news
stringlengths
242
32.4k
Title
stringlengths
6
118
މިދުވަސްވަރަކީ ރާއްޖޭގެ އެކިސަރަހައްދުތަކަށް އިރުވައި މޫސުމުގެ އޮއިވަރު ބާރު ދުވަސްވަރެއް ކަމަށް ފާހަގަކުރެވޭތީ، ހިނގާފާނެ ނުރައްކާތެރި ހާދިސާއަކުން ސަލާމަތްވުމަށްޓަކައި ހާއްސަ ސަމާލުކަމެއް ދެއްވުމަށް އެމްއެންޑީއެފް އިން އިލްތިމާސްކޮށްފި އެވެ. އެމްއެންޑީއެފް އިން ބުނީ، އޮއިވަރު ގަދަވުމުގެ ސަބަބުން ކަނޑުމަތީގައި ތަފާތު ނުރައްކާތެރި ހާދިސާތަކާއި ޑައިވަރުންނާއި ސްނޯކްލިންގއަށް ގޮސް އުޅޭ ފަރާތްތައް އޮޔާ ގޮސް ނުފެންނަކަމުގެ ރިޕޯޓްތައް އެ މުއަސަސާއަށް ލިބެމުން އަންނަ ކަމަށެވެ. "މޫދު ކުޅިވަރު ކުޅުއްވާ ފަރާތްތަކުން ލައިފް ޖެކެޓް އަޅުއްވައިގެން ތިއްބެވުމަށާއި ލައިފް ގާޑުން އަދި ލައިފް ބޯޓް އުޅަނދުފަހަރުން މީހުންނަށް ފަސޭހައިން އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތަކަށް އިންތިޒާމް ހަމަޖެއްސުމަށް ދަންނަވަން. އަދި ޑައިވް ކުރައްވާ ފަރާތްތަކުން ޑައިވް ކުރުމަށް ހެދިފައިވާ ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތަށް ޑައިވް ކުރެއްވުމަށް އިލްތިމާސް ކުރަން،" އެމްއެންޑީއެފް އިން ބުންޏެވެ. އެމްއެންޑިއެފް އިން ބުނީ، ސަލާމަތީގޮތުން މިފަދަ ކަންކަމުގައި އިތުރު ފިޔަވަޅުތައް އެޅުމަށާއި ހެދިފައިވާ ގަވާއިދުތަކަށް ފުރިހަމައަށް އަމަލު ކުރުމަކީ މިފަދަ ހާދިސާތައް ކުރުމަށް އެޅޭ ވަރަށް ބޮޑު ބާރެއް ކަމަށެވެ. އަދި އެފަދަ ކަންކަމަކީ އެންމެންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅިފައިވާ ކަންކަމަށްވާތީ ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުން ދިނުމަށްވެސް އެމްއެންޑީއެފް އިން އިލްތިމާސް ކުރިއެވެ. އެމްއެންޑީއެފް އިން އެގޮތަށް އިލްތިމާސް ކުރިއިރު، މިއަދު ޕެރަޑައިސް އައިލެންޑް ރިސޯޓުގައި ސްނޯކްލިންއަށް ދިޔަ ފަތުރުވެރިއަކު ވަނީ ގެނބިގެން މަރުވެފައެވެ. އަދި މިދިޔަ ދެ ދުވަހު ތިން މީހަކު ގެއްލިގެން ވަނީ ހޯދާފައެވެ. މިހާރު އެ ތިން މީހުންވެސް ވަނީ ފެނިފައެވެ.
އިރުވައި މޫސުމުގެ ބާރުއޮއިވަރަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
ހުޅުމާލޭގައި މިއަދު ހެނދުނު ހިނގި މާރާމާރީއާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފި އެވެ. ފުލުހުން މިއަދު ބުނީ ހުޅުމާލޭގައި ހިންގި މަރާމާރީއެއްގެ މައުލޫމާތު ފުލުހުންނަށް ލިބުނީ މިއަދު މެންދުރު 12:18ގައި ކަމަށެވެ. އަދި އޭގެ ގަޑިއެއްހާ އިރު ފަހުން އެ މައްސަލައިގެ ތުހުމަތަށް ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ހުޅުމާލެގައި ހިންގި މަރާމާރީއާ ގުޅިގެން އަނިޔާވި ދެ ކުއްޖަކަށް ހުޅުމާލޭ ހޮސްޕިޓަލުން ވަނީ ފަރުވާދީފަ އެވެ. ހުޅުމާލޭ ހޮސްޕިޓަލްގެ މީޑިއާ އޮފިޝަލު އާސިޔާ ސޯލިހް ވިދާޅުވީ، އެ މާރާމާރީގައި އަނިޔާވެގެން ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ 17 އަހަރުގެ ދެ ކުއްޖެއް ކަމަށާއި އޭގެ ތެރެއިން އެއް ކުއްޖެއްގެ ހާލު ސީރިއަސް ކަމަށެވެ. އަނިޔާވެގެން ގެންގޮސްފައި ވަނީ އައްޑޫ ސިޓީއަށް ނިސްބަތްވާ ކުއްޖަކާއި ގދ. ރަތަފަންދޫ ކުއްޖެއް ކަމަށް އާސިޔާ ވިދާޅުވި އެވެ. އޭގެ ތެރެއިން އިމަޖެންސީގައި ފަރުވާ ދެމުން އަންނަނީ ރަތަފަންދޫ ކުއްޖާ އަށް ކަމަށް އާސިޔާ ވިދާޅުވި އެވެ. އަދި އަނެއް ކުއްޖާއަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާއިރު އޭނާއަށް ފުރުވާ ދެމުން ދަނީ ޑްރެސިން ރޫމްގައި ކަމަށް ވެސް އާސިޔާ ވިދާޅުވި އެވެ. މިދިޔަ ހޯމަ ދުވަހުގެ ރޭގައި ވެސް ހުޅުމާލޭގައި ވަނީ ދެ މާރާމާރީއެއް ހިންގައި ދެ މީހަކު ޒަހަމް ކޮށްލައިފަ އެވެ. ނަމަވެސް އެ ދެ މީހުނަށް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެ އެވެ.
ހުޅުމާލޭ މާރާމާރީއާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފި
ގަވައިދާ ޚިލާފަށް ޕާކްކުރާ އުޅަނދުތަކުގައި ސްޓިކާ ޖެހުން ފުލުހުން ހުއްޓާލައިފި އެވެ. ދައުލަތުގެ މީޑިއާ ޕީއެސްއެމް އަށް މިއަދު ދެއްވި އިންޓަވިއު އެއްގައި އެކްޓިން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު (އެމްސީ ހަމީދު) ވިދާޅުވީ، ސަރުކާރުން ސްޓިކާ ނުޖެހުމަށް އަންގާފައިވާތީ، ގައިވާދާ ޚިލާފަށް ޕާކްކުރާ އުޅަނދުތަކުގައި ސްޓިކާ ޖެހުން މިހާރު ފުލުހުން ހުއްޓާލައިފާވާ ކަމަށެވެ. ޕާކް ކުރާނެ ތަނެއް ނުދައްކައި ސްޓިކާ ނުޖަހާނެ ކަމަށް ރިޔާސީ ކެމްޕެއިން ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ވިދާޅުވެފައެވެ. ހަމީދު ވިދާޅުވީ، އުޅަނދު ޕާކްކުރެވޭނެ އެކަށީގެންވާ އިންތިޒާމްތަކެއް ހަމަޖެއްސުމާއި، އުޅަނދުތައް ރާއްޖެ އެތެރެކުމާއި ގެންގުޅުމުގެ އުސޫލުތަކުގައި މައްސަލަތަކެއް އެބަހުރިކަމަށެވެ. އަދި އެފަދަ މައްސަލަތައް ހުރުމުން ޕާކްކުރާނެ ޖާގަ ތަނަވަސްކޮށްނުދީ ފުލުހުން ނިކުމެ ސްޓިކާ ޖެހުމަކީ ގަބޫލުކުރެވޭ އުސޫލެއް ނޫންކަމަށް އެނާ ވިދާޅުވި އެވެ. "ދައުލަތުން ޕާކްކުރެވޭނެ މަގު ފަހިކޮށްފައި އޮންނަންޖެހުމާއި، އުޅަނދު އެތެރެކުރުމާއި، ގެންގުޅުމުގެ އުސޫލުގައި މައްސަލަތައް ހުންނައިރު އަމުދުން ޕާކްކުރާނެ ޖާގަ ނުހުންނައިރު ފުލުހުން ނިކުމެ ސްޓިކާ ޖެހުމަކީ ރައްޔިތުންގެ މަސްލަހަތު ނެގެއްޓުންކަމަކަށް ގަބޫލެއް ނުކުރެވޭ،" ހަމީދު ވިދާޅުވި އެވެ. ގަވާއިދާ ޚިލާފަށް ޕާކްކުރާ އުޅަނދުތަކުގައި ސްޓިކާ ޖެހުން ހުއްޓާލާފައިވާއިރު، އުޅަދުތައް ޕާކް ކުރާނެ އިތުރު ތަންތަނާއި ޕްލޭންތަކެއް ހަދަން ފަށާއިފައިވާ ކަމަށް މީގެ ކުރިން ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ ވަނީ ވިދާޅުވެފައެވެ. ނިމިދިޔަ ސަރުކާރާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ފުރަތަމަ ދުވަސްކޮޅު ގަވާއިދާ ހިލާފަށް ޕާކް ކުރާ އުޅަނދުތައްކުގައި ދިޔައީ ސްޓިކާ ޖަހަމުންނެވެ. ފުރަތަމަ ސްޓިކާއަށް 250 ރުފިޔާ ޖޫރިމަނާ ކުރާ އިރު ދެން ޖަހާ ކޮންމެ ސްޓީކާ އަކަށް 750 ރުފިޔާ ޖޫރިމަނާ ކުރެއެވެ.
ގަވައިދާ ޚިލާފަށް ޕާކްކުރާ އުޅަނދުތަކުގައި ސްޓިކާ ޖެހުން ހުއްޓާލައިފި
މުއާސަލާތީ ކުންފުނި، ދިރާގުގުން ހައިސްޕީޑް ފައިބާ އިންޓަނެޓްގެ ހިދުމަތް ރ. އަލިފުއްޓާއި ފ. ނިލަންދުއަށް މިއަދު ރަސްމީކޮށް އިފްތިތާހު ކޮށްފިއެވެ. ދިރާގުން ބުނީ ފައިބާ އިންޓަނެތްގެ ހިދުމަތް މުޅި ރާއްޖެއަށް ފުޅާ ކުރުމުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރަމުންދާ ކަމަށެވެ. އެގޮތުން 2016 ވަނަ އަހަރުން ފެށިގެން މިއަހަރުގެ މިހާތަނަށް ރާއްޖޭގެ އާބާދީގެ 70 ޕަސަންޓަށްވުރެ ބޮޑު ބަޔަކަށް އެ ކުންފުނީގެ ހައިސްޕީޑް ފައިބާ އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދީފައިވާ ކަމަށް އެކުންފުނިން ބުންޏެވެ. "ދިރާގުން އަބަދުވެސް ބަލަނީ ކަސްޓަމަރުންނަށް ދެވޭނެ ލުއި ފަސޭހަގޮތްތައް ހޯދައި ދެމުން. އެގޮތުން އިނޮވޭޝަނާއި ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަސްޓަމަރުންގެ ތަޖުރިބާ ރަނގަޅުކުރުމަށް އަބަދުވެސް މި ކުންފުނިން މަސައްކަތް ކުރިއަށް ގެންދާނެ،" ދިރާގުން ބުންޏެވެ. ފައިބާ ބްރޯޑްބޭންޑަކީ ބްރޯޑްބޭންޑްގެ ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުން ކުރެވޭ ފަހުގެ ޓެކްނޮލޮޖީ އެވެ. ދިރާގު ފައިބާ ބްރޯޑްބޭންޑްގެ ހިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ހަލުވި ސްޕީޑް، 100 އެމްބީޕީއެސް އަދި އެންމެ ބޯޑު އެލެވެންސް ކަމުގައިވާ އެއް ޖީބީ ޕެކޭޖް އެކުލެވިގެންވާ ހިދުމަތެއް ކަމަށް އެކުންފުނިން ބުންޏެވެ. އަދި މިއަދު އަލަށް ތައާރަފް ކުރި ދެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިތަކަށް މި ހިދުމަތް ފުރިަހަމަށް ލިބިގެން ދާނެ ކަމަށް ދިރާގުން ބުންޏެވެ.
ދިރާގު ހައިސްޕީޑް ފައިބާ އަލިފުއްޓާއި ނިލަންދުއަށް ތައާރަފްކޮށްފި
ކުރީގެ އުއްތަމަ ފަނޑިޔާތު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ހަމީދު މުހައްމަދު އަދި ކުރީގެ ޖުޑިޝަލް އެޑްމިނިސްޓްރޭޓާ ހަސަން ސައީދު ހުސައިންގެ ކޮރަޕްޝަންގެ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ފޮނުވައިފި އެވެ. އެ ތިން ބޭފުޅުންނަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލަތައް އޭސީސީ އަށް ފޮނުވީ ޖުޑީޝަލް ޑިޕާޓްމަންޓް އޮފް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިންނެވެ. އެއީ އެ ޑިޕާޓްމަންޓުން ހިންގި އިންޓާނަލް އޮޑިޓަކުން ފާހަގަވި މައްސަލަތަކެެވެ. އެދަފަ މައްސަލައެއް އޭސީސީ އަށް ހުށަހަޅައިފައިވާ ކަން އެކޮމިޝަން އިން "ސަން" އަށް ވަނީ މިރޭ ކަށަވަރު ކޮށްދެއްވާފަ އެވެ. ނަމަވެސް އެ މަައްސަލައިގެ އިތުރު ތަފްސީލެއް އެ ކޮމިޝަން އިން ނުދެއެވެ. އިންޓާނަލް އޮޑިޓް ރިޕޯޓުގެ މައުލޫމަތު އެނގޭ މީހަކު "ސަން" އަށް ކިޔާ ދިން ގޮތުގައި ހައި ކޯޓުގެ ނަމުގައި އެ ކޯޓަށް ނޭނގި ޑީޖޭއޭ އިން ދުވާ މެޝިނެއް ގަނެފައިވާ މައްސަލައެއް ވެސް ވަނީ އޭސީސީއަށް ހުށަހަޅާފައެވެ. އެ މައްސަލާގައި ތުހުމަތު ކުރެވޭނީ އަބްދުﷲ ސައީދަށެވެ. "ހައިކޯޓުން ބުނަނީ ދުވާ މެޝިނެއް ނުގަންނަ ކަމަށް. އަދި ދުވާ މެޝިނެއް ގަންނަން އެދިފައި ނުވާނޭ. ފަހުން ދުވާ މެޝިން ހޯދިއިރު ފެނިފައި ވަނީ ސުޕްރީމް ކޯޓުގައި ހުންނަ އަބްދުﷲ ސައީދުގެ ކޮޓަރިން،" އޭނާ ބުންޏެވެ. ކުރީގެ އުއްތަމަ ފަނޑިޔާރު ސައީދު: އޭނާ ގެ މައްޗަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލައެއް ޑީޖޭއޭ އިން ވަނީ އޭސީސީ އަށް ހުށަހަޅައިފަ -- ސަން ފައިލް ފޮޓޯ/ މުހައްމަދު އަފްރާހް އޭނާ ބުނިގޮތުގައި ފިނޭންސް މިނިސްޓްރީން ހުއްދަ ނުދެނީސް އަދި ބިޑު ކުރުމެއް ނެތި، ހުޅުމާލޭގައި ސިވިލް ކޯޓުގެ ޑިވިޝަނެއް ގާއިމް ކުރުމަށް ވިމްލާ ކޮންސްޓްރަކްޝަން ކުންފުންޏަށް ހަވާލުކުރި މައްސަލައެއް ވެސް ވަނީ ހުށަހަޅާފައެވެ. އެ މައްސަލާގައި ތުހުމަތު ކުރެވެނީ ހަސަން ސައީދާއި އަލީ ހަމީދުގެ މައްޗަށެވެ. "ފިނޭންސް މިނިސްޓްރީގައި ޑީޖޭއިން އެދުނީ މަސައްކަތް އަވަސް ކުރަން ޖެހޭ ކަމަށް. ނަމަވެސް ފިނޭންސް މިނިސްޓްރީން ޖަވާބު ނުދިނުމުން ޑީޖޭއޭ އިން ވަނީ މައްސައްކަތް ވިމްލާ ކޮންސްޓަރަކްޝަނާ ހަވާލުކޮށްފަ،" ޑީޖޭއޭ އިން އޮޑިޓް އިން ފާހަގަވި ބައެއް ކަންތައް ކިޔައި ދެމުން އޭނާ ބުންޏެވެ. އެ މަސައްކަތް ކުރުމުގެ ހުއްދަ ފިނޭންސް މިނިސްޓްރީން ދިނުމުގެ ކުރިން އެ މަސައްކަތް ވަނީ ހަވާލުކޮށްފައި ކަމަށް ވެސް އޭނާ ބުންޏެވެ. ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ހަމީދު މުހައްމަދު: އޭނާ ގެ މައްޗަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލައެއް ޑީޖޭއޭ އިން ވަނީ އޭސީސީ އަށް ހުށަހަޅައިފަ ---- ފޮޓޯ/ ރައީސް އޮފީސް އޭނާ ބުނީ، ފިނޭންސް މިނިސްޓްރީގެ ހުއްދަ ނެތި އެއްބަސްވުމުގައި ސޮއިކުރުމަށްފަހު، ޖެހިގެން އައި ދުވަހު ވިމްލާ ކޮންސްޓްރަކްޝަނުން އެދުނު އެދުމެއްގެ މަތިން އެއް މިލިއަން ރުފިޔާ އެ ކުންފުންޏަށްދީފައިވާ ކަމަށެވެ. ޑީޖޭއޭގެ ކުރީގެ ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ހަސަން ސައީދު: އޭނާ ގެ މައްޗަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލައެއް ޑީޖޭއޭ އިން ވަނީ އޭސީސީ އަށް ހުށަހަޅައިފަ -- ސަން ފައިލް ފޮޓޯ/ ފަޔާޒް މޫސާ އެބޭފުޅުންގެ ތެރެއިން އަބްދުﷲ ސައީދާއި އަލީ ހަމީދަށް ވަނީ ދެ ހުކުމެއް ކޮށްފައެވެ. އަލީ ހަމީދުގެ މައްޗަށް ކުރި އެއް ހުކުމް ބާތިލް ކޮށްފައިވާ އިރު އަބްދުﷲ ސައީދު އަށް ކުރި ދެ ހުކުމްވެސް ދެމި އެބައޮތެވެ. އަލީ ހަމީދުގެ މައްޗަށް އަދުލު އިންސާފު ގާއިމުކުރަން ހުރަސް އެޅުމުގެ ދައުވާ ސާބިތުވުމާ ގުޅިހެން ކުރިމިނަލް ކޯޓުން ކުރި އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމް ހައިކޯޓުން މިދިޔަ މަހު ވަނީ ބާތިލު ކޮށްފައެވެ. ފަނޑިޔާރުންތަކަކަށް ނުފޫޒު ފޯރުވި މައްސަލާގައި އަބްދުﷲ ސައީދާއި އަލީ ހަމީދު ޖަލަށްލާން ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ހައިކޯޓުން ވަނީ ތާއީދު ކޮށްފައެވެ. އަދި އެ މައްސަލަ އެ ދެބޭފުޅުންގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން، ހައި ކޯޓުން މައްސަލަ ބަލައިފައިވަނީ ރަނގަޅަށް ކަމަށް ވާތީ އިތުރަށް އެމައްސަލަ ބަލަން ނުޖެހޭ ކަމަށް ސުޕްރީމް ކޯޓުން ވަނީ މިދިޔަ ޖޫން މަހު ނިންމާފައެވެ. އަބްދުﷲ ސައީދުގެ މައްޗަށް ކުރި ދެވަނަ ހުކުމަކީ ޖެމްސް ސިސްޓަމް ސުޕްރީމް ކޯޓުގައި ހުއްޓުވާލަން އެންގި މައްސަލާގައި ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމެވެ. އަދި ހައިކޯޓުން ވެސް އެހުކުމަށް ވަނީ ތާއީދު ކޮށްފައެވެ. އަދި އޭގެ އިތުރުން ހަސަން ސައީދަށް ވަނީ ގާނޫނު ހިންގުމަށް ހުރަސް އެޅުމުގެ ދައުވާ ސާބިތުވެ ހަތަރު މަހާއި 24 ދުވަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފައެވެ. އެހުކުމްގެ މުއްދަތު ހަަމަވެ އޭނާ މިހާރު ވަނީ މިނިވަން ވެފައެވެ.
އަބްދުﷲ ސައީދު، އަލީ ހަމީދު އަދި ހަސަން ސައީދުގެ މައްސަލަތަކެއް އޭސީސީއަށް ފޮނުވައިފި
ޕެރަޑައިސް އައިލެންޑް ރިސޯޓުގައި ސްނޯކްލިންއަށް ދިޔަ ފަތުރުވެރިއަކު ގެނބިގެން މަރުވެއްޖެއެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިއަދު 17:07 އެހައިކަންހާއިރު، ޕެރަޑައިސް އައިލެންޑް ރިސޯޓުގައި ސްނޯކްލިންއަށް ގޮސް އުޅެނިކޮށް ގެނބިގެން މަރުވީ 66 އަހަރުގެ ކޮރެއާ އަންހެނެއް ކަމަށެވެ. ގެނބުމާއެކު އޭނާ ވަނީ ވަގުތުން އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައެވެ. އޭނާ މަރުވީ ކޮންއިރަކު ކަމެއް ސާފެއް ނުވެއެވެ.
ސްނޯކްލިންއަށް ގޮސްއުޅުނު ފަތުރުވެރިއަކު މަރުވެއްޖެ
ކެތުރީން މަޔޯގާގެ ވަކީލު ލަންޑަނަށް ގޮސް ކްރިސްޓިއާނޯ ރޮނާލްޑޯގެ ކުރީގެ ލޯބިވެރިއެއް ކަމަށް ބުނާ އަންހެނަކާ ބައްދަލު ކޮށްފިއެވެ. މީގެ ދިހަ އަހަރު ކުރިން ލަސް ވެގަސްގެ ހޮޓަލެއްގައި މަޔޯގާ ނަމަކަށް ކިޔާ އަންހެނެއް ރޭޕް ކުރިކަމަށް ބުނާ މައްސަލައެއް ފެންމަތިވެ އެ ވާހަކަތައް ދަނީ އަޑުގަދަ ވަމުންނެވެ. މި އަމަލު ރައްދުވާ ފަރާތަކީ ދުނިޔޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު އެއް ފުޓުބޯޅަ ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. ކްރިސްޓިއާނޯ ރޮނާލްޑޯގެ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރިއިން ނަމަވެސް ރޮނާލްޑޯ މީގެ ކުރީން ވަނީ އެތައް ފަހަރެއްގެ މަތިން މި ތުހުމަތުތައް ދޮގުކޮށްފައެވެ. އޭނާ ބުނާ ގޮތުގައި އޭނާ ރޭޕް ކުރި ކަމަށް ބުނާ އަންހެން މީހާއާ އެކު ހިންގި ގުޅުމެއް ހިންގީ ދެމީހުން ރުހިގެންނެވެ. ޖަރުމަނުގެ ނޫހެއް ކަމަށްވާ ޑާ ސްޕައިގަލް އިން މަޔޯގާގެ ވާހަކަތައް ރިޕޯޓު ކުރުމާއި ގުޅިގެން މި މައްސަލަ އިތުރަށް ގޯސްވެ ކޯޓުގައި މައްސަލައިގެ އަޑު އެހުންތައް ވަނީ ކުރިއަށް ދާން ފަށައިފައެވެ. މި މައްސަލަ ސާބިތު ކުރުމަށްޓަކައި ކެތުރީން މަޔޯގާގެ ވަކީލު ވެސް ދަނީ ގިނަ މަސައްކަތް ތަކެއްކުރަމުންނެވެ. ކްރިސްޓިއާނޯ ރޮނާލްޑޯ އެގޮތުން ރޮނާލްޑޯގެ ކުރީގެ ލޯބިވެރިއެއް ކަމަށް ދައުވާ ކުރާ އަންހެނަކާއި ބައްދަލު ކުރަން އޭނާ ލަންޑަނަށް ވެސް ވަނީ އައިސްފައެވެ. ޖޭސްމީން ލެނާޑް ނަމަކަށް ކިޔާ އެ އަންހެން މީހާއަކީ ބްރިޓިޝް މޮޑެލްއެއްގެ އިތުރުން ރިއަލިޓީ ޓީވީ ސްޓާރެކެވެ. އެމެރިކާގެ ފުލުހުން މީގެ ދުވަސް ކޮޅެއް ކުރިން ރޮނާލްޑޯގެ ޑީއެންއޭގެ ސާމްޕަލްއެއް ދިނުމަށް ވަނީ އެދިފައެވެ. އަދި މި މައްސަލައިގައި ރޮނާލްޑޯގެ ވަކީލު ވަނީ އެކަމުގެ އެއްބާރުލުން ރޮނާލްޑޯ ދޭނެކަމަށް ބުނެފައެވެ. އޭނާ ވަނީ ރޮނާލްޑޯއާ މަޔޯގާ ގުޅުން ހިންގީ ދެފަރާތުން ރުހިގެން ކަމަށް ރޮނާލްޑޯ މީގެ ކުރިންވެސް ބުނެފައިވާކަން ފާހަގަކޮށް، މަޔޯގާގެ ހަށިގަނޑުން ފެނުނު ޑީއެންއޭ ރޮނާލްޑޯގެ ޑީއެންއޭއާ މެޗު ވާނެ ކަމަށް ބުނެފައެވެ. އިޓަލީގެ ޔުވެންޓަސްއަށް މިހާރު ކުޅެމުން އަންނަ ރޮނާލްޑޯއަކީ ދުނިޔޭގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާއަށްދޭ ބެލޮންޑިއޯ އެވޯޑު ފަސް ފަހަރު ހޯދާފައިވާ ކުޅުންތެރިޔެކެވެ.
ރޭޕްކުރި ކަމުގެ ހެކި ހޯދަން މަޔޯގާގެ ވަކީލު ރޮނާލްޑޯގެ ކުރީގެ ލޯބިވެރިޔާ ގާތަށް!
ރ. ވަންދޫ ކައިރިއަށް ހުއިފިލަނޑާ ނަގަން ފައިބައިގެން އުޅެނިކޮށް ގެއްލުނު މީހާ ފަޅު ރަށަށް ދިޔައީ، އޮޔާ އެއްކޮޅަށް ފަތާފައި ކަން އެނގިއްޖެ އެވެ. މިއަދު "އަންބަރާ" ނަމަކަށް ކިޔާ ދޯންޏަކުން، އިންނަމާދޫ ކައިރީގައި އޮންނަ، ވަންދޫގެ ހުޅަނގު ފަރާތަށް އެރި އުޅެނިކޮށް ގެއްލިގެން ހޯދީ ރ. ދުވާފަހު، ފެހިހިޔާގެ، އަބްދުﷲ އާދަމް، 32، އެވެ. ހެނދުނު 8:45 ގައި އޭނާ އިތުރު މީހަކާ އެއްކޮށް ޑައިވިންއަށް ފޭބި ފަހުން ވީ ގޮތެއް ނޭނގިގެން ހޯދި އިރު އޭނާ ފެނުނީ، ވަންދޫއާ 10 ކިލޯމީޓަރު ދުރުގައިި އޮންނަ ފަޅުރަށެއް ކަމަށްވާ ދިއްކުރެންދޫއިންނެވެ. ވަންދޫއާ ފުދޭވަރަކަށް ދުރުގައި ހުރި ތަނަކުން އޭނާ ފެނުމުން އޭނާ އެތަނަށް ދިޔަ ގޮތާ މެދު ގިނަ ބައެއްގެ ހިތްތަކުގައި ވަނީ ސުވާލު އުފެދިފަ އެވެ. ދުވާފަރު ކައުންސިލުގެ ރައީސް އިބްރާހިމް ނަސީރު "ސަން"އާ ވާހަކަ ދައްކަމުން ބުނީ، ޑައިވިންއަށް ފައިބައިގެން އުޅެނިކޮށް އާދަމް ގެއްލުނީ، މާ ބޮޑަށް އޮއި ގަދަވުމުގެ ސަބުބުން، އޮޔާ އެއްކޮޅަށް ދޯންޏާ މާ ބޮޑަށް އޭނާ ދަމާލުމުން ކަމަށެވެ. ރ. އަތޮޅު ދިއްކުރެންދޫ އާއި ވަންދޫއާ ދޭތެރޭގައި ގާތްގަނޑަކަށް 10 ކިލޯމީޓަރު އޮވޭ --- "މައުލޫމާތު ލިބުނު ގޮތުގައި ޑައިވިންއަށް ފޭބީ ދެކުދިން އެއްކޮށް ކަމަށް ވަނީ. ދެން ފައިބާފައި ދެކުދިންވެސް ދެ ސަރަހައްދަކަށް ވަކިން، އަޑީގައި ވަކިވެގެން ދިޔަ ކަމަށް ވަނީ އެނގޭތޯ. އޮއެވަރު ވަރަށް ގަދަ ކަމަށް މައުލޫމާތު ލިބެނީ،" އޭނާ ވިދާޅުވީ، އޭނާއަށް މައްޗަށް އެރުނީ ދޯންޏާ މާ ދުރުން ކަމަށެވެ. އަދި އޭނާއަށް އެރުނު ހިސާބުން ދޯންޏަށް އޭނާގެ އަޑު ނީވުނީ ކަމަށް ވިދާޅުވި އެވެ. "މައްޗަށް އެރި އިރުގައި ދޯނި އޮތީ މާ ދުރުގައި. މާ އިރުމަތީގައި އޮތީ. ގެއްލުނު ކުއްޖާއަށް އެރުނީ މާ ބޮޑަށް ހުޅަނގު ކޮޅުން. ދެން ދޯންޏަށް ގޮވައި ގޮވައި އަޑު ނީވިގެން އެތާ ކައިރީގައި އޮތީ ދިއްކުރެންދޫ ކަމަށްވާތީ ދިއްކުރެންދޫއަށް އެރީ،" އާދަމް ދޯންޏާ ދިމާލަށް ދާން މަސައްކަތް ކުރި ނަމަ ދާން ޖެހޭނީ އޮޔާ ދެކޮޅަށް ކަމަށް ނަސީރު ވިދާޅުވި އެވެ. އެހެން ކަމުން، މާބޮޑަށް ވަރުބަލިވެދާނެތީ އޮޔާ އެއްކޮޅަށް މަޑު މަޑުން ފަތާފައި ދިއްކުރެންދޫއަށް ދިޔައީ ކަމަށް ވިދާޅުވި އެވެ. އޭނާ ހޯދުމަށްޓަކައި ފުލުހުން ވެސް ބަލަމުންދިޔައީ އޮއިހުރި ކޮޅަށް ކަމަށް ނަސީރު ވިދާޅުވިއެވެ. "އޮއި ޖެހުނީ އިރުމަތިން ހުޅަނގަށް. އެހެން ކަމުން އޮޔާ އެއްކޮޅަށް ބަލަމުން ބަލަމުން ދަނިކޮށް، ގޮނޑިދޮށް މަތީގައި އޭނާ ހުރީމަ ގާތް ކުރީ. ގާތް ކުރި އިރު އޭނަ ކަމެއް ނޭނގޭ. ވަރަށް ކައިރިވި ފަހުން އެނގުނީ އޭނަކަން." ނަސީރު ވިދާޅުވި އެވެ. މިއަދު ހެނދުނު 12:00 ހާއިރު، ދިއްކުރެންދޫގައި ހުއްޓާ އާދަމް ފެނުނު އިރު ފުލުހުންގެ އިތުރުން އެމްއެންޑީއެފް ކޯސްޓްގާޑުންވެސް ދިޔައީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.
ގެއްލުނު މީހާ ފަޅު ރަށަށް ދިޔައީ އޮޔާ އެއްކޮޅަށް ފަތާފައި!
ކެންބެރާ (ޖެނުއަރީ 16): އޮސްޓްރޭލިއާއަށް 14 ކިލޯއަށް ވުރެ ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެ ކުރި މައްސަލައިގައި އެގައުމުން މެލޭޝިއާގެ މަލިންޑޯ އެޔާގެ ކުރޫ މެމްބަރަކު ހައްޔަރުކޮށްފި އެވެ. އޮސްޓްރޭލިއާގެ ފުލުހުން ބުނި ގޮތުގައި 38 އަހަރުގެ އެކުރޫ މެމްބަރަކީ މެލޭޝިއާއިން އެގައުމަށް މަސްތުވާތަކެތި ގެންދާ ގުރޫޕަކަށް ނިސްބަތްވާ މީހެކެވެ. އަދި ވިއެޓްނާމްގެ ބަޔަކު ހިންގާ އެގޭންގު އޮސްޓްރޭލިއާގައި މަސައްކަތް ކުރާތާ މިހާރު ފަސް އަހަރު ވެދާނެ ކަމަށް ފުލުހުން ލަފާ ކުރި އެވެ. އޮސްޓްރޭލިއާގެ ފުލުހުން ބުނި ގޮތުގައި އެގޭންގުން ވަނީ 14.5 މިލިއަން ޑޮލަރުގެ މަސްތުވާތަކެތި އެގައުމަށް ގަވާއިދާ ހިލާފަށް އެތެރެކޮށްފަ އެވެ. އެމައްސަލައާ ގުޅިގެން މިހާތަނަށް ހަތަރު އަންހެނުންނާއި ހަތަރު ފިރިހެނުން ވަނީ ހައްޔަރުކޮށްފަ އެވެ. "ކެބިން ކުރޫން ބޭނުން ކުރީ މަސްތުވާތަކެތި އެއް ތަނުން އަނެއް ތަނަށް ގެންދާ މީހުންގެ ގޮތުގަ. އެމީހުން އާއްމުކޮށް އޮސްޓްރޭލިއާއަށް ވަންނަމުން ދިޔައީ މެލްބަން އާއި ސިޑްނީން،" އޭއެފްޕީން ރިޕޯޓު ކުރި އެވެ. ބައެއް ނޫސްތަކުގައިވާ ގޮތުން ހައްޔަރު ކުރި ކުރޫ މެމްބަރު މަސްތުވާތަކެތި ގެންދިޔައީ އޭނާގެ ހަށިގަނޑުގަ އާއި ލަގެޖުގައި ފޮރުވައިގެންނެވެ. މަލިންޑޯ އެޔާއިން ވަނީ އެއެއާލައިންގެ މުވައްޒަފަކު ހައްޔަރުކޮށްފައިވާކަން ކަށަވަރުކޮށްދީފަ އެވެ. އަދި އެއެއާލައިނުން ތަހުގީގަށް އެއްބާރުލުން ދޭނެ ކަމަށާއި އެމައްސަލައިގައި ހައްޔަރު ކުރީ އެއްމެ ކުރޫ މެމްބަރެއް ކަމަށް ބުނެފަ އެވެ.
އޮސްޓްރޭލިއާއަށް މަސްތުވާތަކެތި އެތެރެ ކުރި މަލިންޑޯ އެޔާގެ މުވައްޒަފަކު ހައްޔަރުކޮށްފި
ތެހެރާން (ޖެނުއަރީ 16): އީރާނުގެ ދައުލަތުގެ މީޑިއާ، ޕްރެސް ޓީވީގައި މަސައްކަތް ކުރާ ނޫސްވެރިއަކު އެމެރިކާއިން ހައްޔަރުކޮށްފި އެވެ. ޕްރެސް ޓީވީން ބުނާ ގޮތުގައި އެފްބީއައި އިން މިދިޔަ އާދިއްތަ ދުވަހު ހައްޔަރު ކުރި މާޒިއާ ހާޝިމީ އަކީ އެމެރިކާގެ ރައްޔިތެކެވެ. އޭނާ ވަނީ އިސްލާމް ދީން ގަބޫލު ކުރުމަށް ފަހު 2008 ވަނަ އަހަރު އީރާނަށް ބަދަލުވެފަ އެވެ. ޕްރެސް ޓީވީން ބުނާ ގޮތުގައި ހާޝިމީ އެމެރިކާއަށް ދިޔައީ އާއިލާގެ މެމްބަރުންނާ ބައްދަލު ކުރުމަށެވެ. ނަމަވެސް އޭނާ އެއާޕޯޓެއް ދިޔަ ފަހުން ހަބަރެއް ނުވާ ކަމަށާއި، އޭނާ ހައްޔަރުކޮށްފައިވާ ކަން އެނގުނީ 48 ގަޑި އިރު ފަހުން ކަމަށް ބުނެފަ އެވެ. އެނޫހުން އިތުރަށް ބުނި ގޮތުގައި ހާޝިމީ ހައްޔަރު ކޮށްފައިވާ ޖަލުގައި އޭނާގެ ބުރުގާ ވަނީ ގަދަކަމުން ނަގައިފަ އެވެ. އަދި އޭނާ ނަމާދު ކުރުން ހުއްޓުވައި، ކާން ދެނީ ހަމައެކަނި އޫރު މަސް އަޅާފައިވާ ކާނާ ކަމަށް ޕްރެސް ޓީވީން ރިޕޯޓު ކުރި އެވެ. އޭގެ ސަބަބުން އޭނާ ދެ ދުވަސް ވަންދެން ކައިފައި ވަނީ ހަމައެކަނި ބިސްކޯދު ކަމަށް ވެސް އެނޫހުން ބުނެ އެވެ. ހާޝިމީ ހައްޔަރުކޮށްފައި ވަނީ އެމެރިކާ އާއި އީރާނުގެ ގުޅުން ގޯސްވެފައިވާ ދަނޑިވަޅެއްގަ އެވެ. އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕިއޯ މިމަހުގެ ކުރީކޮޅު މެދުއިރުމައްޗަށް ކުރެއްވި ދަތުރުފުޅެއްގައި އޭނާ ވަނީ އީރާނުން މެދުއިރުމަތީގެ ހަމަނުޖެހުން އުފައްދަން މަސައްކަތް ކުރާ ކަމަށް ތުހުމަތު ކުރައްވައިފަ އެވެ. އަދި މިދިޔަ އަހަރު އެމެރިކާއިން ވަނީ އީރާނުގެ ނިއުކްލިއާ އެއްބަސްވުމުން ވަކިވެ، އެގައުމާ ދެކޮޅަށް އަނެއްކާ ވެސް ދަތިކުރުމުގެ ފިޔަވަޅު އަޅައިފަ އެވެ.
އިރާނުގެ ޕްރެސް ޓީވީގައި މަސައްކަތް ކުރާ ނޫސްވެރިއަކު އެމެރިކާއިން ހައްޔަރުކޮށްފި
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް އެކަށީގެންވާ ބަޖެޓެއް ނުލިބުމުގެ ސަބަބުން އިންތިހާބުގެ ބައެއް ކަންކަމަށް ހުރަސްތަކެއް ކުރިމަތިވެދާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ. ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް 80 މިލިއަން ރުފިޔާގެ ބަޖެޓެއް ފުރަތަމަ ހިމެނި ނަމަވެސް ފަހުން އެ އަދަދަށް ވަނީ 9.2 މިލިއަން ރުފިޔާ އިތުރުކޮށްފަ އެވެ. އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު އަދި ތަރުޖަމާނު އަހުމަދު އަކްރަމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ބޭނުންވާ ފައިސާ ހޯދުމަށް ފިނޭންސް މިނިސްޓްރީއަށް ހުށަހެޅުމުން 9.2 މިލިއަން ރުފިޔާ އިތުރުކުރި ކަމަށް ބަޖެޓް ރިޕޯޓުގައި ހިމަނާފައި ނުވާ ކަމަށް ފިނޭންސް މިނިސްޓްރީން ޖަވާބު ދީފައިވާ ކަމަށް އަކްރަމް ވިދާޅުވި އެވެ. "މަޖިލިސް އިންތިހާބުގެ ބައެއް ކަންކަން ކުރުމަށް ދަތިތަކާއި ކުރިމަތިވާނެ. އަޅުގަނޑުމެން މި ބަލަނީ ސަރުކާރާ މަޝްވަރާ ކޮށްގެން އިތުރު ކުރި ބަޖެޓް ލިބޭނެ ގޮތެއް ވޭތޯ." އަކްރަމް ވިދާޅުވި އެވެ. ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް 123 މިލިއަން ރުފިޔާގެ ބަޖެޓެއް ބޭނުންވާ ކަމަށް ބަޖެޓް ދިރާސާ ކުރި އިރު އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ. ނަމަވެސް އެ އަދަދު އިތުރުކުރެވެން ނެތަތީ އެންމެ ކުޑަކޮށް އިތުރުކުރެވޭ ވަރަށް އިތުރުކޮށްދޭން އޭރު ބަޖެޓް ކޮމިޓީން ނިންމި އެވެ. މަޖިލިސް އިންތިހާބު އޮންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން އިއުލާނުކޮށްފައި ވަނީ އެޕްރީމް ހަ ވަނަ ދުވަހު އެވެ. މިހާރު އިލެކްޝަނުން ވަނީ އިންތިހާބުގެ ޓައިމްލައިން އާންމުކޮށްފަ އެވެ.
ބަޖެޓު ތާށިވެ، މަޖިލިސް އިންތިހާބަށް ހުރަސްތަކެއް!
ސަރުކާރުން ވެެފައިވާ ވައުދުތަކަކީ ކޮބައިކަން އެނގޭ ބަޔަކު އެމްޑީޕީ ނޫނީ ނެތް ކަމަށް އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. އެމްޑީޕީގެ ޕްރައިމެރީ އިވެންޓެއްގައި މިއަދު ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ ވައުދެއް ވަނީ ކީއްވެގެން ކަމާއި ވައުދަކީ ކޮބައިކަން އެނގޭ ޕާޓީއެއްވެސް އެމްޑީޕީ ނޫނީ ނެތް ކަމަށެވެ. "އެހެން ބަޔަކު މި ވައުދުތަކަކީ ކޮބާކަންވެސް އެނގޭ ބަޔަކު އަޅުގަނޑުމެންގެ ތެރެއަކު އެމްޑީޕީ ފިޔަވައި ނެތް. ވައުދެއް ވަނީ ކީއްވެގެންކަންވެސް ވައުދަކީ ކޮބާކަންވެސް އަޅުގަނޑުމެންގެ ތެރޭގައި އެހެން ސިޔާސީ ޕާޓީތަކަކަށް މާބޮޑަކަށް ސާފެއް ނުވާނެ." ނަޝީދު ވިދާޅުވި އެވެ. ނަޝީދު ވިދާޅުވީ "ވައުދަކީ އިޝްގީ ކަމެއް ނޫން" ކަމަށެވެ. ވައުދަކީ ރައްޔިތުންގެ އެދޭ ކަންކަން ފުއްދުމަށްޓަކައި، ރައްޔިތުންގެ ކައިރީ އަހައިގެން ވާ އެއްޗެއް ކަމަށް ނަޝީދު ވިދާޅުވި އެވެ. އަދި އެމްޑީޕީން ވެފައިވާ ވައުދުތައް އެހެން ޕާޓީއަކުން ފުއްދަން މަސައްކަތް ކުރާނެ ކަމަށް ދެކިގެން ނުވާނެ ކަމަށް ނަޝީދު ވަނީ ވިދާޅުވެފަ އެވެ. އެހެންވީމަ އެމްޑީޕީން ވެފައިވާ ވައުދުތައް ފުއްދުމަށް ރައްޔިތުންގެ މަޖިލީހުގެ އެޣުލަބިއްޔަތު އެމްޑީޕީއަށް ލިބުން މުހިންމު ކަމަށް ނަޝީދު ވިދާޅުވި އެވެ. ފަނޑިޔާރުގެ އިސްލާހު ކުރާނީ މިހާރު ތިބި ފަނޑިޔާރުންނާއި އެކު މިއަދު ނަޝީދު ދެއްކެވި ވާހަކަފުޅުގެ ތެރެއިން ޝަރުއީ ދާއިރާ އިސްލާހު ކުރާނެ ކަމުގެ ވާހަކަތަކެއް ދެއްކެވި އެވެ. އަދި ވިދާޅުވީ ޝަރީއަތުގެ ނިޒާމު އިސްލާހު ކުރުމަކީ ފަނޑިޔާރުންނާއި އިދިކޮޅަށް ކުރާ މަސައްކަތެއް ނޫން ކަމަށެވެ. އަދި ވިދާޅުވީ އެކަން ކުރާނީ އެ ފަނޑިޔާރުންނާއި އެކުގައި ހާއްސަކޮށް އުއްތަމަ ފަނޑިޔާރާ އެކުގައި ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ. "އަޅުގަނޑަށް އެނގޭ އުއްތަމަ ފަނޑިިޔާރުވެސް އެދިވަޑައިގަންނަވާކަން ރައްޔިތުންގެ އިތުބާރު ޝަރީއަތުގެ ނިޒާމަށް ހޯއްދަވަން. އަޅުގަނޑަށް ފެންނަ ފެނުމުގައި އަޅުގަނޑުމެންގެ މިހާރު ޖުޑިޝަރީގައި އެތިއްބެވި ބޭފުޅުންނާއި އެކުގައި އަޅުގަނޑުމެންނަށް ދިވެހިރާއްޖޭގެ ޝަރުއީ ނިޒާމު އިސްލާހު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނެ." ނަޝީދު ވިދާޅުވި އެވެ. ދެން އިންތިހާބުވާ ރައްޔިތުންގެ މަޖިލީހަކީވެސް ތަފާތު މަޖިލީހަކަށް ވާނެ ކަމަށް ނަޝީދު ވަނީ ވިދާޅުވެފަ އެވެ. ވިދާޅުވީ އެ މަޖިލީހަކީ ނަޒާހާތްތެރި ވައްކަން ނުކުރާ މަޖިލީހަކަށް ވެގެންދާނެ ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި މެދު ދާއިރާގެ އެމްޑީޕީ ޕްރައިމެރީގައި ނަޝީދު ވާދަކުރައްވަ އެވެ. ނަޝީދު ވިދާޅުވާ ގޮތުން އެމަނިކުފާނު ދެން އިންތިހާބުވާ ރައްޔިތުންގެ މަޖިލީހެއްގައި އިންނަވާނެ އެވެ.
ވައުދަކީ ކޮބައިކަން އެނގޭ ޕާޓީއެއް އެމްޑީޕީ ނޫނީ ނެތް: ނަޝީދު
ނ. މަނަދޫ ދެކުނު ފަރާތަކަށް ހުއިފިލަނޑާ ނަގަން އެރި އުޅެނިކޮށް ގެއްލިގެން ހޯދަމުންދިޔަ އަބްދުﷲ ޝާމިން 24، ފެނިއްޖެއެވެ. އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު އިބްރާހިމް އާޒިމް ވިދާޅުވީ، "މަލަކު މެލަޑީ" ކިޔާ ދޯނިން ލަނޑާނަގަން ދިޔަ ޝާމިން ފެނުނީ މިއަދު މެންދުރު 13:45 ހާއިރު އޭނާ ހޯދުމުގެ މަސައްކަތް ކުރި މިލަދޫގެ ޑިންގީ އަކަށް ކަމަށެވެ. މިލަދޫ އަށް ނިސްބަތްވާ ޝާމިން ފެނުނުއިރު އޭނާގެ ހާލު ރަނގަޅުކަމަށް އެމްއެންޑީއެފް އިން ބުންޏެވެ. ރ. ވަންދޫ ކައިރިން ލަނޑާ ނަގަން އެރި އުޅުނު މީހަކު ވެސް ގެއްލިގެން ހޯދުމުގެ މަސައްކަތް މިއަދު ވަނީ ކޮށްފަ އެވެ. އޭނާ ހޯދަމުން ދަނިކޮށް ފެނުނީ، ރ. އަތޮޅުގެ ފަޅު ރަށެއްގައި ހުއްޓަ އެވެ. ފެނުނު އިރު ޝާމިންގެ ހާލު ރަނގަޅު ކަމަށާއި އޭނާ ގެއްލުނީ އޮއި ބާރުކަމުން އޮޔާ ދަމައިގަނެގެންކަމަށް ފުލުހުން ބުނެއެވެ.
ލަނޑާ ނަގަން ފޭބި ޝާމިން ފެނިއްޖެ
މިއީ އާދައިގެ ފްރިޖެއް ނޫނެވެ. "ސްމާޓް" ފްރިޖެކެވެ. އިލެކްޓްރޯނިކްސް އަދި އިލެކްޓްރިކްސް އުފެއްދުންތައް އުފައްދާ ސެމްސަންގުން އެންމެ ފަހުން ބާޒާރަށް ނެރުނު މި ފްރިޖަކީ މި ގެންގުޅޭ ސްމާޓް ޑިވަސްތަކާ އެއްވަރުގެ އުފެއްދުމެކެވެ. އާންމުކޮށް ދިމާވާ ކަމަކަށް ނުވިޔަސް، ބައެއްފަހަރު ހަނދާން ނެތިގެން ފްރިޖުގެ ދޮރު ލައްޕަން ހަނދާން ނެތިފައި ހުރެއެވެ. މި ފްރިޖުގެ ދޮރު ނުލެއްޕި ހުރިނަމަ، އެކަން ފޯނަށް ނޮޓިފައި ކޮށްދެއެވެ. ސެމްސަންގުގެ ސްމާޓް ފްރިޖުތަކުގައި ރައްކާކޮށްފައި ހުންނަ ކާބޯތަކެތި ބަލާލުމުގެ ފުރުސަތުވެސް ހާއްސަ އެޕެއް ބޭނުން ކޮށްގެން ކަސްޓަމަރުންނަށް މިހާރު އޮވެއެވެ. ސެމްސަންގުން ބުނީ ފްރިޖަކީވެސް ސްމާޓް ހޯމް އެސިސްޓެންޓަކަށް ހެދުމަކީ އެ ކުންފުނީގެ އަމާޒު ކަމަށެވެ. އެކުންފުނިން މިހާރު ދަނީ ވައިފައި ދޮންނަ މެޝިނެއް އުފެއްދުމުގެ މަސައްކަތްވެސް ކުރަމުންނެވެ. މި މެޝިނަކީ އާންމު އެހެން މެޝެންތަކަށްވުރެ އަވަހަށް އަދި ރީއްޗަށް އަންނައުނު ދޮވެވޭނެ މެޝިނަކަށް ވާނެއެވެ. ސެމްސަންގުގެ ފޯނުތަކުގައި ހިމަނާފައިވާ ބިކްސްބީ، އެމީހުންގެ އެޕްލަޔަންސްތަކުގައި ހިމަނައި، ބިކްސްބީގެ ބޭނުން ފުރިހަމަ ގޮތުގައި ހިފުމަށްވެސް ސެމްސަންގުން ދަނީ މަސައްކަތް ކުރަމުންނެވެ.
މި ފްރިޖު ދޮރު ހުޅުވާފައި ދިޔުމުން ފޯނަށް އެނގުންވޭ
ހުޅުމާލޭގައި މިއަދު ހެނދުނު ހިނގި މާރާމާރީ އެއްގައި އަނިޔާވި ދެ ކުއްޖަކަށް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން އެބަދެވެ. ފުލުހުންގެ މީޑިއާ އޮފިޝަލަކު ބުނީ ހުޅުމާލޭގައި މިއަދު ހެނދުނު މާރާމާރީއެއް ހިންގައިގެން ރިޕޯޓް ކޮށްފައިވާ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް އޮފިޝަލު ނުދެއްވަ އެވެ. ހުޅުމާލޭ ހޮސްޕިޓަލްގެ މީޑިއާ އޮފިޝަލު އާސިޔާ ސޯލިހް ވިދާޅުވީ، އެ މާރާމާރީގައި އަނިޔާވެގެން ގެންގޮސްފައި ވަނީ 17 އަހަރުގެ ދެ ކުއްޖަކަށް ކަމަށާއި އޭގެ ތެރެއިން އެއް ކުއްޖެއްގެ ހާލު ސީރިއަސް ކަމަށެވެ. އަނިޔާވެގެން ގެންގޮސްފައި ވަނީ އައްޑޫ ސިޓީއަށް ނިސްބަތްވާ ކުއްޖަކާއި ގދ. ރަތަފަންދޫ ކުއްޖެއް ކަމަށް އާސިޔާ ވިދާޅުވި އެވެ. އޭގެ ތެރެއިން އިމަޖެންސީގައި ފަރުވާ ދެމުން އަންނަނީ ރަތަފަންދޫ ކުއްޖާ އަށް ކަމަށް އާސިޔާ ވިދާޅުވި އެވެ. އަދި އަނެއް ކުއްޖާއަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާއިރު އޭނާއަށް ފުރުވާ ދެމުން ދަނީ ޑްރެސިން ރޫމްގައި ކަމަށް ވެސް އާސިޔާ ވިދާޅުވި އެވެ. މިދިޔަ ހޯމަ ދުވަހުގެ ރޭގައި ވެސް ހުޅުމާލޭގައި ވަނީ ދެ މާރާމާރީއެއް ހިންގައި ދެ މީހަކު ޒަހަމް ކޮށްލައިފަ އެވެ. ނަމަވެސް އެ ދެ މީހުނަށް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެ އެވެ.
ހުޅުމާލޭގައި މާރާމާރީއެއް ހިންގައި ދެ ކުއްޖަކު ޒަހަމު ކޮށްލައިފި
ނ. މަނަދޫ ދެކުނު ފަރާތަކަށް ހުއިފިލަނޑާ ނަގަން އެރި އުޅުނު ދެ މީހުންގެ ތެރެއިން އެކަކު ގެއްލިގެން ހޯދަމުންދާ ކަމަށް އެމްއެންޑީއެފް އިން ބުނެފި އެވެ. އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު އިބްރާހިމް އާޒިމް މިއަދު ވިދާޅުވީ، ގެއްލިގެން ހޯދަމުން ދަނީ ލަނޑާ ނަގަން އެރި އުޅުނު ދެ މީހެއްގެ ތެރެއިން އެކަކު ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ގެއްލިގެން ހޯދަމުން ދަނީ ނ. މިލަދޫ އަށް ނިސްބަތްވާ އަބްދުﷲ ޝާވިން 24، ނަމަކަށް ކިޔާ މީހެކެވެ. އޭނާ ހޯދުމުގެ މަސައްކަތް މިހާރު ކޯސްޓްގާޑުން ކުރަމުން އަންނަ ކަމަށް އާޒިމް ވިދާޅުވި އެވެ. ޝާވިން ގެއްލުނު އިރު ލައިގެން އޮތީ ކަޅު ޖޯޒީ އަކާއި ފެހިކުލަ އާއި ހުދާއި އަޅު އެކުލެވޭ ސޯޓެއްގެ އިތުރުން އަޅު މާސްކަކާއި ކަޅު އަދި ހުދު ފިންސެއް ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ. ޝާވިން ގެއްލިގެން އެމްއެންޑީއެފް ކޯސްޓުގާޑަށް ރިޕޯޓުކޮށްފައިވަނީ މިއަދު މެންދުރު 12:14 ހައިރު ކަމަށާއި އޭނާ ލަނޑާ ނަގަން ދިޔައީ "މަލަކު މެލަޑީ" ކިޔާ ދޯންޏަކުން ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ. ޝާވިން ހޯދުމުގެ މަސައްކަތް ކުރަމުންދާ އިރު ރ. ވަންދޫ ކައިރިން ލަނޑާ ނަގަން އެރި އުޅުނު މީހަކު ވެސް ގެއްލިގެން ހޯދުމުގެ މަސައްކަތް މިއަދު ވަނީ ކޮށްފަ އެވެ. އޭނާ ހޯދަމުން ދަނިކޮށް ފެނުނީ، ރ. އަތޮޅުގެ ފަޅު ރަށެއްގައި ހުއްޓަ އެވެ.
ލަނޑާ ނަގަން އުޅުނު އިތުރު މީހަކު ގެއްލިގެން ހޯދަން ފަށައިފި
ހުއިފިލަނޑާ ނަގަން ފޭބި މީހާ ގެއްލިގެން ހޯދަނިކޮށް، އޭނާ ފަޅު ރަށެއްގައި ހުއްޓާ ފެނިއްޖެ އެވެ. އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު އިބްރާހިމް އާޒިމް މިއަދު ވިދާޅުވި ގޮތުގައި، ގެއްލިގެން ހޯދަނީ ރ. ދުވާފަހު، ފެހިހިޔާގެ، އަބްދުﷲ އާދަމް، 32، އެވެ. އެ މީހާ ގެއްލުނީ "އަންބަރާ" ނަމަކަށް ކިޔާ ދޯންޏަކުން، ރަސްމާދޫ ކައިރީގައި އޮންނަ، ރ. ވަންދޫގެ ހުޅަނގު ފަރާތަށް އެރި އުޅެނިކޮށް ކަމަށް އާޒިމް ވިދާޅުވި އެވެ. އަދި އެ މީހުން ހުއިފިލަނޑާ ނަގަން ޑައިވް ފެށީ ހެނދުނު 8:45 ހާއިރު ކަމަށް ވިދާޅުވި އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، އޭނާ ގެއްލިގެން ހޯދަމުން ދަނިކޮށް ފެނިފައި ވަނީ ރ. އަތޮޅުގެ ފަޅުރަށެއް ކަމަށްވާ ދިއްކުރެންދޫގައި ހުއްޓައި ކަމަށެވެ. އަދި ފުލުހުންގެ ލޯންޗުގައި އޭނާ ދުވާފަރަށް ގެންދިޔުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. އޭނާ ފެނިފައިވާ އިރު އެމްއެންޑީއެފް ކޯސްޓްގާޑުން ވެސް ދިޔައީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.
ގެއްލުނު މީހާ ފަޅު ރަށެއްގައި ހުއްޓާ ފެނިއްޖެ
އެއް ލޯ މަރާލައިގެން މަޝްހޫރުކަން ހޯދި ޕްރިޔާ މަލަޔާލަމް އެކްޓަރު ޕްރަކާޝް ވޭރިއަރުގެ ފުރަތަމަ ބޮލީވުޑް ފިލްމު 'ސްރީދޭވީ ބަންގަލޯ'ގެ ޓީޒާ އާންމު ކުރުމާ އެކު ގިނަ ބަޔަކު ރުޅިގަދަވެއްޖެ އެވެ. ޕްރަސާންތު މަމްބުލީ ޑައިރެކްޓު ކޮށްފައިވާ އެ ފިލްމުގެ ޓީޒާ އާންމު ކުރީ އާދީއްތަ ދުވަހު އެވެ. އެއް މިނެޓު 49 ސިކުންތުގެ އެ ޓީޒާ އިން ދޭހަވަނީ ފިލްމުގެ ވާހަކަ ބިނާކޮށްފައި ވަނީ ކުރީގެ ބޮލީވުޑް ބަތަލާ ސްރީދޭވީގެ މަރުގެ މައްޗަށް ކަމަށެވެ. ސްރީދޭވީ މަރުވީ މިދިޔަ އަހަރުގެ ކުރީކޮޅު ދުބާއީގެ ހޮޓަލެއްގެ ފާހާނައިގެ ޓަބެއްގެ ތެރެއަށް ގެނބިގެންނެވެ. ފިލްމުގައި ޕްރިޔާ ފެނިގެން ދަނީ އެކަނިވެރި ބަތަލާއެއްގެ ރޯލުންނެވެ. އަދި އޭނާ މަރުވަނީ ވެސް ހޮޓަލެއްގެ ބާތު ޓަބެއްގެ ތެރޭގައި ކަން ޓީޒާ އިން އެނގެ އެވެ. ފިލްމުގެ ޓީޒާ ބެލުމަށް ފަހު ސްރީދޭވީގެ ފިރިމީހާ އަދި ޑައިރެކްޓަރު ބޯނީ ކަޕޫރު ވަނީ ވަރަށް ބޮޑަށް ރުޅިވެރިކަން ފާޅުކޮށްފައި ކަމަށެވެ. އަދި ފިލްމާ ދެކޮޅަށް އޭނާ ވަނީ ކޯޓަށް މައްސަލައެއް ވެސް ހުށަހަޅައިފަ އެވެ. ސްރީދޭވީގެ ނަން ބޭނުންކޮށްގެން އެފަދަ ވާހަކައެއްގެ މައްޗަށް ފިލްމެއް ހެދި އިރު ސްރީދޭވީގެ އާއިލާގެ ފަރާތުން ހުއްދަ ވެސް ހޯދައިފައި ނުވާތީ ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ. ފާޑުކިޔުންތަކުގެ ޖަވާބުގައި ޑައިރެކްޓަރު މަމްބުލީ ބުނީ ސްރީދޭވީ އަކީ ވަރަށް އާންމު ނަމެއް ކަމަށާއި އަދި ފިލްމުގައި ޕްރިޔާގެ ކެރެކްޓަރު އެކްޓަރަކަށް ވުމަކީ އިއްތިފާގެއް ކަމަށެވެ. އެވާހަކަ ބޯނީ ކަޕޫރު ގާތުގައި ވެސް ބުނެފައިވާނެ ކަމަށް އޭނާ ބުންޏެވެ. ފިލްމުގެ ވާހަކަ ބިނާކޮށްފައި ވަނީ ސްރީދޭވީގެ މަރުގެ މައްޗަށްތޯ ސުވާލު ކުރުމުންް ޕްރިޔާ އަދި އޭނާގެ ބައްޕަ ވެސް ވަނީ އެ ސުވާލަށް ޖަވާބު ދިނުމަށް އިންކާރު ކޮށްފަ އެވެ.
