާލާވާ ކަމަށް ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި މި ދިރާސާއިން އެންމެ ފާހަގަކޮށްލެވުނު ކަމަކީ ވެކްސިން ދިނުމުން ރާމާމަކުނުގެ ފަރާތުން "އިމިއުން އެންހޭންސްޑް ޑިޒީސް"އެއް ނުފެނުމެވެ. އެއީ ވެކްސިންގެ ސަބަބުން ބައެއް ހާލަތްތަކުގައި ބަލި ހާލަތު އިތުރަށް ގޯސްވުމެވެ. ރީޒަސް ރާމާމަކުނުގެ ދިފާއީ ނިޒާމާ އިންސާނުންގެ ދިފާއީ ނިޒާމާ އެއްގޮތް ކަންްތައްތަކެއް ހުރެ އެވެ. ނަމަވެސް މި ދިރާސާއިން ރާމާމަކުނުގެ ފަރާތުން ފެނުނު ނަތީޖާ އިންސާނުންގެ ފަރާތުންވެސް ފެންނާނެކަން ޔަގީން ނުވާ ކަން ސައިންސުވެރިން ފާހަގަ ކުރި އެވެ. އޮކްސްފޯޑްގެ އެ ވެކްސިން 1،000އަށް ވުރެ ގިނަ މީހުންނަށް ދީގެން އިނގިރޭސިވިލާތުގައި މިހާރު ދަނީ ޓެސްޓު ކުރަމުންނެވެ. އަދި އެ ޓެސްޓުތަކުގެ ނަތީޖާ އަންނަ މަހު ލިބެން ފަށާފާނެ ކަމަށް އެޔުނިވާސިޓީން ވަނީ ބުނެފަ އެވެ. ދުނިޔޭގައި މިހާތަނަށް 4.5 މިލިއަނަށް ވުރެ ގިނަ މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފައިވާ އިރު، އެ ވައިރަހުން ރައްކާތެރިވުމަށް ބޭނުން ކުރެވިދާނެ 100އަށް ވުރެ ގިނަ ވެކްސިން އެކި ގައުމުތަކުގައި ދަނީ ޓެސްޓު ކުރަމުންނެވެ.
ކޮވިޑް-19 ވެކްސިން ރާމާމަކުނަށް ޖެހުމުން ކާމިޔާބު
ކޮވިޑް-19 ޖެހިފަިއވާ 30 މީހަކު މިއަދު ރާއްޖެއިން ފެނިފައިވާ ކަމަށް، ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ހާމަކޮށްފި އެވެ. މިއީ އެޗްޕީއޭއިން އިއްޔެ ހާމަކުރި ޕޮޒިޓިވް ކޭސްތަކުގެ އަޅާބަލާއިރު، 30.2 ޕަސެންޓް ދަށް އަދަދެކެވެ. އިއްޔެ ރާއްޖެއިން ފެނިފައިވާ ކަމަށް ރިޕޯޓްކޮށްފައި ވަނީ 43 ކޭސް އެވެ. އެޗްޕީއޭއިން މިއަދު ހާމަކުރި ޕޮޒިޓިވްވި ކޭސްތަކުގެ ތެރޭގައި ހިމެނެނީ، 14 ދިވެހިންނާއި 10 ބަންގްލަދޭޝް މީހުން އަދި އިންޑިއާގެ ހަ މީހެކެވެ. މިއާ ކޭސްތަކާ އެކު ރާއްޖެއިން ފެނުނު ޕޮޒިޓިވް ކޭސްތަކުގެ އަދަދު މި ވަނީ، 1،216 އަށް އަރައިފަ އެވެ. ރާއްޖެއިން ވައިރަހަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި 434 ދިވެހީންނާއި، ބަންގްލަދޭޝްގެ 622 މީހުންނާއި، އިންޑިއާގެ 118 މީހަކާއި، ނޭޕާލް 16 މީހުންގެ އިިތުރުން، ލަންކާގެ ހަ މީހަކާއި ޕާކިސްތާންގެ ތިން މީހުން ހިމެނެއެވެ. ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވް މީހުންގެ އަދަދު 1،216 އަށް އަރާފައިވާއިރު، 91 މީހަކު ވަނީ ބަލިން މުޅިން ރަނގަޅުވެފައެވެ. އަދި ހަތަރު މީހަކު ވަނީ ބަލީގައިި މަރުވެފައެވެ. ރާއްޖޭގައި ނޭނގި، ކޮވިޑް19 ޖެހުމަށްފަހު ރަނގަޅުވި މީހުންގެ އަދަދު ބެލުމަށްޓަކައި މިހާރު އަންނަނީ ޓެސްޓުކުރަމުންނެވެ. އެ މަސައްކަތުގެ ދަށުން އެންމެ ފުރަތަމަ ސާމްޕަލް ނަގަމުންދަނީ ބިދޭސީން ތޮއްޖެހިފައި ތިބި ތަންތަނުންނެވެ. މި މަހުގެ 31 ވަނަ ދުވަހު ރާއްޖެ ކޮވިޑް19 ސާޖަކަށް ދާނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ. އަދި އެދުވަހު ރާއްޖޭގައި ވައިރަހަށް ޕޮޒިޓިވް 6000 އަށް ވުރެ ގިނަ މީހުން ތިބޭނެ ކަމަށާއި، ހޮސްޕިޓަލްތަކަށް ބާރުބޮޑުވާނެ ކަމަށް ވެސް ވަނީ އަންދާޒާކޮށްފައެވެ. ނަމަވެސް އާންމުންގެ އެއްބާރުލުން ލިބި، ފުރަބަންދުގެ ކަންތައްތައް ރަނގަޅަށް ތަންފީޒުވަމުން ދާނަމަ، މާލެ ސަރަހައްދުގައި މިހާރު އޮތް ފުރަބަންދުގެ މުއްދަތު ހަމަވުމުން، ލުއިތަކެއް ދިނުމަށް ވިސްނަވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ވަނީ ވިދާޅުވެފައެވެ. މިހާރު އިއުލާންކޮށްފައިވާ 14 ދުވަހުގެ ފުރަބަންދުގެ މުއްދަތު ހަމަވަނީ މި މަހުގެ 28 ވަނަ ދުވަހަށެވެ.
