news
stringlengths
242
32.4k
Title
stringlengths
6
118
މިހާރު ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން ކުރިމަތިވަމުންދާ ދަތިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި އިންޑިއާއިން ވަމުންދާ އެހީގެ ތެރެއިން ރާއްޖެއަށް 580 ޓަނުގެ ކާބޯތަކެތި ހަދިޔާކުރުމަށް ނިންމައިފި އެވެ. ރާއްޖޭގައި ހުރި އިންޑިއަން ހައި ކޮމިޝަނުން މިރޭ ބުނެފައިވަނީ ރާއްޖެއަށް އެހީގެ ޝިޕްމެންޓު ފޯރުކޮށްދެނީ އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ އާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ މެދުގައި ކުރެވުނު މަޝްވަރާގެ ދަށުން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ އެހީގެ ދަށުން ކަމަށެވެ. ރާއްޖެއަށް ހަދިޔާކޮށްފައިވާ 580 ޓަނުގެ ކާބޯތަކެތި ވަރަށް އަވަހަށް ރާއްޖެއަށް ގެންނާނެ ކަމަށާއި އެތަކެތި އަންނާނީ އައިއެންއެސް ކޭސަރީގައި ކަމަށް ހައި ކޮމިޝަނުން ބުނެއެވެ. އެ ތަކެތީގެ ތެރޭގައި ހިމެނެނީ 200 ޓަނުގެ ހަނޑޫ 140 ޓަނުގެ ގޮދަން ފުށް 90 ޓަނުގެ ހަކުރު 120 ޓަނުގެ ރީނދޫ މުގު 26 ޓަނުގެ ފިޔާ 14 ޓަނުގެ އަލުވި އިންޑިއަން ހައި ކޮމިޝަނުން ބުނެފައިވަނީ ކާބޯތަކެތީގެ އެ އެހީ އަކީ އިންޑިއާގެ 'އެކިއުރިޓީ އެންޑް ގްރޯތު ފޯ އޯލް' (ސާގަރް) ޑޮކްޓްރިން ގެ ދަށުން ސަރަހައްދީ ގައުމުތަކަށް އިންޑިއާއިން ފޯރުކޮށްދޭ އެހީ ކަމަށެވެ. އެގޮތުން އައިއެންއެސް ކޭސަރީ ފުރަތަމަ ދިވެހިރާއްޖެއަށް މުދާ ބޭލުމަށްފަހު ސަރަހައްދުގެ އެހެން ގައުމުތަކަށް އެހީއާއިގެން ދަތުރު ކުރާނެ ކަމަށްވެސް އެ ހައި ކޮމިޝަނުން ވަނީ ބުނެފައެވެ. އިންޑިއަން ހައި ކޮމިޝަނުން ބުނެފައިވަނީ އިންޑިއާއާއި ދިވެހިރާއްޖެ އެއްބަސް ވާގޮތުގައި ކޮވިޑް-19 ބަލިމަޑުކަމާއި މި ބަލިމަޑުކަމުގެ ސަބަބުން ދެގައުމުގެ ރައްޔިތުންނަށް ކުރިމަތިވެދާނެ ހުރިހާ ކަމަކުން އަރައިގަތުމުގެ އެންމެ ފުރިހަމަ ސްޓްރެޓެޖީއަކީ ސަރަހައްދީ ގައުމުތަކުން އަތްގުޅާލައިގެން އެކުގައި މަސައްކަތް ކުރުން ކަމަށެވެ. ކާބޯތަކެތީގެ މިއެހީއަކީ އިންޑިއާގެ ރައްޔިތުންގެ ފަރާތުން ދިވެހިރާއްޖޭގެ ރައްޔިތުންނަށް ރަމަޟާން މަހުގައި ދެވޭ، ދެގައުމުގެ އެކުވެރިކަން ރަމްޒު ކޮށްދޭ ހަދިޔާއެއް ކަމަށްވެސް އެ ހައިކޮމިޝަނުން ބުނެއެވެ. އިންޑިއާއިން ވަނީ ފާއިތުވެދިޔަ ދެ މަސް ދުވަހުގެ ތެރޭގައި އެކި ގޮތްގޮތުން ދިވެހިރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. އެގޮތުން ސިއްހީ މާހިރުންގެ ޓީމެއް ފޮނުވުމާއި، ބޭހުގެ ޝިޕްމެންޓްތަށް ފޮނުވުމާއި ވޫހާންގައި ތާށިވެފައި ތިބި ދިވެހިން އަނބުރާ ދިވެހިރާއްޖެއަށް ގެނެސްދިނުމާއި ކޮވިޑް-19 ބަލިމަޑުކަމުން ސަލާމަތް ވުމުގައި އިންޑިއާއިން ބޭނުން ކުރާ އުކުޅުތަކާއި އިލްމު ހިއްސާކުރުން ހިމެނެއެވެ.
އިންޑިއާއިން ރާއްޖެއަށް 580 ޓަނުގެ ކާބޯތަކެތި
ސްޓެލްކޯގެ އިސްވެރިންގެ މުސާރަ ހާމަކޮށް ރައްޔިތުންގެ މަޖިލީހަށް ފޮނުވި، އާންމުވި ގޮތް ހޯދުމަށް އެ ކުންފުނިން މަޖިލީހުގައި އެދުމުން، އެގޮތަށް އެކަން ނުކުރެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. ސްޓެލްކޯއިން މަޖިލީހަށް ފޮނުވި ސިޓީއެއް އާންމުވުމާ ގުޅިގެން އެކަން ހިނގި ގޮތް އޮޅުންފިލުވައިދިނުމަށް އެ ކުންފުނީގެ ފަރާތުން އެދުނީ މި މަހުގެ ހަ ވަނަ ދުވަހު އެވެ. ސްޓެލްކޯ އިން ބުނެފައި ވަނީ ސިޓީ އާންމުވެ އެ ކުންފުންޏާއި ކުންފުނީގެ ވެރިންނާއި، މުވައްޒަފުން ރެއާއި ދުވާލު ކުރާ މަސައްކަތުގެ އަގުވައްޓާލައި، އަދި އެ ކުންފުންޏާ މެދުގައި އޮތް ތަސައްވަރު ކިލަނބު ކުރުމަށް ރައްޔިތުންގެ ތެރެއިން ބަޔަކު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ހަމައެއާ އެކު މުސްތަގުބަލުގައި މަޖިލީހަށް ފޮނުވާ ލިޔެކިޔުންތަކަކީ އާންމު ކުރާނެ ތަކެތިކަން ކުރިން އެންގުމަށް ވެސް އެދިފައިވެ އެވެ. އެކަމާ ގުޅިގެން ނަޝީދު މިއަދު ވިދާޅުވީ ސިޓީބިޓީ ލިޔުމާ ގުޅޭ ގޮތުން 1968 ވަނަ އަހަރު ފާސްކޮށްފައިވާ ގާނޫނު އަދި ވެސް އެބަ އޮތް ކަމަށާއި، އެ ގާނޫނުގައިވާ ގޮތުން، "އިންޖީނު ގެއިން" މަޖިލީހަށް ސިޓީ ނުފޮނުވޭނެ ކަމަށެވެ. "އިންޖީނުގެ ކުދިންނަށް އެނގެން ޖެހޭ މިތަނަށް އެބޭފުޅުންނަށް ސިޓީ ނުލިޔުއްވޭނެކަން. މިތަނުން އަހާ އެއްޗެއްގެ ޖަވާބު އެބޭފުޅުންނަށް ދެއްވޭނެ." ނަޝީދު ވިދާޅުވި އެވެ. ގ. ކެނެރީގޭ މުހައްމަދު ނަޝީދަށް ކޮންމެ މީހަކަށް ވެސް ސިޓީ ލިޔެވޭނެ ކަމަށާއި، އަދި ބޭނުންވާ އެއްޗެއް ވެސް ބުނެވޭނެ ކަމަށާއި އެހެން ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސަށް އެގޮތަށް ސިޓީ ފޮނުވަން ގާނޫނުން ޖާގަ ނުދޭ ކަމަށެވެ. "އެހެންވީމާ އިންޖީނުގޭ ހުރިހާ ކުދިން ވެސް، އަދި ޖައްރާފު ކުއްޖަކަށް ވިޔަސް އަދި އެހެން ތަނެއްގައި މަސައްކަތް ކުރާ ކުއްޖަކަށް ވިޔަސް ހުރިހާ ކުދިންނަށް ރަނގަޅަށް ރީތިކޮށް އެނގިލައްވަން ޖެހޭނެ މިތަނަށް ސިޓީ ފޮނުވާނީ ވަޒީރުން ކަން،" ނަޝީދު ވިދާޅުވި އެވެ. ސިޓީގެ މައްސަލާގައި އިންފޮމޭޝަން ކޮމިޝަނަރު ހުސައިން ފިޔާޒް މޫސާ ވިދާޅުވީ ދައުލަތުގެ މަސްއޫލިއްޔަތެއް އަދާކުރާ އެއްވެސް އިދާރާއެއްގެ މުވައްޒަފެއްގެ މުސާރަ އާއި އިނާޔަތަކީ ރައްޔިތުންނަށް ސިއްރުވާން ޖެހޭ މައުލޫމާތެއް ނޫން ކަމަށެވެ. އަދި އެއީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން، މުއައްސަސާގެ އަމިއްލަ އިސްނެގުމަށް ހާމަކުރަން ޖެހޭ މައުލޫމާތަކަށް ވާއިރު، ސަރުކާރުގެ 100 ޕަސެންޓު ހިއްސާ އޮތް ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރުގެ މުސާރަ ބަޔާންކޮށް ރައްޔިތުންގެ މަޖިލީހަށް ފޮނުވި ސިޓީއެއް ސޯޝަލް މީޑިއާގައި އާންމުވާން ޖެހުނު ސަަބަބު ހޯދުމަށް މަސައްކަތް ކުރުމަކީ އިންތިހާއަށް ކަންބޮޑުވާ ކަމެއްް ކަމަށެވެ. އެހެންކަމުން އެކަން ތަހުގީގު ކުރުމުގެ ބަދަލުގައި ހާމަކަން ބޮޑު ހިންގުމުގެ ސަގާފަތެއް ގާއިމުކުރުމަށް މަސައްކަތް ކުރުމަށް ފިޔާޒް ވަނީ ގޮވާލައްވައިފަ އެވެ.
"އިންޖީނުގޭ ކުދިންނަށް" މަޖިލީހަށް ސިޓީ ނުފޮނުވޭނެ: ނަޝީދު
މޭލޭޝިއާގައި ދިރިއުޅޭ ދިވެހިންނަށް ހާއްސަކޮށްގެން ތައާރަފުކޮށްފައިވާ ހެލްތު އިންޝިއުރެންސް ސްކީމް "މެރަނާ" ގައި އެންލިސްޓުކޮށްފައި ނުވާ ކްލިނިކްތަކާއި ހޮސްޕިޓަލުތަކުންވެސް ދިވެހީންނަށް ހިދުމަތް ހޯދޭނެ އިންތިޒާމު އާސަންދަ އިން ހަމަޖައްސައިފި އެވެ. މެލޭޝިއާގައި ދިރިއުޅޭ ދިވެހީންނަށް މެރަނާ ހެލްތު އިންޝިއުރެންސް ސްކީމު ތައާރަފުކޮށްފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގައެވެ. މެރަނާ ހިދުމަތް ތައާރަފުކޮށްފައިވާއިރު، އެ ހިދުމަތް މީގެކުރީން ލިބޭނީ އާސަންދަ ކޮމްޕެނީގައި ރެޖިސްޓާކޮށްފައިވާ ހޮސްޕިޓަލުތަކާއި ކްލިނިކްތަކުން އެކަންޏެވެ. އެހެންނަމަވެސް މިހާރު ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން މެލޭޝިއާގައި އެއްތަނުން އަނެއްތަނަށް ދިޔުމަށް އަޅާފައިވާ ހުރަސްތަކުގެ ތެރެއިން މީހުން ދިރިއުޅޭ ތަނުން ފެށިގެން 10 ކިލޯމީޓަރަށްވުރެ ދުރަށް ދިޔުމަށް ވަނީ މަނާކޮށްފައެވެ. އޭގެ ސަބަބުން އެކި ސަރަހައްދުތަކުގައި ދިރިއުޅޭ ދިވެހީންނަށް މެރަނާ ހިދުމަތް ބޭނުންކުރުމަށް ތަފާތު ދަތިތަކާ ކުރިމަތިވަމުންދާ ކަން ފާހަގަވެފައިވާ ކަމަށް އާސަންދައިން ވަނީ ބުނެފައެވެ. އެކުންފުނީން ބުނެފައިވަނީ އަލަށް ގެނައި ބަދަލާއެކު މެލޭޝިއާގައި ދިރިއުޅޭ ރައްޔިތުންގެ ތެރެއިން މެރަނާ ސްކީމުގައި ރެޖިސްޓާކޮށްފައިވާ ފަރާތްތަކުގެ ތެރެއިން، އެމީހެއް ދިރިއުޅޭ ތަނުން ފެށިގެން 10 ކިލޯމީޓަރުގެ ސަރަހައްދުގައި މެރަނާ ސްކީމުން އެންލިސްޓުކޮށްފައިވާ ތަނެއް ނެތް ނަމަ، ބޭނުންވާ ހިދުމަތް ރަނގަޅު އަގެއްގައި ލިބެން ހުރި އެހެން ސިއްހީ ހިދުމަތް ދޭ މަރުކަޒުން ހޯދައި ހިދުމަތް ހޯދިކަން އެނގޭ ލިޔުންތަކާއެކު ބިލު ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
މެލޭޝިއާގައި ދިވެހިން އުޅޭ ސްޓޭޓްތަކުގެ ހޮސްޕިޓަލުތަކުން މެރަނާ ސްކީމް ލިބޭނެ އިންތިޒާމު ހަމަޖައްސައިފި
ވޮޝިންޓަން (22 އެޕްރީލް 2020) : ހިތްޕުޅުގެ ކުއްލި އޮޕަރޭޝަނަކަށް ފަހު އުތުރުކޮރެއާގެ ޒައީމް ކިމް ޖޮންއުންގެ ހާލުކޮޅު ވަރަށް ބޮޑަށް ދެރަވެފައިވާ ކަމަށް ބުނާ ޚަބަރުތަކުގެ ހަގީގަތް ހޯދަމުން ގެންދާކަމަށް އެމެރިކާ ބުނެފި އެވެ. އެމެރިކާގެ ރައީސްގެ ގައުމީ ސަލާމަތާބެހޭ މުސްތަޝާރު ރޮބަޓް ޗާލްސް އޮބްރެއިން ވިދާޅުވީ ކިމް ޖޮންއުންގެ ހާލުކޮޅާ ބެހޭ ގޮތުން އިތުބާރުހުރި އެއްވެސް މައުލޫމާތެއް އެމެރިކާ ސަރުކާރަށް އަދި ލިބިފައިނުވާ ކަމަށާއި އެކަމާ ބެހޭ ގޮތުން މިހާތަނަށް ލިބިފައިވަނީ އެމެރިކާގެ މިޑިއާތަކުން ގެނަސްދީފައިވާ މައުލޫމާތު އެކަނި ކަމުގަ އެވެ. އެެހެންކަމުން އުތުރުކޮރެއާގެ ޒައީމަށް ވެގެން އުޅޭ ގޮތް ބެލުމަށް އެމެރިކާ މަސައްކަތް ކުރަމުން ގެންދާކަމަށް އޮބްރެއިން ވިދާޅުވި އެވެ. އުމުރުފުޅުން 36 އަހަރުގެ ޒުވާން ޒައީމު ކިމް ޖޮންއުންގެ ހާލުކޮޅު ވަރަށް ބޮޑަށް ދެރަވެފައިވާ ކަމުގެ ޚަބަރުތައް ފަތުރާފައި ވަނީ އެމެރިކާގެ މީޑިއާ އިންނެވެ. ޚާއްސަކޮށް ސީއެންއެން އިންނާއި ވޮޝިންޓަން ޓައިމްސް އިންނެވެ. އެދެފަރާތުން ވަނީ ކިމްގެ ކާފާފުޅު ކިމް އިލްސަންގްގެ އުފަން ދުވަސް ފާހަގަ ކުރުމަށް މި އެޕްރީލް މަހުގެ 15 ވަނަ ދުވަހު ޕިޔޮންގްޔަންގްގައި ބޭއްވި ރަސްމިއްޔާތުން ކިމް ނުފެންނަކަމަށާ މިއީ ކިމްގެ ވެރިމަމުގައި އެރަސްމިއްޔާތުން އޭނާ ނުފެނުނު ފުރަތަމަ ފަހަރުކަމަށް ބުނެ ޚަބަރު ފަތުރައިފަ އެވެ. އެމެރިކާގެ ގައުމީ ސަލާމަތާބެހޭ މުސްތަޝާރު ރޮބަޓް ޗާލްސް އޮބްރެއިން މީގެއިތުރުން މިދިޔަ ހަފްތާގައި އުތުރުކޮރެޔާގެ ސިފައިން މިސައިލް ތަޖްރިބާއެއް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވެސް ކިމް ބައިވެރިވެވަޑައިގެންފައިނުވާ ކަމަށް ސީއެންއެން އިންނާއި ވޮޝިންޓަން ޓައިމްސް އިން ބުނެފައިވެ އެވެ. މިއާއެކު ވަރަށް އިތުބާރު ހުރި ފަރާތަކާ ހަވާލާދީ ސީއެންއެން އިންވަނީ ކިމްއަށް ހިތްޕުޅުގެ ކުއްލި ހާލަތެއް ދިމާވެގެން ކުރި އޮޕަރޭޝަނެއް ކާމިޔާބު ނުވުމުން އޭނާ އޮންނެވީ އައިސީޔޫގައި ކަމުގަ އެވެ. ސީއެންއެން އިން ބުނެފައި ވަނީ ކިމްގެ ކުއްލި އޮޕަރޭޝަނެއް ކުރަންޖެހުނީ އޭނާގެ ހިތްޕުޅަށް ލޭ ފޮނުވައިދޭ މައި ލޭހޮޅިއަކަށް މައްސަލައެއް ކުރިމަތިވެގެންކަމަށާ އެ އޮޕަރޭޝަނަށް ފަހު ކިމްގެ ހާލުކޮޅު ވަރަށް ނާޒުކު ކަމުގަ އެވެ. ކިމް ގެ ހިތްޕުޅުގެ އޮޕަރޭޝަންކުރީ އުތުރުކޮރެއާގެ ރިސޯޓް ރަށެއްކަމަށްވާ މިޔުހާންގްގައި ހުންނަ މަތީފެންވަރުގެ ހޮސްޕިޓަލެއްގައި މި އޭޕްރީލް މަހުގެ 12 ވަނަ ދުވަހު ކަމަށް ވެސް ސީއެންއެން އިން ބުނެފައިވެ އެވެ. މިއާ އެކު މިކަމަށް ބާރު ލިބިދޭ ރިޕޯޓެއް ނަންހާމަކުރަން ނޭދޭ އެމެރިކާގެ ޖާސޫސީ މަސްއޫލުވެރިއަކާ ހަވާލާދީ މަޝްހޫރު ބްލޫމްބާގް ނޫސްއެޖެންސީން ވެސް ވަނީ ޝާއިއުކޮށްފަ އެވެ. ނަމަވެސް އުތުރުކޮރެޔާގެ ކަންތައްތައް އެންމެ ގާތުން ބަލަމުން ގެންދާ ދެކުނު ކޮރެއާ އިންވަނީ އެމެރިކާގެ މީޑިއާއިން ފެތުރި މިޚަބަރުތައް ދޮގުކޮށްފަ އެވެ. ދެކުނު ކޮރެއާގެ ރިޔާސީ ގަނޑުވަރު ބްލޫހައުސް އިން ބުނެފައި ވަނީ ކިމް ޖޮންއުންގެ ހާލުކޮޅު ދަށަށްދިޔަ ކަމަށް ބުނެ އެމެރިކާގެ މިޑިއާ އިން ފަތުރާފައިވަނީ ދޮގު ޚަބަރުތަކެއް ކަމުގަ އެވެ. ދެކޮރެއާގެ އެއްބައިވަންތަ ކަމަށް ޚާއްސަކޮށްގެން ދެކުނު ކޮރެޔާގައި އުފައްދާފައިވާ ކޮރެއާގެ ވަހްދަތާބެހޭ ވުޒާރާއިން ވެސް ވަނީ މިމޭރުމުން ވާހަކަ ދައްކައިފަ އެވެ. އުތުރު ކޮރެއާއާއި ދެކުނު ކޮރެއާއަކީ މިހާރު ހަނގުރާމައިގެ ހާލަތު ނިމުމަކަށް ގެނަސް ގުޅުންތައް ރަނގަނޅުކޮށްފައިވާ ދެގައުމެވެ. ދެކުނުންވަނީ އުތުރާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ގިނަ ފިޔަވަޅުތަކެއް 2018 ވަނަ އަހަރު އުވާލާފަ އެވެ. އެކަހެރި ގޮތެއްގައި އުޅޭ ގައުމެއް ކަމަށްވާ އުތުރުކޮރެއާއަކީ އެގައުމުގެ އެތެރޭގެ ކަންކަން ވަރަށް ބޮޑަށް ސިއްރު ކުރާ ގައުމެވެ. އެމެރިކާ ފަދަ ޖާސޫސު ކުރުމަށް މޮޅުކަމަށް ދައުވާ ކުރާ ގައުމުތަކަށް ވެސް އުތުރުކޮރެއާ ސިއްރުކުރަން ބޭނުންވާ ކަންކަމުގެ ހަގީގަތްތައް ހޯދިފައެއްނުވެ އެވެ. އުތުރުކޮރެއާއިން އެންމެ ގާތްގުޅުންތައް ބާއްވާ ޗައިނާއިން ބުނެފައި ވަނީ ކިމްގެ ސިއްހަތާ ބެހޭ ގޮތުން އެމެރިކާގެ މީޑިއާ އިން ފަތުރާފައިވާ ރިޕޯޓްތަކުގެ މައުލޫމާތު ލިބިފައިވާކަމުގައެވެ. އިތުރު އެއްޗެއް ޗައިނާގެ ޚާރިޖީ ވުޒާރާއިން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ޗައިނާގައި ވެރިކަންކުރާ ކޮމިއުނިސްޓް ޕާޓީގެ މަސްއޫލުވެރިއަކުވަނީ ކިމް ގެ ހާލުކޮޅު ދަށަށްނުދާކަމުގެ ޔަގީންކަން ދެއްވާފައެވެ. މިއީ އުތުރު ކޮރެޔާގެ ބޮޑެތި ރަސްމިއްޔާތުތަކުން ކިމް ނުފެނުނު ފުރަތަމަ ފަހަރެއްނޫނެވެ. ދެހާސް ސާދަ ވަނައަހަރު ވެސް ހަ ހަފްތާގެ މުއްދަތަށް އޭނާ ނުފެނި ދިޔުމަށް ފަހު ފަހުން ފެނިފައިވެއެވެ. އެއީ ދެކޮރެޔާގެ ގުޅުންތައް ގޯސްވެފައިވާ ދުވަސްވަރެކެވެ. އެދުވަސްވަރު ދެކުނު ކޮރެޔާއިން ބުނެފައި ވަނީ ކިމް ނުފެނި ދިޔައީ އޭނާގެ ފައިތިލައިގެ އޮޕަރޭޝަނެއް ކުރެއްވުމުގެ ސަބަބުން ކަމުގައެވެ. އޭގެ ދުވަސްކޮޅެއް ފަހުން އަސައެއްގެ އެހީތެރކަމާ އެކު ކިމް ހިންގަވާ މަންޒަރު ފެނިފައިވެ އެވެ. އުތުރުކޮރެއާބެހޭ ތަހްލީލީ މައުލޫމާތު ގެނަސްދޭ މަޝްހޫރު ވެބްސައިޓް "ނޯތް38" އިން ބުނެފައިވަނީ ކިމްގެ ހާލުކޮޅު ދަށަށް ދިޔަކަން ނުވަތަ ނޫންކަން އެނގިފައި ނުވާކަމަށާ ނަމަވެސް މި އެޕްރީލް މަހުގެ 12 ވަނަ ދުވަހު އޭނާގެ ހާލުކޮޅު ގޯސްވެގެން ކުއްލި އޮޕަރޭޝަނެއްކޮށްފައިވާ ކަމުގައެވެ. އެ އޮޕަރޭޝަނަށްފަހު ކިމް ގެ ހާލުކޮޅު ރަނގަނޅުވަމުން އަންނަކަމަށް އެ ސައިޓް ބުނެއެވެ. "ނޯތް38" ބުނާގޮތުން 36 އަހަރުގެ ޒުވާން ޒައީމް ކިމް އަށް ސިއްޙީ މައްސަލަތައް ކުރިމަތިވެފައިވަނީ ގަދައަށް ސިގިރެޓް ބެއްލެވުމާއި ފަލަވުމާއި މާ ބުރަކޮށް މަސައްކަތުގައި އުޅުއްވުމެވެ. އެމެރިކާގެ މީޑިއާއިން ކިމް އާބެހޭ ގިނަ މައުލޫމާތު ހޯދާފައިވަނީ އުތުރުކޮރެޔާއިން ފިލައިގެންގޮސް އެމެރިކާއާއި ޔޫރަޕްގައި އުޅޭ އެގައުމުގެ ސަރުކާރާ އިދިކޮޅު ފަރާތްތަކުން ހިންގާ ވެބްސައިޓެއްކަމަށްވާ "ޑެއިލީ އެންކޭ" އިންނާއި ފިލައިގެން އުޅޭ އުތުރުކޮރެޔާގެ އިދިކޮޅު ފަރާތްތަކުގެ ކިބައިން ކަމަށް މައުލޫމާތު ލިބެއެވެ. އެމެރިކާގެ އާއި ޔޫރަޕްގެ މީޑިއާއާއި ޖާސޫސީ ފަރާތްތަކުން އުތުރު ކޮރެއާ އާ ބެހޭގޮތުން މިފަދަ ވާހަކަތައް ފެތުރުމަކީ އާންމު ކަމެކެވެ. އުތުރުކޮރެއާއާމެދު ހުޅަނގުން ކަންބޮޑުވަނީ އެއީ ހުޅަނގަށް ބޮޑު ގެއްލުމެއް ދިނުމުގެ އަސްކަރީ ގާބިލްކަން ލިބިފައިވާ ނިއުކްލިޔާ ބާރަކަށް ވުމުގެ ސަބަބުންނެވެ. ނަމަވެސް ރައީސް ޑޮނަލްޑް ޓްރަމްޕް ގެ ވެރިކަމުގައި އެމެރިކާއާއި އުތުރުކޮރެއާގެ ހަތުރުވެރިކަންވަނީ ވަރަށް ބޮޑަށް ކުޑަވެފައެވެ. ކިމް އާއި ޓްރަމްޕް ވަނީ 3 ފަހަރެއްގެ މަތިން ބައްދަލުކުރައްވާފައެވެ. (ނޫސްއެޖެންސީތައް)
އުތުރު ކޮރެޔާގެ ޒައީމަށް ވާގޮތް މިދަނީ ބަލަމުން: އެމެރިކާ
އިނގިރޭސި ޕްރިމިއާ ލީގުގައި ވާދަކުރާ ކުލަބުތަކުން ޕްރެކްޓިސްތައް ފެށުމުގެ ކުރިން ކުޅުންތެރިން ކޮރޯނާ ވައިރަހަށް ޓެސްޓް ކުރި އިރު އެކި އެކި ޓީމުތަކުގެ ހަ ކުޅުންތެރިޔަކު ޕޮޒިޓިވް ވެއްޖެ އެވެ. ކޮރޯނާ ވައިރަހުގެ ސަބަބުން ދެ މަސް ދުވަހުގެ މެދުކެނޑުމަކަށް ފަހު އިނގިރޭސި ލީގުގެ ކުލަބުތަކަށް ޕްރެކްޓިސް ކުރުމަށް ހުއްދަ ދީފައި ވަނީ އިންޑިވިޖުއަލް ފަރިތަކުރުންތަކަށެވެ. އެކަމަކު މި މަހުގެ ތެރޭގައި ގްރޫޕް ޓްރެއިނިންގްތަކަށް ފުރުސަތު ދޭނެ ކަމަށް އެގައުމުގެ ސަރުކާރުން ބުނެފައިވާ އިރު ދާދި ފަހުން ގައުމާ މޫހާތަބު ކުރައްވަމުން އެގައުމުގެ ބޮޑު ވަޒީރު ބޯރިސް ޖޯންސަން ވިދާޅުވީ އަންނަ މަހުގެ 12ގައި ޕްރިމިއާ ލީގު ފެށޭ ވަރުވާނެ ކަމަށެވެ. އެކަމަކު ޕްރެކްޓިސްތައް ފެށުމަށްޓަކައި ތައްޔާރުވުމުގެ ގޮތުން ޖުމުލަ 748 ކުޅުންތެރިއަކާއި، އޮފިޝަލެއްގެ ސާމްޕަލް އިއްޔެއާއި މިއަދު ވަނީ ނަގައިފަ އެވެ. އޭގެ ތެރެއިން ހަ ސާމްޕަލްއެއް ޕޮޒިޓިވްވެފައިވާ އިރު އެއީ ކޮން ކުލަބެެއްގެ ކޮން ކުޅުންތެރިންނެއް ކަމަށް އަދި ހާމަކޮށްފައެއް ނުވެ އެވެ. ވުމާއެކު ޓީމުތަކުގެ ޓްރެއިނިންތައް އިތުރަށް ފަސްވާނެ ކަމަށް ބެލެވިފައިވާ އިރު ލީގު އަލުން ފަށާ ތާރީހަށް ވެސް ބަދަލެއް އައިސްދާނެ ކަމަށް އިނގިރޭސި މީޑިއާތަކުން ބުނެ އެވެ. ކޮރޯނާ ވައިރަސް ފެތުރުން ހުއްޓުވުމަށް އެޅި ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކު އިނގިރޭސި ޕްރިމިއާ ލީގުގެ ކުޅުން މެދު ކަނޑާލީ މިދިޔަ މާޗް މަހުގެ 13 ވަނަ ދުވަހު އެވެ. ލީގު މެދުކަނޑާލި އިރު ބާކީ 92 މެޗު އޮތުމާ އެކު ލީގު އަލުން ނުފެށިދާނެ ކަމަށް ބަލައި، ލީގު ކެންސަލް ކުރުމަށް ވެސް މީގެ ކުރިން ވާހަކަ ދެކެވުނެވެ. އެކަމަކު އެގައުމުގައި އަޅާފައިވާ ލޮކްޑައުންގެ ފިޔަވަޅުތަކަށް ދޫދޭން ފެށުމުން ލީގު ނިންމާ ނުލާނެ ކަމަށް އެގައުމުގެ ފުޓުބޯޅަ އިދާރާއިން ވަނީ ބުނެފަ އެވެ. ކޮރޯނާ ވައިރަހުގެ ސަބަބުން މިހާރުވެސް ދުނިޔޭގެ ބޮޑެތި ބައެއް ލީގުތައް ވަނީ ކެންސަލް ކޮށްފަ އެވެ. އޭގެ ތެރޭގައި ފްރާންސްގެ ލީގާއި، ބެލްޖިއަމްގެ ލީގު އަދި ޑަޗް ލީގުގެ އިތުރުން އާޖެންޓީނާގެ ލީގު ވެސް ވަނީ ނިންމާލައިފަ އެވެ.