"ސްރީދޭވީ ބަންގަލޯ" ގޮވައިގެން ބޯނީ ކަޕޫރު ކޯޓަށް!
ޒީޓީވީ އިން ގެނެސްދިން ޑްރާމާ ސިލްސިލާ 'ޕަވިއްތުރަ ރިޝްތާ' އިން މަޝްހޫރު ވެގެން ދިޔަ ބަތަލާ އަންކިތާ ލޮކަންޑޭ ކައިވެންޏަށް ތައްޔާރުވަމުން އަންނަ ކަމަށް ބުނާ ރިޕޯޓުތަކަށް އޭނާ ޖަވާބުދީފި އެވެ. އަންކިތާ ލޯބީގެ ގޮތުން ގުޅިގެން އުޅެނީ އިންޑިއާގެ ބިލަސްޕޫރުގެ ވިޔަފާރިވެރިއެއް ކަމުގައިވާ ވިކީ ޖެއިން އާއެވެ. ވަރަށް ފަހުން ނޫހަކަށް ދިން އިންޓަވިއު އެއްގައި އަންކިތާ ވަނީ އެކަން ކަށަވަރުކޮށްދީފަ އެވެ. އަންކިތާ ބުނީ ލޯތްބަކީ އޭނާއަށް ވަރަށް މުހިންމު އެއްޗެއް ކަމަށާއި އޭނާ ވެސް މިހާރު މީހަކާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށެވެ. އަދި އެއީ ބިލަސްޕޫރުގެ ވިޔަފާރިވެރިއެއް ކަމަށް ވެސް އަންކިތާ ވަނީ ބުނެފަ އެވެ. އަންކިތާ ވިކީ އާއި ލޯބީގެ ގޮތުން ގުޅުނީ 2016 ވަނަ އަހަރު އޭނާގެ ދުވަސްވީ ލޯބިވެރިޔާ އަދި ކުޅަދާނަ އެކްޓަރު ސުޝާންތު ސިންގް ރާޖްޕުތު އާއި ވަކިވުމަށް ފަހު އެވެ. ދެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅުނު ނަމަވެސް، އެ ދެމީހުން އަދި ކައިވެންޏަށް ތައްޔާރު ނޫން ކަމަށް އަންކިތާ ބުންޏެވެ. "ކައިވެނި ކުރަން ނިންމުމުން އެކަން ހާމަކުރާނަން،" އަންކިތާ ބުނެފައިވެ އެވެ. އަންކިތާ ބުނީ ކައިވެނި ކުރުމަކީ އޭނާ އެންމެ ކުރިން ފެށިގެން ވެސް ދެކެމުން އައި ހުވަފެނެއް ކަމަށާއި ނަމަވެސް މިހާރު ކައިވެންޏަށް ވުރެ މުހިންމު ކަންކަން އެބަހުރި ކަމަށާއި މިހާރު ހުރިހާ ސަމާލުކަމެއް ދޭނީ މަސައްކަތަށް ކަމަށެވެ. އަންކިތާ މިހާރު އަންނަނީ އޭނާގެ ފުރަތަމަ ފިލްމު، 'މަނީކަރްނިކާ: ދަ ކުއީން އޮފް ޖާންސީ' ރިލީޒްކުރުމަށް ތައްޔާރުވަމުންނެވެ. ކަންގަނާ ލީޑު ރޯލުން ފެނިގެންދާ އެ ފިލްމުގައި އަންކިތާ އަދާކުރާނީ ސަޕޯޓިން ރޯލެކެވެ.
ލޯބިވެރިޔަކު ހުއްޓަސް އަންކިތާ އަދި ކައިވެންޏަށް ތައްޔާރެއް ނޫން!
މިދިޔަ އަހަރު ވިންބަލްޑަންގެ ފައިނަލުގައި ވާދަކޮށްފައިވާ ކެވިން އެންޑާރސަން، މިހާރު ކުރިއަށްދާ އޮސްޓްރޭލިއަން އޯޕަންގެ ދެވަނަ ބުރުން ކަޓައިފިއެވެ. މުބާރާތުގެ ދެވަނަ ބުރުގައި އުމުރުން އެންމެ 20 އަހަރުގެ ފްރަންސެސް ޓިއަފޯއާ ވާދަކޮށް އެއް ސެޓު ތިން ސެޓުން ބަލިވެ އެންޑަރސަންއަށް ވަނީ މުބާރާތަށް އަލްވަދާއު ކިޔަން ޖެހިފައެވެ. ދުނިޔޭގެ ރޭންކިންގެ 39 ވަނައިގައި މިވަގުތު ހުރި ޓިއަފޯއަށް މީގެކުރިން މެލްބަންގައި ކުޅުނު އެއްވެސް މުބާރާތަކުން ތިން ވަނަ ރައުންޑާ ހަމައަށް ދަތުރު ކުރެވިފައެއް ނުވެއެވެ. ރޮޖާސް ފެޑެރާ އަދި ފުރަންސެސް ޓިއަފޯ ބައްދަލު ކޮށްފައިވާ މެޗެއްގެ ތެރެއިން -- ބީބީސީ ސްޕޯޓްސް މި މެޗުން ލިބުނު ކާމިޔާބީއަށް ފަހު މީޑިޔާއާ ވާހަކަ ދައްކަމުން ޓިއަފޯ ބުނެފައި ވަނީ މި ކާމިޔާބަކީ ހަޔާތުގައިވެސް ލިބުނު އެންމެ ބޮޑު އެއް ކާމިޔާބީ ކަމަށާއި ވޭތުވެ ދިޔަ އަހަރު އެކަނި ވެސް ތިން ބުރަށް އެންޑަރސަން އޭނާ ބަލި ކޮށްފައިވާ ކަމަށެވެ. "މި މުބާރާތުގެ ދެވަނަ ހަފްތާއަށް ދިއުމަކީ އަހަރެން ކުރަމުން އަންނަ ވަރަށް ބޮޑު އުންމީދެއް. ތި ގޮތަށް ތަރުހީބުދޭން އަހަރެންގެ ފަހަތުގައި ތި ތިބަ ގޮތަށް ތިބެފި ނަމަ އެކަން ކުރަން އިންތިހާއަށް ފަސޭހަގެން ދާނެ،" ސަޕޯޓަރުންނަށް އިޝާރާތްކޮށް އޭނާ ބުންޏެވެ. މި މުބާރާތުގެ އިތުރު މެޗުތަކަށް ބަލާއިރު މަރިން ސިލިޗް ސީދާ ތިން ސެޓުން މެކެންޒީ މެކް ޑޯނަލްޑް ވަނީ ބަލިކޮށްފައެވެ. އަދި ގްރޭންޑް ސްލޭމް 20 ފަހަރު ހޯދާފައިވާ ރޮޖާސް ފެޑެރާ ވަނީ ޑޭން އީވާންގެ މައްޗަށް ތިން ސެޓުން ކުރިހޯދައި ތިންވަނަ ބުރަށް ދަތުރު ކޮށްފައެވެ. "މެޗު ފެށުން ވަގުތު ކުޅެން ކުޑަކޮށް އުނދަގޫވި. އޭނާގެ ކުޅުން ވަރަށް މޮޅު. އަހަރެން ހީކުރިހާ ފަސޭހައެއް ނޫން މެޗު ދިޔަ ގޮތެއް،" މެޗަށް ފަހު ފެޑެރާ ބުންޏެވެ. ރޮޖާސް ފެޑެރާ މި މުބާރަތަށް ނުކުތީ ހަތް ވަނަ ފަހަރަށް މި މުބާރާތް ކާމިޔާބު ކުރުމުގެ އުންމީދުގައެވެ. މިހާތަނަށް އެއްވެސް ކުޅުންތެރިއަކަށް ހަތް ފަހަރު މި މުބާރާތް ކާމިޔާބު ކުރެވިފައެއް ނުވެއެވެ.
ވިންބަލްޑަންގެ ރަނަރަޕް ކެވިން އޮސްޓްރޭލިއަން އޯޕަންއިން ކަޓައިފި
އަންނަ ބުރާސްފަތި ދުވަހުން ފެށިގެން އާދިއްތަ ދުވަހަށް ދިރާގުގެ ބައެއް ހިދުމަތްތައް މެދުކެނޑިގެން ދާނެ ކަމަށް ދިރާގުން ބުނެފި އެވެ. ދިރާގުން ބުނީ، އެ ކުންފުނީގެ "ބިޒްނެސް ސަޕޯޓް ސިސްޓަމް" އަޕްގްރޭޑް ކުުމުގެ މަސައްކަތާ ގުޅިގެން ކުންފުނިން ދޭ ބައެއް ހިދުމަތްތައް މި ދެ ދުވަހު މެދުކެނޑިގެން ދާނެ ކަމަށެވެ. "ދިރާގުން ފޯރުކޮށްދެންމުން އަންނަ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް އިތުރަށް ފުރިހަމަ ކުރުމުގެ ގޮތުން އަޅުގަނޑުމެންގެ ބިޒްނަސް ސަޕޯޓް ސިސްޓަމް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ވަނީ 31 ޖަނަވަރީ އިން ފެށިގެން 3 ފެބްރުއަރީ 2019 ގެ ނިޔަލަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފަ،" ދިރާގުން ބުންޏެވެ. މި މުއްދަތުގެ ތެރޭގައި ކަސްޓަމަރުންނަށް އެއްވެސް މެދުކެނޑުމެއްނެތި ޑޭޓާ، އެސްއެމްއެސް އަދި ވޮއިސް ކޯލް ކުރެވޭނެ ކަމަށް ދިރާގުން މައުލޫމާތު ދެއެވެ. ބުރާސްފަތި ދުވަހުން ހުކުރު ދުވަހަށް ތިރީގައި މިވާ ބައެއް ސަޕޯޓް ޚިދުމަތްތަށް ކަސްޓަމަރުންނަށް ލިވިބަޑައިނުގަންނަވާނެ ހިދުމަތްތައް: ބިލްތަކަށް ފައިސާ ދެއްކުމުގެ ޚިދުމަތް ހުކުރު ދުވަހުން އާދިއްތަ ދުވަހުގެ ގެ ނިޔަލަށް މެދުކެނޑިގެންދާނެ. ނަމަވެސް މި މުއްދަތުކުގެ ތެރޭގައި އެއްވެސް ޚިދުމަތެއް ކަނޑާނުލާނެ. އެހެންކަމުން ފޯނުކުރުމާއި، އެސްއެމްއެސް އަދި ޑޭޓާ ގެ ޚިދުމަތް މެދުކެނޑުމެއްނެތި ބޭނުންކުރެވޭނެ. ތިރީގައި މިވާ ޗެނަލްތަކުން ޚިދުމަތްތައް ބުރާސްފަތި ދުވަހުގެ 00:00 އިން ހުކުރު ދުވަހުގެ 23:59 ގެ ނިޔަލަށް މެދުކެނޑިގެން ދާނެ. ދިރާގު ކަސްޓަމަރ ސާރވިސް ސެންޓަރ ތައް ދިރާގު ޕާރޓްނާޝޮޕް ތައް ދިރާގު އޮންލައިން ޚިދުމަތްތައް ދިރާގު ވެބްސައިޓްގައިވާ "މައި އެކައުންޓް" ދިރާގު މޯބައިލް އެޕް މަމެން މޯބައިލް އެޕް (ބިލްޑް އަދި ޓޭކްބެކް ފީޗަރ) ދިރާގު ޕޭ ސެލްފް ކެއަރ ޗެނަލްސް (އެސްއެމްއެސް އަދި *123# ޚިދުމަތް) ޕްރީޕެއިޑް ރީލޯޑް އަދި ރީޗާރޖް ޚިދުމަތްތައް މިއަންނަ ހުކުރު ދުވަހުގެ 00:00 އިން 23:59 ގެ ނިޔަލަށް މެދުކެނޑިގެންދާނެ. "ކަސްޓަމަރުންނަށް މި މުއްދަތުގެ ތެރޭގައި ކުރިމަތިވެދާނެ ދަތިކަމަށް ނިހާޔަތައް މާފަށް އެދެން. އަދި ކަސްޓަމަރުންނަށް އެންމެ ރަނގަޅު ޚިދުމަތް ފޯރުކޮށްދޭން އަޅުގަނޑުމެން ކެނޑިނޭޅި މަސައްކަތް ކުރަމުންދާ ކަމުގެ ޔާގީންކަން އަރުވަން،" ދިރާގުން ބުންޏެވެ.
ދިރާގު ބިޒްނަސް ސަޕޯޓް ސިސްޓަމް އަޕްގްރޭޑްކުރާތީ ބައެއް ހިދުމަތްތައް މެދުކެނޑިދާނެ
އަޔެކްސް ގެ ސެންޓަރ ބެކް މަތާއިސް ޑެ ލީޙް ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ދުނިޔޭގެ އެންމެ މޮޅު ޑިފެންޑަރަށް ވެގެންދާނެ ކަމަށް ނެދަލޭންޑުގެ ކޯޗު ރޮނާލްޑް ކޮއެމަން ބުނެފިއެވެ. އުމުރުން އެންމެ 19 އަހަރުގެ ޑެ ލީޙް ހޯދަން މިހާރުވެސް ޔޫރަޕުގެ ބޮޑެތި ކުލަބުތަކުން ވަނީ ފޫގަޅާފައެވެ. އެގޮތުން ކޮއެމަންގެ ކުރީގެ ޓީމު ބާސެލޯނާ ފާހަގަ ކޮށްލެވެއެވެ. އަދި އޭގެ އިތުރުން އިނގިރޭސި ޕުރިމިއަރ ލީގުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީން ވެސް ދަނީ ޑެ ލީޙް ހޯދަން މަސައްކަތް ކުރަމުންނެވެ. މަތާއިސް ޑެ ލީޙް -- ޑެޖަން ކުލިނިކް ކޮއެމަން ގަބޫލު ކުރާ ގޮތުގައި ޑެ ލީޙް ކިބައިގައި ދުނިޔޭގެ އެންމެ މޮޅު ޑިފެންޑަރަށް ވުމުގެ ގާބިލްކަން އެބަހުއްޓެވެ. އަދި މާ ދުރު ނޫން ތާރީހެއްގައި މިކަން ފެނިގެންދާނެ ކަމަށް ވެސް ކޮއެމަން ވަނީ ބުނެފައެވެ. ޑެ ލީޙް އާއި އެކު އަޔެކްސްއަށް ކުޅެމުން އަންނަ 21 އަހަރުގެ ފުރެންކީ ޑެ ޖޮންގް އަކީ ވެސް ގިނަ ކުލަބް ތަކުން ބޮޑު އިސްކަމެއް ދީގެން ފާރަލަމުން އަންނަ ކުޅުންތެރިއެކެވެ. އެގޮތުން ސިޓީ އަދި ބާސެލޯނާއިން ވެސް ވަނީ ޑެ ޖޮންގް އެ ކުލަބަށް ގެނެވޭތޯ މަސައްކަތް ފަށާފައެވެ. "ޑެ ލީހް އަދި ޑެ ޖޮންގް އަކީ ވަރަށް ބައިވަރު ސަބަބުތަކާއި ހުރެ ހާއްސަވާ ދެ ކުޅުންތެރިން. އޭގެ ތެރެއިން ޑެ ލީޙް އަކީ އަކީ ވަރަށް އުމުރުން ހަަަގު އަދި އެހާމެ މުހިންމު ޕޮޒިޝަނަކަށް ކުޅޭ ކުޅުންތެރިއެއް." ކެޓަލޫނިޔާގެ ރޭޑިއޯ ސްޓޭޝަނަކަށް މައުލޫމާތު ދެމުން ކޮއެމަން ބުންޏެވެ. " އޭނާއަކީ އޭނާ އުޅުނު ސުކޫލު އަދި މިހާރު އަޖެކްސް ގެ ވެސް ކެޕްޓަން. އެއީ އޭނާއަކީ ވިސްނުން ތޫނު އަދި އެހާމެ ހުނަރުވެރި ކުޅުންތެރިއަކަށް ވީމަ. ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ދުނިޔޭގެ އެންމެ މޮޅު ޑިފެންޑަރަށް އޭނާ ވާނެކަން ޔަގީން." ވޭތުވެ ދިޔަ އަހަރުގެ 21 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ވެސް ހޯދާފައިވަނީ ވަނީ ޑެ ލީޙް އެވެ. މީ މި އިނާމު ޑިފެންޑަރަކަށް ލިބުނު އެންމެ ފުރަތަމަ ފަހަރު ވެސްމެއެވެ. އޭގެ އިތުރުން ގިނަ ސީނިއަރ ކުޅުންތެރިންނާއި ކޯޗުން ވެސް ދަނީ އޭނާއަށް ތައުރީފު ކޮށް ވާހަކަ ދައްކަމުންނެވެ.
ޑެ ލީޙް އެންމެ މޮޅު ސެންޓާރ ބެކަށް ވާނެ - ރޮނާލްޑް ކޮއެމަން
ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ ޕްރައިމެރީގައި ޖުމްލަ 270 ވޯޓު ފޮށި ބަހައްޓާނެ ކަމަށް އެ ޕާޓީން ބުނެފި އެވެ. އެމްޑީޕީ ޕްރައިމެރީ ބާއްވަން އެޕާޓީން އިއުލާނު ކޮށްފައި ވަނީ މި ހަފްތާގެ ހުކުރު ދުވަހު އެވެ. އެމްޑީޕީ މަޖިލިސް ޕްރައިމެރީއާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް މިއަދު އެ ޕާޓީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ވިދާޅުވީ ޕްރައިމެރީގައި 279 ކެންޑިޑޭޓުން އެކި ދާއިރާތަކުގައި ވާދަކުރާ ކަމަށެވެ. އަދި މުޅި އިންތިހާބުގައި 270 ވޯޓު ފޮށި ބަހައްޓާނެ ކަމަށް ޝިފާޒް ވިދާޅުވި އެވެ. އެމްޑީޕީ ޕްރައިމެރީގައި 89،091 މީހުން ވޯޓުލުމަށް ރެޖިސްޓްރީ ކޮށްފައިވާ ކަމަށް އެ ޕާޓީން ބުނެ އެވެ. ވޯޓު ފޮށިތައް ރާއްޖޭގެ އިތުރުން އިންޑިއާ، ސްރިލަންކާ އަދި މެލޭޝިއާގައި ވެސް ބެހެއްޓުމަށް ހަމަޖެހިފައިވާ ކަމަށް ޝިފާޒް ވިދާޅުވި އެވެ. މާލޭގައި ވޯޓު ފޮށިތައް ބަހައްޓާނެ ބައެއް ތަންތަން މިހާރު ކަނޑައަޅާފައިވާއިރު، މުޅިން ފައިނަލް ލިސްޓު މިއަދުގެ ވަގުތެއްގައި އާންމުކުރާނެ ކަމަށް އެމްޑީޕީން ބުނެ އެވެ. ހަމަ އެކަނި މާލޭގައި ވެސް ރަށްރަށުގެ މީހުން ހިމެނޭ ގޮތަށް 32،000 މީހުން ވޯޓު ލާނެ ކަމަށް އެޕާޓީން ވަނީ ބުނެފަ އެވެ. އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް --- ސަންފޮޓޯ/ އަވްޝަން އިލިޔާސް ޕްރައިމެރީގެ ސެކިއުރިޓީ ބަލަހައްޓައި ދިނުމަށް ފުލުހުންގެ ކިބައިން އެދިފައިވާނެ ކަމަށް އެމްޑީޕީން ބުންޏެވެ. އެމްޑީޕީގެ ޕްރައިމެރީތަކުގައި އަދި އެތެރޭގެ އިންތިހާބުތަކުގައި ވޯޓް ފޮށި ކައިރީ ތިބޭ މީހުން ވޯޓު ކަރުދާހުގައި ފާހަގަ ޖަހައިގެން އަޅާ ކަަމަށް ބައެއް ފަރާތްތަކުން ވާހަކަ ދައްކަ އެވެ. އެ ވާހަކަތަކާ ގުޅިގެން ނޫސްވެރިން ސުވާލު ކުރުމުން ޝިފާޒު ވިދާޅުވީ ކޮންމެ އިންތިހާބެއްގައި ވެސް އެކަހަލަ ވާހަކަ ދައްކާނެ ކަމަށެވެ. "އެތެރޭގެ އިންތިހާބެއްގައި އެފަދަ ޝަކުވާތަކެއް ނާންނާނެ ގޮތަށް ކަންތައްތައް ގެންދެވޭތީ އަޅުގަނޑުމެންނަށް މައި އިންތިހާބު ކާމިޔާބު ކުރެވެނީ." އެމްޑީޕީގެ ނައިބު ރައީސް ޝިފާޒް ވިދާޅުވި އެވެ. މިފަހަރުގެ އިންތިހާބުގައި ވޯޓު ކަރުދާސް ޕްރިންޓްކުރީ ސެކިއުރިޓީ ފީޗާސްތަކާ އެކު ކަމަށް ޝިފާޒް ވިދާޅުވި އެވެ. އަދި އިންތިހާބުގެ ވޯޓުލުން ކުރިއަށް ދާނީ އޮބްޒަވަރުންނަށް އަޑުއިވޭ ވަރަށް ނަންގޮވައި، ވޯޓާސް ލިސްޓް އޮބްޒަވަރުންނަށް ދީގެން ކަމަށާއި އެހެންވީމަ ވޯޓުން މަކަރު ނުހެދޭނެ ކަމަށް ވިދާޅުވި އެވެ. އެމްޑީޕީ ޕްރައިމެރީގައި ވޯޓުލުން ފެށެނީ ހުކުރު ދުވަހު 2:30 ގަ އެވެ. ވޯޓުލުން ނިމޭ ގަޑިއަކީ ރޭގަނޑު 8:30 އެވެ. ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކުރިން ޕާޓީގެ އެތެރޭގެ ޕްރައިމެރީ ބާއްވާ ހަމައެކަނި ޕާޓީއަކީ އެމްޑީޕީއެވެ. ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އޮންނާނީ އޭޕްރީލް ހަ އެއްގައި ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.
މަޖިލިސް ޕްރައިމެރީގައި 270 ވޯޓި ފޮށި ބައްޓާނެ: އެމްޑީޕީ
ކޮމަންވެލްތާ، ރާއްޖެއިން އަލުން ގުޅުން އަވަސްކުރުމަށް މަޝްވަރާކޮށްފިއެވެ. ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިހާރު އިނގިރޭސިވިލާތަށް ކުރައްވަމުންގެންދަވާ ދަތުރުގައި ކޮމަންވެލްތުގެ ސެކެޓްރީ ޖެނެރަލް ޕެޓްރީޝިއާ ސްކޮޓްލޭންޑާ މިއަދު ވަނީ ބައްދަލުކުރައްވައި އެކަމާ ބެހޭގޮތުން ވާހަކަތައް ބާއްވަވައިފައެވެ. Thank you Baroness @PScotlandCSG, Commonwealth SG for meeting on a rainy Sunday afternoon to discuss accelerating Maldives membership back into CW and for suggesting to send election observers to the upcoming Parliamentary Elections of Maldives as an initial point of engagement. pic.twitter.com/FecuVU59L7 — Abdulla Shahid ???? (@abdulla_shahid) January 27, 2019 ކޮމަންވެލްތާ އަލުން ގުޅުން ގާއިމްކުރުމުގެ ފުރަތަަމަ މަރުހަލާގައި، ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި އޮބްޒާވަރެއްގެ ދައުރު އަދާކުރުމަށް ބޭނުންވާ ކަމަށްވެސް އެ ޖަމިއްޔާއިން ވަނީ ބުނެފައެެވެ. ޝާހިދުގެ ދަތުރުގައި އޭނާ ވަނީ ކެނެޑާއިން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ޑެޕިއުޓި ހައި ކޮމިޝަނަރު ސާރާ ފައުންޓެއިން ސްމިތުއާވެސް ވަނީ ބައްދަލުކުރައްވައިފައެވެ. ސާރާ ވިދާޅުވީ ރާއްޖެއިން ކޮމަންވެލްތާ އަލުން ގުޅުމަށް ކެނެޑާގެ ފުރިހަމަ ތާއިދު އެބައޮތް ކަމަށެވެ. Thank Deputy High Commisoner for Canada to UK @SFounS for taking the time to meet with me on an early Sunday morning and assuring Canada's support in an accelerated process for Maldives rejoining Commonwealth. pic.twitter.com/wUQMB6tCQR — Abdulla Shahid ???? (@abdulla_shahid) January 27, 2019 ޝާހިދު ވަނީ އިނގިރޭސިވިލާތަށް ވަޑައިގެންނެވުމުގެ ކުރިން ވަނީ އެމެރިކާއަށާއި އަދި ޔޫއޭއީއަށްވެސް ވަޑައިގެންފައެވެެ. އެމެރިކާއަށް ކުރެއްވި ދަތުރުގައި ޝާހިދު ވަނީ އދ. ގެ ސަލާމަތީ މަޖިލީހުގައިވެސް ތަގްރީރުކުރައްވައިފައެވެ. ޝާހިދުގެ ދަތުރުގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލާއި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމާއި އެންވަޔަރްމަންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަންވެސް ބައިވެރިވެވަޑައިގަންނަވާނެ އެވެ.
ކޮމަންވެލްތާ ގުޅުން އަވަސްކުރުމަށް މަޝްވަރާކޮށްފި
މެކްސިކޯ ސިޓީ (ޖެނުއަރީ 16): ދުނިޔޭގެ ފެންވަރުގައި މަސްތުވާތަކެތީގެ ވިޔަފާރި ކޮށްފައިވާ މެކްސިކޯގެ ހުއާކިން "އެލް ޗާޕޯ" ގުޒްމަން، އެގައުމުގެ ކުރީގެ ރައީސް އެންރީކޭ ޕެންޔާ ނިއޭޓޯއަށް 100 މިލިއަން ޑޮލަރުގެ ރިޝްވަތު ދިން ކަމަށް ކޯޓުގައި ހެކިވެރިއަކު ބުނެފި އެވެ. ގުޒްމަންއާ އެކު ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކުރި އެލެކްސް ސިފުއެންޓޭސް ބުނި ގޮތުގައި 2012 އިން މިދިޔަ އަހަރާ ހަމައަށް ވެރިކަން ކުރެއްވި ޕެންޔާ ނިއޭޓޯ ރިޝްވަތުގެ ގޮތުގައި ބޭނުންވީ 250 މިލިއަން ޑޮލަރެވެ. ނަމަވެސް ފަހުން 100 މިލިއަން ޑޮލަރު ގަބޫލު ކުރެއްވީ އެވެ. ސިފުއެންޓޭސް ބުނި ގޮތުގައި ގުޒްމަންގެ އެކުވެރިއަކު މެދުވެރިކޮށް އެފައިސާ ފޮނުވީ 2012 ވަނަ އަހަރެވެ. ޕެންޔާ ނިއޭޓޯ ރިޝްވަތު ނެންގެވި ކަމުގެ ތުހުމަތާ ބެހޭ ގޮތުން އޭނާ އަދި ވަކި އެއްޗެކޭ ވިދާޅުނުވެ އެވެ. ނަމަވެސް މީގެ ކުރިން އޭނާ ވަނީ ގުޒްމަންގެ ޝަރީއަތުގައި އޭނާގެ މައްޗަށް ކޮށްފައިވާ ކޮރަޕްޝަނުގެ ތުހުމަތުތައް ދޮގުކޮށްފަ އެވެ. މެކްސިކޯ އިން އެމެރިކާއާ ހަވާލުކޮށްފައިވާ ގުޒްމަންގެ ޝަރީއަތް މިދިޔަ ނޮވެމްބަރު މަހު ފެށީ ނިއު ޔޯކުގެ ކޯޓެއްގަ އެވެ. އޭނާގެ މައްޗަށް ވަނީ މަސްތުވާތަކެތި ޓްރެފިކް ކުރުމާއި މަނީ ލޯންޑަރިން އާއި މަނާ ހަތިޔާރު ގެންގުޅުން ފަދަ 17 ދައުވާއެއް ކޮށްފަ އެވެ. އެދައުވާތައް ސާބިތުވެއްޖެ ނަމަ ގުޒްމަން އުމުރަށް ޖަލަށް ލާން ހުކުމް ކުރާނެ އެވެ. ގުޒްމަން ވަނީ މީގެ ކުރިން ދެ ފަހަރެއްގެ މަތިން އޭނާ ހައްޔަރުކޮށްފައި ހުރި ޖަލުން ފިލާފަ އެވެ. މެކްސިކޯގެ ޖަލަކުން އޭނާ އެންމެ ފުރަތަމަ ފިލީ 2001 ވަނަ އަހަރުގަ އެވެ. އޭގެ 13 އަހަރު ފަހުން އޭނާ ހައްޔަރު ކުރުމުން އެ އަހަރު ތެރޭގައި އޭނާ އަނެއްކާ ވެސް ޖަލުން ފިލި އެވެ. ގުޒްމަން އެންމެ ފަހުން ހައްޔަރު ކުރީ އޭގެ ހަ މަސް ފަހުން 2016 ވަނަ އަހަރުގެ ޖެނުއަރީ މަހުގަ އެވެ.
މެކްސިކޯގެ ކުރީގެ ރައީސަށް އެލް ޗާޕޯ 100 މިލިއަން ޑޮލަރުގެ ރިޝްވަތު ދިން
ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައިގެން އުފައްދަވާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ވަގުތީ ރައީސަކަށް އެ ޕާޓީގެ މުއައްސިސް، ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާ މެމްބަރު އަބްދުއްރަހީމް އަބްދުﷲ އިންތިހާބު ކޮށްފި އެވެ. ތިންސަތޭ ފަންސާސް ހަތް މެމްބަރުންނާއެކު ކޮންގްރެސް ޕާޓީ އުފެއްދުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ޕާޓީގެ ވަގުތީ ނައިބު ރައީސަކަށް އިންތިޚާބު ކުރީ، ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފެވެ. އެ ތިން ބޭފުޅުންގެ އިތުރުން، މި ޖަލްސާގައި ވާނި 40 މީހުންގެ ވަގުތީ ހިންގާ ކޮމެޓީ އެއްވެސް އިންތިހާބު ކޮށްފައެވެ. ސިޔާސީ ޕާޓީތަކުގެ ގަވާއިދުގައިވާ ގޮތުން ޕާޓީ އުފެއްދުމަށް އިލެކްޝަނުން ހުއްދަ ދިނުމަށްފަހު، 300 މީހުން ހިމެނޭ ގޮތަށް ޕާޓީ އުފެއްދުމަށް ޖަލްސާއެއް ބާއްވަން ޖެހެ އެވެ. މި ޖަލްސާގައި އެޕާޓީގެ ވަގުތީ ރައީސް އަކަށް އަބްދުއްރަހީމް އިންތިހާބު ކުރި އިރު، ވަގުތީ ދެ ނައިބު ރައީސް އަކު ވަނީ އިންތިހާބު ކޮށްފައެވެ. ތިން ބޭފުޅުންވެސް އެ މާގަމުތަކަށް އިންތިހާބުވީ ޖަލްސާ އަށް ހާޒިރުވި ހުރިހާ މެމްބަރުންގެ އިއްތިފާގުންނެވެ. ކޮންގްރެސް ޕާޓީ އުފެއްދުމަށް ބޭއްވި ޖަލްސާގެ ތެެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ ކޮންގްރެސް ޕާޓީ އުފެއްދުމުގެ ޖަލްސާ ބާއްވައިފި އިތުރަށް ވިދާޅުވުމަށް މި ޖަލްސާގެ ހާއްސަ މެހެމާނެއްގެ ގޮތުގައި އިދިކޮޅު މައި ޕާޓީ، ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ޖަލްސާގެ މެދުތެރެއިން ބައިވެރިވެވަޑައިގެންނެވި އެވެ. މީގެ އިތުރުން ޕީޕީއެމްގެ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރު، ވިލިމާލެ ދާއިރާ މެމްބަރު އަހްމަދު ނިހާން ހުސައިން މަނިކާއި ޕީޕީއެމްގެ މަޖިލިސް އެހެން މެމްބަރުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ. ކޮންގްރެސް ޕާޓީ އުފެއްދުމަށް އިލެކްޝަން ކޮމިޝަނުން ހުއްދަ ދިނީ މިދިޔަ މަހު 27 ވަނަ ދުވަހު އެވެ. އަދި ޕާޓީ އުފެއްދުމަށް ބާއްވާ ޖަލްސާ ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ހުއްދަ ދީފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.
ކޮންގްރެސް ޕާޓީގެ ވަގުތީ ރައީސަކަށް އަދުރޭ
އެޕަލް އައިފޯނުތަކުގެ ބެޓެރީގެ މައްސަލައަށް ދިމާވި މައްސަލަ ހައްލު ކުރުމަށް ބެޓެރީ ބަދަލުކުރަން ހުޅުވާލި ފުރުސަތުގައި މިދިޔަ އަހަރު 11 މިލިއަން އައިގޯނުން ބެޓެރީ ބަދަލުކޮށްފައިވާ ކަމަށް އެޕަލް އިން ބުނެފި އެވެ. އެޕަލް އިން އައިފޯނުތަކުގެ ބެޓެރީ ބަދަލުކޮށްދިނީ ޑިސްކައުންޓް އަގެއްގަ އެވެ. އެއީ ފޯނަށް ދިމާވާ މައްސަލައަކީ އެމީހުންގެ އިހުމާލުން ވާ ކަމެއްކަމަށް ގަބޫލުކޮށްފަ އެވެ. އެޕަލް އިން ލަފާކޮށްފައި އޮތީ ބެޓެރީ ބަދަލު ކުރުމުގެ ބަދަލުގައި ގިނަ ބަޔަކު އާ އައިފޯނު ގަންނާނެ ކަމަށެވެ. ނަމަވެސް އެކުންފުނިން ލަފާކޮށްފައިވާ ފައިދާ މަދުވެ، ފޯނުގެ ބެޓެރީ ބަދަލު ކުރި މީހުންގެ އަދަދު ވަނީ ގިނަވެފަ އެވެ. އެޕަލް އަށް މިދިޔަ އަހަރު ލިބުނު އާމްދަނީ ވަނީ 30 ޕަސެންޓު ދަށްވެފަ އެވެ. ބެޓެރީ ބަދަލުކޮށްގެން އެކުންފުންޏަށް 319 މިލިއަން ދޮލަރު ލިބިފައިވާނެ ކަމަށް ލަފާކުރެވެ އެވެ.
އެޕަލް އިން މިދިޔަ އަހަރު 11 މިލިއަން ފޯނުގެ ބެޓަރީ ބަދަލުކޮށްދިން
ރ. ވަންދޫ ކައިރިއަށް ހުއިފިލަނޑާ ނަގަން ފޭބި މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ. ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ހުއިފިލަނޑާ ނަގަން ފޭބި މީހާ ގެއްލިގެން، ދޯނީގެ ވެރިފަރާތުން ފުލުހުންނަށް ރިޕޯޯޓު ކުރީ މިއަދު ހެނދުނު 10:25ގައި ކަމަށެވެ. އޮފިޝަލު ވިދާޅުވީ، އެ މީހާ ގެއްލިގެން ހޯދާކަން ހެނދުނު 10:30ގައި ފުލުހުން އެމްއެންޑީއެފް ކޯސްޓްގާޑަށް ރިޕޯޓުކޮށްފައިވާނެ ކަމަށެވެ. އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު އިބްރާހިމް އާޒިމް ވިދާޅުވި ގޮތުގައި، ގެއްލިގެން ހޯދަނީ ރ، ދުވާފަހު، ފެހިހިޔާގެ، އަބްދުﷲ އާދަމް، 32، ކަމަށެވެ. އެ މީހާ ގެއްލުނީ "އަންބަރާ" ނަމަކަށް ކިޔާ ދޯންޏަކުން، ރަސްމާދޫ ކައިރީގައި އޮންނަ، ރ. ވަންދޫގެ ހުޅަނގު ފަރާތަށް އެރި އުޅެނިކޮށް ކަމަށް އާޒިމް ވިދާޅުވިއެވެ. އަދި އެ މީހުން ހުއިފިލަނޑާ ނަގަން ޑައިވް ފެށީ ހެނދުނު 8:45 ހާއިރު ކަމަށް ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ، އެ މީހާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ނޮދާން އޭރިއާގެ ކޯސްޓްގާޑް ސްކޮޑްރަން އިން ކުރަމުންދާ ކަމަށެެވެ. އަދި އެ މަސައްކަތުގައި ކޯސްގާޑްގެ ޑައިވަރުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.
ހުއިފިލަނޑާ ނަގަން ފޭބި މީހަކު ގެއްލިގެން ހޯދަނީ
ކުރީގެ ރައީސް ޔާމީން އިސްވެ ހުންނަވައިގެން އުފައްދަވާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އުފެއްދުމަށް ބާއްވާ ޖަލްސާ ބާއްވައިފި އެވެ. ސިޔާސީ ޕާޓީތަކުގެ ގަވާއިދުގައިވާ ގޮތުން ޕާޓީ އުފެއްދުމަށް އިލެކްޝަނުން ހުއްދަ ދިނުމަށްފަހު، 300 މީހުން ހިމެނޭ ގޮތަށް ޕާޓީ އުފެއްދުމަށް ޖަލްސާއެއް ބާއްވަން ޖެހެ އެވެ. ކޮންގްރެސް ޕާޓީ އުފެއްދުމަށް މިރޭ ދަރުބާރު ގޭގައި ބޭއްވި ޖަލްސާގައި 357 މެމްބަރުން ބައިވެވަޑައިގެންނެވި އެވެ. މި ޖަލްސާގައި، ޕާޓީގެ ލޯގޯ، ޕާޓީގެ ކުލާއާއި ދިދަ އަދި އަސާސީ ގަވާއިދު ވަނީ ފާސްކޮށްފައެވެ. މިގެ އިތުރުން 40 މީހުން ހިމެނޭ ވަގުތީ ހިންގާ ކޮމެޓީ އެއް ވަނީ ފާސްކޮށްފަ އެވެ. ކޮންގްރެސް ޕާޓީން މިރޭ ފާސްކުރި ކުލަ އާއި ދިދަ -- ޕާޓީގެ ރަސްމީ ލޯގޯ އަދި ކުލަ ފާސްވެގެން ދިޔައީ ހާޒިރުވި ހުރިހާ މެމްބަރުންގެ އިއްތިފާގުންނެވެ. ޕާޓީގެ ރަސްމީ ކުލަ، ވިލު ނޫކުލައިގެ ގޮތުގައި ފާސްވެގެން ދިޔައީ 355 މެމްބަރުންގެ ތާއީދާއެކު އެވެ. މި ޖަލްސާގެ ހާއްސަ މެހެމާނެއްގެ ގޮތުގައި އިދިކޮޅު މައި ޕާޓީ، ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ޖަލްސާގެ މެދުތެރެއިން ބައިވެރިވެވަޑައިގެންނެވި އެވެ. މީގެ އިތުރުން ޕީޕީއެމްގެ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރު، ވިލިމާލެ ދާއިރާ މެމްބަރު އަހްމަދު ނިހާން ހުސައިން މަނިކާއި ޕީޕީއެމްގެ މަޖިލިސް އެހެން މެމްބަރުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ. ކޮންގްރެސް ޕާޓީ އުފެއްދުމަށް ބޭއްވި ޖަލްސާގެ ތެެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ ކޮންގްރެސް ޕާޓީ އުފެއްދުމަށް މިދިޔަ މަހު 27 ވަނަ ދުވަހު އިލެކްޝަންސް ކޮމިޝަނުން، އެ ޕާޓީގެ މުއައްސިސް އަދި ޕީޕީއެމްގެ ކުރީގެ ނައިބު ރައީސް، ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ އަށް ވަނީ ހުއްދަ ދީފައެވެ. އަދި މިދިޔަ ބުރާސްފަތި ދުވަހު، ޕާޓީ ރަޖިސްޓްރީ ކުރުމަށް 3،000 މީހުން ހަމަވުމުން ޕާޓީ އުފެއްދުމަށް ބާއްވާ ޖަލްސާ ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ހުއްދަދީފަ އެވެ.
ކޮންގްރެސް ޕާޓީ އުފެއްދުމުގެ ޖަލްސާ ބާއްވައިފި
ބ. އޭދަފުށީގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުކުރެވިގެން ގޮސް އެރަށު މިސްކިތް ތެރެއަށް ވަދެއްޖެއެވެ. އޭދަފުށީ ކައުންސިލް ނައިބް ރައީސާ ހައްވާ ސަމީހާ 'ސަން' އަށް ވިދާޅުވީ މިއަދު ހެނދުނު އެ ހާދިސާ ހިނގާފައިވަނީ ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުކުރެވިގެން ގޮސް މިސްކިތު ފާރުގައި ޖެހިގެން ކަމަށެވެ. "އެކްސިޑެންޓްގައި ވަނީ މިސްކިތު ފާރުގައި ކާރު ޖެހުނު ތަން ވެއްޓި އެތެރެއަށް ކާރު ވަދެފައި،" ސަމީހާ ވިދާޅުވި އެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވިނަމަވެސް ކާރުގެ ކުރީ ކޮޅަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މިއަދު ހެނދުނު 10:45 ހާއިރު އޭދަފުށީގައި އެކްސިޑެންޓެއް ހިނގައިގެން ރިޕޯޓް ކޮށްފައިވާ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ފުލުހުން ނުދެއްވައެވެ.
އޭދަފުށީގައި ކާރެއް ކޮންޓްރޯލް ނުވެގޮސް މިސްކިތް ތެރެއަށް ވަދެއްޖެ
ޕާޓީ ބަދަލު ކުރުމުން ގޮނޑި ގެއްލުނު ކަމަށް މީގެ ކުރިން އިލެކްޝަން ކޮމިޝަނުން ނިންމި 12 މެމްބަރުންގެ ތެރެއިން ޖުމްހޫރީ ޕާޓީއާ ގުޅުނު މެމްބަރުންނަށް ރައްޔިތުން މަޖިލިސް އިންތިހާބުގައި ވާދަ ކުރުމަށް އެ ޕާޓީގެ ޓިކެޓް ދިނުމަށް ނިންމައިފި އެވެ. އެއް އަހަރު ދުވަހަށް ފަހު، ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރުންގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަން އިން ނިންމި ބާތިލް ކަމަށްސްޕްރީމް ކޯޓުން ވަނީ މިދިޔަ އޮކްޓޯބަރު މަހު ހުކުމްކޮށްފައެވެ. އަދި ވަކިވަކިން އެ މެމްބަރުންގެ ގޮނޑިތައް ނުގެއްލޭ ކަމަށް ނިންމާފައެވެ. ޖުމްހޫރީ ޕާޓީގެ ތަރުޖަމާނު އަލީ ސޯލިހް މިރޭ "ސަން" އަށް ވިދާޅުވީ، އެ 12 މެމްބަރުންގެ ތެރެއިން ޖުމްހޫރީ ޕާޓީ އާ ގުޅުނު މެމްބަރުންނަށް ޕްރައިމަރީ އަކާ ނުލާ ޖުމްހޫރީ ޕާޓީގެ ޓިކެޓް ދިނުމަށް އެޕާޓީގެ ކައުންސިލުން މީގެ ކުރިން ވަނީ ނިންމާފައި ކަމަށެވެ. އޭރުގެ އިދިކޮޅު ކޯލިޝަނަށް ރިޔާސީ އިންތިހާބު ކާމިޔާބު ވުމަށް އެ 12 މެމްބަރުންގެ ތެރެއިން ހަތް މެމްބަރަކު ވަނީ މިހާރު ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންފައެވެ. ބާރަ މެމްބަރުންގެ ތެރެއިން ޖުމްހޫރީ ޕާޓީއާ ގުޅުނު ހަތް މެމްބަރުން: ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސައިން މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ހަނިމާދޫ ދާއިރާގެ މެންބަރު ހުސެން ޝަހުދީ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހްމަދު (އަބުޅޯ) ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހްމަދު ދިއްދޫ ދާއިރާގެ މެމްބަރު މުހައްމަދު ލަތީފު ފުވައްމުލަކު އުތުރު ދާއިރާ މެމްބަރު އަލީ ޝާހް އަންނަ އެޕްރީލް މަހު ބާއްވާ މަޖިލިސް އިންތިހާބުގައި އެ ހަތް މެމްބަރުން ވާދަ ކުރައްވަނީ ކޮން ދާއިރާ ތަކެއް ކަމަށް އަދި ސާފެއް ނުވެއެވެ. ޖުމްހޫރީ ޕާޓީން އެ ހަތް މެމްބަރުންނަށް ޓިކެޓް ދިނުމަށް ނިންމި އިރު، ކޯލިޝަން ހަތަރު ލީޑަރުންގެ ތެރޭގައި ހިމެނޭ، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމު މީގެ ކުރިން ވިދާޅުވެފައި ވަނީ ގޮނޑި ގެއްލުނު ކަމަށް ނިންމި ހުރިހާ މެމްބަރުންނަށް ޕްރައިމަރީ އަކާ ނުލާ ކޯލީޝަން ޓިކެޓް ދިނުމަށް ކޯލިޝަންގެ ލީޑަރުން އެއްބަސް ވެފައިވާ ކަމަށެވެ.
ގޮނޑި ގެއްލުނު މެމްބަރުންގެ ތެރެއިން ޖޭޕީއާ ގުޅުނު މެމެބަރުންނަށް ޓިކެޓް ދިނުމަށް ނިންމައިފި
ސޫރިޔާއިން ފޭބުމަށް އެ ގައުމުގެ ސަރުކާރުން ތުރުކީއަށް ދާދިފަހުން ވަނީ ގޮވާލައިފައެވެ. ސޫރިޔާގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ތުރުކީއަށް ގޮވާލާފައި ވަނީ އިސްތިއްމާރީ އުސޫލުން ތުރުކީގެ އުތުރުގެ ސަރަހައްދުތަކަށް ވެރިވެގަތުމަށް މަސައްކަތް ނުކުރުމަށާއި ސޫރިޔާގެ ހަނގުރާމަވެރި ޖަމާއަތްތަކަށް އެހީތެރި ނުވުމަށެވެ. މިކަންކަމަށް އެއްބަސްވާ ނަމަ ތުރުކީއާ އެކު އަމަނާބެހޭ މުއާހަދާއެއްގައި ސޮއިކުރަން ތައްޔާރަށް އޮތްކަމަށް ވެސް ސޫރިޔާގެ ބަޔާން ބުނެއެވެ. ސޫރިޔާއާއި ތުރުކީއާ ދެމެދު 1998ގައި ސޮއިކުރި އަމަނާބެހޭ މުއާހަދާއަށް އަމަލުކުރުން ސޫރިޔާއިން ހުއްޓާލީ 2011 ވަނަ އަހަރު ސޫރިޔާގެ ވެރިކަން ވައްޓާލުމަށްޓަކައި އެގައުމުގެ ސަރުކާރާ ދެކޮޅަށް ތެދުވި އިދިކޮޅު ޖަމާއަތްތަކަށް ތުރުކީން ހަތިޔާރާއި ތަމްރީން ފޯރުކޮށްދިނުމާ ގުޅިގެންނެވެ. މިކަމުގެ ސަބަބުން ސޫރިޔާގައި ލޭއޮހޮރުވުން ބޮޑު ދާޚިލީ ހަނގުރާމައެއް ފެށިފައިވާ އިރު އެހަނގުރާމައިގެ ސަބަބުން ތުރުކީއަށް ވެސް ވަނީ ފައިދާގެ ބަދަލުގައި ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެފައެވެ. މީގެ ތެރޭގައި ސޫރިޔާގެ ތިން މިލިޔަނަށް ވުރެ ގިނަ ރެފިއުޖީން ސަރަހައްދީ ރޮނގު ހުރަސްކޮށް ތުރުކީއަށް ވަނުމާއި ތުރުކީގައި ވަކިވެގަތުމަށް މަސައްކަތްކުރާ ޕީކޭކޭ ޖަމާއަތުގެ ކުރުދީ ހަނގުރާމަވެރިން ސޫރިޔާގެ އުތުރުގައި ހަރަކާތްތެރިވާން ފެށުން ހިމެނެއެވެ. ސޫރިޔާގެ ހަނގުރާމަ ފެށުނު ދުވަސްވަރު އައިއެސް އާ ޖަބްހަތުއްނުސްރާ ފަދަ ޓެރަރިސްޓް ޖަމާއަތްތަކާ ގުޅިގެން ސޫރިޔާގައި ހަނގުރާމަ ކުރުމަށްޓަކައި ދުނިޔޭގެ އެކިކަންކޮޅުތަކުން ޖިހާދުގެ ނަމުގައި ސޫރިޔާއަށް ދިޔަ ހަރުކަށި ތަކްފީރީ ވިސްނުމުގެ ހަނގުރާމަވެރިން ސޫރިޔާއަށް ވަނުމުގެ ފަސޭހަތައް ވެސް ތުރުކީން ވަރަށް ބޮޑަށް ދިނެވެ. ނަތީޖާއަކަށްވީ އެބާވަތުގެ ހަނގުރާމަވެރިން ތުރުކީގައި ވެސް ގިނަވެ، 2015 އާއި 2016ގައި ތުރުކީގައި އެމީހުން ބޮންގޮއްވަން ފެށުމެވެ. ތުރުކީގައި ދެ އަހަރު ދުވަހަށް ދިގުދެމިގެން ދިޔަ ބޮމުގެ އެ ހަމަލާތަކުގައި އެގައުމުގެ އެތައް ސަތޭކަ ބަޔަކު މަރުވެ އެތައް ހާސްބަޔަކު ޒަޚަމްވުމުގެ އިތުރުން ތުރުކީގެ ޓޫރިޒަމް ދަށަށް ގޮސް އިގްތިސާދު މަޑުޖެހުނެވެ. މިއާ އެކު ތުރުކީން ވަނީ އައި އެސް އާ ޖަބްހަތުއްނުސްރާ ފަދަ ޓެރަރިސްޓް ޖަމާއަތްތަކަށް ދޫދިނުން ހުއްޓާލައި އެޖަމާއަތްތަކާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތައް އަޅައިފައެވެ. މިފިޔަވަޅުތަކުގެ ދަށުން ތުރުކީގެ ސަރަހައްދީ ރޮނގު ހުރަސްކޮށް އެޖަމާއަތްތަކާ ގުޅުމަށް ދާ ހަނގުރާމަވެރިން ތުރުކީގެ ސަލާމަތީ ބާރުތަކުން ހުއްޓުވިއެވެ. ސޫރިޔާގެ ހަނގުރާމައަށް ލުއި ލިބިގެންދިޔައީ މިހިސާބުންނެވެ. ނަމަވެސް އޭގެކުރިން އައިއެސް އިން ސޫރިޔާގެ ތެލުގެ ސިނާއަތަށް އަތްގަދަކޮށްގެން ތިބި ދުވަސްވަރު އެޖަމާއަތުން އަގުހެޔޮކޮށް ވިއްކި ތެޔޮ އެންމެ ގިނައިން ގަނެ އޭގެ ނާޖާއިޒު ފައިދާ ނެގި ގައުމަކީ ވެސް ތުރުކީއެވެ. ތުރުކީ ސިފައިން މީގެ ފަސް އަހަރު ކުރިން ފެށިގެން ގެންދަނީ ސޫރިޔާގެ ކުރުދީން ތުރުކީގެ ޕީކޭކޭ ޖަމާއަތަށް އެހީތެރިވާ ކަމަށްބުނެ ސޫރިޔާގެ ހުއްދައަކާނުލައި ސޫރިޔާގެ އުތުރަށް އަރައި ސޫރިޔާގެ ކުރުދީންނާ ދެކޮޅަށް ހަނގުރާމަ ކުރަމުންނެވެ. ނަމަވެސް އެމެރިކާ ކުރުދީންނަށްދޭ އަސްކަރީ އެހީގެ ސަބަބުން ތުރުކީއަށް އެހަނގުރާމަ ކާމިޔާބުވާގޮތެއް އަދިވެސް ނުވެއެވެ. ސޫރިޔާގެ އުތުރުގައި ކުރުދީންނާ ދެކޮޅަށް ހަނގުރާމަ ކުރަން ތުރުކީއަށް ޖެހުމުން ތުރުކީގެ އަސްކަރީ ޚަރަދުތައް ވެސް ވަނީ އިންތިހާއަށް މައްޗަށް ދިޔައެވެ. އަދި ހަތަރު އަހަރުވީއިރު ވެސް ކުރުދީން ބަލި ނުކުރެވުމުން ތުރުކީން ދާދިފަހުން ވަނީ މިމައްސަލާގައި ސޫރިޔާ ސަރުކާރާ ވާހަކަ ދައްކަން ތައްޔާރަށް އޮތްކަން ވެސް ހާމަކޮށްފައެވެ. މިހުރިހާ މައްސަލަތަކެއް ވެސް ތުރުކީއަށް ކުރިމަތިވީ އަމިއްލަ އެދުމަށްޓަކައި ސޫރިޔާގެ ވެރިކަމުގެ ނިޒާމު ގަދަބާރުން ވައްޓާލުމަށް މަސައްކަތްކުރުމުގެ ނަތީޖާއެއްގެ ގޮތުންނެވެ. މިކަން ފެށީ 2011 ވަނަ އަހަރުގެ އަރަބި ރަބީއުގެ އޮއިވަރުތަކާ އެކު ސޫރިޔާގެ ރައްޔިތުން ބައްޝާރުގެ ވެރިކަމާ ދެކޮޅަށް ކުރި މުޒާހަރާތަކުގެ ނާޖާއިޒް ފައިދާ ނަގައިގެންނެވެ. ނަމަވެސް ހަނގުރާމައާއި ސޫރިޔާގެ ރައްޔިތުންނާ ގުޅުމެއްނެތެވެ. ސޫރިޔާގެ ހަނގުރާމަ ފެށީ ބައްޝާރާ ދެކޮޅަށް ރައްޔިތުން ކުރި މުޒާހަރާތަކުގެ ތެރެއަށް ވަދެގަތް އެމެރިކާއާއި ގަތަރާއި ތުރުކީގެ މަދަދު ލިބުނު ސޫރިޔާގެ ޖަމާއަތްތަކުންނެވެ. އެޖަމާއަތްތަކަށް ތުރުކީއާއި އެމެރިކާއިން ހަތިޔާރާއި އަސްކަރީ ތަމްރީން ދިން އިރު ގަތަރާއި ސައޫދީން އެޖަމާއަތްތަކަށް ފޯރުކޮށްދިނީ މިލިޔަނުން މިލިޔަނުން ޑޮލަރެވެ. ފަހުންވަނީ ގަތަރާއި ސައޫދީވެސް ޖެހި ދުޝްމަނުންނަށްވެފައެވެ. ތުރުކީއަކީ ސޫރިޔާގެ ބިމެއް ކަމަށްވާ އިސްކަންދަރޫނާ އަށް ވެސް ވަރަށް ކުރީއްސުރެ އަތްގަދަ ކޮށްފައިވާ ގައުމެއް ކަމަށް ސޫރިޔާއިން ބުނެއެވެ. އެ ސަރަހައްދުގެ މިލްކުވެރިކަމަށް ސޫރިޔާ އިން ދައުވާކުރާއިރު ތުރުކީ ގެންދަނީ އެމައްސަލާގައި ސޫރިޔާއާ ވާހަކަ ދެއްކުމަށް ވެސް ދެކޮޅު ހަދަމުންނެވެ. ސޫރިޔާގެ ވެރިކަމުގެ ނިޒާމު ގަދަބާރުން ވައްޓާލުމަށް ސައޫދީއާއި ގަތަރާއި އެމެރިކާއާއި ޔޫރަޕްގެ ގައުމުތައް މަސައްކަތްކުރީ ސޫރިޔާގެ ވެރިކަމުގެ ނިޒާމަކީ ރަޝިޔާއާއި އީރާނަށް ތާއީދުކުރާ ނިޒާމަކަށްވާތީ އެގައުމުތަކުން ބޭނުންވާ ވެރިކަމުގެ ނިޒާމެއް ސޫރިޔާގައި ގާއިމް ކުރުމުގެ ޖިއޮ ސްޓްރެޓީޖިކް ބޭނުމުގައެވެ. ސޫރިޔާގައި މިފަދަ ނިޒާމެއް ގާއިމް ކުރުމުގެ ބޭނުމަކީ ގަތަރުގެ ގޭސްހޮޅިތައް ސޫރިޔާގެ ތެރެއިން ލާފައި ތުރުކީ ހުރަސްކޮށް ޔޫރަޕަށް ގެންދިޔުމުގެ ފުރްސަތު ހޯދުމެވެ. މިކަމުގެ މަގްސަދަކީ ޔޫރަޕުން ރަޝިޔާގެ ގޭހަށް ބަރޯސާވުން ހުއްޓުމަކަށް ގެނައުމެވެ. މިގޮތަށް ހެދިއްޖެ ނަމަ ރަޝިޔާ އިގްތިސާދީ ގޮތުން އިނދަ ޖައްސާލެވޭނެއެވެ. އަދި ގޭސް ހޮޅި ތުރުކީ ހުރަސްކުރާތީ ތުރުކީއަށް ވެސް އޭގެ އާމްދަނީގެ ޕަސެންޓެއްގެ ގޮތުގައި އަހަރަކު އެތަށް ބިލިޔަން ޑޮލަރެއް ލިބޭނެ އެވެ. ސޫރިޔާގެ ރައީސް ބައްޝާރުލްއަސަދުގެ ވެރިކަމުގެ ދިފާއުގައި ރަޝިޔާ އާދަޔާ ޚިލާފަށް ނުކުތީ މިކަން ހުއްޓުވުމަށެވެ. ސޫރިޔާގެ ހަނގުރާމައަށް އަސްކަރީ ބާރުވެރިކަމާ އެކު ރަޝިޔާ ވަނުމުން ބައްޝާރުގެ ވެރިކަން ނުވެއްޓި ހަނގުރާމަ ދިގުލައިގެން ދިޔުމާ އެކު ސޫރިޔާގެ އުތުރުގައި ކުރުދީންގެ މައްސަލަ ތުރުކީއަށް ބޮޑުވިއެވެ. މިއާއެކު ތުރުކީއަށް ވަނީ އެގައުމުގެ ސިޔާސަތަށް ބޮޑެތި ބަދަލުތަކެއް ގެންނަން މަޖްބޫރުވެ ރަޝިޔާއާއި އީރާނާ ގުޅިގެން ކުރުދީންގެ ނުރައްކަލުން ސަލާމަތް ވުމަށް މަސައްކަތް ކުރަން ޖެހިފައެވެ.