މިއަދު ފެނުނީ ކޮވިޑް-19ގެ 30 ކޭސް
ކޮރޯނާވައިރަހާ ގުޅިގެން އިގްތިސާދަށް އައިސްފައިވާ ލޮޅުމާއެކު، ސަރުކާރުގެ ހިންގުން ހުއްޓުމެނެތި ކުރިއަށް ގެންދިއުމަށް ކޮންމެހެން ބޭނުންވާ 4.2 ބިލިއަން ރުފިޔާ ދޫކުރުމުގެ ހުއްދައަށް ފިނޭންސް މިނިސްޓްރީން އެދިފައިވާއިރު، އެ ފައިސާ އަނބުރާ ދައްކާނެގޮތް ސާފުކޮށްދޭން ޖެހޭ ކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު، މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެ އެވެ. ސަރުކާރުގެ ފަރާތުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މަޖިލީހަށް ފޮނުއްވާފައިވާ ސިޓީއާ ގުޅިގެން މެމްބަރު އާޒިމް މިއަދު ވިދާޅުވީ، އެމްޑީޕީގެ ސުޕަމެޖޯރިޓީ މަޖިލީހުގައި އޮތުމުން، ސަރުކާރުން ބޭނުންވާ ގޮތަށް އެކަން ކޮށްދިނުމަކީ އެމްޑީޕީއަށް މާ ބޮޑު ކަމެއް ނޫން ކަމަށެވެ. ބަހުސް ކުރުމެއް ނެތި، މާބޮޑަށް ނުބަލައި ސަރުކާރުން ބޭނުންވާ ގޮތް ހަދައިދެވިދާނެ ކަމަށެވެ. "އެހެންނަމަވެސް އެއީ ނިމިދިޔަ މަޖިލީހުގައި ކަން ކުރި ގޮތް. ހުދުމުހުތާރު ވެރިިޔަކު ކަން ކުރި ގޮތް، އޭރު ހިންގި ގޮތަކީ ސަރުކާރުންް ކަމެއް ކުރަން ބޭނުންވިއްޔާ މަޖިލީހަށް ފުލުހުން ސިފައިން ވަދެ ވަށާލަނީ. އަތުޖެހުނިއްޔާ އެ މެމްބަރަކު ހައްޔަރުކުރަނީ ޖަލަށް ލަނީ. އެހެން ނަމަވެސް މިއަދު ސަރުކާރުން ކަމެއް ނުރަން ބަލީ ރައްޔިތުންގެ ރުުހުން ހޯދަން. ޑިމޮކްރެޓިކް ހަމަތަކާ އެއްގޮތަށް ސަރުކާރުން ކަންކަން ކުރުމަށް،" އާޒިމް ވިދާޅުވި އެވެ. އެހެންކަމުން ސަރުކާރުން އެދިފައިވާ ކަންތަކާ ދޭތެރޭ ވަރަށް ފުންކޮށް ވިސްނާ، މަޝްވަރާ ކުރަންޖެހޭ ފަރާތްތަކާ އެކު މަޝްވަރާކުރުމަށްފަހު މެނުވީ ގޮތެއް ނިންމުމަކީ އެންމެ ބުއްދިވެރި ގޮތް ނޫން ކަމަށެވެ. އާޒިމް ވިދާޅުވީ މި ކަންކަމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ފަހުން ވާނެ ގޮތެއް މިހާރު އެނގިފައި އޮތުމަކީ މި ދަނޑިވަޅުގައި ވަރަށް މުހިންމު ކަމެއް ކަމަށެވެ. ރާއްޖޭގެ އިގްތިސޯދު މިވަގުތު އޮތީ ވެންޓިލޭޓަރުގައި ކަމަށް މިނިސްޓަރު އަމީރު ވިދާޅުވި ވާހަކައަށް އިޝާރާތް ކުރައްވައި އާޒިމް ވިދާޅުވީ މިވަގުތު އެންމެން ވެސް ފޫގަޅާފައި މިތިބީ ވެންޓިލޭޓަރުން އިގްތިސޯދު ނެގުމަށް ކަމަށެވެ. ވެންޓިލޭޓަރުގައި އޮންނަ ބަލިމީހާ ވެސް އޭގެން ނެގޭނީ، އެމީހާ ބަސް އަހައިގެން ކަމަށާއި އެހެންކަމުން މިވަގުތު ފިނޭންސް މިނިސްޓަރު ވެސް މަޖިލީހުން ކުރާ ސުވާލުތަކަށް ޖަވާބުދެއްވައި "ބަސް އަހަން" އާޒިމް ވިދާޅުވި އެވެ. "އަޅުގަނޑުމެން މި އަހަނީ ދެ ވާހަކައެއް. އަޅުގަނޑުމެން އަހާ ފުރަތަމަ ވާހަކައަކީ އަނބުރާ ދައްކާގޮތަށް ނަގާ ފައިސާ، އެމްއެމްއޭ އަށް ނުވަތަ މަރުކަޒީ ބޭންކަށް ދައްކާނީ ކޮން ދުވަހަކު ހޭ. ދައްކާނެ ގޮތަކީ ކޮބާހޭ. ދެވަނަ ވާހަކައަކީ އަނބުރާ ފައިސާ ދައްކާނީ ކޮންތާކުން ކޮން ގޮތަކަށް ހޯދާ ފައިސާއަކުން ހޭ. ވަރަށް ފަސޭހަ ދެ ސުވާލު،" އާޒިމް ވިދާޅުވި އެވެ. އާޒިމް ވިދާޅުވީ އެ ދެ ސުވާލުގެ ޖަވާބު މިހާރު ލިބިފައިވާ ކަމަށް ބައެއް ބޭފުޅުން ވިދާޅުވާ ކަމަށާއި އެހެން ނަމަވެސް، ރައްޔިތުންގެ މަޖިލީހަށް އެ ސުވާލުތަކުގެ ޖަވާބު އަންގާފައި ނުވާ ކަމަށެވެ. މަޖިލީހުން އެ ސުވާލުތަކުގެ ޖަވާބު ހޯދަން ބޭނުންވާ ސަބަބު ވެސް އާޒިމް ވިދާޅުވެދެއްވި އެވެ. އާޒިމް ވިދާޅުވީ ބައެއް މެމްބަރުން ވިދާޅުވާ ގޮތުގައި، މަޖިލީހުން ދޭ ހުއްދައަކީ ފައިސާ ޗާޕުކުރަން ދޭ ހުއްދައެކެވެ. އަދި ބައެއް މެމްބަރުން އެކަމާ އެއްބަސްވެވަޑައިނުގަންނަވާ ކަމަށެވެ. އެހެންކަމުން ސަރުކާރުން ނަގާ ފައިސާ އަނބުރާ ދައްކާ ނިންމާނެ ތާރީހަކާއި، ފައިސާ ހޯދާނެ ގޮތެއް އެނގެން ޖެހޭ ކަމަށް އާޒިމް ވިދާޅުވި އެވެ. "އެއީ ފައިސާ ދައްކަން އޮންނަން މުއްދަތުގައި ނުދައްކައިފިނަމަ އެއީ ހަމަ ފަައިސާ ޕްރިިންޓު ކުރުން،" އާޒިމް ވިދާޅުވި އެވެ. އާޒިމް ވިދާޅުވީ ފައިސާ ޗާޕުކޮށްގެން އެ ފައިސާ މުޖުތަމައުުގައި ދައުރުވެގެން ދާނަމަ ތަކެތީގެ އަގު އެތައް ގުނައެއް އުފުލިގެން ދާނެ ކަމަށެވެ. އަދި ފައިސާ އަނބުރާ ދެއްކުމުގައި ވަކި އުސޫލުތަކެއް ނުވަތަ ހަމަތަކެއް ނެތިއްޖެނަމަ އެ ދެވެނީ ބްލޭންކް ޗެކެއް ކަމަށް ވެސް ވިދާޅުވި އެވެ. މިނިސްޓަރު އަމީރު ވިދާޅުވީ ޕަބްލިކް އެކައުންޓް އޯވަޑްރޯ (އޯޑީ) ކުރުމަކީ، ފައިސާ ޗާޕް ޖެހުން ނޫން ކަމަށާއި އެކަމަށް އެދުމަކީ ބްލޭންކް ޗެކެއް ހޯދުމަށް އެދުން ކަމަށް ނުބެލެވޭނެ ކަމަށެވެ.
