news
stringlengths
242
32.4k
Title
stringlengths
6
118
ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ މައިގަނޑު އެއް މަގުސަދަކީ ރާއްޖޭގެ ވެރިކަމާ ހަވާލުވުން ކަމަށް މިރޭ އެޕާޓީގެ ވަގުތީ ރައީސަކަށް އިންތިޚާބުވި، ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެޖެއެވެ. ކޮންގްރެސް ޕާޓީ އުފެއްދުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އަދުރޭ ވިދާޅުވީ، އެ ޕާޓީން މަސައްކަތް ކުރާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރު ޖަވާބުދާރީ ކުރުވުމާއެކު ދެން އެންމެ އަވަހަށް އޮންނަ ރިޔާސީ އިންތިހާބެއް ކާމިޔާބު ކުރަން ކަމަށް އަދުރޭ ވިދާޅުވިއެވެ. "އަޅުގަނޑު ތިބޭފުޅުންނަށް ޔަގީންކަން އަރުވަން ބޭނުން ވަނީ، އަޅުގަނޑުމެން ޕާޓީގެ މައިގަނޑު މަގުސަދު ތެރޭގައި މިއޮތީ ރާއްޖޭގެ ޒައާމަތާ ހަވާލުވުމުގެ މަސައްކަތް،" އަދުުރޭ ވިދާޅުވި އެވެ. ކޮންގްރެސް ޕާޓީގެ ވަގުތީ ރައީސް އަދުރޭ މިރޭ ބެއްވި ޖަލްސާގައި ވާހަކަ ދައްކަވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ އަދުރޭ ވިދާޅުވީ، ކޮންގްރެސް ޕާޓީން މަސައްކަތް ކުރާނީ ސައްތައިން ސައްތަ މުސްލިމް، މުސްތަގިއްލު އަދި މިނިވަން ގައުމެއްގެ ދިވެހި ގައުމު ބިނާ ކުރުން ކަމަށެވެ. "މި ދިވެހި ފަސްގަނޑުން މާތްވެގެންވާ އިސްލާމް ދީން ފިޔަވައި އެހެން ދީނަކަށް ފުރުސަތު ނުދިނުމަށް ކަމަރު ބަދެގެން. ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ނަގާލުމަށް ކުރެވޭ ކޮންމެ މަސައްކަތަކާ ދެކޮޅަށް ތެދުވުމުގެ މަތިވެރި އަޒުމުގައި. ރައްޔިތުންގެ އުފާ ފާގަތިކަމަށްޓަކައި ކުރަން ޖެހުނު ކޮންމެ މަސައްކަތެއް ކުރުމުގެ ގަދަ ހިތްވަރާ އެކު. ގައުމު ތަރައްގީކުރުމަށްޓަކައި ކުރަން ޖެހޭ ކޮންމެ މަސައްކަތެއް ކުރުމަށް ސާބިތު ކަމާއެކު،" ޕާޓީގެ މަގްސަދުތައް ކިޔާދެމުން އަދުރޭ ވިދާޅުވިއެވެ. ކޮންގްރެސް ޕާޓީ އުފެއްދުމަށް ދަރުބާރުގޭގައި ބާއްވި ޖަލްސާގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ އަދުރޭ ވިދާޅުވީ ކޮންގްރެސް ޕާޓީގެ މިލްކުވެރިކަމާމެދު ދައުވާ ކުރެވޭނެ އެއްވެސް ފަރާތެއް ނުހުންނާނެ ކަމަށާއި ޕާޓީގެ މިލްކުވެރިފަރާތަކީ ރައީސް ޔާމީން ކަމަށެވެ. އަދި ރައީސް ޔާމީން އަށް ތާއީދު ކުރައްވާ ހުރިހާ ބޭފުޅުން ކޮންގްރެސް ޕާޓީއާ ގުޅިވަޑައިގަތުމަށް އަދުރޭ ދައުވަތު ދެއްވިއެވެ. ތިންސަތޭކަ ފަންސާސް ހަތް މީހުންނާއެކު ކޮންގްރެސް ޕާޓީ އުފެއްދުމަށް މިރޭ ޖަލްސާގައި 40 މެމްބަރުން ހިމެނޭ ވަގުތީ ހިންގާ ކޮމެޓީ އެއް ވަނީ އިންތިހާބު ކޮށްފައެވެ. އަދި ޕާޓީގެ ވަގުތީ ރައީސްގެ އިތުރުން ދެ ނައިބު ރައީސަކު ވަނީ އިންތިހާބު ކޮށްފައެވެ. މި ޕާޓީއަކީ ރައީސް ޔާމީންގެ ޕާޓީ، ދަމަހައްޓާނީ އެމަނިކުފާނުގެ ސިޔާސަތު: އަދުރޭ އިތުރަށް ވިދާޅުވުމަށް ކޮންގްރެސް ޕާޓީ އުފެއްދުމަށް އިލެކްޝަންސް ކޮމިޝަނުން ހުއްދަ ދިނީ މިދިޔަ މަހު 27 ވަނަ ދުވަހު އެވެ. އަދި ޕާޓީ އުފެއްދުމަށް ބާއްވާ ޖަލްސާ ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ހުއްދަ ދީފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.
ކޮންގްރެސް ޕާޓީގެ މަގްސަދަކީ ވެރިކަމާ ހަވާލުވުން: ޕާޓީގެ ވަގުތީ ރައީސް
އެއްވެސް ރައްޔިތަކަށް އިންތިހާބަށް ކުރިމަތިލުމަށް ހުރަސްއެޅޭ ގޮތަށް ކުރެވޭ ކަންކަން ބަލައެއް ނުގަނެވޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ. މިއަދު ބާއްވާ އެމްޑީޕީ ޕްރައިމެރީގައި ވޯޓުލެއްވުމަށް އިމާދުއްދީން ސުކޫލަށް ވަޑައިގެން މީޑިއާއާ ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ އެއްވެސް ރައްޔިތަކަށް އިންތިހާބަށް ކުރިމަތިލުމަށް ހުރަސްއެޅޭ ކަހަލަ ކަންތައްތައް ކުރުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ. "ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް ހުރަސް އެޅުމަށްޓަކައި ހިނގާ ކަންތައްތަަކަކީ އެއީ ޑިމޮކްރެސީއާ އިދިކޮޅަށް ކުރެވޭ ކަމެއް ކަމަށް އަޅުގަނޑު ގަބޫލުކުރަނީ،" ރައީސް ސޯލިހު ވިދާޅުވިއެވެ. ރައީސް ސޯލިހު ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލެވޭ ޝަރުތުތައް ގާނޫނުއަސާސީގައި ކަނޑައެޅިގެން ބަޔާންކޮށްފައިވާ ކަމަށެވެ. އޭގެ އިތުރަށް ޝަރުތުތަކެއް ކަނޑައަޅައިގެން ބައެއް ފަރާތްތަކަށް އިންތިހާބުގައި ވާދަނުކުރެވޭ ގޮތަށް ކަންތައްތައް ކުރުމަކީ ގާނޫނުއަސާސީއާ އެއްގޮތަށް ކުރެވޭ ކަމެއް ނޫން ކަމަށެވެ. ރައީސް ސޯލިހު އެހެން ވިދާޅުވި އިރު ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ކުރިމަތި ނުލެވޭގޮތަށް ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު ވަނީ އިސްލާހެއް މަޖިލީހަށް ހުށަހަޅުއްވާފައެވެ. ލަތީފުގެ އިސްލާހު ނަގަން ބާރު އެޅުމަށް އެމްޑީޕީން ގޮވާލައިފި އިތުރަށް ވިދާޅުވުމަށް ރައީސް ސޯލިހު ވިދާޅުވީ އެމްޑީޕީ ޕްރައިމަރީއަކީ ޑިމޮކްރަސީގެ ވަރަށް މުހިންމު ހަރަކާތެއް ކަމަށެވެ. އަދި ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި އެކަން ވަރަށް ސާފުކޮށް ފެނިގެން ދާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ. "އަޅުގަނޑު ބޭނުންވާ ކަމަކީ ސަރުކާރަށް ތާއީދު އޮތް އަޅުގަނޑުމެންގެ ވައުދުތައް ފުރިހަމަ ކުރުމައްޓަކައި އެއްބާރުލާ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހެއް ކުރިއަށް އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ފެނިގެން ދިޔުން،" ރައީސް ސޯލިހު ވިދާޅުވިއެވެ. ރައީސް ސޯލިހު އެމްޑީޕީގެ ޕްރައިމެރީ ސިފަކުރެއްވީ ޑިމޮކްރެސީ ތަރައްގީވެ ހަމަޔަކަށް އެޅެމުންދާ ކަމެއްގެ ގޮތުގައެވެ. ވިދާޅުވީ ރައްޔިތުން ބޭނުންވާ ގޮތަށް ރައްޔިތުންގެ ވިސްނުން ފާޅުކުރުމަށް އެދިއެދި ތިބިތަން އެމްޑީޕީ ޕްރައިމެރީން ފެނިގެންދާ ކަމަށެވެ. "އެމްޑީޕީން މި ބާއްވާ ޕްރައިމަރީއަކީ އެގޮތުން އެޅުގަނޑުމެންގެ ޑިމޮކްރެސީ ފައްކާ ކުރުމަށްޓަކައި ހުޅުވިގެންދާ އިތުރު ދޮރެއް. ކުރިއެރުމެއް. އިރާދަކުރެއްވިއްޔާ އެމްޑީޕީގެ މުސްތަގުބަލު އޮންނާނީ އެގޮތަށް. ޑިމޮކްރެސީއަށް ފަހިވާ ގޮތަށް،" ރައީސް ސޯލިހު ވިދާޅުވިއެވެ.
އިންތިހާބަށް ކުރިމަތިލުމަށް ހުރަސްއެޅޭ ކަންކަން ބަލައެއް ނުގަނެވޭނެ: ރައީސް
ޝަރުއީ ދާއިރާ އިސްލާހުކުރުމުގެ ގޮތުން އެމްޑީޕީން ހުށަހެޅި އިސްލާހަކީ ވަކި ފަނޑިޔާރަކަށް އަމާޒުކޮށް ހުށަހެޅި އިސްލާހެއް ނޫން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމްޑީޕީ އިން ޝަރުއީ ދާއިރާ އިސްލާހްކުރަން ހުށަހެޅި އިސްލާހް ގާނޫނު އަސާސީއާ ހިލާފުކަމަށް ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު މިއަދު ވަނީ ވިދާޅުވެފައެވެ. އަދި އެ އިސްލާހަކީ ވަކި ބަޔަކަށް އަމާޒުކޮށް ގާނޫނުތައް ހެދުމުގެ ސިލްސިލާއެއް ކަމަށް ޑރ. ޖަމީލް ވަނީ ސިފަކުރައްވައިފައެވެ. ޑރ. ޖަމީލަށް ރައްދު ދެއްވައި ރައީސް ނަޝީދު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމްޑީޕީން އެ އިސްލާހް އެކުލަވާލައި ހުށަޙެޅީ މިދިޔަ 10 އަހަރު އެޕާޓީން ދުށް ކަންތައްތަކާއި ކުރި ތަޖުރިބާގެ އަލީގައި ކަމަށެވެ. "އެންމެހާ ފަނޑިޔާރުންނާއި ވަކީލުން މިކަމުގައި އެހީތެރިވެދެއްވުމަކީ އެމްޑީޕީގެ އެދުމެއް،" ޑރ. ޖަމީލް ވިދާޅުވިއެވެ. Raajjeyge judiciary islaah kurumah MDPge hushahelhumakee vaki fan’diyarakah amazkoh ekulavali hushahelhumeh noon.E ee midhiya 10 aharu MDP dhuhthana kurithajuribage aleega ekulavali ikhlaastheri hushahelhumeh.Emmeha fan’diyarun,vakeelun mikamuga eheetherive dhevumee MDPge edhumeh — Mohamed Nasheed (@MohamedNasheed) January 27, 2019 އެމްޑީޕީގެ ލީގަލް ޑިރެކްޓަރު، ގާނޫނީ ވަކީލާ ހިސާން ހުސައިން ހުށަހެޅުއްވި ޕްލޭންގައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އާއި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަދި ކޯޓުތަކަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ވަނީ ހުށަހަޅައިފަ އެެވެ. އެގޮތުން އެޕްޑީޕީގެ މެނިފްސްޓޯގައިވާ ގޮތަށް، ޑީޖޭއޭ އަކީ ސުޕްރީމް ކޯޓުން ދަށުން ހިނގާ ތަނެއްގެ ބަދަލުގައި، ޑީޖޭއޭ އަކީ ޗީފް ޖުޑިޝަލް އެޑްމިނިސްޓްރޭޓަރެއްގެ ދަށުން ހިނގާ ތަނެއްގެ ގޮތުގައި ކަނޑައެޅުން ހިމެނެ އެވެ. އަދި އެ ޑިޕާޓްމެންޓްގެ ވެރިޔާގެ ގޮތުން ޖުޑީޝަލް އެޑްމިނިސްޓްރޭޓާއެއް އައްޔަން ކުރާނީ މަޖިލީހުން ކަމަށާއި ޑީޖޭއަކީ މަޖިލީހުގެ މިނިވަން މުއަސަސާތަކާ ބެހޭ ކޮމެޓީއަށް ޖަވާބުދާރީވާ ތަނެއްގެ ގޮތުގައި ކަނޑައެޅުމަށް ހިސާން ހުށަހެޅުއްވި ޕްލޭންގައިވެ އެވެ. މިހާރު ޑީޖޭއޭ ހިންގަމުން އަންނަނީ، ސުޕްރީމް ކޯޓުގެ ބެލުމުގެ ދަށުންނެވެ. އަދި ޖުޑީޝަލް އެޑްމިނިސްޓްރޭޓާ ކަނޑައަޅަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނެވެ.
ނަޝީދުގެ ރައްދު ޖަމީލަށް: އިސްލާހު ހުށަހެޅީ ވަކި ފަނޑިޔާރަަކަށް އަމާޒުކޮށެއް ނޫން
ސްރީލަންކާއާ ރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވެގެން ދާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ. ލަންކާގެ މިނިވަންދުވަހުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދިނުމަށްޓަކައި ރައިސް މިހާރު ހުންނެވީ ސްރީލަންކާގައެވެ. އެ ދަތުރަށް އަލި އަޅުވާލައި، އެމަނިކުފާނު ވިދާޅުވީ އެ ދަތުރުގެ ސަބަބުން އިތުރަށް ދެ ގައުމުގެ ގުޅުން ބަދަހިވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ. ލަންކާގައި މިއަދު އެމަނިކުފާނު ވަނީ އެގައުމުގައި ދިރިއުޅޭ ދިވެހިންނާ ވެސް ބައްދަލުކުރައްވައިފައެވެ. އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ ރާއްޖެއަށް މިނިވަންކަން ހޯދައިދިނުމަށްވެސް އެންމެ ބޮޑަށް އެހީތެރިވެދިނީ ސްރީލަންކާއިން ކަމަށެވެ. އަދި އޭގެ އިތުރުން ރާއްޖެއިން ބޭރުގައި ތަމްސީލްކުރާނެ އޮފީހެއްވެސް އެންމެ ފުރަތަމަ ހުޅުވީ ލަންކާގައިކަން ރައީސްގެ ވާހަކައިގައި ވަނީ ފާހަގަކުރައްވައިފައެވެ. " 1965 ފައި ރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބުމާއެކު އެއަަހަރުގެ ޖުލައި 26 ވަނަ ދުވަހު ސްރީލަންކާއިން ރާއްޖެއާއެކު ސިޔާސީ ގުޅުން ގާއިމްކުރި. ހަމަ އެދުވަހު ކޮޅުނބުގައި ރާއްޖޭގެ އެމްބަސީއެއް ހުޅުވިގެން ދިޔަ،" ރައީސް ސޯލިހް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ކުރިންވެސް އަދި މިހާރުވެސް ރާއްޖެއާ ލަންކާގެ ގުޅުންތައް އޮތީ ވަރަށް ވަރުގަދައަށް ކަަމަށެވެ. އަދި ރާއްޖެއަށް ޑިމޮކްރަސީ އައި ދުވަސްވަރުވެސް އެކަމުގައި އުޅުނު ދިވެހިންނަށް ހިމާޔަތް ދިނީ ލަންކާއިން ކަމަށެވެ. އަދި ފާއިތވި ފަސް އަހަރުވެސް ރާއްޖޭގައި ޑިމޮކްރަސީއަށް ކުރިމަތިވި މައްސަލަތަކުގައިވެސް ބައިނަލްއަގުވާމީ ދުނިޔޭގެ ސަމާލުކަން ހޯދުމުގައި ސްރީލަންކާ ސަރުރާރުން އެހީތެރިވެދިން ކަމަށެވެ.
ލަންކާއާއެކު އޮތް ގުޅުން އިތުރަށް ވަރުގަދަވާނެ: ރައީސް ސޯލިހް
ޝަރުއީ ދާއިރާ އިސްލާހުކުރުމުގެ ގޮތުން އެމްޑީޕީން ހުށަހެޅި އިސްލާހަކީ ވަކި ފަނޑިޔާރަކަށް އަމާޒުކޮށް ހުށަހެޅި އިސްލާހެއް ނޫން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމްޑީޕީ އިން ޝަރުއީ ދާއިރާ އިސްލާހްކުރަން ހުށަހެޅި އިސްލާހް ގާނޫނު އަސާސީއާ ހިލާފުކަމަށް ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު މިއަދު ވަނީ ވިދާޅުވެފައެވެ. އަދި އެ އިސްލާހަކީ ވަކި ބަޔަކަށް އަމާޒުކޮށް ގާނޫނުތައް ހެދުމުގެ ސިލްސިލާއެއް ކަމަށް ޑރ. ޖަމީލް ވަނީ ސިފަކުރައްވައިފައެވެ. ޑރ. ޖަމީލަށް ރައްދު ދެއްވައި ރައީސް ނަޝީދު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމްޑީޕީން އެ އިސްލާހް އެކުލަވާލައި ހުށަޙެޅީ މިދިޔަ 10 އަހަރު އެޕާޓީން ދުށް ކަންތައްތަކާއި ކުރި ތަޖުރިބާގެ އަލީގައި ކަމަށެވެ. "އެންމެހާ ފަނޑިޔާރުންނާއި ވަކީލުން މިކަމުގައި އެހީތެރިވެދެއްވުމަކީ އެމްޑީޕީގެ އެދުމެއް،" ޑރ. ޖަމީލް ވިދާޅުވިއެވެ. Raajjeyge judiciary islaah kurumah MDPge hushahelhumakee vaki fan’diyarakah amazkoh ekulavali hushahelhumeh noon.E ee midhiya 10 aharu MDP dhuhthana kurithajuribage aleega ekulavali ikhlaastheri hushahelhumeh.Emmeha fan’diyarun,vakeelun mikamuga eheetherive dhevumee MDPge edhumeh — Mohamed Nasheed (@MohamedNasheed) January 27, 2019 އެމްޑީޕީގެ ލީގަލް ޑިރެކްޓަރު، ގާނޫނީ ވަކީލާ ހިސާން ހުސައިން ހުށަހެޅުއްވި ޕްލޭންގައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އާއި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަދި ކޯޓުތަކަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ވަނީ ހުށަހަޅައިފަ އެެވެ. އެގޮތުން އެޕްޑީޕީގެ މެނިފްސްޓޯގައިވާ ގޮތަށް، ޑީޖޭއޭ އަކީ ސުޕްރީމް ކޯޓުން ދަށުން ހިނގާ ތަނެއްގެ ބަދަލުގައި، ޑީޖޭއޭ އަކީ ޗީފް ޖުޑިޝަލް އެޑްމިނިސްޓްރޭޓަރެއްގެ ދަށުން ހިނގާ ތަނެއްގެ ގޮތުގައި ކަނޑައެޅުން ހިމެނެ އެވެ. އަދި އެ ޑިޕާޓްމެންޓްގެ ވެރިޔާގެ ގޮތުން ޖުޑީޝަލް އެޑްމިނިސްޓްރޭޓާއެއް އައްޔަން ކުރާނީ މަޖިލީހުން ކަމަށާއި ޑީޖޭއަކީ މަޖިލީހުގެ މިނިވަން މުއަސަސާތަކާ ބެހޭ ކޮމެޓީއަށް ޖަވާބުދާރީވާ ތަނެއްގެ ގޮތުގައި ކަނޑައެޅުމަށް ހިސާން ހުށަހެޅުއްވި ޕްލޭންގައިވެ އެވެ. މިހާރު ޑީޖޭއޭ ހިންގަމުން އަންނަނީ، ސުޕްރީމް ކޯޓުގެ ބެލުމުގެ ދަށުންނެވެ. އަދި ޖުޑީޝަލް އެޑްމިނިސްޓްރޭޓާ ކަނޑައަޅަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނެވެ.
ނަޝީދުގެ ރައްދު ޖަމީލަށް: އިސްލާހު ހުށަހެޅީ ވަކި ފަނޑިޔާރަަކަށް އަމާޒުކޮށެއް ނޫން
ރާއްޖޭގައި މުވާސަލާތުގެ ހިދުމަތް ފޯރުކޮށްދޭ އެންމެ ދުވަސްވީ ކުންފުނި، ދިރާގުގެ އެޕްލިކޭޝަނަށާއި މައި އެކައުންޓް ހިދުމަތަށް ދިމާވި މައްސަލަ ހައްލު ކޮށްފިއެވެ. ދިރާގުން ބުނީ އެ ކުންފުނީގެ ޕޯސްޓް ޕެއިޑު ކަސްޓަމަރުންނަށް ޑޭޓާ ޕެކޭޖު ނެގުމާއި ޑޭޓާ ބޫސްޓާ އެކްޓިވޭޓު ކުރުމުގައި ދިމާވި މައްސަލަތައް މިހާރު ހައްލުކުރެވިފައިވާ ކަމަށެވެ. މީގެ އިތުރުންވެސް އެކުންފުނީގެ ހިދުމަތް ހޯދުމުގައި ކުރިމަތިވި މައްސަލަތައް ހައްލުވެފައިވާކަމަށް ދިރާގުން ބުނެއެވެ. ދިރާގުގެ ހިދުމަތް ހޯދުމުގައި ދިމާވި ޓެކްނިކަލް މައްސަލައަކާހުރެ ޕޯސްޓްޕެއިޑް ކަސްޓަމަރުން ބިލު ދެއްކުމަށާއި، ޑޭޓާ ބޫސްޓާ އެކްޓިވޭޓު ކުރުމަށް ދަތިތައް ކުރިމަތިވިއެވެ. މީގެ އިތުރުން ދިރާގުގެ މަމެން އެޕްލިކޭޝަން އަދި މައި އެކައުންޓު ހިދުމަތް ލިބިގަތުމުގައިވެސް ވަނީ ދަތިތައް ކުރިމަތިވެފައެވެ. ހިދުމަތް ލިބިގަތުމުގައި ދިމާވި ދަތިތަކަށް ދިރާގުން ވަނީ މައާފަށް އެދިފައެވެ.
ދިރާގުގެ ހިދުމަތް ހޯދުމުގައި ދިމާވި މައްސަލަ ހައްލުކޮށްފި
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް، މިނިސްޓަރުންގެ ނައިބުގެ މަގާމަށް އަށް ބޭފުޅަކު އައްޔަނު ކުރައްވައިފިއެވެ. އެގޮތުން މިނިސްޓަރ އޮފް ފިނޭންސްގެ ނައިބުގެ މަގާމަށް، އައްޔަން ކުރެއްވީ ހެންވޭރު ކަޅުވަކަރުގެ މުޙައްމަދު ފިރުޒުލް ޙުސައިން ފިރާޒެވެ. މުޙައްމަދު ފިރުޒުލް ޙުސައިން ފިރާޒަކީ ދަ ޔުނިވަރސިޓީ އޮފް ނޮޓިންހަމުން ބެޗެލަރ ސައިންސް ވިތް އޮނަރސް އިން އިކޮނޮމިކްސް ހާސިލުކުރައްވައިފައިވާ ބޭފުޅެކެވެ. މުޙައްމަދު ފިރުޒުލް ޙުސައިން ފިރާޒަކީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީގެ އެސިސްޓަންޓް ޑިރެކްޓަރުގެ މަގާމުވެސް އަދާކުރައްވާފައިވާ ބޭފުޅެކެވެ. މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީގެ ނައިބުގެ މަގާމަށް އައްޔަން ކުރެއްވީ އައްޑޫ ސިޓީ ހުޅުދޫ، ހެޕީޑްރީމް މުހައްމަދު އަންސާރެވެ. މުހައްމަދު އަންސާރަކީ ހަޔަރ ނެޝަނަލް ޑިޕްލޮމާ އިން ލޯ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަންގެ ނައިބުގެ މަގާމަށް، ޢައްޔަން ކުރެއްވީ ގަލޮޅު ސައިމާ ޙަމަދު ޢަބްދުލްގަނީއެވެ. ހަމަދު ޢަބްދުލްގަނީ އަކީ ބެޗެލަރ އޮފް އިންޖިނިއަރިންގ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. މީގެކުރިން އިނގިރޭސި ވިލާތުގެ ކިންގްސްޓަން ޔުނިވަރސިޓީގައި އެއިރޯ ސްޕޭސް އިންޖިނިއަރިންގް ގެ ދާއިރާއިން ލެކްޗަރަރ އެއްގެ މަޤާމުވެސް އަދާކުރައްވާފައިވެއެވެ. މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖުގެ ނައިބުގެ މަގާމަށް، ޢައްޔަން ކުރެއްވީ ހދ.ނައިވާދޫ، ގުލްފާމްގެ އަހުމަދު މުހުސިނެވެ. އަޙްމަދު މުހުސިނަކީ ޑިޕްލޮމާ އިން ކޮމްޕިއުޓިންގް އެންޑް މަލްޓިމީޑިއާގެ އިތުރުން ނޫސްވެރިކަމުގެ ދާއިރާއިން ގިނަ އަދަދެއްގެ ޓްރެއިނިންގް ހޯއްދަވާފައިވާ ބޭފުޅެކެވެ. އަޙްމަދު މުޙްސިން ވަނީ މޯލްޑިވްސް މީޑިއާ ކައުންސިލުގެ މެންބަރުކަން ކުރައްވާ ގިނަ އަހަރުތަކެއް ވަންދެން ރާއްޖޭގެ ނޫސްވެރިކަމުގެ ދާއިރާގައި މަސައްކަތްކުރައްވާފައެވެ. މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ ނައިބުގެ މަގާމަށް، ޢައްޔަން ކުރެއްވީ ހދ.ވައިކަރަދޫ، ޖޭޒްމީން ޙުސައިން ޒާމިރެވެ. ހުސައިން ޒާމިރަކީ ބެޗެލަރ އޮފް އަރޓްސް އިން އިކޮނޮމިކްސް ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. މީގެކުރިން ޙުސައިން ޒާމިރު ވަނީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީގެ މިނިސްޓަރުގެ ނައިބުގެ މަޤާމުވެސް ފުރުއްވާފައެވެ. މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ނައިބުގެ މަގާމަށް އައްޔަން ކުރެއްވީ ގަލޮޅު ހިމާލިޔާގެ ފާޠިމަތު ނިއުމާއެވެ. ފާތިމަތު ނިއުމާއަކީ މާސްޓަރ އިން ޕަބްލިކް ޕޮލިސީ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ނައިބުގެ މަގާމަށް އައްޔަން ކުރެއްވީ މައްޗަންގޮޅީ މަނަސް ރިޔާޒް މަންސޫރެވެ. ރިޔާޒް މަންސޫރަކީ ސޮފްޓްވެއަރ އިންޖިނިއަރިންގ އިން އޮނަރސް ޑިގްރީ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. ކުރިން އަދާކޮށްފައިވާ މަގާމުތަކުގެ ތެރޭގައި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކްގެ ޓެކްނިކަލް ކޮންސަލްޓަންޓްގެ މަގާމާއި، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕމްނަޓްގެ ޑިރެކްޓަރުގެ މަގާމުވެސް ހިމެނެއެވެ. މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ނައިބުގެ މަގާމަށް، އައްޔަން ކުރެއްވީ ގަލޮޅު ރަންދެލިގެ ފާޠިމަތު ޔުމްނާއެވެ. ފާތިމަތު ޔުމްނާ ވަނީ ޖެންޑަރ އެންޑް ޑިވެލޮޕްމަންޓް ސްޓަޑީޒްއިން މަސްޓަރ އޮފް ސައިންސް ހާސިލުކުރައްވާފައެވެ. ފާތިމަތު ޔުމްނާ މީގެ ކުރިން ފުރުއްވާފައިވާ މަގާމުތަކުތެރޭގައި ސާކް ޔޫއެން ވިމަންގެ ކޮންސަލްޓަންޓެއްގެ މަގާމާއި، މިނިސްޓްރީ އޮފް ހެލްތް އެންޑް ފެމިލީގެ ޑިޕާޓްމަންޓް އޮފް ޖެންޑަރ އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމު ހިމެނެއެވެ.
މިނިސްޓަރުންގެ ނައިބުގެ މަގާމަށް އަށް ބޭފުޅަކު އައްޔަނު ކުރައްވައިފި
ފިއުލް ސަޕްލައި މޯލްޑިވްސްގެ އެމްޑީއަކަށް ގދ. ތިނަދޫ ސަނީ ޑޭލް މުހައްމަދު ގަސަމް އައްޔަނުކުރައްވައިފިއެވެ. ގަސަމް ވަނީ ރައްޔިތުންގެ މަޖިލީހުގެ މަޖިލީހުގެ ތިނަދޫ ދާއިރާގެ މެމްބަރުކަންވެސް ކުރައްވައިފައެވެ. އެސްޓީއޯއިން ބުނީ އޭނާ އެ މަގާމަށް ރަސްމީ ގޮތުން ހަވާލުވެލައްވާނީ މާދަމާއިން ފެށިގެން ކަމަށެވެ. އެމްޑީގެ މަގާމަށް ގަސަމް އައްޔަނުކުރީ ކުރިން އެމަގާމުގައި ހުންނެވި ހުސެއިން ދީދީ މަގާމުން ވަކިކުރުމަށްފައެވެ. އޭނާ މަގާމުން ވަކިކުރީ ފިއުލް ސަޕްލައިގެ ބޯޑުން ކުންފުނިތަކަށް ކްރެޑިޓަށް ތެޔޮ ދޫނުކުރަން އަންގާފައި ވަނިކޮށް 41 މިލިއަން ރުފިޔާ ދޫކުރި މައްސަލައިގައެވެ. ހުސެއިންގެ މައްސަލަ އޭސީސީއޭއަށްވެސް ފަހުން ވަނީ ފޮނުވައިފަައެވެ.
ފިއުލް ސަޕްލައި މޯލްޑިވްސްގެ އެމްޑީއަކަށް ގަސަމް އައްޔަނުކުރައްވައިފި
ވެރިކަމުގައި ހުންނަ މީހަކަށް އޭނާގެ މަސްއޫލިއްޔަތު އަދާ ނުކުރެވޭ ނަމަ ވެރިކަމަކީ ހިތާމަވެރި ކަމަކަށް ވެގެން ދާނެ ކަމަށް ހުކުރު ހުތުބާގައި ބުނެފިއެވެ. މިއަދުގެ ހުކުރު ހުތުބާ ބިނާކޮށްފައިވަނީ، މަގާމުގެ މަސްއޫލިއްޔަތު އަދުލުވެރިކަމާއި އަމާނާތްތެރިކަމާއެކު އަދާކުރުމުގެ މައްޗަށެވެ. ހުތުބާގައި ބުނެފައި ވަނީ، އަމާނާތްތަކުގެ ތެރެއިން އެންމެ ބޮޑު އަމާނާތަކީ، ވެރިކަމުގެ އަމާނާތް ކަމަށާއި އެގެތެރޭގައި އާދައިގެ އިދާރާތަކާއި އޮފީސްތަކުގެ ވެރިކަމުން ފެށިގެން ގައުމުގެ އެންމެ މަތީ ވެރިކަން ވެސް ހިމެނޭ ކަމަށެވެ. "ވެރިކަމުގެ މަސްއޫލިއްޔަތު އަދާ ކުރަން ޖެހޭ ގޮތަށް އަދާ ނުކޮށްފި ނަމަ، ވެރިކަމަކީ ގިޔާމަތް ދުވަހުން ހިތާމައަކަށް ނުވަތަ ހިތްދަތި ކަމަކަށް ވެގެން ދާނެ ކަމެއް،" ހުތުބާގައި ބުންޏެވެ. ހުތުބާގައި ބުނީ، މަސްއޫލުވެރިން އެމީހުންގެ މަސްއޫލިއްޔަތުތައް ފުރިހަމައަށް އަދާކުރުމަށް އިސްލާމީ ޝަރީއަތުގައި ބާރުއަޅުއްވާފައިވާ ކަމަށެވެ. އަދި އަމާނާތްތެރިކަމާއެކު އެ ހައްގުތަކުގެ ވެރިންނަަށް ހައްގު ހޯދައިދީ، އަމާނާތްތަކުގެ އަހުލުވެރިންނަށް އަމާނާތް ރައްދު ކުރުމަށް ވެސް އިސްލާމް ޝަރީއަތުގައި ބާރު އަޅުއްވާފައިވާ ކަމަށެވެ. "މީގެ ސަބަބުން ހުރިހާ ބާވަތެއްގެ މަސްލަހަތެއް ފުރިހަމަވެ، ފަސާދަތައް ނެތިގެން ދޭ. އަދި އާހިރުގެ ފޮނި ނަތީޖާ ފޮނިވެގެން ދޭ،" އަމާނާތްތެރިކަމުގެ މުހިންމުކަން ހާމަކޮށް ހުތުބާގައި ބުންޏެވެ. އިސްލާމް ދީނުގެ މަތިވެރިވެގެންވާ އުސޫލުތަކުގެ ތެރެއިން އެންމެ މުހިންމު އެއް އުސޫލަކީ އަމާނާތްތައް އޭގެ ހައްގު ވެރިންނަށް އަދާ ކުރުން ވާޖިބުވެގެން ވުމާއި، އެ އަމާނާތަށް ހިޔާނާތްތެރިވުން ހަރާމްވެގެން ވުން ކަމަށެވެ. އަދުވެރިކަމާ ގުޅޭގޮތުން ހުތުބާގައި ބުނީ، އަދުލުވެރި ވެރިޔާއަށް ކީރތި ރަަސޫލާ އުފާވެރި ހަބަރު ދެއްވާ ކަމަށާއި، ގިޔާމަތް ދުވަހުން އެމީހުންނަށް އަރުޝީގެ ހިޔާވަހިކަން ލިބޭ ހަތް މީހުންގެ ތެރޭގައި އަދުލުވެރި ވެރިޔާ ހިމެނޭ ކަމަށެވެ. ކިރީތި ރަސޫލާ ހަދީޘް ކުރެއްވި ބަސްފުޅެއްގެ މާނައިގައި ވަނީ، "ހަމަ ކަށަވަރުން އަދުލުވެރި ވެރީން ﷲގެ ހަޟްރަތުގައި ތިބޭހުށީ ނޫރުން ވާ މިންބަރުތަކެއްގެ މަތީގައެވެ. އެބައި މީހުންނަކީ، އެބައިމީހުންގެ ހުކުމްތަކުގައާއި އެބައިމީހުންގެ އަހުލުވެރިންނާއި އަދި އެބައިމީހުންގެ ބެލުމުގެ ދަށުގައިވާ މީހުނާ މެދު އަދުލުވެރިވާ މީހުންނެވެ،" ހުތުބާގައި އިތުރަށް ބުނެފައިވަނީ، މަގާމެއްގައި ހުރި މީހަކު ކަމުގައި ވީނަމަވެސް އޭނާގެ ބާރުގެ ދަށުގައި އެއްވެސް ފަރާތަކަށް އަނިޔާވެރި ނުވުމަށް، މުސްލިމުންގެ ކަންކަމުގައި ހަވާލުވާ ވެރިންނަށް ކީރިތި ރަސޫލާ އިރުޝާދު ދެއްވާފައިވާ ކަމަށެވެ. އަދި ވެރިން އެމީހުންގެ ބެލުމުގެ ދަށުގައި ވާ މީހުންނަށް އޯގާތެރިވުމަކީ ކީރިތި ރަސޫލާގެ ހެޔޮ ދުއާ ލިބި މާތްﷲ އެ ވެރިންނާ މެދު އޯގާވެރިވެވޮޑިގެން ވާނެ ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ.
މަސްއޫލިއްޔަތު އަދާނުކުރާނަމަ ވެރިކަމަކީ ހިތާމަހުރި ކަމެއް: ހުކުރު ހުތުބާ
ފޯނުގެ އަނެއްކޮޅުން އިވުނު ޚަބަރާއެކު ޒޯހާގެ މޫނުމަތިން ފެނިގެން ދިޔައީ ސިހުމާއި ބިރުވެރިކަމެވެ. ހިއްސުތަކަށް އަރައިގެން ދިޔަ ލޮޅުމާއެކު ސިކުނޑީގެ މަސައްކަތަށް ވެސް ބުރޫއަރައިގެން ދިޔަ ކަހަލައެވެ. ހުއްޓުން އަރާފައި މީހާއަށް ހުރެވުނީ އިވުނު ވާހަކައިގެ ސައްހަކަމާ މެދު ހިތުގައި އުފެދިގެން އައި ސުވާލުތަކުންނެވެ. އޭރުވެސް އެބިރުވެރި ޚަބަރު ރަނގަބީލެއްގެ ސިފައިގައި ކަންފަތުގެ ތޫރީގެ ތެރޭގައި ގުގުމަމުން ދިޔައެވެ. ހިނދަށްހިނދަކަށް އެޖުމްލަތަކުގައިވި ވިހަކަން ހިތުގެ ތެރެއަށް ފޭދި ބިރުވެރިކަމާއި ވޭން އުފައްދާލައިފިއެވެ. އޭރުވެސް ޒޯހާއަށް ހަރަކާތެއްކޮށެއް ނުލެވުނެވެ. މީހާ ހުރީ ގަބުވެފައެވެ. ނޭވާ ހޮޅިތެރޭގައި ތާށިވެ މީހާގެ މޫނުގެ ދިރުން ވެސް ގެއްލިފައިވާ ކަހަލައެވެ. އޭނައަށް އެއްވެސްކަމެއް ރަގަޅަށް ދޭހައެއް ނުކުރެވެއެވެ. ސިކުނޑިއަށް ލިބުނު ޝޮކުގެ ސަބަބުން ވިސްނުމުގެ މައްޗަށް އޮތް އަމިއްލަ ބާރު ދޫވެފައިވާ ކަހަލައެވެ. މުޅި މީހާ ވަނީ ފުން ސިހުމެއްގެ ތެރޭގައެވެ. ކަންފަތުގެ ތޫރީގެ ތެރޭގައި ތަކުރާރުވަމުން ދިޔަ ޖުމްލަތައް ޤަބޫލުކުރަން ޒޯހާގެ ޒަމީރު ދެކޮޅު ހަދަމުން ދިޔައެވެ. އޭނަގެ ލޮލަށް ކަރުނަތައް ޖަމާވެގެން އައީ ގަނޑުވެފައި ހުއްޓާއެވެ. ދުރުގައި މަންޒަރު ބަލަން ހުރި މޫނިސާއަށް ގޮވާލެވުނެވެ. ޒޯހާއަށް އައި ކުއްލި ބަދަލާއެކު އޭނަގެ މޫނުމަތިން ހައިރާންކަމާއި ނުތަނަވަސްކަން ފަނެއެވެ. އޭނަ ޒޯހާ ގާތަށް ދިއުމަށް އަވަސްވެގަތް ވަގުތަކީ، ޒޯހާގެ ކަންފަތުގައި ޖައްސައިގެން ހުރި ފޯނު، ޒޯހާގެ އަތުން ދޫވެ ޓައިލްސްތަކުގެ މަތީގައި ޖެހި ފުނޑުފުނޑުވެގެން ދިޔަ އަޑު ބޮޑުކޮޓަރި ތެރެއަށް ފެތުރިގެން ދިޔަ ވަގުތެވެ. އެއާއެކު ނުބައި ޚަބަރެއްގެ ހިލަން މޫނިސާގެ ހަވަނަ ހިއްސު ނަގައިގަތެވެ. އޭރު އޭނަގެ ހިތުގެ ތެޅުން އަވަސްވެ ނޭވާ ފުންވެއްޖެއެވެ. ޒޯހާ ގާތަށް ހުއްޓިލަމުން ޒޯހާގެ އަތުގައި މޫނިސާ ހިފާލިއެވެ. އަދި ގޮވާލިއެވެ. އެހެނަސް، ޒޯހާއަށް އަޑު އިވުނުހެނެއް ހިޔެއްނުވިއެވެ. އޭގެ ސަބަބުން މޫނިސާގެ ހާސްކަން ފާއިތުވާން ފެށި ކޮންމެ ސިކުންތަކާއެކު ދިޔައީ އިތުރުވަމުންނެވެ. ހިތް މޭގެތެރޭގައި ނެގިނެގިފައި ޖެހެން ފަށައިފިއެވެ. ''ޒޯހާ...'' ޒޯހާގެ މުލައްދަނޑީގައި ހިފާ ތަޅުވައިގަންނަމުން މޫނިސާ ގޮވާލިއެވެ. އެވަގުތު މީހާއަށް ލިބުނު ސިހުމާއެކު ޒޯހާއަށް ހަމަހޭވެރިކަން ވިއެވެ. އެވަގުތު މަންމަގެ މޫނަށް ގޮސް ހުއްޓުނު ނަޒަރާއެކު ޒޯހާގެ ލޯ ފުރިބާރުވަމުން ދިޔަ ކަރުނަތައް ހަލުވިކަމާއެކު ފައިބައިގަތެވެ. ހަށިގަނޑުގެ ސެލްތަކަށް އައިސްފައިވި ކުއްލި ލޮޅުން ޒޯހާއަށް އިހުސާސްކުރެވިގެން ދިޔައީ ދެނެވެ. ހިތުގައި އުފެދިފައިވި ފުން ރިހުން މޭގެ ތެރެއަށް ހަލުވިކަމާއެކު ފެތުރެމުން ދިޔަކަން ވެސް އޭނައަށް އިހުސާސްކުރެވުނެވެ. އެތަދުތަކުގެ ގިލަންވެރިކަމުގެ ތެރޭގައި ހަޤީޤަތާ ކުރިމަތިލާން ޒޯހާގެ ހިއްސުތައް ނުކުޅެދުނެވެ. އަދިވެސް އެވާހަކަތައް ޤަބޫލުކުރަން އޭނަގެ ޒަމީރު ދެކޮޅުހަދާތީއެވެ. މޭގެތެރޭގައި އުފެދިފައިވި އުދާސްތައް އާހުތަކުގެ ގޮތުގައި ބޭރުވެގެން ދިޔައީ އެދނަޑިވަޅުގައެވެ. ޒޯހާއަށް އަންނަމުން ދިޔަ ބަދަލުތަކުން މޫނިސާ ވަރަށް ބޮޑަށް ބިރުގަތެވެ. ޒޯހާގެ މޫނުން ފެންނަމުން ދިޔަ ހިތްދަތިކަމުގެ ސަބަބުން މޫނިސާގެ މެޔަށް ފިނިވާ ގޮތް ވިއެވެ. ''ދަރިފުޅާ، ކިހިނެއް ވީތަ؟...'' މޫނިސާގެ އަޑުގައި ވަނީ ބިރުވެރިކަމެވެ. އެވަގުތު އައްޔޫބުގެ ނަން އޭނަގެ ހިތަށް ސަވާރުވެގެން އައީ ކުއްލިޔަކަށެވެ. އެއާއެކު މޫނިސާގެ ހިތުގެ ހަމަޖެހުން ގެއްލިގެން ދިޔައެވެ. ޒޯހާއަށް އައިސްފައިވި ބަދަލުތަކުން އޭނަ އިތުރަށް ހާސްކުރުވައި ނޭވާ ކުރުކޮށްފިއެވެ. ޒޯހާއަށް ގިސްލެވުނީއެވެ. މަންމައާއި ކުރިމަތިލުމުގެ ހިތްވަރެއް އޭނަގެ ނެތްކަހަލައެވެ. އިސްތިރިކޮށްލެވުނު ހިނދު އޭނަގެ އަރުތެރޭން ވޭނީ އާހުތަކެއް ބޭރުވެގެން ދިޔައެވެ. އޭރު ހޯސްލާފައި ޒޯހާގެ ދެލޮލުން ކަރުނަތައް ފައިބަމުން ދިޔައެވެ. މޭގައި އުފެދިފައިވި ބަރުދާސްތުކުރަން ދަތި ތަދާއެކު ޒޯހާއަށް މޭގައި އަތްޖައްސާލެވުނެވެ. އޭނައަށް ނޭވާލާން ވެސް ވަނީ ދަތިވެފައެވެ. ކަކުލުހުޅުން ވާގި ދޫވިކަމުގެ އިހުސާސާއެކު ޒޯހާއަށް ބިންމައްޗަށް ތިރިވެވުނެވެ. ބިމުގައި ފައިތިލަ ސާބިތުކުރާނެހާ ހިތްވަރެއް އޭނައަކަށް އަލުން ނުލިބުނެވެ. ފައިތިލަ ދަށުގައި އޮތް ބިންގަނޑުންވެސް ގުޑައިގެން ގޮސްފައިވާ ކަހަލައެވެ. ޒޯހާއަށް ރޮވުން ނޫންކަމެއް ނުކުރެވުނެވެ. އިވުނު ބިރުވެރި ޚަބަރާއެކު އޭނަގެ މުޅި ނަފުސު ބަލިކަށިވެގެން ހިނގައްޖެއެވެ. މަންމައާއި ހަތަރުކަޅި ހަމަކުރާނެ ހިތްވަރެއް ވެސް ނުލިބުނެވެ. ނުވީތާކަށް ބައްޕަ ނިޔާވި ޚަބަރަރު މަންމަ ގާތު ހާމަކުރާނެ ގޮތެއް ވެސް ޒޯހާގެ ސިކުނޑިއަކަށް ވިސްނައިނުގަނެވުނެވެ. ހަތަރުއުދަރެސް ފެނުޖެހިފައިވާ ކަހަލައެވެ. ހަދާނެ ގޮތް ހުސްވެ މުޅި މީހާ ދިޔައީ ހިތާމައާއި ކަރުނައިގެ ފުން ކަނޑެއް ތެރޭގައި ޢަރަގުވަމުންނެވެ. ''ޒޯހާ... ތިހެން ނުރޮއި މަންމަ ގާތު ވެގެން އުޅޭ ގޮތެއް ބުނެބަލަ، ކިހިނެއް ވެގެންތަ ތި ރޮއިނީ؟، އަނެއްކާ!... އަނެއްކާ!... ދަރިފުޅުގެ ބައްޕައަށް ކަމެއް ވީތަ؟... ޒޯހާ!!!...'' ޒޯހާ ގާތަށް ތިރިވި މޫނިސާގެ ދެލޮލުން ވެސް ކަރުނަ ހިލިއްޖެއެވެ. ހިތުގައި ޖެހި ގިސްލަމުން ދިޔަ ޒޯހާ ބަރުދާސްތުކުރަމުންދާ ވޭން އޭނައަށް އިހުސާސްކުރެވެއެވެ. އެވޭންތަކުގެ ފަހަތުގައިވާ ސަބަބު އޮޅުންފިލުވަން މޫނިސާ ހުރީ ނުހަނު ބޭނުންވެފައެވެ. އޭނަގެ ހިތުގެ ތެޅުން ވަނީ ނުހަނު އަވަސްވެފައެވެ. ޒޯހާގެ ފަރާތަކުން ޖަވާބެއް ނުލިބުނެވެ. ރުއިން ނޫންކަމެއް ޒޯހާއަކަށް ނުކުރެވުނެވެ. އެންމެފަހުން މޫނިސާ ގައިގައި ބައްދާލަމުން ގަދަޔަށް ގިސްލާން ފެށިއެވެ. ޒޯހާގެ ބުރަކަށީގައި ފިރުމާލަމުން، ޒޯހާ މަސަލަސްކުރެވޭތޯ މޫނިސާ މަސައްކަތްކުރިއެވެ. އެސަކަރާތެއްގެ ތެރޭގައި ވަނިކޮށް އެގެއަށް ވަދެގެން އައީ އަފްލާކްއެވެ. އޭނައަށް ޒޯހާ ފެންނައިރަށް ފިޔަވަޅުތައް އަވަސްވެއްޖެއެވެ. އެމޫނުމަތިން ވެސް ހާސްކަމާއި ކަންބޮޑުވުން ފެންނަމުން ދިޔައެވެ. ''އަފްލާކް...'' އަފްލާކް ފެންނައިރަށް މޫނިސާއަށް ގޮވާލެވުނެވެ. އޭނަ އަފްލާކްއަށް ބަލާލީ އެހިތުގައިވާ ސުވާލުތަކުގެ ޖަވާބު އަފްލާކްގެ ފަރާތުން ލިބިގެން ހިނގައިދާނެކަމުގެ އުއްމީދުގައެވެ. ނަމަވެސް، އަފްލާކްގެ މޫނުމަތިން ވެސް ފެނުނީ ހަމަ އެއް މަންޒަރެކެވެ. ޒޯހާގެ ހާލަތާ މެދު އުފެދިފައިވި ސުވާލުތަކެވެ. ކަންބޮޑުވުމެވެ. ބިރުވެރިކަމެވެ. ''ޒޯހާ...'' އަފްލާކް ގޮވާލިއެވެ. އެއާއެކު ތަގުޅިކޮށްލެވިފައިވި ދެލޯ ޒޯހާ ހުޅުވާލިއެވެ. ޒޯހާއާއި ހަތަރުކަޅި ބައްދަލުވި ހިނދު އަފްލާކްގެ ހިތަށް ތޫނު ތަދެއް އިހުސާސްކުރެވުނެވެ. އެދެލޮލުގައިވި ކަރުނައާއި އުދާސްތަކުން އޭނައާ ހިއްސާކުރަން ބޭނުންވާ ވާހަކަތަކުން އަފްލާކްގެ ހިތުގެ ހަމަޖެހުން ގެއްލުނެވެ. އެގޮތުގެ މަތީން ހިމޭންކަމުގެ ސުކޫތެއް ފާއިތުވިއެވެ. އަފްލާކްއަށް ސިހުން ގެނުވީ އޭނަގެ ފަޓުލޫނު ޖީބުގައި އޮތް ފޯނު ރިންގް ވާން ފެށި އަޑަށެވެ. ޒޯހާއާ ނަޒަރު ވަކިކުރުމެއް ނެތި އަފްލާކް ކޮޅަށް ތެދުވުނެވެ. އަދި ފޯނަށް ޖަވާބު ދިނެވެ. އޭރު މޫނިސާ ދިޔައީ ފަރުވާތެރިކަމާއެކު އަފްލާކްއަށް ބަލަމުންނެވެ. ޒޯހާއަށް އައި ކުއްލި ބަދަލުގެ ފަހަތުގައިވާ ސަބަބު އަފްލާކްއަށް އެއައި ފޯނުކޯލުން ލިބުދާނެކަމަށް އޭނަގެ ހިތް ބުނީތީއެވެ. ''ހަލޯ...'' އަފްލާކް ފޯނަށް ޖަވާބު ދިނެވެ. އޭނައަށް ގުޅަނީ ޕޮލިހުގައި އުޅޭ އޭނަގެ ރައްޓެހި އާޒިމެވެ. އެހާ ހެނދުނު ގަޑިއެއްގައި އާޒިމު ގުޅުމުން އަފްލާކްއަށް ހައިރާންކަން ލިބިފައި ވިއެވެ. ''އަފްލާކް، ވަރަށް ދެރަ ޚަބަރެއް ދޭންވެގެން މިގުޅީ، ޒޯހާގެ ބައްޕަ ގޮޅީގައި ދަންޖެހިފައި އިންދާ ދެންމެ ހޮސްޕިޓަލަށް ގެންގޮސްފި، މަޢުލޫމާތު ލިބޭ ގޮތުގައި ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް ވިންދެއް ނެތް... ނޭވާއެއް ނުލާ...'' އާޒިމްގެ އަޑުގައި މޮޅިވެރިކަން އެކުލެވިގެން ވިއެވެ. އެޚަބަރު އަފްލާކްއާއި ހިއްސާކުރަން އޭނައަށް ދަތިވެފައިވާ މިންވަރު އަޑުން ހާމަކޮސްދެއެވެ. ''ވަޓް!!!...'' އަފްލާކްއަށް ލިބުނީ ސިހުމެވެ. އޭނައަށް ޤަބޫލެއް ނުކުރެވުނެވެ. ''ޑިއުޓީއަށް އައިތަނާ މި ޚަބަރެއް ލިބުނީ... މިއަދު ހެނދު ގޮޅިތައް އިންސްޕެކްޓްކުރަން ދިޔަ އޮފިސަރަކަށް ފެނުނީ ދަންޖެހިފައި އިންދާ، ބެލެވޭ ގޮތުގައި އަމިއްލައަށް މަރުވެފައި އިނީ، އެނދުގައި އަޅާ ބެޑު ޝީޓު ގޮޅީގައި ހުރި ކުޑަދޮރުގެ ތޭރިތަކުގައި އައްސައިގެން ދަންޖެހިފަ އިނީ... މިހާރު ހަށިގަނޑު ހޮސްޕިޓަލަށް ގެންދެވިފައި ވަނީ، އިރުކޮޅަކުން ގުޅާނެ ޢާއިލާ މީހުންނަށް ޚަބަރުދޭން... އަހަރެން މިދަނީ މިހާރު ހޮސްޕިޓަލަށް ދާން، އިތުރު މަޢުލޫމާތެއް ލިބިއްޖެއްޔާމު އަހަރެން ވަގުތުން ގުޅާނަން...'' އާޒިމު ފޯނު ކަނޑާލިއެވެ. ކަންފަތާއި ފޯނު ވަކިކޮށްލަން ނޭގިފައި އަފްލާކްއަށް ހުރެވުނީ ގަނޑުވެފައެވެ. ނޭވާލާން ވެސް އޭނަ ހަނދާން ނެތިފައިވާ ކަހަލައެވެ. ކަންފަތަށް އިވުނު ބަސްތައް ހަޖަމުކުރަން އޭނައަށް އިންތިހާށް އުނދަގޫވެފައި ވިއެވެ. ލަސްލަހުން ފަސްއެނބުރުނު އަފްލާކްއަށް ބަލާލެވުނީ ޒޯހާ އަށެވެ. ކަރުނައަޅާ ރޮމުން ދިޔަ ޒޯހާގެ ހިތާމަތަކުގެ ފަހަތުގައިވާ ސަބަބު އަފްލާކްއަށް އެނގުމާއެކު އޭނަގެ ހިތް މޭގެ ތެރޭގައި ފިތެމުންދާ ކަހަލަ އިހުސާސެއް ކުރެވެމުން ދިޔައެވެ. ލޮލަށް ކަރުނަ ޖަމާވެގެން އައީ އައްޔޫބުގެ ކުއްލި ވަކިވެ ދިއުމާއެކު ލިބުނު ވޭނާއި ތަކުލީފުގެ ބޮޑުކަމުންނެވެ. މިހެން ވިމީ ކީއްވެގެން ހެއްޔެވެ؟ ***** ''ރަމީޒު!...'' ހެނދުނުގެ ސަޔަށް އިންސާފުކުރަން އިން ރަމީޒު އާއި އޭނަގެ ލޯބިވެރިޔާ ރަނާއަށް ސިހުން ލިބުނީ ފަހީމްގެ ބާރު އަޑަށެވެ. އަތުގައި އޮތް ޕާން ފޮތި ތަށީގެ ތެރެއަށް ދޫކޮށްލަމުން ގޮނޑިން ތެދުވާން އުޅުނު ރަމީޒުއަށް ހުއްޓެވުނީ ކާކޮޓަރިއަށް ވަން ފަހީމް ފެނުމުންނެވެ. ރަމީޒު ހިނިތުންވެލިއެވެ. އެވަގުތު ފަހީމްގެ މޫނުން ރަމީޒުއަށް ހިތްހަމަނުޖެހުމުގެ އަސަރު ފާހަގަކުރެވުނެވެ. އައްޔޫބުގެ މަރުގެ ޚަބަރު ފަހީމްގެ ކަންފަތާ ހަމައަށް ފޯރައިފިކަން އޭނައަށް ނަގައިގަނެވުނެވެ. ރުޅިއައިސްފައި ހުރި ފަހީމް ގޮސް ރަމީޒުގެ ގަމީހުގެ ގިރުވާނުގައި ހިފާލަމުން ޖެހި ބާރު ލުއްކިއާއެކު ގޮނޑިން ތެދުކުރުވިއެވެ. އެއާއެކު މަންޒަރު ބަލަން އިން ރަނާ ފުންމައިގެންފައި ގޮނޑިން ތެދުވެއްޖެއެވެ. ''ވަޓް ދަ ހެލް އިޒް ރޯންގް ވިތް ޔޫ؟...'' ރަނާ ހަޅޭއްލަވައިގަތެވެ. އަދި ރަމީޒުގެ ގަމީހުގެ ގިރުވާނުން ދޫކޮށްލުމަށް ފަހީމު ގާތު ބުނެލީ ބުމަ ގޮށްޖަހާލައި މޫނަށް ވެސް ގޮތެއް ހަދާލަމުންނެވެ. ''ކަލޭއާ ބެހޭ ކަމެއް މިތާކު ނުހިނގާ......'' ފަހީމް ހިތްހަމަނުޖެހުމާއެކު ހަޅޭއްލަވައިގަތެވެ. އެއާއެކު ރަނާގެ އަނގަސަކަރާތް ވިއެވެ. ރައްދުގައި އެއްޗެއް ބުނަން އުޅެނިކޮށް އޭނަ ހުއްޓުވީ ރަމީޒުއެވެ. ''ސައިބޮވިއްޖެއެއްނު؟، ދެން، ކަލޭ މިތަނުން ނިކުމޭ!...'' ރަނާއަށް ބަލާލަމުން ރަމީޒު އަމުރުކުރިއެވެ. އިރުކޮޅެއް ވަންދެން ރަމީޒުއަށް ބަލަން ހުރި ރަނާ ކާމޭޒުމަތީ އޮތް އޭނަގެ ފޯނު ހިފައިގެން ކާކޮޓަރިން ނިކުންނަން ހިނގައިގަތީ މޫނު ކުނިކޮށްގެން ހުރެއެވެ. ރަމީޒު އޭނައާ މެދު ބަސްމަގު ބެެހެއްޓި ގޮތް ރަނާއަށް ކަމަކު ނުދިޔައެވެ. އޭނަ ކާކޮޓަރިން ނިކުންނަމުން ދިޔައީ ކުދިކިޔަމުންނެވެ. ''ކަލޭ ތީ ސިކުނޑި ހަމަނުޖެހޭ މީހެއްތަ؟...'' އިހުނަށްވުރެ ބޮޑަށް ގަމީހުގެ ގިރުވާނު އަތުތެރެއަށް ބޮޑިކުރަމުން ފަހީމް ބުނެލިއެވެ. ރަމީޒު ކަންތައް ކުރި ގޮތާ މެދު އޭނަ ހުރީ ރުޅިގަދެވެފައެވެ. މަސައްކަތުގެ މާހައުލުގައި އޭނަ ކަނޑައަޅާފައިވާ ވަކި އިންތަކެއް އޮވެއެވެ. އޭނައާ އެކު މަސައްކަތްކުރާ އެއްވެސް މީހަކު އެއިން ފަހަނައަޅާފައި ދިއުން އެއީ އޭނައަށް ޤަބޫލުކުރެވޭނެކަމެއް ނޫނެވެ. ހައްލުނުކުރެވޭ ވަރުގެ ބޮޑު މައްސަލައެއް ދިމާވިކަމުގައި ވިޔަސް، ރަހުމެއް ނެތި އިންސާނެއްގެ ފުރާނައަށް އަރައިގަތުމަކީ ފަހީމްގެ ނަޒަރުގައި ބޮޑު ކުށެކެވެ. އިންސާނިއްޔަތާ ހިލާފު ދަށުދަރަޖައިގެ އަމަލެކެވެ. އެކުށަށް ކަނު ލޮލެއް އޭނައަށް ނުދެވުނީ އެހެން ވެއެވެ. ރަމީޒު އެފާފައަށް އަރާފައި ވަނީ ކިތައް ފަހަރުކަމެއްވެސް ފަހީމް އަކަށް ރޭކާނުލައެވެ. އެނގުނުނަމަ އެއްވެސް ގޮތަކުން އޭނަ ރަމީޒުއަށް މަދަދުވެރިއެއް ނުވީހެވެ. ''ހެހެހެ... ފަހީމްއަށް ވެސް އަޑުއިވުނީ ދޯ؟... އަރުމެންގެ ރޭވުން ފަސޭހަކަމާއެކު ކާމިޔާބު ކުރެވޭނެ ގޮތަކީ އެއީ، އެހެންވެ އެހެން ކަންތައް ކުރީ، އެމީހުން ފައިސާއެއް ބަލައިނުގަތް އަދި އަހަރުމެންގެ އިންޒާރުތަކަށް ވެސް ބިރެއް ނުގަތް، އެހެންވެ ބިރުގަންނާނެ ވަރުގެ ކަމެއް ކުރަން ޖެހުނީ، ދެން ލާހިކެއް ނޫން އަހަރުމެންނާ ދެކޮޅު ވާކަށް، މިހެން ކަންތައް ވީމަ ފަހީމް އުފާވާކަށްނު ޖެހޭނީ، ފަހީމްއަށް ވެސް މިކަމުން މަންފާ ލިބެން ވިއްޔާ އޮތީ...'' ކުރެވުނު ކަންތަކާ މެދު އެއްވެސް ވަރަކަށް ރަމީޒު ދެރަވިހެނެއް ހިޔެއް ނުވެއެވެ. އޭނަ އެއްމިޔަކަނިން ހިނިތުންވެލި ގޮތާއި އެހިނިތުންވުން އޭނަގެ ލޮލާ ހަމައަށް ފޯރި ގޮތުން ފަހީމްއަށް ހައިރާންކަން ލިބުނެވެ. ރަމީޒު އެފަދަ ސިފައެއް އޭނައަށް ފެނުނު އެއީ ފުރަތަމަ ފަހަރެވެ. ރަމީޒު ބޭނުންވާ ސިފައެއް މެނުވީ އިތުރު މީހަކަށް ފާހަގަވުމުގެ ފުރުސަތު ރަމީޒު ނުދޭތީއެވެ. އެތައް އަހަރެއް ރަމީޒުއާއެކު ހޭދަކުރެވުނު އިރުވެސް ރަގަޅަށް ރަމީޒު ދަސްނުވާކަން ފަހީމްއަށް ރޭކާލީ އެދަނޑިވަޅުގައެވެ. އޭނަ ގާތަށް އައީ ރުޅިއެވެ. ފަހީމް، ރަމީޒުގެ ގަމީހުން ދޫކޮށްލުމަށްފަހު، ރަމީޒުގެ މޭގައި އަތް އަޅާ ދުރަށް ކޮއްޕާލިއެވެ. އެއަށްފަހު ފުންނޭވާއެއް ދޫކޮށްލިއެވެ. ރަމީޒު އޭނަގެ ގަމީސް ރަގަޅުކޮށްލަން އުޅުނު ވަގުތު މޫނުމަތިން ތަރިބުރައިގެން ދިޔައީ މޫނުމައްޗަށް އެރި ގޮށްމުށުގެ ބާރު އެތިފަހަރުންނެވެ. އެފަދަ ހަމަލާއަކަށް ވިސްނައިގެން ނެތުމާއި، ހަމަލާގެ ބާރަގަދަކަމުން އޭނަގެ ފައި ބިމުން ކައްސާލައި ޓައިލްސްތަކުގެ މަތީގައި އިނދަޖެހުނެވެ. އެވަގުތު ނޭފަތުން އޮލައެއްޗެއް އޮހެޮރެން ފެށިކަމުގެ އިހުސާސާއެކު ރަމީޒުއަށް ނޭފަތުގައި އަތް ޖައްސާލައެވެ. ލޭގެ ވަހުގެ އިހުސާސް އޭނައަށް ކުރެވުނީ ދެނެވެ. ބާރަ ގަދަ ހަމަލާއާއެކު ވަށަިއގެންވި މާހައުލަށް ރަމީޒުއަށް ސަމާލުކަން ނުދެވެނީސް އަނެއްކާ ވެސް ހަމަލާ ތަކުރާރުވިއެވެ. އެއާއެކު ރަމީޒު ބުރާންތި ވިއެވެ. ''ގަމާރު ކަލޭގެ، ކަލޭ ތިކުރިކަމެއްގެ ސަބަބުން އަހަރުމެންގެ ރޭވުމެއް ނޫން ކާމިޔާބު ވާނީ، އެހެން އެއްޗެއް ހާސިލުވާން އޮތީ، ކަލޭ ތިކުރިކަމެއްގެ ސަބަބުން ދެން އަފްލާކް އަހަރުމެން ބޭނުން ގޮތަކަށް ވެސް ކަންތަކެއް ނުކުރާނެ، އޭނަ ދެން އަންނާނީ ކަލޭ ފަހަތުން، އޭނަ ހުންނާނީ ބަދަލު ހިފަން ތައްޔާރަށް، ކަލޭގެ ތި އަބުއި ވިސްނުމުން ނިކުންނާނެ އިތުރު ނަތީޖާއެއް ދެނެއް ނޯންނާނެ، ކުރިން ވިއްޔާމު އަފްލާކްއަށް ބިރުދައްކައިގެން ވިޔަސް ނޫނީ އެއަންހެންކުއްޖާއަށް ބިރުދައްކައިގެން ވިޔަސް އެދެމީހުން ދުރުކުރުމުގެ ފުރުސަތު އޮތް، އަދި އަފްލާކްއާއި ކިޔާރާ ގުޅުވުމުގެ ފުރުސަތު ވެސް އޮތް... އެކަމަކު ކަލޭގެ ވިސްނުންކޮށިކަމުގެ ސަބަބުން ދެން އެއްވެސްކަމެއް ހާސިލުކުރަން އުނދަގޫވާނެ... އެއްފަހަރު ވިޔަސް ކަލޭގެ ޤަމާރު ޚިޔާލުތަކަށް އަމަލުކުރުމުގެ ކުރިން އެއިން ނިކުމެދަނެ ނަތީޖާއަކާ މެދު ވިސްނާބަލަ، ކަމެއް ކުރުމުގެ ކުރިން އޭގެ ނަތީޖާއާ މެދު ވިސްނަން ޖެހޭނެ، ބޮލަށް އުޑު ވެއްޓުނީމައެއް ނޫން ހައްލު ހޯދަންވީކީއެއް... އެންމެ ގަމާރު މީހާއަށްް ވެސް އެކަން އެނގޭނެ... ކަލޭ ތިކުރިކަމެއް ކުރީ ކަލޭގެ ހިތުގައި އޮތް ރުޅިވެރިކަމުން، އެކަމުގެ އާހިރު ނަތީޖާގައި އަނދާއަޅިއަށް ވާނީ ވެސް ކަލޭ، އަފްލާކްއާއި ކިޔާރާގެ ކައިވެނި ނުވެއްޖެއްޔާމު އަހަރެން ކަލޭ ބަރުބާދުކޮށްލާނަން، މިގެއާއި ކަލޭގެ ކުންފުންޏާއި ހުރިހާ ފައިސާއެއް ވެސް ކަލޭ އަތުން ފޭރޭނަން، ކަލޭ އިނދަޖައްސާފައި ނޫނީ އަހަރެން ދުލެއް ނުކުރާނަން، ފުރަތަމަ ވެސް އިންޒާރު ދިނީމެއް ނޫންތަ؟!... ކަލޭ ހިތުން ކަލޭ މޭފުއްޕާލާފައި ބޮޑާކަމާއެކު ހިނގުމުގެ ބާރު އެބައޮތް ދޯ؟، ހަގީގަތުގައި ކަލޭގެ އެހައިސިއްޔަތެއް ވެސް ނެތް، ކަލޭތީ އަހަރެންގެ ފައިތިލަދަށުގައިވާ ކުންޏަށް ވެސް ލިބެންޖެހޭ ގަދަރު ލިބެންޖެހޭ މީހެއް ނޫނޭ، މީހާ ބަނގުރޫޓުވާން އުޅެނިކޮށް މަ އެހީގެ އަތެއް ދިއްކޮށްނުލިނަމަ އޮންނާނީ ސަލާންޖަހަން މަގުމަތީގައި، ކަލޭ މަގޭ ގާތަށް ނާށިގަނޑު ހިފައިގެން ސަލާންޖަހަން ދިޔަ ދުވަސް ހަނދާން ނެތުނީތަ؟... މީގެފަހުން ކަލޭގެ ހައިސިއްޔަތު ދެނެގެން އުޅޭތި!...'' ފަހީމް ހަޅޭއްލަވައިގަތެވެ. އަފްލާކްއާއި ކިޔާރާ ގުޅުވުމަށް އޭނަ އަތުރަމުން ދިޔަ ރޭވުން ނާކާމިޔާބުވުމުން އެކަމުގެ ނުރުހުންތެރިކަން ފަހީމްގެ ފަރާތުން ފެނެއެެވެ. ''އެހެން އިންސާނެއްގެ ފުރާނަ ދުއްވާލި އިރު ކަލޭ ޖެހިލުމެއް ވެސް ނުވިތަ؟...'' ފަހީމް ދަތްތަކަށް ބާރުލަމުން ބުނެލިއެވެ. ''ކަލެއާ ހެދި އިތުރު ބޮލުގެ ރިހުމެއް މިލައްވާލީ... މިހާރު ހިތަށް އެބަ އަރާ ކަލޭ ކަހަލަ ފީކަޅާ އަދި ނަތީޖާ ނުނެރެވޭ މީހަކާ މިކަންތައް ހަވާލުނުކުރެވުނު ނަމައޭ، ކަލޭގެ ފީކަޅާކަމުން ރޭވުމާ އެއްގޮތަށް ކުރިއަށް ނުދިޔައީ، ތިމާއަށް ތިމާ ފެނި އެހެން މީހުން ތިމާ ދެކެ ބިރުގަންނާނެކަމަށް ހީކުރެވި ބިލާހެއްގެ ތެރޭގައި އުޅެވުމުން ކަލޭ ދެކެ އެމީހުން ބިރު ނުގަތީ، ކަލެއާ ހަވާލުކުރުމުގެ ބަދަލުގައި މިހާރު ހިތަށް އެބައަރާ އަހަރެން އަމިއްލައަށް އެމީހުން ގާތަށް ދިޔަނަމައޭ، ރަގަޅު ފުރުސަތެއް ލިބިފަ ގެއްލުނީ ހަމަ ކަލޭގެ މޮޔަކަމުން... ގަމާރު ކަލޭގެ!!!...'' ފަހީމް ރުންކުރުވިއެވެ. ރަމީޒު ހިސާބަކަށް ރުޅިއަންނަ ގޮތް ވިއެވެ. ނަމަވެސް ފަހީމް ކުރިމަތީގައި އަޑުއިސްކުރަން އޭނަ ޖެހިލުންވިއެވެ. ބުނެވޭ އެންމެ ލަފުޒަކުން ވިޔަސް ފަހީމް އޭނަ ސުންނާފަތިކޮށްލަފާނެތީއެވެ. ''ވަގުތު ކޮޅެއް ދީ... އަހަރެން މިކަން ރަގަޅުކުރާނަން، އަފްލާކް އަހަރެން ބުނާ ގޮތަށް ކަންތައް ކުރާނެ......'' ރަމީޒު އަޑުގައި ވަނީ އާދޭހެވެ. ފަހީމް ކުރިމަތީގައި އޭނަ ހުރީ ހިތްވަރު އެލިފައެވެ. ނުރުހުނުކަމުގައި ވިޔަސް ފަހީމްގެ ކުރިމަތީގައި ރަމީޒުއަށް ހުރެވުނީ ނިކަމެތިވެފައެވެ. އެވަގުތު ފަހީމް ޖަހާލީ ހިނިގަނޑެކެވެ. ''ކަލެއަށް ބިރުން ކަމެއް ކުރަން ޖެހިލުންވާނެނަމަ މިގެ ދޫކޮށް ވެސް ދާން އަފްލާކްއަށް ނުކެރުނީސް، ކަލެއަށް ގޮންޖަހާލައި ކާމިޔާބު ވިޔަފާރިއެއް ވެސް ނުފެށުނީސް، މަށަށް ހީވަނީ ކަލޭ ދެން ޤަބޫލުކުރަންވެއްޖެހެން، މިހާރު ކަލޭގެ ބާރެއް އަފްލާކްގެ މައްޗަކަށް ނެތް، ކަލޭގެ މޮޔަކަމުން ކުރި ކަންތަކުން އަފްލާކް އިތުރަށް ރުޅިއަރުވާލެވުނީ... ކަލެއާ ހެދި ދިމާވާހާ ކަންތައް މިއީ... ގަމާރުންނާ ބޮޑެތި ކަންތައް ހަވާލުކުރެވުނީމަ ނިކުންނާނީ މިކަހަލަ ނަތީޖާތައް......'' ފަހީމް އަނެއްކާ ވެސް ރަމީޒުގެ މޫނު މައްޗަށް ހޫނު އެތިފަހަރެއް ވީއްލާލިއެވެ. ކިޔާރާއަށް އޭނަ ވި ވަޢުދު ނުފުއްދިދާނެކަމުގެ ބިރާއެކު ފަހީމް ހުރި ރުޅި ގަދަވެފައެވެ. ފައިދަށަށް ލައި ރަމީޒު ފިސްފިސްކޮށްލަން އޭނަ ބޭނުންވެފައިވަނީ އެހެންވެއެވެ. ''މީ އެންމެ ފަހު ފުރުސަތު، އަހަރެން ފަހީމް ބޭނުން ގޮތަށް ކަންތައް ކޮށްދޭނަން، އަފްލާކް އިންނާނީ ހަމައެކަނި ކިޔާރާ އާ... އަހަރެން މިކަންތަކަށް އަވަސް ހައްލެއް ހޯދާނަން...'' ރަމީޒު އެދުނެވެ. ''އަހަންނަށް އިތުބާރުކުރޭ...'' ***** ''ގާރލްސް!، އެބައޮތް ވަރަށް ހޫނު ޚަބަރެއް!... އެލީ އޮފީހުގަ އުޅެއެއްނު ޒާތެއްގެ ބަޑި އަންހެން ގޮލައެއް... މީ، ކިޔާގެ ބިޓު ވަގަށް ނަގައިގެން އުޅޭ ކާޅުގެ ވާހަކަ މިދައްކަނީ، ނަމެއް ހަނދާނެއް ނެތް، އޭނަގެ ބައްޕަ ވަރަށް ފަހުން އެރެސްޓް ކުރިއެއްނު ޑްރަގް މައްސަލައެއްގަ، މިއަދު އޭނަގެ ބައްޕަ ސުއިސައިޑްކޮށްފިޔޯ، އޮންލައިން ނޫހެއްގަ އުޅޭ ރައްޓެއްސެއްގެ ފަރާތުން ދެންމެ މަށަށް މިއަޑުއިވުނީ، ވަރަށް ގިނަ މީހުން ހޮސްޕިޓަލް ދޮށަށް އެއްވެގެން އެބައުޅޭ... އޭނަގެ ސުއިސައިޑް ނޯޓެއް ވެސް މީޑިޔާގައި ސާރކިއުލޭޓްއެބަވޭ... އޭގައި އޮންނަނީ އޭނަ ޑްރަގް ކަންތަކުގަ ބަސްޓް ވީމަ ގިލްޓީ ވެގެންނޯ ސުއިސައިޑްކުރަނީ... ވަރެއްގެ މިހާގަނޑެއް ދޯ، ކީއްކުރަންތަ ސެންޓެންސް ފޭސް ނުކުރެވެންޏާ ޑްރަގް ޑީލް ކުރަނީ... ޕެތެޓިކް ކްރިމިނަލްސް!!!...'' ކިޔާރާ އިނީ އޭނަގެ އެކުވެރިންނާއެކު ހެނދުނުގެ ސަޔަށް އިންސާފުކުރަން ރަށުގައި ނަން މަޝްހޫރު ރެސްޓޯރެންޓެއްގައެވެ. އެމީހުންނާ އެންމެފަހުން ގުޅުނު ރައްޓެހި ކުއްޖާ ސައިމޭޒު ދޮށަށް ހޫނު ބޮމެއް ވައްޓާލިއެވެ. އެކަމަށް އެންމެންގެ ސަމާލުކަން ހުއްޓުނެވެ. ''އޯ.މައި.ގޯޑް!!!...'' އެންމެން އެކީ ކިޔާލައިފިއެވެ. ހިމޭންވެފައި އިން ކިޔާރާގެ ތުންފަތަށް ވެރިވީ ޒާތެއްގެ ހިނިތުންވުމެކެވެ. ''ވާންވީ ގޮތަށް އެވީ، ފުރަތަމަ މަގޭ އަފްލާކް ވާވައްދައިގެން ލާރިކާން އުޅުނީ، އެކަމުން ލިބޭ ވަރު ކުޑަވެގެން ކަންނޭގެ އޭނަގެ ބައްޕަ ޑްރަގްސް ވިއްކަން ފެށީ... އެންމެފަހުން އެއޮތީ ލިބެން ޖެހޭ ބޮޑި ލިބިފަ، މިހާރު އޮންނާނެ އެއްޗެއް ވިސްނިފައި، އޭނަގެ ޢާއިލާ ވެސް ރަގަޅު ބަދުނާމެއް ވެފައި އޮތީ، އެކަހަލަ ތާކުންތާކު ނުޖެހޭ ފީކަޅާ މީހުނަށް އާންމުކޮށް ދިމާވާން ޖެހޭނީ އެހެން، އެމީހުންނަށް އެމީހުންގެ ފެންވަރު ކޮންމެ ސިކުންތަކު ވެސް އެނގެން ޖެހޭނެ، އެހެން ނޫނީ ނިކަން އަވަހަށް މީހާގެ ފެންވަރު އޮޅޭނެ... ރަގަޅު ބޮޑިއެއް ލިބިގެން ނޫނީ އެމީހުން މައިތިރިއެއްވެސް ނުވާނެ... ހިތަށް އަރާ މިކަމަށް ފަހު އަފްލާކްއަށް އެއްޗެއް ވިސްނިގެން އެރަންޑިގަނޑާ ދުރުވާނެނަމައޭ، ހާދަ ރުޅިއެއް އާދެޔޭ އެއަންހެން ގޮލާ ދެކެ، އެއްވެސްކަހަލަ ވައްޓަފާޅިއެއް ނުހުންނަ އިރުވެސް ހިތުން ތިމާއަކީ ކިންގްޑަމްއެއްގެ ކުއީންކަމަށް ހެދިގެން އުޅެނީ... އަހަރުމެންގެ ފައިދަށުގަ ހުންނަންވީ މީހެކޭ މާފޮނިވެގެން އުޅެނީ، މިހާރު އޭއްޗަށް ރަގަޅު ފިލާވަޅެއް ލިބޭނެ... ރަށަށް ވެފައި އެއޮތް ބަދުނާމުން ސަލާމަތެއް ވެސް ނުވެވޭނެ...'' ކިޔާރާ އޭނަގެ އޮރެންޖް ޖޫސްތަށިން އެތިފޮދެއް ބޯލަމުން ބުނެލިއެވެ. އޭނަ ވަށައިގެން ތިބި އެކުވެރިން ވެސް ޒޯހާއަށް ބަދުބަސްބުނެ ވާހަކަދެއްކިއެވެ. މުއްސަނދި ޢާއިލާތަކަށް ނިސްބަތްވުމުން ފަޤީރު މީހާގެ އިހުސާސްތަކަށް ޤަދަރުކުރަން އެއްވެސް މީހަކަށް ނޭގުނެވެ. އެނެކާއަށް ލިބިފައިވާ ފުން ހިތާމަތައް ތަސައްވަރެއް ވެސް ނުކުރެވުނެވެ. ބޮޑަކަމާއި ކިބުރުވެރިކަމުން ލޯތައް ކަނުވެފައިވާ ކަހަލައެވެ. (ނުނިމޭ...) އިންދިރާސް... (12) އިތުރަށް ވިދާޅުވުމަށް
އިންދިރާސް... (13)
އއ. ތޮއްޑޫ ގޮއިބިމުން ބިން ދޫކުރުން މަޑުޖައްސާލުމަށް އެރަށު މެޖިސްޓްރޭޓުކޯޓުން ހުކުމްކޮށްފިއެވެ. ކޯޓުން އެގޮތަށް ހުކުމްކޮށްފައިވަނީ ދަނޑުވެރިކަން ކުރުމަށް ތޮއްޑޫ އިން ނީލަމުގެ އުސޫލުން ދޫކޮށްފައިވާ ބިމަށް ފައިސާ ނުދައްކާ މީހުންނަށް އަލުން ބިން ދޫނުކުރަން އެރަށު ކައުންސިލުން ނިންމުމާ ގުޅިގެން ތޮއްޑޫގެ ދަނޑުވެރިޔަކު ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ. ކައުންސިލުގެ ހުރިހާ މެންބަރުންގެ އިއްތިފާގުން ނިންމާފައިވަނީ ބިމަށް ފައިސާ ނުދައްކާ މީހުންނަށާއި އެމީހުންގެ 18 އަހަރު ނުފުރޭ ކުދިންނަށް ކުރިއަށް އޮތް ފަސް އަހަރު ވަންދެން ގޮއިބިމުން ދަނޑުވެރިކަމަށް ބިން ދޫ ނުކުރުމަށެވެ. އެރަށުން ސަން އާ ވާހަކަ ދެއްކި މީހަކު ބުނީ ކައުންސިލުގެ ނިންމުމަކީ ތޮއްޑޫގެ ގޮއިބިމުން ދަނޑުވެރިކަމަށް ބިން ދޫކުރުމުގެ އުސޫލާ ތައާރުޒުވާ ނިންމުމެއް ކަމަކަށްވާތީ، އަމިއްލަ ފަރާތަކުން އެ މައްސަލަ ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ. އެ މައްސަލާގައި ތޮއްޑޫ ކޯޓުން ނިންމާފައިވަނީ އެ މައްސަލައަކީ ވަގުތީ އަމުރެއް ނެރެވިދާނެފަދަ ސަބަބުތައް ހުރި މައްސަލައެއް ކަމަށާއި ވަގުތީ އަމުރެއް ނެރެނުދީފިނަމަ އެކަމުގެ ސަބަބުން އިޔާދަނުކުރެވޭ ވަރުގެ ގެއްލުމެއް ދައުވާ ކުރާ ފަރާތަށް ލިބިދާނެ ކަމަށް ފެންނާތީ ފައިސަލާ ކުރަނިވި ހުކުމެއް ކުރެވެންދެން ތޮއްޑޫ ގޮއިބިމުން ދޫކުރުމަށް މިހާރު އިއުލާންކޮށް ދޫކުރުމުގެ މަސައްކަތް ކުރަމުންދާ ދަނޑުބިންތައް ދޫކުރުމުގެ އެއްވެސް މަސައްކަތެއް ނުކުރުމަށް ކައުންސިލްގެ މައްޗަށް އަމުރު ކުރާކަމަށެވެ. ތޮއްޑޫ އަކީ ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަން ކުރާ ރަށަކަށްވާއިރު ގޮއިބިމުގެ ކުލި ނުދައްކާ ފަރާތްތަކުގެ ނަންތައް ކައުންސިލުން ވަނީ އާންމުކޮށްފައެވެ.