ސޫރިޔާ ހަނގުރާމައިގެ ހަގީގަތަކީ ކޮބާ؟
ތ. ތިމަރަފުށީގައި ތަރައްގީކޮށްފައިވާ އެއާޕޯޓަށް ރޭގަނޑު ފްލައިޓް ޖައްސަން ފެއްޓުމާ އެކު ގެސްޓް ހައުސްތަކުގެ ވިޔަފާރީ އިތުރަށް ފުޅާވެގެންދާނެ ކަމަށް އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑައިރެކްޓަރު މުހައްމަދު ރިޒްވީ ވިދާޅުވެއްޖެ އެވެ. އައިލެންޑް އޭވިއޭޝަނުން އޮޕަރޭޓް ކުރާ، ތިމަރަފުށީ އެއާޕޯޓަށް ރޭ ވަނީ ފުރަތަމަ ބޯޓު ޖައްސައިފަ އެވެ. ތިމަރަފުށީ އެއާޕޯޓުގައި ރޭގަނޑު ފުލައިޓްތައް ފެށުމަށް މޯލްޑިވިއަންގެ ފުލައިޓުގައި ދަތުރުކުރުމަށް ފަހު، ކުންފުނީގެ އެމްޑީ ރިޒްވީ "ސަން" އާ ވާހަކަ ދައްކަވަމުން ވިދާޅުވީ، އެއާޕޯޓުގައި ރޭގަނޑު ފުލައިޓް ޖައްސަން ފެށުމަކީ ކުންފުންޏާއި ރައްޔިތުންނަށް ވެސް ފައިދާ ހުރި ކަމެއް ކަމަށެވެ. "ތިމަރަފުށީ އެއާޕޯޓް ތަރައްގީ ކުރަމުން އަންނަ އިރު މިއީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް. މެޑިކަލް އެވެކުއޭޝަންގައި ބަލި މީހުން ގެނައުމަށް ވެސް އަޅުގަނޑުމެންނަށް ފަސޭހަވެގެން ދާނެ،" ރިޒްވީ ވިދާޅުވި އެވެ. "ރޭގަނޑު ފުލައިޓްތައް ޖެއްސުމުގެ ކުރިން، ރޭގަނޑު ފުލައިޓުތައް ނޯންނާތީ ގިނަ ބޭފުޅުން ރޭގަނޑުގައި ދަތުރު ކުރަން ބޭނުންވާ ނަމަ މި އަތޮޅުގެ ރައްޔިތުން މާލެ އަށް އައުމަށް ދާން ޖެހެނީ ކައްދޫ އަށް. ނަމަވެސް މިހާރު އެމަޖެންސީ ހާލަތްތަކުގައި ވެސް އަޅުގަނޑުމެންނަށް ރޭގަނޑުގައި ފްލައިޓް ޖެެއްސޭނެ،" 15 ޖެނުއަރީ 2018: ތިމަރަފުށީ އެއާޕޯޓަށް މޯލްޑިވިއަން އިން ރޭގަނޑު ފުލައިޓް ޖައްސަން ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: އައިލެންޑް އޭވިއޭޝަންގެ އެމްޑީ ރިޒްވީ -- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް ރިޒްވީ ވިދާޅުވީ، މިހާރު ރޭގަނޑު ފުލައިޓް ޖައްސަން ފެށުމުން ކުންފުނީގެ ވިސްނުން ހުރީ ޑިމާންޑް އޮތް ވަރަކަށް އިތުރު ފުލައިޓްތައް އެ އެއަޕޯޓަށް ޝެޑިއުލް ކުރަން ކަމަށެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ތިމަރަފުށީ އެއާޕޯޓުގެ މަޝަރޫއު ފަށައި، 2013 ވަނަ އޭރުގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ހުޅުއްވައި ދެއްވި ތިމަރަފުށީ އެއާޕޯޓުގައި މިހާތަނަށް ޝެޑިއުލް ކުރަމުން އައީ ހަފްތާ އަކު ހަތް ފުލައިޓެވެ. އެއާޕޯޓަށް ފަސް އަހަރު ވެފައިވާ އިރު، ތިމަރަފުށީ އެއާޕޯޓަށް ރޭގަނޑު ދަތުރުތައް ފެށުމަށް ރަންވޭގައި ލައިޓް ހަރުކޮށް ނިންމިތާ ގިނަ ދުވަސްތަކެއް ވެއްޖެ އެވެ. ރިޒްވީ ވިދާޅުވީ ތިމަރަފުށީ އެއާޕޯޓުގައި ރޭގަނޑު ފްލައިޓް ޖެއްސުމަށް ކުންފުނިން މީގެ ކުރިން ވެސް ވަރަށް ބޮޑަށް މަސައްކަތް ކުރި ކަމަށާއި ލަސްވެގެން ދިޔައީ ސިވިލް އޭވިއޭޝަން މިންގަނޑުތަކަށް ބަޔެއް ކަންތައް ފުރިހަމަ ނުވުމުން ކަމަށެވެ. "ކުރިން ވަރަށް މަސައްކަތް ކޮށްފައި އޮތީ [ރޭގަނޑު ފްލައިޓްތައް ޖެއްސުމަށް]. ނަމަވެސް ސިވިލް އޭވިއޭޝަންގެ ރެގިއުލޭޓަރީ ބޮޑީގެ ރިކުއާމަންޓްސްތައް ފުރިހަމަ ނުވެފައި ހުރީމާ ލަސްވެގެން ދިޔައީ،" އޭނާ ވިދާޅުވީ، ރޭ ފުލައިޓް ޖެއްސީ ހުރިހާ ކަމެއް ފުރިހަމަވެ ސިވިލް އޭވިއޭޝަންގެ ހުއްދަ ވެސް ލިބިގެން ކަމަށެވެ. 15 ޖެނުއަރީ 2018: ތިމަރަފުށީ އެއާޕޯޓަށް މޯލްޑިވިއަން އިން ރޭގަނޑު ފުލައިޓް ޖައްސަން ފެށުން -- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް ތިމަރަފުށީ އެއާޕޯޓުގެ އިތުރުން އައިލެންޑް އޭވިއޭޝަން އިން ޑޮމެސްޓިކް އިތުރު ދެ އެއަޕޯޓެއް އޮޕަރޭޓް ކުރެ އެވެ. އެއީ ބ. ދަރަވަންދޫ އެއާޕޯޓާއި ރ. އިފުރު އެއާޕޯޓެވެ. ރިޒްވީ ވިދާޅުވީ، އައިލެންޑް އޭވިއޭޝަން އިން ހިންގާ އެއާޕޯޓުތައް އިތުރަށް ތަރައްގީ ކުރުމަށް ބަޔެއް ކަންތައްތައް އެބަހުރި ކަމަށާއި ނަމަވެސް ކުންފުނީގެ ވިސްނުން ހުރީ އެއާޕޯޓުތަކުން ދެވޭ ސާވިސް އިތުރަށް ހަރުދަނާ ކުރުން ކަމަށެވެ. "އިންފްރާކްޗާ ބައެއް ކަންތައްތައް އެބަހުރި ޑިވެލޮޕް ކުރަން ޖެހޭ. އަޅުގަނޑުމެން ބޮޑަށް މި ބަލަނީ ސާވިސް ލެވެލް ރަނގަޅު ކުރެވޭތޯ،" ރިޒްވީ ވިދާޅުވި އެވެ. ތިމަރަފުށީ އެއާޕޯޓަށް ރޭގަނޑު ފްލައިޓް ޖައްސަން ފަށައިފި އިތުރަށް ވިދާޅުވުމަށް
ތިމަރަފުއްޓަށް ރޭގަނޑު ބޯޓު ޖައްސަން ފެށުމާ އެކު، ގެސްްޓްހައުސްގެ ވިޔަފާރި ރަނގަޅުވާނެ: ރިޒުވީ
ރ. އިންނަމާދޫ ރައްޔިތުންނަށް އެންމެ ބޮޑަށް ބޭނުން ވަނީ ޒަމާނީ ފެންވަރުގެ މިސްކިތެއް ކަމަށް އެ ރަށުން ކައުންސިލުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އަރިހުގައި ދަންނަވައިފި އެވެ. އިންމާދޫ ކައުންސިލުން މިއަދު ވަނީ ރައީސް ސޯލިހްއާ ބައްދަލު ކުރައްވާފައެވެ. ރައީސް އޮފީހުގައި ބޭއްވި މި ބައްދަލު ކުރެއްވުމުގައި އެރަށުން ކައުންސިލަރުން ވިދާޅުވީ، އެ ރަށުގެ ބަނދަރު ސަރަހައްދުގައި ޒަމާނީ ފެންވަރުގެ މިސްކިތެއް އިމާރާތްކުރަން ވަރަށްބޮޑަށް ބޭނުންވާ ކަމަށާއި އެކަމަށް ބޭނުންވާ ފައިސާގެ ބައެއް ކައުންސިލުން އިސްނަގައިގެން މިހާރު ހޯދާފައިވާ ކަމަށެވެ. އަދި މިކަމަށް ބޭނުންވާ ބާކީ ފައިސާ ސަރުކާރުން ހަމަޖައްސަވައިދެއްވައި، ސަރުކާރުގެ އެއްބާރުލުމާއެކު މިސްކިތް ބިނާކުރަން ބޭނުންވާކަމަށް ކައުންސިލުން ރައީސް އަރިހުގައި ދެންނެވި އެވެ. އިންނަމާދޫ ކައުންސިލުން ރައީސް ސޯލިހްއާ ބައްދަލު ކުރެއްވުން -- ފޮޓޯ/ ރައީސް އޮފީސް މި ބައްދަލު ކުރެއްވުމުގައި ރަށުގެ ތަރައްގީއަށް ރާވާފައިވާ މަސައްކަތްތަކާއި، މިހާރު ކުރިއަށްދާ މަސައްކަތްތަކާއި ރަށަށް ބޭނުންވެފައި ހުރި ކަންކަމުގެ މައުލޫމާތު އަދި ރަށަށް ހުރި އިތުރު ދަތިތައް ވަނީ ރައީސް ސޯލިހްއާ ހިއްސާ ކުރައްވާފައެވެ. އެގޮތުން އެ ރަށުގައި ނަރުދަމާގެ ހިދުމަތް ނެތުމާއި، އަތޮޅުގެ ބޯޓު ޔާޑުތަކަށް ކުރިމަތިވަމުންދާ މައްސަލަތަކާއި، އިންނަމާދޫއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކޮށްދެއްވުމަށް ކައުންސިލުން ރައީސް ސޯލިހްގެ އަރިހުގައި އެދިވަޑައިގެންނެވިއެވެ މިބައްދަލުކޮށްލެއްވުމުގައި ރައީސް ސޯލިހް ވިދާޅުވީ. ސަރުކާރުގެ މުއައްސަސާތަކާއި މިގޮތަށް ބައްދަލުކޮށްލެއްވުމުން ރައްޔިތުންގެ ބޭނުންތަށް ވަރަށް ބޮޑަށް އޮޅުން ފިލައިވަޑައިގަންނަވާ ކަމަށެވެ. އިންނަމާދޫ ކައުންސިލުން ރައީސް ސޯލިހާ ބައްދަލު ކުރެއްވުމުގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް އިންނަމާދޫ ކައުންސިލުން އެދިވަޑައިގެންފައިވާ ކަންކަމުގައި ކަމާގުޅޭ މިނިސްޓްރީތަކާއެކު މަޝްވަރާކުރެއްވުމަށްފަހު އެކަންކަމަށް ހައްލެއް ހޯއްދަވައިދެއްވާނެކަމުގައި ރައީސް ސޯލިހް ވިދާޅުވިއެވެ. މިބައްދަލުކޮށްލެއްވުމުގައި ކައުންސިލް މެންބަރުން ވަނީ ރ. އަތޮޅުގެ ރަށްރަށަށް ބޭނުންވާ މިނޫންވެސް ގިނަ ކަންތައްތަކެއް ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ ސަމާލުކަމަށް އެކަންކަން ގެންނަވާފައެވެ.
އިންނަމާދޫ ރައްޔިތުން އެންމެ ބޮޑަށް ބޭނުން ވަނީ ޒަމާނީ ފެންވަރުގެ މިސްކިތެއް!
ބްރެކްސިޓްގެ އެއްބަސްވުމަށް ހައުސް އޮފް ކޮމަންސްގެ ބޮޑު އަޣްލަބިއްތަކުން ނޫނެކޭ ބުނުމުން އިނގިރޭސިވިލާތަށް މިވަނީ މި ކަމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ. މިގޮންޖެހުންތަކާއެކު މިމައްސަލަތައް ހައްލުކުރުމުގައި އިނގިރޭސި ބޮޑުވަޒީރު ތެރީސާ މޭގެ ކުރިމަތީގައި އޮތީ އެންމެ ތިން ގޮތެކެވެ. އެއީ އެއްބަސްވުމަކާނުލައި ޔޫރަޕްގެ އިއްތިޙާދުން އިނގިރޭސިވިލާތް ވަކިވުމަށް ދޫކޮށްލުން ނޫނީ އިނގިރޭސިވިލާތަށް އިގްތިސާދީ ގޮތުން މިއަށްވުރެ ފައިދާބޮޑު އެއްބަސްވުމަކަށް ދިޔުމަށްޓަކައި ޔޫރަޕްގެ އިއްތިޙާދާއެކު އަލުން ވާހަކަތައް ފެށުން ނޫނީ ޔޫރަޕްގެ އިއްތިޙާދުން އިނގިރޭސިވިލާތް ވަކިވުމާބެހޭގޮތުން ރައްޔިތުން ދެކޭ ގޮތް ބެލުމަށް އިތުރު ވޯޓެއް (ފެންނަ ނުފެންނަ) ނެގުމެވެ. ފުރަތަމަ ގޮތަށް ބަލާއިރު އެއީ ފަސޭހަ ހައްލެއް ނޫނެވެ. ސަބަބަކީ ބްރެކްސިޓާމެދު އިނގިރޭސި ރައްޔިތުން ވަކި ގޮތަކަށް ނިންމާފައި އޮއްވައި އެކަން ތަންފީޒުނުކޮށް ހަމައެކަމާބެހޭގޮތުން އިތުރު ވޯޓަކަށް ދިޔުމެވެ. މިއީ އިނގިރޭސިވިލާތުން ޑިމޮކްރަސީގެ ނަމުގައި ގެންގުޅޭ އުސޫލުތަކާ މުޅިން ފުށުއަރާ ކަމެކެވެ. މިކަން ކޮށްފިނަމަ އިނގިރޭސި މުޖްތަމައު ބައިބައިވެ ހަމަނުޖެހުންތަކާ ކުރިމަތިލާންޖެހުމުގެ ބިރު ވަރަށް ބޮޑެވެ. ދެވަނަ ހައްލަށް ބަލާއިރު އިގްތިސާދީ ގޮތުން އިނގިރޭސިވިލާތަށް މިއަށްވުރެ ފައިދާބޮޑު އެއްބަސްވުމަކަށް ދިޔުމަށްޓަކައި ޔޫރަޕްގެ އިއްތިޙާދާ ވާހަކަދެއްކުމަކީވެސް އޮތް ފުރްސަތެއް ނޫނެވެ. މިފުރްސަތު އިނގިރޭސިވިލާތަށް ދެން ނުދެވޭނެކަން ޔޫރަޕްގެ އިއްތިޙާދުގެ ކައުންސިލްގެ ވެރިޔާ ޑޮނަލްޑް ޓުސްކުވަނީ އެތަށް ފަހަރަކު ވަނީ ވިދާޅުވެފައެވެ. ސަބަބަކީ މިހާރު ވެފައިވާ ބްރެކްސިޓްގެ އެއްބަސްވުމަކީ ދެވެންއޮތް އެންމެ ބޮޑު ދޫ އިނގިރޭސިވިލާތަށް ދީގެން އެކުލަވާލާފައިވާ އެއްބަސްވުމަކަށްވާތީއެވެ. މިއަށްވުރެ ބޮޑު ދުލެއް ދިނުމަށް ޔޫރަޕްގެ ލީޑަރުން ދެކޮޅު ހައްދަވާނެތީއެވެ. އެހެންކަމުން އިނގިރޭސިވިލާތަށް އިގްތިސާދީ ގޮތުން މިއަށްވުރެ ފައިދާބޮޑު އެއްބަސްވުމެއް ޔޫރަޕްގެ އިއްތިޙާދާއެކު ވުމަކީވެސް އިނގިރޭސި ސަރުކާރަށް އޮތް ޚިޔާރެއް ނޫނެވެ. ދެން އޮތީ ވާނެ ހާލެއްގައި ވުމަށް (އެއްބަސްވުމަކާނުލައި ޔޫރަޕްގެ އިއްތިޙާދުން އިނގިރޭސިވިލާތް ވަކިވުމަށް) ދޫކޮށްލުމެވެ. މިހެންވެއްޖެނަމަ އިނގިރޭސި އިގްތިސާދު ހަލާކުގެ ތެރެއަށް ވެއްޓޭނެ ކަމާއި އިނގިރޭސި ކުންފުނިތަކަށް ޔޫރަޕްގެ އިއްތިޙާދާ މުއާމަލާތް ކުރާނެ ގޮތެއްނެތުމުން ކުންފުނިތައް ބަނގުރޫޓް ވުމުގެ ފުރްސަތު ބޮޑު ކަމަށް އިނގިރޭސި އިގްތިސާދީ މާހިރުން ވިދާޅުވެއެވެ. ސަބަބަކީ ޔޫރަޕްގެ އިއްތިޙާދު އެއްކޮޅުގައި އޮވެފައި އިނގިރޭސިވިލާތް އަނެއްކޮޅުގައި އޮންނަ އިރު ދެފަރާތުގެ ދެމެދުގައި މުއާމަލާތްކުރާނެ ގޮތެއް އަދި އެއްބަސްވުމެއް އުސޫލެއް ނެތުމުން ގެއްލުންވާނީ އިނގިރޭސި އިގްތިސާދަށް ކަމަށްވާތީއެވެ. އިނގިރޭސި އިގްތިސާދަކީ ޔޫރަޕްގެ އަނެއް 27 ގައުމުގެ އިގްތިސާދާ އަޅާބަލާއިރު ވަރަށް ކުޑަ އިގްތިސާދެކެވެ. މީގެއިތުރުން އެއްބަސްވުމަކާނުލައި ޔޫރަޕްގެ އިއްތިޙާދުން އިނގިރޭސިވިލާތް ވަކިވުމަށް ދޫކޮށްލައިފިނަމަ ޔޫރަޕްގެ އެހެން ގައުމުތަކާއި އިނގިރޭސިވިލާތްޖެހި އިގްތިސާދީ އަދި ގާނޫނީ އޮޅުންބޮޅުންގަނޑެއްގެ ތެރެއަށް މުޅި ގައުމު ވެއްޓިގެންދާނެތީ މިފަދަ ހާލަތެއްގައި ޔޫރަޕަށްވުރެ ބޮޑަށް ގެއްލުންވާނީ އިނގިރޭސިވިލާތަށް ކަމަށް ތަޖްރިބާކާރުން ދެކެއެވެ. މިފަދަ ހާލަތެއްގައި އިނގިރޭސި ކުންފުނިތަކަށާއި އިގްތިސާދަށް ވާނެ ގެއްލުންތައް އަންދާޒާ ކުރަންވެސް ނޭނގޭކަމަށް އިގްތިސާދީ ފަރާތްތަކުން ބުނެއެވެ. ކޮންމެއަކަސް ޔޫރަޕްގެ އިއްތިޙާދުން އިނގިރޭސިވިލާތް ވަކިވުމާބެހޭގޮތުން އެކުލަވާލާފައިވާ އެއްބަސްވުމަށް އިނގިރޭސި ޕާލަމެންޓްގެ ދަށުގެ ކަމަށްވާ ހައުސް އޮފް ކޮމަންސްގެ ބޮޑު އަޣްލަބިއްޔަތަކުން މިވަނީ ނޫނެކޭ ބުނެފައެވެ. މިއާއެކު ތެރީސާ މޭގެ ކުރިމަތީގައި އޮތީ މިމައްސަލަ ހައްލު ކުރުމާމެދު ސަރުކާރުން ނިންމާ ގޮތެއް ތިން ދުވަހުގެ ތެރޭގައި ހައުސް އޮފް ކޮމަންސަށް އެންގުމެވެ. ކޮންމެ ގޮތެއްގައިވެސް މިއަހަރުގެ 29 މާޗް ގައި އިނގިރޭސިވިލާތް ޔޫރަޕްގެ އިއްތިޙާދުން ވަކިވާނެތީ މަތީގައިވާ ތިން ހައްލުގެ ތެރެއިން ކޮންމެވެސް ހައްލަކާ ދިމާއަށް ދިޔުމަށް ތެރީސާގެ ސަރުކާރަށް މަޖްބޫރުވާނެއެވެ. މިއިން އެއްވެސް ހައްލަކާ ދިމާއަށް ނުގޮސްފިނަމަ ދެން އޮތީ މިހާރު ދެކޮޅުހެދި އެއްބަސްވުމަށް ކުދިކުދި އިސްލާހް ތައް ގެނަސްގެން އެ އެއްބަސްވުމަށް ރުހުން ދިނުމުގެ މުހިއްމުކަން ހައުސް އޮފް ކޮމަންސްގެ ގިނަ މެންބަރުންނަށް ތެރީސާގެ ސަރުކާރުން ވިސްނައި ދީ އަލުން ހައުސްގެ ވޯޓަކަށް އެހެމެވެ. ބްރެކްސިޓް އެއްބަސްވުމާބެހޭގޮތުން ހައުސްގައި ނެގި ވޯޓުގައި އެއްބަސްވުމާ ދެކޮޅަށް 432 މެންބަރުން ވޯޓު ދެއްވާފައިވާއިރު އެއްބަސްވުމަށް ތާއީދުކޮށް ވޯޓު ދީފައިވަނީ އެންމެ 202 މެންބަރުންނެވެ. ބްރެކްސިޓްގެ އެއްބަސްވުމާ ދެކޮޅަށް ވޯޓު ދެއްވި ބޭފުޅުންގެ ތެރޭގައި ކޮންޒަވެޓިވް ޕާޓީގެ މެންބަރުންގެ ތެރެއިންވެސް ގިނަ ބޭފުޅުން ހިމެނޭތީ މިހާ ގިނަ މެންބަރުންތަކެއްގެ ޚިޔާލު ބަދަލުކުރުމަކީވެސް ފަސޭހަ ކަމެއްނޫނެވެ. ނަމަވެސް ޔޫރަޕާ ވާހަކަ ދައްކައިގެން މިހާރުގެ އެއްބަސްވުމަށް ކަސްޓަމްސްގެ މައްސަލަތަކާއި އަޔަލޭންޑްގެ ސަރަހައްދީ ރޮނގުގެ މައްސަލައާ ގުޅޭ ބައިތަކަށް އިސްލާޙް ގެނެވިއްޖެނަމަ ބައެއް މެންބަރުންގެ މިއެއްބަސްވުމަށް ތާއީދު ކުރައްވާނެ ކަމުގެ އުންމީދު އެބައޮތެވެ. ބްރެކްސިޓްގެ ވޯޓަށްފަހު އިނގިރޭސި އިދިކޮޅު ލީޑަރު އަދި ލޭބަރ ޕާޓީގެ ޒައީމް ޖެރިމީ ކޮބިން ވަނީ ތެރީސާގެ މޭގެ މައްޗަށް އިތުބާރުނެތް ކަމުގެ ވޯޓެއް ނެގުމަށް ހައުސް އަށް ހުށަހަޅާނެކަން ހާމަކުރައްވާފައެވެ. ނަމަވެސް ހައުސްގައި ގިނައީ ވެރިކަންކުރާ ކޮންޒަވެޓިވް ޕާޓީގެ މެންބަރުން ކަމަށްވާތީ އިތުބާރުގެ ވޯޓުން ތެރީސާ އާއި ވެރިކަންކުރާ ކޮނަޒަވެޓިވް ޕާޓީ ސަލާމަތްވެ ވުމަކީ އެކަށީގެންވާ ކަމެކެވެ.
ބްރެކްސިޓްގެ މައްސަލައިގައި އިނގިރޭސީންނަށް ދެން އޮތީ ތިން ހައްލެއް!
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމުގެ ޕާޓީއެއް ކަމަށާއި އެޕާޓީން ދަމަހައްޓާނީ އެމަނިކުފާނުގެ ސިޔާސަތު ކަމަށް، މިރޭ އެޕާޓީގެ ވަގުތީ ރައީސަކަށް އިންތިޚާބުވި، ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ. ކޮންގްރެސް ޕާޓީ އުފެއްދުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އަދުރޭ ވިދާޅުވީ އެ ޕާޓީ އުފެއްދުމަށް އިސްނެންގެވީ ރައީސް ޔާމީން ކަމަށާއި ޕާޓީ އުފެއްދުމުގެ މަސައްކަތް ކުރިއަށް ދަނީ އެމަނިކުފާނުގެ އެއްބާރުލުމާއި އެހީތެރިކަމާއި އަދި ލަފާފުޅާއެކު ކަމަށެވެ. "މި ޕާޓީ އަކީ ޚުދު ރައީސް ޔާމީންގެ ޕާޓީ. މި ޕާޓީ އުފެއްދުމުގައި ހުރިހާ ވިސްނުންފުޅަކާއި ހުރިހާ ހިޔާލުފުޅެއް އަޅުގަނޑުމެންނާ ހަމައަށް ތިލަކޮށްދެއްވި ބޭފުޅަކީ ރައީސް ޔާމީން. މި ޕާޓީގެ ފިކުރަކީ ރައީސް ޔާމީންގެ ފިކުރު. މި ޕާޓީން ދަމަހައްޓާނީ، ރައީސް ޔާމީންގެ ސިޔާސަތު،" ރައީސް ޔާމީންވެސް ބައިވެރިވެވަޑައިގެންނެވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އަދުރޭ ވިދާޅުވި އެވެ. ކޮންގްރެސް ޕާޓީގެ ވަގުތީ ރައީސް އަދުރޭ: އެނާ ވިދާޅުވީ، އެ ޕާޓީއަކީ ރައީސް ޔާމީންގެ ޕާޓީއެއް ކަމަށް -- ސަން ފޮޓޯ/ ފަޔާޒު މޫސާ ޕީޕީއެމްގެ ކުރީގެ ނައިބު ރައީސް ކަންވެސް ކުރެއްވި އަދުރޭ ވިދާޅުވީ، ކޮންގްރެސް ޕާޓީ މަސައްކަތް ކުރައްވާނީ، ރައީސް ޔާމީން ރައީސް ކަން ކުރައްވަމުން ގެންދަވާ އިދިކޮޅު މައި ޕާޓީ ޕީޕިއެމްއާ ގުޅިގެން "އެކީ އެއް ޕާޓީ" އެއްގެ ގޮތުގައި ކަމަށެވެ. ކޮންގްރެސް ޕާޓީ އާ ޕީޕީއެމްއާ ގުޅިގެން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ ގިނަ ގޮނޑިތަކެއް ކާމިޔާބު ކުރައްވާނެ ކަމަށް އަދުރޭ ވިދާޅުވި އެވެ. ސުޕްރީމް ކޯޓުގައި ހިނގާ ޕީޕީއެމްގެ މިލްކުވެރިކަމުގެ މައްސަލައާއެކު އެޕާޓީގެ މިލްކުވެރި ކަމާމެދު ސުވާލު އުފެދި، ގިނަ ދުވަސްތަކެއް ވުމުން ސިޔާސީ ޕްލެޓްފޯމެއްގައި މަސައްކަތްކުރުމަށް، އާ ޕާޓީ އެއް ހެދުމަށް މަޖުބޫރުވީ ކަމަށް އަދުރޭ ވިދާޅުވީއެވެ. "ޕީޕީއެމްގެ މިލްކުވެރިފަރާތަކީ ކޮބައިކަން ނޭނގި ގިނަ ދުވަސްތައް ވުމުން، އަޅުގަނޑުމެންނަށް މަޖުބޫރުވީ، ސަރުކާރު ޖަވާބުދާރީ ކުރުވާނެ އާ ސިޔާސީ ޕްލެޓްފޯމެއް ހޯދަން. އެކަން ކުރެވެން އޮތީ، ޕާޓީއެއް އުފައްދައިގެން ކަމަށް ރައީސް ޔާމީނަށް ފެނިވަޑައިގެންނެވި ހިނދު، އެމަނިކުފާނުގެ ލަފާފުޅާ އެކު އަޅުގަނޑުމެން އިސްނެގީ އެ މަސައްކަތަށް،" ދާދި ފަހަކާ ޖެހެންދެން ޕީޕީއެމްގެ ނައިބު ރައީސްއެއްގެ ގޮތުގައި ހުންނެވި އަދުރޭ ވިދާޅުވި އެވެ. ކޮންގްރެސް ޕާޓީ އުފެއްދުމަށް ބޭއްވި ޖަލްސާގެ ތެެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ ކޮންގްރެސް ޕާޓީން މަސައްކަތްކުރާނީ ސައްތައިން ސައްތަ މުސްލިމް، މިނިވަން ގައުމެއްގެ ގޮތުގައި ދިވެހި ގައުމު ބިނާ ކުރަން ކަމަށް އަދުރޭ ވިދާޅުވި އެވެ. ކޮންގްރެސް ޕާޓީ ރަޖިސްޓްރީ ކުރުމަށް ބޭއްވި ޖަލްސާގައި އެޕާޓީގެ ވަގުތީ ނައިބު ރައީސުންގެ ގޮތުގައި އިންތިހާބު ކޮށްފައިވަނީ ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފެވެ. ކޮންގްރެސް ޕާޓީ އުފެއްދުމުގެ ޖަލްސާ ބާއްވައިފިއިތުރަށް ވިދާޅުވުމަށް އެ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ދެ މެމްބަރަކު އެޕާޓީއާ މިއަދު ގުޅިވަޑައިގެންވިކަމަށް އަދުރޭ އިއުލާން ކުރެއްވި އެވެ. އެއީ ބާރަށު ދާއިރާ މެމްބަރު އިބްރާހިމް ޝުޖާއު އާއި ގައްދޫ ދާއިރާގެ މެމްބަރު އަހްމަދު ރަޝީދެވެ. އެ ޖަލްސާގައި 40 މީހުން ހިމެނޭ ވަގުތީ ހިންގާ ކޮމެޓީ އެއްވެސް ވަނީ އިންތިހާބު ކޮށްފައެވެ. ކޮންގްރެސް ޕާޓީ އުފެއްދުމަށް އިލެކްޝަންސް ކޮމިޝަނުން ހުއްދަ ދިނީ މިދިޔަ މަހު 27 ވަނަ ދުވަހު އެވެ. އަދި ޕާޓީ އުފެއްދުމަށް ބާއްވާ ޖަލްސާ ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ހުއްދަ ދީފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.
މި ޕާޓީއަކީ ރައީސް ޔާމީންގެ ޕާޓީ، ދަމަހައްޓާނީ އެމަނިކުފާނުގެ ސިޔާސަތު: އަދުރޭ
ހެނދުނުއްސުރެން ކުރަމުން ދިޔަ ވިއްސާރަ އަލިކޮށްލީ މެންދުރަށް އެޅި ފަހުންނެވެ. އޭރު ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން މަގުތަކުގައި ވަނީ ބޮޑެތި ފެންއާރުތައް ހެދިފައެވެ. ފެންބޮޑުވެ މަގުގައި ހިނގަން އުނދަގޫވެފައިވާ ހިސާބަށް ގޮސްފައި ވާއިރު، ޖެހެމުން ދިޔަ ބާރު ރޯޅިތަކުގެ ޝިކާރައަކަށް ވެފައިވާ ރުއްގަސްތަކަށް މަދަދުވެރިވާނެ ފަރާތަކަށް ބޭނުންވެފައި ވިއެވެ. ވިއްސާރައިގެ ސަބަބުން ފަޒާގެ ތެރެއަށް ސަވާރުވެފައި އޮތް ތެތްފިނިކަމުގެ ސަބަބުން ކަށީގެ ތެރެއަށްވެސް ފިނިކަން ސަވާރުވާހާ ވެއެވެ. އެމޫސުމުގެ ތެރޭގައިވެސް ރަށުގެ ޅަފުރައިގެ ކުދިންތައް މަގުގައި ހެދިފައި އޮތް ޗަކަތަކުގެ ތެރޭން ދުވަމުން މޫސުމުގެ ފޯރި ނަގަމުން ދިޔައެވެ. މަގުތައް ހިތަކަށް ލިބިފައިވުމުން ހީވަނީ ޢީދެއް އައިސްގެން އުޅޭހެންނެވެ. މެންދުރަށް ހޮސްޕިޓަލަށް ދިއުމުގެ ކުރިން މަންމައަށް ބޭނުންވާ ބައެއް ސާމާނުތައް ހަމަކުރަން ޒޯހާ އުޅެއެވެ. ޑޮކްޓަރުންގެ އިރުޝާދުގެ މަތިން ހަފްތާއަކަށް މަންމަ ހޮސްޕިޓަލުގައި ބާއްވަން ޖެހޭތީ، ޒަރޫރީ ބޭނުންތަކަށް ބޭނުންވާނެ ސާމާނުތައް ހަމަކޮށް ނިންމާލުމަށްފަހު ޒޯހާ ވަނީ ބަދިގެއަށެވެ. މަންމައަށް ދޭން އޭނަ ކެއްކި ބަތްޕެން ޕެކްކުރާށެވެ. ތެލީގައި ހުރި ބަތްޕެން ފޮދު ބަންދުކުރެވޭނެ ކަހަލަ ބޯތަށްޓަކަށް އަޅަން ހުރި ޒޯހާގެ ސަމާލުކަން އުނދުން ކައިރީގައި އޮތް އޭނަގެ ފޯނަށް ހުއްޓުނީ ފޯނުގެ ރިންގުގެ އަޑުން މާހައުލުގެ ހަމަހިމޭންކަން ނަގާލުމުންނެވެ. އަވަސްއަވަހަށް ފޯނުގެ ސްކްރީނަށް ޒޯހާ ނަޒަރު ހިންގާލިއެވެ. ގުޅަނީ ބޮޑުދައިތައެވެ. އެގުޅަނީ އޭނަ ނައިސް ލަސްވެގެންކަން ޒޯހާއަށް ވަގުތުން ނަގައިގަނެވުނެވެ. އަތްމަތި އަވަސްކޮށްލަމުން އަތުގައި އޮތް ހުސް ތެލި ގެންގޮސް ސިންކަށް ލިއެވެ. އެއަށްފަހު ބޯތަށީގެ މަތި ޖަހާލަމުން، ޒޯހާ ފޯނަށް ޖަވާބު ދިނެވެ. ''ހާދަ ލަސްވަނީ؟... ދައްތަ ގެއަށް ދާން އެބަޖެހޭ... އަނެއްކާ ބޭސް ސިޓީއެއް ވެސް ދީފަ އެބައޮތް، ޒޯހާ ދިޔައިރު ދިޔައީ މޫނިސާގެ އައި.ޑީ ކާޑުވެސް ހިފައިގެން، އެހެންވެ އެޔަށް ބޭސްވެސް ނުނެގިފަ އޮތީ، އޭގައި ހުރި ބޭސްތައް ނެގުން ލަސްވެގެން މިހާރު ދެފަހަރަކު ނަރުސްކުއްޖަކު ވެސް އައިސް ސުވާލުކޮށްފި...... އަވަހަށް އަންނަން އުޅޭ...'' ޒޯހާ ފޯނު ނެގުމާއެކު ފަޒީލާ ވާހަކަދެއްކީ ޒާތަކަށެވެ. ޒޯހާއާއި އޭނައާއި ދެމެދު ހިނގި ޒުވާބަށް ފަހު ފަޒީލާ ހުންނަނީ މޫނު ހަދައިގެންނެވެ. ކޮންމެހެން ދައްކަން ޖެހޭ ވާހަކައެއް ނޫނީ އޭނަ ނުދައްކައެވެ. ޒޯހާއަށް ހެޔޮ މަގު ވިސްނައިދޭން ކުރި މަސައްކަތް ނާކާމިޔާބުވުމުން ފަޒީލާ ހުންނަނީ ހިތްހަމަނުޖެހިފައެވެ. ޒޯހާ ފެނުނަސް ފަޒީލާގެ ޠަބީއަތު ޚަރާބު ވެއެވެ. މޫނިސާގެ ފަރާތުން ވެސް އެދެވޭ ފަދަ ކުރިއެރުމެއް ނުލިބޭތީ ހޮސްޕިޓަލަށް ދާން ވެސް އޭނަ ބޭނުމެއް ނުވެއެވެ. ނަމަވެސް، ހާލުގައި ޖެހި ބަލި އެނދުގައި އޮތް ކޮއްކޮއަށް ފުސްމޫނު ދައްކައި، ފުރަގަސްދިނުމުން ރަށުތެރޭގައި އޭނަގެ ނަމަށް ހުތުރު އަރާފާނެކަމުގެ ބިރަށްޓަކައި ކޮއްކޮއަށް ޒިޔާރަތްކުރުން އޭނައަށް އޮންނަނީ މަޖުބޫރުކަމަކަށް ވެފައެވެ. ދުވާލުގެ ތާވަލުން މަދު ވަގުތުކޮޅެއް ވިޔަސް އޭނަ އެކަމަށް ހުސްކުރަނީ އެހެންވެގެންނެނެވެ. ''މި ދަނީ...'' ޒޯހާ ކުރު ޖަވާބެއް ދިނެވެ. އެދެމެދުގައި އޮތް ނުތަނަވަސްކަމުން ފަޒީލާއާއި ގިނަ ވާހަކަތަކެއް ދައްކާކަށް ޒޯހާ ނުހެދިއެވެ. އޭނަ ހުންނަނީ އަފްލާކްއާ މެދު ބޮޑުދައިތަ ކަންތައް ކުރިން ގޮތުން ދެރަވެ މާޔޫސް ވެފައެވެ. ގޮތްހުސްވެފައެވެ. ބޮޑުދައިތައަށް ވިސްނައިދޭން އޭނަ ބޭނުން ވެއެވެ. އަފްލާކްގެ ކުށެއް ނެތްކަން ސާބިތުކޮށްދޭން ވެސް މެއެވެ. ޢާއިލާ ތެރޭގައި އޮތް ހަމަޖެހުން ގެއްލިގެން ދާން ބޭނުން ނުވާތީއެވެ. ނަމަވެސް ބޮޑުދައިތަ ހުންނަނީ އޭނަގެ ވާހަކަތަކާއި ޖަދަލުކުރަން އަޒުމުކަނޑައަޅައިގެންނެވެ. އޭނަގެ ވާހަތަކަށް ބީރުކަންފަތެއް ދިނުމަށްފަހު ކުރިއަށް ނެރެނީ ބޮޑުދައިތަގެ ޒީލަގަދަކެމެވެ. އެޒީލަގަދަކަމުން މަންމައަށް ވެސް ތަފާތު ވަސްވާސްތައް ދޭން މަސައްކަތްކުރެއެވެ. އެކަންތަކާ ހުރެ ވެސް ޒޯހާ ހުންނަނީ ފިކުރުބޮޑުވެފައެވެ. ވިސްނަންޖެހޭ ކަންތައް ގިނަވެފައިވުމުން ޒޯހާ ހުންނަނީ އަބަދުމެ ވަރުބަލިވެ ބޮލުގައި ރިއްސާފައެވެ. ހަމަ ނުނިދި ނުލިބިފައެވެ. ފިކުރުތައް ގިނަވެފައެވެ. ހިތާމަތަކުގެ ތެރޭ ބަނދެވި ގޮތްހުސްވެފައެވެ. ނަމަވެސް އެއިން އެއްވެސް އިހުސާސެއް އިތުރު މީހަކަށް ފާހަގަވިޔަކަ ނުދެއެވެ. އެހެނިހެން މީހުންނަށް އިހުސާސްތައް ވަންހަނާ ކުރަން ޒޯހާ ނިކަން ކުޅަދާނައެވެ. ''ހޫނނނ، އަވަށް އާދޭ...'' ފަޒީލާ ރާގެއް ލައްވާލަމުން ފޯނު ކަނޑާލިއެވެ. ފަޒީލާ ފޯނު ކަނޑާލުމާއެކު، ޒޯހާ ދެން ގުޅީ އަފްލާކް އަށެވެ. އޭނަ ބަލާ އައިސްދިނުމަށް އެދިއެވެ. އިރުކޮޅެއް ފަހުން އަންނާނެ ވާހަކަ އަފްލާކް ބުނުމުން ޒޯހާ ފޯންކޯލް ކުރުކޮށްލިއެވެ. ސިންކަށް ލީ ތެލި ދޮވެ ހަރުގަނޑުގައި އަޅުވާލުމަށްފަހު ޕަތްޕެން އެޅި ބޯތަށި ހިފައިގެން ޒޯހާ ދިޔައީ ބޮޑުކޮޓަރިއަށެވެ. އަދި ހޮސްޕިޓަލަށް ގެންދަން އޭނަ ތައްޔާރުކުރި ކޮތަޅުތަކުގެ ތެރެއަށް ބޯތަށިލަމުން ހިންދެމިލި ވަގުތު ހައިރާންކަން ލިބުނީ ގޭގެ ބެލް ޖެހި އަޑު އިވުމުންެނެވެ. އެއާއެކު ދޮރާ ދިމާއަށް ޒޯހާއަށް ބަލާލެވުނެވެ. އޭރު ދެވަނަ ފަހަރަށް ވެސް ބެލް ޖަހައިފިއެވެ. ސުވާލު އުފެދިފައިވާ ހާލު ޒޯހާ އަވަސްވެގަތީ ދޮރު ހުޅުވުމަށެވެ. ''ހާދަ އަވަހަށް އަފްލާކް އެއައީ...'' ޒޯހާއަށް ހިތާހިތުން ބުނެވުނެވެ. ***** ކަމެއް ނެތި ގިނައިރު ގޮނޑީގައި އިންނަންޖެހުމުން ފޫހިވެފައި އިން ފަޒީލާއަށް ވޯޑަށް ވަދެގެން އައި މާރިޔާ ފެނުމާއެކު އޭނަގެ މޫނު ކަޅުފޮއިރެޔެއްގެ އަނދިރިކަމަށް ބަދަލުވާން ނެގީ ފަޅި ސިކުންތުކޮޅެކެވެ. ހިތްހަމަނުޖެހުމުގެ އަސަރު އެކުލެވިގެންވި ހަރަކާތަކާއެކު ކައިރީގައި ހުރި ކުޑަ މޭޒު މަތީ އަތުގައި ފޯނު ބޭއްވުނީ ވެސް ތަންކޮޅެއް ބާރަށެވެ. އެއަޑަށް ނިދިޖެހިފައި އޮތް މޫނިސާއަށް ސިހިފައި ލޯހުޅުވާލެވުނެވެ. އޭނަގެ ނަޒަރު ފުރަތަމަ ދަތުރުކުރީ ގޮނޑިން ތެދުވުނު ފަޒީލާ އަށެވެ. ފަޒީލާގެ މޫނުން ފެނުނު ރުޅިވެރިކަމާއެކު އޭނައަށް ވަގުތުން ބަލާލެވުނީ ފަޒީލާ ބަލަހައްޓައިގެން ހުރި ދިމާއަށެވެ. އެއާއެކު އޭނަ އޮތް އެނދާއި އަރާހަމަކުރަމުން ދިޔަ މާރިޔާ ފެނި މޫނިސާގެ މޫނުމަތިން ނުތަނަވަސްކަން ފެނުނެވެ. ފަޒީލާގެ މިޒާޖާ ހެދި ހަމަނުޖެހުންގަނޑެއް ހިނގާފާނެތީއެވެ. ''މި މީހުންގެ ބަލާވެރިކަމުން ސަލާމަތެއް ނުވާނެ އަވަސް ރަހުމަތެއްގައި... ނާންނާށޭ ބުނީމަވެސް ގޮތެއްފޮތެއް ނެތިގެން އެބައާދެޔޭ!...'' ހަށަންބަނދެލަމުން ފަޒީލާ ބުނެލިއެވެ. އޭނަގެ ދެލޯ ހަނިވެފައިވާއިރު ބުމަވެސް ވަނީ ގޮށްޖެހިފައެވެ. ދަތްތަކަށް ބާރުލައިގެން ހުރިކަން ކަތުރުކަށިތަކަށް އައިސްފައިވި ބަދަލުން ފާހަގަކޮށްދެއެވެ. ''ދައްތާ، އަހަންނާއި މާރިޔާ އެކަނި ވާހަކަދައްކާލަން ބޭރަށް ގޮސްލަން ވީނު...'' ފަޒީލާއަށް ބަލާލަމުން މޫނިސާ އެދުނެވެ. ބޭނުމަކަށްވީ ފަޒީލާ އެތަނުން ފޮނުވާލުމެވެ. އެއާއެކު އިހުނަށްވުރެން ފަޒީލާގެ މޫނު ބަނަވެގެން ދިޔައެވެ. ތުންއަނބުރާލުމަށްފަހު އެނދު ކައިރިއަށް އައިސް ހުއްޓުނު މާރިޔާއާ ދިމާއަށް އޭނަ ލޯއަޅާލިއެވެ. ''މޫނިސާ ބޭނުންކަމެއް ކުރޭ!، ފަހުން މަ ވިސްނައިނުދިނިއްޔޭ ނުބުނާތީ!...'' ހިތްހަމަނުޖެހުމާއެކު ފަޒީލާ ވޯޑުން ނިކުންނަން ދިޔައީ މާރިޔާގެ ގާތުން ލާފައެވެ. ދަމުން އޭނަ ދިޔައީ މާރިޔާގެ ގައިގައި ކޮނޑުން ޖަހާފައެވެ. ***** ކޮފީ މޭޒެއްގެ ދޮށުގައި ތިބި އަފްލާކްއާއި ކާއިލްގެ ދެމެދުގައި ދެކެވެމުން ދިޔައީ އައްޔޫބުގެ ކޭސްގެ ވާހަކައެވެ. އެކޭސް ކާމިޔާބު ކުރުމުގައި ހުރި ގޮންޖެހުންތަކާއި ކަންބޮޑުވުންތައް ކާއިލްގެ ވާހަކަތަކުން ފާހަގަކުރެވި، އަފްލާކް އިނީ މާޔޫސް ވެފައެވެ. ޒޯހާއަށް ވި ވަޢުދު ފުއްދައިދުނެވިދާނެކަމުގެ ބިރު އޭނަގެ ހިތުތެރޭގައި ވިންދުޖަހަމުން ދިޔައެވެ. ނަފުސުގެ ހަމަޖެހުން ގެއްލިފައި ވަނީ އެހެންވެއެވެ. ކޮންމެ ގޮތެއް ހަދާފައި ވިޔަސް ކާމިޔާބު ލިބެން އަފްލާކް ބޭނުމެވެ. އިތުރަށް ޒޯހާ މާޔޫސްވެ ރޯތަން ދެކެން އޭނައަށް ކެތްނުކުރެވޭނެތީއެވެ. ފިކުރުތައް ބޮޑުވެ މެޔަށް ބާރުވެގެން ދިޔަ ހިނދު ރަމީޒުއާ މެދު އެހިތުގައި ނަފުރަތުގެ އަލިފާން ރޯވާން ފެށިއެވެ. ''އަހަންނަށް ކުރެވެން ހުރި ކޮންމެ މަސައްކަތެއް ކުރާނަން، އިންވެސްޓިގޭޝަން ޓީމުން މަޢުލޫމާތު ނުދޭން އުޅެނީ އެމީހުން އެއްބައިވެގެން ޒޯހާގެ ބައްޕަ ފްރޭމްކުރަން އުޅޭތީ، ކޭސްގެ ފުރިހަމަ ތަފުސީލެއް ވެސް ހާމައެއް ނުކުރޭ... ކޯޓުގައި އަހަރުމެން ޖެހޭނީ އެކަން ސާބިތުކުރަން... އުނދަގޫ ވާނެ، ބަޓް އިޓްސް ޕޮސިބްލް...'' ވަތުތަށީގައި ހުރި ކޮފީ ތަށި ނަގަމުން ކާއިލް ބުނެލިއެވެ. އޭރު ކާއިލްގެ ނަޒަރު އަމާޒުވެފައި ވަނީ އޭނަ ގެނައި ލިޔެކިޔުންތަކަށް ސަމާލުކަންދީގެން އިން އަފްލާކް އަށެވެ. އެމޫނުމަތިން ފާޅުވަމުން ދިޔަ ކަންބޮޑުވުންތައް ފެނި ކާއިލް މަސައްކަތްކުރީ އެކުވެރިޔާގެ އުއްމީދު އާކޮށްދޭށެވެ. ކާމިޔާބު ލިބޭނެކަން ހަނދުމަކޮށްދޭށެވެ. ''މާ އަވަސްއަރުވާލައިގެން ނިންމާފައި އޮތް އިންވެސްޓިގޭޝަންއަކަށް ވުމުން އެކަމާއި މެދުވެސް އަހަރުމެންނަށް ސުވާލު އުފެއްދޭނެ......'' ކާއިލް އިތުރުކޮށްލިއެވެ. '' އަދި އެއް ވާހަކަ... މާދަމާ ވިޒިޓޭޝަންއަށް ދާއިރު އަފްލާކް ބޭނުންނަމަ ޒޯހާވެސް ގެންދެވިދާނެ...'' ކާއިލްއަށް ބަލާލަމުން އަފްލާކް ބޯޖަހާލިއެވެ. އަދި ފަނޑު ހިނިތުންވުމެއް ދިނެވެ. ''ހަވީރުން ބައްދަލުކުރަމާ، މިހާރު ޒޯހާ ހުންނާނެ އަހަރެން ނައިސްގެން ލަސްވެފަ...'' އަތުކުރީ އޮތް ގަޑިއަށް ބަލާލަމުން އަފްލާކް ބުނެލިއެވެ. ދެރަހުމަތްތެރިން ކޮފީ މޭޒު ދޫކޮށް ދިޔައީ ހަވީރުން ބައްދަލުކުރަން އެއްބަސްވެފައެވެ. ***** ޒޯހާ ގޮސް ގޭގެ މައިދޮރު ހުޅުވާލުމާއެކު އޭނަގެ މޫނުގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ. ނުރުހުންތެރިކަން އެކުލެވިގެންވާ ނަޒަރަކުން ދޮރު ކުރިމަތީ ހުރި ރަމީޒުއަށް ބަލަން ޒޯހާއަށް ހުރެވުނެވެ. ރަމީޒު އެގެއަށް އައުމުން ހައިރާންކަން ވެސް ލިބިފައި ވިއެވެ. ''އެތެރެއަށް ވަންނާކަށް ނުބުނާނަން ތަ؟...'' ރަމީޒުގެ ތުންފަތުގައި ވަނީ މަލާމާތުގެ ހިނިތުންވުމެކެވެ. އައި ރުޅީގައި ޒޯހާ އުޅުނީ ރަމީޒުގެ މޫނު މައްޗަށް ގޭގެ ދޮރު ލައްޕާށެވެ. ނަމަވެސް ރަމީޒު ވަރަށް ހުޝިޔާރެވެ. ޒޯހާގެ ހަރަކާތްތަކަށް ސަމާލުކަން ދީގެން ހުރި ރަމީޒު ވަގުތުން ދޮރުގައި ހިިފަހައްޓާ އަތުގައި ހުރި ބާރަކާއެކު އެތެރެއަށް ކޮއްޕާލިއެވެ. އެއާއެކު ހުޅިވިގެން ދިޔަ ދޮރާއެކު ޒޯހާ ފަހަތަށް ދިޔައެވެ. އޭރު އެދެލޮލުން ސިހުން ފެނެއެވެ. ބިރުވެރިކަމުގެ އަސަރު ވެސް ވެއެވެ. ''ތީތަ ވާން އުޅޭ ބަފާބެއާ މެދު ކަންތައް ކުރަންވީ ގޮތަކީ؟، މެހުމާންދާރީގެ ކަންފުޅެއް ވެސް ނެތެއްނު!... ވަރެއްގެ ތަރުބިއްޔަތެއް ލިބިފައި ތިހުރީ!...'' ހުއްދަ ހޯދުމެއް ވެސް ނެތި ރަމީޒު އެތެރެއަށް ވަދެގަތެވެ. އެއަށްފަހު ގޭތެރެއަށް ދިން އަވަސް ނަޒަރަށް ފަހު އޭނަ މިސްރާބުޖެހީ ބޮޑުކޮޓަރީގެ ސޯފާއާއި ދިމާއަށެވެ. ހައިރާންވެ އަންތަރީސްވެފައި ޒޯހާއަށް ބަލަން ހުރެވުނެވެ. ރަމީޒުގެ މަޤުސަދާ މެދު އޭނަގެ ހިތުގައި އުފެދުނު ސުވާލުތަކުން ހިތުގެ ތެޅުން ވެސް އަވަސްވަމުން ދިޔައެވެ. ''އަހަރެން މިގެއަށް އަންނަން ޖެހުނު ސަބަބާ މެދު ސުވާލު ނުކުރާނަންތަ؟...'' ސޯފާގައި އިށީނުމުގެ ކުރިން ސޫޓުގެ ގޮށް ރަމީޒު ނައްޓާލިއެވެ. އެއަށްފަހު ސޯފާގައި އިށީންނަމުން ސޯފާގެ ތެރެއަށް ހަށިގަނޑު ދޫކޮށްލިއެވެ. ގެއަށް އޭނަ ދިން ފުން ނަޒަރާއެކު ތުންފަތުގައި ދުވެލީ މަލާމާތުގެ ހިނިތުންވުމެކެވެ. މުއްސަނދިކަމުގެ ކުލަވަރު އޭނައަށް ނުފެނުނީތީއެވެ. ''ނިކުމޭ މިގެއިން!...'' ހިތްހަމަނުޖެހިފައި ހުރި ޒޯހާ ބުންޏެވެ. އޭނަގެ އަޑުގައި ވަނީ ހަރުކަށި ކަމެވެ. ''ފުލުހަށް ނުގުޅަނީސް މިގެއިން ނިކުންނާށޭ!...'' ''ތިމާއަށް ވުރެން ބޮޑެތި މީހުންނަށް ޤަދަރުކުރުމެއް ވެސް ނެތް ދޯ؟، ލަދުހަޔާތެއް ވެސް ނެތީދޯ؟... އޯކޭ، ނިކަން ގުޅާބަލަ ފުލުހުންނަށް... މަ ބަލާނަން އެމީހުން އާދޭތޯ...'' ބުމަ އަރުވާލަމުން އެއްމިޔަކަނިން ރަމީޒު ހިނިތުންވެލިއެވެ. އޭނަގެ ވާހަކަދެއްކުމުގެ ރާގުން ޒޯހާ ދެރަކޮށް ނިކަމެތިކޮށްލަން އުޅޭ ކަހަލައެވެ. ''ޤަދަރުކުރަން ޖެހޭ ވަރުގެ މީހެއް ނަމަ ޤަދަރުކުރާނަން...'' ޒޯހާ ރައްދު ދިނެވެ. ''އެބަފެނޭ ކަލޭ ކަހަލަ މީހަކާ އަފްލާކް ހިތާވާން ޖެހުނު ސަބަބު... އޭނަގެ ރަނޑުކަމުން ނުކުރެވޭނެ ކަންތައް ކުރަން މީހަކު ބޭނުންވާނެތީ ކަލޭ ފަހަތުން އޭނަ އުޅެނީ...'' ޖެއްސުމުގެ ރާގަކަށް ރަމީޒު ބުނެލިއެވެ. އޭނަ އުޅުނީ ޒޯހާ ރުޅިއަރުވާލާށެވެ. ''މިތަނުގައި ރަނޑު މީހަކީ ކާކުކަން އެންމެނަށް ވެސް އިނގޭނެ... ޒީލަ ގަދަ އަންހެނުން ކުރާ ޒާތުގެ ކަންތައް ކުރަނީ ކާކު ކަން ވެސް އިނގޭނެ... މީހުންގެ ފުރަގަހުން ހަމަލާދެނީ އަންހެނުން، ފިރިހެނަކު ނަމަ ތިކުރާ ކަހަލަ ފީކަޅާ ކަންތަކެއް ނުކުރާނެ...'' ޒޯހާ ބުނެލިއެވެ. ''ހުރިހާ ގޮތަކުން ބެލިކަމުގައި ވިޔަސް ފުރިހަމަ ފިރިހެނެއް އަފްލާކްއަކީ!... މީހާގެ ހަމަހިމޭންކަމަކީ އޭނަގެ ބަލިކަށިކަމެއް ކަމުގައި ނުދެކޭތި!...'' ޒޯހާގެ ޖުމްލައާއެކު އޭނަގެ ޝަހުސިއްޔަތަށް އަމާޒުވި ބަސްތަކުން ރަމީޒު ގާތަށް ރުޅިއައެވެ. ނަމަވެސް ހިނިޖަނޑެއް ޖަހާލަމުން ރުޅީގެ އަސަރު އޭނަ ފިލުވާލިއެވެ. ''ގޯހެއް ނޫން، އޭނަގެ ދިފާއުގައި މީހަކު ހުންނަން ވާނެތާ... އަމިއްލަ މީހާ ދިފާއުކުރަން އޭނައަކަށް ނޭގޭނެ ވިއްޔާ، އެވަރުގެ މީހަކަށް އިތުރު މީހަކު ދިފާއުކުރެވޭނީ ކިހިނެއް؟...'' ޒޯހާއަށް ބަލާލަމުން ރަމީޒު ބުންޏެވެ. ރަމީޒުއާއި ވާހަކަދައްކައިގެން ކުރިއެރުން ނުލިބޭނެކަން ޔަޤީން ވާތީ ހަށިފުރާ ދޫކޮށްލި ނޭވާއާއެކު ޒޯހާ ހިޔާރުކުރީ ހަމަހިމޭންކަމެވެ. ''ކޮޅަށް ނުހުރެ އިށީދެބަލަ، ބައްޕަ ދައްކަން މިއައި ވާހަކަވެސް އަޑުއަހާލަން ވާނެތާ...'' ވަކިން ހުރި ސޯފާގޮނޑިއަށް އިޝާރާތް ކުރަމުން ރަމީޒު ބުނެލިއެވެ. ހީވަނީ އެގޭގެ ވެރިމީހަކީ ވެސް އޭނަ ހެންނެވެ. ބޮޑާކަމާއި ކިބުރުވެރިކަން ކޮންމެ ހަރަކާތެއްގައި އެކުލެވިގެން ވެއެވެ. ރަމީޒު ބުނިހެން ޒޯހާ ކަންތައް ނުކުރިއެވެ. އޭނަ ހަށަންބަނދެލަމުން ބަލަން ފެށީ ދުރެވެ. ޒޯހާއަށް ބަލަން އިން ރަމީޒު ހިނިގަނޑެއް ޖަހާލިއެވެ. ''އެންމެ ރަގަޅު، ކޮޅަށް ހުރެގެން ވިޔަސް އަހަރެން ދައްކަން މިއުޅޭ ވާހަކައެއް އަޑުއަހާ... ބޭނުންތަ ޒޯހާގެ ބައްޕަ މިނިވަންކުރަން؟...'' ރަމީޒު މަސައްކަތްކުރީ ޒޯހާގެ ސަމާލުކަން ހޯދާށެވެ. ޒޯހާގެ ނަޒަރު އޭނައަށް ހުއްޓުމުން އެމަގުސަދު ހާސިލުވެއްޖެކަން ރަމީޒުއަށް ނަގައިގަނެވުނެވެ. އެއާއެކު އޭނަގެ ތުންފަތުގައިވި ހިނިތުންވުން ފުންވެގެން ދިޔައެވެ. ''އަފްލާކްއާއި ވަކިވޭ، އެނޫން އިތުރު ގޮތަކުން ޒޯހާގެ ބައްޕަ މިނިވަނެއް ނުވާނެ، އަހަރެން މިބުނާހެން ކަންތައް ނުކޮށްފިނަމަ މިއަށް ވުރެން ބޮޑު ބަދުނާމެއް ބޮލުގައި އެޅިގެންދާނެ... ޒޯހާގެ ބައްޕަގެ ބޮލުގައި އެޅިފައިވާ މަސްތުވާތަކެތީގެ މައްސަލަ ސާބިތުވެ ޖަލަށް ދާން ބޭނުންނުވާނަމަ މިހާރުން މިހާރަށް އަފްލާކް ދޫކޮށް ދުރަށް ދޭ... ދުރަށް ދާން ބޭނުންވާ ވަރަކަށް ފައިސާ ވެސް ދީފާނަން، އޭރުން މިރަށް ދޫކޮށް އެހެން ތަނަކަށް ހިޖުރަ ކުރެވޭނެތާ، ވެފައި އޮތް ބޭޒާރުގެ ތެރޭގައި އުޅޭކަށް ނުޖެހޭނެ އޭރުން...'' ރަމީޒު ނެގި ބްލޭންކް ޗެކް އޭނަ ބޭއްވީ ސޯފާ ކުރިމަތީ ހުރި ބިއްލޫރި މޭޒުމަތީގައެވެ. އޭރު އޭނަ ޔަޤީންކޮށްގެން ހުރީ އޭނަގެ ހުށަހެޅުމާ ޒޯހާ އެއްބަސްވާނެކަމަށެވެ. އަފްލާލް ދޫކޮށް ދުރަށް ގޮސްދާނެ ކަމަށެވެ. އޭނަގެ ރޭވުމުގެ ފުރިހަމަކަމާމެދު ހިތުގައި އޮތް ބޮޑާކަމާއި އުއްމީދެއްގެ ސަބަބުން ރަމީޒުގެ ތުންފަތަށް ވެރިވެގެން އައީ ކާމިޔާބުގެ ހިނިތުންވުމެކެވެ. ޒޯހާއަށް އިރުކޮޅެއް ވަންދެން ބަސްހުއްޓިފައި ހުރެވުނެވެ. އެއްފަހަރު ރަމީޒުއަށް އަދި އަނެއް ފަހަރު މޭޒުމަތީ އޮތް ޗެކަށް އޭނަގެ ނަޒަރު ދަތުރުކުރިއެވެ. އެއާއެކު ޒޯހާ ގާތަށް އައީ އަމަށަކު ރުޅިއެއް ނޫނެވެ. އޭނަގެ ހިތުގައި ރަމީޒުއަށް އޮތް ކުޑަމީސް ޤަދަރު ގެއްލިގެން ދިޔައީ އެދަނޑިވަޅުގައެވެ. އަވަސް ފިޔަވަޅުތަކެއްގައި އޭނަ ގޮސް މޭޒު ކައިރިއަށް ހުއްޓިލަމުން ޗެކު ނެގިއެވެ. އެމަންޒަރު ބަލަމުން ދިޔަ ރަމީޒުއަށް އޭގެ މާނަ ނެގުނީ މުޅިން ގޯސްކޮށެވެ. އާހިރުގައި ފައިސާގެ ދަހިވެތިކަމަށް ޒޯހާ ވެސް ބޫތުކެއީކަމަށް ނިންމާ މަލާމާތުގެ ހިނިގަނޑެއް ޖަހާލިއެވެ. އަވަސްއަވަހަށް އަތުގައި އޮތް ޗެކް ޒޯހާ ވީދާލިއެވެ. އެމަންޒަރު ބަލަން އިން ރަމީޒުއަށް ފުންމައިގެންފައި ސޯފާއިން ތެދުވެވިއްޖެއެވެ. އޭރު އޭނަގެ ތުންފަތުގައި ވި ހިނިތުންވުން ގެއްލިއްޖެއެވެ. ނުރުހުމާއެކު ޒޯހާއަށް އޭނަ ބަލަން ހުއްޓެވެ. އަތުގައި ހުރި ކަރުދާސްކޮޅުތައް ޒޯހާ ޖެހީ ރަމީޒުގެ މޫނަށެވެ. އައިސްފައި ރުޅި ރުޅީގައި ރަމީޒުއަށް މުށްބާރުކޮށްލެވުނެވެ. ''ހީކުރީތަ އަފްލާކް ދެކެ އަހަރެން ވާ ލޯބި ފައިސާއިން ގަނެލެވިދާނެ ކަމަށް؟... އެހެން ހީކުރެވެންޏާ އެއީ ކުށްހީއެއް... އަހަރެންގެ ބައްޕައަށް ތިކުރަމުންދާ ޖެއްސުންތަކުން ވެސް އަހަރެންގެ ހިތް ބަދަލެއް ނުވާނެ... މިހިތުގައި އަފްލާކްއަށް ވާ އިހުސާސްތައް ދުވަހަކު ބަދަލެއް ނުކުރެވޭނެ... ހީކުރަނީތަ ތާއަބަދު ނުބައި އަމަލުކުރުމާއިގެން ތިމާއަށް އުޅެވިދާނެ ކަމަށް؟... އެހެން ހީކުރެވެންޏާ އެއީ ކުށްހީއެއް... އެއްވެސް އިންސާނަކަށް މިދުނިޔެ މަތީގައި ތާއަބަދަކު ނޫޅެވޭނެ، މަރު އައިސް އެމީހަކާ ބައްދަލުކުރާނެ، އެދުވަހަކުން ތި މުދަލާއި ފައިސާއިން އެއްވެސް ކަމެއް ބަދަލުކުރެވިދާނެތަ؟!... ނުކުރެވޭނެ، އެދުވަހަކުން ތިމާގެ އާރާއި ބާރު ގެއްލި ނިކަމެތިވެގެން ދާނެ... ތިމާކުރި ނުބައިކަންތައް އައިސް ތިމާއާއި ފައިހަމަކުރާނެ... ތިމާ ގެއްލުން ދިން މީހުންގެ ފަރާތުން މަޢާފަށް އެދުމުގެ ފުރުސަތުވެސް ގެއްލިގެން ދާނެ، ބޮޑާކަމާއި ކިބުރުވެރިކަމާއެކު އުޅެމުންދާ އިރު މިދުނިޔެއަކީ ވަގުތީ ތަނެއްކަން އެއްފަހަރު ވިޔަސް ހަނދާންކޮށްބަލަ... ތިމާގެ އަތުން އަނިޔާ ލިބުނު މީހުންގެ ފަރާތުން މަޢާފު ހޯދަން މަސައްކަތްކޮށްބަލަ... އެއްފަހަރު ވިޔަސް ތިމާއަށް ކުރެވުނު ނުބައިކަންތަކާ މެދު ވިސްނާލަބަލަ، އޭރުން އާޚިރަތާ މެދު ހިތުގައި ބިރުވެރިކަން އުފެދޭނެ... އެކަމަކު އަހަންނަކަށް ހިޔެއް ނުވޭ ކަލެއަށް އެއްވެސްކަމެއް ވިސްނޭނެ ހެނެއް!