އާޒިމް ސަރުކާރަށް: އެމްއެމްއޭއިން ނަގާ ފައިސާ ދައްކާނެ ގޮތް ބުނެދީ
ދަތި ހާލަތުގައި ވެސް ކަމާ ބެހޭ ފަރާތްތަކުން ދިން އިރުޝާދުތަކަށް ގިނަ ރައްޔިތުން ކިޔަމަންތެރިވުމުން އެކަމުގެ ފައިދާ ފެންނަމުންދާ ކަމަށް ޑިރެކްޓާ ޖެނަރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ވިދާޅުވެއްޖެ އެވެ. ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ ޕްރޮގްރާމަކަށް ދެއްވި އިންޓަވިއު އެއްގައި މައިމޫނާ ވިދާޅުވީ، ގިނަ މީހުންނަކީ ދޭ އިރުޝާދުތައް ރަނގަޅަށް ބަލައިގަންނަ ބައެއް ކަމަށާއި ވަރަށް ދަތިހާލުގައި ނަމަވެސް އެކަންކަން ގަބޫލުކޮށް ކުރިއަށް ގެންދަން ބޭނުންވާ ބައެއް ކަމަށެވެ. "ވަރަށް ދަތި ހާލަތުގައި ހާއްސަކޮށް މާލޭގައި މީހުން ގޭގައި ތިބުމަށް މި ޖެހުނީ، ދަތިކަމުގައި ވެސް އެގޮތަށް ކަންތައް ކުރައްވައިފި އެހެންވީމަ މިހާރު އަޅުގަނޑުމެން މިކުރިއަށް ގެންދެވޭ މަސައްކަތުގެ ފައިދާ ބޮޑަށް ފެނިގެން މި ދިޔައީ،" މައިމޫނާ ވިދާޅުވި އެވެ. މި އުނދަގޫ ހާލަތުގައި ރައްޔިތުންގެ ފަރާތުން ލިބުނު އެއްބާރުލުން ރަނގަޅު ކަން ފާހަގަކޮށް މައިމޫނާ ވިދާޅުވީ، އެ އެއްބާރުލުން ނުލިބުނު ނަމަ މިހާރު މި އޮތް ހާލަތުގައި ވެސް ނޯންނާނެ ކަމަށެވެ. ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމުގެ ކުރިން ވެސް ވަރަށް ގިނަ ރައްޔިތުން އެދެއެދި ތިބީ މި ހާލަތު އިއުލާން ކުރުމަށް ކަން މައިމޫނާ ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ، ނިންމުންތައް ނިންމާނީ ހާލަތަށާއި ރިސްކަށް ބަލާފައި ކަމަށެވެ. ނިއު ނޯމަލްއަށް ރައްޔިތުން އަންނަން ޖެހޭ ކަން ފާހަގަކޮށް މައިމޫނާ ވިދާޅުވީ، ދިވެހި ރައްޔިތުންނަކީ ވަރަށް ކިޔަމަންތެރި ބައެއް ކަމަށާއި ނިއު ނޯމަލްގައި އުޅުމަށް ސިއްހީ ހިދުމަތްތެރިން ދެއްވާ އިރުޝާދުތަކަށް ބޯލަނބަން ޖެހޭ ކަމަށެވެ. "އަޅުގަނޑުމެން އަދި މިހުރިހާ ޓީމްތަކަކުން ވެސް މަސައްކަތް ކުރަމުން މިދަނީ ރާއްޖޭގައި މި ބަލި ފެތުރުން ކޮންޓްރޯލްކޮށް އެ ފެތުރިގެންދާއިރު އެކަމަށް ބޭނުންވާނެ ސިއްހީ ހިދުމަތްތައް އެކަށީގެންވާ ގޮތެއްގައި ފޯރުކޮށްދީ ފުރާނައަށް ގެއްލުންވާ ހާލަތަކަށް ނުދިއުން. އެކަމަށްޓަކައި ބޭނުންވާ ކެޕޭސިޓީ ހަމަ ތައްޔާރު ކުރެވެމުން އެއަށް ބަލަމުން އަޅުގަނޑުމެންގެ ފިޔަވަޅުތައް ކުރިއަށް މިގެންދަނީ. އެ ކެޕޭސެޓީ އެކަށީގެންވާ ގޮތުގައި ލިބެމުން އަދި ތާއްޔާރުވެފައޭ އަޅުގަނޑު ދަންނަވާނީ،" މައިމޫނާ ވިދާޅުވި އެވެ. ރާއްޖޭގެ ރަށްތައް އެކުލެވިފައިވާ ގޮތުން ވަރަށް ބޮޑު ގޮންޖެހުންތަކަކާއި ކުރިމަތިވެފައިވާ ކަން މައިމޫނާ ފާހަގަކުރެއްވި އެވެ. އެހެން ނަމަވެސް މިހާރު ކުރިމަތިވެފައި މިއޮތް ހާލަތަށް ފުރިހަމައަށް ތައްޔާރު ވެފައިވާ ކަމަށް މައިމޫނާ ވިދާޅުވި އެވެ.
ދަތި ހާލުގައިވެސް ރައްޔިތުން ކިޔަމަންތެރިވުމުގެ ފައިދާ ފެނޭ: މައިމޫނާ
ނޯޓު: އަޙްމަދު ޝާޒްއަކީ މެލޭޝިޔާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީން މާސްޓަރ އޮފް ކޮމްޕަރޭޓިވް ލޯސް ހާސިލުކޮށްފައިވާ ފަރާތެކެވެ. އޭނާ މިވަގުތު މަސައްކަތްކުރަނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ ކުއްލިއްޔާ އޮފް ޝަރީޢާ އެންޑް ލޯގެ ލެކްޗަރާއެއްގެ މަޤާމުގައެވެ. ސަންއިން ގެނެސްދޭ "ރޯދައިގެ ވަސިއްޔަތް" މި ބަޔަށް މިއަހަރު ލިޔުއްވައިދެއްވާނީ ޝާޒްއެވެ. ......................................................................... އުފާވެރިކަން ހުއްޓެވެ. ބަރަކާތްތެރި ރަމަޟާން މަސް އަހުރެމެންނާ ބައްދަލުކޮށްފިއެވެ. މިބަރަކާތްތެރި މައްސަރު ބައްދަލުކުރާހިނދު، އެކަމުގެ އުފާވެރި ޚަބަރު ދެއްވުމަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހަދީސްކުރައްވާ ބަސްފުޅުތަކުގައި އެކުލެވިގެންވެއެވެ. "ހަމަކަށަވަރުން ތިޔަބައިމީހުންގެ ގާތަށް ރަމަޟާން މަސް އަތުވެއްޖެއެވެ. އެއީ ބަރަކާތްތެރި މަހެކެވެ. އެމަހުގައި ރޯދަ ހިފުން އެއީ ތިޔަބައިމީހުންގެ މައްޗަށް އޮތް ފަރުޟެއްކަމުގައި ﷲ ލެއްވިއެވެ. އެމަހުގައި ސުވަރުގޭގެ ދޮރުތައް ހުޅުވި، ނަރަކައިގެ ދޮރުތައް ލެއްޕޭހުއްޓެވެ. އަދި ޝައިޠާނުން ކަސްތަޅު އެޅުއްވޭހުއްޓެވެ. އެއްހާސް މައްސަރުގެ ހެޔޮކަމަށްވުރެ ގިނަ ހެޔޮކަން އެކުލެވިގެންވާ ރެޔެއް އެމަހުގައި ވެއެވެ. އެރޭގެ ހެޔޮކަމުން މަހުރޫމުވެއްޖެމީހާ އެވަނީ ޔަގީނުންވެސް ހެޔޮކަމުން މަހުރޫމުވެފައެވެ."