ތޮއްޑޫ ގޮއިބިމުން ބިން ދޫކުރުން މަޑުޖައްސާލަން އަމުރުކޮށްފި
ސްރީލަންކާގައި ދިރިއުޅޭ ދިވެހީންނަށް އަންނަ އޭޕްރީލް މަހުން ފެށިގެން އާސަންދަ ލިބޭނެކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ. ލަންކާގެ މިނިވަންދުވަހުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދިނުމަށް ރައީސް އެގައުމަށް ކުރައްވެ ދަތުރުުގައި ދިވެހިންނާ މިއަދު ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ ލަންކާގައި ދިރިއުޅޭ ދިވެހިން މިހާރު އެންމެ ބޮޑަށް ބޭނުންވަނީ އެގައުމުގައި އާސަންދައިގެ ހިދުމަތް ލިބުން ކަމަށެވެ. "އިރާދަކުރެއްވިއްޔާ އެޕްރީލް އެކެއްގައި އެކަން ހަމަޖެހިގެންދާނެ، އަދި އަވައްޓެރި އެހެން ގައުމުތަކުގައި އުޅުއްވާ ދިވެހިންނަށްވެސް ހަމަޖެއްސުމަށް އެގައުމުތަކުގައި ތިބި ކަމާބެހޭ ފަރާތްތަކާ މިއަންނަނީ މަސައްކަތް ކުރަމުން،" ރައީސް ސޯލިހް ވިދާޅުވިއެވެ. ރައީސް އިތުރަށް ވިދާޅުވީ އެންމެ ފަހުން ލަންކާއަށް ކުރި ޒިޔާރަތުގައިވެސް ގިނަ ބަޔަކު ސްޓޫޑަންޓް ލޯނުގެ ތަކުލީފުގެ ވާހަކަ ދެންނެވި ކަމަށެވެ. އަދި އެކަމަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ސްޓޫޑަންޓް ލޯނުގެ އިންޓަރެސްޓް މިހާރު ތިން ޕަސެންޓަށް ކުޑަކޮށް އަދި ލޯނު އަނބުރާ ދައްކަން ޖެހޭ މުއްދަތުވެސް 25 އިންސައްތަ އަށް އިތިރުކޮށްފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. "އަދި ސްޓޫޑަންޓް ލޯންގައި މިހާރު ކިޔަވަމުންދާ ދަރިވަރުންނަށް ވެސް ލުއި ފަސޭހަތައް ވަރަށް އަވަހަށް ލިބިގެންދާނެ. ސަރުކާރުން މި ހޯދައިން ލުއިފަސޭހައިގެ ބޭނުން ހުރިހާ ދަރިވަރިންނާ ބެލެނިވެރިންވެސް ޒިންމާދާރުކަމާއެކީ ބޭނުންކުރުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެއް،" ރައީސް ސޯލިހް ވިދާޅުވިއެވެ.
ލަންކާގައި ދިރިއުޅޭ ދިވެހީންނަށް އޭޕްރީލް މަހުން ފެށިގެން ވިސާ ލިބޭނެ: ރައީސް
ޒިނޭއަށް ހިތްވަރު ލިބޭ ގޮތަށް އެމަނިކުފާނު ދެއްކެވި ކަމަށް ބުނާ ވާހަކަތައް އޮޅިވަޑައިގެންފި ނަމަ މައާފަށް އެދިވަޑައިގަންނަވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. ޒިނޭ ކުރުމަށް ނަޝީދު ހިތްވަރު ދެއްވި ކަމަށް ވާހަކަ ދެކެވުނީ، އެމަނިކުފާނު އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓެއްގެ ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުން ކައިވެނީގެ ބޭރުން ގުޅުން ހިންގައިގެން ދަރިން ލިބުމުގެ މައްސަލައަށް އޮތް ހައްލަކީ ކައިވެނި ނުކުރާ އަންހެނުންނަށް ދަރިން ނުލިބޭ އޮޕަރޭޝަން ކުރަން ފުރުސަތު ދިނުން ކަމަށް ވިދާޅުވުމުންނެވެ. އެކަމާ ގުޅިގެން މިއަދު ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޒިނޭ ކުރުމަށް ހިތްވަރު ދިނުމަކީ އެމަނިކުފާނު އެއްވެސް ގޮތަކަށް ބާރު އަޅުއްވާ ކަމެއް ނޫން ކަމަށެވެ. އަދި އެމަނިކުފާނު އެ ދުވަހު ވާހަކަފުޅު ދެއްކެވި އިރު އިޝާރާތް ކުރެއްވީ ކައިވެނިން ބޭރުން ދަރިން ލިބި އެ ކުދިންނަށް ލިބޭ ނިކަމެތިކަމާއި ބާރުގަދަ މަސްތުވާތަކެތި ބޭނުން ކުރުމާ އޮތް ގުޅުމާ ގުޅޭ ގޮތުން ކަމަށް ވިދާޅުވިއެވެ. އެކަން އޮޅިވަޑައިގަންނަވާ ނަމަ މާފަށް އެދިވަޑައިގަންނަވާ ކަމަށް ނަޝީދު ވިދާޅުވި އެވެ. އެމްޑީޕީ މަޖިލިސް ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓޭއްގެ ކެމްޕެއިން އިވެންޓެއްގައި ނަޝީދު ވިދާޅުވީ "ނުވިހާ ގޮތް މިހެދެނީ މީހަކާ ކައިވެނިކޮށްގެން" ކަމަށާއި "ދިމާވެގެން މި އުޅޭ މައްސަލައަކީ ކައިވެނި ނުކޮށް، ދަރިން ހޯދާތީ" ކަމަށެވެ. "ދެން ދާ ކޮންމެ ފަހަރަކު އެބަ ބުނޭ، އެހެނެއް ނުހަދައިދެވޭނެއޭ، އަޅުގަނޑު އެބަދަން ވަރަށް ގިނަ ކުދީން ވިހާތަނަށް. ކޮންމެ ފަހަރަކު އެބަ ބުނޭ އެހެނެއް ހަދައެއް ނުދެވޭނެއޭ [ނުވިހާ ގޮތް ހަދައެއް ނުދެވޭނެއޭ]. އޭނާ މީހަކާ އިނދެގެނޭ އޭނާ އަށް ނުވިހާ ގޮތް ހެދޭނީ. ދެން މީގެ އޮތީ އަޅުގަނޑު އެއިން ކޮންމެ މީހަކާ އިނުން، އެނޫން ގޮތެއް މިއަކު ނެތް،" ނަޝީދު ވިދާޅުވި އެވެ. "ކައިވެނީގެ ބޭރުން މި ކުއްޖެއް މި ހޯދަނީ، ހޯދާފައި އެކަމަށް އަޅުގަނޑުމެންނަށް ހައްލެއް ގެނެވެން އޮތީ ނުވިހާ ގޮތް އަންހެން މީހާ ވެސް ހަދައިގެން. އަޅުގަނޑަށް އެނގޭ ފިރިހެން މީހާގެ ވެސް ވަރަށް ވަރަށް ބޭވަފާތެރިކަމާއި އަދި ބޭއިންސާފުކަމާ އެކީގައި މިކަން މި ހިގަނގަނީ. އަޅުގަނޑުމެން ހަގީގަތުގައި މި ބަލަން މި ބޭނުން ވަނީ އެދެ މީހުންނެއް ނޫން، ވިހާލު،" ނަޝީދު ވިދާޅުވި އެވެ. ޒިނޭއަށް ހިތްވަރު ލިބޭ ގޮތަށް ނަޝީދު ދެއްކެވި ކަމަށް ބުނާ ވާހަކަތަކާ ގުޅިގެން އިދިކޮޅު ފަރާތްތަކާއި ބައެއް ދީނީ އިލްމުވެރިންގެ ފާޑުކިޔުން އެމަނިކުފާނަށް ވަނީ އަމާޒުވެފައެވެ. މީގެ ކުރީންވެސް ދީނީ ބައެއް ކަންކަކަމާ ގުޅޭ ގޮތުން ނަޝީދު ދެއްކެވި ވާހަކަތަކާ ގުޅިގެން އޭނާއަށް ފާޑުކިޔުން އަމާޒުވެފައިވެއެވެ.
ޒިނޭއާ ގުޅިގެން ދެއްކި ވާހަކަތައް އޮޅިވަޑައިގެންފި ނަމަ މައާފަށް އެދެން: ނަޝީދު
އުރީދޫ އަދި ސްވިމް މޯލްޑިވްސް ގުޅިގެން ކުޑަކުދިންނަށް ފަތަން ދަސްކޮށްދޭ ޕްރޮގްރާމެއް ފަށައިފިއެވެ. މި ޕްރޮގްރާމަކީ ނުރައްކާތެރި ހާލަތެއްގައި ކަންކުރަންވާ ގޮތް އުނގަންނައިދިނުމަށް، "ފަތާލަމާ" ސްވިމިންގް ކޭމްޕްގެ ނަމުގައި ފެށި ޕްރޮގްރާމެކެވެ. ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މި ތަމްރީނު ޕްރޮގްރާމް ތަކުގައި، ވާދަވެރިކޮށް ފެތުމުގެ އުކުޅުތައްވެސް ދައްކުވައިދީ، ފެތުމުގެ ދާއިރާއަށް ނުކުތުމަށް ކުދިންގެ ޝައުގުވެރިކަން އިތުރުކުރުމަށް މަސައްކަތް ކުރާނެއެވެ. ސްވިމް މޯލްޑިވްސް އިން ބ.އަތޮޅުގައި އިއްޔެ ފެށި "ބާ ކްރޯލް" ފެށުމުގެ ރަސްމިއްޔާތުގައި ފަތާލަމާ ސްވިމިން ކޭމްޕް ތައާރަފް ކޮށްދެއްވީ މިނިސްޓަ އޮފް ޓުއަރިޒަމް އަލީ ވަހީދާއި އުރީދޫގެ ޑައިރެކްޓަ އޮފް ސޭލްސް އެންޑް ބްރޭންޑް ހުސެން ނިޔާޒު އަދި ސްވިމް މޯލްޑިވްސްގެ ފައުންޑަރު ހުސެން ޝަމީމެވެ. މި ޕްރޮގްރާމްގެ ދަށުން ކުރިއަށްގެންދާ ފުރަތަމަ ކޭމްޕުތައް ބާއްވަން ނިންމާފައިވަނީ ބ.އަތޮޅުގެ ހަތް ރަށެއްގައެވެ. އެ ރަށްތަކަކީ އޭދަފުށި، ދަރަވަންދޫ، ދޮންފަނު، ކިހާދޫ، ކުޑަރިކިލު އަދި ކެންދޫ އެވެ. އަދި ކުރިއަތް އޮތްތަނުގައި ރާއްޖޭގެ އުތުރާއި ދެކުނުގެ ގިނަ ރަށްރަށުގައި މި ކޭމްޕު ބާއްވަން ވަނީ ނިންމައިފައެވެ. "އަޅުގަނޑުމެންގެ ރަށްތައް ވަށައިގެން ވަނީ ކަނޑު ކަމަށްވާއިރު، ދިވެހި ކުދިންނަށް ރަނގަޅަށް ފަތަން އެނގުމަކީ ވަރަށްވެސް މުހިއްމުކަމެއް. ހަމައެހެންމެ، ފެތުމުގެ މައިދާނުގައި ވާދަކުރަން ބޭނުންވާ ކުދިންނަށް ހިއްވަރުދީ، އެކުދިންގެ ހުވަފެންތައް ހަގީގަތަކަށް ހެދުމަށް މަގުފަހިކޮށްދޭން ޖެހޭ. ފަތާލަމާ ޕްރޮގްރާމް ތައާރަފްކޮށް، ރާއްޖޭގެ ތަޖުރިބާކާރު ފެތުމުގެ ކޯޗުންގެ ހުނަރުތައް ކުރިއަށްއޮތް ޖީލުތަކާއި ހަމައަށް ގެންގޮސްދިނުމަކީ، މި ޕްރޮގްރާމްތަކުގެ އެންމެ މުހިއްމު މަޤްޞަދު." އުރީދޫގެ ޑައިރެކްޓަރ އޮފް ސޭލްސް އެންޑް ބްރޭންޑް ހުސެން ނިޔާޒު ވިދާޅުވިއެވެ. "މޫދަށްގޮސް، ފަތާ އުޅޭއިރު، ރައްކާތެރިކަން ހޯދުމަށް ބޭނުންވާ އަސާސީ ހުނަރުތައް އަޅުގަނޑުމެންގެ ކުދިންނަށް ދަސްކޮށްދިނުމަށްޓަކައި، އުރީދޫގެ ފަތާލަމާ ޕްރޮގްރާމަކީ ވަރަށް ބޭނުންތެރި ހަރަކާތެއް. އުރީދޫ އާއި އެކު، މި ޕްރޮގްރާމް ރާއްޖޭގެ އެކި ރަށްތަކުގައި ކުރިއަށްގެންދެވުމަކީ އަޅުގަނޑުމެން ވަރަށް އުފާކުރާކަމެއް. އަޅުގަނޑުމެންގެ އުންމީދަކީ މަސައްކަތުގެ ސަބަބުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފެތުމަށް ލޯބި ކުރާ ކުދިން އުފެދި، މުސްތަޤްބަލުގައި ދިވެހިރާއްޖެ ތަމްސީލުކޮށްދޭނެ ހުނަރުވެރި ފެތުންތެރިން އުފެދިގެންދިއުން." ސްވިމް މޯލްޑިވްސްގެ ފައުންޑަރ ހުސެން ޝަމީމް ވިދާޅުވިއެވެ. އުރީދޫ އިން ބުނީ ކަ ދުޅަހެޔޮ މުޖުތަމައު އެއް ބިނާ ކުރުމަށްޓަކައި އުރީދޫ އިން އަބަދުވެސް މަސައްކަތް ކުރާނެ ކަމަށެވެ.
ސްވިމް މޯލްޑިވްސް އާ ގުޅިގެން އުރީދޫ އިން ކުޑަކުދިންނަށް ފަތަން ދަސްކޮށްދެނީ
ލެވަންޓޭ އަތުން 3-0 އިން މޮޅުވެ ބާސެލޯއިން ސްޕެނިޝް ކޮޕާ ޑެލް ރޭގެ ކުއާޓަރ ފައިނަލުން ޖާގައެއް ހޯދައިފިއެވެ. އަމިއްލަ ދަނޑުގައި ކުޅުނު ދެވަނަ ލެގުގެ މެޗުގައި އޮސްމާނޭ ޑެމްބެލޭ ޖަހައިދިން ދެލަނޑާއި ލިއޮނަލް މެސީ ޖަހައިދިން ލަނޑާއެކު ފަސޭހަކަމާއެކު 3-0ގެ ނަތީޖާއަކުން (4-2 އެގްރިގޭޓް) މޮޅުވި ނަމަވެސް، ފުރަތަމަ ލެގުގައި ސަސްޕެންޝަންގައި ހުރި ކުޅުންތެރއަކު ކުޅެން އެރުވުމުން، މުބާރާތުން ވަކިވާން ޖެހިދާނެކަމުގެ ބިރު ބާސާއަށް އެބައޮތެވެ. ލެވަންޓޭއިން ބުނެފައި ވަނީ، މިދިޔަ ހަފްތާގައި ވެލެންސިއާގައި ކުޅުނު މެޗުގައި، ބާސާއިން ކުޅެން އެރުވި ޒުވާން ކުޅުންތެރިޔާ ހުއާން "ޗުމީ" ބްރޭންޑަރިޒްއަށް އެ މެޗުގައި ނުކުޅެވޭނެ ކަމަށެވެ. ސަބަބަކީ، އޭނާ ބާސާގެ ޔޫތު ޓީމުގައި ކުޅުނު މެޗެއްގައި ރީނދޫ ކާޑު ހަމަވުމުގެ ސަބަބުން ސަސްޕެންޑްވެފައި ވާތީ ކަމަށެވެ. އެގޮތުން، ބާސާގެ ޒުވާން ޓީމުގައި ސަސްޕެންޝަނެއްގައި ހުރެ، ސީނިއަރ ޓީމަށްވެސް ނުކުޅެވޭނޭ ކަމަށް ލެވަންޓޭއިން ބުނެއެވެ. ލެވަންޓޭއިން ބުނީ، ބާސާއާ ދެކޮޅަށް، ސްޕެނިޝް ސޮކަރ ފެޑެރޭޝަނަށް މިއަދު މައްސަލަ ހުށަހަޅާނޭ ކަމަށެވެ. ނަމަވެސް، ކޮޕަރ ޑެލް ރޭގެ ޑިފެންޑިންގ ޗެމްޕިއަން ބާސާއިން ވަނީ އެ ތުހުމަތު ދޮގުކޮށްފައެވެ. ބާސާގެ ކޯޗު އާނެސްޓޯ ވަލްވަޑޭ ބުނެފައި ވަނީ، އޭނާގެ ޓީމުން މުބާރާތުގެ ގަވައިދާ ޚިލާފު އެއްވެސް ކަމެއް ކޮށްފައި ނޯންނާނެކަމުގެ ޔަގީންކަން ދޭ ކަމަށެވެ. "އަހަރެން އެއްވެސް ވަރަކަށް ޝައްކެއް ނުކުރަން،...،" ވަލްވަޑޭ ބުންޏެވެ. "އަހަރެމެން ދަނޑުމަތީގައި މޮޅުވާން މަސައްކަތްކުރީ، އެކަން ކާމިޔާބުވި، އަދި ކުއާޓަރގެ ގުރު ނެގުމުގައި ބާސާ އޮންނާނެކަމުގެ ޔަގީންކަން އެބައޮތް." ލެވަންޓޭއިން ހުށަހަޅާ މައްސަލައަށް މިއަދު ސްޕެނިޝް ފުޓްބޯޅަ ފެޑެރޭޝަނުން ގޮތެއް ނިންމާނެއެވެ. ބާސާ ވަނީ ކޮޕާ ޑެލް ރޭގެ ކުއާޓަރއަށް ޖެހިޖެހިގެން 9 ފަހަރަށް ދަތުރުކޮށްފައެވެ. ފާއިތުވި ހަތް އަހަރު ތެރޭގައި އެޓީމުން ވަނީ ފަސް ފަހަރު އެ މުބާރާތް ކާމިޔާބުކޮށްފައެވެ. ބާސާގެ އިތުރުން ކޮޕާ ޑެލްރޭގެ ކުއާޓަރއަށް ދަތުރުކޮށްފައި ވަނީ، ރެއާލް މެޑްރިޑް، ޖިރޯނާ، ވެލެންސިއާ، ގެތާފޭ، އަދި ސެވިއްޔާއެވެ.
ބާސާ ކޮޕާ ޑެލްރޭގެ ކުއާޓާއަށް، އެކަމަކު އަދިވެސް ޑިސްކޮލިފައިވެދާނެ ކަމުގެ ބިރު އެބައޮތް!
ރާއްޖެއިން ބޭރަށް ފުރާ ދަތުރުވެރިންނަށް މިދިޔަ އަހަރު 42،740،798 ޑޮލަރު ވިއްކި ކަމަށް ބޭންކް އޮފް މޯލްޑިވްސް އިން ބުނެފިއެވެ. ރާއްޖެއިން ބޭރަށް ފުރާ ދިވެހިންނަށް ފަސޭހައިން ޑޮލަރުލިބޭނެ ގޮތް ހެދުމަށް ބީއެމްއެލް އިން ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޑޮލަރު ވިއްކުމަށް ހާއްސަ ކައުންޓަރެއް ބަހައްޓައިފައެވެ. އޮންލައިންކޮށް ބުކް ކުރުމަށްފަހު ފުރަން ގޮސް ޑޮލަރު ގަނެވޭގޮތް ހަދައި، ޑޮލަރު ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖެއްސީ 2017ވަނަ އަހަރުއެވެ. އެ އަހަރު 48 މިލިއަން ޑޮލަރު ވަނީ ވިއްކައިފައެވެ. މާލެ އާއި އެއާޕޯޓުގައި ބަހައްޓާފައިވާ ޑޮލަރު އޭޓީއެމްތަކުން މިދިޔަ އަހަރު 415 މިލިއަން ޑޮލަރު ނަގާފައި ވެއެވެ. މިދިޔަ އަހަރު ބީއެމްއެލްގެ ކާޑުތަކުން ރާއްޖެއިން ބޭރުގައި 222 މިލިއަން ޑޮލަރުގެ ވިޔަފާރިކޮށްފައިވާއިރު 2017 ވަނަ އަހަރު ކޮށްފައިވަނީ 208 މިލިއަން ޑޮލަރުގެ ވިޔަފާރިއެވެ.
މިދިޔަ އަހަރު ދަތުރުވެރިންނަށް 42 މިލިއަން ޑޮލަރު ވިއްކި
ރައީސް އިބްރާހިމް މުހައްމަދު ސޯލިޙުގެ ސަރުކާރު ހިމާޔަތް ކުރާނެ ބަޔަކަށް ވާނީ ޖުމްހޫރީ ޕާޓީ ކަމަށް، ސަރުކާރު ހިންގާ ކޯލިޝަންގެ ޖޮއިންޓް ޕާލިންޓަރީ ގުރޫޕުގެ ލީޑަރު، ކިނބިދޫ ދާއިރާ މެމްބަރު އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެއެވެ. ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ ލީޑަރު ގާސިމް އިބްރާހިމްގެ ޕޮލިޓިކަލް އެޑްވައިޒަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމްގެ މަޖިލިސް އިންތިހާބުގެ ކެމްޕެއިން ރޭ ވަނީ ރަސްމީކޮށް އިފްތިހާހު ކޮށްފައެވެ. މި ރަސްމިސްޔާތުގައި ވާހަކަ ދައްކަވަމުން ރިޔާޒު ވިދާޅުވީ، އަންނަ އެޕްރީލް މަހު ބާއްވާ މަޖިލިސް އިންތިހާބު ކާމިޔާބުކޮށް ޖުމްހޫރީ ޕާޓީ މެމްބަރުން އެކުގައި މަޖިލީހަށް ވަންނާނެ ކަމަށާއި ރައީސް ސޯލިހުގެ ސަރުކާރު ހިމާޔަތް ކުރާނެ ބަޔަކަށް ވަނީ ވެސް އެޕާޓީ ކަމަށެވެ. "އަޅުގަނޑުމެން އެކުގައި މަޖިލީހަށް ވަންނާނެ. ޖުމްހޫރީ ޕާޓީ އޮންނާނެ. ކުލަ ގަދަކޮށް ﷲގެ ރަހްމަތްފުޅުން އޮންނާނެ. މިސަރުކާރުގެ ހިމާޔަތުގައި. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ހިމާޔަތް ކުރާނެ ބަޔަކަށް ވާނީ ޖުމްހޫރީ ޕާޓީ،" ޖުމްހޫރީ ޕާޓީ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު ކަންވެސް ކުރައްވަމުން ގެންދަވާ ރިޔާޒު ވިދާޅުވިއެވެ. ކާނަލް ނާޒިމްގެ މަޖިލިސް ކެމްޕެއިން ރަސްމީކޮށް ފެށުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ ރިޔާޒު ވިދާޅުވީ، ޖުމްހޫރީ ޕާޓީން އަބަދުވެސް ތާއީދު ކުރަނީ ޖުމްހޫރީ ވެރިކަމަކަށް ކަމަށާއި މަޖިލިސް ތެރޭގައިވެސް މި ސަރުކާރު ހިމާޔަތް ކުރާނެ ބަޔަކަށް ވާނީ ޖުމްހޫރީ ޕާޓީ ކަމަށެވެ. "ރައްޔިތުން ބޭނުންވަނީ އެމީހުންގެ ބަސް އޮންނަ މީހަކު ގައުމު ހިންގުމުގައި ވެރިކަމުގައި ހުންނަން ކަން. އެ ނިންމުން އަދިވެސް އޮތީ. އެ ނިންމާއެކު އެ ނިންމުން ދިފާއު ކުރުމަށް މަޖިލީހުގައި މަސައްކަތް ކުރާނެ ބަޔަކަށް ޖުމްހޫރީ ޕާޓީ އިސް ސަފުގައި ވާނެ،" ރިޔާޒު ވިދާޅުވިއެވެ. "އަޅުގަނޑުމެން ފާރަވެރިވާން ޖެހޭ. މިހާރުވެސް ސިޔާސީ މަސްރަހުގައި ހިނގާ ކަންތަކަށް އަޅުގަނޑުމެން ފާރަވެރިވާން ޖެހޭ،" ސަރުކާރު ހިމާޔަތް ކުރުމަށްޓަކައި އެޕާޓީގެ ފަރާތުން މަޖިލިސް އިންތިހާބުގައި ވާދަކުރާނީ ގާބިލް ތަޖުރިބާކާރު ބޭފުޅުން ކަމަށާއި ރާއްޖޭގެ ހުރިހާ ރައްޔިތުން ޖުމްހޫރީ ޕާޓީގެ ފަރާތުން ވާދަކުރައްވާ ކެންޑީޑޭޓުންނަށް ތާއީދު ކުރުމަށް ރިޔާޒު އެދިވަދައިގެންނެވިއެވެ. "އެކަން ކުރުމަށްޓަކައި އަޅުގަނޑުމެން ދިވެހި ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް އާދޭހާއެކު އިލްތިމާސް ކުރަން ޖުމްހޫރީ ޕާޓީ ﷲގެ ރަހްމަތްފުޅުން ނެރޭނީ ކަމަށް ގާބިލު ތަޖުރިބާ ހުރި އެކަން ކުރެވޭނެ މީހުން. އެބޭފުޅުން ތިޔަ ހުރިހާ ބޭފުޅުން ތާއީދުކޮށްދެއްވާ، ޖުމްހޫރީ ޕާޓީގެ ކުލަ މަޖިލިސް ތެރޭގައި ފެންނާނެ ގޮތް ހަދައިދިނުމަށް އެއީ އަޅުގަނޑު ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް ކުރާ އިލްތިމާސެއް،" ރިޔާޒު ވިދާޅުވިއެވެ. ކާނަލް ނާޒިމްގެ މަޖިލިސް ކެމްޕެއިން ރަސްމީކޮށް ފެށުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ ރިޔާޒު އެގޮތަށް ވިދާޅުވިއިރު، ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ރައީސް އަދި ކުރީ ރައީސް މުހައްމަދު ނަޝީދު ވިދާޅުވަނީ، ރައީސް ޞާލިހްގެ ސަރުކާރު ދެމިއޮންނާނީ އެމްޑީޕީ ޓިކެޓްގައި މަޖިލީހަށް ކުރިމަތިލައްވާ ކެންޑިޓޭޓުން މަޖިލީހަށް ހޮއްވަވައިގެން ކަމަށެވެ. ރޭ ކާނަލް ނާޒިމް ކެޕްޕެއިން ހަރަކާތުގައި ބައިވެރިވެވަޑައިގެންނެވި، ސަރުކާރު ކޯލިޝަން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވެސް ވާނި އަނެއްކާވެސް ރައިސް ނަޝީދަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަ ދައްކާފައެެވެ. އަނެއްކާވެސް ގާސިމް ނުސީދާކޮށް ނަޝީދަށް ފާޑުވިދާޅުވެއްޖެ އިތުރަށް ވިދާޅުވުމަށް މަޖިލިސް އިންތިހާބުގައި ސަރުކާރު ކޯލިޝަނުން ދާއިރާތައް ބަހާނެ ގޮތަކާ މެދު އަދިވެސް ކޯލިޝަން ލީޑަރުންގެ މެދުގައި ވަނީ ގޮތެއް ނުންނިމިފައެވެ.
ރައީސް ސޯލިޙުގެ ވެރިކަން ހިމާޔަތްކުރާނެ ބަޔަކީ ޖުމްހޫރީ ޕާޓީ: ޢަބްދުﷲ ރިޔާޒު
ގާހިރާ (ފެބްރުއަރީ 3): މިސްރުގެ މިންޔާއިން، ކުނި ނުވާ ގޮތަށް ހަދާފައިވާ 50 ގަބުރު އާކިއޮލޮޖިސްޓުން ހޯދައިފި އެވެ. މިސްރުގެ ސުޕްރީމް ކައުންސިލް އޮފް އެންޓިކުއިޓީސްއިން ބުނި ގޮތުގައި އެ 50 ގަބުރު ފެނިފައި ވަނީ މިންޔާގެ ތޫނާ އަލް ޖަބަލް ކިޔާ އާކިއޮލޮޖިކަލް ސައިޓަކުންނެވެ. އަދި އޭގެ ތެރޭގައި 12 ކުޑަކުދިން ހިމެނެ އެވެ. މިސްރުން ފެނުނު، ކުނި ނުވާ ގޮތަށް ހަދާފައިވާ ގަބުރުތައް -- ފޮޓޯ: އޭޕީ އެކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް މުސްތަފާ ވަޒީރީ ވަނީ އެއީ ކޮން ބަޔެއްކަން އަދި ނޭނގޭ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް މިހާތަނަށް ބެލި ބެލުމުން ލަފާ ކުރެވޭ ގޮތުގައި އެއީ މުހިއްމު މަގާމުތަކެއްގައި ތިބި ބަޔެއް ކަމަށް ލަފާ ކުރެވެ އެވެ. އޮފިޝަލުން ވިދާޅުވި ގޮތުގައި ބޮޑަށް ބެލެވެނީ އެއީ މެދު ފަންތީގެ އާއިލާއަކަށް ނިސްބަތްވާ މީހުން ކަމަށެވެ. ފަހުގެ އަހަރުތަކުގައި މިސްރުން ވަނީ އެ ގައުމުގެ ފެތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ޓަކައި، އެ ގައުމުން ފެންނަ އާސާރީ ހޯދުންތައް ޕްރޮމޯޓު ކުރުން އިތުރުކޮށްފަ އެވެ.
ކުނި ނުވާ ގޮތަށް ހަދާފައިވާ 50 ގަބުރު މިސްރުން ހޯދައިފި
ދާން ހިނގައިގެންފައި ވެސް ޔޫނުސްއަށް ހުއްޓެވުނެެވެ. އޭރު އޭނަގެ ނަޒަރު ގޮސް ހުއްޓިފައި ވަނީ ފުންނިންޖެއްގައި އޮތް ޝާޢާ އަށެވެ. ޝާޢާގެ މަގަތުގައި އިށީންދެލައިގެން ތިބި ހަދީޖާއާއި ޖާބިރަށް އެކަން ފާހަގަ ނުކުރެވުނީ އެމީހުންގެ ސަމާލުކަން ޝާޢާއަށް ދެވިފައިވުމުންނެވެ. ޝާޢާ ހޭއަރަންދެން މަޑުކުރަން ޔޫނުސްގެ ހިތް އެދުނެވެ. ޝާޢާ މެދު ކަންބޮޑުވެފައި ވީތީއެވެ. ނަމަވެސް އޭނަ މަޑުކުރާނީ ކޮން ހައިސިއްޔަތަކުން ބާވައޭ އޭނަގެ ޒަމީރު ސުވާލު އުފެއްދިއެވެ. އެއާއެކު މާޔޫސްވެފައިވާ ހާލު ޔޫސުން އަވަސްވެގަތީ އެތަނުން ދާށެވެ. ގޯތި ތެރެއަށް ނިކުމެވުމާއެކު ޔޫނުސް އޭނަގެ ފޯނު ނަގައި އައިޝާއަށް ގުޅައިލިއެވެ. އޭނަގެ މަޤުސަދުކަމުގައިވީ އައިޝާގެ ފަރާތުން ޝާޢާގެ ހާލު އޮޅުންފިލުވުމެވެ. އައިޝާއަކީ ޝާޢާގެ ޒަމާންވީ އެކުވެރިޔާއަށް ވުމުން އެއީ އުނދަގޫ ކަމަކަށް ވެސް ނުވާނެއެވެ. ޔޫނުސް ފޯނުކޯލު ކަނޑާލިއިރު ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބިފައިވީ އައިޝާ އޭނައަށް ދިން ޔަޤީންކަމުގެ ސަބަބުންނެވެ. ހަށިފުރާ ނޭވާއެއް ދޫކޮށްލުމަށްފަހު އޭނަ ސައިކަލަށް އަރައި ދުއްވާލީ އޭނަގެ މަންޒިލަށް ދިއުމަށެވެ. ***** ޝާޢާގެ އަތްތިލައިގައި ފިރުމަމުން ދިޔަ ހަދީޖާ ޖާބިރަށް ބަލާލީ އޭނަ ކުރި ސުވާލުގެ ޖަވާބު ނުލިބުމުންނެވެ. އޭނަ ޖާބިރުގެ މޫނަށް ބަލަމުން އަނެއްކާ ވެސް އެސުވާލު ތަކުރާރުކޮށްލިއެވެ. ފުން ވިސްނުމެއްގެ ތެރެއަށް ގެއްލިފައިވި ޖާބިރަށް އެސުވާލަށް ދޭނެ ޖަވާބެއް ނޭގޭކަން އޭނަގެ މޫނުމަތިން ހާމަކޮށްދެއެވެ. ''ޖާބިރު، ތިހެން ހިމޭނުން ނީދެ އަހަރެން މިކުރާ ސުވާލުތަކަށް ޖަވާބު ދީބަލަ!، ތި ހިމޭންކަމުން އަަހަރެން ބިރުގަނޭ... ޝާޢާއަށް އެހެން ދިމާވާންވީ ކީއްވެތަ؟، އެމީހުންނަށް ޝާޢާއާ ހަމައަށް ވާސިލުނުވެވޭނެކަމުގެ ޔަޤީންކަން ޖާބިރު ދިނީމެއްނު، އެކަމަކު މިރޭ މިހެން މިދިމާވީ ކީއްވެ؟، އެއީ އެމީހުން ދިން އިންޒާރެއްތަ؟... ޖާބިރު... މި ސުވާލުތަކަށް ޖަވާބުދީބަލަ!...'' ހާސްކަންވެރިވެފައިވި އަޑަކުން ހަދީޖާ ބުންޏެވެ. އޭނަ ވީ ބިރުވެރިކަމެއްގެ ތެރޭގައެވެ. ޖާބިރުގެ ހިމޭންކަމުން ހަދީޖާއަށް ރޮވެން ކައިރިވެފައި ވިއެވެ. މިހުރިހާ ދުވަހު ފިލަން އުޅުނު ހަޤީޤަތާއި ކުރިމަތިލާން ޖެހިދާނެތީއެވެ. ޝާޢާ އެމީހުންނާ ވަކިވެގެންދާކަށް ހަދީޖާގެ ހިތެއް ދުވަހަކު ނޭދޭނެއެވެ. އެއީ އޭނަގެ ހިތުގެ ހަމަޖެހުމެވެ. ފިނިކަމެވެ. ''ޖާބިރު...'' ކެތްތެރިކަން ކޮޅުންލައިގެން ގޮސްފައިވި ހަދީޖާއަށް މިފަހަރު ގޮވާލެވުނީ ތަންކޮޅެއް ބާރަށެވެ. އެކަމަށް ސަމާލުކަން ދިނުމެއް ނެތި ޖާބިރު އެނދުން ތެދުވެލަމުން ގޮސް ހުއްޓުނީ ކުޑަދޮރު ގާތަށެވެ. އަދި ކުޑަދޮރުގެ ފޮތިގަނޑު ކަހާލުމަށްފަހު ގޯއްޗަށް އަވަސް ނަޒަރެއް ދިނެވެ. އޭނަ ހުރީ ނުތަނަވަސްކަމެއްގެ ތެރޭގައެވެ. ވަގުތު ކުޑަތަންވަމުންދާ ކަމުގެ ހިލަންތަކާ އެކުގައެވެ. ''ހެޔޮނުވާނެ ޖަވާބެއް ދީބަލަ، ޖާބިރު ދެރައެއް ނުވޭތަ ޝާޢާއަށް ކުރިމަތިވެދާނެ ގޮތަކާ މެދު؟... އެމީހުންގެ އަނިޔާތަކުގެ ތެރޭގައި ޝާޢާ ހަފުސްވާން ދޫކުރަންތަ ޖާބިރު ބޭނުމީ؟... އެއީތަ ޖާބިރު އެދޭ ގޮތަކީ؟... އެހެންވެތަ ކަމެއް ނުކޮށް ތިހުންނަނީ؟.... ޖާބިރު ކުރިކަންތަކުގެ ސަބަބުން މިއަދު މިދުވަސް ދެކެން މިޖެހުނީ!... އަހަރެންގެ ދެއަންހެން ދަރިން ވެސް ނިކަމެތި ގޮތުގައި މަރުވެގެން ދިޔައީ... މިއަދު ޝާޢާއަށް އެވަނީ އެކަމާ ކުރިމަތިލާން ޖެހިފައި... ބަދަލު ނުހިފެނީސް އެމީހުން ހުއްޓައެއް ނުލާނެ، ދީފައިވާ އިންޒާރުތަކުން އެކަން ސާބިތުވޭ... ޝާޢާއަށް ދެރަގޮތެއް ވެއްޖެނަމަ އަހަރެން ދުވަހަކު ވެސް ޖާބިރަށް މަޢާފެއް ނުކުރާނަން...'' ހަދީޖާ ގާތަށް ރުޅިއައެވެ. އޭނަގެ ހިތުގައި މިހުރިހާ ދުވަހު ވަންހަނާ ކުރެވިފައިވި އުދާސްތައް ކުއްލިއަކަށް ބޭރުކޮށްލެވުނެވެ. މާޒީގެ ހިތި ދުވަސްތައް އޭރު އޭނަގެ ލޯކުރިމަތީގައި އިއާދަ ވަމުން ދިޔައެވެ. ރޫހާނީ ބާރުތަކާ އެމީހުންނާ ދެމެދު ބަދަލުހިފުމުގެ ހަނގުރާމައެއް ފެށިގެން ދިޔަ ގޮތެވެ. އެކަމުގެ ތެރޭގައި އޭނަގެ ދެއަންހެން ދަރިންނާއި، ދަނބިދަރިފުޅު މި ފަނާވަނިވި ދުނިޔެއަށް އަލްވަދާއު ކިޔަން ޖެހުނު ހިތްދަތި ވަގުތުކޮޅެވެ. ކުރިމަތިވި ގަދަ ތޫފާނުގެ ކެރީގެ ހަމަލާތަކުގެ ބާރުތައް ހިނދިގެން ދިޔަ ހިނދު ކުރިމަތިލާން ޖެހުނީ އިއާދަނުކުރެވޭ ފަދަ ބޮޑެތި ގެއްލުންތަކާއެވެ. ބަސްބުނާހާ މަދު ވަގުތުކޮޅެއްގެ ތެރޭގައި އޭނަގެ ޢާއިލާ ބަރުބާދުވެގެން ދިޔައީ އެވެ. ހުރިހާ އުފަލަކުން މަހުރޫމުވީ އެވެ. ކުރިމަތިލާން ޖެހުނު އަނދިރިކަމާއި، ހިތްދަތިކަމާ ހަނގުރާމަކުރަން ބާރެއްކަމުގައިވީ ހަމައެކަނި ޝާޢާ އެވެ. މާމަދަރިފުޅަށް ރަގަޅު މުސްތަޤުބަލެއް ހޯދައިދޭން ބޭނުންވީތީއެވެ. މާޒީގެ އަނދިރިކަމުން އެދަރިފުޅަށް ސަލާމަތާއި ރައްކާތެރިކަން ދޭން ބޭނުންވީތީއެވެ. ނަމަވެސް އޭނަ ކުރިހާ މަސައްކަތެއް މިއަދު އެވަނީ ފެނުފުލުން ގޮސްފައެވެ. ޖާބިރު އޭނައަށް ދިން ބަހުގެ ޔަޤީންކަން ވެސް ގެއްލި ޖާބިރުގެ މައްޗަށް އޮތް އިތުބާރު ވެސް ނެތިގެން ދިޔައީއެވެ. އޭނަގެ ހިތުގައިވި އުދާސްތައް ވެސް ބޭރުކޮށްލެވުނު މައިގަނޑު ސަބަބަކީ އެއީއެވެ. ޖާބިރު އެދުވަހު އޭނައަށް ލިބިފައިވި ބާރުގެ ސަބަބުން ބޮޑާ ނުވިނަމަ މިއަދު އޭނަގެ ދިރިއުޅުން އެހާލަތަށް ނުދިޔައީހެވެ. އޭނަގެ ދަރިން ސައްހަސަލާމަތާއެކު ލެހެއްޓެވީހެވެ. މައިންބަފައިންގެ ލޯބިން ޝާޢާ މަހުރޫމު ނުވީހެވެ. ''އަހަރެން ހީކުރީ ޖާބިރަށް ކުރެވުނު ކުށުގެ އިހުސާސްކުރެވިއްޖެކަމަށް، އެކަމަށް ބަރޯސާވެ އަހަރެން ޖާބިރަށް މަޢާފުދިނީ ވެސް، އެއީ އަހަންނަށް ކުރަން ހާދަ އުނދަގޫވި ކަމެކޭ، ޖާބިރު ކުރި ކަންތައް ހަނދާންނައްތާލައި އިތުރު ފުރުސަތެއް ދިނީ އާދޭސްކުރިވަރުން... އެކަމަކު މިއަދު އެނގިއްޖެ އަހަންނަށް ހެދުނީ ގޯހެއްކަން، އަދިވެސް ތި ހިލަ ހިތަކަށް ބަދަލެއް ނާދޭ... ނުވެސް އަންނާނެ!...'' ކުރެހިފައިވާ އަޑަކުން ހަދީޖާއަށް ބުނެވުނެވެ. ހަދީޖާގެ ބަސްތަކުން އޭރު އަސަރުކޮށްފައިވި ޖާބިރު ވާހަކަދައްކަން ފެއްޓިއެވެ. ''ހަދީޖާ، ކޮންމެފަހަރަކު އަހަންނަށް އެކަންތައް ތަކުރާރުކޮށް ހަނދާންކޮށްނުދިނަސް އަހަރެންގެ ކުށް ޤަބޫލުކުރަމޭ... ނުވިސްނުނު ކަމުގައި ވިޔަސް އެދުވަހު އަހަރެން މަސައްކަތްކުރީ އަހަރެންގެ ދަރިފުޅު އެޖިންނީންގެ ނުފޫޒުގެ ދަށުން ސަލާމަތްކުރަން... އެދަރިފުޅަށް ހިމާޔަތްދޭން... އެނގިހުރެ އަހަރެންގެ ދަރިއަކަށް އަހަރެން ގެއްލުމެއްނުދޭނަން...'' ޖާބިރަށް އޭނަގެ ދިފާއުގައި ބުނެވުނެވެ. އެއަޑުގައި މޮޅިވެރިކަން ވިއެވެ. ''ދޮގު ހަދައިގެން ތިހިތަށް ތަސައްލީއެއް ހޯދަދޭން އުޅުނަސް ހަޤީޤަތެއް ބަދަލެއް ނުވާނެ... އަހަރުމެންގެ ދަރީންގެ މަރުގެ ޒިންމާ ނަގަން ޖެހޭނީ ހަމަ ޖާބިރު!... ޖާބިރު އެދުވަހު ކުރި ކަންތަކުގެ ސަޒާ މިއަދާ ޖެހެންދެން ވެސް ލިބެމުން މިދަނީ... ރޫޚާނީ ބާރުތަކާ ދެމެދު ހަނގުރާމައެއް ފެށުނީ ވެސް ހަމަ ޖާބިރުގެ ސަބަބުން!... ތިމާގެ ބާރު ދައްކަން ކުރި ކަންތަކުގެ އަޖުމަ މިލިބެނީ...'' ހަދީޖާ ގާތަށް މިފަހަރު އައީ ރުޅިއެވެ. ހަޤީޤަތް އޮޅުވާލަން ޖާބިރު މަސައްކަތްކުރީތީއެވެ. ހިތްހަމަނުޖެހުމާއެކު ހަދީޖާ ކޮޓަރިން ނިކުމެގެން ދިޔައެވެ. އެމަންޒަރު ބަލަން ހުރި ޖާބިރުގެ މޫނުން މާޔޫސްކަން ފެންނަން ހުއްޓެވެ. އޭނަ ފުންނޭވާއެއް ދޫކޮށްލީ ނަފުސަށް ހަމަޖެހުމެއް ގެނެސްދިނުމުގެ ބޭނުމުގައެވެ. ނަމަވެސް އޭނަގެ ނަޒަރު ގޮސް ޝާޢާ ބައްދަލުވުމާއެކު އަނެއްކާ ވެސް އޭނަގެ ސިކުނޑިއަށް ވެރިވެގެން އައީ ހާސްކަމެވެ. ޝާޢާއަށް ދިމާވި ހާލަތު މެދުވެރިވާން ޖެހުނު ސަބަބު އޭނައަށް ވިސްނައިނުގަނެވުނީތީއެވެ. މިހެން މިވީ ކީއްވެ ހެއްޔެވެ؟ އޭނައަށް ގޯހެއް ހެދުނީ ހެއްޔެވެ؟ ނަމަވެސް ގޯސްކޮށް ކުރެވުނީ ކޮންކަމެއް ހެއްޔެވެ؟ އިރުކޮޅެއް ވަންދެން ކޮޓަރީގައި މަޑުކޮށްލުމަށްފަހު ޖާބިރު ނިކުމެގެން ދިޔައީ އޭނަގެ ސުވާލުތަކުގެ ޖަވާބު ހޯދާށެވެ. އޭނައަށް ރައްކާތެރިކަމުގެ ވިޔަވަޅު ވެސް އެޅޭނީ އޭރުންތާއެވެ. ނިކުމެގެން ދިއުމުގެ ކުރިން އޭނަ ހަދީޖާ ވީތަނެއް ބަލާލިއެވެ. އެދެމެދުގައި އަރައިރުންވުންތައް އުފެދިފައިވިކަމުގައި ވިޔަސް ހަދީޖާގެ ހާލު އޮޅުން ފިލުވާލަން އޭނަ ބޭނުންވިއެވެ. ޖާބިރު ކޮޓަރިއަށް ވަން އިރު ހަދީޖާ އިނީ އެނދުގައެވެ. ދޮރަށް ފުރަގަސް ދީގެން އިން އިރު ހަދީޖާގެ އަތުގައި އޮތް ފޮޓޯ އަލަބަމް ޖާބިރުގެ ލޮލުގައި އަޅައިގަތީ ހަދީޖާ އޭނަގެ ލޮލުން ފޭބި ކަރުނަތައް ފޮހެލަން ގެނައި ހަރަކާތާއެކު އަލްބަމް އެނދުމަތީ ބޭއްވުމުންނެވެ. އެތެރެއަށް ވަންނަން އުޅެފައި ވެސް ޖާބިރު އެޚިޔާލު ދޫކޮށްލީ ހަދީޖާއަށް ވަގުތު ދިނުމުގެ ބޭނުމުގައެވެ. މިވަގުތު އޭނަގެ މޫނު ވެސް ދެކެން ހަދީޖާ ބޭނުންނުވާނެކަން އެނގޭތީއެވެ. ***** ގޯތިތެރެއަށް ޖާބިރަށް ނިކުމެވޭއިރަށް އޭނައަށް ވާޤިދުގެ ހިލަން ވިއެވެ. ހީވީ ޖާބިރުގެ އިންތިޒާރުގައި ހުރި ހެންނެވެ. އޭނަ ޖާބިރުގެ ކުރިމައްޗަށް ފާޅުވެގެން އައި ހިނދު ވާޤިދަށް އަނިޔާތަކެއް ލިބިފައިވިކަން ޖާބިރަށް ފާހަގަކުރެވުނެވެ. އެމޫނުގެ އެއްފަޅީގައި ފިހުމުގެ އަސަރުތަކެއްވިއިރު އެނިޝާންތައް ކަނދުރާއިން ފެށިގެން ގޮސް ނިވާވަނީ ކޮނޑުކަށިގަނޑާ ދިމާލުންނެވެ. އެދެލޮލުން ވޭނުގެ އަސަރުތައް ވެސް ވެއެވެ. ''ކަލޭގެ ބެލުމުގެ ދަށުގައި ވަނިކޮށް އެމީހުންގެ ނުފޫޒު ޝާޢާގެ މައްޗަށް ފޯރީ ކިހިނެއް؟... ކަލެއާއި އަހަރެން ހަވާލުކުރި ވަޒީފާ އަދާނުކުރެވުނީ ކީއްވެ؟... ކަލޭ ތިއުޅެނީ އަހަންނަށް މަކަރު ހަދަންތަ؟... ކަލޭގެ ވަފާތެރިކަން އޮތީ އެ ޙާތިބުއާއެކު ދޯ؟... އެހެންވެ ފަރުދާގެ ފުރަގަހުން އަހަންނަށް ހަމަލާދޭންތަ ތިވިންސަނީ؟... ބުނަން، ކަލޭ މަށަށް އޮޅުވާލަން އުޅެފިއްޔާ އެންމެ ފުރަތަމަ ވެސް އެކަމުގެ ސަޒާ ލިބޭނީ ކަލެއަށް، ކަލޭގެ ވަސްވެސް މިދުނިޔެ މަތިން ފޮހެލުމަކީ މަށަށް އުނދަގޫކަމެއް ނޫންކަން ހަނދާންކުރާތި!....'' ވާޤިދަށް ދިމާވިކަންތަކާ މެދު ސުވާލުއުފެދުނުކަމުގައި ވިޔަސް ޖާބިރު އިސްކުރީ ރުޅިވެރިކަމެވެ. އޭރު އޭނައަށް އިންޒާރުގެ ރަނގަބީލުގެ އަޑު އިވެން ފަށައިފިއެވެ. ވަގުތު އެދަނީ ކުޑަތަންވަމުން ކަމެވެ. ވާޤިދަށް ލިބިފައިވި އަނިޔާ ތަކަކީ އެކަމުގެ ހެއްކެކެވެ. ނަމަވެސް ވާޤިދުގެ ވަފާތެރިކަމާ މެދު އޭނަ ސުވާލު އުފެއްދިއެވެ. ޖިންނީންނަކީ އަބަދު ވެސް ދޮގުހަދާ އޮޅުވާލާ ބަޔެކެވެ. އެމީހުން އަބަދުވެސް ހިފާނީ މޮޅުވާ ކޮޅެއްގައެވެ. ވަފާތެރިކަން އެއީ އެނަސްލުގެ މީހުން ދަންނަ އެއްޗެއް ނޫނެވެ. ''އަހަރެން ކުރިން ވެސް ބުނީމެއްނު ޝައިތާނުންގެ މަދަދަށް އެދުމަކީ އަލިފާނާ ކުޅުން ފަދަ ކަމެކޭ، އެމީހުން އަބަދުވެސް އިސްކަން ދޭނީ އަމިއްލަ އެދުމަށޭ...'' ވާޤިދު ބުންޏެވެ. ލިބިފައިވި ޒަހަމްތަކުގެ ފުންކަމުން އޭނައަށް ކޮޅަށް ހުރެވެނީ ވެސް އުނދަގުލުންނެވެ. ''ކަލޭ ތިބުނަން އުޅޭ އެއްޗެއް ނިކަން ސާފު އިބާރާތުން ބުނެބަލަ... ކަލެއަށް ތިވަރު ކުރީ ކޮންބައެއްތަ؟... ޙާތިބުގެ މީހުންތަ؟...'' ޖާބިރު އަމުރުކުރި އެވެ. ވާޤިދުގެ ވާހަކައިގެ މިސްރާބާ މެދު އޭނަ ނުރުހުނެވެ. އޭނަގެ ފުރިހަމަ އިތުބާރު އޭނަގެ އެކުވެރިންގެ މައްޗަށް އޮތީތީއެވެ. މާރިދުން ވަނީ އޭނައަށް އެހީވާނަނެކަމުގެ ފުރިހަމަ ޔަޤީންކަން ދީފައެވެ. އެދެމެދުގައި އުފެދުނު އިޤުރާރުނާމާއާ ހިލާފެއް ނުވާނެއެވެ. ''ޝާޢާއަށް ގޯނާ ކުރަނީ ޝައިތާނުން... އެމީހުންނާއެކު އުފެދުނު އެއްބަސްވުމުގެ ދަށުން ޝާޢާ ވަނީ އެމީހުނަށް ހިބައިން ދެވިފައި... އެމީހުންގެ ބާރު ދެން ޝާޢާގެ މައްޗަށް އޮންނާނީ... އަހަރެން ޝާޢާގެ ދިފާއުގައި ތެދުވަން އުޅުމުން ލިބުނު ޒަހަމްތައް މިއީ...'' ވާޤިދު ތެދު ހާމަކުރުމާއެކު ޖާބިރަށް ހުއްޓުމެއް އައެވެ. އޭނަ ވާޤިދަށް ބަލަން ހުރީ ޤަބޫލުކުރަަން ދަތިވެފައިވި ހާލުގައެވެ. ''ކަލޭ ދޮގު ހަދަން ވެސް ފެށީތަ؟... އަހަރެން މީ މޮޔައެއްތަ އަހަންނާ އެމީހުނާ ދެމެދު އުފެދުނު އެއްބަސްވުމުގައި ޝާޢާ ހިމަނަން؟....'' ޖާބިރު ހުރީ އެވާހަކަތައް ޤަބޫލުކުރާ ފަދަ ވިސްނުމެއްގައެއް ނޫނެވެ. އޭނައަށް ހީވީ ވާޤިދު އޭނަގެ ވިސްނުން ފަސާދަކުރަން މަސައްކަތްކުރަނީ ކަމަށެވެ. އޭނައާއި ޝައިތާނުންނާ ދެމެދު ދެބަސްވުމެއް އުފައްދަން ކަމަށެވެ. އެކަމަށް އެންމެ ބޭނުންވާ އުކުޅުތައް ބޭނުންކުރަން ވެސް ވާޤިދު ދަސްކޮށްފައިވާކަމަށް އޭނައަށް ޔަޤީން ކުރެވުނެވެ. ''ނޭގުމެއްގެ ތެރޭގައި ވިޔަސް އެކަން ވަނީ ކުރެވިފައި... ވިސްނާލަބަލަ... ޖާބިރުގެ ހުއްދައިގެ މަތިން އެމާރިދަށް ގޭގެ އޮޅިން އެތެރެއަށް ވެސް ވަދެވުނީ... ޝާޢާގެ މައްޗަށް ނުފޫޒު ފޯރުވުނީ ވެސް... މިއީ އަދި ފެށުން... ޙާތިބުމެންގެ ލަޝްކަރުގެ ބާރު ވެސް ވަނީ ގަދަވެފައި... އެމީހުން ވެސް އެބައާދޭ ބަދަލު ހިފަން... ޖާބިރު ހަށިރައްކަލަށް ހެދި ހުރިހާ ފަންޑިތައެއްގެ ބާރު މިރޭ މެންދަމަށް ކެނޑިގެންދާނެ... އެވަގުތަށް އެމީހުން އެދަނީ އިންތިޒާރުކުރަމުން...'' ވާޤިދު ތެދު ހާމަކުރިއެވެ. އަދި އަންނަން އުޅޭ ވަރުގަދަ ތޫފާނުގެ އިންޒާރު ޖާބިރަށް ދިނެވެ. ''ކަލޭ ތިއުޅެނީ އަހަރެން ބިރުގަންނުވަންތަ؟... އެކަމެއް ނުވާނެ... އެޚާތިބަށް އެންމެ ތަންކޮޅެއް ވެސް އަހަރެން ދުލެއްނުދޭނަން، އެއްފަހަރު އަހަރެން ވަނީ އަހަރެންގެ ބާރު އޭނައަށް ސާބިތުކޮށްދީފައި... މިފަހަރު ވެސް އެކަން ސާބިތުކޮށްދޭނަން... އޭނައަށް އެއްވެސްކަމެއް ނުކުރެވޭނެ... ކަލޭ ތިހަދާ ދޮގުތައް ވެސް އަހަރެން ޤަބޫލެއްނުކުރާނަން، ކަލޭ ބަލަން ހުންނާތި، އެޙާތިބުގެ މައްޗަށް ގަދަވެގަތުމަށް ޝައިތާނުން އަހަންނަށް މަދަދުފޯރުކޮށްދޭނެ، އެމީހުން ވަނީ އެކަމަށް ވަޢުދުވެފައި...'' ޖާބިރު އޭނަގެ ނަފުސަށް ޔަޤީންކަން ދިނެވެ. ޖާބިރު އޭނަގެ ވާހަތަކައް ޤަބޫލުނުކުރާނެކަން ވާޤިދަށް ޔަޤީންކުރެވުނީ ދެނެވެ. ޖާބިރު ވިސްނުން ޝައިތާނުން އެވަނީ ފަސާދަކޮށްލާފައެވެ. އެމީހުންގެ ނުފޫޒު ވަނީ ޖާބިރުގެ މައްޗަށް ގަދަވެފައެވެ. އޭގެ ސަބަބުން ލޯކުރިމަތިން ހަޤީޤަތް ފެންނަމުން ދިޔަ ކަމުގައި ވިޔަސް ޖާބިރަށް އެކަން ދޭހައެއް ނުކުރެވެެއެވެ. ޖާބިރުގެ ކަރަށް ދަންމަޅިއެއް މެހި އެދަނީ ބާރުވަމުންނެވެ. އެކަން ފަހުމުކުރެވޭ ހިނދު އޮންނާނީ ވަގުތު ފާއިތުވެ ނިމިފައެވެ. ***** ''ދަރިފުޅާ، މާމައަށް މަޢާފްކޮށްދީ...