، ޖާހިލިއްޔަތުގެ ހުރިހާ އިމެއް ފަހަނައަޅައި ގޮސްފައި ހުރި މީހަކަށް ހެޔޮ މަގެއް ނުފެންނާނެ... އިތުރަށް ދެން ދައްކާން ވާހަކައެއް ނެތް، ހަމަ މިހާރު މިގެއިން ނިކުމޭ!... އެހެރީ ވަން ދޮރު... ދިއުމުގެ ކުރިންވެސް ހަނދާންކޮށްދޭނަން، އަހަރެން އަފްލާކް ދޫކޮށެއް ނުލާނަން، ކަލޭ ކުރަމުން ތިދާހާ ކަންތަކީ އަފްލާކް އެކަނިކޮށްނުލުމަށް އަހަންނަށް ލިބޭނެ ހިތްވަރެއް... އަދި ބުނަން، އަހަރެންގެ ބައްޕަގެ ކުށެއް ނެތްކަން ވެސް ދާދި އަވަހަށް ސާބިތުވެގެން ދާނެ!، އެކަން އަފްލާކް ކުރާނެ!، އަހަރެން އަދަބުވެސް އިތުބާރުކުރާނަން އަފްލާކްއަށް، އަޑު އިވިއްޖެތަ؟!......'' ގޭގެ މައިދޮރާއި ދިމާއަށް އިޝާރާތްކުރަމުން ޒޯހާ ހަޅޭއްލަވައިގަތެވެ. މޭގެ ތެރޭގައި އުތުރިއަރަމުން އައި ޖަޒުބާތުތަކުން ޒޯހާގެ ލޮލަށް ކަރުނަ ޖަމާވިއެވެ. އެއާއެކު އަވަސްއަވަހަށް އޭނަ ކަރުނަ ފޮހެލިއެވެ. ރަމީޒުގެ ކުރިމަތީގައި ރޯން އޭނަ ބޭނުމެއް ނުވެއެވެ. ކަރުނަތަކުގައި އެކުލެވިގެންވާ ހިތާމަތަކުގެ އަސަރު ފޯރާނެ ވަރަށްވުރެން ރަމީޒުގެ ހިތްވަނީ ހިލައަށް ވެފައެވެ. ޖާހިލިއްޔަތުކަމުން އިންސާނުންގެ ގިންތީގެ ތެރެއަށް ވެސް ރަމީޒު ނުފެތޭނެއެވެ. ރަމީޒު ހުރީ ރުޅިއައިސް ރަތްވެފައެވެ. ލޮލުން އަލިފާންކަނި ބުރާހާލު އޭނަ ޒޯހާއަށް ބަލާލިއެވެ. ޝައިތާނާ ސިކުނޑިއަށް ވެރިވެގެން އައި ހިނދު އޭނަގެ ހަމަބުއްދިފިލާދާހާ ވިއެވެ. ''ކަލޭގެ މައިންބަފައިންނަށް ވުރެން ބޮޑަށް އިސްތިކުރަނީ އަފްލާކް ތަ؟...'' ދަތްތަކަށް ބާރުލަމުން ރަމީޒު ބުނެލިއެވެ. ''އަހަރެން ބަލާނަން ކިހާ ދުވަހެއްވަންދެން ތޯ ތިހެން އުޅެވެނީ...'' ***** މަގުގައި ހެދިފައި އޮތް ފެންގަނޑުތަކުން ރެކެމުން އައިސް ޒޯހާގެ ގެއާއި އަރާހަމަވި އަފްލާކްއަށް އެގޭގެ ދޮރުމަތީ އޮތް ކާރު ފެނި ލިބުނު ހައިރާންކަމާއެކު ސައިކަލުގެ ދުވެލި ބާރުކޮށްލެވުނެވެ. ގެއާއި އަރާހަމަކުރެވުމުން ސައިކަލު މަޑުކޮށްލުމަށް ފަހު ހަރުޖައްސާލިއެވެ. އަދި އަވަސްއަވަހަށް އޭނަ ސައިކަލުން ފޭބިއެވެ. ދުވެފައި އެތެރެއަށް ވަން އަފްލާކްގެ ފިޔަވަޅުތަކަށް ހުއްޓުމެއް އައީ މައިގެއިން ނިކުމެގެން އައި ރަމީޒު ފެނިފައެވެ. ހުއްޓުން އަރާފައި ރަމީޒުއަށް ބަލަން ހުރި އަފްލާކްގެ ދެލޮލުން ބިރުވެރިކަމާއި އެކުވެ ރުޅިކަމުގެ އަސަރު ފެނެއެވެ. އަފްލާކް ފެނި ރަމީޒުއަށް ވެސް އޭނަގެ ފިޔަވަޅުތައް މަޑުޖައްސާލެވިއްޖެއެވެ. ދިގު ފިޔަވަޅުތައް އަޅަމުން ގޮސް ރަމީޒު ކައިރިއަށް ހުއްޓުނު އަފްލާކް ހިފީ ރަމީޒުގެ ސޫޓުގެ ގިރުވާނުގައެވެ. އަފްލާކްގެ އެއަމަލުން ރަމީޒުގެ ތުންފަތަށް ވެރިވީ މާނަ ދޭހަކުރަން އުނދަގޫ ހިނިތުންވުމެކެވެ. ''މިގެއަށް އައީ ކީއްކުރަން؟...'' އަފްލާކްއަށް ކަތުރުކަށިގަނޑަށް ބާރުކޮށްލެވުނެވެ. އޭރު އޭނަގެ ދެލޯ ވަނީ ހަނި ވެފައެވެ. ''ހެހެހެ... މިހާރު ބައްޕަ ގަޔަށް އަތްއިސްކުރަން ވެސް ދަސްކުރީތަ؟... ނޮޓް ބޭޑް، ތަރުބިއްޔަތު ދޭން ނޭގޭ މީހަކާއެކުގަ ވިއްޔާ ފާއިތުވި އަހަރުތަކުގައި އުޅުނީ، އެހެންވެ އޭނަގެ ފަރާތުން ނުބައިކަންތައް ދަސްވާނެ ވިއްޔާ!...'' އަފްލާކްގެ މޭގައި އަތްއަޅާ ކޮއްޕާލަމުން ރަމީޒު ހަޅޭއްލަވައިގަތެވެ. އޭނަގެ ލޮލުގައި މިހާރު ވަނީ ނުރައްކާތެރި ވިދުވަރެކެވެ. ފަހަތަށް ދިޔަ އަފްލާކް އޭނަގެ ފައިތިލަ ބިމުގައި ސާބިތުކުރަމުން އަނެއްކާ ވެސް ރަމީޒުއާއި ކުރިމަތިލާން އުޅުނެވެ. އެހެނަސް ގޭގެ ފެންޑާއަށް ނިކުތްނަމުން އޭނައަށް ގޮވާލި ޒޯހާއަށް ދެވުނު ސަމާލުކަމާއެކު އަފްލާކްއަށް އަވަސްވެގަނެވުނީ ޒޯހާގެ ގާތަށް ދިއުމަށެވެ. ''އާރު ޔޫ އޯކޭ؟...'' ޒޯހާ ގާތަށް ހުއްޓިލަމުން އަފްލާކް ސުވާލުކުރިއެވެ. އޭނަގެ އަޑުގައި ވަނީ ހާސްކަމެވެ. ނޭވާގެ ހިނގުން ވަނީ ފުންވެފައެވެ. އެހުރިހާކަމެއް ފާހަގަކުރެވުނު ޒޯހާއަށް އަވަސްއަވަހަށް އަފްލާކްގެ އަތުގައި ހިފާލެވުނެވެ. އަދި ގަދަކަމުން ހިނިތުންވެލީ ހުރިހާކަމެއް ވެސް ރަގަޅޭ ބުނާ ފަދައަކުންނެވެ. ދުރުގައި ޒޯހާއާއި އަފްލާކްއަށް ބަލަން ހުރި ރަމީޒުގެ ރުޅިގަނޑަށް ހީވީ ޕެޓްރޯލް އަޅާލެވުނުހެންނެވެ. ނަފުރަތުގެ ދިލަ ހޫނުކަން ޖިސްމަށް ފެތުރިގެން އައި ހިނދު އެތެރެހަށި ވެސް ފިހޭ ކަހަލަ އިހުސާސެއް އޭނައަށް ކުރެވުނެވެ. ރުޅިއައިސް ރަތްވެފައިވާ ހާލު އޭނަ އެގެއިން ނިކުންނަން ދިޔައީ އޭނަގެ ރޭވުން ކާމިޔާބު ނުކުރެވުމުން އެކަމުގެ ހިތިކަން ކަރުބުޑަށް ފެތުރިފައިވާ ހާލުގައެވެ. ***** ''ބޮސް...'' ދިގު ފިޔަވަޅުތައް އަޅަމުން އައިސް ކާރަށް އަރައި ބާރަށް ދޮރުފަތް ލައްޕާލި ރަމީޒު ފެނި ޑްރައިިވަރު ސީޓުގައި އިން އީތަންއަށް ގޮވާލެވުނެވެ. އެހާ ގަދަޔަށް ރަމީޒު ރުޅިއައިސްފައި ހުއްޓާ އޭނައަށް ފެނުނު ފުރަތަމަ ފަހަރަށްވުމުން އީތަން ޖެހިލުންވާ ގޮތް ވިއެވެ. ''ޕޮލިސް ސްޓޭޝަނަށް ހިނގާ...'' ރަމީޒު އަމަރުކުރިއެވެ. ވަގުތުން ރަމީޒުގެ އެދުމަށް އީތަން އިޖާބަ ދިނެވެ. އޭނަ ކާރު ދުއްވާލީ ރަމީޒު އެދުނު މަންޒިލަށް ގެންގޮސް ދިނުމަށެވެ. ފަޓުލޫނު ޖީބުގައި އޮތް ފޯނުނަގަމުން ރަމީޒު ނަންބަރަކަށް ޑައިލްކޮށްލިއެވެ. ފޯނުކޯލު ނިންމާލުމަށްފަހު ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ރަމީޒުގެ ފަރާތުން ފެނެއެވެ. ''މަ ބަލާނަން އެކަލޭގެ އަފްލާކްއަށް ކުރާ އިތުބާރު ގިނަ ދުވަހަށް ދެމިގެން ދާތޯ... ލާހިކެއް ނޫން އައްޔޫބު މިނިވަންވާކަށް، މިކަން ނިމޭއިރު ކަލޭމެން ދެމީހުން ވަކިވާނެ، އިތުރު އެހެން ގޮތަކަށް މިކަންތައް ނިމުމުގެ ފުރުސަތެއް ހަމަހިލާ ނުދޭނަން، ކަލޭ މަށާ ކުރި ޒުވާބުގެ ބަދަލު ދީފަ ދޫކުރާނީ، މުޅި ރަށަށް ކަލޭމެން ބަދުނާމުކުރާނަން، މީހަކަށް މޫނު ދައްކަން ނުކެރޭވަރު ކުރާނަން، އަދި އެ އައްޔޫބު!، ކޯޓުގެ މަރުހަލާއަށް ފަހު ދުނިޔެއަށް ނޭވާލުމުގެ ފުރުސަތެއް ވެސް އޭނައަށް ނުދޭނަން!...'' ރަމީޒުގެ އޭނަގެ ސިކުނޑީގައި އިތުރު ރޭވުމެއްގެ ޗާޓު ކުރަހާލިއެވެ. ފުރަތަމަ ހާސިލު ކުރަންވީ ލަނޑުދަނޑިތަކުން ފެށިގެން އާރިހު ނެރެންޖެހޭ ނަތީޖާއަށް ދާން ދެނެވެ. ''ޒޯހާ... ކަލެއަށް އަހަރެންގެ ހުރި ނުބައިކަން މިފަހަރު ދައްކާނަން!... ކަލޭ ލޯބިވާ އެންމެންގެ ދިރިއުޅުން ނަރަކައަކަށް ހަދާނަން، ކަލޭގެ ސަބަބުން މިހުރިހާ ދުއްޕާނެއް ކުރިމަތިމިވަނީ...'' ރަމީޒު ހިތާހިތުން ބުނެލިއެވެ. (ނުނިމޭ...) އިންދިރާސް... (8) އިތުރަށް ވިދާޅުވުމަށް
އިންދިރާސް... (9)
ކ. ގުޅީ ރައްޔިތުންނަށް އެންމެ ބޮޑަށް ދިމާވެފައިވާ ދަތިތައް ހައްލުކޮށްދެއްވާނެ ކަމުގެ ޔަގީން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެއްވައިފިއެވެ. ރައީސް ސޯލިހް މިއަދު ވަނީ ގުޅީ ރަށު ކައުންސިލާ ބައްދަލު ކުރައްވާފައެވެ. ރައީސް އޮފީހުގައި އޮތް މި ބައްދަލު ކުރެއްވުމުގައި ކައުސިލްގެ ފަރާތުން ވަނީ އެ ރަށަށް މިހާރު ހުރި ދަތިތައް ރައީސް ސޯލިހްއާ ހިއްސާ ކޮށްފައެވެ. އެގޮތުން ގުޅީ ރައްޔިތުންނަށް މިހާރު އެންމެ ބޮޑަށް ދިމާވެފައިވަނީ ބިމުގެ ދަތިކަމާއި، ރަށުގައި ފެނާއި ނަރުދަމާގެ ހަރުދަނާ ނިޒާމެއް ގާއިމުވެފައި ނެތުންކަން ކައުންސިލް މެމްބަރުން ފާހަގަކުރެއްވިއެވެ. އަދި ރަށުގެ ތަރައްގީއަށްޓަކައި ކައުންސިލުން ކުރަން ރާއްވަވާފައިވާ ކަންކަމުގެ މައުލޫމާތުވެސް ރައީސް ސޯލިހް އެރުވި އެވެ. މިބައްދަލުކުރެއްވުމުގައި ރައީސް ސޯލިހް ވަނީ މިއަހަރުގެ ބަޖެޓުގައި ހިމެނިގެން ގުޅީގައި ސަރުކާރުން ކުރިއަށް ގެންދަވާނެ މަޝްރޫއުތަކާ ބެހޭގޮތުން ކައުންސިލް މެންބަރުންނާއެކު މަޝްވަރާ ކުރައްވާފައެވެ. އަދި، ރަށުގެ ހާލަތާއި ރައްޔިތުންގެ ދިރިއުޅުމާ ބެހޭ ގޮތުން އެކިއެކި މައުލޫމާތު ރައީސް ސޯލިހަށް އެރުވިއެވެ.
ގުޅީ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ހައްލުކޮށްދެއްވާނެ ކަމުގެ ޔަގީން ކަން ރައީސް އަރުވައިފި
ޓޮޓެންހަމްގެ ސްޓްރައިކަރު ހެރީ ކޭންގެ ތަނބިކަށްޓަށް ލިބުނު ގެއްލުމާއި ގުޅިގެން ގިނަ ދުވަސްތަކެއް ކުޅުމާއި ދުރުގައި ހުންނަން ޖެހިއްޖެއެވެ. ޓޮޓެންހަމްއާއި މެންޗެސްޓަރ ޔުނއަިޓެޑް އެންމެ ފަހުން ބައްދަލު ކުރި މެޗުގެ ފަހުވަގުތު ލިބުނު އަނިޔާގެ ސަބަބުން ކޭން ވަނީ ދަނޑުން ބާލާފައެވެ. އަދި އިތުރު ޓެސްޓުތައް ކުރުމަށްފަހު މާރޗް މަހުގެ ނިޔަލަށް އޭނާ ކުޅުމާއި ދުރުގައި ހުންނަން ޖެހޭނެ ކަމަށް ޓޮޓެންހާމް އިން ވަނީ ބުނެފައެވެ. ސްޕާރސް އަދި ޗެލްސީ ބައްދަލު ކުރި މެޗުގެ ތެރެއިން ހެރީ ކޭން އިނގިރޭސި ވިލާތުގެ ކެޕްޓަން ކަންވެސް ކުރަމުން އަންނަ 25 އަހަރުގެ ކޭން މި ސީޒަންގައި ޓޮޓެންހާމަށް 20 ގޯލު ޖަހައިދީފައެވެ. ނަމަވެސް އަންނަ މަހު ޗެންޕިއަންސް ލީގުގައި ޖަރުމަނުގެ ބޮރޫޝިއަރ ޑޮޓްމަންޑް އާއި ބައްދަލު ކުރަން ޖެހޭ ދެ މެޗުގައި އޭނާއަށް ނުކުޅެވޭނެއެވެ. މީގެ އިތުރުން އިނގިރޭސި ލީގު ކަޕުގެ ދެވަނަ ސެމީ ފައިނަލުގައި ޗެލްސީއާއި ވާދަ ކުރަން ޖެހޭ މެޗުގައި ވެސް ކޭން އަކަށް ނުކުޅެވޭނެއެވެ. ޓޮޓެންހަމް 0-1ގެ ނަތީޖާއަކުން މެންޗެސްޓަރ ޔުނައިޓެޑް އަތުން ބަލިވި މެޗަށް ފަހު ސްޕާސްގެ ކޯޗު ބުނެފައިވަނީ ހެރީ ކޭންއަށް ކޮށްފައި ވަނީ ބޮޑު ފައުލެއް ކަމަށާއި މެޗުގެ ރެފްރީއަށް އެމަންޒަރު ފެނިފައި ނުވާ ކަމަށް ބުނި ކަމަށެވެ. ގޯލު ޖެހުމަށްފަހު ކޭން އުފާ ފާލުކުރާ މަންޒަރު މިވަގުތު ސްޕާރސް އޮތީ ޕްރިމިއަރ ލީގުގެ ތިންވަނައިގައެވެ. އެންމެ ފަހުން ކުޅުނު މެޗުން ބަލިވެ ލީގުގެ ލީޑަރު ލިވަޕޫލާއި ދެމެދުގައިވާ ފަރަގު ވަނީ ނުވަ ޕޮއިންޓަށް ބޮޑު ވެފައެވެ. މައުރިސިއޯ ޕޮޗެޓީނޯއަަށް މިވަގުތު ވަނީ ޓީމުގެ ކުރިއަށް ކުޅޭ ކުޅުންތެރިންގެ ދަތިކަން ކުރިމަތި ވެފައެވެ. ކޭންގެ އިތުރުން މޫސާ ސިސޯކޯ ވެސް މިވަގުތު ހުރީ އިންޖަރީގައެވެ. މީގެ އިތުރުން ސަން ހެންގް މިން މިވަގުތު ހުރީ އޭނާގެ ގައުމީ ޓީމާއި އެކުގައެވެ. އެއީ މިހާރު ކުރިޔަށް ދާ އޭސިއަން ކަޕުގައި ވާދަކުރުމުގެ ގޮތުންނެވެ. ޔޫރޯ ކޮލިފައިންގައި އިނގިރޭސި ވިލާތުން ޗެކް ރިޕަބްލިކާ ދެކޮޅަށް މާޗް މަހުގެ 25 ގައި ކުޅެން ޖެހޭއިރު ކޭން ނެތުމަކީ އެ ގައުމުގެ ގިނަ ބަޔަކު ފިކުރު ބޮޑުވެފައިވާ ކަމެކެވެ.
"ގޯލް މެޝިން" ހެރީ ކޭންއަށް އަނިޔާވެ ދެމަހަށް ކުޅުމާ ދުރަށް
ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) ގެ އޯޕަންޑޭއެއް އެ ޔުނިވާސިޓީގެ ހުރިހާ ކެމްޕަސްއެއްގައި ބާއްވަން ނިންމައިފިއެވެ. އެމްއެންޔޫއިން ބުނީ އެ ޔުނިވާސިޓީގެ އޯޕަން ޑޭ މާދަމާ ކުރިއަށް ގެންދާނީ ހަވީރު ހަތަރަކުން ހަޔަކަށް އަދި ރޭގަނޑު އަަށަކުން ދިހައަކަށް ކަމަށެވެ. އެމްއެންޔޫއިން ބުނީ އެ އޯޕަންޑޭ ގައި އޭ ލަވަލް އަދި އޯ ލެވެލް ސެޓްފިކެޓާއި އައިޑީކާޑު ގެނައުމުން، ޝަރުތު ހަމަވާ ދަރިވަރުންނަށް ވަގުތުން ކޯސްތަކަށް ރަޖިސްޓްރީކޮށްދޭނެ ކަމަށެވެ. އޯޕަން ޑޭ ކުރިއަށް ދާއިރު ދަރިވަރުންނަށް ކެރިއާ ގައިޑެންސް ދިނުމާއި އަދި އެކި ފެކަލްޓީގެ ޕްރެޒެންޓޭޝަންތައްވެސް ދިނުމަށް ހަމަޖެހިފައިވާ ކަމަށް އެމްއެންޔޫއިން ބުންޏެވެ. މާލޭގެ އިތުރުން އެމްއެންޔޫގެ ކެމްޕަސްތައް ރާއްޖޭގެ ހަތަރު ސަރަަހައްދެއްގައި ހުރެއެވެ. އޭގެ ތެރޭގައި ސ. ހިތަދޫ، ލ. ގަން، ހދ. ކުޅުދުއްފުށި އަދި ގދ. ތިނަދޫ ކެމްޕަސް ހިމެނެއެވެ. އެމްއެންޔޫއިން މިހާރުވެސް ދަނި ގިނަ އަދަދެއްގެ ކޯސްތަކެއް ހިންގަމުންނެވެ. އޭގެ ތެރޭގައި ސެޓްފިކެޓް ލެވަލް އިން ފެށިގެން ގޮސް ޑިގްރީ، މާސްޓާސް އަދި ޕީއެޗްޑީ ކޯސްތައް ހިމެނެއެވެ.
އެމްއެންޔޫގެ އޯޕަންޑޭ މާދަމާ ހުރިހާ ކެމްޕަސްއެއްގައި
ވިކޭނީ އަތުގައި އެއްޗެއް ނެތް މީހާ ކަމަށް ބުނެ، ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް، އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ރައްދުދެއްވައިފި އެވެ. ކުރީގެ އެކްޓިން ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ނަވާޒު ޖުމްހޫރީ ޕާޓީ އަށް ސޮއިކުރުމަށް ޖުމްހޫރީ ޕާޓީގެ މައި އޮފީސް މ. ކުނޫޒުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ ކަންކަން ފުއްދަންވީމާ، ކަމެއް ހާސިލު ކުރަން ބޭނުން ވީމާ މަހުޖަނުން ބޭނުންވާ ކަމަށެވެ. އަދި އެކަމެއް ފުދުމުން މަހުޖަނުންނަށް "ހޯހޯ" ބުނާ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ. ގައުމުގައި ޒިންމާ އުފުލަން ތިބި، ހިންގުންތެރި ބައެއްގެ ގޮތުގައި ތިބީ ގައުމު ހިންގަން ތިބި މީހުންނާއި ތަނަވަސް މީހުން ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ. "ގައުމުގެ އިންޖީނަކީ ޕްރައިވެޓް ސެކްޓާ. ބިޒްނަސްތައް. ބިޒްނަސް އަށް ލިބޭ އެއްޗަކުން ގައުމު ހިންގަނީ،" ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ވާދަކުރާ ކެންޑިޑޭޓުން ހޮވުމަށް އެމްޑީޕީ އިން ބާއްވާ ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުންގެ ކެމްޕެއިނުގައި ވާހަކަ ދައްކަވަމުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވާ ވާހަކަތަކަށް ވެސް ގާސިމް ވަނީ ރައްދު ދެއްވައިފަ އެވެ. އެގޮތުން ވެރިކަން ދެމެހެއްޓުމަށް މަޖިލިސް އިންތިހާބުގައި އެމްޑީޕީ އަށް މެޖޯރިޓީ ލިބެން ޖެހޭ ކަމަށް ނަޝީދު ވިދާޅުވެފައިވާ ވާހަކައަށް ރައްދު ދެއްވައި ގާސިމް ވިދާޅުވީ މިގައުމުގައި ދިރިއުޅެން ޖެހޭ ބަޔަކީ ތިމަންނަމެން އެކަންޏޭ އެއްވެސްބަޔަކު ހީކޮށްގެން ނުވާނެ ކަމަށެވެ. "ވާހަކަ ދެއްކިދާނެ ކޮންމެ ގޮތަކަށް ވެސް. ރާއްޖޭގެ ރައްޔިތުން ތިބީ އެންމެ މީހަކު ދައްކާ ވާހަކަ އަޑުއަހައިގެން އެންމެ މީހަކު ޖަހާހާ ބެރަކަށް ޑާންސު ކުރާކަށް ނޫންކަން އަދި ފާޑުފާޑުގެ އެއްޗެހި ހިފައިގެން ގޯޅިގޯޅި ކަންމަތީ ބިތްޖެހިފައި ތިބޭކަށް ނޫންކަން އަޅުގަނޑުމެންނަށް ރާއްޖޭގެ ރައްޔިތުން ސާފުކޮށްދެއްވަމުން އެބަ ގެންދަވާ." ގާސިމް ވިދާޅުވީ ހިޔާލީ ފޮލާ ކައްކަމުންދާ މީހަކަށް އެއްވެސް ކަމެއް ނުކުރެވޭނެކަން މުޅި ދުނިޔެ ދަންނަ ކަމަށެވެ. ވަކި ޕާޓީ އަކަށް މެޖޯރިޓީ ނުލިބިއްޖެ ނަމަ ސަރުކާރެއް ނޯންނާނެއޭ ބުނެ ދައްކާ ވާހަކަ ހަމަނުޖެހޭ ކަމަށާއި ބޮޑު ބަސް ބުނެގެން އެއްވެސް ކަމެއް ހާސިލު ނުވާނެ ކަމަށް ވެސް ގާސިމް ރޭ ވިދާޅުވި އެވެ. ގާސިމް ވިދާޅުވީ އެމްޑީޕީގެ ވެރިކަމުގައި އެއްވެސް ކަމެއް ކުރެވިފައިވާ ނަމަ އޭގެ 50 ޕަސެންޓު ހިއްސާ އަކީ ޖުމްހޫރީ ޕާޓީ ކަމަށެވެ. ނަޝީދު ވިދާޅުވެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީއަށް އަޣުލަބިއްޔަތު ނުލިބިއްޖެ ނަމަ ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމަށް ދަތިވާނެ ކަމަށެވެ. އަދި މަޖިލީހަށް ހޮވިވަޑައިގަންނަވާ މެންބަރުން ވިޔަފާރި ކުރެއްވުން ހުއްޓާލެއްވުމަށް ވެސް ނަޝީދު ވަނީ ގޮވާލައްވައިފަ އެވެ.
ވިކޭނީ އަތުގައި އެއްޗެއް ނެތް މީހާ ކަމަށް ބުނެ، ގާސިމް ނަޝީދަށް ރައްދުދެއްވައިފި
އެމްއެމްއޭ ކައިރީގައި އޮންނަ އެމްޓީސީސީގެ ކުރީގެ ހެޑް އޮފީސްގެ އިމާރާތް ވަގުތީ ޕާކިން އޭރިއާއަކަށް ހަދަން ނިންމައިފިއެވެ. މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް "ސަން" އަށް ވިދާޅުވީ އެ ބިން ވަގުތީ ޕާކިން އޭރިއާއަކަށް ހެދުމަށް ކުރަން ޖެހޭ މަސައްކަތްތައް މިހާރު ގާތް ގަނޑަކަށް ނިމިފައިވާ ކަމަށެވެ. " މި ހަފްތާގެ ތެރޭގައި އެތަން ޕާކިންއަށް ހުޅުވާލެވޭތޯ މިހާރު މަސައްކަތް ކުރަމުން މިގެންދަނީ. އެތަނުގެ ބިއްދޮށުގައި ހުރި އިމާރާތް ކުޑަކޮށް މަރާމާތު ކުރަން އެބަ ޖެހޭ" އޭނާ ވިދާޅުވިއެވެ. ޕާކިންއަށް ހުޅުވާލާ ސަރަހައްދަކީ މިހާރުވެސް ވަރަށް ކާރުބާރު ބޮޑު ސަރަހައްދެކެވެ. އެ ސަރަހައްދުގައި ސައިކަލްތައް ޕާކް ކޮށް ތޮއްޖެހިފައި އޮތުމުގެ ސަބަބުން ގިނަ ބަޔަކަށް މިހާރުވެސް އޮންނަނީ ވަރަށް ބޮޑަށް އުނދަގޫވެފައެވެ. މާލޭގައި ދުއްވާ އުޅަނދުތައް ޕާކްކުރުމުގައި ދިމާވާ މައްސަލަތައް ހައްލުކުރުމަށް މާލޭ ސިޓީ ކައުންސިލްއިން މިހާރުވެސް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންވެ. އެގޮތުން ކުރިން ޕެލެޓްތައް ޖަހާފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް އޭގެ ބަދަލުގައި ދުވާރު ކައިރީ ރޭމްޕްތައް ހެދުމަށް ސިޓީ ކައުންސިލްއިން މިހާރު ދަނީ މަަސައްކަތް ކުރަމުންނެވެ.
އެމްއެމްއޭ ކައިރީގައި އޮތް އެމްޓީސީސީގެ ބިން ވަގުތީ ޕާކިން އޭރިއާއަކަށް
މެނީލާ (ޖެނުއަރީ 27): ފިލިޕީންސްގެ ސޫލޫ ޕްރޮވިންސުގެ ފައްޅިއެއްގައި ދެ ބޮން ގޮއްވާލުމުގެ ސަބަބުން 20 މީހަކު މަރުވެ، ގިނަ އަދަދެއްގެ މީހުންނަށް އަނިޔާވެއްޖެ އެވެ. ރިޕޯޓުތަކުގައިވާ ގޮތުން އެފައްޅީގެ އެތެރޭގައި ފުރަތަމަ ބޮން ގޮއްވާލީ ގިނަ އަދަދެއްގެ މީހުން ފައްޅިއަށް އެއްވެފައި ތިބި ވަގުތެއްގަ އެވެ. އަދި ދެވަނަ ބޮން ގޮއްވާލީ މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ސިފައިން ފެށި ފަހުން ފައްޅީގެ ބޭރުގަ އެވެ. އެހަމަލާގެ ޒިންމާ އަދި އެއްވެސް ޖަމާއަތަކުން ނަގާފައި ނުވެ އެވެ. ނަމަވެސް ފިލިޕީންސް އާއި އެމެރިކާއިން "ޓެރަރިސްޓު ޖަމާއަތެއް"ގެ ގޮތުގައި ކަނޑައަޅާފައިވާ އަބޫ ސައްޔާފު ޖަމާއަތުން އެޕްރޮވިންސުގައި ހަރަކާތްތެރިވެ އެވެ. އެހަމަލާ ދީފައި ވަނީ ފިލިޕީންސްގެ ދެކުނުގައި މުސްލިމުންގެ ސަރުކާރެއް ގާއިމު ކުރުމާ އެއްކޮޅަށް 1.7 މިލިއަން މީހުން ވޯޓު ދިން ފަހުންނެވެ. އެވޯޓުގައި މުސްލިމުންގެ ސަރުކާރެއް ގާއިމު ކުރުމާ ދެކޮޅަށް ވޯޓު ދިނީ އެންމެ 254,600 މީހުންނެވެ. އޭގެ ތެރޭގައި މިއަދުގެ ހަމަލާ އަމާޒުވި ސޫލޫ ޕްރޮވިންސުގެ ރައްޔިތުން ހިމެނެ އެވެ.
ފިލިޕީންސްގެ ފައްޅިއަކަށް ދިން ހަމަލާއެއްގައި 20 މަރު
މި ދިޔަ ޑިސެންބަރު މަހުގެ ތެރޭގައި އެތައް ބައެއްގެ ލޯތަކުން ކަރުނަ ހިލުވައިލި އެއް ދުވަހަކީ، މާލޭގެ މަގަކުން ހިނގައިފައި ދިޔަ ކުޑަ ކުއްޖެއްގެ ބޮލަށް، މަގާ އިން ވެގެން ހުރި އިމާރާތެއްގެ މަތީބުރިޔަކުން ސިމެންތި ބަސްތައެއް ވެއްޓި، ލިބުނު ބޮޑެތި އަނިޔާތަކުގެ ސަބަބުން ކުއްޖާގެ ފުރާނަ ގެއްލިގެން ދިޔަ ދުވަހެވެ. އެ ދުވަހަކީ މިދިޔަ 17 ޑިސެންބަރެވެ. އެ ހިތާމަވެރި ހާދިސާ ހިނގާން މެދުވެރިވި ސަބަބުތައް ބައިވަރެވެ. އޭގެ ތެރެއިން އެއް ސަބަބަކީ މަގުތަކާ އިން ވާ ގޮތަށް އިމާރާތްތައް ހެދުމެވެ. އެތައް ސަތޭކަ އިމާރާތެއް އެ ގޮތަށް އެޅޭ އިރު، އެ ތަންތަނުގައި މަސައްކަތް ކުރުމުގެ ތެރޭގައި ވެއްޓޭ އެއްޗެތި މަގުމައްޗަށް، މީހުން ހިނގާ ދުވާރުމައްޗަށް ވެއްޓުމުގެ ފުރުސަތު ނުހަނު ބޮޑު ވެގެން ދެއެވެ. އަދި އެފަދަ ހާދިސާއެއްގައި މީހުންނަށް ހާނީއްކަ ވުމުގެ ފުރުސަތު ވެސް އެ ނިސްބަތުން ބޮޑު ވެއެވެ. އަޅުގަނޑުމެން ހަނދާން ނައްތައިލައިގެން ނުވާނެ ކަމަކީ، ޑިސެންބަރުގެ ހިތާމަވެރި ހާދިސާގެ އިތުރުން ވެސް، އިމާރާތްތަކުން މަގުތަކަށް ވެއްޓޭ އެއްޗެތީގެ ސަބަބުން މީހުންނަށް އެކި ވަރުވަރުގެ ހާނީއްކަ ވުމަކީ މާލޭގައި އާއްމުކޮށް ހިނގާ ކަމެއް ކަމެވެ. 14 އޮކްޓޯބަރު 2015 ގައި، އިމާރާތެއްގައި މަސައްކަތްތަކެއް ކުރަމުން ދިޔަ ބަޔަކު ގެންގުޅުނު އެއްޗެއް މަގުމަތީން ހިނގައިފައި ދިޔަ ކުއްޖެއްގެ ބޮލަށް ވެއްޓި، އޭނާގެ ސިކުނޑިޔަށް ލޭ އެޅިފައި ވެއެވެ. 3 މާރިޗު 2016 ގައި، ހަދަމުން ދިޔަ އިމާރާތަކުން ވެއްޓުނު ދަގަނޑު ފިލައެއް ދަށު ވެ، އިމާރާތުގެ ކައިރީގައި މަގުމަތީގައި ހުރި ބިދޭސީޔަކު މަރު ވިއެވެ. ހަމަ އެފަދަ ހާދިސާއެއް 2016 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 22 ވަނަ ދުވަހު ވެސް ހިނގައި، ދެ މީހަކަށް ބޮޑެތި ހާނީއްކަތަކެއް ވިއެވެ. ޑިސެންބަރުގެ ހާދިސާގެ ފަހުން ވެސް، އިމާރާތަކުން ވެއްޓުނު އެއްޗެއް ދުވާރުމަތީން ހިނގައިފައި ދިޔަ މީހެއްގެ ގައިގައި ޖެހި އޭނާޔަށް ހާނީއްކަ ވީ ވާހަކަ ނޫސްތަކުން ފެނިފައި ވެއެވެ. މި ދެންނެވީ ބައެއް ހާދިސާތަކުގެ ވާހަކައެވެ. މަގާ އިން ވެގެން ހުންނަ އިމާރާތެއްގައި ވެސް، މަސައްކަތް ކުރާ އިރު އެކަށިއިގެން ވާ ސަލާމަތީ ފިޔަވަޅުތައް އަޅައިފައި ހުންނަ ނަމަ، އެ ތަނަކުން ތަކެތި ވެއްޓިގެން މަގު ހިނގާ މީހުންނަށް ހާނީއްކަ ވުމުގެ ހާދިސާތަކެއް ނުހިނގާނެއެވެ. ނަމަވެސް ހަނިހަނި މަގުތަކުގެ ކައިރީގައި ހުންނަ އިމާރާތްތަކުގައި މަސައްކަތް ކުރާ އިރު، މަގު ހިނގާ މީހުންނަށް ދަތި ނުވާ ގޮތަށް ސަލާމަތީ ކަންކަން އިންތިޒާމު ކުރުމަކީ ވެސް ވަރަށް ބޮޑު ގޮން ޖެހުމެކެވެ. ކުރީން ވެސް ދެންނެވި ފަދައިން، މާލޭގައި އެތައް ސަތޭކަ އިމާރާތެއްގައި އެއް ފަހަރާ މަސައްކަތް ކުރާ އިރު، ސަލާމަތީ ފިޔަވަޅު ފުރިހަމަޔަށް އަޅައިފި ނަމަ، އެތައް މަގެއް އޮންނާނީ ބަންދު ކުރެވިފައެވެ. ދެން އެތައް ހާސް ބަޔަކަށް ކުރިމަތި ވާނެ ތަކުލީފުތަކުގެ ވާހަކަޔަކީ ވެސް ކޮޅެއް މެދެއް ވަކި ނުވާ ވަރުގެ ދިގު ވާހަކައެކެވެ. އެހެން ނަމަވެސް، އިމާރާތް ކުރާ ނަމަ ޖެހޭނީ ފުރިހަމަ ސަލާމަތީ ފިޔަވަޅުތައް އަޅައިގެން މަސައްކަތް ކުރާންށެވެ. ނޫނިއްޔާ ގެއްލޭނީ އިތުރު ފުރާނަތަކެވެ. ވާނީ އިތުރު އެތައް ބަޔަކަށް ބޮޑެތި ހާނީއްކަތަކެވެ. މި ކަމަށް އޮތް އެއް ހައްލަކީ މަގުތަކާ އިން ވެގެން އިމާރާތްތައް އެޅުމުގެ ވިޔާނުދާ ސަގާފަތް ދޫ ކޮށްލުމެވެ. އެއިރުން އިމާރާތެއް އެޅިޔަސް، އަދި އިމާރާތެއް މަރާމާތު ކުރިޔަސް، އޭގެ ސަބަބުން މަގު ހިނގާ މީހުންނަށް ދުއްތުރާ ވުމާއި، އިމާރާތުން ވެއްޓޭ އެއްޗެތީގެ ސަބަބުން މަގު ހިނގާ މީހުންނަށް ހާނީއްކަ ވުމުގެ ހާދިސާތައް ހިނގުން ހުއްޓުވޭނެއެވެ. ދެން އެހެން ވާހަކައެކެވެ. އޮފީސް ހެދުން އަޅައިގެން، ގަޑި ކައިރި ކޮށްފައި އޮފީހަށް ދާން ދަނިކޮށް ކޮންމެވެސް ގެއެއްގެ ބެލްކަނިން، ނުވަތަ ގެއެއްގެ މަތީ ބުރިއެއްގެ ކޮންމެވެސް ތަނަކުން މަގުމައްޗަށް ނެރެފައި އޮންނަ ހޮޅިގަނޑެއް ފަދަ އެއްޗަކުން، ނުވަތަ އެއަރކަންޑިޝަން ސިސްޓަމުގެ ކޮންމެވެސް ދިމާޔަކުން ގަޔަށް ފެންތައް ފައިބައިގެންފާނެއެވެ. ބައެއް ފަހަރު އެ ފެނުގައި ދުވާނީ ނުލާހިކު ނުބައި ވަހެވެ. ބައެއް ފަހަރު އެ ފެނުން ލައިގެން ހުންނަ ހެދުމުގައި ކުލަ ޖެހި، ހެދުން މުޅީން ތަޣައްޔަރު ވެދެއެވެ. ދެން އޮންނަ ގޮތަކީ އަނބުރައިލައިފައި ގެޔަށް ގޮސް އަލުން ފެންވަރައިގެން ހެދުން ބަދަލު ކޮށްގެން އޮފީހަށް ދިޔުމެވެ. އެއިރު އޮންނަނީ އޮފީހަށް ގަޑި ޖެހިފައެވެ. މިއީ ވެސް މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް، ދުވަހަކު ބޭހެއް އީޖާދު ނުކުރެވުނު ބައްޔެއް ފަދަ ކަމެކެވެ. މަގުތަކާ އިން ވެގެން އިމާރާތްތައް ނުހުންނަ ނަމަ، މި ކަން ވެސް ނުވާނެކަން ޔަގީނެވެ. ދެން އޮތީ ދުވާރުގެ ވާހަކައެވެ. ދުވާރަކީ މަގުގެ އެއް ފަރާތެއްގައި، ހިނގާ މީހުން ހިނގައި އުޅުމަށް ޓަކައި އޮންނަ ތަނެވެ. މާލޭގެ ބައެއް މަގުތަކުގައި އެއް ފަރާތުގައި، ބައެއް މަގުތަކުގައި ދެ ފަރާތުގައި ވެސް ދުވާރު ހަދައިފައި ހުރެއެވެ. ނަމަވެސް ވަރަށް ގިނަ މަގުތަކުގައި ދުވާރުތަކަކީ ހިނގާ މީހުންނަށް ބޭނުން ކުރެވޭ ގޮތަށް އޮންނަ ތަންތަނެއް ނޫނެވެ. ކުރީން ވެސް ދެންނެވި ފަދައިން، ދުވާރުން ހިނގައިފައި ދަނިކޮށް، އިމާރާތެއްގެ މަތީ ބުރިޔަކުން ވެއްޓޭ ހަޑި ފެން ނުވަތަ އެޔަށް ވުރެން ވެސް ބަރު އެއްޗެއްގެ ދަށު ވެދާނެކަމުގެ ބިރަކީ އެއް ސަބަބެވެ. ހަމައެހެންމެ، ވާރޭ ވެހޭ ދުވަހެއް ނަމަ، ގިނަ ދުވާރުތަކަށް އިމާރާތްތަކުން ފެން ފައިބަނީ ފެންމާގަނޑެއް އެންމެ ބޮޑަށް ދޫ ކޮށްލައިފައި ހުންނަ އިރު އެއިން ފެން ފައިބާ މިސާލުގައެވެ. މަގުތައް ހަނި ކަމާ އެކު، ދުވާރަށް ދެވިފައި އޮންނަ ޖާގަ ކުޑަ ވުމަކީ ވެސް މައްސަލައެކެވެ. ދުވާރު ބޭނުން ކުރުމަށް ދަތި ވާ ގޮތަށް، ބައެއް ތަންތަނުގައި ކަރަންޓާއި ފޯނުގެ ކަނެކްޝަން ފޮށިތައް ހުންނަ ހުރުމަކީ ވެސް އެއް ކަމެކެވެ. މިހެން ގޮސް، ދުވާރުތަކާ ބެހޭގޮތުން ވެސް ބޮޑު ރިޕޯޓެއް ލިޔެވޭހައި ގިނަ މައްސަލަތައް އެބަ ހުއްޓެވެ. މީގެ ތިންހަތަރު ދުވަހެއް ކުރިން އިވުނު ޚަބަރަކީ މާލޭގެ މަގުތަކުގައި ރައްޔިތުންނަށް ދަތި ވާ ގޮތަށް ބެހެއްޓިފައި ހުރި ޕެލެޓުތައް ނަގައިގެން ގެންދާ ވާހަކައެވެ. އެ ޕެލެޓުތައް ނަގާން ޖެހޭ ސަބަބުތަކުގެ ތެރޭގައި، އެ ތަކެތީގެ ސަބަބުން މީހުންނަށް ހާނީއްކަ ވުން ވެސް ހިމެނޭ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެފައި ވާ ކަމަށް ޚަބަރުތަކުގައި އޮތެވެ. އެއީ ހަމަ ތެދު ވާހަކައެކެވެ. އަޅުގަނޑަށް ވެސް އޭގެ ޕެލެޓަކުން އެއް ދުވަހަކު ފިސާރި ހާނީއްކައެއް ވިއެވެ. އޭގެ އެއްޗެއްގައި ފައި އެޅި ވަގުތު، އޭގައި ހުރި ގޮޅިއަކަށް ފައިތިލަ ފެތި، ދެ ތިން ތަނުން ހަން ގޮސް، ހުޅަކަށް ތަދެއް ވެސް ވިއެވެ. ޕެލެޓުތައް ނެގުމާއި، ވަކި އުސޫލަކުން ނޫނީ ޕެލެޓު ނުބެހެއްޓޭ ގޮތަށް ހެދުމަކީ ކޮންމެހެން ވެސް ކުރާން ޖެހޭ ކަމެއް ކަމާ މެދަކު ޝައްކެއް ނެތެވެ. ނަމަވެސް ޕެލެޓު ބަހައްޓާ މީހުން އެކަން ކުރަނީ، މާލޭގެ މަގުތައް ހެދިފައި އޮންނަ ގޮތުން އެމީހުންނަށް ވެސް ބޮޑެތި ދަތިތަކެއް ތަހައްމަލު ކުރާން ޖެހޭތީ، ހައްލެއް ހޯދުމުގެ ގޮތުންނެވެ. އެއީ ވެސް އަޅުގަނޑުމެން ހަނދާން ނައްތައިލައިގެން ނުވާނެ ކަމެކެވެ. ދެން އަނެއްކާވެސް ތަފާތު ވާހަކައެކެވެ. އަޅުގަނޑަކީ ވެސް އިސްކަންދަރު ސްކޫލަށް ކުއްޖަކު ލާން އަދި ބަލައި ވަރަށް ގިނައިން ދާ މީހަކީމެވެ. އާއްމުކޮށް ބޭނުން ކުރަނީ ސްކޫލުގެ ފުރަގަހުގައި ހުންނަ ވަލުދޮރޯށްޓެވެ. އެ ގަޑީގައި ބިހުރޯޒު ކަމަނާ މިސްކިތާ ހަމައިން ސްކޫލުގެ ދޮރޯށްޓާ ހަމަޔަށް އޮންނަ ޓްރެފިކުގައި ޖެހިއްޖެ ނަމަ، ދެން ފަނަރަ ވަރަކަށް މިނެޓުން ނޫނީ ސަލާމަތެއް ނުވެއެވެ. އެހެންކަމުން، ވަރަށް ކުރީ ބައިގައި ގޮސްގެން ނޫނީ، ގަޑި ޖެހޭ ވަގުތު ކުއްޖާ ބަލައި ސްކޫލަކަށް ނުވަދެވެއެވެ. އޮފީހުގައި އުޅެމުން، ކުރީ ބައިގައި ދިޔުމަކީ ވެސް ގިނަ ފަހަރު ކުރެވޭ ކަމެއް ނޫނެވެ. އެހެންކަމުން، ގަޑި ނުޖެހި ކުއްޖާ ސްކޫލަށް ލެވިދާނެކަމާ މެދު، އަދި ނިމިގެން ކުއްޖާ އެތައް އިރެއް ވާންދެން ބަލައި ނައިސްގެން ކަންބޮޑު ވެފައި ހުންނާން ނުޖެހި ބަލައިދެވިދާނެކަމާ މެދަކު އެއްވެސް ޔަގީންކަމެއް ނޯވެއެވެ. މިއީ އަޅުގަނޑުގެ އަމިއްލަ ތަޖުރިބާއެވެ. މި ތަޖުރިބާ ކުރައްވަނީ ކިތައް ހާސް ބެލެނިވެރިންތޯއެވެ؟ މި ދުއްތުރާ ބެލެނިވެރީންނަށް ޖެހެނީ ކިތައް މަދަރުސާގެ ކައިރީގައިތޯއެވެ؟ މިފަދަ ކިތަންމެ ވާހަކައެއް ދެއްކިދާނެއެވެ. މާލޭގައި ބަސް ބޭނުން ކޮށްގެން އާއްމު ދަތުރުފަތުރުގެ ޚިދުމަތް ނުދެވެނީ ވެސް، މަގުތައް ހެދިފައި ހުރި ގޮތުން ނޫންތޯއެވެ؟ މާލޭގެ މަގުތަކާ ގުޅިގެން ރައްޔިތުންނަށް ކުރިމަތި ވެފައި ވާ މިފަދަ އެތައް ދުއްތުރާލެއްގެ އަސްލު ސަބަބަކީ، މާލެ ބިނާ ކުރެވިފައި އޮތް ގޮތެވެ. މާލޭގެ އެކި ދިމަދިމާޔަށް އެއް ފަހަރު ނަޒަރު ހިންގައިލުމުން، ސާފު ވާ ކަމަކީ މި ޝަހަރު ބިނާ ކުރެވުނީ އެއްވެސް ޕްލޭނެއް ނެތިކަމެވެ. ދުރާލާ ވިސްނުނު އެއްވެސް ވިސްނުމެއް ނެތިކަމެވެ. ބަޔަކު ޕްލޭނެއް ހަދައި ވިސްނުންތަކެއް ހެދި ނަމަ، އެ ޕްލޭންތަކާއި ވިސްނުންތައް ތަންފީޒު ކުރެވިފައި ނެތް ކަމެވެ. ނުވަތަ އެ ޕްލޭންތަކާއި ވިސްނުންތަކަކީ ޖޯކެއް ފަދަ ތާކުންތާކު ނުޖެހޭ ކަންތައްތަކެއް ކަމެވެ. އަޖާއިބު ވާން ޖެހެއެވެ. މާލެޔަށް މިހެން ވެގެން ދިޔަ އިރު، ރާއްޖޭގައި ވެރިކަން ކުރައްވާން ތިއްބެވި ބޭފުޅުންނަކީ ގިނަގިނައިން ސިންގަޕޯރު ފަދަ ގައުމުތަކަށް ދަތުރުފަތުރު ވެސް ހަމަ ކުރެއްވި ބޭފުޅުންނެވެ. ޝަހަރުތައް ބިނާ ކުރުމުގައި އެ ތަންތަނުގައި މީހުން އަމަލު ކުރާ ގޮތް ވެސް ގައިމު އެ ބޭފުޅުންނަށް ހުންނާނީ ފެނިވަޑައިގެންފައި ތާއެވެ. ވީއިރު، މާލެ ބިނާ ކުރުމުގައި އެފަދަ ތަންތަނުން ނަމޫނާ ނުނެންގެވީ ކީއްވެގެން ބާވައެވެ! ޝަހަރެއްގެ އެންމެ މުހިއްމު އެއް ބަޔަކީ މީހުން އެއް ތަނުން އަނެއް ތަނަށް ދަތުރުފަތުރު ކުރުމާއި، އެއް ތަނުން އަނެއް ތަނަށް މުދާ އުފުލުމަށް ޓަކައި ބޭނުން ކުރެވޭ މަގުތަކެވެ. މި ޒަމާނަކީ ދަތުރުފަތުރުގައި ކުދި އަދި ބޮޑެތި އިންޖީނު އުޅަނދުފަހަރު ގެންގުޅެވޭ ޒަމާނަށް ވާތީ، މި ޒަމާނުގައި ޝަހަރުތަކުގެ އެތެރޭގައި ވެސް މަގުތައް ހަދަނީ މި ދެންނެވި ބޭނުންތައް ފުރިހަމަޔަށް ހިފޭ ގޮތަށެވެ. މަގުތައް ހަނި ވެގެން، އަދި މަގުތައް ރަނގަޅަށް ޕްލޭން ނުކުރެވި ހަދައިފައި ހުރުމުގެ ނަތީޖާއެއްގެ ގޮތުން ދަތުރުފަތުރަށް އުނދަގޫ ވެގެން ދިޔުމުން، ހަމައެކަނި އެއް ތަނުން އަނެއް ތަނަށް ހިނގައިބިނގައި ވެއުޅޭ މީހުންނާއި ދުއްވާ ތަކެތީގައި އުޅޭ މީހުންނަށް ތަކުލީފު ޖެހެނީއެއް ނޫނެވެ. އޭގެ ސަބަބުން މުދާ އުފުލުމުގެ މަސައްކަތް ލަސް ވެ، އިގުތިސާދަށް ވެސް ނުހަނު ބޮޑެތި ގެއްލުންތައް ލިބިގެން ދެއެވެ. ޓްރެފިކްގެ ސަބަބުން ދުއްވާ ތަކެތި މަގުތަކުގައި މަޑު ޖެހިފައި ނުވަތަ އަވަހަށް ދަތުރު ނުކުރެވި ތިބޭން ޖެހުމުގެ ސަބަބުން، ތެޔޮ އިސްރާފު ވުމުގެ ސަބަބުން ވެސް ބޮޑެތި ގެއްލުންތައް ލިބެއެވެ. މިސާލެއްގެ ގޮތުން، ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގެ ޓެކްސަސް ޓްރާންސްޕޯރޓޭޝަން އިންސްޓިޓިޔުޓުން އަންދާޒާ ކޮށްފައި ވާ ގޮތުން، 2000 ވަނަ އަހަރު އެމެރިކާގެ އެންމެ ބޮޑު 75 މެޓްރޮޕޮލިޓޭން ސަރަހައްދުތަކުގައި، 3.6 ބިލިޔަން ގަޑިއިރުގެ ވަގުތު ޓްރެފިކްގެ ސަބަބުން ގެއްލިފައި ވާ އިރު، އޭގެ ސަބަބުން 21.6 ބިލިއަން ލިޓަރުގެ ތެޔޮ އިސްރާފު ވެފައި ވެއެވެ. ފައިސާއިން ކިޔާ ނަމަ، މިއީ އެތައް ބިލިއަން ޑޮލަރެއްގެ ތެލެވެ. އަޅުގަނޑުމެންގެ ރާއްޖޭގައި، މި އަދަދުތައް މިހައި ބޮޑު ނުވާނެކަން ޔަގީނެވެ. ނަމަވެސް ރާއްޖޭގައި ވެސް ދިރާސާތަކެއް ހަދައިފި ނަމަ، ޓްރެފިކްގެ ސަބަބުން ގެއްލޭ ވަގުތާއި، ގެއްލޭ ފައިސާ މަދެއް ނުވާނެކަމަށް ދެންނެވިދާނެއެވެ. މި ގައުމަކީ މި ކަހަލަ ދިރާސާތަކެއް ވެސް ހަދާ ތަނަކަށް ނުވާތީ، އެންމެންނަށް ވެސް ބޮޑު ވާ ހަމައެކަނި ކަންތަކަކީ އިންތިޚާބާއި ގޮނޑިޔާއި ޕޯޑިޔަމާއި ކުލަކުލައިގެ ޓައި ކަމަށް ވާތީ، ކަން އޮތް ގޮތް ބަޔަކަށް ނޭނގެނީއެވެ. ޝަހަރެއްގައި އޮންނަ މަގުތައް ވާން ޖެހޭނީ، އެ ތަނެއްގައި ދިރިއުޅޭން ޕްލޭން ކުރެވޭ އާބާދީގެ އެންމެން އާދައިގެ ހާލަތުގައި ބޭނުން ކުރާ އިރު، ޓްރެފިކް ބާރު ބޮޑު ނުވާ ވަރުގެ ފުޅާ މަގުތަކަކަށެވެ. އެ މަގުތަކުގައި ބޮޑެތި ބަހާއި ލޮރީތަކާއި ޕިކަޕާއި ކާރާއި ސައިކަލު ފަދަ އުޅަނދުތަކަށް ފަސޭހަކަމާ އެކު ދުއްވޭ ފަދަ މަގުތަކަކަށެވެ. ދެ ފަރާތުގައި ނުވަތަ މެދުގައި ހިޔާ ދޭ ބޮޑެތި ގަސްތައް އިންދޭ ފަދަ މަގުތަކަކަށެވެ. އެފަދަ ގަސްގަހުގެ ސަބަބުން ޝަހަރުގެ ތެރެ ފެހި ވެ، ހޫނުކަން ތައްކަތު ވެ، އެ ގަސްގަހުން ބޭރު ވާ އޮކްސިޖަނުގެ ސަބަބުން ޝަހަރުގެ ވައި ސާފު ވެ، މިހެން ގޮސް ލިބޭ ފައިދާތަކުގެ ލިސްޓަކީ ވެސް ހާދަހާ ވާ ދިގު ލިސްޓެކެވެ. ވިސްނާން ވީ މިހިރަ ކަންކަމަށް ނޫންތޯއެވެ؟ ހަމައެހެންމެ، މަގުތައް ހުންނާން ވާނީ ދުވާރުން ހިނގާ މީހުންނަށް ރައްކައުތެރި ގޮތަކަށެވެ. ބައެއް ހިސާބުތަކުގައި، ވާރޭ ވެހޭ އިރު ވެސް ނުތެމި ދުވާރުން ހިނގައިފައި ދެވޭ ގޮތަށެވެ. ކޮންމެ މަގެއްގައި ވެސް ބަސް ހުއްޓާ ތަންތަނާއި، ޓެކްސީ ސްޓޭންޑުތައް ހެދޭހައި ޖާގަ ވެސް އޮންނާން ވާނެއެވެ. މީގެ އިތުރުން، މަގުތައް ޕްލޭން ކުރެވި ބިނާ ކުރެވޭ އިރު، މަގުތަކުގެ ފެން ހިންދާ ނިޒާމާއި، މަގުތަކުގެ އަޑީން އަޅާ ކަރަންޓާއި ފޯނާއި އިންޓަނެޓުގެ ކޭބަލް ފަދަ ކޭބަލްތަކާއި، ފެނާއި ގޭހުގެ ހޮޅިތައް އަޅާ ނިޒާމު ވެސް ފުރިހަމަޔަށް ފަރުމާ ކުރެވޭން ޖެހެއެވެ. އިރުއިރުކޮޅާ މަގު ނޮޅައި އެފުށް މިފުށަށް ޖަހައިގެން ނޫނީ އެއިން އެއްޗަކަށް ދިމާ ވާ މައްސަލައެއް ހައްލު ނުކުރެވޭ ގޮތަށް އޮތުމީ ވެސް ކަންތައް ކުރާ އިރު، އަޅުގަނޑުމެންނަށް ދުރަށް ނުވިސްނޭ ކަމުގެ، އަދި ކަންފަސޭހަ ކޮށްލެވޭ ކަމުގެ ހެއްކެކެވެ. އަޅުގަނޑުމެންގެ ތެރޭގައި ދޫ ކޮށްލާން ޖެހޭ އަނެއް ކަމަކީ، މަގަށް އިން ވާ ގޮތަށް އިމާރާތްތައް ކުރުމުގެ ނުބައި ސަގާފަތެވެ. މި ސަގާފަތެއް ފެށިގެން އައީ ވެސް ހާލަތުގެ ނަތީޖާއެއްގެ ގޮތުންނެވެ. ނަމަވެސް އެއީ ކަނޑައެޅިގެން ބޮޑު ގޯހެއް ކަމުގައި މެނުވީ އަޅުގަނޑަކަށް ނުފެނެއެވެ. ވަރަށް އިސްތިސްނާ ހާލަތެއްގައި މެނުވީ، އިމާރާތެއް ހުންނާން ވާނީ މަގަށް ވުރެ 10 ވަރަކަށް ފޫޓު އެތެރޭގައެވެ. ހަމަ އެހެންމެ، ދެ އިމާރާތް ދެމެދުގައި ވެސް އާއްމު އުސޫލަކުން 10 ވަރަކަށް ފޫޓުގެ ހުސް ޖާގަ އޮންނާން ޖެހޭ ގޮތަށް ގަވާއިދުތައް ހަދާން ޖެހޭ ކަމަށް ދެކެމެވެ. މީގެ އެއް ބޭނުމަކީ އިމާރާތްތައް އެޅުމާއި، މަރާމާތު ކުރުން ފަދަ ކަންކަން ކުރާ އިރު، މަގުގެ ބޭނުން ކުރުމަށް ހުރަސް ނޭޅޭ ގޮތް ހެދުމެވެ. އަނެއް ބޭނުމަކީ އަލިފާނުގެ ހާދިސާއެއް އިމާރާތެއްގައި ހިނގައިފި ހާލަތެއްގައި، އެ އިމާރާތެއްގެ ވަށައިގެން އަލިފާން ނިއްވުމުގެ މަސައްކަތް ކުރެވޭނެ މަގު ތަނަވަސް ކުރުމެވެ. ތިންވަނަ ބޭނުމަކީ އިމާރާތުގެ ގޯތިތެރޭގައި އުޅަނދުފަހަރު ޕާކު ކުރުމާއި، ބަގީޗާ ހެއްދުން ފަދަ ބޭނުންތަކަށާއި، ގޭގޭގައި ނަމަ ކުޑަކުދީން ނުކުމެލައި ކުޅެލައި އުޅޭނެ ޖާގަ ވެސް ބޭއްވުމެވެ. މި ދެންނެވި އުސޫލުން، އިމާރާތްތަކުގެ ގޯތިތެރޭގައި އުޅަނދުފަހަރު ބެހެއްޓޭނެ ޖާގަ އޮންނަ ނަމަ، މާލޭގެ މަގުތަކަށް ޕާކު ކުރެވިފައި ހުންނަ އުޅަނދުތަކުގެ ސަބަބުން ކުރިމަތި ވާ ތޮއްޖެހުން ކިހައި ބޮޑަކަށް ހައްލު ކުރެވޭނެތޯއެވެ؟ މި ކަމާ ބެހޭގޮތުން ވާހަކަ ދައްކާ އިރު، އެންމެ ބޮޑަށް ކަންބޮޑުވުން ފައުޅު ކުރާން ޖެހޭ އެއް ކަމަކީ، ރާއްޖެތެރޭގެ ރަށްރަށް ވެސް ބިނާ ކުރެވެމުން ދަނީ، މާލެއެކޭ އެއްފަދައިން، "ޑިޒާސްޓަރގެ ރެސިޕީ" އަށް ކަމެވެ. މާލެޔަށް ވީ ގޮތުން ފިލާވަޅު ލިބިގަނެ، ޚާއްސަކޮށް ރާއްޖޭގެ ބޮޑެތި ޝަހަރުތަކަށް ވާނެ ތަންތަން، ހުޅުމާލެ ފަދައިން ޕްލޭން ނުކުރަނީ ކީއްވެގެންތޯ، މި ސުވާލަށް ހަމަ އެއްވެސް ޖަވާބެއް ނެތެވެ. ފުވައްމުލަކާއި އައްޑުއާއި ލާމު ގަމާއި ކުޑަހުވަދޫ ފަދަ ބޮޑެތި ރަށްރަށް ހިމެނޭ ގޮތުން، ރާއްޖޭގެ ވިހި އަތޮޅުން ވިއްސަކަށް ޝަހަރު ހުޅުމާލެ ޕްލޭން ކުރި ގޮތަށް ޕްލޭން ކޮށް، ރަނގަޅަށް ބިނާ ކުރުމުގެ މަސައްކަތް ފަށާން މިހާރު މާ ލަސް ވެސް ވެއްޖެއެވެ. އެ ރަށްރަށުގައި، ފަސް އަހަރުން ފަސް އަހަރުން، ދެމެހެއްޓެނިވި ތަރައްގީގެ ޕްލޭނެއް ނެތި، ރައްޔިތުން ހައްދާން ތާރުކޮޅަކާއި ގައުކޮޅެއް އެޅުމުގެ ބޭކާރު ޚަރަދު ކުރުމުގެ ބަދަލުގައި، ޕްލޭނެއްގެ ދަށުން މަގުތައް ހަދާން ޖެހެއެވެ. ރަނގަޅު އާއްމު އުމްރާނީ އޮނިގަނޑެއް ނެތުމުގެ ގެއްލުމަކީ ކުޑަ ގެއްލުމެއް ނޫނެވެ. ރީތި ބަގީޗާ ޝަހަރުތަކެއް އޮންނަ، ބޭރުން އަރާ މީހުން ވެސް ހިތްފަސޭހަ ތަނެއްގެ ގޮތުގައި ސިފަ ކުރާ ވަރުގެ ގައުމަކަށް އަޅުގަނޑުމެންގެ ރާއްޖެ ބަދަލު ކުރެވޭތޯ މަސައްކަތް ކުރަމާ ހިންގަވާށެވެ.