(1) ހަދީސްގައި ބަޔާންކުރައްވާފައިއެވާ މަތިވެރި ނިޢުމަތްތަކާއެކު، އަހަރަކު އެއްފަހަރު މީސްތަކުންނާ ބައްދަލުކުރާ ރަމަޟާން މަހުގެ ރޯދަ ފަރުޟުކުރައްވާފައިވަނީ ކޮންމަޤުޞަދެއްގައިކަން ބަޔާންކުރައްވައި ﷲ ވަޙީކުރައްވާފައިވެއެވެ. يَا أَيُّهَا الَّذِينَ آمَنُوا كُتِبَ عَلَيْكُمُ الصِّيَامُ كَمَا كُتِبَ عَلَى الَّذِينَ مِن قَبْلِكُمْ لَعَلَّكُمْ تَتَّقُونَ (ބަޤަރާ: 183) "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ކުރީގެ މީހުންގެ މައްޗަށް ފަރުޟު ކުރެއްވި ފަދައިން ތިޔަބައިމީހުންގެ މައްޗަށްވެސް ރޯދަ ފަރުޟު ކުރައްވައިފިއެވެ. (އެއީ) ތިޔަބައިމީހުން ތަޤުވާވެރި ވުމަށްޓަކައެވެ." މިއާޔަތުން ސާފުކޮށް އެނގޭގޮތުގައި، ރޯދަ ފަރުޟުކުރެއްވި މަޤުޞަދުކަމަށް އެވަނީ (لَعَلَّكُمْ تَتَّقُونَ) މީސްތަކުން ﷲ އަށް ތަޤުވާވެރިވުމެވެ. އިސްލާމްދީނުގެ ފަސްރުކުނުން އެއްރުކުންކަމަށްވާ، ރަމަޟާން މަހު ރޯދަ ހިފުމުގެ މައިގަނޑު މަޤުޞަދަކީ ތަޤުވާވެރިވުންކަމަށްވާއިރު، ތަޤުވާގެ ހަގީގަތަކީ ކޮބައިކަން ކޮންމެ މީހަކަށްވެސް އެނގުން މުހިއްމެވެ. އާނއެކެވެ! އާދައެއްގެގޮތުގައި ކޮންމެ އަހަރަކުވެސް ރޯދަމަހު ދުވާލު ނުކައި ނުބޮއެ ތިބުމާއެކު، އާންމު މަސައްކަތްތަކުން ހިސާބަކަށް ދުރަށް ޖެހިލައި ފަސްވަގުތު މިސްކިތަށް އަރާލައި، ޤުރުއާނުން ތަންކޮޅެއް ކިޔަވާލައި ދުޢާ ޒިކުރުކުރުން އިހުނަށްވުރެ އިތުރުކޮށްލައި، ލިބުނީވިއްޔާ ޞަދަޤާތެއްކޮށްލައި، ކުޅަދާނަވިއްޔާ މީހަކަށް ހެޔޮފޯރުވާލައިދީ، މީހުންނަށް ޒުވާބުދިނުމާއި ނުރަނގަޅު ބަސްތައް ބުނުމުން ދުރުހެލިވެލައި، ކާތަކެތި އެއްކޮށްގެން ތިބެ އިރު ފެނުޖެހޭއިރަށް ލަސްނުކޮށް ރޯދަ ވީއްލައި، ކުޑަވަގުތުކޮޅަކަށްނަމަވެސް ރޭގަނޑުން ބައެއްގައި ހޭލައިހުރެ ހެއްދެވި ފަރާތަށް މުނާޖާ ދަންނަވައި، ލިބުނު އެއްޗަކުން ހާރުކާލައިގެން އަނެއްދުވަހުގެ ރޯދައަށް ތައްޔާރުވުމީ ރޯދަ ހިފުމެވެ. ﷲ ގެ އެންގެވުމަށް ތަބާވުމެވެ. އެއްވެސް ޝައްކެއްނެތެވެ. ބުނެވިދިޔަ ހުރިހާ ސިފަތަކަކީވެސް ތަޤުވާވެރިންގެ ސިފަތަކެވެ. އެހެންނަމަވެސް އެއީ ތަޤުވާގެ ފުޅާ މާނައިގެތެރޭގައި ހިމެނޭ މަދު މިންވަރެކެވެ. ތަޤުވާގެ މާނަ ބަޔާންކުރައްވައި، ޢިލްމުވެރިން ދައްކަވާފައިވާ ވާހަކަފުޅުތަކުގެ ޚުލާޞާއަކީ؛ ތަޤުވާއަކީ އިޚުލާޞްތެރިކަމާއެކު އެންމެ ފުރިހަމަގޮތުގައި ﷲ އަށް ކިޔަމަންތެރިވުމެވެ. އެއީ އެކަލާނގެ ކުރަން އެންގެވި ކަންތައްތައް ކުރުމާއި، ނަހީކުރެއްވި ކަންތައްތަކާ ދުރުހެލިވުމެވެ.(2) އިސްވެ ބުނެވުނު، ތަޤުވާގެ މާނައަށް ބަލާއިރު؛ ތަޤުވާގައި ދެބައެއް ހިމެނިގެންވެއެވެ. އެއީ ﷲ ކުރަން އެންގެވި ކަންތައްތައް ކުރުމާއެކު ނަހީކުރެއްވި ކަންތައްތައް މުޅިން ދޫކޮށްލުމެވެ. އެހެންކަމަށްވާނަމަ، ތަޤުވާވެރިޔާ ވާހުށީ ﷲ އަށް އެންމެ ފުރިހަމަގޮތުގައި ކިޔަމަންވާ މީހެއްކަމުގައެވެ. އެފަދަމީހާ ﷲ އަށް އީމާންވެ އެކަލާނގެ އެއްކައުވަންތަކަން ޤަބޫލުކުރާނެއެވެ. އަހުރެމެން އެންމެނަކީ އެ އިލާހުގެ އަޅުން ކަމަށާއި، އަހުރެމެންގެ އެންމެހައި ޢަމަލުތައް އެ އިލާހު ދެކެ ދެނެވޮޑިގެންވާކަން ޤަބޫލުކުރާނެއެވެ. ނަމާދު ޤާއިމުކޮށް ރޯދަހިފައި ޒަކާތްދީ، ކުޅަދާނަވާނަމަ ޙައްޖުގެ އަޅުކަންވެސް އަދާކުރާނެއެވެ. މައިންބަފައިންނަށް ކަމޭހިތައި، އާއިލީ ގުޅުންތައް ދަމަހައްޓާނެއެވެ. އަވަށްޓެރީންނާއި، ރައްޓެހިންނާއި، ދަންނަމީހުންނާއި، ނުދަންނަމީހުންނާއި، މުސްލިމުންނާއި، ޣައިރު މުސްލިމުންނާމެދުވެސް ހެޔޮ ގޮތުގައި މުޢާމަލާތުކުރާނެއެވެ. މީސްތަކުންނާމެދު ހިތް ހެޔޮކޮށް ރުޅިވެރިކަމާއި ހަސަދަވެރިކަމެއް ނުބާއްވާނެއެވެ. ދޮގާއި މަކަރު ހެދުމާއި ނެތިމޮށުމާއި ދޮގު މަޢުލޫމާތު ފެތުރުންފަދަ ކަންކަމެއް ނުކުރާނެއެވެ. ކެއިން ބުއިމާއި