މާމަ މަސައްކަތްކޮށްފިން ދަރިފުޅު ރައްކާތެރިކުރަން، އެކަމަކު މިއަދު އެނގިއްޖެ އެކަމުގައި ވެސް ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފައިވާކަން... ދަރިފުޅަށް ހަޤީޤަތް ވެސް ފޮރުވަން މަސައްކަތްކުރިން، އެކަމަކު އެކަން ދެން ކާމިޔާބުނުކުރެވޭނެކަން ވެސް އެނގިއްޖެ... ދަރިފުޅުގެ މުސްތަޤުބަލު ވަނީ އަނދިރިކަމެއްގެ ތެރޭގައި... އަބަދުވެސް ދަރިފުޅަށް ފެންނަ ހުވަފެންތަކުގެ ހަޤީޤަތާ ކުރިމަތިލާން ޖެހިދާނެ... އެއީ ދަރިފުޅަށް ލިބެމުން އައި އިންޒާރުތަކެއް... ކާފައަށް ކުރެވުނު ކުށްތަކަށް ދަރިފުޅު އަގު އަދާކުރާކަށް މާމަ ބޭނުމެއް ނޫން......'' ނިދީގައި އޮތް ޝާޢާގެ ބޮލުގައި ލޯތްބާއެކު ފިރުމަމުން ހަދީޖާ ވާހަކަދެއްކިއެވެ. ރުއިމުގެ ސަބަބުން އޭނަގެ އަޑު ވަނީ ކުރެހިގެން ގޮސްފައެވެ. ''ކޮންމެވެސް އެއްދުވަހަކުން ދަރިފުޅަށް ހަޤީޤަތް ވެސް އެނގެން ޖެހޭނެ... އެވަގުތު އައިސް ޖެހެނީ... މާމައަށް އެނގޭ ދަރިފުޅަށް އެހުރިހާކަމެއް ޤަބޫލުކުރަން ފަސޭހައެއް ނުވާނެކަން... އެކަމަކު ވެސް ޖެހޭނީ ހަޤީޤަތާ ކުރިމަތިލާން، އަހަރުމެންނެކޭ އެއްފަދައިން ޖިންނީންނަކީ ވެސް މާތްﷲ މިދުނިޔޭގައި ލައްވާފައިވާ މަހުލޫޤުންތަކެއް... ޖިންނީންގެ އުނދަގޫ ވެސް ބައެއްފަހަރު އިންސާނުންނަށް ފޯރާ، އޭގެ ސަބަބުން ބައެއްފަހަރު މޮޔަވެސް ވޭ... ޖިންނީންގެ ފުށުން ސަލާމަތްވުމަކީ ވެސް ފަސޭހަކަމެއް ނޫން، ގިނަ ފަހަރު އެޖިންނީންތައް އިންސާނުންގެ މައްޗަށް އިންތިހާއަށް އަނިޔާވެރިވެދޭ، އިންސާނުންގެ ފުރާނަ ދުއްވާލުމަކީ ވެސް ޖިންނީންނަށް ނުހަނު ފަސޭހަކަމެއް... ދަރިފުޅާ... ދަރިފުޅުގެ މަންމައާއި ބައްޕަ ވެސް ނިމިދިޔައީ ޖިންނީންގެ އަނިޔާވެރި ހަމަލާތަކެއްގެ ސަބަބުން... މިއަދު ދަރިފުޅަށް ވެސް ތިވަނީ އެހާލަތު ކުރިމަތިވެފައި... އެމީހުނަށް ކުރިމަތިވި ކަންތަކުގެ ބަދަލު ހިފަން ބޭނުންވަނީ ދަރިފުޅުގެ ފުށުން... ދަރިފުޅުގެ ކާފައަށް އެމީހުން ދޭން ބޭނުންވާ ރައްދަކީ އެއީ....... '' ނިދީގެ ސަބަބުން ޝާޢާއަށް އޭނަގެ ވާހަތައް ފަހުމުނުވިކަމުގައި ވިޔަސް ހިތަށް ލުއިކަމެއް ގެނެސްދޭން ހަދީޖާ މާޒީގެ ބައެއް ސަފުހާތަކަށް އަލިއަޅުވާލަމުން ދިޔައެވެ. އެއަށްފަހު އޭނަ ލޮލުން ފައިބަމުން އައި ކަރުނަތައް ފޮހެލަމުން ފުންނޭވާއެއް ދޫކޮށްލިއެވެ. ''ހަދީޖާ...'' ކޮޓަރީގެ ދޮރުކުރިމައްޗަށް ހުއްޓުނު ޖާބިރަށް ހަދީޖާގެ ވާހަކަތައް އަޑުއިވުމުން ގޮވާލެވުނީ ހިތްހަމަނުޖެހުމާއެކުގައެވެ. އެއީ ޝާޢާއަށް އެއްގޮތަކަށް ވެސް އެނގެން އޭނަ ބޭނުންވާ ވާހަކަތަކެއް ނޫނެވެ. އެއީ އާއިލާގެ އަނދިރި ސިއްރެވެ. އެކަމުން ޝާޢާ ރައްކާތެރިކުރަން އޭނަ ބޭނުން ވެއެވެ. ޝާޢާއަށް އެކަންތައް ބަރުދާސްތުނުކުރެވޭނެތީއެވެ. ބިރުވެރިކަމާ ކުރިމަތިލާން ޖެހިދާނެތީ އެވެ. ''ކޮންމެވެސް އެއްދުވަހަކުން ޝާޢާއަށް ވެސް ހަޤީޤަތް އެނގޭނެ... މިހާރު އެދުވަސް އައިސް މިވަނީ ޖެހިފައި... ތޭވީސް އަހަރު ވަންދެން ހަޤީޤަތަށް ފިލަން މަސައްކަތްކުރެވިއްޖެ....'' ޖާބިރާ ކުރިމަތިލަމުން ހަދީޖާ ބުންޏެވެ. އޭނަގެ އަޑުން ޖާބިރާ މެދު ނުރުހިފައިވި މިންވަރު ހާމަކޮށްދެއެވެ. ''ތިކޮންކަމެއްތަ މިހާރު ފަށައިގެން ތިއުޅެނީ؟... އެއްވެސްކަމެއް ޝާޢާއަށް އެނގޭކަށް ނުޖެހޭ... ހަދީޖާ ވެސް މާބޮޑަށް ކަންތަކާމެދު ވިސްނައި ހާސްވަނީ...'' ޖާބިރު ބޭނުންވީ ހަދީޖާގެ ހާސްކަމަށް ނިމުމެއް ގެންނާށެވެ. އޭނަ ހަދީޖާގެ ގާތަށް ހުއްޓިލަމުން ކޮނޑުގައި އަތްތިލަ ބާއްވަން އުޅުނެވެ. ނަމަވެސް އޭގެ ކުރިން ޖާބިރުގެ އަތް ހަދީޖާ ފޮޅުވާލިއެވެ. އޭނަ ހުރީ ޖާބިރު ދެކެ ނުހަނު ރުޅި އައިސްފައެވެ. ''އޮޅުވާލަން އުޅޭނެކަމެއް ނެތް...'' ހަދީޖާ އަޑަށް ބާރުލަމުން ބުނެލިއެވެ. ޖާބިރުގެ ކަށީގައި ހިފާފައި ހުރި ދޮގުހެދުމުގެ އާދައާ މެދު އޭނަ ނުރުހުނެވެ. ''ހުރިހާކަމެއް މިވަނީ ޖާބިރާ ހެދި... އަހަރެންގެ މުޅި ޢާއިލާ ބަރުބާދުކޮށްލީ މީހަކީތީ... ހަނދާން ނައްތާލަން އުޅުނު ބިރުވެރިކަމާ އަނެއްކާ ވެސް ކުރިމަތިލާން ޖެހިފައި މިވަނީ ހަމަ ޖާބިރާ ހެދި!....'' ''ކީއްތަވާނީ އަހަރެން މިދައްކާ ވާހަކަތައް އެއްފަހަރު ވިޔަސް އަޑު އެހިއްޔާ!، އަހަރެން ބުނެފީމެއްނު ޝާޢާއަށް ދެރަގޮތެއް ނުވާނެޔޭ... ދެން ކީއްވެ އެކަން ޤަބޫލުކުރަން ނޫޅެނީ... ކޮންމެކަމަކާ މެދު ވެސް އެންމެ ގޯސްކޮށްތަ ވިސްނަން ޖެހެނީ؟...'' ޖާބިރަށް ބުނެވުނީ އަޑު ހަރުކޮށެވެ. އޭނަގެ ކެތްތެރިކަން ވެސް ކޮޅުންލައިގެން ދާން ތައްޔާރުވީއެވެ. ''ކިހިނެއް އަހަރެން ޤަބޫލުކުރާނީ؟...'' ހަދީޖާ އެހި އެވެ. ނިދަން އޮތްކަމަށް ހެދިގެން އޮތް ޝާޢާއަށް ހުރިހާ ވާހަކަތައް އަޑުއިވެމުން ދިޔައެވެ. ހާމަވަމުން ދިޔަ ހަޤީޤަތާއެކު އޭނަގެ ހިތުގެ ތެޅުން ވެސް އަވަސްވާން ފަށައިފިއެވެ. މުޅި މީހާއަށް ފިނިކަމެއް ވެރިވެފައި ވިއެވެ. މިހުރިހާ ދުވަހު ތަކުރާރުވަމުން އައި މަންޒަރުތަކުގެ ކޮޅުތައް ގުޅި އޭނައަށް ކަމެއް އަންގައިދޭން އުޅުނެވެ. އެކަނިވާ ވަގުތު އޭނައަށް ކުރެވޭ އިހުސާސްތަކެވެ. ރޭގަނޑު ފެންނަ ބިރުވެރި ހުވަފެންތަކެވެ. މިރޭ އިރާކޮޅު އޭނައަށް އިހުސާސްކުރެވުނު އާދަޔާ ޚިލާފު ހޫނުކަމެވެ. ބޮލަށް އެރި ތޫނު ތަދެވެ. ފާޚަނާގައި ހުއްޓާ އޭނައަށް ފެނުނު ހިޔަންޏެވެ. އެކަމާ ހުރެ އުފެދުނު ބިރުވެރިކަމާއެކު ފާޚަނާއިން ނިކުންނަން އުޅުނު ހިނދު އޭނައަށް ކުރިމަތިވި ހާދިސާއެވެ. ބޮލަން އެނބުރުން އަރައި ވެއްޓެން ދިޔަ ހިނދު އޭނައަށް ފެނުނު އަނދިރި މީހާއެވެ. އޭނަގެ ހަށިގަނޑަށް އަރައިގެން ދިޔަ އާދަޔާ ޚިލާފު ބާރާއި ތަދެވެ. އެއާއެކު ޝާޢާއަށް އޭނަގެ ހަށިގަނޑުން ރިހުމެއްގެ އިހުސާސްކުރެވެން ފެށުނެވެ. ''ޝާޢާއަށް ހަޤީޤަތް އެނގުން ދެން ރަގަޅުވާނީ... ކިތައް އަހަރުވަންދެން އަހަރުމެން އެކަންތައް ސިއްރުކުރަން އުޅުނީ؟... ކިތައް ދޮގު ހެދުނީ؟... އެކުއްޖާއަށް މިއަދު ހުރިހާ ކަމެއް އެނގުމުގެ ހައްގު އެބައޮތް... އޭނަގެ މައިންބަފައިންގެ މަރުގެ ހަގީގަތް ވެސް.... ކުރިމަތިވާން އުޅޭ އަނދިރި ދުވަސްތަކުގެ ހިލަން ވާން ޖެހޭނެ.... ދެން އިތުރަށް މިކަންތައް ސިއްރުނުވާނެކަން ޖާބިރަށް ހަމަ ނޭގެނީތަ؟... މިއަދު ޖާބިރު ތިވަނީ އަހަރުމެންނަށް ރައްކާތެރިކަން ޔަޤީންކޮށްދިނުމުގައި ނާކާމިޔާބުވެފައި...'' ހަދީޖާ ބުނެލިއެވެ. އެއާއެކު ހިތްހަމަނުޖެހިފައިވި ޖާބިރު ގާތަށް ރުޅިއަންނަ ގޮތް ވިއެވެ. ހަދީޖާއަށް އޭނަ ކުރި ބުރަ މަސައްކަތުގެ އަގު ވަޒަން ނުކުރެވުނީތީއެވެ. އޭނަ ވަނީ ކުރެވުނު ކުށްތަކަށް ހަދީޖާ ގާތުން މަޢާފަށް އެދި އާދޭސްކޮށްފައެވެ. އޭނަ މިހުރިހާ ދުވަހު މަސައްކަތްކުރީ ވެސް ހަދީޖާ އެދުނު ފަދައިން ޝާޢާގެ ރައްކާތެރިކަން ޔަޤީންކޮށް ދިނުމަށެވެ. އެވެސް ހަދީޖާގެ މަޢާފް އޭނައަށް ލިބޭތޯ އެވެ. ނަމަވެސް ހުރިހާ އަހަރެއް ވަންދެން އޭނަވި ޤުރުބާނީތަކުގެ އަގެއް ވެސް އާހިރުގައި ނެތެވެ. އޭނައަށް ހާސްކަން ލިބިފައިވި ދުވަހު ތުހުމަތުގެ އިނގިލި ދިއްއެކުރެވެނީ އޭނަ އަށެވެ. ޝާޢާއަށް ދެރަގޮތެއް ވާން އޭނަ ދުވަހަކު ބޭނުންވާނެ ހެއްޔެވެ؟ ''ހަދީޖާއަށް ކީއްވެތަ ނުވިސްނިގެން ތިއުޅެނީ؟... އަހަރެން ބުނެފީމެއްނު ޝާޢާއަށް އެއްވެސް ކަމެއް އެނގުން މުހިންމެއް ނޫނޭ!، ދެން ކީއްވެތަ އެޚިޔާލު ދޫކޮށްލަން ބޭނުންނުވެފައި ތިހުންނަނީ؟... ޝާޢާއަށް އަހަރެން ފުރިހަމަ ރައްކާތެރިކަން ދޭނަން!... މިވާހަކަ މިހާހިސާބުން ނިންމާލަން އުޅޭ...'' ޖާބިރަށް ބުނެވުނެވެ. އޭނަގެ އަޑު އިހުނަށްވުރެ ބާރެވެ. ހަދީޖާއަށް ކަމެއް ސާބިތުކޮށްދޭން އުޅޭ ކަހަލައެވެ. އޭނަ ފުންނޭވާތަކެއް ދޫކޮށްލީ ރުޅީގެ ބާރުވެރިކަން މުޅި ސިކުޑިއަށް ވެރިވެގަތުމުގެ ފުރުސަތު ނުދިނުމަށެވެ. ''ޖާބިރު ކިތަންމެ ރުޅި އަޔަސް ހަޤީޤަތެއް ބަދަލެއް ނުކުރެވޭނެ، އެކަން މިހާރު ޖާބިރަށް ހާމަވެއްޖެހެން މަށަށް ހީވަނީ...'' އިތުރަށް ޒުވާބުގަނޑު ހޫނުވެދާނެތީ ހަދީޖާ ކޮޓަރިން ނިކުމެގެން ދިޔައީއެވެ. އޭނަ ރުޅިގަދަވެފައިވީ ގެންފައި ހުރި ބިރާއި ކުރިމަތިލާނެ ގޮތެއް ނޭގި ނަފުސު ބަލިކަށިވެފައި ވުމުންނެވެ. އޭނަގެ ދިލަ ހިތަށް ފަރުވާއެއްކަމުގައި ފެނުނީ ޖާބިރާ މެދު ހިތުގައި އުފެދިފައިވި އުދާސްތައް ބޭރުކޮށްލުމެވެ. ޖާބިރު އެދުވަހު މަސްލަހަތަށް ބެލިނަމަ މިއަދު މިހާލަތަށް ދާން ނުޖެހުނީހެވެ. އޭނަގެ ޢާއިލާއަށް އުފަލުގައި ދުވަސްތައް ވޭތުކޮށްލުމުގެ ނަސީބު ލިބުނީހެވެ. މައިންބަފައިންގެ ލޯބިން ޝާޢާ މަހުރޫމުނުވީހެވެ. ހަމައެއާއެކު ޖަައްބާރުންގެ އުނދަގޫތައް ވެސް ޝާޢާއަށް ކުރިމަތިނުވީހެވެ. ހަދީޖާ އެންމެ ބޮޑަށް ހާސްވެ ބިރުގަންނަނީ އެކަންތަކާއެވެ. ޝާޢާ އެބިރުވެރިކަމާ ކުރިމަތިލާނެ ގޮތެއް ނޭގޭތީއެވެ. އެފަކީރަށް އަންނަން އުޅޭ ބަނަ ދުވަސްތަކުގެ ހިލަމެއް ވެސް ނުވެއެވެ. ބިރުވެރިކަމާއި ނާމާންކަމުގެ ސިލްސިލާގެ ފެށުން ކައިރިވަމުން އަންނަ ކަން ވެސް މެއެވެ. ހަދީޖާގެ ފަހަތުން ދާން އުޅެފައި ވެސް ޖާބިރު އެޚިޔާލު ދޫކޮށްލިއެވެ. މިވަގުތަށް އެންމެ ރަގަޅު ވާނީ ހަދީޖާއަށް އޭނައާއި ކުރިމަތިލާން ނުޖެހުމުންނެވެ. ހަދީޖާގެ ރުޅިވެރިކަމުގެ ބަސްތައް އޭނައަށް އަމާޒުވާ ސަބަބު ވެސް ޖާބިރަށް އެނގުނެވެ. ކުއްލިއަކަށް ދިމާވި ކާރިސާއާ ކުރިމަތިލާން ހަދީޖާގެ ސިކުނޑި އިހުތިޔާރުކުރި މަގަކީ ރުޅިވެރިކަމެވެ. އެކަމުން ހިނދުކޮޅަކަށް ވިޔަސް ހާސްކަމަށް ފަރުވާއެއްލިބިދާނެތީއެވެ. ހަށިފުރާ ނޭވާތަކެއް ދޫކޮށްލަމުން ސިކުނޑިއަށް ލުއިކަން އިހުސާސްކުރެވުނެވެ. ޖާބިރު އައިސް ޝާޢާގެ މަގަތުން އެނދުގައި އިށީންދެލުމަށްފަހު ލޯތްބާއެކު ޝާޢާގެ ބޮލުގައި ފިރުމާލިއެވެ. އެދެލޮލުން ޝާޢާދެކެ ވާލޯތްބާއި އޯގާތެރިކަން ފާޅުވެއެވެ. ''ދަރިފުޅާ، ކާފަ ވައުދުވަން ދަރިފުޅަށް ސަލާމަތާއި ރައްކާތެރިކަން ދޭނަން ކަމުގައި، ކާފަގެ ފަހު ނޭވާއާ ހަމައަށް ވެސް އެކަން ހާސިލުކުރަން މަސައްކަތްކުރާނަން... މިއީ ވައުދެއް....'' ޖާބިރު ބުނެލިއެވެ. އަދި އިރުކޮޅެއް ވަންދެން ކޮޓަރީގައި މަޑުކޮށްލުމަށްފަހު ނިކުމެގެން ދިޔައެވެ. ***** ކޮޓަރީގެ ދޮރު ލެއްޕި ހަމަހިމޭންކަން ވެރިވުމާއެކު ޝާޢާއަށް އަވަސްއަވަހަށް ލޯހުޅުވާލެވުނެވެ. އޭރު އޭނަ ހުރީ ނޭވާ އަވަސްވެފައެވެ. ނިއްކުރީގައި ދަލުގެ އަސަރުވިއިރު އަދިވެސް އޭނަގެ ސިކުނޑި ދިޔައީ އިވުނު ހަޤީޤަތް ދޭހަކުރުމުގައި އަވަދިނެތި މަސައްކަތްކުރަމުންނެވެ. ހިތުގެ ތެޅުން ވެސް އަވަސްވެފައިވިއިރު އޭނަގެ ދެލޮލުން ބިރުވެރިކަން ރަމްޒުކޮށްދެއެވެ. ބިރާއި ހާސްކަމާއި ހުރެ އޭނައަށް ހަށިގަނޑުގައި އަޅަމުން ދިޔަ ވޭނުގެ އިހުސާސެއް ވެސް ނުކުރެވުނެވެ. ހަމަހިމޭންކަން ވެރިވެފައި އޮތް ކޮޓަރި ފެނި ޝާޢާގެ ހިތުގެ ތެޅުން އިހުނަށްވުރެ ބާރުވާން ފެށިއެވެ. ކަންފަތުގައި ގުގުމަމުން އައި ޖުމްލަތަކުން އޭނަގެ ވިސްނުމަށް ސިފަވަމުން އައީ ބިރުވެރި ޚިޔާލުތަކެވެ. ވާނީވެސް އެހެންތާއެވެ. ނޭގި ހުއްޓާ ކުރިމަތިލާން ޖެހިފައިވަނީ ދިރިއުޅުމުގައި ވެސް ކުރިމަތިވެދާނެ ކަމަށް ހީވެސް ކޮށްލެވިފައިވިކަމެއް ނޫން ވިއްޔާއެވެ. އުޅެބޮޑުވަމުން އައި ދުވަސްވަރު އޭނަ ހީކުރީ ޖިންނި ވާހަކަތަކަކީ ބިލާހެއް ކަމަށެވެ. އެއީ މުސްކުޅިން ކުޑަކުދިން ބިރުގަންނަވާލަން ދައްކާ ފުލޯކުވާހަކައެއް ކަމަށެވެ. ޒަމާނީ ވިސްނުމުގެ ސަބަބުން އެކަން ޔަޤީން ވެސް ކުރެވުނެވެ. އެހެނަސް މިއަދު އެވިސްނުމަށް އެވަނީ އިންޤިލާބީ ބަދަލެއް އައިސްފައެވެ. ހަޤީޤަތަށް އޭނަގެ ލޯހުޅުވާލަން އެވަނީ މަޖުބޫރުވެފައެވެ. ޖިންނީންނަކީ އުޅޭ މަހުލޫޤުންތަކެއްކަން ޤަބޫލުކުރަން އެވަނީ ޖެހިފައެވެ. އޭނައަށް ކުރިމަތިވަމުން އަންނަ އާދަޔާ ޚިލާފު ކަންތަކުގެ ފަހަތުގައިވާ ސަބަބުތަކަށް އޮތް ހަމައެކަނި އެކަށޭނެ ޖަވާބަކީ ވެސް އެއީ ކަމުގައި ވާތީއެވެ. ނުވަތަ އޭނަގެ ނަފުސާނީ ބައްޔެއް ހުންނަނީއެވެ. ނަފުސާނީ ބަލީގެ ގޮތުން އޭނައަށް ނުފެންނަ މަންޒަރުތައް ފެންނަނީއެވެ. އަމިއްލަ ސިކުނޑީގައި މީހުންދައްކާ ވާހަކަތައް އަތުރާލެވި އެއީ ތެދުކަމުގައި އޭނަގެ ކަންފަތަށް އިވެނީއެވެ. ''އޯހ ގޯޑް...'' އެނދުން ތެދުވުނު ޝާޢާއަށް އޭނަގެ ބޮލުގައި ދެއަތުން ހިފަހައްޓާލެވުނެވެ. ހީވަނީ އޭނަގެ ސިކުނޑީގެ ނާރުތައް ފިތިބާރުވަމުން އަންނަހެންނެވެ. އޭގެ ސަބަބުން ބޮލުގައި ވެސް ރިއްސަން ފަށައިފިއެވެ. ކުރިއަށް ހިނގައިގަންނަން އުޅުނު ތަނާ ކުއްލި ސިހުމާއެކު ހުއްޓެވުނީ ރީތިވާމޭޒުގެ ލޯގަނޑުން އޭނަގެ ލޮލުގައި އަޅަައިގަތް މަންޒަރެއްގެ ސަބަބުންނެވެ. އަވަސްއަވަހަށް ލޯގަނޑާއި ކައިރިވެލުމަށްފަހު ހެދުމުގެ ކުރުއަތްކޮޅު ހިއްލާލަމުން އޭނަގެ ހިކަނދިމަސްގަނޑަށް އަވަސް ނަޒަރެއް ދެވުނެވެ. އެއާއެކު އޭނަގެ ދެލޯބޮޑުވެގެން ދިޔައެވެ. އަތްތިލައެއްގެ ނިޝާނުގެ އަސަރު އެވަނީ ފެންނާށެވެ. ކުއްލިއަކަށް ޝާޢާއަށް ފަހަތަށް ޖެހިލެވުނެވެ. އޭރު ބިރުވެރިކަމުގެ ތޫފާނެއް އޭނަގެ މޭގެތެރޭގައި އުފެދިފައި ވިއެވެ. ނޭވާލާން ވެސް އޭނައަށް ދަތިވެފައިވިއިރު މޫނުގެ ކުލަ ވަނީ ފަނޑުވެފައެވެ. އޭނަގެ ލޮލަށް އެފެންނަ މަންޒަރު ދޮގުކުރާނީ ކިހިނެއް ހެއްޔެވެ؟ އެއީ މިރޭގެ އިރާކޮޅު އޭނައަށް ދިމާވި ހާދިސާގެ ތެދުކަން ބަޔާންކޮށްދޭ ވަރުގަދަ ހެއްކެކެވެ. ފަހަތަށް ޖެހެވެމުން ދިޔަ ޝާޢާއަށް ހުއްޓުމެއް އައީ އެނދުގެ ފައިލާކޮޅުގައި އޭނަގެ ފައި އަޅައިގަތުމުންނެވެ. އެކަމުން ވެސް އޭނަ ދިޔައީ ސިއްސައިގެންނެވެ. އަވަސްއަވަހަށް ފަސްއެނބުރި ބަލާލެވުނީ އޭނަގެ ފުރަގަހުގައި މީހަކު ހުރިހެން ހީވެގެންނެވެ. ނަމަވެސް އާދަޔާ ޚިލާފުކަމަކާ ކުރިމަތިލާން ނުޖެހުމުން ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް އޭނަގެ ހިތަށް ލިބުނެވެ. އެހެނަސް އެކަނި ކޮޓަރީގައި ހުންނަންވުމުން އޭނަ ބިރުގަންނަ ގޮތް ވިއެވެ. ކޮޓަރީގެ ކުޑަދޮރުން ބޭރުގައި މީހަކު އޭނައަށް ފާރަލައި ބަލަމުންދާހެން ވެސް ހީވާން ފެއްޓިއެވެ. އަދިވެސް އޭނަގެ ކަންފަތުގައި ރަނގަބީލެއްހެން ތަކުރާރުވަމުން އައި ޖުމްލަތަކުން އެކަންތައް އޭނައަށް ޔަޤީންކުރެވެއެވެ. ޖިންނީންނަކީ ޣައިބުވުމުގެ ބާރު ލިބިފައިވި މަހުލޫގުންތަކެކެވެ. އެޚިޔާލާއެކު ވެސް ޝާޢާގެ ހިތުގެ ވިންދު އަވަސްވާން ފެށިއެވެ. ފިޔަވަޅުތަކަށް ބާރުލަމުން ކޮޓަރިން ނިކުންނަން ދިޔައީ އޭނައަށް ރައްކާތެރިކަން ލިބޭނެކަމުގެ އުއްމީދުގައެވެ. އެކަނި ހުންނަން ވެއްޖެކަމުގައި ވަނީނަމަ އޭނައަށް މުސީބާތަކާއި ކުރިމަތިލާން ޖެހިދާނެއެވެ. އާދެވިފައިވި ހާލަތުގެ ގޮތުން އޭނައަށް ހުރިހާ ކަމަކާއިމެދުގައި ވެސް ވިސްނެނީ އެންމެ ނުބައި ގޮތުގައެވެ. ވާނީވެސް އެހެންނޫންތާއެވެ. އެއީ އިންސާނީ ޠަބީއަތުގައި ލައްވާފައިވާ ގޮތެވެ. ކޮޓަރިން ނިކުތް ޝާޢާއަށް އެންމެ ފުރަތަމަ ވެސް ފެނުނީ ފެންޑާއަށް ނިކުމެވޭ ދޮރުކުރިމަތީ މޭމަތީ އަތްހުރަސްކޮށްލައިގެން ބޭރު ބަލަން ހުރި ޖާބިރެވެ. ޖާބިރު ހުރި ގޮތުން އޭނަ ހުރީ ފުން ވިސްނުމަކަށް ގެއްލިފައިކަން އެނގުނެވެ. އޭނައަށް ޝާޢާގެ ކޮޓަރީގެ ދޮރު ހުޅުވުނުހެން ހީވެގެން ނިކަން އަވަހަށް ފަސްއެނބުރި ބަލާލައިފިއެވެ. ޝާޢާއާއި ހަތަރުކަޅި ބައްދަލުވެގެން ދިޔަ ވަގުތު ކަމެއް ގޯސްވެއްޖެކަމުގެ އިންޒާރު ޖާބިރަށް ލިބިގެން ދިޔައީ އެދެލޮލުން އޭނައަށް ފެނުނު ނުތަނަވަސްކަމާއެކުގައެވެ. ސުވާލު އުފެދިގެން ދިއުމާއެކު ޖާބިރަށް ހިނގައިގަނެވުނީ ޝާޢާ ގާތަށް ދިއުމަށެވެ. ޝާޢާގެ ފުށުން ނޫނީ ޖަވާބު ނުލިބޭނެ ސުވާލުތަކެއް އޭރު އޭނައަށް އުނދަގޫކުރަމުން ދިޔައެވެ. ނަމަވެސް އެއީ އެކަމަށް ރަގަޅު ވަގުތެއް ބާވައޭ ވެސް އޭނަގެ ހިތް ސުވާލު އުފައްދާލިއެވެ. އެހިނދު އޭނަަގެ ސިކުނޑި ރަގަޅު ގޮތް ބުނެދިނެވެ. ފާއިތުވެގެންދާ ކޮންމެ ވަގުތަކީ ނާޒުކު ވަގުތުކޮޅަކަށް ވުމުން އެންމެ މިނެޓެއް ވެސް ބޭކާރުކޮށްލުން އެއީ ބުއްދިވެރި ގޮތެއް ނޫނެވެ. އޭނަގެ ދުޝްމަނުން އެވަނީ އޭނައާއި ދެކޮޅަށް ވަރުގަދަ ހަނގުރާމަކަށް ނިކުމެފައެވެ. އެހަނގުރާމައިގައި އޭނައާއި ދެކޮޅަށް ބޭނުން ކުރެވެން އޮތް އެންމެ ވަރުގަދަ ހަތިޔާރަކީ ވެސް ޝާޢާއެވެ. ރައްކާތެރިކަމުގެ ފިޔަވަޅުއަޅައިގެން މެނުވީ އޭނައަށް ކުރިއެރުމެއް ލިބޭކަށް ނެތެވެ. ''ދަރިފުޅާ، މިހާރު ރަގަޅުތަ؟... ދަރިފުޅު ނުކައި އުޅޭތީދޯ އަނބުރައިގަތީ؟... މިހާރު އެއްވެސްކަހަލަ އުނދަގުލެއްވޭތަ؟...'' ހިތުގައި އުފެދިފއިވި ސުވާލުތަކުގެ ޖަވާބު ހޯދަން ބޭނުންވެފައިވި ޖާބިރު ވާހަކަދެއްކީ ނިކަން ހަމަޖެހިލައިގެން ހުރެއެވެ. ޝާޢާއަށް އޭނަގެ އަޑުން ކަމަކާ މެދު ޝައްކު ނުއުފެދޭނެހެންނެވެ. އެއްވެސްކަމެއް ގޯހުންގޯހަށް ގޮސްފައިވިކަމުގެ ހިލަން ޝާޢާއަށް ވުމުގެ ފުރުސަތު ޖާބިރު ނުދިނެވެ. ''ހަދީޖާ، ޝާޢާއަށް ދޭން ކާއެއްޗެއް ގެނެސްބަލަ...'' ކޮޓަރީގައި އުޅުނު ހަދީޖާއަށް ބާރަށް ގޮވާލަމުން ޖާބިރު ބުނެލިއެވެ. ޝާޢާއަށް ހައިކަމުގެ އިހުސާސްކުރެވިގެން އައީ ދެނެވެ. އޭނަގެ ސިކުނޑިއަށް ލިބިފައިވި ބުރަހެލިކަމާހުރެ އޭނަގެ ހިއްސުތައް ވެސް ރަގަޅަކަށް މަސައްކަތެއް ނުކުރެއެވެ. ޝާޢާ ޖަވާބެއް ނުދީ ބަލަހައްޓައިގެން ހުންނަން ފެށުމުން ޖާބިރަށް ހައިރާންކަމެއް ލިބިގެން ދިޔައެވެ. އެއީ ޝާޢާގެ ފުށުން އޭނައަށް އަލަށް ފެނިގެން ދިޔަ ކަމަކަށް ވީީތީއެވެ. ހީވަނީ ފިކުރުބޮޑުވެފައިވިހެންނެވެ. ''އަދިވެސް ބޮލުގައި ރިއްސަނީދޯ؟... އެހެންވެއްޖެއްޔާ ކޮޅަށް ނުހުރެ އާދެބަލަ ސޯފާގައި އިށީންނަން...'' ސޯފާއަށް އިޝާރާތްކުރަމުން ޖާބިރު ވާހަކަދެއްކިއެވެ. އޭނަ ހިނިތުންވެލިއެއްކަމަކު ޝާޢާއަށް އައިސްފައިވި ބަދަލުތަކުން އޭނަ ހުރީ ނުތަނަވަސްކަމެއްގެ ތެރޭގައެވެ. ޖާބިރު އެދުނު ފަދައިން ޝާޢާ ގޮސް ސޯފާގައި އިށީނެވެ. އެއީ ހަދީޖާ ވެސް އަވަސްއަރުވާލައިގެން ކޮޓަރިން ނިކުތް ވަގުތެވެ. އޭނައަށް ޝާޢާ ފެނުމާއެކު އެމޫނުމަތިން ފާޅުވެގެން އައީ ހަމްދަރުދީއެވެ. ކުރިމަތިވެދާނެ ކަމަކާ މެދު އޭނަ ބިރުގެންފައި ހުރި މިންވަރު އެކަމުން ވެސް ރަމްޒުކޮށްދެއެވެ. ހަދީޖާގެ މާޔޫސްކަން ފާހަގަކުރެވުނު ޖާބިރު ހަދީޖާއަށް ބަލާލަމުން ދެފަރާތަށް ބޯހޫރާލީ ޝާޢާއަށް ކަންތައް ސިއްރުކުރަން ބޭނުންވީތީއެވެ. ޝާޢާއަށް ވަމުންދާ ކަންތަކާ މެދު ޝައްކުކުރެވި ސުވާލުއުފެދިގެން ދާކަށް އޭނަ ނޭދެއެވެ. އޭނައަށް އެސުވާލުތަކަށް ޖަވާބެއްދޭން ވެސް ނޭގޭނެއެވެ. ހަމައެއާއެކު ޝާޢާއަށް ލިބިގެންދާނެ ނުތަނަވަސްކަމާއި ބިރުވެރިކަން ވެސް ދެކެން އޭނަ ބޭނުމެއް ނޫނެވެ. ޖާބިރަށް ނޭގުނުކަމީ ސިއްރުން ކަންތައް ބަލަމުން ދިޔަ ޝާޢާއަށް ހަޤީޤަތް ބޭޒާރު ވެއްޖެކަމެވެ. ޖާބިރުގެ ކޮންމެ އަމަލަކީ އެކަމަށް ބާރުދެމުން އައި ވަރުގަދަ ހެކިތަކެކެވެ. އޭގެ ސަބަބުން ޝާޢާއަށް ލިބިފައިވި އުދާސްކަން ވެސް އެމޫނުމަތިން ފެންނަން ފަށައިފިއެވެ. ''ހަދީޖާ ދޭބަލަ ޝާޢާއަށް ދޭން ކާއެއްޗެއް ހިފައިގެން އަންނަން...'' ހާދީޖާ އައިސް އެމީހުންނާއި އަރާހަމަކުރުމުން ޖާބިރު ބުނެލިއެވެ. ޖާބިރާއި މެދު ނުރުހިފައިވިއެއްކަމަކު، ހަދީޖާ އެހުށަހެޅުމާއިގެން ކުރިއަށް ދިޔައީ ޝާޢާގެ ހަށިގަނޑު ވަރުބަލިވެ، ހައިކަމުގެ އިހުސާސްކުރެވޭނެ މިންވަރު އޭނައަށް އަންދާޒާ ކޮށްލެވުމުންނެވެ. އޭނަ ބަދިގެއަށް ދިއުމަށް މިސްރާބުޖެހި ހިނދު ހުއްޓެވުނީ ޝާޢާ ކޮށްލި ސުވާލެއްގެ ސަބަބުންނެވެ. ''ކާފަ ބުނީމެއްނު އަހަންނަށް ހުވަފެންތަކެއް ފެންނަނަމަ ބުނައްޗޭ، ދުވަސްކޮޅަކަށް އެކަން ތަކުރާރުނުވެ އަނެއްކާ ވެސް ފެންނަން ފަށައިފި، އެކަމަކު ކުރިއަށް ވުރެ އަސްލާ އެއްގޮތްކަމަށް އިހުސާސްކުރެވެނީ... އެއީ ކީއްވެތަ؟... ނިދުމުގެ ކުރިން ކިޔަން ކާފަ ދިން ދުޢާތައް ވެސް އަހަރެން ކިޔަން، އެކަމަކު ވެސް ބިރުވެރި ހުވަފެންތައް ފެނޭ... ކޮންމެ ރެޔަކު ވެސް ހޭލެވެނީ ފަތިސްނަމާދު ވަގުތާއި ދިމާކޮށް... ކާފާ... ކީއްވެގެންތަ އަހަންނަށް އެފަދަ ބިރުވެރި ހުވަފެންތައް ފެންނަނީ؟...'' ޝާޢާ ބޭނުންވީ ތެދެވެ. އޭނައަށް އެކަންތައް ކުރިމަތިވާ ސަބަބު އެނގޭށެވެ. މީގެ އިރުކޮޅެއް ކުރިން ޖާބިރާއި ހަދީޖާއާ ދެމެދު ހިނގި ދެބަސްވުމުން އޭނައަށް އެނގުނުހާ ވެސް އެއްޗަކީ ޖިންނިއެއްގެ އުނދަގޫ ފޯރިކަމެވެ. އެކަމުގެ ތެރޭގައި ފުރާނަތައް ގެއްލިގެން ދިޔަ ކަމެވެ. އެހެނަސް، އެކަން ހިނގަން މެދުވެރިވި ސަބަބުބަތަކާއި، އެކަންތަކުގެ އާހިރު ނަތީޖާ އެފަދަ ހިތިގޮތަކަށް ނިކުތްނަން ޖެހުނު މައިގަނޑު ސަބަބެއް ނޭގުނެވެ. އެކަންތައް އަދިވެސް ވަނީ މާޒީގެ ތެރޭގައި ސިއްރުކުރެވިފައެވެ. މިހާރު ކަންތައް ގޮސްފައި އޮތް ހާލަތުން އެއީ އޭނައަށް އެނގުން ލާޒިމު ކަމެކެވެ. އޭނަގެ މަންމައާއި ބައްޕައަށް ކުރިމަތިލާންޖެހުނު ކަންތައް ވެސް އޭނައަށް އެނގެން ޖެހޭނެއެވެ. ވަރަށް ގިނަ އަހަރުތަކެއް ވަންދެން އަނދިރީގައި އޭނަ ބެހެއްޓިއްޖެއެވެ. ހަޤީޤަތް ހާމަވެފައިވި ހިނދު އޭނައަށް ހުރިހާކަމެއްގެ މައުލޫމާތު ލިބެންޖެހޭނެއެވެ. ބަދަލުހިފުމުގެ ކޯޅުންގަނޑެއް ޖިންނީންނާ މެދު އުފެދިގެން އައީ ކީއްވެގެން ހެއްޔެވެ؟ އެކަމުގެ ފަހަތުގައި އޮތް ސިއްރުތަކަކީ ކޮބައި ހެއްޔެވެ؟ އެކަމުގައި އޭނަގެ މައިންބަފައިން ޝިކާރައަކަށްވީ ކީއްވެގެން ހެއްޔެވެ؟ ޖިންނީންތަކެއްގެ އުނދަގޫ އޭނައަށް ފޯރަން ޖެހިފައިވީ ކީއްވެގެން ހެއްޔެވެ؟ އޭނަގެ ކުށަކީ ކޮބާ ހެއްޔެވެ؟ މާމަގެ ހިތުގައި ކާފައާ މެދު އުފެދިފައިވި ރުޅީގެ އަސްލަކީ ކޮބާ ހެއްޔެވެ؟ ހައްތާ ވެސް ސުވާލުތަކެވެ. ޝާޢާއަށް ޔަޤީންކުރެވުނުކަމަކީ ބޮޑު ކަންތައްގަނޑެއް ހިނގާފައި އޮތް ކަމެވެ. އެކަމުގެ ތެރޭގައި އޭނަގެ މައިންބަފައިން ވެސް މިފަނާވަނިވި ދުނިޔެ ދޫކޮށްދާން ޖެހުނީއެވެ. ޅައިރުގެ ދުވަސްތަކުގައި އޭނަ މައިންބަފައިންގެ ލޯބިން މަހުރޫމްކޮށްލާފައެވެ. ކިތަންމެހާ ވެސް ގިނަ ސަބަބުތަކާ ހުރެ އޭނައަށް ހަޤީޤަތް އެނގުން ލާޒިމެވެ. ނަމަވެސް ސުވާލަކީ އޭނައަށް އެކަމާއި ކުރިމަތިލެވިދާނެ ހެއްޔެވެ؟ ކުއްލިއަކަށް ކުރިމަތިވި ސުވާލަށް ދޭނެ ޖަވާބެއް ނޭގިފައި ޖާބިރަށް ހުރެވުނެވެ. ސޯފާގައި އިށީންނަން އުޅެފައި ވެސް އެޚިޔާލު ދޫކޮށްލުމަށްފަހު އޭނަ ފަރުވާތެރިކަމާއެކު ޝާޢާއަށް ބަލާލިއެވެ. ޝާޢާ ވެސް އިސްއުފުލާ ޖާބިރަށް ބަލާލިއެވެ. އެދެލޮލުގައި ވަނީ މުޅިން އެހެން ޝުއޫރުތަކެކެވެ. ހާސްކަން ޖާބިރުގެ ހިތަށް ވެރިވާންފެށީ ދެނެވެ. މިހުރިހާ ދުވަހު ޝާޢާގެ ފަރާތުން ކުރިމަތިލާން ނުޖެހުނު ސުވާލެއް އަމާޒުވީތީއެވެ. ''ކާފަ ކުރިން ވެސް ބުނީމެއްނު ހުވަފެނަކީ ބިލާހެކޭ... ދެން ކީއްވެތަ ދަރިފުޅު އެކަންތަކާ މެދު ވިސްނަނީ؟...'' ޖާބިރު އުޅުނީ ޝާޢާގެ ސުވާލު އޮއްބާލާށެވެ. އެގޮތް ޝާޢާއަކަށް ކަމަކު ނުދިޔައެވެ. ''ތިކަން އެނގެޔޭ... އެކަމަކު އެއް ހުވަފެނެއް ތަކުރާރުކޮށް ފެންނަނީ ކީއްވެތަ؟... ހުވަފެނުގައި އަހަންނަށް އިންޒާރުތައް ދެވެނީ ކީއްވެތަ؟... ސަލާމަތްވާން އުޅުނަސް އެކަން ކާމިޔާބުނުކުރެވެނީ ކީއްވެތަ؟... ހުވަފެން އަސްލާއި އެއްގޮތް ވަނީ ކީއްވެތަ؟...'' ޝާޢާ އެހި އެވެ. ޖާބިރުގެ ހިތުގައި ޝައްކު އުފެދުނެވެ. ޝާޢާއަށް އެފަދަ ކުއްލި ބަދަލެއް އަންނަންޖެހޭނީ ގޯހެއް އުޅޭކަމުގެ ހިލަން ވުމުންނެވެ. އެއީ ޝާޢާއަށް ދިމާވި ހާދިސާގެ ސަބަބުން ކުރިމަތިވިކަންތައްތަކެއް ހެއްޔެވެ؟ ޝާޢާ އެއުޅެނީ އެހާދިސާގެ އަސްލު ހޯދަން ހެއްޔެވެ؟ ''ދަރިފުޅު ބޮލުގައި ރިއްސާތީތަ ތިއުޅެނީ؟، ބަލާފަ ހީވަނީ އެހެން، ކާއެއްޗިއްސާއެކު މާމަ ބޭސް ގެނެސްދޭނަން، މަޑުކޮށްލައްޗޭ......'' ޖަވާބުދޭން ޖާބިރު ނުކުޅެދިފައިވިތަން ފެނި ހަދީޖާ މަޢުޞޫއު ބަދަލުކޮށްލިއެވެ. އޭނަ ވެސް އުޅުނީ ޝާޢާގެ ހިތަށް ދޮގު ތަސައްލީތަކެއް ހޯދައިދޭށެވެ. ކުއްލިއަކަށް މާމަގެ ވިސްނުން ބަދަލުވުމުން ޝާޢާއަށް ހައިރާންކަން ލިބުނެވެ. މާމައަށް އޭނައާއި ކުރިމަތިލާން ކެރެނީ އޭނަ ނިދާފައި އޮއްވާ އެކަނި ހެއްޔެވެ؟ އެއީ އެއްވެސްކަމެއް އޭނައަށް ދޭހަނުވާނެކަމުގެ ޔަޤީންކަމާއެކުގައި ކުރި ކަމެއް ހެއްޔެވެ؟ ''އަހަރެން ނޫޅެމޭ ބޮލުގައި ރިއްސާތީއެއް... ކީއްވެތަ އަހަރެންގެ ސުވާލުތަކަށް ޖަވާބު ދޭން ނޫޅެނީ؟... އަހަންނަށް ކަމެއް ސިއްރުކުރަނީތަ؟...'' ފުރަތަމަ ފަހަރަށް ޝާޢާއަށް އަޑު އިސްކުރެވުނެވެ. އޭރު އޭނަ އިނީ ރޮވެން ކައިރިވެފައެވެ. ސިކުނޑީގެ ނާރުތަކަށް ވާންވެ ބޯފަޅައިގެން ދާން ވެސް ކައިރިވެފައެވެ. ''ދަރިފުޅަށް އެއްވެސްކަމެއް ސިއްރުކުރާކަށް އަހަރުމެން ނޫޅެން...'' ޖާބިރު ބުނެލިއެވެ. ''ދޮގު... ހުސް ދޮގު... އަހަންނަށް އަޑުއިވުނޭ ކާފައާއި މާމަ ދެއްކި ވާހަކަތައް... އަހަންނަށް މިރޭ އިރާކޮޅު ދިމާވި ހާދިސާއަށް އެކަމުން ޖަވާބުލިބޭ...'' ކެތްތެރިކަން ކޮޅުންލައިގެން ދިއުމާއެކު ޝާޢާއަށް ބުނެވުނެވެ. އޭރު އޭނަގެ އެސްފިޔަތައް ފޫއަޅުވާލާފައި ފުރަތަމަ ކަރުނަތިކި ފައިބައިގެން ދިޔަ އެވެ. ސިހުން ލިބިފައިވި ހާލު ޖާބިރާއި ހަދީޖާއަށް ބަލާލެވުނީ އެކަކު އަނެކަކުގެ މޫނަށެވެ. ބޮޑު ކޮޓަރިއަށް ދެން ފެތުރިގެން ދިޔައީ ހަމަހިމޭންކަމެވެ. ***** ދަންވަރަށް ފާޅުކަން ބޮޑު ކަމާއެކު ހަނދު ފެންނަމުން ދިޔައެވެ. އޭގެ ރިހި އަލި މުޅި ސަރަހައްދަށް ފެތުރިފައިވާއިރު ލަސް ހަރަކާތްތަކާއެކު ވިލާކޮޅުތައް އުޑުގައި ދަތުރުކުރަމުން ދިޔައެވެ. ބޮޑެތި ރާޅުތައް ފަރުމައްޗަށް ބިންދާލާ އަޑާއި ބާނީތައް ފޮނުތައް އުފައްދާލާފައި ގޮނޑުދޮށަށް ބީއްސާލާ އަޑު ފަޒާގައި އޮތީ ގުގުމާލާފައެވެ. ކަނޑުން އަންނަ ފިނިފިނި ރޯޅިތަކުން ހަށިގަނޑަށް އަރާމުކުރުވަނިވި ފިނިކަމެއް އިހުސާސްކޮށްދެއެވެ. ރަށުގެ ދެކުނު ތުނޑީގެ މަޑު ދޮންވެލިގަނޑު މަތީ އިށީންދެލައިގެން އިން ޒުވާނާގެ މަޑުއަޅިކުލައަށްދާ ކަޅި ގޮސް ހުއްޓިފައިވަނީ ފެންނަން އޮތް މޫދަށެވެ. ދޮންވެލިގަނޑުގައި އަތްވިއްދާލެވިފައިވިއިރު ކޮނޑާހަމައަށް ދިގުކޮށްލެވިފައި އޮތް ފަން އިސްތަށިގަނޑު ރޯޅިތަކާ އެއްހަމައެއްގައި ހަރަކާތްކުރަމުން ދިޔައެވެ. ހުސްގަޔާ އިންއިރު އެޒުވާނާއަށް ވައިރޯޅިތަކުގެ ފިނިކަން ވެސް އިހުސާސްނުކުރެވޭ ކަހަލައެވެ. އެތައް އިރެއް ފާއިތުވެދިޔަ ފަހުން އެޒުވާނާ އިސްއުފުލާ ބަލާލީ ހަނދަށެވެ. އޭރު ހަނދު ވަނީ މެދު އުޑުގައެވެ. ކުއްލިއަކަށް ފަހަތުން ފެންނަން ހުރި ކުރެދި އަދި މަގޫގަސްތަކުގެ ތެރެއިން ހިލަމެއްވިކަމުގެ އިހުސާސާއެކު އެޒުވާނާގެ ނަޒަރު ހަނދާއި ވަކިވެގެން ގޮސް ގަސްކަރައާއި ދިމާއަށް ހުއްޓިއްޖެއެވެ. (ނުނިމޭ...) ބާޒީ... (4) އިތުރަށް ވިދާޅުވުމަށް
ބާޒީ... (5)
ޔަމަހާ ފްރީގޯ ސައިކަލު ތައާރަފުކޮށް، ހާއްސަ ޕްރޮމޯޝަނެއް އެލިއާާ އިން ފަށައިފި އެވެ. އެލިއާ އިން ވަނީ އެ ސައިކަލުތައް ރާއްޖެއަށް ތައާރަފުކުރުމަށް ހުކުރު ދުވަހު ހާއްސަ އިވެންޓެއް ވެސް ބާއްވައިފަ އެވެ. މި އިވެންޓުގައި ޔަމަހާ ބްރޭންޑްގެ ހުރިހާ މޮޑެލެއްގެ ސައިކަލް އިންސްޓޯލްމެންޓަށް ނެގުމުގެ ފުރުސަތު ހުޅުވާލައި ސައިކަލް ނެގުމަށް ނަން ނޯޓު ކުރި މީހުންނަށް ޑައުން ޕޭމެންޓުގެ 50 ޕަސެންޓް ޑިސްކައުންޓް ދީފައިވެ އެވެ. އެލިޔާ އިން ހުކުރު ދުވަހު ބޭއްވި އިވެންޓު-- ފޮޓޯ: އެލިއާ އެލިއާ އިން މިހާރު ކުރިއަށްގެންދާ ޕްރޮމޯޝަނުގެ ދަށުން ސައިކަލު ނަގާއިރު ޑޭޓޭޑް ޗެކްސްއެއް ނުނަގަ އެވެ. އަދި ހަމައެކަނި ކަސްޓަމަރަށް ލާރި ލިބޭކަން އަންގައިދޭ ލިޔުމެއް ގެންދިޔުމުން އިންސްޓޯލްމެންޓުގެ ކަންތައް ހަމަޖައްސައިދެ އެވެ. އެލިއާ އިން ބުނީ އެކުންފުނިން ސައިކަލު ނަގާއިރު ސައިކަލު ރަޖިސްޓްރީކޮށްދޭނީ ކަސްޓަމަރުގެ ނަންމަތީ ކަމަށާއި ސައިކަލު ދޫކުރާނީ ޕީބޯޑެއްގައި ކަމަށެވެ.
ޔަމަހާ ފްރީގޯގެ ހާއްސަ ޕްރޮމޯޝަނެއް އެލިއާ އިން ފަށައިފި
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ތާއީދާއެކު ތިންވަނަ ދައުރަކަށް ފޮނަދޫ ދާއިރާއަށް ކުރިމަތި ލެއްވުމަށް އެދާއިރާގެ މިހާރުވެސް މެމްބަރުކަން ކުރައްވަމުން ގެންދަވާ އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ނިންމަވައިފިއެވެ. ޕީޕީއެމްގެ ކުރީގެ ނައިބު ރައީސް އަދުރޭ އަށް ރައީސް ޔާމީން ވަނީ މީގެ ކުރިން ޕްރައިމަރީ އަކާ ނުލައި ޕީޕީއެމްގެ ޓިކެޓް ދީފައެވެ. ނަމަވެސް ފަހުން އެޕަޓީން ވަކިވެ އޭނާ އަންނަނީ ރައީސް ޔާމީން އިސްވެ ހުންނަވައިގެން އުފައްދަވާ އާ ސިޔާސީ ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރި ވަމުންވެ. އަދުރޭ މިރޭ "ސަން" އަށް ވިދާޅުވީ، ފޮނަދޫ ދާއިރާއަށް ކުރިމަތިލައްވަނީ ކޮން ޕާޓީ އަކުންކަން އަދި ނުނިންމަވާ ކަމަށާއި ނަމަވެސް އެ ދާއިރާއަށް ކުރިމަތި ލައްވަނީ ރައީސް ޔާމީންގެ ތާއީދާ އެކު ކަމަށެވެ. "ޕީއެންސި ރަޖިސްޓްރީ ވެއްޖެ ނަމަ ކުރިމަތި ލާނީ ޕީއެންސީގެ ނަމުގައި. އިންތިހާބާ ހަމައަށް ދާއިރު ޕީއެންސީ ރަޖިސްޓްރީ ނުވެއްޖެ ނަމަ އަމިއްލަ ގޮތުންވެސް ކުރިމަތި ލާންވެސް ޖެހިދާނެ. ހާލަތު ނިޔާކުރާ ގޮތަކުން އެނގޭނީ ކުރިމަތިލާނީ ކޮން ގޮތަކުންކަން،" އަދުރޭ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ކޮންމެ ގޮތެއް ވިޔަސް ފޮނަދޫ ދާއިރާއަށް މިފަހަރު އޭނާ ވާދަކުރައްވާނެ ކަމަށެވެ. "މާތްﷲގެ އިރާދަފުޅުން ދެންވެސް އެދާއިރާގެ އިންތިޚާބު ކާމިޔާބު ކުރާނީ އަޅުގަނޑު،" ފޮނަދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވޭނެ ކަމާމެދު ކިހާ ޔަގީން ކަމެއް އެބަ އޮތްތޯ ދެންނެވުމުން އަދުރޭ ވިދާޅުވިއެވެ. އަދުރޭ ވަނީ މިދިޔަ ހަފްތާގެ ތެރޭ އެޕާޓީ ރަޖިސްޓްރީ ކުރުމަށް 4،000 ފޯމް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައެވެ. ނަމަވެސް އަދި މިހާތަނަށް އިލެކްޝަންސް ކޮމިޝަނުން އެ ޕާޓީ ރެޖިސްޓްދީފައެއްނުވެއެވެ.
ރައީސް ޔާމީންގެ ތާއީދާއެކު ފޮަނަދޫ ދާއިރާއަށް ކުރިމަތިލުމަށް ނިންމައިފިން: އަދުރޭ
ކުއާލަލަންޕޫރު (ފެބްރުއަރީ 3) : މެލޭޝިޔާއިން ކޮރަޕްޝަން ނައްތާލުމަށް ޓަކައި މިދިޔަ ހަފްތާގައި އިއްލާންކުރި ޕްލޭން ތަންފީޒުކުރުމަށް އިތުރު ގާނޫނުތަކާއި ގަވައިދުތައް ބޭނުންވާ ކަމަށާއި އެކަން ކުރުމަށް ތައްޔާރުވަމުންދާ ކަމަށް އެގައުމުގެ ބޮޑުވަޒީރު މަހާތީރު ބިން މުހައްމަދު ވިދާޅުވެއްޖެ އެވެ. ނޫސްވެރިންނަށް ދެއްވި ބަޔާނެއްގައި މަހާތީރު ވިދާޅުވީ މިދިޔަ ހަފްތާގައި އޭނާ އިއްލާން ކުރެއްވި ކޮރަޕްޝަން ނައްތާލުމުގެ ޕްލޭންގައި ހިމެނޭ ގިނަ ކަންކަން ތަންފީޒު ކުރެވޭނީ މިހާރުހުރި ބައެއް ގާނޫނުތަކަށް އިސްލާޙްތައް ގެނަސް އަދި އިތުރު ގާނޫނުތައް ހަދައިގެން ކަމަށެވެ. އަދި ސަރުކާރުގެ ލީގަލް އެޖެންޑާގެ ތެރެއިން އެކަން ކުރުމަށް މިހާރުވަނީ ތާވަލުކޮށްފަ އެވެ. މީގެ އިތުރުން ގަވައިދުތަކަށް ވެސް ބޮޑެތި ބަދަލުތައް ގެނަސް ބައެއް ގަވައިދުތައް އަލުން ހަދަން ޖެހޭ ކަމަށާ އަދި ސަރުކާރުގެ ބައެއް ސިޔާސަތުތަކަށް ވެސް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް މަހާތީރު ވިދާޅުވި އެވެ. މިދިޔަ ހަފްތާގައި މަހާތީރު އިއުލާނުކުރެއްވި ކޮރަޕްޝަން ނައްތާލުމުގެ ޕްލޭން ބިނާކޮށްފައިވާ ކަންކަމުގެ ތެރޭގައި ސަރުކާރުގެ އިސް މަޤާމުތަކަށް ބޭފުޅުން އައްޔަންކުރުމުގައި މިހާރު ގެންގުޅޭ ސިޔާސަތުތައް ބަދަލުކުރުމާއި ޕާލަމެންޓް މެމްބަރުންނާއި ވަޒީރުންނާއި އެފެންވަރުގެ އެހެން މަގާމުތައް ލިބޭ ބޭފުޅުންގެ އެސެޓްތައް ފަދަ ހަރުމުދަލާއި އެބޭފުޅުންގެ އެކައުންޓްތަކުގައި ފައިސާ ހުރި މިންވަރާއި ލިބޭ އާމްދަނީ ޢާއްމުކޮށް އިއުލާން ކުރުން ހިމެނެ އެވެ. މީގެއިތުރުން ކޭންޕޭން ކުރުންފަދަ ސިޔާސީ ކަންކަމަށް ބޭނުންވާ ފައިސާ ހޯދުމުގައި މިހާރު ބޭނުންކުރާ ގަވައިދުތަކާއި އުސޫލުތައް އިތުރަށް ހަރުދަނާކޮށް އެކަންކަމަށް އިތުރު ޤާނޫނުތައް ހެދުމާ އަދި ގާނޫނުތަކުގެ ތެރެއަށް ނުފެއްތޭ މުއާމަލާތްތައް ގާނޫނުތަކަށް ފެއްތުން ވެސް މި ފްލޭންގައި ހިމެނެ އެވެ. މެލޭޝިޔާގައި މިދިޔަ އަހަރު ކުރީކޮޅު ބޭއްވި ޢާއްމު އިންތިޚާބުގައި އޭރު ބޮޑުވަޒީރު މުހައްމަދު ނަޖީބު އަބްދުއްރައްޒާޤަށް ނާކިޔާބީއާ ކުރިމަތިލާންޖެހުނު މައިގަނޑު ސަބަބަކީވެސް އޭނާގެ މައްޗަށް ކުރެވުނު ކޮރަޕްޝަންގެ ތުހުމަތުތައް ކަމަށްވަނީ ބެލެވިފަ އެވެ. މެލޭޝިޔާގެ ތަރައްގީއަށް އުފެއްދި ފަންޑް ކަމަށްވާ މެލޭޝިޔާ ޑިވެލޮޕްމަންޓް ބްރަހާދް ވަން އެމް.ޑީ.ބީ ން 4.5 ބިލިއަން ޑޮލަރު ވަގަށް ނެގި މައްސަލަ ފެންމަތިވުމާއެކު އެކަމުގައި ސީދާ ގޮތެއްގައި ބައިވެރިވި ކަމުގެ ތުހުމަތު ނަޖީބު ރައްޒާގް ގެ މައްޗަށްވަނީ ކުރެވިފަ އެވެ. އިންތިޚާބު ނަޖީބަށް ނާކާމިޔާބުވެފައިވާއިރު އިންތިޚާބު ކާމިޔާބު ކުރައްވައިގެން ވެރިކަމަށް ވަޑައިގެންނެވި މަހާތީރުގެ ސަރުކާރުން ވަނީ ނަޖީބާއި އޭނާގެ އަނބިކަނބަލުންގެ އިތުރުން ނަޖީބުގެ ސަރުކާރުގެ ބައެއް އިސްވެރިންގެ ކޮރަޕްޝަންގެ މައްސަލަތައް ތަހްގީގްކޮށް އެބޭފުޅުންނާ ދެކޮޅަށް ޖިނާއީ ދަޢުވާތައްވެސް އުފުލާފައެވެ. ނަމަވެސް އެ ފަރާތްތަކުން ވަނީ މިކަމަށް އިންކާރުކޮށްފައެވެ. މަހާތީރު އިއްލާން ކުރެއްވި މެލޭޝިޔާއިން ކޮރަޕްޝަން ނައްތަލުމުގެ ޕްލޭންގައި ޝަރުޢީ ދާއިރާގެ އިތުރުން މުޅި ދައުލަތަށް ތަކެތި ގަތުމާބެހޭ ސެންޓްރަލް ޕްރޮކިއުމަންޓާއި ޓެންޑަރ ނިޒާމުންނާ އަދި ވަކިވަކި އޮފީސްތަކުން ޚިދުމަތްތައް ހޯދާ ލިބިގަތުމަށް ކުރާ މާލީ ހުރިހާ މުއާލަމާތްތަކުންވެސް ކޮރަޕްޝަން ނައްތާލުމަށް މަސައްކަތް ކުރުން ހިމެނިފައިވެ އެވެ. ނަމަވެސް މި ޕްލޭން ތަންފީޒު ކުރެވޭނީ ކިހާވަރަކަށް ކަމާމެދުވަނީ ސުވާލު އުފެދިފަ އެވެ. (ނޫސްއެޖެންސީތައް)
މެލޭޝިޔާގައި ކޮރަޕްޝަން ނައްތާލާނެ ގޮތް މަހާތީރު ސާފުކޮށްދެއްވައިފި
ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އިސްވެހުންނަވާ އުފައްދަވަން ނިންމާފައިވާ "މޯލްޑިވްސް ރީފޯމް މޫވްމަންޓް" (އެމްއާރުމް) އުފެއްދުމަށް އަންނަ ހަފުތާގައި އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމަށް ނިންމައިފި އެވެ. މިދިޔަ ބުރާސްފަތި ދުވަހު ރައީސް މައުމޫން ވަނީ ސިޔާސީ މައްސަކަތް ކުރުމަށް އާ ސިޔާސީ ޕާޓީއެއް އުފައްދަވަން ނިންމާފައިވާ ކަން އިއުލާން ކުރައްވައިފަ އެވެ. މައުމޫންގެ އަރިސް ބޭފުޅެއްކަމަށްވާ އަބްދުލް އަލީމް މިއަދު "ސަން" އަށް ވިދާޅުވީ، މިހާރު ކުރަމުން ދަނީ ކޯޓުން ސާފުކުރަން ޖެހޭ ކަންކަން ކަމަށާއި ލިޔެކިޔުންތައް ލިބުމުން އަންނަ ހަފުތާގައި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާނެ ކަަމަށެވެ. "މިއަދު ކޯޓުން ސާފު ކުރަން ޖެހޭ ކަންތައް ސާފު ކުރުމަށް ވަނީ ހުށަހަޅަފައި، ބުރާސްފަތު ދުވަހު އެ ލިޔުންތައް ލިބުމުން މި ބަލަނީ އަންނަ ހަފުތާގައި ޕާޓީ ރަޖިސްޓްރީ ކުރުމަށް ހުށަހެޅުމަށް." އަލީމް ވިދާޅުވި އެވެ. މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މައުމޫން ވިދާޅުވީ، އާ ސިޔާސީ ޕާޓީ ހައްދަވަން މަސައްކަތް ފެށީ ސުޕްރީމް ކޯޓުން ޕީޕީއެމްގެ ދެ މައްސަލައިގެ ތެރެއިން އެއް މައްސަލަ އަށް މިހާރު ގޮތެއް ނިންމާފައި ވާތީ، އެޒާތުގެ އެފަދަ އެހެން މައްސަލައެއް ސުޕްރީމް ކޯޓުން ކުރިއަށް ނުގެންދަވާނެ ކަމަށް ގާނޫނީ ބޭފުޅުން އެމަނިކުފާނަށް ލަފާ ދެއްވުމުން ކަމަށެވެ. އަދި ހުކުމް އިއްވާފައި ނުވާ ޕީޕީއެމްގެ މިލްކުވެރިކަމާ ބެހޭ މައްސަލަ ނީމޭނެ ވަކި ދުވަހެއް ވެސް އެނގިވަޑައި ނުގަންނަވާތީ ކަމަށް، އާ ސިޔާސީ ޕާޓީއެއް ހެދުމަށް ނިންމެވި ސަބަބު ހާމަ ކުރައްވާ މައުމޫން ވިދާޅުވި އެވެ. އަންނަ އެޕްރީލް މަހު ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ރައީސް މައުމޫންގެ ތާއިދާ އެކު 32 ދާއިރާތަކަށް ކެންޑިޓޭޓުން ނެރުމަށް ވަނީ ނިންމައިފަ އެވެ. މައުމޫންގެ ތާއީދާ އެކު ރައްޔިތުންގެ މަޖިލީހަށް ކުރިތިލުމަށް ޝައުގުވެރިކަން ހުރި ފަރާތްތަކަށް ހުޅުވާލުމުން 108 ފަރާތަކުން ވަނީ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ.