ޕްރިމިއާ ލީގުގައި ކުޅޭ 6 ކުޅުންތެރިޔަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
ގޭގައި ކުދިން ހޭދަ ކުރާ ވަގުތަކީ އެކުދިންގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން އިތުރުވެގެންދާނެ ގޮތަކަށް ކަންކަން ރޭވިފައިވާ ވަގުތުތަކަށް ހެދުމަށް ހިއުމަންރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސް (އެޗްއާރުސީއެމް) އިން އިލްތިމާސްކޮށްފި އެވެ. ދުނިޔޭގެ ކުޑަކުދިންގެ ދުވަހުގެ މުނާސްބަތުގައި އެޗްއާރުސީއެމުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މި ދުވަސް ގައުމީ ފެންވަރެއްގައި ފާހަގަކުރުމުގެ ބޭނުމަކީ ކުޑަކުދިންގެ ހައްގުތަކަށް މުޖުތަމައު ހޭލުންތެރިކޮށް، ގާނޫނީ ގޮތުން އެކުދިންނަށް ލިބިދޭ ރައްކާތެރިކަމާ އެންމެހާ ހައްގުތައް ކަށަވަރުކޮށްދިނުމަށް ބާރުއެޅުމާއި، އެ ކުދިންނަށް ބޭނުންވާ އެކަށޭނަ ތައުލީމާއި ތަރުބިއްޔަތުދީ، އަމާން ވެއްޓެއް ގާއިމްކުރުމަށް މަސްޣޫލުވާ ފަރާތްތަކުގެ ޒިންމާ ހަނދާންކޮށްދިނުމާއި، ދުޅަހެޔޮ ސިއްހަތެއްގައި ކުޑަކުދިންނަށް ހެދިބޮޑުވެވޭނެ މާޙައުލެއް ފަހިކޮށްދިނުމަށް މަސައްކަތްކުރުމަށް ކަމަށެވެ. މިއަހަރުގެ ކުޑަކުދިންގެ ދުވަސް ފާހަގަކުރަންޖެހިފައި މިވަނީ ކޮވިޑް-19 ބަލިމަޑުކަން މުޅި ދުނިޔެ ތަޙައްމަލުކުރަމުންދާ ޙާލަތެއްގައި ކަމަށާއި އެއާ އެކު ގެއިން ބޭރަށް ނިކުތުން ރައްކާތެރި ނޫން މި ދަނޑިވަޅުގައި ގޭގޭގައި ތިބޭ ކުދިންގެ ރައްކާތެރިކަން ކޮންމެ މީހަކު ވެސް ކަށަވަރު ކުރަން ޖެހޭނެ ކަމަށް އެޗްއާރުސީއެމުން ވަނީ ބުނެފަ އެވެ. "މަދަރުސާތަކާއި ތަޢުލީމުދޭ އެހެނިހެން މަރުކަޒުތައް ބަންދުކޮށްފައިވާ މި ދަނޑިވަޅުގައި ދަރިވަރުންގެ އުނގެނުމުގެ ޙައްޤު ކަށަވަރުކުރުމަށް ދައުލަތާއި ބެލެނިވެރިން ޚާއްޞަ ސަމާލުކަމެއް ދިނުމުގެ މުހިންމުކަން ފާހަގަކުރަމެވެ. އަދި ގޭގައި ކުދިން ހޭދަ ކުރާ ވަގުތަކީ އުފާވެރި، އެކުދިންގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން އިތުރުވެގެންދާނެ ގޮތަކަށް ކަންކަން ރޭވިފައިވާ ވަގުތުތަކަށް ހެދުމަށް އިލްތިމާސްކުރަމެވެ،" އެޗްއާރުސީއެމްގެ ބަޔާނުގައި ވެއެވެ. މި ޙައްޞާޞީ ދަނޑިވަޅުގައި، ޚާއްޞަ އެހީއާއި ރައްކާތެރިކަން ބޭނުންވާ ކުދިންނަށް ޢާއިލާއިންނާއި ދައުލަތުން ފޯރުކޮށްދޭންޖެހޭ ޙައްޤުތަކާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ޚާއްޞަ އަހައްމިޔަތުކަމެއް ދިނުމުގެ މުހިންމުކަން އެޗްއާރުސީއެމުން ވަނީ ފާހަގަކޮށްފަ އެވެ. އެގޮތުން، އެފަދަ ކުދިންނަށް ބޭނުންވާ ޞިއްޙީ އަދި އެހެނިހެން އަސާސީ ކަންކަން ފުރިހަމަ ކުރެވޭނެ ހަރުދަނާ ނިޒާމެއް ވީހާވެސް އަވަހަށް ޤާއިމުކުރުމަށް އެ ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފަ އެވެ. ކުޑަކުދިންގެ ޙައްޤުތައް ޙިމާޔަތްކޮށް ރައްކާތެރިކަން ފޯރުކޮށްދިނުމަކީ އެންމެންގެ ޒިންމާއަކަށްވީ ހިނދު، ކުޑަކުއްޖަކަށް އަނިޔާ ލިބޭކަން އެނގޭނަމަ ލަސްނުކޮށް އެކަން ކަމާބެހޭ ފަރާތްތަކަށް ވީހާވެސް އަވަހަށް ރިޕޯޓުކުރުމަށް ވެސް އެޗްއާރުސީއެމުން ވަނ އިލްތިމާސްކޮށްފަ އެވެ.. އަދި ކުޑަކުދިންނާ ގުޅުންހުރި ޚަބަރާއި މަޢުލޫމާތު ފެތުރުމުގައި، އެކުދިންގެ ކަރާމާތަށް އުނިކަން ނާންނާނެ ގޮތަކަށް ރިޕޯޓުކުރުމަށް އެންމެހާ ފަރާތްތަކަށް ވަނީ ނަޞޭހަތްތެރިވެފަ އެވެ. ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނީ އޮނިގަނޑު އިތުރަށް ހަރުދަނާކުރުމުގެ ގޮތުން ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ އާ ޤާނޫނާއި ކުޑަކުދިންގެ އަދުލުގެ ޤާނޫނަށް ޢަމަލު ކުރަން މިއަހަރު ވަނީ ފަށާފައެވެ. އެޗްއާރުސީއެމަށް ހުށަހެޅޭ ކުޑަކުދިންނާގުޅުންހުރި، މައްސަލަތަކަށް ބަލާއިރު ކުޑަކުދިންނަށް ކުރާ ޖިސްމާނީ، ނަފްސާނީ، އަދި ޖިންސީ އަނިޔާގެ މައްސަލަތަކާއި، ހަނގާކުރުމުގެ މައްސަލަތަކާ އަދި އިހުމާލުގެ މައްސަލަތައް ހިމެނޭ ކަމަށް އެކޮމިޝަނުން ވަނީ ބުނެފަ އެވެ.
ގޭގައި ކުދިން އުޅޭ އިރު ނަފްސާނީ ދުޅަހެޔޮކަން އިތުރުވާނެ ގޮތަކަށް ކަންކަން ރޭވުން މުހިންމު: އެޗްއާރުސީއެމް
އިންޑިއާއިން ރާއްޖެ އައުމުން ކަރަންޓީނަށް ގެންގޮސްފައިވާ މީހަކު އައިޖީއެމްއެޗްގައި ފަރުވާ ދެނިކޮށް މަރުވެއްޖެ އެވެ. ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި ކުރިއަށް ދާ ނޫސްވެރިންގެ ބައްދަލުވުމުގައި އައިޖީއެމްޗެގެ ޑޮކްޓަރު މޫސާ މުރާދު ވިދާޅުވީ، ކަރަންޓީނުގައި ހުރި ފަރާތެއް އައިޖީއެމްއެޗަށް ބަދަލުކޮށް ފަރުވާ ދެމުން ދަނިކޮށް މިއަދު ނިޔާވެފައިވާ ކަމަށާއި ނަމަވެސް އޭނޭ ކޮވިޑް-19 އަށް ނެގެޓިވް ވެފައިވާ ކަމަށެވެ. "އެނެމް ފުރަތަމަ އައިޖީއެމްއެޗަށް ގެނަވުނީމަ ޓެސްޓު ވެސް ހެދިން ކޮވިޑް-19 އަށް. ނަމަވެސް އެ ޓެސްޓްގެ ނަތީޖާ ވެސް ނެގެޓިވް،" މޫސާ މުރާދު ވިދާޅުވި އެވެ. އައިޖީއެމްއެޗުގައި އެ މީހާއަށް ފަރުވާ ދެމުންދިޔައީ، އޭނާގެ ހުރި ސިއްހީ މައްސަލްއަށް ކަމަށާއި ނިޔާވުމާއި ހަމައަށް ވެސް ކޮވިޑް-19އަށް ޝައްކު ކުރެވޭ އެއްވެސް ނިޝާނެއް ފެނިފައިނުވާކަން މުރާދު ފާހަގަ ކުރެއްވި އެވެ. އިންޑިއާގައި ތިބި ގިނަ އަދަދެއްގެ ބަލި މީހުންނާއި އެ މީހުންގެ އެހީތެރިން ގައުމީ އެއާލައިން މޯލިޑިވިއަންގެ ފްލައިޓެއްގައި ރާއްޖެ ގެނައިސްފައިވާއިރު ސަރުކާރުން ކަނޑައަޅާ ތަނެއްގައި 14 ދުވަހުގެ ކަރަަންޓީން މުއްދަތެއް ފުރިހަމަ ކުރަން ޖެހެއެވެ. އަދި ދޫކޮށްލާނީ ކޮވިިޑް-19 އަށް ޓެސްޓް ހެދުމަށްފަހު ނަތީޖާ ނެގެޓިވް ވެއްޖެ ނަމަ އެވެ.
ކަރަންޓީނުގައި ހުރި މީހަކު އައިޖީއެމްއެޗްގައި މަރުވެއްޖެ
ޓޫރިޒަމް ސިނާއަތް އަލުން ފަށައިގަތުމަށް ބޭނުންވާ "މޯލްޑިވްސް ސޭފް ޓޫރިޒަމް ގައިޑްލައިން" އެ ސިނާއަތުގެ މަސްލަހަތުވެރިންނާ ހިއްސާކޮށްފި އެވެ. ޓޫރިޒަމް މިނިސްޓްރީން ބުނީ މިއީ ކޮވިޑް19އާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކުރުމާއެކު ފަތުރުވެރިކަން ހުއްޓިފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ބޭނުންވާ ގައިޑްލައިންއެއް ކަމަށެވެ. އެ ގައިޑްލައިނުގެ ފުރަތަމަ ދެލިކޮޕީ ޓޫރިޒަމް ސިނާއަތުގެ މަސްލަހަތުވެރިންނާ ހިއްސާކޮށްފައިވާއިރު، މި ގައިޑްލައިންއަށް އިސްލާހު ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފަ އެވެ. ހިޔާލު ހުށަހެޅުމުގެ ސުންގަޑި ހަމަވާނީ މި މަހުގެ 25ވަނަ ދުވަހުގެ ނިޔަލަށެވެ. މިނިސްޓްރީން ބުނީ އެ ގައިޑްލައިންގެ ފައިނަލް ޕޮލިސީ އާންމުކުރާނީ ޓޫރިޒަމް ސިނާއަތުގެ މަސްލަހަތުވެރިންގެ ހިޔާލާއި މަޝްވަރާއާއެކުގައި ކަމަށެވެ. ކޮރޯނާ ވައިރަސް އާއި ގުޅިގެން ރާއްޖެއިން އޮން އެރައިވަލް ވިސާ ދިނުން ހުއްޓާލީ މާޗު 27 ވަނަ ދުވަހުގަ އެވެ. މިއަހަރުގެ ތިންވަނަ ކުއާޓަރުގައި ޓޫރިޒަމް ސިނާއަތް އަލުން ފަށައިގަނެވޭނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މީގެ ކުރިން ވަނީ ލަފާކުރައްވާފަ އެވެ.
ރައްކާތެރި ޓޫރިޒަމްގެ އުސޫލަށް ހިޔާލު ހުށަޙަޅަން ހުޅުވާލައިފި
އިންޑިއާގެ 16 ސިޓީއެއްގައި ތިބި 234 ދިވެހީން މާދަމާ މޯލްޑިވިއަންގެ ދެ ފްލައިޓެއްގައި ރާއްޖެ އަންނާނެ ކަމަށް ފޮރިން މިނިސްޓްރީއިން ބުނެފިއެވެ. ފޮރިން މިނިސްޓްރީއިން މިރޭ ބުނެފައިވަނީ ރާއްޖެއަށް މާދަމާ އަންނަ ދިވެހީން ގެންނާނީ ޕަންޖާބް، ކަލްކަތާ، ގުރްގުއާން، ރިޝިކޭޝް، ދިއްލީ، ވެއްލޫރު، ޗެންނާނީ، ޓްރިވެންޑްރަމް، ކޮޗިން، ބެންގަލޫރު، ޕޫނޭ، ގޯއާ، ޖަމްނާގަރް، އެޒިމާލާ، ވެލިންޓަން އަދި ޕަޗްމާރީ އިން ކަމަށެވެ. ދިވެހީން އަނބުރާ ރާއްޖެއަށް ގެންނާނީ މޯލްޑިވިއަންގެ އެއާބަސް މަތިންދާ ބޯޓާއި ޑޭޝް މަތިންދާ ބޯޓުގައެވެ. އެގޮތުން އެއާބަސް މަތީންދާ ބޯޓު ދަތުރުކުރާނީ މާލެއިން ދިއްލީއަށެވެ. އަދި ދިއްލީއިން ޓްރިވެންޑްރަމް އަށެވެ. އަދި ޓްރިވެންޑްރަމް އިން މާލެ ރޫޓުގައި އެ ބޯޓު ރާއްޖެއަށް އަންނައިރު އެ ފްލައިޓު ޖައްސާނީ މާދަމާ މެންދުރުފަހު 1400 ގައި ކަމަށް ފޮރިން މިނިސްޓްރީއިން ބުންޏެވެ. ޑޭޝް މަތިންދާ ބޯޓު ދަތުރުކުރާނީ މާލެއިން ޓްރިވެންޑްރަމަށެވެ. އަދި ޓްރިވެންޑްރަމް އިން އަނބުރާ މާލެއަށް އެ ފްލައިޓު ރާއްޖެ އަންނައިރު އެ ފްލައިޓު ޖެއްސުމަށް ހަމަޖެހިފައިވަނީ މެންދުރުފަހު 1315 ހާއިރުގައި ކަމަށްވެސް އެ މިނިސްޓްރީއިން ފާހަގަކޮށްފައިވެއެވެ. ފޮރިން މިނިސްޓްރީއިން ބުނެފައިވަނީ ފްލައިޓުން ދަތުރުކުރާ ދުރު ހިސާބުތަކުގައި ދިރިއުޅޭ މީހުން މިހާރު ދަނީ ދިއްލީ އަދި ޓްރިވެންޑްރަމަށް ދިޔުމަށް ދަތުރުކުރަމުން ކަމަށެވެ. އަނބުރާ ރާއްޖެއަށް ގެންނަ މީހުންގެ ތެރޭގައި ބޭސްފަރުވާއަށް އިންޑިއާއަށް ގޮސް ފްލައިޓް ކެންސަލްވި ފަރާތްތަކާ، ބޮޑެތި ބަލިތަކަށް ފަރުވާކުރުމަށް އިންޑިއާއަށް ދަތުރުކޮށް، ލޮކްޑައުންގެ ސަބަބުން ފަރުވާ ހުއްޓިފައިވާ ފަރާތްތަކާއި، ރިޕަޓްރިއޭޝަން ފްލައިޓްތަކުގައި އައުމަށް އެއަރޕޯޓްތަކަށް ދިޔުމަށް ދަތި ދުރު ހިސާބުތަކުގައި ތިބި ދިވެހިންނާއި، ކުރު މުއްދަތުގެ ވިސާގައި އިންޑިއާގައި ތިބި ދިވެހިން ހިމެނޭ ކަމަށް ފޮރިން މިނިސްޓްރީއިން ބުންޏެވެ.
އިންޑިއާގައި ތިބި 234 ދިވެހީން މާދަމާ ރާއްޖެ ގެންނަނީ
ކޮވިޑް19ގެ ގެއްލުންތަކުން އަރައިގަނެ، އޮކްޓޫބަރު މަހު އިގްތިސާދު ހަމައަކަށް އެޅެން ފަށާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ލަފާކުރައްވައިފި އެވެ. ކޮވިޑް-19 ފުރަބަންދާއި ގުޅިގެން އަޅާ ފިޔަވަޅުތަކާއި ކުރިއަށް ހުރި ފުރުސަތުތަކާ ގުޅޭގޮތުން ކޮމަންވެލްތް އެންޓަޕްރައިޒް އެންޑް އިންވެސްޓްމަންޓް ކައުންސިލުން މިއަދު ބޭއްވި ވެބިނާގައި މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ބޯޑަރު ބަންދުކޮށްގެން އަބަދު ނުތިބެވޭނެ ކަމަށާއި ތިންވަނަ ކުއާޓަރުގައި (ޖުލައި މަހު) ރާއްޖޭގެ ޓޫރިޒަމް އަލުން ހުޅުވާލަން މަސައްކަތް ކުރަމުންދާ ކަމަށެވެ. "މި ހާލަތުން އަރައިގަތުމަށް ރާއްޖޭގެ މާލީ އިދާރާތަކުން އެކި ސިނާރިއޯތައް ލަފާކޮށް، ފަސޭހައިން އަމަލު ކުރެވޭނެ ފިޔަވަޅުތަކެއް ވަނީ އެކުލަވާލާފައި. އިގްތިސާދު ހަމައަކަށް އެޅޭނީ "ޔޫ ކާވް" ރީބައުންޑަކުން ކަމަށް ލަފާކުރެވެނީ. ކާވްގައި ލަފާކުރެވޭ "އަޕްވާޑް ޓްރެންޑް" އައިސް، އޮކްޓޫބަރުން ފެށިގެން އިގްތިސާދު ހަމައަކަށް އެޅެން ފަށާނެ ކަމަށް ލަފާކުރެވެނީ." މިނިސްޓަރު އަލީ ވިދާޅުވި އެވެ. މިނިސްޓަރު އަލީ ވިދާޅުވީ ރައްކާތެރިކަމުގެ ވަރުގަދަ ފިޔަވަޅުތަކާއެކު ބޯޑަރު އަލުން ހުޅުވާލަން ޖެހޭ ކަމަށާއި ލޮކްޑައުންއަށް ފަހު އަމަލުކުރާނެ ހަރުދަނާ ސިޔާސަތުތަކެއް އެކުލަވާލަން ޖެހޭ ކަމަށެވެ. "އިގްތިސާދީ އަދި ސިއްހީ ގޮތުން ކުރިމަތިވާ ގޮންޖެހުންތައް އެއްހަމައެއްގައި ހިފަހައްޓައި، ރިސްކް އެސެސްމަންޓް ހެދުމާއެކު ސަލާމަތީ ފިޔަވަޅުތައް އަޅައިގެން ރޭވުންތެރިކަމާއެކު ގައުމީ ބޯޑަރު އަދި ބަނދަރުތައް ހުޅުވާލުން މުހިންމު. އޮޓޮމޭޝަން، އިނޮވޭޝަން އަދި ޑިޖިޓަލައިޒޭޝަންއަށް އިސްކަން ދޭން ޖެހޭ." މިނިސްޓަރު ވިދާޅުވި އެވެ. ވައިރަސް އެންމެ ބޮޑަށް ފެތުރިފައިވަނީ މާލޭގައި ކަމަށާއި ރިސޯޓުތައް މިވަގުތަށް އޮތީ ރައްކާތެރިކޮށް ކަމަށް މިނިސްޓަރު އަލީ ވިދާޅުވި އެވެ. އަދި ވައިރަހާ ދެކޮޅަށް ކުރާ މަސައްކަތުގައި ރާއްޖެ ގުދުރަތީ ގޮތުން އުފެދިފައިވާ ގޮތް، ޖަޒީރާ ރަށްތަކެއްގެ ގޮތުގައި އޮތް އޮތުމުގެ ފައިދާ ރާއްޖެއަށް ކުރަމުން އަންނަ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. "ހަނގުރާމަ ކުރަމުން މިދަނީ ބަލިނުކުރެވޭ ދުޝްމަނަކާ ދެކޮޅަށް. މިކަމުން އާ ފުރުސަތުތައް ހޯދައިގެން، މި ވައިރަހާއެކު ދިރިއުޅެން ދަސްކުރަން ޖެހޭ. ދިރިއުޅުން ހުއްޓުވާފައި ނުބޭއްވޭނެ ކަން ގަބޫލުކުރަން ޖެހޭ. ސަލާމަތާއި ރައްކާތެރިކަމާއެކު ދިރިއުޅުން އަލުން ފަށައިގަންނަން ޖެހޭ." މިނިސްޓަރު އަލީ ވިދާޅުވި އެވެ.
އޮކްޓޫބަރުގައި އިގްތިސާދު ހަމައަކަށް އެޅެން ފަށާނެ: މިނިސްޓަރު އަލީ
ޓެކްސީ ކުރަމުން ދިޔަ މީހަކު ކޮރޯނާވައިރަސް، ކޮވިޑް19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް ނޭޝަނަލް އެމަޖެންސީ ރެސްޕޮންސް ސެންޓަރު (އެންއީއޯސީ)އިން ހާމަކޮށްފި އެވެ. ކޮވިޑް-19 އަށް މިއަދު މާލެއިން ޕޮޒިޓިވް ވެފައިވަނީ ދެ ކޭސް އެކެވެ. އެއީ ޕޭޝަންޓް 85 އާއި ޕޭޝަންޓް 86 އެވެ. މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އައިޖީއެމްއެޗުގެ ޑޮކްޓަރު އިބްރާހީމް އަފްޒަލް ވިދާޅުވީ އޭގެ ތެރެއިން ކޭސް 86 އަކީ ކޮންމެވެސް ވަރަކަށް ޓެކްސީ ދަތުރު ކުރަމުން ގެންދިޔަ މީހެއް ކަމަށެވެ. އޭނާއަކީ ދިވެއްސެއް ކަމަށާއި އޭނާއަކީ ޓެކްސީކުރުމުގެ އިތުރުން އެސްޓީއޯގެ ސެކިއުރިޓީ ގާޑެއްގެ ގޮތުގައިވެސް މަސައްކަތްކުރާ މީހެއް ކަމަށް އަފްޒަލް ވިދާޅުވިއެވެ. އެންއީއޯސީއިން ބުނީ އޭނާގެ ކިބައިން އަލާމާތްތައް ފެނުނީ އޭޕްރިލް 15 ގައި ކަމަށާއި ނަމަވެސް މިހާރު އޭނާގެ ކިބައިން އަލާމާތްތައް ނެތް ކަމަށެވެ. އަދި އޭނާގެ ކޮންޓެކްޓް ޓްރޭސިންގްގެ ތެރެއިން އިތުރު ހަތް މީހަކު ފާހަގަކޮށްފައިވާކަމަށްވެސް އެންއީއޯސީއިން ބުންޏެވެ. ޕޮޒިޓިވްވި ޓެކްސީ ޑްރައިވަރަކީ އިތުރު ކްލަސްޓާތަކަކާ ގުޅިފައިވާ މީހެއް ކަމަށާއި އޭނާގެ ކޮންޓެކްޓް ޓްރޭސިންގް، ކޭސް 36 އާ ހިސާބާ ގުޅޭކަމަށް ޑރ. އަފްޒަލް ފާހަގަކުރެއްވިއެވެ. ކޭސް 36 އަކީ ހުޅުމާލޭގައި ހުރި އަމީން ހިޔާގައި ހުއްޓައި ހުން އައިސްގެން ފްލޫ ކްލިނިކަށް ގޮސް ޓެސްޓު ކުރުމުން ޕޮޒިޓިވްވި މީހާއެވެ. އަފްޒަލް ވިދާޅުވީ ކޭސް 36 ކުރިން ހުރި ގެއަކީ ޕޮޒިޓިވްވި ޓެކްސީ ޑްރައިވަރު ހުރި ގެ ކަމަށެވެ. އަދި އެ ގޭގައި ތިބި އެހެން ތިން ބިދޭސީއެއްވެސް ވައިރަހަށް ޕޮޒިޓިވް ވެފައިވާކަމަށް ޑޮކްޓަރު ވިދާޅުވިއެވެ. އެއީ ކޭސް 74، 75 އަދި 83 އެވެ.
ޕޮޒިޓިވްވި މީހުން ތެރޭ ޓެކްސީ ޑްރައިވަރެއް
ކޮވިޑް19 އާ ގުޅިގެން އެއާޕޯޓުގެ އޮޕަރޭޝަންތައް އިންތިހާއަށް ކުޑަވެ، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްއޭސީއެލް) އަށް މާލީ ބޮޑު ގެއްލުމެއް ލިބެމުން އަންނާތީ އަންނަ މަހުން ފެށިގެން ބައެއް މުވައްޒަފުންގެ މުސާރަތަކަށް ބަދަލު އަތުވެދާނެކަން އަންގައިފިއެވެ. ކޮވިޑް19ގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް ލިބެމުންދާ ބޮޑު ގެއްލުން ކުޑަކުރުމަށް، ސަރުކާރުން އަޅަމުން އަންނަ ފިޔަވަޅުތަކުގެ ތެރޭގައި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރައަށް ބަދަލުތަކެއް ގެންނާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އިއުލާނުކޮށްފައެވެ. އެމްއޭސީއެލް އިން މުވައްޒަފުންނަށް ފޮނުވި ސާކިއުލާއެއްގައި ބުނެފައި ވަނީ އެ ކުންފުންޏަކީ ސަރުކާރުގެ 100 ޕަސެންޓު ހިއްސާ އޮންނަ ކުންފުންޏަކަށް ވާއިރު، އެ ކުންފުނީގެ ބައެއް މުވައްޒަފުންްގެ މުސާރައާއި އިނާޔަތް މިއަންނަ މަހުން ފެށިގެން ބަދަލު ގެނައުމަށް ފިނޭންސް މިނިސްޓްރީގެ އިރުޝާދާ އެއްގޮތަށް މަޝްވަރާކުރަން އަންނަ ކަމަށެވެ. އެމްއޭސީއެލް އިން ބުނީ ކޮވިޑް19 އާ ގުޅިގެން މިހާތަނަށް އެމްއޭސީއެލްގެ މުވައްޒަފުންނަށް ލިބޭ މުސާރައާއި އިނާޔަތްތަކަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވާނެ ކަމަށެވެ. އަދި އެފަދަ ބަދަލެއް ގެނައުމަކީ އެ ކުންފުނިން ބޭނުންވާ ގޮތް ނޫން ކަމަށެވެ. "އެހެން ނަމަވެސް މިއީ މުޅި ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ ދަތިކަމަކަށް ވީހިނދު، އެއާޕޯޓުގެ އޮޕަރޭޝަންތައް އިންތިހާއަށް ކުޑަވެފައި ވުމުން، މިކަމުގެ ސަބަބުން މާލީ ވަރަށް ބޮޑު ގެއްލުމެއް އަޅުގަނޑުމެންނަށް ވެސް ދަނީ ކުރަމުންނެވެ." ސާކިއުލާގައި ބުނެފައިވެއެވެ. އަދި މި ހާލަތުގައި މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށް މިކަމުގެ އަސަރު، ކުރާވަރު ކުޑަކުރުމަށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާ އެކު މަޝްވަރާ ކުރަމުން އަންނަ ކަމަށް ވެސް އެމްއޭސީއެލް އިން ބުންޏެވެ. މަޝްވަރާތަކަށް ފަހު، ކަނޑައެޅޭ ނިންމުންތައް މީ އެންމެ އަވަސް ފުރުސަތެއްގައި މުވައްޒަފުންނާ ހިއްސާކުރާނެ ކަމަށް ސާކިއުލާގައި ވެއެވެ. އެހެންކަމުން މިހާލަތުގައި ހަރަދުތައް ވީހާވެސް ކުޑަކުރުމަށާއި، މުސްތަގުބަލުގައި ދިމާވެދާނެ ދަތިތަކަށް ތައްޔާރުވެ ތިބުމަށް ހުރިހާ މުވައްޒަފުންނަށް ވަނީ އިލްތިމާސްކޮށްފައެވެ. ކޮވިޑް19 އާ ގުޅިގެން ދައުލަތުގެ މުވައްޒަފުންގެ މުސާރައަށް ހަރަދުކުރާ މިންވަރަށް ބަދަލުތަކެއް ގެންނަން ވަނީ ނިންމައިިފައެވެ. ފިނޭންސް މިނިސްޓްރީން ނެރުނު ސާކިއުލާގައި ބުނީ އަލަށް ގެނައި ބަދަލުތަކަށް އަމަލުކުރާނީ މި މަހުގެ މުސާރަ ޕީރިއަޑުން ފެށިގެން މިނިސްޓްރީން ވަކި ގޮތެއް ކަނޑައަޅަންދެން ކަމަށެވެ. މުސާރަތައް ކުޑަކުރާ ގޮތުގެ ތަފްސީލް އާންމުކޮށްފި އިތުރަށް ވިދާޅުވުމަށް
އެމްއޭސީއެލް މުވައްޒަފުންގެ މުސާރަ ކުޑަކުރަން ޖެހިދާނެކަން އަންގައިފި
މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސް އާ ގުޅިގެން، ރާއްޖެއާއެކު ފަސް ގައުމަކަށް އިންޑިއާއިން އެހީ ފޯރުކޮށްދޭން ފަށައިފިއެވެ. އިންޑިއާއިން އެހީގެ ތަކެތި ފޯރުކޮށްދެނީ އެ ގައުމެއްގެ މަނަވަރެއްގައެެވެ. އެހީ ދިން ގައުމުތަކުގެ ތެރޭގައި މޮރީޝިއަސް، މަޑަގަސްކާ، ކޮމޯރޯސް އަދި ސީޝެލްސް ހިމެނެއެވެ. ހުރިހާ ގައުމުތަކަށްވެސް އެހީ ފޯރުކޮށްދެނީ އެދިގެން ކަމަށް އިންޑިއާއިން ބުންޏެވެ. އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ބުނީ އެހީގެ ތަކެތީގެ ތެރޭގައި ޒަރޫރީ ބޭހާއި ކާތަކެތި ހިމެނޭ ކަމަށެވެ. އިންޑިއާއިން ރާއްޖެއަށް ވަނީ ތިން މަހަށް ބޭނުންވާ ޒަރޫތީ ބޭސްތައް ފޯރުކޮށްދީފައެވެ. އަދި ރާއްޖެއަށް 600 ޓަނުގެ ކާތަކެތި ފޯރުކޮށްދޭނެ ކަމަށް ވަނީ ބުނެފައެެވެ. ކޮވިޑްއަށް ފަރުވާ ދިނުމަށް އިންޑިއާއިން ވަނީ މޮރީޝަސް އަދި ކޮމޯރޯސްއަށް މެޑިކަލް ޓީމްތައް ފޮނުވައިފައެެވެ. އަދި ކޮމޯރޯސްއަށް ފޮނުވި ޓީމުން ޑެންގީއަށް ފަރުވާ ދިނުމަށްވެސް އެހީތެރިވެދިނުމަށް ވަނީ ހަމަޖެހިފައެެވެ. އޭގެ އިތުރުން އިންޑިއާއިން ވަނީ އަޔުރުވެދާ ބޭސްވެސް މޮރީޝިއަސްއަށް ފޯރުކޮށްދީފައެވެ. ކޮވިޑަށް ފަރުވާ ދިނުމަށް ބޭނުންކުރާ އެންޓި މެލޭރިއާ ބޭސް، ހައިޑްރޮކްސިކްލޮރޯކުއައިން މީގެ ކުރިން އިންޑިއާއިން ވަނީ ރާއްޖެ، ސީޝެލްސް އަދި މޮރީޝިއަސްއަށް ފޯރުކޯށްދީފައެވެ. އަދި ކުރިއަށް އޮތް ތަނުގައި ކޮމޯރޯސް އަދި މަޑަގަސްކާއަސް ފޯރުކޮށްދޭނެކަމަށް ވަނީ ބުނެފައެެވެ.
ރާއްޖެއާއެކު ފަސް ގައުމަކަށް އިންޑިއާއިން އެހީ ފޯރުކޮށްދެނީ
ކޮވިޑް19 އާއި ގުޅޭ މަސައްކަތުގައި އުޅުއްވާ ޑޮކްޓަރުންގެ ޒާތާބެހޭތީ، ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން އެކަމާމެދު ނުރުހުން ފާޅުކޮށްފިއެވެ. އެސެންޓަރުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސެންޓަރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވީ މުޅި ރެއާއި ދުވާލު ޑޮކްޓަރުން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި އެ ބޭފުޅުންގެ މަސައްކަތުގައި ބައެއް މީހުން ބޭނުންވާ އަވަސްމިން ނުހުރެދާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. މަބްރޫކު ވިދާޅުވީ ކޮވިޑާ ގުޅިގެން ސަރުކާރުން ކުރާ މަސައްކަތްތަކުގައި ރައްޔިތުންނަށް އުނދަގޫވާ ކަމެއް އޮތްނަމަ އެވާހަކައެއް ދަންކަންވީ ކަމަށާއި އެކަމުގައި އެއްވެސް މައްސަލައެއް ނެތް ކަމަށެވެ. "ސަރުކާރުން ކުރާ ކަންތައްތަކުގައި ހަމަ އުނދަގޫވާ ކަންތައްތަކުގެ ވާހަކަވެސް ދައްކަންވެސްވީ، ގޮތްކިޔަންވެސްވީ، އަޅުގަނޑުމެން އަތުން ނައްޓައިގެންދާ ކަންތައްތައްވެސް ފާހަގަ ކުރައްވަންވީ،" މަބްރޫކު ވިދާޅުވިއެވެ. "އެކަމަކު ބައެއް ފަހަރު، މި ދެދުވަހަކު އަޅުގަނޑަށް ހަމަ އުނދަގޫވާ ކަމެއްގެ ގޮތުގައި ފެނޭ ޑޮކްޓަރުންނާ ސީދާ ދިމާލަށް، އެބޭފުޅުން އެކުރަނީ ރަނގަޅަކަށް ނޫނޭ، އަދި އެ ބޭފުޅުންގެ ޒާތާ ބެހި އެކި ތަންތަނުގައި ވާހަކަ ދެކެވެމުންދާތީ،" މަބްރޫކު ވިދާޅުވިއެވެ. މަބްރޫކު ވިދާޅުވީ ޑޮކްޓަރުން ހުއްޓުމެއް ނެތި ރެއާއި ދުވާލު މަސައްކަތް ކުރައްވަނީ ހުއްޓުމެއް ނެތި ކަމަށާއި އެހެން މަސައްކަތް ކުރާއިރު ބައެއް މީހުން ބޭނުންވާ އަވަސްމިނުގައި ކަންތަތައް ނުވެދާނެ ކަމަށާއި އެ ކަންތައްތަކުގައި ބައެއް މީހުންގެ ސުވާލުތައްވެސް ހުންނާނެ ކަމަށެވެ. "އެހެން ނަމަވެސް އެދެވޭކަމެއް ކަމުގައި ނުފެނޭ އެ ބުރަ މަސައްކަތް ކުރައްވާ އިރުގައި އެ ބޭފުޅުން އެ ކުރައްވާ މަސައްކަތް އަގުވަޒަން ނުކޮށް، އެ ކުރައްވާ މަސައްކަތުގެ ހިތްވަރުގެއްލޭގޮތަށް ވާހަކަ ދެއްކެވުމަކީ ކޮންމެހެން ހުއްޓާލަން ޖެހޭކަމެއް،" މަބްރޫކު ވިދާޅުވި އެވެ. ޑޮކްޓަރުންގެ މަސައްކަތަށް ފާޑުކިޔުމަކީ "ޓޮލަރޭޓު" ނުކުރެވޭނެ ކަމަށް މަބްރޫކު ވިދާޅުވި އެވެ. ކޮވިޑް19 ރާއްޖެއިން ފެނުމުގެ ކުރިންވެސް ޑޮކްޓަރުން ގެންދެވީ މިކަމަށް ތައްޔާރުވުމަށް އެންއީއޯސީ ގައި މަސައްކަތް ކުރައްވަމުންނެވެ. ރާއްޖެއިން ބަލި ފެނުމާއެކު އެ ބޭފުޅުންގެ މަސައްކަތް އިތުރުވިއިރު ކޮންޓެކްޓް ޓްރޭސިން އާއި ބަލިމީހުންނަށް ފަރުވާދިނުން އަދި މިކަމާ ބެހޭ ޓެކްނިކަލް ކަންތަކުގައި އެބޭފުޅުން ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ.