އުނުފޭރާމާއި ބޯހިޔާވަހިކަމާއި ސަވާރީއަށްވިޔަސް، ޙަރާމް އެއްޗެއް ބޭނުމެއް ނުކުރާނެއެވެ. ޙަރާމް ތަކެތި ބެލުމާއި އެފަދަ ތަކެތި އަޑުއެހުމަށް ނަފުރަތު ކުރާނެއެވެ. ތިމާއާއި އެހެންމީހުންގެ ޞިއްޙަތު ސަލާމަތްކުރުމަށްޓަކައި ކުރެވޭ މަސައްކަތްތަކުގައި ބައިވެރިވެ އެއްބާރުލުންދޭނެއެވެ. ތަނުގެ އާންމު މަޞްލަޙަތަށްޓަކައި ހަދާފައި ހުންނަ ޤާނޫނާއި ޤަވާޢިދުތަކަށް ޙުރުމަތްތެރިކޮށް ހިތާނެއެވެ. އެއްވެސް މީހަކަށް އަނިޔާއެއް ނުދޭނެއެވެ. ހެޔޮ ކަންތަކަށް އަމުރުކޮށް ނުބައި ކަންތައް މަނާކުރާނެއެވެ. އިސްރާފުނުކޮށް، މުދަލުން ހޭދަކޮށް ތިމާގެ ފުށުން އެހެން މީހަކަށް ފައިދާއެއް ކޮށްދެވެން އޮތްނަމަ އެކަމެއް ކޮށްދިނުމަށް އަވަސްވެގަންނާނެއެވެ. ސިއްރާއި ފާޅުގައި، ތަނަވަސްކަމާއި ދަތިހާލަތުގައި، ސަލާމަތުން ހުންނައިރުގައްޔާއި ބަލިމަޑުކަމުގެ ހާލަތުގައިވެސް ރައްބުލްޢާލަމީންގެ މަތިން ހަނދުމަނެތިކޮށެއްނުލާނެއެވެ. ރޯދަ ފަރުޟުކުރެއްވި މަޤުޞަދަކީ (لَعَلَّكُمْ تَتَّقُونَ) ﷲ އަށް ތަޤުވާވެރިވުންކަމަށްވާތީ، ރޯދަވެރިޔާއަކީ އޭނާގެ މައްޗަށް ތަރުތީބުވެގެން އަންނަ ހުރިހާ ހެޔޮ ޢަމަލުތަކެއް ކުރުމާއެކު ނުބައި ކަންތައްތަކުން ދުރުހެލިވެގެން ހުންނަ މީހަކަށް ވާންޖެހޭނެއެވެ. އެހެންނަމަވެސް، ތަޤުވާގެ މައިދާނުގައި ތަފާތުމީހުންނަށް ތަފާތު ހާލަތްތައް ކުރިމަތިވާނެކަން ދެނެވޮޑިގެންވާ އިލާހު ވަޙީކުރައްވާފައިވެއެވެ. فَاتَّقُوا اللَّهَ مَا اسْتَطَعْتُمْ وَاسْمَعُوا وَأَطِيعُوا (ތަޣާބުން 16) "ފަހެ، ތިޔަބައިމީހުންނަށް ކުޅަދާނަވީވަރަކުން، ތިޔަބައިމީހުން ﷲ އަށް ތަޤުވާވެރިވާށެވެ! އަދި ތިޔަބައިމީހުން އަހާށެވެ! އަދި ތިޔަބައިމީހުން ކިޔަމަންވާށެވެ!" މިސާލަކަށް، ކޮންމެ ނަމާދެއްގައިވެސް ޖަމާޢަތުގެ އެންމެ ފުރަތަމަ ސަފުގައި ބައިވެރިވުމަކީ ހަމަކޮންމެ މީހަކަށް ކުޅަދާނަ ކަމަކަށްނުވެދާނެއެވެ. އެހެންނަމަވެސް ފުރަތަމަ ސަފުގައި ބައިވެރިނުވެވޭމީހާވެސް ޖަމާޢަތުގެ ކޮންމެވެސް ސަފެއްގައި ބައިވެރިވެ ނަމާދުކޮށްފިނަމަ އެފަރުޟު އަދާކުރުމުގެ ސަވާބު ދެއްވަވާނެއެވެ. އެކަކީ ރޯދަމަހުގެ ކޮންމެ ދުވަހެއްގައިވެސް ސަތޭކަ މީހުންނަށް ރޯދަވީއްލުން ދޭ މީހަކަށްވާއިރު، އަނެއްމީހާއަށް ކުޅަދާނަވަނީ ރޯދަވީއްލާ ތަކެތި ބަހައްޓާފައި ހުންނަ މޭޒުމަތީގައި ކުޑަ ކަދުރު އުރައެއް ބާއްވަންކަމަށް ވެދާނެއެވެ. މިއީ އެއްގޮތަކަށްވެސް ދެރަވާންޖެހޭކަމެއްނޫނެވެ. އެމީހަކަށް ކުޅަދާނަވީ މިންވަރަކުން ﷲ އަށް ތަޤުވާވެރިވެއްޖެނަމަ އެއޮތީ އެއިލާހުގެ އަމުރުފުޅަށް ފުރިހަމައަށް ކިޔަމަންވެވިފައެވެ. ރޯދަ ހިފުމުގެ މަޤުޞަދަށް ވާސިލުވެވިފައެވެ. އަދި ކީއްހެއްޔެވެ؟ ތަޤުވާގެ މަގުގައި ހިނގާފައި ދަނިކޮށް ކަތި ފިޔަވަޅެއް އެޅިއްޖެނަމަ ކަންތައް ކުރަންވީގޮތް ބަޔާންކޮށްދެއްވައި، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހަދީސްކުރައްވާފައިވެއެވެ. "اتَّقِ اللَّهِ حَيْثُمَا كُنْتَ وَأَتْبِع السَّيِّئَةَ الْحَسَنَةَ تَمْحُهَا وَخَالِقِ النَّاسَ بِخُلُقٍ حَسَنٍ"(3) މާނައީ: "ތިބާވީ ކޮންމެ ތަނެއްގައި ﷲ އަށް ތަޤުވާވެރިވާށެވެ! އަދި ނުބައި ކަމެއް ކުރެވިއްޖެނަމަ އެކަމާ ވިދިގެން ހެޔޮކަމެއް ކުރާހުށިކަމެވެ. އޭރުން އެނުބައި ކަންތައް ﷲ ފުއްސަވާނެތެވެ. އަދި ރިވެތިވެގެންވާ އަޚުލާޤުން މީސްތަކުންނާ މުޢާމަލާތުކުރާހުށިކަމެވެ." ﷲ އަންގަވާފައިވާގޮތަށް ފުރިހަމައަށް ރޯދަ ހިފައިފިނަމަ ނަތީޖާއަކަށްވާނީ އެމީހަކީ ތަޤުވާގެ ސިފަ ލިބިފައިވާ މީހަކަށްވުމެވެ. ތަޤުވާގެ މަތިވެރި ސިފަ ލިބިއްޖެނަމަ ނަތީޖާއަކީ ނިކަން ގިނަ ދަރުމައާއި ސަވާބު ލިބި ދެދުނިޔޭގެ ކާމިޔާބު ލިބުމެވެ. އެގޮތުން ތަޤުވާވެރިންނަށް ދެއްވަވާނެކަމަށް އަންގަވާފައިވާ ބައެއް ނިޢުމަތްތަކަށް ބަލައިލަމާ ހިނގާށެވެ. ތަޤުވާވެރިވުމަކީ އިންސާނާގެ އެންމެހައި ކަންތައްތައް ފަސޭހަވުމުގެ ސަބަބެއްކަމުގައި އަންގަވާފައިވެއެވެ. "އަދި ﷲ އަށް ތަޤުވާވެރިވާމީހާ (ދަންނާށެވެ!) އޭނާގެ ކަންތަކުގައި އެކަލާނގެ އޭނާއަށް ފަސޭހަކަން ލައްވާނެތެވެ." (ޠަލާޤު: 