މާލޭގެ މަގުތަކާ ގުޅޭ އެތައް ވާހަކައެއް
ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މަނީލޯންޑަރިންގެ ކުށް، ކުރެއްވި ކަމުގެ ހެކި ހިމެނޭ ކަމަށް ބެލެވޭ ލިޔެކިޔުންތައް ލިބިފައިވާތީ އެ ލިޔުންތައް ފުލުސް އޮފީހަށާއި އެސެޓް ރިކަވަރީ ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ބުނެފި އެވެ. މިއަދު އެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ކުރީގެ ރައީސް ޔާމީނާއި ކުރީގެ ނައިބު ރައީސް އަދީބާއި، ކުރީގެ ސަރުކާރުގެ އެހެނިހެން އިސްވެރިންނާއި، އަދިވެސް އެހެނިހެން ފަރާތްތައް ހިމެނޭ ގޮތަށް މަނީ ލޯންޑްރިން ހިންގި ކަމުގެ ހެކި ހިމެނޭ ލިޔުންތަކެއް އެމްޑީޕީއިން އެ އޮފީހާ ހިއްސާ ކޮށްފައިވާ ކަމަށެވެ. އެމްޑީޕީން ހުށަހެޅި ލިޔުންތަކަކީ ޔާމީނާއި އަދީބުގެ މޯބައިލް ފޯނުތަކެއްގައިވާ ޑޭޓާ އެނަލައިޒްކޮށްގެން ބައިނަލްއަގްވާމީ ފްރޯޑް އިންވެސްޓިގޭޝަން ފާމަކުން ތައްުޔާރު ކުރި ރިޕޯޓަކާއި އެއާ ގުޅޭ ލިޔުންތަކެއް ކަމަށެވެ. އަދި އެއީ އިނގިރޭސިވިލާތުގެ ހޯމް އޮފީހުން ހުއްދަދީފައިވާ ޑޭޓާ ރިކަވަރީ އެންޑް އިންޓެލިޖެންސް ކުންފުންޏަކުން ފޮރެންސިކް އިމޭޖިން ހަދާފައިވާ ޑޭޓާތަކެެއް ކަމަށް ވެސް އޭޖީ އޮފީހުން ބުންޏެވެ. އެ ލިޔުންތައް އެ އޮފީހުން ބެލި ބެލުމުން، މަނީ ލޯންޑްރިންގެ އިތުރުން، ރިޝްވަތާއި ކޮރަަޕްޝަންގެ އަމަލުތައް ކަމަށް ބެލެވޭ އަމަލުތައް ހިންގާފައިވާ ކަމަށް ބެލެވޭތީ އެ ލިޔުންތައް އެސެޓް ރިކަވަރީ ކޮމިޝަނަށް މި މަހުގެ 15 ވަނަ ދުވަހު ފޮނުވާފައިވާނެ ކަމަށް އެ އޮފީހުން ބުންޏެވެ. އަދި ފުލުހަށް ވެސް އެ ލިޔުންތައް ފޮނުވާފައިވާ ކަމަށް އެ އޮފީހުން ބުންޏެވެ. ރައީސް ޔާމީނަށް ތުހުމަތު ކުރާ މަނީ ލޯންޑްރިންގެ މައްސަލައެއް ފުލުހުން މިހާރު ވެސް ބަލަމުން އަންނަ އިރު އެކި ފަހަރު މަތިން ސުވާލު ކުރުމަށް އެމަނިކުފާނު ވަނީ ފުލުހަށް ހާޒިރު ވެސް ކޮށްފަ އެވެ.
ރައީސް ޔާމީނާއި އަދީބުގެ މަނީ ލޯންޑަރިން މައްސަލައެއް އޭޖީ އޮފީހުން ފުލުހަށް ހުށަހަޅައިފި
ލަންޑަން (ޖެނުއަރީ 16): އިނގިރޭސިވިލާތް ޔޫރަޕިއަން ޔޫނިއަންއިން ވަކިވުމާ ބެހޭ ގޮތުން ބޮޑުވަޒީރު ތެރީސާ މޭ އެކުލަވާލެއްވި އެއްބަސްވުމާ ދެކޮޅަށް އެގައުމުގެ ޕާލިމެންޓުން ވޯޓު ދީފިއެވެ. އިނގިރޭސި ޕާލިމެންޓުގެ 202 މެމްބަރުން އެ އެއްބަސްވުމަށް ތާއިދު ކުރެއްވި އިރު 432 މެމްބަރުން ވަނީ އެއްބަސްވުމާ ދެކޮޅަށް ވޯޓު ދީފައެވެ. އެއީ އެގައުމުގެ ތާރީހުގައިވެސް ޕާލިމެންޓުގައި ސަރުކާރަށް ލިބުނު އެންމެ ބޮޑު ނާކާމިޔާބީއެވެ. އެވޯޓަށް ފަހު އިދިކޮޅު ލޭބާ ޕާޓީގެ ލީޑަރު ޖެރެމީ ކޯބީން ވަނީ ސަރުކާރުގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގަން ޕާލިމެންޓަށް ހުށަހަޅާފައެވެ. އަދި އާއްމު ގޮތެއްގައި ސަރުކާރަށް އެފަދަ ބޮޑު ނާކާމިޔާބީއަކާ ކުރިމަތިވުމުން ބޮޑުވަޒީރު އިސްތިއުފާ ދެއްވާނެއެވެ. ނަމަވެސް މޭ ވަނީ މަގާމުން ދުރަށް ޖެހި ވަޑައިނުގަންނަވާނެ ކަމަށް އިޝާރާތް ކުރައްވާފައެވެ. އަދި ބްރެގްޒިޓް ދެން ކުރިއަށް ގެންދާނެ ގޮތާ ބެހޭ ގޮތުން ޕާޓީތަކުން މަޝްވަރާ ކުރުމަށް އެދިވަޑައިގެންފައެވެ. އަދި އެމަޝްވަރާތަކަށް ފަހު އަންނަ ހަފްތާގެ ހޯމަ ދުވަހު ބްރެގްޒިޓްގެ އެހެން ޕްލޭނެއް ހުށަހަޅާނެ ކަމަށް ވިދާޅުވެފައެވެ. މޭގެ އެއްބަސްވުމުގައި ނިންމާފައި އޮތީ މާޗް 29ގައި އިނގިރޭސިން އީޔޫއިން ވަކިވުމަށް ފަހު، 21 މަހުގެ ޓްރާންޒިޝަން މުއްދަތެއް ކަނޑައެޅުމަށެވެ. އަދި އެމުއްދަތުގެ ތެރޭގައި އީޔޫއާ އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމަކާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށެވެ. ޕާލިމެންޓުގައި ރޭ ނެގި ވޯޓު މީގެ ކުރިން ބާއްވަން ހަމަޖެހިފައި އޮތީ މިދިޔަ މަހުގައެވެ. ނަމަވެސް އެއެއްބަސްވުމަށް ރުހުން ނުލިބޭނެކަން އެނގިލައްވާތީ ބޮޑުވަޒީރު މޭ އެވޯޓު ލަސް ކުރެއްވީއެވެ. އެ އެއްބަސްވުމާ ބެހޭ ގޮތުން އެންމެ ބޮޑަށް ދެބަސްވުން އުފެދިފައި ވަނީ އީޔޫއާ އެކު ހަދާފައިވާ ކަސްޓަމްސް އެއްބަސްވުމަކާ ގުޅިގެންނެވެ. އެއެއްބަސްވުމުގައި ވަނީ ނަދަން އަޔަލޭންޑާއި ރިޕަބްލިކް އޮފް އަޔަލޭންޑުގެ ބޯޑަރުގައި އީޔޫގެ ޗެކް ޕޮއިންޓުތައް ބެހެއްޓުމުގެ ބަދަލުގައި، ޔޫކޭގެ އެހެން ސަރަހައްދުތަކުން ނޮދަން އަޔަލޭންޑަށް ފޮނުވާ އުފެއްދުންތައް އީޔޫގެ ހަމަތަކަށް ފެތޭތޯ ބަލަން ނިންމާފައެވެ. ނަމަވެސް އެ އެއްބަސްވުމާ ދެކޮޅު ހަދާ މެމްބަރުން ވަނީ އޭގެ ސަބަބުން ނޮދަން އަޔަލޭންޑާއި ޔޫކޭގެ އެހެން ގައުމުތަކާ ތަފާތު ކުރެވޭ ކަމަށާއި އޭގެ ސަބަބުން އިނގިރޭސިވިލާތް އީޔޫއިން ވަކިވި ނަމަވެސް، އެގައުމުން އީޔޫގެ ގަވާއިދުތަކަށް ތަބާވާން ޖެހޭނެ ކަމަށް ވިދާޅުވެފައެވެ. އިނގިރޭސިވިލާތް އީޔޫއިން ވަކިވުމާ ބެހޭ ގޮތުން ފެންނަ ނުފެންނަ ވޯޓެއް ނެގީ 29 މާޗް 2017އިގައެވެ. އެވޯޓުގައި ބައިވެރިވި މީހުންގެ ތެރެއިން 51.9 ޕަސެންޓު މީހުން ވޯޓު ދިނީ އީޔޫއިން ވަކިވާށެވެ.
މޭގެ ބްރެގްޒިޓް އެއްބަސްވުމަށް ޕާލިމެންޓުން ރުހުން ނުދިން
ވަޅިން ބިރު ދައްކައިގެން ފިހާރައަކުން ފައިސާތަކެއް ފޭރުނު މައްސަލައިގައި މީހަކު ހައްޔަރުކޮށްފި އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ އެ ހާދިސާގައި ފޭރިފައި ވަނީ މާފަންނު ބިސްބުރު ކައިރީގައި ހުރި ފިހާރައަކުން ކަމަށެވެ. އެ މައްސަލާގައި ފުލުހުން ހައްޔަރުކޮށްފައި ވަނީ 32 އަހަރުގެ ފިރިހެނެކެވެ. ފުލުހުން ބުނީ އެ ހާދިސާގައި އެ ފިހާރައިގެ ވަތްގަނޑުން ފޭރިގަތް ފައިސާ ވެސް ހައްޔަރުކުރި މީހާއާ އެކު ފެނިފައިވާ ކަމަށެވެ. އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ.
ބިރު ދައްކައިގެން ފިހާރައަކުން ފޭރުނު މައްސަލާގައި މީހަކު ހައްޔަރުކޮށްފި
ބެލެނިވެރިން އެދުނު ގޮތަށް ދެ ގްރޭޑް ވަކިކުރުމުން، އދ. ހަންޏާމީދޫ ސްކޫލުގެ ގްރޭޑް ހަތަރެއް އަދި ފަހެއްގެ ދަރިވަރުން ސްކޫލަށް ފޮނުވައި މިއަދު އެ ސްކޫލުގައި ކިޔެވުން ފަށައިފި އެވެ. "ސަން"އާ ވާހަކަ ދެއްކި ބެލެނިވެރިއަކު ބުނި ގޮތުގައި އެ ދެ ގްރޭޑުގެ ދަރިވަރުން ވެސް މިއަދު ސްކޫލަށް ފޮނުވީ އެޑިއުކޭޝަން މިނިސްޓްރީ އިން އަންގާފައިވާތީ އެވެ. "މިނިސްޓްރީ އިން އަންގައިފި ދެ ގުރޭޑް ވަކިން ކިޔަވަދޭން ފަށާނެ ވާހަކަ. އެހެންވެ މިއަދު ދެ ގުރޭޑު ކުދިން ވާނީ ސްކޫލަށް ފޮނުވާފައި. މިއަދުން ފެށިގެން ދެ ގުރޭޑުގެ ކިޔެވުން ދާނީ ވަކި ވަކިން،" އެ މައްސަލައާ ގުޅޭ ގޮތުން އެޑިޔުކޭޝަން މިނިސްޓްރީގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ. އެ ރަށު ސްކޫލްގައި ގްރޭޑް ހަތަރެއް އަދި ފަހެއްގައި ކިޔަވަނީ ޖުމުލަ 18 ކުދީންނެވެ. ސަން އާ ވާހަކަ ދެއްކި ބެލެނެވެރިޔާ ބުނި ގޮތުގައި، އެ ރަށުގެ ބެލެނެވެރިން ބޭނުން ވަނީ ގްރޭޑް ހަތަރެއް އަދި ފަހެއްގެ ކްލާސްތައް ވަކި ވަކީން ނަގައިދިނުމަށެވެ. އަދި އެކަމަށް ވަކާލާތު ކުރަމުންދާތާ މިހާރު ތިން އަހަރުވެފައިވާ ކަމަށް އޭނާ ކިޔައިދިނެވެ. އޭނާ ބުނީ، ގްރޭޑުތައް ވަކި ކުރަން އެ ރަށުގެ ބެލެނެވެރިން މީގެ ކުރިން ވެސް އެޑިއުކޭޝަން މިނިސްޓްރީގައި އެދިފައިވާނެ ކަމަށެވެ. ހަންޏާމީދޫ ސްކޫލުގެ ބެލެނިވެރިން ކަންބޮޑުވުން ފާޅުކުރަމުން ދަނީ މަލްޓި ގްރޭޑުކޮށް ކިޔަވައިދިނުމުގެ ސަބަބުން ކިޔަވައިދިނުމުގެ ފެންވަރު ދަށްވާ ކަމަށް ބުނެ އެވެ. "އަސްލު ދެ ގްރޭޑުގެ ކުދިން އެއްކޮށް ކިޔަވައިދިނީމާ ކުދިންގެ ކިޔެވުމުގެ ފެންވަރު ދަށްވޭ. ސަކަރާތް ބޮޑުވޭ،" އެ ބެލެނިވެރިޔާ ބުނީ މަލްޓި ގުރޭޑުކޮށް ކިޔަވައިދިނުން ހުއްޓާލުމުގެ ސަބަބުން ބެލެނިވެރިން ހިތްހަމަޖެހޭ ކަމަށާއި އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ އަށް ހާއްސަ ޝުކުރެއް ރައްދުކުރާ ކަމަށެވެ. "ކުޑަ އާބާދީއެއްގައި މަލްޓި ގްޜޭޑް ސިސްޓަމަކަށް ކިޔަވައިދިނުމަކީ ވަރަށް އެކަށީގެންވާ ކަމެއް. ދެން އަޅުގަނޑުމެން މިހާރު މި ބަލަމުންދަނީ އެކަމުގައި ހުރި ކަންބޮޑުވުންތައް. އެ މައްސަލަ ހައްލުކުރުމަށް މިހާރު އެރަށަށް ވަނީ ޓީމެއް ވެސް ފޮނުވާފައި،" ޑރ. އައިޝަތު އަލީ މީގެ ކުރިން ދިން އިންޓަވިއުއެއްގައި ވިދާޅުވި އެވެ. ހަންޏާމީދޫ ސްކޫލުގައި 100 ދަރިވަރުން ތައުލީމު ހާސިލު ކުރަމުންދެ އެވެ. އެ ސްކޫލުގައި ކިޔަވައިދެނީ ގްރޭޑް 10 އަކާ ހަމައަށެވެ.
ދެ ގްރޭޑް ވަކިކޮށް، ހަންޏާމީދޫ ސްކޫލްގެ ކިޔެވުން ފަށައިފި
ދިރާސީ އަހަރު ފެށިގެން މިހާތަނަށްވެސް އަރަބިއްޔާ ސްކޫލުގެ ޓީޗަރުން ހަމަނުވާތީ ބެލެނިވެރިން ކަންބޮޑުވުން ފާޅުކޮށްފިއެވެ. އަރަބިއްޔާ ސްކޫލުގެ ދަރިވަރެއްގެ ބެލެނިވެރިއަކު "ސަން" އަށް މައުލޫމާތު ދެމުން ބުނީ ސްކޫލު ފެށިގެން މިހާތަނަށްވެސް ބޭރުން އައީ ހަތަރު ޓީޗަރުން ކަމަށެވެ. ސްކޫލަށް ޓީޗަރުން ހަަމަނުވާތީވެ އަރަބިއްޔާގައި މިހާރު ކިޔަވައިދެމުންގެންދަނީ އެހެން ސްކޫލުތަކުގެ ޓީޗަރުން ގެނެސްގެންނެވެ. "ޓީޗަރުން ގެނަޔަސް ގެންނަނީ ޝެއިޚުން ފެންވަރުގެ މީހުން. އެކަމަކު މަތީ ކްލާސްތަކުގައި ކިޔަވަމުންދަނީ ސައިންސް މާއްދާތައް ކަމަށްވާތީ އެބޭފުޅުންނަކަށް ކިޔަވައެއް ނުދެވޭ،" ބެލެނިވެރިޔާ ކިޔައިދިނެވެ. އޭނާ ބުނީ އެ މައްސަލައިގައި ޕްރިންސިޕަލްގެ އަރިހަށްގޮސްވެސް ޝަކުވާ ހުށަހެޅި ކަމަށެވެ. އަދި މިއަދު ރައީސް އޮފީހަށް މިއަދުގޮސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާ ބައްދަލުކުރަން އުޅުމުންވެސް އެކަން ހަމަނުޖެހުނު ކަމަށް އޭނާ ބުންޏެވެ. އަރަބިއްޔާގެ ދަރިވަރުން މި އަހަރު ފަހުކޮޅު ޝަހާދާ ސާނަވިއްޔާ އިމްތިހާންގައި ބައިވެރިވާން ޖެހޭތީ އެ ކުދިންގެ ކިޔެވުން އެންމެ ދުވަހެއްވެސް ގެއްލުމަކީ ބެެލެނިވެރިން ވަރަށް ކަންބޮޑުވާ ކަމެކެވެ. "އެ ދަރިވަރުން އެބަ ކިޔަވާ 17، 18 މާއްދާ. ޓީޗަރުން ލަސްވާ ކޮންމެ ދުވަހަކާ ހުރެ އެތަކެއް ފިލާވަޅުތަކެއް ގެއްލިގެން ދަނީ،" ބެލެނިވެރިޔާ ކިޔައިދިނެވެ. އެ މައްސަލައިގައި އެޑިއުކޭޝަން މިނިސްޓްރީގެ ބަހެއްލިބޭ ގޮތް ވަނީ ނުވެފައެވެ.
އަރަބިއްޔާއަށް ޓީޗަރުން ހަމަނުވާތީ ބެލެނިވެރިން ކަންބޮޑުވެފައި!
ހުޅުމާލެ-ހުޅުލެ ހައިވޭގައި ރޭ ފަތިހު ހިނގި އެކްސިޑެންޓެއްގައި ހައިވޭގައި ޖަހާފައި ހުރި ރޯޑް ޑިވައިޑާ ޕާޓީޝަންތައް ހަލާކު ވެއްޖެއެވެ. ފުލުހުންގެ މީޑިއާ އޮފިޝަލު ސަންއަށް ވިދާޅުވީ ޕިކަޕެއް އެކްސިޑެންޓުވެގެން ރޭ 4:17 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ. "ހައިވޭގެ ޔޫޓާން ނަގާ ސަރަހައްދުން އެކްސިޑެންޓު ހިނގީ. ރޯޑް ޕާޓިޝަންތައް ހަލާކުވެފައިވަނީ،" ބްރިޖު ހައިވޭގައި ހިނގި އެކްސިޑެންޓު -- ފޮޓޯ/ ޕޮލިސް އެކްސިޑެންޓުގައި މީހަކަށް އަނިޔާވިކަމުގެ ރިޕޯޓު ނުލިބޭ ކަމަށްވެސް ފުލުހުން ބުންޏެވެ. ހުޅުމާލެ-ހުޅުލެ ހައިވޭގައި މިހަފްތާ ވަނީ އިތުރު އެކްސިޑެންޓެއްވެސް ހިނގައިފައެވެ. ސައިކަލު ދުއްވާ މީހުންގެ އިތުރުން ޕިކަޕާއި ލޮރީ ދުއްވާ މީހުންގެ އިހުމާލުން ބްރިޖާއި ހައިވޭގައި ދަނީ ނުރައްކާތެރި އެކްސިޑެންޓުތައް ހިނގަމުންނެވެ. އެކުސިޑެންޓްވި ވެހިކަލް -- ފޮޓޯ/ ޕޮލިސް
ހައިވޭގައި އެކްސިޑެންޓެއް ހިނގައި ރޯޑް ޑިވައިޑާތައް ހަލާކުވެއްޖެ
ކުރީގެ ރައީސް މައުމޫނާއި، އެމަނިކުފާނުގެ ދަރިކަލުން، ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫނާއި، ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމްގެ މައްޗަށް ކުރި ޓެރަރިޒަމްގެ ދައުވާތައް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އަނބުރާ ގެންގޮސްފި އެވެ. މިދިޔަ އަހަރުގެ ފެެބްރުއަރީ އެކެއްގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާ އެކު، ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު، މަޖިލީސް މެމްބަރުންނަށާއި ފަނޑިޔާރުންނަށް ރިޝްވަތު ދީގެން ވަައްޓާލަން އުޅުނުކަމުގެ ތުހުމަތުގައި އެ ތިން ބޭފުޅުންގެ މައްޗަށް ވަނީ މިދިޔަ އަހަރުގެ ތެރޭގައި ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުނު ކަމުގެ ދައުވާ އުފުލާފަ އެވެ. މިިދިޔަ ބުރާސްފަތި ދުވަހު ޕީޖީ އޮފީހުން ވަނީ އެ ތިން ބޭފުޅުންގެ މައްޗަށް ކުރި ޓެރަރިޒަމްގެ ދައުވާ އަނބުރާ ގެންދިޔަކަން ސިޓީއަކުން އަންގާފަ އެވެ. ފާރިސްގެ މައްޗަށް އުފުލި ޓެރަރިޒަމްގެ ދައުވާ އަނބުރާ ގެންގޮސްފައިވާ އިރު އޭނާގެ މައްޗަށް އުފުލި ރިޝްވަތުގެ ދައުވާ ވެސް މިދިޔަ ހަފްތާގެ ތެރޭގައި ވަނީ އަނބުރާ ގެންގޮސްފަ އެވެ. ރައީސް މައުމޫންގެ މައްޗަށް ކުރި ޓެރަރިޒަމްގެ ދައުވާ އަނބުރާ ގެންދިޔަ އިރު އެމަނިކުފާނުގެ މައްޗަށް މިދިޔަ އަހަރު ސާބިތުވި އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސްއެޅުމުގެ ދައުވާ ހައިކޯޓުން ވަނީ ބާތިލުކޮށްފަ އެވެ. އެ މައްސަލައިގައި އެމަނިކުފާނު ޖަލަށް ލާން ހުކުމް ކުރީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށެވެ. އެ ތިން ބޭފުޅުންގެ ދައުވާގެ އިތުރުން، އެކެއް ފެބްރުއަރީއާ ގުޅިގެން ޓެރަރިޒަމްގެ ދައުވާ ކުރި ކިބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒުގެ ދައުވާ ވެސް ޕީޖީ އޮފީހުން މިދިޔަ ބުރާސްފަތު ދުވަހު ވަނީ އަނބުރާ ގެންގޮސްފަ އެވެ.
މައުމޫން، ފާރިސް، އަދި ނަދީމަށް ކުރި ޓެރަރިޒަމްގެ ދައުވާ އަނބުރާ ފޮނުވާލައިފި
ޑާންސްޕްލަސްގެ ޖަޖު ޝަކްތީ މޯހަން ބޮލީވުޑަށް ނުކުތުމަށް ނިންމައިފިއެވެ. މި ގޮތުން "އޭބީސީޑީ 3"އިން ޝަކްތީ ފެންނާނެ ކަން ޑާންސްޕްލަސް ޝޯގައި އިއުލާންކޮށްފައި ވަނީ ޑައިރެކްޓަރު އަދި ކޮރިއޯގްރަފާ ރެމޯ ޑި ސޫޒާއެވެ. އޭގެ ފަހުން ޝަކްތީގެ ޓްވިޓާ އެކައުންޓްގައި ވެސް އެކަން ވަނީ ޔަގީންކޮށްދީފައެވެ. ވަރުން ދަވާން އާއި ޝަރައްދާ ކަޕޫރު އެކުގައި ފެނިގެންދާ "އޭބީސީޑީ 3" ފިލްމުގެ ޓީމާ ޝަކްތީ ވަނީ މިހާރު ގުޅިފައެވެ. "ނެށުމުގެ ފިލްމެއް ވީމަ ވަރަށް އުފާވޭ. ވަރުންއާއި ޝްރައްދާއާ އެކީ މަސައްކަތްކޮށްލަން ލިބުނީމަ ވަރަށް ހިތްހަމަޖެހޭ. ޝޫޓިންއަށް ލަންޑަންއަށް ދާން ވެސް ތައްޔާރު،" ޝަކްތީގެ އިތުރުން 'ޑާންސް އިންޑިއާ ޑާންސް' އިން ފެނިގެން ދިޔަ އަދި މިހާރު 'ޑާންސް ޕްލަސް' އިން ފެނިގެންދާ ޕުނީތު އާއި ދަރްމޭޝް އާއި ރާގަވް ވެސް އެ ފިލްމުން ފެނިގެންދާނެ އެވެ. ފިލްމުގެ މަންޒަރުތައް ނެގުމަށް ހަމަޖެހިފައި ވަނީ އިންޑިއާގެ ޕަންޖާބްގެ އިތުރުން ލަންޑަންގަ އެވެ.
ޝަކްތީ ބޮލީވުޑަށް!
ވެސްޓާން އޮސްޓްރޭލިއާގެ ފުލުހުންގެ ސްޓްރެޓިޖިކް އެޑްވައިޒަރެއްގެ ގޮތުގައި މަސައްކަތް ކުރާ ރިޓަޔަޑް ސީނިއާ ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް އިބްރާހިމް ލަތީފްގެ އަގު ވަޒަންކޮށް މެޑަލް ދީފި އެވެ. ވެސްޓާން އޮސްޓްރޭލިއާގެ ޕޮލިސް ފޯސްގައި ދިހަ އަހަރު ހިދުމަތްކޮށްފައި ވާތީ އެކަމުގެ އަގު ވަޒަންކޮށް ލަތީފަށް މެޑަލް ދެއްވީ އެ ސްޓޭޓުގެ ޕޮލިސް ކޮމިޝަނަރު ކްރިސް ޑޯސަން އެވެ. އެކަމާ ގުޅިގެން ލަތީފު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ، ދިހަ އަހަރު ހިދުމަތް ކުރުމުގެ މެޑަލް ލިބުމަކީ، ލިބުނު ފަހުރެއް ކަމަށާއި ޝަރަފެއް ކަމަށެވެ. އަދި ރާއްޖޭގެ ފުލުހުންގެ ސްލޯގަން ކަމުގައިވާ "ޕްރޮޓެކްޓް އެންޑް ސާވް" އަށް އިޝާރަތް ކުރައްވައި ހިދުމަތުގައި ދެމި ހުންނަވާނެ ކަމަށް ވެސް ލަތީފު ވަނީ ވިދާޅުވެފަ އެވެ. Alhamdhu Lillah. It was a great honour and a privilege receiving 10 years, Dedicated Service Medal from the Commissioner Chris Dawson, WA Police - 25 January 2019. Grateful to have spent three decades in the service of people - continuing Insha Allah, to protect and serve. pic.twitter.com/v6LlsSnAK5 — Ibrahim Latheef (@ibrahimlatheeff) January 27, 2019 އޮސްޓްރޭލިއާގައި ދިރިއުޅުއްވަމުން ގެންދެވި ނަމަވެސް ލަތީފް ދޭތެރެ ދޭތެރެ އިން ރާއްޖެ ވަޑައިގަންނަވަ އެވެ. އެގޮތުން ވެސްޓަން އޮސްޓްރޭލިއާ ޕޮލިސްގެ ޑެޕިއުޓީ ކޮމިޝަނަރު ގްރީ ޑްރަބަގްސް އާ އެކު 2016 ވަނަ އަހަރު ވެސް ލަތީފް ރާއްޖެ ވަޑައިގަތެވެ. ލަތީފް ވަނީ 1999 ވަނަ އަހަރު އިނގިރޭސިވިލާތުގެ ލެސްޓާ ޔުނިވަސިޓީގައި މާސްޓާސް އޮފް އާޓްސް އިން ސޯޝަލް ސައިންސް ފުރިހަމަ ކުރައްވައިފަ އެވެ. އަދި ވެސްޓާން އޮސްޓްރޭލިޔާގެ އެޑިތު ކުއާން ޔުނިވަސިޓީގައި 1997 ވަނަ އަހަރު އޭނާ ވަނީ އެސޯސިއޭޓް ޑިގްރީ އޮފް ސޯސަލް ސައިންސް ފުރިހަމަ ކުރައްވައިފަ އެވެ. ފުލުހުންގެ ތަފާތު ދާއިރާތަކުގައި 20 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވުމާ ގުޅިގެން 2007 ވަނަ އަހަރު ސަރުކާރުން ވަނީ ލަތީފަށް ޕެންޝަން ދެއްވައިފަ އެވެ.
އޮސްޓްރޭލިއާ ފުލުހަށް ލަތީފުކޮށް ދެއްވި ހިދުމަތުގެ އަގުވަޒަންކޮށް މެޑެލްދީފި
ކިނބިދޫ ދާއިރާގެ މެމްބަރު އަދި ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ރިޔާޒުގެ މައްޗަށް އުފުލި ޓެރަރިޒަމްގެ ދައުވާ ކުރިއަށް ނުގެންދަން ނިންމައި އެ މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އިން އަނބުރާ ގެންގޮސްފި އެވެ. ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން، ރިޔާޒަށް މިދިޔަ ބުރާސްފަތި ދުވަހު ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު، އިތުރު ބަޔަކާ ގުޅިގެން ވައްޓާލުމަށް މަޖިލީހުގެ މެމްބަރުންނަށާއި އެންމެ މަތީ ކޯޓުގެ ފަނޑިޔާރުންނަށް ރިޝްވަތު ދީފައިވާ ކަމަށް ތުހުމަކުރެވުނު މައްސަލާގައި ރިޔާޒުގެއުފުލި ޓެރަރިޒަމްގެ ދައުވާ އިތުރަށް ކުރިއަށް ނުގެންދަން ނިންމާފައިވާ ކަމަށާއި އެ މައްސަލަ އަނބުރާ ފުލުހަށް ފޮނުވާލާފައިވާ ކަމަށެވެ. އެ ދައުވާ ބާތިލުކޮށްފައިވާ އިރު އެ މައްސަލައިގެ އަޑުއެހުންތަކެއް ވެސް ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިޔަ އެވެ. ރިޔާޒުގެ މައްޗަށް ކުރި ޓެރަރިޒަމްގެ ދައުވާ ބާތިލު ކުރި އިރު ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް އުފުލި ރިޝްވަތުގެ ދައުވާ ވެސް މިދިޔަ ހަފްތާގެ ތެރޭގައި ޕީޖީން ވަނީ އަނބުރާ ގެންގޮސްފައެވެ.
ރިޔާޒްގެ މައްޗަށް ކުރި ޓެރަރިޒަމްގެ ދައުވާ އަނބުރާާ ގެންގޮސްފި
ގއ. ކަނޑުހުޅުދޫއިން ދަރިފުޅު ގޮވައިގެން ޏ. ފުވައްމުލަކަށް ފިލި މީހާ ދަރިފުޅު ގޮވައިގެން ދިޔައީ ރަނގަޅަށް ކަމަށާއި ކުއްޖާގެ މަންމައަށް އަނިޔާވެސް ކޮށްފައި ނުވާނެކަމަށް އޭނާގެ އާއިލާއިން ބުނެފިއެވެ. އިއްޔެ ހަވީރުގެ ވަގުތެއްގައި، އާއިލާއިން ހަމަޖެއްސި ލޯންޗަކަށް އަރައިގެން ދަރިފުޅު ގޮވައިގެން ފުވައްމުލަކަށް ދިޔައީ 33 އަހަރުގެ ފިރިހެނެކެވެ. އުމުރުން 23 އަހަރުގެ އަންހެނުންނާ ކައިވެނިކޮށްގެން އޭނާއަށް ލިބިފައިވާ ފިރިހެން ދަރިފުޅުގެ އުމުރަކީ މިހާރު ތިން އަހަރެވެ. އެ ދެމަފިރިން ދަރިފުޅާ އެކު ކުރިން ދިރިއުޅެމުން ދިޔައީ ފުވައްމުލަކުގައެވެ. އެހެން ނަމަވެސް، ފަހުން ދަރިފުޅާ އެކު އަނބިމީހާ ވަނީ ކަނޑުހުޅުދޫއަށް ބަދަލުވެފައެވެ. ފިރިމީހާގެ އާއިލާއިން "ސަން"އާ ވާހަަކަ ދެއްކި މީހަކު ބުނީ ކުޑަ ދަރިފުޅު ފުވައްމުލަކަށް ގެންދިޔައީ އަނބިމީހާއާ ދަރިފުޅާ ވަކި ކުރުމުގެ ނިޔަތުގައި ނޫން ކަމަށެވެ. އަދި އޭނާ ބޭނުން ވަނީ އަނބިމީހާއާ ދަރިފުޅާ އެކު ފުވައްމުކަލުގައި ރީތި ގޮތުގައި އުޅުމަށް ކަމަށެވެ. އޭގެ ސަބަބެއްގެ ގޮތުގައި އޭނާ ބުނެފައި ވަނީ އެ ކުއްޖާގެ މަންމަ ފަރާތުގެ އާއިލާއިން ކުއްޖާއަށް އެކަށީގެންވާ ވަރަށް އަޅާނުލާ ކަމަށެވެ. އަދި މިދިޔަ ހުކުރު ދުވަހު ފުވައްމުލަކުގައި ހުރެފައި ފިރިމީހާ ކަނޑުހުޅުދޫއަށް ދިޔައީވެސް އަނބިމީހާ ގޮވައިގެން ފުވައްމުލަކަށް ދިޔުމަށް ކަމަށް އާއިލާއިން ވާހަކަ ދެއްކި މީހާ ބުންޏެވެ. ކަނޑުހުޅުދޫ ކައުންސިލުގެ ރައީސް އަހުމަދު ޝަހީމް ރޭ "ސަން"އަށް ވިދާޅުވީ، ކުއްޖާގެ ބައްޕަ ކުއްޖާ ގޮވައިގެން ދިޔައީ އަނބިމީހާއަށް އަނިޔާވެސް ކޮށްފައި ކަމަށެވެ. އެހެން ނަމަވެސް، އެ ވާހަކަތައް ކުއްޖާގެ ބައްޕަގެ އާއިލާއިން ވަނީ ދޮގުކޮށްފައެވެ. އާއިލާއިން ބުނީ ކުއްޖާގެ މަންމަ އޭނާގެ ފިރިމީހާއަށް ކިޔަމަންވެ އެކުގައި ފުވައްމުލަކަށް ދިޔުމަށް ކަނޑުހުޅުދޫ ކޯޓުންވެސް އަމުރުކޮށްފައިވާނެ ކަމަށެވެ. "ގޮއްސަ ވާހަކަ ދައްކައިގެން ނައިމަ، އިއްޔެ [ހޯމަ ދުވަހު] ކަނޑުހުޅުދޫ ކޯޓަށް ގޮއްސަ ކޯޓުން އަމުރެއް ކުރީ އަންހެން މީހާއަށް ފިރިމީހާ ބުނާ ގޮތަކަށް ހަދައިގެން ފިރިމީހާ ބުނާ ތަނަކަށް ދާން،" "ދެން މީނަ [ފިރިމީހާ] ރީތި ގޮތުގައި އަންނާށޭ ބުނެ ބުނެ ނައިމަ، އަހަރެމެން މިކޮޅުން ލޯންޗެއް ފޮނުވައިގެން އޭނަ ގެނައީ،" އާއިލާއިން ވާހަކަ ދެއްކި މީހާ ބުންޏެވެ. އޭނާ ބުނީ، ކުޑަ ކުއްޖާ މިހާރު ހުރީ ކުއްޖާގެ ބައްޕަގެ ބެލުމުގެ ދަށުގައި ފުވައްމުލަކުގައި ކަމަށެވެ. އަދި މިހާރު ފުލުހުންވެސް ޖެންޑާއިންވެސް ބަލަން އައިސްފައިވާ ކަމަށާއި އެ ފަރާތްތަކުންވެސް މައްސަލަ ނުޖައްސާ ކަމަށް އާއިލާއިން ވާހަކަ ދެއްކި ފަރާތުން ބުންޏެވެ. "ޕޮލިހުންވެސް އައިސް ބަލާފައި ގޮއްސި. ޖެންޑާއިންވެސް އައިއްސަ ބަލާފައި ގޮއްސި. އެމީހުންވެސް ބުނީ މި އޮތީ ރަނގަޅަށޯ ކަންތައްކޮށްފައި. ދެން އެކޮޅުން ކޯޓުން އަމުރުވެސް ކޮށްފައި އޮތީ،" "ޖެންޑާއިންވެސް އަނެކަތި ކުރަނީ، ތިމަންނަމެންވެސް އަންހެން ކުއްޖާއަށް ނަސޭހަތްތެރި ވާނީއޭ ރީތިގޮތުގައި މިތަނަށް އައިސް ދިރިއުޅެން،" އެކަމާ ގުޅޭ ގޮތުން ޖެންޑާ މިނިސްޓްރީގެ ބަހެއް ލިބޭ ގޮތް ވަނީ ނުވެފައެވެ.
ކުއްޖާ ގޮވައިގެން "ފިލި" މީހާގެ އާއިލާއިން ބުނަނީ މައްސަލައެއް ނެތް ކަމަށް!
ކުރިއަށް އޮތް މަޖިލިސް އިންތިހަބާއި ގުޅިގެން އިލެކްޝަން ކޮމިޝަނުން އުފެއްދި ގައުމީ ލަފާދޭ ކޮމެޓީއަށް، ސިޔާސީ ޕާޓީތަކުގެ ތެރެއިން ޕީޕީއެމް އާއި ޑީއާރުޕީން ނަން ފޮނުވާފައި ނުވާ ކަމަށް އިލެކްޝަން ކޮމިޝަނުގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވެއްޖެ އެވެ. ޝަރީފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ރަޖިސްޓްރީވެފައިވާ ހުރިހާ ސިޔާސީ ޕާޓީތަކުގެ މަންދޫބުން ގައުމީ ލަފާދޭ ކޮމެޓީގައި ތިއްބަވާނެ ކަމަށާއި ނަމަވެސް މިހާތަނަށް އަދިވެސް ޕީޕީއެމުންނާއި ޑިއާރުޕީން ބައިވެރިވާނެ މަންދޫބެއްގެ ނަން ފޮނުވާފައިނުވާ ކަމަށެވެ. ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އިސްކޮށް ހުންނަވައިގެން ޕީޕީލަސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފެއްދުމަށް މަސައްކަތް ކުރަމުން އަންނައިރު ޕީޕީއެމްގެ ހަރަކާތްތައް މިވަގުތު އޮތީ ހުއްޓުމަކަށް އައިސްފަ އެވެ. ކުރީގެ ރައީސް ޔާމީން އިސްކޮށް ހުންނަވައިގެން އާ ސިޔާސީ ޕާޓީއެއް އުފެއްދަނީ، ޕީޕީއެމްގެ މިލްކްވެރިކަމާ ގުޅޭ މައްސަލައެއް ކޯޓުގައި ހިނގަމުންދާތީ ކަމަށް އެމަނިކުފާނު ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ. އަދި ޕީއެންސީ އުފެއްދުމަށް އިލެކްޝަން ކޮމިޝަނުން ހުރަސް އަޅާ ކަމަށް ބުނެ އެ ފަރާތްތަކާއި މެދު ތަފާތުކުރުން ގެންގުޅޭ ކަމަށް ވެސް ތުހުމަތު ކޮށްފައެވެ. "އީސީން ޕީޕީއެމް އާ މެދު ވަކި ގޮތަކަށް އަމަލެއް ނުކުރަން" ކަމަށް ވިދާޅުވި ޝަރީފް ވަނީ ޓްވީޓް ވެއް ކުރައްވާފަ އެވެ. މަޖިލިސް އިންތިހާބާ ދިމާކޮށް އެކުލަވާލި ގައިމީ ލަފާދޭ ކޮމެޓީގައި 21 މެންބަރުން ތިއްބަވަންޖެހެއެވެ. އެ ކޮމެޓީގެ ފުރަތަމަ ބައްދަލުވުން މާދަމާ އޮންނާނެ އެވެ.
ގައުމީ ލަފާދޭ ކޮމެޓީއަށް ޕީޕީއެމް އަދި ޑީއާރުޕީން ނަމެއް ނުފޮނުވާ: ޝަރީފް
ތިމަރަފުށީ ގައި 2012 ވަނަ އަހަރު ތަރައްގީކުރި އެއާޕޯޓަށް ގައުމީ އެއާލައިން، މޯލްޑިވިއަން އިން ރޭގަނޑު ފްލައިޓް ޖައްސަން ފަށައިފިއެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ތިމަރަފުށީ އެއާޕޯޓުގެ މަޝަރޫއު ފަށައި، 2013 ވަނަ އޭރުގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ހުޅުއްވައިދެއްވި ތިމަރަފުށީ އެއާޕޯޓުގައި މިހާތަނަށް ޝެޑިއުލް ކުރަމުން އައީ ހަފްތާއަކު ހަތް ފުލައިޓެވެ. އައިލެންޑް އޭވީއޭޝަން އިން ހިންގާ ތިމަރަފުށީ އެއާޕޯޓްގައި އެކުންފުނީގެ މޯލްޑިވިއަން މަތިންދާ ބޯޓް ކިއު6182 އެއާޕޯޓިގައި ޖެއްސީ މިރޭ 7:15 ގައެވެ. ނޫސްވެރިންނާއެކު ދަތުރުކުރި މި ފްލަައިޓްގައި ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޒުހާއިރު އާއި އައިލެންޑް އޭވިއޭޝަންގެ މެނޭޖިންް ޑިރެކްޓަރު (އެމްޑީ) މުހައްމަދު ރިޒްވީ ބައިވެރިވެ ވަޑައިގެންނެވިއެވެ. މިގެއިތުރުން އެ ކުންފުނީގެ އެހެނިހެން އިސްވެރިނާއި ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފު އަދި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވެސް އެ އެއާޕޯޓަށް ރޭގަނޑު ޖެއްސި ފުރަތަމަ ފުލައިޓުގައި ދަތުރުކުރެއްވިއެވެ. ތިމަރަފުށީ އެއާޕޯޓުގައި ޖެއްސި ރޭގަނޑުގެ ފުރަތަމަ ފުލައިޓުން ވަޑައިގެންނެވި ބޭފުޅުންނަށް ސަގާފީ ހަރަކާތްކުން މަރުހަބާ ދަންނަވަނީ -- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް ސަގާފީ ހަރާރަކާތްތަކަށް ފަހު، އެއާޕޯޓުގައި ރޭގަނޑުގެ ފްލައިޓް ޖައްސަން ފެށުމުގެ މުނާސަބަތުގައި ހާއްސަ ރަސްމިއްޔާތެއް ވަނީ ބައްވާފައެވެ. މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝަރަފްވެރި މެހެމާނު، ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޒުހައިރު ވިދާޅުވީ، މޯލްޑިވިއަންގެ ފްލައިޓްތަށް ތިމަރަފުށްޓަށް އިތުރުވެގެން ދިޔުމަކީ އެ ރަށާއި މުޅި ތ. އަތޮޅަށް ލިބިގެންދާނެ ވަރަށް ބޮޑު ފަސޭހައެއް ކަމަށެވެ. ތިމަރަފުށީގައި އެއާޕޯޓުގައި ރޭގަނޑުގެ ފުލައިޓް ޖައްސަން ފެށުމުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް "ދަތުރުވެރިންނާއި ފަތުވެރިން އަދި ހާއްސަކޮށް ސިއްހީ ކަންކަމުގައި ދަތުރުކުރައްވާ ފަރާތްތަކަށް މާލެއަށާއި ރާއްޖޭގެ އެހެން އެއާޕޯޓުތަކަށް ތަކަށް ދަތުރުކުރުމަށް އިތުރު ފަސޭހަކަމެއް ލިބިގެން ދާނެ،" ސްޓޭޓް މިނިސްޓަރު ވިދާޅުވިއެވެ. ތިމަރަފުށީގައި އެއާޕޯޓުގައި ރޭގަނޑުގެ ފުލައިޓް ޖައްސަން ފެށުމުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތުގައި ޓްރާންސްޕޯޓު މިނިސްޓަރީގެ ސްޓޭޓް މިނިސްތަރު އަހްމަދު ޒަުހައިރު ވާހަކަ ދައްކަވަނީ -- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް އެނާ ވިދާޅުވީ، ރޭގަނޑު ފްލައިޓްތަށް އެ އެއާޕޯޓަށް ދަތުރުކުރަން ފެށުމަކީ ރަށްތަކުގެ ގެސްޓްހައުސް ވިޔަފާރިވެރިންނަށްވެސް އިތުރު މަންފާއެއް ލިބިގެން ދާނެ ކަމެއް ކަމަށެެވެ. "ރާއްޖޭގެ ދަތުރުފަތުރު ކުރުމުގެ ނިޒާމް އަދުގެ ސަރުކާރުން ތަރައްގީ ކުރަމުން މިދަނީ ޖަޒީރާވަންތަ ދިރިއުޅުމެއް ސިފަތައް ނުގެއްލޭގޮތަށް. ވައިގެ ދަތުރުފަތުރުވެސް ހިމެނޭ ގޮތަށް މުޅި ރާއްޖެ ގުޅިގެންދާނެ ވިއުގައެއް ގައި އެކުލަވާލުމަކީ ސަރުކާރުގެ އަމާޒެއް،" އެނާ ވިދާޅުވިއެވެ. ރަސްމިއްޔާތުގެ ތެރެއިން އަހްމަދު ޒުހައިރާއި އައިލެންޑް އޭވިއޭޝަންގެ އެމްޑީ މުހައްމަދު ރިޒްވީ -- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް މި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާއާއި ކިނބިދޫ ދާއިރާ މެމްބަރު އަބްދުﷲ ރިޔާޒުވެސް ބައިވެެރިވެވަޑައިގެންނެވިއެވެ. ރަސްމިއްޔާތު ނިންމަވާލެއްވުމަށްފަހު، ރަސްމިއްޔާތުގެ ބައިވެރިންނަށް އެރަށުގެ ރައްޔިތުންގެ ފަރާތުން ވަނީ ވަރަށް ހާއްސަ ދިވެހި ކެއުމެއް އެ ރަށު ބީޗު ސަރަހައްދުގައި ބާއްވާފައެވެ. ރަސްމިއްޔާތުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާ މެމްބަރު މުހައްމަދު މުސްތަފާއާއި ކިނބިދޫ ދާއިރާ މެމްބަރު އަބްދުﷲ ރިޔާޒު -- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް ކުންފުނީގެ އިސްވެރިންނާއި މިނިސްޓަރުން ކެއުން ބައްލަވަމުން ގެންދިޔަ އިރު އެރަށު ބޮޑުބެރު ގުރޫޕުގެ ސަގާފީ ހަރަކާތްތައް ދައްކަމުން ދިޔައެވެ. އަދި ރަށުގެ އަންހެންވެރިން ފޯރިނަގަމުން ދިޔައެވެ. ތިމަރަފުށީ ރައްޔިތުންގެ ފަރާތުން ދެއްވި ދިވެހި ކެއުން -- ތިމަރަފުށީ އެއާޕޯޓުގެ އިތުރުން އައިލެންޑް އޭވިއޭޝަން އިން ޑޮމެސްޓިކް އިތުރު ދެ އެއަޕޯޓެއް ހިންގަމުންދެއެވެ. އެއީ ބ. ދަރަވަންދޫ އެއާޕޯޓާއި ރ. އިފުރު އެއާޕޯޓެވެ.
ތިމަރަފުށީ އެއާޕޯޓަށް ރޭގަނޑު ފްލައިޓް ޖައްސަން ފަށައިފި
މަހަށް ފުރިފަހުން ޚަބަރެއް ނުވާތާ ހަފްތާއެއް ވެފައިވާ ދޯންޏެއް ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓުގާޑުން މިއަދު ފަށައިފިއެވެ. އެމްއެންޑީއެފް އިން ބުނީ ކުޅުދުއްފުށީގައި ރަޖިސްޓްރީކޮށް މާލޭގައި ދުއްވާ "ޖަންބޯ" ނަމަކަށް ކިޔާ 75 ފޫޓްގެ އެ ދޯނީގެ ޚަބަރެއް ނުވެގެން އުޅޭކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރަށް ލިބިފައިވަނީ މިއަދު ހެނދުނު 10:22 ގައި ކަމަށެވެ. އެމްއެންޑީއެފް އިން ދޯނީގެ ވެރިފަރާތާ ހަވާލީ ބުނެފައިވާ ގޮތުގައި 12 މީހުންނާއެކު މަހަށް ފުރި މި ދޯނީގެ ޚަބަރެއް އެންމެފަހުން ވެފައިވަނީ ލ.އަތޮޅުން އެންދަމައިގެން ކަނޑަށް ނިކުތްފަހުން، މިމަހުގެ 20 ވަނަ ދުވަހުގެ ރޭ 1900 ހާއިރު އެވެ. އެ ދޯންޏަކީ ބޭރުގައި އަޅި ކުލައިގެ ދަވާދު ލާފައިވާ އަދި ހުދު ކުލައިގެ ގެގަނޑެއް ލާފައިވާ ދޯންޏެއްކަމަށް އެމްއެންޑީއެފުން ވަނީ މައުލޫމާތު ދީފަ އެވެ. އެ ދޯންޏާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ ކޯސްޓްގާޑުގެ ހިލޭ ގުޅޭނަމްބަރު 191 އަށް ގުޅުއްވައި މައުލޫމާތު ހިއްސާކުރުމަށް އެމްއެންޑީއެފް އިން ވަނީ އެދިފަ އެވެ.
ހަބަރެއް ނުވާތާ ހަފްތާއެއް ވެފައިވާ ދޯންޏެއް ގެއްލިގެން ހޯދަނީ
ނުގަވައިދުން ފެނަކައިގެ މުވައްޒަފުން ސަސްޕެންޑްކުރާކަަމަށް ދައްކަމުންގެންދާ ވާހަކަތައް އެކުންފުނިން ދޮގުކޮށްފިއެވެ. ފެނައިން މިއަދު ނެރުނު ބަޔާނުގައި ބުނީ އެ ކުންފުނީގެ ގިނަ އަދަދެއްގެ މުވައްޒަފުންނަށް ކުއްލިގޮތަކަށް ލިޔުން ފޮނުވައި ސަސްޕަންޑް ކުރަމުންދާކަމަށްބުނެ މީޑީއާތަކާއި އެކި ވަސީލަތްތަުގައި ހަގީގަތް އޮޅެ ފަދަ ގޮތަށް ލިޔުންތައް ޝާއިއުކުރަމުންގެންދާ ކަމަށެވެ. ފެނަކައިން ބުނީ އެ ކުންފުނިން މުވައްޒަފަކު ސަސްޕެންޑްކޮށްފައިވާނަމަ ސަސްޕެންޑްކޮށްފައިވަނީ ހިދުމަތް ދިނުމުގައި މުވައްޒަފު އިހުމާލުވެ ކުންފުންޏަށް ގެއްލުންވެ އަދި މަސްއޫލިއްޔަތު އަދާކުރުމުގައި އިލްމާލުވެ ކުންފުނީގެ ވަސީލަތްތައް ނަހަމަގޮތުގައި ބޭނުންކޮށް އުޅޭކަމަށް ފެނިގެން ކަމަށެވެ. އަދި އެ ފިޔަވަޅު އަޅާފައިވަނީ އެފަދަ މައްސަލަތަކުގައި އަމަލުކުރާނެކަމަށް ކަނޑައަޅާފައިވާ އުސޫލުތަކާ ބެހޭގޮތުން ގަވައިދުގައި ލިޔެފައިވާ ގޮތަށް ކަަމަށްވެސް ފެނަކައިން ބުންޏެވެ. " މި ކުންފުންޏަކީ މުވައްޒިފުންގެ ވަޒީފާގެ ރައްކާތެރިކަމާއި އަދި މުވައްޒިފުންގެ ނަޒާހަތްތެރިކަން ފުރިހަމަގޮތުގައި ހޯދައިދިނުމަށް މަސައްކަތްކުރާނެ ކުންފުންޏެއް ކަމުގައި ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުންނަށް ޔަގީންކަން އަރުވަމެވެ." ފަނަކައިގެ ބަޔާނުގައި ވެއެވެ.