ޑޮކްޓަރުންގެ ޒާތާބެހޭތީ އެންއީއޯސީގެ ނުރުހުން
މިދިޔަ މަހުގެ 15 ވަނަ ދުވަހު މާލެ ސަރަހައްދު ލޮކްޑައުން ކުރުމާ ގުޅިގެން، ރަށަށް ނުދެވި މާލޭގައި ތާށިވި މީހުންގެ ތެރެއިން 830 މީހަކު ކަރަންޓީނުކޮށްފިއެވެ. މާލެއިން ފުރައިގެން ރަށްރަށަށް ދާން 5،000 އެއްހާ ރައްޔިތުން ވަނީ އެދިފައެވެ. ސަރުކާރުން މިހާރު ނިންމާފައި ވަނީ ޒަރޫރީ ހާލަތްތައް މެދުވެރިވެ މާލެއިން ރަށަށް ދާންޖެހޭ މީހުން، އަމިއްލަ ރަށަށް ދިއުމުގެ ކުރިން ޓްރާންސިޓް ކަރަންޓީނު ފެސިލިޓީތަކުގައި 14 ދުވަހުގެ ކަރަންޓީނު ފުރިހަމަކޮށް ޓެސްޓުކުރުމަށް ފަހު ރަށަށް ފޮނުވުމަށެވެ. ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިހާތަނަށް ރަށްރަށަށް ދާން ބޭނުންވާ މީހުންގެ ތެރެއިން 830 މީހުން ކަރަންޓީނަށް ފޮނުވާފައިވާ ކަމަށެވެ. އަދި މި މަހުގެ 24 ވަނަ ދުވަހުގެ ކުރިން މަދުވެގެން 1800 މީހަކު ރަށަށް ފޮނުވަށްޓަކައި ކަރަންޓީނަށް ފޮނުވޭނެ ކަމަށެވެ. ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)، ޖެންޑާ މިނިސްޓްރީ އަދި ކައުންސިލްތައް ގުޅިގެން ވަނީ އެކިއެކި ބޭނުންތަކަށް މާލެ އައިސް އެނބުރި ރަށަށް ނުދެވި ތިބި ފަރާތްތަކުގެ މައުލޫމާތު ހިމެނޭ "ފުރަބަންދު ލިސްޓު" އެކުލަވާލައިފަައެވެ. މާލެ ސަރަހައްދުގައި ގާއިމުކުރާ ފުރަބަންދު ކަރަންޓީނު ފެސިލިޓީތަކުގައި، ކަރަންޓީނު ކުރުމަށް މިވަގުތަށް ޖާގަ ލިބިފައިވަނީ 500 ފަރާތަކަށް ކަމަށާއި އަދި 500 ޖާގައިގެ ތެރެއިން އަތޮޅުތަކުން މީހުން ނަން ނޯޓްކޮށްފައިވާ ނިސްބަތައް ބަލައި ކޮންމެ އަތޮޅަކަށް ވެސް ޖާގަ ދިނުމަށް ހަމަޖެހިފައިވާ ކަމަށް އެލްޖީއޭއިން ވަނީ ބުނެފައެވެ. މީގެ އިތުރުން ރަށްރަށަށް ދާ މީހުން ކަރަންޓީނު ކުރަން އިތުރު ރިން ރިސޯޓު ހަމަޖެހިފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވަނީ ވިދާޅުވެފައެވެ. އެއީ ހދ. ހޮނޑާފުށި، ފ. ފިލިތެޔޮ އަދި މ. މެދުފުށްޓެވެ. ކުރިއަށް އޮތް ދެ ހަފްތާއަކީ މިބަލީގެ ސާޖަށް މާލެ ދާނެކަމަށް ކަމާބެހޭ ސިއްހީ މާހިރުން ލަފާކޮށްފައިވާތީ، މާލެ ސަރަހައްދުގައި ފުރަބަންދުވުމުގެ ސަބަބުން ރަށްރަށަށް ގެންދާ ފަރާތްތައް ރަށްރަށުގައި ކަރަންޓީނު ކުރުމަކީ އެންމެ ރައްކާތެރިގޮތްކަމުގައި ނުވާތީ އެފަރާތްތައް ރަށްރަށުގައި ކަރަންޓީނު ކުރުމަށްޓަކައި އެ ރަށްރަށުގައި 'ފުރަބަންދު މީހުން' ކަރަންޓީނު ކުރުމުގެ މަސައްކަތް އޮތީ މަޑުޖައްސާލައިފައެވެ.
މާލެއިން ރަށަށް ދާން ބޭނުން 830 މީހަކު ކަރަންޓީނަށް
މިހާރު ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން މަތީ ތައުލީމު ފޯރުކޮށްދިނުމާއި މަތީ ތައުލީމު ހާސިލުކުރާ ފަރާާތްތަކުގެ ކަންތައްތައް އިންޒާމުކޮށް އެކަންތައް ކުރިއަށްދާގޮތާއި ހުރި ގޮންޖެހުންތައް ނައިބު ރައީސް ފައިސަލް ނަސީމް ބައްލަވައިފި އެވެ. މަތީ ތައުލީމާ ގުޅޭގޮތުން މައުލޫމާތު ހޯއްދެވުމަށް ނައިބު ރައީސް ފައިސަލް ވަނީ މިއަދު އޮންލައިންކޮށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހީމް ހަސަން އާއި އެ ދާއިރާއާ ގުޅޭ އިސްބޭފުޅުންނާ ބައްދަލުކުރައްވާފައެވެ. މިއަދުގެ ބައްދަލުވުމުގައި ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ދެމުންގެންދާ ހިދުމަތްތަކާއި ކިޔަވާކުދިންގެ ކަންކަން ބެލެހެއްޓުމުގައި ކަންކަން އިންތިޒާމުކުރެވިގެން ކުރިޔަށްދާގޮތުގެ މައުލޫމާތު އެމަނިކުފާނު ހޯއްދަވާފައިވެއެވެ. އެގޮތުން ކޮވިޑް-19 އާ ގުޅިގެން ހަޔާ އެޑިއުކޭޝަންގެ ދާއިރާގެ ކަންކަން ކުރިޔަށްގެންދިއުމަށް ރޭވިފައިވާގޮތާއި ރާއްޖޭން ބޭރުގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންގެ ކަންތައްތައް ބަލަހައްޓަވަމުންދާ ގޮތްތަކާއި އެދަރިވަރުންނަށް މި ހާލަތުގައި ކުރިމަތިވާ ގޮންޖެހުންތައް ހައްލުކުރުމަށް އަޅަމުންގެންދާ ފިޔަވަޅުތަކުގެ އިތުރުން ކަނޑައަޅާފައިވާ އުސޫލުތަކާ ގުޅޭގޮތުން މިއަދުގެ ބައްދަލުވުމުގައި މަޝްވަރާކުރައްވާފައިވެއެވެ. އެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޑރ. އިބްރާހީމް ހަސަން ވިދާޅުވީ މަތީ ތައުލީމުގެ ކަންތައްތައް ކުރިއަށް ގެންދިޔުމުގައި އެންމެ އިސްކަމެއް ދެވިގެންދާނީ މީހުން ބިނާކުރުމަށް ކުރެވިދާނެ މަސައްކަތާ ގުޅޭ ޕްރޮގްރާމުގެ މަސައްކަތްތައް ކަމަށެވެ. އަދި ހަމަ އެއާއެކު މިނިސްޓަރ ވަނީ މިހާރު ރާއްޖޭން ބޭރުގައި ޕްރައިވެޓްކޮށް އަދި ސަރުކާރުގެ ސްކޮލާޝިޕްގައި ކިޔަވަމުންދާ ކުދިންނަށް ދިމާވެދާނެ ފައިސާގެ ދަތިކަން ހައްލުކުރުމަށް މަސައްކަތްތަކެއް ކުރެވެމުންދާކަމުގައި ވިދާޅުވެފައެވެ. މިއަދުގެ ބައްދަލުވުމުގައި ހަޔާ އެޑިއުކޭޝަން ދާއިރާގެ އިސްވެރީން ވަނީ ކޮވިޑަށްފަހު މަތީ ތައުލީމު ކުރިއަށް ގެންދާނެގޮތުގެ ޕްލޭންތަކާ ބެހޭގޮތުން، ނައިބު ރައީސަށް މައުލޫމާތު ހިއްސާކުރައްވާފައެވެ.
ކޮވިޑާ ގުޅިގެން މަތީ ތައުލީމަށް ކުރިމަތިވާ ދަތިތައް ބައްލަވައިފި
މާލެއިން އިއްޔެ ވިލިވަރަށް ކަރަންޓީނު ފެސިލިޓީއަށް ގެންދިޔަ 80 ބިދޭސީން އެރަށުގައި ބައިިތިއްބާފައި ތިބި ތަނަކީ މީހުން ބޭތިއްބުމަށް އެކަށީގެންވާ ތަނެއް ނޫން ކަމަށާއި އެ މީހުން އެތަނުގައި ބޭތިއްބުނީތީ މައާފަށް އެދޭކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ. މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ އެމީހުން އެތަނަށް ގެންދިޔައީ ދިގު މުއްދަތަކަށް އެތަނުގައި ބައިިތިއްބަން ނޫން ކަމަށެވެ. މަބްރޫކް ވިދާޅުވީ ބިދޭސީން މާލޭގައި ދިރިއުޅޭ ގިނަ ތަންތަން ކަރަންޓީނުކޮށްފައި ހުރުމުގެ ސަބަބުން އެމީހުންނަށް ވަރަށް ބޮޑެތި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. "މީގެ ތެރޭގައި ހިމެނޭ އެބޭފުޅުނަށް ކާބޯތަކެތި ޑެލިވާ ކޮށްދިނުމުގައާއި ރީޓެއިލް ޑެލިވަރީ ތަކުގައި ހަމަ ގޮންޖެހުންތަކެއް ދިމާވޭ، އަދި ވަރަށް ގިނަ ބޭފުޅުން ސަޕްލައި ނުކޮށްދިނުމަށް ވެސް އެގޮތަށް ވެސް ކަން ކުރެވިފަ ހުރީ،" މަބްރޫކް ވިދާޅުވިއެވެ. އަދި އެމީހުން މާލޭގައި ދިރިއުޅެމުން އަންނަނީ ވަރަށް ބޮޑަށް ތޮއްޖެހިފައިވާ ތަންތަނުގައި ކަމަށާއި، އެހެން ކަމުން އެމީހުން މާލޭގައި ބޭތިއްބުމަކީ ކޮމިއުނިޓީ ސްޕްރެޑަކަށް ދިއުމަށް ވަރަށް ބޮޑަށް މަގުފަހިވާނެ ކަމަކަށް ވާތީ، ވީ އެންމެ އަވަހަށް އެމީހުން މާލެ އިން އެހެން ތަނަކަށް ބަދަލުކުރަން ނިންމީ ކަމަށެވެ. އެގޮތަށް ބަދަލުކުރުމުގެ ތެރޭގައި، މީހުން ފެސިލިޓީތަކަށް ބަދަލުކުރާ ޓީމަށް ބިދޭސީން ގެންދެވުނީ ވިލިވަރު ފެސިލިޓީއަށް ކަމަށެވެ. އެމީހުން ފެސިލިޓީއަށް ގެންދިޔައީ އިއްޔެ އިރުއޮއްސި 18:00 ހާއިރު އެވެ. "ވަރަށް އަވަހަށް މާލެއިން މޫވް ކުރަން ޖެހިގެން މޫވް ކުރެވުނީ، ކުރެވުނު އިރު ފުރަތަމަ އެ ފެސިލިޓީއަށް ގެންދެވުނީ،" މަބްރޫކް ވިދާޅުވިއެވެ. އެމީހުން ވިލިވަރުގައި ބައިތިއްބާފައި ތިބި ފެސިލިޓީގެ ފޮޓޯއާއި ވީޑިއޯތައް ވަނީ ސޯޝަލް މީޑިއާގައި އާންމުވެފައެވެ. އެ ވީޑިއޯތަކުގައި ބިދޭސީން ބުނެފައި ވަނީ، އެމީހުން ބައިތިއްބާފައި ތިބީ ޓިނު ގުދަނެއްގައި ކަމަށާއި، ރަނގަޅަށް ސާފުތާހިރުވެވޭނެ ގޮތެއް ވެސް ނެތް ކަމަށެވެ. އަދި ފާހާނާތަކުގެ ދޮރު ހަލާކުވެފައި ހުރުމުގެ ސަބަބުން، އެއް ފާހާނާގައި އިންނަ މީހާއަށް އަނެއް ފާހާނާގައި އިންނަ މީހާ ފެންނަ ކަމަށާއި، ފާހާނާ ފްލަޝް ނުކުރެވޭ ކަމަށެވެ. މިކަމާ ގުޅިގެން މަބްރޫކް މިއަދު ވިދާޅުވީ އެއީ އެއީ މީގެކުރިން ވިލިވަރުގައި ކޮންސްޓްރަކްޝަން މަސައްކަތް ކުރި އިރު ބޭނުންކުރި ތަނެއް ކަމަށެވެ. އަދި ވީޑިއޯތަކާއި ފޮޓޯތަކުން ފެންނަ ބައެއް ތަންތަނަކީ އެމީހުން ބޭނުންކުރަން ކަނޑައަޅާފައި ހުރި ތަންތަން ނޫން ކަމަށާއި ވީޑިއޯގައި ބާވެފައި ހުރި އިމާރާތެއްގެ ތަންތަން ވެސް ފެންނަ ކަމަށެވެ. "އެހެން ނަމަވެސް އަޅުގަނޑުމެން ހަމަ ސާފުކޮށް ބުނަން ބޭނުން، ގިނަ ދުވަހު އެތަނުގައި ބައިތިއްބާކަށް ނޫން އެމީހުން ގެންދެވުނީ ފުރަތަމަ ކަމަކަށް. ދެވަނަ ކަމަކީ ހަމަ އިންތިހާއަށް އަޅުގަނޑު މައާފަށް އެދެން. އެއީކީއެއް މީހުން ބައިިތިއްބަން ގެންދާވަރު ތަނެއް ނޫން. އެގޮތަށް އެކަމެއް ނުވެސް ކުރާނެ،" މަބްރޫކް ވިދާޅުވިއެވެ. މަބްރޫކް ވިދާޅުވީ މިހާރު އޭގެ ތެރެއިން އެއް ބަޔަކު ސަން ސިޔާމް އިރުފުށި ރިސޯޓުގައި ގާއިމުކޮށްފައިވާ ފެސިލިޓީއަށް ބަދަލުކޮށްފައިވާ ކަމަށެވެ. އަދި އަނެއް ބަޔަކު ކުޑަ ބަނޑޮސް ފެސިލިޓީއަށް ބަދަލުކޮށްފައިވާ ކަމަށެވެ. "އެކެމަކު ސާފުކޮށް ހަމަ އަޅުގަނޑުމެން ބަންގްލަދޭޝް އަދި އެހެން ބިދޭސީ ގައުމުތަކުން ވަޑައިގެން ރާއްޖޭގައި މަސައްކަތް ކުރާ ބޭފުޅުން އެތަނަށް ގެންދެވިފައި ވާތީ، އެ ދިމާވި ހާސްކަމަށާއި ވީ އުނދަގުލަށް ނިހާޔަތަށް މައާފަށް އެދެން ބޭނުން،" މަބްރޫކް ވިދާޅުވިއެވެ. ވިލިވަރުގައި ޓުއަރިޒަމް މިނިސްޓްރީގެ ފަރާތުން ވަނީ 30 ކޮޓަރި ހަދާ މީގެކުރިން، ރާއްޖޭގައި ތިބި ފަތުރުވެރިން ބައިިތިއްބަން ވެސް ބޭނުންކޮށްފައެވެ. މަބްރޫކް ވިދާޅުވީ މިހާރު ވިލިވަރު ފެސިލިޓީ ތައްޔާރުކުރަމުން އަންނަނީ މާލޭގައި ކުއްލިއަކަށް ކޭސްތައް އިތުރުވާން ފަށައިފިނަމަ، ގިނަބަޔަކު އެއްފަހަރާ އެކަހެރި ކުރެވޭނެ ގޮތަށް ކަމަށެވެ. އަދި އެ މަސައްކަތް މުޅިން ނިމުމުން ނޫނީ ވިލިވަރަށް އިތުރު ބަޔަކު ނުގެންދާނެ ކަމަށެވެ.
ވިލިވަރުގައި ބިދޭސީންް ބޭތިއްބި ތަނުގެ ހާލަތާމެދު މައާފަށް އެދިއްޖެ
މިއަދުގެ މިހާތަނަށް ރާއްޖެއިން އިތުރު 37 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެފައި ވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނެފިއެވެ. މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ 19 މީހުންނާއި، 15 ދިވެހީންނާއި އިންޑިއާގެ ތިން މީހެކެވެ. މިއާއެކު ރާއްޖެއިން ވައިރަހަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 1143 އަށް އަރައިފައެވެ. ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ގިނައީ ބިދޭސީންނެވެ. މިހާތަނަށް ރާއްޖެއިން 414 ދިވެހިންނަށް ބަލި ޖެހިފައިވާއިރު، ވައިރަހަށް ޕޮޒިޓިވްވި ބިދޭސީންގެ އަދަދީ 729 އެވެ. ބިދޭސީންގެ ތެރޭގައި ބަންގްލަދޭޝްގެ 581 މީހަކު ހިމެނެއެވެ. ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 80 މީހަކު ރަނގަޅުވެފައި ވާއިރު، ރިކަވަރީ ރޭޓު ހުރީ 7.23 ގައެވެ. ރާއްޖެއިން ބަލި ޖެހުނު މީހުންގެ ތެރެއިން ހަތަރު މީހަކު ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ ތިން ދިވެހީންނާއި ބިދޭސީއެކެވެ.
އިތުރު 37 ކޭސް، ރާއްޖޭގެ ޖުމްލަ 1،143 އަށް
އިންޓަނެޓްގެ ހިދުމަތަކީ އަސާސީ ހިދުމަތަކަށް ހަދައި، ސަރުކާރުގެ ބޮޑު ހިއްސާއެއް އޮވެގެން އިންޓަނެޓްގެ ހިދުމަތް ދޭން ފަށަން ޖެހޭ ވަގުތު އައިސް ޖެހިއްޖެ ކަމަށް އިންފޮމޭޝަން އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެ އެވެ. މަލީހު އެހެން ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކަ ކޮމިޓީގައި މެމްބަރަކު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ. މަލީހު ވިދާޅުވީ މިވަގުތަކީ އިންޓަނެޓް އަސާސީ ހިދުމަތަކަށް ހަދަން ޖެހޭ ވަގުތު ކަމަށެވެ. "އަސާސީ ހިދުމަތަކަށް ވުމާއެކު ހަމައެކަނި އާންމު ނޫނީ ޕްރައިވެޓް ކުންފުނިތަކަށް މިއޮތް ނިޒާމު ކޮންމެސް ވަރަކަށް ބަދަލުވެ ސްޓެލްކޯ ފެންކުންފުނި ފަދަ ކުންފުނިތަކުން މިދެވޭގޮތަށް ސަރުކާރުގެ ކޮންމެވެސް ހިއްސާއެއް އޭގައި އެކަށީގެންވާ ރަނގަޅު ހިއްސާއެއް އޮވެ ރަައްޔިތުންނަށް މިހިދުމަތް ފުޅާކުރުމަކީ އަޅުގަނޑު ދެކޭގޮތުގައި ވަރަށް މުހިންމު ކަމެއް." މަލީހު ވިދާޅުވި އެވެ. މަލީހު ވިދާޅުވީ އިންޓަނެޓް އަސާސީ ހިދުމަތަކަށް ހަދަން ރައްޔިތުންގެ މަޖިލީހާ ސަރުކާރުން ގުޅިގެން މަސައްކަތްތައް ފަށަން ވެއްޖެ ކަމަށެވެ. މަލީހު ވިދާޅުވީ ހުރިހާ ރަށަކަށް އަދި މުޅިރާއްޖެއަށްވެސް އިންޓަނެޓްގެ ކަނެކްޓިވިޓީ ފުޅާވާން ޖެހޭ ކަމަށެވެ. އެހެންވެ މަޖިލީހުންވެސް އިންޓަނެޓް އަސާސީ ހިދުމަތަކަށް ހެދުމަށް ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް މަސައްކަތް ފެށުމަށް މަލީހު ވަނީ އެދިލައްވާފަ އެވެ. މަލީހު ވިދާޅުވީ އިންޓަނެޓްގެ ވާދަވެރިކަން އިތުރުކުރުމަށް ސަރުކާރުން ކުރަން ޖެހޭ މަސައްކަތް ކުރާނެ ކަމަށެވެ. އަދި ޥާދަވެރިކަން އަންނާނެ އިރަކާ ބެހޭގޮތުން މެމްބަރަކު ސުވާލު ކުރުމުން މަލީހު ވިދާޅުވީ މަސައްކަތްތައް ފަށައިގަތުމުގެ މަރުހަލާގައި ކޮވިޑް 19 އާ ދިމާވުމުން ކަންކަން މަޑުޖެހިފައިވާ ކަމަށެވެ. "އެނގިވަޑައިގަންނަވާނެ މިއަހަރު ފެށުނީއްސުރެ ކޮވިޑް 19 އާ އެއްކޮށް އަޅުގަނޑުމެން ކުރިއަށް ދާން ޖެހިފައި މިއޮތީ. ސަރުކާރުގެ އެންމެ ބޮޑު ޕްރިއޮރިޓީއަކީ މިއަދު ރައްޔިތުންނަށް ދިމާވެފައިވާ މިކަމުން އަރައިގަތުމަށް ކުރަން ޖެހޭ މަސައްކަތް ކުރުން." މަލީހު ވިދާޅުވި އެވެ. އިންޓަނެޓްގެ އަގުތަށް ހެޔޮކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުން ދާކަން ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ އެކަމަށް ވަގުތުތަކެއްވެސް ކަނޑައަޅާފައިވާ ކަމަށާއި އެމަގުން ަމސައްކަތް ހިނގަމުން ދާ ކަމަށެވެ.
އިންޓަނެޓަކީ އަސާސީ ހިދުމަތަކަށް ހަަދައި، ސަރުކާރުން ހިދުމަތް ދޭން ފަށަން ވެއްޖެ: މަލީހު
މެދުކަނޑާލައިފައިވާ އިޓާލިއަން ލީގު އެންމެ އަވަހަށް ވެސް ފެށޭވަރު ވާނީ އަންނަ މަހުގެ 14 ވަނަ ދުވަހު ކަމަށް އެގައުމުގެ ފުޓުބޯޅަ އިދާރާ އެފްއައިޖީސީ އިން ބުނެފި އެވެ. ކޮރޯނާވައިރަހުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކާ އެކު ޔޫރޮޕް ފުޓުބޯޅަ މެދުކަނޑާލީ މިދިޔަ މާޗު މަހުގެ ކުރީކޮޅު އެވެ. އެއަށްފަހު ގައުމުތަކުގެ ލޮކްޑައުން މަހުން މަހަށް އިތުރުވަމުން ދިއުމާ ގުޅިގެން ބައެއް ގައުމުތަކުގެ ފުޓުބޯޅަ ސީޒަންތައް ވަނީ ކެންސަލް ކޮށްފަ އެވެ. އޭގެ ތެރޭގައި ފްރާންސްގެ ލީގާއި، ބެލްޖިއަމްގެ ލީގު އަދި ޑަޗް ލީގުގެ އިތުރުން އާޖެންޓީނާގެ ލީގު ވެސް ވަނީ ނިންމާލައިފަ އެވެ. ނަމަވެސް ސްޕެއިނާއި، އިޓަލީ އަދި އިނގިރޭސިވިލާތުގެ އިތުރުން ޖަރުމަނުން ފުޓުބޯޅަ ސީޒަން ކުރިއަށް ގެންދާނެ ކަން މީގެ ކުރިން އިއުލާން ކޮށްފައިވާ އިރު އެންމެ ފުރަތަމަ ލީގު ފެށީ ޖަރުމަނުންނެވެ. އެއާއެކު އިޓަލީންނާއި، ސްޕެއިނުގެ ކުލަބުތަކަށް ރަސްމީކޮށް ޕްރެކްޓިސް ކުރުމުގެ ހުއްދަ ވަނީ ދީފަ އެވެ. އަދި މި މަހު ފަހު ކޮޅު ނުވަތަ ޖޫން ފެށޭހާ ތަނުގައި ލީގު އަލުން ފެށޭވަރު ވާނެކަމަށް ވަނީ ލަފާ ކޮށްފަ އެވެ. އެގޮތުން މެޖޯރިޓީ ކުލަބުތަކުގެ ތާއީދާއެކު އިޓާލިއަން ލީގުގެ ކުޅުން ފެށުމަށް ކުރިން ތާވަލު ކުރެވުނީ ޖޫން 13 އެވެ. އެކަމަކު ޖޫން 15ގެ ކުރިން ލީގު އަލުން ނުފެށުމަށް އިޓަލީގެ ސަރުކާރުން ވަނީ ގޮވާލައިފަ އެވެ. އިޓަލީގެ ކުލަބުތަކުން ރަސްމީކޮށް ޕްރެކްޓިސްތައް ފެށުމުގެ ކުރިން ވަނީ ހުރިހާ ކުޅުންތެރިން ވައިރަހަށް ޓެސްޓް ކޮށްފަ އެވެ. ޓެސްޓްކުރުމުގެ ތެރޭގައި ޕާމާގެ ދެ ކުޅުންތެރިއަކާއި، ސަމްޕްޑޯރިއާގެ ހަތަރު ކުޅުންތެރިއަކާއި، ޓޮރީނޯގެ ކުޅުންތެރިއެއްގެ އިތުރުން ފިއޮރެންޓީނާގެ ތިން ކުޅުންތެރިއަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ. އިޓަލީގައި މިހާތަނަށް 226،000 މީހުންނަށް އެބަލި ޖެހިފައިވާ އިރު ޝިކާރައަކަށްވި 3،200 މީހުން ވަނީ މަރުވެފަ އެވެ. އެކަމަކު އެބަލި މަޑު މަޑުން އެގައުމުގައި ކޮންޓްރޯލް ކުރެވިފައިވާ އިރު މިއަދު މަރުވި 99 މީހުންނަކީ މާޗް މަހުގެ ފަހުން އެގައުމުގައި އެ ބަލި ޖެހިގެން މަރުވި އެންމެ މަދު ދުވަހެވެ.
އިޓާލިއަން ލީގު އެންމެ އަވަހަށް ވެސް ފެށޭނީ ޖޫން 14 ގައި
"މަޖިލިސް އަޅުގަނޑު ދެކޭގޮތުގައި މިވަގުތު ބައްދަލުވުން ވަރަށް މުހިންމު. ތިޔަ އިއްޒަތްތެރި މެންބަރުންނަކީ، މި ދިވެހިރާއްޖޭގެ ރައްޔިތުންގެ އިއްޒަތްތެރި ވަކީލުން. ރައްޔިތުންނަށް ކަންބޮޑުވުމެއް ކުރިމަތިވާ ކޮންމެ ފަހަރަކު އެމީހުން އެންމެ ފުރަތަމަ ގުޅާ އެއް ފަރާތަކަށް ވާނީ ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެންބަރުން. އަޅުގަނޑު ދެކޭގޮތުގައި ތިޔަ އިއްޒަތްތެރި މެންބަރުން މި ވަގުތު ތިއްބަވާންޖެހޭނީ ރައްޔިތުންނާއި ފަސޭހައިން ގުޅޭ ގޮތަށް،" ކޮވިޑް19 އާ ގުޅިގެން އޮންލައިންކޮށް ބޭއްވި މަޖިލީހުގެ ފުރަތަމަ ޖަލްސާގައި މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވި އެވެ. މިފަދަ ހާލަތެއްގައި ސަރުކާރަށް ދަތިވާ ކަންކަމަށް އެހީވުމަށާއި، ސަރުކާރުން ނިންމާ ނިންމުންތަކަށް ފާރަވެރިވާން މަޖިލިސް ތައްޔާރަށް އޮންނަން ޖެހޭނެކަން ނަޝީދު އެ ދުވަހު ފާހަގަ ކުރެއްވި އެވެ. އެހެންވެ، މަޖިލީހުގެ މަސްއޫލިއްޔަތު އަދާކުރުމަށް ކޮންމެހެން ވެސް މި ދަނޑިވަޅުގައި މަޖިލީހުގެ ޖަލްސާތައް ބާއްވަން ފެށީ މާޗު 30 ވަނަ ދުވަހު އެވެ. އޭގެ ފަހުން މިހާރު މަހެއް ވާން ދާއިރު، މަޖިލީހުގެ ހަ ޖަލްސާ ބާއްވައިފި އެވެ. މިހާރުން މިހާރަށް ނިންމަންޖެހޭ މުހިންމު މައްސަލަތަކެއް ހުރީ މަޖިލީހަށް ހުށަހެޅިފަ އެވެ. ނަމަވެސް ނިންމުނީ ކޮން މުހިންމު ނިންމުމެއް ހެއްޔެވެ؟ ކޮވިޑް19 އާ ގުޅިގެން ހުރި މައްސަލަތައް: ކޮވިޑް19 ރޯގާ ފެތުރުނަ ނުދިނުމަށް އަޅާ ފިޔަވަޅުތަކުގެ ސަބަބުން އާއިލާތަކާއި ވިޔަފާރިތަކުގެ އާމްދަނީއަށް އަންނަ ނުރަނގަޅު ބަދަލުތަކުން އަރައިގަތުމަށް، ސަރުކާރުން ހިންގުމަށް ނިންމާފައިވާ ޕްރޮގްރާމް ތަންފީޒުކުރުމަށް މަޖިލީހުން ދެކޭގޮތް ކަނޑައެޅުމުގެ މައްސަލަ. (ކޮމިޓީ މަރުހަލާގައި) ކައުންސިލްތަކުގެ ދައުރު ދިގު ކުރުމަށް ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ ބިލް. (ހުށަހެޅިފައި) ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ހާއްސަ ބިލު 2020 (އިބްތިދާއީ ބަހުސް) ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުން ކަށަވަރުކުރުމުގެ ހާއްސަ ބިލު 2020 (ފުރަތަމަ ކިޔުން) ކޮވިޑް-19 އާ ގުޅިގެން އަންނަ އިގްތިސޯދީ އަދި މާލީ ލޮޅުމާއެކު ދައުލަތުގެ ހަރަދުތަކަށް ބޭނުންވާ ކޭޝްފްލޯ ހޯދުމާގުޅޭ މައްސަލަ (ހުށަހެޅިފައި) މިހާރު އިންތިހާބުވެފައި ތިބި ލޯކަލް ކައުންސިލްތަކުގެ ދައުރު ޖޫން މަހުގެ ތިން ވަނަ ދުވަހަށް ހަމަވާއިރު، ރާއްޖޭގެ ހާލަތު މިވަގުތު އޮތް ގޮތުން ކައުންސިލް އިންތިހާބު ބޭއްވޭނެ ތާރީހެއް ބުނާކަށް އަދި ނޭނގެ އެވެ. އެހާތަނަށް އިންތިހާބު ނުބޭއްވޭނަމަ ކައުންސިލްތައް ގާނޫނީ ހުސްކަމަކަށް ދާނެ އެވެ. މިހާރު ތިބި ކައުންސިލަރުންގެ ދައުރު ދިގު ކުރަން މަޖިލީހަށް އޮތީ ހުށަހަޅައިފަ އެވެ. ކައުންސިލަރުންގެ ދައުރު ދިގުކުރެވެން އޮތީ ގާނޫނު އަސާސީ އިސްލާހުކޮށްގެންނެވެ. އެހެން ނަމަވެސް މިކަމާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މެދުގައި ހިޔާލު ތަފާތުވެ، ގާނޫނު އަސާސީ އިސްލާހުނުކޮށް އެކަން ކުރުމަށް އިތުރު ބިލެއް ވެސް އޮތީ މަޖިލީހަށް ހުށަހަޅައިފަ އެވެ. ސުވާލަކީ ކައުންސިލްތަކުގެ ދައުރު ހަމަވުމުން ދެން ވާނީ ކިހިނެއް ހެއްޔެވެ؟ އެ ހިސާބުން ކައުންސިލުތައް ހުއްޓުނީ ހެއްޔެވެ؟ މިއީ ހުސް މަޖިލީހުން ގާނޫނީ ފަރުވާ ހޯދައިދޭން ޖެހޭ ކަންކަމެވެ. މަޖިލީހުން މިކަމާ މެދު ގޮތެއް ނުނިންމިގެން އުޅޭ އިރު، އިންތިހާބަށް ވާދަކުރާ 204 ސިވިލް ސާވަންޓުން ތިބީ ސަސްޕެންޝަންގަ އެވެ. އެ މުވައްޒަފުންގެ އާސާސީ ހައްގުތައް ދަނީ ގެއްލެމުންނެވެ. ސަސްޕެންޝަން އުވާލަން ވެސް މަޖިލީހުން އަވަސް ނިންމުންތަކެއް ނިންމަން ޖެހުނަސް، އެކަމުގައި ވެސް ނިންމުމަކާ ހަމައަށް ނާދެވެ އެވެ. އެންމެ ފަހުން ސިވިލް ސާވިސް ކޮމިޝަނުން މިހާރު ވަނީ އެ މައްސަލަ ހައިކޯޓަށް ހުށަހަޅައިފަ އެވެ. މީގެ އިތުރުން ކުރިއަށް އޮތް ތިން މަހަށް ދައުލަތުގެ ހިދުމަތްތައް މެދުނުކެޑި ކުރިއަށް ގެންދިޔުމަށް 4.2 ބިލިއަން ރުފިޔާ މިވަގުތުން މިވަގުތަށް ބޭނުންވާތީ، މަރުކަޒީ ބޭންކުން ދައުލަތަށް ދިގު މުއްދަތަށް ލޯނު ނެގޭނޭ ގޮތަށް ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ މާއްދާއެއް އެއް އަހަރަށް ހިފަހައްޓައި ދޭން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވެސް މިވަނީ މަޖިލީހުގައި އެދިވަޑައިގެންފަ އެވެ. މި މައްސަލަ މަޖިލީހަށް މިހާރު ހުށަހެޅިފައި އޮތް ނަމަވެސް، ބަހުސް ފެށި، ކޮމިޓީ މަރުހަލާ ނިމި، ވޯޓާ ހިސާބަށް ދެވޭނެ ދުވަހެއް އަދި ނޭނގެ އެވެ. ނަމަވެސް މިއީ ދިގު ދެންމޭ ކަހަލަ މައްސަލައެއް ނޫނެވެ. މިކަން ފާހަގަ ކުރައްވައި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް އިއްޔެ ވިދާޅުވީ މި މައްސަލައަށް ވުރެ މުހިންމު މައްސަލައެއް މިވަގުތު މަޖިލީހަށް ހުށަހެޅިފައި ނެތް ކަމަށެވެ. "ހުރިހާ މައްސަލައެއް ފަހަތަށް ޖައްސާފައި ވެސް ރައްޔިތުންނަށް، މަސްވެރިންނަށް ދޫކުރަންޖެހޭ ފައިސާ، ރައްޔިތުން މި ހާލަތުން އަރައިިގަތުމަށް ދޭ ފައިސާ، ޕަބްލިކް އެކައުންޓްސް އޯވަޑްރޯ ކުރުމަށް ހުއްދަ ދިނުމަށް ސަރުކާރުން އެދިފައޮތް މައްސަލައަށް ބަހުސް ކުރުމަށް ވުރެ މުހިންމު ހުތޫރަތްތެރި ތަނެއް ނެތޭ. ރައްޔިތުން ބަނޑަށް ޖައްސާކަށް ދުލެއް ނުކުރެވޭނެ،" ޝަރީފް ވިދާޅުވި އެވެ. ޝަރީފް އާދޭހާއެކު އެދިވަޑައިގަތީ މަޖިލީހުގެ "ޑްރާމާ" ހުއްޓާލާފައި މަސްއޫލިއްޔަތު އަދާކުރަން ފެށުމަށެވެ. މި މައްސަލަތައް އަވަހަށް ނިންމައި، ރައްޔިތުންގެ ހައްގުތައް ހިމާޔަތްކޮށްދިނުމަށެވެ. ނަމަވެސް ނަޝީދު ވިދާޅުވީ މި މައްސަލައަކީ ފުޅާ ދާއިރާއެއްގައި ބަހުސް ކޮށްގެން، ވަގުތު ދީގެން މެނުވީ ނިންމޭނެ މައްސަލައެއް ނޫން ކަމަށެވެ. އަދި މިއަދުން މިއަދަށް އެ މައްސަލަ ނުނިންމައިފި ނަމަ ރައްޔިތުން ބަނޑަށް ނުޖެހޭނެ ކަމަށެވެ. "އަޅުގަނޑުގެ ހިތަށް ވަންނަ ސުވާލަކީ، އިއްޔެ ނޫން އިހައްދުވަހު މަޖިލީހަށް ލިބުނު މައްސަލައެއް، މިއަދު ނުނިންމުނީމާ، މާދަމާ އިއްޒަތްތެރި މެމްބަރުންގެ ރައްޔިތުން ބަނޑަށްޖެހޭ ހާލަތަކަށް ކަންކަން ދާގޮތަކަށް ރޭވިފަ ތަރުތީބުވެފަ އިންތިޒާމްވެފަ ހުރެދާނެ ބާއޭ އަޅުގަނޑުގެ ހިތަށް ވަންނަނީ،" ނަޝީދު ވިދާޅުވި އެވެ. ހަމައެއާއެކު ކޮވިޑް19 އާ ގުޅިގެން އެތައް ބައެއްގެ ވަޒީފާ ގެއްލި، އާމްދަނީ ދަށްވެފައިވާ މި ދަނޑިވަޅުގައި ކުއްޔަށް އުޅޭ އެތައް ބަޔަކު އަންނަނީ ހާލުގައި ޖެހި މަގުމަތިވަމުންނެވެ. ގިނަ ބަޔަކު އަންނަނީ މި ވަގުތަށް ކުލި ދެއްކުން މަޑުޖައްސާލެވޭނެ ގޮތެއް ނުވަތަ ކުލި ނުދެއްކުނަސް ގެއިން ނުނެރެވޭނެ ގޮތެއް ނަމަވެސް ހަދައިދިނުމަށް މަޖިލިސް މެމްބަރުންގެ ފަރާތުން އާދޭސް ކުރަމުންނެވެ. އެހެން ނަމަވެސް ރައްޔިތުންްގެ އާދޭހުގެ އަޑު، ރައްޔިތުންގެ "އެންމެ ގާތް އެކުވެރިން" ކަމަށް ދައުވާ ކުރާ، ރައްޔިތުންގެ ވަކީލުންނަށް އަދި އިވުނު ކަމަކަށް ނުވެ އެވެ. މި ހާލަތުގައި ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް، ކޮންމެހެން ބާއްވައް ޖެހިގެން އޮންލައިންކޮށް ކުރިއަށް ގެންދާ މަޖިލިސް ޖަލްސާތަކުގައި މި ވާހަކަ ދައްކާނެ މެމްބަރަކު އަދި ނުވެ އެވެ. އަދި މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއިން އެކަން ނިންމި ނަމަވެސް، އެކަން އަމަލީ ގޮތުން ކުރިއަށްދާ ތަނެއް ނުފެނެ އެވެ. މަޖިލީހުން ނިންމަންޖެހިފައި ހުރި މުހިންމު މައްސަލަތައް ބައިވަރެވެ. މިއީ ޑްރާމާތަކުގައި ވަގުތު ބޭކާރު ކުރެވެން އޮތް ދަނޑިވަޅެއް ނޫނެވެ. ކޮންމެ ދުވަހަކު ގައުމުގެ އިގްތިސާދު ހީނަރުވެ، ވިޔަފާރިތަކަށް އަންނަނީ އަސަރު ކުރަމުންނެވެ. އެކަމުން ބިކަވަނީ އާއިލާތަކެވެ. ގައުމުގެ ހާލަތު ދަށްވެ، އެކަމުގެ ސީދާ އަސަރު އެތައް ހާސް ރައްޔިތުންނަށް އަންނަނީ ކުރަމުންނެވެ. މާލޭ ބަނދަރުގައި އަޅާފައި އޮތް އޮޑިދޯނި ފަހަރުގެ ކަންކަން، އެކަމާ ބެހޭ ފަރާތްތަކުން އަންނަނީ ބަލަމުންނެވެ. ފަޅުގައި އޮތް 34 ދޯނީގެ ހާލަތު ބައްލަވަން މަޖިލީހުގެ ރައީސް އުޅުއްވުމަށް ވުރެ ބޮޑަށް އެމަނިކުފާނު ރިޔާސަތު ބަލަހައްޓަވާ ރައްޔިތުންގެ މަޖިލީހުން ނިންމަންޖެހޭ ކަންކަމުގެ ފަހަތުން އަވަދިނެތި އުޅުއްވުން މާ މުހިންމެވެ. އެކަމަކު އެ މަސައްކަތް ކުރެއްވުމަށް ވުރެ އެމަނިކުފާނުގެ ސިޔާސީ ޑްރާމާ މާ މުހިންމުހެން ހީވެ އެވެ.