4) ތަޤުވާވެރިވުމަކީ އުޑުންނާއި ބިމުން ބަރަކާތުގެ ދޮރުތައް ހުޅުވޭނޭ ކަމެއްކަމުގައި އަންގަވާފައިވެއެވެ. "ރަށްތަކުގެ އަހުލުވެރީން، އީމާންވެ ތަޤުވާވެރިވީނަމަ، ހަމަކަށަވަރުން، އުޑުންނާއި، ބިމުން، ތިމަންރަސްކަލާނގެ އެއުރެންގެ މައްޗަށް ބަރަކާތުގެ މަގުތައް ހުޅުއްވައިދެއްވީމުހެވެ." (އަޢުރާފު: 96) ތަޤުވާވެރިވުމަކީ ހީވެސްނުކުރާފަދަ ގޮތްގޮތުން ރިޒުޤު ތަނަވަސްކޮށްދެއްވުމުގެ ސަބަބެއްކަމުގައި އަންގަވާފައިވެއެވެ. "އަދި ﷲ އަށް ތަޤުވާވެރިވާ މީހާ (ދަންނާށެވެ!) އެކަލާނގެ އޭނާއަށް ނުކުންނާނެ މަގެއް ދައްކަވާނެތެވެ. އަދި ހީވެސް ނުކުރާފަދަ ގޮތްގޮތުން އެކަލާނގެ އޭނާއަށް ރިޒުޤު ދެއްވާނެތެވެ." (ޠަލާޤު: 2-3) ތަޤުވާވެރިވުމަކީ ﷲ ގެ ޙަޟުރަތުގައި މަތިވެރިވެގެންވާ މީހަކަށް ވުމުގެ ސަބަބެކެވެ. "ހަމަކަށަވަރުން، ﷲ ގެ ޙަޟުރަތުގައި ތިޔަބައިމީހުންކުރެ އެންމެ މާތްކަން ބޮޑީ، ތިޔަބައިމީހުންކުރެ އެންމެ ތަޤުވާވެރިމީހާއެވެ." (ޙުޖުރާތު: 13) ތަޤުވާވެރިވުމަކީ ޤިޔާމަތް ދުވަހުގައި ﷲ ގެ އަޒާބުން މިންޖުވުމުގެ ސަބަބެއްކަމުގައި އަންގަވާފައިވެއެވެ. "އަދި ތިޔަބައިމީހުންކުރެ ނަރަކަ މަތިންލާފައި ނުދާނޭ ހަމަ އެކަކުވެސް ނުވެއެވެ. އެއީ ކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް ކަނޑައެޅި ލާޒިމުކުރައްވާފައިވާ ކަމެއްކަމުގައިވިއެވެ. ދެން ތިމަންރަސްކަލާނގެ ތަޤުވާވެރިވީމީހުން ސަލާމަތްކުރައްވާހުށީމެވެ." (މަރުޔަމް: 72) "ދޮގުކުރާ މީހުންނަށް އެދުވަހުން ގެއްލުމާއި، ހަލާކު ހުއްޓެވެ. ހަމަކަށަވަރުން، ތަޤުވާވެރިންވަނީ، ހިޔާތަކާއި، ފެންއާރުތަކުގެ ނިޢުމަތުގައެވެ. އަދި އެއުރެން ހިތްއެދޭ މޭވާތަކުގެ ތެރޭގައެވެ. (އަދި އަންގަވާނެތެވެ.) ތިޔަބައިމީހުން ކޮށްއުޅުނު ޢަމަލުތަކުގެ ސަބަބުން، އަރާމު ލިބެނިވިގޮތުގައި ތިޔަބައިމީހުން ކައިބޮއި އުޅޭށެވެ!" (މުރުސަލާތި: 40-43) އިސްވެ ބަޔާންކުރެވުނީ ތަޤުވާވެރިންނަށް ހުރިކަމަށް ޤުރުއާނުގައި އަންގަވާފައި ނިޢުމަތްތަކުގެތެރެއިން މަދު މިންވަރެކެވެ. ފަހެ ކީރިތި ޤުރުއާނުގެ ސަތޭކައަށްވުރެ ގިނަ ތަނުގައި ތަޤުވާގެ ވާހަކަ ބަޔާންކުރައްވައި، އެންމެހައިމީސްތަކުންނަށާއި، މުއުމިނުންނަށާއި، ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައަށާއި އެކަލޭގެފާނުގެ ކުރިން ފޮނުއްވުނު ނަބިއްޔުންގެ އުންމަތްތަކަށްވެސް، ތަޤުވާގެ ސިފަ ލިބިގަތުމަށް އަމުރުކުރައްވާފައިވުމުން، އޭގެ މުހިއްމުކަން ވަރަށް ރަނގަޅަށް ހާމަވެގެންދެއެވެ. އަހުރެމެން ފުރިހަމަކުރަމުން މިދާ ރޯދައިގެ އަޅުކަން ފަރުޟު ކުރައްވާފައިވަނީ މި މަތިވެރި ސިފަ ލިބިގަތުމަށެވެ. އާނއެކެވެ! ރޯދަ ފަރުޟުކުރެއްވެވީ އޭގައި ހުރިހައި ހެޔޮކަމެއް އެކުލެވިގެންވާ އެންމެ މަޤުޞަދަކަށްޓަކައެވެ. އެއީ ތަޤުވާގެ މަޤުޞަދެވެ. ރޯދަ ހިފަންވާނީ ހުރިހާގޮތަކުންވެސް އެ މަޤުޞަދު ހާސިލުކުރެވޭނެ ގޮތަށެވެ. ރޯދަ ފަރުޟު ކުރެއްވި ފަރާތުން ކަނޑައަޅުއްވާފައިވާ މަޤުޞަދު ހާސިލުނުވާގޮތަށް ހިފާ ރޯދައިން ކުރާނެ ފައިދާއެއްނޯންނާނެއެވެ! ﷲ ވަޙީކުރައްވާފައި ވެއެވެ. يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ وَلْتَنظُرْ نَفْسٌ مَّا قَدَّمَتْ لِغَدٍ ۖ وَاتَّقُوا اللَّهَ ۚ إِنَّ اللَّهَ خَبِيرٌ بِمَا تَعْمَلُونَ (ޙަޝްރި: 18) އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ﷲ އަށް ތަޤުވާވެރިވާށެވެ! އަދި ކޮންމެ ނަފުސެއްމެ، މާދަމައަށްޓަކައި އިސްކޮށްފައިވާ ޢަމަލެއް ބަލައިފާހުށިކަމެވެ! އަދި ތިޔަބައިމީހުން ﷲ އަށް ތަޤުވާވެރިވާށެވެ! ހަމަކަށަވަރުން، ﷲ އީ، ތިޔަބައިމީހުންކުރާ ކަންތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ." (1) رواه أحمد في المسند 2/386، ح 8979، والنسائي في سننه 4/129، ح 2106، صححه الألباني صحيح الترغيب 1/490. (2) الجرجاني: علي بن محمد (ت816هـ)، التعريفات، القاهرة: دار الفضيلة، د ت، ص 58 ، 59. (3) سنن الترمذي 7/1910 ، كتاب البروالصلة ، باب ماجاء في معاشرة الناس ، وقال حديث حسن صحيح . وحسنه الألباني: صحيح وضعيف الترمذي 4/1987.