ނުގަަވައިދުން މުވައްޒަފުން ސަސްޕެންޑްކުރާ ވާހަކަ ފެނަކައިން ދޮގުކޮށްފި
ރާއްޖެއާ ޔޫއޭއީއާ ދެމެދު އިއާދަކުރެނިވި ހަކަަތައިގެ ދާއިރާއިން އެއްބާރުލުންދިނުން އިތުރު ކުރުމާ ގުޅޭގޮތުން ދެ ޤައުމު ދެމެދު މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިންގ (އެމްއޯޔޫ) އެއް ގައި ސޮއިކޮށްްފިއެވެ. އަބޫދާބީގައި ހުންނަ އަބޫދާބީ ނޭޝަނަލް އެގްޒިބިޝަން ސެންޓަރުގައި މިއަދު ހަވީރު ބޭއްވުނު ރަސްމިއްޔާތެއްގައި، ދިވެހި ސަރުކާރުގެ ފަރާތުން މި އެމްއޯޔޫގައި ސޮއިކުރެއްވީ އެންވަޔަރަމަންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަނެވެ. އަދި ޔޫއޭއީ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ޤައުމުގެ މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް އެންޑް އެންވަޔަރަމަންޓް، ޑރ. ތާނީ އަލް ޒަޔޫދީއެވެ. އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ އެ އެމްއޯޔޫގެ ދަށުން ދެ ގައުމު ދެމެދު އިއާދަކުރުނިވި ހަކަތައިގެ ދާއިރާއިން ސިޔާސަތު އެކުލަވާލުމުގައި ތަޖުރިބާ އާއި ސައިންޓިފިކް އަދި ޓެކްނޮލޮޖިކަލް މައުލޫމާތު ހިއްސާކުރެވިގެންދާނެ ކަަމަށެވެ. އަދި އެ އެމްއޯޔޫ އަކީ ދެ ޤައުމު ދެމެދު އޮތް ޒަމާންވީ ގުޅުމަށް ލިބުނު އިތުރު ފުރިހަމަކަމެއްގެ އިތުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ އެއް އަމާޒުކަމުގައިވާ ދެމެހެއްޓެނިވި ކުރިމަގަކަށް ކުރެވޭ މަސައްކަތަށް ލިބުނު އިތުރު ހިތްވަރެއްކަމަށްވެސް މިނިސްޓްރީން ބުންޏެވެ. އެ އެއްބަސްވުމަކީ ރައީސް ސޯލިހް މިހާރު ޔޫއޭއީ އަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުގެ ހަވާސާގައި ސޮއިކުރެވުނު އެއްބަސްވުމެކެވެ. އެ ދަތުރުގައި، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުވެސް ބައިވެރިވެވަޑައިގަތެވެ.
އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން ޔޫއޭއީއާ އެކު އެމްއޯޔޫއެއްގައި ސޮއިކޮށްފި
މ. މަޑުއްވަރީގެ ރައްޔިތުން ނުކުމެ މިއަދު ބަންދުކުރި އެއަތޮޅުގެ އަތޮޅު ކައުންސިލަރުން އެންމެފަހުން ދޫކޮށްލައިފިއެވެ. އެ ކައުންސިލަރުންނަށް ބޭރަށް ނުނުކުމެވޭގޮތަށް ބަންދުކޮށްފައި ހުރީ މަޑުއްވަރީގެ ކައުންސިލް އިދާރާގެ އޮފީހުގެ ބޭރުގައެވެ. މަޑުއްވަރީ ކައުންސިލްގެ ނާއިބު ރައީސް ހަސަން މަހާސިން "ސަން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ރަށުގެ ރައްޔިތުން ރުޅިއައިސްގެން އުޅެނީ އެ އަތޮޅުގައި އޮޕަރޭޓްކުރަމުން ދިޔަ ފެރީ ދަތުރުކުރުން ހުއްޓާލުމާ ގުޅިގެން ކަމަށެވެ. "އަތޮޅު ކައުންސިލްގެ ބޭފުުޅުން އައީ މިރަށަށް. އައިސް ރަށު ކައުންސިލްގެ ބޭފުޅުންނާއެކު ބޭއްވި ބައްދަލުވުމުގައި ރަށުގެ ރައްޔިތުންވެސް ތިބި. ދެން އެވަގުުތުު އެތެރޭގައި ދެކެވުނު ވާހަކަތަކެއްގައި ރައްޔިތުން ރުޅި ގަދަވީ،" މަހާސިން ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެ އަތޮޅު ފެރީގެ ހިދުމަތް ހުއްޓިފައި އޮންނަތާ މިހާރު ދެ މަސްވެދާނެ ކަމަށެވެ. "އަޅުގަނޑުމެން ކައުންސިލުންވެސް ޓްރާންސްޕޯޓް މިނިސްޓްރީއަށްވެސް ކިތަންމެ ފަހަރަކު ހުށަހަޅައިފިން. އެދެވޭ ޖަވާބެއް ނުލިބޭ. އަޅުގަނޑުމެންވސް ގަބޫލުކުރަން ރައްޔިތުންގެ ކަންބޮޑުވުންތައް. މިހާރުވެސް މި މަސައްކަތް ކުރަމުންދަނީ ހައްލެއް ލިބޭތޯ،" މަހާސިން ވިދާޅުވިއެވެ. ރަށުގެ ރައްޔިތުންވަނީ އެ ކައުންސިލް އިދާރާގެ ކުރިމަތީގައި ބޯޑުތައް ހިފައިގެން އިހުތިޖާޖުތައްވެސް ކޮށްފައެވެ. " މިކަމާ ޒިންމާ ވާނެ މީހަކު ނުވޭ. މިނިސްޓަރު ނަހުލާއާވެސް ބައްދަލުނުވޭ،" އެރަށުގެ މީހަކު ހިފައިގެން ހުރި ނަންބޯޑެއްގައި ލިޔެފައިވެއެވެ.
މަޑުއްވަރީގެ ރައްޔިތުން ނުކުމެ ބަންދުކުރި ކައުންސިލަރުން ދޫކޮށްލައިފި
ޔޫއޭއީއަށް މިހާރު ރާއްޖޭގެ ސަރުކާރުގެ ވަފުދުން ކުރަމުންގެންދާ ދަތުރުގައި އެ ގައުމުގެ ގައުމީ ތެޔޮކުންފުނި، އަބޫ ދާބީ ނެޝެނަލް އޮއިލް ކޮމްޕެނީ (އޭޑީއޯއެންސ)ީގެ އެކްޓިން ސީއީއޯ ސައީދު އަލް މުބާރަކް އަލް ރަޝީދީއާ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ބައްދަލުކުރައްވައިފިއެވެ. އެ ބައްދަލުވުމުގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު މުހައްމަދު ރަޝާދުވެސް ބައިވެރިވެވަޑައިގަތެވެ. ފޮރިން މިނިސްޓްރީން ބުނީ އެ ބައްދަލުވުމުގައި ވިޔަފާރީގެ ރޮނގުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭގޮތުން މަޝްވަރާކުރެވުނު ކަމަށެވެ. ޔޫއޭއީގެ ދަތުރުގައި ރާއްޖެ އާއި ޔޫއޭއީ އާ ދެމެދު ޖޮއިންޓް ކޯޕަރޭޝަން ކޮމިޓީއެއް އުފެއްދުމަށް އެއްބަސްވުމެއްގައިވެސް އިއްޔެ ވަނީ ސޮއިކޮށްފައެވެ، ރޭ އަބޫދާބީ އަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަޑައިގެންނެވީ، "ޒައިދު ސަސްޓެއިނަބިލިޓީ އެވޯޑްސް" އަދި "އިނޯގްރޭޝަން އޮފް ދަ އަބޫދާބީ ސަސްޓެއިނަބިލިޓީ ވީކް" ޙަފްލާގައި ބައިވެރިވެވަޑައިގަތުމަށް އެ ގައުމުގެ ޑެޕިއުޓީ ސުޕްރީމް ކޮމާންޑާ އޮފް އާމްޑް ފޯސަސް، މުހައްމަދު ބިން ޒައިދު އަލް ނަޙްޔާންގެ ދަޢުވަތަކަށެވެ. އެ ދަތުރުފުޅަށްފަހު ރައީސް ސޯލިހް އެނބުރި ރާއްޖެ ވަޑައިގަންނަވާނީ ބުރާސްފަތި ދުވަހުއެވެ. މީ ވެރިކަމާ ހަވާލުވުމަށް ފަހު ރައީސް ސޯލިހް ރާއްޖެއިން ބޭރަށް ކުރައްވާ ދެ ވަނަ ރަސްމީ ދަތުރުފުޅެކެވެ.
ޔޫއޭއީގެ ގައުމީ ތެޔޮ ކުންފުނީގެ އެކްޓިން ސީއީއޯއާ ޝާހިދު ބައްދަލުކުރައްވައިފި
އޮޓަވާ (ޖެނުއަރީ 27): ކެނެޑާއިން ޗައިނާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖޯން މެކެލަމް މަގާމުން ދުރުކޮށްފި އެވެ. ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯގެ އޮފީހުން ނެރުނު ބަޔާނެއްގައިވާ ގޮތުން ރޭ ބޮޑުވަޒީރު ވަނީ މެކެލަމް އިސްތިއުފާ ދެއްވުމަށް އެދިވަޑައިގެންފަ އެވެ. ނަމަވެސް އެއީ ކޮން ސަބަބަކާ ހެދި ކަމެއް ހާމަކޮށްފައެއް ނުވެ އެވެ. މެކެލަމް މަގާމުން ދުރުކުރީ، މިދިޔަ މަހު އެމެރިކާގެ އެދުމުގެ މަތިން ކެނެޑާއިން ހައްޔަރު ކުރި ވާވޭގެ ސީއެފްއޯ މެންގް ވަންޖޯއާ ބެހޭ ގޮތުން އޭނާ އަންގާރަ ދުވަހު ވާހަކަ ދެއްކެވި ފަހުންނެވެ. މެކެލަމް ވަނީ އެމެރިކާއިން މެންގް އެގައުމާ ހަވާލު ކުރުމަށް ބުނެ ދައްކާ ވާހަކަތަކުގައި ސުވާލު އުފެދޭ ކަންތައްތަކެއް ހުރި ކަމަށް ވިދާޅުވެފަ އެވެ. އޭގެ ފަހުން މެކެލަމް ވަނީ އޭނާއަށް ވާހަކަ ދެއްކެވުނީ ރަނގަޅަށް ނޫން ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް އަނެއްކާވެސް މިދިޔަ ހުކުރު ދުވަހު މެކެލަމް ވަނީ މެންގް އެމެރިކާއާ ހަވާލުކުރުމާ ދެކޮޅަށް ވާހަކަ ދައްކަވާފަ އެވެ. މެންގްގެ މައްސަލައާ ގުޅިގެން ކެނެޑާ އާއި ޗައިނާގެ ގުޅުން ވަނީ ގޯސްވެފަ އެވެ. އަދި މެންގް ހައްޔަރު ކުރި ފަހުން ޗައިނާއިން ވަނީ ކެނެޑާގެ ދެ މީހަކު ހައްޔަރުކޮށް، މަސްތުވާތަކެތީގެ މައްސަލައެއްގައި އެގައުމުގައި ހައްޔަރުކޮށްފައި ހުރި ކެނެޑާގެ މީހަކު މަރަން ހުކުމްކޮށްފަ އެވެ. މެންގް ހައްޔަރު ކުރިތާ 10 ދުވަސް ފަހުން ކެނެޑާއިން ވަނީ ކަފާލާތުގެ ދަށުން އޭނާ ދޫކޮށްލާފަ އެވެ. ނަމަވެސް އެއީ ޓެގު އަޅުވައި، ޕާސްޕޯޓު އަތުލުމަށް ފަހުގަ އެވެ. އެމެރިކާއިން ބުނާ ގޮތުގައި މެންގް ވަނީ ވާވޭއިން އީރާނާއެކު ވިޔަފާރި ކުރުމާ ބެހޭ ގޮތުން ބޭންކުތަކަށް އޮޅުވާލާފަ އެވެ. އަދި އެއީ އެމެރިކާއިން އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ހިލާފުވާ ކަމެކެވެ.
ޗައިނާގައި ހުންނަވާ ކެނެޑާގެ ސަފީރު މަގާމުން ދުރުކޮށްފި
އިމާރާތް ކުރުމާ ބެހޭ ގާނޫނުގެ ދަށުން ހަދަން ޖެހޭ ގަވާއިދުތައް ވަކި މުއްދަތެއްގެ ތެރޭގައި ހެދުމަށް ދައުލަތުގެ މައްޗަށް ސިވިލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ. އެ ގަވާއިދުތައް ހަދަން ސިވިލް ކޯޓުން މިއަދު އަމުރުކުރީ އިމާރާތް ކޮންސްޓްރަކްޝަން ސައިޓަކުން ސިމެންތި ބަސްތާއެއް ވެއްޓި މިދިޔަ މަހު ބަންގްލަދޭޝްގެ ކުޑަކުއްޖަކު މަރުވި ހާދިސާއަށް ފަހު، އެ ގަވާއިދުތައް ހަދަން އަމުރުކޮށް ދިނުމަށް އެދި ވަކީލުންތަކެއް ކޯޓަށް މައްސަލަ ހުށަހެޅުމުންނެވެ. އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅީ، ވިޝާމް އެންޑް ކޯ އެލްއެލްޕީ އާއި ރިޒާ، ޝަފްޒީން އެންޑް ކޯގެ އިތުރުން ވަކީލުންތަކެއް ކަމަށްވާ ފާތިމަތު ޝަރީފާއި އައިމިނަތު އަރީޖް ހުސައިނާއި ސަފިއްޔާ ތައުފީގާއި ހައްވާ ޝަފީއާ ރިޒާ އަދި ފާތިމަތު ޝަފްނީޒް އެވެ. އެ މައްސަލަ ބެލުމަށް ފަހު ސިވިލް ކޯޓުން މިއަދު ވަނީ އޭގެ ތެރެއިން 13 ގަވާއިދެއް ވަކި މުއްދަތެއްގެ ތެރޭގައި ހެދުމަށް ދައުލަތުގެ މައްޗަށް އަމުރުކޮށްފަ އެވެ. އެ ގަވާއިދުތަކަކީ: އިމާރާތް ކުރުމުގެ އަމަލީ މަސައްކަތް ކުރުމުގައި ގެންގުން ޖެހޭ ސަލާމަތީ މިންގަނޑުގެ ގަވާއިދު އިމާރާތް ކުރުމުގެ ހުއްދަ ދޫކުރާ އިދާރާތައް ރެޖިސްޓާ ކުރުމުގެ ގަވާއިދު ޕްލޭނިން ގަވާއިދެއް ނެތް ރަށްރަށް އަދި ފަޅުފަޅުގައި އިމާރާތް ކުރަންވީ ގޮތުގެ ގަވާއިދު އިމާރާތް ކުރުމާ ބެހޭ އިދާރީ ގަވާއިދު އިމާރާތް ކުރުމާ ގުޅޭ ފަރާތްތައް ނިސްބަތްވާ ފަންނީ ޖަމިއްޔާތަކުގެ ގަވާއިދު އިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތް ކުރާ ފަންނުވެރިންގެ ގަވާއިދު އިމާރާތް ކުރުމުގެ މަސައްކަތް ކުރާ ފަރާތްތަކުގެ ގަވާއިދު އިމާރާތްކުރުމުގެ ގާނޫނާއި ގާނޫނުގެ ދަށުން ހަދާ ގަވާއިދެއްގެ ދަށުން ނިންމާ ކަންކަން އިސްތިއުނާފުކުރުމުގެ ގަވާއިދު އިމާރާތް ކުރުމަށް ބޭނުންކުރާ ތަކެތި އެތެރެކުރުމާއި އުފެއްދުން ކޮންޓްރޯލު ކުރުމުގެ ގަވާއިދު އިމާރާތް ކުރުމަށް ބޭނުން ކުރާ ތަކެތި އެތެރެކުރުމާއި އުފެއްދުން ކޮންޓްރޯލު ކުރުމުގެ ގަވާއިދު އިމާރާތް ކުރުމުގެ މަސައްކަތަށް ބޭނުން ކުރާ ތަކެއްޗާއި ތެކެތި ޓެސްޓު ކުރާ ފަރާތްތަކުގެ ގަވާއިދު އިމާރާތް ކުރުމަށް ބޭނުން ކުރާ ތަކެތި ޓެސްޓު ކުރުމުގެ ގަވާއިދު ބިލްޑިން ކޯޑު އޭގެ ތެރެއިން އިމާރާތް ކުރުމުގެ އަމަލީ މަސައްކަތް ކުރުމުގައި ގެންގުން ޖެހޭ ސަލާމަތީ މިންގަނޑުގެ ގަވާއިދު މި މަސް ނިމުމުގެ ކުރިން ހަދައި އާންމު ކުރަން ވަނީ ހުކުމްކޮށްފަ އެވެ.
އިމާރާތް ކުރުމާ ބެހޭ ގަވާއިދުތައް ހަދަން ދައުލަތަށް ސިވިލް ކޯޓުން އަމުރުކޮށްފި
ޖަރުމަނު - ޝެންގެން ވިސާ ރާއްޖެއިން ވަގުތީ ގޮތުން ލިބޭނެގޮތް ހަދައިފިއެވެ. މިއަދު ފޮރިން މިނިސްޓްރީގައި ވަނީ އެ ވިސާގެ ހިދުމަތްތައް ދިނުމަށް ބަޔޯ މެޓްރިކް ކްލިނިކެއް ހުޅުވައިފައެވެ. މިއީ ދެ ގައުމުގެ ސަރުކާރާއި އަދި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޮމްޕެނީ ގުޅިގެން ހުޅުވި ކްލިނިކެކެވެ. ފޮރިން މިނިސްޓްރީން ބުނީ މިހާތަނަށް ޖަރުމަނު ޝެންގެން ވިސާ ހޯދުމަށް އެދި 123 މީހަކު ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ ކްލިނިކްގެ މަސައްކަތް މިމަހުގެ ނިޔަލަށް ކުރިއަށްދާނެ ކަމަށްވެސް އެ މިިނިސްޓްރީން ބުންޏެވެ. ޖަރުމަނު - ޝެންގެން ވިސާ ކްލިނިކް ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން---ފޮޓޯ: ފޮރިން މިނިސްޓްރީ އެ ވިސާގެ ހިދުމަތް ރާއްޖެއިން ލިބޭނެގޮތް ހެދުމުން، ރާއްޖެއިން ޖަރުމަނަށް ދާ ފަރާތްތަކަށާއި އަދި އަންމަ މާޗް މަހު ޖަރުމަނުގައި ބާއްވާ އައިޓީބީ ފެއާއަށް ދިއުމަށް ފަސޭހަވެގެންދާނެ ކަމަށްވެސް ފޮރިން މިނިސްޓްރީން ބުންޏެވެ. ޖަރުމަން- ޝެންގެން ވިސާގެ ދަށުން ޔޫރަޕްގެ 26 ގައުމަކަށް ދަތުރުކުރެވެއެވެ. އޭގެ ތެރޭގައި އޮސްޓްރިއާ، ބެލްޖިއަމް، ޗެކް ރިޕަބްލިކް، ޑެންމާކް، އެސްޓޯނިއާ، ފިންލޭންޑް، ފްރާންސް، ޖާމަނީ، ގްރީސް، ހަންގެރީ، އައިސްލޭންޑް، އިޓަލީ، ލެތްވިއާ، ލައިޗެންސްޓައިން، ލިތުއޭނިއާ، ލަގްޒަމްބާގް، މޯލްޓާ، ނެދަލޭންޑްސް، ނޯވޭ، ޕޮލެންޑް، ޕޯޗުގަލް، ސްލޮވޭކިއާ، ސްލޮވީނިއާ، ސްޕެއިން، ސްވިޑަން އަދި ސްވިޒަލެންޑް ހިމެނެއެވެ.
ޖަރުމަނު ޝެންގެން ވިސާ ވަގުތީ ގޮތުން ރާއްޖެއިން ލިބޭނެގޮތް ހަދައިފި
ޖަރުމަނު - ޝެންގެން ވިސާ ރާއްޖެއިން ވަގުތީ ގޮތުން ލިބޭނެގޮތް ހަދައިފިއެވެ. މިއަދު ފޮރިން މިނިސްޓްރީގައި ވަނީ އެ ވިސާގެ ހިދުމަތްތައް ދިނުމަށް ބަޔޯ މެޓްރިކް ކްލިނިކެއް ހުޅުވައިފައެވެ. މިއީ ދެ ގައުމުގެ ސަރުކާރާއި އަދި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޮމްޕެނީ ގުޅިގެން ހުޅުވި ކްލިނިކެކެވެ. ފޮރިން މިނިސްޓްރީން ބުނީ މިހާތަނަށް ޖަރުމަނު ޝެންގެން ވިސާ ހޯދުމަށް އެދި 123 މީހަކު ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ ކްލިނިކްގެ މަސައްކަތް މިމަހުގެ ނިޔަލަށް ކުރިއަށްދާނެ ކަމަށްވެސް އެ މިިނިސްޓްރީން ބުންޏެވެ. ޖަރުމަނު - ޝެންގެން ވިސާ ކްލިނިކް ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން---ފޮޓޯ: ފޮރިން މިނިސްޓްރީ އެ ވިސާގެ ހިދުމަތް ރާއްޖެއިން ލިބޭނެގޮތް ހެދުމުން، ރާއްޖެއިން ޖަރުމަނަށް ދާ ފަރާތްތަކަށާއި އަދި އަންމަ މާޗް މަހު ޖަރުމަނުގައި ބާއްވާ އައިޓީބީ ފެއާއަށް ދިއުމަށް ފަސޭހަވެގެންދާނެ ކަމަށްވެސް ފޮރިން މިނިސްޓްރީން ބުންޏެވެ. ޖަރުމަން- ޝެންގެން ވިސާގެ ދަށުން ޔޫރަޕްގެ 26 ގައުމަކަށް ދަތުރުކުރެވެއެވެ. އޭގެ ތެރޭގައި އޮސްޓްރިއާ، ބެލްޖިއަމް، ޗެކް ރިޕަބްލިކް، ޑެންމާކް، އެސްޓޯނިއާ، ފިންލޭންޑް، ފްރާންސް، ޖާމަނީ، ގްރީސް، ހަންގެރީ، އައިސްލޭންޑް، އިޓަލީ، ލެތްވިއާ، ލައިޗެންސްޓައިން، ލިތުއޭނިއާ، ލަގްޒަމްބާގް، މޯލްޓާ، ނެދަލޭންޑްސް، ނޯވޭ، ޕޮލެންޑް، ޕޯޗުގަލް، ސްލޮވޭކިއާ، ސްލޮވީނިއާ، ސްޕެއިން، ސްވިޑަން އަދި ސްވިޒަލެންޑް ހިމެނެއެވެ.
ޖަރުމަނު ޝެންގެން ވިސާ ވަގުތީ ގޮތުން ރާއްޖެއިން ލިބޭނެގޮތް ހަދައިފި
މަޝްވަރާތައް ކުރުމަށްފަހު ފޯނު ކަންފަތާ ދުރުކޮށްލި ރަމީޒުގެ ތުންފަތުން ހިނިތުންވުމުގެ އަސަރު ފާޅުވެއެވެ. އޭނަ ވަރަށް ބޮޑަށް ހިތްހަމަޖެހިފައިވާކަން އުޖާލާވެފައިވި މޫނުން ހާމަކޮށްދެއެވެ. ހަށިފުރާ ދޫކޮށްލި ނޭވާއަށް ފަހު ސޯފާ ގޮނޑީގެ ތެރެއަށް އޭނަ ހަށިގަނޑު ދޫކޮށްލިއެވެ. އޭނަގެ ހިތުގެ މުރާދުތައް ހާސިލުވާން ގިނައިރެއް ނެތްކަން ހިތަށް ވެރިވުމާއެކު އޭނަގެ އުފާވެރިކަން ދެގުނައަށް އިތުރުވެގެން ދިޔައެވެ. އޭރު ކުރެވެން މިއުޅެނީ ކިހާ ބޮޑު ފާފައެއް ކަމާމެދު ރަމީޒުއަކަށް ވިސްނައިނުގަނެވުނެވެ. އިންސާނާގެ ފުރާނައަކީ މާތްﷲ ޙުރުމަތްކުރައްވާފައިވާ އެއްޗެއްކަން ވެސް އޭނައަށް ރޭކާނުލައެވެ. ނޫނީ ހިތުގައިވާ ބަދަލުހިފުމުގެ ރޫހާއި އެކުވެފައިވި ޖާހިލުކަމުގެ ސަބަބުން އެއިން ކަމަކަށް ވިސްނުން ހިންގާލަން އޭނަ ބޭނުންނުވެއެވެ. ޝައިތާނާގެ ވަސްވާސް އޭނަގެ ސިކުނޑީގައި ވަކިހިއްޕާލައި ވަނީ ހެޔޮ ރަގަޅު ތަސައްވަރު ނުކުރެވޭނެ ދަރަޖައަކަށް ގެންދިއުމަށް ފަހުގައެވެ. އިންސާނެއްގެ ފުރާނައިގެ އަގު ރަމީޒުގެ ކުރިމަތީގައި ނުވަނީ އެހެންވެއެވެ. ތިމާގެ އަހާގެ ފުރާނަ ދުއްވާލުމަކީ އޭނައަށް ފެންތަށްޓެއް ބޯލުންހާ ފަސޭހަކަމަކެވެ. ޖައްބާރު އާދަތަކުގެ ސަބަބުން އޭނަގެ ދެލޯ އަނދިރިވެ އަލިކަމުގެ ޒައްރެއްގެ މިންވަރު ވެސް ނުފޯރައެވެ. އޭނައަށް ރަގަޅު ގޮތް ނޭގެނީ އެހެން ވެއެވެ. ''ރަގަޅު ގޮތުގަ ބުނީމަ ތިމާގެ ނެތް ފެންވަރު ދައްކަން އުޅުނީމަ ވާނެ ގޮތް ރަގަޅަށް ފެންނާނެ މިރޭ، އޭނަގެ ޢާއިލާއަށް ވެސް ރަގަޅު ބޮޑުއެއް ދޭނަން... އަދި އެއަފްލާކް، އެއެއްޗަށް ރަގަޅު ފިލާވަޅެއް ދޭނަން، މަގޭ ހުރި ނުބައިކަން އެކަލޭގެއަށް މިފަހަރު ދައްކާނަން... ހުވާ މިބުނީ އެއިން އެއްވެސް އެއްޗަކަށް ދެން ހަމަޖެހުމުގެ ނޭވާއެއް ލެވުނަކަ ނުދޭނަން، އެއަފްލާކް އަހަރެންގެ އަތުގެ ތެރެއަށް ލާފައި ފިސްފިސްކޮސްލާނަން، ފައިބުޑަށް ވެއްޓި އާދޭސްކުރާ ވަރު ކުރާނަން... ދެން އެ ޒޯހާ... އެންމެ ވޭންދެނިވި ގޮތަށް އޭނައަށް ސަޒާ ދެނީ، އެންމެ މީހަކަށް ވެސް ހަމަޖެހުމުގެ ނޭވާއެއް ލެވުނަކަ ނުދޭނަން...'' ރަމީޒު ހިތާހިތުން ބުނެލިއެވެ. އޭރު އޭނަގެ މޫނުމަތިން ކުރިން ފެންނަމުން ދިޔަ ހިނިތުންވުން ފަނޑުވެ ނުރުހުންތެރިކަމުގެ ކުލަވަރު ފެންނަން ފަށައިފިއެވެ. މުށުތެރޭގައި އޮތް ފޯނަށް އެވަގުތު އޭނަ ބާރުކޮށްލިއެވެ. ފޯނުވެސް އަތުގެ ތެރޭގައި ފިސްފިސްކޮށްލަން އުޅޭ ކަހަލައެވެ. އޭނަގެ ދުޝްމަނުންނާ މެދު ކަންތައް ކުރާނެ ގޮތް ސިކުނޑީގައި އޭނަ ރާވަމުން ދިޔައެވެ. ***** ދަންވިދަންވިހެން ރަށުތެރެއަށް ފެތުރެން ފެށީ ހަމަހިމޭންކަމެވެ. އެހަމަހިމޭންކަމާއެކު ރަށުގެ މަގުތަކަށް ނާމާންކަން ސައިލެއްހެން ފެތުރިގެން ދިޔައީ ދަންވަރަށް ހޮރުތަކުން ނުކުންނަ ޒުވާން އުމުރުފުރައިގެ ކުދިންތަކެވެ. އެމީހުންގެ ޖަގަހަތަކުގައި މަސްތުގެ ދުނިޔެއެއްގައި އުފާ ހާސިލުކުރަމުން ދިޔައީ ހަމައެއްލަމައެއް ނެތިއެވެ. މަގުން ފެންނަ މަދު މީހުންގެ ގަޔަށްބޮލަށް އަރައިގަންނަނީ މަޖާކަމެއްކަމުގައި ދެކިގެންނެވެ. އެއްބަޔަކު އެމީހުން މުހުތާދުތައް ފުއްދަން ލޫޓުވާލާނެ ހަޒާނާއެއް ފެނޭތޯ ރަށުތެރޭގައި އަތްފުނާއަޅަމުން ދިޔައެވެ. ބައިގަނޑުގަނޑަށް މަގަށް ގިނަވެގެން އުޅޭއިރު ފޭރިގަންނާނެ މީހަކު ފެނޭތޯ ވެސް ލޯތައް އުކައެވެ. ދަންވަރުގެ ވަގުތާއެކު ކުށުގެ ވެއްޓަކަށް ދޮރުތައް އޮތީ ހުޅުވިފައެވެ. ދަންވަރަށް މަގުތަކުގައި ހިނގަނީ އެމީހުންގެ ޤާނޫނަށް ވާތީއެވެ. ގަޑިން މެންދަމުން އެކެއް ޖެހީއެވެ. ކޯޓުގެ މަރުހަލާ ނިމެންދެން ވަގުތީ ގޮތުން ގައިދީން ބެހެއްޓިފައިވާ މަރުކަޒު ވެސް ހަމަހިމޭންވެއްޖެއެވެ. މުޅި މާހައުލު ފުން ނިންޖެއްގެ ތެރޭގައިވާ ކަހަލައެވެ. ގޮޅީގެ ހޫނުކަމުގެ ސަބަބަބުންނާއި ސިކުނޑީގެ ނާރުތަކަށް ވާންކުރުވަމުން ދިޔަ ޚިޔާލުތަކުގެ ސަބަބުން އައްޔޫބު އޮތީ ނިދަން އުނދަގޫވެފައެވެ. ގޮޅީގެ ކުޑަކަމާއި މާހައުލުގައި އޮތް ފަނޑުއަލިކަމުން އައްޔޫބުގެ ހާސްކަން އިތުރުވަމުން ދިޔައެވެ. އޭނަގެ ބޮލުގައި ވެސް ފުން ރިހުމެއް އުފެދިފައި ވިއެވެ. ރަމީޒުގެ އިންޒާރުތައް ހިނދުކޮޅަކަށް ވެސް އޭނަގެ ޚިޔާލުތަކާއި ވައްކެއް ނުވެއެވެ. ވިސްނެމުން ދިޔަ ވަރަކަށް އައްޔޫބުގެ ބޮލުގެ ރިހުން ގަދަވާން ފެށިއެވެ. މީހާގެ ހާސްކަން އިތުރުވެ ދާހިތްލައި ދަލުން ފެންވެރެން ފެށިއެވެ. އެސަކަރާތެއްގެ ތެރޭގައި ދެއަތަށް ފުރޮޅެމުން ގޮސް އޭނަގެ ލޮލަށް ނިދި ސަވާރުވީ ކިހިނެއް ކޮންއިރަކުކަމެއް އައްޔޫބުއަކަށް ނޭގެއެވެ. އެވަގުތުކޮޅުގައި މީހާއަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބުނެވެ. ނިދީގައި އޮތް އައްޔޫބުއަށް ސިހިފައި ދެލޯ ހުޅުވާލުވުނީ އޭނަގެ ކަރަށް އެއްޗެއް ބާރުވެ ނޭވާހާސްވާކަމުގެ އިހުސާސާއެކުއެވެ. ދެލޮހުޅުވާލުމާއެކު އޭނައަށް ވަށައިގެންވި މާހައުލު ނަގައިގަންނަން ވެސް ދަތިވިއެވެ. ބޮލަށް އަރާފައިވި އެނބުރުމާއި ނޭވާހޮޅިން ހުސްވަމުން ދިޔަ ނޭވާގެ ސަބަބުން އޭނައަށް ތަންދޮރު ވަކިވާވަރެއް ނުވެއެވެ. މަންޒަރު ވަނީ ފުސްވެފައެވެ. ހަށިގަނޑުގެ މަސްތަކުން ވާގިދޫވެފައިވާ ކަހަލައެވެ. އޭނައަކަށް ހަރަކާތެއް ނުކުރެވުނެވެ. ހަށިގަނޑަށް އަމިއްލަ ބާރެއް ނުފޯރުވުނެވެ. އެހުރިހާ ސަކަރާތެއްގެ ތެރޭގައި ވަނިކޮށް ކަރަށް އެއްޗެއް ބާރުވެ ނޭވާހުސްވަމުން ދާކަން ވެސް އިހުސާސް ކުރެވުނެވެ. ވަމުންދާ ގޮތް ނޭގި ހިތަށް ވެރިވެގެން އައި ބިރުވެރިކަމާއި ސިހުމާއެކު ސަލާމަތްވުމަށް މަސައްކަތްކުރަން އައްޔޫބު މަސައްކަތްކުރިއެވެ. ނަމަވެސް އެކަމެއް އޭނައަކަށް ކާމިޔާބެއް ނުކުރެވުނެވެ. ސަލާމަތަށް އެދި ހަޅޭއްލަވަން އުޅުނުކަމުގައި ވިޔަސް އެކަންވެސް ނުކުރެވުނެވެ. ދުލުން ވާގިދޫވެފައިވާ ކަހަލައެވެ. އަޑެއްވެސް ލައްވާނުލެވުނެވެ. ކަރަށް ބާރުވެފައިވި ދަންމަޅީގެ ގަދަހިފައިގަތުމާއެކު އައްޔޫބުގެ ދެލޯ މުދުނަށް އެރިއެވެ. އަނގަހުޅުވި ދޫ ބޭރުވެއްޖެއެވެ. އޭރު ނޭވާ ނުލެވިގެން މީހާއަށް ލިބިފައިވި ހާސްކަމާއެކު ރޯމަހެއް ފެނުން ނެގުމުން ތޮޅެވޭ އުސޫލުން އެންމެ ނޭވާއަކަށް ވިޔަސް އޭނަގެ ހިތާއި ސިކުނޑި ތެޅިފޮޅެން ފެށިއެވެ. ނަމަވެސް އެނަސީބެއް އޭނައަކަށް ނުލިބުނެވެ. މިކަމުން ދެން ސަލާމަތެއް ނެތްކަން އެނގުނު ހިނދު އައްޔޫބުގެ ދެލޮލުގެ ހިމަކޮޅުން ލާފައި ކަރުނަ ތިއްކެއް ފައިބައިގެން ދިޔައެވެ. އޭނަގެ ފަހު ވަގުތު އައިސް ޖެހިއްޖެކަން އޭނައަށް އެވަގުތު ތަސައްވަރުކުރެވެމުން ދިޔައެވެ. ޢާއިލާއާއި ބައްދަލުކުރުމުގެ ނަސީބެއް ވެސް ނުލިބި މިފަނާވަނިވި ދުނިޔެއަށް ޢަލްވަދާއު ކިޔަން ޖެހޭ ވަގުތު ގާތްވެއްޖެކަން ވެސް ހުސްވަމުން ދިޔަ ނޭވާތަކުން އޭނައަށް އަންގައިދިނެވެ. އަނިޔާވެރިޔެއްގެ ޝިކާރައަކަށްވެ ފުރާނައިން އަތްދޮވެލަން ޖެހޭ ވަގުތު ގާތްވެއްޖެކަން ވެސް ނަގައިގަނެވުނެވެ. އެހިނދު ޒޯހާއާއި މޫނިސާގެ ނަން އައްޔޫބުގެ ހިތަށް ސަވާރުވެގެން ދިޔައެވެ. ހިތަށް ގިލަންވެރިކަން ގެނުވާފައެވެ. ސަލާމަތްވުމަށް ހަށިގަނޑަށް ގެންނަމުން ދިޔަ ބާރު ކެނޑި ލަސްލަހުން ހަށިގަނޑުގެ ވަރު ދޫވާން ފެށިއެވެ. ނޭވާގެ ހިނގުން ހުއްޓި ހިތުގެ ތެޅުން މަޑު ޖެހުމަކަށް އަތުވެއްޖެއެވެ. އޮކްސިޖަން ނުލިބުމުގެ ސަބަބުން ސިކުނޑި ވެސް ހުއްޓުމަކަށް އަތުވެއްޖެއެވެ. އޭރު އައްޔޫބުގެ އަނގައިންނާއި ނޭފަތުން ހުދުކުލައިގެ ދަވައެއް ބޭރުވަމުން ދިޔައެވެ. ވަރުދޫވެގެން ދިޔަ އައްޔޫބުގެ ހަށިގަނޑު ތާއަބަދަށް ހަމަހިމޭންވެގެން ދިޔައެވެ. މިއަނިޔާވެރި ދުނިޔެއަށް ތާއަބަދަށް ދެލޯ މަރާލިއެވެ. ހިތުގައި އެތައް ޝަކުވާއަކާއި ބިރުވެރިކަމެއް ފުނިޖެހިފައި ވަނިކޮށެވެ. ހަމަހިމޭންވެގެން ދިޔަ އައްޔޫބުގެ ހަށިގަނޑު ފެނުމާއެކު އައްޔޫބުގެ ކަރަށް ބާރުކޮށްލެވިފައިވި ބެޑުޝީޓުން ގޮޅީގައި ހުރި މީހާ ހަށިގަނޑުން ބިޔަ މީހާ ދޫކޮށްލިއެވެ. އޭނަގެ މޫނުމަތިން ބިރުވެރިކަމެއް އަދި ޖެހިލުންވުމެއް ވެސް ނުފެނެއެވެ. ކުށެއް ނެތް އިންސާނެއްގެ ފުރާނަ ރަހުމުކުޑަ ގޮތެއްގައި ދުއްވާލެވިއްޖެކަމުގެ ހިތާމައިގެ ޒައްރެއްގެ މިންވަރު ވެސް ނުފެނެއެވެ. އެމީހާ، ހަރަކާތްކެނޑިފައި އޮތް އައްޔޫބުގެ މަސްގަނޑާއި ކައިރިވެލަމުން ނޭވާ ހިނގާތޯ ޔަޤީންކޮށްލަން ނޭފަތުގެ ކުރީގައި އިނގިލި ތަކުގެ ކުރި ކައިރިކޮށްލިއެވެ. ހޫނުކަމުގެ އަސަރު އަތަށް ނުކުރުމުން ހަމަޖެހުމުގެ އަސަރު އޭނަގެ މޫނުމަތިން ފެނުނެވެ. ދެވަނަ ފަހަރަށް ޔަޤީންކޮށްލަން އައްޔޫބުގެ ކަރުން ވިންދު ލިބޭތޯ ވެސް އޭނަ ބެލިއެވެ. އެއަށްފަހު އައްޔޫބުގެ ހަށިގަނޑު އެނދުން ނަގައިން ބިންމައްޗަށް ވައްޓާލަމުން ކަރަށް މަހާލި ބެޑްޝީޓުގައި ހިފައި ދަމަމުން ގޮސް ގޮޅީގައި ތޭރި ޖަހާފައި ހުރި ކުޑަދޮރު ކައިރިއަށް އޭނަ ހުއްޓުނެވެ. އެއަށްފަހު ތޭރިތަކުގައި ބެޑްޝީޓް ބަނދެލުމަށްފަހު ޝައްކު ނުވާނެހެން ހުރިހާ ގޮތަކަށް ކަންތައްކޮށް ނިންމާލިއެވެ. ފަޅާއަރާފާނެކަމުގެ ހުރިހާ ނިޝާނެއް ވެސް ކުށުގެ މާހައުލުން ފޮހެލިއެވެ. އަދި އެތާ ހުރި އެނދުމަތީގައި ގަނޑެއް ބާއްވާލަމުން އޭނަ ފުންނޭވާއެއް ދޫކޮށްލިއެވެ. ކުރެވުނު މަސައްކަތާ މެދު ހަމަޖެހިފައިވާކަމުގެ އަސަރު އޭނަގެ މޫނުން ފެނެއެވެ. ގޮޅިން ނިކުތުމުގެ ކުރިން އަދިވެސް އެއްފަހަރު މުޅިތަނަށް އޭނަ ސަމާލުކަން ދިނެވެ. އެއަށްފަހު ކުޑަދޮރުގައި ދަންޖެހިފައި ހުރި އައްޔޫބުއަށް ބަލާލަމުން ނިކުންނަން ހިނގައިގަތެވެ. އޭރު ވެސް އައްޔޫބުގެ އަނގައިންނާއި ނޭފަތުން ދަވަ ބޭރުވަމުން ދިޔައެވެ. ކަނދުރާ އަރިއަކަށް ވެއްޓިފައިވީ އިރު ލައިގެން ހުރި ޓީޝާޓުގެ ކޮނޑުން ފެށިގެން ގޮސް މެޔާއި ހަމައަށް ދަވަތަކުން ތެދިމައިފި ވިއެވެ. ***** އައުދުވަހަކަށް ފެނުން ތޮޅެލި އިރުގެ ރަންދޯދިތަކުން އުދަރެސް މަތި ރަންގުވަމުން ދިޔައެވެ. ދުވަހުގެ މަރުހަބާ ކިޔުމާއިގެން ހޭލަމޭލަވަމުން ދިޔަ ދޫނިސޫފާސޫފީގެ އަޑުތަކާއި އެކުވެ ކާޅުގެ އަޑުތައް ވެސް އިވެމުން ދިޔައެވެ. ފަތިހުގެ ފިނިކަން ކެނޑި އިރުގެ ހޫނުކަން އޭރު ދުނިޔެއަށް ވާސިލުވާން ފަށައިފިއެވެ. އެއާއެކު އަރާމު ތަންމަތި ދޫކޮށް ދުވަހުގެ މަސްޢޫލިއްޔަތާއިގެން ކުރިއަށް ދާން ރަށުގެ ރަށްވެހިން މަސައްކަތް ފަށައިފިއެވެ. ސްކޫލްތަކުގެ ދަރިވަރުން ފޮތްދަބަސް ތައްޔާރުކޮށް ގަޑިޖެހުމުގެ ކުރިން ސްކޫލަށް ދިއުމަށް ދަތުރު ފަށައިފިއެވެ. އޮފީހަށްދާ މީހުން ވެސް ގަޑި ނުޖެހި އޮފީހަށް ދެވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ. ޗުއްޓީގެ ދުވަސްކޮޅު ނިމި އޮފީހަށް ނިކުންނަން ޖެހޭ ދުވަސްކަމުން އެހެނިހެން ދުވަސްތަކާ ޚިލާފަށް މާބޮޑަށް ވެސް ޒޯހާގެ ފަރާތުން ކަންނެތްކަން ފެންނަމުން ދިޔައެވެ. އޭނަ ބޭނުންވީ މަޑު ތަންމަައްޗާއި ބާލީސްތަކުގެ ތެރޭގައި އިތުރު ވަގުތުކޮޅެއް ހޭދަކުރާށެވެ. އިތުރަށް ނިދާލާށެވެ. އެހެންވެ، ފޯނުގެ އެލާރމް ކަންފަތުގައި ޖެހޭއިރަށް އެލާރމް ވެސް ނިއްވާލައެވެ. ނަމަވެސް އޭގެ މަދު މިނެޓްތަކެއް ފަހުން އަނެއްކާ ވެސް އެލާރމްގެ އަޑު އިވެއެވެ. ކަންނެތްވެފައި އޮތް ވަރުން އެލާރމްގެ އަޑާއެކު ވެސް ލޯހުޅުވާލާކަށް ޒޯހާ ބޭނުމެއް ނުވިއެވެ. އެހެން އޮތްވާ އިވުނީ ކޮޓަރީގެ ދޮރުގައި މަންމަ ޓަކިދޭން ފެށި އަޑެވެ. އޭގެ އިރުކޮޅެއްފަހުން ދޮރުހުޅުވާލި އަޑު ވެސް އިވުނެވެ. ''ޒޯހާ، އަވަހަށް ތެދުވާން އުޅޭ، މިހާރު ހަތެއް ޖަހަން ކައިރި ވަނީ... ތިހެން ކަންނެތް އަޅާފައި ވަނިކޮށް އޮފީހުގެ ގަޑި ޖެހިދާނެ، އަނެއްކޮޅުން މިއަދު މީ ޗުއްޓީ ހަމަވެ ވަޒީފާއަށް ނިކުންނަން ޖެހޭ ދުވަސް، ގަޑިޖެހިގެން ދިއުން އެއްގޮަތަކަށް ވެސް ކަމަކު ނުދާނެ.. އަވަހަށް ތެދުވޭ!...'' ޒޯހާގެ މޫނުގައި އަޅައިގެން އޮތް ބާލީސް ޖަހައިގަންނަމުން މޫނިސާ ބުނެލިއެވެ. އެއަށްފަހު ބަނާތު ވެސް ދަމައިގަތެވެ. އޭރު ކޮންމެވެސް ވަރެއްގެ ވަރުބަލިކަމެއް މޫނިސާގެ މޫނުމަތިން ފެނެއެވެ. ނަމަވެސް ގިނަ ދުވަސްތަކަށްފަހު ހޮސްޕިޓަލުން ދޫކޮށްލިކަމުގެ ހިތްހަމަޖެހުން އޭނަގެ ފަރާތުން ފެނެއެވެ. އިތުރަށް ދާނުގެ އަރާމުކަމުގެ ތެރޭގައި އޮތްނާކަށް ޒޯހާއަކަށް ފުރުސަތެއް ނުލިބުނެވެ. ކަންނެތްކަމާއެކު ލޯހުޅުވާލުމަށްފަހު ހަނިކޮށްލެވުނު ދެލޮލުން އޭނައަށް ފުުރަތަމަ ބަލާލެވުނީ ފޯނުން ގަޑިއެވެ. އެއާއެކު ފަޅި ސިކުންތުކޮޅެއްގެ ތެރޭގައި އޭނަގެ ނިދިފިލައި ހިނގައްޖެއެވެ. އަވަސްއަވަހަށް އޭނަ އެނދުން ތެދުވުނެވެ. އަދި ފާޚަނާއަށް ވަންނަން ދިއުމުގެ ކުރިން މަންމަ ގައިގައި ބައްދާލިއެވެ. ***** ޒޯހާ ކޮޓަރިން ނިކުންނާނެ އިރެއްގެ އިންތިޒާރުގައި ހުރި މޫނިސާއަށް، އޮފީހަށް ދާން ތައްޔާރުވެގެން ނިކުތް ޒޯހާ ފެނުމާއެކު ގޮވާލެވުނެވެ. އަދި ހެނދުނުގެ ނާސްތާގައި ބައިވެރިވުމަށް ބުނެލިއެވެ. އަތުކުރީ އޮތް ހިމަ ގަޑިއަށް ދިން އަވަސް ނަޒަރާއެކު ވަގުތު ކުޑަތަންވެފައިވާ މިންވަރު ޒޯހާ ފެނުނެވެ. އެއާއެކު ހެނދުނުގެ ނާސްތާގައި ބައިވެރިވުމުން އޭނަ މަނާވެގަތެވެ. ''މަންމާ، ދެން އޮފީހަށް ގޮސްފަ ސައިބޯނީ، މަންމަ ކީއްވެތަ ހެނދުނާ ބަދިގެއަށް ތިވަނީ؟... މަންމަ އަދި މުޅިން ރަގަޅެއް ވެސް ނުވެއެއްނު، އަހަރެން ހުރީ ކަންމަތީ ފިހާރައިން އެއްޗެހި ގަނެގެން ހެނދުނު ސައިތައްޔާރުކުރަންށޭ... ދެން މެންދުރު ބަދިގެއަށް ވަންނަން ނަހަދައްޗޭ... އަހަރެން އަންނާނަން މެންދުރަށް، މިއަދު އޮންނާނީ ހާފްޑޭއި ޑިއުޓީ، ހަވީރު ބައްޕައާއި ބައްދަލުކުރަން ދާން ޖެހޭތީ...'' މައިދޮރު ކައިރީ ހުރި ފައިވާން ހަރުގަނޑު ކައިރިއަށް ހުއްޓިލަމުން ޒޯހާ ވާހަކަދެއްކިއެވެ. އަދި ހަރުގަނޑުން ނެގި އުސްކަށީގެ ބޫޓަށް އަރަމުން ފަސްއެނބުރި މަންމައަށް ބަލާލިއެވެ. ''މަންމަ މިހާރު ރަގަޅޭ، ރަގަޅު ނުވާނަމަ ގެއަކަށް ނުފޮނުވާނެތާ، އަނެއްކޮޅުން ރަގަޅެއްނު މަންމައަށް ބަދިގެއަށް ވަދެވުނުކަން ވެސް، ދަރިފުޅު ހޭލީވެސް އެހާލަހުން، ދެން އަވަހަށް ދޭ، ގަޑި ނުޖެހި ދެވޭނީ އޭރުން، މިއަދު އަފްލާކް ނާންނަނީތަ ބަލާ؟...'' މޫނިސާ އޭނަގެ ދަރިފުޅަށް ފަނޑު ހިނިތުންވުމެއް ދިނެވެ. އެދަރިފުޅު އުޅެމުން އެދާ ނުތަނަވަސްކަން އޭނައަށް ސިއްރުކުރަން މަސައްކަތްކުރާތަން އޭނައަށް ފެނެއެވެ. ކުރިމަތިވަމުން އެދާ އިމްތިހާނުތަކުގެ ނޭދެވޭ އަސަރު ކުރަމުންދާ ތަން ވެސް މެއެވެ. އެކަމާ ހުރެ މޫނިސާ ހުންނަނީ މާޔޫސް ވެފައެވެ. ''ދެންމެ ގުޅި ބަލާ އަންނަ ވާހަކަ ބުނަން...'' ޒޯހާ ބުންޏެވެ. ''ދަރިފުޅު މީހުން ކިޔާ އެއްޗިއްސަށް ރައްދު ޖަވާބު ދޭން ނަހަދައްޗޭ، މިރަށު މީހުން ވަރަށް ގަޔާވާނެ ހަޤީޤަތާ ޚިލާފު ދޮގު ވާހަކަތައްދައްކަން، އެއިން އެއްވެސް ކަމަކަށް ޒޯހާ ސަމާލުކަން ނުދެއްޗޭ...'' ދޮރުން ނިކުންނަން އުޅުނު ޒޯހާއަށް މޫނިސާ ބުނެލިއެވެ. އެއާއެކު ހުއްޓެވުނު ޒޯހާއަށް މަންމަގެ ޖުމްލައިގެ މާނަ ނަގައިގަނެވުނެވެ. މަންމަ އެވާހަކަދެއްކީ ރަށުތެރެއަށް ބައްޕައާ ގުޅުވައިގެން ފެތުރިފައި އޮތް ދޮގު ވާހަކަތަކަށް އަލިއަޅުވާލަމުންނެވެ. އެކަމުގެ ނޭދެވޭ އަސަރު އޭނައަށް ކުރަން ބޭނުން ނުވާތީއެވެ. އެކަންތަކަށް ސަމާލުކަން ދޭން ޒޯހާ ވެސް ބޭނުމެއް ނުވެއެވެ. އެއްވެސް މީހަކު އަނގަޔަކުން ނާރާނެއެވެ. އެއީ ދުނިޔޭގެ އުސޫލެވެ. ހަޤީޤަތެއް ބެލުމެއް ނެތި ފިތުނަވެރި ވާހަކަ ފެތުރުން އެއީ މީހުންގެ ކަށީގައި ހިފާފައި ހުންނަ ޒަމާންވީ ނުބައި އާދައެކެވެ. ވިސްނައިދީގެން ނުވަތަ ތެދު ހާމަކުރުމަކުން ވިޔަސް އެއިން މީހެއްގެ ކުރިމަތީގައި ކާމިޔާބެއް ނުލިބޭނެއެވެ. މިޒަމާނުގައި މީހުންގެ ކުރިމަތީގައި ވިކެނީ ބުހުތާނު ދޮގުތަކަށްވާތީއެވެ. ދެމައިން ދައްކަމުން ދިޔަ ވާހަކަތަކަށް ހުއްޓުމެއް އައީ ޒޯހާގެ ފޯނު ރިންގްވާން ފެށުމުންނެވެ. ''އެއައީ ކަންނޭގެ، އަވަހަށް ދޭ...'' ''މަންމާ، ގޭގެ އެއްވެސް މަސައްކަތެއް ނުކުރައްޗޭ، ގެއަށް ފޮނުވާލިޔަސް އަދި މަންމަ މުޅިއަކުން ރަގަޅެއް ނުވޭ އިނގޭ...'' ޒޯހާ އޭނަގެ ފޯނަށް ސަމާލުކަން ދިނުމުގެ ކުރިން މަންމައަށް ބަލާލަމުން ބުންޏެވެ. އެއަށްފަހު އޭނަގެ ނަޒަރު ފޯނަށް އަމާޒުކޮށްލިއެވެ. އެއާއެކު އޭނައަށް ލިބިގެން ދިޔައީ ހައިރާންކަމެވެ. ގުޅަނީ ނުދަންނަ ނަންބަރަކުންނެވެ. ފޯނަށް ބަލަން ހުރެފައި ޒޯހާ ޖަވާބުދިނެވެ. އޭރު ފޯނުގެ އަނެއްކޮޅުން އިވޭ ޚަބަރެއްގެ ސަބަބުން އޭނަގެ ދިރިއުޅުން އަނެއްފުށަށް ޖެހިދާނެކަމަކަށް ޒޯހާއަށް ވިސްނާވެސްނުލެވުނެވެ. (ނުނިމޭ...) އިންދިރާސް... (11) އިތުރަށް ވިދާޅުވުމަށް
އިންދިރާސް... (12)
ދޫނިދޫ ޖަލުގައި މަރުވި އަންހެން މީހާގެ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސިއެމް) އިން ބަލަން ފަށައިފި އެވެ. މިއަދު ދޫނިދޫގައި މަރުވެފައި ވަނީ ނ. މަނަދޫ، ނާދީގެ، ނަޝާޔާ ރަޝީދު، 23 އެވެ. ފުލުހުން ބުނި ގޮތުގައި އޭނާ އަކީ ފޭރުމުގެ މައްސަލައަކާ ގުޅިގެން ބަންދުކޮށްފައި ހުރި އަންހެނެކެވެ. އޭނާ މަރުވި މައްސަލައާ ގުޅިގެން ފުލުހުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ އޭނާ މަރުވި މައްސަލަ ބަލަން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް)އާއި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގައި އެދިފައިވާނެ ކަމަށެވެ. މިރޭ ކުރި ޓްވީޓެއްގައި އެޗްއާރްސީއެމް އިން ވަނީ އެ މައްސަލަ ބަލަން ނިންމާފައިވާކަން ހާމަކޮށްފަ އެވެ. HRCM is investigating the untimely demise of the 23-year-old woman while in state care. — HRC of the Maldives (@hrcmv) January 15, 2019 އެ މައްސަލައިގައި ފުލުހުން ބޭނުން ވަނީ އެ ދެ ކޮމިޝަނުން އާއިލާއާ ވާހަކަ ދައްކައިގެން ނަޝާޔާގެ ހަށިގަނޑުގެ އޮޓޯޕްސީއެއް ހެދުމަށް ކަމަށް ފުލުހުންގެ ބަޔާނުގައި ވަނީ ބުނެފަ އެވެ. އާއިލާއާ ދުރުގައި މާލޭގައި ދިރިއުޅެމުން އައި ނަޝާޔާ މަރުވި އިރު އޭނާގެ ހަތަރު އަހަރުގެ ފިރިހެން ކުއްޖަކު ހުރެ އެވެ. އެ ކުއްޖާ ބަލަނީ އެ ކުއްޖާގެ މާމައާއި ކާފަ އެވެ.
ނަޝާޔާ މަރުވި މައްސަލަ އެޗްއާރްސީއެމް އިން ބަލަނީ
ލާގޯސް (ޖެނުއަރީ 27): ނައިޖީރިއާގެ އާއްމު އިންތިހާބު ބާއްވަން ގާތްވެފައި ވަނިކޮށް އެގައުމުގެ އުއްތަމަ ފަނޑިޔާރު ސަސްޕެންޑު ކުރުމުން އިންޓަނޭޝަނަލް އޮބްޒާވަރުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. ނައިޖީރިއާގެ ރައީސް މުހައްމަދު ބުހާރީ އެގައުމުގެ އުއްތަމަ ފަނޑިޔާރު ވޯލްޓާ އޮނޮގެން ސަސްޕެންޑު ކުރެއްވީ ހުކުރު ދުވަހުގައެވެ. އެއީ މިމަހުގެ 12 ވަނަ ދުވަހު އޮނޮގެންގެ މައްޗަށް މާލީ ބަޔާން ހާމަ ނުކުރުމުގެ ދައުވާ ކުރި ފަހުންނެވެ. އޭނާގެ މައްޗަށް އެދައުވާ ކުރީ 2017 ވަނަ އަހަރު މަގާމާ ހަވާލު ކުރުމުގެ ކުރިން މާލީ ބަޔާން ހާމަ ނުކުރައްވާ ކަމަށް ތުހުމަތުކޮށްފައެވެ. ނައިޖީރިއާގެ ރައީސް މުހައްމަދު ބުހާރީ ވަނީ ގައުމުގެ އުއްތަމަ ފަނޑިޔާރު ސަސްޕެންޑު ކުރައްވާފަ -- ފޮޓޯ: ގެޓީ މީގެ ކުރިން ރައީސް ބުހާރީ ވަނީ އެގައުމުގެ ސަރުކާރުން ކޮރަޕްޝަނާ ދެކޮޅަށް ކުރާ މަސައްކަތަށް ޖުޑިޝަރީން ހުރަސް އަޅާ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އޮނޮގެން ސަސްޕެންޑު ކުރަން ނިންމެވި ސަބަބެއް ބުހާރީ ހާމަ ނުކުރައްވައެވެ. ރައީސް ބުހާރީގެ އެނިންމެވުމާ ގުޅިގެން ސެނެޓުގެ ރައީސް ވަނީ އެއީ ޑިމޮކްރަސީއާ ދެކޮޅަށް ކުރި ބަޣާވާތެއްގެ ގޮތުގައި ސިފަ ކުރައްވާފައެވެ. އަދި އިދިކޮޅު ޕާޓީތަކުން ވަނީ އެނިންމުން ކުށްވެރިކޮށް، އަންނަ މަހުގެ 16އިގައި ބާއްވާ އާއްމު އިންތިހާބަށް ކެމްޕެއިން ކުރުން ހުއްޓާލާފައެވެ. ނައިޖީރިއާގެ ޖުޑިޝަރީގައި އިސްކޮށް ހުންނަވާ ބޭފުޅާގެ ގޮތުން އެގައުމުގެ އިންތިހާބުގައި ދިމާވާ ގާނޫނީ މައްސަލަތައް އިސްލާހު ކުރުމުގައި އުއްތަމަ ފަނޑިޔާރު އިސް ދައުރެއް އަދާ ކުރައްވާނެއެވެ. ނަމަވެސް ގައުމުގެ މަޖިލިސް މެމްބަރުންނާއި ރައީސް އިންތިހާބު ކުރަން ތިން ހަފްތާއަށް ވެފައި ވަނިކޮށް، އޮނޮގެން ސަސްޕެންޑު ކުރުމުން އިންތިހާބުގެ ސައްހަ ކަމާ މެދު ސުވާލު އުފެދޭނެ ކަމަށް އިނގިރޭސި ހައި ކޮމިޝަނުން ބުންޏެވެ. ރައީސް ބުހާރީ ގެންދަވަނީ ވެރިކަމުގެ ދެވަނަ ދައުރަކަށް ކެމްޕެއިން ކުރައްވަމުންނެވެ.