ހާއްސަ ހާލަތެއް، އެކަމަކު މަޖިލިސް ޒިންމާއަދާނުކޮށް ޑްރާމާއެއްގައި!
އައްޑޫ ސިޓީ، ހިތަދޫގައި ދެ ގޭންގެއްގެ މެދުގައި މާރާމާރީ ހިންގައި ދެ މީހަކަށް އަނިޔާވެއްޖެ އެވެ. ފުލުހުންނަށް މި މައްސަަލައިގެ ރިޕޯޓު ހުށަހަޅާފައި ވަނީ ރޭ ދަންވަރު 2:30 ގައެވެ. ފުލުހުންގެ މީޑީއާ އޮފިޝަލް "ސަން" އަށް ވިދާޅުވީ އެ މާރާމާރީގައި ދެ މީހަކަށް އަނިޔާވެގެން ހިތަދޫ އެކުއެޓޯރިއަލް ހޮސްޕިޓަލަށް ގެންދިޔަ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެކަމާ ގުޅިގެން އެ ހޮސްޕިޓަލުގެ އޮފިޝަލަކު "ސަން" އަށް ވިދާޅުވީ، މާރާމާރީގައި އަނިޔާ ލިބިގެން ހޮސްޕިޓަލަށް ގެންދިޔަަ ދެމީހުންގެ ތެެރެއިން އެކަކު އަދިވެސް އެޑްމިޓްކޮށްފައިވާ ކަމަށެވެ. . އެޑްމިޓް ކުރި މީހާގެ އަތުން ހަތަރު އިންޗިއެއްހާ މިންވަރު ކަފައިގެން ގޮސް މިހާރު އެތަން ފަހާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ހޮސްޕިޓަލަށް ގެންދިޔަ ދެ މީހުންގެ ހާލު ވެސް ރަނގަޅުކަމަށް އޭނާ ވިދާޅުވި އެވެ. ހިތަދޫ އިން ވާހަކަ ދެއްކި މީހަކު ބުނީ އެ މާރާމާރީއަކީ ދެ ގޭންގެއް ދެމެދުގައި ހިނގި ދެބަސްވުމަކާ އެކު ފެށުނު ޒުވާބަކަށް ފަހު، ހިނގި މާރާމާރީއެއް ކަމަށެވެ. އެެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށާއި އެެ މައްސަލައާ ގުޅިގެން އެއްވެސް މީހަކު އަދި މިހާތަނަށް ހައްޔަރު ނުކުރާ ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ. އައްޑޫ ސިޓީގައި ގޭންގް މާރާމާރީއެއް ނުހިނގާތާ މިހާރު ދުވަސްތަކެއް ވެއްޖެއެވެ. ފުލުހުންގެ މުއައްސަސާއަށް މިއަހަރު މިހާތަނަށް މާރާމާރީގެ މައްސަލަތަކުގެ ގޮތުގައި 243 މައްސަލައެއް ވަނީ ހުށަހެޅިފައެވެ. އޭގެ ތެރޭގައި މިމަހު މިހާތަނަށް ހުށަހެޅި 20 މައްސަލައެއް ހިމެނެއެވެ.
އައްޑޫ ސިޓީގައި ދެ ގޭންގެއްގެ މެދުގައި މާރަމާރީ ހިންގައިފި
މިއަދަކީ ޤައުމީ ފެންވަރުގައި މިއަހަރުގެ ކުޑަކުދިންގެ ދުވަސް ފާހަގަކުރާ ދުވަހެވެ. މިއަހަރުގެ މިދުވަސް ދިމާވީ ކޮރޯނާ ވައިރަސް ފެތުރެމުންދާތީ މާލެއާއި ބައެއް ރަށްރަށް ލޮކްޑައުން ކޮށްފައިވާ ދުވަސްވަރެއްގަ އެވެ. ލޮކްޑައުންއާ ގުޅިގެން ކުޑަކުދިންނާ މެދު ހާއްސަ ސަމާލުކަމެއް ދޭން ޖެހެ އެވެ. އާޓިކަލްގެ ތިރީގައި އެވަނީ މި ޕެންޑެމިކް ކުރިއަށްދާއިރު ގޭގައި ތިބެގެން ކުޑަކުދިންނަށް އަޅާލުމުގައި ސަމާލުވާންވީ ކަންތައްތަކާއި ބެހޭގޮތުން ޓްރީ ޓޮޕް ހޮސްޕިޓަލުގެ ކުޑަކުދިންނަށް ހާއްސަ ޑޮކްޓަރެއް ކަމަށްވާ ޑރ. އަމިތު ބިޝްވަކަރުމާ ދެއްވާފައިވާ އިރުޝާދުތަކެވެ. ޓްރީ ޓޮޕް ހޮސްޕިޓަލުގެ ކުޑަކުދިންނަށް ހާއްސަ ޑޮކްޓަރު، ޑރ. އަމިތު ބިޝްވަކަރުމާ-- ފޮޓޯ/ޓްރީ ޓޮޕް ކުޑަކުދިންނަކީ އާންމުކޮށް ދުވާލުގަޑީގައި ކުޅުން ފަދަ ކަންކަމުގައި ވަރަށް ހެލިފެލިވެ އުޅޭ ބައެކެވެ. އަދި އެކުދިންނަކީ ހާއްސަ ސަމާލުކަމެއް ބޭނުންވާ ބަޔަކަށް ވެފައި މުޅި ދުވަސް އެއްކޮށް މިކުދިން ގޭތެރޭގެ މާހައުލުގައި އުޅެން ޖެހުމަކީ އެކުދިންގެ ދިރިއުޅުމަށް ވަރަށް ބޮޑު ބަދަލުތަކެއް އައި ކަމެކެވެ. މިއާއެކު އެކުދިންނަށް ފައިދާ ހުރި ކަންކަމުގައި މަޝްއޫލު ކުރުވުމަކީ އުނދަގޫ ކަމަކަށް ވެދާނެއެވެ. މިދުވަސްކޮޅު ކުދިން ހާސްވެ، ބިރުގަނެ، ރުޅިގަދަވެ، ދެރަވެ، ކޮރޯނާ ވައިރަސްއާއި އެކުދިންގެ މާހައުލަށް އަންނަ ބަދަލުތަކާއި ބެހޭގޮތުން ގިނަ ސުވާލުތަކެއް ކުރުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންކަމުން ބެލެނިވެރިންނާއި މައިންބަފައިން މިކުދިންގެ އިހުސާސްތައް ދެނެގަނެ ކުދިންނަށް ހާއްސަ ސަމާލުކަމެއް ދޭން ޖެހޭ ކަމަށް ޑރ. އަމިތު ވިދާޅުވިއެވެ. މިގޮތުން ދުވަހުގެ ތާވަލެއް އެކުލަވައިލާ އެކުދިންގެ އިޙްސާސްތަކާމެދު ސުވާލުކޮށް ވާހަކަދެއްކުމަކީ ކުދިންގެ ހާސްކަމާއި ބިރުވެރިކަން ފިލުވުމަށް އެހީއަކަށްވާނެ ކަމެކެވެ. އޯގާތެރިކަމާއެކު ތެދު މައުލޫމާތު ފޯރުކޮށްދިނުމަކީ ވެސް މުހިންމު ކަމެކެވެ. އަދި އަތް ދޮވުމާއި އަތުގެ ސާފުތާހިރުކަން ދަސްކޮށްދީ ހަނދާންކޮށްދިނުމަކީ އެކުދިންނަށް ރައްކާތެރިކަން އިހްސާސްވާނެ ކަމެކެވެ. ކުދިންގެ ހާސްކަން ކުޑަކުރުމަށްޓަކައި ގޭތެރޭގައި ކޮރޯނާ ވައިރަސްގެ ހަބަރު ކުޑަކުދިންނަށް ފެންނަ މިންވަރު ވީހާވެސް މަދުކުރުމަކީ މުހިންމު ކަމެކެވެ. އަދި މަސައްކަތުގެ ސަބަބުން ވަކިވެ ދުރުގައި ހުންނަން ޖެހޭނަމަ ފޯނުންނާއި ވީޑިއޯ ކޯލުން ކުދިންނަށް ގިނަގިނައިން ގުޅައި، ގުޅުން ބޭއްވުމަކީ އާއިލީ ހިތްހަމަޖެހުމާއި ގުޅުން ދަމަހައްޓަން ވަރަށް މުހިންމު ކަމެކެވެ. ކޮރޯނާ ވައިރަސްގެ ސަބަބުން އަޅުގަނޑުމެންގެ އާންމު ދިރިއުޅުން ބަދަލުވެފައިވާ ދަނޑިވަޅެއްގައި ކުޑަކުދިންނަށް ހާއްސަ އެކި ކްރިއޭޓިވް ހަރަކާތްތަކެއް ހިމަނައިގެން ކޮންމެ ދުވަހަކަށް ނުވަތަ ހަފްތާއަކަށް ތާވަލެއް ވެސް ބައްޓަން ކުރެވިދާނެ އެވެ. މި ހަރަކާތްތަކުގެ ތެރޭގައި ކިޔެވުން، ފިޒިކަލް އެކްޓިވިޓީ ނުވަތަ ކަސްރަތު، ކުލަ ޖެއްސުން، ޤުރުއާން ކިޔެވުން އަދި މަޖާކޮށްލުމަށް ގޭމެއް ކުޅުން ނުވަތަ އުމުރާ އެކަށީގެންވާ ކާޓޫނެއް ނުވަތަ ފިލްމެއް ބެލުން ހިމަނާލެވޭނެ އެވެ. އަދި މި ހަރަކާތްތަކުގައި ބެލެނިވެރިންނަށް ވެސް ބައިވެރިވެވިދާނެއެވެ. ދުވާލެއްގެ މައްޗަށް ކުޑަކުދިންނަށް 1 ގަޑި އިރުގެ ފިޒިކަލް އެކްޓިވިޓީ ނުވަތަ ހަރަކާތް ބޭނުންވާނެ އެވެ. މިވަގުތުކޮޅު ބައިގަޑިއިރުގެ ދެބަޔަށް ވެސް ބަހާލެވިދާނެއެވެ. ކުޑަކުއްޖެއް އަތިރިމަތީގައި. ލޮކްޑައުން ކުރުމާ ގުޅިގެން ބޭރަށް ނުކުތުން މަނާކުރުމާއެކު ކުޑަކުދިންނަށް މޫދަށް ދިއުން ފަދަ ކަންކަމުގައި މިހާރު މަސްއޫލުވެ ނޫޅެވޭ-- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް ކިޔެވުމަށް ބޭނުންކުރެވޭ އޮންލައިން ރިސޯސްތައް ބަލާ ދިރާސާކުރުމަކީ ކުދިންނަށް އަދި ބޮޑެތި މީހުންވެސް އާ ކަންތައްތައް ދަސްކުރަން މަގުފަހިވާ ކަމެކެވެ. މިގޮތުން ގޭތެރޭގައި ކުރެވިދާނެ ހަރަކާތްތަކާއި ގޭމްތަކުގެ އިތުރުން ހަށިގަނޑަށް ފައިދާ ހުރި ކާނާ ތައްޔާރުކުރާ ގޮތް ވެސް އޮންލައިންކޮށް ބަލައިލެވޭނެ އެވެ. "ޗޭންޖް4ލައިފް" ވެބްސައިޓަކީ މިފަދަ ބައިވަރު ވެބްސައިޓުތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ވެބްސައިޓެކެވެ. ސިއްހަތަށް ފައިދާ ހުންނަ ކާނާ ދިނުމާއި މާގިނައިން ޗޮކްލެޓް ފަދަ ފޮނި އެއްޗެހި ކުދިންނަށް ނުދިނުމަކީ އެކުދިން ދުޅަހެޔޮ ސިއްހަތެއްގައި ދެމެހެއްޓުމަށް އެހީވެދޭނެ ކަމެކެވެ. އަބަދު ގޭގައި ތިބި ނަމަވެސް، މާގިނައިން ކުއުމުން ވެސް ދުރުހެލިވާންޖެހެ އެވެ. އަދި ކުޑަކުދިންނަކީ ހެދި ބޮޑުވުމަށް ބަރާބަރަށް ނިދި ބޭނުންވާ ބައެކެވެ. އެހެންކަމުން ކޮންމެ ރެޔަކުވެސް އެއް ގަޑިއެއްގައި ނިންދެވުމަށާއި ނިދުމުގައި ރަނގަޅު އާދަތައް ހިފެހެއްޓުމަކީ މުހިންމު ކަމެކެވެ. އެންމެ މުހިންމު ކަމެއްކަމުގައި ކުޑަކުދިން ޖިސްމާނީ އަދި ނަފްސާނީ ހާނިއްކައިން ސަލާމަތް ކުރުމަކީ ބެލެނިވެރިން އެންމެ މުހިންމު ކަމެއްގެ ގޮތުގައި ދެކިގެން އަދާކުރަން ޖެހޭ މަސްއޫލިއްޔަތެކެވެ. ކުޑަކުދިންގެ ސިއްހީ ރައްކާތެރިކަން ޔަޤީންކޮށް ޖަހަންޖެހޭ ވެކްސިންތައް ހަމަކުރުމަކީ ވެސް މުހިންމު ކަމެކެވެ. އެގޮތުން ޕޯލިއޯ، މީސްލްސްފަދަ ބަލިތަކުން ކުދިން ސަލާމަތް ކުރުމަށްޓަކައި ވެކްސިން ތާވަލާއި އެއްގޮތަށް ވެކްސިން ޖަހަން ސަމާލުވާންވާނެއެވެ. ވެކްސިން ކާޑެއް-- ސަން ފޮޓޯ/ ފަޔާޒު މޫސާ މީގެ އިތުރުން އިމަޖެންސީ ހާލަތެއް މެދުވެރި ވެއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަކީ މުހިންމު ކަމެއް ކަމަށް ޑރ. އަމިތު ފާހަގަކުރައްވަ އެވެ. ޓްރީ ޓޮޕް ހޮސްޕިޓަލުގެ އިމަޖެންސީ ހިދުމަތްތަކާއި ޓެލެމެޑިސިންގެ ޒަރީއާއިން ޑޮކްޓަރަށް ދެއްކުން މިހާރު ވަނީ ފަށާފަ އެވެ. ޓެލެމެޑިސިން އަދި އީ އާރު ގެ ހިދުމަތްތަކާ ބެހޭ އިތުރު މައުލޫމާތު ހޯއްދެވުމަށް އެ ހޮސްޕިޓަލުގެ ނަންބަރު 3351610 އަށް ގުޅުއްވާލައްވާށެވެ. ހުރިހާ ކުދިންނަށް އުފާވެރި ރައްކާތެރި ކުޑަކުދިންގެ ދުވަހަކަށް އެދި ޑރ. އަމިތު ވަނީ ރާއްޖޭގެ ހުރިހާ ކުޑަކުދިންނަށް ވެސް ތަހްނިޔާ ފޮނުވާފައެވެ.
ކޮވިޑް19 ޕެންޑެމިކްގައި ކުޑަކުދިންނަށް އަޅާލުމުގައި ސަމާލުވާންވީ ކަންކަން
މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އާ ގުޅިގެން ޔޫއޭއީން "10 މިލިއަން މީލްސް" ކެމްޕޭންއެއް ލޯންޗްކޮށްފި އެވެ. މިއީ ކޮރޯނާއާ ގުޅިގެން އެންމެ ބޮޑަށް ހާލުގައި ޖެހިފައިވާ އައިލާތަކަށް ކެއުން ފޯރުކޮށްދިނުމަށް ފަށާ ކެމްޕޭންއެކެވެ. އެ ކެމްޕޭންއަށް ވިޔަފާރިވެރިންނާއި އެހީދޭ ފަރާތްތަކާއި ކުންފުނިތަކުން ފައިސާގެ އެހީ ނޫންނަމަ ކާތަކެތި ހަދަން ބޭނުންކުރާ ތަކެތި އަދި ކާތަކެތި ހިމެނޭ ޕާރުސަލް ޑޮނޭޓް ކުރެވޭނެ އެވެ. އެ ކެމްޕޭން ހިންގާނީ ޔޫއޭއީގެ ވެރިޔާ މުހައްމަދު ބިން ރާޝިދު އަލް މަޚްތޫމްގެ ގްލޯބަލް އިނީޝިއާޓިވްސް (އެމްބިއާރުޖީ)އާ އެގައުމުގެ ސޯޝަލް ސޮލިޑާރިޓީ ފަންޑް އެގެންސްޓް ކޮވިޑް-19 އާ ގުޅިގެންނެވެ ޔޫއޭއީގެ ވެރިޔާ ޝެއިހް މުހައްމަދު ވިދާޅުވީ 10 މިލިއަން ކެއުމާއެކު ކޮވިޑްއިން އަރައިގަތުމަށް އެހީތެރިވެދޭނެ ކަމަށެެވެ. އަދި އޭގެ ސަބަބުން އެއްވެސް މީހަކު ބަކީވެގެން ނުދާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ. ޔޫއޭއީން މިހާތަނަށް 7265 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު 40 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. ބަލި ކޮންޓްރޯލް ކުރުމުގެ ގޮތުން އެގައުމުން މިހާރު ވަނީ ޔޫއޭއީގެ އެންމެން ކޮރޯނާ ވައިރަސް އަށް ޓެސްޓްކުރަންވެސް ނިންމައިފި އެވެ.
ރޯދައާ ދިމާކޮށް ޔޫއޭއީން "10 މިލިއަން މީލްސް" ކޭމްޕޭންއެއްް
ނަފްސާނީ ދުޅަހެޔޮކަމަކީ އިންސާނާގެ ނަފުސަށް ހަމަޖެހުން ލިބި އެ ހާލަތު އެގޮތުގައި ދެމިހުރުމެވެ. މި "ހަމަޖެހުން" ތިން ދާއިރާއަކާ ގުޅިފައިވެއެވެ. އެއީ އަމިއްލަ ނަފުސާ ގުޅޭ ކަންތައްތަކުން ލިބެންޖެހޭ ހަމަޖެހުމާއި، މުޖުތަމައުގެ އެހެން މީހުންނާ ގުޅޭ ކަންތައްތަކުން ލިބެންޖެހޭ ހަމަޖެހުމާއި އަދި ﷲގެ ރުހިވޮޑިގަތުން ހޯދުމަށްޓަކައި އެ އިލާހުގެ އެންގެވުންތައް ފުރިހަމަކޮށްގެން ލިބިގަންނަ ހަމަޖެހުމެވެ. ނަފުސާނީ ދުޅަހެޔޮކަމުގެ އިދިކޮޅަކީ ނަފުސާނީ ބަލިމަޑުކަމެވެ. މިއީ އިންސާނާގެ ނަފުސަށް ހަމަޖެހުންނުލިބި، ނުތަނަވަސްކަން ކުރިމަތިވެ އެ ހާލަތު އެގޮތުގައި ދެމިހުރުމެވެ.[ކަސޫލޭ، 1998] ނަފުސާނީ ދުޅަހެޔޮކަމާ އިސްލާމްދީނާ އެއްވެސް ގުޅުމެއް އޮވެދާނެކަމާމެދު މީހަކު ސުވާލު އުފައްދަފާނެއެވެ. ކީރިތި ޤުރުއާނާއި ސުންނަތުގެ އިތުރުން ޒަމާނީ ދިރާސާއާއި ތަޖުރިބާއިންވެސް މީގެ ޖަވާބު ލިބެއެވެ. "މިޒަމާނުގެ ހޯދުންތަކުން އެނގޭގޮތުގައި އިންސާނާގެ ސިކުނޑީގެ ދުޅަހެޔޮކަމާ ރޫޙާނިއްޔަތާ ގުޅުންވެއެވެ." [އެމަންސް، 2000] ޖާނަލް އޮފް ފެމިލީ ޕްރެކްޓިސްގައި ޑޮކްޓަރުންގެ ޓީމަކުން ލިޔުއްވާފައިވެއެވެ. "ބަލިމީހާއަށް ފަރުވާކުރުމުގައި، ރޫޙާނީ ބަޔަށް އެކަށީގެންވާގޮތުގައި ސަމާލުކަން ދިނުމަކީ އޭނާގެ ބައްޔަށާއި އޭނާގެ އުޅުމަށް ހެޔޮ އަސަރުތަކެއް ކުރާ ކަމެކެވެ. ވީމާ މެޑިކަލް މޮޑެލް، ބަޔޯސައިކޯސޯޝިއަލް-ސްޕިރިޗުއަލް (ބައޮލޮޖީ ނަފުސާނީ އިލްމު އިޖުތިމާއީ އިލްމު އަދި ރޫޙާނިއްޔަތުގެ) ބައި ހިމެނޭގޮތަށް ފުޅާކުރުމަށް އިރުޝާދު ދެމެވެ." ފަރުވާއާ ރޫޙާނިއްޔަތާ ގުޅުން އޮތްކަން މިތަނުގައި ފާހަގަކޮށްފައި އެބަވެއެވެ. "އިސްލާމީ މަފުހޫމުން ބަލާއިރު ރޫޙާނިއްޔަތަކީ މީހާގެ އީމާންތެރިކަމާ ގުޅޭ ބައެވެ."[ޚަޞާވުނާ، 2014] ނަފުސާނީ ދުޅަހެޔޮކަން ބަޔާންކުރެއްވުމަށް ޤުރުއާނުގައި އައިސްފައިވާ އެއްނަމަކީ إنْشِرَاحُ الصَّدْرُ (ހިތް ތަނަވަސްވެގެންވުން) އެވެ. އަދި ނަފުސާނީ ބަލިމަޑުކަމަށް ޤުރުއާނުގައި ބަޔާންކުރައްވާފައިވާ ދެނަމަކީ ضَيِّقُ الصَّدْرُ (ހިތް ދަތިކަން) އާއި حَيَاتًاضَنْكًا (ދަތި ދިރިއުޅުން) އެވެ. ޠާހާ ސޫރަތުގެ 124 ވަނަ އާޔަތުގައިވެއެވެ. وَمَنْ أَعْرَضَ عَنْ ذِكْرِي فَإِنَّ لَهُ مَعِيشَةً ضَنْكًا "އަދި ތިމަންރަސްކަލާނގެ ޤުރުއާނަށް ފުރަގަސްދީފިމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން އެމީހަކަށް އޮތީ، ދަތި ދިރިއުޅުމެކެވެ." ނަފުސާނީގޮތުން ހިތަށް ލިބޭ ހަމަނުޖެހުން ދެބަޔަކަށް ބެހެއެވެ. މީގެތެރެއިން ފުރަތަމަ ބަޔަކީ ޖިސްމާނީ ސަބަބުތަކާހުރެ ކުރިމަތިވާ ނަފުސާނީ މައްސަލަތަކެވެ. މިބައިގައި ހިމެނޭ ނަފުސާނީ މައްސަލަތަކަށް ހައްލު ހޯދޭނީ ތަފާތު ކެމިކަލްތަކާއި މިނޫންވެސް މާއްދީ ތަކެތީގެ ބޭނުންކޮށްގެންނެވެ. ދެވަނަ ބަޔަކީ އިންސާނާގެ އަޚުލާޤިއްޔާތާ ގުޅުންހުރި ނަފުސާނީ މައްސަލަތަކެވެ. މިބައިގައި ހިމެނޭ މައްސަލަތަކަށް ހައްލު ހޯދޭނީ ރޫޙާނީ ފަރުވާއިންނެވެ. މި ރޫޙާނީ ފަރުވާގެ މަގު އިސްލާމްދީނުގައި ގެނެސްދީފައިވެއެވެ. ނަފުސާނީ ބަލިމަޑުކަމުން ސަލާމަތްވުމަށްޓަކައި ނަފުސާއި ހިތުގެ އީޖާބީ (ޕޮޒިޓިވް) ސިފަތައް އިތުރުކުރުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެ. އެގޮތުން ޤުރުއާނުގައި އަންގަވާފައިވާ، ނަފުސުގެ އީޖާބީ ސިފަތަކުގެ ތެރޭގައި: ﷲ އަށް ބިރުވެތިވުމާއި، އީމާންތެރިކަމާއި، އެހެންމީހުންނަށް އިސްކަން ދިނުން ހިމެނެއެވެ. އަދި ހިތުގެ އީޖާބީ ސިފަތަކުގެ ތެރޭގައި: ރަޙުމާއި، މަޑުމޮޅިކަމާއި، ސާފުތާހިރުކަމާއި ސަލާމަތް ސިއްހަތު ހިމެނެއެވެ. ނަފުސާނީ ދުޅަހެޔޮކަމަށްޓަކައި ނަފުސާއި ހިތުގެ އީޖާބީ ސިފަތައް އިތުރުކުރުމާއެކު ނަފުސު ތަރައްގީ ކުރުމަށްޓަކައިވެސް ކަންތައްތަކެއް ކުރަންޖެހެއެވެ. އެގޮތުން ކުރެވޭނެ އެންމެ މުހިއްމު ކަންކަމަކީ ތައުބާވުމާއި، ހެޔޮކަމުގެ މަގަށް ނަފުސު ހާނުވަން މަސައްކަތްކުރުމާއި، މުންކަރާތްތަކާ ދުރުހެލިވުމެވެ. އިސްވެ ދިޔަ ކަންތައްތަކުގެ އިތުރުން ނަފުސާއި ހިތުގެ ޣައިރު އީޖާބީ (ނެގެޓިވް) ސިފަތައް މަދުކުރުމަކީވެސް ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެ. ޤުރުއާނުގައި އަންގަވާފައިވާ ނަފުސުގެ ޣައިރު އީޖާބީ ސިފަތަކުގެތެރޭގައި: އިސްރާފުކުރުމާއި، ޙަސަދަވެރިވުމާއި، ދަހިވެތިކަމާއި، އަނިޔާވެރިވުމާއި، ފިތުނަވެރިކަމާއި، މަކަރާއި ހީލަތް ހެދުމާއި، ޚިޔާނާތްތެރިކަމާއި، އަދި ހަށިގަނޑުގެ ޝަހުވަތްތައް ހިމެނެއެވެ. އަދި ހިތުގެ ޣައިރު އީޖާބީ ސިފަތަކުގެތެރޭގައި: ނުބައި ހީތައްކުރުމާއި، ހިތްހަރުކަށިވުމާއި، ވަސްވާސްވެރިކަން ހިމެނެއެވެ. ނަފުސާނީ ދުޅަހެޔޮކަމަށްޓަކައި އިސްލާމްދީން ދައްކަވާފައިވާ އަނެއް މަގަކީ ހިތަށްޖެހޭ ބަލިތަކުން ސަލާމަތްވުމެވެ. އޭގެތެރޭގައި: ނޭނގުން ނުވަތަ ޖާހިލުކަމާއި، އެކަކު އަނެކަކުގެ މައްޗަށް ނުނިޔަތްލުމާއި، އިންތިހާ ދަރަޖައިގެ ރުޅިއާއި، ކިބުރުވެރިކަމާއެކު ޖަދަލުކުރުމާއި، އަދި މުނާފިޤުކަން ހިމެނެއެވެ. ނަފްސާނީ ދުޅަހެޔޮކަމަށްޓަކައި، ހެޔޮލަފާ މީހުން ދިރިއުޅޭ މުޖުތަމައެއްގައި ދިރިއުޅުމަކީވެސް މުހިއްމުކަމެކެވެ. އެހެނީ ފަރުދީގޮތުން ނުކުރެވޭ ބައެއް ކަންތައްތައް، ތިމާގެ ވަށައިގެން އުޅޭ މީހުން ކުރާތަން ފެނުމުން އެކަމަށް ޝައުޤުވެރިވެގެން ކުރެވޭތަން އާދެއެވެ. ރަނގަޅު މީހުން ދިރިއުޅޭ މުޖުތަމައަކުން ފެންނާނީ ރަނގަޅު ކަންތައްތަކެވެ. އަދި ނުބައި މީހުން ދިރިއުޅޭ މުޖުތަމައަކުން ފެންނާނީ ނުބައި ކަންތައްތަކެވެ. އެހެންކަމުން ޞާލިޙު މުޖުތަމައެއްގައި ދިރިއުޅުމަކީ ނަފުސު ތާހިރުކުރުމުގައި މުހިންމު ދައުރެއް އަދާކުރާކަމެކެވެ. ނަފުސާނީ ބަލިމަޑުކަމެއްގެ ތެރެއަށް މީހާ ހުށަހެޅިދާ އެއް ސަބަބަކީ އަމިއްލަ ނުކުޅެދުންތެރިކަމެވެ. މިސާލަކަށް މީހާއަކީ ނުބައި ޢަމަލުތައް ކުރުމުގައި ދެވިހިފާފައިވާ މީހެއްކަމުގައި ވެދާނެއެވެ. އެފަދަ މީހާ ހިމެނެނީ އޭނާގެ އަމިއްލަ ނަފްސުގެ ހައްގުތަކާއި އާއިލާގެ ހައްގުތަކާއި އަދި މުޖުތަމައުގައި އޭނާ އަދާކުރަންޖެހޭ ހައްގުތައް އަދާކުރުމަށް ނުކުޅެދުންތެރިވެފައިވާ މީހެއްކަމުގައެވެ. މި ނުކުޅެދުންތެރިކަމުގެ އެންމެ ފަހު ނަތީޖާއަކީ ހިތާމައާއި މޮޅިވެރިކަމާއި ހިތް ނުތަނަވަސްވުމާ ކުރިމަތިލާންޖެހުމެވެ. އަމިއްލަ ނުކުޅެދުންތެރިކަމާ ކުރިމަތިލާންޖެހޭ މައިގަނޑު ސަބަބަކީ ﷲ ހަނދުމަކުރުމާއި ދުރުހެލިވުމެވެ. އެކަލާނގެ އަމުރުފުޅުތަކާއި ނަހީތައް ހަނދާން ނައްތައިލުމެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އިރުޝާދުދެއްވާފައިވަނީ ސަބަބުތަކުގައި ހިފުމާއެކު ކޮންމެ ކަމެއްގައިވެސް ﷲގެ ހަޒުރަތުން ވާތްގާއި މަދަދަށް އެދުމަށެވެ. މޮޅިވެރިކަމާއި ހިތާމަތަކާއި ނަފުސާނީ އަދި ޖިސްމާނީ ބަލިމަޑުކަމުން ސަލާމަތްކޮށްދެއްވުން އެދި ދުޢާކުރުމަށް އަންގަވައި އެކަމަށް އެކަލޭގެފާނު ގިނަގިނައިން ދުޢާކުރެއްވިއެވެ. އެގޮތުން ކުރެއްވި އެއްދުޢާއަކީ اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الْهَمِّ وَالْحَزَنِ، وَالْعَجْزِ وَالْكَسَلِ، وَالْبُخْلِ وَالْجُبْنِ ، وَضَلَعِ الدَّيْنِ، وَغَلَبَةِ الرِّجَالِ[ބުޚާރީ: 6363] މިއެވެ. މިޒަމާނުގެ ޢިލްމީ ހޯދުންތަކުގެ އަލީގައި، ނަފުސާނީ ބަލިތަކަށް ފަރުވާކުރުމަށްޓަކައި ދެވޭ އިރުޝާދުތަކަކީވެސް އިސްލާމްދީނުގައި އެކަންކަމުގެ އަސްލު ބަޔާންކުރައްވާފައިވާ ކަންތައްތަކެވެ. އޭގެތެރޭގައި: ބަނގުރަލާއި މަސްތުވާތަކެއްޗާ ދުރުހެލިވުމާއި، ރަނގަޅު ކާނާ ބޭނުންކުރުމާއި، ކަސްރަތުކުރުމާއި، އެކަށީގެންވާ ގޮތުގައި ނިދުންފަދަ ކަންތައްތައް ހިމެނެއެވެ. އަދި ހަމަމިއާއެކު، ނަފުސާނީ ބަލިމަޑުކަމެއް ކުރިމަތިވެފައިވާ މީހުންނާމެދު ކަންތައްތައް ކުރުމަށް ދެވިފައިވާ އިރުޝާދުތަކަކީވެސް އިސްލާމްދީނުގެ ގިއުގަނޑުގެތެރޭގައި ހިމެނޭ އިރުޝާދު ތަކެކެވެ. އޭގެތެރޭގައި: ކެތްތެރިވުމާއި، ބަލިމީހާއަށް އަޅައިލުމާއި، އެފަދަ މީހުން އެކަހެރިކޮށްނުލުން ފަދަ ކަންކަން ހިމެނެއެވެ. ނަފުސާނީ ބަލިމަޑުކަމުން ސަލާމަތްވުމަށްޓަކައި، ޠިއްބީގޮތުން ހޯދާފައިވާ ޒަމާނީ ފަރުވާއާއި އިރުޝާދުތައް ލިބިގަންނަންވާނެއެވެ. ހަމައެއާއެކު ނަފުސާނީ ދުޅަހެޔޮކަމަށްޓަކައި އިސްލާމްދީނުގައި އައިސްފައިވާ އިރުޝާދުތަކަށްވެސް އަމަލުކުރަންވާނެެއެވެ. ޒަމާނީ ބޭސްފަރުވާގެ ނިޒާމާއެކު، ރޫޙާނިއްޔަތަށް ދެވޭ ފަރުވާއަކީވެސް މުހިންމު އެއްޗެއްކަން ސާބިތުވެފައިވެއެވެ. ނަފުސާނީ ބަލިމަޑުކަމެއްގައިވާމީހާ، އިބުނުލްޤައްޔުމުގެ މިބަސްފުޅާމެދު ވިސްނާލުން ރަނގަޅެވެ. "ފާއިތުވެގޮސްފައިވާ ކަމެއް، ހިތާމައިން ރަނގަޅެއްނުކުރެވޭނެއެވެ! އެހެނެއްކަމަކު އެކަން ރަނގަޅުކުރެވޭނީ ހިތުގެ ރުހުމާއި، ކެތްތެރިކަމާއި، ﷲ އަށް ޙަމްދުކުރުމާއި، އެކަލާނގެ މިންވަރުފުޅަށް އީމާންވުމާ މިކަންކަމުންނެވެ." [އިބުނުލްޤައްޔުމް، 1998، 327]
ރޯދައިގެ ވަސިއްޔަތް: ނަފުސާނީ ދުޅަހެޔޮކަމަށް އިސްލާމްދީނުގައިވާ އިރުޝާދު
ކޮރޯނާވައިރަސް، ކޮވިޑް-19 އަށް މިއަދު 45 މީހަކު ރާއްޖެއިން ޕޮޒިޓިވްވެފައިވާކަން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ހާމަކޮށްފި އެވެ. އެއާ އެކު ރާއްޖެއިން އެ ބަލި ޖެހުނު މީހުންގެ އަދަދު މި ވަނީ، 835 އަށް އަރައިފަ އެވެ. އެޗްޕީއޭއިން ދާދި ދެންމެ ކުރި ޓްވީޓެއްގައި ބުނީ، ޕޮޒިޓިވްވި 45 މީހުންގެ ތެރޭގައި ހިމެނެނީ 22 ބަންގްލަދޭޝް މީހުނާއި 20 ދިވެހިންގެ އިތުރުން ނޭޕާލް ދެ މީހަކާއި އިންޑިިއާގެ އެއް ރައްޔިތެއް ކަމަށެވެ. ރާއްޖެއިން ޕޮޒިޓިވްވި މީޙުންގެ އަދަދު 800 ހުރަސްކޮށްފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ 573 ބިދޭސީންނާއި 282 ދިވެހިން އެވެ. މިހާތަނަނަށް ވައިރަހުން ރަނގަޅުވެފައިވާ މީހުންގެ އަދަދަކީ، 29 އެވެ. އެއީ 13 ބިދޭސީންނާއި 16 ދިވެހިންނެވެ. މިހާރުގެ އަންދާޒާތަކުން ރާއްޖެއިން މުޅި ޖުމްލަ 77،305 މީހުންނަށް ބަލި ޖެހި، 13،568 މީހުން އެޑްމިޓްކޮށް، 5805 މީހުންނަށް އައިސީޔޫގައި ފަރުވާ ދޭން ޖެހޭނެ ކަމަށް ލަފާ ކުރެވެއެވެ. އަދި ކުރިން އަންދާޒާ ކުރި ވަރަށް ވުރެ، މަރުވާ މީހުންގެ އަދަދު 50 ޕަސަންޓް ދަށްވާނެ ކަމަށް ލަފާ ކުރެވެ އެވެ.