ރޯދައިގެ ވަސިއްޔަތް: ރޯދަ ފަރުޟުކުރެއްވީ ހުރިހާ ހެޔޮކަމެއް އެކުލެވިގެންވާ އެންމެ މަގުސަދަކަށްޓަކައި
ތ. ގުރައިދޫގައި ރޭ ތޫނު އެއްޗަކުން ހަމަލާދީ ބަންގްލަދޭޝްގެ މީހަކު މަރާލި މައްސަލައާ ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެފި އެވެ. ރޭ ގުރައިދޫގައި މަރާލާފައި އޮއްވާ ފެނުނީ، އެރަށުގައި ދަނޑުވެރިކަން ކުރަން އުޅޭ ބަންގްލަދޭޝްގެ ފިރިހެނެކެވެ. އެމީހާ މަރާލާފައި އެއްލާލާފައި ވަނީ އޭނާ ދިރިއުޅޭ ސައިޓުގެ ކުރިމަތީގައި ހުރި އެހެން ސައިޓެއްގެ ތެރެއަށެވެ. އޭނާ މަރާލާފައި ވަނީ ކަރަށާއި ބަނޑަށް ހަމަލާދީގެންނެވެ. އެ މަރާ ގުޅިގެން ރޭ ފުލުހުން ގުރައިދޫގައި ބިދޭސީން ދިރިއުޅޭ ތަންތަން ބަލަން ފެށި އެވެ. އެހެން ބަލަމުން ދިޔުމުގެ ތެރޭގައި އަނިޔާވެފައިވާ އެހެން ބިދޭސީއަކުވެސް ފެނިފައިވެ އެވެ. އެ ބިދޭސީ މީހާއާ އެކު އިތުރު ދެ ބިދޭސީއަކު އޭނާ ދިރިއުޅޭ ކޮޓަރިން ފެނުނު ކަމަށާއި، ފުލުހުން އެ ކޮޓަރިއަށް ވަން އިރު އެ އެންމެވެސް އުޅުނީ ނިދަން ކަމަށް މީގެ ކުރިން ގުރައިދޫ ކައުންސިލުގެ މެމްބަރު، ނައުފަލް ހަސަން "ސަން"އަށް ވަނީ ވިދާޅުވެފަ އެވެ. އަދި ޒަހަމް ވެފައިވާ ބިދޭސީ މީހާ އޭރު ޑޮކްޓަރަށް ދެއްކުމަށް އެއްވެސް މަސައްކަތެއް ކޮށްފައި ނުވާ ކަމަށް ވެސް ނައުފަލް ވިދާޅުވި އެވެ. ޒަހަމްވެފައިވާ ބިދޭސީމީހާއަށް ބައެއް މީހުން ޝައްކު ކުރާާއިރު، ފުލުހުން މިއަދު "ސަން"އަށް ބުނީ އަދި މިހާތަނަށް ރޭގެ މަރާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ. ގުރައިދޫ ކައްންސިލުގެ ނައިބު ރައީސް ތައުފީގު އަލީ މިއަދު ހެނދުނު "ސަން"އަށް ވިދާޅުވީ، އަނިޔާވެފައި ހުއްޓާ ފެނުނު ބިދޭސީ މީހާގެ ބޮލަށް ޒަހަމްތަކެއް ލިބިފައި ހުރި ކަމަށެވެ. އަދި ވޭމަންޑޫގައި ހުންނަ ތ. އަތޮޅު ހޮސްޕިޓަލަށް އޭނާ ގެންގޮސް ފަރުވާ ދީފައިވާ ކަމަށް ތައުފީގު ވިދާޅުވި އެވެ. ރޭ މަރާލި ބިދޭސީ މީހާ ދިރިއުޅެމުން ދިޔައީ އޭނާ މަސަައްކަތް ކުރާ ސައިޓުގަ އެވެ. އޭނާ ރޭ ނިދަން ދިޔައީ އޭނާގެ ބޮޑުމީހާގެ ފިހާރައިގައި މަސައްކަތް ކޮށްފައި ރޭ 11:00 އެހާކަންހާއިރެވެ. މިހާރު ފުލުހުން ދަނީ އެ ބަންގްލަދޭޝް މީހާގެ މަރު ތަހުގީގު ކުރުމަށް ގުރައިދޫގައި ހަރަކާތްތެރިވަމުންނެވެ. އަދި ތަހުގީގާ ގުޅޭ އެއްވެސް މައުލޫމާތެއް ފުލުހުން ދީފައި ނުވެ އެވެ.
ގުރައިދޫ މަރާ ގުޅިގެން އަދި މީހަކު ހައްޔަރެއް ނުކުރޭ
ޑައިލިސިސް ހެދުމަށް އައިޖީއެމްއެޗަށް ދިޔަ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ. "ސަން" އަށް އެނގިފައިވާ ގޮތުގައި ކޮވިޑަށް ޕޮޒިޓިވްވެފައިވާކަން އެމީހާއަށް އެޗްޕީއޭ އިން އެންގީ އިއްޔެ އެވެ. ދެ ބައި އުމުރުގެ އެމީހާ ކޮވިޑް-19 އަށް ޓެސްޓް ކޮށްފައި ވަނީ ޑައިލަސިސް ހެދުމަށް އައިޖީއެމްއެޗަށް ދިޔަ ފަހުން އޭނާގެ ހާލު ގޯސްވުމުންނެވެ. އަދި އޭނާ ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން މިހާރު ވަނީ ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކޮށްފަ އެވެ. މީގެ ކުރިން ވެސް އައިޖީއެމްއެޗަށް ގެންދިޔަ ބައެއް ބަލިމީހުން ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ. އޭގެ ތެރޭގައި މާބަނޑު މީހެއްގެ އިތުރުން ނ. މަނަދޫ އިން ހާލުދެރަވެގެން އައިޖީއެމްއެޗަށް ގެނައި އުމުރުން ދުވަސްވީ މީހެއް ވެސް ހިމެނެ އެވެ. އުމުރުން ދުވަސްވީ މީހާ ކޮވިޑަށް ޕޮޒިޓިވްވި ކަން އެނގުނީ އޭނާ ގެއަށް ވެސް ދޫކޮށްލި ފަހުންނެވެ. ކޮވިޑަށް ޕިޒޮޓިވްވި މާބަނޑު މީހާ ހުޅުމާލޭ ޓްރީޓޮޕް ހޮސްޕިޓަލަށް ގެންދިޔަ ފަހުން ވަނީ ވިހައިފަ އެވެ. ކޮވިޑް-19ގައި ފުރުތަމަ މަރުވި މީހާ އެ ބަޔަށް ޕޮޒިޓިވްވެފައިވާ ކަން ވެސް ކަށަވަރުވެފައި ވަނީ އައިޖީއެމްއެޗް ހޮސްޕޮޓަލަށް ގެންދިޔަ ފަހުންނެވެ.
ޑައިލިސިސް ހަދަން އައިޖީއެމްއެޗަށް ދިޔަ މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ
މިހާރު ރާއްޖޭގައި ފެތުރެމުންދާ ކޮވިޑް-19 ވައިރަހަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އިތުރު ތިން މީހަކު ބަލިން މުޅިން ރަނގަޅުވެއްޖެ އެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ކޮވިޑް19 ޑޭޝްބޯޑުގައި ބުނެފައި ވަނީ މިހާތަނަށް ރާއްޖެއިން ބަލި ޖެހުނު މީހުންގެ ތެރެއިން 49 މީހަކު ރަނގަޅުވެފައިވާ ކަމަށެވެ. ބަލިން ރަނގަޅުވި މީހުންގެ އަދަދު 49 އަކަށް އަރާފައި ވަނީ މިއަދު ބަލިން ރަނގަޅުވި ތިން މީހުންނާ އެކު އެވެ. ނަމަވެސް އެމީހުންގެ އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެ އެވެ. މިހާތަނަށް ރާއްޖެއިން ވައިރަސް އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 1020 އަށް އަރައިފަ އެވެ. އަދި ބަލީގައި ހަތަރު މީހަކު ވަނީ މަރުވެފަ އެވެ.