ރައީސް މައުމޫންގެ ޕާޓީ އުފެއްދުމަށް އަންނަ ހަފުތާގައި ކޮމިޝަނަށް ހުށަހަޅަނީ
އިސްލާމް ދީނާ ޚިލާފު ވާހަކަ ދެއްކުމަކީ ގާނޫނީ ގޮތުން ކުށެއް ކަމަށް ވިދާޅުވެ، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަނެއްކާވެސް ނުސީދާކޮށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ފާޑުވިދާޅުވެއްޖެ އެވެ. އެމްޑީޕީގެ މަޖިލިސް ޕްރައިމަރީގައި މާފަންނު ދެކުނު ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ކެމްޕެއިން އިވެންޓެއްގައި ރޭ ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ، ކައިވެނިން ބޭރުން ގުޅުން ހިންގުމުގައި ދިމާވާ މައްސަލައަކީ ކައިވެނިން ބޭރުން ދަރިން ލިބުން ކަމަށާއި އެކަމަށް އޮތް ހަމައެކަނި ހައްލަކީ ނުވިހާ އޮޕަރޭޝަން ކުރުން ކަމަށެވެ. ނަޝީދުގެ އެ ވާހަކަތަކަށް ނުސީދާކޮށް ރައްދު ދެއްވައި ގާސިމް ވިދާޅުވީ، ސައްތައިންސައްތަ އިސްލާމުން އުޅޭ ގައުމެއްގައި ފިތުނަ ފަސާދަ އުފެއްދުމަށް ވާހަކަ ދެއްކުމަކީ އެއް ގޮތަކަށް ވެސް ރަނގަޅު ކަމެއް ނޫން ކަމަށެވެ. އަދި އަމިއްލަ އެދުން ހާސިލް ކުރުމަށް ދައްކަންވާވަރުގެ ވާހަކަ އާއި ނުދައްކަން ޖެހޭ ވާހަކަ ހުންނާނެ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ. "އަޅުގަނޑުމެން ޖުމްހޫރީ ޕާޓީން ކަންތައްތައް ކުރަމުން ގެންދާނީ ދިވެހިރާއްޖެ އަކީ އިސްލާމީ ގައުމަކަށް ވީހިނދު ދިވެހި ރާއްޖޭގައި އިސްމާލާމީ ވަންތަކަން ދަމަހައްޓައި ނަގަހައްޓައި ގެންދާ އުސޫލުން އަންހެނުންނާއި ފިރިހެނުންނަށް ހަމަހަމަ ބައެއްގެ ގޮތުގައި ހަދަމުން. އުމުރުން ނުވަ އަހަރުވާ ނުވަތަ ދިހަ އަހަރުވާއިރު ބައެއް އަންހެން ކުދިން ބާލިޣްވެ އެ ހިސާބުން ފެށިގެން އެ މީހުން ބާތު ކޮންޓްރޯލް ކުރާށެކޭ ދަންނަވާކަށް ނޫން އަޅުގަނޑު މިތަނަށް އައިސް މިހުރީ،" ކާނަލް ނާޒިމްގެ ކެމްޕެއިން ހަރަކާތް ފެށުމަށް މިރޭ ބޭއްވި ހަފްލާގައި ގާސިމް ވިދާޅުވި އެވެ. ކާނަލް ނާޒިމްގެ މަޖިލިސް ކެމްޕެއިން ރަސްމީކޮށް ފެށުމަށް ބޭއްވި ހަފްލާގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ އެފަދަ ވާހަކަތައް ދެއްކުމަކީ އިސްލާމް ދީން ހުއްދަ ކުރާ ކަމެއް ނޫންކަން ފާހަގަކުރައްވައި ގާސިމް ވިދާޅުވީ އިސްލާމްދީނުގެ ހުކުމްތަކާ ދެކޮޅަށް ވާހަކަ ދެއްކުމަކީ ގާނޫނީ ގޮތުން ވެސް ކުށެއް ކަމަށެވެ. ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި މަޖިލީހަށް ވާދަކުރުމުގެ ޓިކެޓް ދޭނީ ކައުންސިލުން ނިންމާ ގޮތެއްގެ މަތިން ކައުންސިލުން ކަމަށް ގާސިމް ވިދާޅުވި އެވެ. އަދި އޭގެ ކުރިން އެއްވެސް މީހަކަށް ވޯޓު ދޭން އޭނާ ނުބުނާނެ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ. އެއާ ޚިލާފަށް ޕްރައިމަރީގައި އެތައް ބަޔަކު ވާދަކުރާއިއިރު ވަކި މީހަކަށް ވޯޓު ދެއްވުމަށް ބައެއް ޕާޓީތަކުގެ ލީޑަރުން ކެމްޕެއިން ކުރާކަން ފާހަގަކުރައްވައި ގާސިމް ވަނީ ޑިމޮކްރެސީ ދިރުވުމުގެ ނަމުގައި އެ ކުރެވެނީ ކިހާވަރެއްގެ ކަމެއްކަން އެނގޭތޯ ވިދާޅުވެ ސުވާލު އުފައްދާފަ އެވެ. މި ހަފްތާ ތެރޭގައި ގާސިމް ވަނީ ދެ ފަހަރެއްގެ މަތިން ނުސީދާކޮށް ނަޝީދަށް ފާޑުވިދާޅުވެ ވާހަކަ ދައްކާފަ އެވެ.
އަނެއްކާވެސް ގާސިމް ނުސީދާކޮށް ނަޝީދަށް ފާޑުވިދާޅުވެއްޖެ
އަންނަ އެޕްރީލް މަހު ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ސަރުކާރު ކޯލިޝަންގައި ހިމެނޭ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމު 32 ބޭފުޅަކަށް ތާއީދު ކުރައްވަން ނިންމަވައިފި އެވެ. ރައީސް މައުމޫންގެ ތާއީދާ އެކު ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލުމަށް ޝައުގުުވެރިވާ ފަރާތްތަކަށް ހުޅުވާލުމުން 108 ފަރާތަކުން ވަނީ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ. ރައީސް މައުމޫން ނިސްބަތްވާ މައުމޫން ރީފޯމް މޫވްމްންޓް (އެމްއާރުއެމް)ގައި އިސްކޮށްހަރަކާތްތެރިވާ، އަބުދުލް އަލީމް މިއަދު "ސަން" އަށް ވިދާޅުވީ، މިހާތަނަށް 32 ދާއިރާ އަކަށް ކުރިމަތިލާ ކެންޑިޑޭޓުން ޔަގީންވެފައިވާ ކަމަށާއި އެ އަދަދު އެއަށް ވުރެ ވެސް އިތުރު ވެދާނެ ކަމަށެވެ. އަދި އިތުރަށް ވާދަކުރައްވާނެ ދާއިރާތަކާއި ކެންޑީޑޭޓުން މިރޭ އެނގިގެން ދާނެ ކަމަށް އަލީމް ވިދާޅުވި އެެވެ. "ރައީސް މައުމޫން ތާއީދު ކުރައްވާ 32 ކެންޑިޑޭޓުންނަށް އެކަން އަންގަވަމުން މިހާރު އަންނަނީ. ސީދާ އަދަދު މިރޭ ފައިނަލްވާނެ،" އަލީމް ވިދާޅުވީ ފައިނަލް ލިސްޓް މާދަމާ އާންމު ކުރައްވާނެ ކަމަށެވެ. އަލީމް ވިދާޅުވީ، މައުމޫން ތާއީދާ އެކު ކުރިމަތިލައްވާ ބޭފުޅުން ކުރިމަތިލާނީ އެއްވެސް ސިޔާސީ ޕާޓީއަކުން ނޫން ކަމަށާއި އެބޭފުޅުން ކުރިމަތިލައްވާނީ އަމިއްލަ ގޮތުން ކަމަށެވެ. އަދި ގޮނޑި ގެއްލުނު ކަމަށް މީގެ ކުރިން އިލެކްޝަންސް ކޮމިޝަނުން ނިންމި 12 މެމަބަރުންގެ ދާއިރާތަކަށް ކެންޑިޑޭޓުން މައުމޫންގެ ފާރާތުން ނުނެރޭނެ ކަމަށާއި އެ ދާއިރާތަކަށް މައުމޫން ތާއީދު ކުރައްވާނީ އެ 12 ކެންޑިޑޭޓުންނަށް ކަމަށް އަލީމް ވިދާޅުވި އެވެ. ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީ އިން މަޖިލިސް އިންތިހާބުގައި 86 ދާއިރާއަށް ކުރިމަތިލާ ކެންޑިޑޭޓުންނަށް ޓިކެޓް ދީފައިވާ އިރު، ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ އިން މިހާތަނަށް 36 ބޭފުޅަކަށް ވަނީ ޓިކެޓް ދީފަ އެވެ. އަދާލަތު ޕާޓީން 13 ދާއިރާ އަކަށް ކުރިމަތިލުމަށް ވަނީ ނިންމައިފަ އެވެ. ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އަދި ލޯކަލް ކައުންސިލް އިންތިހާބުގައި ގުޅިގެން ވާދަކުރަން ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީތަކުން އެއްބަސްވުމެއް އެކުލަވާލި އެވެ. ނަމަވެސް މަޖިލިސް އިންތިހާބުގައި ކޯލިޝަން ބައިވެރިންގެ މެދުގައި ދާއިރާތައް ބަހާނެ ގޮތަކާ މެދު އެއްބަސް ނުވެވި، ތިން ލީޑަރުން ނިސްބަތްވާ ތިން ޕާޓީ އާއި ރައީސް މައުމޫންގެ ތާއީދާ އެކު ނިކުންނަ ބޭފުޅުން ވާދަ ކުރައްވަނީ ވަކި ވަކިންނެވެ. އިދިކޮޅު ކޯލީޝަން، ޕީޕީއެމް އައި ކޮންގްރެސް ޕާޓީގެ ފަރާތުން މިހާތަނަށް 63 ދާއިރާއަކަށް ވާދަކުރާ ކެންޑިޑޭޓުންނަށް ވަނީ ޓިކެޓް ދީފަ އެވެ. މަޖިލިސް އިންހާބަށް ކުރިމަތިލުމުގެ މުއްދަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފައި ވަނީ މިމަހު 21 ވަނަ ދުވަހުގެ ނިޔަލަށެވެ.
32 ބޭފުޅަކަށް މައުމޫން ތާއީދު ކުރައްވަން ނިންމަވައިފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވަސް (އެފްއޭމް)ގެ ނައިބް ރައީސް އައިޝަތު ނާޒިމާ ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއަކަށް ވާދަކުރުމަށް ނިންމައިފި އެވެ. ދާދިފަހުން ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަތް ނާޒިމާ މިރޭ ފޭސްބްކް އެކައުންޓްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ ކާމިޔާބު ކުޅިވަރު ހަޔާތަކަށް ފަހު، އަންނަ އެޕްރީލް މަހު ހަ ވަނަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލީހުގައި އޭނާ ނިސަބަތްވާ ހެންވޭރު ހުޅަނގު ދާއިރާއަށް ކުރިމަތިލުމަށް ނިންމާފައިވާ ކަމަށެވެ. ޖުމްހޫރީ ޕާޓީގެ ލޯގޯއާ އެކު މިރޭ ނާޒިމާ އާންމު ކުރި ޕޯސްޓްގައި ވަނީ، ހެންވޭރު ހުޅަނގު ދާއިރާގެ އެންމެހާ ރައްޔިތުން އޭނާއަށް ތާއީދުކޮށްދެއްވަން އެދޭ ކަމަށެވެ. ނަމަވެސް އަދި ޖުމްހޫރީ ޕާޓީ އިން މަޖިލިސް އިންތިހާބަށް ޓިކެޓް އެއްވެސް ބޭފުޅަކަށް ހަވާލުކޮށްފައެއް ނުވެ އެވެ. ހެންވޭރު ހުޅަނގު ދާއިރާއަކީ މި އަހަރު އަލަށް އުފެއްދި ދާއިރާއެކެވެ. އެ ދާއިރާގެ އެމްޑީޕީ މަޖިލިސް ޕްރައިމަރީގައި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވެސް ވާދަ ކުރައްވަ އެވެ.
ހެންވޭރު ހުޅަނގު މަޖިލީސް ގޮނޑިއަށް ނާޒިމާ ވާދަކުރަން ނިންމައިފި
ދުނިޔޭގެ މަޝަހޫރު ކުލަބެއްގެ ސްޕޮންސަރަކަށް ރާއްޖެ ވުމަކީ ދެކެމުން އަންނަ ހުވަފެނެއް ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ. މިއަދު ޓޫރިޒަމް މިނިސްޓްރީގެ މަސައްކަތްތަކާ ގުޅޭގޮތުން އެ މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަލީ ވަހީދު ވިދާޅުވީ، ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓު ކުރުމަށް ގިނަ ކަންތައްތަކެއް ރޭވިފައިވާ ކަމަށާއި އެންމެ ބޮޑު ހުވަފެނަކީ ރާއްޖޭގެ "ވިޒިޓް މޯލްޑިވްސް" ޓަައިޓަލް ދުނިޔޭގެ މަޝްހޫރު ކުލަބެއްގެ ސޮޕްންސަރަކަށް ވުން ކަމަށެވެ. "އަޅުގަނޑުމެންގެ ހުވަފެނެއް އެއީ ދިވެހި ރާއްޖޭގެ ވިޒިޓް މޯލްޑިވްސް ޓައިޓަލް ދުނިޔޭގެ ބޮޑު ކުލަބެއްގެ ސްޕޮންސާޝިޕްގައި ހިމެނިގެން ދިޔުން،" ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވިއެވެ. އަލީ ވަހީދު ވިދާޅުވީ އެހުވަފެން ހަގީގަތަކަށް ވެގެން ދިޔުމަކީ، ދިވެހީންނަށް ލިބިގެން ދާނެ ވަރަށް ބޮޑު އުފަލެއް ކަމަށާއި ރާއްޖެ މާކެޓް ކުރުމަށް ވެސް ކުރެވިދާނެ ކަމެއް ކަމަށެވެ. ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ -- ސަން ފޮޓޯ/ އަހްމަދު އަވްޝަން އިލްޔާސް އަލީ ވަހީދު ވަނީ ކުރިއަށް އޮތް ތިން މަހުގައި ޓޫރިޒަމް ޕްރޮމޯޓު ކުރުމަށް މިނިސްޓްރީގެ ޝެޑިއުލް ނޫސްވެރިނާ ހިއްސާކޮށްފައެވެ. އެގޮތުން ދުބާއީގައި ބާއްވާ ދުނިޔޭގެ މަޝްހޫރު ރެއާލް މެޑްރިޑް ފަދަ ކުލަބުތައް ބަައިވެރިވާ 13 އަހަރުން ދަށުގެ އިންޓަ ކޮންޓިނެންޓަލް މުބާރާތުގައި ރާއްޖެ އިސްތިހާރުކުރުމުގެ މަސައްކަތުގައި ދުބާއީ އަށް ފެބްރުއަރީ މަސްތެރޭ މިނިސްޓްރީގެ ފަރާތުން ދަތުރު ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. "އޭގައި އަޅުގަނޑުމެންގެ އަމާޒަކީ ރާއްޖެ އިސްތިހާރު ކުރުމަށްޓަކައި އިތުރު އިވެންޓްސްތަށް ރާއްޖެއަށް ގެނައުމާއި އަދި އަޅުގަނޑުމެންގެ ސްޕޯޓްސް ޓުއަރިޒަމް ކޮމްޕޯނަންޓް އެމްޕަވާ ކުރުމަށްޓަކައި ވަސީލަތް ގާއިމު ކުރުމުގައި އަޅުގަނޑުމެންނަށް ޓޫރިޒަމް ތެރެއިން ކުރެވޭނީ ކޮންކަމެއްތޯ ދެނެގަތުން،" ދުބާއީ އަށް ކުރައްވާ ދަތުރުފުޅާ ގުޅޭގޮތުން އަލީ ވަހީދު ވިދާޅުވިއެވެ. މި ދަތުރުފުޅަކީ މިދިޔަމަހު ރާއްޖެއައު ރެއާލް މެޑްރިޑްގެ ލެޖެންޑު މިޝެލް ސެލްގާޑޯއާ އެކު ކުރުވުނު މަޝްވަރާތަކުގެ ދެވަނަ ފޭސް ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ. ފެބުރުއަރީ މަސްތެރޭ އިންޑިއާގައި ޓައިމްސް އިންތިޒާމްކުރާ ފަސް ވަނަ ގްލޯބަލް ސަމިޓްގައި ބައިވެރިވުމުގެ އިތުރުން މާޗު މަހު ބާއްވާ އައިޓީބީ ބާލިން ފެއާއަށް ތައްޔާރުވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ރާއްޖެ އިސްތިހާރު ކުރުމަށް ބޮޑެތި މާޝްހޫރު ޗެެނެލްތަކަށް! ރާއްޖެ މާކެޓް ކުރުމަށް އެ މިނިސްޓްރީން އިތުރަށް ކުރައްވަމުން ގެންދާ މަސައްކަތްތައް ވެސް އަލީ ވަހީދު ވަނީ ނޫސްވެރިންނާ ހިއްސާ ކުރެއްވާފައެވެ. އެގޮތުން ނިިމިދިޔަ ދުވަސްތަކުގައި ރާއްޖެ އިސްތިހާރު ކުރުމަށް ދުނިޔޭގެ މަޝްހޫރު ވަރުގަދަ ދެ ޗެނެލް ކަމައްވާ، ސީއެންއެން އަދި ނޭޝަނަލް ޖިއޯގްރަފިކް ޗެނެލް އާ މަޝްވަރާ ކުރައްވާފައިވާ ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ. "މި ބައްދަލު ކުރެއްވުން ތަކުގެ ބޭނުމަކީ، ރާއްޖޭގެ ޓޫއަރިޒަމް އިސްތިހާރު ކުރުމާއި ރާއްޖޭގެ ޓޫރިޒަމް މިހާރަށް ވުރެ ވަރުގަދަ ކުރުމަށް ކުރެވޭނެ މަސައްކަތްތަށް ދެނެގަތުން،" އަލީ ވަހީދު ވިދާޅުވިއެވެ.
މަޝްހޫރު ކުލަބެއްގެ ސްޕޮންސަރަކަށް ރާއްޖެ ވުމަކީ ހުވަފެނެއް!
އިނގިރޭސި ޕުރިމިއާ ލީގުގައި ރޭ ބޮޑު ނަތީޖާ އަކުން ހަޑަލްސްފީޑް މައްޗަށް ޗެލްސީ ކުރި ހޯދި މެޗަށް ފަހު ޗެލްސީގެ ކޯޗު މޯރީޒިއޯ ސަރީ ހުންނަން ވާނީ ވަރަށް ހިތްހަމަ ޖެހިފައި ކަމަށް ރޭގެ މެޗުގައި ދެ ގޯލު ޖަހައިދިން އެޑެން ހަޒާޑް ބުނެފި އެވެ. ރޭ މެޗުގައި ހަޑަލްސްފީޑް ކޮޅަށް ޗެލްސީ އިން ވަނީ ފަސް ގޯލު ޖަހައިފަ އެވެ. އަދި މި މޮޅާ އެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރު ވަނައަށް ޖެހިލައިފަ އެވެ. ހަޑަލްސްފީޑް މިވަގުތު އޮތީ ތާވަލުގެ އެންމެ ފުލުގައި ރެލިގޭޝަން ޒޯންގަ އެވެ. ޗެލްސީއަށް ލޯނު އެއްބަސް ވުމެއްގެ ދަށުން އަލަށް ގުޅުނު ގޮންޒާލޯ ހިގުއައިންގެ ދެ ގޯލާއި އެޑެން ހަޒާޑުގެ ދެ ގޯލުގެ އިތުރުން ޑޭވިޑް ލުއިސްގެ ގޯލެއް ވެސް ރޭގެ މެޗުގައި ފެނިގެން ގޮސްފައިވެ އެވެ. ޗެލްސީގެ ފޯވާޑަށް ކުޅެމުން އަންނަ ގޮންޒާލޯ ހިގުއައިން ރޭގެ މެޗުގައި ލަނޑު ޖެހުމަށް ފަހު -- ފޮޓޯ / ރަޔާން ބެންސަން ފަހަކަށް އައިސް ޗެލްސީގެ ނަތީޖާތަކާ މެދު އެ ޓީމުގެ ކޯޗު ވަނީ ހިތްހަމަ ނުޖެހުން ފާޅުކޮށްފަ އެވެ. ނަމަވެސް ރޭގެ ފަސް ތަރީގެ މޮޅާ އެކު ކޯޗު ހިތްހަމަޖެހޭ ފަދަ ކުޅުމެއް ޓީމުގެ ފަރާތުން ދެއްކުނު ކަމަށް އެޑެން ހަޒާޑު މެޗަށް ފަހު ނޫސް ވެރިންނާއި ވާހަކަ ދައްކަމުން ބުންޏެވެ. "މި މޮޅަކީ ކޯޗު [މޯރީޒިއޯ ސާރީ] އަހަރަމެންގެ ފަރާތުން އުންމީދު ކުރާ ފަދަ މޮޅެއް. އެކަން ހާސިލް ވުމުން ކޯޗު ހުންނާނީ ވަރަށް ހިތްހަމަ ޖެހިފައިކަން ޔަގީން. ކުރިއަށް ދެން އޮތީ ލީގު ކަޕް ފައިނަލް. އެ މެޗުގައި ޗެމްޕިއަން ސިޓީ ބަލި ކުރުމަށް މަސައްކަތް ކުރާނަން." އެޑެން ހަޒާޑުގެ ވާހަކައިގައި ބުނެފައިވެ އެވެ. މީގެ އިތުރުން އިނގިރޭސި ޕުރިމިއާ ލީގުގައި ރޭ ވަނީ ފޯރި ގަދަ މެޗުތަކެއް ކުޅެފަ އެވެ. އެ ގޮތުން ފަހު ވަގުތު ހެންގް މިން ސަން ޖަހައިދިން ގޯލުން ޓޮޓެންހާމް، ނިއު ކާސަލް ކައިރިން މޮޅުވެ ތާވަލުގެ ދެވަނައަށް ވަނީ ޖެހިފަ އެވެ. ޓޮޓެންހާމް ރޭ ކުޅުނު މެޗުގއ ފަހު ވަގުތތުގައި ގޯލް ޖާހާ މޮޅު ކޮށްދިނީ ސަން ހެންގް މިން ކާޑިފް ވެސް ރޭގެ މެޗުގައި ބޯންމައުތު 0-2 އަކުން ބަލި ކުރުމަށް ފަހު އެ މޮޅު، ވީނުވީއެއް ނޭނގި ގެއްލިގެން ހޯދާ ސަލާ އަށް ވަނީ ހާއްސަ ކޮށްފައެވެ. އަދި އެވަޓޮންގެ މައްޗަށް 1-3 އަކުން ވޮލްވާހަމްޕްޓަން މޮޅުވި މެޗަކީ ވެސް ފާހަގަ ކޮށްލެވޭ މެޗެކެވެ. މިރޭ ވެސް އިނގިރޭސި ލީގުގައި ވަރުގަދަ މެޗުތަކެއް ކުޅޭނެ އެވެ. ލެއިސްޓާ ސިޓީ މެންޗެސްޓާ ޔުނައިޓެޑް އާއި ބައްދަލު ކުރާއިރު އާސެނަލް ބައްދަލު ކުރާނީ މެންޗެސްޓާ ސިޓީއާ އެވެ.
ސަރީ މިހާރު ހުންނަން ވާނީ އުފަލުން ފޮޅިފައި: ހަޒާޑް
ފުޅާ ދާއިރާއެއްގައި އޭވިއޭޝަންގެ ހިދުމަތް ދެމުން އަންނަ ބައިނަލްއަގުވާމީ ކުންފުނި ޔުނިވާސަލް ވެދާ އެންޑް އޭވިއޭޝަންގެ ގްރައުންޑް ހޭންޑްލިން ޑިޕާޓްމެންޓު، ޔުނިވާސަލް އޭވިއޭޝަންއިން ރާއްޖޭގައި ހިދުމަތް ފަށައިފިއެވެ. އެ ކުންފުނިން ރާއްޖޭގައި ހިދުމަތް ފެށީ ޔުނިވާސަލް އޭވިއޭޝަން މޯލްޑިވްސްގެ ނަމުގައި، އިނާ މޯލްޑިވްސްއާއެކު ޖޮއިންޓް ވެންޗާ ކުންފުންޏެއް އުފައްފައިގެންނެވެ. ރާއްޖެއަކީ ޔުނިވާސަލް އޭވިއޭޝަނުން އޭޝިއާ ޕެސިފިކް ރީޖަންގައި ހިދުމަތް ފެށި އަށްވަނަ ގައުމެވެ. "ރާއްޖެއަކީ ކްލަޔަންޓުންގެ މެދުގައި މަގުބޫލު މަންޒިލެއް ނަމަވެސް ގޮންޖެހުންތައް ހުރި މަންޒިލެއް. އިނަ މޯލްޑިވްސް އާއެކު މަސައްކަތް ކުރަން ނިންމީ ކްލަޔަންޓުންނަށް ދިމާވެދާނެ ދަތިތައް ހައްލުކޮށް ގޮންޖެހުންތައް ގިރާ ކުރުމަށް ފަސޭހައަކަށް،" ޔުނިވާސަލް އޭވިއޭޝަންގެ ޗެއާމަން ގްރެގް އީވާންސް ވިދާޅުވިއެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އިތުރުން ގަން އިންޓަނޭޝަނަލް އެއާޕޯޓާއި، ހަނިމާދޫ އަދި މާމިގިލި އެއާޕޯޓަށްވެސް ޔުނިވާސަލް އޭވިއޭޝަނުން ހިދުމަތް ފޯރުކޮށްދެއެވެ. ޔުނިވާސަލް އޭވިއޭޝަން މޯލްޑިވްސްގެ ހިދުމަތް ފެށުމުގެ މުނާސަބަތުގައި މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ އަހްމަދު އަވްޝަން އިލްޔާސް "ކޯޕަރޭޓް ޖެޓްތައް ރާއްޖެއަށް އަންނަނީ ފަތުރުވެރިކަމުގެ ސަބަބުން، ޔުނިވާސަލް އޭވިއޭޝަންގެ ގްރައުންޑް އޮޕަރޭޝަން މުވައްޒަފުންނަކީ ކަމުގެ ތަޖުރިބާ ލިބިގެންތިބި ގާބިލް މުވައްޒަފުން،" ޔުނިވާސަލް އޭވިއޭޝަން މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ގިޔާސް ރިޔާޒްވިދާޅުވިއެވެ. ޔުނިވާސަލް އޭވިއޭޝަން މޯލްޑިވްސްއިން މަސައްކަތް ކުރާނީ ދިވެހި ސަރުކާރާ ގުޅިގެން ކަމަށާއި އެ ކުންފުނިން ރާއްޖޭގެ ތަރައްގީގައި މުހިއްމު ހިއްސާއެއް އަދާކުރާނެ ކަމަށް ޔުނިވާސަލް އޭވިއޭޝަން މޯލްޑިވްސްއިން ބުނެއެވެ.
ޔުނިވާސަލް އޭވިއޭޝަންގެ ހިދުމަތް ރާއްޖެއަށް
އަބޫޖާ (ފެބްރުއަރީ 3): ނައިޖީރިއާގެ ނައިބު ރައީސް ޔެމީ އޮސިންބަޖޯ ހުންނެވި ހެލިކޮޕްޓަރު ވެއްޓުނު ހާދިސާއިން އޭނާ ސަލާމަތްވެވަޑައިގެންފި އެވެ. ނައިޖީރިއާ ކޯގީ ސްޓޭޓަށް އެހެލިކޮޕްޓަރު ވެއްޓުނީ ނައިބު ރައީސްގެ އޯލް ޕްރޮގްރެސިވް ކޮންގްރެސް (އޭޕީސީ)ގެ ކެމްޕެއިނަށް ދަތުރު ކުރައްވަމުން ގެންދަވަނިކޮށެވެ. އެހާދިސާއަށް ފަހު އޮސިންބަޖޯ ވަނީ މާގިނަ އިރުތަކެއް ނުވެ ތަގުރީރެއް ދެއްވާފަ އެވެ. ނައިޖީރިއާގެ ނައިބު ރައީސް ޔެމީ އޮސިންބަޖޯ -- ފޮޓޯ: އޭޕީ އަދި ހެލިކޮޕްޓަރު ވެއްޓުނު ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށާއި އެންމެން ވެސް ސަލާމަތްވި ކަމަށް ވިދާޅުވެފަ އެވެ. އެއަށް ފަހު އޮސިންބަޖޯ ވަނީ ޓުވީޓެއް މެދުވެރިކޮށް ކުރޫއަށާއި ހެޔޮ އެދޭ ފަރާތްތަކަށް ޝުކުރު އަދާ ކުރައްވާފަ އެވެ. ނައިޖީރިއާގެ އާއްމު އިންތިހާބު ބާއްވަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 16އިގަ އެވެ. އެއިންތިހާބުގައި ރައީސް މުހައްމަދު ބުހާރީ އާއި އޮސިންބަޖޯ ދެވަނަ ދައުރަކަށް ކުރިމަތިލައްވާނެ އެވެ.
ހެލިކަޕްޓަރު ވެއްޓުނު ހާދިސާއިން ނައިޖީރިއާގެ ނައިބު ރައީސް ސަލާމަތްވެވެޑައިގެންފި
ވޮޝިންޓަން (ޖަނަވަރީ 17) : އައިއެސް ޖަމާއަތުން ސޫރިޔާގެ އުތުރުގައި އަމިއްލައަށް މަރުވެގެންދިން ހަމަލާއެއްގައި އެމެރިކާ ސިފައިންގެ ހަތަރު މީހުން މަރުވުމުން ސޫރިޔާގައި އެޖަމާއަތް ބަލިކޮށްލެވިފައިވާ ކަމަށް އެމެރިކާ ބުނެފި އެވެ. އެމެރިކާގެ ނައިބު ރައީސް މައިކް ޕެންސް ވިދާޅުވީ ސޫރިޔާގައިވާ އައިއެސް ޖަމާއަތުގެ ޚިލާފަތް މުލުން ލުހެލައި އެޖަމާއަތް ބަލިކޮށްލެވިފައިވާ ކަމަށާއި އެ ޖަމާއަތުގެ މާބޮޑު ބާރެއް މިހާރު ނެތްކަމުގަ އެވެ. ޕެންސް މިމޭރުމުން ވާހަކަ ދެއްކެވީ ދުނިޔޭގެ ގައުމުތަކުގައިވާ އެމެރިކާގެ ޑިޕްލޮމެޓް މިޝަންތަކުގެ އިސްވެރިންގެ އަހަރީ ބައްދަލުވުމުގަ އެވެ. ވޮޝިންޓަންގައި ކުރިޔަށް ދިޔަ މި ބައްދަލުވުމަކީ އެމެރިކާގެ ޚާރިޖީ ސިޔާސަތުތަކުގެ ސްޓްރެޓެޖީ އާމެދު މަޝްވަރާ ކުރުމަށް ބޭއްވި ބައްދަލުވުކެވެ. ސޫރިޔާގެ އުތުރުގެ މަންބަޖްގައި ހަރަކާތްތެރިވާ އެމެރިކާ ސިފައިންގެ ހަތަރު މީހުން މަރާލީ އައިއެސް ޖަމާއަތުގެ ހަނގުރާމަވެރިންގެ މީހަކު ބުދަދުވަހުގެ ރޭ އަމިއްލަ ހަށިގަނޑު ގައި ބޮން ހަރުކޮށް އޭނާގެ ހަށިގަނޑު ގޮއްވާލައިގެން އެމެރިކާ ސިފައިންނަށް އަމާޒުކޮށް ދިން ހަމަލާއެއްގައި ކަމަށާ އެހަމަލާގައި ސޫރިޔާގެ ކުރުދީންގެ ނުވަ މީހުން ވެސް މަރުވި ކަމަށް އެމެރިކާގެ ދިފާއީ ވުޒާރާއިން ބުނެފައިވެ އެވެ. އައިއެސް އިން ވެސް ވަނީ އެހަމަލާ ދިންކަމަށް އިޢްތިރާފްވެފަ އެވެ. އައިއެސް އިން ހަމަލާ ދިފައިމިވަނީ އެޖަމާއަތް ބަލިކޮށްލެވިއްޖެ ކަމަށް ބުނެ ސޫރިޔާގެ އުތުރުން އެމެރިކާ ސިފައިން ބޭލުމަށް ނިންމައި އެމެރިކާ އިން އެކަން ކުރަމުން ގެންދާ ދަނޑިވަޅެއްގަ އެވެ. އެމެރިކާގެ ދިފާއީ ވަޒީރު ޖޭމްސް މަޓިސް މިދިޔަ މަހު އިސްތިއުފާ ދެއްވީ ސޫރިޔާގެ އުތުރުން އެމިކާ ސިފައިން ބޭލުމަށް ކުއްލި ގޮތަކަށް ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމެވުމާ ގުޅިގެންނެވެ. (ރޮއިޓާސް)
އައިއެސް އިން އެމެރިކާ ސިފައިންގެ ހަތަރު މީހަކު މަރާލައިފި
ރާއްޖެއަށްދޭ އެހީ އިތުރުކޮށް ބަޖެޓުގައި ހިމެނުމަށް އިންޑިއާ އިން ނިންމައިފި އެވެ. ރާއްޖެ އާއި އިންޑިއާ އާ ދެމެދު އޮންނަ ގުޅުން ގޯސްވެފައިވަނިކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އެ ގުޅުން ވަނީ އަނެއްކާ ވެސް ވަރުގަދަވެފަ އެވެ. އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އިންޑިއާ އިން މި އަހަރު ރާއްޖެއަށް އެހީގެ ގޮތުގައި 55.9 މިލިއަން ޑޮލަރު އަދި ލޯނުގެ ގޮތުގައި 24.4 މިލިއަން ޑޮލަރު ދޭން ވަނީ ބަޖެޓުގައި ހިމަނައިފަ އެވެ. މީގެ އިތުރުން އިންޑިއާ ކަނޑުގެ ގައުމުތަކާއި ސާކްގެ ގައުމުތައް އަދި ބޭ އޮފް ބެންގަލް އިނިޝިއޭޓިވް ފޯ މަލްޓި ސެކްޓޮރަލް ޓެކްނިކަލް އެންޑް އިކޮނޮމިކް ކޯޕަރޭޝަނަށް އިންޑިއާ އިން ހަރަދު ކުރާނެ މިންވަރު ވެސް ވަނީ އިތުރުވެފަ އެވެ. ސާކުގެ ކަންތަކަށް ވެސް އިންޑިއާ އިން ވަނީ ބޮޑު އަދަދެއް ބަޖެޓުކޮށްފަ އެވެ. އިންޑިއާ އިން ވަނީ ރާއްޖެއަށް 1.4 ބިލިއަން ޑޮލަރުގެ ކްރެޑިޓް ފެސިލިޓީއެއް ދޭން ވެސް އެއްބަސްވެފަ އެވެ. މިއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމާ ހަވާލުވެ ވަޑައިގަތުމަށް ފަހު އިންޑިއާ އަށް ކުރެއްވި ދަތުރުފުޅުގެ މަޝްވަރާތަކަށް ފަހު އިންޑިއާ އިން ރާއްޖެ އަށް ދޭން ނިންމި އެހީއެކެވެ.
އިންޑިއާ އިން ރާއްޖެއަށްދޭ އެހީ އިތުރުކޮށްފި
ދިއްލީ (ޖެނުއަރީ 17): އިންޑިއާގެ ދީނީ ހަރުކަށި ޖަމާތެއް ކަމަށްވާ ޑެރާ ސައްޗާ ސޯދާގެ ލީޑަރު ރާމް ރަހީމް ސިންހު އުމުރަށް ޖަލަށް ލާން ހުކުމްކޮށްފި އެވެ. ހަރުޔާނާގެ ކޯޓެއްގައި ރާމް ރަހީމް އުމުރަށް ޖަލަށް ލާން ހުކުމް ކުރީ އިތުރު ތިން މީހަކާ ގުޅިގެން 2002 ވަނަ އަހަރު ނޫސްވެރިޔާ ރާމް ޗަންދަރު ޗަތުރަޕަތީއަށް ބަޑިން ހަމަލާދީ މަރާލި މައްސަލައިގަ އެވެ. އެމައްސަލައިގައި އަނެއް ތިން މީހުން ވެސް ވަނީ އުމުރަށް ޖަލަށް ލާން ހުކުމްކޮށްފަ އެވެ. އެހަތަރު މީހުންގެ މައްޗަށް ހުކުމް ކުރީ ކޯޓަށް ހާޒިރު ކުރުމުގެ ބަދަލުގައި، ޖަލުގައި ބައިތިއްބައިގެން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށެވެ. އަދި އެހުކުމް ކުރުމުގެ ކުރިން ހަރިޔާނާ އާއި ޕަންޖާބުގެ ސަލާމަތީ ކަންތައްތައް ވަނީ ވަރުގަދަކޮށްފަ އެވެ. ރާމް ރަހީމް މިހާރުވެސް ގެންދަނީ އޭނާއަށް ތަބާވާ ދެ އަންހެނަކު ރޭޕް ކުރި މައްސަލައިގައި 20 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ. އަދި އެހުކުމް އިއްވި ދުވަސްވަރު އޭނާގެ ސަޕޯޓަރުން ވަނީ ހަރުޔާނާ ސްޓޭޓުގައި އެތައް ހަމަނުޖެހުންތަކެއް ހިންގާފައެވެ. އެ ހަމަނުޖެހުންތަކުގައި 30 އަށް ވުރެ ގިނަ މީހުން މަރުވެފައިވެ އެވެ. ޗަތުރަޕަތީ މަރާލީ، ޑެރާ ސައްޗާ ސޯދާގެ ހެޑްކުއާޓާގައި އަންހެނުންނަށް ޖިންސީ ގޯނާ ކުރާ ކަމަށް ބުނެ އެ ނޫހަށް އާންމު ފަރާތަކުން ފޮނުވި ސިޓީއެއް، އޭނާ އެޑިޓަރެއްގެ ގޮތުގައި މަސައްކަތް ކުރި ނޫސް ކަމަށްވާ "ޕޫރާ ސާޗާ"ގައި ޝާއިއު ކުރުމުންނެވެ. ޑެރާ ސައްޗާ ސޯދާ އަކީ ވަކި ދީނަކަށް ނިސްބަތް ނުވާ އަމިއްލަ ދީނީ ހަރަކާތެކެވެ. އެ ޖަމާއަތުން ބުނާ ގޮތުން އެ ޖަމާއަތަށް ތަބާވާ 50 މިލިއަނެއްހާ މީހުން އުޅެ އެވެ.
އިންޑިއާގެ ދީނީ ލީޑަރު ރާމް ރަހީމް ސިންހު އުމުރަށް ޖަލަށް ލާން ހުކުމްކޮށްފި
ރާއްޖޭގައި މިހާތަނަށް ރަސްމީ ގޮތެއްގައި އިންތިޒާމުކޮށްގެން ބާއްވާ އެންމެ ދިގު ފެތުމުގެ ހަރަކާތް އިއްޔެ ބ. އަތޮޅު އޭދަފުށީގައި ފަށައިފި އެވެ. ސްވިމިން މޯލްޑިވްސްގެ އިސްނެގުމުގެ މަތިން ޓުއަރިޒަމް މިނިސްޓްރީ އާއި ޔޫތު މިނިސްޓްރީގެ އިތުރުން އެންވަޔަރަމެންޓް މިނިސްޓްރީ ގުޅިގެން ފަށާފައިވާ އެ އިވެންޓް އަކީ ބ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކާއި ރިސޯޓްތަކުގެ އިތުރުން ފަޅުރަށްތައް ހިމަނައިގެން އެއް ރަށުން އަނެއް ރަށަށް ފަތައިގެން ޖުމްލަ 23 ރަށަކަށް ދަތުރު ކުރުމަށް ފަހު ނިންމާލާ ގޮތަށް ފަށާފައިވާ ހަރަކާތެކެވެ. ބ. އޭދަފުށީގައި އިއްޔެ ފެށުނު ބާ ބީއާރް ކުރޯލް އިވެންޓުގެ ބައިވެރީން -- ސަން ފޮޓޯ / އަބްދުﷲ އައިމަން އެ ހަރަކާތުގައި ރަސްމީ ގޮތެއްގައި އަށް ފަރާތަކުން ބައިވެރިވާ އިރު އެ ދުވަހަކު ފެތުމަށް ހަމަޖެހިފައިވާ ރަށްތަކުގެ މީހުންނަށް ވެސް އެ ޓީމާ އެކު ފެތުމުގެ ފުރުސަތު އޮންނާނެ އެވެ. އިއްޔެ އެ ހަރަކާތް ފެށުމުގެ ގޮތުން ހަރަކާތުގައި ބައިވެރިވާ އަށް ފެތުންތެރިންގެ ޓީމާ އެކު އޭދަފުށީ ރައްޔިތުންގެ ޓީމެއް ވަނީ ފަތާފައި އެ ރަށާއި އެންމެ ގާތުގައި އޮންނަ ސޮނެވާ ރިސޯޓަށް ގޮސްފަ އެވެ. އެ އިވެންޓު ރާވައި ހިންގުމުގައި އެންމެ އިސްދައުރެއް އަދާ ކުރަމުންދާ އެއް ފަރާތް ކަމުގައިވާ، ގާނޫނީ ވަކީލު ހުސައިން ޝަމީމް އެ ހަރަކާތް ރަސްމީކޮށް ފެށުމުގެ ހަފްލާގައި ވާހަކަ ދައްކަމުން ވިދާޅުވީ އިއްޔެ ފެށި ޕްރޮގްރާމް އަކީ ހަމަ އެކަނި އެ ސަރަހައްދުގައި ކުރިއަށް ގެންދާނެ ހަރަކާތްތަކެއް ނޫން ކަމަށާއި އެހެން އަތޮޅުތަކުގައި ވެސް އެފަދަ ހަރަކާތްތައް ހިންގާނެ ކަމަށެވެ. މީގެ އިތުރުން ކޮންމެ ރަށެއްގައި ފަތާނެ ރަނގަޅު އިންތިޒާމުތަކެއް ހޯދައިދޭނެ ކަމަށް އާ ސަރުކާރުގެ މެނިފެސްޓޯގައި ވާކަން ޝަމީމް ވަނީ ފާހަގަ ކޮށްފަ އެވެ. އަދި ފެތުމުގެ މުހިންމު ކަން ހާމަ ކުރުމުގެ ގޮތުން ރާއްޖޭގައި ކޮންމެ ރައްޔިތަކީ ވެސް ފަތަން ދަންނަ މީހަކަށް ހެދުމުގެ މަސައްކަތް ކުރަން ޖެހޭ ކަމަށް ޝަމީމް ވަނީ ވިދާޅުވެފަ އެވެ. "އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ދިވެހި ޕާސްޕޯޓް ވެސް ދީގެން ނުވާނެ، ސިވިލް ސާވިސްގެ ވަޒީފާ ވެސް ދީގެން ނުވާނެ ފަތަން ނޭނގޭ މީހުންނަށް." ޝަމީމް ވިދާޅުވި އެވެ. ބ. އޭދަފުށީގައި އިއްޔެ ފެށި ބީއާރު ކުރޯލް އިވެންޓުގައި ފެތުން ތެރިން ފަތަން ފެށި މަންޒަރު -- ސަން ފޮޓޯ / އަބްދުﷲ އައިމަން އެ ހަފުލާ ފެށުމުގެ ހަފްލާ ޝަރަފްވެރި ކޮށްދެއްވަމުން ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަން ދުނިޔޭގައި އިސްތިހާރު ކުރަން ބޭނުން ވަނީ ތަފާތުު ގިނަ ޑައިވާސް ހަރަކާތްތައް ރާއްޖޭގެ ރަށް ރަށުގައި ބާއްވައިގެން ކަމަށެވެ. މި ވެރިކަމުގައި ފަތަން ދަސް ކުރުމާއި ފެތުން ކުޅިވަރެއްގެ ގޮތުގައި މިހާރަށް ވުރެން އިތުރަށް ތަރައްގީ ކުރުމަށް ވަރަށް ބޮޑަށް ބާރު އަޅާނެ ކަމަށް އަލީ ވަހީދު ވަނީ ވިދާޅުވެފަ އެވެ. އެ ގޮތުން ކުރިއަށް އޮތް ދެ މަސް ތެރޭގައި މިކަމަށް ހާއްސަ ޓެކްނިކަލް ޓީމެއް ޓުއަރިޒަމް މިނިސްޓްރީގައި އެކުލަވާލާނެ ކަމަށް އެ ބޭފުޅާ ވަނީ ވިދާޅުވެފަ އެވެ. އަދި މިފަދަ ގިނަ ހަރަކާތްތައް ރާއްޖޭގައި ބޭއްވުމަށް ޓަކައި މުއައްސަސާތަކާއި ކުންފުނިތަކުން ބާރު އެޅުމަކީ ރާއްޖޭގެ މޫދުގައި ހިނގާ ހިތާމަވެރި ހާދިސާތަކަށް މީހުން ގިނައިން ހޭލުންތެރި ވާނެ ކަމެއް ކަމަށް އެ ބޭފުޅާގެ ވާހަކައިގައި ވަނީ ވިދާޅުވެފަ އެވެ. މީގެ އިތުރުން މާޗް މަހުގައި ރާއްޖޭގެ އެންމެ އުތުރުގައި އޮންނަ ތުރާކުނުން ފެށިގެން އެންމެ ދެކުނާއި ހަމައަށް ޕެރަ މޯޓާސްގެ އެހީގައި ދިވެހި ރާއްޖެ ދޫންނެއްގެ ލޮލުން ފެންނަ ފަދައިން މުޅި ދުނިޔެއަށް ދައްކާނެ ކަމަށް އެ އަލީ ވަހީދު ވަނީ ވިދާޅުވެފަ އެވެ.
އެންމެ ދިގު ފެތުމުގެ ހަރަކާތް އޭދަފުށީގައި ފައްޓައިފި
ދިއްލީ (ޖެނުއަރީ 17): އިންޑިއާގެ ރައީސް ރާމް ނާތު ކޯވިންދު އެގައުމުގެ ސުޕްރީމް ކޯޓަށް އިއްޔެ އަލަށް އައްޔަން ކުރެއްވި ފަނޑިޔާރު، ސަންޖީވް ކަންނާއާ ބެހޭ ގޮތުން އެހެން ފަނޑިޔާރުންގެ މެދުގައި ދެބަސްވުން އުފެދި، ބައެއް ފަނޑިޔާރުންގެ ފާޑު ކިޔުން އަމާޒުވެއްޖެ އެވެ. ފަނޑިޔާރު ކަންނާ ސުޕްރީމް ކޯޓަށް އައްޔަން ކުރަން އޭނާގެ ނަން ހުށަހެޅީ، ކޯޓަށް ފަނޑިޔާރުން އައްޔަން ކުރުމަށް ލަފާދޭ 'ކޮލީޖިއަމް'އިންނެވެ. ކޮލީޖިއަމްގައި ހިމެނެނީ އިންޑިއާގެ އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ އެންމެ އިސް ހަތަރު ފަނޑިޔާރުންނެވެ. އެކޮލީޖިއަމްއިން މިދިޔަ މަހު ނިންމީ ސުޕްރީމް ކޯޓަށް އައްޔަން ކުރަން ހުށަހަޅާނީ ރާޖަސްތާން ހައި ކޯޓުގެ އުއްތަމަ ފަނޑިޔާރު ޕްރަދީޕް ނަންދުރަޖޮގް އާއި ދިއްލީ ހައި ކޯޓުގެ އުއްތަމަ ފަނޑިޔާރު ރަޖެންދުރަ މެނަންގެ ނަން ކަމަށެވެ. ނަމަވެސް މިދިޔަ މަހު ޗުއްޓީއަށް ދިޔުމަށް ފަހު، މިމަހު ކޮލީޖިއަމް ވަނީ ކުއްލި ގޮތަކަށް އެނިންމުން ބަދަލުކޮށްފަ އެވެ. އަދި އެ ދެ ނަމުގެ ބަދަލުގައި، ދިއްލީ ހައި ކޯޓުގެ ފަނޑިޔާރު ސަންޖީވް ކަންނާ އާއި ކަރުނާޓަކާގެ އުއްތަމަ ފަނޑިޔާރު ދިނޭޝް މަހޭޝްވަރީގެ ނަން ރައީސަށް ހުށަހަޅާފަ އެވެ. ނަމަވެސް އެނިންމުމާ ގުޅިގެން ސުޕްރީމް ކޯޓުގެ މިހާރާއި ކުރީގެ ބައެއް ފަނޑިޔާރުން ވަނީ ނުރުހުން ފާޅުކޮށްފަ އެވެ. އަދި ކުރިން އެންގުމަކާ ނުލައި ކޮލީޖިއަމްއިން އެފަދަ ބަދަލެއް ގެނައީ ކީއްވެގެންތޯ ސުވާލު އުފައްދާފަ އެވެ. މީގެ އިތުރުން، އިންޑިއާގެ ކުރީގެ އުއްތަމަ ފަނޑިޔާރު ރަޖެންދުރަ މާލް ލޮދާ ވަނީ ކަންނާއަށް ވުރެ އިސް ފަނޑިޔާރުން ތިއްބަވަނިކޮށް، އޭނާ އެމަގާމަށް އައްޔަން ކުރުމަކީ ހައިރާންވާ ކަމެއް ކަމަށް ވިދާޅުވެފަ އެވެ. "އަޅުގަނޑު އަބަދުވެސް ގަބޫލު ކުރާ ގޮތުގައި ކޮލީޖިއަމް އިން އަމަލު ކުރަން ޖެހޭނީ ދެ ފުށް ފެންނަ ގޮތަށް އަދި އެބޭފުޅުންގެ ނިންމުމެއް ބަދަލުކޮށްފި ނަމަ އެއީ ކީއްވެގެންކަން ރައްޔިތުންނަށް އެނގެން ޖެހޭނެ. މިހާރު ޖޫނިއާ ފަނޑިޔާރަކު ވަނީ ސުޕްރީމް ކޯޓަށް އިސްކޮށްފަ، އަޅުގަނޑު ހައިރާންވެއްޖެ،" ފަނޑިޔާރު ލޮދާ ވިދާޅުވި އެވެ. އަދި ދިއްލީ ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު ކައިލާޝް ގަމްބިރު ވަނީ، ކަންނާ ސުޕްރީމް ކޯޓަށް އައްޔަންކޮށްފައި ވަނީ އޭނާއަށް ވުރެ އިސް 32 ފަނޑިޔާރުން ތިއްބަވަނިކޮށް ކަމަށާއި އޭގެ ސަބަބުން ރައްޔިތުން ސުޕްރީމް ކޯޓަށް ކުރާ އިތުބާރު ގެއްލޭނެ ކަމަށް ވިދާޅުވެފަ އެވެ.
އިންޑިއާގެ ސުޕްރީމް ކޯޓަށް އައްޔަން ކުރި އާ ފަނޑިޔާރަށް އެހެން ފަނޑިޔާރުންގެ ފާޑުކިޔުން
ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ މުވައްޒަފު ޚިޔާނާތްތެރިވެފައި ވަނީ 4.9 މިލިއަނެއްހާ ރުފިޔާއަށް ކަމަށާއި އެ މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް އެ ބޭންކުން ބުނެފިއެވެ. ބީއެމްއެލް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޚިޔާނާތްތެރިވި މައްސަލަ އާ ގުޅޭގޮތުން ބޭންކުގެ އިންޓާނަލް އޮޑިޓުން ކުރި ތަހްގީގުން ދައްކާގޮތުގައި ބޭންކުގެ މުވައްޒަފަކު އޭނާ އަދާކުރާ ވަޒީފާގެ ގޮތުން އިންޓާނަލް އެކައުންޓްތަކުގެ މުއާމަލާތް ކުރުމަށް އޭނާ އަށް ދީފައިވާ ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި، ބޭންކުގެ ފައިސާގެ ތެރެއިން 4.9 މިލިއަނެއްހާ ރުފިޔާ އަމިއްލައަށް ބޭނުންކޮށްފައި ކަމަށެވެ. އެހެންކަމުން އެ މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް މޯލްޑިވްސް ޕޮލިސް ސާވިސްއަށް ވަނީ ފޮނުވާފައެވެ. "މިއީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި، މިކަން އިތުރަށް ތަހްގީގުކުރުމަށާއި މިކަމާ ގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅު އެޅުމަށްޓަކައި މޯލްޑިވްސް ޕޮލިސް ސާވިސް އަށް މިހާރުވަނީ ހުށަހެޅިފައެވެ،" ބީއެމްއެލްގެ ބަޔާނުގައިވެއެވެ. ބޭންކުގައި ހިނގާފާނެ ނުރަނގަޅު އަމަލެއް ނުވަތަ އިހުމާލެއް ދެނެގަތުމަށްޓަކައި ހަރުދަނާ ގަވާއިދުތަކާއި އުސޫލުތަކުގެ އިތުރުން އިންޓާނަލް ކޮންޓްރޯލްތައް ބޭންކް އޮފް މޯލްޑިވްސްގައި ވަނީ ގާއިމްކުރެވިފައެވެ. އެއްވެސް މުވައްޒަފަކު ގަވައިދާ ޚިލާފުކަމެއްކޮށްފިނަމަ ތަހްގީގީ އިދާރާތައް މެދުވެރިކޮށް އެކަމެއް ތަހްގީގުކޮށް އަޅަން ޖެހޭ އެންމެ ހަރުކަށި ފިޔަވަޅު ބޭންކުން އަޅާނެ ކަމަށް ވެސް އެ ބޭންކުން ބުންޏެވެ.
ބީއެމްއެލްގެ މުވައްޒަފު ޚިޔާނާތްވީ 4.9 މިލިއަނަށް، މައްސަލަ ފުލުހުންނަށް ފޮނުވައިފި
އަނެއްކާ ވެސް ފޯލްޑަބަލް ނުވަތަ ފަތްޖަހާލެވޭ ފޯނުގެ ޒަމާނެއް އަންނަނީ އެވެ. ފޯނު އުފައްދާ ކުންފުނިތަކުން އެންމެ ވާދަވެރިކަމާ ޢެކު މިހާރު ކުރަނީ މި މަސައްކަތެވެ. އެއްބަޔަކު އަނެއްބަޔަކަށް ވުރެ ވަރުގަދަ، މޮޅު ފޯލްޑަބަލް ފޯނެއް ނެރެވޭތޯ މަސައްކަތް ކުރަނީ އެވެ. މާ ނަން މަޝްހޫރު ނޫން ބައެއް ކުންފުނިތަކުން މިހާރު ވަނީ އެ ކުންފުނިތަކުގެ ފޯލްޑަބަލް ފޯނު ދައްކާލައިފަ އެވެ. މަޝްހޫރު ކުންފުނިތަކުގެ ތެރެއިން ވާވޭ އާއި ސެމްސަންގަކީ އެންމެ ބާރަށް ފޯލްޑަބަލް ފޯނުތަކުގެ ވާހަކަ ދައްކާ މީހުންނެވެ. ސެމްސަންގަށް ވުރެ ކުރިން ވާވޭ އިން މިވަނީ އެމީހުންގެ ފޯލްޑަބަލް ފޯނު ލޯންޗުކުރާނެ ދުވަސް އިއުލާނުކޮށްފަ އެވެ. ޓެކްގެ ދުނިޔެގައި ވަރުގަދަ ވާވޭ އިން އެމީހުންގެ ފަތްޖަހާލެވޭ ފޯނު ދައްކާލަން ނިންމާފައި ވަނީ މިމަހުގެ 24ގައި މޯބައިލް ވޯލްޑް ކޮންގްރެސްގަ އެވެ. މި ފޯނާ ގުޅޭ މާ ގިނަ ވާހަކަތަކެއް އަދި އާންމުވެފައެއް ނުވެ އެވެ. އަގު އުޅޭނީ ހާހެއްހައި ޑޮލަރުން ފެށިގެން ކަމަށްވެ އެވެ. ފޯނުގެ ޑިޒައިންކަމަށް ބުނާ ޑިޒައިނެއްގެ ފޮޓޯ ލީކުވެފައިވީ ނަމަވެސް އެއީ އަސްލު ވެސް ވާވޭގެ ފޯނުގެ ޑިޒައިންކަމެއް އަދި ޔަގީނެއް ނުވެ އެވެ. ނަމަވެސް ވާވޭ އިން ވަނީ މޯބައިލް ވޯލްޑް ކޮންގްރެސް (އެމްޑަބްލިއުސީ) 2019 އާ ގުޅޭ ޓީޒާއެއް ދައްކާލައިފަ އެވެ. ވާވޭގެ ޓީޒާ އިން ފެންނަނީ ވީ ޝޭޕަށް އިންނަ "ފަތްޖަހާލެވޭ" ފޯނެއް ކަމަށް ގިނަ ބަޔަކު ބުނެ އެވެ. ސްލޯގަންއެއްގެ ގޮތުގައި ލިޔެފައި ވަނީ ކަނެކްޓިން ދަ ފިއުޗާ އެވެ.
ވާވޭގެ ފަތްޖަހާލެވޭފޯނު މިމަހު 24ގައި ދައްކާލާނެ
އިންޑިއާގެ ޓުޓިކޮރިން އިން ރާއްޖެއައި ކާގޯ ބޯޓަކުން 2.12 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި އެވެ. މި ތަކެތި އަތުލައިގެންފައި ވަނީ އިއްޔެ މޯލްޑިވްސް ކަސްޓަމްސްއާއި މޯލްޑިވްސް ޕޮލިސް އިން ހިނގި ހާއްސަ އޮޕަރޭޝަނެއްގައި އެވެ. ކަސްޓަމްސް އިން މިއަދު ބުނީ، އެ ތަކެތި ފެނފައިވަނީ އެ ބޯޓު ބަލާ ފާސްކުރި އިރު މުދާތަކުގެ ތެރޭގައި ފޮރުވައިފައި ހުއްޓާ ކަމަށެވެ. ފުލުހުންނާއި ކަސްޓަމްސް ގުޅިގެން އިއްޔެ އަތުލައިގަނެވުނު މަސްތުވާތަކެތި -- ފޮޓޯ/ ކަސްޓަމްސް އަދި ފަހުން އެ ތަކެތި ޓެސްޓުކުރި އިރު މަސްތުވާތަކެތީގެ ބާވަތެއް ކަމައްވާ ހަޝިޝް އޮއިލްއަށް ޕޮޒިޓިވް ވެފައިވާ ކަމަށް ކަސްޓަމްސް އިން ބުންޏެވެ. ކަސްޓަމްސް އިން ބުނި ގޮތުގައި އެ ތަކެތީގެ މަގުމަތީ އަގު އެއް މިލިޔަން ރުފިޔާ އަށް އަރާނެ ކަމަށް ބެލެވެއެވެ. މި މައްސަލައިގައި ހިމެނޭ މީހުންނާއި މަސްތުވާތަކެތި މިހާރު ވަނީ ފުލުހުންނާ ހަވާލުކޮށްފައެވެ.
އިންޑިއާއިން ރާއްޖެއައި ކާގޯ ބޯޓަކުން ދެކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި
މޮސްކޯ (ފެބްރުއަރީ 3): އެމެރިކާ އާއި ރަޝިއާއިން 1987ގައި ހެދި އިންޓަމީޑިއެޓް ރޭންޖް ނިއުކްލިއާ ފޯސެސް (އައިއެންއެފް) މުއާހަދާއަށް އަމަލު ކުރުން ހުއްޓާލަން ރަޝިއާއިން ނިންމިކަން އެގައުމުގެ ރައީސް ވްލަޑިމިއާ ޕޫޓިން އިއުލާން ކުރައްވައިފި އެވެ. ރަޝިއާއިން އެފަދައިން ބުނީ، އައިއެންއެފް މުއާހަދާއަށް އަމަލު ކުރުން ހުއްޓާލަން ނިންމިކަން އެމެރިކާއިން އިއުލާން ކުރި ފަހުންނެވެ. އައިއެންއެފް މުއާހަދާގެ ދަށުން އެމެރިކާ އާއި ރަޝިއާއިން ވަނީ އެއްގަމުން ފޮނުވާ، 500 ކިލޯމީޓަރާއި 5،500 ކިލޯ މީޓަރުގެ ރާސްތާއަކަށް ދަތުރު ކުރާ މިސައިލް އުފެއްދުން މަނާކޮށްފަ އެވެ. ނަމަވެސް އެމެރިކާއިން ވަނީ ރަޝިއާއިން އައިއެންއެފްއާ ހިލާފަށް އާ މެދު ރާސްތާ މިސައިލެއް އުފައްދާފައިވާ ކަމަށް ބުނެފަ އެވެ. އަދި ކުރިއަށް އޮތް ހަ މަސް ތެރޭ އައިއެންއެފް މުއާހަދާއިން ވަކިވާނެ ކަމަށް ބުނެފަ އެވެ. ނަމަވެސް ރަޝިއާއިން ވަނީ އެތުހުމަތުތައް ދޮގުކޮށްފަ އެވެ. އަދި އިއްޔެ ރައީސް ޕޫޓިން ވަނީ އެގައުމުން އެމެރިކާއެކޭ އެއްގޮތަށް އާ ހަތިޔާރު އުފައްދަން ފަށާނެ ކަމަށް ވިދާޅުވެފަ އެވެ. ބައެއް ރިޕޯޓުތަކުގައިވާ ގޮތުން އެމެރިކާއިން އެމުއާހަދާއިން ވަކި ވަނީ، ޗައިނާއިން އަސްކަރީ ބާރު ގަދަ ކުރަމުން ދާތީ، އެގައުމާ ވާދަ ކުރުމަށްޓަކައި އެވެ.
ރަޝިއާއިން ވެސް އައިއެންއެފް މުއާހަދާއަށް އަމަލު ކުރުން ހުއްޓާލަނީ
ވައިގެ މަގުން ރާއްޖެއައި އައި ބަންގްލަދޭޝް އަށް ނިސްބަތްވާ 28 އަހަރުގެ ފިރިހެނެއްގެ އަތުން 1936 މަސްތުވާތަކެތީގެ ގުޅަތަކެއް މޯލްޑިވްސް ކަސްޓަމްސް އިން އަތުލައިގެންފި އެވެ. މިމީހާ ރާއްޖެ އައީ އިއްޔެ ބަންގްލަދޭޝް އިންނެވެ. އެނާގެ އަތުން އަތުލައިގަތް މަސްތުވާތަކެތިގެ މަގުމަތީގެ އަގަކީ ދެ ލައްކައެއްހާ ރުފިޔާ ކަމަށް ކަސްޓަމްސް އަންދާޒާ ކުރެވޭ ކަަމަށް ކަސްޓަމްސް އިން ބުންޏެވެ. ކަސްޓަމްސް އިން ބުނީ އެމީހާގެ އަމަލުތައް ހުރިގޮތުން އޭނާ އާ މެދު ޝައްކު ކުރެވިގެން ބަލާ ފާސްކުރުމުން އެނާގެ ލަގެޖުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ތަކެތި ރައްކާކޮށްފައި ހުރި ޕެކެޓްތަކެއްގައި 1936 އޮރެންޖް ކުލައިގެ ގުޅަތަކެއް އަތުލައިގެންފައިވާ ކަމަށެވެ. ކަސްޓަމްސް އިން އަތުލައިގަތް ގުޅަތަށް އަޅާފައި ހުރި ޕެކެޓްތައް -- ފޮޓޯ/ ކަސްޓަމްސް އެ ތަކެތި ޓެސްޓް ކުރި އިރު އެތަކެތި ވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ އެމްފެޓެމައިން (ޔާބާ) އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ކަސްޓަމްސް އިން ބުންޏެވެ. މި މައްސަލައިގައި ހިމެނޭ މީހުންނާއި އަތުލާގަނެވުނު މަސްތުވާތަކެތި މިހާރު ވަނީ ފުލުހުންނާ ހަވާލުކޮށްފައެވެ.