މިއަދު 45 މީހަކު ޕޮޒިޓިވްވެ، ރާއްޖޭގެ އަދަދު 800 އިން މައްޗަށް
މާދަމާ އަކީ މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަށްވީ ނަމަވެސް ޖަލްސާ އޮންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. މިއަހަރުގެ ރަމަޟާން މަހަށް ހަނދު ބަލާނީ މިރޭ އެވެ. ހަނދު ސާބިތު ކުރުމުގެ އިންތިޒާމު ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާއި މެޖިސްޓްރޭޓު ކޯޓުތަކުގައި ހަމަޖެހިފައިވާނެ ކަމަށް ޑިޕާޓްމެންޓު އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންއިން ވަނީ ބުނެފި އެވެ. "އަޅުގަނޑުމެންގެ ޖަލްސާއެއް މާދަމާ އޮންނާނެ. މާދަން މުލަ ރޯދަ ދުވަހަށް ވުމަކީ އެކަށީގެންވާ ކަމެއް. އަޅުގަނޑު ހިތުލައިގެން މިހުރީ މުލަ ރޯދައަށްވީ ނަމަވެސް މާދަމާގެ ޖަލްސާއެއް އަޅުގަނޑުމެން ބާއްވަން 11 ޖަހާއިރު،" މާދަމާ މަޖިލީހުގެ ޖަލްސާ އޮންނާނެ ކަން ފާހަގަކޮށް ރައީސް ނަޝީދު ވިދާޅުވި އެވެ. މަޖިލީހުގެ ޖަލްސާތައް އާންމު ގޮތެއްގައި ބާއްވަނީ ހަފްތާ އަކު ތިން ދުވަހު އެވެ. އެއީ ހޯމަ، އަންގާރަ އަދި ބުދަ ދުވަހެވެ. ނަމަވެސް ހާއްސަ ހާލަތްތަކުގައި މަޖިލީހުގެ ރައީސަށް ޖަލްސާތައް ބޭއްވުމުގެ ބާރު އޮވެ އެވެ. އާންމު ގޮތެއްގައި ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ ސަރުކާރު ބަންދު އަދި އަމިއްލަ ގިނަ އޮފީސްތަކެއް ވެސް ބަންދު ދުވަހެކެވެ. މީގެ ކުރިން ނަމަ ހަމަ އެކަނި ހުޅުވިފައި ހުންނާނީ ކާބޯތަކެތީގެ ހިދުމަތް ދޭ ތަންތަން އެކަންޏެވެ. ނަމަވެސް މިއަދު ހާލަތު މިވަނީ މުޅިން ބަދަލުވެފަ އެވެ. ދުނިޔޭގައި ހަލުވިކަމާއި އެކު ފެތުރެމުން މިދާ ކޮވިޑް-19 ރާއްޖޭގައި ވެސް ފެތުރެމުންދާއިރު އެކަމުގެ ނުރައްކާ އެންމެ ބޮޑުވެފައި މި މިހާރު އޮތީ ވެރިރަށް މާލެ އެވެ. ކޮވިޑް-19 ފެތުރުން ހުއްޓުވުމަށް މާލެ ސަރަހައްދުގެ އިތުރުން ރާއްޖޭގެ ރަށްތައް ވެސް ވަނީ ލޮކްޑައުންއަކަށް ގެނައިސްފަ އެވެ. ސަރުކާރު އޮފީސްތަކާއި ސުކޫލްތައް ބަންދު ކުރި ފަހުން މަހެއް ވާން ގާތް ވެފައިވާއިރު ރައްޔިތުން ގެތަކުން ނުކުތުން މަނަލެވެ. އެހެން ނަމަވެސް މި ފަދަ ހާލަތެއްގައި ރައްޔިތުންގެ މަންދޫބުންނާއި އެކު އެ ރައްޔިތުންނަށް ލިބެން ޖެހޭ ހައްގުތައް ކަށަވަރު ކުރުމަށް މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދަން ޖެހޭ ކަން ރައީސް ނަޝީދު އަންނަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ. އެއީ އެކު މެންބަރުންގެ ގޭގައި ތިއްބަވައިގެން އޮންލައިންކޮށް ޖަލްސާތައް ބާއްވާ މިއީ ދެވަނަ ހަފްތާ އެވެ. "އިއްޒަތްތެރި މެންބަރުންނަށާއި ރައްޔިތުންނަށް ދަންނަވާލަން އޮތީ ކެތްތެރިކަމާއި އެކީގައި ތިއްބަވާށެ އަޅުގަނޑުމެންގެ ކުރިމަތީގައި މި އޮތީ ދަތި ދުވަސްތަކެއް. އެހެން ނަަމެވެސް އަޅުގަނޑުމެން އެންމެ އެކުގައި މިކަމުން އަރައިގަތުމަށް މަސައްކަތް ކުރުމަކީ ބޭނުންތެރިކަމެއް. އަޅުގަނޑު ދެކޭ ގޮތުގައި އަޅުގަނޑުމެނަށް އަރައިގަނެވޭނެ،" މަޖިލިސް ނިންމަވާލައްވަމުން ނަޝީދު ވިދާޅުވި އެވެ.
މުލަ ރޯދައަށް ވީ ނަމަވެސް މާދަމާ ޖަލްސާ އޮންނާނެ: މަޖިލިސް ރައީސް
ކޮންމެ ގައުމެއްގައި ވެސް އެ ގައުމުގެ ސަގާފީ ކަންތައްތަކެއް ހުރެ އެވެ. ރާއްޖެއަކީ ވެސް މުއްސަނދި ސަގާފަތެއް އޮތް ގައުމެކެވެ. އިހުޒަމާނުގައި ކުރަމުން އައި ރާއްޖެއަށް ހާއްސަ އެތައް ކަމެއް މިހާރު މި ވަނީ އުވިގެން ގޮސްފަ އެވެ. އެކަންތައްތައް ފެންނަން އޮތީ ހަމަ އެކަނި ފަތް ފުއްތަކުންނެވެ. އިހްޒަމާނުގައި ކުރަމުން އައި ކަންތައްތަކުގެ ތެރެއިން ރާއްޖެއަށް ހާއްސަ އެއް ކަމަކީ މުއާސަލާތީ ވަސީލަތެއްގެ ގޮތުގައި ބޭނުން ކުރަމުން އައި ސަންގު ފުމުމެވެ. ސަންގު ފުމުމޭ ބުނުމުން އެއީ ކިހާވަރެއްގެ ކަމެއްކަން ފަހުގެ ޒުވާނުންނަށް ނޭނގި ދާނެ އެވެ. "ނަމަވެސް އެ ފުމުގެ ސަބަބުން ރަށްރަށުގެ މުޅި ރައްޔިތުން ސަމާލުކަމަށް ގެނުވިއެވެ. އޭގެ ސަބަބުން، އެންމެންގެ ހިތުގައި ބިރުވެރިކަން އުފެއްދިއެވެ. އޭގެ ސަބަބުން ރޯދަވެރިންނަށް އުފާވެރިކަން ދިނެވެ. އޭގެ ސަބަބުން ދިވެހި ފަރުތަކަށް ޙިމާޔަތް ލިބިގެން ދިޔައެވެ. އޭގެ ސަބަބުން ބައެއް މީހުން ފަނޑިޔާރުގެޔަށް ހާޒިރުކޮށް އަދަބު ވެސް ލިބިފައި އެބަހުއްޓެވެ." މިއީ ދިވެހި ތާރީހީ ލިޔުންތެރިއެއް ސަންގު ފުމުން ސިފަކޮށްފައިވާ ގޮތެވެ. މިހާރު އެ ކަން މި ރާއްޖެ އިން އެއްކޮށް ކަހަލަ ގޮތަކަށް ވަނީ ފޮހެވިގެން ގޮސްފަ އެވެ. ނަމަވެސް އެ އާދަ ކާދަ ދިރުވާ ރަށެއް އެބަ އޮތެވެ. އެއީ އާބާދީގައި 800 އެއްހާ މީހުން ދިރިއުޅޭ ތ. އޮމަދޫ އެވެ. މެދުނުކެނޑި ސަންގު ފުމޭތާ 13 އަހަރު! ނުވަދިހާގެ އަހަރު ތަކުގައި ރާއްޖެއަށް ލައުޑް ސްޕީކަރު ވެރިވެގަނެ ދެހާހުގެ ކުރީ ކޮޅުގައި ސަންގުގެ ބޭނުން އެކީ ކެނޑިގެން ދިޔަ އެވެ. ނަމަވެސް 2007 އިން ފެށިގެން މެދު ކެނޑުމެއްނެތި ކޮންމެ ރޯދަ މަހެއްގައި އިރު އޮއްސިއްޖެ ކަން އަންގައި ދިނުމުގެ ގޮތުން އޮމަދޫގައި ސަންގު ފުމެ އެވެ. އޮމަދޫ ރައްޔިތުންގެ ބަހުރުވައިން ނަމަ "ހައްގޮވުން" އެ ރަށުގައި އަލުން ފެށީ އެ ރަށު އަބްދުލް މަޖީދު އިބްރާހިމް (މަޖީބެ) އެވެ. މަޖީބެ މިއަދު "ސަން"އަށް ބުނީ ސަންގުފުމުން އަލުން ފެށުނީ، ކުރީގެ ކަތީބް އަދި އޭރު ރަށު އޮފީހުގެ ޒިންމާދާރު އިސްވެރިޔާ މަރްހޫމް އަހްމަދު އަބްދުﷲގެ އެދުމުގެ މަތިން އެވެ. "އޭރު ވާގޮތަކީ އިރު އޮއްސޭ ވަގުތައް ދެ މިސްކިތުގެ ބަންގި ގޮވުން ތަފާތުވެފައި ދެން އަނެއްކާ ޖަނަރޭޓަރު ހުއްޓިއްޖިއްޔާ ބަންގީގެ އަޑެއް ނީވޭނެ. އެހެންވެ ރޯދަ ވީއްލުން އެ ދުވަސްވަރުގައި ތަންކޮޅެއް އުނދަގޫވެދާނެތީވެ އޭރުގައި ފެށުނީ. މިހާރު އަޅުގަނޑު ގޮއްވާތާ ވެސް 13 ވަރަކަށް އަހަރު މިވީ،" މިސްކިތުގެ މަސައްކަތުގެ މީހެއްގެ ގޮތުގައި ހަރަކާތްތެރިވާ މަޖީބެ ބުންޏެވެ. ރަރުގެ އާންމު ރައްޔިތުންގެ ފަރާތުން ވެސް އެކަމަށް ތަރުހީބް ލިބޭކަން ފާހަގަކޮށް މަޖީބެ ބުނީ، ކަމެއް ދިމާވެގެން އެއް ދުވަހު ވެސް އޭނާއަށް ސަންގު ނުފުމުވެއްޖެ ނަމަ އަނެއް ދުވަހު އެކަމާއި ގުޅޭ ގޮތުން ރައްޔިތުން ސުވާލު ކުރާ ކަމަށެވެ. "މިހާރު ވެސް އެހެން ބައެއް ދުވަސް ދުވަހު ޖަނަރޭޓަރު މައްސަލަ ޖެހިގެން ބަންގީގެ އަޑު ނީވޭ ދުވަސް އެބަ އާދޭ. އެހެންވެ އެ މީހުން ވެސް ބުނަނީ ސަންގު ފުމުމޭ ރަނގަޅީ. ދެން އެ މީހުންގެ ލަފަޔާއި އެކު ސަންގު މި ފުމެނީ،" އުމުރުން 58 އަހަރުގެ މަޖީބެ ބުންޏެވެ. އިރުއޮއްސުނު ކަން އަންގައި ދިނުމަށް އޮމަދޫގައި ސަންގު ފުމެނީ --- ފޮޓޯ: ގައްސާން ހުސައިން މަޖީބެގެ ވެސް އެންމެ ބޮޑު ކަންބޮޑު ވުމަކީ އޭނާ ނެތް ދުވަހަކުން އެކަން ކުރާނެ މީހަކު ނެތިދާނެ ކަމުގެ ބިރެވެ. އެކަން ދަސް ކުރުމަށް ދެތިން ޒުވާނުންނަށް ދައުވަތި ދިން ނަމަވެސް އެކަމަށް އެ ކުދިން އެހާބޮޑު ފަރުވާލެއް ނުބަހައްޓާ ކަން މަޖީބެ ފާހަގަކުރި އެވެ. އަދި އެކަން ދަސް ކުރަން ބޭނުން ކޮންމެ މީހަކަށް ވެސް ކިޔައިދޭން ތައްޔާރު ކަމަށް ވެސް މަޖީބެ ބުންޏެވެ. ރައްޔިތުން ތިބެނީ 'ހައްގޮއްވާ' އަޑަށް ކަންފަތް ދީގެން! ގޭގެ އެންމެ އެތެރެއަށް ސަންގު ފުމޭ އަޑު ނުއިވުނު ނަމަވެސް ދޮރު މައްޗަށް ނިކުމެލުމުން ސާފުކޮށް "ހައްގޮއްވާ" އަޑު އިވޭ ކަމަށް އެ ރަށުން ވާހަކަ ދެއްކި މެދު އުމުރުގެ މީހަކު ބުންޏެވެ. އިރު އޮއްސިއްޖެ ކަން އަންގައި ދިނުމުގެ ގޮތުން ބަންގި ގޮވުމުގެ ކުރިން އެ ރަށުގައި ސަންގު ފުމޭއިރު އެ އަޑު އަހަން ވެސް ވަރަށް ގިނަ މީހުން ނިކުމެ ތިބޭ ކަން އެ ރަށުން ވާހަކަ ދެއްކި މީހަކު ފާހަގަކުރި އެވެ. "އެގަޑީގައި އާންމުކޮށް މިގޭ ކުޑަ ކުދިންތައް ވެސް ނިކުންނާނެ ބޭރަށް. ހައްގޮއްވައިފިއޭ ކިޔާ ދުވެފައި ވަންނާނެ ގޭ ތެރެއަށް. އެކުން ދެން މާ ގަޔާވާ ކަމަކަށް ވެފައި އޮންނަނީ. އޭރު ދެން ޓީވީން ބަންގި ވެސް ގޮވާނެ،" އެ ރަށުން ވާހަކަ ދެއްކި އެހެން މީހަކު ބުންޏެވެ. އިރުއޮއްސިއްޖެ ކަން އަންގައި ދިނުމުގެ ގޮތުން ސަންގު ފުމެނީ އެ ރަށުގެ ކުޑަ މިސްކިތް ކުރިމަތީގަ އެވެ. އެ މިސްކިތް ހުންނަނީ ރަށުގެ މެދެއްހާ ހިސާބުގަ އެވެ. އެހެން ކަމުން އެ ސަރަހައްދުގެ ގެ ތަކަށް ސަންގު ފުމޭ އަޑު ސާފުކޮށް އިވޭއިރު އެންމެ ދުރުގައި ހުންނަ ގޭގެ ދޮރު މައްޗަށް އެ އަޑު ދާ ކަމަށް އެ ރަށު ޒުވާނާކު ކިޔައިދިނެވެ. އިހު ޒަމާނުގައި ސަންގު ފުމުން މީގެ 40 އަށް އަހަރު ކުރިޔަށް ބަލާއިރު، އެޒަމާނުގައި ރޭޑިޔޯއެއް ހުންނާނީވެސް މަދު ގެއެއްގަ އެވެ. އާންމުކޮށް ރާއްޖޭގެ ބައެއް ރަށްރަށުގައި ގަޑިއެއްވެސް ހުންނަނީ މިސްކިތްތަކާއި، ރަށު އޮފީހުގަ އެވެ. ޓީވީ، އޭރު އަދި ގިނަ ދިވެހިން ހަމަ ލޮލުންވެސް ނުދެކޭނެ އެވެ. އެހެންކަމުން، ރޯދަ ވީއްލަންވެއްޖެކަން އަންގަނީ ރަށު އޮފީހުންނެވެ. ކޮންމެ ދުވަހަކު، އިރު އޮއްސެން ކައިރިވީމާ، ރަށުގެ މެދުތެރޭގައި ހުންނަ އެންމެ ދިގު ރުކަށް ރަށު އޮފީހުގެ ޕިޔޯނު ސަންގެއް ހިފައިގެން އަރާނެ އެވެ. އޭނާގެ ކަމަކީ އިރު ފެނުޖެހޭތޯ ބެލުމެވެ. އިރު އޮއްސިއްޖެކަން މުޅިން އޭނާއަށް ޔަގީންވުމުން، ރުކުކުރީގައި އޮވެފައި އޭނާ ފަސް ފަހަރު ސަންގުފުމެ އެވެ. އެހިސާބުން ރަށު އެންމެން ރޯދަވީއްލާނެ އެވެ. އޮމަދޫއިން މި އިއާދަ ކުރަނީ އެ ތާރީހެވެ. އޮމަދުއަށް ރޯދަ މަހެއް އައިކަމަށް ވަނީ ސަންގު ފުމުނީމަ އެވެ.
ރޯދަމަހު އިރުއޮއްސިއްޖެކަން އަންގަން ސަންގުފުމޭ ރަށެއް!
އެކަށީގެން ނުވާ ހާލަތުގައި ހުރި ކަރަންޓީނު ފެސިލިޓީއެއްގައި ތިބި ހުރިހާ ބިދޭސީން ސަން ސިޔާމުގެ ރިސޯޓަކަށް މިހާރު ބަދަލުކޮށްފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީއިން ބުނެފި އެވެ. ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާ ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މަރިޔަމް ނާޒިމާ ވިދާޅުވީ ދައުރުވަމުންދާ ވީޑިއޯގައި ފެންނަ ކަރަންޓީނު ފެސިލިޓީއަކީ އެކަށީގެންވާ ތަނަކަށް ނުވާތީ އެމީހުން މިހާރު ސަން ސިޔާމުގެ ރިސޯޓަކަށް ބަދަލުކޮށްފައިވާ ކަމަށެވެ. "ކަރަންޓީނު ފެސިލިޓީގައި ހުރި ކަންތައްތަކެއްވެސް ވީޑިއޯއަކަށް އެބައުޅޭ ގޮސްގެން. އެކަންތަކުގައި އެބޭފުޅުން ތިބި ކަރަންޓީނު ފެސިލިޓީ ވަރަށް އެހެންކަހަލަ ހާލަތެއްގައި ހުރިތަނެއް ވީމަ މިއަދު އެތާގަ ތިބި ހުރިހާ ނެޝަނަލިޓީއެއްގެ ބޭފުޅުންވެސް ސަން ސިޔާމުގެ ކޮންމެވެސް ރިސޯޓަކަށް މިއަދު ވަނީ ބަދަލު ކޮށްފި." ނާޒިމާ ވިދާޅުވި އެވެ. ކޮމިޓީގައި ގައްދޫ ދާއިރާގެ މެމްބަރު އަހުމަދު ޒާހިރު ވިދާޅުވީ ރާއްޖޭގައި މަސައްކަތް ކުރަމުންދާ ސްރީލަންކާގެ މަސައްކަތްތެރިންވެސް އުޅެމުން ދަނީ ވަރަށް ހާލުގައި ކަމަށެވެ. އެގޮތުން އެމީހުންނަށް ކާބޯތަކެތިވެސް ނުލިބޭ ކަމަށާއި ތަކެތި ގަންނަން ދިއުމުން ފިހާރަތަކުން ދިވެހިންނަށް ވިއްކާފައި ބާކީވާ ތަކެތި ނޫނީ ނުލިބޭނެ ކަމަށް ބުނެފައިވާ ކަމަށެވެ. އެ އަމަލުތައް ފެންނަ ވީޑިއޯއެއް ސްރީލަންކާގެ މަސައްކަތްތެރިން ސޯޝިއަލް މީޑިއާގައި އާންމުކޮށް އާދޭހާ އެކު ގައުމަށް ގެންގޮސްދޭން އެދިފައިވާ ކަމަށް މެމްބަރު ޒާހިރު ވިދާޅުވި އެވެ. އަދި އެމީހުން ފޮނުވާލެވޭނީ ކޮންއިރަކުތޯ ޒާހިރު ސުވާލު ކުރެއްވި އެވެ. ނާޒިމާ ވިދާޅުވީ ހުރިހާ ގައުމެއްގެ މީހުންވެސް ގައުމަށް ދާން ބޭނުންވާ މީހުންނަށް އެ ފުރުސަތު ހޯދައި ދިނުމަށް ފޮރިން މިނިސްޓްރީއާ ގުޅިގެން މަސައްކަތް ކުރަމުން ދާ ކަމަށެވެ. އެކަމަކު ބޯޑަރުތައް ބަންދު ކުރުމާ ގުޅިގެން އެކަން ހުއްޓިފައި އޮތް ކަމަށް ވިދާޅުވި އެވެ. ބިދޭސީންނަށް ކާބޯތަކެތި ފޯރުކޮށްދިނުމުގައި ޑެލިވަރީގެ ހުރި މައްސަލަތަކާހެދި ލަސްތަކެއް އުޅޭ ކަމަށާއި އެއަށްވުރެ ސްޕީޑްއަޕް ކުރެވޭނެ ގޮތަކަށް ކަންކަން ކުރެވޭތޯ ބަލަމުން ދާ ކަމަށް ނާޒިމާ ވިދާޅުވި އެވެ.