ނައިޖީރިއާގެ އާއްމު އިންތިހާބާ ދިމާކޮށް އުއްތަމަ ފަނޑިޔާރު ސަސްޕެންޑު ކުރުމުން ކަންބޮޑުވުން
ކ. ދިއްފުށީގައި މޫދަށް އެރި އުޅެނިކޮށް އާދީއްތަ ދުވަހު ގެނބިގެން މަރުވި ފިލިޕީންސް ދެމަފިރިންގެ ހަށިގަނޑު ދިވެހި ދައުލަތުން ހަރަދުކޮށްގެން ފިލިޕީންސަށް ފުރުވާލައިފި އެެވެ. ކ. ދިއްފުއްޓާއި މީރު އައިލެންޑް ރިސޯޓު ހިންގާ ކ. މީރުފެންފުއްޓާ ދެމެދަށް މޫދަށް އެރި އުޅެނިކޮށް މަރުވެފައި އޮއްވައި ފެނުނީ ހަނީމޫނަށް ރާއްޖެ އައިސް އުޅުނު 29 އަހަރުގެ ލިއޯމަރ ލަގްރަޑިއާ 30 އަހަރުގެ އެރިކާ ޖޯއިސް ލަގްރަޑިއާ އެވެ. އެ ދެމަފިރިންގެ ހަށިގަނޑު ގައުމަށް ގެންދިއުމަށް ބޭނުންވާތީ އާއިލާއިން ވަނީ މީގެ ކުރިން ގައުމަށް ގެންދިއުމަށް ބޭނުންވާ ފައިސާ ހޯދުމަށް ރައްޓެހިންނާއި ހެޔޮއެދޭ މީހުންގެ އެހީތެރިކަމަށް އެދިފައެވެ. ދެ ހަށިގަނޑު ގައުމަށް ގެންދިއުމަށް 187،859 ދިވެހި ރުފިޔާ އަރާ ކަމަށް ދެމަފިރިންގެ އާއިލާއާ ހަވާލާދީ ރިޕޯޓުތައް ބުންޏެވެ. އެ ހަރަދު ފިލިޕީންސްގެ ފޮރިން މިނިސްޓްރީން ކުރާ ގޮތަށް ހަމަޖެހުނު ކަމަށް ވަނީ މީގެ ކުރީން ރިޕޯޓުތައް ބުނެފަ އެވެ. އެހެން ނަމަވެސް، ޓޫރިޒަމް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ، އެ ދެމަފިރިންގެ ހަށިގަނޑު މިހާރު ކޮލަމްބޯ މަގުން ފިލިޕީންސަށް ފޮނުވާލާފައިވާ ކަމަށާއި، އެ ދެމަފިރިންގެ ހަށިގަނޑު ފޮނުވާލަން ހަރަދު ކުރީ ދިވެހި ސަރުކާރުން ކަމަށެވެ. ފިލިޕީންސްގެ ނޫހަކަށް މަރުވި ދެމަފިރިންގެ އާއިލާއިން ބުނެފައިވަނީ އެ ދެމީހުން ކައިވެނިކޮށްފައިވަނީ ވަރަށް ގިނަ ދުވަހު ރަށްޓެހިވެގެން އުޅުމަށް ފަހު 18 ޑިސެމްބަރު 2018 ވަނަ ދުވަހު ކަމަށެވެ. ދެމަފިރިންނަކީވެސް ނަރުހުން ކަމަށް ފިރިހެން ކުއްޖާގެ އާއިލާއިން ބުންޏެވެ. އަދި އެ ދެމަފިރިން ރާއްޖެ އައީ މިިދިޔަ ބުދަ ދުވަހު ކަމަށްވެ އެވެ.
މަރުވި ދެމަފިރިންގެ ހަށިގަނޑު ދައުލަތުން ހަރަދުކޮށްގެން ފިލިޕީންސަށް ފޮނުވާލައިފި
އާސެނަލް އަދި ޗެލްސީއަށް ކުޅެފައިވާ ތަޖުރިބާކާރު ގޯލް ކީޕަރު ޕީޓާ ޗެކް މި ސީޒަނަށް ފަހު ކުޅުން ހުއްޓާލާނެ ކަމަށް ބުނެފިއެވެ. އިިނގިރޭސި ޕްރިމިއަރ ލީގުގައި 15 އަހަރު ދުވަހު ޗެކް ވަނީ ކީޕަރެއްގެ މަގާމު އަދާކޮށްފައެވެ. މިއަދުގެ ވަގުތެއްގައި ޗެކް އޭނާގެ ސޯޝަލް މީޑިއާގައި ކުޅުން ހުއްޓާލާނެކަން ވަނީ އިއުލާން ކޮށްފައެވެ. އޭނާ ބުނެފައިވަނީ ފުޓްބޯޅައިގެ ހަޔާތުގައި ކުރަން ބޭނުންވި ހުރިހާ ކަމެއް އެނާއަށް ހާސިލް ވެއްޖެ ކަމަށާއި އޭނާގެ "އަންގި ކުޅުމުން އެލުވާލަން މިހާރު ތައްޔާރު" ކަމަށެވެ. ޕީޓާ ޗެކް ކުޅުމުގެ ތެރެއިން ނަގާފައިވާ މަންޒަރެއް -- ގާނާސޮކާނެޓް މިއީ 36 އަހަރުގެ ޕީޓާ ޗެކް ޕުރޮފެސަނަލް ކީޕަރެއްގެ ގޮތުގައި ކުޅެމުން އަންނަ 20 ވަނަ ސީޒަން އެވެ. 2004 ވަނަ އަހަރު ފުރާންސްގެ ކުލަބް ރެނޭސް އިން ޗެލްސީއަށް ބަދަލުވެ ބޮޑެތި ކާމިޔާބުތަކެއް ޗެކް ވަނީ ހޯދާފައެވެ. ޗެލްސީ އަށް ކުޅުނު 11 އަހަރުގެ ތެރޭގައި ހަތަރު ޕުރިމިއާ ލީގާއި އެއް ޗެމްޕިއަންސް ލީގު ޗެކް ވަނީ ހޯދާފައެވެ. މީގެ އިތުރުން އެ ކުލަބްގެ ދިގު ތާރީހުގައިވެސް އެންމެ ގިނަ ކުލީން ޝީޓް ހަދާ ކުލަބުގެ ރެކޯޑެއްވެސް ޗެކް ވަނީ ގާއިމު ކޮށްފައެވެ. ގިނަ ދުވަސް ތަކެއް ޗެލްސީގައި މަޑު ކުރުމަށް ފަހު އެ ޓީމާއި އެންމެ ވާދަވެރި އާސެނަލަށް 2015 ވަނަ އަހަރު ޗެކް ބަދަލުވިއެވެ. އަދި އާސެނަލް އާއި އެކު 2017 ވަނަ އަހަރުގެ އެފްއޭ ކަޕް ވަނީ ކާމިޔާބު ކޮށްފައެވެ. "މިއީ އަހަރެންގެ ޕްރޮފެޝަނަލް ފުޓުބޯޅައިގެ ހަޔާތުގައި ހޭދަކުރާ 20 ވަނަ އަހަރު. އަދި މިކަމުން ހާސިލް ކުރަން ބޭނުންވި ހުރިހާ ކަމެއްވެސް ކާމިޔާބު ކުރެވިއްޖެ. މި ވަގުތަކީ އަހަރެން ފުޓުބޯޅަ ކުޅެން ހުއްޓާލަން އެންމެ މުނާސަބު ވަގުތު." ޕީޓާ ޗެކް އޭނާގެ ސޯޝަލް މީޑިއާގައި ބުނެފައިވެއެވެ.
ތަޖުރިބާކާރު ގޯލް ކީޕަރު ޕީޓާ ޗެކް ކުޅުން ހުއްޓާލަން ނިންމައިފި
އައްޑޫ ސިޓީ ހިތަދޫގައި ހާއްސަ އެހީއަށް ބޭނުންވާ އުމުރުން ދުވަސްވީ މީހެއްގެ ގަޔަށް ކުޅު ޖަހައި މާރާމާރީ ހިންގި މައްސަލައެއް ފުލުހުން ތަހްގީގު ކުރަން ފަށައިފި އެވެ. ސޯޝަލް މީޑިއާގައި އިއްޔެ އާންމުކުރި އެ ވިޑީއޯ އިން ފެންނަ ގޮތުން އުމުރުން ދުވަސްވީ މީހަކު އިތުރު ބަޔަކާ އެކު ހޮޓަލެއްގެ ތެރޭގައި އިންދައި މީހަކު އައިސް އުމުރުން ދުވަސްވީ މީހާގެ މޫނުގައި ޖެހުމުން އޭނާ ތެދުވެ ކުޅު ޖަހަ އެވެ. އުމުރުން ދުވަސްވީ މީހާ ކުޅު ޖެހި ނަމަވެސް އަނެކަކުގެ ގަޔާ ހަމައަށް ދިޔަކަމެއް ނޭނގެ އެވެ. ނަމަވެސް ހަމަލާދިން މީހާ ވަނީ ދުވަސްވީ މީހާގެ ގަޔަށް ބޮލަށް އަރައި ތަކުރާރުކޮށް ކުޅު ޖަހައިފަ އެވެ. އަދި އެ މޭޒު ދޫކޮށް ދާން ފެށުމުން ފަހަތުން ގޮސް ވަނީ މޫނަށް ވެސް ކުޅު ޖަހައިފަ އެވެ. ދުވަސްވީ މީހާ ތެދުވެގެން ގޮސް ހީޓަރުން ހޫނުފެން ތައްޓެއް އަޅަން ފެށުމުން ހަމާލާ ދިން މީހާއަށް އަތް ދިއްކޮށް 'ޖަހާ ޖަހާ' ބުނާ އަޑު އިވެ އެވެ. ނަމަވެސް އެ ވަގުތު އެ މީހާ އެތަން ދޫކޮށް ވަނީ ގޮސްފަ އެވެ. އެވަގުތު އެ ހޮޓަލުގައި ބިދޭސީ ވެއިޓަރާ އެކު އިތުރު ތިން މީހުން ތިބަ ނަމަވެސް އެ ދެ މީހުން އަމަލު ހުއްޓުވާކަށް އެއްވެސް މަސައްކަތެއް ކޮށްފައިވާތަނެއް ނުފެނެ އެވެ. ފުލުހުންނާއި އެކްޓިން ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ޓެގްކޮށް އެ ވިޑީއޯގައި ބުނެފައި ވަނީ އައްޑޫ ސިޓީގައި އުމުރުން ދުވަސްވީ އަދި ސިކުނޑީގައި މައްސަލަ ހުންނަ ކަމަށް ބުނާ އެ ބޭބެ އަށް ކޮށްފައިވާ އަނިޔާ ވަގުތުން ބަލައި ފިޔަވަޅު އަޅައިދިނުމަށް އެދޭ ކަމަށެވެ. އެ ޓުވީޓަށް ރައްދު ދެއްވައި ހަމީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ އެ ހާދިސާ އައްޑޫ ސިޓީ ފުލުހުން ތަހްގީގް ކުރަމުން އަންނަ ކަމަށެވެ. އެކަމާ ގުޅިގެން ޖެންޑާ މިނިސިޓަރު ޝިދާތާ ޝަރީފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ، އެ ވީޑިއޯއިން ފެންނަނީ އެއްވެސް ހާލަތެއްގައި ބަލައިގަނުގަނެވޭނެ އަނިޔާވެރި އަމަލެއް ކަމަށެވެ. އަދި އެ އަމަލު ހިންގި ފަރާތާ މެދު އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ބާރުއަޅައި މަސައްކަތްކުރަމުން ގެންދާ ކަމަށެވެ.
ދުވަސްވީ މީހެއްގެ ގަޔަށް ކުޅުޖަހައި ހަމަލާދިން މައްސަލައެއް ފުލުހުން ބަލަންފަށައިފި
ދޫނިދޫގައި މަރުވެފައި އޮއްވާ ފެނުނު އަންހެން މީހާ މަރުވެފައި އޮއްވާ ފެނުނީ ޖަލު ގޮޅީގެ ފާހާނާ ތެރެއިން ކަން އެނގިއްޖެ އެވެ. މިއަދު ދޫނިދޫގައި މަރުވެފައި ވަނީ ނ. މަނަދޫ، ނާދީގެ، ނަޝާޔާ ރަޝީދު، 23 އެވެ. ފުލުހުން ބުނި ގޮތުގައި އޭނާ އަކީ ފޭރުމުގެ މައްސަލައަކާ ގުޅިގެން ބަންދުކޮށްފައި ހުރި އަންހެނެކެވެ. އިތުބާރު ހުރި މަސްދަރަކުން "ސަން"އަށް އެނގިފައިވާ ގޮތުގައި ނަޝާޔާ މަރުވެފައި އޮއްވާ ފެނުނީ އޭނާ ބަހައްޓާފައި ހުރި ދޫނިދޫ ޖަލު ގޮޅީގެ ފާހާނާ ތެރެއިންނެވެ. އޭނާ މަރުވެފައި އޮއްވާ ފެނުނު އިރު އަނގައިންނާއި ނޭފަތުންނާ ފެހި ކުލައިގެ ދިޔަތަކެއް ފައިބައިފައި ހުރި ކަމަށްވެ އެވެ. އަދި އޭނާ ފެނުނު އިރުވެސް އެ ދިޔަތައް ފައިބަމުން ދިޔަ ކަމަށްވެ އެވެ. އޭގެ އިތުރުން، އެނާ މަރުވުމަށް ފަހު ލޯ ލެއްޕުމަށް މަސައްކަތް ކުރުމުންވެސް ލޯ އޮތީ ހުޅުވިފައި ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލަކު މިރޭ "ސަން"އަށް ވިދާޅުވީ، ނަޝާޔާގެ ހަށިގަނޑު މިހާރު ބާއްވާފައި އޮތީ ގަލޮޅު މޯޗުއަރީގައި ކަމަށެވެ. މަނަދޫ ކައުންސިލުގެ ނައިބު ރައީސް ހުސައިން ނަޒީދު ވިދާޅުވި ގޮތުގައި ނަޝާޔާގެ އާއިލާ މިރޭ 9:30 ހާއިރު ވަނީ މާލެއަށް ފުރާފަ އެވެ. އޭނާ ވިދާޅުވީ، ނަޝާޔާގެ ހަތަރު އަހަރުގެ ފިރިހެން ދަރިއަކު ހުންނަ ކަމަށެވެ. އެ ދަރިފުޅު ބަލަނީ އެ ކުއްޖާގެ މާމައާއި ކާފަ ކަމަށް އޭނާ ކިޔައިދިނެވެ. ނަޒީދު ކިޔައިދިން ގޮތުގައި ނަޝާޔާ އަކީ އާއިލާއާ ދުރުގައި މާލޭގައި ދިރިއުޅެމުން އައި އަންހެނެކެވެ. "އެ އަންހެން ކުއްޖާ އަކީ މައިންބަފައިންނާ ދުރުގައި، ދަރިފުޅާ ދުރުގައި މާލެ ތެރޭގައި ދިރިއުޅެމުން ދިޔައީ. އެންމެ ފަހުން ރޯދަ މަހު ރަށުގައި ހުރީ. މައިންބަފައިން ރަނގަޅު ކުރެވޭތޯ ވަރަށް މަސައްކަތް ކުރި،" އޭނާ ބުންޏެވެ. ނަޝާޔާ މަރުވި މައްސަލައާ ގުޅިގެން ފުލުހުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ފުލުހުން އޭނާއާ ހަވާލުވެގެން ހުރި މުއްދަތުގައި އޭނާގެ ހުރިހާ ހައްގުތައް އަދާކޮށްފައިވާނެ ކަމަށެވެ. އަދި އޭނާ މަރުވި މައްސަލަ ބަލަން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް)އާއި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގައި އެދިފައިވާނެ ކަމަށް ފުލުހުން ބުންޏެވެ. އެ މައްސަލައިގައި ފުލުހުން ބޭނުން ވަނީ އެ ދެ ކޮމިޝަނުން އާއިލާއާ ވާހަކަ ދައްކައިގެން ނަޝާޔާގެ ހަށިގަނޑުގެ އޮޓޯޕްސީއެއް ހެދުމަށް ކަމަށް ފުލުހުންގެ ބަޔާނުގައި ވަނީ ބުނެފަ އެވެ.
މަރުވި އަންހެން މީހާ ފެނުނީ ޖަލު ގޮޅީގެ ފާހާނާ ތެރެއިން!
އޭޕްރީލް ހަ ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުން މަޖިލީހުގެ އިންތިހާބްގެ ކަންކަން ކުރިއަށް ގެންދާނެ ގޮތުއި ގުޅޭ ގޮތުން ލަފާ ހޯދުމަށް ގައުމީ ލަފާދޭ ކޮމެޓީ، އިލެކްޝަން ކޮމިޝަން(އީސީ) އިން އެކުލަވާލައި ފުރަތަމަ ޖަލްސާ މާދަމާ ބޭއްވުމަށް ތައްޔާރު ވެއްޖެ އެވެ. އީސީގެ މެންބަރު އަހްމަދު އަކްރަމް ވިދާޅުވީ، ގައުމީ ލަފާދޭ ކޮމެޓީ މިހާރު ވަނީ އެކުލަވާލާފައި ކަމަށާއި އެ ކޮމެޓީގެ ފުރަތަމަ ބައްދަލުވުން މާދަމާ ބޭއްވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ނިމިދިޔަ ރިޔާސީ އިންތިހާބަށް އެކުލަވާލި ގައުމީ ލަފާދޭ ކޮމެޓީގައި ތިއްބެވީ އޭރު އޮތް ހަ ސިޔާސީ ޕާޓީގެ އިތުރުން ދައުލަތުގެ 10 މުއައްސަސާއަކާއި ޖަމިއްޔާތަކުގެ ފަރާތުން އެއް ބޭފުޅެކެވެ. ނަމަވެސް މިފަހަރުގެ ކޮމެޓީގައި ތިއްބަވާނީ 21 މެންބަރުންނެވެ. އެއީ ކުރިން އޮތް ހަ ސިޔާސީ ޕާޓީ އާއި 10 މުއައްސަސާގެ އިތުރުން އަލަށް އުފެއްދި ދެ ސިޔާސީ ޕާޓީ އާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ޖަމިއްޔާއެއްގެ މެންބަރެއްގެ އިތުރުން ހާއްސަ އެހީއަށް ބޭނުންވާ ޖަމިއްޔާގެ މެންބަރެކެވެ. މަޖިލިސް އިންތިހާބާ ގުޅޭ ކަންކަމަށް ލަފާދޭ ގައުމީ ކޮމެޓީގެ ފުރަތަމަ ބައްދަލުވުން އޮންނާނީ މާދަމާ ހެނދުނު 10:30 ގައި އިލެކްޝަންސް ކޮމިޝަނުގަ އެވެ.
މަޖިލިސް އިންތިހާބަށް ގައުމީ ލަފާދޭ ކޮމެޓީ އެކުލަވާލައިފި، ފުރަތަމަ ޖަލްސާ މާދަމާ
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުގައި އެކްޓިން ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމު ފުރުއްވި، އަބްދުﷲ ނަވާޒް ޖުމްހޫރީ ޕާޓީ (ޖޭޕީ) އަށް މިރޭ ސޮއިކުރައްވައިިފި އެވެ. ނަވާޒު ޖޭޕީއަށް ސޮއި ކުރެއްވީ، މިރޭ ކުނޫޒުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އެ ރަސްމިއްޔާތުގައި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމްވެސް ބައިވެރިވެވަޑައިގެންނެވި އެވެ. ނަވާޒު ޖޭޕީއަށް ސޮއި ކުރެއްވުމަށް ފަހު ފޯމު ހަވާލު ކުރެއްވީ ގާސިމާ އެވެ. ނަވާޒު ޖޭޕީއަށް ސޮއި ކުރައްވާފައިވާ އިރު، ރައްޔިތުންގެ މަޖިލީހުގެ ގިނަ އަދަދެއްގެ މެމްބަރުންތަކެއްވެސް ވަނީ ރިޔާސީ އިންތިހާބަށް ފަހ އެ ޕާޓީއަށް ސޮއިކޮށްފަ އެވެ. ރައީސް ޔާމީން އިންތިހާބުން ނާކާމިޔާބުވެވަޑައިގެންނެވުމަށް ފަހު ވަނީ ނަވާޒް އެންވަރަމެންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ކަމަށް އައްޔަން ކުރައްވާފަ އެވެ. ރައީސް ޔާމީންގެ ދައުރު ނިމެންދެން އޭނާ ހުންނެވީ އެ މަގާމުގަ އެވެ. ނަވާޒް ޕޮލިސް އެކްޓިން ކޮމިޝަނަރަކަށް އައްޔަން ކުރެއްވީ، ކުރީގެ ކޮމިޝަނަރު އަރީފް މަގާމުން ވަކި ކުރެއްވުމަށް ފަހު އެވެ. އަރީފް މަގާމުން ވަކި ކުރީ އެކެއް ފެބްރުއަރީގެ އަމުރު ތަންފީޒުކުރައްވާނެ ކަމަށް ވިދާޅުވެފައި ވަނިކޮށެވެ.
ކުރީގެ އެކްޓިން ސީޕީ ނަވާޒު ޖޭޕީއަށް ސޮއިކުރައްވައިފި
ލަންޑަން (ޖެނުއަރީ 27): ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަޑޫރޯގެ އޮފިޝަލުން ބޭންކް އޮފް އިންގްލޭންޑުގައި ހުރި 1.2 ބިލިއަން ޑޮލަރުގެ ރަން ނަގަން މަސައްކަތް ކުރުމުން، ބޭންކުން އެކަން ހުއްޓުވައިފި އެވެ. ބްލޫމްބާގު ނޫހުގައިވާ ގޮތުން އެރަނަކީ ވެނެޒުއޭލާގެ މަރުކަޒީ ބޭންކުގައިވާ އަށް ބިލިއަން ޑޮލަރުގެ ފޮރިން ރިޒާވުގެ ބަޔެކެވެ. ބޭންކް އޮފް އިންގްލޭންޑުން އެފަދައިން އަމަލު ކުރީ، ގައުމުން ބޭރުގައި ހުރި ވެނެޒުއޭލާގެ ފައިސާ މަޑޫރޯއަށް ނުދީ ހުއްޓުވުމަށް އެމެރިކާ ސަރުކާރުން އިނގިރޭސިވިލާތަށް ގޮވާލި ފަހުންނެވެ. އެމެރިކާއިން ވަނީ އެފައިސާ އިދިކޮޅު ލީޑަރުު ހުއާން ގުއައިޑޯއަށް ލިބޭނެ ގޮތް ހެދުމަށް ގޮވަލާފަ އެވެ. އިއްޔެ އިނގިރޭސިވިލާތުން ވަނީ ވެނެޒުއޭލާގައި ކުރިއަށް އޮތް އަށް ދުވަސް ތެރޭ އާ ރިޔާސީ އިންތިހާބެއް ނުބާއްވައިފި ނަމަ ގުއައިޑޯ އަކީ ރައީސް ކަމަށް ބަލައިގަންނާނެ ކަމަށް ބުނެފަ އެވެ. އެގައުމުގެ އިތުރުން އެމެރިކާ، ކެނެޑާ، ބްރެޒިލް އަދި ކޮލޮމްބިއާއިން ވަނީ ގުއައިޑޯއަކީ ރައީސްކަމަށް ބަލައިގަނެފަ އެވެ. މިދިޔަ ބުދަ ދުވަހު ގުއައިޑޯ ވަނީ ވެނެޒުއޭލާގެ ރައީސަކީ އޭނާ ކަމަށް އިއުލާން ކުރައްވާފައެވެ. އޭނާ ވިދާޅުވި ގޮތުގައި ރައީސް މަޑޫރޯ ދެވަނަ ދައުރަކަށް އިންތިހާބުވީ ވޯޓު އޮޅުވާލައްވައިގެންނެވެ. އެހެންކަމުން މަޑޫރޯގެ ވެރިކަން ގަބޫލެއް ނުކުރެވޭނެ ކަމަށެވެ.
ވެނެޒުއޭލާގެ 1.2 ބިލިއަން ޑޮލަރުގެ ރަން ބޭންކް އޮފް އިންގްލޭންޑުން ހިފަހައްޓައިފި
ގއ. ކަނޑުހުޅުދޫގައި އަނބިމީހާއަށް އަނިޔާކޮށް ދަރިފުޅު ގޮވައިގެން މީހަކު ރަށުން ފިލި މައްސަލަ ފުލުހުން ބަލަން ފަށައިފި އެވެ. މިއަދު ހަވީރުގެ ވަގުތެއްގައި ފުވައްމުލަކު މީހަކު ވަނީ ކަނޑުހުޅުދޫއިން ލޯންޗަކަށް އަރައިގެން އޭނާގެ ދަރިފުޅާ އެކު ފިލާފަ އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލަކު "ސަން"އަށް ވިދާޅުވީ، އެ މައްސަލަ ފުލުހުންނަށް މިއަދުގެ ވަގުތެއްގައި ހުށަހަޅާފައިވާ ކަމަށާއި އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ. ކަނޑުހުޅުދޫ ކައުންސިލުގެ ރައީސް އަހުމަދު ޝަހީމް "ސަން"އަށް ވިދާޅުވީ، ދަރިފުޅު ގޮވައިގެން ފިލި ބައްޕައަކީ ފުވައްމުލަކު މީހެއް ކަމަށާއި އޭނާ ދަރިފުޅު ގޮވައިގެން ދިޔައީވެސް ފުވައްމުލަކަށް ކަމަށެވެ. "އެ ކުއްޖާގެ މަންމައަށް ވަރަށް އަނިޔާކޮށްފައި ކުއްޖާ ގޮވައިގެން ފިލައިގެން ދިޔައީ. މިހާރުވީ ފުވައްމުލަކުގައި ކަމަށް ވަނީ،" އޭނާ ވަނީ، ދަރިފުޅު ގޮވައިގެން ފިލި މީހާ އޭނާގެ އަންހެނުންނަށް ބާއްވާފައި ދިޔަ ކަމަށް ބުނާ ނޯޓެއް ވެސް "ސަން"އާ ހިއްސާ ކޮށްފަ އެވެ. އޭގައި ވާ ގޮތުން އޭނާ ރާވާފައި ވަނީ ދެ ހަފްތާ ފަހުން ދަރިފުޅު ގޮވައިގެން މެލޭޝިއާއަށް ފުރުމަށެވެ. ދަރިފުޅު ގޮވައިގެން ފިލި މީހާ އޭނާގެ އަންހެނުންނަށް ބާއްވާފައި ދިޔަ ކަމަށް ބުނާ ނޯޓު-- އެ ދެމަފިރިން ދަރިފުޅާ އެކު ކުރިން ދިރިއުޅެމުން ދިޔައީ ފުވައްމުލަކުގަ އެވެ. ކުއްޖާ ގޮވައިގެން ބައްޕަ ފިލާފައި ވަނީ އޭނާ ކަނހުޅުދޫއަށް ދިޔަތާ ދެ ވަރަކަށް ދުވަސް ފަހުން ކަމަށް ކައުންސިލުން ބުންޏެވެ.
އަނބިމީހާއަށް އަނިޔާކޮށް ދަރިފުޅު ގޮވައިގެން ފިލި މައްސަލައެއް ފުލުހުން ބަލަނީ
އެމިލިއާނޯ ސަލާ އަދި އޭނަގެ ޕައިލެޓް ހޯދުމަށްޓަކައި އިނގިރޭސި ޕޮލިހުން ކުރަމުން ދިޔަ މަސައްކަތް ހުއްޓުމަކަށް ގެނެސްފައި ވާތީ އެ ދެ މީހުން ހޯދުމަށް އަލުން މަސައްކަތް ފެށުމަށް އާޖެންޓީނާގެ ފުޓްބޯޅަ ތަރި ލިއޮނެލް މެސީއާއި ކުރީގެ ފުޓްބޯޅައިގެ ރަސްގެފާނު ޑިއޭގޯ މަރަޑޯނާ ވެސް ގޮވާލައިފިއެވެ. މިދިޔަ ބުރާސްފަތި ދުވަހު ގާންސީގެ ޕޮލިހުން ވަނީ ސަލާ އަދި އޭނާގެ ޕައިލެޓު ހޯދުމުގެ މަސައްކަތް މެދު ކަނޑާލާފައެވެ. ތިން ދުވަހުގެ މަސައްކަތަށް ފަހު ޖުމްލަ 1700 އަކަ މޭލުގެ ސަރަހެއްދެއް ހޯދިފައިވާ ކަމަށާއި ގެއްލުނު ފުލައިޓު އަދި އޭގައި ތިބި ދެމީހުންގެ އެއްވެސް ނިޝާނެއް ވެސް މިހާތަނަށް ފެނިފައި ނުވާ ކަމަށް ގާންސީގެ ފުލުހުން ވަނީ ބުނެފައެވެ. އެމިލިއާނޯ ސަލާ ނަންޓޭސް އަށް ކުޅުނު ދުވަސްވަރުގެ ތެރެއިން -- ފޮޓޯ / ރަޔާން ބެންސަން ސަލާގެ އާއިލާއިން މިވަގުތު ދަނީ އަމިއްލަ ކުންފުންޏަކާ ގުޅިގެން ސަލާ އަދި އޭނާގެ ޕައިލެޓް ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި ތައްޔާރުވަމުންނެވެ. މިކަމަށްޓަކައި ހަރަދު ކުރާނެ ފައިސާގެ އެހީތަށް ފުޓުބޯޅައަށް ލޯބި ކުރާ ގިނަ ފާރަތްތަކަކުން ދަނީ ސަލާގެ އާއިލާ އަށް ފޯރުކޮށްދެމުންނެވެ. އަދި އިނގިރޭސި ފުލުހުން ވެސް މިކަމުގައި ދެވެން އޮތް ހުރިހާ އެއްބާރުލުމެއް ދޭނެ ކަމަށާއި މިކަމުގައި ލިބިފާ ހުރި ހުރިހާ މައުލޫމާތެއް ހިއްސާ ކުރާނެ ކަމަށް ވަނީ ބުނެފައެވެ. ދުނިޔޭގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިންނާއި ކޯޗުންގެ އިތުރުން ފުޓުބޯޅައަށް ލޯބި ކުރާ ގިނަ ބަޔަކު ދަނީ މި އޮޕަރޭޝަން ހުއްޓާ ނުލައި ކުރިއަށް ގެންދިއުމަށް ގޮވާލާ ސޯޝަލް މީޑިއާގައި އަޑު އުފުލަމުންނެވެ. އެގޮތުން ގިނަ ފަރާތަތްތަކަކުން މިކަމުގައި ބޭނުން ކުރަމުންދަނީ "ނޯޑެޖަންޑެބުސްކާ" [ހުއްޓާ ނުލާ ހޯދާ] މިފަދައިން ލިޔެވިފައިވާ ހޭޝްޓެގް އެކެވެ. "އަދިވެސް އުންމީދު އެބަ އޮތް. ހުއްޓާ ނުލާ ހޯދުމަށް ގޮވާލަން. އެމިލިއާނޯގެ އާއިލާއާއި ރައްޓެހިންނަށް ކެއްތެރިކަން ދެއްވުމަށް އެދެން." ލިއޮނަލް މެސީގެ އިންސްޓަގުރާމް ސްޓޯރީއެއްގައި އޭނާ ބުނެފައިވެއެވެ. ޑިއެގޯ މަރަޑޯނާވެސް އޭނަގެ އިންސްޓަގުރާމުގައި ވަނީ އުންމީދު އަދި ނުގެއްލޭ ކަމަށް ބުނެ ސަލާގެ ފޮޓޯއެއް ލާފައެވެ. މީގެ އިތުރުން ސާޖިއޯ އަގުއޭރޯއާއި ގޮންޒާލޯ ހިގުއައިން އަދި އޮޓަމެންޑީ ވެސް ވަނީ ސަލާ ހޯދުމައްޓަކައި މަސައްކަތް ހުއްޓާ ނުލުމަށް ގޮވާލާފައެވެ. ފުރާންސްގެ ނަންޓޭސް އަށް ކުޅެމުން ދިޔަ އެމިލިއާނޯ ސަލާ މިދިޔަ ހަފްތާގައި އިނގިރޭސި ކުލަބެއް ކަމަށް ވާ ކާޑިފް އަށް ސޮއި ކުރުމަށް ފަހު ކުރީގެ ކުޅުންތެރިންނާއި ވަދާއީ ސަލާމް ކުރުމަށް ފަހު އިނގިރޭސި ވިލާތަށް ދަތުރު ކުރުމަށް ވަނީ ފުރާފައެވެ. ނަމަވެސް ވީ ގޮތެއް ނޭނގި ސަލާ ދަތުރު ކުރި ފުލައިޓު ވަނީ އޭގެ ޕައިލެޓާ އެކު ގެއްލިފައެވެ.
މެސީއާއި މަރަޑޯނާގެ ވެސް އެދުމަކީ ސަލާ ހޯދުމުގެ މަސައްކަތް އަލުން ފެށުން
ރައްޔިތުންނަށް ލުއި ފަސޭހަކޮށް ޕާސްޕޯޓްގެ ހިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން އީމެއިލް މެދުވެރިކޮށް ޕާސްޕޯޓަށް އެދުމުގެ ހިދުމަތް އިމިގްރޭޝަނުން ދޭން ފަށައިފިއެވެ. އިމިގްރޭޝަނުން ބުނީ އެގޮތަށް އީމެއިލް މެދުވެރިކޮށް ޕާސްޕޯޓް ހެދުމަށް ހުށަހަޅާ ފަރާތްތަކުގެ ހުރިހާ ޑޮކިއުމެންޓްތައް ހަމަވާ ނަމަ ފައިސާ ދައްކާތާ 48 ގަޑިއިރު ތެރޭގައި ޕާސްޕޯޓް ލިބޭނޭ ކަމަށެވެ. އަދި ފައިސާ ދެއްކުމަށް އިމިގްރޭޝަނަށް ވަޑައިގަންނަވާއިރު ވެރިފަރާތް ނުވަތަ ވެރިފަރާތުން ކަނޑައަޅާ ފަރާތެއް ކަން އެނގޭނެ ލިއުމެއް ގެންނެވުމަށް އިމިގްރޭޝަނުން އެދެއެވެ. އިމިގްރޭޝަނުން ބުނީ އީމެއިލް މެދުވެރިކޮށް ޕާސްޕޯޓު ހެއްދުމަށް ލިޔުންތައް ހުށަހަޅަންޖެހޭނީ އެ މުއައްސަސާގެ އީމެއިލް އެޑްރެސް pp@immigration.gov.mv އަށް ކަމަށެވެ. އަދި ބުނީ އީމެއިލް ފޮނުވާއިރު އީމެއިލްގެ ސަބްޖެކްޓުގައި ވެރިފަރާތުގެ ފުރިހަމަނަން، އައި.ޑީ ކާޑް ނަންބަރު އަދި ގުޅޭނެ ނަންބަރު އޮންނަންވާނެ ކަމަށެވެ. އީމެއިލް މެދުވެރިކޮށް ޕާސްޕޯޓަށް އެދޭއިރު، ޕާސްޕޯޓަށް އެދޭ ފޯމާއި އައިޑީކާޑުގެ ކޮޕީއާއި 10 ރުފިޔާގެ ރެވެނިއު ސްޓޭމްޕްގެ އިތުރުން އެންމެ ފަހުން ހަދާފައިވާ ޕާސްޕޯޓްގެ ޑޭޓާ ޕެކޭޖްގެ ކޮޕީއާއި ޕާސްޕޯޓް ސައިޒްގެ، އެއް މަސް ހަމަނުވާ ފޮޓޯއެއް ހުށަހަޅަން ޖެހޭނެ ކަމަށް ވެސް އިމިގްރޭޝަނުން ބުންޏެވެ. އޮންލައިންކޮށް ޕާސްޕޯޓަށް އެދުމުގެ ފުރުސަތު ހުޅުވާލިއިރު، އިމިގްރޭޝަނާ މުއާމަލާތް ކުރެވޭނެ ހާއްސަ ނިޒާމެއް ގާއިމްކޮށް އަންނަ މަހުގެ 25 އިން ފެށިގެން އިމިގްރޭޝަނުގައި ކޯލް ސެންޓަރެއް ގާއިމުކުރަންވެސް ވަނީ ނިންމައިފައެވެ.
އީމެއިލުން ޕާސްޕޯޓަށް އެދުމުގެ ހިދުމަތް ދޭން ފަށައިފި
ދޫނިދޫގައި މިއަދު މަރުވި އަންހެން މީހާއަށް ލިބިދޭން ޖެހޭ އެންމެހާ ހައްގުތަކާއި ފުލުހުންގެ ފަރާތުން ފޯރުކޮށްދޭން ޖެހޭ އެންމެހާ ހިދުމަތްތައް ފޯރުކޮށްދީފައިވާނެ ކަމަށް ފުލުހުން ބުނެފި އެވެ. މިއަދު ދޫނިދޫގައި މަރުވެފައި ވަނީ އުމުރުން 23 އަހަރުގެ އަންހެނެކެވެ. ފުލުހުން ބުނި ގޮތުގައި އޭނާ އަކީ ފޭރުމުގެ މައްސަލައަކާ ގުޅިގެން ބަންދުކޮށްފައި ހުރި އަންހެނެކެވެ. އެ އަންހެން މީހާގެ މަރާ ގުޅިގެން ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ އެ އަންހެން މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނު ވަގުތުން ފެށިގެން އަދި ދޫނިދޫގައި ބަންދުކޮށްފައި ހުރި މުއްދަތުގައި އޭނާއަށް ލިބިދޭން ޖެހޭ އެންމެހާ ހައްގުތަކާއި ފުލުހުންގެ ފަރާތުން ފޯރުކޮށްދޭން ޖެހޭ އެންމެހާ ހިދުމަތްތައް ފޯރުކޮށްދީފައިވާނެ ކަމަށެވެ. އެގޮތުން ދެ ފަހަރެއްގެ މަތިން އޭނާ ޑޮކްޓަރަށް ދައްކައި ފަރުވާދީފައިވާނެ ކަމަށް ފުލުހުން ބުންޏެވެ. އެ ބަޔާނުގައި އިތުރަށް ބުނީ، އެ އަންހެން މީހާ މަރުވި މައްސަލަ ބަލަން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް)އާއި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގައި އެދިފައިވާނެ ކަމަށެވެ. އަދި އެ މައްސަލައިގައި ފުލުހުންގެ ފަރާތުން އެއްބާރުލުން ދޭނެ ކަމަށްވެސް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ. އޭގެ އިތުރުން، އެ އަންހެން މީހާގެ ހަށިގަނޑުގެ އޮޓޯޕްސީއެއް ހެދުމާ ބެހޭ ގޮތުން އާއިލާއާ މަޝްވަރާކޮށްދިނުމަށްވެސް އެ ދެ ކޮމިޝަނުގައި އެދިފައިވާނެ ކަމަށް ފުލުހުންގެ ބަޔާނުގައި ވަނީ ބުނެފަ އެވެ. ދޫނިދޫ ޖަލަކީ، ފުލުހުން ތަހުގީގު ކުރާ މައްސަލަތަކާ ގުޅިގެން ހައްޔަރު ކުރާ މީހުން ބައިތިއްބާ ޖަލެވެ. އެ ޖަލު ބަލަހައްޓަނީ ވެސް ފުލުހުންނެވެ.
ދޫނިދޫގައި މަރުވި އަންހެން މީހާގެ ހައްގުތައް ކަށަވަރުކޮށްދީފައިވާނެ: ފުލުހުން
ތެހެރާން (ޖަނަވަރީ 15) : އީޜާނުން މިއަދު ޖައްވަށް ފޮނުވި ސެޓަލައިޓް އޭގެ އޯބިޓަށް ވާސިލްވުމުގައި ނާކާމިޔާބުވެފައިވާ ކަމަށް އެގައުމުން ބުނެފި އެވެ. ފަޒާގެ ދިރާސާތަކާ ބެހޭ އީޜާނުގެ އިމާމް ޚުމައިނީ މަރުކަޒުން ބުނީ "ބިޔާމް"ގެ ނަމުން ނަންދީފައިވާ އެސެޓަލައިޓް ޖައްވުގެ މަތީ އޯބިޓްތަކަށް ވާސިލު ވުމުގައި ނާކާމިޔާބު ވެފައިވާ ކަމަށާއި އެހެން ދިމާވީ އެ ސެޓަލައިޓް ފޮނުވުމަށް ބޭނުން ކުރި ދުރުރާސްތާގެ ރޮކެޓްގެ ސްޕީޑް އެންމެ ފަހުވަގުތު ދަށްވުމުންނެވެ. ރޮކެޓްގެ ސްޕީޑް ދަށްވީ އޭގެ އެންމެ ފަހުގެ މަރްހަލާގައި ކަމަށާއި އޭގެ ފުރަތަމަ މަރްހަލާއާއި ދެވަނަ މަރްހަލާ ކާމިޔާބުކަމަށް ވެސް އިމާމް ޚުމައިނީ ސްޕޭސް ސެންޓަރުން ނެރުނު ބަޔާނެއް ބުނެ އެވެ. އީރާނުގެ ކޮމިއުނިކޭޝަނާބެހޭ ވަޒީރު މުހައްމަދު ޖަވާދު ޖަހްރަމީ ވެސް ވަނީ އީޜާނުން މިއަދު ޖައްވަށް ފޮނުވި ސެޓަލައިޓް އޭގެ އޯބިޓަށް ވާސިލް ނުވާކަމަށް ވިދާޅުވެފަ އެވެ. މިއީ ޖައްވީ ރޮކެޓްގެ ފަންނީ މައްސަލައެއް ކަމަށާ ލިބުނު ތަޖްރިބާގެ އަލީގައި ރޮކެޓް ވަރުގަދަކޮށް އޭގެ ސްޕީޑް ވަރުގަދަކުރާނެކަމަށް ޖަހްރަމީ ވިދާޅުވި އެވެ. އީރާނުން ވަނީ އަންނަ ހަފްތާގައި "ދޯސްތީ"ގެ ނަމުގައި އިތުރު ސެޓަލައިޓެއް ޖައްވަށް ފޮނުވަން ވެސް ނިންމައިފަ އެވެ. ނަމަވެސް މިއަދުގެ ސެޓަލައިޓަށް ކުރިމަތިވި ފަންނީ މައްސަލައާ ގުޅިގެން ދެވަނަ ސެޓަލައިޓް ފޮނުވުން ވަނީ މަޑުޖައްސާލައިފަ އެވެ. އީޜާނުން މިއަދު ޖައްވަށް ފޮނުވި ސެޓަލައިޓް އޭގެ އޯބިޓަށް ވާސިލް ނުވެ ޖައްވަށް ދޫވެފައި ވުމުން އޭގެ ބޭނުން ނުކުރެވޭނެކަމަށް އެ ގައުމުގެ ސައެންސްޓިސްޓުން ބުނެ އެވެ. އީޜާނުން ފުރަތަމަ ޖައްވަށް ސެޓަލައިޓެއް ފޮނުވާފައި ވަނީ 2009 ވަނަ އަހަރު އެވެ. އެއަށް ފަހު ހަތަރު ސެޓަލައިޓް ޖައްވަށް ފޮނުވާފައިވާ އިރު މިއަދު މިފޮނުވީ އެއަށް ވުރެ ފެންވަރުމަތީ ޖީލެއްގެ ސެޓަލައިޓެކެވެ. އެއީ ޖައްވުގެ ވަރަށް ދުރުގައިވާ އޮބިޓަކަށް ފޮނުވި ސެޓަލައިޓެކެވެ. އީޜާނުން ޖައްވަށް ސެޓަލައިޓް ފޮނުވާފައި މިވަނީ އެކަން ނުކުރުމަށް އެމެރިކާ އިންޒާރު ދީފައިވަނިކޮށެވެ. އީރާނުން ވަނީ ޖައްވަށް އިންސާނަކު ފޮނުވުމަށް ތަޖުރިބާ ކުރުމުގެ ގޮތުން ރާމާ މަކުނެއް ޖައްވަށް ފޮނުވައިފަ އެވެ. އީރާނުން އެސްޓްރޮނޯޓަކު ޖައްވަށް ފޮނުވަން ރާވާފައި ވަނީ 2023 ވަނަ އަހަރު އެވެ. (ނޫސްއެޖެންސީތައް)
އީރާނުން ފޮނުވި ސެޓަލައިޓް އޭގެ އޯބިޓަށް ވާސިލު ނުވެ ނާކާމިޔާބުވެއްްޖެ
ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން، ފެންގަނޑުތައް ހިނދި އޮސްޓްރޭލިއާގައި މަރުވާ ޖަނަވާރުތައް އިތުރުވާން ފަށައިފި އެވެ. އޮސްޓްރޭލިއާގެ ޖަނަވާރުތަކާ ބެހޭ އޮފިޝަލަކާ ހަވާލާދީ ސީއެންއެން އިން ބުރާސަފަތި ދުވަހު ބުނީ، ފެން ހޯދުމަށް އެތައް ޖަނަވާރުންނެއް ކޯރުތައް ދޮށަށް ކޮންމެ ދުވަހަކުދާ ކަމަށާއި ނަމަވެސް އެ ފެންގަނޑުތައް އެއްކޮށް ހިނދިފައިވުމުން އެ ސޮރުމެން އެނބުރި ދާ ކަމަށެވެ. "އެ ހިސާބުގަނޑުގައި އަސްތަކަށް އަޅާލައި އަދި ޖަނަވާރުތައް ދިރިދެމި ތިބުމަށް ދިމާވާ މައްސަލަތަކާ ގުޅިގެން އެ މީހުން ވަރަށް ކަންބޮޑުވޭ،" ޖަންގަލިތައް ކައިރީގައި އުޅޭ މީހުންގެ އިހުސާސް އޮފިޝަލް ވިދާޅުވި އެވެ. އޮސްޓްރޭލިއާގެ ދަ ސެންޓަރަލް ލޭންޑް ކައުންސިލުން ބުރާސްފަތި ދުވަހު ބުނީ 50 އަށް ވުރެ ގިނަ އަސް ފެންގަނޑުތައް ހުންނަ ސަރަހައްދުތަކުގައި އިންޖެކްޝަން ޖަހައި މަރާލާފައިވާ ކަމަށެވެ. "ވަރަށް ގިނަ އަހާއި އަދި އެ ނޫން ޖަނަވާރުތައް ދަނީ މަރުވަމުން، ފެން ނުލިބި އަދި ކާނާ ނުލިބުމުގެ ސަބަބުން،" ދަ ސެންޓަރަލް ލޭންޑް ކައުންސިލުން ނެރުނު ބަޔާނުގައި ބުންޏެވެ. އެ ކައުންސިލުން ބުނީ އިތުރު 120 ޖަމަލު، އަސް އަދި ޑޮންކީ އެ ގޮތަށް މަރަން ނިންމާފައިވާ ކަމަށެވެ.
ހޫނުވެ، ފެންގަނޑުތައް ހިނދި މަރުވާ ޖަނަވާރުތައް އިތުރުވާން ފަށައިފި
އެނަރޖީ އެފިޝަންސީ ގައިޑްލައިނެއް ތައްޔާރުކުރުމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ޕްރައިސް ވޯޓާ ހައުސް ކޫޕަސްއަށް ޙަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ. އެ މިނިސްޓްރީގައި މިއަދު ބޭއްވި ސޮއި ކުރުމުގެ ރަސްމިއަޔާތުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެންވަޔަރަންމަންޓް މިނިސްޓަރު ޑރ. ޙުސެއިން ރަޝީދު ހަސަނެވެ. އަދި ޕްރައިސް ވޯޓާ ހައުސް ކޫޕާސްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރު ޕްރަސަންތާ ކުމާރު މިސްރާ އެވެ. އެންވަޔަރަންމަންޓް މިނިސްޓްރީން ބުނީ، އެނާޖީ އެފިޝަންސީ ގައިޑްލައިން އަކީ އިމާރާތްތަކުގައި ބޭނުންކުރާ ކަރަންޓުގެ ނިސްބަތް ދަށްކޮށް، ޖައްވަށް ބޭރުކުރާ ގްރީންހައުސް ގޭހުގެ މިންވަރު މަދުކުރުމުގެ މަޤްސަދުގައި ތައްޔާރުކުރެވޭ ގައިޑްލައިނެއް ކަމަށެވެ. އެނާޖީ އެފިޝަންސީ ގައިޑްލައިންގެ ސަބަބުން ރާއްޖެގައި ހަދާ އިމާރާތްތަކަކީ ތިމާވެއްޓާއި ރައްޓެހި އިމަރާތްތަތަކަށް ހެދުމަށް މަގުފަހިވާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ. އެގޮތުން އިމާރާތްކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ އާކިޓެކްޓުނާއި ސިވިލް އިންޖިނިއަރުން އަދި އިމާރާތްތަކުގެ ވެރިން، އިމާރާތް ކުރުމުގެ މަސައްކަތް ކުރާ ފާރާތްތަކަށް ފަސޭހައިން އެނާޖީ އެފިޝަންސީ ސިފަތައް ހިމަނައިގެން އިމާރާތްތައް ފަރުމާކުރުމަށް ފަސޭހަވާނެ ކަމަށް އެ މިނިސްޓްރީ އިން ބުނެ އެވެ. އަދި އެނާރޖީ އެފިޝަންސީ އާއި ގުޅުންހުރި ކަންކަމަށް މަލީ އިދާރާތަކުން އެހީތެރިކަން ފޯރުކޮށްދިނުމުގައި ބަލާނެ މިންގަނޑެއް އެކަށައެޅުމަށް އެފަދަ އިދާރާތަކަށް ފަސޭހަވާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ. އެނާޖީ އެފިޝަންސީ ގައިޑްލައިނެއް ތައްޔާރުކުރުމަށް އެއްބަސްވުމުުގައި ސޮއި ކުރުމުގެ ރަސްމިއްޔާތު ތެރެއިން -- ފޮޓޯ އެންވަޔަރަންމަންޓް މިނިސްޓްރީ މި ގައިޑްލައިން ތައްޔާރުކުރުމުގައި ރާއްޖޭގައި މިހާރު ހުރި އިމާރާތްތަކުގެ ސަރވޭއެއް ހަދައި އެ އިމާރާތްތަކުގައި ހަކަތަ ސަމަކާރަ ކުރެވޭ މިންވަރު ދެނެގަނެ، އެފަދަ އިމާރާތްތަކަށް ބައެއްކަހަލަ ބަދަލުގެނެސްގެން އިމާރާތުގައި ބޭނުންކުރާ ހަކަތަ ސަމަކާރަ ކުރެވޭނެ މިންވަރު އިތުރުކުރެވޭނެ ގޮތްތައް ދެނެގަނެވޭނެއެވެ. މި މަސައްކަތަކީ އދ.ގެ ތިމާވެށްޓާބެހޭ ޖަމްޢިއްޔާ ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމް (ޔުނެޕް) ގުޅިގެން ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ (ޖީއީއެފް)ގެ އެހީގައި ކުރިއަށް ގެންދާ ސްޓްރެންތެނިން ލޯ ކާބަން އެނަރޖީ އައިލެންޑް ސްޓްރެޓެޖީސް މަޝްރޫއޫގެ ދަށުން ކުރުއަށްގެންދާ މަސައްކަތެކެވެ.
އެނާޖީ އެފިޝަންސީ ގައިޑްލައިނެއް ތައްޔާރުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ސެކްރެޓަރީ ޖެނެރަލްގެ އެޑްވައިޒަރުގެ ވަޒީފާއަށް އިސްލާމިކް ޔުނިވާސިޓީގެ ކުރީގެ ޗާންސެލަރު، ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ނުކުންނަވަން ފައްޓަވައިފި އެވެ. ނިމިދިޔަ ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ކެންޑިޑޭޓު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ރަނިންގް މޭޓެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ޝަހީމް ފޭސްބުކުގައި އާންމު ކުރެއްވި ޕޯސްޓެއްގައި ވަނީ މި ހަފްތާގެ އާދީއްތަ ދުވަހު އޭނާ އޯއައިސީގެ ވަޒީފާ އަދާ ކުރައްވަން ފެއްޓެވިކަން ހާމަކުރައްވާފަ އެވެ. އަދި އޭނާ ވަނީ އެ ޕޯސްޓުގައި އޯއައިސީގެ އޮފީހުގައި އޭނާ އިންނަވަނިކޮށް ނަގާފައިވާ ފޮޓޯއެއް ހިއްސާ ކުރައްވާފަ އެވެ. ޑރ. ޝަހީމް އޯއައިސީ އޮފީހުގައި ރާއްޖެވެސް ހިމެނޭ ގޮތަށް ދުނިޔޭގެ 58 އިސްލާމީ ގައުމުތައް ހިމެނޭ އޯއައިސީގެ މައި އިދާރާ ހުންނަނީ ސައުދީ އަރަބިއްޔާގެ ޖިއްދާގައެވެ. ޝަހީމް އެޑްވައިޒަރުކަން ކުރައްވަނީ އޯއައިސީގެ ސެކެޓްރީ ޖެނެރަލް ޑރ. ޔޫސުފް ބިން އަހުމަދު އަލް އުސައިމީން އަށެވެ. އޭނާ ވަނީ މިދިޔަ އަހަރުގެ ތެރޭގައި ރާއްޖެއަށް ޒިޔާރަތް ކޮށްފަ އެވެ. އޯއައިސީގައި މަސައްކަތް ކުރެއްވުމަށް ސައުދީއަށް ފުރާވަޑައިގަންނަވަމުން ޝަހީމް ވިދާޅުވެފައި ވަނީ އޭނާ ގައުމާއި ދީނަށް ހިދުމަތް ކުރާނެ ކަމަށެވެ. އަދި ގިނަ ގިނައިން ގައުމަށް އަންނާނެ ކަމަށާއި، ދީނީ ފޯރަމްތައް ފަދަ ކަންކަމުގައި ބައިވެރިވުމަށް ލިބޭ ދައުވަތުތައް ގަބޫލު ކުރައްވާނެ ކަމަށެވެ. "ދުރުގައި ހުއްޓަސް އަދިވެސް ހިތާއި ރޫހު ވަނީ މި ލޮބުވެތި ފަހުރުވެރި ދިވެހި ރާއްޖެއާ އެކު އެވެ. އިސްލާމް ދީނާއި ދިވެހި ގައުމަށް ހިދުމަތް ކުރާނަމެވެ." އޭނާ ވިދާޅުވި އެވެ. ރ. ޝަހީމަށް އޯއައިސީގެ ސެކްރެޓަރީ ޖެނެރަލްގެ އެޑްވައިޒަރުގެ މަގާމު ލިބިވަޑައިގެންނެވި އިރު، ރާއްޖޭގެ ކުރީގެ ފޮރިން ސެކްރެޓަރީ އަހްމަދު ސަރީރުވެސް ގެންދަވަނީ އޯއައިސީގެ ސެކްރެޓަރީ ޖެނެރަލްގެ އެޑްވައިޒަރެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުންނެވެ.