ދެހާހެއްހާ މަސްތުވާތަކެތީގެ ގުޅަ ކަސްޓަމްސް އިން އަތުލައިގެންފި
ތެހެރާން (ފެބްރުއަރީ 3) : އީރާނުން އައު މަރުކާއެއްގެ ކްރޫޒް މިސައިލެއް ކާމިޔާބު ކަމާއެކު ތަޖްރިބާކޮށްފި އެވެ. އީރާނުގެ އަސްކަރީ ސިނާއަތާ ބެހޭ މަސްއޫލުވެރިންނާ ހަވާލާދީ އެގައުމުގެ ރަސްމީ ނޫސް އެޖެންސީން (އިރްނާ) ބުނީ މިއީ 1,350 ކިލޯ މީޓަރަށް ދަތުރުކުރުމުގެ ގާބިލްކަން ލިބިފައިވާ މެދުރާސްތާގެ ކްރޫޒް މިސައިލެއް ކަމަށާ މިއީ ވަރަށް ތިރިން ދަތުރުކޮށް ސީދާ އަމާޒަށް ވާސިލްވުމުގެ ގާބިލްކަން ލިބިފައިވާ މިސައިލެއް ކަމުގަ އެވެ. ފާރިސީ ބަހުން "ހުވައިޒާ"ގެ ނަމުގައި އުފެއްދި މި މި ކްރޫޒް މިސައިލަކީ ފާއިތުވި ސާޅީސް އަހަރު ތެރޭގައި އީރާނުގެ އަސްކަރީ އިންޑަސްޓްރީން އުފެއްދި އެންމެ ފެންވަރުމަތީ ކްރޫޒް މިސައިލް ކަމަށް ވެސް "އިރްނާ" ބުނެ އެވެ. އީރާނުން ވަނީ 2015 ވަނަ އަހަރު ވެސް 700 ކިލޯ މީޓާރުގެ ރާސްތާގެ ކްރޫޒް މިސައިލެއް އުފައްދައި ކާމިޔާބުކަމާއެކު ތަޖްރިބާކޮށްފަ އެވެ. "ސޫމާރް" މަރުކާގެ އެ މިސައިލަށް ވުރެ އިއްޔެ ތަޖްރިބާކުރި "ހުވައިޒާ" މަރުކާގެ ކްރޫޒް މިސައިލަކީ ޓެކްނޮލޮޖީގެ ގޮތުން މާ ފުރިހަމަ ވެފައި އަމާޒަށް ޥާސިލްވުމުގައި މާ ފުރިހަމަ މިސައިލެއް ކަމަށް އީރާނުގެ ދިފާއީ ވަޒީރު އަމީރު ހާތަމީ ވަނީ ސިފަކުރައްވައިފަ އެވެ. މި މިސައިލް އީރާނުން ތަޖްރިބާކޮށްފައި މިވަނީ މިސައިލް ޓެކްނޮލޮޖީ ތަރައްގީ ނުކުރުމަށް އެމެރިކާ އިން އީރާނަށް އިންޒާރުކޮށްފައިވަނިކޮށެވެ. އީރާނުގެ ނިއުކްލިޔާ މުއާހަދާއިން އެމެރިކާ ވަކިވެ މިދިޔަ އަހަރު އެމެރިކާ އިން އީރާނާ ދެކޮޅަށް ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތައް އެޅީ އެ އެއްބަސްވުމުގައި އީރާނުގެ މިސައިލް ޕްރޮގްރާމް ހުއްޓުވުން ނުހިމެނޭތީ އެވެ. އީރާނުން މި މިސައިލް ތަޖްރިބާކޮށްފައި މިވަނީ 1979 ވަނަ އަހަރު އާޔަތުﷲ ޚުމައިނީގެ ޒަޢާމަތުގައި އެގައުމަށް ގެނައި އިސްލާމީ އިންގިލާބުގެ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ހިންގާ ހަރަކާތްތަކުގެ ތެރެއިންނެވެ. އީރާނުގެ އިސްލާމީ އިންގިލާބަކީ ފަހުގެ ތާރީޚެއްގައި އިސްލާމީ ގައުމަކުން އެމެރިކާ އާއި އިސްރާއީލަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމެވެ. މި އިންގިލާބާ އެކު އީރާންވަނީ އިސްރާއީލުގެ އެއްނަންބަރު ދުޝްމަނަށްވެ ފަލަސްތީނުގެ މިނިވަންކަމަށް ޖިހާދުކުރާ ޙަމާސް އާއި އިސްލާމިކް ޖިހާދު ޖަމާއަތްތަކަށް އެންމެ ބޮޑަށް އެހީތެރިވާ ގައުމަށް ވެގެންގޮސްފަ އެވެ. މިއިންގިލާބާ އެކު އީރާން ބަލިކަށިކޮށް އިނދަޖައްސާލުމަށް ޓަކައި އެމެރިކާއާއި އިސްރާއީލާއި އެދެގައުމަށް ވަގިވެރިވާ ފަރާތްތަކުން ނުކުތެވެ. އަށް އަހަރަށް ދިގުދެމިގެން ދިޔަ އީރާން އިރާގު ހަނގުރާމައަކީ މިގޮތުން އީރާން އިނދަޖައްސާލުމަށް ޓަކައި ގަލްފުގެ އަރަބި ގައުމުތަކާއި އެމެރިކާ ގުޅިގެން އިރާގު ލައްވައި ކުރުވި ހަނގުރާމައެކެވެ. ނަމަވެސް އެހަނގުރާމައިން އީރާން ސަލާމަތްވި އިރު އިރާގުވަނީ އިނދަޖެހިފަ އެވެ. އީރާނުގެ އިންގިލާބަށް ފަހު އެމެރިކާ ވަނީ އީރާނާދެކޮޅަށް ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކެއް އަޅައިފަ އެވެ. ނަމަވެސް ދަތިކުރުމުގެ ފިޔަވަޅުތަކާއެކު ވެސް އީރާންވަނީ އަމިއްލައަށް ނިއުކްލިޔާ ޓެކްނޮލޮޖީއާއި ހަތިޔާރުގެ ސިނާއަތާ އަދި ފަޒާގެ ހޯދުންތަކުގެ ސިނާއަތު ވެސް ވަރަށް ބޮޑަށް ތަރައްގީކޮށްފަ އެވެ. މިއާއެކު އީރާން ވަނީ ދުނިޔޭގައި މިސައިލް ޓެކްނޮލޮޖީ އެންމެ ބޮޑަށް ތަރައްގީ ކޮށްފައިވާ އަށް ގައުމުގެ ތެރޭގައި ހިމެނިފަ އެވެ. (ނޫސްއެޖެންސީތައް)
އީރާނުން އައު މަރުކާގެ ކްރޫޒް މިސައިލެއް ކާމިޔަބުކަމާ އެކު ތަޖުރިބާކޮށްފި
މިދިވެހި ޤައުމު މިވަގުތު މިއޮތީ ހޮސްޕިޓަލެއްގައި ނަމަ އައިސީޔޫ ގަ އެވެ! މަގުމަތީގައި ނަމަ ކާރޫބާރޫ ބޮޑު ހަތަރު އަނގޮޅިއެއްގަ އެވެ! ކަނޑުމަތީގައި ނަމަ ބޮޑުސިންގާ ތޫފާނެއްގެ މެދުގައެވެ! އަދި، ޖައްވުގައި ނަމަ "ބްލެކް ހޯލް" އެއްގައި ތާށިވެފަ އެވެ. ޤައުމުގެ ހާލުގެ ދުލުން ގޮވަމުން ދަނީ މިޤައުމަށް މައުނަވީ، ހަޤީޤީ ބަދަލު ގެނެސްދޭނެ، ޤައުމު ހިންގާގޮތަށް އިންޤިލާބީ ބަދަލު ގެނެސްދޭނެ، ދީންވެރި މެމްބަރުން ތަކަކަށެވެ. އެފަދަ ލީޑަރުން ކޮބައިތޯ އެވެ. އެފަދަ ލީޑަރަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުތޯ އެވެ؟ ނުވަތަ ރައީސް ނަޝީދުތޯ އެވެ؟ ނުވަތަ ގަސިމް ނުވަތަ މައުމޫން ނުވަތަ އިމްރާން ތޯއެވެ؟ ދިވެހި ރައްޔިތުންނާއި ޤައުމަށް ކުރިމަތިވެފައިވާ ޙަޤީޤީ މައްސަލަތައް ފާހަގަކޮށް އެ މައްސަލަތައް ޙައްލުކޮށް، ޤައުމު އިތުރު މައްސަލަތަކެއްގެ ތެރެއަށް ވައްޓާނުލުމަށް އެންމެ ފުރިހަމަ ގޮތުގައި މަސައްކަތްކުރި އެއްވެސް ސަރުކާރެއް ރާއްޖޭގެ މާޒީގައި ފެނިފައި ނެތެވެ. ރައްޔިތުންގެ މަޖުލިހުގެ އިންތިހާބު ކުރިމަތީގައި އޮތް އިރު ދިވެހި ރައްޔިތުން އެދެނީ މިފަދަ އަޒުމެއްގައި މަސައްކަތް ކުރާނެ މަޖުލިސް މެމްބަރުންތަކަކަށެވެ. ދިވެހިރާއްޖޭގައި މަލްޓިޕާޓީ ނިޒާމު ތަޢާރަފުވުމަށް ފަހު، ފާއިތިވެ ދިޔަ ދުވަސްތަކުގައި، ދިވެހިރާއްޖޭގައި އުފެދުނު ކޮންމެ ސިޔާސީ ޕާޓީއަކާއި އަދި ސަރުކާރެއްގެ ފަރާތުން ވެސް ދިވެހިންނަށް ތަޖުރިބާ ކުރަންޖެހިފައި ވަނީ ރައްޔިތުންނަށް ވުރެ ސިޔާސީ ވެރިންގެ މަސްލަހަތު އިސްކުރުމުގެ މައްސަލަ އެވެ. ދިވެހިރާއްޖެ ފަދަ މީސްކޮޅު މަދު ޤައުމަކަށް މަލްޓި-ޕާޓީ ނިޒާމުން ލިބެމުންދާ ފައިދާއަށް ވުރެ ލިބޭ ގެއްލުން މާބޮޑެވެ. ސިޔާސީ ޕާޓީގެ ނިޒާމުގެ ވެރިކަން ރާއްޖެއަށް ތައާރަފްވި ފަހުން ރައްޔިތުން ކުރި ތަޖްރިބާތަކުގެ އަލީގައި، ޙަޤީޤީ ހެޔޮބަދަލުތައް ދިވެހި ޤައުމަށާއި ރައްޔިތުންނަށް ގެނެސްދިނުމުގެ ކުޅަދާނަކަމާއި ނަޒާހަތްތެރިކަން ހުރި ސިޔާސީ ޕާޓީއެއް އަދި ސިޔާސީ ލީޑަރެއް ވެސް މިހާތަނަށް ފެނިފައެއް ނެތެވެ. ޤައުމާއި ރައްޔިތުން ބޭނުންވަނީ ސަރުކާރާއި އަދި ދައުލަތް ހިންގުމަށް 'އިންޤިލާބީ ބޮޑެތި' ބަދަލު ގެނެސްދޭނެ އަދި މަލްޓި ޕާޓީ ނިޒާމު ތަޢާރަފުވުމުން ދިވެހިރައްޔިތުންނަށް ކުރިމަތިލާން ޖެހިފައިމިވާ ޢަދަދުނުކުރެވޭ ގެއްލުންތައް ފޫބައްދައި، ދިވެހި ޤައުމަށް މުޅިންއާ ބަދަލުތަކެއް ގެނެސްދެވޭނެ ލީޑަރެކެވެެ. ބާމޫނުތަކެއް ނޫނެވެ. މުޅިން އާ މޫނުތަކެކެވެ. ޕާޓީގެ ލީޑަރުން އެންޑޯޒް ކުރާ މެމްބަރުންނެއް ނޫނެވެ. "މިނިވަން" ކެންޑިޑޭޓުންނެވެ. މިނިވަން މެމްބަރުންނެވެ. ރައްޔިތުންގެ ކެންޑިޑޭޓުންނެވެ! ދިވެހިރާއްޖެ އިސްލާޙުކޮށް ހަމަމަގަށް އަޅުވަން ބޭނުން ނަމަ، ސިޔާސީ ދާއިރާއަށް ބާމޫނުތަކެއްގެ ބަދަލުގައި، ހަރުދަނާ ސިޔާސަތުތަކާއި އަދި އުސޫލުތަކެއް ރައްޔިތުންނަށް ހުށަހަޅާ، ޒުވާން އަދި މުޅިންއާ މޫނުތަކަކަށް، ދިވެހިރާއްޖެ އާއި ދިވެހި ރައްޔިތުންމި ވަނީ ބޭނުންވެފަ އެވެ. މިއަދުގެ ސިޔާސީ ނިޒާމަކީ ފައިސާ އާއި މަޤާމަށް ހެއްލިފައިވާ، "ކޮރަޕްޓް" ސިޔާސީ ނިޒާމެއްގެ ގޮތުގައި ޤަބޫލު ކުރަންޖެހިފައި ވީހިނދު، މިއަދުގެ ސިޔާސީ މަސްރަހުގައި ޙަރަކާތްތެރިވާ ވަރަށް ގިނަ ލީޑަރުންވަނީ "ގޯސް މިސާލުތަކެއް" ރައްޔިތުންނާއި އަދި ޤައުމަށް ދައްކުވައިދީފަ އެވެ. މިއަދު ސިޔާސީ ޕާޓީތައް ކުރިއަރުވައި، ވަކި ބަޔަކަށް ވެރިކަމާއި މެމްބަރުކަމާއި މަގާމްތައް ހޯދައިދިނުމަށް މަސައްކަތް ކުރަމުންދާ ގިނަ ބަޔަކު ފެންނަމުންދާ ހިނދު، ހިތާމައާ އެކު، ދަންނަވަންޖެހެނީ މިފަދަ މަސައްކަތްތަކުން ޤައުމާއި، ރައްޔިތުންނާއި އަދި އަންނަންއޮތް ދިވެހި ޖީލުތަކަށް ފައިދާއެއް ލިބެމުންދާ މަންޒަރު ނުފެންނަކަމެވެ. މިޤައުމު ހަމަމަގަށް އެޅުވުމަށް ޓަކައި ކުރަން ޖެހިފައިވާ އެންމެ މުހިއްމު މަސައްކަތަކީ ދައުލަތުގެ ތިންބާރުކަމުގައިވާ ރައީސުލްޖުމްހޫރިއްޔާގެ ބާރާއި، އަދުލު އިންސާފުގެ ދާއިރާގެ ބާރާއި، ރައްޔިތުންގެ މަޖުލީހުގެ ބާރު އެކެއްގެ މުށުތެރޭގައި އޮތް އޮތުން ނިމުމަކަށް ގެނެސް، ކުރިމަގުގައި ވެސް އެފަދައިން ތިން ބާރު އެއްނުކުރެވޭނެ ފަދަ ހަރުކަށި، ހަރުދަނާ ފިޔަވަޅުތަކެއް ޤާނޫނުގެ ތެރެއިން އެޅުމެވެ. މިފަދައިން މިކަން ކަށަވަރު ކުރެވޭނީ އަދުލު އިންސާފުގެ ދާއިރާގެ ފަނޑިޔާރުންނާއި ރައްޔިތުންގެ މަޖުލިހުގެ ރައީސް، އަދި މަޖުލިހުގެ ނައިބު ރައީސަކީ ސީދާ ރައްޔިތުނަނަށް ޖަވާބުދާރީ ވާންޖެހޭ ބަޔަކަށް ހެދިގެންނެވެ! އަދުލު އިންސާފުގެ ދާއިރާ މިވަނީ ސިޔާސީ ވެރިންގެ މުށުތެރެއަށް ނިކަން ރަނގަޅަށް ފެތި ބާރުވެފަ އެވެ. އަދުލުއިންސާފުގެ ދާއިރާ އަށް ހަޤީޤީ މިނިވަންކަން ލިބޭނީ ސަރުކާރު ހިންގާ ބާރާއި އަދި ޤާނޫނުހަދާ ބާރުފަދައިން، ޢަދުލުއިންސާފުގެ ބާރުގެ މުހިއްމު މަޤާމުތައް ކަމުގައިވާ އުއްތަމަ ފަނޑިޔާރު، ހައިކޯޓުގެ އިސްފަނޑިޔާރު، ދަށުކޯޓުތަކުގެ އިސްފަނޑިޔާރުން، ރައްޔިތުންގެ ސިދާ ވޯޓަކުން ހޮވާގޮތަށް ޤާނޫނު ބަދަލުކޮށްގެންނެވެ. ހަމައެފަދައިން ރައްޔިތުންގެ މަޖުލީހުގެ ރައީސް އަދި ނައިބުގެ މަޤާމުތަކަކީ، ރައްޔިތުންގެ މަޖުލީހަށް އިންތިހާބުކުރެވޭ މެމްބަރުންގެ ތެރެއިން ހޮވާލެވޭ ފަރާތްތަކެއްގެ ގޮތުގައި އޮތް އޮތުން ނިމުމަކަށް ގެނެސް، މި މުހިއްމު ދެމަޤާމަކީ ވެސް، ރައްޔިތުންގެ މަޖުލީހަށް މެމްބަރުން ހޮވާފަދައިން، ކޮންމެ ފަސް އަހަރަކުން އެއް ފަހަރު، ފަސް އަހަރުގެ ދައުރަކަށް، ސީދާ ރައްޔިތުންގެ ވޯޓަކުން، އިންތިޚާބު ކުރެވޭ ވަކި ދެމަޤާމު ކަމުގައި ހަމަޖެއްސުމާއި، މިދެމަޤާމަށް ރައްޔިތުން އިންތިޚާބުކުރާ ދެފަރާތަކީ، އެއްވެސް ދާއިރާއަކަށް ނިސްބަތްނުވާ މަޤާމުތަކެއް ކަމުގައި ކަނޑައެޅުމަކީވެސް ކުރަން ޖެހިފައިވާ ކަމެކެވެ. އަދި ހަމައެފަދައިން އިލެކްޝަން ކަމިޝަންގެ ރައީސް، އޮޑިޓަރު ޖެނެރަލް، މަރުކަޒީ ބޭންކުގެ ގަވަރުނަރު، ކަމިޝަނަރު އޮފް ޓެކްސޭޝަންސް އަދި ހުރިހާ މިނިވަން މުވައްސަސާތަކުގެ އެންމެ އިސްވެރިންގެ މަޤާމުތަކަކީ، ސީދާ ރައްޔިތުންގެ ވޯޓަކުން އިންތިޚާބު ކުރާ މަޤާމުތަކެއް ކަމުގައި ހަމަޖެހިގެން މެނުވީ ރައްޔިތުންގެ ބާރު ރައްޔިތުން އަތަށް ނުލިބޭނެއެވެ. ޤައުމުގެ ހާލުގެ ދުލުން ގޮވަމުން ދަނީ އެފަދަ މައުނަވީ، ހަޤީޤީ ބަދަލު ގެނެސްދޭނެ، ޤައުމު ހިންގާގޮތަށް އިންޤިލާބީ ބަދަލު ގެނެސްދޭނެ މެމްބަރުން ތަކެކެވެ. މިފަދަ ބަދަލުތަކެއް ޤާނޫނަށް ގެނެސްދޭނެ ލީޑަރުންތަކެކެވެ ނުވަތަ މެމްބަރުންތަކެކެވެ. ރައްޔިތުންގެ ބާރު ފެންނަނީ ހަމައެކަނި ކޮންމެ ވޯޓެއްނަގާއިރު ކަމުގައި އޮންނަ އޮތުން ބަދަލު ކޮށް، ދައުރުގެ މެދުންވެސް މަޖުލީސް މެމްބަރުން ފަދަ ފަރާތްތައް ވަކިކޮށް، އަލުން އިންތިހާބް ބޭއްވޭ ގޮތަށް ޤާނޫނު ބަދަލުކުރުމާއި، ރައްޔިތުންގެ ވޯޓަކުން އިންތިހާބް ކުރާ ފަރާތްތަކަކީ، ހަޤީޤީ މާނާގައި ވެސް، ރައްޔިތުންނަށް ޖަވާބުދާރީ ވާންޖެހޭ ބަޔަކަށް ހަދަން އެބަ ޖެހެ އެވެ. މިފަދަ ވާހަކައެއް މިހާރުގެ ސިޔާސީ ވެރިން ވެސް އަދި އިދިކޮޅު ލީޑަރުން ވެސް ނުދައްކަވަ އެވެ. ވެރިކަން ލިބިވަޑައިގަތުމުން ރައީސްކަސް، މަޖުލިސް މެމްބަރަކަސް، މިނިސްޓަރަކަސް، އަދި "މިނިވަން" މުއައްސަސާތަކުގެ ވެރިއަކަސް ފެންނަނީ އެބޭފުޅުންގެ އަމިއްލަފުޅު ހައިބަތު މިނަށްވުރެ ބޮޑުވެ، އެބޭފުޅުންނަކީ ރައްޔިތުންނަށް ޙިދުމަތްކުރައްވަން ތިއްބެވި ޚާދިމުންކަން ހަނދުމަފުޅު ނެތޭތަނެވެ. "މިނިސްޓަރު" ކަމުގެ ލަޤަބަކީ މިގޮތުން އެންމެ ހައިސިއްޔަތު އޮޅުވާލާ ލަޤަބެވެ! މި ލަޤަބް ކޮންމެހެންވެސް ބަދަލު ކުރަންޖެހެއެވެ. މިނިސްޓަރު" ކަމުގެ ލަޤަބަކީ ރައްޔިތުންގެ ޙާދިމަކަށް ވުމަށް ވުރެ ބޮޑަށް ތިމާމީހާގެ ހައިބަތު މަތިކުރާ ނަމަކަށްވާހިނދު، "މިނިސްޓަރު"ގެ ނަމުގެ ބަދަލުގައި އެވަޒީފާގެ ނަމަކީ، "ސެކެޓްރީ" ކަމުގައި ހަދަން އެބަޖެހެ އެވެ. މިބަދަލު މިގޮތަށް ގެނައުމަށް ރައީސ ސޯލިހަށް ގޮވާލަމެވެ. އެމެރިކާ އަދި ޔޫ.ކޭ ފަދަ ޤައުމުތަކުގައި ވެސް އޮންނަ ފަދައިން، މިސާލަކަށް "ސެކެޓްރީ އޮފް ސްޓޭޓް"، މިފަދަ ގޮތަކަށް މިނިސްޓަރު ކަމުގެ ނަން ބަދަލު ކުރަން ޖެހެ އެވެެ. އަދި ހަމަ އެފަދައިން، އިލެކްޝަންސް ކޮމިޝަންފަދަ ހުރިހާ މިނިވަން މުއައްސަސާތަކުގެ ރައީސުންގެ މަޤާމުގެ ނަން، "ރައީސް"ގެ ބަދަލުގައި "ޗެއާރމަން" ފަދަ ނަމަކަށް ބަދަލު ކުރަން ޖެހެ އެވެ. މިދެންނެވި "މިނިވަން" މުއައްސަސާތަކުގެ "ރައީސުން" ނަކީ ވެސް ކުޑަވަރެއްގެ ޤައުމެއްގެ ވެރިކަން ކުރާފަދައިން ވެރިކަން ކުރާ "ރައީސުން" ކަމަށް މިވަނީ ވެފަ އެވެ. މިކަހަލަ "ރައީސުން"ގެ ހަޤީޤީ ޒިއްމާ އާއި ހަޤީޤީ ހައިސިއްޔަތު އެގޭފަދަ ނަމަކަށް އެމަޤާމުގެ ނަން ބަދަލުކުރުމަކީ ކޮންމެހެން ކުރަން ޖެހިފައިވާ ކަމެކެވެ. މިފަދަ ބަދަލުތައް ގެނެސްދޭނެ މަޖުލީހަކަށް ޤައުމު މިވަނީ ބޭނުންވަފަ އެވެ! ޤައުމު ބޭނުންވަނީ ވަކި ކުލައެއް ނުވަތަ ވަކި ޕާރޓީ އެއް ނުވަތަ ވަކި "ލީޑަރެއް" ނޫނެވެ. ޤައުމަށާއި ރައްޔިތުނަނަށް އިޙްލާސްތެރި، އިންޤިލާބީ ބަދަލު ގެނެސްދޭން ކެރޭ ޙާދިމުންތަކެކެވެ. ރައީސުލްޖުމްހޫރިއްޔާ އަކީ ހަޤީގަތުގައި ރައީސެއްވެސް ނޫނެވެ. އެއީ "ރައްޔިތުންގެ އެންމެ އިސް ޙާދިމެވެ"! މަޖުލީހުގެ މެމްބަރުންގެ ނަމުގެ ކުރިއަށް މިއޮންނަ "އިއްޒަތްތެރި" ލަގަބަކީ ވެސް ރައްޔިތުންނަށް ކުރާ މަލާމަތެއް ފަދަ އެވެ. ވަގުންނާއި މަކަރުވެރީންނާއި ނުކިޔަވާތިބޭ ޖާހިލުމް މިހާރު މިވަނީ އިއްޒަތްތެރި ވެފައިވެ. މަޖުލިސް 2019 އިން މިކަން ބަދަލުވާނެ ނަމަ ކިތައްމެހާވެސް ރަނގަޅެވެ. ކިޔަވައިގެން ތިބި، ކެރޭ ޒުވާނުންގެ ތެރެއިން މިފަދަ ބަތޮލުން ތެދުވެ މިޤައުމު ހަމަމަގަށް އަޅުވަން އެބަޖެހެ އެވެ. އެކި ކުލަތަކާއި އެކި ޕާރޓި ތަކާއި އެކި "ބާ" މޫނުތައް އެއްފަރާއި ކޮށް، ޤައުމު ސަލާމަތް ކުރުމަށް ޓަކައި ހަށިފޮޅާލާފައި ތެދުވާން އެބަޖެހެ އެވެ. ޤައުމުގެ ހާލުގެ ދުލުން ގޮވަމުންދަނީ މިފަދަ މެމްބަރުން ތަކަކަށެވެ. އެފަދަ ޒުވާން "މަހާތީރް" ތަކަކަށެވެ. އެފަދަ ޒުވާން "ލީކުއާންޔޫ" ތަކަކަށެވެ. އެފަދަ ޒުވާން "މެލްކޮމް-އެކްސް" ތަކަށެވެ. ދިވެހީންގެ ސިކުނޑީގައި ގަސްތުގައި އަޅުވާފައިވާ، ލޮލަށް ނުފެންނަ ކަސްތަޅު ނައްޓައި، ދިވެހި ކޮންމެ ފަރުދަކީ ވެސް ޤައުމުގެ ތަރައްގީގެ ފޮނިކަން އެކަށިގެންވާ ރަނގަޅު މިންވަރަކަށް ލިބޭ ފަރުދަކަށް ހަދައިދެވޭ ފަދަ ވެރީންތަކެއް އަންޏާން އެބަޖެހެ އެވެ. ކޮންމެ މަހަކު މީރާ އަށް މިތެއް ބިލިއަން ރުފިޔާގެ އާމްދަނީ ލިބިއްޖެޔޭ ބުނުމުން ދިވެހީން ފަޙުރުވެރިވާކަށް ނުޖެހެ އެވެ. މީރާއަށް ބިލިއަނުން ލިބޭއިރު ވަކި ވަކި ފަރުދުން ބަނޑުފުރާނަ މުއްތި ކުރެވޭ ވަރު ނުވެ، ދަރަނިން ސަލާމަތްވެވޭ ވަރު ނުވެ، ބޭސްފަރުވާ ކޮއްލެވޭ ވަރު ނުވެ، އީދުދުވަހު އާހެދުމެއް ގަނެލެވޭ ވަރު ނުވެފަ ތިބެން ޖެހުމަކީ ހަޤީޤީ ތަރައްޤީ އެއް ނޫނެވެ. ދިވެހީންގެ ބޮލަކަށް މިތެއްހާސް އެމެރިކާ ޑޮލަރު ޖެހޭވަރަށް ދައުލަތަށް އާމްދަނީ ލިބެޔޭ ބުނުމުން ދިވެހީން ކުރަންވީ ކޮން އުފަލެއް ތޯ އެވެ؟ ބޮލަކަށް ތިރީސް ހާސް ކީއްކުރަން، އެއްލައްކަ ޑޮލަރު ޖެހުނަސް ނިކަމެތި ރައްޔިތުމީހާގެ ބޮލަކަށް ޖެހެނީ ދަރަނީގެ އެތައް މިލިއަންއެވެ! މިއީ ތަރައްގީ އެއް ނޫނެވެ. މިއީ ދަރަނިވެރި ކަމާއި އަޅުވެތިކަމާއި މަލާމާތެވެ. މިއަހަރު މިތެއް ރިސޯރޓް އަލަށް ހުޅުވައިފިއޭ ބުނުމުން އާދައިގެ ދިވެހި މީހާއަށް އޮތީ ކޮން އުފަލެއްތޯ އެވެ؟ އެއިން ރިސޯރޓެއްގެ އެންމެ ރެއެއްގެ އަގުވެސް އާދައިގެ ދިވެހި ރައްޔިތެއްގެ އެއް އަހަރުގެ އާމްދަނީއާ ނުބައްދަލެވެ. އެވަރުން ވެސް ދިވެހިން ތިބެންވީ ޝުކުރުވެރި ކަމާއެކު އަތްޖަހާލަ ޖަހާލާތޯ އެވެ. ހުޅުމާލޭގެ ނުވަތަ މާލޭގެ މިވެނި ބިމެއްގައި 25 ބުރީގެ މިތެއް އިމާރާތް ކޮށް، ލަގްޒަރީ އެޕާރޓްމެންޓް ބްލޮކްތައް ބިނާ ކުރުމަށް ބިންގާ އެޅުމުން އާދައިގެ ރާއްޖެތެރޭ މީހާ އުފަލުންގޮސް ސިޔާސީ ބޭފުޅުންނަށް ވޯޓުދޭކަށް ނުޖެހެ އެވެ. ފަންސަވީސް ބުރީގެ ކޮންމެ އިމާރާތައެްގެ އަގަކީ ރާއްޖެތެރޭގެ މުޅި އަތޮޅެއްގައި ދާއިމީ އެތައް ވަޒީފާއެއް އުފެއްދިދާނެ ފައިސާއެވެ. އެކަން ރާއްޖެތެރޭ މީހާއަށް ކޮށްނުދީ މާލޭގެ ކުޑަ ބިންކޮޅު އުޑާހަމައަށް ނެގުމަކީ ރައްޔިތުމީހާ އެދޭ ތަރައްޤީ އެއް ނޫނެވެ. މިކަން ބަދަލު ކުރެވޭފަދަ ލީޑަރެއް މިޤައުމުގެ ސިޔާސީ މަސްރަހަށް ނިކުންނަން އެބަ ޖެހެ އެވެ. ޒަމާނުއްސުރެ ދިވެހީންނަކީ ކޮންމެ މީހަކަށް ދައުލަތުން ހިލޭ ބަންޑާރަ ބިން ދިނުމުން އެބިންތަކުގައި ގެދޮރުއަޅައިގެން ދިރިއުޅެމުން އައި ބައެކެވެ. މިޤައުމަށް ބޭނުންވަނީ ކޮންމެ ދިވެހި ރައްޔިތަކަށް ދިވެހި ބިމުން، ކިތައްމެ ކުޑަ ނަމަވެސް، ބިންކޮޅެއް ދިނުމުގެ ގޮތުން، ކައިވެނި ކުރާ ކޮންމެ ދިވެހި ރައްޔިތަކަށް، އަންހެން ވިއަސް ފިރިހެން ވިއަސް، މަދުވެގެން 1000 އަކަފޫޓުގެ ބަންޑާރަ ބިމެއް ހިލޭ ދޭންކެރޭނެ ވެރިއެކެވެ. މުއްސަންތި ދިވެހީންނަށާއި ބިދޭސީ މަހުޖަނުންނަށް ރާއްޖޭގެ ބިމުގައި ލަގްޒަރީ އެޕާރޓްމެންޓް ބްލޮކް އަޅައިދޭނެ ވެރިއެއް ނޫނެވެ. މިފަދަ ބަންޑާރަ ބިންކޮޅެއް ދިނުމުން ކޮންމެ ދިވެހި ރައްޔިތަކީ ވެސް ދިވެހި ބިމުން، ކިތައްމެ ކުޑަ ނަމަވެސް، ބިންކޮޅެއްގެ މިލްކު ވެރިއަކަށް ވެ އެވެ. ދިވެހި ޤައުމާއި ދިވެހި ބިމަކީ ދިވެހީންގެ މިލްކެއް ކަމުގައިވާ ހިނދު، ކޮންމެ މީހެއްގެ ވެސް ބިމެއް އޮތުމަކީ މިދެންނެވި މިލްކުވެރިކަމުގެ ރަމްޒެކެވެ. އެމީހަކު ރައްވެހި ވެފައިވާ ރަށުން ބިން ހުސްވެފައިވާ ނަމަ ބިންއޮތް އެހެން ރަށަކުން ނަމަވެސް މިގޮތަށް ބިން ދެވިދާނެ އެވެ. މިގޮތަށް ބިން ދެވުނުކަމުގައި ވިއަސް މިހާރު ހިންގާ ސޯޝަލް އަދި ވިޔަފާރީގެ ހައުސިންގް މަޝްރޫއުތައް ކުރިއަށް ގެންދެވިދާނެ އެވެ. މިފަދައިްނ ކޮންމެ ރައްޔިތަކަށް ބިންކޮޅެއް ދެވޭގޮތަށް ގާނޫނު ބަދަލުކުރެވޭ ފަދަ މެމަބަރުންތަކެއް މަޖުލިސް 2019 އިން ފެނުމަކީ ރައްޔިތުންގެ އެދުމެވެ. ރައީސް ސޯލިހު މިކަމުގައި އިސްނެންގެވުމަކީ ވެސް ރައްޔިތުންގެ އެދުމެވެ. ބޮލަކަށް ތިރީސް ހާސް ޑޮލަރު ޖެހިއްޖެޔޭ ބުނާއިރު، ޤައުމު ތަރައްޤީ ކުރުމުގެ މާނާގައި ބޮޑެތި އިންޓަރެސްޓް (ރިބާ) ހިމެނޭ ދަރަނި ނަގަނީ ސުމާރެއް ބެލުމެއް ނެތި އެވެ. މިފަދަ ބިޔަ ލޯނުގެ ފައިސާއިން ކޮންމެވެސް ކަމެއް ކޮއްލާފަ ދެން ވާނުވާއެއް ނޭގެއެވެ. އެދަރަނި ދައްކަން ޖެހެނީ ދެއް އަންނަ ޖީލެއްގެ ދަރީންނެވެ. މިއީ ޅަދަރީން ދަރަނިވެރި ކުރުވުން ނޫން ދެން ކޮންކަމެއްތޯ އެވެ؟ އެކެއްގެ މުށުތެރެއަށް ގޮސްފައިވާ ތިން ބާރު ވަކިކޮށް، މަޖުލިހުގެ ރައީސާއި ފަނޑިޔާރުންނަކީ ރައްޔިތުން ހޮވާ، ރައްޔިތުނަނަށް ޖަވާބުދާރީ ވާންޖެހޭ ބަޔަކަށް ހަދައިދޭނެ ވަރިއަކު އެބަ ބޭނުންވެއެވެ. ޤައުމު ބޭނުންވަނީ ވަކި ކުލައެއް ނުވަތަ ވަކި ޕާރޓީ އެއް ނުވަތަ ވަކި "ލީޑަރެއް" ނޫނެވެ. ޤައުމަށާއި ރައްޔިތުނަނަށް އިޙްލާސްތެރި، އިންޤިލާބީ ބަދަލު ގެނެސްދޭން ކެރޭ ޙާދިމެކެވެ. އެއީ ހަޤީގަތުގައި ރައީސެއް ވެސް ނޫނެވެ. އެއީ "ރައްޔިތުންގެ އެންމެ އިސް ޙާދިމެވެ"! ކިޔަވައިގެން ތިބި، ކެރޭ ޒުވާނުންގެ ތެރެއިން މިފަދަ ބަތޮލުންތަކެއް ތެދުވެ މިޤައުމު ހަމަމަގަށް އަޅުވަން އެބަޖެހެއެވެ. އެކި ކުލަތަކާއި އެކި ޕާރޓި ތަކާއި އެކި "ބާ" މޫނުތައް އެއްފަރާއި ކޮށް، ޤައުމު ސަލާމަތް ކުރުމަށް ޓަކައި ހަށިފޮޅާލާފައި ތެދުވާން އެބަޖެހެ އެވެ. ޤައުމުގެ ހާލުގެ ދުލުން ގޮވަމުންދަނީ މިފަދަ މައުނަވީ ބަދަލުތަކަކަށެވެ.
ކެޔޮނިރު: ރައްޔިތު މީހާ އަށް ވެރިކަން ކޮށްދޭނެވެރިކަން
ސައުދީ އަރަބިއާގެ އެންމެ ބޮޑު ފަތުރުވެރިކަމުގެ ފެއާގައި ރާއްޖެއިން ބައިވެރިވެއްޖެ އެވެ. އަންނަ މަހު 20 އިން 22 އަށް ސައުދީގެ ރިޔާޒުގައި ބާއްވާ މި ފެއާގައި ރާއްޖެ ތަމްސީލްކުރާނީ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އިޕަރޭޓާސް (މަޓާޓޯ)ގެ ފަރާތުންނެވެ. މިއީ މަޓާޓޯ އިން މި ފެއާގައި ބައިވެރިވާ ހަތަރު ވަނަ އަހަރެވެ. ރިޔާޒް ފެއާ އަކީ ގަލްފްގެ ގައުމުތަކާއި އަރަބިގައުމުތަކުގެ ޓްރެވަލް އެންޑް ޓޫރިޒަމް ކުންފުނިތައް އެއްތަނަކަށް އެއްވެ، ފަތުރުވެރިކަން ޕްރޮމޯޓު ކުރާ އިވެންޓެކެވެ. މިއީ ދުނިޔެއަށް އަރަބި ގައުމުތަކުގެ ފަތުރުވެރިކަމުގެ ޕްރޮޑަކްޓުތައް ދައްކާލުމަށް ވެސް މުހިއްމު ފެއާއެކެވެ. އަރަބި އަދި އަލްފުގެ ގައުމުތަކަކީ ރާއްޖޭގެ ފަތުރުވެރިކަމުގައި ވެސް މުހިއްމު މާކެޓެކެވެ. މިދިޔަ 2017 ވަނަ އަހަރު މެދުއިރުމަތިން ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 1،389،54215،700 އަށް އަރަ އެވެ. މަޓާޓޯ އިން ދަނީ ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ދުނިޔޭގައި ބާއްވާ ފަތުރުވެރިކަމުގެ ގިނަ ފެއާތަކެއްގައި ބައިވެރިވަމުންނެވެ.
ސައުދީގެ އެންމެ ބޮޑު ފަތުރުވެރިކަމުގެ ފެއާގައި ރާއްޖެ އިން ބައިވެރިވެއްޖެ
ސްޓާ ޕްލަސްއިން ގެނެސްދެމުން އައި އިންޑިއާގެ އެންމެ ބޮޑު ނެށުމުގެ މުބާރާތް "ޑާންސް ޕްލަސް 4" އިންޑިއާގެ ޕޫނޭއަށް ނިސްބަތްވާ ޗޭތަން ސަލުންހޭ 19، ކާމިޔާބުކޮށްފި އެވެ. އޭނާ އެ މުބާރާތުގެ އެއް ވަނަ ދިޔަކަން ހާމަކުރީ ރޭ ބޭއްވި ގްރޭންޑް ފިނާލޭގަ އެވެ. ފިނާލޭގައި ޗޭތަން އާއެކު ވާދަކުރީ އާޗަލް-ސޫޖަން، ވާތިކާ ޖާ އަދި ވީ އަންބީޓަބަލް އެވެ. މުބާރާތުގެ ދެވަނަ މަގާމަށް އާޗަލް-ސޫޖަން ހޮވުނުއިރު ތިންވަނަ އަށް ހޮވުނީ ވާތިކާ ޖާ އެވެ. އަދި ހަތަރު ވަނައަށް ދިޔައީ ވީ އަންބީޓަބަލްއެވެ. ޗޭތަން މުބާރާތް ކާމިޔާބުކުރުމުން އޭނާއަށް ވަނީ 25 ލައްކަ ރުޕީސް ލިބިފަ އެވެ. އަދި ޓްރޮފީ ވެސް އޭނާއަށް ވަނީ ލިބިފަ އެވެ. "ޕޮޕިންގް ބާދްޝާހް" ނަމުން ޗޭތަން މަޝްހޫރުވިއިރު އޭނާ ވަނީ ޝޯގައި ރަނގަޅު ހުށައެޅުންތަކެއް ހުށައަޅައިފަ އެވެ. ރޭގެ ފިނާލޭގައި ވަނީ އަނިލް ކަޕޫރު އަދި މާދުރީ ޑިކްސިޓް ވެސް ބައިވެރިވެފަ އެވެ. 'ޑާންސް ޕްލަސް' އަކީ ބޮލީވުޑްގެ ކުޅަދާނަ ކޮރެއޮގްރާފަރު އަދި ޑައިރެކްޓަރު ރޭމޯ ޑިސޫޒާ ސުޕާ ޖަޖެއްގެ ގޮތުގައި ފެނިގެންދާ ޝޯ އެކެވެ. މިދިޔަ އަހަރު އެ ޝޯ ކާމިޔާބުކުރީ ޕުނީތު ޕަންކަޖްގެ ގޭންގް ތަމްސީލުކުރި ބިރް ރާދާ އެވެ.
އިންޑިއާގެ އެންމެ ބޮޑު ނެށުމުގެ މުބާރާތުގެ އެއްވަނަ އަށް ޗޭތަން!
މިދިޔައަހަރުގެ ތިންވަނަ ކުއާޓަރުގައި ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރިތައް މަޑުޖެހިފައިވާކަމަށް އެމްއެމްއޭގެ ކުއާޓާލީ ބިޒްނަސް ސާވޭ ރިޕޯޓުގައި ބުނެފިއެވެ. މިދިޔަ އޮކްޓޯބަރުމަހު ކުރިއަށްގެންދިޔަ މި ސާވޭގައި ބައިވެރިވެފައިވަނީ ފތުރުވެރިކަން، އިމާރާތްކުރުން، ތަކެތި އުފެއްދުން އަދި، ހޯލްސޭލް އަދި ރީޓެއިލް ސިނާއަތުގައި ހިމެނޭ 110 ވިޔަފާރިއެކެވެ. ސާވޭގެ ނަތީޖާއަށް ބަލާއިރު، ފަތުރުވެރިކަމުގެ އޮފް ސީޒަނަށްވިޔަސް ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރި ރަނގަޅުކަމަށް ވަނީ ފާހަގަކޮށްފައެވެ. މީގެ އިތުރުން ތަކެތި އުފެއްދުމުގެ ދާއިރާވެސް އެ މުއްދަތުގައި ކުރިއަރާފައިވާކަމަށް އެ ސާވޭ ރިޕޯޓުގައިވެއެވެ. އެ ސާވޭގައި ބައިވެރިވި ވިޔަފާރިތަކުން ބުނެފައިވަނީ އަހަރުގެ ފަހު ކުއާޓަރުގައި ވިޔަފާރި އިތުރަށް ރަނގަޅުވާނެކަމަށް ލަފާކުރެވޭ ކަމަށެވެ. ނަމަވެސް އިމާރާތްކުރުމުގެ ދާއިރާ އެ މުއްދަތުގައި ކުރިއަރާނެކަމަށް ލަފާނުކުރެވޭކަމަށް ބުނެފައިވެއެވެ. އިމާރާތްކުރުމުގެ ސިނާއަތުގެ ގިނަ ވިޔަފާރިތަކުން ބުނެފައިވާ ގޮތުގައި ވިޔަފާރީގެ ކުރިއެރުމަށް ހުރި މައިގަނޑު ގޮންޖެހުންތަކަކީ ހިދުމަތްތަކުގެ އަގަށް ލިބެންޖެހޭ ފައިސާ ލިބުން ލަސްވުމާއި ފަންނީ މުވައްޒަފުން ލިބުން ދަތިވުމާއި ލޯނު އަދި މުދަލާއި ހިދުމަތަތްތައް ކްރެޑިޓަށް ހޯދުން ދަތިވުންކަމަށް ސާވޭ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. މުވައްޒަފުންނަށާއި ތަކެތި ގަތުމަށް ކުރާ ހަރަދަށް ބަލާއިރު، ތަކެތި އުފެއްދުމުގެ ސިނާއަތް އަދި ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރިކުރުމުގެ ސިނާއަތުގައި ހިމެނޭ ގިނަ ވިޔަފާރިތަކުން ބުނެފައި ވަނީ ތިން ވަނަ ކުއާޓަރުގައި އެފަރާތްތަކުގެ ވިޔަފާރީގެ ހަރަދުތައް ހުރީ ދެވަނަ ކުއާޓަރާ އެއް ހަމައެއްގައި ކަމެވެ. ހަމައެއާއެކު، އިމާރާތް ކުރުމުގެ ސިނާއަތާއި ފަތުރުވެރިކަމުގެ ސިނާއަތުގެ ގިނަ ވިޔަފާރިތަކުން ފާހަގަކޮށްފައިވަނީ އެފަރާތްތަކުން މުވައްޒަފުންނަށް ހިނގާ ޙާރަދުތައް ކުރީ ކުއާޓަރެކޭ އެއްހަމައެއްގައި ހިފެހެއްޓިފައިވީ ނަމަވެސް، ތަކެތި ގަތުމަށް ވިޔަފާރިތަކުން ކޮށްފައިވާ ހަރަދުތައް އިތުރުވެފައިވާ ކަމެވެ. ސާވޭގައި ބައިވެރިވި ވިޔަފާރިތަކުގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފުންގެ އަދަދަށް ބަލާއިރު، 2018 ވަނަ އަހަރުގެ ދެވަނަ ކުއާޓަރާ އަޅާބަލާއިރު ތިންވަނަ ކުއާޓަރުގައި ތަކެތި އުފެއްދުމުގެ ސިނާއަތް ފިޔަވާ އެހެން ހުރިހާ ދާއިރާތަކަށް ބޮޑު ބަދަލެއް އައިސްފައި ނުވާކަން ފާހަގަކޮށްފައިވެއެވެ. އެހެންނަމަވެސް، އުފެއްދުންތެރިކަމުގެ ސިނާއަތުގެ ގިނަ ފަރާތްތަކުން ވަނީ މިކުއާޓަރުގެ ތެރޭގައި މުވައްޒަފުންގެ އަދަދު ފާހަގަކޮށްލެވޭ މިންވަރަކަށް އިތުރުވެފައިވާކަން ހާމަކޮށްފައެވެ. މިދާއިރާތަކުގެ ކުރިމަގަށް ބަލާއިރު، އިމާރާތްކުރުމުގެ ސިނާއަތް ފިޔަވާ ހުރިހާ ސިނާއަތްތަކުން ހާމަކޮށްފައި ވަނީ ހަތަރުވަނަ ކުއާޓަރުގައިވެސް އެ ސިނާއަތްތަކުގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފުންގެ އަދަދު ހުންނާނީ ތިންވަނަ ކުއާޓަރާ އެއްހަމައެއްގައި ކަމަށެވެ. އިމާރާތް ކުރުމުގެ ސިނާއަތުގެ ގިނަ ވިޔަފާރިތަކުން ލަފާކޮށްފައިވަނީ ވަޒީފާ އަދާކުރަމުންދާ މުވައްޒަފުންގެ އަދަދު ހަތަރުވަނަ ކުއާޓަރުގައި މަދުވާނެކަމަށެވެ.
ތިންވަނަ ކުއާޓަރުގައި ހޯލްސޭލް ރީޓެއިލް ވިޔަފާރިތައް މަޑުޖެހުނު
ކުޅަދާނަ ޕްރޮޑިއުސަރު އިސްމާއިލް ޝަފީގު ޕްރޮޑިއުސްކޮށް ޔޫސުފް ޝަފީއު (ޔޫއްޕެ) ޑައިރެކްޓްކޮށްފައިވާ "40 ޕްލަސް"ގެ ޓިކެޓް ބުކް ކުރަން ފަށައިފި އެވެ. ފިލްމުގެ ޕްރޮޑިއުސަރު ޝަފީގު "ސަން"އަށް ބުނީ ފިލްމުގެ ޓިކެޓް ބުކް ކުރުން ހުޅުވާލައިފައިވާނެ ކަމަށާއި ވަރަށް އަވަހަށް ޓިކެޓް ވިއްކަން ހުޅުވާލާނެ ކަމަށެވެ. އަދި މި ވަގުތު ކުރިއަށްދަނީ ޓިކެޓް ޕްރިންޓްކުރުމުގެ މަސައްކަތް ކަމަށް ވެސް އޭނާ ބުންޏެވެ. ޝަފީގު އިތުރަށް ބުނީ ފިލްމުގެ ޓިކެޓް ބުކް ކުރަން ބޭނުންވާ ނަމަ 7384040 މެސެޖުކުރުމުން އެކަން ހަމަޖެހިގެންދާނެ ކަމަށާއި މެސެޖުގައި ޓިކެޓް ބޭނުންވާ ޝޯ އޮންނަ ތާރީހާއި ބޭނުންވާ ޓިކެޓްގެ އަދަދު ވެސް މެސެޖުގައި ހާމަކުރަން ޖެހޭކަމަށެވެ. "ފޯޓީ ޕްލަސް" އަކީ "ނޯޓީ 40"ގެ ސީކުއެލްއެކެވެ. ހެއްވާ މަޖާ އަދި ބިރުވެރި އެތައް މަންޒަރެއް "40 ޕްލަސް"ގެ ޓްރެއިލާއިން ފެންނަ އިރު އެ ފިލްމު ވާނީ ރާއްޖޭގެ ސިނަމާތަކަށް އަންނާނެ ފުރަތަމަ ބިރުވެރި މަޖާ ފީޗާ ފިލްމަށެވެ. ތ. ބުރުނީގައި ފިލްމުގެ މަންޒަރުތައް ނަގާފައިވާ "40 ޕްލަސް" ޕްރޮމޯޓް ކުރަނީ ހޭޝްޓެގް "ދަ ބިގެސްޓް މޫވީ އޮފް ދަ 2019"ގެ ގޮތުގަ އެވެ. 40+ ގެ ކްރޫ--- ފޮޓޯ ފޭސްބުކް ޔޫއްޕެގެ އަމިއްލަ ސްލްރީންޕްލޭއަކަށް ހަދާފައިވާ އެ ފިލްމު ރިލީޒްކުރާނީ މި މަހު 27 ގަ އެވެ. "ފޯޓީ ޕްލަސް"ގައި މެއިން ކާސްޓުންގެ ގޮތުގައި ފެންނާނީ ނޯޓީ ފޯޓީގެ ވެސް ލީޑުން ފެނިގެން ދިޔަ، ޔޫއްޕެ، އަހްމަދު ސައީދު، މުހައްމަދު މަނިކު އަދި އަލީ ސީޒަން އެވެ. ކުޅަދާނަ ބަޠަލާ ފާތިމަތު އާޒިފާ (އަޒޫ)، ޝީލާ ނަޖީބު، އަލީ އާޒިމް (ދޮންއައްޔަ)، މުޙައްމަދު ފައިސަލް އަދި ޔޫއްޕެގެ "ދެވަންސޫރަ"އިން ފިލްމީ ދާއިރާއަށް މުޅިން އަލަށް ތައާރަފްވާ މަރިޔަމް ޝިފާ، އާނަންދު، މަރިޔަމް ޝަކީލާ އަދި އަލަށް ތައާރަފްވާ ބަތަލާ އިރްފާނާ އިބްރާހީމް ފަދަ ތަރިންގެ އެކްޓިން ވެސް އެ ފިލްމުން ފެންނާނެ އެވެ.
"40 ޕްލަސް"ގެ ޓިކެޓް މިހާރު ބުކް ކުރެވޭނެ!
ރާއްޖޭގެ ކޮންމެ ރަށެއްގައި މޫދަށް އެރުމަށް ރައްކާތެރި ޚާއްސަ ސަރަހައްދެއް ކަނޑައެޅުމަށް ޓޫރިޒަމް މިނިސްޓްރީން ނިންމައިފި އެވެ. ޓޫރިޒަމް މިނިސްޓްރީގެ މައްސަކަތްތަކާ ގުޅޭ ގޮތުން އެ މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، ކޮންމެ ރަށެށްގައި މޫދަށް އެރި، ފެތުމަށް ހާއްސަ ސަރަހަދެއް ކަނޑައެޅުމަށް ރަށު ކައުންސިލްތަކާ އެކު މަސައްކަތް ކުރައްވަން ނިންމާފައިވާ ކަމަށެވެ. "ކޮންމެ ރަށެއްގައި ފެތުމަށް ރައްކާތެރި ސަރަހައްދެއް ކަނޑައެޅުމަށް ޓަކައި ރަށު ކައުންސިލްތަކާ އެކު މަސައްކަތް ކުރުމަށް ވަނީ ނިންމާފައި،" މިނިސްޓަރު އަލީ ވަހީދު ވިދާޅުވި އެވެ. ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު --- ސަން ފޮޓޯ/ އަހްމަދު އަވްޝަން މިނިސްޓަރު ވިދާޅުވީ، އެ މިނިސްޓްރީގެ އަމާޒަކީ ރާއްޖޭގެ ރީތިކަމާ އެއްވަރަށް ސަލާމަތީ ގޮތުން ވެސް ރައްކާތެރި މަންޒިލަކަށް ހެދުން ކަމަށެވެ. "އަޅުގަނޑުމެންގެ ބޭނުމަކީ ދިވެހި ރާއްޖެއަކީ، ރާއްޖޭގެ ރީތި ކަމާ އެއްވަރަށް ސަލާމަތީ ގޮތުން ރައްކާތެރި މަންޒިލެއްގެ ގޮތުގައި ބޭއްވުމަށް ހުރިހާ ފަރާތްތަކާ އެކު މަސައްކަތް ކުރުން،" އަލީ ވަހީދު ވިދާޅުވި އެވެ. ރާއްޖޭގައި ބައެއް ރަށްތަކާއި އަދި ރިސޯޓުތަކުގައި މޫދަށް އެރި އުޅެނިކޮށް ހިތާމަވެރި ހާދިސާތަކެއް ވަނީ ހިނގައިފަ އެވެ. އަދި ބައެއް ހާދިސާ ތަކުގައި މީހުން މަރުވެފައި ވެސް އެބަ ހުއްޓެވެ.
ކޮންމެ ރަށެށްގައި މޫދަށް އެރުމަށް ހާއްސަ ސަރަހައްދެއް ކަނޑައަޅަން ނިންމައިފި
ސްރީލަންކާގެ ބަންޑާރަޔައިކަ އިންޓަނޭޝަނަލް އެއާޕޯޓުގައި ގަވައިދާ ހިލާފަށް ޑްރޯން އެރުވި ހަތަރު ދިވެއްސަކު ހައްޔަރުކޮށްފި އެވެ. ސްރީލަނކާގެ ހަބަރުތައް ބުނާ ގޮތުން ހައްޔަރުކޮށްފައި ވަނީ އުމުރުން 19 އަހަރާއި 23 އަހަރާ ދެމެދުގެ ހަތަރު މީހުންނެވެ. މީގެ ތެރޭގައި އަންހެނަކު ވެސް ހިމެނޭ ކަމަށް ހަބަރުތައް ބުނެ އެވެ. މި މީހުން ހައްޔަރުކޮށްފައި ވަނީ އެއާޕޯޓުގެ ހައި ސެކިއުރިޓީ ޒޯންގައި ޑްރޯނު އަރުވައިގެންނެވެ. މި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރު ކުރާނެ އެވެ. ލަންކާގެ ގާނޫނުތައް ބުނާ ގޮތުން އެއްވެސް އެއާޕޯޓަކާ އަށް ކިލޯ މީޓަރު ކައިރިއަށް ޑްރޯން އެއް ނޭރުވޭނެ އެވެ.
ލަންކާ އެއާޕޯޓުގައި ޑްރޯން އެރުވި ދިވެހިންތަކެއް ހައްޔަރުކޮށްފި
ރާއްޖޭގެ ޓެކްސްގެ ނިޒާމު ހަރުދަނާކޮށް އިސްލާހުކުރުމަށް ކޮމެޓީއެއް އެކުލަވާލައިފި އެވެ. އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސަރުކާރުގެ އޮފިޝަލުންނާއި އޮޑިޓަރުން އަދި އަމިއްލަ ވިޔަފާރިވެރިންނާއި ގާނޫނީ ބޭފުޅުން ހިމަނައިގެން އެކުލަވާލެއްވި ކޮމެޓީގެ މަސައްކަތަކަށް ވާނީ ޓެކްސްގެ ނިޒާމު އިސްލާހު ކުރުމަށް ކުރަން ހުރި މަސައްކަތްތައް ކުރުމާއި، ޓެކްސްގެ ގާނޫނު ތަންފީޒު ކުރުމަށް މަސައްކަތް ކުރާ މިންވަރު ބެލުން ކަމަށެވެ. ރާއްޖޭގެ ޓެކްސްގެ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން މަސައްކަތް ކުރާނެ ކަމަށް ފައްޔާޒު ވިދާޅުވި އެވެ. ޓެކްސްގެ ނިޒާމު ހަރުދަނާކުރަން ޖެހޭ ކަމަށް ވިދާޅުވެ، އިކޮނޮމިކް މިނިސްޓަރު މީގެ ކުރިން ވެސް ވަނީ ވާހަކަ ދައްކަވައިފަ އެވެ. ޓެކްސްގެ އިދާރާ، މީރާއަކީ ވިޔަފާރިތަކަށް އޮތް ބޮޑު ގެއްލުމެއް ކަމަށާއި މީރާ އުފެދިގެން އައީ ވިޔަފާރިތަކަށް ހުރަސް އަޅައި ދަތިކުރަން ނޫން ކަމަށް މިނިސްޓަރު ކުރިން ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވީ މީރާގެ މަގުސަދަކަށް ވާން ޖެހޭނީ ވިޔަފާރިވެރިން ލައްވައި ވިޔަފާރި ކުރިއަރުވައި އޭގެ މަންފާ ރައްޔިތުންނަށް ހޯދައި ދިނުން ކަމަށެވެ. މީރާ އަކީ ވިޔަފާރިތަކަށް އޮތް ބޮޑު ގެއްލުމެއް: ފައްޔާޒުއިތުރަށް ވިދާޅުވުމަށް
ޓެކްސް ނިޒާމު އިސްލާހު ކުރަން ކޮމެޓީއެއް އުފައްދައިފި
ފަހަތުން އަރައި ލިއޮނެލް މެސީ ޖަހައިދިން ދެ ގޯލާ އެކު އަމިއްލަ ދަނޑުގައި ވެލެންސިއާ ކައިރިން ބަލި ނުވެ ބާސެލޯނާ އެއްވަރު ވެއްޖެ އެވެ. ރޭ ސްޕެނިޝް ލީގުގައި ބާސެލޯނާ އާއި ވެލެންސިއާ ބައްދަލު ކުރި މެޗު ނިމިގެން ދިޔައީ 2-2ގެ ނަތީޖާ އަކުން އެއްވަރު ވެގެންނެވެ. އެ މެޗުގެ ނަތީޖާއާ އެކު ބާސެލޯނާ ތާވަލުގެ އެއްވަނާގައި އޮތީ އެ ޓީމާ އެންމެ ގާތުން ވާދަ ކުރާ އެތްލެޓިކޯ މެޑްރިޑަށް ވުރެން ހަ ޕޮއިންޓް ކުރީގަ އެވެ. އަދި ވެލެންސިއާ މިވަގުތު އޮތީ ތާވަލުގެ ހަތް ވަނައިގަ އެވެ. ރޭ މެޗުގައި ވެލެންސިއާގެ ޕެނަލްޓީ އެ ޓީމުގެ ކެޕްޓަން ޑެނީ ޕަރޭހާ ކުރިއަށް ފޮނުވާލާ މަންޒަރު -- ފޮޓޯ / ބީބީސީ މެޗު ފެށިގެން ދެ ޓީމު ވެސް ރަނގަޅު ކުޅުމެއް ދެއްކި އެވެ. ނަމަވެސް ވެލެންސިއާގެ ކައުންޓާ އެޓޭކްތައް ބާސާއެއް ވުރެން ނުރައްކާ ބޮޑެވެ. އެ ގޮތުގައި މާ ގިނައިރެއް ނުވެ، ވެލެންސިއާގެ ފޯވާޑް ކެވިން ގެމެއިރޯ ވަނީ ބާސެލޯނާ ގެ ގޯލު ފޫ އަޅުވާލައިފަ އެވެ. އަދި އެ ގޯލާ އެކު ބާސާ ކުރިއަށް ޖެހިލި ވަގުތު ވެލެންސިއާގެ ޓީމު އިތުރަށް ހުށިޔާރުވި އެވެ. ބާސާގެ ފަހަތަށް ޕުރެޝަރު ބޮޑުވެ ސާޖިއޯ ރޮބާޓޯ ވަނީ ވެލެންސިއާގެ އަލްބާޓޯ އުޑިއާނޯއަށް ބާސެލޯނާގެ އޭރިއާ ތެރެއިން ފައުލުކޮށްފަ އެވެ. އަދި ވެލެންސިއާއަށް ލިބުނު ޕެނަލްޓީ އެ ޓީމުގެ ކެޕްޓަން ޑެނީ ޕަރޭހޯ ވަނީ ގޯލުގެ ތެރެއަށް ފޮނުވާލާ އެމީހުންގެ ލީޑް ފުޅާ ކޮށްފަ އެވެ. ވެލެންސިއާގެ ދެ ގޯލާއި އެކު ބާސާއަށް ހޭލެވި ކުޅުން ރަނގަޅު ކުރި އެވެ. އެގޮތުން މެޗުގެ 39 ވަނަ މިނަޓުގައި ޕެނަލްޓީއެއް ހޯދާ އެ ޕެނަލްޓީ ކާމިޔާބު ކުރީ އެ ޓީމުގެ ކެޕްޓަން ލިއޮނެލް މެސީއެވެ. މެސީއަށް ރޭގެ މެޗުގައި ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ވަނީ ލިބިފަ އެވެ. މެޗުގެ ދެވަނަ ހާފުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ބާސާގެ ރަސްމީ ވައްޓަފާޅިއަށް ކުޅެމުން ދިޔަ އެވެ. ވެލެންސިއާގެ ގޯލު ކުރިމަތީ ޕާސް ގިނަ ކޮށް ގިނަ ހަމަލާތަކެއް ބާސާއިން އުފެއްދި އެވެ. މި ހަމަލާތައް ވެލެންސިއާގެ ކީޕަރު ނެޓޯ ދިފާއު ކުރި ނަމަވެސް މާ ގިނައިރުތަކެއް ނުވަނީސް އޭރިއާ ބޭރުން ގޯލުގެ ތެރެއަށް ބާރު ހަމަލާއެއް ފޮނުވާލާ މެސީ ވަނީ މެޗުގެ ނަތީޖާ ހަމަ ހަމަކޮށްފަ އެވެ. ރޭ މެޗުގައި ޖެހި ގޯލުތަކާ އެކު މެސީ ވަނީ ޖެހި ޖެހިގެން 12 މެޗުގައި ގޯލު ޖެހުމުގެ ޝަރަފް ހޯދައިފަ އެވެ. އަދި މި ސީޒަނުގައި ޔޫރަޕްގެ ޓޮޕް ސްކޯރާގެ މަގާމު ވެސް މެސީ ވަނީ ދަމަހައްޓައިފަ އެވެ.
ފަހަތުން އަރައި މެސީ ޖެހި ދެ ގޯލާ އެކު ބާސާއަށް ޕޮއިންޓެއް
(ކޮލޮމްބޯ، ސްރީލަންކާ): ސްރީލަންކާގެ މިނިވަން ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެގައުމަށް ވަޑައިގެންފިއެވެ. ރައީސް ސޯލިހަށް ކޮލޮމްބޯގެ ބަންޑާރަނަޔަކަ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ވިދާޅުވީ އެގައުމުގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހައެވެ. ރައީސް ދަތުރުކުރެއްވި ސްރީލަންކަން އެއާލައިންސްގެ ފްލައިޓުގައި ދަތުރުކުރެއްވި ހުރިހާ ފަސިންޖަރުންނާ އެމަނިކުފާނު ވަނީ ގާތުން ބައްދަލުކުރައްވާފައެވެ. އެގޮތުން ފްލައިޓު ދަތުރުކުރަމުން ދިޔަ ވަގުތު އެމަނިކުފާނު ފްލައިޓުގެ ކެބިންގައި ހިންގަވައި، ފްލައިޓުގައި ތިބި ފަސިންޖަރުންގެ ގާތަށް ވަޑައިގެން ހާލު އަހުވާލު އެއްސެވިއެވެ. އަދި ބައެއް ފަސިންޖަރުންނާއެކު ސެލްފީވެސް ނެންގެވިއެވެ. ކޮލޮމްބޯގައި ދިރިއުޅޭ ދިވެހީންނާ ރައީސް ސޯލިހު މިއަދު ހަވީރު ބައްދަލުކުރައްވާނެއެވެ. އެ ބައްދަލުކުރެއްވުން އޮންނާނީ ކޮލޮމްބޯގައި ހުންނަ ދިވެހި އެމްބަސީގައެވެ. ލަންކާގެ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާ އޮންނާނީ މާދަމާ ހެނދުނު ކޮލޮމްބޯގެ ގޯލް ފޭސްގައެވެ. އަދި ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ މާދަމާ ރޭ ދެއްވާ ރަސްމީ ފަރީއްކޮޅުގައި ރައީސް ސޯލިހު ބައިވެރިވެވަޑައިގަންނަވާނެއެވެ. ސްރީލަންކާގެ ރައީސް މައިތުރިޕާލަ ސިރިސޭނާގެ ދައުވަތުފުޅަކަށް ރައީސް ސޯލިހު ސްރީލަންކާއަށް ކުރައްވަނީ ތިން ދުވަހުގެ ދަތުރުފުޅެކެވެ. އަންގާރަ ދުވަހު ރައީސް ސޯލިހުއާއި އެމަނިކުފާނުގެ އަރިހުގައި ދަތުރުކުރައްވާ ވަފުދުގެ ބައިވެރިންނާ ރައީސް ސިރިސޭނާ ބައްދަލުކުރައްވާނެއެވެ. އަދި ދެގައުމުގެ ދެމެދުގައި ރަސްމީ މަޝްވަރާތައްވެސް އެދުވަހު ކުރިއަށް ގެންދަވާނެއެވެ. އެމަނިކުފާނު ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަންގާރަ ދުވަހުގެ ރެއެވެ.
ރައީސް ސޯލިހު ކޮލޮމްބޯއަށް ވަޑައިގެންފި
މިދިޔަ އަހަރު އޮކްޓޯބަރު އަދި ނޮވެންބަރުގައި ބޭއްވި ކެމްބްރިޖް ޖީސީއީ، އައިޖީސީއެސްއީ އަދި އެސްއެސްސީ އޯލެވެލް އިމްތިހާނުގެ ނަތީޖާ މިއަދު ދޫކުރަން ފަށައިފިއެވެ. ޑިޕާޓްމެންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަންސް (ޑީޕީއީ)އިން ބުނީ އަންނަ މަހުގެ ހަވަނަ ދުވަހުގެ ނިޔަލަށް ނަތީޖާ ދޫކުރާނެ ކަމަށެވެ. އަދި ރީޗެކަށް އެދި ހުށަހެޅުން އަންނަ މަހުގެ ހަތެއްގެ ނިޔަލަށް ހުޅުވާލާފައި ވާނެ ކަމަށް ވެސް ޑީޕީއިން ބުނެއެވެ. މިއަދު ސްކޫލުތަކުން ވަނީ ނަތީޖާ ދޫކުރަން ފަށާފައެވެ. ޑީޕީއިން ބުނީ ޕްރައިވެޓް ކެންޑިޑޭޓުންނަށް ނަތީޖާ ދޫކުރާނީ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ގެނައުމުންކަމަށާއި ބަދަލުގައި މީހަކު ފޮނުވާނަމަ ކެންޑިޑޭޓުގެ އައިޑީކާޑާއި ހަވާލުވާ ފަރާތުގެ އައިޑީކާޑު ގެންނަންވާނެ ކަމަށެވެ. ނަތީޖާ ދޫކުރުމަށް ހަމަޖެހިފައިވަނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 08:30 ން 13:30 އަށެވެ. މިދިޔަ އަހަރުގެ އޮކްޓޯބަރު އަދި ނޮވެމްބަރު މަހު ކުރިއަށް ދިޔަ ސާނަވީ އިމްތިހާނުގައި ރާއްޖެއިން 5،802 ދަރިވަރުން ބައިވެރިވިއެވެ.
ސާނަވީ އިމްތިހާނުގެ ނަތީޖާ ދޫކުރަން ފަށައިފި
ރާއްޖޭގައި ހިންގާ ހުރިހާ ޓޫރިސްޓު ރިސޯޓުތަކާއި ގެސްޓްހައުސްތަކާއި ހޮޓެލްތަކާއި ސަފާރީތައް މި އަހަރުގެ ތެރޭގައި އިންސްޕެކްޓުކުރަން ސަރުކާރުން ނިންމައިފިއެވެ. ދާދި ފަހުން ރާއްޖޭގެ ބައެއް ރިސޯޓުތަކުގައި ވަނީ އަލިފާނުގެ ހާދިސާތަކާއި، ޓޫރިސްޓުންނާއި މުވައްޒަފުން މަރުވުމުގެ ހާދިސާތަކެއް ހިނގާފައެވެ. މިހާރު ހިނގަމުންދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ޓޫރިޒަމް ދާއިރާގައި ދާދި ފަހުން ހިނގި ހިތާމަވެރި ހާދިސާތަކާ ގުޅިގެން، މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށްތަކައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އިސްނެންގެވުމުގެ މަތިން މަސައްކަތްތަކެއް ފެށުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން، ރައީސް އޮފީހުގެ އިސްނެގުމުގެ މަތިން ޓޫރިޒަމް މިނިސްޓްރީ، ފުލުހުން، އެމްއެންޑީއެފް އަދި މޯލްޑިވްސް އެސޯސިއޭޝަން ފޯރ ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) ގުޅިގެން ރާއްޖޭގެ ހުރިހާ ރިސޯޓުތައް އިންސްޕެކްޓުކުރުމުގެ މަސައްކަތް ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް އަށް މަހުގެ ތެރޭގައި މި މަސައްކަތްތައް ކުރާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ މިއީ ވަކި ބަޔަކާ ދެކޮޅަށް ކުރާ ކަމެއް ނޫން ކަމަށާއި، މި މަސައްކަތުގެ މައްސަލައަކީ ރިސޯޓުތަކުގައި ހުރި ބައެއް މައްސަލަތައް ފާހަގަކޮށް، އަދި ކަންކަން ރަނގަޅުކުރުން ކަމަށެވެ. އަދި 2019 ވަނަ އަހަރު ވެގެން ދާނީ ފަތުރުވެރިކަމުގެ އިންޑަސްޓްރީ އިތުރު ހަރުފަތަކަށް ކުރިއަށް ދާނެ، އަދި އިންގިލާބީ ބަދަލުތަކެއް ގެނުވާނެ އަހަރަކަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ރާއްޖޭގެ ހުރިހާ ޓޫރިސްޓު ޕްރޮޕަޓީތައް އިންސްޕެކްޓުކުރަނީ
އަށް ރަށެއްގެ ބޮޑެތި މަގުތައް ހެދުމަށް ބީލަމަށް ހުށަހެޅުމަށް ފިނޭންސް މިނިސްޓްރީން އިއުލާން ކޮށްފި އެވެ. އެ މިނިސްޓްރީން ބުރާސްފަތި ދުވަހު ނެރުނު އިއުލާނުގައި ބުނެފައިވަނީ، ޕްލޭނިން އެންޑް އިންފްރާކްޗާ މިނިސްޓްރީންގެ އެދިލެއްވުމުގެ މަތިން އަށް ރަށެއްގެ ބޮޑެތި މަގު ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ބޭނުންވާ ކަމަށާއި އެމަސައްކަތް ކުރުމަށް ޝަރުތު ހަމަވާ ފަރާތްތަކަށް ބީލަން ހުށަހެޅުމަށް ހުޅުވާލައިފައިވާ ކަަމަށެވެ. ބީލަމަށް ހުޅުވާލެވުނު އަށް ރަށް: ހދ. ހަނިމާދޫ ރ. އުނގޫފާރު ރ. ދުވާފަރު ބ. އޭދަފުށި ތ. މަޑިފުށި ލ. ފޮނަދޫ ޏ. ފުވައްމުލައް ސ. ހުޅުމީދޫ ފިނޭންސް މިނިސްޓްރީން ނެރުނު އިއުލާންގައި ބުނެފައިވަނީ، ކޮންމެ މަޝްރޫއުއެއްގެ ބިޑް ސެކުއިރިޓީ އަކީ 150،000 ރުފިޔާ ކަމަށެވެ. ބީލަން ގައި ބައިވެރިވުމަށް ފާއިސާ ބަލައިގަތުން ހަަމަޖެހިފައިވަނީ އަންނަ ހޯމަ ދުވަހުން ފެށިގެން މާޗު މަހު 12 އަށެވެ. އަދި ބީލަން ހުޅުވުން އޮންނާނީ މާޗު 19 ވަނަ ދުވަހު މެންދުރު 1:00 ގައި ފިނޭންސް މިނިސްޓްރީގެ ޓެންޑާ އެންޑް ޕްރޮޖެކްޓް މޮނީޓަރިންގެ ޖަލްސާ ކުރާ މާލަމުގައި އެވެ. މި މަސައްކަތައް ޝަރުތު ހަމަވާ ފަރާތެއް ހޯދުމަށް ހަމަޖެހިފައިވަނީ، އިންޓަނޭޝަލް ކޮމްޕެޓެޓިވް ބިޑިން (އައިސީބީ) ގެ އުސޫލުގެ މަތިން ކަމަށް ފިނޭސް މިނިސްޓްރީން ނެރުނު އިއުލާންގައި ބުނެފައިވެއެވެ.