ކަރަންޓީނު ކުރި ބިދޭސީން ސަން ސިޔާމުގެ ރިސޯޓަކަށް ބަދަލުކޮށްފި
ކޮރޯނާވައިރަހަަށް ޕޮޒިޓިވްވީ މީހެއްގެ ޑައިރެކްޓް ކޮންޓެކްޓަކަށް ވެގެން ހއ. ތަކަންދޫއިން ސާމްޕަލް ނެގި ފަސް އަހަރުގެ ކުއްޖަކު ބައްޔަށް ޕޮޒިޓިވްވި އެވެ. އެއަށް ފަހު ދެން ހެދި ޓެސްޓުން އޭނާ ނެގެޓިވްވި އެވެ. ޔަގީން ކުރަން ތިން ވަނަ ފަހަރަށް ޓެސްޓް ހެދުމުން ވެސް އޭނާވީ ނެގެޓިވް އެވެ. ނ. މަނަދޫއަށް ނިސްބަތްވާ 83 އަހަރުގެ މީހެއްވެސް ފުރަތަމަ ހެދި ޓެސްޓުން ޕޮޒިޓިވްވި އެވެ. އެކަމަކު ދެވަނަ ޓެސްޓުން ވީ ނެގެޓިވް އެވެ. ޔަގީން ކުރަން ތިން ވަނަ ޓެސްޓް ހެދުމުން ލިބުނީ ޕޮޒިޓިވް ނަތީޖާ އެކެވެ. މިޒާތުގެ އެންމެ ފަހުގެ ކޭހަކީ، މިދިޔަ ހުކުރު ދުވަހު އައްޑޫއިން މާލެ ފޮނުވި ބަލިމީހަކު ވެސް އައިޖީއެމްއެޗަށް ގެނެސް ޓެސްޓް ހެދުމުން ޕޮޒިޓިވްވުމެވެ. އެކަމަކު، ދެވަނަ ޓެސްޓުން އޭނާވީ ނެގެޓިވް އެވެ. އަދި އިތުރަށް ބެލި ބެލުންތަކަށް ފަހު، އޭނާ އަކީ ބަލި ނެތް މީހެއް ކަމަށް ނިންމި އެވެ. ފުރަތަމަ ޓެސްޓްގެ ނަތީޖާ އެއީ ނުބައި، ނޫނީ "ފޯލްސް ޕޮޒިޓިވް" އަކަށްވީ އެވެ. މިވަނީ ކިހިނެއް ހެއްޔެވެ؟ މިކަމަކާ ހުރެ ބައެއް މީހުން ޝައްކާއި ވަހުމް އުފެއްދީ ރާއްޖޭގައި ޓެސްޓް ހަދާ ގޮތާ މެދު އެވެ. އަދި އެ ޓެސްޓްތަކަށް އިތުބާރު ކުރެވޭނެތޯ ބައެއް މީހުން ސުވާލު ކުރި އެވެ. އެކަމަކު މިއީ ރާއްޖޭގައި އެކަނި ދިމާވެގެން އުޅޭ މައްސަލައެއް ނޫނެވެ. ހުރިހާ ގޮތަކުން ވެސް ތަހުޒީބުގެ އެންމެ ކުރީގައި އުޅޭ ސިންގަޕޫރުގައި، ބަލި ނެތް 30 މީހެއްގެ ޓެސްޓް ޕޮޒިޓިވްވީ މައްސަލައެއް އިއްޔެ ފެންމަތިވި އެވެ. އަދި ކޮރޯނާވައިރަހުގެ މަސައްކަތުގައި ނަމޫނާ ގައުމެއްގެ ގޮތުގައި ބަލާ ސައުތު ކޮރެއާގައި ވެސް މިކަހަލަ އެތައް ސަތޭކަ ކޭސްތަކެއް ވަނީ ފެންމަތިވެފަ އެވެ. ބަލި ނެތް މީހުންގެ ބަލި ހުރި ކަމަށް ޓެސްޓުން ދެއްކުން، "ފޯލްސް ޕޮޒިޓިވް" އަދި ބަލި ހުރި މީހެއްގެ ބަލި ނެތް ކަމަށް ޓެސްޓުން ދެއްކުން، "ފޯލްސް ނެގެޓިވް"ގެ މައްސަލަތައް މުޅި ދުނިޔޭގެ ހުރިހާ ގައުމެއްގައިހެން ކުރިމަތިވަމުން މި އަންނަނީ ކީއްވެ ހެއްޔެވެ؟ ސާމްޕަލް ނެގޭގޮތާއި ގެންގުޅެވޭ ގޮތް ގޯސްވެދާނެ! ކޮރޯނާވައިރަހުގެ އާއިލާއިން އުފަންވި ވައިރަހަކުން ޖެހޭ ކޮވިޑް-19 ހުރި މީހުން ދެނެގަތުމަށް ޓެސްޓް ހަދާ ގޮތް ވެސް ތަފާތެވެ. މި ވައިރަހުގެ ޓެސްޓު ހެދުމަށް ބޭނުން ކުރަނީ މޮލިކިއުލާ ޓެސްޓުތަކެވެ. ދުނިޔޭގެ ބޮޑެތި ފާމަސޫޓިކަލް ކުންފުނިތަކުން، މި ޓެސްޓްތައް ހެދޭނެ ކިޓުތައް އުފައްދާ ވަނީ ބާޒާރަށް ނެރެފި އެވެ. މިފަދަ ކިޓްތަކުން ވައިރަސް ހުރިކަން ދެނެގަންނަނީ، ނެގޭ ސާމްޕަލުން ޑީއެންއޭ ވަކިކޮށް، އޭގައި ހުންނަ ވައިރަހުގެ ސިފަތައް ހޯދައިގެންނެވެ. ކޮވިޑަށް ޓެސްޓު ހެދުމަށް ސާމްޕަލް ނަގަނީ ނޭފަތުގެ އެންމެ އެތެރެއިން އަދި ކަރުގެ ބުޑުންނެވެ. އެމެރިކާގެ ޓެނެސީގެ ވެންޑާބިލްޓް ޔުނިވާސިޓީގެ މެޑިކަލް ސެންޓަރުގެ އިންފެކްޝަސް ޑީޒީޒް ސްޕެޝަލިސްޓް ޑރ. ވިލިއަމް ޝެފްނާ ވިދާޅުވެފައިވާ ގޮތުގައި ކޮރޯނާވައިރަސް ހުރި ނަމަ އޭގެ އޭއާރުއެންއޭ ލިނޭބީ އެ ހިސާބުންނެވެ. "ނޭފަތުގެ ކުރީކޮޅުން އެއް ނޫން، ވަރަށް އެތެރެއިން ސާމްޕަލް ނަގަން ޖެހޭނީ. ސާމަލްގައި އޮންނަ މިއުކަސް [މަޑުކޮޅު] މި ވަކިކޮށްލަނީ ލެބަށް ފޮނުވައިގެން. ދެން މޮލިކިއުލާ ޓެކްނޮލޮޖީ ބޭނުންކޮށްގެން މި ބަލަނީ އޭގައި ވައިރަސް ހުރިތޯ ނެތްތޯ،" ޝެފްނާ ވިދާޅުވި އެވެ. ކޮވިޑަށް ނޭފަތު ތެރެއިން ކަރުގެ ބުޑުން ސާމްޕަލް ނަގަނީ: ކަރުބުޑުން ސާމްޕަލް ނަގަނީ ޓެސްޓުކުރުމަށް ބޭނުންވާ މިއުކަސް ލިބެނީ އެ ސަރަހައްދުން ކަމަށްވާތީ -- އިލުސްޓްރޭޓް/ މެޑްވިސުއަލްސް އޭނާ ވިދާޅުވި ގޮތުގައި އެހިސާބުން ނަގާ ސާމްޕަލްތަލްކުގައި ވަރަށް ކުޑަކޮށް ވައިރަސް ހުރުމުން ވެސް ފޯލްސް ނެގެޓިވް އައުމުގެ ފުރުސަތު އޮވެ އެވެ. އަދި ސާމްޕަލް ނަގާ ގޮތަކުންވެސް ފޯލްސް ނެގަޓިވުން އެކަށީގެންވާ ކަމަށް އޭނާ ވިދާޅުވި އެވެ. ޕެތޮލޮޖީ އެންޑް ލެބޯޓަރީ މެޑިސިން ޕްރޮފެސާ ޑރ. ލޯ ހާރޯޑް ހިލްބާން ވިދާޅުވި ގޮތުގައި އަސްލު ނަތީޖާއެއް ލިބުމުގެ 30 ޕަސަންޓް ބިނާވެފައި އޮންނަނީ، ސާމްޕަލް ނަަގާ ގޮތުގެ މައްޗަށެވެ. ޑރ. ހިލްބާން ވިދާޅުވާ ގޮތުގައި، ނުބައި ނަތީޖާއެއް ނިކުންނަ އަނެއް ގޮތަކީ ސާމްޕަލް ނަގައި ލެބޯޓަރީއާ ހަމަށް ސާމްޕަލް ދިޔުމުގެ މަރުހަލާގެ ތެރޭގައި ސާމްޕަލް ހޭންޑުލް ކުރެވޭ ގޮތުގައި މައްސަލަތަކެއް ހުރުމެވެ. އެކަން ކުރަން ނުޖެހޭ ގޮތަކަށް ކުރެވުމުން ސާމްޕަލް ކޮންޓެމިނޭޓްވެ، ނަތީޖާއަށް އޭގެ އަސަރު ކުރެ އެވެ. "ސާމްޕަލް ނެގުމަށް އޯޑާ ކުރާ ހިސާބުން، ސާޕްލް ނެގުމާއި، ސާމްޕަލް ނެގުމަށްފަހު އެއްތަނުން އަނެއްތަނަށް ސާމްޕަލް ގެންދާ ގޮތާއި ލޭބާ ހަމަށް ސާމްޕަލް ދިޔުމުގައި ހެދޭ ގޯހަކުންވެސް ފޯލްސް ނެގަޓިވް ވުމުގެ ފުރުސަތު އޮވޭ،" ހިލްބާން ވިދާޅުވި އެވެ. އެއްވެސް ޓެސްޓެއް އަބަދު މުޖައްރިބެއް ނުވާނެ! ހިލްބަން ވިދާޅުވި ގޮތުގައި އެއްވެސް ޓެސްޓަކީ 100 ޕަސެންޓް މުޖައްރިބު އެއްޗެއް ނޫނެވެ. އެންމެ އިތުބާރު ކުރެވޭ ޓެސްޓެއްގައިވެސް ނުބައި ނަތީޖާއެއް ނިކުތުމުގެ ފުރުސަތު އޮންނާނެ އެވެ. އެއީ އެއްކޮށް ނައްތާލެވޭނެ ކަމެއް ނޫނެވެ. "ދިރާސާތަކުން ދައްކާގޮތުން ސާމަޕަލްގެ ސެންސިޓިވިޓީ އަކީ 60-75 ޕަސެންޓް. މާނައަކީ، ސާމްޕަލް ލެބޯޓަރީއަށް ފޮނުވުމަށްފަހު، ބަލި ހުންނަ މީހަކު ޓެސްޓަށް ޕޮޒިޓިވް ނުވުމުގެ 25 ޕަސަންޓާއި 40 ޕަސަންޓް އޮވެދޭނޭ،" ފޯލްސް ނެގެޓިވްވާ ގޮތް އޮޅުން ފިލުވައިދެމުން، ޑރ. ހިލްބަން ވިދާޅުވެފައިވެ އެވެ. ޗައިނާގެ ޑޮކްޓަރުން މިދިޔަ ފެބްރުއަރީ މަހުތެރޭ ހަދާފައިވާ ސާވޭއަކުން ދައްކާ ގޮތުން، އެ ގައުމުގައި ކޮރޯނާ ޖެހިފައި ތިބި 213 މީހުންގެ މެދުގައި ހެދި ދިރާސާއިން ދައްކަނީ ސާމްޕަލެއް ފޯލްސް ނެގަޓިވްވުމުގެ ރޭޓް 30 ޕަސެންޓް އޮންނަ ކަމަށެވެ. މާނައަކީ، ކޮވިޑަށް ޖެހިފައިތިބި 100 މީހުންގެ ތެރެއިން 14 މީހުންގެ ގައިގައި ވައިރަސް ހުރި ނަމަވެސް ނަތީޖާ ދައްކަނީ އެ މީހުން ކޮވިޑަށް ނެގެޓިވް ކަމެވެ. ކޮރޯނާވައިރަހަށް ޕޮޮޒިޓިވްވެފައިވާ ސާމްޕަލްއެއް: އެއްވެސް ޓެސްޓަކީ މުޖައްރިބު ޓެސްޓެއް ނޫން --- ފޮޓޯ/ އޭއޭ.ކޮމް ފަހުގެ ތަފާސްހިސާބުތަކާ ހަވާލާދީ، ފޯބްސްގައި ރިޕޯޓުކޮށްފައިވާ ގޮތުން އެމެރިކާގައި ހަދާ ޓެސްޓުތަކުގެ ތެރެއިން ގާތްގަނޑަކަށް 15 ޕަސަންޓް މީހުންގެ ޓެސްޓް ފޯލްސް ނެގެޓިވްވެ އެވެ. މާނައަކީ، 100 މީހުންގެ ތެރެއިން 15 މީހުންނަކީ ވައިރަސް ހުރި ނަމަވެސް ޓެސްޓްތަކުން ނެގެޓިވްވާ މީހުންނެވެ. ޓެސްޓް ކުރުން ގިނަވެ، ކޮންޓެމިނޭޓްވުން! ޓެސްޓެއްގެ ނަތީޖާ ފޯލްސް ނެގެޓިވްވުމުގެ ފުރަސަތު ބޮޑު ނަމަވެސް، ފޯލްސް ޕޮޒިޓިވްވުމުގެ ފުރުސަތު ވަރަށް ކުޑަ އެވެ. ކެނެޑާގެ ސައިންޓް ބޮނިފޭސް ހޮސްޕިޓަލުގައި މެޑިކަލް މައިކްރޯބައިލޮޖިސްޓެއްގެ ގޮތުގައި މަސައްކަތް ކުރައްވާ ޑރ. ފިލީޕޭ ލަގާސޭ-ވިއެންސް ވިދާޅުވާ ގޮތުގައި މަދު އަދަދަކަށް ޓެސްޓް ކުރާ އިރު، ފޯލްސް ޕޮޒިޓިވްވުމަކީ ވަރަށް ނާދިރު ކަމެއް ކަމަށެވެ. "ނަމަވެސް ގިނަ އަދަދަކަށް ޓެސްޓު ހަދާއިރު، ފޯލްސް ޕޮޒިޓިވްވުމަކީ ދުނިޔޭގެ ކޮންމެ ތަނެއްގައިވެސް ދިމާވާ ކަމެއް،" ކެނެޑާގެ މަނިޓޮބާ ޔުނިވާސިޓީގައި އެސޯސިއޭޓް ޕްރޮފެސަރެއްގެ ގޮތުގައިވެސް މަސައްކަތް ކުރައްވަމުން އަންނަ ޑރ. ފިލީޕޭ ލަގާސޭ-ވިއެންސް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، އެހާ ގިނައިން ޓެސްޓުތައް ހަދާއިރު، ކިތަންމެ ރަނގަޅު މެޝިނެއް ނަމަވެސް އެއް ސާމްޕަލް އިން އަނެއް ސާމްޕަލަށް ވައިރަސް ދިޔުމުގެ ނުވަތަ "ކްރޮސް ކޮންޓިމިނޭޓް" ވުމުުގެ ހަނި ފުރުސަތުތަކެއް އޮންނަ ކަމަށެވެ. އަދި އެއީ ފޯލްސް ޕޮޒިޓިވްވުމަށް ދިމާވާ އެންމެ ބޮޑު ސަބަބު ކަމަށް ބެލެވޭ ކަމަށް އޭނާ ވިދާޅުވި އެވެ. ކޮވިޑް-19 އަށް ޓެސްޓް ކުރަނީ: ޓެސްޓްގެ ނަތީޖާ ނުބައިވުމުގެ ފުރުސަތު އޮވޭ -- އެގޮތުން މެޝިނުން ޓެސްޓްކުރުމުގައި ސާމްޕަލްތައް ކްރޮސް ކޮންޓެމިނޭޓް ވުމުގެ ފުރުސަތު އޮންނަނީ ވައިރަސްގެ އަސަރު ވަރަށް ގަދަ އަށް ހުރި ސާމްޕަލްއެއް ފޯލްސް ޕޮޒިޓިވްވި ސާމްޕަލްއާ ޖެހިގެން ހުރުމުގެ ސަބަބުން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ ހާލަތުގައި ފޯލްސް ޕޮޒިޓިވްވި ސާމްޕަލް ކޮވިޑަށް ޕޮޒިޓިވްވިކަން ދައްކާނީ ވަރަށް "ވީކް ޕޮޒިޓިވް"ކޮށް ކަމަށް އޭނާ ވިދާޅުވި އެވެ. މާނައަކީ އެ ސާމްޕަލް ކޮވިޑަށް ޕޮޒިޓިވް ވުމުގެ ފުރުސަތު ހަނިވުމެވެ. ނޫނީ ކިރިޔާ ކިރިޔާ ޕޮޒިޓިވް ކަމަށް ދެއްކުމެވެ. "ކިރިޔަ ކިރިޔާ މިގޮތަށް ނަތީޖާ ޕޮޒިޓިވްވާނަަމަ، ދެވަނަ ޓެސްޓެއް ހަދަން ޖެހޭ ކަމުގެ ހިންޓެއް އެއީ. އަދި އެއާ ޖެހިގެން ހުރި ސާމްޕަލް ވަރަށް ވަރުގަދައަށް ޕޮޒިޓިވްވެފައި ހުރި ނަމަވެސް ބަލަން ޖެހޭނީ މިގޮތަށް،" އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، ފޯލްސް ޕޮޒިޓިވްއަށް ޝައްކު ކުރެވިގެން ލެބްތަކުގައި އަމަލު ކުރަމުންދާ ގޮތަކީވެސް މިއީ ކަމަށެވެ. ބައެއް ސިއްހީ މާހިރުން ވިދާޅުވާ ގޮތުގައި، ސާމްޕަލް ނަގާއިރުވެސް އަދި ލެބްތެރެއިންވެސް ކްރޮސް ކޮންޓިމިނޭޓް ވުމުގެ ފުރުސަތު އޮވެ އެވެ. ފޯބްސްގައި ރިޕޯޓުކޮށްފައިވާ ގޮތުން ކޮންމެ ޓެސްޓެއްގައިވެސް ފޯލްސް ޕޮޒިޓިވްވުމުގެ ޕުރުސަތަކީ އެއް ޕަސަންޓެވެ. ރާޖޭގައި ހަދާ ޕީސީއާރު ޓެސްޓް ރަނގަޅުތަ؟ މާފުށީ ޖަލުގައި ކޮވިޑް ޓެސްޓު ހެދުމަށް ސާމްޕަލް ނަގަނީ: ރާއްޖޭގައި މި ވައިރަހަށް ހަދާ ޓެސްޓަކީ ޕީސީއާރު ފޮޓޯ/ ކަރެކްޝަންސް ރާއްޖޭގަައި ކޮވިޑަށް ހަދާ ޓެސްޓަކީ މޮސްޓް ޕޮލިމެރޭސް ޗައިން ރިއެކްޝަން (ޕީސީއާރު) ޓެސްޓެވެ. މިއީ ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް މިކަމަށް ގެންގުޅޭ އެންމެ އާންމު ޓެސްޓެވެ. އެންއީއޯސީގެ ޓެކްނިކަލް އެޑްވައިޒަރީ ގުރޫޕު (ޓެގް)ގައި މަސައްކަތް ކުރައްވާ ޑރ. ނަޒްލާ ރަފީގު ވިދާޅުވި ގޮތުގައި، ޓެސްޓު ހެދުމުގައި ބަލަނީ އެ ޓެސްޓެއްގައި "ސެންސިޓިވިޓީ އަދި ޕެސިފިސިިޓީ" އަށެވެ. މާނައަކީ ކޮވިޑް ޖެހިފައި ތިބި މީހުންގެ ތެރެއިން ނިސްބަތުން ކިތައް ޕަސެންޓް މީހުން، ޓެސްޓަކަށް ޕޮޒިޓިވް ވޭތޯ ބެލުމެވެ. އަދި ކޮވިޑް ނުޖެހި ތިބި މީހުންގެ ތެރެއިން ނިސްބަތުން ކިތައް ޕަސަންޓް މީހުން ޓެސްޓުން ނެގަޓިވްކަން ދައްކާތޯ ބެލުމެވެ. ޕީސީއާރު ޓެސްޓަކީ ޓެސްޓު ހެދުމުގައި ބަލާ މިންގަނޑުތަކުން ބަލާއިރުވެސް އިތުބާރު ކުރެވޭ މަތީ ޕަސެންޓޭޖެއްގެ ޓެސްޓެއް ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ. "ކޮންމެ ޓެސްޓެއްގައިވެސް އުޅޭނެ ކުޑަ ޕަސަންޓޭޖެއް [ނަތީޖާ ފޯލްސްވުމުގެ]. ލޯވަސް އިޒް 100 ޕަސަންޓް. އެހެންވީމަ ޓެސްޓް އަހަރުމެން ސެލެކްޓް ކުރަނީ ސެންސިޓިވިޓީއާއި ޕެސިފިސީޓީ ވީހާވެސް މަތިކޮށް ހުންނަ ޓެސްޓުތައް. ޕީސީއާރު އަކީ އެގޮތަށް ވަރަށް މަތީ ޕަސަންޓެއް ހުރި ޓެސްޓެއް، އެކަމަކުވެސް އޭގައިވެސް ހަނި ފުރުސަތު އޮވެދާނެ ފޯލްސް ނެގަޓިވް އަދި ފޯލްސް ޕޮޒިޓިވް އައުމުގެ،" ޑރ. ނަޒްލާ ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ، ރާއްޖޭގައި މިގޮތަށް ކަންކަން ނުވުމަށްޓަކައި ވަރަށް ބޮޑަށް ކަންކަން މެއިންޓެއިންކޮށްގެން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެެވެ. އެގޮތުން ލެބްގެ ސްޓޭންޑަަޑްތައް ހިފަހައްޓައި ސާމްޕަލް ނަގަނީ އެކަމަށް ގާބިލް، ތަމްރީން ލިބިފައި ތިބި ޓެކްނީޝަނުން ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ. އައްޑޫ މީހާގެ ކޮވިޑް ނެތްކަން ޔަގީންކުރި! ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް ވާހަކަ ދައްކަވަނީ ---- ފޮޓޯ/ އެންއީއޯސީ މިހާރު ބައެއް ރައްޔިތުންގެ ހިތުގައި އުފެދޭނެ ނުތަނަވަސް ކަމަކީ، ފޯލްސް ޕޮޒިޓިވްވި އައްޑޫ މީހާގެ ގައިގައި ހަގީގަތުގައިވެސް ވައިރަސް ނެތީ ހެއްޔެވެ؟ ރޭ ދަރުބާރުގޭ، އެންއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އިބްރާހިމް އަފްޒަލް އެ ސުވާލަށް ޖަވާބު ދެއްވަމުން ވިދާޅުވީ، ދެވަނަ ޓެސްޓަކީ ނެގެޓިވްކަން ވަރަށް ބޮޑަށް ޔަގީން ކުރެވޭ ކަމަށެވެ. "އަޅުގަނޑުމެންނަށް އޭނާގެ ދެވަނަ ޓެސްޓް ނެގެޓިވްކަން ވަރަށް ބޮޑަށް ކަށަވަރު. ފުރަތަމަ ސާމްޕަލްގައި ޕޮޒިޓިވްކަން ދެއްކުން އެއީ އިޓް ހެޕެންސް ރެއާލީ [މަދުން ނަމަވެސް] ވާކަމެއް އެއީ،" ޑރ. އަފްޒަލް ވިދާޅުވި އެވެ. އަފްޒަލްވެސް ވިދާޅުވީ، ލެބް ޓެސްޓިންގައި ފޯލްސް ޕޮޒިޓިވް ވުމަކީ އަބަދުވެސް އޮންނަ ފުރުސަތެއް ކަމަށާއި އެ ހަގީގަތް އެންމެން ވެސް ގަބޫލު ކުރަން ޖެހޭ ކަމަށެވެ. މިފަދަ ކަންކަމުގައި އިތުރަށް ކުރެވޭނެ ކަމަކީ، އެކަން ނުވުމަށް ހަރުދަނާ ފިޔަވަޅުތައް އަޅައި އެފަދަ ކަމެއް ނުވާނެ ގޮތަށް އިތުރު ފިޔަވަޅުތައް އެޅުން ކަމަށެވެ. އަދި ރާއްޖޭގައި އެކަން ކަންބޮޑުވާ ދަރަޖައަކަށް ނުދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ބަލި ރަނގަޅުވާ ފަހުންވެސް ޕޮޒިޓިވްވެދާނެ! ކޮވިޑް-19ގެ ބަލި ޖެހިފައިވާ މީހުން ރަނގަޅުވި ކަމަށް ބަލަނީ، އެ މީހުންގެ ބަލީގެ އަލާމާތްތައް ފިލައި ދެ ސާމްޕަލް ނެގެޓިވްވުމުންނެވެ. އެހެން ނަމަވެސް، ސައުތު ކޮރެއާގައި ބަލި ރަނގަޅުވެ ދޫކޮށްލި 100 އެއްހާ މީހުން އަނެއްކާ ބައްޔަށް ޕޮޒިޓިވްވެފައިވެ އެވެ. އެކަމާ ގުޅިގެން، ފުރަތަމަ ބެލެވުނީ ބަލި ފަސޭހަވާ މީހުންނަށް އަނެއްކާ ދެވަނަ ފަހަރަށް ވައިރަސް ޖެހެނީ ކަމަށެވެ. އެހެންވެ، ކޮވިޑް-19 އަށް އިންސާނުން އިމިއުން ވާ ކަމާ މެދުވެސް ސުވާލު އުފެދުނެވެ. މިކަހަލަ ކޭސްތަކާ އެކު އެކަން އޮތީ އަދިވެސް ސުވާލުތަކެއްގެ ތެރޭގަ އެވެ. އެހެން ނަމަވެސް، މިފަހުން ޑަބްލިއުއެޗްއޯގެ އިސްނެގުމަކަށް ހެދި ދިރާސާއަކާ ހަވާލާދީ އޭއެފްޕީގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ބަލި ޖެހުމަށް ފަހު ފުއްޕާމޭ ރަނގަޅުވަމުންދާ އިރު މަރުވެފައިވާ ނުވަތަ ގެއްލުންވެފައިވާ އެތިކޮޅުތައް ފުއްޕާމެއިން ބޭރުކޮށްލަ އެވެ. އަދި ވައިރަހުގެ ޓެސްޓުތައް ޕޮޒިޓިވް ވަނީ އެތަކެތީގެ އަސަރު ކަރުތެރޭގައި ހުރުމުގެ ސަބަބުން ކަމަށް ވެދާނެ އެވެ. ކޮރޯނާ ވައިރަހަށް ޓެސްޓް ކުރަނީ -- ފޮޓޯ/ އޭއެފްޕީ ޑަބްލިޔުއެޗްއޯގެ ހެލްތް އެމާޖެންސީސް ޕްރޮގްރާމްގެ އެޕިޑެމިއޮލޮޖިސްޓެއް ކަމަށްވާ މާރިއާ ވަން ކާހޮވްވެސް ވަނީ ބަލިން ރަނގަޅު ވުމަށް ފަހު އަނެއްކާވެސް ޕޮޒިޓިވްވުމުގެ ފުރުސަތު އޮންނަ ކަމަށް ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި ދެ ވަނަ ފަހަރަށް އެ ޕޮޒިޓިވް ވަނީ ފުއްޕާމޭ ރަނގަޅުވަމުން އަންނަ އިރު ބޭރު ކުރާ، މަރުވެފައިވާ ސެލްތަކުންނެވެ. އަދި އެއީ ވައިރަސް އަލުން ހަށިގަނޑުގައި އެކްޓިވޭޓުވުން ނޫން ކަމަށާއި އޭގެ ސަބަބުން އެހެން މީހުންނަށް ވައިރަސް ނުފެތުރޭނެ ކަމަށް މާރިއާ ވިދާޅުވި އެވެ. އެހެންވެ، މީގެ ކުރިން ބަލި ޖެހުނުކަން ނޭނގި ބަލިން ރަނގަޅުވެފައި ހުރި މީހަކު ފުރަތަމަ ޓެސްޓް ހަދާއިރު ބައްޔަށް ޕޮޒިޓިވް ކަމަށް ދެއްކުމުގެ ފުރުސަތު އޮވެދާނެ އެވެ. އަދި ބަލި ރަނގަޅުވެ ދޫކޮށްލި މީހަކު ދުވަސްކޮޅެއް ފަހުން ޓެސްޓް ކުރާއިރު ޕޮޒިޓިވް ކަމަށް ދެއްކުމުގެ ފުރުސަތު އޮވެދާނެ އެވެ. މިވައިރަހަކީ މުޅިންއާ ޒާތެއްގެ ވައިރަހަކަށް ވުމުން މިކަހަލަ އެތައް ހާލަތެއް ދިމާވެ، ޓެސްޓުން ނުބައި ނަތީޖާއެއް ނުކުތުމުގެ ފުރުސަތު އޮވެދާނެ އެވެ. މިވައިރަހުގެ ކަންކަން ކޮންމެ ގައުމަކުން ވެސް ދަނީ ދަސްކުރަމުންނެވެ. އެހެންވީއިރު، ކޮންމެ ދުވަހަކު ހަދާ އެތައް ސަތޭކަ ޓެސްޓެއްގެ ތެރެއިން، ވަރަށް މަދު އިންސައްތައެއް ނުބައި ވުމަކީ ޓެސްޓަށް އިތުބާރު ނުކުރަންވީ ސަބަބެއް ނޫނެވެ.
ކޮވިޑް ޓެސްޓް ޕޮޒިޓިވް، ނެގެޓިވް، ޕޮޒިޓިވް! މިވީ ކިހިނެއް؟
އައްޑޫއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހާގެ ދެވަނަ ޓެސްޓުން އެ މީހާ ބައްޔަށް ނެގެޓިވް ވުމުން، އައްޑޫގައި އިއްޔެ އިއުލާން ކުރި ލޮކްޑައުން އުވާލައިފި އެވެ. އެޗްޕީއޭގެ އެންގުމަށް އިއްޔެއިން ފެށިގެން އައްޑޫ ލޮކްޑައުން ކުރީ ހިތުގެ މައްސަލައެއްގައި މާލެ ފޮނުވި ބަލި މީހަކު ކޮވިޑް-19 އަށް ޓެސްޓް ހެދިއިރު ޕޮޒިޓިވް ވުމުންނެވެ. އެއާ އެކު އައްޑޫ ލޮކްޑައުން ކުރީ، އިއްޔެއިން ފެށިގެން 14 ދުވަހަށެވެ. އެހެން ނަމަވެސް، އައްޑޫއިން ޕޮޒިޓިވްވީ ބަލި މީހާގެ ޓެސްޓް ދެވަނަ ފަހަރަށް ހެދުމުން އޭނާ ވަނީ ބައްޔަށް ނެގެޓިވްކަން ހާމަވެފަ އެވެ. އެކަމާ ގުޅިގެން އެޗްޕީއޭއިން މިއަދު އައްޑޫ ކައުންސިލަށް ފޮނުވި އެންގުމެއްގައި ބުނީ، އައްޑޫ ލޮކްޑައުންކޮށްފައި ބާއްވަން ޖެހޭ ފަދަ ސަބަބެއް މިވަގުތު ނެތް ކަމަށެވެ. އެހެން ކަމުން ލޮކްޑައުންގެ ފިޔަވަޅުތައް އުވާލުމަށް އަންގާ ކަމަށް ވެސް އެޗްޕީއޭގެ އެންގުމުގައިވެ އެވެ. އެއާ އެކު، ގެއިން ބޭރަށް ނިކުތުމާއި ލަފާފުރުން މަނާކޮށްފައި އޮތް އޮތުން ސިޓީ ކައުންސިލުން މިހާރު ވަނީ އުވާލައިފަ އެވެ. ލޮކްޑައުން އުވާލި ނަމަވެސް، ލޮކްޑައުންގެ ކުރީން އަމަލުކުރަމުން ގެންދިޔަ ގޮތަށް އައްޑޫ ސިޓީގައި އަމަލު ކުރާނެ ކަމަށް ޓާސްކްފޯސް އިން ވަނީ ބުނެފަ އެވެ. އެގޮތުން އައްޑޫގެ އެއް އަވަށުން އަނެއް އަވަށަށް ދަތުރު ކުރުމަށް މަނާ ވާނެ އެވެ. އެއް އަވަށުން އަނެއް އަވަށަށް ދާން ބޭނުންވާ ނަމަ އެކަމަށް ހާއްސަ ހުއްދައެއް ނަގަން ޖެހޭނެ އެވެ. ބައްޔަށް ޕޮޒިޓިވްވެފައިވާ ކަމަށް ބުނެ ދެވަނަ ޓެސްޓު ހެދިއިރު ނެގެޓިވް ވެފައިވާ މީހަކީ ކ. އަނަންތަރާ ރިސޯޓެއްގައި މަސައްކަތް ކުރުމަށް ފަގު މިދިޔަ މާޗު މަހުގެ 30 ވަނަ ދުވަހު މާލެއިން އައްޑޫ އަށް ދިޔަ މީހެކެވެ. އަދި އެކަމާ ގުޅިގެން އެމީހާއާ ކޮންޓެކްޓުވި 26 މީހަކު އެކަހެރިކޮށްފައިވާ ކަމަށް އިއްޔެ އައްޑޫ ސިޓީ ކައުންސިލުން ވަނީ ހާމަކޮށްފަ އެވެ. އޭގެތެރޭގައި ހަތް ޑޮކްޓަރުންނާއި 10 ނަރުހެއް ހިމެނެ އެވެ.