ވައިރަސް ޖެހުނު އިތުރު ތިން މީހަކު ރަނގަޅުވެއްޖެ
ކައުންސިލަރުންގެ ދައުރު ދިގުކުރުމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ހުށަހެޅުއްވި އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުން ކަށަވަރު ކުރުމުގެ ހާއްސަ ބިލު 2020 ދައުރާ މެދު ގޮތް ނުނިންމައި ލާމަރުކަޒީ ކޮމިޓީއިން ފާސްކޮށްފި އެވެ. ކައުންސިލުތަކުގެ ދައުރު ފެށޭ މަހުގެ ތިންވަނަ ދުވަހަށް ހަމާވާނެ އެވެ. ހަސަން ލަތީފު ބިލު ހުށަހެޅުއްވީ ކޮވިޑް ރޯގާގެ ހާލަތުގެ ސަބަބުން އިންތިހާބު ނުބޭއްވޭތީ ކައުންސިލަރުންގެ ދައުރު ދިގުދެއްމުމަށެވެ. ނަމަވެސް ކޮމިޓީއިން ބިލު ދިރާސާކޮށް މުޅި ބިލު ފާސްކުރި އިރުވެސް ދައުރާ މެދު ގޮތެއް ނުނިންމަ އެވެ. ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ވިދާޅުވީ ގާނޫނުއަސާސީ އިސްލާހުކޮށްގެން ދައުރު އިތުރުކޮށްގެން ކުރިއަށް ދަނީ ކަމެއް ނުވަތަ އެހެން އިންތިޒާމެއްގެ ތެރެއިން ކައުންސިލަރުންގެ މަގާމުގައި ތިބި މީހުން ބައިތިއްބަނީ ކަމެއް ނުވަތަ އާ ބަޔަކު އަންނަނީ ކަމެއްވެސް ސާފުނުވާ ކަމަށެވެ. އެކަމާ ގުޅޭ ގޮތުން އަދި އެއްވެސް ނިންމުމެއް ނިންމިފައި ނުވާ ކަމަށް ހިސާން ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެ ބިލު މިހާރު ބައްޓަން ކުރަން ޖެހޭނީ ގާނޫނުއަސާސީ އިސްލާހުވެގެން ކައުންސިލަރުންގެ މުއްދަތު އިތުރުވެގެން ދިޔަކަމުގައި ވީ ނަމަވެސް، ނުވަތަ ބަޔަކު އައްޔަނު ކުރި ކަމުގައި ވީ ނަމަވެސް އެންމެނަށް އެޕްލައިކުރެވޭ ގޮތަށް ކަމަށެވެ. މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ވިދާޅުވީ އެ ބިލު މަޖިލީހަށް ހުށަހެޅީ ކީއްކުރަންތޯ ސުވާލު އުފެދޭ ކަމަށެވެ. "މި ގާނޫނު އައީ ކީއްކުރަންތޯ. ހަމައެކަނި ބާރުތައް ހަނިކުރަން ތޯ. މި ގާނޫނު މިހިސާބަށް ވުޖޫދުވެގެން މި އައީ ކޮންބޭނުމަކުތޯ؟ އެއީ އަޅުގަނޑުގެ ސުވާލަކީ." މުހައްމަދު ރަޝީދު ވިދާޅުވި އެވެ. ލާމަރުކަޒީ ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން --- ފޮޓޯ/ މަޖިލިސް ކޮމިޓީގެ މުގައްރިރު ހުޅުމާލޭ ދާއިރާގެ މެމްބަރު އަލީ ނިޔާޒު ވިދާޅުވީ ގާނޫނުއަސާސީ ފާސްނުވި ނަމަވެސް، ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލުތަކަށް މީހުން އައްޔަން ކުރުމުގެ ބާރު ލޯކަލް ގަވަމެންޓް އޮތޯރިޓީއަށް ލިބިފައިވާ ކަމަށެވެ. ކޮމިޓީއަށް މީގެ ކުރިން ބަންޑާރަ ނައިބު އަދި މަޖިލީހުގެ ކައުންސިލަ ޖެނެރަލްވެސް ލަފާ ދެއްވާފައިވަނީ އެ ބިލުން ކައުންސިލަރުންގެ ދައުރު ދިގު ދެއްމުން ގާނޫނުއަސާސީއާ ހިލާފު ކަމަށެވެ. ހަސަން ލަތީފު ހުށަހެޅުއްވި ބިލަށް ކޮމިޓީއިން ބޮޑެތި އިސްލާހުތަކެއް ގެނަ އެވެ. އެގޮތުން ދައުރު ހަމަވުމަށް ފަހު ދެން ތިބޭނީ ވަގުތީ ކައުންސިލަރުން ކަމަށް ބިލުގައި ވަނީ ކަނޑައަޅާފަ އެވެ. އަދި ލާމަރުކާޒީ ގާނޫނުގެ ދަށުން މިހާރު ކައުންސިލުތަކަށް ލިބިދޭ ބައެއް ބާރުތައް ވަގުތީ ކައުންސިލުތަކަށް ނުލިބޭ ގޮތަށް ބިލުގައި ވަނީ ހިމަނާފަ އެވެ. "އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ލިބިދީފައިވާ ބާރުތަކުގެ ތެރެއިން ކައުންސިލުގެ ބެލުމުގެ ދަށުގައިވާ ނުވަތަ ކައުންސިލުގެ އިހުތިސާސް ހިމެނޭ ބިމެއް ނުވަތަ އިމާރާތެއް ނުވަތަ ރައުސުލްމާލެއް. ވިއްކުމާއި ހަމަސް ދުވަހަށް ދިގު މުއްދަތަކަށް ކުއްޔަށް ދިނުމާއި. އެހެން ފަރާތަކަށް އަގެއް ނުލިބޭގޮތަށް ދިނުމާއި ނުވަތަ ހަވާލު ކުރުމާއި. ކައުންސިލު ޒިންމާވާގޮތަށް ދަރަންޏަށް ފައިސާ ނެގުމާއި. ދަރަންޏަށް ފައިސާ ދިނުމާއި. އާންމު ހިދުމަތްތައް ދިނުމަށް އިންވެސްޓް ކުރުމާއި. ރައްޔިތުންގެ ނަމުގައި ހުރި ފައިސާއިން ހަރަދު ކުރުމާއި. ސަޕްލިމެންޓްރީ ބެޖެޓް ފާސް ކުރުމާއި ކައުންސިލުގެ އިދާރާގެ އޮނިގަނޑަށް ބަދަލު ގެނައުމާއި. ކައުންސިލަށް މުވައްޒަފުން ލުމާއި ވަކިކުރުމުގެ ކަންކަން ކުރަންވާނީ އެލްޖީއޭގެ ހުއްދަ ހޯދުމަށް ފަހު އެވެ." އިސްލާހު ކުރި ބިލުގައި ބުނެފައިވެ އެވެ. ކައުންސިލުގެ ދައުރު ހަމަވެ ވަގުތީ ކައުންސިލެއް އޮންނަ އިރު ކައުންސިލަރުންގެ ބަދަލުގައި ކައުންސިލާ ހަވާލުވެ ތިބި ފަރާތްތައް އެގޮތަށް މުހާތަބު ކުރަން ޖެހޭ ކަމަށް ދެކި މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ބިލަށް އިސްލާހު ހުށަހެޅުއްވި އެވެ. ނަމަވެސް އެ އިސްލާހު ފާހެއް ނުވެ އެވެ. ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ވިދާޅުވީ ގާނޫނުއަސާސީ އިސްލާހުކޮށްގެން ކައުންސިލަރުންގެ ދައުރު ދައްމައިފި ނަމަ ކިޔަން ޖެހޭނީ ކައުންސިލަރުން ކަމަށެވެ. ބިލު ފާސްވީ ކޮމިޓީގެ ހަތް މެމްބަރުންގެ ވޯޓާ އެކު އެވެ. ކައުންސިލުތަކުގެ ދައުރާ ދިގު ދެއްމުމަށް ގާނޫނުއަސާސީއަށް ހުށަހެޅި އިސްލާހު މަޖިލީހުގައި ވަނީ ފުރަތަމަ ކިޔުން އިއްވާފަ އެވެ. އެ ބިލުގެ މަސައްކަތް އީދު ތެރޭގައި ކުރިއަށް ދާނެ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ ވިދާޅުވެފައިވެ އެވެ.
ކައުންސިލަރުންގެ ދައުރާ މެދު ގޮތް ނުނިންމާ ކޮމިޓީއިން ބިލު ފާސްކޮށްފި