އަށް ރަށެއްގެ މަގުހެދުމަށް ބީލަމަށް ހުޅުވާލައިފި
އަންހެނުން ކަސްރަތަށް ހޭލުންތެރި ކުރުވައި ކަސްރަތުގެ މުހިންމުކަން އަންގައި ދިނުމަށް އަންހެނުންނަށް ހާއްސަކޮށްގެން ޓީއެފްޖީއިން "ރަނިން ރަން"ގެ ނަމުގައި ދުވުމެއް ބާއްވަން ނިންމައިފި އެވެ. މާޗު އެކެއްގައި ބާއްވާ ރަނިން ރަންގެ ޓައިޓްލް ސްޕޮންސާއަކަށް ހަމަ ޖައްސާފައި ވަނީ ކެއާ ސޮސައިޓީ އެވެ. ޓީއެފްޖީން ބުނި ގޮތުން މިއީ އެންޖީއޯ އަކަށް ޓައިޓްލް ސްޕޮންސާ ދީގެން ދުވުމެއް ބާއްވާ ފުރަތަމަ ފަހަރެވެ. ރަނިން ރަން ލޯންޗު ކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޓީއެފްޖީގެ ސީއީއޯ ހުސައިން ޒިނާން ވިދާޅުވީ މި ދުވުމުން ކެއާ ސޮސައިޓީއަށް އެހީތެރިވުމަކީ ވަރަށް ބޮޑު ބޭނުމެއް ކަމަށެވެ. އެގޮތުން ދުވުންތެރިން ދުވުމަށް ރެޖިސްޓްރީވާން ދައްކާ ފީއިން 20 ޕަސެންޓް ކެއާ ސޮސައިޓީއަށް ހަދިޔާ ކުރާނެ ކަމަށާއި އަދި ޓީޝާޓު ވިއްކައިގެން ލިބޭ ރުފިޔާގެ 26 ޕަސެންޓް ކެއާ ސޮސައިޓީއަށް ހަދިޔާ ކުރާނެ ކަމަށެވެ. ދުވުން ރެޖިސްޓްރީ ފީ - 154 ރުފިޔާ ޓީޝާޓެއް 150 ރުފިޔާއަށް ރަނިންރަން އާ ބެހޭ މައުލޫމާތު ޓީއެފްޖީގެ ސީއީއޯ ޒިނާން ދެއްވަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ ޒިނާން ވިދާޅުވީ ކެއާ ސޮސައިޓީ ހިންގަނީ ވަރަށް ދަތި ހާލުގައިކަން މިއަދު އެނގުނު ކަމަށާއި އެހެން ކަމުން ޓީއެފްޖީއިން ކޮންމެވެސް ވަރެއްގެ އެހީއެއް ފޯރުކޮށްދިނުމަކީ ބޭނުމެއް ކަމަށެވެ. "ކެއާ ސޮސައިއިޓީގެ ނަން އާންމުންނަށް އަޑުއިއްވަން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނަން." ޓީއެފްޖީގެ ސީއީއޯ ހުސައިން ޒިނާން ވިދާޅުވި އެވެ. ކެއާ ސޮސައިޓީގެ ޗެއާމަން ތޯހާ ސަލީމް ވިދާޅުވީ ޓީއެފްޖީއިން ރަނިން ރަން ދުވުމުގެ ޓައިޓްލް ސްޕޮންސަރުކަން ދެއްވީތީ އުފާ ކުރާ ކަމަށެވެ. އަދި މީގެ ކުރިން އަބަދު ވެސް ދުވުންތަކުގައި ކޮމާޝިއަލް ފަރާތްތަކަށް ޓައިޓްލް ސްޕޮންސަރުކަން ދިން ނަމަވެސް މިފަހަރު އެންޖީއޯއަކަށް ދިނުމުން ކެއާ ސޮސައިޓީގެ ބެލެނިވެރިންނާއި ދަރިވަރުންނަށް ވެސް ބޮޑު އުފަލެއް ލިބިގެން ދިޔަ ކަމަށް ތޯހާ ވިދާޅުވި އެވެ. މިހާރު ވެސް ކެއާ ސޮސައިޓީ ހިންގަނީ ވަރަށް ހާލުގައި ކަން ތޯހާވެސް ފާހަގަ ކުރެއްވި އެވެ. ދުވުމުގު ހުރިހާ ކަމެއްގައި އަންހެނުން ރަނިންރަން ސްޕޮންސަރުންނާ އެކު ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ބައިވެރިން ދުވުމުގައި ހިލޭ ރެޖިސްޓްރީ ކޮށްދެނީ --- ސަންފޮޓޯ ފަޔާޒު މޫސާ 'ރަނިން ނަން' ނަން އެ ނަން ރަން އަށް ދެވުނީ އަންހެނުންނަށް ނިސްބަތްކޮށް ރަނިން ބޭނުންކޮށްގެން ކަމަށް ޓީއެފްޖީ އިން ބުނެ އެވެ. އަދި އެ ރަންގެ ހުރިހާ ކަމެއްގައި އުޅޭނީ އަންހެނުން ކަމަށް ޓީ އެފްޖީއިން ބުންޏެވެ. ޓީއެފްޖީގެ ހެޑް ރަނިން ކޯޗު ޝަޒްނާ މުހައްމަދު ވިދާޅުވީ ރަނިން ރަންގެ ހުރިހާ ކަމެއްގައި އުޅޭނީ އަންހެނުން ކަމަށެވެ. އެގޮތުން ދުވުންތެރިންނުން ފެށިގެން ރަން އިންތިޒާމު ކުރުމާއި އެ ރަންގެ އެންމެ ކުދި ކުދި ކަންކަމުގައި ވެސް އެންމެ ބޮޑެތި ކަންކަމުގައި ވެސް ހަރަކާތްތެރިވާނީ އަންހެނުން ކަމަށް ޝަޒްނާ ވިދާޅުވި އެވެ. ރަނިންރަން އާ ބެހޭ ގޮތުން ޓީއެފްޖީގެ ހެޑް ރަނިން ކޯޗު ޝަޒްނާ ވާހަކަފުޅު ދައްކަވަނީ --- ސަންފޮޓޯ ފަޔާޒު މޫސާ އެ ރަން އަންހެނުންނަށް ހާއްސަ ކުރަނީ ކަސްރަތު ކުރުމާއި ހެލިފެލިވެ އުޅުމަށް އަންހެނުންނަށް ބާރު އެޅުވުމުގެ މަގްސަދުގައި ކަމަށް ޝަޒްނާ ވިދާޅުވި އެވެ. އެ ރަންގައި ދުވަން ޖެހެނީ ހަތް ކިލޯ މީޓަރަށެވެ. ޝަޒްނާ ވިދާޅުވީ އެއްގޮތަކަށް ދުވުމެއްގައި ބައިވެރިނުވާ މީހަކު ވެސް ހަތް ކިލޯ މީޓަރަށް ދުވަން ޓީއެފްޖީން ޓްރެއިން ކޮށްދޭނެ ކަމަށެވެ. ދުވުމުގެ ޓްރެއިނިންގެ ބޭނުންވާ ފަރާތްތަކުން ޓީއެފްޖީއަށް ގުޅުއްވުމަށް ޝަޒްނާ އެދިލެއްވި އެވެ. ރަނިންރަންގެ މީޑިއާ ޕާޓްނަރު ސަން އޮންލައިންއާ އެކު އެއްބަސްވުމުގައި ސޮއިކުރުން --- ސަންފޮޓޯ/ ފަޔާޒު މޫސާ މަޝްހޫރު ޓީޓީ ކުޅުންތެރިޔާ އަދި ޓީއެފްޖީގެ މާސްޓާ ޓްރެއިނާ މުއީނާ މުހައްމަދު ވެސް ވަނީ އަންހެނުން ކަސްރަތު ކުރުމާއި ހެލިފެލިވެ އުޅުމުގެ މުހިންމުކަން ފާހަގަ ކުރައްވައިފަ އެވެ. މުއީނާ ވިދާޅުވީ މިހާރު ވެސް މާލޭގައި ގިނައިން ފެންނަނީ އަންހެނުން ސައިކަލު ދުއްވާފައި އުޅޭތަން ކަމަށާއި އޭގެ ބަދަލުގައި ހިނގާފައި އުޅުން ނުވަތަ ބައިސްކަލު ދުއްވުން ކަހަލަ ކަމެއް ހިޔާރު ކުރަން ޖެހޭ ކަމަށެވެ. ރަނިން ރަން އޮންނަނީ އެކެއް މާޗު ވަނަ ދުވަހު ހުޅުމާލޭގަ އެވެ. މިހާރު ރެޖިސްޓްރޭޝަނަށް ވަނީ ހުޅުވާލާފަ އެވެ. http://www.gotorace.com/event/runinrun-2019/ދުވުމުގައި ޖުމްލަ ރެޖިސްޓްރީ ކޮށްދެނީ 1000 ފަރާތެވެ. ރަނިންރަންގެ އޮންލައިން މީޑިއާ ޕާޓްނަރަކީ ސަން އޮންލައިން އެވެ.
ޓީއެފްޖީން އަންހެނުންނަށް ހާއްސަކޮށް "ރަނިން ރަން" ބާއްވަނީ
މޯލްޑިވްސް މީޑިއާ ކައުންސިލްގެ މެމްބަރުކަމަށް ކުރިމަތިލުމަށް ހޯމް މިނިސްޓްރީން އިއުލާން ކޮށްފި އެވެ. މިޑިއާ ކައުންސިލްގެ މެމްބަރަކަށް ކުރިމަތިލުމަށް ހުޅުވާލައިފައި މި ވަނީ އަންނަ އަންގާރަ ދުވަހަށް އެ ކައުންސިލްގެ މެމްބަރެއްގެ މެމްބަރުކަމުގެ ދައުރު ހަމަވާތީ އެވެ. ހޯމް މިނިސްޓްރީން މިދިޔަ ބުރާސްފަތި ދުވަހު ނެރުނު އިއުލާންގައި ބުނެފައިވަނީ އެ ކައުންސިލްގެ މެމްބަރުކަމަށް ކުރިމަތިލައްވަން އެދިވަޑައިގަންނަވާ މީޑިއާތަކުން، މި މަހު 13 ވަނަ ދުވަހުގެ ނިޔަލަށް ކުރިމަތިލުމަށް ހުޅުވާލައިފައިވާ ކަމަށެވެ. މީޑިއާ ކައުންސިލް އެކުލެވިގެންވަނީ މީޑިއާތަކުން އަށް މެންބަރުންނާއި އާންމުންގެ ހަތް މެންބަރުން ހިމެނޭގޮތައް މުޅި ޖުމްލަ 15 މެމްބަރުންނެވެ. ކައުންސިލަށް ހޮވޭ މެންބަރުންގެ މުއްދަތަކީ ދެ އަހަރެވެ. އަދި އެއްވެސް ފަރާތަކަށް ކައުންސިލުގެ މެންބަރުކަމުގައި ވިދިވިދިގެން ދެ ދައުރު އަދައެއް ނުކުރެވޭނެއެވެ. މިދިޔަ ޑިސެމްބަރު މަހު 15 ވަނަ ދުވަހު ވަނީ އާ ކައުންސިލެއް އިންތިހާބުކޮށްފައެވެ. އޭރު އިންތިހާބުކޮށްފައިވަނީ މީޑިއާތަކުން ހަތް މެމްބަރަކާއި އާންމުންގެ ތެރެއިން ހަތް މެމްބަރުންނާއެކު މުޅި ޖުމްލާ 14 މެމެބަރުންނެވެ.
މީޑިއާ ކައުންސިލް މެމްބަރަކަށް ވުމަށް ހުޅުވާލައިފި
ގދ. އަތޮޅުގައި އޮންނަ ހަވޮޑިގަލާ ނަމަކަށްކިޔާ ފަޅުރަށަކަށް ބަޔަކު އަރައި ހަރަކާތްތަކެއް ހިންގަމުންދާ މައްސަލައެއް ބަލައިދިނުމަށް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗާ މިނިސްޓްރީން ފުލުހުންގެ އިދާގައި އެދެފި އެވެ. އެ މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ އެ މިނިސްޓްރީގެ ބެލުމުގެ ދަށުގައިވާ ހަވޮޑުގާލާ ފަޅުރަށަށް މީހުން އަރައި އެ ރަށުގައި ހަރަކާތްތަކެއް ހިންގާ ކަމަށް މިނިސްޓްރީއަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެފަދަ އަމަލެއް ބަޔަކު ކުރާނަމަ އެކަން ވަގުތުން ހުއްޓާލުމަށް އެ މިނިސްޓްރީން ވަނީ ގޮވާލާފައެވެ. އަދި އެ ރަށަކީ ރާއްޖޭގެ ފަޅުރަށް ރަށާބެހޭ ގާނޫނުގެ ދަށުން އެއްވެސް ފަރާތަކަށް ވަރުވާއަށް އަދި ކުއްޔަށް ދީފައިވާ ރަށެއް ނޫން ކަމަށްވެސް ބަޔާނުގައި ވަނީ ބުނެފައެވެ.
ހަވޮޑިގަލާ އަށް ބަޔަކު އަރައި ހަރަކާތްތަކެއް ހިންގާ މައްސަލައެއް ބަލަން އެދިއްޖެ
މިއަހަރު ނިމުމުގެ ކުރިން އޮންލައިންކޮށް ޕާސްޕޯޓަށް އެދި ހުށަހެޅޭނެ ނިޒާމެއް ގާއިމުކުރާނެކަމަށް އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) ވިދާޅުވެއްޖެއެވެ. އިމިގްރޭޝަނުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ކޮންޓްރޯލާ ވިދާޅުވީ އިމިގްރޭޝަނުން ފޯރުކޮށްދޭ ހިދުމަތްތައް ހޯދުމުގައި ރައްޔިތުންނަށް ފަސޭހަކޮށްދިނުމަށް ގިނަ ކަންތައްތަކެއް ކުރަން ނިންމާފައިވާ ކަމަށެވެ. ޕާސްޕޯޓު ހެއްދުމަށް ބޮޑެތި ތަކުލީފު އުފުލަން ޖެހުމަކީ ރައްޔިތުންގެ ޝަކުވާއެއް ކަމަށާއި އެކަމަށް ހައްލު ގެނައުމަށް ރައްޔިތުން ބޭނުންވާގޮތަށް ހިދުމަތް ފޯރުކޮށްދެންޖެހޭ ކަމަށް ހަނަފީ ވިދާޅުވިއެވެ. "މިކަމަށް މިހާރުން މިހާރަށް ލިބޭނެ ހައްލަކަށް ފެނުނީ އީމެއިލްގެ ޒަރިއްޔާއިން ކޮންމެ ރަށެއްގައި ހުރެގެންވެސް ޕާސްޕޯޓަށް އެދުމުގެ ފުރުސަތު ހުޅުވާލުން. އަދި ޕާސްޕޯޓު ކަލެކްޝަންއަށް ހަތަރު ސެންޓަރު މެދުވެރިކޮށް ފުރުސަތު ހުޅުވާލުން،" މާލޭގެ އިތުރުން އައްޑޫ އާއި ކުޅުދުއްފުށި، އަދި ފުވައްމުލަކުގައި އިމިގްރޭޝަނުގެ ސެންޓަރުތައް ވަނީ ގާއިމްކޮށްފައެވެ. އޮންލައިންކޮށް ޕާސްޕޯޓަށް އެދުމުގެ ފުރުސަތު މިއަހަރު ނިމުމުގެ ކުރިން ހުޅުވާލާއިރު، އިމިގްރޭޝަނާ މުއާމަލާތް ކުރެވޭނެ ހާއްސަ ނިޒާމެއް ގާއިމްކޮށް އަންނަ މަހުގެ 25 އިން ފެށިގެން އިމިގްރޭޝަނުގައި ކޯލް ސެންޓަރެއް ގާއިމުކުރަންވެސް ވަނީ ނިންމައިފައެވެ. މީގެ އިތުރުން އިމިގްރޭޝަނަށް ޝަކުވާ ހުށަހެޅުމަށް މިއަދުން ފެށިގެން ހާއްސަ އީމެއިލް އެއް ވަނީ ގާއިމްކޮށްފައެވެ. މީގެ ކުރިން ފަސް ދުވަހުން ދޫކުރަމުން އައި ބިޒްނަސް ވިސާ، މިހާރު 48 ގަޑިއިރު ތެރޭ ލިބޭނެ ކަމަށާއި، އަންނަ މަހުގެ ތެރޭގައި އައްޑޫ ސިޓީއިންވެސް ބިޒްނަސް ވިސާ ދޫކުރާނެކަމަށް ހަނަފީ ވިދާޅުވިއެވެ. "އެއީ މާލެއިން ބޭރުން ފުރަތަމަ މިހިދުމަތް ދެވޭ ރަށް. އެޖެންސީތައް ބާރުވެރިކޮށް ޕާސްޕޯޓު ބަލައިގަތުން އެ ބޭފުޅުން މެދުވެރިކޮށް ބަލައިގަތުމުގެ ހިދުމަތްވެސް ފެބްރުއަރީ ފުރަތަމަ ހަފްތާގެ ތެރޭގައި ހުޅުވާލާނަން،" ކޮންޓްރޯލާ ހަނަފީ ވިދާޅުވީ އިމިގްރޭޝަނުން ދޫކުރާ ކޯޓާއާއި އެހެން ހިދުމަތްތަކާ ގުޅޭ ތަފާސްހިސާބު ހަފްތާއަކު އެއްފަހަރު އާންމު ކުރަންވެސް އިމިގްރޭޝަނުން ވަނީ ނިންމައިފައެވެ.
އޮންލައިންކޮށް ޕާސްޕޯޓަށް އެދެވޭ ނިޒާމެއް ގާއިމުކުރަނީ!
ވިލިމާލެ ސާފުކޮށް 35 ޓަނުގެ ކުނި ނަގައިފި އެވެ. ވިލިމާލެ ސާފުކުރުމުގެ ހަރަކާތެއް މިއަދު ކުރިއަށްގެންގޮސްފައިވާ އިރު އެ ހަރަކާތުގައި ނައިބު ރައީސް ފައިސަލް ނަސީމް ވެސް ވަނީ ބައިވެރިވެ ވަޑައިގެންފަ އެވެ. "ސާފު ރާއްޖެ- އަހަރެންގެ ވެސް ޒިންމާ" ކެމްޕެއިނުގެ ދަށުން ކުރިއަށް ގެންދިޔަ ސާފުކުރުމުގެ ހަރަކާތަކީ މާލެ ސިޓީ ކައުންސިލާއި ވެމްކޯ އަދި ފުލުހުން ގުޅިގެން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. މި ހަރަކާތުގެ ދަށުން ވިލިމާލެ ގޮނޑުދޮށާއި ސިނާއީ ސަރަހައްދުގެ އިތުރުން ޕާކުތައް ވަނީ ސާފުކޮށްފަ އެވެ. މާލޭ ސިޓީ ކައުންސިލުން ބުނީ ވިލިމާލެ ސާފުކުރުމުގެ ހަރަކާތުގައި އެ ރަށުން ގިނަ އަދަދެއްގެ ޕްލާސްޓިކް ފުޅި އެއްކުރެވުނު ކަމަށެވެ. "ސާފު ރާއްޖެ- އަހަރެންގެ ވެސް ޒިންމާ" ކެމްޕެއިނުގެ ދަށުން މިދިޔަ މަހު ވެސް ވަނީ ސާފުކުރުމުގެ ހަރަކާތްތައް ކުރިއަށް ގެންގޮސްފަ އެވެ.
ވިލިމާލެ ސާފުކޮށް 35 ޓަނުގެ ކުނި ނަގައިފި
އަނާލް އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އުފާވެފައިވާވަރު އޭނާގެ މޫނުމަތިން ހާމަވަމުން ދިޔައެވެ. އިޒިއަންއާ އެކު ހަޔާތުގެ ބާކީބައި ވޭތުކުރުމަށް އޭނާ އެނެގި ފިޔަވަޅަކީ ރަނގަޅު ފިޔަވަޅެއް ކަމުގައި ޤަބޫލް ކުރެވުނެވެ. އެރޭ އިޒިއަންއާއި އަނާލްގެއަށް ދިޔައީ އެތަކެއް އަހުދުތަކަކާ ވައުދެއް ވަމުންނެވެ. އެކަކު އަނެކަކަށް އުފާވެރިކަން ހިއްސާކުރަމުންނެވެ. ލޯބީގެ މާ ބަގީޗާއަށް އާރޯކަން ގެނެސްދީ މާތަށް މޯޅިވިޔަ ނުދީ އަބަދަށް އެ ތާޒާ ކަމުގައި ބަހައްޓަން ހުވާކުރަމުންނެވެ. ***** ހަލުވިކަމާއެކު ދުވަސްތައް ފާއިތުވަމުން ދިޔައެވެ. އިޒިއަންއާ އަނާލް ގުޅުނުފަހުން މަދުމަދުން ދެ އާއިލާ ވެސް ބައްދަލުވުންތައް ބާއްވައެވެ. އެއީވެސް އެފަދަ ދުވަހެކެވެ. އަނާލްއާއި އިޒިއަންއާ ދެމީހުން ވެސް ގިނަދުވަހު ކައިވެނި ނުކޮށް ތިބެން ބޭނުންނުވުމާއެކު އާއިލާގެ އެންމެން ބައްދަލުވީ އެ ދެމީހުންގެ އެދުމުގެ މަތިން ކައިވެނީގެ ކަންތައްތައް ކުރިއަށް ގެންދާނޭ ގޮތަކާމެދު މަޝްވަރާކުރުމަށެވެ. އެންމެން އެއްތަންވީ ހަވީރުގެ ސައިގެ ވަގުތުގައެވެ. ފަހީމް މެންގޭގެ ބިއްދޮށުގައި ހައްދާފައިވާ މާބަގީޗާގައި އެ ދުވަހުގެ ސައި ވަނީ ތައްޔާރުކުރެވިފައެވެ. ވިނަގަނޑުގެ އެއްފަރާތަށް ވާގޮތަށް ބަހައްޓާފައިވާ ދިގު މޭޒު ދޮށުގައި އެންމެން ތިއްބެވެ. އޭގެ އަނެއް ފަރާތުގައި ސްވިމިންގް ޕޫލެއް ވެއެވެ. ޖެހެމުންދަނީ ފިނި ވައިރޯޅިތަކެކެވެ. ތަންކޮޅެއް ދުރުގައި ހައްދާފައިހުރި ބިޔަ ގަހެއްގެ ހިޔާ ވަނީ މުޅި އެހިސާބަށް ވެސް އެޅިފައެވެ. ތަފާތު ވައްތަރުގެ ބަގީޗާ ގަހާއި މާ ގަސްތަކުގައި ފަރިވެގެން ތިބި މާތަށް އެމީހުންގެ މީރުވެސް މުޅިތަނަށް ފަތުރަމުން ދިޔައެވެ. މާހައުލު އެއްވަސް ކޮށްލާފައިވަނީ ކާއެއްޗެހީގެ މީރުވަހާ މާތަކުގެ މަޑުމަޑު މީރުވަހުންނެވެ. މޭޒުމަތީގައިހުރި މަގުތަކުގައި ހުރި ކޮފީއިން އާވި އަރައަރާ ހުއްޓެވެ. ކޮންމެ މީހެއްގެ މޫނުމަތިންވެސް ހިނިތުންވުމެއް ފެންނަމުން ދިޔައެވެ. އެމީހުންނަށް އެއްވެސް އިތުރުކަމެއް ބޭނުންވޭތޯ އޮލީވިއާ ނޫނީ އެމިލީ އެތަނުގައި ހަރަކާތް ތެރިވަމުން ދިޔައެވެ. ވާހަކަދެކެވެމުން ދިޔައީ ދެކުދިންގެ ކައިވެންޏާ ބެހޭ ގޮތުންނެވެ. ވިޔަފާރީގެ އިތުރުން އާއިލީ މަތިވެރި ގުޅުމުން ދެއާއިލާ ގުޅޭތީ ކޮންމެ މީހެއްގެ މޫނުމަތިންވެސް ފެނިގެން ދަނީ އުފާވެރިކަމެވެ. "ދެން ލަސްކުރާނަކެމެއް ނެތެއްނު، ދެކުދިންވެސް ބޭނުންވަނީ އެންމެ އަވަހަށް ކައިވެނީގެ ކަންތައްތައް ނިންމާކައްނު، އެހެންވީމަ ރަނގަޅަށް ވިސްނާފަ ގޮތެއް ނިންމަމާ....." ފަހީމް ފަހަރަކު މީހެއްގެ މޫނަށް ބަލާލިއެވެ. މޭޒު ދޮށުގައި ތިބި ބޮޑެތި އެންމެން ބޯޖަހާލިއެވެ. ކޮންމެއަކަސް އެތަކެއް މަޝްވަރާއަކަށްފަހު ތާރީހެއް ކަނޑައެޅިއްޖެއެވެ. އިޒިއަން އަނާލްއަށް ބަލާލިއެވެ. އަނާލް ލަދުން އިސްޖަހާލިއެވެ. ދީމް ވެސް އަނާލްގެ ކަންފަތް ދޮށަށް ގުދުވެލާ ދިމާކޮށްލިއެވެ. އެއާއެކު ވަކިން ބޮޑަށް އަނާލްގެ ލަދުވެތިކަން ފާޅުވެގެން ދިޔައެވެ. ކައިވެނިކުރަން ހަމަޖެހުނީ އެއްމަސް ފަހުން ކަމަށްވިނަމަވެސް ވާންޖެހޭ ތައްޔާރީތައް ނުހަނު ގިނަކަން ދެ އާއިލާގެ މެންބަރުންވެސް ފާހަގަކުރިއެވެ. ވުމާއެކު ހުރިހާކަމެއް ވެސް އެންމެ އެކަށީގެންވާ ގޮތުގައި މީހުންގެ މެދުގައި ބަހާލެވުނެވެ. އަނާލްގެ ކައިވެނީގެ ހެދުމުގެ ކަންތައް ހަމަޖައްސަން އަކްނިޒާ ނިންމީ އެއާއިލާގައި މޮޅެތި ފެހުންތެރިން އުޅޭތީ އެމީހުންގެ ހިޔާލާ އެއްގޮތަށް އަނާލްއާ ގުޅޭގޮތުން ހެދުމެއް ފެއްސުމުގެ ގޮތުންނެވެ. އިޒިއަންގެ ގަމީހާ ފަޓްލޫންގެ ކަންތަކާ ވެސް އަކްނިޒާ ހަވާލުވިއެވެ. ދީމްގެ ބެލުމުގެ ދަށުން މޭކަޕް އާރޓިސްޓުން ހޯދަން ނިންމިއިރު އައްމާރުމެން ތަނުގެ ޑެކަރޭޝަންއާ ހަވާލުވިއެވެ. ކާއެއްޗެހި ތައްޔާރު ކުރާނޭ ބަޔަކާއި އެހެނިހެން ކަންތައްތައް ކުރުމަށް ވެސް ފަހީމްމެން ހަވާލްވާ ގޮތައްނިންމީ ކައިވެނި ކުރަން ނިންމީ އެމީހުން އެންމެ ފަހުން ހުޅުވި ފަސްތަރީގެ ހޮޓަލުގައި ކަމުގައި ވާތީއެވެ. ހީކުރި ވަރަށްވުރެ ފަސޭހަކޮށް ކަންތައްތައް ހަމެޖެހި ދެން ދެކެވެން ފެށުނީ ދައުވަތުދޭ މެހެމާނުންގެ ވާހަކައެވެ. ދެފަރާތުން ވެސް ވާހަކަ ދެއްކުމަށްފަހު ލިސްޓް ތައްޔާރުކުރުމަށް ނިންމާ އެންމެ ލަސްވެގެން ފަސްވަރަކަށް ދުވަހުގެ ތެރޭގައި ފަހީމްއާ ހަވާލުކުރާގޮތަށް ހަމެޖެހުނެވެ. ވެޑިން ކާރޑުގެ މަސައްކަތް ނިންމޭނީ އޭރުންނެވެ. ދެފަރާތުގެ އާއިލާގެ ހުރިހާ މެންބަރުންނަށާއި އަދިވެސް ރައްޓެހި ރަހްމަތްތެރިންނަށް ދައުވަތުދޭންވާނޭކަމަށް އައްމާރު ބުންޏެވެ. އެކަމާ އެކަކުވެސް ދެބަހެއްނުވިއެވެ. އަކްނިޒާމެން ވެސް ބޮޑެތި ތައްޔާރީތަކެއް ވާންޖެހޭނެއެވެ. ރާއްޖޭން ބޭރުގައި ދިރިއުޅޭ އެންމެހާ އާއިލާގެ މަންބަރުންނަށް ވެސް ދުރާލާ ދަޢުވަތު ދޭންޖެހޭނެއެވެ. އަންނަން ފަސޭހަ ވާނީ އޭރުންތާއެވެ. ކުރިންދުވަހު އަކްނިޒާ އެ އާއިލާގެ އެހެން މެންބަރުންނަށް ގުޅައިގެން އުޅުނުއިރު ކުޑަގޮތަކަށް އިޒިއަންގެ ކައިވެންޏާ ބެހޭގޮތުން ވާހަކަ ދައްކަމުންދާ ވާހަކަ އޮތީ ބުނެފައެވެ. ކޮންމެއަކަސް އެ ދުވަހުގެ ބައްދަލުވުމަށްފަހު ދެ އާއިލާގެ ގުޅުން ނުހަނު ބޮޑަށް ބަދަހިވެގެން ހިނގައްޖެއެވެ. އަކްނިޒާއާއި މަޒާޔާއާ ދެމީހުން އެކަކު އަނެކަކާ ހިއްސާކުރާ ވާހަކަތައް ގިނަވެއްޖެއެވެ. ހަފްތާއަކު އެއްދުވަހު ކަހަލަ ގޮތަކަށް ދެމީހުން ބައްދަލުކުރެއެވެ. ކައިވެނީގެ ވާހަކަ ދެއްކުމަށާއި ކުރަންޖެހޭ ކަންތައްތައް ނިންމުމަށެވެ. ***** ކައިވެންޏަށް ދެ ހަފްތާއަށް ވެފައި އޮއްވާ ފަހީމްގެ އާއިލާގެ ރާއްޖޭން ބޭރުގައި އުޅޭ ހުރިހާ އެންމެން ވެސް އައެވެ. އެއާއެކު ގޭތެރެ ހަލަބޮލިވެގެން ދިޔައެވެ. އަހުސަންއަކީ ފަހީމްގެ ހުރި ހަމައެކަނި އެއްބަނޑު އެއްބަފާ ކޮއްކޮއެވެ. އަހްސަން އެއްކޮށް ރާއްޖެއަށް ބަދަލުވާން ބޭނުން ވިނަމަވެސް އެކަންނުވެފައި މިހާތަނަށް އޮތީ އޭނާގެ އަންހެނުން ޝަޒްނާގެ ސަބަބުންނެވެ. ރާއްޖެއަށް ދިރިއުޅުން ބަދަލުކުރަން ޝަޒްނާ އެއްބަސް ނުވެގެންނެވެ. ޝަޒްނާއާއި އަހުސަންއާ އިންދެގެން ލިބުނު ދެ އަންހެން ކުދިން ވިހެއިތާ ދެމަސް ތެރޭ ނިޔާވި ފަހުން އަދި އެ ދެމަފިރިންނަށް ކުއްޖަކު ނުލިބެއެވެ. އެކަމާ އަހްސަންއާއި ޝަޒްނާ ކިތަންމެ ދެރަވިޔަސް އުންމީދު ކުރުން ހުއްޓައެއްނުލައެވެ. ޝަޒްނާއާއި އަހްސަންއަކީ ދެ ކެރިއަރުންނަށް ވުމާއެކު ލިބުނު ދެދަރިންވެސް ތެލްސީމިއާ ކުދިންނަށް ވީއެވެ. އެނގުނު އިރު މާލަސްވީއެވެ. ކައިވެނީގެ ކުރިން އެކަކުވެސް ތެލްސީމިއާ ޓެސްޓެއް ނުކުރެއެވެ. އޭރު މާ މުހިންމު ކަމަކަށް ނުވީއެވެ. ހުރިހާ ކަމެއް އެނގުނު އިރު ދެން ކުރެވޭނޭ އިތުރު ކަމެއް ނެތީއެވެ. ދަރިއަކު ހޯދަން ދެމަފިރިން މިހާރުވެސް އުންމީދު ކުރަމުން ދާއިރު ޑޮކްޓަރުގެ ވާހަކަތައްމަތިން ހަނދާން ނުހުންނަނީކީނޫނެވެ. އެހެންނަމަވެސް އުންމީދު ކުރެވެނީ ސިއްޙަތު ސަލާމަތުންހުރި ނޯރމަލް ކުއްޖެއް ލިބުމަށެވެ. ކިނާންއަކީ އެންމެ ކުޑައިރުއްސުރެ އަކްނިޒާއާއި ފަހީމް ގެންގުޅެމުންދާ ކުއްޖެކެވެ. އިޒިއަންއަށް ވުރެ ދެ އަހަރު ހަގު ކިނާން އަކީ ސަކަރާތް ބޮޑު މަޖާ މިޒާޖެއްގެވެރި ކުއްޖެއެވެ. އެ އާއިލާގެ އުފާވެރިކަން ދެމެހެއްޓުމުގެ އިސްރޯލެއް ކިނާން ވެސް އަދާކުރެއެވެ. ކިނާން ފޫހިކަމާއެކު ގޭތެރޭގައި އެނބުރެމުން ދިޔައެވެ. އައިފަހުން އަދި އިޒިއަން އޭނާގެ ދެލޮލަށް ނުފެނެއެވެ. "އިޒިއަނޫ.... އިޒިއަނޫ" ދޮރުގައި ޓަކި ޖަހާލަމުން އޭނާ އަނގަޔަށް ވައްތަރެއް ޖައްސާލަމުން ގޮވާލިއެވެ. މާލަސްތަކެއްނުވެ އިޒިއަން ދޮރު ހުޅުވާލިއެވެ. އޭނާހުރީ މަޑު ފެހިކުލައިގެ ޓީޝާޓެއްގައެވެ. ބޮލުގައި އެއްވެސް ތަރުތީބުކަމެއް ނެތަސް ތެތްކޮށް ހުރުމުން އެ ހުރީ ފެންވަރައިގެން ނުކުމެކަން ކިނާން ދެނެގަތެވެ. "ކީއްތަ ތި ކުރަނީ؟ މިއަދު އައި ފަހުން ލޮލަށް ފެނުނީކީ ނޫން، ކޮން އިރަކުންތަ ފަހަރި ދައްކާލާނީ؟" އައިސް އެނދުމައްޗަށް ވެއްޓި ގަންނަމުން އެއްބުމަ އަރުވާލުމާއެކު ކިނާން ސުވާލުކޮށްލިއެވެ. "ސާބަހޭ! އަހަރެން ފަހަރި ނުދައްކައިގެންތަ ތިއުޅެނީ؟" އިޒިއަން ލޯގަނޑުން ކިނާންއަށް ބަލަންހުރެ ވާހަކަ ދެއްކިއެވެ. "ދެން ދެއްކީމައެއްނު އިނގޭނީ މަގޭ ދޮންބެގެ ހިތް ދީވާނާ ކޮށްލި ޕަރީ އަކީ ކާކުކަން، ކޮން ޖާދޫއެއްތަ ޖައްސައިގެން އެއުޅެނީ، ހާދަ ޚާއްސަވާނޭ ދޯ އަހަރެންގެ ދޮންބެ ދައްތަ، ހަހަ" ކިނާން ހިނިގަނޑެއްޖަހާލިއެވެ. "އާނ! އަހަރެންގެ ލައިފްގަ ދިމާވި އެންމެ ތަފާތު، އެންމެ ހާއްސަ ކުއްޖަކީ އެއީ، އިނގެއެއްނު ކޮންމެ ކޮންމެ ކުއްޖަކަށް މި ހިތް އަތުލުމަކީ ފަސޭހަ ކަމަކަށް ނުވާނެކަން" އިޒިއަން ވެސް ދެރަނުވާންވެގެން އަމިއްލަ މޭގައި އަތް ޖަހާލަމުން ބުނެލިއެވެ. "ހޫން ހެވޭ، މިހާރު ހޭންޑްސަމް ވެސް ވެއްޖެހެން ހީވަނީ" ކިނާން އަނގަޔަށް ވައްތަރެއް ޖައްސާލިއެވެ. "ކީއްވެގެންނޭ މާ ހެވިފަ ތި އިންނަނީ، ކިޔެވުން ނިމުނީނު. ބަންދު ނުވެގެން ނާދެވިފަ ހުރި ވާހަކަ ބުނި މަންމަ. އަނެއްކާ ވެސް އެކޮޅައްތަ ދަނީ؟ ހިޔެއްނުވޭ އަހްސަން އަންކަލްމެން މަޑު ކުރާނެހެނެއް، އެކަމަކު ނާނުއަށް މަޑު ކުރެވޭނެއެއްނު. މިކޮޅުން ޖޮބެއްވެސް ހޯދިދާނެއެއްނު..." އޯޑިއޮލޮޖިސްޓް އެންޑް ސްޕީޗްލޭންގުއޭޖް ޕެތޮލޮޖިސްޓްއަކަށް ވުމަށްފަހު ކިނާންއަށް ރާއްޖޭން ވަރަށް ފަސޭހައިން ވަޒީފާ ހަމަޖެހޭނެތީ އިޒިއަން ބުނެލިއެވެ. ދެން ނުދާނަން! ރާއްޖެއިން ވަޒީފާ ހަމަޖެހޭތޯ މަސައްކަތް ކުރާނީ..." ކިނާން ބުނެލިއެވެ. އޭނާ ހިނިތުންވެލިއެވެ. އިޒިއަން ވެސް ހީގަތެވެ. "އެކަމަކު އެއީ ތި ހޯދި ކަހަލަ ރީތި ރީތި ޕަރީއެއް ލިބެންޏާ އިނގޭ، އެހެންނޫނީ މިތާކު ނުހުންނާނަން" ކިނާން އެއްލޯ މަރާލަމުން ބުނެލިއެވެ. އިޒިއަން ދެފަރާތަށް ބޯ ހޫރާލިއެވެ. ދެމީހުން ސަކަރާތް ޖެހުމުގައި އެތަކެއް ވަގުތެއް ހޭދަކުރިއެވެ. ***** ރޭގަނޑުގެ ވަގުތެވެ. އިޒިއަންގެ ކޮޓަރިއާ ޖެހިގެން ކިނާންގެ ކޮޓަރި ހުންނައިރު ކިނާންގެ ކޮޓަރިން ވެސް ނުކުމެވެނީ އިޒިއަން ވެސް ނުކުންނަ ބެލްކަންޏަށެވެ. އެހެންނަމަވެސް ދެ ކޮޓަރި ވަކި ވާހިސާބުން ބެލްކަނީގައި ވަނީ މެދުން ވާގޮތަށް ދަގަނޑެއް ޖަހާ ހަރުކޮށްލާފައެވެ. އިޒިއަން ބެލްކަންޏަށް ނުކުތްއިރު އަނެއްފަރާތުގައި ކިނާން ހުރިކަމެއް ނޭނގެއެވެ. ބެލްކަނީގައި އިން ބޮކިވެސް ހުރީ އަނދާފައެވެ. އޭގެ އިތުރުން ކިނާންގެ ކޮޓަރިއާ ދިމާލަށް އަނބުގަހުގެ ގޮފިތައް އެޅިފައި ހުރުމުން އޭނާއަށް ފާހަގަ ނުކުރެވުނީއެވެ. ފޯނަށް ބަލާލަމުން އިޒިއަން އަނާލްއަށް ގުޅާލިއެވެ. ފުރަތަމަ ރިންގާއެކު އަނާލް ފޯން ނެގިއެވެ. "ނާލް.... " އިޒިއަން ގޮވާލިއެވެ. އެކޮޅުން ނާލް ވެސް އާއެކޭ ބުނުމުން އިޒިއަން ވާހަކަ ދައްކަންފެށިއެވެ. "އައި އޭމް ސޯ އެގްޒައިޓެޑް" އިޒިއަން ބުނެލިއެވެ. އިރުކޮޅަކު އަމިއްލަ ވާހަކަތަކެއް ދެއްކުމަށް އިޒިއަންއާއި އަނާލް ތިއްބެވެ. "ނާލް! މާދަމާ ހޮނިހިރު ދުވަސް، ދާނަން އިނގޭ ބަލާ، ފެމިލީ އެންމެނަށް ނާލް އިންޓްރޮޑިއުސް ކޮށްދޭން ވެސް ޖެހޭނެއެއްނު" އިޒިއަން ބުނެލިއެވެ. އަނާލް އާބަސް ދިނުމުން އިޒިއަން ހިނިތުންވެލިއެވެ. ދެމީހުން ވަކިވީ އެކަކު އަނެކަކަށް ލޯބިވާކަން ހާމަކޮށްދީފައެވެ. "އުހުމް އުހުމް...." އިޒިއަން ސިހުނީ އެއްފަރާތުން މީހަކު ކަރުކެހިލި އަޑަށެވެ. ސިހިފައި ބަލާލިއިރު ކިނާން ނުލަފާ ވައްތަރަކަށް ހީގަނެގެން ހުއްޓެވެ. އިޒިއަން ދެލޯ އަޅާލަމުން ކިނާންއާއި ދިމާލަށް އައެވެ. ދެފަރާތަށް ބޯ ހޫރާލަމުން ދެ އަތް މައްޗަށް ނަގާ ކިނާން އަމާން ދިނެވެ. "ބަލާބަލަ ދައްކާ ވާހަކަ އަޑުއަހަން ކަންފަތް ދީގެން ހުރިވަރު..." އިޒިއަން ބުނެލިއެވެ. "ކަންފަތް ދިނީކީ ނޫން، ކަންފަތް ހުރީތީ އަޑު އިވުނީ، ހާދަ ލޯތްބެކޭ ތިވަނީ ފަހަރި ދެކެ ދޯ! މާދަން ފެންނާނެއެއްނު... އީގަލީ ވެއިޓިން" ކިނާން ބުނެލާފައި ހެމުންހެމުން ގޮސް ދޮރު ހުޅުވާފައި ކޮޓަރިއަށް ވަނެވެ. އިޒިއަން ވެސް ދެފަރާތަށް ބޯ ހޫރަމުން އެތެރެއަށް ވަނީ ކިނާންގެ އެ ސަކަކަން ދުވަހަކުވެސް ނުފިލާނޭ ހިތާހިތާ ކިޔަމުންނެވެ. ***** ހަވީރުގެ ވަގުތެވެ. ގޭތެރޭގައި ތިބި ހުރިހާއެންމެން ވެސް އިންތިޒާރު ކުރަމުން ދިޔައީ އަނާލް އަންނާނޭ އިރަކަށެވެ. އެންމެންގެ ސަމާލުކަން އަތުލީ އިޒިއަންއާއެކު ގޭތެރެއަށް ވަދެގެން އަންނަ އަނާލް ފެނުމުންނެވެ. ކޮންމެ މީހެއްގެ މޫނުމަތިންވެސް ހައިރާންކަން ފެންނަމުން ދިޔައެވެ. އަނާލްގެ ތުންފަތް މަތީގައިވި ހިނިތުންވުން ފަނޑުވީ އޭނާ އެ ހިސާބަށް ހުއްޓުމުން އެންމެންގެ މޫނުމަތިން ފެނުނު ހައިރާން ކަމަކުންނެވެ. އަނެއްކާ އެ އާއިލާ އޭނާއާ އިޒިއަން ކައިވެނިކުރަން ހިންހަމަ ނުޖެހުނީހެއްޔެވެ؟ ހަގީގަތުގައި އަނާލް ކަހަލަ ކުއްޖަކު އިޒިއަން ޚިޔާރު ކުރީތީ އެންމެންނަށް ވެސް ވަނީ ކުޑަވަރެއްގެ ޝޮކެއް ލިބިފައެވެ. އަކްނިޒާ ގުޅައިގެން ވާހަކަ ދެއްކިއިރު ވެސް އެ ކަހަލަ ވާހަކަ އެއްނުބުނޭވިއްޔާއެވެ. "މީ އާންޓް، މީ އަންކަލް. ދެން މައި ބްރޯ ކިނާން....." ތަނަށް ވެރިވެފައިވި ހަމަހިމޭންކަން ފޫދުއްލާލަމުން އިޒިއަން ވާހަކަ ދެއްކީ އަނާލް ނުތަނަވަސް ވެފައި އިނީތީއެވެ. "މިއީތަ ދޮންބެދައްތަ އަކީ، ވަރަށް ލޯބި ފަހަރިއެއް ތި ހޯދައިދިނީ ދޯ" ކިނާން ހުރިހާ އެންމެންގެ މޫނަށް ބަލަމުން ވާހަކަ ދެއްކިއެވެ. އެންމެ ހިނދުކޮޅަކުވެސް މަޑުން ހުންނަން އުނދަގޫ ކިނާން މަޖާ އެއްޗެކޭ ބުނުމުން އެންމެންނަށް ވެސް ހީގަނެވުނެވެ. އަނާލްއަށް ވެސް ހެވުނެވެ. އަނާލް ހީކުރި ގޮތާ ހިލާފަށް ހުރިހާ އެންމެން ވެސް އޭނާއަށް އެހާ ހެވެ. އެހެންނަމަވެސް ބައެއްފަހަރު އަނާލްއާ ދިމާލަށް ޝަޒްނާ ބަލަން ހުންނަގޮތް ފާހަގަ ކުރެވޭހާ ތަފާތެވެ. އޭނާގެ ތުންފަތް މައްޗަށް ވެރިކުރުވާފައިވާ ހިނިތުންވުމަކީ ގަދަކަމުން ވެރިކުރުވާފައިހުރި ހިނިތުންވުމެއްހެން ހީވަނީއެވެ. "ވެޑިންޑްރެސް ވެސް ލިބިއްޖޭ ނާލް! މިއަދު ވާނެއެއްނު ހެޔޮވަރުކޮށްލަން ދޯ" އަކްނިޒާ ބުނެލިއެވެ. އަނާލް ބޯ ޖަހާލިއެވެ. އަނާލް ގޮވައިގެން އަކްނިޒާ އޭނާގެ ކޮޓަރިއަށް ދިޔައިރު އެކުގައި ޝަޒްނާ ވެސް ދިޔައެވެ. އަކްނިޒާގެ އެހީތެރިކަމާއެކު އަނާލް ހެދުން ހެޔޮވަރުކުރިއެވެ. އޭނާއަށް ވެސް އެ ހެދުން ވަރަށް ކަމުދިޔައެވެ. އެހެންކަމުން އަކްނިޒާ ލައްވާ އަނާލް މަޒާޔާއަށް ދައްކާލަން ދެތިން ފޮޓޯ ނެގިއެވެ. އެއަށްފަހު އަނެއްކާ އަކްނިޒާގެ އެހީގައި އަނާލް އިހުހުރި ހެދުމަށް ބަދަލުކޮށްލިއެވެ. އެނބުރި ދިޔުމުން އިޒިއަންމެން އެންމެން ހެދުމާ ބެހޭގޮތުން ސުވާލުކުރިއެވެ. ޖަވާބުގައި އަނާލް އަކްނިޒާއަށް ޝުކުރު އަދާކޮށްފައި ހެދުމާ މެދު ވަރަށް ހިންހަމަޖެހޭކަން ހާމަ ކޮށްލިއެވެ. "އެންމެ އިންތިޒާރު ކުރެވެނީ ކައިވެންޏަށް ދޯ" ކިނާން އެއްލޯ މަރާލަމުން ބުނެލިއެވެ. އިޒިއަން އަނގައިން ވާހަކަ ނުދައްކާ ހުރުމަށް ކިނާންއަށް އިޝާރާތް ކޮށްލުމުން ވެސް ކިނާން މައިތިރިވާގޮތެއް ނުވިއެވެ. އޭނާ އަނެއްކާވެސް އެކަކަށްވެސް ނުފެންނަ ގޮތަށް ދޫ ނެރެލަމުން ލާނެއް އެއްޗެއް ބުނެލިއެވެ. އެއާއެކު އެންމެންގެ ހުނުމުގެއަޑުން މުޅި ބޮޑުކޮޓަރި ގުގުމާލިއިރު އަނާލް ލަދުން އިސްޖަހާލިއެވެ. ***ދެ ހަފްތާ ފަސް*** ސްޓާރ ހޮޓެލްގެ ފަސްވަނަ ބުރީގެ ހޯލްތެރެ ވަނީ ނޫ ކުލައާއި ހުދުކުލައިން ޒީނަތް ތެރިކުރެވިފައެވެ. އެތެރެއަށް ވަންނަން އަންނަ ހޯލްވޭގައި ނޫ ކުލައިގެ މަޑު ކާރޕެޓެއް އަޅާލާފައި ވާއިރު ކާރޕެޓުގެ ދެފަރާތުގައި ނުލާއި ހުދުކުލައިގެ ލެޑް ލައިތްތަކެއް ދިއްލާފައި ވެއެވެ. އެހެންކަމުން ހިތްގައިމުކަމެއް ހުއްޓެވެ. ވަންނަ ދޮރުގެ އެއްފަރާތުގައި 'ނާލް ވެޑްސް އިޒް' ބޮޑުއަކުރުން ޖަހާފައި ވާއިރު އެ އަލިކަމުގެ ތެރޭގައި އެ ނަން ވިދަމުން ދިޔުމުން ދުރަށް ވެސް އެ ދެނަން ފާޅުވަމުން ދިޔައެވެ. މުޅި އެ ހޯލް ވޭ ވެސް ފުރިފައިވަނީ ގިނަ އަދަދެއްގެ މީހުންތަކަކުންނެވެ. އެއްބަޔަކު އެތެރެއަށް ވަންނަމުން ދިޔައިރު އަނެއްބަޔަކު ބޭރުގައި ވެސް މަޑުކޮށްގެން ތިއްބެވެ. އެތެރެއަށް ވަނުމާއެކު އަޅައިގަންނަނީ އިޒިއަން އާއި އަނާލް އާއި ގާތަށް ދާން ހުސްކޮށްފައިވާ ދިގު ޖާގައިގެ ދެފަރާތުގައި ގްރޫޕް ގްރޫޕަށް ގޮނޑިތަކުގައި އިށީނދެ ތިބި މީހުންނެވެ. ބޮޑު ދޮރު ހުޅުވާލާފައި އެތެރެއަށް ވަންނަ އިރު ކުރިމައްޗަށް ވާގޮތަށް ބަހައްޓާފައި ހުރި އުނދޯލީގައި ތިބި އިޒިއަން އާއި އަނާލް ފެންނާނެއެވެ. އެ ދެމީހުންގެ ތުންފަތް މަތިންވެސް ބުނެދޭން ނޭނގޭފަދަ އުފާވެރި ހިނިތުންވުމެއް ފެންނަމުން ދިޔައެވެ. މޫނުމަތިވަނީ އުޖާލާވެފައެވެ. އަނާލް ލާފައިވަނީ ހުދުކުލައިގެ ބޮޑު ވެޑިން ޑްރެސްއެކެވެ. އޭގެ ފަސްބަޔާއި މޭމަތި ހުދު މިނާތަކަކުން ޒީނަތް ތެރިކޮށްފައި ވާއިރު ބަލާލަން ހިތްގައިމެވެ. ފަހަތު ފޮތިގަނޑު އުނދޯލީގެ ފުރަގަހުން ވައްޓާލާފައި ވާއިރު ދުރުދުރަށް ވެސް އެބައި ފެތުރިފައި ވެއެވެ. ރީތި ގޮތަކަށް ދޫ ހުޅިއެއް ޖަހާލާފައިވާއިރު ހިތްގައިމެވެ. އާއްމުކޮށް ގަދަ މޭކަޕްކޮށް ނޫޅޭ އަނާލް ފުލް މޭކަޕެއްގައި ފެންނައިރު ހިތްގައިމެވެ. އެ ރަތްކުލަ ގަދަ ކޮށްލާފައިވާ ތުންފަތަށް ހިނިތުންވުމެއް ވެރިކޮށްލާފައިވާއިރު އެ މޫނުމަތިން އުޖާލާކަމެއް ފެންނަމުން ދިޔައެވެ. އަތުގައި އޮތް ބުކޭ ވެސް ވަރަށް ރީއްޗެވެ. މަޑު ނޫ، އަދި ހުދު ކުލައިން ޒީނަތްތެރިކޮށްލާފައިވާއިރު މިރޭގެ ތީމް ކުލައާވެސް ގުޅެއެވެ. "ޔޫ ލުކް ބިއުޓިފުލް" އިޒިއަން އަނާލްގެ ކަންފަތާ އޭނާގެ ތުންފަތް ކައިރި ކޮށްލާ ބުނެލިއެވެ. އެއާއެކު އަނާލް ލަދުން އިސްޖަހާލިއެވެ. އިޒިއަން ލާފައިހުރި ހުދުކުލައިގެ ގަމީހާ ގުޅުވައިގެން އަޅާފައިވަނީ ނުލާއި ހުދު އެކުލެވޭ ޓައީއެކެވެ. މަތިން ގަދަނޫކުލައިގެ ސޫޓެއް ލާފައި ހުރިއިރު އޭނާގެ ފިރިހެންވަންތަކަން ހާމަވެއެވެ. އިސްތަށިގަނޑު ވަނީ ރީތިގޮތަކަށް ސްޓައިލް ކޮށްލާފައެވެ. އިޒިއަން ވެސް އިނީ އަނާލް ގާތު އިށީނދެއެވެ. އޭނާ އިރުއިރު ކޮޅަކާ އަނާލްގެ އަތުގައި ހިފާލައެވެ. ލޯބިވާވަރު ބުނެދެއެވެ. "ހިތަށް އަރާ އަދި އެ އަންހެން ކުއްޖާއަށް ނުހިނގޭ އިރު ކީކުރަން ބާއްބާ ބޮޑު ޕާރޓީއެއްބާއޭ..." އެކަކު ބުނެލި އަޑު އިވިލިއެވެ. "އާނ މަގޭވެސް ހިތަށް އަރާ، ކީއްތަވާނީ ކުޑަ ކެއުމެއް ދިނަސް ދޯ! ނޫނީ ކޯޓަށް ގޮސް ވެސް ކައިވެނި ކުރެވުނީހެއްނު.... ކަންދައްކަން ކުރި ކަމެއްހެން މަށަށް ހީވަނީ، ގައިމު ހިނގޭ އަންހެން ކުއްޖެއްނަމަދޯ މިއޮއްފަދަ ބޮޑު ޕާރޓީ އެންޖޯއި ކޮށްލެވޭނީ، ކީކުރާނީ ހުސް ބޭކާރުކަންތައް، ބޭކާރު ހަރަދު، ނުހިނގޭ އަންހެން ކުއްޖަކަށްޓަކާ ކުރާ ބޭކާރު މަސައްކަތެއް މީ. އެމީހުންނަށް ޑިޒާރވްވޭތަ މިފަދަ ބޮޑެތި ހަފްލާތައް؟ ނުވެސް ގުޅޭ" އުދޯލީގެ އެއްފަރާތުގައި ތިބި ދެމީހެއްގެ ވާހަކަ އަނާލްއަށާއި އިޒިއަންގެ ކަންފަތާ ހަމައަށް ވެސް ފޯރިއެވެ. އަނާލްގެ މޫނުމަތީގައިވި ހިނިތުންވުން ވަގުތުން ފަނޑުވިއެވެ. އޭނާއަށް ދެއަތް މުށްކަވާލެވުނެވެ. އިސްޖަހާލެވުނީ ވަގުތުން ލޮލަށް ކަރުނަތައް ޖަމާވުމާއެކުގައެވެ. އިޒިއަން އަނާލްގެ އަތުގައި ހިފާ އެއަތަށް ފިތާލީ އޭނާއާ ދިމާލަށް ބަލާށޭ ބުނުމުގެ ގޮތުންނެވެ. އަނާލް އިސްއުފުލާ އިޒިއަންއަށް ބަލާލިއެވެ. އޭރު އެ ދެލޮލުގައި މުތީތަކެއްފަދައިން ކަރުނަތިކިތައް ވިދަމުން ދިޔަތަންފެނި އިޒިއަންއަށް އެ ދެމީހުންދެކެ ރުޅިއާދެވުނެވެ. އެހެންނަމަވެސް ބައެއް މީހުންނަކީ އެބައެއްގެ ކޮށި ވިސްނުން ބަދަލް ކުރާނޭ ބައެއް ނޫނެވެ. އެމީހުންނާ ޒުވާބުކޮށް ދެބަސްވުމުގެ ބަދަލުގައި އަޑުއިވޭ އެފަދަ ބަސްތަކުން ހިތްވަރު ނެރެ ކުރިއަށް ދިޔުމަށް އަނާލްއަށް ހިތްވަރުދޭ މީހެއްކަމުގައިވާން އިޒިއަން ބޭނުމެވެ. އެކަކަށް ވެސް އަނެކަކުގެ ދުލަކު ނުހިފެއްޓޭނެއެވެ. އެހެނެއްކަމަކު އެ ފަދަ ބަސްތަކުން ހިތްވަރުދީ އެބަސްތައް ރައްދުވާ ފަރާތުގެ ކައިރީގައި ހުރެވޭނެއެވެ. އެފަދަ ބަސްތަކުން އަމިއްލަ ނަފްސަށް ކުރާ އިތުބާރު ގެއްލުވާނުލާ އެ އިތުބާރުގެ މަތީގައި ދެމިހުރުމަށް ދަސްކޮށްދެވިދާނެއެވެ. މީހާ ކާމިޔާބު ކުރަން ބޭނުންވާ ލަނޑުދަނޑިއާ ހިސާބަށް ވާސިލުވެވޭނީ އޭރުންނެވެ. "ނާލް! އެމީހުން ދައްކާ ވާހަކައަށް އަޅާނުލާ، އަހަރެން ކުރިން ވެސް ބުނީމެއްނު ނާލް ތިފަދަ ކުއްޖަކަށް ވިޔަސް، ތީ ނަމޫނާއެކޭ، ހިނގޭ އަންހެން ކުއްޖަކަށް ވެސް ސަކްސެސްފުލް ވެވޭނީ ތިވަރަށޭ. އެ މީހުންގެ ވިސްނުން މާކޮށީ، ނޫނީ އެ މީހުންނަށް ނުވިސްނެނީ. އެފަދަ މީހުންގެ ވާހަކަތަކުން ނާލް ނުޖެހޭނެ ކޮންމެހެން ކުރާކަމެއް ހުއްޓާލާކަށް، އަމިއްލަ އުފާތަކަށް ހުރަސް އަޅާކަށް، ނާލް އުފާވެރިކަން ހޯދަން މަސައްކަތް ކުރާނެގޮތް އެނގޭނީ ނާލްއަށް. އެމީހުންނަކަށް ނޫން" އިޒިއަން އަނާލްގެ ލޮލަށް ބަލަން އިނދެ ބުނެލިއެވެ. އެއާއެކު އަނާލް ހިނިތުންވެލީ އިޒިއަން އެ ބުނި ބަސްތައް ޤަބޫލް ކުރާ ހާލުގައެވެ. ދީމް އަނާލްމެން ގާތު މަޑުކޮށްލުމަށްފަހު އަނާލްއާއި އިޒިއަންއާ ދެމީހުންނާއެކު ސެލްފީއެއް ނެގިއެވެ. އަދި އިރުކޮޅަކު ވާހަކައިގައި ހުރުމަށްފަހު އޭނާ ދުރަށް ހިނގައިގަތީ އެކުވެރިއަކު ފެނިގެންނެވެ. ލާފައިހުރި ނޫ ކުލައިގެ އިންޑިއަން ސްޓައިލްގެ ހެދުމުގެ ފަސްބައި އަތަށް ނަގަމުން އޭނާ ހިނގައިގަތެވެ. އޭގައި ޑިޒައިން ކޮސްފައިވާ ބަރު ވެލި ފޮތީގެ ސަބަބުން ހެދުން ވެސް ފުދޭވަރަކަށް ބަރެވެ. އެހެނެއްކަމަކު އެ ހެދުމުގައި އާދަޔާހިލާފް ރީތި ވިދުމެއް ވެސް ވިއެވެ. އެއްފަހަރު ފައިކޮޅަށް ބަލަމުން އަނެއްފަހަރު އެ ކުއްޖާއަށް ބަލަމުން ދިޔަ ދީމް ހުއްޓުނެވެ. އަދި ބޮޑަށް ހެދުން އަތަށް ނަގަން މަސައްކަތް ކުރިއެވެ. އެވަގުތަކީ އެތަނުގެ އެއްފަރާތުގައި ހުރެފައި ފިރިހެން ކުއްޖަކު އެނބުރިލި ވަގުތެވެ. ހަދާލެވުނު ގޮތަކުން އެވަގުތު އެ ފިރިހެން ކުއްޖާގެ އަތުގައި ހުރި ކޮންމެވެސް ދިޔާއެއްޗެއް ވެރުނެވެ. ދީމް ދުރަށްޖެހިލި ކަމުގައި ވިނަމަވެސް ކޮންމެވެސް ވަރަކަށް އޭނާގެ ހެދުމަށް ވެސް އެ އެއްޗެއް ވިއްސައިގެން ދިޔައެވެ. ދީމް ލާފައި ހުރި ހެދުމަށް އެ އެއްޗެއް ބުރައިގެން ދިޔުމާއެކު އޭނާ އަށް ދެލޯ ބޮޑުކޮށްލެވުނެވެ. މާ ގިނައިން ހެދުމަށް ނޭޅުނު ކަމުގައި ވިނަމަވެސް އެޅިފައި ހުރި ތަންތަން ފާހަގަ ވެއެވެ. "އައްޗީޑި" ދީމްއަށް ބާރަށް ބުނެވުނެވެ. ހެދުން ހަޑިވުމާއެކު އޭނާ ދެން ބަލާލީ އެ އެކުވެރިޔާ ފެނޭތޯއެވެ. އެހެންނަމަވެސް މިހާރު ފެންނާކަށް ނެތެވެ. ރުޅިވެރިކަމާއެކު އެ ޒުވާނާއަށް ބަލާލި ދީމްގެ ދެބުމަ ގޮށްޖެހިފައި ވިތަން ފެނިފައި އެ ޒުވާނާ ލާނެއް ފާޑަކަށް އެއްމިޔަކަށް ހީލިއެވެ. ކިނާން ވެސް ކޯކްތަށި ހިފައިގެން އެނބުރިލީ އެތަނުގައި އަންހެން ކުއްޖަކު ހުންނާނޭ ކަމަކަށް ނޫނެވެ. އޭނާއަށް އެ އަންހެން ކުއްޖާ ގެ މޫނުމަތިން ފެންނަމުން ދިޔަ ކުލަވަރުތައް މަޖާވިއެވެ. އެހެންކަމުން އިތުރަށް ރުޅި އަރުވާލުމުގެ ބޭނުމުގައި އޭނާ ހީގަތެވެ. އެއާއެކު އެ ކުއްޖާ ޝަޓް އަޕް އޭ ކިޔާލިއެވެ. ކިނާން އެއްލޯ މަރާލިއެވެ. ދީމްގެ ދެބުމަ ވަގުތުން ގޮށްޖެހުނެވެ. "އާހް...." ފަޔަށް ތޫނުތަދެއް އެރުމާއެކު ކިނާންއަށް ފަޔާ ދިމާލަށް ބަލާލެވުނެވެ. އޭރު އެ އަންހެން ކުއްޖާ އަރައިގެން ހުރި އުސް ފައިވާނުން ހުރީ އޭނާގެ ފަޔަށް އަރައެވެ. ވަމުންދިޔަ ތަދާއެކު ކިނާންއަށް ތެޅިގަނެވުނެވެ. ދެފަރާތަށް އެނބުރިގަނެވުމާއެކު އޭނާގެ ބޮލަށް އެނބުރުން ވެސް އެރިއެވެ. "މިހާރު ބަރާބަރު....." އެ އަންހެން ކުއްޖާ ހީގަންނަމުން ދުރަށް ހިނގައިގަތެވެ. ކިނާންގެ މޫނުމަތިން ރުޅިވެރިކަމެއް ފާޅެއް ނުވިއެވެ. އެހެނެއްކަމަކު އެ ތުންފަތް މައްޗަށް މަޢުނަވީ ހިނިތުންވުމެއް ވެރިވެފައިވެއެވެ. އޭނާ ގޮސް އަނާލްއާއި އިޒިއަން އާއި ގާތަށް ހުއްޓުނެވެ. ދީމް ވެސް ގޮސް ހެދުން ދޮވެ ހަދައިގެން ނުކުތްތަނާ މަޒާޔާއާ ދިމާވިއެވެ. އޭނާ އެދުނީ އަނާލް ގާތަށް ގޮސް ބޯ އެއްޗަކަށް ކޯންޗެއްތޯ ގެންދަންވީ އެހުމަށެވެ. ހިނިތުންވަމުން ދީމް މީހުންގަނޑުގެ ތެރެއިން ފުރޭނިގަނެގެން އެ ދިމާލަށް މިސްރާބުޖެހިއެވެ. ދީމް އެތަނަށް ގޮސް ހުއްޓުނުއިރު ކިނާން ފޯނެއްގައި ހުރެ އަނެއްފަރާތަށް އެނބުރެނީއެވެ. އެހެންކަމުން އޭނާއަށް ރަނގަޅަށް އެ ޒުވާނާ ފެންނަގޮތެއް ނުވިއެވެ. އެ ޒުވާނާއަށް ބަލާލުމަށްފަހު ދީމް ވެސް އަނާލްގެ ގާތުގައި ހުއްޓި މަޒާޔާ ބުނި ވާހަކަ ބުނެލިއެވެ. ދީމް ވެސް އަނާލްގެ ޖަވާބު އިވުމުން ބޯޖަހާލިއެވެ. އަދި އެއްފަރާތަކަށް ޖެހިލިއެވެ. އެވަގުތު އަނެއްކާ އު ޒުވާނާ އެނބުރިގަތް ގޮތުން ޖެހުނީ ދީމްގެ ގައިގަތެވެ. އަރި އަޅާލި ދީމްއަށް ދެލޯ ބޮޑުކޮށްލެވުނެވެ. އެހެންނަމަވެސް އެ ޒުވާނާގެ އެހީގައި ދީމްގެ ހަށީގަނޑު ސީދާ ކޮށްލިއެވެ. "ޔޫ...." ރުޅިއައިސް ޝަހާދަތް އިނގިލި ދިއްކޮށްލަމުން ކިނާންއާއި ދުރަށް ޖެހިލި ދީމް ބުނެލިއެވެ. "އެގެއިން ޔޫ! މީކީކުރަން މިތަނަށް އައިސް އުޅޭ މީހެއްތަ؟ އަބަދު އެބަ އުނދަގޫކުރެޔޭ" "ތޭންކްސް އެއް ނުބުނާނަން؟" ކިނާން އެއްލޯ މަރާލިއެވެ. ދީމް އާއި ކިނާންގެ ވާހަކަ ހުރި ގޮތުން އިޒިއަން ގާތަށް ހިނިއައެވެ. އޭނާއަށް ކިނާން ކޮންމެވެސް ލާނެއްކަމެއް ކުރީކަން އެނގުމާއެކު ވާހަކަދެއްކިއެވެ. "ނާނު... ކިހިނެތްހަދައިގެން ތިއުޅެނީ" "ނޭނގެ! ކޮންމެ ފަހަރަކު އައިސް ފުރަގަހުގަ ހުއްޓި ހުންނަންޏާ ވާނީ އެހެންނެއްނު." ކިނާންގެ އަޑުގައި ހުރީ މަޖާގޮތެކެވެ. "ބައިދަވޭ މީ ކިނާން، އަހަރެންގެ ކޮއްކޮ، މީ އަނާލްގެ ކަޒިންއެއް، ދީމް! " ދީމްއާއި ކިނާންއާ ދެމެދުވީ އޮޅުންތައް ފިލުވައިދޭން އިޒިއަން ވާހަކަ ދެއްކިއެވެ. ދީމް ވިސްނާލިއެވެ. އެހެންވެއްޖެއްޔާ ކުރީ ދުވަހު އިޒިއަންމެން ގެއަށް ގޮސް އުޅުނުއިރު އޭނާއަށް ފުރަގަހުން ފެނުނީ މިޒުވާނާ ތާއެވެ. ކުރިން ނުފެނުނީމާ ނޭގުނީއެވެ. ދީމްގެ މޫނު ލަދުން ފެންވެރުނެވެ. ދެ ކޯތާފަތަށް ޖަންބު ކުލައެއް ވެރިވެގެން ދިޔައެވެ. އޭނާ ލަސްނުކޮށް ދުރަށް ހިނގައިގަތްއިރު ކިނާންގެ ނަޒަރުހުރީ އޭނާއަށް ހުއްޓިފައިކަން އެނގުނެވެ. "ނާނު..." އަމިއްލަ ބަނޑަށް އަޑު އިވޭވަރަށް ދީމްއަށް ބުނެވުނެވެ. އެއާއެކު ތުންފަތަށް ހިނިތުންވުމެއް ވެރިކޮށްލަމުން އޭނާ ދެފަރާތަށް ބޯ ހޫރާލިއެވެ. ދެންމެވީ ކަންތައް ހިތަށް އެރުމާއެކު ލަދުވެތި ހިނިތުންވުމެއް އެ ތުންފަތަށް ވެރިވިއެވެ. ޕާރޓީ ތެރޭގައި ފޮޓޯގްރާފަރުން ހަރަކާތް ތެރިވަމުން ދިޔައެވެ. އެތަނުގައި ހިނގަމުންދިޔަ ހުރިހާ ކަމެއް ކެމެރާތަކުގައި ރައްކާކުރަމުން ދިޔައެވެ. ވީޑިއޯ ކުރާމީހުން ވީޑިއީ ކުރަމުން ދިޔައެވެ. ތަނަށް އަންނަ މެހެމާނުންގެ ފޯނު ތަކުގައިވެސް ތަނުގެ ހިތްގައިމު މަންޒަރުތައް ރައްކާކުރަމުން ދިޔައެވެ. ޕާރޓީގެ ފުރިހަމަކަމުން އެތަނުގެ އެތެރޭގެ ކޮންމެ މަންޒަރަކީވެސް ފޯނުތަކުގައި ރައްކާކުރަން ލިބޭ ރަންގަނޑެއް ފަދައެވެ. ދީމް ވަރަށް ވިސްނަން ހުރެފައި ޝަފޫން ގާތަށް ޖެހިލިއެވެ. އޭނާ ހިތްވަރު ކޮށްފައި އެދުނީ އޭނާއާ އެކު އެއް ފޮޓޯ ގަނޑު ނެގުމަށެވެ. އަފާޒުވެސް ހުއްޓެވެ. ޝަފޫން ދެކޮޅު ހަދާ ނުރުހުމުގެ ބަހެއް ބުނެލިއެވެ. އެހެންނަމަވެސް ދެވަނަ ފަހަރަށް އަފާޒު އެހެން ބުނުމުން އޭނާ އަކަށް އެއްޗެއް ބުނާކަށް ނުކެރުނެވެ. ދީމް ޝަފޫން އާއި އަފާޒު އާއި ދެމީހުންގެ ދެމަދަށް ވަނެވެ. އަދި އޭނާ ދެމީހުންގެ އަތުގައި ހިފާލިއެވެ. ދީމްގެ އެއަމަލުން ޝަފޫންއަށް ދީމްއަށް ބަލާލެވުނެވެ. އޭނާ ނުރުހުނުކަމުގައި ވިނަމަވެސް ދީމް އެކަން އެނގޭ ކަމަކަށް ނުހެދިއެވެ. ޝަފޫން އާއި އޭނާ އާއި ދެމީހުންގެ އެންމެ ފޮޓޯއެއްވެސް އޭނާ އަތަކު ނޯވެއެވެ. މުޅިން ވެސް ހުންނަނީ އަފާޒުއާ އެކު ނެގިފައިވާ ފޮޓޯތަކެވެ. އެހެންކަމުން މިރޭ އޭނާގެ އާއިލީ ފުރިހަމަ ފޮޓޯއެއް ނަގަން ބޭނުން ވިއެވެ. އެ ފޮޓޯ ނަގާ ނިންމާފައި ދީމް އެދުނީ ޝަފޫން އާއެކު އެކަނި ފޮޓޯއެއް ނެގުމަށެވެ. އަފާޒު ޝަފޫން ގާތު ދީމް އެދުނު ގޮތަށް ކަންތައް ކުރަން ބުނެފައި ފަހީމްމެންނާ ދިމާލަށް ހިނގައިގަތެވެ. "ކިހާ ދެރަކަމެއް... ދުރަށް ދޭ" ޝަފޫން ދީމްގެ އަތް ފޮޅުވާލުމަށްފަހު ދުރަށް ހިނގައިގަތެވެ. އޭނާ ދިޔައީ ދީމް ހިތްދަތި ވާފަދަ ބަހެއްވެސް ބުނެލާފައެވެ. ދީމްގެ ލޮލަށް ކަރުނަތައް ޖަމާވުމާއެކު އޭނާ މީހުންގަނޑާ ތަންކޮޅެއް ދުރަށް ޖެހިލިއެވެ. ކަރުނަތަށް ކޯތާފަތުން ތިރިއަށް ފައިބަން ފެށުމާއެކު އޭނާ ކަރުނަތަށް އެއްއަތުން ފޮހެލަން މަސައްކަތް ކުރިއެވެ. އެއާއެކު އަނދުން ތައް ފޭދި މުޅި ލޯ ކައިރީގައި ކޭތި ކަޅުވިއެވެ. ކުއްލިއަކަށް ފަހަތުން މީހަކު އައިސް ދީމްގެ ކޮނޑުގައި އަތް ޖައްސާލުމާއެކު އޭނާއަށް ފަހަތަށް އެނބުރެވުނެވެ. ފަހަތަށް އެނބުރުނު ދީމް ފެނި ކިނާންގެ ދެލޯ ބޮޑުވިއެވެ. ދީމް ރުއިމުގެ ސަބަބުން އަދުންތައް ފޭދި މީހާގެ މޭކަޕް ހުރީ އެއްކޮށް ހަޑިވެފައެވެ. "ސުބްޙާނަ ﷲ" ކިނާންއަށް ބުނެވުނެވެ. ދީމް ރޮއިފައި ހުރިކަން އެނގުނުނަމަވެސް ކިނާން އެކަމާ ބެހޭ ގޮތުން ވާހަކަ ދައްކާކަށް ބޭނުމެއް ނުވިއެވެ. ދީމްގެ މޫނުމަތިން އޭނާއަށް ފެނުނު ހިތްދަތިކަމުގެ ސަބަބުން އެ މޫނު ވަނީ މިލާ މޯޅިވެފައެވެ. އެހެންނަމަވެސް މިހާރު ދީމް ހުރީ ހަމަޖެހިފައިކަން އެނގުމުން ފަހުން ސުވާލުކުރަން ހިތުލައިގެން އޭނާ ބޭނުންވީ ދީމްގެ މޫނުމައްޗަށް އުޖާލާކަމެއް ގެނައުމަށެވެ. އަނެއްކޮޅުން އެހެރި މޫނެއްވެސް ބަލާބަލާށެވެ. އިތުރަށް އޭނަ ރޯން ފަށައިފިއްޔާ ވާނެ ގޮތެއް ވެސް ނޭނގެއެވެ. "ކީކުރަން މިހާރު މަގޭ ފަހަތުން ތި އައީ؟"ދީމް ރުޅިވެރިކަމާއެކު ބުނެލަމުން ކިނާން ފަސްދީ ދާން ހިނގައިގަތެވެ. "އޭތް ތިހެން ހުރިގެންތަ ދަނީ؟" ކިނާން ދީމްގެ އަތަށް ދަމާލަމުން ހޯލުގެ ތެރެއިން ނުކުތެވެ. އަދި ގޮސް ވާތް ފަރާތުގައި އިން ގޯޅި ތެރޭގައި މަޑުކޮށްލިއެވެ. "ހުއް... މީނައަށް ކީއްތަ؟" ދީމް ބުނެލިއެވެ. "ހަންޑި ގަޑުވަރު ދޮންކަމަނަ ހެން ހީވަނީ. ދޭބަލަ... މިތަނުގެ ހުރިހާ އެންމެން ވެސް ބިރުން ފިލާނެ" ކިނާން އަނގަޔަށް ގޮތެއް ހަދާލަމުން ބުނެލިއެވެ. ކިނާންއާ ދިމާލަށް ޝަހާދަތް އިނގިލިދިއްކޮށްލަމުން އެއްޗެކޭ ބުނަން އުޅުނު ދީމްއަށް އެތަނުގައި ބަހައްޓާފައިހުރި ލޯގަނޑަކުން މޫނު ފެނުމާއެކު ދެލޯ ބޮޑުކޮށްލެވުނެވެ. އަނގަ ހުޅުވުނު ގޮތަށް އޭނައަށް ލައްޕަންވެސް ނޭނގުނެވެ. "ތި ލައްޕަބަލަ... " ދީމްގެ ދަތްދޮޅީގައި ހިފާ ފިއްތާލަމުން ކިނާން ބުނެލިއެވެ. "އައްދޯތް" ދީމްއަށް ބުނެވުނެވެ. "އަހަރެން ބުނާ ގޮތަށް ހަދާ. އެބަހުރިތަ މޭކަޕް ކުރާނެ މީހެއް، އަމިއްލައަށް ކުރަން އެނގޭ ކަމެއްތަ؟" ކިނާން އަހާލިއެވެ. "ކިހިނެތްތަ ހަދާނީ؟" ދީމް ބުމަރެއްހެން އެނބުރެމުން ކިޔަމުން ދިޔައެވެ. "އޭތް، ބުރުމާއެއްހެން އެނބުރޭނެކަމެއްނެތޭ! ދެން ވެސް ތި ރީތި ކުރަން ވޮޝް ރޫމަށް ދޭބަލަ... "ކިނާން ބުނެލިއެވެ. "އަޅެ މަ ކިހިނެތްތަ ރީތިވަނީ. މޭކަޕް ކުރާ އެއްވެސް އެއްޗެއް ނެތޭ، ދޭބަލަ ގޮސް މޭކަޕް އާރޓިސްޓް ގެންނަން" ދީމް ބުނެލިއެވެ. ކިނާން ބޯ ކަހަމުން އާއެކޭ ބުނެ އެތެރެއަށް ގޮސް އައީ މޭކަޕް އާރޓިސްޓް ގޮވައިގެނެވެ. މޭކަޕް އާރޓިސްޓް ދީމްގެ މޭކަޕް ރީތިކޮށްފައި ނުކުމެގެން ހިނގައްޖެއެވެ. ކިނާން މަޑުކުރީ ދީމް އަށެވެ. ދީމް މޫނު ދޮވެ މޭކަޕް ރީތިކޮށްގެން ނުކުމެ އެއްޗެކޭ ނުބުނެ ކިނާން ފަސްދީ ހިނގައިގަތް ތަނާ ކިނާން އޭނާގެ އަތަށް ދަމާލިއެވެ. އެއާއެކު ދީމް އައިސް ތަތްވީ ކިނާންގެ މޭގައެވެ. (ނުނިމޭ...) މާފުކުރާށޭ ލޯބިވާ (12) އިތުރަށް ވިދާޅުވުމަށް
މާފުކުރާށޭ ލޯބިވާ (13)
ކުޑަ ދެ ދަރިން ގޮވައިގެން ފިލި ބައްޕަ އަތުން އެ ކުދިން ނަގައި، މަންމައާ ހަވާލުކުރުމަށް ފުލުހުންގެ މައްޗަށް ހދ. ފިނޭ މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފިއެވެ. އިއްޔެ އެކޯޓުން ކުރި ހުކުމްގައި ބުނެފައިވަނީ މައްސަލަ ހުށަހެޅި ހދ. ފިނޭއަށް ނިސްބަތްވާ އެ މަންމަގެ، ހަތަރު އަހަރުގެ އަންހެން ދަރިއާއި ހަ އަހަރުގެ ފިރިހެން ދަރި، ކ. ކާށިދޫއަށް ނިސްބަތްވާ އެ ދެކުދިންގެ ބައްޕަ އަތުން ނަގައި މަންމައާ ވަގުތީ ގޮތުން ހަވާލުކުރުމަށެވެ. ދެ ކުދިންގެ މަންމަގެ ފަރާތުން ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ ބައްޕަކައިރިން ވަރިވުމަށް ކޯޓަށް މައްސަލަ ހުށަހަޅައިފައިވަނިކޮށް ބައްޕަ ދެ ދަރިން ގޮވައިގެން މަންމައަށް ނޭނގި ސިއްރުން ގޮސްފައިވާ ކަމަށެވެ. ބައްޕަ އަކީ މަސްތުވާތަކެތީގެ އެކި މައްސަލަ ތަކުގައި ފުލުހުނަށް ހާޒިރުކޮށްފައިވާ މީހެއް ކަމަށާއި ދަރިން ބައްޕަ ކައިރީ ތިބެއްޖެ ނަމަ ފޫނުބެދޭ ވަރުގެ ގެއްލުމެއް އެކުދީންނަށް ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ލިބިގެން ދާނެ ކަމަށް މަންމަ ހުށަހެޅި މައްސަލައިގައި ބުނެފައިވެއެވެ. އެގޮތުން މަންމަގެ ފަރާތުން ވަރިވުމަށް އެދި ހުށަހައިފައިވާ މައްސަލަ ވަކި ގޮތެއް ނިމެންދެން ދަރިން މަންމައާ ހަވާލުކުުރުމަށް ވަގުތީ އަމުރަކަށް އެނާ ވަނީ އެދިފައެވެ. ފިނޭ މެޖިސްޓްރޭޓް ކޯޓުން ކުރި ހުކުމްގައި ބުނީ، މި މައްސަލައިގައި ޝާމިލުވާ ދެކުދިންނަކީ އުމުރުން ހަތަރު އަހަރާއި ހަ އަހަރުގެ ކުދިން ކަމަށް ވާތީއާއި ކުދިންގެ މައިންބަފައިންގެ ދެމެދުގައި ހިނގާ މައްސަލަތަކުގެ "ޝިކާރައަކަށް" ވުމަށް އެކުދީން ދޫކޮށްލުމަކީ ޝަރީއަތަށް ގަބޫލުކުރެވޭ ކަމަކަށް ނުވާތީ، މިހިނދުން މިހިނދަށް މި އަމުރަކީ ނެރެން ޖެހޭ އަމުރެއް ކަމަށެވެ. އެހެން ކަމުން ކުދިންގެ މަންމަ އެދިފައިވާ ގޮތަށް، އެކޯޓުގައި ހިނގައި އެ ދެމަފިރީންގެ ވަރީގެ މައްސަލައިގައި ވަކިގޮތެއް ނިމެންދެން ނުވަތަ ދެކުދިންގެ ބައްޕަގެ ފަރާތުން ލިބިދާނެ ގެއްލުމަކުން ދެކުދިންނަށް އޮތް ރައްކާތެރިކަން ކަށަވަރު ކުރެވެންދެން ބައްޕަ އަތުން ދަރިން ނަގައި މަންމައާ ހަވާލު ކުރުމަށް ފުލުހުންގެ މައްޗަށް އަމުރުކުރާ ކަމަށް ފިނޭ މެޖިސްޓްރޭޓް ކޯޓުން ކުރި ހުކުމްގައި ބުނެފައިވެއެވެ.