އައްޑޫގެ ލޮކްޑައުން އުވާލައި އާންމު ހާލަތަކަށް ގެނެސްފި
ކޮވިޑް-19 އަށް ފަހު ރާއްޖެ އަލުން ފަތުރުވެރިކަމަށް ހުޅުވާލާއިރު، ޓޫރިސްޓުން ބޭތިއްބުމުގެ ހާއްސަ ހުއްދަ، "ސޭފް ޓޫރިޒަމް ރިސޯޓު ލައިސަންސް" އެއް ދޫކުރުމާއި ރާއްޖެ އަންނަތަނުން ހުރިހާ ޓޫރިސްޓުން ވައިރަހަށް ޓެސްޓް ކުރާ ގޮތަށް ހިމަނާ ރާއްޖޭގެ ޓޫރިޒަމް އަލުން ފެށުމުގެ އުސޫލެއްގެ ޑްރާފްޓެއް އެކުލަވާލައިފި އެވެ. ކޮވިޑް -19 އަށް ފަހު ރާއްޖެ އަލުން ހުޅުވާލުމާ ގުޅޭގޮތުން އިންޑަސްޓްރީގެ ސްޓޭކްހޯލްޑަރުންނާއެކު ކުރެވުނު މަޝްވަރާތަކަށްފަހު ޓޫރިޒަމް މިނިސްޓްރީ އިން އެކުލަވާލާފައިވާ "ސޭފް ޓޫރިޒަމް ގައިޑްލައިން" ޑްރާފްޓުގައި ބުނެފައިވަނީ މި ލައިސަންސް ދޫކުރާނީ ވަކި ޝަރުތުތަކެއް ހަމަވާ ރިސޯޓުތަކަށް ކަމަށެވެ. "ސަން"އަށް ކޮޕީ ލިބިފައިވާ އެ ޑްރާފްޓް ގައިޑްލައިންގައިވާ ގޮތުން ސޭފް ޓޫރިޒަމް ރިސޯޓްގެ ގެސްޓް ރޫމްތަކުގެ 10 ޕަސެންޓު އައިސޮލޭޝަނަށް ކަނޑައަޅަންވާނެ ކަމަށާއި ސްޓާފުންގެ 10 ޕަސެންޓަށްވާ ވަރަށް ސްޓާފުންނަށް ހާއްސަ ކަރަންޓީނު ނުވަތަ އައިސޮލޭޝަން ފެސިލިޓީ ގާއިމް ވެފައި ހުންނަންޖެހޭނެ ކަމަށް ބުނެފައިވެ އެވެ. މީގެ އިތުރުން ގެސްޓުންނަށް ހިދުމަތްދޭ ސްޓާފުންނަކީ ޕީޕީއީ އަޅައިގެން ހިދުމަތްދިނުމަށް ތަމްރީނުވެފައި ތިބޭ މީހުންނަށް ވާންޖެހޭނެ ކަމަށާއި ޑިސްއިންފެކްޓު ކުރުމުގެ މަސައްކަތަށް ސްޓާފުން ތަމްރީނުވެފައި ތިބެންޖެހޭނެ ކަމަށްވެސް ބުނެފައިވެ އެވެ. އަދި ކޮވިޑް19 އަށް ޝައްކު ކުރެވޭ ކޭހެއް ފެނިއްޖެނަމަ ކަންކުރާނެ ގޮތަށް ސްޓާފުން ތަމްރީނު ކުރެވިފައި ތިބެންޖެހޭނެ ކަމަށާއި ރިސޯޓުގައި އެކަށީގެންވާވަރަށް ޕީޕީއީ (އަންގި މާސްކު، ބޫޓުކަވާ އަދި ގައުން) ހުންނަން ވާނެ ކަމަށް ބުނެފައިވެ އެވެ. ލައިސެންސަށް އެދޭ ރިސޯޓުތަކުގައި ނަރުހަކާއި ޑޮކްޓަރަކު ހުންނަންޖެހޭނެ ކަމަށް ބުނެފައިވާއިރު މި ލައިސަންސް ދޫކުރާނީ 50،000 ޑޮލަރުގެ ފީއަކަށެވެ. ޑްރާފްޓް އުސޫލުގައިވާ ގޮތުން ރިސޯޓްތަކަށް ޓޫރިސްޓުން ގެންދާ އުޅަނދުތަކުގައި އެޗްޕީއޭއިން ކަނޑައަޅާ ހާއްސަ އުސޫލުތަކެއް ފުރިހަމަ ވެފައި ހުންނަން ޖެހޭއިރު، އުޅަނދުގައި ޓޫރިސްޓުން ބައިތިއްބަން ޖެހޭނީ އެއް ގޮނޑި ދޫކޮށްފަ އެވެ. އަދި އުޅަނދުގެ ކްރޫއިން ޓޫރިސްޓުންނާ މުއާމަލާތް ކުރުމުގައި އެއް މީޓަރު ބަހައްޓަން ޖެހޭއިރު، އެ މީހުން ފޭބުމުން އެ އުޅަނދެއް ޑިސްއިންފެކްޓް ކުރުން ލާޒިމް ކުރެ އެވެ. މީގެ އިތުރުން ޓޫރިސްޓް ރިސޯޓަށް ފޭބުމާ އެކު ވަގުތުން އެ މީހުން ގެންދަން ޖެހެނީ، އެ މީހެއްގެ ކޮޓަރިއަށެވެ. އަދި އެ މީހަކު ހުންނަ ކޮޓަރިން ސެލްފްސާވިސް ޗެކިން ހެދޭނެ އިންތިޒާމް ހަމަޖައްސަން ޖެހޭނެ ކަމަށް ވެސް ބުނެފައިވެ އެވެ. މީގެ އިތުރުން އެ ޓޫރިސްޓަކަށް އެ މީހެއްގެ ކޮޓަރިން ނިކުމެވޭނީ އެއާޕޯޓްގައި ހެދި ޕީސީއާރު ޓެސްޓްގެ ނަތީޖާ ލިބުމުން ކަމަށް ވެސް ޑްރާފްޓް އުސޫލުގައިވެ އެވެ. ޑްރާފްޓް އުސޫލުގެ އުސްއަލިތައް: ޓޫރިސްޓުން ގެނެވޭނީ، ސޭފް ޓޫރިޒަމް ރިސޯޓް ލައިސަންސް ދޫކުރާ ރިސޯޓްތަކަށް އެކަނި. ލައިސަންސް ފީ 50،000 ޑޮލަރު. ރާއްޖެ ވަނުމުގެ ހުއްދަ ޓޫރިސްޓުންނަށް ދޭނީ، ރާއްޖެ އައުމުގެ ހަތް ދުވަސްކުރިން ހަދާފައިވާ ޕީސީއާރު ޓެސްޓެއްގެ ނަތީޖާ ނުވަތަ އެންޓި ބޮޑީ ޓެސްޓެއްގެ ނަތީޖާ ދެއްކުމުން. ކޮންމެ ޓޫރިސްޓެއްގެ އަތުން ވިސާ ފީއަށް 100 ޑޮލަރު ނަގާނެ. ޓްރެވަލް އިންޝްއަރެންސް ހަދާފައި އޮންނަން ޖެހޭ. ޓޫރިސްޓުން އެއާޕޯޓަށް ފައިބާ ތަނުން ޕީސީއާރު ޓެސްޓް ހަދާނެ. ރިސޯޓްގެ ކޮޓަރިން ނިކުމެވޭނީ ޓެސްޓްގެ ނަތީޖާ ނެގެޓިވްވުމުން. ރިސޯޓްތަކުގައި ހުންނަން ޖެހޭނީ ސެލްފް-ސާވިސް ޗެކިން. ރާއްޖެ އައުމުގެ ހުއްދަ ދެވޭނީ އެންމެ މަދުވެގެން 14 ދުވަހުގެ ޗުއްޓީއެއް ބުކްކުރުމުން. ޖޫންގައި ހުޅުވާލަނީ ސުޕަ ޔޮޓުތަކާއި ޖެޓުތަކުން އަންނަ ޓޫރިސްޓުންނަށް. ކޮމާޝަލް ފްލައިޓުތަކަށް ރާއްޖެ ހުޅުވާލާނީ ޖުލައި މަހު. ކޮވިޑް-19އާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަން އެއްކޮށް ހުއްޓިފައިވާއިރު ފަތުރުވެރިކަމުން ލިބޭ އާމްދަނީ ދަށަށްދާނެތީ ރާއްޖެއަށް މިއަހަރު ލިބޭނެ އާމްދަނީވެސް ބޮޑުތަނުން ދަށަށް ދާނެކަމަށް ވަނީ ލަފާކޮށްފަ އެވެ. ރިސޯތުތައް ހުއްޓި ބައެއް ރިސޯޓުތަކުގެ މުވައްޒަފުންނަށް ޗުއްޓީ ދީފައިވަނީ މުސާރަވެސް ނުލިބޭގޮތަށެވެ. ކޮވިޑްގެ ހާލަތުން އަރައިގަތުމަށް މަސައްކަތް ކުރަމުންދާއިރު، ޓޫރިޒަމްގެ ގައިޑްލައިންގެ ޑްރާފްޓްގައިވާ ގޮތުން ސުޕަ ޔޮޓުތަކާއި ޖެޓުތަކުގައި އަންނަ ފަތުރުވެރިންނަށް ޖޫން މަހު ރާއްޖެ ހުޅުވާލެވޭނެ އެވެ. އެގޮތުން ޖެޓްތަކުން ލޭންޑިން ފީއަކަށް 50،000 ޑޮލަރު އަދި ސުޕަޔޮޓްތަކުން ރާއްޖެ ވަންނަން 10،000 ޑޮލަރު ދައްކަން ޖެހޭނެ ކަމަށް ޑްރާފްޓް ގައިޑްލައިންގައިވެ އެވެ. އެ އުސޫލުގައިވާ ގޮތުން ކޮމާޝަލް ފްލައިޓުތަކަށް ރާއްޖެ ހުޅުވާލާނީ ޖުލައި މަހު ކަމަށްވެސް ބުނެފައިވެ އެވެ. ޕެސެންޖާލައިންތަކަށް ރާއްޖެ އައުމަށް އަދި ހުއްދަ ނުދޭނެ ޑްރާފްޓްގައި ބުނެފައިވެ އެވެ. ކޮވިޑާ ގުޅިގެން މާޗު ފަހުކޮޅުން ފެށިގެން ރާއްޖެއިން ވަނީ އޮން އެރައިވަލް ވިސާ ދޫކުރުން ހުއްޓާލައިފަ އެވެ. ރާއްޖެއަށް ފަތުރުވެރިން ގެނައުމުގެ ޑްރާފްޓް ގައިޑްލައިން އެއް އެކުލަވާލިއިރު، އެ ގައިޑްލައިން ބުނާގޮތުން ޓޫރިސްޓުންނަށް ރާއްޖެ އާދެވޭނީ ކޮވިޑް ޓެސްޓު ހެދުމަށްފަހު އެވެ. އެގޮތުން، ޑްރާފްޓް ގައިޑްލައިންގައި ބުނެފައި ވަނީ، ރާއްޖެ އައުމުގެ ހަތް ދުވަސް ކުރިން ހަދާފައިވާ ޕީސީއާރު ޓެސްޓެއް ނުވަތަ އެންޓި ބޮޑީ ޓެސްޓެއްގެ ނަތީޖާ އެރައިވަލްގައި ހުށަހަޅަން ޖެހޭނެ ކަމަށެވެ. ރާއްޖެ ވަނުމުގެ ފުރުސަތު ދޭނީ އެ ޕީސީއާރު ޓެސްޓް ނެގެޓިވް ވެފައިވާ ނަމަ ނުވަތަ އެންޓި ބޮޑީ ޓެސްޓުން ޕޮޒިޓިވް ނަތީޖާއެއް ދައްކާފައިވާ ނަމަ ކަމަށް އުސޫލުގައިވެ އެވެ. ރާއްޖެ އަށް ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ފުރަތަމަ ދޭނީ، ރާއްޖޭގައި އެންމެ މަދުވެގެން 14 ދުވަހުގެ ޗުއްޓީއެއް ހޭދަކުރާ ނަމަ އެވެ. އަދި ވިސާ ފީގެ ގޮތުގައި 100 ޑޮލަރު ކޮންމެ ޓޫރިސްޓެއްގެ ބޮލަށް ނަގާނެ ކަމަށް ބުނެފައިވެ އެވެ. އަދި އެ މީހާ ޗުއްޓީ ހޭދަކުރަން ބުކިން ހަދާފައި އޮންނަން ޖެހޭނީ ސަރުކާރުން ދޫކޮށްފައިވާ ސޭފް ޓޫރިސްޓު ރިސޯޓެއްގައި ޗުއްޓީ ހޭދަކުރުމަށެވެ. އެއާޕޯޓް އެރައިވަލްގައި އަޅާނެ ފިޔަވަޅުތައް ވެސް އުސޫލުގައިވެ އެވެ. އެގޮތުން، ރާއްޖެ އަންނަ ކޮންމެ ޓޫރިސްޓެއްގެ ޕީސީއާރު ޓެސްޓް އެއާޕޯޓްގައި ހަދާނެ ކަމަށް ވެސް ބުނެފައިވެ އެވެ. އަދި ކޮންމެ ޓެސްޓަކަށް 100 ޑޮލަރުގެ ފީއެއް ޓޫރިސްޓުގެ އަތުން ނަގާނެ އެވެ. މީގެ އިތުރުން ކޮވިޑް އަލާމާތްތައް ކަމަށްވާ، ހުމާއި ރޯގާގެ އަސަރު ހުރިތޯވެސް އެރައިވަލްގައި ބަލާނެ އެވެ. ޓޫރިސްޓުން އެއާޕޯޓްގައި އުޅޭއިރު ހުރިހާ ވަގުތެއްގައި މާކްސް އެޅުން މަޖުބޫރުވާނެ ކަމަށް ވެސް ޑްރާފްޓް ގައިޑްލައިންގައިވެ އެވެ. އެ މީހުންނަށް ހިދުމަތްދޭ އެއާޕޯޓްގެ ހުރިހާ މުވައްޒަފުން ތިބެން ޖެހޭނީ އެއް މީޓަރު ދުރުގައި ކަމަށާއި އެ މީހުން މާސްކް އެޅުމުގެ އިތުރަށް ފޭސް ޝީލްޑް ބޭނުންކޮށް ޑިއުޓީ ނިންމުމަށް ފަހު ޑިސް އިންފެކްޝަން ޕްރޮސީޖާ ފުރިހަމަ ކުރަން ޖެހޭނެ ކަމަށް ވެސް އުސޫލުގައިވެ އެވެ. ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރޭ ވަނީ އޮންލައިންކޮށް ޓޫރިޒަމް ދާއިރާގެ ފަރާތްތަކާ ބައްދަލުކޮށް އެ އުސޫލު އެ ފަރާތްތަކާ ހިއްސާކޮށްފަ އެވެ. އަދި އެ އުސޫލަށް އިންޑަސްޓްރީގެ ހިޔާލަށް މިނިސްޓަރު ރޭ އެދިވަޑައިގެންނެވިކަން އެނގިފައިވެ އެވެ.
ރާއްޖެ ހުޅުވާލުން: ރައްކާތެރި ރިސޯޓް ލައިސެންސާއި ޓޫރިސްޓުން ޓެސްޓްކުރުން!
ދަ ހޭގް (10 މޭ 2020): އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހަނގުރާމައިގެ ޖަރީމާތައް ހިންގައި އިންސާނިއްޔަތާ ޚިލާފު އަނިޔާތައް ކުރަމުން ގެންދާ ކަމުގެ ތުހުމަތުގައި ބައިނަލްއަގްވާމީ ޖިނާއީ ކޯޓަށް ހުށަހަޅާފައިވާ މައްސަލަތައް ތަހްގީގްކުރާތީ އިސްރާއީލުން ކުރިމަތިކުރާ ފިއްތުންތަކަށް ޖެހިލުން ނުވާނެކަމަށް އެކޯޓުން ބުނެފިއެވެ. ބައިނަލްއަގްވާމީ ޖިނާއީ ކޯޓު (އައިސީސީ) ގެ ޕްރޮސެކިއޓަރ ފާތޫ ބެންސޫދާ ވިދާޅުވިގޮތުގައި އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހަނގުރާމައިގެ ޖަރީމާތަކާއި އިންސާނިއްޔަތާ ޚިލާފު އަނިޔާތައް ކުރާކަމަށް ތުހުމަތު ކުރެވޭ މައްސަލަ ބަލާތީ އިސްރާއީލުގެ މަސްއޫލުވެރިން އައިސީސީއަށް ބަހުގެ ހަމަލާތައް ދެއްވާއިރު އިސްރާއީލުގެ މިޑިއާ ގެންދަނީ އެކޯޓަކީ ވަކިފަރާތަކަށް ޖެހިފައިވާ ކޯޓެއްކަމަށް ސިފަކޮށް އެކޯޓުގެ އަގު ވައްޓާލުމުގެ ކޭންޕޭނެއް ހިންގަމުންނެވެ. ބެންސޫދާ ނެރުއްވި ބަޔާނެއްގައި އައިސީސީ ގެ ތަހްގީގްތައް ކުރިޔަށްގެންދަނީ އެކޯޓު ވުޖޫދަށް ގެނައި ރޯމް ޑެކްލަރޭޝަންއާ އެއްގޮތްވާ ގޮތުގެ މަތިންކަން ކަށަވަރުކޮށް ދެއްވާފައިވެއެވެ. އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ހަނގުރާމައިގެ ޖަރީމާތަކާއި އިންސާނިއްޔަތާ ޚިލާފު އަނިޔާތަކުގެ މައްސަލައިގެ ތަހްގީގްތައް ކުރަންފެށިކަން އައިސީސީން އިއުލާނުކުރީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައެވެ. މި ތަހްގީގްތަކާ ގުޅިގެން ފަލަސްތީނުގެ އާންމުންނާ ދެކޮޅަށް ހަނގުރާމައިގެ ޖަރީމާ ހިންގާކަން އިސްރާއީލުގެ އަސްކަރީ ވެރިންނާ އަދި ސިޔާސީ ވެރިންގެ މައްޗަށް ސާބިތު ވެދާނެކަމުގެ ބިރު އިސްރާއީލުން އިހްސާސް ކުރެއެވެ. މިމައްސަލަ ބަލާތީ އެމެރިކާވެސް ގެންދަނީ ކަންބޮޑުވުން ފާޅުކޮށް އައިސީސީ އަށް ބަހުގެ ހަމަލާތައް ދެމުންނެވެ. އިސްރާއީލުން ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް ހަނގުރާމައިގެ ޖަރީމާ ހިންގައި އިންސާނިއްޔަތާ ޚިލާފު އަނިޔާތައް ކުރަމުން ގެންދާ މައްސަލަ ބަލައި ތަހްގީގްކޮށް ދިނުމަށް ފަލަސްތީނުން އައިސީސީ އަށް ހުށަހަޅަން މަސައްކަތް ކުރާތާ ފަސް އަހަރުވަނީ ވެފައެވެ. ފަސް އަހަރަށްފަހު އެމައްސަލަ އައިސީސީން ބަލައިގަތުމުން ފަލަސްތީނުންވަނީ ހިތްހަމަޖެހުން ފާޅުކޮށްފައެވެ. އިސްރާއީލު ގެންދަނީ ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ފަލަސްތީނު ރައްޔިތުން މެރުމުގެ އިތުރުން ފަލަސްތީނުގެ ބިންތައްވެސް ފޭރި ދާއިމީ ގޮތަކަށް އެބިންތަކަށް ވެރިވެ ގަތުމުގެ ޣައިރު ގާނޫނީ ހަރަކާތްތަކެއްވެސް ހިންގަމުންނެވެ. މީގެތެރޭގައި ފަލަސްތީނުގެ ބިންތަކުގައި ގިނަ އަދަދަކަށް ޔަހޫދީން ވަޒަންވެރިކޮށް ޔަހޫދީ ވަޒަންވެރިން ލައްވައި ފަލަސްތީނުގެ އާންމުންނަށް ގޯނާކޮށް ބިރު ދެއްކުން ހިމެނެއެވެ. (ނޫސްއެޖެންސީތައް)
ޖަރީމާތައް ތަހުގީގްކުރާތީ އިސްރާއީލުން ބައިނަލްއަގްވާމީ ކޯޓަށް ބިރު ދައްކަނީ
މި ދަނޑިވަޅުގައި އިދިކޮޅު ޕާޓީގައި ތިބި ނަމަވެސް ސަރުކާރަށް އެއްބާރުލުން ދީ ކޮންމެ ކަމެއް ކުރަން ވެސް ތައްޔާރަށް ހުރި ކަމަށް ޕީޕީއެމްގެ ޑެޕިއުޓީ ލީޑަރު އަދި ތ. ގުރައިދޫ ދާއިރާގެ މެންބަރު މުހައްމަދު ގައްސާނު މައުމޫން ވިދާޅުވެއްޖެ އެވެ. ހަފްތާއެއްގެ މަދުކެނޑުމަކަށް ފަހު މިއަދު މަޖިލީހުގެ ޖަލްސާތައް ވަނީ ވެބް މެދުވެރިކޮށް ވަނީ ފަށާފަ އެވެ ލޮކްޑައުންގެ މި ދުވަސްވަރުގައި ހާލުގައި ޖެހޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުން ގައްސާން ވިދާޅުވީ، އަޅުގަނޑުމެން އެންމެން މިތިބީ ވަރަށް ނާޒުކު ދަނޑިވަޅެއްގައި ކަމަށެވެ. އަދި ކާބޯތަކެތި ލިބުން ވެސް އެންމެ ފަސޭހައެއް ނޫން ކަން ގައްސާން ވިދާޅުވި އެވެ. "ގޭގޭގެ ކުލި މިހާރު މި އޮތީ ނުދެއްކިފައި. އަދި އޭގެ ސަބަބުން ބައެއް މީހުން މަގުމަތި ކުރަމުންދާ ކަމުގެ ހިތާމަވެރި ހަބަރުތައް މިދަނީ ފެތުރެމުން. އަޅުގަނޑުވެސް ގަބޫލު ކުރަން މިކަހަލަ ދުވަހަކަ ވެސް އެއްވެސް މީހަކު ހީ ނުކުރާ ދަނޑިވަޅެއްގައި ދިމާވި ކަމަކަށް ވަރަށް ގިނަ ފިޔަވަޅުތަކެއް މިދަނީ އެޅެމުން،" ގައްސާން ވިދާޅުވި އެވެ ރާއްޖޭގެ އިގްތިސާދަށް ކުރާނެ ކަމަށް ބެލެވުނު އަސަރު މިހާރު މިއޮތީ އައިސް ބައްދަލުކޮށްފައިކަން ފާހަގަކޮށް ގައްސާން ވިދާޅުވީ، މަގުމަތިވަމުންދާ މީހުންގެ މައްސަލަ ހައްލު ކުރުމަށް ހަމައެކަނި އިލްތިމާސްއެއް ކޮށްގެން ފުއްދާލަން ނެތް ކަމަށެވެ. އެގޮތުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާ މި ދަނޑިވަޅުގައި ގަވާއިދަށް ގެނެވޭ ބަދަލަކުން ނުވަތަ މަޖިލީހުން ގާނޫނަށް ބަދަލުގެނައިސްގެން ނަމަވެސް މަގުމަތިވަމުންދާ މީހުނަށް ދާއިމީ ހައްލެއް ހޯދައި ދޭން ޖެހޭ ކަން ގައްސާން ފާހަގަކުރެއްވި އެވެ. "ދިވެހި ރައްޔިތުންނަށްޓަކައި އެންމެން އެއްކޮށް މަސައްކަތްކޮށްގެން މިކަންކަން ހައްލު ކުރަން އެބަ ޖެހޭ. އިއްޒަތްތެރި ރައީސް މިދަނޑިވަޅަކީ އަޅުގަނޑުމެން އެންމެން އިހްސާންތެރިކަން އިސްކުރަންވީ ވަގުތު. ސިޔާސީ ހިޔާލުތަފާތުވުންތައް ދޫކޮށްފައި އަޅުގަނޑުމެން އެންމެންނަކީ އެންމެ ފުރަތަމަ ދިވެހިރައްޔިތުން ކަން ގަބޫލުކޮށްގެން ގައުމަށްޓަކައި މަސައްކަތްކުރަންވީ ވަގުތު އިދިކޮޅު ޕާޓީގައި ތިބި ކަމުގައި ވިޔަސް އަޅުގަނޑުމެން މި ތިބީ ދިވެހި ރައްޔިތުންނަށްޓަކައި އެއްބާރުލުންދީ ކޮންމެ މަސައްކަތެއް ކުރަން ވެސް ﷲ އިރާދަކުރެއްވިއްޔާ ތައްޔާރަށް،" ރައީސް މައުމޫންގެ ދަރިކަލުން ގައްސާން ވިދާޅުވި އެވެ. މިދަނޑިވަޅަކީ ކުރެވޭ ކަންތައްތަކެއްގެ ސަބަބުން ހިތް ހަމަ ޖައްސާލައިގެން ތިބެންވީ ވަގުތެއް ނޫން ކަން ގައްސާން ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ، ނުކޮށް ދޫކޮށްލެވޭ އެންމެ ކަމަކުން މިހާރު ވެސް އަދި ފަހުން ވެސް ދިވެހި ރައްޔިތުންނަށް ކުރިމަތިވެދާނެ ހާލަތަކާއި މެދު ވިސްނަން ޖެހޭ ކަމަށެވެ.
މިވަގުތު ސަރުކާރަށް އެއްބާރުލުންދީ ކޮންމެ ކަމެއް ކުރަން ވެސް ތާއްޔާރު: ގައްސާނު
ޓެރަރިޒަމްގެ މައްސަލައިގައި ސޫދާނުން އެމެރިކާއަށް އެތައް ބިލިއަން ޑޮލަރެއް ދައްކަން އެމެރިކާގެ ސުޕްރީމް ކޯޓުން ހުކުމްކޮށްފި އެެވެ. ކެންޔާ އަދި ޓެންޒޭނިއާގައި ހުރި އެމެރިކާގެ އެމްބަސީތައް 1998 ވަނަ އަހަރު ވަނީ ގޮއްވާލައިފަ އެވެ. އެ މައްސަލައާ ގުޅިގެން އެމެރިކާގެ ސުޕްރީމްކޯޓުން އިއްޔެ ކުރި ހުކުމްގައިވާގޮތުން އެ ހާދިސާގައި ގެއްލުން ލިބުނު ފަރާތްތަކަށާއި ސަރުކާރަށް ޖުމްލަ 10 ބިލިއަން ޑޮލަރު ސޫދާނުން ދައްކަން ޖެހޭނެ އެވެ. އޭގެ ތެރޭގައި 4.3 ބިލިއަން ޑޮލަރު "ޕިއުނިޓިވް ޑެމޭޖާސް"ގެ ގޮތުގައި ދައްކަން ޖެހެ އެެވެ. "ޕިއުނިޓިވް ޑެމޭޖާސް"ގެ ގޮތުގައި ލިބޭ ލާރިން ބޮޑުބައެއް ދައްކަން ޖެހޭނީ އެމެރިކާގެ ސަރުކާރަށެެވެ. އެ ހާދިސާތަކުގައި 224 މީހުން މަރުވި އިރު އެތައް ހާސް ބަަޔަކު ޒަހަމްވެސްވި އެެވެ. މަރުވި މީހުންގެ ތެރޭގައި އެމެރިކާގެ 12 ރައްޔިތުން ވެސް ހިމެނެ އެވެ. އެކަމުގައި ސޫދާން ސަރުކާރުން ޒިންމާވާން ޖެހޭނެ ކަމަށް މީގެ ކުރިން އެކި ކޯޓުތަކުން ކަނޑައަޅާފައިވެ އެެވެ. އެގޮތުން އަލްގައިދާ ޖަމާއަތުގެ ލީޑަރު އޮސާމާ ބިން ލާދިން ސޫދާންގައި އޮޕަރޭޓްކުރަން ހުއްދަދީ އަދި އަލް ގައިދާގެ މެމްބަރުންނަށް ޕާސްޕޯޓްތައް ފޯރުކޮށްދިންކަމަށް ވެސް ބުނެފައިވެ އެެވެ. ބޭރުގެ ގައުމުތަކުގެ ސަރުކާރުތަކުގެ މައްޗަށް އެމެރިކާގައި ދައުވާ ކުރުމުގެ ފުރުސަތު މީގެ ކުރިން ނޯންނަ ނަަމަވެސް 2008 ވަނަ އަހަރު ގެނައި ބަދަލާ އެކު ޓެރަރިޒަމްގެ މައްސަލަތަކުގައި ދައުވާކުރެވެ އެެވެ. ވޮޝިންގްޓަން ޕޯސްޓް
ޓެރަރިޒަމްގެ މައްސަލާގައި ސޫދާނުން އެތައް ބިލިއަން ޑޮލަރެއް ދައްކަން ހުކުމްކޮށްފި
ކޮރޯނާވައިރަސް، ކޮވިޑް-19 ގުޅިގެން މިއަހަރު ބޭއްވުމަށް އިއުލާންކުރި ލޯކަލް ކައުންސިލް އިންތިހާބު ލަސްކުރުމުގެ ބިލް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރައްވައިފި އެވެ. އިލެކްޝަން ކޮމިޝަން (އީސީ)އިން އިއުލާންކޮށްފައި އޮތީ، މި މަހުގެ 18 ވަނަ ދުވަހު އިންތިހާބު ބޭއްވުމަށެވެ. ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެންބަރު ހުށަހަޅުއްވައި މިދިޔަ މަހުގެ 28 ވަނަ ދުވަހު މަޖިލީހުން ފާސްކުރި، "ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ހާއްސަ ބިލް 2020" ރައީސް ސޯލިހު ތަސްދީގު ކުރެއްވީ މިއަދުގެ ވަގުތެއްގަ އެވެ. އެ ބިލުގައިވާ ގޮތުން، ކައުންސިލް އިންތިހާބާއި އަންހެން ކޮމިޓީގެ އިންތިހާބު ބޭއްވުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން ފަށައި އިންތިހާބު ބާއްވާނެ ތާރީހު އިއުލާން ކުރަން ވާނީ، އެކަމުގެ ސަބަބުން އާންމު ސިއްހަތަށް ނުރައްކަލެއް ކުރިމަތިވާނެ ކަމެއް ނޫން ކަމަށް ދައުލަތުގެ ކަމާބެހޭ ފަރާތްތަކުން ކަނޑައެޅުމުންނެވެ. އަދި ބިލުގައިވާ ގޮތުގައި، އަންނަ އަހަރުގެ ޖެނުއަރީ ހަ ވަނަ ދުވަހުގެ ކުރިން އިންތިހާބު ބާއްވާ ނިންމަން ވާނެ އެވެ. އެ ގާނޫނުގައިވާ ގޮތުގައި، ވޯޓު ލުމުގެ ހައްގު ލިބިގެންވާ މީހުންގެ ރެޖިސްޓްރީ އެކުލަވާލުމާއި ރީ-ރަޖިސްޓްރޭޝަން މަރުހަލާ އީސީއިން އަލުން ކުރިއަށް ގެންދަން ޖެހޭނެ އެވެ. މީގެ އިތުރުން، ބިލް ތަސްދީގު ކުރުމާ އެކު ކެންޑިޑޭޓުންގެ ތެރޭގައި ހިމެނޭ ސިވިލް ސާވިސްގެ މުވައްޒަފުން ވަޒީފާއިން ސަސްޕެންޑްކޮށްފައި އޮތް އޮތުން ބާތިލުވެ، އެ މީހުން ކުރިން ތިބި މަގާމުތަކަށް ރުޖޫއަވާނެ އެވެ.
ކައުންސިލް އިންތިހާބު ލަސްކުރުމުގެ ބިލް ރައީސް ތަސްދީގު ކުރައްވައިފި
ކޮރޯނާ ވައިރަސް އާއި ދެކޮޅަށް ރާއްޖެއިން ކުރާ މަސައްކަތަށް ބަންގްލަދޭޝް އިން ދިން އެހީއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ޝުކުރު އަދާކުރައްވައިފިއެވެ. ބަންގްލަދޭޝް އިން ވަނީ 100 މެޓްރިކްޓަނުގެ ބޭހާއި ކާބޯތަކެތި ރާއްޖެއަށް ހަދިޔާކޮށްފައެވެ. މީގެ ތެރޭގައި 20،000 ޕީޕީއީ ސެޓާއި 960 އައި ޕްރޮޓެކްޝަން ގޮގްލްސް އަދި 5000 ޕީސް ހޭންޑް ސެނިޓައިޒާ ހިމެނެއެވެ. މީގެ އިތުރުން ބަންގްލަދޭޝް އިން ވަނީ ކޮވިޑް19 އާއި ގުޅޭ ކަންކަމުގައި އެހީވުމަށް އެގައުމުގެ އަސްކަރިއްޔާގެ 10 މެޑިކަލް އޮފިސަރުންވެސް ރާއްޖެ ފޮނުވައިފައެވެ. މީގެ އިތުރުން އެގައުމުގައްޔާއި ނޭޕާލުގައި ތިބި 71 ދިވެހި ދަރިވަރަކު ބަންގްލަދޭޝްގެ އަސްކަރިއްޔާގެ މަތިންދާބޯޓެއްގައި އިއްޔެ ވަނީ ރާއްޖެ ގެނެސްދީފައެވެ. ބަންގްލަދޭޝް އިން ދިން އެހީއަށް ޝުކުރު އަދާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވަނީ ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިހް ހަސީނާ އަށް ފޯނުން ގުޅުއްވާ އެ ގައުމުން ދިން އެހީއަށް ޝުކުރު އަދާކުރައްވައިފައެވެ. ދެބޭފުޅުންގެ ވާހަކަފުޅުގައި ކޮރޯނާގެ ބަލިމަޑުކަމާ ދެކޮޅަށް ދެ ގައުމުން ގުޅިގެން ކުރެވޭނެ މަސައްކަތްތަކާއި އެއްގައުމުން އަނެއްގައުމަށް ދެވޭނެ އެހީތެރިކަމާ ގުޅެގޮތުން ވަނީ މަޝްވަރާ ކުރައްވައިފައެވެ. މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސް މާލޭގައި ކޮމޮޔުނިޓީ ސްޕްރެޑެއްގެ ގޮތުގައި ފެތުރެމުންދާއިރު ބަންގަލަދޭޝްގެ 24 މަސައްކަތްތެރިއަކަށް ވަނީ ބަލި ޖެހިފައެވެ. ބަންގްލަދޭޝް އިން ރާއްޖެއަށް ހަދިޔާކުރި އެހީ ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ ކޮރޯނާވައިރަހުގެ ޝިކާރައަކަށް ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝް ރައްޔިތުންގެ ތެރެއިން ބަޔަކު ވެފައިވާއިރު، އެމީހުންނަށް ފަރުވާދިނުމުގައި ތަފާތުކުރުން ނުގެންގުޅޭނެ ކަމަށެވެ.
ހަސީނާއަށް ގުޅުއްވާ، ރައީސް ޝުކުރުއަދާކުރައްވައިފި
ނަރުހުންގެ ދުވަސް ފާހަގަކުރަނީ ދުނިޔޭގެ ޒަމާނީ ނާސިންގެ ބާނީ ފްލޮރެންސް ނައިޓިންގޭލްގެ އުފަންދުވަސް ކަމަށްވާ މެއި މަހުގެ 12ވަނަ ދުވަހުގަ އެވެ. ނައިޓިންގޭލް އުފަންވިތާ 200 އަހަރު ފުރުމުގެ މުނާސަބަތުގައި މިއަހަރަކީ "އިޔާ އޮފް ދަ ނާސް އެންޑް މިޑްވައިފް"ގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ ކަނޑައަޅާފަ އެވެ. ތިރީގައި މިވަނީ މި ދުވަހުގެ މުނާސަބަތުގައި ޓްރީ ޓޮޕް ހޮސްޕިޓަލުގެ ނާސިން ޑިރެކްޓަރު ރެނޭ ރެންސްބާގް، ހުރިހާ ނަރުހުން ކުރަމުންދާ މަސައްކަތްތަކަށް ޝުކުރު އަދާކުރައްވައި ފޮނުއްވި ސިޓީގެ ތަރުޖަމާ އެވެ. މިއަހަރަކީ ބައިނަލްއަގްވާމީ ނަރުހުންގެ އަހަރުގެ ގޮތުގައި ފާހަގަކުރާ އަހަރެވެ. މިކަމާ ގުޅިގެން ކަނޑައެޅި ޝިއާރު "އަ ވޮއިސް ޓު ލީޑް؛ ނާސިން ދަ ވޯލްޑް ޓު ހެލްތު" ކޮވިޑް19ގެ ބަލިމަޑުކަމާ ވެސް އެހާމެ ގުޅެ އެވެ. އެހެން ނަމަވެސް މި ޝިއާރު ކަނޑައެޅުމުގައި މި ބަލިމަޑުކަން އެއްވެސް މީހެއްގެ ވިސްނުމަށް އައިހެނެއް އަޅުގަނޑަކަށް ހިޔެއް ނުވެ އެވެ. ޓްރީ ޓޮޕް ހޮސްޕިޓަލުގެ ނާސިންގް ޑިރެކްޓަރު ރެނޭ ރެންސްބާގް --- ފޮޓޯ/ ޓްރީ ޓޮޕް ހޮސްޕިޓަލް ނައިޓިންގޭލްގެ 200 ވަނަ އުފަންދުވަސް ފާހަގަކުރަމުންދާ މިއަހަރު ބަލިމީހުންނާއި އެމީހުންގެ އާއިލާތަކަށް ދެމުންގެންދާ އަޅާލުމާއި އޯގާތެރިކަން ފާހަގަކޮށް ހުރިހާ ނަރުހުންގެ މަސައްކަތް ވެސް ބަލައިގަންނަމެވެ. ނަރުހުންގެ ފަރާތުން ކޮންމެ ދުވަހަކު ވެސް ފެންނަ އޯގާތެރިކަމުގެ އަމަލުތަކަކީ ދުވަހަކު ވެސް ނޯޓުކުރެވޭ ކަންކަމެއް ނޫނެވެ. ދުނިޔޭގެ ކޮންމެ ތަނެއްގައިވެސް ނަރުހުންގެ މަސައްކަތުން އުންމީދާއި އުފާވެރިކަމުގެ އިހުސާސްތައް ހުރިހާ އެންމެންނަށް ފޯރުކޮށްދެއެވެ. ބަލިމީހުންނަށް އެންމެ ބޮޑަށް އަޅާލާ މީހުންނަށް ހައްގުވާ ޝުކުރު ގިނަ ފަހަރު އޮންނަނީ އަދާނުކުރެވި އެވެ. މި ފުރުސަތުގައި ނަރުހުންގެ އަމިއްލަ ބޭނުންތައް ގުރުބާންކޮށް، ބަލި މީހުންނަށް އަޅާލުމުގައި ލިބޭ އެއްބާރުލުމާއި މަސައްކަތުގައި ސާބިތުވެތިބޭ ތިބުން ފާހަގަކޮށް ޝުކުރު އަދާކުރަމެވެ. ނަރުހުންގެ އަހަރުގެ ގޮތުގައި މިއަހަރު ފާހަގަކުރަމުންދާއިރު، ނަރުހުންނަކީ އަމިއްލަ އާއިލާ ދޫކޮށްލާފައިވެސް އަޅާލުމާއި އެހީތެރިކަން ބޭނުންވާ ބަލި މީހުންނަށް އަޅާލާ ބައެކެވެ. ކޮންމެ ނަރުހެއްވެސް މުޖުތަމައުއަށާއި މުސްތަޤްބަލުގައި ނަރުހުންނަށްވާން ބޭނުންވާ ޒުވާނުންނަށް ދައްކުވައިދޭން ޖެހޭ މިސާލަކީ ބަލިމީހުންނަށް އަޅާލާ މީހަކަށް ވުމަށެވެ. ޓްރީ ޓޮޕް ހޮސްޕިޓަލުގެ ނަރުހުންގެ ޓީމު-- ފޮޓޯ/ ޓްރީ ޓޮޕް ހޮސްޕިޓަލް ސިއްހަތު ސަލާމަތްކޮށްދިނުމުގެ މާތް މަގުސަދުގައި އަޅުގަނޑުމެންގެ ގެސްޓުންނާ ދެމެދު ބާއްވާ ގުޅުމާއި މި ހޮސްޕިޓަލަކީ ހާއްސަ ތަނަކަށް ހެދުމަށް ނަރުހުން ކުރަމުންދާ ބުރަ މަސައްކަތް ފާހަގަކޮށް، ހުރިހާ ނަރުހުންނަށް ވެސް ތަހުނިޔާ ފޮނުވަމެވެ. -ރެނޭ ރެންސްބާގް, ނާސިން ޑިރެކްޓަރ، ޓްރީ ޓޮޕް ހޮސްޕިޓަލް
ނަރުހުން ކުރާ ބުރަ މަސައްކަތްތަކަށް ޓްރީ ޓޮޕްގެ ޝުކުރު
ރާއްޖޭގައި ކޮވިޑް19 އަށް ފަރުވާ ހޯދަމުންދިޔަ އިތުރު ހަ މީހަކު ބަލިން ރަނގަޅުވެ، ރަނގަޅުވި މީހުންގެ އަދަދު 80 އަށް އަރައިފިއެވެ. ކޮވިޑްގެ ތަފާސް ހިސާބު ފޯރުކޮށްދޭ ޑޭޝްބޯޑުގައިވާގޮތުން މިހާތަނަށް 80 މީހަކު ބަލިން ރަނގަޅުވެފައިވެއެވެ. ރޭގެ ނޫސްވެރިންގެ ބައްދަލުވުމާއި ހަމައަށް 74 މީހަކު ބަލިން ރަނގަޅުވިކަން އެންއީއޯސީ އިން ވަނީ ހާމަކޮށްފައެވެ. ބަލިން ރަނގަޅުވި މީހުންގެ ތަފްސީލެއް އަދި ނޭނގެއެވެ. ރާއްޖެއިން މިހާތަނަށް 1106 މީހުންނަށް ބަލިޖެހުނުއިރު އޭގެތެރޭގައި ގިނައީ ބިދޭސިންނެވެ. ބަލިޖެހުނު ދިވެހިންގެ އަދަދަކީ 399 އެވެ. މިހާރު 1020 މީހުންނަށް ބައްޔަށް ފަރުވާދެމުންދާއިރު ބަލީގައި ހަތަރު މީހަކު ވަނީ މަރުވެފައެވެ.