ޝަހީމް އޯއައިސީގެ ވަޒީފާއަށް ނުކުންނަވަން ފައްޓަވައިފި
ތެހެރާން (ޖަނަވަރީ 27): މެދުއިރުމަތީގައި ހަމަނުޖެހުން އުފައްދަން މަސައްކަތް ނުކުރުމަށް އީރާނުން ފަރަންސޭސިވިލާތަށް ގޮވާލައިފިއެވެ. ލީބިޔާއާއި ސޫރިޔާ ފަދަ ގައުމުތަކުގެ ހަނގުރާމަވެރި ޖަމާއަތްތަކަށް ހަތިޔާރުދީގެން އެގައުމުތަކުގައި ހަމަނުޖެހުން އުފެއްދުމަށް ފަރަންސޭސިވިލާތުން މަސައްކަތް ކުރާ ކަމަށް ތުހުމަތުކޮށް އީރާނުގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނުގައި ފަރަންސޭސީންގެ ސިޔާސަތަކީ އަބަދުވެސް މެދުއިރުމަތީގައި ހަމަނުޖެހުން އުފައްދައި ގައުމުތަކުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަނުމުގެ ސިޔާސަތެއް ކަމަށާ ޚާއްސަކޮށް ލީބިޔާ ނާކާމިޔާބު ސްޓޭޓަކަށް ބަދަލުވެގެން ދިޔުމުގައި އެގައުމުގެ ވާދަވެރި ފަރާތްތަކަށް ހަތިޔާރު ފޯރުކޮށްދީގެން ފަރަންސޭސިވިލާތުން އަދާކުރި ނުބައި ދައުރު ފާހަގަކޮށްލެވޭ ކަމަށް ބުނެފައިވެއެވެ. އަދި އިސްރާއީލުން ފަލަސްތީނުގައި ގެންގުޅޭ އިސްތިއްމާރީ އަދި ލާއިންސާނީ ސިޔާސަތުތަކަށް ތާއީދުކޮށް އިސްރާއީލުގެ އަނިޔާވެރިކަން ދިފާއުކުރުމުގައި ފަރަންސޭސިވިލާތުން އަދާކުރާ ދައުރުވެސް ކުށްވެރިކޮށްފައިވެއެވެ. މިގޮތުން އިސްރާއީލުގެ އަޅުވެތިކަމާ ދެކޮޅަށް މިނިވަންކަމުގެ ޖިހާދުކުރާ ފަލަސްތީނާއި ލުބްނާނުގެ ޖަމާއަތްތަކަކީ ޓެރަރިސްޓް ޖަމާއަތްތައް ކަމަށް ސިފަކޮށް އިސްރާއީލުގެ ލާއިންސާނީ އަމަލުތައް ފޮރުވުމުގައި ފަރަންސޭސި ސަރުކާރުން އަދާކުރާ ދައުރުގެ ނުރައްކާތެރިކަން ފާހަގަކޮށްފައިވެއެވެ. މީގެއިތުރުން ޔަމަންގެ ހަނގުރާމަ ދިގުދެމިގެން ދިޔުމުގައި ފަރަންސޭސި ސަރުކާރުން ޔޫއޭއީއާއި ސައޫދީއަށް ވިއްކަމުން ދާ ހަތިޔާރު މުހިއްމު ދައުރެއް އަދާކުރާއިރު ސޫރިޔާގެ ސަރުކާރު ވައްޓާލަން މަސައްކަތްކުރާ ހަނގުރާމަވެރި ޖަމާއަތްތަކަށް ފަރަންސޭސިވިލާތުން ހަތިޔާރު ފޯރުކޮށްދީ ސޫރިޔާގައި ހަމަނުޖެހުން އުފައްދަން ފަރަންސޭސި ސަރުކާރުން އަދިވެސް މަސައްކަތްކުރާ ކަމަށް ބުނެފައިވެއެވެ. މީގެއިތުރުން ސޫރިޔާގެ ހުއްދައަކާ ނުލައި ފަރަންސޭސި ބާރުތައް ގާނޫނާ ޚިލާފަށް ސޫރިޔާގައި ބައިތިއްބާ މައްސަލަވެސް އީރާނުގެ ޚާރިޖީ ވުޒާރާގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އީރާނުން ފަރަންސޭސިވިލާތުގެ މައްޗަށް މި ތުހުމަތުތައް ކޮށްފައި މިވަނީ އީރާނުން ކުރިޔަށްގެންދާ ބަލިސްޓިކް މިސައިލް ޕްރޮގްރާމް ހުއްޓާލަންޖެހޭ ކަމަށާ އެކަމުގައި އީރާނުގެ އެއްބާރުލުން ނުލިބޭނަމަ އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން ފަސްނުޖެހޭނެކަމަށްބުނެ ފަރަންސޭސި ޚާރިޖީވަޒީރު ޖީން އީވް ލޮދްރިޔާން ވާހަކަ ދައްކަވާފައި ވަނިކޮށެވެ. ފަރަންސޭސި ޑިޕްލޮމެޓުންގެ ބައްދަލުވުމެއްގައި ލޮދްރިޔާން ވިދާޅުވެފައިވަނީ އީރާނުން އުފައްދާ މިސައިލާއި ރޮކެޓް މެދުއިރުމަތީގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާއަތްތަކަށް ލިބެމުންދާތީ އީޜާނުގެ މިސައިލް ޕްރޮގްރާމަކީ ހުއްޓާލަންޖެހޭ ޕްރޮގްރާމެއް ކަމުގައެވެ. މިއީ އިސްރާއީލުގެ އަޅުވެތިކަމާ ދެކޮޅަށް މިނިވަންކަމުގެ ޖިހާދުކުރާ ފަލަސްތީނާއި ޖަމާއަތްތަކާއި ލުބްނާނުގެ ހިޒްބުﷲ ޖަމާއަތަށް އީރާނުން ހަތިޔާރު ފޯރުކޮށްދޭ މައްސަލައަށް އިޝާރާތް ކުރައްވައި ލޮދްރިޔާން ދެއްކެވި ވާހަކަތަކެއް ކަމަށްވަނީ ބެލެވިފައެވެ. އީރާނުންވަނީ އެގައުމުން ކުރިޔަށްގެންދާ ބަލިސްޓިކް މިސައިލް ޕްރޮގްރާމް ހުއްޓާނުލާނެ ކަމަށް ބުނެފައެވެ. ފަރަންސޭސިވިލާތްފަދަ ޔޫރަޕްގެ ގައުމުތަކާއި އެމެރިކާއާއި އިސްރާއީލުން މިސައިލް އުފައްދާއިރު އީރާނަށް އެކަން ނުކުރެވެންވީ ސަބަބަކާމެދު އީރާނުގެ މަސްއޫލުވެރިން ސުވާލުކުރައްވައެވެ. އެހެންކަމުން މިސައިލް ޕްރޮގްރާމާމެދު އެއްވެސް ގައުމަކާ ވާހަކަ ނުދެއްކުމަށް އީރާނުންވަނީ ނިންމާފައެވެ. އީރާނުގެ ބަލިސްޓިކް މިސައިލް ޕްރޮގްރާމަކީ ދުނިޔޭގެ ބޮޑެތި ބާރުތަކާއި އީރާނާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމުގައިވެސް ހިމެނޭ ކަމެއް ނޫންކަމުން އެ ޕްރޮގްރާމާމެދު ވާހަކަދައްކަން ޖެހޭ ސަބަބެއް ނޯންނާނެ ކަމަށް އީރާނުން ބުނެއެވެ. އީރާނުގެ މިސައިލް ޕްރޮގްރާމް ހުއްޓުވަން އެމެރިކާއާއި ފަރަންސޭސިވިލާތްފަދަ ހުޅަނގުގެ ގައުމުތަކުން މަސައްކަތް ކުރަނީ އިސްރާއީލުގެ ދިފާއުގައި ކަމަށް އީރާނުން ބުނެއެވެ. (ނޫސްއެޖެންސީތައް)
ފަރަންސޭސިވިލާތުން މެދުއިރުމަތީގައި އަދާކުރަނީ ފަނާކުރަނިވި ދައުރެއް: އީރާން
ޣައްޒާ (ޖެނުއަރީ 27): ގަތަރުން ޣައްޒާގެ ރައްޔިތުންނަށް ނުވަ މިލިއަން ޑޮލަރުގެ ފައިސާގެ އެހީ ފޯރުކޮށްދީފި އެވެ. ގަތަރުން ޣައްޒާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުހައްމަދު އަލް އިމާދީއާ ހަވާލާދީ ފަލަސްތީނުގެ މީޑިއާތަކުގައިވާ ގޮތުން އެފައިސާ ދޭން ހަމަޖެހިފައި ވަނީ ޣައްޒާގެ ފަގީރުންނަށެވެ. "ޣައްޒާގެ ފަގީރު އާއިލާތަކަށް ގަތަރުން ދޭ އެހީ ހޮނިހިރު ދުވަހު ޣައްޒާއަށް ދާނެ އަދި 94،000 އާއިލާއަށް ދޭނެ،" އަލް އިމާދީ ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ކޮންމެ އާއިލާއަށް ދޭން ހަމަޖެހިފައި ވަނީ 100 ޑޮލަރެވެ. އަދި ފައިސާ ހަވާލު ކުރުމުގެ މަސައްކަތް އިއްޔެ އާއި މިއަދު ކުރިއަށްދާނެ އެވެ. އިސްރާއީލްގެ ނޫހެއްގައިވާ ގޮތުން ގަތަރުން ނިންމާފައި އޮތީ ހަތަރު މަސް ތެރޭ ކޮންމެ އާއިލާއަކަށް ޖުމްލަ 400 ޑޮލަރު ދިނުމަށެވެ. އިސްރާއީލާއި ޣައްޒާގެ ވެރިކަން ކުރާ ހަމާސްއާ ދެމެދު ހެދި ނުރަސްމީ އެއްބަސްވުމެއްގެ ދަށުން ގަތަރުން ވަނީ ޣައްޒާއަށް މަހަކު 15 މިލިއަން ޑޮލަރުގެ އެހީ ދޭން އެއްބަސްވެފަ އެވެ. އެއެއްބަސްވުމުގައި ވަނީ ޣައްޒާ ބޯޑަރުގައި ހަމަނުޖެހުން ކުޑަކޮށްފި ނަމަ ގަތަރުގެ އެހީ ޣައްޒާއަށް ފޯރުކޮށްދޭނެ ކަމަށް އިސްރާއީލުން ބުނެފަ އެވެ. ނަމަވެސް އޭގެ ތެރެއިން ގިނަ ފައިސާ ބޭނުން ކުރަނީ ހަމާސްގެ ސިވިލް ސާވެންޓުންގެ މުސާރަ ދިނުމަށެވެ. އަދި ޣައްޒާގެ އާއިލާތަކަށް ދޭން ހަމަޖެހިފައި ވަނީ ފަސް މިލިއަން ޑޮލަރެވެ. މިދިޔަ ބުރާސްފަތި ދުވަހު އެފައިސާ ފުރަތަމަ ހަވާލު ކުރަން މަސައްކަތް ކުރުމުން ހަމާސް އިން ވަނީ ފައިސާ ގަބޫލު ކުރަން ދެކޮޅު ހަދާފަ އެވެ. އެޖަމާއަތުން ބުނި ގޮތުގައި އިސްރާއީލުން އެފައިސާ ޣައްޒާއަށް ފޯރުކޮށްދިނީ، އެގައުމުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ދެ ވަނަ ދައުރަކަށް އިންތިހާބުވުމަށް ކުރައްވަމުންގެންދަވާ ކެމްޕެއިންގެ ދަށުންނެވެ. އޭގެ ސަބަބުން ގަތަރުން ވަނީ ހަމާސްއިން ގަބޫލު ނުކުރި ފައިސާ ބޭނުން ކުރާނީ ޣައްޒާގައި އދ.އާ ގުޅިގެން ހިއުމެނިޓޭރިއަން ޕްރޮޖެކްޓުތައް ހިންގަން ކަމަށް ބުނެފަ އެވެ.
ޣައްޒާއަށް ގަތަރުން ނުވަ މިލިއަން ޑޮލަރުގެ ފައިސާގެ އެހީ ދީފި
އޯޑިޓާ ޖެނެރަލްގެ އޮފީހަށް މާލީ ބަޔާން ހުށަހަޅާފައި ވަނީ ހަތަރު މިނިސްޓަރުން ކަން މިއަދު އެ އޮފީހުން ހާމަކޮށްފި އެވެ. ގާނޫނު އަސާސީގެ 138 ވަނަ މާއްދާގައި ބުނެފައި ވަނީ ވަޒީރުންގެ މަޖިލީހުގެ ކޮންމެ މެންބަރަކުވެސް އަހަރަކު އެއްފަހަރު އޮޑިޓް އޮފީހަށް މާލީ ބަޔާން ހުށަހަޅަން ވާނެ ކަމަށެވެ. އަދި ގާނޫނު އަސާސީގެ 120 ވަނަ މާއްދާގައި އެ ކަން ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް ވެސް ލާޒިމު ކުރެ އެވެ. ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އާއި ނައިބް ރައީސް ފައިސަލް ނަސީމްގެ އިތުރުން ދައުލަތުގެ ހުރިހާ ވަޒީރުންގެ މާލީ ބަޔާން މި މަހުގެ 10 ވަނަ ދުވަހު ރައީސް އޮފީހުގެ ވެބްސައިޓުގައި ވަނީ އާންމުކޮށްފަ އެވެ. އެހެން ނަމަވެސް، މިއަދު އޮޑިޓާ ޖެނެރަލްގެ އޮފީހުން އެ އޮފީހަށް މާލީ ބަޔާން ހުށަހަޅަން ޖެހޭ، އަދި ހުށަހަޅާފައިވާ ފަރާތްތަކުގެ މައުލޫމާތު އާންމު ކުރި އިރު މިނިސްޓަރުންގެ ތެރެއިން އޮޑިޓް އޮފީހަށް މާލީ ބަޔާން އަދި ހުށަހަޅާފައި ވަނީ ހަތަރު މިނިސްޓަރުންކަން ވަނީ ހާމަކޮށްފަ އެވެ. ރައީސް ސޯލިހާއި ނައިބު ރައީސް ފައިސަލް ވެސް އަދި އޮޑިޓް އޮފީހަށް މާލީ ބަޔާން ހުށަހަޅާފައި ނުވެ އެވެ. އޮޑިޓް އޮފީހަށް މިހާތަނަށް މާލީ ބާޔާން ހުށަހެޅީ، ހައުސިން މިނިސްޓަރު އާތިފާ ޝަކޫރާއި، ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދާއި، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި، އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ އެވެ. ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އާއި ނައިބް ރައީސް ފައިސަލް ނަސީމްގެ އިތުރުން ދައުލަތުގެ ހުރިހާ ވަޒީރުންގެ މާލީ ބަޔާން ރައީސް އޮފީހުގެ ވެބްސައިޓުގައި އާންމު ކުރި ނަމަވެސް، އެ ބަޔާންތައް ތަފްސީލު ނޫން ކަަމަށް ބުނެ ގިނަ ބަޔަކު ވަނީ ޝަކުވާ ކޮށްފަ އެވެ. އެ ބޭފުޅުންގެ އިތުރުން ދެން އޮޑިޓް އޮފީހަށް މާލީ ބަޔާން ހުށަހަޅަން ގާނޫނު ލާޒިމް ކުރަނީ، ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)، އިލެކްޝަންސް ކޮމިޝަން (އީސީ)، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެެމްބަރުންނަށާއި ި ޕްރޮސެކިއުޓާ ޖެނެރަލަށެވެ. އޭގެ ތެރެއިން އޭސީސީގެ އެއްވެސް މެމްބަރަކު އަދި މާލީ ބަޔާން ހުށަހަޅާފައި ނުވާ އިރު އިލެކްޝަންސް ކޮމިޝަނުގެ ހުރިހާ މެމްބަރުން ވަނީ މިދިޔަ އަހަރުގެ ތެރޭގައި މާލީ ބަޔާން ހުށަހަޅާފަ އެވެ. ޖޭއެސްސީގެ މެމްބަރުންގެ ތެރެއިން މާލީ ބަޔާން ހުށަހަޅާފައި ވަނީ ގާސިމް އިބްރާހިމް އެކަންޏެވެ. މި މަހުގެ ތިން ވަނަ ދުވަހު ޕީޖީ ބިޝާމްވެސް ވަނީ މާލީ ބަޔާން ހުށަހަޅުއްވާފަ އެވެ.
މިހާތަނަށް އޮޑިޓް އޮފީހަށް މާލީ ބަޔާން ހުށަހެޅުއްވީ ހަތަރު މިނިސްޓަރުން
އިނގިރޭސި އެފްއޭ ކަޕުގައި ރޭ ބާންލީ ކޮޅަށް ގިނަ ލަނޑުތަކެއް ޖަހައި، ތަފާތު ބޮޑު މޮޅަކާއެކު މެންޗެސްޓާ ސިޓީއިން އެ މުބާރާތުގެ ފަސް ވަނަ ބުރަށް ދަތުރު ކޮށްފިއެވެ. ސިޓީގެ އަމިއްލަ ދަނޑުގައި ރޭ ބާންލީގެ މައްޗަށް 5-0ގެ ނަތީޖާއަކުން ކުރި ހޯދިއިރު އެ ޓީމުން ވަނީ މޮޅު ކުޅުމެއް ދައްކައިފައެވެ. ނަމަވެސް ބާންލީގެ ފަރާތުން ފެނިގެން ދިޔައީ ސިޓީގެ ގަދަފަދަ ކުޅުމަށް އަމާން ދީގެން ބަލަހައްޓައިގެން ތިބެވުނު މަންޒަރެވެ. މެންޗެސްޓާ ސިޓީ އަދި ބާންލީ ބައްދަލު ކުރި މެޗުގެ ތެރެއިން ގެބްރިއަލް ޖީސުސް -- ފޮޓޯ / ބީބީސީ ސްޕޯޓްސް މެޗު ފެށުމާއެކު ސިޓީއިން ދިޔައީ ބާންލީގެ ގޯލަށް ގިނަ ހަމަލާތަކެއް އުފައްދަމުންނެވެ. އެގޮތުން ސިޓީން ބާލީގެ ގޯލް ހުޅުވާލީ މެޗުގެ 23 ވަނަ މިނިޓްގައެވެ. މި ގޯލު އެޓީމަށް ކާމިޔާބު ކޮށްދިނީ ގެބްރިއަލް ޖީސުސްއެވެ. މި ގޯލުގެ އިތުރުން ވެސް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ސިޓީއަށް ލިބުނު ނަމަވެސް ފުރަތަމަ ހާފު ނިންމާލަން ޖެހުނީ އެއް ގޯލުގެ ތަފާތުން ކުރީގައި އޮވެގެންނެވެ. މެޗުގެ ދެވަނަ ހާފުގައި ސިޓީގެ ފަރާތުން ފެނިގެން ދިޔައީ ހަލުވި އެޓޭކިންގް ފުޓުބޯޅައެކެވެ. އިސާހިތަކު ބާންލީގެ ޑިފެންސް "އޮޔާލާ" ސިޓީއިން ގިނަ ގޯލު ތަކެއް ޖަހައި ބާންލީގެ މައްޗަަށް އަތް ގަދަ ކުރިއެވެ. އެގޮތުން މެޗުގެ 52 ވަނަ މިނަޓުގައި ބެނާޑޯ ސިލްވާ ވަނީ އެ ޓީމުގެ ދެވަނަ ގޯލު ޖަހައިދީފައެވެ. އިންޖަރީގެ ސަބަބުން ގިނަ ދުވަސް ތަކެއް ކުޅުމާއި ދުރުގައި ހުރުމަށް ފަހު އައިސް މޮޅު ކުޅުމެއް ދައްކަމުން އަންނަ ބެލްޖިއަމްގެ މިޑްފީލްޑަރު ކެވިން ޑި ބްރޭނާގެ ގޯލާއި އެކު ބާންލީ ޓީމުގެ އުންމީދު ފެނަށްވިއެވެ. އަދި އޭގެ އިރުކޮޅެއް ފަހުން ބާންލީގެ ކުޅުންތެރިއެއް އަތުން ބައިކޮޅަށް ގޯލެއް ވަދެ ޓީމު އިތުރަށް ޖޯޝު އެލިގެން ދިޔައެވެ. މެޗުގައި ފެނިގެން ދިޔަ ފަހު ގޯލު ސިޓީއަށް ކާމިޔާބު ކޮށްދިނީ އެޓީމަށް ލިބުނު ޕެނަލްޓީ އަކުން ސާޖިއޯ އަގުއޭރޯއެވެ. އެންމެ ފަހުން ސިޓީއިން މި މުބާރާތް ކާމިޔާބު ކޮށްފައި ވަނީ 2011 ވަނަ އަހަރުއެވެ. އިނގިރޭސި ލީގު ކަޕުގައި މިވަގުތު އެއްކޮޅުން ފައިނަލްގައި އޮތް ސިޓީއަށް މި ސީޒަނުގައި ހުރިހާ މުބާރާތެއް ވެސް ކާމިޔާބު ކުރެވިދާނެ ކަމުގެ ފެންވަރު ހުރި ކަމަށް ބާންލީގެ ކޯޗު ރޭ މެޗަށް ފަހުން ވަނީ ބުނެއެފައެވެ.
ގިނަ ލަނޑުތަކެއް ޖަހައި ސިޓީއިން އެފްއޭ ކަޕުގެ ފަސްވަނަ ބުރަށް
ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް ސަސްޕެންޑުކުރީ އެފްއޭއެމްގެ އިސްވެރިން މަގާމުން ދުރުކުރުމުގެ މަސައްކަތް ކުރަމުންދާތީ ބަދަލުހިފުމުގެ ގޮތުން ކަމަށް އެ ކްލަބުން ބުނެފިއެވެ. އެފްއޭއެމް އިން ހިންގާ އެއްވެސް ހަރަކާތެއްގައި ބައިވެރި ނުވެވޭގޮތަށް ނިއުރޭޑިއަންޓް ސަސްޕެންޑުކުރީ މިއަދުއެވެ. އެ ކްލަބް ސަސްޕެންޑު ކުރީ މިދިޔަ އަހަރުގެ ސީޒަނުގައި 10 ކުޅުންތެރިއަކަށް ދޭންޖެހޭ މުސާރަ އާއި އުޖޫރަަ ދީފައި ނުވާ ކަމަށް ބުނެ އެ ފައިސާތައް ހައްގުވެރިންނަށް ދީ ޚަލާސް ކުރުމާ ހަމައަށް ކަމަށް އެފްއޭއެމް އިން ވަނީ ބުނެފައެވެ. މާލޭ ލީގުގެ ދެވަނަ ބުރުގައި ނިއުއާއި ވެލެންސިއާ ވާދަކުރި މެޗުގެ ތެރެއިން --- ސަން ފައިލް ފޮޓޯ/ މުހައްމަދު އަފްރާހް އެފްއޭއެމް އަށް ރައްދު ދީ ބަޔާނެއް ނިއުރޭޑިއަންޓުން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެފްއޭއެމް އިން ނިންމި ނިންމުމަކީ ތާކުން ތާކުން ނުޖެހޭ ހަރުކަށި، ނިންމުމެއް ކަމަށެވެ. އަދި އެ ކުލަބެކޭ އެއްފަދައިން އެހެން ކުލަބު ތަކަށް ވެސް ދިމާވެފައިވާ މާލީ ހާލަތުގެ ސަބަބުން އެ ކުލަބު ތަކުން ވެސް ކުޅުންތެރިންގެ މުސާރަ ނުދީ އެބަހުރި ކަން ނިއު އިން ވަނީ ފާހަގަ ކޮށްފައެވެ. ކަން މިހެން އޮތުމާ އެކު އެއްވެސް އިންޒާރެއް ދިނުމެއްނެތި ހަމައެކަނި ނިއު އަށް އަދަބު ދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އެ ކުލަބުން ބުންޏެވެ. ނިއު އިން ބުނީ އެ މައްސަލަ އަކީ ޒާތީ ކަމެއް ކަމަށާއި އެފްއޭއެމް އިން މިއަދު ކަންތައް ކުރަމުން ދާ ގޮތާމެދު ހިތާމަކުރާ ކަމަށެވެ. އަދި ނިއުއިން ވަނީ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. ނޫސް ބަޔާން pic.twitter.com/dDX729nY0G — New Radiant SC (@nrsc_mv) January 26, 2019 ކޮންމެ އަހަރަކު ވެސް ސަރުކާރުގެ މުއައްސަސާތައް މެދުވެރިކޮށް ކުލަބު ތަކަށް އެހީ ދެމުން އަންނަ ކަމަށް އެފްއޭއެމް އިން ބުނެފައި ވީ ނަމަވެސް 2016 ވަނަ އަހަރުން ފެށިގެން އެެފްއޭއެމް އިން އެކުލަބަށް ދޭންޖެހޭ ފައިސާ ލިބިފައި ނުވާކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ. އެފްއޭއެމްގެ ލީޑާޝިޕް ބަދަލު ކުރުމަށްޓަކައި ކުލަބުތައް މެދުވެރި ވެގެން އެކްސްޓްރާ އޯޑީނަރީ ކޮންގުރެސް އެއް ބޭއްވުމަށްޓަކައި ތައްޔާރުވަމުން އަންނަ ކަމަށާއި އެކަމުގެ އަޑީގައި ލީޑު ކުރަމުން ދަނީ ނިއުރޭޑިއަންޓު ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް މިއަދު ވަނީ ވިދާޅުވެފައެވެ.
މި ކްލަބް ސަސްޕެންޑު ކުރީ އެފްއޭއެމްގެ ވެރިން މަގާމުން ދުރުކުރަން އުޅޭތީ: ނިއުރޭޑިއަންޓް
ފޭރުމުގެ މައްސަލައެއްގައި ދޫނިދޫ ޖަލުގައި ބަންދުކޮށްފައި ހުރި މީހަކު މަރުވެއްޖެ އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، މިއަދު މަރުވީ އުމުރުން 23 އަހަރުގެ އަންހެނެއް ކަމަށެވެ. އަދި އޭނާ ބަންދުގައި ބަހައްޓާފައި ހުރީ ފޭރުމުގެ މައްސަލައަކާ ގުޅިގެންނެވެ. އެ އަންހެން މީހާ މަރުވެފައިވާ އިރު އެކަން ހިނގައި ދިޔަ ގޮތް ފުލުހުން ބަލަމުން އަންނަ ކަމަށް އޮފިޝަލު ވިދާޅުވި އެވެ. މީޑިއާ އޮފިޝަލް ވިދާޅުވީ އެކަން ހިނގުމާ ގުޅިގެން ފުލުހުންގެ އިދާރާ އިން ހިއުމަންރައިޓްސް ކޮމިޝަނަށާއި ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް އެކަން އަންގާފައިވާ ކަމަށެވެ. އަދި އެ އިދާރާތަކުން އެކަން ހިނގިގޮތް ބަލަމުން އަންނަ ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ. ދޫނިދޫ ޖަލަކީ، ފުލުހުން ތަހުގީގު ކުރާ މައްސަލަތަކާ ގުޅިގެން ހައްޔަރު ކުރާ މީހުން ބައިތިއްބާ ޖަލެވެ. އެ ޖަލު ބަލަހައްޓަނީ ވެސް ފުލުހުންނެވެ.
ފޭރުމުގެ މައްސަލައެއްގައި ހައްޔަރުކޮށްފައި ހުރި މީހަކު މަރުވެއްޖެ
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު އައި ފަހުން ރާއްޖެއާ އިންޑިއާއާ ދެމެދުގައި އޮތް ގުޅުން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ހަލުވިކަމާ އެކު ވަރުގަދަވެގެންގޮސްފައިވާ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ. މިރޭ ދަރުބާރުގޭގައި ބޭއްވި އިންޑިއާގެ ޖުމްހޫރީދުވަސް ފާހަގަކުރުމުގެ ހަފުލާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވަނީ އިންޑިއާއާއި ރާއްޖެއާ ދެމެދުގައި އޮތް ގުޅުމާ ބެހޭގޮތުން ވާހަކަފުޅު ދައްކަވާފަ އެވެ. "އަޅުގަނޑުމެން ވެރިކަށް އައިސް މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި، ދެ ގައުމުގެ އެންމެ އިސްވެރިން ކުރެއްވި ޒިޔާރަތްތަކާ އެކު، ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އަލުން ވަރުގަދަވެގެން ގޮސްފައިވާކަން އަޅުގަނޑު އުފަލާ އެކު ފާހަގަ ކުރަން،" ފައިސަލް ވިދާޅުވި އެވެ. އޭނާ އިތުރަށް ވިދާޅުވީ، އެމަނިކުފާނާއި ރައީސް ސޯލިހު ހުވާ ކުރެއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް އިންޑިއާގެ ރައީސް ނަރެންދުރަ މޯދީ ވަޑައިގަތުމަކީ ލިބިވަޑައިގެންނެވި ޝަރަފެެއް ކަމަށެވެ. މިރޭ އެމަނިކުފާނު ވިދާޅުވީ އިންޑިއާ އާއި ރާއްޖޭގެ ގުޅުން ބިނާވެފައި ވަނީ ހަމައެކަނި ދެ ޤައުމެއްގެ ގުޅުން އޮންނަ މިންވަރަށް ނޫންކަމަށާއި، އެގުޅުމަކީ އެއަށް ވުރެ މާ ގާތް ގުޅުމެއް ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ދެގައުމުގެ ގުޅުން ބިނާވެގެން ގޮސްފައިވަނީ ވޭތުވެ ދިޔަ އަހަރުތަކުގައި ދެ ގައުމުން ކޮށްފައިވާ ތަޖުރިބާތަކުގެ މައްޗަށާއި، ޒަމާންވީ އާދަކާދަތަކުގެ މައްޗަށާއި، އެއް ގައުމުން ކުރާ ކަންތައްތައް އަނެއްގައުމުން ބަލައިގަންނަމުންދާ މިންވަރުގެ މައްޗަށްކަމުގައެވެ. ރާއްޖޭގެ ގާނޫނު އަސާސީ އެކުލަވާލި ހާއްސަ މަޖިލީހުގެ މެމްބަރެއްގެ ހައިސިއްޔަތުން، ދިވެހިރާއްޖެ އާއި އިންޑިއާ ހިއްސާކުރާ އެއްގޮތް ކަންތައް ފާހަގަކުރައްވަމުން އެމަނިކުފާނު މިރޭ ވިދާޅުވީ، ދެގައުމުގެ ގާނޫނު އަސާސީ އެކުލަވާލެވިފައި ވަނީ ރައްޔިތުންގެ ހައްގުތަކާއި، މިނިވަންކަން ނަގަހައްޓައި ޑިމޮކްރަޓިކް މުޖުތަމައެއް ބިނާކުރުމަށާއި، އިޖުތިމާއީ ފޭރާން ބަލިކަށި ވެގެން ނުދާނޭފަދަ ގޮތަކަށް ކަަމަށެވެ. އެމަނިކުފާނު ވިދާޅުވީ އިންޑިއާއިން އަބަދު ވެސް ރާއްޖެއިން ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި ގާތް ރަހުމަތްތެރިއެއްގެގޮތުން ރާއްޖެއަށް ދީލަތި ކަމާއެކު އެހީތެރިކަން ފޯރުކޮށްދޭކަމަށެވެ. އަދި އިންޑިއާއިން ބަހައްޓަވާ ގާތްކަން ރާއްޖެއިން އަދި މި ސަރުކާރުން ބަލައިގަންނަކަމުގައި ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ދެޤައުމަށް ފައިދާ ވާނެފަދަ ކަންކަމުގައި އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން ވެސް އެމަނިކުފާން ވަނީ ދެއްވާފަ އެވެ. ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި ރާއްޖެއާއި ޗައިނާގެ ދެމެދުގައި އޮތް ގުޅުން ބަދަހިވިއިރު، އިންޑިއާއާ އެކު އޮތް ގުޅުން ހީނަރުވި ކަމަށް މާހިރުން ބުނެ އެވެ.
ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އިންޑިއާއާ އެކު އޮތް ގުޅުން އަލުން ވަރުގަދަވެއްޖެ: ފައިސަލް
އަންނަ އޭޕްރިލް މަހު ބާއްވާ ރައްޔިތުންގެ މަޖިލީސް އިންތިހާބުގައި އަދާލަތު ޕާޓީގެ ޓިކެޓުގައި ރ. އިނގުރައިދޫ ދާއިރާ އަށް ކުރިމަތިލާނެ ކެންޑިޑޭޓެއް ހޮވުމަށް ޕްރައިމަރީއެއް ބާއްވައިފި އެވެ. އަދާލަތުގެ ޓިކެޓަށް އެ ދާއިރާއިން ކުރިމަތިލެއްވީ ދެ ބޭފުޅުންނެވެ. އެއީ ރ. ކިނޮޅަސް، ފެހިވިލާގެ، އަހްމަދު ހުސައިންއާއި ރ. އިންނަމާދޫ، ނޫރާނީގޭ އަލީ ޝަރީފެވެ. ވަގުތީ ނަތީޖާ ދައްކާ ގޮތުން އެ ދާއިރާގެ އަދާލަތު ޕާޓީގެ ޓިކެޓް ކާމިޔާބު ކޮށްފައިވަނީ 360 ވޯޓާއެކު އަހުމަދު ހުސައިން އެވެ. އަލީ ޝަރީފަށް ލިބުނީ 306 ވޯޓެވެ. އެ ޕްރައިމަރީގައި ވޯޓުލުމުގެ ހައްގު 810 މީހުންނަށް ލިބުނު އިރު ޕްރައިމަރީގައި ވޯޓް ލާފައި ވަނީ 675 މީހުންނެވެ. އޭގެ ތެރެއިން ނުވަ މީހުންގެ ވޯޓު ވަނީ ބާތިލުވެފަ އެވެ. އިނގުރައިދޫ ދާއިރާގެ އިތުރުން އިތުރު 12 ދާއިރާއަކަށް ވެސް އަދާލަތު ޕާޓީން ވާދަކުރެއެވެ. އެ ހުރިހާ ދާއިރާތަކަށް ވާދަކުރަނީ ގުޅިފައިވާ ޕާޓީތަކުން ސޮއި ކޮށްފައިވާ އެއްބަސްވުމާ އެއްގޮތަށްކަަމަށް ވެސް އެ ޕާޓީން ބުނެއެވެ. އަދާލަތު ޕާޓީން ވާދަކުރާ އިތުރު ދާއިރާތައް: 1. ކެލާ ދާއިރާ 2. ކުޅުދުއްފުށީ އުތުރު ދާއިރާ 3. މަކުނުދޫ ދާއިރާ 4. ވައިކަރަދޫ ދާއިރާ 5. ކާށިދޫ ދާއިރާ 6. މަހިބަދޫ ދާއިރާ 7. މުލަކު ދާއިރާ 8. ނިލަންދޫ ދާއިރާ 9. ގަމު ދާއިރާ 10. ފުވައްމުލަކު ދެކުނު ދާއިރާ 11. ފޭދޫ ދާއިރާ 12. މާފަންނު ދެކުނު ދާއިރާ
އަދާލަތުން އިނގުރައިދޫ ދާއިރާގެ ޕްރައިމަރީއެއް ބާއްވައި ކެންޑިޑޭޓަކު ހޮވައިފި
އިސްތަންބޫލް (ޖެނުއަރީ 15): ދެހާސްސޯޅަ ވަނަ އަހަރު ތުރުކީއަށް ގެންނަން އުޅުނު ބަޣާވާތުގެ ފަހަތުގައި ހުރި ކަމަށް ބެލެވޭ ދީނީ އިލްމުވެރިޔާ، ފަތުހުﷲ ގުލެންއާ ގުޅުން ހުރި ކަމަށް ބެލެވޭ 192 މީހަކު ހައްޔަރު ކުރަން އެގައުމުން އަމުރުކޮށްފި އެވެ. ތުރުކީގެ ނޫހެއްގައިވާ ގޮތުން އެގައުމުގެ ތިން ޕްރޮވިންސަކުން ހައްޔަރު ކުރަން އަމުރު ކުރި މީހުންގެ ތެރޭގައި 100 އަށް ވުރެ ގިނަ ސިފައިން ހިމެނެ އެވެ. ނަމަވެސް ތުރުކީގެ ޗީފް ޕްރޮސިކިއުޓާސް އޮފީހުން ބުނި ގޮތުގައި އެ އޮފީހުން އަމުރު ނެރެފައި ވަނީ 50 ސިފައިންނާއި، އެގައުމުން މަނާކޮށްފައިވާ މެސެޖިން އެޕެއް ކަމަށްވާ ބައިލޮކް ބޭނުން ކުރި 55 މީހަކު ހައްޔަރުކުމަށެވެ. ތުރުކީން ވަނީ 15 ޖުލައި 2016ގައި އެގައުމަށް ގެންނަން އުޅުނު ބަޣާވާތުގެ ބައިވެރިން ވާހަކަ ދެއްކީ ބައިލޮކް މެދުވެރިކޮށް ކަމަށް ބުނެ އެއެޕް މަނާކޮށްފަ އެވެ. އެމެރިކާގައި އަމިއްލައަށް އަރުވާލެވިގެން ހުރި ގުލެން ވަނީ އޭނާގެ މައްޗަށް ތުރުކީން ކުރާ ތުހުމަތުތައް ދޮގުކޮށްފަ އެވެ. އެބަޣާވާތާ ގުޅިގެން ތުރުކީން ވަނީ 77،000 އަށް ވުރެ ގިނަ މީހުން ޖަލަށް ލައި، 150،000 އަށް ވުރެ ގިނަ ސިވިލް ސާވެންޓުން މަގާމުން ދުރުކޮށް ނުވަތަ ސަސްޕެންޑުކޮށްފަ އެވެ.
ގުލެންއާ ގުޅުން ހުރި 192 މީހަކު ތުރުކީން ހައްޔަރު ކުރަނީ
އައްޑޫ ސިޓީގެ ޓްރާންސްޕޯޓްގެ ހިދުމަތްތައް އެ ސިޓީގެ ކައުންސިލްގެ ދަށަށް ބަދަލުކޮށްފިއެވެ. މިއަދު ހެނދުނު އެކަމަށް ބޭއްވި ރަސްމިއްޔާތުގައި އެ ޚިދުމަތްތައް ފައްޓަވައިދެއްވީ ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަޙްމަދު އާދިލެވެ. އެ ޚިދުމަތްތަކާ ބެހޭގޮތުން މައުލޫމާތު ދެއްވަމުން އައްޑޫ ސިޓީ ކައުންސިލްގެ މޭޔަރު އަބްދުﷲ ސޯދިގު ވިދާޅުވީ އަލުން އެ ހިދުމަތްތައް ކައުންސިލުން ދޭން ފެށުމުން ކުރިއަށްވުރެ މާ ރަނގަޅަށް ޚިދުމަތް ދެވޭނެ ކަމަށެވެ. މީގެ ކުރިން ވެސް އެ ހިދުމަތްތައް ދެމުން ގެންދިޔައީ ކައުންސިލްގެ ދަށުންނެވެ. ނަަމަވެސް ފަހުން އެ ހިދުމަތްތައް ފާއިތުވި ސަރުކާރުގައި ވަނީ ޓްރާންސްޕޯޓް އޮތޯރިޓީގެ ދަށަށް ބަދަލުކޮށްފައެވެ. "މީގެ ކުރިން އެ ހިދުމަތްތައް ޓްރާންސްޕޯޓް އޮތޯރިޓީން ދެމުން ގެންދިޔައިރު އެކަން ދިޔައީ އެންމެ ރަނގަޅަކަށް ނޫން،" ސޯދިގު ވިދާޅުވިއެވެ. ސޯދިގު ވިދާޅުވީ ޓްރާންސްޕޯޓްގެ ހިދުމަތްތައް އަލުން ދޭނެ ފެށުމުން އެ ސިޓީގައި ވަކިން އިންނަ ހުޅުދޫ އަދި މީދުއަށް ވެސް ވަކިން ހިދުމަތް ދޭނެ ކަމަށެވެ. ޓްރާންސްޕޯޓާ ގުޅޭ މަސައްކަތްތައް ކަމަށްވާ އެއްގަމު އުޅަނދު ރަޖިސްޓްރީކޮށް ލައިސަންސް ނެގުމާއި ސައިން ބޯޑުތައް ބެހެއްޓުމާއި ވެހިކަލްތަކަށް ފަސޭހައިން މަގުތައް ބޭނުން ކުރެވޭ ގޮތަށް މަގުތައް މަރާމާތު ކުރުމާއި ސްޕީޑް ބްރޭކަރުތައް ރަނގަޅު ކުރުމާއި ޕާކިން ޒޯންތައް ހެދުން ދެން ކުރިއަށް ދާނީ އައްޑޫ ސިޓީ ކައުންސިލުންނެވެ.
އައްޑޫގެ ޓްރާންސްޕޯޓްގެ ހިދުމަތްތައް ކައުންސިލްގެ ދަށަށް ބަދަލުކޮށްފި
ކާމިޔާބު ފަސް އަހަރަށް ފަހު މުޙައްމަދު ނިޒާމް (ނިޒާންބެ) ޓީސީގެ ކޯޗުކަމުން ވަކިވާން ނިންމައިފިއެވެ. ޓީސީއާ ވަކިވާން އުޅޭކަން ނިޒާންބެ ވަނީ އޭނާގެ ފޭސްބުކް އަދި ޓުވިޓާ އެކައުންޓު މެދުވެރިކޮށް އާންމު ކޮށްފައެވެ. ވޭތުވެ ދިޔަ ފަސް އަހަރު ތެރޭގައި ޓީސީއާއެކު ބޮޑެތި ކާމިޔާބު ތަކެއް ހޯދުމަށް ފަހު ނިޒާންބެ އެ ކްބަލުގެ ކޯޗުކަން ދޫކޮށްލުމަކީ ގިނަ ބަޔަކަށް ސިހުން ލިބޭނެ ކަމެކެވެ. 01 އޯގަސްޓް 2018: ސަރުކާރުގެ ސްޕޯޓްސް އެރީނާ މަޝްރޫއުގެ ދަށުން ގާއިމްކޮށްފައިވާ 50 ފުޓްސަލް ދަނޑެއް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން---ސަން ފޮޓޯ/ މުހައްމަދު އަފްރާހް ވޭތުވެ ދިޔަ އަހަރުގެ ދިރާގު ދިވެހި ޕްރިމިއަރ ލީގު ޗެމްޕިއަން ޓީސީ ސްޕޯރޓްސް ކުލަބު ދޫކޮށްލަން ނިންމި ސަބަބެއް ކަމަށް ނިޒާމްބެ ބުނީ، އޭނާއާ ޓީސީއާ ދެމެދު ދެކެވުނެ ވާހަކަތަކުން، ޓީސީއާއެކު އިތުރަށް ކުރިއަށް ދިއުމަށް އެއްބަސް ނުވެވުމުން ކަމަށެވެ. ނިޒާމްބެ ޓީސީގެ ކޯޗު ކަމާ ހަވާލު ވެފައި ވަނީ 2014 ވަނަ އަހަރުއެވެ. އޭގެ ފަހުން ވޭތުވެ ދިޔަ ފަސް އަހަރު ތެރޭ ނިޒާންބެގެ އިރުޝާދުގެ ދަށުން ޓީސީއިން ދިޔައީ ދިވެހި ފުޓްބޯޅައިގެ ޖައްވުގައި ނުހަނު ބާރަށް އުދުހެމުންނެވެ. ކުޑަ ދުވަސް ކޮޅެއްގެ ތެރޭގައި އެންމެންގެ ލޯތްބާއި އިތުބާރު ހޯދާފައިވާ ނިޒާމްބެއަކީ ދިވެހި މުޅި ފުޓުބޯޅައިގެ ވެސް ލާމަސީލު ޝަހުސިއްޔަތެކެވެ. ފަސް އަހަރު ތެރޭގައި ޓީސީން ހޯދި ގިނަ ކާމިޔާބީ ތަކުގެ މޭސްތިރިޔާ އެޓީމާ ވަކިވެގެން ދިއުމަކީ ޓީމުގެ ސަޕޯޓަރުންނަށް ވަރަށް ބޮޑު ސިހުމެއް ލިބިގެން ދިޔަ ކަމެކެވެ. ސަބަބަކީ ނިޒާމްބެ ޓީސީއަށް ކޮށްދިން ހިދުމަތް ތަކަކީ އެ ޓީމުގެ ތާރީހުގައި ރަން އަކުރުން ފަވާލެވޭނެ އަގުހުރި ޚިދުމަތްތަކަކަށް ވާތީއެވެ. ނިޒާމްބެާ މާލޭ ލީގުގެ ޗެމްޕިއަން ޝީލްޑް ހިފައިގެން -- ނިޒާމްބެ ފޭސްބުކް ޕްރޮފައިލް ޓީސީއާ އެކު ނިޒާމްބެ ހޭދަކުރި މުއްދަލުގައި އޭނާއަކީ ރާއްޖޭގެ ފުޓުބޯޅައިގެ އެންމެ ކާމިޔާބު ކޯޗުކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. އެގޮތުން ރާއްޖޭގައި ބޭއްވޭ ބޮޑެތި މުބާރާތްތަކާއި ސަރަހައްދީ ފެންވަރުގެ މުބާރާތްތަކުގައި ނިޒާމްބެ ހޯދާފައިވާ ކާމިޔާބީތައް ފާހަގަކޮށްލެވެއެވެ. ނިޒާމްބެ ޓީސީއާ ހަވާލުވީ ދެވަނަ ޑީވިޜަންގައި އެޓީމު އޮތްއިރުއެވެ. އޭރު ޓީސީއަކީ ދިވެހި ފުޓްބޯޅައަށް މުޅިން އާ ނަމެކެވެ. ނަމަވެސް ފަސް އަހަރު ތެރޭ މާލޭ ލީގުގެ ރަނަރަޕްކަން ހަތަރު ފަހަރު ހޯދައި ވޭތުވެ ދިޔަ އަހަރުގެ ޗެމްޕިއަންކަން ހޯދުމުން އެކަން ވަނީ މުޅިން ބަދަލުވެގެން ގޮސްފައެވެ. ގައުމީ ފެންވަރުގެ މުބާރާތްތަކުން ހޯދި މި ކާމިޔާބު ތަކުގެ އިތުރުން ބަންގްލަދޭޝްގައި ބޭއްވުނު ޝެއިޙް ކަމާލް ކަޕުގެ ޗެމްޕިއަންކަން ހޯދުމުން ނިޒާމްބެ އަދި ޓީސީއަށް ވެސް ވަނީ ދިވެހި ފުޓްބޯޅައިގެ ތާރީހުގެ ތެރެއަށް ވަދެގެން ގޮސްފައެވެ. މިވަގުތު ޓީސީ ސްޕޯރޓްސް އޭ ބުނުމުން ރާއްޖޭގެ ގިނަ ބަޔަކަށް އެ ޓީމުގެ ފެންވަރު އެނގޭނެއެވެ. ދިވެހި ފުޓްބޯޅަޔަށް ފާހަގަ ކޮށްލެވޭ ގިނަ ކުޅުންތެރިން ތަކެއް އުފައްދައި ނެރެދީފައިވާ ނިޒާމްބެއަކީ ކޯޗުކަމުގައި ކުރިއަރަމުން އަންނަ އެހެން ކޯޗުންނަށްވެސް ހުރި ނަމޫނާއެކެވެ. ނިޒާމްބެ ދިވެހި ފުޓްބޯޅަ، ހާއްސަ ގޮތެއްގައި ޓީސީ ސްޕޯރޓްސް ކުލަބަށް ކޮށްދީފައި ވާ މަސައްކަތްތަކަކީ ފުޓުބޯޅައަށް ލޯބި ކުރާ ގިނަ ބަޔަކު ބަލައި ގަންނަ މަސައްކަތް ތަކެކެވެ. ނިޒާމްބެ އަހަރުގެ މޮޅު ކޯޗު ކަމުގެ އިނާމް ހިފައިގެން -- ނިޒާމްބެ ފޭސްބުކް ޕްރޮފައިލް "ފަސް އަހަރުގެ ކާމިޔާބު ދުވަސް ތަކަކަށް ފަހު ޓީސީ ސްޕޯޓްސް ކުލަބު ދޫކޮށްލަން އަހަރެން ގަސްތު ކޮށްފިން. ކުލަބުގެ އުންމީދުތަށް ހަގީގަތަކަށް ހަދައިދެވިއްޖެ ކަމަށް އަހަރެން ގަބޫލު ކުރާ ހާލު ޓީމުގެ މެނޭޖުމެންޓާއި ކުޅުންތެރިންގެ އިތުރުން ސަޕޯޓަރުން ހިންހަމަޖެހޭފަދަ މަސައްކަތެއް ކުރެވުން ކަމަށް ހީކުރަން،" ނިޒާމްބެ އޭނާގެ ފޭސްބުކުގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވެއެވެ. "އަހަރެން އެދެނީ ކުލަބުގެ އޮފިޝަލުންނާއި ކުޅުންތެރިން އަދި ސަޕޯޓަރުންނަށް އުފާ ފާގަތި ދުވަސްތަކެއް މިނވަރު ކޮށްދިނުމަށް."
ކާމިޔާބު ފަސް އަހަރަށް ފަހު ނިޒާމްބެ ޓީސީއަށް އަލްވަދާއުކިޔައިފި
ކީސްޓޭޖު ހަތަރަކަށް މުދައްރިސުން އަހުލުވެރި ކުރުމުގެ ގޮތުން ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން (އެންއައިއީ) އިން އިންތިޒާމުކޮށްގެން ވޯކްޝޮޕެއް އިފުތިތާހުކޮށްފި އެވެ. އެޑިޔުކޭޝަން މިނިސްޓްރީ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މިއަދާއި މާދަމާ އަދި ބުރާސްފަތި ދުވަހު އަހުމަދިއްޔާ ސްކޫލްގައި އޮންނަ ވޯކްޝޮޕްގައި މާލެ އާއި އަތޮޅުތެރޭގެ ސްކޫލްތަކުން 100 ޓިޗަރުން ބައިވާ ކަމަށެވެ. އަދި އެ 100 ޓީޗަރުން އިޚުތިޔާރު ކުރުމުގައި ސައިންސާއި ބިޒްނަސް ކިޔަވައިދެއްވާ މުދައްރިސުންނަށް އިސްކަންދީފައިވާނެ ކަމަށް ވެސް އެ މިނިސްޓްރީ އިން ބުންޏެވެ. ވޯކްޝޮޕް އިފުތިތާހުކޮށްދެއްވީ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އެވެ. އެ ވޯކްޝޮޕްގެ ސެޝަންތައް ނަންގަވާ ބޭފުޅުންގެ ތެރޭގައި ސްޓޭޓް މިނިސްޓަރު ޑޮކްޓަރް ޢަބްދުﷲ ރަޝީދު އާއި ފިންލޭންޑް އިންޓަރނޭޝަނަލް ސްކޫލް އާއި ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލްގެ ޓީޗަރުންގެ އިތުރުން ކެމްބްރިޖް ޔުނިވަސިޓީ ޕްރެސްގެ ބޭފުޅަކު ހިމެނިވަޑައި ގަންނަވާ ކަމަށް އެ މިނިސްޓްރީ އިން ބުންޏެވެ. އުނގަންނައި ދިނުމުގައި ސައިންސާއި ޓެކްނޮލޮޖީ އެންމެ ފުރިހަމަޔަށް ބޭނުން ކުރުމާއި 21 ވަނަ ގަރުނުގެ ހުނަރުތަކާއި އުކުޅުތައް ބޭނުންކޮށްގެން ދަރިވަރުން ގަޔާވާ ގޮތަށް ކިޔަވައިދިނުން ބައްޓަން ކުރާނެ ގޮތްތައް އެ ވޯކް ޝޮޕްގެ ބައިވެރިންނަށް އުނގަންނައިދޭނެ ކަމަށް އެޑިޔުކޭޝަނުން ބުންޏެވެ.
މުދައްރިސުން ތަމްރީން ކުރުމަށް ވޯކްޝޮޕެއް ފައްޓައިފި
މިދިޔަ ޑިސެމްބަރު މަހު ފަސް ވަނަ ދުވަހު މާލެއަށް ކުރި ވިއްސާރާގައި ފެންބޮޑުވުމުގެ ސަބަބުން ގެއްލުންވި 126 ގެއަކަށް އެހީތެރިކަން ފޯރުކޮށްދީފި އެވެ. ނޭޝަނަލް ޑީސާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެ އޮތޯރިޓީގެ ޑިރެކްޓާ ޖެނެރަލް ސޮފީނާޒް ހަސަން ވިދާޅުވީ ވިޔަފާރިވެރިން ދިން ފައިސާގެ އަދަަދު 1.3 މިލިއަނަށް އަރާ ކަމަށާއި އެ ރުފިޔާތައް ގެއްލުންވި 126 ގެއަށް ބަހައި ނިންމާފައިވާ ކަމަށެވެ. "1.3 މިލިއަން ރުފިޔާގެ ފައިސާ ލިބުނު. ބާލީސް ފަދަ ތަކެތި ވެސް ވަނީ ވިޔަފާރިވެރިން ފޯރުކޮށްދީފައި. ގެއްލުންވި ހަތް ގެއަކަށް އެތަކެތި ވަގުތުން ވަނީ ފޯރުކޮށްދީފައި،" ޑިޒާޒްޓާ ފަންޑެއް ގާއިމުކޮށްފައިވާ ކަމަށާއިމިފަންޑަށް ވިޔަފާރިވެރިންނާއި އަމިއްލަ ޖަމިއްޔާތަކުން ފައިސާ ހަދިޔާކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މިދިޔަ ޑިސެމްބަރުގައި މާލެއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ބައެއް ގޭގެއަށާއި އިމާރަތްތަކަށް ފެންވަދެ ކަރަންޓު ކެނޑިފައިވާ އިރު އެމްއެންޑީއެފް އިން ވަނީ ޕަމްޕު ޖަހައިގެން ފެން ހިންދުމުގެ މަސައްކަތްކޮށްފަ އެވެ.
ފެންބޮޑުވުމުގެ ސަބަބުން ގެއްލުންވި 126 ގެއަކަށް އެހީ ދީފި
ފޯޖު ކޮށްފައިވާ ލިޔުމެއް ބޭނުންކޮށްގެން ގދ. ގައްދޫ ކައުންސިލްގެ މުވައްޒަފަކު ފައިސާތަކެއް ނަގައިފިއެވެ. ގައްދޫ ކައުންސިލްގެ ރައީސް ރައްޔާން ޖަމާލް ވިދާޅުވީ އެ ފަދަ ހާދިސާއެއް ހިނގައިގެން އުޅޭ ކަމަށާއި އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާތީ އިތުރު ތަފްސީލް ދެވެން ނެތް ކަމަށެވެ. ފުލުހުން ބުނީ އެ ހާދިސާ ހިނގައިގެން އިއްޔެ ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އިތުރު އެއްވެސް މައުލޫމާތެއް ފުލުހުން ނުދެއެވެ.
ފޯޖްކޮށްފައިވާ ލިޔުމެއް ބޭނުންކޮށްގެން ގައްދޫ ކައުންސިލްގެ މުވައްޒިފަކު ފައިސާތަކެއް ނަގައިފި
ކޮލަމްބޯ (ޖެނުއަރީ 15): ލަންކާގެ ބޭރުގެ ދަރަނީގެ އެއް ބިލިއަން ޑޮލަރު ދައްކާނީ ގައުމުގެ ރިޒާވުން ކަމަށް މަރުކަޒީ ބޭންކުގެ ގަވަރުނަރު އިދުރަޖިތު ކޫމަރުސުވާމީ ވިދާޅުވެއްޖެ އެވެ. ދެހާސްއެގާރަ ވަނަ އަހަރު މަހިންދަ ރާޖަޕަކްސަގެ ވެރިކަމުގައި ނެގި އެއް ބިލިއަން ޑޮލަރުގެ އެލޯނު ދައްކަން ޖެހޭ އެންމެ ފަހު ތާރީހަކީ އިއްޔެ އެވެ. އަދި އިއްޔެ ކޫމަރުސުވާމީ ވަނީ ދަރަނި ހަމަޖެއްސުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވިދާޅުވެފަ އެވެ. ލަންކާއިން މި އަހަރު ދައްކަން ޖެހޭ ބޭރުގެ ދަރަނީގެ އަދަދު 5.9 ބިލިއަނަށް އަރަ އެވެ. އޭގެ ތެރެއިން 2.6 ބިލިއަން ޑޮލަރު ދައްކަން ޖެހެނީ ފުރަތަމަ ތިން މަސް ތެރޭގަ އެވެ. މިދިޔަ އަހަރު ނިމުނު އިރު ލަންކާގެ ފޮރިން ރިޒާވުގައި ހުރީ 6.9 ބިލިއަން ޑޮލަރެވެ. ނަމަވެސް އޮކްޓޯބަރު މަހު އެގައުމުގެ ސިޔާސީ ހަލަބޮލިކަން ފެށުމުގެ ކުރިން ފޮރިން ރިޒާވުގައި 7.9 ބިލިއަން ޑޮލަރު ހުއްޓެވެ. ލަންކާގެ ބޮޑުވަޒީރު ކަމުން ރަނިލް ވިކްރަމަސިންހަ ދުރުކޮށް، އެމަގާމަށް މަހިންދަ ރާޖަޕަކްސަ އައްޔަން ކުރުމާ ގުޅިގެން ގައުމުގެ އިގުތިސާދަށް ބޮޑު ލޮޅުމެއް އެރި އެވެ. އަދި އޭގެ ސަބަބުން ލަންކާ ރުޕީސްގެ އަގު ވެއްޓި، ފަތުރުވެރިކަމަށް ވެސް އޭގެ އަސަރު ކުރި އެވެ.
ލަންކާގެ ބޭރުގެ ދަރަނީގެ އެއް ބިލިއަން ޑޮލަރު ދައްކާނީ ރިޒާވުން: މަރުކަޒީ ބޭންކް
ވެރިކަމުގައި ފަސް އަހަރު ތެރޭގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު މާލީ ބަޔާން ހުށަހެޅުއްވީ ދެ ފަހަރު ކަމަށް އޮޑިޓް އޮފީހުން ހާމަކޮށްފިއެވެ. ގާނޫނުއަސާސީގެ 120 ވަނަ މާއްދާގައި ބުނެފައިވާގޮތުން ކޮންމެ އަހަރަކު ރައީސުލްޖުމްހޫރިއްޔާ އޭނާގެ މިލްކިއްޔާތުގައިވާ މުދަލާއި ފައިސާގެ ހިސާބުތަކާއި ވިޔަފާރީގެ މަސްލަހަތުތަކާއި އަރަންޏާއި ދަރަނި ހާމަކޮށް ތައްޔާރުކުރާ ބަޔާނެއް އޮޑިޓާ ޖެނެރަލަށް ހުށަހަޅަން ވާނެއެވެ. އޮޑިޓް އޮފީހުން މިއަދު ވަނީ ވޭތުވެ ދިޔަ ފަސް އަހަރު އަދި މި ރިޔާސީ ދައުރު ފެށުނު އިރު މާލީ ބަޔާން ހުށަހަޅަން ޖެހޭ ފަރާތްތަކާއި ހުށަނާޅާ ފަރާތްތަކުގެ ނަން ހާމަކޮށްފައެވެ. އޭގައި ވާގޮތުން ކުރީގެ ރައީސް ޔާމީން މާލީ ބަޔާން ހުށަހަޅުއްވާފައިވަނީ 2014 ވަނަ އަހަރާއި، އެމަނިކުފާނުގެ ފަސް އަހަރުގެ ދައުރު ނިމުމުގެ ދެ ދުވަސް ކުރިން، 2018 ނޮވެމްބަރު 15 ވަނަ ދުވަހުއެވެ. ޔާމީން ސަރުކާރުގައި ނައިބު ރައީސްކަން ކުރެއްވި ބޭފުޅުންގެ ތެރެއިން ޑރ. މުހައްމަދު ޖަމީލް އަހުމަދު މާލީ ބަޔާން ހުށަހަޅުއްވާފައިވަނީ އެންމެ ފަހަރަކުއެވެ. އެއީ 2014 ވަނަ އަހަރު އެވެ. ދެން ނައިބު ރައީސްކަން ކުރެއްވި އަހުމަދު އަދީބު އަބްދުލްގަފޫރު އަދި އަބްދުﷲ ޖިހާދު މާލީ ބަޔާން ހުށަހަޅުއްވާފައެއް ނުވެ އެވެ. އެ ބޭފުޅުންނަކީވެސް އަހަރު އެއްފަހަރު މާލީ ބަޔާން ހުށަހަޅުއްވަން ޖެހޭ ބޭފުޅުންނެވެ. ޔާމީން ސަރުކާރުގެ ބައެއް މިނިސްޓަރުން --- މިދިޔަ ސަރުކާރުގައި ގަވައިދުން މާލީ ބަޔާން ހުށަހަޅުއްވާފައިވަނީ ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރާއި ބަންޑާރަނައިބު މުހައްމަދު އަނިލް އާއި ޖެންޑަ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީ އަދި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު އުމަރުގެ އިތުރުން އެޑިއުކޭޝަން މިނިސްޓަރު އައިޝަތު ޝިހާމެއެވެ. އޭގެ އިތުރުން އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު އަދި އެންވާރަމެންޓް މިނިސްޓަރު ތޯރިގު އިބްރާހިމްވެސް ވަނީ ގަވައިދުން މާލީ ބަޔާން ހުށަހަޅުއްވާފައެވެ. އެއްގޮތަަކަށްވެސް މާލީ ބަޔާން ހުށަނާޅުއްވާ މިނިސްޓަރުންގެ ތެރޭގައި ހޯމް މިނިސްޓަރު އަޒްލީން އަހުމަދާއި ފިނޭންސް މިނިސްޓަރު އަދި ނައިބު ރައީސް އަބްދުﷲ ޖިހާދާއި، ޓްރާންސްޕޯޓް މިނިސްޓަރަކަށް ހުންނެވި އަމީން އިބްރާހިމް އަދި ޓޫރިޒަމް މިނިސްޓަރު އަދި ނައިބު ރައީސްކަން ކުރެއްވި އަދީބު ހިމެނެއެވެ. އޭގެ އިތުރުން ހެލްތު މިނިސްޓަރުކަން ކުރެއްވި އަބްދުﷲ ނާޒިމް މުހައްމަދާއި އިކޮނޮމިކް މިނިސްޓަރުކަން ކުރެއްވި މުހައްމަދު ސައީދު އާއި ޔޫތު މިނިސްޓަރުކަން ކުރެއްވި މުހައްމަދު މަލީހު ޖަމާލުވެސް މަގާމުގައި ހުންނެވި އިރު މާލީ ބަޔާން ހުށަހަޅުއްވާފައެއް ނުވެއެވެ. އަދި އިރުތިޝާމް އާދަމްވެސް މާލީ ބަޔާން ހުށަހަޅުއްވާފައެއް ނުވެއެވެ. އޭސީސީގެ ރައީސް ހަސަން ލުތުފީ އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ހުރިހާ މެމްބަރުން ވަނީ ގާނޫނުގައިވާގޮތަށް މާލީ ބަޔާން އަހަރު އެއްފަހަރު ހުށަހަޅުއްވާފައެވެ. އިލެކްޝަންސް ކޮމިޝަނުގެވެސް އެއް މެމްބަރަކު ފިޔަވާ ހުރިހާ މެމްބަރުން ހުށަހަޅުއްވާފައިވާ ކަމަށް އޮޑިޓް އޮފީހުން ބުނެ އެވެ. މާލީ ބަޔާން ހުށަނާޅުއްވަނީ އެ ކޮމިޝަނުގެ ކުރީގެ މެމްބަރު މުހައްމަދު ޝަކީލްއެވެ. ޖުޑިޝަލް ސާވިސް ކޮމިޝަނުގެ މެމްބަރުންގެ ތެރޭގައިވެސް މާލީ ބަޔާން އެއްގޮތަކަށް ހުށަނާޅުއްވާ މެމްބަރުން ތިއްބެވިއެވެ. އޭގެ ތެރޭގައި މަޖިލީހުން ޖޭއެސްސީއަށް ކުރިން ކަނޑައަޅުއްވާފައި ހުންނެވި އިބްރާހިމް ރިޒާއާއި ކުރިން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު ހިމެނިވަޑައިގަންނަވައެވެ. ޕްރޮސެކިއުޓަރ ޖެނެރަލް އައިޝަތު ބިޝާމް ވަނީ ހުރިހާ އަހަރަކުވެސް މާލީ ބަޔާން ހުށަހަޅުއްވާފައެވެ. އަލަށް އައި ސަރުކާރުން މާލީ ބަޔާން އޮޑިޓް އޮފީހަށް ހުށަހަޅުއްވާފައިވަނީ ހަތަރު މިނިސްޓަރުންނެވެ. އެއީ ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދާއި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އަދި ހައުސިންގް މިނިސްޓަރި އައމިނަތު އާތިފާ ޝަކޫރުގެ އިތުރުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދި ނައިބު ރައީސް ފައިސަލް ނަސީމުވެސް އޮޑިޓް އޮފީހަށް މާލީ ބަޔާން ހުށަހެޅުއްވި ކަމަށް އޮޑިޓް އޮފީހުގެ ލިސްޓަކުން ނުދައްކައެވެ. ނަމަވެސް މިސަރުކާރުގެ ހުރިހާ މިނިސްޓަރުން ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީސް މެދުވެރިކޮށް މާލީ ބަޔާން އާންމުކޮށްފައެވެ.
ފަސް އަހަރު ތެރޭގައި ޔާމީން މާލީ ބަޔާން ހުށަހެޅުއްވީ ދެ ފަހަރު