ކުދިންނާއެކު ފިލި ބައްޕަ އަތުން ދަރިން އަތުލައި މަންމައާ ހަވާލުކުރަން އަމުރުކޮށްފި
ހުޅުލެ-ހުޅުމާލެ ލިންކު ރޯޑުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި މީހަކަށް އަނިޔާވެއްޖެ އެވެ. އެކްސިޑެންޓެއްގައި އަނިޔާވި މީހަކު ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފަ އެވެ. ފުލުހުން ބުނީ މިއަދު މެންދުރު 14:15 އެހާކަންހާއިރު ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލު ނުވެ ގޮސް ތޮށިގަނޑުގައި ޖެހިފައިވާ ކަމަށެވެ. އެ ސައިކަލަކީ އެއާޕޯޓުން ލިންކު ރޯޑުން ދުއްވާފައި ދިޔަ ސައިކަލެއް ކަމަށާއި އޭނާ އަށް ފަރުވާދިނުމަށް ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. އެކްސިޑެންޓުގައި އަނިޔާވި މީހާ 14:50 އެހާކަންހާއިރު ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ. އޭނާ އަށް ފަރުވާދެމުން ދަނީ ހޮސްޕިޓަލުގެ އިމަޖެންސީ ރޫމްގަ އެވެ. އެކްސިޑެންޓުގައި އަނިޔާވީ އުމުރުން 21 އަހަރުގެ ފުވައްމުލަކު މީހަކަށެވެ. އަދި އަނިޔާވެފައި ވަނީ އޭނާގެ ބޮލަށެވެ. ބާރު ސްޕީޑުގައި ދުއްވުމުގެ ސަބަބުން ހައިވޭ އާއި ބްރިޖުގައި ހިނގާ އެކްސިޑެންޓުތައް މަދުކުރުމަށް ޓްރާންސްޕޯޓު މިނިސްޓްރީ އިން ވަނީ ކެމްޕެއިނެއް ފަށައިފަ އެވެ.
ހައިވޭގައި އެކްސިޑެންޓެއް ހިނގައި މީހަކަށް އަނިޔާވެއްޖެ
ހުޅުމާލޭގައި އަމިއްލަ ފަރާތަކުން އިމާރަތްކުރި ޕްރީ ސްކޫލެއް އެޑިއުކޭޝަން މިނިސްޓްރީއާ މިއަދު ހަވާލުކޮށްފިއެވެ. ޕްރީ ސްކޫލް އިމާރާތްކުރި ފަރާތް އެ ސްކޫލު އެޗްޑީސީއާ ހަވާލުކުރިއިރު އެޗްޑީސީއިން މިއަދު ވަނީ އެ ސްކޫލު އެޑިއުކޭޝަނާ ހަވާލުކޮށްފައެވެ. ސްކޫލު ހަވާލުކުރުމަށް ބޭއްވި ސޮއިކުރުމުގެ ހަފްލާގައި އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ އެމްޑީ ސުހައިލް އަހުމަދެވެ. އަދި އެޑިއުކޭޝަންގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ އާއިޝަތު އަލީ އެވެ. އެއްބަސްވުމުގައި ސޮއިކުރުމަށްފަހު މިނިސްޓަރު ވިދާޅުވީ މި ސްކޫލު މިނިސްޓްރީއާ ހަވާލުވުމުން އުފާކުރާ ކަމަށާއި އުންމީދަކީ ހުޅުމާލޭ ރައްޔިތުންނަށް ރަނގަޅު ހިދުމަތެއް ދޭނެ ސްކޫލަކަށް އެތަން ވެގެންދިއުން ކަމަށެވެ. "މި ސްކޫލު ހިންގާނެ ފަރާތެއް ހޯދުމަށް ވަރަށް އަވަހަށް އިއުލާން ކުރާނަން،" މިނިސްޓަރު ވިދާޅުވީ ޕްރީ ސްކޫލުގެ ކިޔެވުން މިއަހަރު ފެށޭނެކަމަށެވެ. އެއްބަސްވުމުގައި ސޮއިކުރުމަށްފަހު އެމްޑީ ސުހައިލް ވިދާޅުވީ ސްކޫލުގައި ހަތް ކުލާސްރޫމް ހިމެނޭކަމަށާއި ލެބެއް ވެސް ހިމެނޭ ކަމަށެވެ. "މި ޕްރީ ސްކޫލުގައި ހަތް ކުލާސްރޫމް ހިމެނޭނެ. ކޮމްޕިއުޓަރު ލެބް އަކާއި ހޯލެއްގެ އިތުރުން ސްޓާފްރޫމެއް ހިމެނޭނެ. އަދި ކުޑަކުދިން އެކްޓިވިޓީސް ހިންގުމަށް ޖާގަ އޮންނާނެ،" އޭނާ ވިދާޅުވިއެވެ.
ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ޕްރީ ސްކޫލެއް އެޑިއުކޭޝަން މިނިސްޓްރީއާ ހަވާލުކޮށްފި
ހއ. ފިއްލަދޫ އިން މަހަށް ފުރި ދޯންޏެއް ގެއްލިގެން ހޯދަންފަށައިިފި އެވެ. އެމްއެންޑީއެފް އިން ބުނީ އެ ދޯންޏަކީ ޖެނުއަރީ 25ގައި މަހަށް ފުރި ދޯންޏެއް ކަމަށާއި ދޯނީގެ ޚަބަރެއް ނުވެގެން އުޅޭ ކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑުގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް ލިބިފައި ވަނީ އިއްޔެ 14:10 ހާއިރު ކަމަށެވެ. "ޔުނިޓީ" ނަމަކަށް ކިޔާ އެ ދޯނި ޖެނުއަރީ 29 ވަނަ ދުވަހު ހއ. ކެލަޔާއި ދިމާލު ބޭރުގައި މަސްވެރިކަންކުރުމުގައި އުޅުނު ކަމަށް އެމްއެންޑީއެފް ކޯސްޓްގާޑަށް މައުލޫމާތު ލިބިފައިވާ ކަމަށް ވެސް އެމްއެންޑީއެފް އިން ބުންޏެވެ. ދޯންޏަކީ ދިގުމިނުގައި 30 މީޓަރު ހުރި ބޭރުގައި ގަދަނޫ ކުލައިގެ ދަވާދު ލާފައިވާ އަދި ހުދު ކުލައިގެ ގެގަނޑެއް ލާފައިވާ ދޯންޏެއް ކަމަށާއި މި ދޯންޏާ ބެހޭ މަޢުލޫމާތު ލިބިއްޖެ ނަމަ އެމްއެންޑީއެފް ކޯސްޓުގާޑާ ހިއްސާކޮށްދިނުމަށް ވެސް އެމްއެންޑީއެފް އިން އެދެ އެވެ.
ޖެނުއަރީ 25ގައި މަހަށް ފުރި ދޯންޏެއް ގެއްލިގެން ހޯދަނީ
ޑައިރެކްޓަރު ރޯހިތު ޝެޓީ ވަނީ ފިލްމު 'ސިމްބާ'އާ އެކު މިދިޔަ އަހަރު ބްލޮކްބަސްޓާ ފިލްމެއް ބެލުންތެރިންނާ ހަމައަށް ގެނެސްދީފަ އެވެ. ރަންވީރު ސިންގް ލީޑު ރޯލުން ފެނިގެން ދިޔަ އެ ފިލްމަށް މިހާތަނަށް 200 ކުރޯރު ރުޕީޒްގެ އާމްދަނީއެއް ލިބުނު އިރު ބޮކްސްއޮފީހުގެ ގިނަ ރެކޯޑުތަކެއް ވެސް ވަނީ އާކޮށްފަ އެވެ. ރޯހިތު އަދި ވެސް އަންނަނީ 'ސިމްބާ'ގެ ކާމިޔާބީ ފާހަގަ ކުރަމުންނެވެ. އަދި އެ އުފަލުގައި ހުރެ ރޯހިތު މިވަނީ އިތުރު ފިލްމެއްގެ މަސައްކަތް ފަށައިފަ އެވެ. އެއީ ފިލްމު 'ސޫރިޔާވަންޝީ' އެވެ. ހުކުރު ދުވަހު ރޯހިތު ވަނީ ފިލްމުގެ މަސައްކަތް ފެށުމަށް އޭނާގެ ޓީމާއެކު އިންޑިއާގެ ގޯއާއަށް ފުރައިފަ އެވެ. 'ސޫރިޔާވަންޝީ'ގެ ލީޑު ރޯލުން ފެނިގެންދާނީ ކާމިޔާބު އެކްޓަރު އަކްޝޭ ކުމާރެވެ. އަކްޝޭ އާ އެކު ބަތަލާ ސޯނަމް ވެސް ފިލްމުން ފެނިގެންދާނެ ކަމަށް ޚަބަރުތައް އަންނަނީ ބުނަމުންނެވެ. ނަމަވެސް އެކަން އަދި ރޯހިތު ޔަގީންކޮށްދީފައެއް ނުވެ އެވެ. 'ސޫރިޔާވަންޝީ' އިއުލާންކޮށްފައި ވަނީ ފިލްމު 'ސިމްބާ'ގެ ޕޯސްޓް ކްރެޑިޓްސްގެ ތެރެއިންނެވެ. އަކްޝޭ ވަނީ އެ ފިލްމުގައި 'އޭޓީއެސް އޮފިސަރު ވީރް ސޫރިވަންޝީ'ގެ ގޮތުގައި ޚާއްސަ ފެނިލުމަކުން ފެނިގެން ގޮސްފަ އެވެ. 'ސޫރިޔާވަންޝީ' އަކީ ތަމިލް ފިލްމެއްގެ ރީމޭކް އެއް ކަމަށް ދެކެވެމުން އަންނަ ވާހަތައް ރޯހިތު ވަނީ ދޮގުކޮށްފަ އެވެ. ރޯހިތު ބުނީ އެ ފިލްމަކީ އޮރިޖިނަލް ވާހަކައެއްގެ މައްޗަށް އޭނާ ޕްރޮޑިއުސްކޮށް އުފައްދާ ފިލްމެއް ކަމަށެވެ. އެ ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ މި އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.
"ސޫރިޔާވަންޝީ"ގެ މަސައްކަތަށް ރޯހިތު ޝެޓީ ޓީމާ އެކު ގޯއާއަށް!
ހުޅުމާލޭގައި ކުއްލި ގޮތަކަށް މަރުވި 27 އަހަރުގެ އައިޝަތު ވިޝާމާގެ މަރުގެ މައްސަލައިގައި މީހަކު ހައްޔަރުކޮށްފިއެވެ. މިދިޔަ ހުކުރު ދުވަހު ހުޅުމާލޭގައި މަރުވި ވިޝާމާ (ހުޅުމާލެ، މުރަކަ 7) ހުޅުމާލޭ ހޮސްޕިޓަލަށް ގެންދެވުނު އިރުވެސް މަރުވެފައިވާ ކަމަށް މީގެ ކުރިން ފުލުހުން ވަނީ ބުނެފައެވެ. މިއަދު ފުލުހުން ބުނީ އެ މައްސަލައިގައި އެކަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އެމީހާ ހައްޔަރު ކޮށްފައިވަނީ ކޮން އިރަކު ކަމެއް ފުލުހުން ނުބުނެއެވެ. ތަހުގީގު ކުރެވެމުންދާ މައްސަލައަކަށް ވާތީ އިތުރު ތަފްސީލެއް ފުލުހުން ނުދެއްވައެވެ. ވިޝާމާގެ މަރުގެ މައްސަލައިގެ އިތުރުން މިިދިޔަ ހޮނިހިރު ދުވަހު ހަވީރު މާލޭގައި ކުއްލި ގޮތަކަށް މަރުވި ފިރިހެން މީހާގެ މައްސަލަވެސް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
ވިޝާމާ މަރުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި
ހުކުރު ދުވަހު ރިލީޒްކުރި އެކްޓަރު އަނިލް ކަޕޫރު އަދި ބަތަލާ ސޯނަމް ކަޕޫރުގެ ފިލްމު 'އެކް ލަޅްކީ ކޮ ދޭކާ ތޮ އޭސާ ލަގާ' އަށް ފުރަތަމަ ހަފްތާ ބަންދުގައި 3.3 ކުރޯޑް ރުޕީޒް (461،796 އެމެރިކާ ޑޮލަރު)ގެ އާމްދަނީއެއް ލިބިއްޖެ އެވެ. ޝެލީ ޗޯޕްރާ ދަރް ލިޔެ ޑައިރެކްޓުކޮށްފައިވާ އެ ފިލްމު 1500 ސްކްރީނެއްގައި އަންނަނީ ދައްކަމުންނެވެ. ޓްރޭޑް އެނަލިސްޓް ތަރަން އާދަރްޝް ބުނީ ފުރަތަމަ ފިލްމަށް ލިބުނު ތަރުހީބު ކުޑަ ނަމަވެސް، މިހާރު ތަރުހީބު ރަނގަޅުވަމުން އަންނަ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ފިލްމުގެ އާމްދަނީ ރަނގަޅުވާނެ ކަމަށް ބެލެވެ އެވެ. ސޯލޯ ރިލީޒް އެއްގެ ގޮތުގައި ފިލްމު ރިލީޒްކުރި ނަމަވެސް، އެ ފިލްމަށް ކަންގަނާ ރަނައުތުގެ 'މަނީކަރްނިކާ: ދަ ކުއީން އޮފް ޖާންސީ' އަދި ވިކީ ކޯޝަލްގެ 'އުރީ' އާ ބޮކްސްއޮފީހުގައި ވާދަކުރަން ޖެހޭނެ އެވެ. މިއީ ސޯނަމް އާއި އަނިލް އެކުގައި ފެނިގެންދާ ފުރަތަމަ ފިލްމެވެ. "މޯސްޓް އަންއެކްސްޕެކްޓެޑް ރޮމޭންސް" ގޮތުގައި ބުނަމުން އަންނަ 'އެކް ލަޅްކީ ކޮ ދޭކާ ތޮ އޭސާ ލަގާ' ގައި ސޯނަމް އާއި އަނިލްގެ އިތުރުން މުހިންމު ރޯލުތަކުން ރާޖްކުމާރު ރާއޯ އަދި ޖޫހީ ޗާއުލާ ވެސް ފެނިގެންދާނެ އެވެ.
'އެކް ލަޅްކީ ކޮ ދޭކާ ތޮ އޭސާ ލަގާ' އަށް ރަނގަޅު ފެށުމެއް!
ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ބަލަން އުފައްދާފައިވާ ކޮމިޝަނުގެ ރައީސް އަދި މަޝްހޫރު ގާނޫނީ ވަކީލު ހުސްނުއްސުއޫދު ޖުޑިޝަލް ސާވިސް ކޮމިޝަނަށް ހާޒިރުވާން އަންގައިފި އެވެ. ސުއޫދު ޖޭއެސްއީ އަށް ހާޒިރުވާން އަންގާފައި ވަނީ އާދިއްތަ ދުވަހުގެ ދޭއް ޖަހާއިރަށެވެ. އެކަން ސުއޫދު ވަނީ ކަށަވަރު ކޮށްދީފަ އެވެ. ސުއޫދު ހާޒިރު ކުރަނީ ފަނޑިޔާރުންނާއި ގޭންގްތަކާ ގުޅުވައި ދެއްކެވި ވަހަކަތަކާ ގުޅިގެންކަން އެނގިފައިވެ އެވެ. އެވާހަތަކާ ގުޅިގެން މައްސަލަ ބެލުމަށް ޖޭއެސްސީން ވަނީ ކޮމިޓީއެއް ވެސް އެކުލަވާލައިފަ އެވެ. އެ ކޮމިޓީ ޗެއާ ކުރައްވަނީ ބަންޑާރަނައިބު އިބްރާހިމް ރިފްއަތު ކަމަށް ޖޭއެސްސީއިން ވަނީ ބުނެފަ އެވެ. ގޭންގްތަކާއި ފަނޑިޔާރުންނާ ގުޅުން އޮންނަ ކަމަށް ސުއޫދު ވިދާޅުވީ ކްރިމިނަލް ކޯޓުގައި މިހާރު ތިބި ފަނޑިޔާރުން މަގާމުގައި ބައިތިއްބައިގެން އިންސާފު ލިބިދާނެ ކަމުގެ އުންމީދެއް ނެތް ކަމަށް ވިދާޅުވެ ދެއްކެވި ވާހަކަފުޅުގެ ތެރެއިންނެވެ. ސުއޫދު ވިދާޅުވީ، ބައެއް މައްސަލަތަކުގައި ކޯޓުގެ މުވައްޒަފުންނާއި ފަނޑިޔާރުން ވެސް ޝާހިމިލުވެގެން ބައެއް މީހުން ދޫކުރާ ކަމާއި މައްސަލަތައް ވަކި ބައެއްގެ މައްޗަށް ސާބިތު ނުކުރާކަން ފާހަގަ ކުރެވުނު ކަމަށެވެ. "ގޭންގުތަކުގެ ނުފޫޒު ފަނޑިޔާރުގެ މައްޗަށް ފޯރާފައި އެބަ ހުރި. ހެކިން ހާޒިރު ކޮށްފައި ތިއްބާ ގޭންގުތަކުން ނުފޫޒު ފޯރުވާފައި އެބަ ހުރި. ފަނޑިޔާރުންނަށް ނުފޫޒު ފޯރުވާފައި އެބަ ހުރި. އަނެއްކާ ފަނޑިޔާރުންގެ ސެކިއުރިޓީއަށް ގޭންގުތައް ބޭނުންކޮށްފައި އެބަ ހުރި،" އޭނާ ވިދާޅުވީ، "ގޭންގު"ތަކުން ނޮމިނޭޓު ކުރާ ފަނޑިޔާރުން ކޯޓަށް އައްޔަން ކޮށްފައި ހުންނަ ކަމާއި، ވަކި ވަކި "ގޭންގު"ތަކަށް ފަނޑިޔާރުންގެ ކޯޓާއެއް ކަނޑައަޅާފައި ހުންނަ ކަމުގެ މައުލޫމާތު ވެސް ލިބިފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ، ބައެއް މަރުގެ މައްސަލަތައް ކޯޓުގައި ކުރިއަށް ދަނިކޮށް އެ މައްސަލަތަކުގައި ޝާމިލުވާ "ގޭންގު"ތަކުން ސުލްހައިގެ އެއްބަސްވުންތައް ހަދައި، ހެކިތަކަށް ބަދަލު ގެންނަ ކަމަށެވެ. "ހަގީގަތުގައި ޝަރުއީ މަރުހަލާ އެބިއުޒް އެ ކުރެވެނީ. އޮބްސްޓްރަކްޝަން އޮފް ޖަސްޓިސް އެއްގޮތަކުން ބަލަންޏާ އެއީ،" ސުއޫދު ވިދާޅުވިއެވެ.
ސުއޫދު ޖޭއެސްސީއަށް ހާޒިރުވާން އަންގައިފި
ސިއްރުފެންފުށި ރިސޯޓުގައި މަސައްކަތް ކުރަން އުޅެނިކޮށް އިމާރާތަކުން ވެއްޓި، އަނިޔާވި ދިވެއްސަކު މަރުވެއްޖެ އެވެ. އޭނާ މަރުވެފައި ވަނީ ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށެވެ. މަރުވެފައި ވަނީ އުމުރުން 22 އަހަރުގެ ފިރިހެނެކެވެ. ސިއްރު ފެންފުށީގައި އިމާރާތަކުން ވެއްޓި މަރުވި ޒުވާނާއަށް ލިނުނު އަނިޔާތަކުގެ ތަފްސީލު ސާފުވެފައެއް ނުވެ އެވެ. މިއަދު ހެނދުނު ނ. މާފަރުގައި މަސްހިފަން އުޅުނު މީހަކު މަރުވެފައިވާ އިރު ލ. ހިތަދޫ އިން މަހަށް ނިކުމެ އުޅުނު މީހަކު ވެސް ވަނީ މަރުވެފަ އެވެ.
ސިއްރު ފެންފުށީގައި އިމާރާތަކުން ވެއްޓި ދިވެއްސަކު މަރުވެއްޖެ
ދިއްލީ (ޖެނުއަރީ 17): އިންޑިއާގެ ރާޖަސްތާނުގައި ގެއްލުނު ދެ ލޯބިވެރިންގެ ހަށިގަނޑު ވަޅެއް ތެރެއިން ފެނިއްޖެ ކަމަށް އެގައުމުގެ ފުލުހުން ބުނެފި އެވެ. ފުލުހުން ބުނި ގޮތުގައި އެއީ 28 އަހަރުގެ ފިރިހެނަކާއި 19 އަހަރުގެ އަންހެނެކެވެ. އެދެ މީހުންނަކީ އަވަށްޓެރިން ކަމަށާއި އެއީ ދެ ލޯބިވެރިން ކަމަށް ވެސް ފުލުހުން ބުންޏެވެ. އެދެ މީހުންގެ ހަށިގަނޑު ފެނިފައި ވަނީ ގެއްލިގެން ހޯދަމުން ދަނިކޮށް އަންގާރަ ދުވަހުގެ ރޭގަ އެވެ. އަދި އެދެ މީހުން މަރުވެފައި ވަނީ އަމިއްލައަށް ކަމަށް ދޭހަވާ ހެއްކެއް ފެނިފައި ނުވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. ރާޖަސްތާނުގެ ފުލުހުން ވަނީ އެދެ މީހުންގެ ޕޯސްޓްމޯޓަށް ހެދުމަށް ފަހު ދެ މީހުންގެ ހަށިގަނޑު އާއިލާއާ ހަވާލުކޮށްފަ އެވެ. އަދި އެމައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ބުނެފަ އެވެ.
ރާޖަސްތާނުގައި ގެއްލުނު ދެ މީހެއްގެ ހަށިގަނޑު ވަޅަކުން ފެނިއްޖެ
ނުގަވައިދުން އުޅޭ 63000 ބިދޭސީން ރާއްޖޭގައި އެބަތިބިކަމަށް އިމިގްރޭޝަނުން ބުނެފިއެވެ. އިމިގްރޭޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ކޮންޓްރޯލާ މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) މިއަދު ވިދާޅުވީ ވޯކްވިސާގައި މިހާތަނަށް 1،44،607 ބިދޭސީން ރާއްޖެ ގެނެސްފައިވާކަމަށެވެ. "އޭގެ ތެރޭގައި ނުގަވައިދުން އުޅޭކަމަށް ލަފާކުރެވޭ އަދަދަކީ 63000. ކޯޓާ ދޫކުރެވިފައިވާ އުސޫލުން ބޭރުން ކުދި ކެފޭތަކަށްވެސް 100 ކޯޓާ ވަނީ ދޫކުރެވިފައި. ގެސްޓް ހައުސްތަކަށްވެސް 80 ކޯޓާ ދޫކުރެވިފައި. އުސޫލަށް ބެލުމެއް ނެތި މިކަންތައް ވަނީ ހިނގާފައި،" އޭނާ ވިދާޅުވިއެވެ. ހަނަފީ ވިދާޅުވީ، އިމިގްރޭޝަނާމެދު ރައްޔިތުން ދެކޭގޮތް ވަރަށް ބޮޑަށް ކިލަނބުވެފައިވާ ކަމަށެވެ. "ބައެއް ޕްރޮޖެކްޓްތަކަށް އެބަހުރި 3700 ކޯޓާވެސް ދޫކޮށްފައި އުސޫލުން ބޭރުން،" ރާއްޖޭގައި ނުގަވައިދުން އުޅޭ ބިދޭސީންގެ އަދަދު ގިނައިރު، ބިދޭސިން ގަވައިދާ ހިލާފަށް އުޅުން ހުއްޓުވޭނީ އާންމުންގެ އެއްބާރުލުން ލިބިގެން ކަމަށް ކޮންޓްރޯލާ ވިދާޅުވިއެވެ. އިމިގްރޭޝަން ގަވައިދާ ހިލާފަށް ޖިނާއީ ކުށްތަކުގައި 2018 ވަނަ އަހަރު 112 ބިދޭސިން ޑީޕޯޓު ކުރެވިފައިވާ ކަމަށް ކޮންޓްރޯލާ ވިދާޅުވިއެވެ. އޭގެ ތެރޭގައި މަސްތުވާތަކެތީގެ މައްސަލަތަކާއި، ވައްކަން، ރާއްޖޭގެ ގާނޫނާ ހިލާފުވުން ފަދަ ކުށްތަކުގައި ހައްޔަރު ކުރެވުނު ބިދޭސިން ހިމެނޭ ކަމަށް ކޮންޓްރޯލާ ވިދާޅުވިއެވެ. "ސިއްހީ ދުޅަހެޔޮކަން ރަނގަޅު ނުވުމުގެ ސަބަބުން ރާއްޖެއިން ފޮނުވާލާފައިވާ ބިދޭސިންގެ އަދަދުވެސް މިދިޔަ އަހަރު ވަނީ އިތުރުވެފައި. 2017 ގައި ޖުމްލަ 434 މީހުން މެޑިކަލީ އަންފިޓް ވެގެން ވަނީ ފޮނުވާލާފައި. އެކަމަކު 2018 ގައި 531 އަށް މިއަދަދު އުފުލުނު،" ހަނަފީ ވިދާޅުވީ ފިލައިގެން އުޅޭ ބިދޭސިންގެ އަދަދުވެސް އިތުރު ވެފައިވާ ކަމަށެވެ. ފިލައިގެން އުޅޭ 2734 ބިދޭސީއެއް މިދިޔަ އަހަރު ފާހަގަކުރެވުނު ކަމަށް އޭނާ ވިދާޅުވިއެވެ. ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް "ސްޓިންގް ރޭ"ގެ ނަމުގައި އޮޕަރޭޝަނެއް ފަށާފައިވާ ކަމަށާއި އެއް އަހަރު ދުވަހަށް ކުރިއަށް ގެންދާ މި އޮޕަރޭޝަނުގައި ބިދޭސީންގެ ކަންތައް ބަލައި، އަނބުރާ ގައުމަށް ދިއުމުގެ ފުރުސަތު ނުގަވައިދުން އުޅޭ މީހުންނަށް ދޭނެ ކަމަށް ހަނަފީ ވިދާޅުވިއެވެ. އަދި މުއްދަތެއް ދިނުމަށްފަހު އަމިއްލައަށް ގައުމަށް ނުދާ ބިދޭސިން ފޮނުވާލުމުގެ މަސައްކަތްވެސް އިމިގްރޭޝަނުން ކުރާނެ ކަމަށާއި، އިމިގްރޭޝަން ގާނޫނުގައި ހުރި ލޫޕް ހޯލްސް ތައް ފާހަގަކޮށް އެކަންތައް އިސްލާހުކުރުމަށްފަހު އާ ގާނޫނެއް އެކުލަވާލުމަށް މަސައްކަތް ފަށާފައިވާކަމަށް އޭނާ ވިދާޅުވިއެވެ. ނުގަވައިދުން ދޫކޮށްފައި ހުރި ކޯޓާތައް ކެންސަލްކޮށް، އެ ކޯޓާތައް ދޫކޮށްފައިވާ ފަރާތްތައް ޖޫރިމަނާ ކުރަމުންދާކަމަށްވެސް އޭނާ ވިދާޅުވިއެވެ. ނުގަވައިދުން ކަމެއް ކޮށްދިނުމަށްއެދި އިމިގްރޭޝަން ކޮންޓްރޯލަރަށް އަދި އިމިގްރޭޝަނުގެ އެއްވެސް މުވައްޒަފަކަށް ނުގުޅުމަށް އަދި އެފަދަ ކަމަކަށް އެދި ހުށަނޭޅުމަށް ހަނަފީ ވަނީ ރައްޔިތުންގެ ކިބައިން ތަކުރާރުކޮށް އެދިލައްވައިފައެވެ.
ރާއްޖޭގައި ނުގަވައިދުން އުޅޭ 63000 އަށްވުރެ ގިނަ ބިދޭސީން!
ލ. ހިތަދޫގެ ދެކުނުން 24 ނޯޓިކަލް މޭލު ބޭރުގައި މަސްވެރިކަން ކުރަން އުޅުނު "މާވެހި" ނަމަކަށްކިޔާ ދޯންޏެއްގައި ހުރި މީހަކު މަރުވެއްޖެ އެވެ. އެމްއެންޑީއެފްއިން މިއަދު ބުނީ އުމުރުން 45 އަހަރުގެ ފިރިހެން މީހާ ހާލު ދެރަވެގެން އުޅޭ ކަމުގެ މައުލޫމާތު މިއަދު 09:00 ލިބުނު ކަމަށާއި އަވަސް ފަރުވާއަށް ލ. ގަމު ރީޖަނެލް ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ. އޭނާ އެ ހޮސްޕިޓަލަށް ގެންދިޔައީ މެއަށް ތަދެއް އަރައިގެން ނޭވާލުމަށް އުނދަގޫވުމުގެ ސަބަބުން ކަމަށް ވެސް އެމްއެންޑީއެފް އިން ބުންޏެވެ. ގަން ރީޖަނަލް ހޮސްޕިޓަލުން "ސަން" އަށް ބުނީ އެ މީހާ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް މަރުވެފައިވާ ކަމަށާއި އޭނާގެ ހަށިގަނޑު ހިތަދޫއަށް ގެންގޮސްފައިވާ ކަމަށެވެ.
މަހަށް ނުކުމެ އުޅުނު މީހަކު މަރުވެއްޖެ
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރުމަށް ޕީޕީއެމްގެ ޓިކެޓު ދީފައިވާ ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ ޝުކޫރު މަޖިލީހުގައި ވާދަ ނުކުރައްވަން ނިންމަވައި ޓިކެޓު ދޫކޮށްލައްވައިފި އެވެ. އާޒިމާ ޓިކެޓު ދޫކޮށްލެއްވީ އާލާސްކަންފުޅާ އުޅުއްވާތީ އެވެ. ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް އަބްދުލްމަތީން ވިދާޅުވީ އާޒިމާ ޓިކެޓު ދޫކޮށްލެއްވީ އާލާސްކަބްފުޅާ އުޅުއްވާތީ މަޖިލިސް އިންތިހާބު ފަދަ ބުރަ މަސައްކަތެއްގައި އުޅުއްވުމަށް ސިއްހީ ހާލަތު ތަން ނުދޭތީ ކަމަށެވެ. އާޒިމާގެ ބަދަލުގައި ޕީޕީއެމްގެ ހޮޅުދޫ ދާއިރާގެ ޓިކެޓު ރޭ ވަނީ އިތުރު ފަރާތަކަށް ދީފަ އެވެ. ހޮޅުދޫ ދާއިރާ އިން ޕީޕީއެމްގެ ޓިކެޓު ދީފައި ވަނީ އަހުމަދު ހަމްދާން ނާސިރަށެވެ. މަޖިލިސް އިންތިހާބުގައި ވާދަކުރުމަށް ޕީޕީއެމް އާއި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ރޭ ވަނީ ކޯލިޝަން ހަދައި އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. އެ ކޯލިޝަންގެ ފަރާތުން އިންތިހާބުގައި ވާދަކުރުމަށް ރޭ 63 ފަރާތަކަށް ޓިކެޓް ދީފައިވާ އިރު އިތުރު ފަރާތްތަކަށް ޓިކެޓު ދޭން ނިންމާފައިވަނީ ޕްރައިމަރީ އަަކަށް ފަހު އެވެ. ހޮޅުދޫ ދާއިރާ އަށް ޕީޕީއެމްގެ އިތުރަށް އެމްޑީއޭ އާއި އެމްޑީޕީ އިން ވެސް ވާދަ ކުރެ އެވެ. އެމްޑީއޭގެ ފަރާތުން އެދާއިރާ އަށް ވާދަ ކުރައްވަނީ ހުސައިން ސާލިމް މުހައްމަދެވެ. އެމްޑީޕީ އިން ޔޫނުސު އަލީ އެވެ.
އާޒިމާ މަޖިލިސް ޓިކެޓު ދޫކޮށްލައްވައިފި
ށ. ފީވަކުގެ މީހަކު 82 ކިލޯގެ މާވަހަރެއް ކަމަށް ބެލެވޭ އެއްޗެއް ހޮވައިފި އެވެ. ފީވަކު ކައުންސިލްގެ ނާއިބު ރައީސް އަހުމަދު އާދިލް މިއަދު "ސަން" އަށް ވިދާޅުވީ އެ "ހުދަންބަރު" ހޮވީ އެ ރަށުގެ އަހުމަދު މަނިކު ކިޔާ މީހެއް ކަމަށެވެ. އަދި އޭނާ އެ "މާވަހަރު" ހޮވީ އިއްޔެ ރޭ ފަތިހު ޑިންގީއެއްގައި ވަދާ ގޮސް އުޅެނިކޮށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެ "މާވަހަރު" މިވަގުތި ބާއްވާފައި އޮތީ އެ ރަށުގައި ކަމަށާއި އަދި އެ ވިއްކުމަށް ކުރަން ޖެހޭ މަސައްކަތް ކުރަމުންގެންދާ ކަމަށް ވެސް އާދިލް ވިދާޅުވި އެވެ. ރާއްޖޭގައި ދޭތެރެ ދޭތެރެއިން މާވަހަރު ހޮވަ އެވެ. އަދި ބައެއް ފަހަރު އެއް ފަހަރާ ބައެއް ރަށްރަށަށް ގިނަ އަދަދެއްގެ މާވަަހަރު ވެސް ލައްގާފައި އެބަ ހުއްޓެވެ.
ފީވަކުގެ މީހަކު 82 ކިލޯގެ "މާވަހަރެެއް" ހޮވައިފި
ކުރިސްޓިއާނޯ ރޮނާލްޑޯގެ ގޯލާ އެކު އެންމެ ވާދަވެރި އޭސީ މިލާން ބަލިކޮށް ޔުވެންޓަސް އިން އިޓަލީގެ ސުޕާ ކޮޕާ އުފުލާލައިފި އެވެ. ރޭ ކުޅުނު މެޗުގެ ހަމަ އެކަނި ގޯލް ދެ ވަނަ ހާފުގައި މިރަލެމް ޕިޔަނިކް ނަގައިދިން ހުރަހަކުން ގޯލުގެ ތެރެއަށް ފޮނުވާލާފައި ވަނީ ކުރިސްޓިއާނޯ ރޮނާލްޑޯ އެވެ. މީ މިސީޒަނުގައި ޔުވެންޓަސް އަށް ކާމިޔާބު ކޮށްދީފައިވާ 16 ވަނަ ގޯލެވެ. މިލާން ކޮޅަށް ގޯލް ޖެހުމަށް ފަހު ރޮނާލްޑޯ އުފާ ފާޅުކުރަނީ -- ޕީޓާ ހެންސަން އިޓަލީގެ އެންމެ ކާމިޔާބު ދެ ޓީމުގެ ދެމެދުގައި ކުޅުނު މި މެޗަކީ ބެލުންތެރިން ޝައުގުވެރި ކުރުވި އެތަކެއް "ޑުރާމާ"ތަކެއް ފެނިގެން ދިޔަ ފޯރި ގަދަ މެޗެކެވެ. އެގޮތުން މިލާންގެ މިޑްފީލްޑަރު ފުރޭންކް ކެސީ ކުރި ފައުލަކާ ގުޅިގެން ރެފްރީ ވަނީ ރަތް ކާޑެއް ދައްކައި އޭނާ ދަނޑުން ފޮނުވާލި އެވެ. އަަދި މުޅި މެޗުގައި އިތުރު ހަތް ރީނދޫ ކާޑެއް ވަނީ ފެނިގެން ގޮސްފަ އެވެ. އޭސީ މިލާންގެ ކުރީގެ ކުޅުންތެރިޔާ އަދި މިހާރު އެ ޓީމުގެ ކޯޗުކަން ކުރަމުން އަންނަ ގެނާރޯ ގަޓޫސޯގެ މެޗަށް ޓީމު ނެގި އިރު، އެ ޓީމުގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ ގޮންޒަލޯ ހިގުއަން ހިމަނާފައެއް ނުވެ އެވެ. ހިގުއަން ޗެލްސީއަށް ބަދަލު ވާން އުޅޭ ކަމުގެ އޯލަ ވާހަކަތައް ފެތުރިފައިވާ މި ދަނޑިވަޅުގައި އޭނާ ބެންޗުގައި ބޭންދުމުން ގިނަ ބައެއްގެ ފާޑު ކިޔުން ކޯޗަށް ވަނީ އަމާޒުވެފަ އެވެ. ކުރިސްޓިއާނޯ ރޮނާލްޑޯ މިލާން ގެ ގޯލަށް ބޮލުން ޖަހާ މަންޒަރު -- ބީބީސި ސްޕޯޓްސް "ޓީމުގެ ކުޅުމާ ދޭތެރޭ ވަރަށް ހިތްހަމަ ޖެހޭ. ގިނަ ފުރުސަތުތަކެއް އުފައްދައި މެޗުން މޮޅުވި ގޯލް ޖަހައިދެވުނީތީވެ، އަހަރެން ވަރަށް އުފާވޭ." މެޗަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ރޮނާލްޑޯ ބުންޏެވެ. "މީ އަދި ފެށުމެއް. މި އަހަރު ތައްޓަކާ އެކު ފެށުމަކީ އަހަރެންގެ އުންމީދެއް. މިއީ ޔުވެންޓަސްއާ އެކު އަހަންނަށް ލިބުނު ފުރަތަމަ ޓުރޮފީ،" އިޓަލީ ލީގުގެ އެއްވަނާގައި ޔުވެންޓަސް ވަނީ ނުވަ ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. ލީގުގައި 13 ގޯލް ޖަހައި މިވަގުތު ޓޮޕް ސްކޯރާއަކީ ވެސް ރޮނާލްޑޯ އެވެ. މި ސީޒަނުގައި ޔުވެންޓަސް ލީގުގެ އެއްވެސް މެޗަކުން މިހާތަނަށް ބަލިވެފައެއް ނުވެ އެވެ. "އަހަރަމެންގެ އެންމެ ބޮޑު ޓާގެޓަކީ މިފަހަރުގެ ލީގު ވެސް ޔުވެންޓަސް އަށް ކާމިޔާބު ކުރުން. މިވަގުތު ޓީމު އެއްވަނާގައި އޮތް ނަމަވެސް އަދި މުބާރާތުގެ ބޮޑުބައި އޮތީ. ވީމާ ހުރިހާ ކުޅުންތެރިން ވެސް ގަދަ އަޅާ މިކަން ކާމިޔާބު ކުރަން މަސައްކަތް ކުރަންވީ." ރޮނާލްޑޯ އޭނާގެ ވާހަކަ އިތުރު ކުރަމުން ބުންޏެވެ.
ރޮނާލްޑޯގެ ލަނޑުން މޮޅުވެ، ސުޕާ ކޮޕާގެ ތަށި ޔުވެންޓަސް އުފުލާލައިފި
ވޮޝިންޓަން (ފެބްރުއަރީ 2) : އަފްޣާނިސްތާނާއި ސޫރިޔާގައި ހަމައެކަނި އޮތީ ހަމަނުޖެހުމާއި ތަޅާފޮޅުމާއި ނިމުމެއް ނެތް ހަނގުރާމަތަކެއް ކަމަށާއި އެތަންތަނުގައި ބޮޑު ޚަރަދުކޮށްގެން ސިފައިން ބޭތިއްބުމުގެ ބޭނުމެއް ނެތް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ. ޓްރަމްޕް ކުރެއްވި ޓުވީޓްތަކެއްގައި ވިދާޅުވެފައި ވަނީ އެމެރިކާ ރައްޔިތުންގެ ޓެކްސް ފައިސާ އިން (އެމެރިކާގެ ބަޖެޓުން) އަހަރަކު ގާތްގަނޑަކަށް 50 ބިލިޔަން ޑޮލަރު އަފްޣާނިސްތާނުގައި ބައިތިއްބާ އެމެރިކާ ސިފައިންނަށް ޚަރަދުވާކަމަށާއި އެއީ ނަތީޖާ ނުނެރެވޭ ބޭކާރު ޚަރަދުތަކެއް ކަމުގަ އެވެ. ޓްރަމްޕް ވިދާޅުވީ ބޭރުގެ ހަނގުރާމަތަކަށް އެމެރިކާ ސަރުކާރުން ޚަރަދުކުރާ ފައިސާ އެމެރިކާގެ ތަރައްގީ އާއި ކުރިއެރުމަށާއި އަދި އެމެރިކާގެ ރައްޔިތުންނަށް ބޭނުންވާ ވަޒީފާތައް އުފެއްދުމަށް ޚަރަދު ކުރުމަކީ އޭނާގެ ރިޔާސީ ވައުދެއްކަމުގަ އެވެ. ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވުނީ އެމެރިކާގެ ރައްޔިތުން މިވައުދުތައް ބަލައިގަތުމުގެ ސަބަބުން ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ. ޓްރަމްޕް މިހެން ވިދާޅުވި އިރު މިދިޔަ ޑިސެމްބަރު މަހު ޓްރަމްޕް ވަނީ އެމެރިކާ ސިފައިން ސޫރިޔާ އިން ބޭލުމަށް ނިންމަވާފަ އެވެ. މިއާ އެކު އެމެރިކާގެ ދިފާއީ ވުޒާރާ ޕެންޓަގަން އިންވަނީ އެމެރިކާ ސިފައިން ސޫރިޔާއިން ބޭލުމުގެ މަސައްކަތް ފަށައިފަ އެވެ. ނަމަވެސް އެކަމާ ހިތްހަމަނުޖެހިގެން އެމެރިކާގެ ދިފާއީ ވަޒީރު ޖޭމްސް މަޓިސް ވަނީ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ. ގަތަރުގައި އެންމެ ފަހުން ބޭއްވި އަފްޣާން ސުލްޙައިގެ ވާހަކަތަކުގައި އެމެރިކާ ވަނީ 18 މަސްތެރޭގައި އެމެރިކާ ސިފައިން އަފްޣާނިސްތާނުން ބޭލުމަށް ނިންމިކަން ތާލިބާނުންނާ ހިއްސާކޮށްފަ އެވެ. މިކަމާގުޅިގެން އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ ވަނީ އެމެރިކާ ސިފައިން އަފްޣާނިސްތާނުން ބޭލުމަށް ޓްރަމްޕް ނިންމަވާފައިވާ ކަމަށާ މިކަމުގައި ޓްރަމްޕްގެ ސަރުކާރު ވަރަށް ސީރިޔަސް ކަމަށް ވިދާޅުވެ އެކަން ކަށަވަރުކުރައްވައި ދާދިފަހުން ބަޔާނެއް ދެއްވައިފަ އެވެ. އެމެރިކާއިން އަފްޣާން ހަނގުރާމައަށް 17 އަހަރު ތެރޭގައި ދެ ޓްރިލިޔަން ޑޮލަރަށްވުރެ ބޮޑު ޚަރަދެއް ޚަރަދުކޮށްފައިވީ ނަމަވެސް ތާލިބާނުން ބަލިކުރުމުގައި އެމެރިކާގެ ލަޝްކަރުތައް ވަނީ މުޅިން ނާކާމިޔާބުވެފަ އެވެ. ސަތާރަ އަހަރުގެ ހަނގުރާމައަށް ފަހު ވެސް އަފްޣާނިސްތާނުގައި މިހާރު ވެސް އަސްކަރީ ގޮތުން ބާރުގަދައީ ތާލިބާނުންގެ އެވެ. ސޫރިޔާއާއި އަފްޣާނިސްތާނުން އެމެރިކާ ސިފައިން ބޭލުމަށް އެމެރިކާ ނިންމީ އެކަމަށް ޚަރަދު ކުރުމުގެ ގާބިލްކަން އެމެރިކާގައި ކުޑަވަމުންދާތީ އާއި އިގްތިސާދީ ގޮތުންނާއި ޓެކްނޮލޮޖީގެ ގޮތުންނާއި އަސްކަރީ ގޮތުން ޗައިނާގެ ފަރާތުން އެމެރިކާއަށް ކުރިމަތިވަމުންދާ އާދަޔާ ޚިލާފު ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލުމަށްޓަކައި ކަމަށް ރިޕޯޓްތައް ބުނެ އެވެ. ޓްރަމްޕް ވަނީ އިރާގުން ވެސް އެއްކޮށް ފައިބަން ގަސްދުކުރާ ކަމުގެ އިޝާރާތެއް ދާދިފަހުން ދެއްވައިފަ އެވެ. އެމެރިކާ ސިފައިން ބޭރުގައުމުތަކުން ބޭލުމަށް ޓްރަމްޕް ގެންގުޅުއްވާ ސިޔާސަތަށް އެމެރިކާގެ އެތެރޭގައި ބާރުގަދަ ޑީޕް ސްޓޭޓްގެ މުއައްސަސާތަކުން ގެންދަނީ ފިއްތުންތައް ކުރިމަތި ކުރަމުންނެވެ. އެމެރިކާގެ ޑީޕް ސްޓޭޓްގެ މުއައްސަސާތަކުގެ ގޮތުގައި ފާހަގަ ކުރެވެނީ ޖާސޫސީ އިދާރާތަކާއި ކޮންގްރެސް އާއި ދިފާއީ ވުޒާރާ ޕެންޓަގަން އާއި އެމެރިކާގެ ހަތިޔާރުގެ ބިޔަ ކުންފުނިތަކާއި ޒަޔަނިސްޓް ލޮބީ ގްރޫޕްތަކާއި މީޑިއާ އެވެ. (ނޫސްއެޖެންސީތައް)
އެމެރިކާ ރައްޔިތުންގެ ފައިސާއިން ހަނގުރާމަތަކަށް ޚަރަދު ކުރުން ހުއްޓާލަން ޖެހޭ: ޓްރަމްޕް
ނައިރޯބީ (ޖެނުއަރީ 17): ކެންޔާގެ ވެރިރަށް ނައިރޯބީގައި ހުންނަ ލަގްޒަރީ ހޮޓެލް އަދި އޮފީސް ކޮމްޕްލެކްސްއަކަށް ހަތިޔާރު އަޅައިގެން ތިބި ބަޔަކު ވަދެ ދިން ހަމަލާގައި މަރުވި މީހުންގެ އަދަދު 21 އަށް އަރައިފި އެވެ. ކެންޔާގެ ރެޑް ކްރޮސް އިން ބުނި ގޮތުގައި އަންގާރަ ދުވަހުގެ މެންދުރު ފަހުން ފެށިގެން 19 ގަޑި އިރަށް ދެމިގެން ދިޔަ އެހަމަލާގައި 28 މީހަކަށް އަނިޔާވެފައިވެ އެވެ. އަދި ހަމަލާ ދިން ވަގުތު އެއިމާރާތުގައި ތިބި 19 މީހަކަށް ވީގޮތެއް އަދި އެނގިފައި ނުވެ އެވެ. ފުލުހުން ވިދާޅުވި ގޮތުގައި އެހަމަލާގައި މަރުވި މީހުންގެ ތެރޭގައި ކެންޔާގެ 16 މީހަކާއި އިނގިރޭސި ރައްޔިތަކާއި އެމެރިކާގެ ރައްޔިތެއް ހިމެނެ އެވެ. އަދި ތިން މީހެއްގެ މައުލޫމާތު އަދި ޔަގީންވެފައި ނުވެ އެވެ. ސޯމާލިއާގެ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ އަލް ޝަބާބުން ވަނީ އެ ހަމަލާގެ ޒިންމާ ނަގައިފަ އެވެ. އަދި ކެންޔާގެ ރައީސް އުހުރޫ ކެންޔައްޓާ ވަނީ އެހަމަލާގައި ބައިވެރިވީ ފަސް މީހުން ކަމަށާއި އެފަސް މީހުން ވެސް މަރުވެފައިވާ ކަމަށް ވިދާޅުވެފަ އެވެ. އަލް ޝަބާބުން ނެރުނު ބަޔާނަކާ ހަވާލާދީ ރޮއިޓާސްގައިވާ ގޮތުން އެޖަމާއަތުން އެހަމަލާ ދިނީ، ގުދުސަކީ އިސްރާއީލްގެ ވެރިރަށް ކަމަށް އެމެރިކާއިން ބަލައިގަތުމުން އެނިންމުމަށް ރައްދު ދިނުމުގެ ގޮތުންނެވެ. ގުދުސަކީ އިސްރާއީލުގެ ވެރިރަށް ކަމަށް އެމެރިކާއިން ބަލައިގަތީ ރައީސް ޑޮނަލްޑް ޓްރަމްޕް ވެރިކަމަށް ވަޑައިގެންނެވި ފަހުން މިދިޔަ އަހަރެވެ. ސޯމާލިއާގައި އަލް ޝަބާބުގެ ބާރު ކަނޑުވާލުމަށް ކެންޔާއިން އެގައުމަށް 2011 ވަނަ އަހަރު ސިފައިން ފޮނުވި ފަހުން އަލް ޝަބާބުން ވަނީ ކެންޔާގައި ގިނަ އަދަދެއްގެ ހަމަލާތަކެއް ދީފަ އެވެ. އެގޮތުން 2013 ވަނަ އަހަރު އަލް ޝަބާބުން ނައިރޯބީގެ ޝޮޕިން މޯލްއަކަށް ދިން ހަމަލާއެއްގައި 67 މީހުން މަރުވެފައިވެ އެވެ. އަދި އޭގެ ދެ އަހަރު ފަހުން ކެންޔާގެ ޔުނިވާސިޓީއަކަށް ދިން ހަމަލާއެއްގައި 150 މީހުން މަރާފައިވެ އެވެ.
ނައިރޯބީގެ ހޮޓަލަށް ދިން ހަމަލާގައި މަރުވި މީހުންގެ އަދަދު 21އަށް އަރައިފި
ނ. މަގޫދޫ ބަނދަރަށް ވެލި އަރައި ލަފާފުރަން ދަތިވެއްޖެ އެވެ. އެ ރަށު ކައުންސިލްގެ ރައީސް ފަތުހުﷲ ނަސީރު މިއަދު ސަން އަށް ވިދާޅުވީ ފަޅު ހެދުމުގެ މަސައްކަތް ކުރި އިރު ވެސް އެ ސަރަހައްދަކީ މޫސުމީ ދުވަސްވަރު ވެލިގަނޑު ވަންނަ ސަރަހައްދެއްކަން ކަމާ ބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނެސްފައިވާނެ ކަމަށެވެ. މަގޫދޫ ބަނދަރުގެ ތިންބައިކުޅަ ދެބަޔަށް މިހާރު ވެސް އޮތީ ވެލި އަރައިފަ އެވެ. މީގެ ސަބަބުން އުޅަނދުފަހަރު ވަދެ ނިކުތުމަށް ބޮޑެތި ތަކުލީފުތައް ކުރިމަތިވަމުންދާ އިރު އެ ރަށު ރައްޔިތުންނަށާއި ވިޔަފާރިވެރިންނަށް ވެސް ވަނީ ތަކުލީފުތަކާ ކުރިމަިލާން ޖެހިފަ އެވެ. މަގޫދޫ ފަޅު ތެރެއަށް ވެލިގަނޑު އަރާފައި---- ސަން ފޮޓޯ "މިހާރު އަތޮޅު ފެރީ ވެސް އެބަދޭ ބައެއް ދުވަސް ދުވަހު ނުވަދެވިގެން. ރަށުގައި ހުންނާނެ ބޮޑެތި ކަންނެލި ދޯނި ފަހަރު ވެސް، މިހާރު ފަޅަށް ވަދެވެނީ ފަހަރަކު ދޯންޏަކަށް،" ފަތުހުﷲ ވިދާޅުވީ މީގެ ކުރިން އިތުރުން މާލެ ދަތުރުކުރާ ބޯޓްފަހަރު ވެސް މަގޫދު އަށް ޖައްސާ ކަމަށާއި ނަމަވެސް ފަޅުގެ މައްސަލަ ކުރިމަތިވާން ފެށި ފަހުން އެފަދަ ބޯޓުފަހަރު ވެސް އެ ރަށަށް ނުވަންނަ ކަމަށެވެ. "މިހާރު މާލެދާން ވެސް ރައްޔިތުން މިޖެހެނީ އެހެން ދޯންޏެއްގައި ބޯޓު އޮންނަ ރަށަށް ދާން. ވިޔަފާރިވެރިން މުދާ ގެނައުމަށް ވެސް ދަތިތައް ކުރިމަތިވޭ،" މަގޫދޫ ފަޅުގެ މައްސަލަ ކުރިމަތިވާތީ އެކިފަހަރު ވަނީ ކަމާ ބެހޭ މިނިސްޓްރީގެ ފަރާތުން ސާވޭތައްކޮށްފަ އެވެ. ނަމަވެސް އަދި ވެސް އެދެވޭ ހައްލެއް އެކަމަށް ލިބިފައެއް ނުވެ އެވެ. "ކޮންމެ ފަހަރަކު ވެސް ހައިމާކަކުން ވެލިގަނޑު ނަގަނީ. މިއީ ދާއިމީކޮށް އެކަން ހުއްޓުވޭނެ ގޮތެއް ނޫން،" ފަތުހުﷲ ވިދާޅުވި އެވެ. ރަށުގެ ރައްޔިތުންގެ އެދުމަކީ މަގޫދޫ ފަޅު މިހާރު އޮތް ދިމާއިން އެހެން ދިމާއަކަށް ބަދަލު ކުރުމެވެ. ނުވަތަ ވެލިގަނޑު ވަންނަ ދިމާލުން އިތުރު ބޮޑުހިލަ ބަރިއެއް ޖެހުމަކީ ވެސް އެކަމަށް ހައްލެއް ލިބޭނެ ކަމެއް ކަމަށް ރައްޔިތުންގެ ތެރެއިން ބަޔަކު ބުނާ ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވި އެވެ. މަގޫދޫ ފަޅު ތެރެއަށް ވެލިގަނޑު އަރާފައި---- ސަން ފޮޓޯ "އަނެއް ހިޔާލަކީ ފަޅު ބޭރަށް ދަމާލުން. މާބޮޑަށް އެތެރެއަށް އިންނާތީ ވާކަމެއް ކަމަށް ވެސް ބައެއް ރައްޔިތުން ބުނޭ. އަޅުގަނޑުމެން ވާނީ މި ހިޔާލުތައް ވެސް މިނިސްޓްރީ އާ ހިއްސާ ކޮށްފައި. އެބޭފުޅުންގެ ޓެކްނިކަލް މުވައްޒަފުންނަށް ދެއްތޯ އެނގިލައްވާނީ ކޮބައިކަން ހައްލު ލިބޭނެ ގޮތަކީ. ރައްޔިތުން ބޭނުންވޭ ލަފާ ފުރަން ފަސޭހަ ގޮތެއް." ފަތުހުﷲ ވިދާޅުވީ މަގޫދޫ ފަޅުގެ މައްސަލައަށް އަވަސް ހައްލެއް ލިބުމަކީ އުއްމީދު ކަމަށެވެ. ރިޔާސީ އިންތިހާބުގެ ތެރޭގައި ވެސް އެ ވާހަކަ ވަރަށް ބޮޑަށް ދެކެވިފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ނ. މަގޫދޫ ބަނދަރަށް ވެލިއަރައި ލަފާފުރަން ދަތިވެއްޖެ
ޑާކްރެއިންއެންޓަޓެއިންމަންޓް އިން ގެނެސްދޭ ފިލްމު "ގޮށްރާޅު" އައްޑޫ ސިޓީ އަދި ހދ. ކުޅުދުއްފުށީގައި ދެއްކުމަށް ނިންމައިފި އެވެ. "ގޮށްރާޅު" ކުޅުދުއްފުށީގައި ދެއްކުމަށް ހަމަޖެހިފައި ވަނީ މި މަހު ހަތެއް އަދި އަށް ވަނަ ދުވަހުގެ ރެ އެވެ. ތިލަދެކުނު ސިނަމާގައި ފިލްމު އަޅުވަން ހަމަޖެހިފައިވާ އިރު ޕްލޭ ގްރައުންޑް ފިހާރައިން ފިލްމުގެ ޓިކެޓް ލިބެން ހުންނާނެ އެވެ. ކުޅުދުއްފުށިން ފިލްމުގެ ޓިކެޓާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށް ހޮޓްލައިން ނަމްބަރު 9704448 އަދި 7758448 ގުޅުން ފިލްމު އަޅުވާ ޓީމުން އެދެ އެވެ. ކުޅުދުއްފުށީގައި ފިލްމު އަޅުވާނީ މި މަހު ހަތެއް އަދި އަށެއްގައި--- ފިލްމު އައްޑޫ ސިޓީ ހިތަދޫގައި އަޅުވާނީ މި މަހު ހަތް ވަނަ ދުވަހުގެ ރޭ އެވްރީ ވަން ލާނިން ސެންޓަރުގަ އެވެ. އަދި މަރަދޫގައި ފިލްމު އަޅުވަން ހަމަޖެހިފައި ވަނީ މި މަހު އަށެއް އަދި ނުވަ ވަނަ ދުވަހުގެ ރޭ ބޮންޑޮގޭގަ އެވެ. އައްޑޫ ސިޓީގައި ފިލްމު އެޅުވުމާ ހަވާލުވެ ތިބި ފަރާތުން ބުނީ 9997049 ގުޅުމުން ފިލްމުގެ ޓިކެޓް ލިބޭނެ ކަމަށެވެ. ރަށްރަށުގައި ފިލްމު އަޅުވަން ބޭނުންވާ ފަރާތްތަކުން ޑާކްރެއިންގެ ހޮޓްލައިން ނަންބަރު 9911229 އާ ގުޅުން އެ ޓީމުން އެދެ އެވެ. އައްޑޫ ސިޓީގައި ފިލްމު އަޅުވާނީ މި މަހު އަށެއް އަދި ނުވައެއްގައި-- މޫމިން ފުއާދުގެ ސްކްރީން ޕްލޭއަކަށް ކުޅަދާނަ ވިޝުއަލް އިފެކްސްޓް އަދި ސިނެމަޓޯގްރަފާ އަހުމަދު ޝިނާން ޑައިރެކްޓްކޮށްފައިވާ އެ ފިލްމަކީ ޑާކްރެއިންއިން ވެސް މީގެ ކުރިން ގެނެސްދީފައިނުވާ ޖޯންރާއެއްގެ ފިލްމެކެވެ. ވަރުގަދަ ކްރައިމް ތްރިލާއެކެވެ. އެ ފިލްމުގެ ތަރިންނަކީ ޖުމައްޔިލް ނިމާލް، ހަސަން އިރުފާން (ޒަކިއްޓެ)، އަލަށް ތައާރަފްވާ ދެ ބަތަލުން ކަމަށްވާ ތަސްނީމާ، ރަޝްފާ، އަޒާން އެވެ. އޭގެ އިތުރުން ފިލްމުގައި ދެން ހަރަކާތްތެރިވާނެ ބައެއް ތަރިންނަކީ ނާޝިދު، ހަމްދާން ފާރޫގު، ނުޒުހަތު ޝުއައިބު (ނުޒޫ) އެވެ. ކުޅުދުއްފުށީ ސިނަމާ--- ޓިކެޓްގެ އަގަކީ 100 ރުފިޔާ އެވެ. އެ ފިލްމަކީ ޒުވާނުންގެ އިތުރުން ހުރިހާ ބޭފުޅުންނަށް ވެސް ބަލާލެވޭނެ ވަރުގަދަ ފިލްމެކެވެ. "ގޮށްރާޅު"ގެ އޮންލައިން ޕާޓްނަރަކީ ސަން އޮންލައިން އެވެ.
އައްޑޫ އަދި ކުޅުދުއްފުއްޓަށް "ގޮށްރާޅު" އަރަނީ!
ކޮޕަޑެލްރޭގެ ދެވަނަ ބުރުގައި ރޭ ޖިރޯނާއާ ވާދަކޮށް ހިތްދަތި ގޮތަކަށް އެތުލެޓިކޯ މެޑްރިޑް އެ މުބާރާތުން ކަޓައިފިއެވެ. ސްޕެނިޝް ލީގުގެ ތާވަލުގައި މިވަގުތު ދެވަނައިގައި އޮތް އެތުލެޓިކޯގެ އަމިއްލަ ދަނޑުގައި ކުޅެ 3-3ގެ ނަތީޖާއަކުން އެއްވަރުވި ނަމަވެސް ކުއާޓާ ފައިނަލަށް ދަތުރު ކޮށްފައި ވަނީ ޖިރޯނާއެވެ. އެއީ ޖިރޯނާގެ ދަނޑުގައި ކުޅެވުނު ފުރަތަމަ މެޗުން 1-1 އަކުން އެއްވަރު ވެފައި ވުމާއެކު އަވޭ ގޯލްގެ ތަފާތަށް ބަލާއިރު ގިނަ ލަނޑު ޖަހާފައިވަނީ ޖިރޯނާ ކަމަށް ވާތީއެވެ. އެތްލެޓިކޯ މެޑްރިޑް ކޮޅަށް ލަނޑު ޖެހުމަށްފަހު ގިރޯނާ ކުޅުންތެރިން އުފާ ފާލު ކުރާ މަންޒަރު މެޗު ފެށިގެން ފުރަތަމަ ގޯލް ޖަހައި ލީޑުނަގާފައި ވަނީ އެތުލެޓިކޯއެވެ. ނަމަވެސް ފަހަތުން އަރައި ޖިރޯނާއިން ވަނީ ދެ ގޯލް ޖަހައިފައެވެ. މާ ގިނަ އިރުތަކެއް ނުވަނީސް ރައްދުގައި އެތުލެޓިކޯއިން ލަނޑެއްޖަހައި ނަތީޖާ ހަމަހަމަ ކުރިއެވެ. މެޗުގެ 84 ވަނަ މިނަޓުގައި އެތުލެޓިކޯގެ ފޯވާޑް އެންޓޮއިން ގްރީޒްމަން ވަނީ ގޯލެއް ޖަހައި ކުއާރޓާއަށް ދިއުމުގެ އުންމީދު އެ ޓީމަށް އާކޮށްދީފައެވެ. މެޗު ނިމެން ތިން މިނަޓަށް ވެފައި ވަނިކޮށް ޖިރޯނާގެ ސޭޑޫ ޑޫމްބިއާ ޖެހި ގޯލާއެކު އެތުލެޓިކޯގެ "ހިތް" ފުނޑުފުނޑުވިއެވެ. ރޭގެ މެޗުގައި އެތުލެޓިކޯގެ މުހިންމު ކުޅުންތެރިން ތަކެއް އިންޖަރީގެ ސަބަބުން ކުޅެފައި ނުވާއިރު އެ ޓީމުގެ މެދުތެރޭގައި އެންމެ މުހިންމު ދައުރެއް އަދާ ކުރަމުން އަންނަ ސައުލް ނިގުއެޒް ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ވަނީ އިންޖަރީވެ ދަނޑުން ބާލަން ޖެހިފައެވެ. ކޮޕަ ޑެލް ރޭގެ ދެވަނަ ބުރުގައި ރޭ ކުޅުނު އިތުރު މެޗުތަކަށް ބަލާއިރު ރެއާލް މެޑްރިޑް އަދި ލެގަނެސް ބައްދަލު ކުރި މެޗުން 0-1 ގެ ނަތީޖާ އަކުން މެޗު ކާމިޔާބު ކޮށްފައި ވަނީ ލެގަނޭސް އެވެ. ނަމަވެސް 3-1 ގެ އެގްރިގެރޭޓް ނަތީޖާ އަކުން ކުއާޓާއަށް ދަތުރު ކުރީ ރެއާލް މެޑްރިޑެވެ. މީގެ އިތުރުން ސްޕެނިޝް ލީގުގެ ތާވަލުގެ ތިން ވަނައިގައި މިވަގުތު އޮތް ސެވިއްޔާއާއި އެތުލެޓިކްސް ބިލްބާއޯ ބައްދަލު ކުރި މެޗު 0-1ގެ ނަތީޖާ އަކުން ކާމިޔާބު ކުރީ ބިލްބާއޯއެވެ. މި މެޗުން ސެވިއްޔާ ބަލިވި ނަމަވެސް 2-3 ގެ އެގްރިގޭޓުގެ ނަތީޖާ އަކުން އެ ޓީމު ވަނީ ކުއާޓާއަށް ދަތުރު ކޮށްފައެވެ. ރެއާލް މެޑްރިޑް އަދި ލެގަނޭސް ބައްދަލު ކުރި މެޗުގެ ތެރެއިން މިރޭވެސް މި މުބާރާތުގެ ފޯރިގަދަ މެޗުތަކެއް ކުޅެވިގެން ދާނެއެވެ. އެގޮތުން މި މުބާރާތުގެ ވޭތުވެ ދިޔަ ތިން އަހަރުގެ ވެސް ޗެމްޕިއަން ބާސެލޯނާ އާއި ލެވަންޓޭ ބައްދަލު ކުރާ މެޗު ފާހަގަ ކޮށްލެވެއެވެ.
ޖިރޯނާއިން "ގަދަފަދަ" އެތުލެޓިކޯ ކަޓުވާލާއި ކުއާޓާއަށް
ނ. މާފަރު މޫދުން މަރުވެފައި އޮތް މީހަކު ފެނިއްޖެ އެވެ. މާފަރު ކައުންސިލްގެ ނައިބު ރައީސް ޒަކަރިޔާ މުހައްމަދު ފުޅު ވިދާޅުވީ މާފަރު ހުޅަނގުފަރާތު މޫދަށް ކަށިމަސް ހިފަންވެގެން އެރި އުޅެނިކޮށް މަރުވީ އެ ރަށު މީހެއް ކަމަށްވާ އުމުރުން 58 އަހަރުގެ އަލީ ރަޝީދު ކަމަށެވެ. އޭނާ މަރުވީ ރަށުގެ ބަޔަކާ އެކު ކަށިމަސް ހިފަންވެގެން މޫދަށް އެރި އުޅެނިކޮށް ކަމަށާއި އެ ސަރަހައްދަކީ އިސްކޮޅު ޖެހޭ ތިލަ ސަރަހައްދެއް ކަމަށް ވެސް ޒަކަރިޔާ ވިދާޅުވި އެވެ. އަދި އެ ސަރަހައްދަކީ އާންމުކޮށް މީހުން މޫދަށް އެރޭ ސަރަހައްދެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަލީ ރަޝީދުގެ ހަށިގަނޑު މިވަގުތު އޮތީ މާފަރު ހިނަވާ ގޭގަ އެވެ.
މާފަރު މޫދުގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ)އަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މިއަދު ރާއްޖެ ވަޑައިގެންފި އެވެ. ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅަކީ ޔޫއޭއީގެ ޑެޕިއުޓީ ސުޕްރީމް ކޮމާންޑަރު އޮފް އާމްޑް ފޯސަސް، ހިޒް ހައިނެސް މުޙައްމަދު ބިން ޒާޔިދު އަލް ނަޙްޔާންގެ ދަޢުވަތަކަށް، މި މަހުގެ 14 ވަނަ ދުވަހު ބޭއްވި "ޒާޔިދު ސަސްޓެއިނަބިލިޓީ އެވޯޑްސް" އަދި "އިނޯގްރޭޝަން އޮފް ދަ އަބޫދާބީ ސަސްޓެއިނަބިލިޓީ ވީކް" ޙަފްލާގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅެކެވެ.
ރައީސް ރާއްޖެ ވަޑައިގެންފި
ބެލްޖިއަމްގެ ކުރީގެ ރަސްގެފާނު އަލްބާޓް (ދޭތް) އަށް ކައިވެނީގެ ބޭރުން ދަރިކަނބަލަކު ލިބިލެއްވިކަން ސާބިތު ކުރުމަށް ޑީއެންއޭ ޓެސްޓު ހައްދަވަން ދެކޮޅު ހައްދަވައިފި އެވެ. ނަވާތަސަތޭކަ ފަސްދޮޅަހުގެ އަހަރުތަކުގައި އަލްބާޓް އަށް ކައިވެނީގެ ބޭރުން ދަރިކަނބަލަކު ލިބިލެއްވި ކަމަށް ބުނެ ބެލްޖިއަމްގެ ކޯޓަކަށް ހުށަހަޅާފައިވާ "ބައްޕަ ސާބިތުކުރުމުގެ" މައްސަލައަކާ ގުޅިގެން ކޯޓުން ވަނީ ޑީއެންއޭ ހެދުމަށް އަލްބާޓްގެ ކުޅު ދިނުމަށް އަމުރުުކޮށްފަ އެވެ. އެހެން ނޫން ނަމަ އަލްބާޓްގެ މައްޗަށް ކޮށްފައިވާ ދައުވާ ސާބިތުކުރުގެ ފުރުސަތު އެބައޮތް ކަމަށް ވެސް ކޯޓުން ވަނީ ބުނެފަ އެވެ. އަލްބާޓްގެ ދަރިކަނބަލުން ކަމަށް ދައުވާ ކުރައްވާ ޑެލްޕީން،50،ގެ ލޯޔަރު ވަނީ ކޯޓުގެ މި އަމުރަށް ތާއީދު ކުރައްވައި ވާހަކަ ދައްކަވައިފަ އެވެ. ބެލްޖިއަމްގެ ރަސްގެފާނުގެ ގޮތުގައި އަލްބާޓް ތަހުތަށް އިސްކުރެވުނީ 1993 ވަނަ އަހަރު އުމުރުފުޅުން 63 އަހަރުގަ އެވެ. އަލްބާޓް މަގާމުން ދުރަށް ވަޑައިގެންނެވީ ސިއްހީ މައްސަލަތަކެއްގެ ސަބަބުން ޒިންމާ އަދާކުރަން ހުރަސްތަކެއް އެބަހުރި ކަމަށް ބުނެ 2013 ވަނަ އަހަރު އެވެ. މިހާރު އުމުރުފުޅުން 84 އަހަރުގެ އަލްބާޓްގެ ދަރިކަނބަލެއް ކަމަށް ދައުވާކުރާ ޑޭލްފީންގެ މަންމަ ބެރޯންސް ބުނެފައި ވަނީ އޭނާ އާއި ރަސްގެފާނާ ދެމެދު ވިއްސަކަށް އަހަރު ވަންދެން ސިއްރު ގުޅުމެއް އޮތް ކަމަށެވެ. އެ ވާހަކަ އޭނާ އެންމެ ފުރަތަމަ ދައްކާފައި ވަނީ ރަސްގެފާނު އިސްތިއުފާ ދެއްވުމުގެ ކުރިންނެވެ. އަލްބާޓް މަގާމު ދޫކޮށްލެއްވި ސަބަބަކީ އެއީ ކަމަށް ވެދާނެކަމަށް ވެސް ބައެއް ރިޕޯޓުތައް ބުނެ އެވެ.
ޑީއެންއޭ ސާބިތުކުރަން ބެލްޖިއަމްގެ ކުރީގެ ރަސްގެފާނު ދެކޮލު ހައްދަވައިފި
ކައިވެނިން ބޭރުން ގުޅުން ހިންގުމުގައި ދިމާވާ މައްސަލައަކީ ކައިވެނިން ބޭރުން ދަރިން ލިބުން ކަމަށާއި އެކަމަށް އޮތް ހަމައެކަނި ހައްލަކީ ނުވިހާ އޮޕަރޭޝަން ކުރުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމުން ގިނަ ބަޔަކު އެކަމާ ފާޑު ކިޔަމުން އެބަދެ އެވެ. އެމްޑީޕީ މަޖިލިސް ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓޭއްގެ ކެމްޕެއިން އިވެންޓެއްގައި ނަޝީދު ދެއްކެވި ވާހަކަފުޅުގެ ވީޑިއޯ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ އިރު ނަޝީދު ވިދާޅުވެފައި ވަނީ ކައިވެނިން ބޭރުން ދަރިން ލިބުމަށް ހައްލު ލިބެން އޮތީ ކައިވެނިން ބޭރުން ނުވިހާ ގޮތް ހެދުމުން ކަމަށެވެ. "ނުވިހާ ގޮތް މިހެދެނީ މީހަކާ ކައިވެނިކޮށްގެން. ދިމާވެގެން މި އުޅޭ މައްސަލައަކީ ކައިވެނި ނުކޮށް، ދަރިން ހޯދާތީވެ. ދެން ދާ ކޮންމެ ފަހަރަކު އެބަ ބުނޭ، އެހެނެއް ނުހަދައިދެވޭނެއޭ، އަޅުގަނޑު އެބަދަން ވަރަށް ގިނަ ކުދީން ވިހާތަނަށް. ކޮންމެ ފަހަރަކު އެބަ ބުނޭ އެހެނެއް ހަދައެއް ނުދެވޭނެއޭ [ނުވިހާ އޮޕަރޭޝަނެއް ނުކޮށްދެވޭނެއޭ]. އޭނާ މީހަކާ އިނދެގެނޭ އޭނާ އަށް ނުވިހާ ގޮތް ހެދޭނީ. ދެން މީގެ އޮތީ އަޅުގަނޑު އެއިން ކޮންމެ މީހަކާ އިނުން، އެނޫން ގޮތެއް މިއަކު ނެތް،" ނަޝީދު ވިދާޅުވި އެވެ. "ކައިވެނީގެ ބޭރުން މި ކުއްޖެއް މި ހޯދަނީ، ހޯދާފައި އެކަމަށް އަޅުގަނޑުމެންނަށް ހައްލެއް ގެނެވެން އޮތީ ނުވިހާ ގޮތް އަންހެންމީހާ ވެސް ހަދައިގެން. އަޅުގަނޑަށް އެނގޭ ފިރިހެން މީހާގެ ވެސް ވަރަށް ވަރަށް ބޭވަފާތެރިކަމާއި އަދި ބޭއިންސާފުކަމާ އެކީގައި މިކަން މި ހިގަނގަނީ. އަޅުގަނޑުމެން ހަގީގަތުގައި މި ބަލަން މި ބޭނުން ވަނީ އެދެ މީހުންނެއް ނޫން، ވިހާލު،" ނަޝީދު ވިދާޅުވި އެވެ. ނަޝީދުގެ ވާހަކަފުޅުގައި ހިތްވަރުދެއްވާފައި ވަނީ އިސްލާމުދީނުގައި ކަނޑައެޅިގެން ހަރާމްކަމެއް ކުރުމަށް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދަނީ ފާޑުކިޔަމުންނެވެ. މިއީ ޒިނޭ އަށް ހިތްވަރުދިނުން ކަމަށާއި އެކަމާ ގުޅޭ ގޮތުން ދީނީ އިލްމުވެރިން ބަހެއް ވިދާޅުނުވުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ވެސް އެކަމާ ގުޅޭ ގޮތުން ފާޑުކިޔާ މީހުން ދަނީ ބުނަމުންނެވެ. އިސްލާމު ދީނުގެ ހުކުމްތަކާ ގުޅޭ ގޮތުން މީގެ ކުރިން ނަޝީދު ދައްކަވާފައިވާ ބައެއް ވާހަކަތަކަށް ވެސް އިލްމުވެރިން ވަނީ ރައްދު ދެއްވައިފަ އެވެ. އެގޮތުން ނިދަން އުނދަގޫވާ މީހުން ދުއާ ކުރުމާއި އެކަމަށް ކަނޑައަޅާފައިވާ އާޔަތްތައް ކިޔެވުން ނޫން އެހެން ގޮތެއް ހޯދަން ޖެހޭ ކަމަށް ވިދާޅުވެ ނަޝީދު ވަނީ ވާހަކަ ދައްކަވައިފަ އެވެ. Mi tweet gai evaa video gai dhakkaafai evaa vaahaka aai behey gothun, social media gai dheenee kan kamugai HAGGU BAS vidhaalhu vamun vadaigannavaa ilumuverin vidhaalhu vaan jehey vaahaka fulheh eba oiy thoa? ⁦@Dr_AhmedZiyad⁩ @dr_iyaz⁩ ⁦@alizaid1000⁩ @Alishar9841694 pic.twitter.com/HX32OsL6hT — علي ادم (@KakaageAli) January 16, 2019
ކައިވެނިން ބޭރުން ނުވިހާ އޮޕަރޭޝަން ކުރެވެން ޖެހޭނެ ކަމަށް ދެއްކެވި ވާހަކައަށް ފާޑުކިޔުން އަމާޒުވެއްޖެ
ފޭސްބުކް އަށް މިދިޔަ މަހު ލިބުނު އާމްދަނީ 16.9 ބިލިއަން ޑޮލަރަށް އަރައިފި އެވެ. ފޭސްބުކް އަށް ކުރިމަތިވެފައިވާ ފާޑުކިޔުންތަކާއި ގޮންޖެހުންތަކާ އެކު ވެސް ކުންފުންޏަށް ލިބުނު އާމްދަނީ އިތުރުވެފައި މިވަނީ ފޭސްބުކް ބޭނުންކުރާ މީހުންގެ އަދަދު ވެސް އިތުރުވުމާއެކު އެވެ. ނަމަވެސް ގަވައިދުން ކޮންމެދުވަހަކު ފޭސްބުކް ބޭނުންކުރާ މީހުންގެ އަދަދު ދަނީ މަޑުމަޑުން މަދުވަމުންނެވެ. މިދިޔަ އަހަރުގެ އެންމެ ފަހު ތިން މަހު ފޭސްބުކް ބޭނުންކުރާ 2.32 ބިލިއަން ޔޫޒަރުން ތިބި އިރު ދުވާލެއްގެ މައްޗަށް ފޭސްބުކް ބޭނުންކުރާ މީހުންގެ އަދަދު އުޅެނީ 1.52 ބިލިއަނުގަ އެވެ. ފޭސްބުކް އަށް މިދިޔަ އަހަރު ލިބުނު އާމްދަނީ އަކީ އޭގެ ކުރީ އަހަރާ އާޅާބަލާ އިރު 9 ޕަސެންޓު އިތުރު އަދަދެކެވެ. ފޭސްބުކް އިން ދަނީ ޔޫޒަރުންގެ އަދަދު މަދުވިޔަ ނުދިނުމަށް ގިނަ ބަދަލުތައް އެ ޕްލެޓްފޯމަށް ގެންނަމުންނެވެ.
ފޭސްބުކްގެ އާމްދަނީ 16.9 ބިލިއަނަށް
އިންތިހާބުތަކުގައި ވާދަކުރުމުގެ އެއްވެސް ހުރަހެއް އަންހެނުންނަށް ނެތްކަމަށް ބައެއް ފަރާތްތަކުން ބުނިނަމަވެސް އިންތިހާބުތަކުގައި ވާދަކުރުމަށް އަންހެނުންނަށް ގޮންޖެހުންތަކެއް އެބަހުރިކަމަށް ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ. މާލޭ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ތިންވަނަ ދައުރުގެ އިންތިހާބީ މެންބަރުން އިގުރާރުގައި ސޮއިކުރުމަށް ރޭ ރަސްރަނި ބަގީޗާގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ނިންމުންތައް ނިންމާ ފެންވަރުގައި އަންހެނުންނަށް ފުރުސަތު ކުޑަ ކަމަށެވެ. ސިޔާސީ މަސައްކަތުގައި އަންހެނުން އިސް ދައުރެއް އަދާކުރި ނަމަވެސް ސިޔާސީ މަގާމުތަކުގައި އަންހެނުން ހަރަކާތްތެރިވާ މިންވަރު މަދުކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ. މީގެ އިތުރުން އިގްތިޞާދީ ގޮތުންނާއި މުދަލުގެ އޯނާޝިޕް އޮތުމުގައި އަންހެނުންގެ ހިއްސާ ކުޑަކަން ވެސް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ. އާބާދީގެ 50 އިންސައްތައަކީ އަންހެނުން ކަމަށާއި އަންހެނުންނަށް ހަމަހަމަ ފުރުސަތު އޮންނަންޖެހޭތޯ، މިއީ ސުވާލަކަށް ވެގެންވެސް ނުވާނެ ކަމަށް ޖެންޑާ މިނިސްޓަރު ވިދާޅުވިއެވެ. ހަމަހަމަކަމުގެ ވާހަކަ ދައްކާއިރު ސަފުތައް އަތުރާލުމުގައި ތަފާތުތަކެއް އެބަހުރި ކަމަށާއި، އަދި މިއަދު ފެނިގެންދަނީ އަންހެނުން ސަފާ ހަމަކުރާތަން ކަމަށްވެސް ޝިދާތާ ރޭ ވިދާޅުވިއެވެ.
އިންތިހާބުތަކުގައި ވާދަކުރުމަށް އަންހެނުންނަށް ގޮންޖެހުންތަކެއް އެބަހުރި: ޝިދާތާ
ބޮލީވުޑްގެ ކާމިޔާބު ޕްރޮޑިއުސަރު އެކްތާ ކަޕޫރަށް ސަރޮގެސީ މަދާއެއް (އެއްބަސްވުމެއްގެ ދަށުން ބަލިވެ އިންނަ އަންހެނަކު) މެދުވެރިކޮށް ލިބުނު ފިރިހެން ކުއްޖާއަށް ރަވީ ކަޕޫރު ކިޔައިފި އެވެ. އެކްތާ ކުރި ޓުވީޓުގައި އެކަން ކަށަވަރުކޮށްދީފައިވާ އިރު ދަރިއަކު ލިބުމުން އޭނާ ބުނީ ދަރިއަކު ލިބުމުން ކުރެވެނީ ތަފާތު އުފާވެރި އިހްސާސެއް ކަމަށާއި އޭނާގެ އިތުރުން އާއިލާ އަށް ވެސް ބޮޑު އުފަލެއް ލިބިފައިވާ ކަމަށެވެ. ރަވީ އަކީ އެކްތާގެ ބައްޕަ އަދި ކުރީގެ މަޝްހޫރު އެކްޓަރު ޖީތެންދުރާގެ އަސްލު ނަމެވެ. މިއީ އެކްތާގެ ފުރަތަމަ ދަރިފުޅެވެ. އޭނާ އަދި ކައިވެންޏެއްކޮށްފައެއް ނުވެއެވެ. އެކްތާ ބޭބެ ތުޝްހާރު ވެސް ވަނީ ސަރޮގެސީ މެދުވެރިކޮށް ކުއްޖަކު ހޯދައިފަ އެވެ.
އެކްތާގެ ދަރިފުޅުގެ ނަމަކަށް ރަވީ!
ބްރިޓިޝްގެ ތަރި އަދި މޮޑެލް އެމީ ޖެކްސަންގެ 26، ކައިވެނި އަންނަ އަހަރު ކުރާނެކަމަށް ބޭރުގެ ހަބަރުތައް ބުނެފި އެވެ. އެމީ ކައިވެނިކުރާނީ އޭނާގެ ލޯބިވެރިޔާ ޖޯޖު ޕަނައްޔޯތާ 30، އެވެ. އެ ދެމީހުން ވަނީ އާ އަހަރު ދުވަހ އެންގޭޖްވެސް ވެފަ އެވެ. ކައިވެނި އަންނަ އަހަރުކުރާނެ ކަމަށް އިއުލާންކުރި ނަމަވެސް ކައިވެނިކުރާނެ ތާރީހެއް އަދި ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް ބައެއް ރިިޕޯޓުތައް ބުނާގޮތުގައި އެމީގެ ކައިވެނި ހަފްލާ ބާއްވާނީ ގްރީކް ސްޓައިލަށެވެ. އެމީ އާއި ޖޯޖު ލޯބީގެ ގޮތުން ގުޅިފައި ވަނީ 2015 ގަ އެވެ. އެމީ އެންމެ ފަހުން ފެނިގެންގޮސްފައި ވަނީ އަކްޝޭ ކުމާރުގެ 2.0 އިންނެވެ.
އެމީ ޖެކްސަންގެ ކައިވެނި އަންނަ އަހަރު!
އިސްލާމްއާބާދު (ޖެނުއަރީ 17): ޕާކިސްތާނުގެ ޕާލިމެންޓުގެ 332 މެމްބަރުން މާލީ ބަޔާން ހާމަ ނުކުރެއްވުމުން މަގާމުން ސަސްޕެންޑުކޮށްފި ކަމަށް އެގައުމުގެ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ. ޕާކިސްތާނުގެ އިލެކްޝަން ކޮމިޝަން (އީސީޕީ)އިން ބުނި ގޮތުގައި އެގައުމުގެ 1،174 މެމްބަރުންގެ ތެރެއިން މިދިޔަ އަހަރު މާލީ ބަޔާން ހާމަ ކުރެއްވީ 839 މެމްބަރުންނެވެ. އެހެންކަމުން ބާކީ 332 މެމްބަރުން ވަނީ ސަސްޕެންޑުކޮށްފައެވެ. އޭގެ ތެރޭގައި ޕާލިމެންޓުގެ ތިރީގޭގެ 72 މެމްބަރުންނާއި ސެނެޓުގެ 20 މެމްބަރުންނާއި ހަތަރު ސްޓޭޓެއްގެ ގާނޫނު ހަދާ މަޖިލީހަށް ނިސްބަތްވާ 240 މެމްބަރުން ހިމެނެ އެވެ. މީގެ އިތުރުން ސަސްޕެންޑު ކުރި މެމްބަރުންގެ ތެރޭގައި ފެޑެރަލް އިންފޮމޭޝަން މިނިސްޓަރާއި ހެލްތް މިނިސްޓަރާއި ޕާލިމެންޓުގެ ނައިބު ރައީސްވެސް ހިމެނެއެވެ. އީސީޕީން ނެރުނު ބަޔާނުގައި ވަނީ ކޮންމެ ޕާލިމެންޓު މެމްބަރަކުވެސް އަހަރު ނިމުމުގެ ކުރިން މާލީ ބަޔާން ހުށަހަޅަން ޖެހޭނެ ކަމަށް ބުނެފައެވެ. އަދި މިހާރު ސަސްޕެންޑު ކޮށްފައިވާ މެމްބަރުން މާލީ ބަޔާން ހާމަ ކުރަން ދެން ތިއްބަވާނީ ސަސްޕެންޝަންގައި ކަމަށް ބުނެފައެވެ.
ޕާކިސްތާނުގައި މާލީ ބަޔާން ހާމަ ނުކުރި 332 ޕާލިމެންޓު މެމްބަރުން ސަސްޕެންޑުކޮށްފި
ރައްޔިތުން މަޖިލިސް އިންތިހާބުގައި ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީ ނޫން ކޮންމެ ބަޔަކާއެކު ވެސް ކޯލިޝަން ހެދުމަށް ވާހަކަ ދެއްކޭނެ ކަމަށް އިދިކޮޅު މައި ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ. ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މީގެ ކުރިން ވިދާޅުވެފައި ވަނީ، އެ ޕާޓީން މަޖިލިސް އިންތިހާބުގައި ރައީސް ޔާމީން އިސްތިސްނާ ނުވާނެހެން ހުރިހާ ސިޔާސީ ޕާޓީތަކާ އެކު ވެސް ކޯލިޝަން ހެދުމަށް ތައްޔާރައް ހުންނެވި ކަމަށެވެ. ޕީޕީއެމް އާއި ކޮންގްރެސް ޕާޓީ ކޯލީޝަން އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ޕީޕީއެމް އޮފީހުގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "ސަން" އިންް ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައިސް ޔާމީން ވިދާޅުވީ، އެމްޑީޕީ އާއި ޕީޕީއެމް އަކީ ތަފާތު ދެ ފިކުރެއް ކަމަށާއި އެމަނިކުފާނު ޕާޓީއެއްގެ ލީޑާޝީޕްގައި ހުރެގެން ކޯލީޝަން ހެދުމަށް އުނދަގޫ ވާނީ ހަމައެކަނި އެމްޑީޕީއާ އެކު ކަމަށެވެ. "އަޅުގަނޑު ޕާޓީއެއްގެ ލީޑާޝިޕްގައި ހުރެގެން، އަޅުގަނޑަށް ކޯލިޝަން ހެދުމަށް ވާހަކަ ދައްކަން އުނދަގޫ ވާނީ ހަމައެކަނި އެމްޑީޕީއާ. މިއީ ތަފާތު ދެ ފިކުރު ދެއްތޯ. އެހެން ކޮންމެ ބަޔަކާ ވެސް އަޅުގަނޑުމެނާ ވާހަކަ ދެއްކޭނެ. ތިޔަ ފުރުސަތު އަޅުގަނޑުމެން ހޯދާނަން ވެސްމެ، އެ ފުރަސަތު އޮތް ކަމުގައި ވާނަމަ،" ރައީސް ޔާމީން ވިދާޅުވި އެވެ. "އާނ. އެއީ އެއްވެސް މައްސަލައެއް ނޫން [ގާސިމްއާ އެކު ކޯލިޝަން ހެދުމަށް]. އަޅުގަނޑުމެންނަކީ ވެސް މަޝްވަރާއަށް ތައްޔާރަށް ތިބި ބަޔެއް،" ޖުމްހޫރީ ޕާޓީއާ އެކު ކޯލިޝަން ހައްދަވާފާނެތޯ ސުވާލު ކުރުމުން ރައީސް ޔާމީން ވިދާޅުވި އެވެ. ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އަދި ކުރީގެ ނައިބު ރައީސް އަހްމަދު އަބްދުލް ގަފޫރާ އެކު ވެސް ކޯލިޝަން ހައްދަވާފާނަންތޯ ދެންނެވުމުން ރައީސް ޔާމީން ވިދާޅުވީ، އެބޭފުޅުންނާ އެކު ވެސް ވާހަކަ ދައްކަން ހުރަހެއް ނެތް ކަމަށެވެ. "އެހެންވީމާ ގުޑް ލަކް ދެން ޕާޓީއެއް ހައްދަވާ ކޮންމެ ބޭފުޅަކަށް ވެސް، ޕާޓީއެއް ހެދިގެން މި މޫސުމުގައި އިންތިހާބުގެ ކުރިން އައިސް އަޅުގަނޑުމެންނާ ވާހަކަ ދެއްކޭ ވަރުގެ މުހުލަތު އޮތިއްޔާ ހަމަ ވީ ކޭން ސިޓްޑައުން [އަހަރުންނަށް އިށީދެ ވާހަކަ ދެކެވޭނެ]،" ރައީސް މައުމޫން އަލަށް އުފައްދަވާ މޯލްޑިވްސް ރީފޯމް މޫވްމަންޓާ އެކު ކޯލީޝަން ހައްދަވާފާނަންތޯ ސުވާލު ކުރުމުން ރައީސް ޔާމީން ވިދާޅުވި އެވެ.
އެމްޑީޕީ ނޫން ކޮންމެ ބަޔަކާ އެކު ކޯލިޝަން ހެދުމަށް ވާހަކަ ދެއްކޭނެ: ރައީސް ޔާމީން
ރައްޔިތުން މަޖިލިސް އިންތިހާބުގައި ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީ ނޫން ކޮންމެ ބަޔަކާއެކު ވެސް ކޯލިޝަން ހެދުމަށް ވާހަކަ ދެއްކޭނެ ކަމަށް އިދިކޮޅު މައި ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ. ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މީގެ ކުރިން ވިދާޅުވެފައި ވަނީ، އެ ޕާޓީން މަޖިލިސް އިންތިހާބުގައި ރައީސް ޔާމީން އިސްތިސްނާ ނުވާނެހެން ހުރިހާ ސިޔާސީ ޕާޓީތަކާ އެކު ވެސް ކޯލިޝަން ހެދުމަށް ތައްޔާރައް ހުންނެވި ކަމަށެވެ. ޕީޕީއެމް އާއި ކޮންގްރެސް ޕާޓީ ކޯލީޝަން އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ޕީޕީއެމް އޮފީހުގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "ސަން" އިންް ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައިސް ޔާމީން ވިދާޅުވީ، އެމްޑީޕީ އާއި ޕީޕީއެމް އަކީ ތަފާތު ދެ ފިކުރެއް ކަމަށާއި އެމަނިކުފާނު ޕާޓީއެއްގެ ލީޑާޝީޕްގައި ހުރެގެން ކޯލީޝަން ހެދުމަށް އުނދަގޫ ވާނީ ހަމައެކަނި އެމްޑީޕީއާ އެކު ކަމަށެވެ. "އަޅުގަނޑު ޕާޓީއެއްގެ ލީޑާޝިޕްގައި ހުރެގެން، އަޅުގަނޑަށް ކޯލިޝަން ހެދުމަށް ވާހަކަ ދައްކަން އުނދަގޫ ވާނީ ހަމައެކަނި އެމްޑީޕީއާ. މިއީ ތަފާތު ދެ ފިކުރު ދެއްތޯ. އެހެން ކޮންމެ ބަޔަކާ ވެސް އަޅުގަނޑުމެނާ ވާހަކަ ދެއްކޭނެ. ތިޔަ ފުރުސަތު އަޅުގަނޑުމެން ހޯދާނަން ވެސްމެ، އެ ފުރަސަތު އޮތް ކަމުގައި ވާނަމަ،" ރައީސް ޔާމީން ވިދާޅުވި އެވެ. "އާނ. އެއީ އެއްވެސް މައްސަލައެއް ނޫން [ގާސިމްއާ އެކު ކޯލިޝަން ހެދުމަށް]. އަޅުގަނޑުމެންނަކީ ވެސް މަޝްވަރާއަށް ތައްޔާރަށް ތިބި ބަޔެއް،" ޖުމްހޫރީ ޕާޓީއާ އެކު ކޯލިޝަން ހައްދަވާފާނެތޯ ސުވާލު ކުރުމުން ރައީސް ޔާމީން ވިދާޅުވި އެވެ. ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އަދި ކުރީގެ ނައިބު ރައީސް އަހްމަދު އަބްދުލް ގަފޫރާ އެކު ވެސް ކޯލިޝަން ހައްދަވާފާނަންތޯ ދެންނެވުމުން ރައީސް ޔާމީން ވިދާޅުވީ، އެބޭފުޅުންނާ އެކު ވެސް ވާހަކަ ދައްކަން ހުރަހެއް ނެތް ކަމަށެވެ. "އެހެންވީމާ ގުޑް ލަކް ދެން ޕާޓީއެއް ހައްދަވާ ކޮންމެ ބޭފުޅަކަށް ވެސް، ޕާޓީއެއް ހެދިގެން މި މޫސުމުގައި އިންތިހާބުގެ ކުރިން އައިސް އަޅުގަނޑުމެންނާ ވާހަކަ ދެއްކޭ ވަރުގެ މުހުލަތު އޮތިއްޔާ ހަމަ ވީ ކޭން ސިޓްޑައުން [އަހަރުންނަށް އިށީދެ ވާހަކަ ދެކެވޭނެ]،" ރައީސް މައުމޫން އަލަށް އުފައްދަވާ މޯލްޑިވްސް ރީފޯމް މޫވްމަންޓާ އެކު ކޯލީޝަން ހައްދަވާފާނަންތޯ ސުވާލު ކުރުމުން ރައީސް ޔާމީން ވިދާޅުވި އެވެ.
އެމްޑީޕީ ނޫން ކޮންމެ ބަޔަކާ އެކު ކޯލިޝަން ހެދުމަށް ވާހަކަ ދެއްކޭނެ: ރައީސް ޔާމީން
ލަންޑަން (ޖަނަވަރީ 17): ޔޫރަޕްގެ އިއްތިޙާދުން އިނގިރޭސިވިލާތް ވަކިވުމާބެހޭ އެއްބަސްވުމަށް މިވަގުތު ހައުސް އޮފް ކޮމަންސްގެ ރުހުން ނުލިބުނު ނަމަވެސް އެކަން ހައްލުކުރެވި އެއްބަސްވުމަކާ ހަމައަށް ދިޔުމުގެ ފުރްސަތު އެބައޮތް ކަމަށް އިނގިރޭސި ބޮޑުވަޒީރު ތެރީސާ މޭ ވިދާޅުވެއްޖެއެވެ. އިދިކޮޅު ލޭބަރ ޕާޓީން ތެރީސާގެ މައްޗަށް ނަގަން މަސައްކަތްކުރި އިތުބާރުނެތްކަމުގެ ވޯޓުން ހަނިގޮތަކަށް ސަލާމަތްވެ ވަޑައިގަތުމަށްފަހު ދެއްވި ބަޔާނެއްގައި ތެރޭސާ ވިދާޅުވީ ހައުސްގެ މެންބަރުން އަމިއްލަ މަސްލަހަތަށްވުރެ ގައުމީ މަސްލަހަތު އިސްކޮށްފިނަމަ ބްރެގްޒިޓްގެ ކަންތައް ފުރިހަމަ އެއްބަސްވުމަކާއެކު ނިންމާލެވެނެ ކަމުގެ ޔަގީންކަން އެބައޮތްކަމަށެވެ. އަދި ހައުސްގައި ހިމެނޭ ކޮންޒަވެޓިވް ޕާޓީގެ މެންބަރުން މިކަމާމެދު ވިސްނާނެ ކަމަށާއި އެއްބަސްވުމަކާ ނުލައި ޔޫރަޕްގެ އިއްތިޙާދުން އިނގިރޭސިވިލާތް ވަކިވުމަކީ ކާރިސާ އެއްކަމަށް ތެރީސާ ސިފަކުރެއްވިއެވެ. އިދިކޮޅު ލޭބަރ ޕާޓީން ތެރީސާގެ މައްޗަށް ނަގަން މަސައްކަތްކުރި އިތުބާރުނެތްކަމުގެ ވޯޓުން އެކަމަނާ ސަލާމަތްވެ ވަޑައިގެންފައިވަނީ 19 ވޯޓުގެ ތަފާތަކުންނެވެ. އެކަމަނާގެ އިތުބާރުނެތްކަމަށް 306 މެންބަރުން ވޯޓު ދިންއިރު 325 މެންބަރުން ވޯޓު ދީފައިވަނީ އިތުބާރު އޮތްކަމަށެވެ. ތެރީސާގެ ބަޔާނުގައި ބްރެގްޒިޓްގެ އެއްބަސްވުމާމެދު ހައުސް ބޭއްވި ބަހުސްގައި އިދިކޮޅު ލޭބަރ ޕާޓީގެ ޒައީމް ޖެރިމީ ކޮބިން ބައިވެރިވެ ވަޑައިގެންފައިނުވާތީ ކޮބިން އަށް ފާޑުވިދާޅުވިއެވެ. ބްރެގްޒިޓްގެ އެއްބަސްވުމަށް ހައުސް އޮފް ކޮމަންސްގެ ބޮޑު އަޣްލަބިއްތަކުން އަންގަރަ ދުވަހު ނޫނެކޭ ބުނެފައިވާއިރު ތެރޭސާ ގެ ކުރިމަތީގައި މިހާރު އޮތީ ހައުސް އިން ދެކޮޅުހެދި އެއްބަސްވުމަށް ޔޫރަޕްގެ އިއްތިޙާދާ ވާހަކަ ދައްކައިގެން ކުދިކުދި އިސްލާހް ތައް ގެނަސް އެ އެއްބަސްވުމަށް ރުހުން ދިނުމުގެ މުހިއްމުކަން ހައުސް އޮފް ކޮމަންސްގެ ކޮންޒަވެޓިވް މެންބަރުންނަށާ އަދި އިދިކޮޅު ބައެއް މެންބަރުންނަށް ވިސްނައި ދިނުމަށްފަހު އަލުން ހައުސްގެ ވޯޓަކަށް އެހުމެވެ. އެނޫން ހައްލުތައް ކަމަށްވާ އެއްބަސްވުމަކާނުލައި ޔޫރަޕްގެ އިއްތިޙާދުން ވަކިވުން ނޫނީ މިއަށްވުރެ ފައިދާބޮޑު އެއްބަސްވުމަކަށް ދިޔުމަށް ޔޫރަޕާއެކު އަލުން ވާހަކަތައް ފެށުން ނޫނީ ބްރެގްޒިޓާ ބެހޭގޮތުން ރައްޔިތުން ދެކޭ ގޮތް ބެލުމަށް އިތުރު ވޯޓެއް ނެގުން ފަދަ އިތުރު ހައްލަކަށް މިހާރު ފުރްސަތުނެތްކަމަށް ތެރޭސާ ގަބޫލުކުރައްވައެވެ. މިހާރު ތެރީސާގެ ކުރިމަތީގައި އޮތީ ބްރެގްޒިޓްގެ މައްސަލަ ހައްލު ކުރުމާމެދު އޭނާގެ ސަރުކާރުން ނިންމާ ގޮތެއް އަންނަ ހަފްތާގައި ހައުސް އޮފް ކޮމަންސަށް އެންގުމެވެ. ބްރެގްޒިޓްގެ އެއްބަސްވުމާ ދެކޮޅުހަދައި ހައުސް އޮފް ކޮމަންސުން ނެގި ވޯޓަށްފަހު ޔޫރަޕްގެ ލީޑަރުންވެސް ވަނީ އެބޭފުޅުންގެ ޚިޔާލުތައް ހަމަކުރައްވާފައެވެ. މިގޮތުން ޔޫރަޕިޔަން ކޮމިޝަންގެ ވެރިޔާ ޖީން ކްލައުޑް ޔުންކަރވަނީ ބްރެގްޒިޓްގެ މައްސަލާގައި އިނގިރޭސިވިލާތުގެ ނިޔަތް ސާފުކަމާ އަދި ކުރަން ބޭނުންވާކަންކަން އަވަސް ގޮތެއްގައި ހާމަކޮށްދިނުމަށް އިނގިރޭސި ސަރުކާރަށާއި ޕާލަމެންޓަށް ގޮވާލައްވާފައެވެ. ބްރެގްޒިޓްގެ އެއްބަސްވުމަށް ހައުސް އޮފް ކޮމަންސްގެ ބޮޑު އަޣްލަބިއްތަކުން ނޫނެކޭ ބުނި ބުނުމަށް އިޝާރާތް ކުރައްވައި ޔުންކަރ ވިދާޅުވީ އެއްބަސްވުމަކާ ހަމައަށް ދިޔުން އޮތީ އިނގިރޭސި ސަރުކާރާއި ހައުސް ގެ މެންބަރުންގެ އަތްޕުޅުގައި ކަމަށާ ނަމަވެސް އެކަމަށް މާގިނަ ވަގުތުތަކެއް ނެތް ކަމުގައެވެ. އެއްބަސްވުމަކާނުލައި އިނގިރޭސިވިލާތް ޔޫރަޕްގެ އިއްތިޙާދުން ވަކިވާގޮތް ދިމާވެއްޖެނަމަ އެކަމުގެ ސަބަބުން އިނގިރޭސި ރައްޔިތުންނަށް ލިބޭ ގެއްލުންތަކުގެ ޒިންމާ އުފުލަންޖެހޭނީ އިނގިރޭސި ދައުލަތް ކަމަށްވެސް ޔުންކަރ ވިދާޅުވިއެވެ. ޔޫރަޕިޔަން ކައުންސިލްގެ ރައީސް (ޔޫރަޕްގެ އިއްތިޙާދުގެ ވެރިޔާ) ޑޮނަލްޑް ޓުސްކުވެސްވަނީ އެއްބަސްވުމަކާނުލައި އިނގިރޭސިވިލާތް ޔޫރަޕްގެ އިއްތިޙާދުން ވަކިވާގޮތް މެދުވެރިވިޔަ ނުދިނުމަށް އިނގިރޭސި ލީޑަރުންނަށް ނަސީހަތްތެރިވެ ވަޑައިގެންފައެވެ. މިމައްސަލަ ހައްލުކުރުމުގެ ހިއްވަރާއި ހިކްމަތްތެރިކަމާއި ދުރުވިސްނުން އިނގިރޭސި ލީޑަރުންނާ އަދި ޕާލަމެންޓް މެންބަރުންގެ ކިބާގައި ހުންނާނެކަމަށް އުންމީދުކުރައްވާ ކަމަށް ޓުސްކު ވަނީ ވިދާޅުވެފައެވެ. (ނޫސްއެޖެންސީތައް)
ބްރެގްޒިޓްގައި އެއްބަސްވުމަކަށް ދިޔުމުގެ ފުރުސަތު އަދި ނުގެއްލޭ: މޭ
ކުޑަކުދިންނަށް ހާއްސަކޮށްގެން ހަދާފައިވާ ފިލްމު "ކަނޑު އިބިލީސް" މާލޭގައި އަންނަ މަހު އެކެއްގައި ރެޑް ކާޕެޓް އިވެންޓެއްގައި ޕްރިމިއާ ކުރުމަށް ނިންމައިފިއެވެ. ފިލްމުގެ ޕްރޮޑިއުސަރު ޒިޔާ "ސަން"އަށް ބުނީ ކުލަގަދަ ހަފްލާއެއްގައި ފިލްމު ޕްރިމިއާކުރުމަށް ހަމަޖެހިފައިވާ ކަމަށާއި ފިލްމުގެ ޓިކެޓް މިހާރުވެސް އޮލިމްޕަސް ޓިކެޓް ކައުންޓަރުން ލިބެން ހުންނާނެ ކަމަށެވެ. "ޓިކެޓްގެ އަގަކީ 100 ރުފިޔާ. މިހާރު މިއަޅުވަނީ ފިލްމުގެ އެންމެ ޝޯ އެއް. އެކަމަކު އަދި ކުރިއަށް އޮތްތާ ފިލްމު އަޅުވާނަން،" ޒިޔާ ބުނީ ފިލްމު ޕްރިމިއާކުރުމުގެ ހަފްލާއަށް ސަރުކާރުގެ އިސްވެރިން ވަޑައިގަންނަވާނެ ކަމަށާއި އަދި ޝަރަފުވެރި މެހެމާނެއްގެ ގޮތުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ. "ކަނޑު އިބިލީސް" ޕްރިމިއާކުރުމަށް ގާސިމް ބައިވެރިވެވަޑައިގަންނަވާނެ -- ސަން ފޮޓޯ/ މުޒައިން ފިލްމުގެ ހުރިހާ މަންޒަރުތަކެއް ނަގާފައި ވަނީ ވެސް ކުޅުދުއްފުށީގަ އެވެ. އަދި "ކަނޑު އިބިލީސް"ގައި ކުޅުދުއްފުށީގެ 100 އަށް ވުރެ ގިނަ ކުޑަ ކުދީން ފެންނާނެ އެވެ. "ކަނޑު އިބިލީސް" އަކީ ޒިޔާއާއި މަޝްހޫރު ކޮޕީ އިއްސެގެ އިތުރުން މުހައްމަދު ރިއްފަތު ޕްރޮޑިއުސްކޮށްފައިވާ ކުޑަކުދިންގެ ފިލްމެކެވެ. އަމިއްލަ ރާގުގެ ލަވައެއް ހިމެނޭ އެ ފިލްމު ކެމެރާ ކޮށްދީފައިވަނީ ގިނަ ފިލްމުތަކެއް ކެމެރާ ކޮށްފައިވާ ކުޅަދާނަ ދަބާއެވެ. އެ ފިލްމުގެ މީޑިއާ ޕާޓްނަރަކީ ސަން މީޑިއާ ގްރޫޕެވެ.
މާލޭގައި "ކަނޑު އިބިލީސް" ރިލީޒްކުރާނީ އަންނަ މަހު އެކެއްގައި!
ރާއްޖެއާއި ރާއްޖެއިން ބޭރުން ލިބެން ހުރި މަތީ ތައުލީމާއި ތަމްރީން އަދި އިލްމު އުނގެނުމާއި ގުޅޭ ދާއިރާތަކަށް އަމާޒްކޮށްގެން ރާއްޖޭގައި ބާއްވަމުން އަންނަ އެންމެ ބޮޑު ތައުލީމީ ފެއާ، "މޯލްޑިވްސް އިންޓަނޭޝަނަލް އެޑިއުކޭޝަން އެންޑް ކެރިއާ އެކްސްޕޯ" އަންނަ މަހު ބާއްވަން ނިންމައިފިއެވެ. ޝީ ބިލްޑިންގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، އަސަރީ ސަރވިސަސްގެ އެގްޒެކެޓިވް ކޯޕަރޭޓް ސްޓްރެޓަޖީ އައިޝަތު މުއީނާ ވިދާޅުވީ މި ފެއާ ބާއްވާނީ އަންނަ މަހުގެ 14، 15 އަދި 16 ވަނަ ދުވަހު ދަރުބާރުގޭގައި ކަމަށެވެ. ދަރުބާރުގެ ރަންނަބަނޑޭރި މާލަމުގައި މި އެކްސްޕޯ ބާއްވާއިރު މި އަހަރުގެ ފެއާގައި ޖުމްލަ އަށް ގައުމަކުން ބައިވެރިވާ ކަމަށާއި އަދި 40 އަށް ވުރެ ގިނަ އިންސްޓިޓިއުޓުން ބައިވެރިވުމަށް ހަމަޖެހިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. މިއަހަރު ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް އެޑިއުކޭޝަން އެންޑް ކެރިއާ އެކްސްޕޯ" ގުޅޭގޮތުން މީޑިއާއަށް މައުލޫމާތު ދިނުމަށް ބޭއްވި ޕްރެސް ކޮންފަރެންސްގެ ތެރެއިން--- ސަން ފޮޓޯ/ އަހުމަދު އަވްޝަން މުއީނާ ވިދާޅުވީ މި އަހަރުގެ ފެއާގައި ވަޒީފާގެ ފުރުސަތާއި މަތީ ތައުލީމުގެ ފުރުސަތުތަކުގެ އިތުރުން ކެރިއަރ ގައިޑެންސް ދިނުން އޮންނާނެ ކަމަށެވެ. އަދި ޖުމްލަ 500 އަށް ވުރެ ގިނަ ކޯސްތަކަށް ފުރުސަތު ހުޅުވާލެވިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ޓޫރިޒަމް ދާއިރާގައި ހުރި ވަޒީފާގެ ފުރުސަތުތަކާބެހޭ ގޮތުން ސެމިނާތަކެއް ކުރިއަށްދާއިރު އިމާރާތް ކުރުމުގެ ދާއިރާ އާއި ސިއްހީ ދާއިރާ އަދި މީޑިއާގައި ހުރި ފުރުސަތު ތަކުގެ މައުލޫމާތު ވެސް މި ފެއާގައި ދިނުމަށް ވަނީ ހަމަޖެހިފައެވެ.
އިންޓަނޭޝަނަލް އެޑިއުކޭޝަން އެކްސްޕޯ އަންނަ މަހު ބާއްވަނީ
މިއީ އޭރު އެންމެ މަގުބޫލު އެއް ފޯނެވެ. އޭރުގެ އައިފޯނެވެ. 2000ގެ ކުރީކޮޅު މަގުބޫލުވި މޮޓޮރޮލާގެ މި ފޯނު ގެންގުޅުނު މީހުންނަކީ އޭރުގެ އެންމެ ހިޓު މީހުންނޭ ބުނެވިދާނެއެވެ. ފޯލްޑަބަލް، ތުނި މި ފޯނަކީ ލެޖެންޑަރީ އުފެއްދުމެކެވެ. ކަޅު ކުލައާއި ހޮޓް ޕިންކް އަދި މެރޫން އާއި އަޅި ކުލަ ފަދަ ރީތި ކުލަތަކުން ގަންނަން ލިބުނު މި ފޯނު އެނބުރި ބާޒާރަށް އަންނަން އުޅޭކަމަށް ރިޕޯޓު ކޮށްފައިވާއިރު، އަގު އުޅޭނީ 1500 ޑޮލަރަށެވެ. މި ފޯނު އެނނބުރި ބާޒާރަށް އަންނަނީ އޭރުގެ އެ ލެޖެންޑްރީ ޑިޒައިނަށް އިން ނަމަވެސް މި ފޯނު ވާނީ މިހާރު ބާޒާރުގައި ހުރި އެންމެ ވަރުގަދަ ސްމާޓް ފޯނުތަކުގެ ތެރޭގައި ގުނާލެވޭނެ އުފެއްދުމަކަށެވެ. ސެމްސަންގުންވެސް ދަނީ ފަތްޖަހާލެވޭ ނުވަތަ ފޯލްޑަބަލް މޯބައިލް ފޯނެއް ބާޒާރަށް ނެރުމަށް މަސައްކަތް ކުރަމުންނެވެ. މީގެ ކުރިންވެސް މޮޓޮރޮލާ އިން ވަނީ މި ފޯނުގެ އަޕްގްރޭޑެޑް ވާޝަން އެއް ބާޒާރަށް ނެރެފައެވެ. މޮޓޮރޮލާގެ އިތުރުން ނޮކިއާ އިންވެސް ވަނީ އެމީހުންގެ އެންމެ އައިކޮނިކް ފޯނުތައް އަލުން އުފައްދައިގެން ބާޒާރަށް ނެރެފައެވެ. ބޮޑު ފައިދާ އެއް ހޯދުމަށްވުރެ، މި އުފެއްދުންތައް ބާޒާރަށް ނެރެފައިވަނީ ކުރީގެ ހަނދާންތައް އާކޮށްލުމަށެވެ.
2000ގެ ކުރީކޮޅު މަގުބޫލުވި މޮޓޮރޮލާ ފޯނު އެނބުރި އަންނަަނީ
ލަންޑަން (ޖެނުއަރީ 17): އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ތެރީސާ މޭގެ އިތުބާރު ނެތް ކަމަށް އެގައުމުގެ ޕާލިމެންޓުގައި ނެގި ވޯޓުން އެކަމަނާ ސަލާމަތްވެ ވަޑައިގެންފިއެވެ. މިދިޔަ މަހު ވެރިކަން ކުރާ ކޮންޒަވޭޓިވް ޕާޓީންވެސް ވަނީ ބޮޑުވަޒީރު މޭގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގާފައެވެ. ނަމަވެސް މޭ އެވޯޓު ކާމިޔާބު ކުރެއްވީ 200 މެމްބަރުންގެ ތާއިދާ އެއްކޮށެވެ. އެވޯޓުގައި އޭނާއާ ދެކޮޅަށް ވޯޓު ދެއްވީ 117 މެމްބަރުންނެވެ. ރޭ މޭގެ އިތުބާރު ނެތް ކަމުގެ ވޯޓު ނަގަން ހުށަހެޅުއްވީ އިދިކޮޅު ލޭބާ ޕާޓީގެ ލީޑަރު ޖެރެމީ ކޯބީންނެވެ. ނަމަވެސް މޭގެ އިތުބާރު ނެތް ކަމަށް 306 މެމްބަރުން ވޯޓު ދެއްވި އިރު 325 މެމްބަރުން ވަނީ އެކަމަނާއަށް ތާއިދުކޮށް ވޯޓު ދީފައެވެ. އެވޯޓު ނެގީ އިނގިރޭސިވިލާތް ޔޫރަޕިއަން ޔޫނިއަން (އީޔޫ)އިން ވަކިވުމާ ބެހޭ ގޮތުން ބޮޑުވަޒީރު މޭ އެކުލަވާލެއްވި އެއްބަސްވުމަށް ރުހުން ދޭން ޕާލިމެންޓުން ދެކޮޅު ހެދި ފަހުންނެވެ. މޭގެ ބްރެގްޒިޓް ޕްލޭނުގައި ނިންމާފައި އޮތީ މާޗް 29ގައި އިނގިރޭސިން އީޔޫއިން ވަކިވުމަށް ފަހު، 21 މަހުގެ ޓްރާންޒިޝަން މުއްދަތެއް ކަނޑައެޅުމަށެވެ. އަދި އެމުއްދަތުގެ ތެރޭގައި އީޔޫއާ އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމަކާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށެވެ. އެއެއްބަސްވުމާ ދެކޮޅަށް ބައެއް މެމްބަރުން ވޯޓު ދެއްވީ، އިނގިރޭސިން އީޔޫއިން ވަކިވުމާ ބެހޭ އިތުރު ފެންނަ ނުފެންނަ ވޯޓެއް ނަގަން ބޭނުންފުޅުވާތީއެވެ. އަދި އީޔޫއިން ވަކިވި ނަމަވެސް އެއިއްތިހާދާ ގާތް ގުޅުމެއް ބާއްވަން ބޭނުންފުޅުވާތީއެވެ. މީގެ އިތުރުން، މޭގެ އެއްބަސްވުމާ ދެކޮޅަށް ވޯޓު ދެއްވި މެމްބަރުންގެ ތެރޭގައި، އިނގިރޭސިން އީޔޫއާ ވަކިވުމަށް ތާއިދު ކުރާ މެމްބަރުން ވެސް ހިމެނެ އެވެ. އެމެމްބަރުން ވަނީ މޭގެ ބްރެގްޒިޓް ޕްލޭންގެ ދަށުން، އިނގިރޭސިން އީޔޫއާ ވަކިވުމަށް ފަހުވެސް އެއިއްތިހާދުގެ ބައެއް ގަވާއިދުތަކަށް ބޯލަނބަން ޖޭހެކަމަށް ވިދާޅުވެފައެވެ. އިއްޔެގެ ނާކާމިޔާބީއަށް ފަހު ބޮޑުވަޒީރު މޭ ވަނީ ބްރެގްޒިޓް ޕްލޭނަށް ގެންނަން ޖެހޭ ބަދަލުތަކާ ބެހޭ ގޮތުން ހުރިހާ ޕާޓީތަކާ މަޝްވަރާ ކުރެއްވުމަށް ފަހު، އަނެއްކާވެސް އާ ޕްލޭނެއް މަޖިލީހަށް ހުށަހަޅާނެ ކަމަށް ވިދާޅުވެފައެވެ. އަދި ހުރިހާ މެމްބަރުންވެސް "އަމިއްލަ މަސްލަހަތަށް" އިސްކަން ދިނުމުގެ ބަދަލުގައި ބްރެގްޒިޓާއިގެން ކުރިއަށް ދިޔުމަށް އެދިވަޑައިގެންފައެވެ. އިނގިރޭސިވިލާތް އީޔޫއިން ވަކިވުމާ ބެހޭ ގޮތުން ފެންނަ ނުފެންނަ ވޯޓެއް ނެގީ 29 މާޗް 2017ގައެވެ. އެވޯޓުގައި ބައިވެރިވި މީހުންގެ ތެރެއިން 51.9 ޕަސެންޓު މީހުން ވޯޓު ދިނީ އީޔޫއިން ވަކިވާށެވެ.
އިތުބާރު ނެތް ކަމުގެ ވޯޓުން އަނެއްކާވެސް މޭ ސަލާމަތްވެ ވަޑައިގެންފި
މާލެ އަތޮޅުގައި އޮންނަ ޖުމައިރާ ވިޓަވެލި ރިސޯޓުގައި މަސައްކަތް ކުރާ ބިދޭސީއަކު މިރޭ މަރުވެއްޖެ އެވެ. މަރުވެފައި ވަނީ އެ ރިސޯޓުގައި "ފަޔާ ޑަންސާ" އެއްގެ ވަޒީފާ އަދާކުރަމުންދާ ފިލިޕިންސްގެ ރައްޔިތެކެވެ. އޭޑީކޭ ހޮސްޕީޓަލާ ހަވާލާދީ ފުލުހުން ބުނީ، އެ ރިސޯޓުގައި މަސައްކަތް ކުރާ ފިލިޕިންސްގެ ރައްޔިތަކު މިރޭ 7:30 އެހައިކަންހާއިރު އެ ހޮސްޕިޓަލަށް ގެނެވިފައިވާ ކަމަށާއި އެމީހާ ގެނައި އިރު ވެސް އޮތީ މަރުވެފައިކަމަށެވެ. އެނާ މަރުވި ސަބަބެއް އަދި ސާފެއް ނުވެއެވެ. ރިސޯޓުގައި މަސައްކަތް ކުރާ ފިލިޕީންސްގެ ރައްޔިތަކު މިރޭ މަރުވެފައިވާ އިރު، މިއަދު ހަވީރު ޕެރަޑައިސް އައިލެންޑް ރިސޯޓުގައި ސްނޯކްލިންއަށް ދިޔަ ކޮރެޔާގެ 66 އަހަރުގެ އަންހެނަކު ވަނީ ގެނބިގެން މަރުވެފައެވެ.
ޖުމައިރާ ރިސޯޓުގައި މައްސައްކަތް ކުރާ ބިދޭސީއަކު މަރުވެއްޖެ
ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުއްދަ ދީފައިވާ ކުންފުނިތަކުން ފިޔަވައި އެހެން އެހެން ކުންފުނި ތަކުން ފްލެޓް ނުގަތުމަށް އެކުންފުނިން އިލްތިމާސްކޮށްފައެވެ. އެޗްޑީސީން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، އެއްމެދު އިމާރާތް ތަރައްގީ ކުރުމަށް އެ ކޯޕަރޭޝަނާއެކެ ވެފައިވާ އެއްބަސްވުމުގައިވާ ގޮތުން 'ޑިވެލޮޕްމަންޓް އެންޑް ސޭލް ރައިޓްސް'ގެ ދަށުން އިމާރާތް ކުރާ ފަރާތްތަކުން ހައުސިން ޔުނިޓްތައް ވިއްކޭނީ އެއްބަސްވުމުގައިވާ އުސޫލުގެ މަތިން ވަކި މިންވަރަކަށް އިމާރާތް ނިމުމުން އެޗްޑީސީގެ ހުއްދަލިބިގެން ކަމަށެވެ. އެގޮތުން ފްލެޓް ވިއްކޭނީ އިމާރާތުގެ 20 ޕަސެންޓް މަސައްކަތް ނިމުމުން ކަމަށް އެޗްޑީސީން ވަނީ މީގެ ކުރިން އުސޫލެއް ހަދާފަ އެވެ. އެ މިންވަރަށް އިމާރާތުގެ މަސައްކަތް ނިމުމުގެކުރިން ހައުސިން ޔުނިޓްތައް ވިއްކުމުގެ ކަންކަން ކުރިއަށް ގެންދިއުމާއި ބުކިން ފީގެ ގޮތުގައި ހުއްދަ ކުރެވިފައިވާ މިންވަރަށްވުރެ އިތުރަށް ނެގުމަކީ އެއްބަސްވުމާ ޚިލާފް ކަމެއް ކަމަށް ވެސް އެ އިއުލާނުގައި ވަނީ ބުނެފަ އެވެ. ހައުސިން ޔުނިޓް ވިއްކުމަށް ހުއްދަ ދީފައިވާ ކުންފުނިތައް: ރެއިންބޯ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް ރެއިންބޯ ސިންގަލް ޑިވެލޮޕާސް ޕްރައިވެޓް ލިމިޓެޑް ރިނާޓަސް ޕްރޮޖެކްޓްސް ޕްރައިވެޓް ލިމިޓެޑް ޖާހު އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް ޖަވާހިރު އިލެވެން ޕްރައިވެޓް ލިމިޓެޑް ގްލަޓް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް އިނޯކާ ޕްރައިވެޓް ލިމިޓެޑް ދަމާސް ކޮމްޕެނީ ޕްރައިވެޓް އެންސިސް ފިޝަރީޒް ޕްރައިވެޓް ލިމިޓެޑް އެފް ޑަބްލިއު ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް އަމީން ބިލްޑްވެއާ ޕްރައިވެޓް ލިމިޓެޑް ބެޗް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް ހުޅުމާލޭގައި އަމިއްލަ ކުންފުނިތަކާ ހަވާލުކޮށްގެން އެޗްޑީސީން ކުރިއަށް ގެންދާ ހައުސިން ޕްރޮޖެކްޓްތަކުގައި އިމާރާތްކުރާ ހައުސިން ޔުނިޓްތައް ގަންނަ ފަރާތްތަކުން، އެ ފަރާތްތަކާއެކު ފައިސާގެ އެއްވެސް މުއާމަލާތެއް ހިންގުމުގެ ކުރިން އެ ކޯޕަރޭޝަނުން ސޭލްސް އެޕްރޫވަލް ދީފައިވާކަމުގެ ލިއުމާއި ސޭލްސް އެންޑް ޕާޗޭސް އެގްރީމަންޓަށް ހުއްދަދީފައިވޭތީ ޔަގީން ކުރުމަކީ ފްލެޓް ގަންނަ ފަރާތުގެ ޒިންމާއެއް ކަމަށް ވެސް އެ އިއުލާނުގައި ވަނީ ބުނެފަ އެވެ.
ހުއްދަނެތް ކުންފުނިތަކުން ފްލެޓް ނުގަތުމަށް އެޗްޑީސީން އެދެފި
އަންނަ އެޕްރީލް މަހު ބާއްވާ މަޖިލިސް އިންތިހާބުގައި ސަރުކާރު ހިންގާ ކޯލިޝަންގެ އެއް ލީޑަރު އަދި ކުރީގެ ރައީސް މައުމޫންގެ ތާއީދާއެކު ވާދަކުރުމަށް 80 ދާއިރާ އަށް ކުރިމަތިލުމަށް ބޭފުޅުން ޝައުގުވެރިކަން ފާޅު ކުރައްވައިފި އެވެ. ރައީސް މައުމޫން ނިސްބަތްވާ މައުމޫން ރީފޯމް މޫވްމަންޓް (އެމްއާރުއެމް) އިން މި މަހު ފަސް ވަނަ ދުވަހު ވަނީ، ރައީސް މައުމޫންގެ ތާއީދާއެކު ކުރިމަތިލުމަށް ބޭނުންފުޅުވާ ބޭފުޅުންނަށް އެ ފުރުސަތު ހުޅުވާލަފައެވެ. އެމްއާރުއެމް އިން ބުނީ މިދިޔަ ހަފްތާ ބުރާސްފަތި ދުވަހުގެ ނިޔަަލަށް މުއްދަތު ހަމަވެފައިވާ އިރު، 80 ދާއިރާ އަކުން 108 ފަރާތަކުން ޝައުގުވެރިކަން ފާޅުކުރައްވާފައިވާ ކަމަށެވެ. ނާވާރަ ވަނަ ރައްޔިތުން މަޖިލީހުގައި އިތުރުވި ދެ ދާއިރާ އާއެކު ޖުމްލަ 86 ދާއިރާ އެއް ހިމެނެއެވެ. ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީ އިން ވަނީ އެ ޕާޓީ ޓިކެޓްގައި ވާދަ ކުރުމަށް ބާއްވާ ޕްރައިމަރީ ގައި 85 ދާއިރާއަކުން ބޭފުޅުން ކުރިމަތި ލައްވާފައެވެ. އެޕާޓީ ޕްރައިމަރީ އޮންނާނީ އަންނަ ހުކުރު ދުވަހު އެވެ. ޕްރައިމަރީ ބާއްވަން ހަމަޖެހިފައިވަނީ 77 ދާއިރާއެއްގައެވެ. ނުވަ ދާއިރާ އެއްގައި އެންމެ ކެންޑިޑޭޓެއް ކުރިމަތިލަައިފައި އޮތުމުން އެ ދާއިރާތަކުގެ ޕްރައިމަރީ ނުބާވައެވެ. ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ އިން ވެސް ވަނީ އެ ޕާޓީ ޓިކެޓްގައި މަޖިލީހަށް ވާދަކުރުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފައެވެ. އަދި އަދާލަތު ޕާޓީން ވަނީ އެ ޕާޓީގެ ފަރާތުން 13 ދާއިރާ އަކަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލަފައެވެ. މަޖިލިސް އިންތިހާބުގައި ސަރުކާރު ކޯލިޝަނުން ދާއިރާތައް ބަހާނެ ގޮތަކާ މެދު އަދިވެސް ވަނި ގޮތެއް ނުންނިމިފައެވެ.
މައުމޫންގެ ތާއިދާއެކު 80 ދާއިރާއަށް ކުރިމަތިލުމަށް ޝައުގުވެރިކަން ފާޅުކޮށްފި
މާޒީގައި ކަންކަން ހިނގާފައިވާގޮތަށް ބަލައި އިބުރަތް ހާސިލުކުރަންޖެހޭ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ. ޖުމްހޫރީ ޕާޓީއަށް މެމްބަރުންތަކެއް ސޮއިކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ގާސިމް ސުވާލުތަކެއް އުފެއްދެވިއެވެ. އޭޕްރީލް މަހު ބާއްވާ މަޖިލިސް އިންތިޚާބުގައި ވަކި ޕާޓީއަކަށް މެޖޯރިޓީ ދިނީމަ އޮތީ ރައްކާތެރިކަންތޯ ނުވަތަ ނުރަކަލެއްތޯ ގާސިމް ސުވާލު އުފެއްދެވިއެވެ. "2019 ވަނަ އަހަރު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ މެޖޯރިޓީ އެއް ޕާޓީއަކަށް ދިނީމަ އޮތީ ނުރައްކަލެއްތޯ ނުވަތަ ރައްކާތެރި ކަމެއްތޯ. މިއީ އަޅުގަނޑުމެން ކަލްކިއުލޭޓްކޮށް ހިސާބު ޖަހާލަންވީ ކަމަކީ. މާޒީވެދިޔަ ތަނުން ތަޖުރިބާ ހާސިލުކުރަންވީ. ފެންނަ މަންޒަރުތަކުން ކުރައްސަވާލަންވީ ކޯއްޗެއްތޯ. އަޒުމް ކަނޑައަޅަންވީ ކޯއްޗެއްތޯ. ދިވެހިރާއްޖޭގެ މުސްތަގުބަލް ކުރިއަށްގެންދިޔުން،" ގާސިމް ވިދާޅުވިއެވެ. ގާސިމް ވިދާޅުވީ ވަކި ބަޔަކަށް މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެނަމަ ވާނެގޮތް އިއްޔެ އާއި އިހައްދުވަހު އޮތީ ވަރަށް ސާފުކޮށް ދައްކައިދީފައި ކަމަށެވެ. އެހެންކަމުން "މެމްބަރުން ވިކޭ ވާހަކަ" އާއި "ފަނޑިޔާރުން އެހެންނޭ މިހެންނޭ ކިޔައިގެން ހިތައްއެރިހާ ވާހަކައެއް ދެއްކުމުގެ ހައްގު "އެއްވެސް މީހަކަށް އެބައޮތްތޯ ގާސިމް ސުވާލު އުފެއްދެވިއެވެ.
މާޒީން އިބްރަތް ހާސިލުކުރަންޖެހޭ: ގާސިމް