ރާއްޖޭގައި ބަލިން ރަނގަޅުވިމީހުންގެ އަދަދު 80 އަށް
މާލެއިން ކޮވިޑް19 ފެނި، ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް މާލެ ސަރަހައްދު ލޮކްޑައުން ކުރުމާ ގުޅިގެން، ދަތުރުވެރިންގެ ގޮތުގައި މާލެ އައިސް ތިބި ގިނަ ބަޔަކު ހާލުގައި ޖެހެމުން އަންނާތީ، ސަރުކާރުގެ ސަމާލުކަމަށް އެކަން ގެނައުމަށް ރައްޔިތުންްގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ. މަޖިލީހަށް ކުއްލި މައްސަލަ ހުށަހެޅުއްވީ، މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރެވެ. އާދަމް ޝަރީފް ހުށަހެޅުއްވި މައްސަލައިގައި ވިދާޅުވެފައި ވަނީ ނުރައްކާތެރި ކޮރޯނާވައިރަސް ރާއްޖޭގައި ފެތުރެން ފެށުމުން، ކުއްލިއަކަށް މާލެ ލޮކްޑައުން ކުރިއިރު، އަތޮޅުތަކުން ދަތުރުވެރިންގެ ގޮތުގައި މާލެ އައިސް ތިބި ދަތުރުވެރިންނަށް ރަށްރަށަށް ދެވޭނެ ގޮތެއް ހަމަޖެހިފައިިވާކަން އެނގެން ނެތް ކަމަށެވެ. ހަމައެއާއެކު ލޮކްޑައުންއާ ގުޅިގެން މާލޭގައި ގެދޮރު ނެތި މަގުމަތިވަމުންދާ މީހުންނަށް ވެސް ގޮތެއް ހަމަޖެހިފައިވާކަން އެނގެން ނެތް ކަމަށެވެ. އެހެންކަމުން އެކަންކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ކުއްލި މައްސަލައެއް ހުށަހަޅާ ކަމަށެވެ. މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން މާލެ ސަރަހައްދު ލޮކްޑައުން ކުރުމާ ގުޅިގެން، އޭގެ ކުރިން އެކި ބޭނުންތަކުގައި މާލެ އައިސް ނުފުރިފައި ތިބި މީހުންނަށް ވަގުތީ ހިޔާވަހިކަން ފޯރުކޮށްދެމުން އަންނަ ކަމަށް ޖެންޑާ މިނިސްޓްރީން ވަނީ ބުނެފައެވެ. ޖެންޑާ މިނިސްޓްރީން ބުނީ މިހާތަނަށް ހާލުގައި ޖެހިގެން ރިޕޯޓުކޮށްފައިވާ ފަރާތްތަކަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ އިންތިޒާމުތައް ފޯރުކޮށްދެމުން އަންނަ ކަމަށެވެ. އެގޮތުން މާލެ ސިޓީ ކައުންސިލްއަށް ހުށަހެޅިފައިވާ މި ފަދަ 400އަށް ވުރެ ގިނަ ފަރާތްތަކަށް މާލޭގައި ހުރެވޭނެ އިންތިޒާމުތައް ހަމަޖައްސައި ދިނުމަށް ޓަކައި އެ ކައުންސިލްއާއެކު މިނިސްޓްރީން މަސައްކަތް ފަށާފައިވާ ކަމަށް ވެސް ބުންޏެވެ. މީގެ އިތުރުން ލޮކްޑައުންއާ ގުޅިގެން މަގުމަތިވި 87 މީހުންނަށް ވެސް ޖެންޑާ އިން އަންނަނީ ކެއިންބުއިމާއި ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދެމުންނެވެ.
ލޮކްޑައުންގައި ހާލުގައި ޖެހޭ މީހުންނަށް އެހީވާން ކުއްލި މައްސަލައެއް
ކޮވިޑް19އަށް ޓެސްޓްކުރުމަށް މާލޭގެ އެކި ސަރަހައްދުތަކުން ނަގާ ސާމްޕަލްތައް ނެގުން އަވަސްކުރުމަށް ބަގީ ބޭނުން ކުރުމަށް ނިންމާފައިވާ ކަމަށް އެކަމުގައި ހަރަކާތްތެރިވާ އެންއޯއީސީގެ ރެޕިޑް ރެސްޕޮންސް ޓީމް (އާރުއާރުޓީ) އިން ބުނެފި އެވެ. އަލާމާތް ފެންނަ އަދި ބަލިޖެހުނު މީހަކާ ކޮންޓެކްޓްވެފައިވާ އެތައް ބައެއްގެ ސާމްޕަލް ނުނެގި ގިނަ ދުވަސް ވަމުން އަންނަ ކަމުގެ ކަންބޮޑުވުން އާންމުން އަންނަނީ ފާޅު ކުރަމުންނެވެ. ދަރުބާރުގޭގައި ގާއިމްކޮޮށްފައިވާ އެންއޯއީސީގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އާރުއާރުޓީގެ ކްލަސްޓާ ހެޑް އަބްދުލް ހަމީދު ވިދާޅުވީ، ސާމްޕަލް ނެގުމުގައި 72 ގަޑި އިރުގެ ލަސްވުމެއް އުޅޭ ކަމަށާއި ސާމްޕަލް ނެގުން ވީހާވެސް އަވަސް ކުރުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން ސާމްޕަލް ނެގުމުގައި ދިމާވާ އެންމެ ބޮޑު އެއްދައްޗަކީ މާލޭގެ ހަނި ގޯޅިތަކަށް އެމްބިއުލަންސް ވެއްދުމުގައި ދިމާވާ ދަތިތައް ކަމަށެވެ. އަދި އެކަން ހައްލު ކުރުމަށް ސާމްޕަލް ނަގަން ދާ ޓީމުތައް މާލޭގެ އެކި ސަރަހައްދުތަކަށް ދިޔުމަށް ބަގީ ބޭނުން ކުރުމަށް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. "ހަނި ހަނި ގޯޅިތަކަށް ވަނުމަށް ދަތިވޭ. އެ ގޯޅިތަކަށް ވަނުމަށް ބަގީ ހޯދިފައި މިހާރު ވަނީ. އެހެންވީމަ ސާމްޕަލް ނެގުމަށް ކުދި ގޯޅިތަކަށް ބަގީގައި ވަނުމަށް މަސައްކަތް ރެޑީފައި މި ތިބީ،" ހަމީދު ވިދާޅުވި އެވެ. އާރްއާރްޓީގެ ކްލަސްޓާ ހެޑް އަބްދުލް ހަމީދު ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ -- ފޮޓޯ/ އެންއީއޯސީ ހަމީދު ވިދާޅުވީ، އިއްޔެ މޫސުން ތަން ނުދިނުމުގެ ސަބަބުން ބަގީގައި ދަތުރުކޮށް ސާމްޕަލް ނެގުން ނުފެށުނު ކަމަށާއި ނަމަވެސް މިއަދު މޫސުން ތަން ދީފި ނަމަ، ބަގީގައި ގޮސް ސާމްޕަލް ނެގުމުގެ މަސައްކަތް ފެށޭނެ ކަމަށެވެ. މީގެ އިތުރުންވެސް ބެކްލޮގް ފިލުވުމަށް ކުރާ އެހެން ކަންތައްތައްވެސް ހަމީދު ހިއްސާ ކުރެއްވި އެވެ. "ދެން މިހާރު ސާމްޕަލް ނެގުމަށް ގެއަށް ގޮސް އަޅުގަނޑުމެން އެބަ ރިކުއުސްޓް ކުރަން ތިރިއަށް ވަޑައިގެންނެވޭ ބޭފުޅުންނަށް ގޭގެ ތިރީ ފްލޯއަށް ވަޑައިގަތުމަށް. އޭރަށް އަޅުގަނޑުމެންނަށް ވަރަށް ގިނަ ވަގުތު ސަލާމްތްވެވުނީ. އެހެންވީމަ މިހާރު އަޅުގަނޑުމެން ސާމްޕަލް ނަގަން ގުޅާއިރު، ރިކުއެސްޓްކޮށްލާނެ ތިރިއަށް ވަޑައިގެންނެވޭނަމަ، ތިރިއަށް ވަޑައިގަތުމަށް،" ހަމީދު ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވި ގޮތުގައި އެކަމަށް އާންމުންގެ އެއްބާރުލުންވެސް ލިބޭ ކަމަށެވެ. އެއާއެކު ސާމްޕަލް ނެގުމުގެ މަރުހަލާ ވަރަށް ބޮޑަށް އަވަސް ވެގެންދާ ކަމަށް ހަމީދު ވިދާޅުވި އެވެ. ސާމްޕަލް ނެގުމުގައި ގޮންޖެހުންތަކެއް އަބަހުރި ކަމަށާއި އެ ގޮންޖެހުންތަކާއެކުވެސް އާރުއާޓީން މަސައްކަތް ކުރަނީ ވީހާވެސް އަވަހަކަށް މަސައްކަތް ކުރެވޭތޯ ކަމަށް ހަމީދު ވިދާޅުވި އެވެ. އެގޮތުން އެންމެ ބޮޑު ގޮންޖެހުމަކީ ކޮންމެ ގެއަކަށް ސާމްޕަލް ނެގުމަށް ވަނުމަށް ފަހު، އެހެން ގެއަކަށް ވަންނަ އިރު ޕާސަނަލް ޕްރޮޓެކްޝަން އިކުޕްމަންޓް (ޕީޕީއީ) ބަދަލު ކުރަން ޖެހުމާއި، މާލޭގެ ގެތަށް ހުންނަ ގޮތުން އެ ސަރަހައްދުތަކަށް ވާސިލްވުމުގެ ދިމާވާ ދަތިތައް ކަމަށް ވިދާޅުވި އެވެ. އެހެންކަމުން މިހާރު ގެނައި ދެ ބަދަލާއެކު އެ ގޮންޖެހުންތަކަށް ކޮންމެވެސް ވަރެއްގެ ހައްލެއް އަންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ. "އެއް ގެއަކަށްވަދެފައި ބަލި ހުރި މީހަކަށް އެޓެންޑުކޮށްފައި ހުރެދާނެ. އެ ހުރިގޮތަކަށް އެހެން މީހަކަށް އެޓެންޑެއް ނުކުރެވޭނެ. އެހެންވީމާ އެބަޖެހޭ ޕީޕީއީ ބަދަލު ކުރަން،" ހަމީދު ވިދާޅުވި އެވެ. ޕީޕީއީ ބަދަލުކޮށްގެން، ސާމްޕަލް ނަގަން ޖެހޭތީ ކޮންމެ ޓީމަކަށް ވެސް އެ މަސައްކަތް ކުރެވޭނީ ވަކި އަދަދަކަށް ކަމަށް ހަމީދު ވިދާޅުވި އެވެ. އެ ހިސާބުން ދެން މަސައްކަތަށް ނިކުންނާނީ އެހެން ގްރޫޕެއް ކަމަށް ހަމީދު ވިދާޅުވި އެވެ. ހަމީދު ވިދާޅުވީ މިދުވަސްވަރު ދެން އޮތް އެންމެ ބޮޑު ގޮންޖެހުމަކީ، ވިއްސާރުވުމުގެ ސަބަބުން ކަމަށެވެ. އެގޮޮތުން މި ދުވަސްވަރު އެއް ގެއިން އަނެއް ގެއަށް ސާމްޕަލް ނެގުމަށް ދިޔުން ވަރަށް ބޮޑަށް ދަތިވެފައިވާކަން އޭނާ ފާހަގަ ކުރެއްވި އެވެ. "ހާއްސަކޮށް ޕީޕީއީގެ ރައްކާތެރިކަން، މީހާގެ ރައްކާތެރިކަމަކީ ވަރަށް މުހިންމު ކަމެއް. ޕީޕީއީ ތެމިއްޖެނަމަ އެއީ ވަރަށް ބޮޑަށް އިންފެކްޝަނަށް ހުޅުވާލެވޭ ކަމެއް. [އާރުއާރުޓީގެ ބޭފުޅުން] ނުރައްކާތެރިކަމަށް އެ ވެއްޓެނީ،" ހަމީދު ވިދާޅުވި އެވެ. މިއީ ރިސްކް ބޮޑު މަސައްކަތެއް ކަމަށާއި އާރުއާރުޓީގެ މެމްބަރުން އެ މަސައްކަތް ކުރައްވަނީ ވަރަށް ހިތްވަރާ އެކު ވަރުބަލިކަމެއް ނެތި ކަމަށް ހަމީދު ވިދާޅުވި އެވެ. މި މަސައްކަތުގެ ބާވަތުގެ ގޮތުން ވަރަށް ބޮަޑަށް މީހުން ލިބުމުގައި ދަތިތައްވެސް އުޅޭ ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ. ރާއްޖެއިން މިހާތަނަށް 10،000 ވުރެ ގިނަ ސާމްޕަލް ނެގުނު އިރު ނަތީޖާ ނުލިބޭ ސާމްޕަލްތަގެ އަދަދަކީ 400 އެއްހާ ސާމްޕަލެވެ. މިހާތަނަށް ޕޮޒިޓިވްވާ މީހުންގެ އަދަދަކީ، 1،106 މީހުންނެވެ.
ސާމަޕްލް ނެގުން އަވަސް ކުރަން މާލޭގައި ބަގީ ބޭނުން ކުރަން ފަށަނީ
ކޮވިޑް19 އާ ގުޅިގެން މުޅި ދުނިޔެ ހުއްޓި، "ނިއު ނޯމަލް" އަށް ގައުމުތަކުން ފަރިތަކުރަމުން އަންނަ އިރު، ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅެމުން އަންނަ ބެލަރުސްގައި އަދިވެސް އޮތީ އާންމު ދިރިއުޅުމެވެ. އެ ގައުމުގައި އެހެން ގައުމުތައް ފަދައިން ލޮކްޑައުން އެއް އިއުލާނެއް ނުކުރެއެވެ. އެއްވެސް އޮފީހެއް ވެސް ބަންދެއް ނުކުރެއެވެ. މި ކަންތައްގަނޑުގެ ތެރެއިން އެތައް ހާސް ބަޔަކު އެއްވެ ނަސްރުގެ ދުވަހުގެ ޕެރޭޑު ވެސް ވަނީ ބާއްވައިފަ އެވެ. ނަމަަވެސް އެ ގައުމުގައި ވެސް ހަލުވި ކަމާއެކު ބަލި އަންނަނީ ފެތުރެމުންނެވެ. މިހާތަނަށް އެގައުމުގައި 23,906 މީހަކަށް ބަލި ޖެހި 135 މީހަކު ވަނީ ބަލީގައި މަރުވެފައެވެ. ނަސްރުގެ ދުވަހުގެ ޕެރޭޑުގެ ތެރެއިން -- ފޮޓޯ/ރޮއިޓާސް ބެލަރުސްގައި ބަލި ޖެހޭ މީހުންނާއި ބަލީގަައި މަރުވާ މީހުން ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނަ އިރު، އެ ގައުމުގައި ތިބި 140 އެއްހާ ދިވެހި ދަރިވަރުންނާއި އެކުދިންްގެ ބެލެނިވެރިން ތިބީ ނުތަނަވަސްކަމެއްގެ ތެރޭގައެވެ. ދަތުރުފަތުރު ހުއްޓިފައި ވާތީ އަނބުރާ ގައުމަށް ދެވޭނެ ދުވަހެއް ނޭނގެއެވެ. ދިރިއުޅެމުން އަންނަ ގައުމުގެ ހާލަތު ބަދަލުވެދާނެ ގޮތެއް ބުނަން ނޭނގުމުގެ ބިރުވެރިކަން ވެސް އެބައޮތެވެ. "ވަރަށް ބިރުގަނޭ އެހާ ދުރުގަ ތިބޭތީ. އުންމީދުކުރަން އަވަހަށް ގޮތެއް ހަމަޖެހޭނެ ކަމަށް،" ބެލެނިވެރިޔަކު ބުންޏެވެ. ސަރުކާރުން އެބަ މަސައްކަތް ކުރޭ، އަދި ގޮތެއް ހަމަ ނުޖެހޭ! މި ބިރުވެރިކަމާ ހާސްކަމުގައި ދަރިވަަރުންގެ އިތުރުން، ބެލެނިވެރިން ވެސް ތިއްބައި ސޯޝަލް މީޑިއާގައި ފެތުރެން ފެށީ އެކުދިންނަށް ސަރުކާރުން އަޅާނުލާ ވާހަކައެކެވެ. އެކުދިންގެ ހާލު ސަރުކާރުން ބަލަމުން ނުދާ ކަމަށާއި ރާއްޖެ އަންނާނެ ގޮތެއް ހޯދައިދިނުމަށް އެކަށީގެންވާ މަސައްކަތްތަކެއް ނުކުރާ ވާހަކަ އެވެ. އެހެން ގައުމުތަކާ ހިލާފަށް، ބެލަރުސްގައި ތިބި ދިވެހިން ގެންނަން ސަރުކާރުން އެކަށީގެންވާ މަސައްކަތްތަކެއް ނުކުރާ ކަމަށް ވާހަކަ ދެކެވެން ފެށީ، ޔޫކްރެއިންގައި ތިބި 32 ދަރިވަރަކު ރާއްޖެ ގެނައުމުގެ އިންތިޒާމު ހަމަޖެހިގެން ދިއުުމާ ގުޅިގެންނެވެ. ޔޫކްރެއިންގައި ތިބި ކުދިން ގެނެވޭކަމުގައި ވާނަމަ، ބެލަރުސްގައި ތިބި ކުދިން ނުގެނެވެންވީ ސަބަބެއް ނެތް ކަމަށް އެއް ބަޔަކު އަންނަނީ ބުނަމުންނެވެ. ފޮރިން މިނިސްޓްރީގެ މީޑިއާ ޑިރެކްޓަރު މިއުވާން މުހަައްމަދު ވިދާޅުވީ އިންޓަނޭޝަނަލް ދަތުރުތައް މެދުކަނޑާލާފައި ވުމުގެ އިތުރުން، ބޯޑަރުތައް ބަންދުކޮށްފައި ވުމުގެ ސަބަބުން، ދަރިވަރުން ގެންނަން ދަތިތަކާ ކުރިމަތިވެފައިވާ ކަމަށެވެ. "ނަމަވެސް ހަމަ ހުއްޓާނުލާ އެ މަސައްކަތް އެބަ ކުރެވޭ. ރާއްޖޭގެ އިތުރުންް ވެސް އެހެން ގިނަ ގައުމުތަކަށް ވެސް ވަނީ ބެލަރުސް އިން އެގައުުމުތަކުގެ މީހުން ނެރެން ދަތިތަކާ ކުރިމަތިވެފަ،" މިއުވާން ވިދާޅުވި އެވެ. މިއުވާން ވިދާޅުވީ ބެލަރުސްގައި ތިބި ދިވެހީންނާ، މުއާމަލާތު ކުރަމުން އަންނަ ކަމަށާއި ފްލައިޓެއް ހަމަޖެހެންދެން ބެލަރުސްގެ ކަމާބެހޭ ފަރާތްތަކުގެ އިރުޝާދާ އެއްގޮތަށް އަމަލު ކުރުމަށް އެދޭކަމަށެވެ. އަދި ޒަރޫރީ ކަމެއްގައި މެނުވީ ބޭރަށް ނުކުމެ ނޫޅުމަށެވެ. ބެލަރުސްގެ ޕާކެއްގައި ބަޔަކު ވަގުތު ހޭދަކުރަނީ -- ފޮޓޯ/ގެޓީ އެމަޖެންސީ ކަމެއް ދިމާވެއްޖެ ނަމަ ޖަރުމަނުގައި ހުންނަ ދިވެހި އެމްބަސީއަށް ނުވަތަ ފޮރިން މިނިސްޓްރީއަށް އެންގުމަށް ވެސް އިލްތިމާސްކުރެއްވިއެވެ. އެކި ގޮތްގޮތަށް ވާހަކަތެއް ދެކެވުނު ނަމަވެސް، ސަރުކާރުން މިކަމުގައި މަސައްކަތް ކުރަމުން އަންނަ ކަމަށް ބެލަރުސްގައި ތިބި ބައެއް ދަރިވަރުން ގަބޫލުކުރެ އެވެ. ބެލަރުސްގެ ގްރޮޑްނޯ ސްޓޭޓް މެޑިކަލް ޔުނިވާސިޓީގައި ކިޔަވަމުން އަންނަ ދަރިވަަރަކު "ސަން" އަށް ބުނީ އެގައުމުން ބަލި ފެންނަން ފެށުމަށް ފަހު ވެސް ކޮލެޖުތަކުގައި ކިޔަވައިދިނުން ކުރިއަށްދިޔަ ކަމަށެވެ. އަދި މެޑިސިން ކިޔަވާ ކުދިންގެ ތެރެއިން، ބައެއް ކުދިންގެ ކްލާސްތައް ހޮސްޕިޓަލުގައި ވެސް ކުރިއަށް ދިޔަ ކަމަށެވެ. ހޮސްޕިޓަލަށް ނުގޮސް އޮންލައިންކޮށް ކްލާސްތައް ކުރިއަށް ގެންދާ ގޮތަށް ހަމަޖެހިގެން ދިޔައީ، އެ ޔުނިވާސިޓީގައި ކިޔަވާ އިންޑިއާ ދަރިވަރުންތަކެއް، ކްލާސްތައް ބޮއިކޮޓްކޮށް، ޔުނިވާސިޓީއަށް ދާން ދެކޮޅު ހެދުމުގެ ސަބަބުން، އެކަމަށް ސަރުކާރުތަކުން ވެސް އެދިގެންނެވެ. އެގޮތުން ރާއްޖޭގެ ފޮރިން މިނިސްޓްރީން ވެސް ދަރިވަރުން ގޭގައި ތިބެގެން އޮންލައިންކޮށް ކްލާސް ކުރިއަށް ގެންދަން ކޮލެޖުގައި އެދުނު ކަމަށް އެ ދަރިވަރު ބުންޏެވެ. އޭޕްރީލް މަހުގެ ހަ ވަނަ ދުވަހުން ފެށިގެން އެ ޔުނިވާސިޓީގެ ކުދިން ކްލާސްތައް ނަގަނީ އޮންލައިންކޮށެެވެ. ކޮންމެހެން ބޭރަށް ދާން ޖެހިގެން ނޫނީ ބޭރަކަށް ނުނުކުމެއެވެ. ނުކުންނަން ޖެހުނު ނަމަވެސް ނުކުންނަނީ މާސްކް އަޅައި، ރައްކާތެރިވާން ކުރެވޭނެ ކަންކަން އަމިއްލައަށް ކޮށްގެންނެވެ. ޔޫއެލް ފްލައިޓަކާ އެކު ކުޑަ އުންމީދެއް! މިވަގުތު ރާއްޖޭގެ ހާލަތު ވެސް ގޯސްވަމުން އަންނާތީ، ސިއްހީ ދާއިރާއިން ކިޔަވަމުން އަންނަ ހުރިހާ ކުދިންގެ އެހީތެރިކަން ވެސް މިވަނީ ބޭނުންވެފައެވެ. ބެލަރުސްގައި ތިބި މެޑިސިން ކިޔަވާ ކުދިން ވެސް ތިބީ މަސައްކަތަށް ނުކުންނަން ރާއްޖެ އަންނަން ބޭނުންވެފައެވެ. އެކުދިންނަށް ރިލީޒް ދިނުމަށް ސަރުކާރުން ވަނީ ޔުނިވާސިޓީގައި އެދިފަ އެވެ. އެހެންކަމުން ގްރޮޑްނޯގައި ތިބި ކުދިންގެ ތެރެއިން 65 ކުދިން މިހާރު ވެސް ތިބީ އެނބުރި ގައުމަށް އަންނަން ތައްޔާރުވެގެންނެވެ. ފްލައިިޓެއް ހަމަޖެއްސުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އަދި ފުރަން ބޭނުންވާ ހުރިހާ ލިޔެކިޔުމެއް ހަމަކޮށް ތައްޔާރަށް ތިބުން ބުއްދިވެރިކަމަށް ފޮރިން މިނިސްޓްރީން އެންގުމާއެކު އެކުދިން ވަނީ ގައުމުން ބޭރުވާން ވިސާ ނަގައި، ގައުމަށް ހިދުމަތް ކުރަން އަންނަން އަތުކުރި އޮޅާލައިފައެވެ. ނަމަވެސް ހަމަޖެހިފައި ނުވަނީ ފްލައިޓެކެވެ. ބެލަރުސްގައި ތިބި ސްރީލަންކާ ރައްޔިތުން ބަލާ މި މަހުގެ 20 ވަނަ ދުވަހު، މިންސްކް އިންޓަނޭޝަނަލް އެއާޕޯޓުގައި ފްލައިޓެއް ޖައްސާނެއެވެ. އެ ފްލައިޓާ އެކު ބެލަރުސްގައި ތިބި ކުދިންނަށް ވަނީ ކުޑަ އުންމީދެއް ލިބިފަ އެވެ. ސްރީލަންކަން އެއާލައިންގެ ފްލައިޓެއް -- ފައިލް ފޮޓޯ ނަމަވެސް އެ ފްލައިޓުން ދިވެހިންނަށް ޖާގަ ލިބޭނެ ކަމެއް ނޭނގެ އެވެ. އެކަމާ މިހާރު މަޝްވަރާތައް ވެސް އަންނަނީ ކުރެވެމުންނެވެ. އެ ފްލައިޓުން ދިވެހިންނަށް ޖާގަ ލިބުނު ނަމަވެސް، ޓިކެޓު އުޅޭނެ ކަމަށް ބެލެވެނީ 1000 ޑޮލަރުން މަތީގަ އެވެ. އަދި ކޮލަމްބޯއިން މާލެ ދިއުމަކީ ވެސް އިތުރު މަރުހަލާއެކެވެ. އިތުރު ހަރަދެކެވެ. މީގެ އިތުރުން އިނަ މޯލްޑިވްސް އިން އިސްނަގައިގެން، ޔޫއެލް މެދުވެރިކޮށް ބެލަރުސްގައި ތިބި ދިވެހި ދަރިވަރުންނަށް ފްލައިޓެއް ބޭއްވޭތޯ ވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ. "ވަރަށް ބޮޑަށް ޝުކުރު އަދާކޮށްލަން ބޭނުން އިނަ މޯލްޑިވްސް އަށް. އެބޭފުޅުން އެބަ ވަރަށް ބޮޑަށް މަސައްކަތް ކޮށްދެއްވާ އަޅުގަނޑުމެން ރާއްޖެއަށް ދެވޭނެ ގޮތް ހަދައިނުމަށް. މީގެ އިތުރުން ފޮރިން މިނިސްޓަރު ޝާހިދު ވެސް ވަރަށް ގާތުން އެބަ ބައްލަވާ. ސަރުކާރުން ވެސް އެބަ މަސައްކަތް ކޮށްދޭ،" ދަރިވަރަކު ބުންޏެވެ. މި އަހަރުގެ ސަމާ ބްރޭކަށް ރާއްޖެ އަންނަން އިއްތިހާދު އަދި ގަތަރު އެއާވޭޒް އިން ޓިކެޓު ނެގި ކުދިންގެ ޓިކެޓުތައް ކެންސަލްވެފައިވާއިރު އެކަން މިހާރު ވަނީ އަންގައިފަ އެވެ. ޔޫއެލްގެ ފްލައިޓުން އަގުބޮޑުކޮށް ޓިކެޓު ނަގައިގެން ރާއްޖެ އަންނަން ބައެއް ކުދިން ތައްޔާރަށް ތިބި ނަމަވެސް، ބައެއް ކުދިންނަށް އެ ހަރަދު ކުރެވޭކަށް ނެތެވެ. ނަމަވެސް ގިނަކުދިން އަދިވެސް ތިބީ އަނބުރާ ގައުމަށް އައިސް ގައުމީ ހިދުމަތަށް ނުކުމެވޭނެ ދުވަހެއްގެ އިންތިޒާރުގަ އެވެ.
ބެލަރުސްގެ ނަމްބަރު މައްޗަށް، ދިވެހިން ރާއްޖެ އަންނަން އެދިއެދި!
ކޮވިޑް19 އާ ގުޅިގެން މުޅި ދުނިޔެ ހުއްޓި، "ނިއު ނޯމަލް" އަށް ގައުމުތަކުން ފަރިތަކުރަމުން އަންނަ އިރު، ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅެމުން އަންނަ ބެލަރުސްގައި އަދިވެސް އޮތީ އާންމު ދިރިއުޅުމެވެ. އެ ގައުމުގައި އެހެން ގައުމުތައް ފަދައިން ލޮކްޑައުން އެއް އިއުލާނެއް ނުކުރެއެވެ. އެއްވެސް އޮފީހެއް ވެސް ބަންދެއް ނުކުރެއެވެ. މި ކަންތައްގަނޑުގެ ތެރެއިން އެތައް ހާސް ބަޔަކު އެއްވެ ނަސްރުގެ ދުވަހުގެ ޕެރޭޑު ވެސް ވަނީ ބާއްވައިފަ އެވެ. ނަމަަވެސް އެ ގައުމުގައި ވެސް ހަލުވި ކަމާއެކު ބަލި އަންނަނީ ފެތުރެމުންނެވެ. މިހާތަނަށް އެގައުމުގައި 23,906 މީހަކަށް ބަލި ޖެހި 135 މީހަކު ވަނީ ބަލީގައި މަރުވެފައެވެ. ނަސްރުގެ ދުވަހުގެ ޕެރޭޑުގެ ތެރެއިން -- ފޮޓޯ/ރޮއިޓާސް ބެލަރުސްގައި ބަލި ޖެހޭ މީހުންނާއި ބަލީގަައި މަރުވާ މީހުން ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނަ އިރު، އެ ގައުމުގައި ތިބި 140 އެއްހާ ދިވެހި ދަރިވަރުންނާއި އެކުދިންްގެ ބެލެނިވެރިން ތިބީ ނުތަނަވަސްކަމެއްގެ ތެރޭގައެވެ. ދަތުރުފަތުރު ހުއްޓިފައި ވާތީ އަނބުރާ ގައުމަށް ދެވޭނެ ދުވަހެއް ނޭނގެއެވެ. ދިރިއުޅެމުން އަންނަ ގައުމުގެ ހާލަތު ބަދަލުވެދާނެ ގޮތެއް ބުނަން ނޭނގުމުގެ ބިރުވެރިކަން ވެސް އެބައޮތެވެ. "ވަރަށް ބިރުގަނޭ އެހާ ދުރުގަ ތިބޭތީ. އުންމީދުކުރަން އަވަހަށް ގޮތެއް ހަމަޖެހޭނެ ކަމަށް،" ބެލެނިވެރިޔަކު ބުންޏެވެ. ސަރުކާރުން އެބަ މަސައްކަތް ކުރޭ، އަދި ގޮތެއް ހަމަ ނުޖެހޭ! މި ބިރުވެރިކަމާ ހާސްކަމުގައި ދަރިވަަރުންގެ އިތުރުން، ބެލެނިވެރިން ވެސް ތިއްބައި ސޯޝަލް މީޑިއާގައި ފެތުރެން ފެށީ އެކުދިންނަށް ސަރުކާރުން އަޅާނުލާ ވާހަކައެކެވެ. އެކުދިންގެ ހާލު ސަރުކާރުން ބަލަމުން ނުދާ ކަމަށާއި ރާއްޖެ އަންނާނެ ގޮތެއް ހޯދައިދިނުމަށް އެކަށީގެންވާ މަސައްކަތްތަކެއް ނުކުރާ ވާހަކަ އެވެ. އެހެން ގައުމުތަކާ ހިލާފަށް، ބެލަރުސްގައި ތިބި ދިވެހިން ގެންނަން ސަރުކާރުން އެކަށީގެންވާ މަސައްކަތްތަކެއް ނުކުރާ ކަމަށް ވާހަކަ ދެކެވެން ފެށީ، ޔޫކްރެއިންގައި ތިބި 32 ދަރިވަރަކު ރާއްޖެ ގެނައުމުގެ އިންތިޒާމު ހަމަޖެހިގެން ދިއުުމާ ގުޅިގެންނެވެ. ޔޫކްރެއިންގައި ތިބި ކުދިން ގެނެވޭކަމުގައި ވާނަމަ، ބެލަރުސްގައި ތިބި ކުދިން ނުގެނެވެންވީ ސަބަބެއް ނެތް ކަމަށް އެއް ބަޔަކު އަންނަނީ ބުނަމުންނެވެ. ފޮރިން މިނިސްޓްރީގެ މީޑިއާ ޑިރެކްޓަރު މިއުވާން މުހަައްމަދު ވިދާޅުވީ އިންޓަނޭޝަނަލް ދަތުރުތައް މެދުކަނޑާލާފައި ވުމުގެ އިތުރުން، ބޯޑަރުތައް ބަންދުކޮށްފައި ވުމުގެ ސަބަބުން، ދަރިވަރުން ގެންނަން ދަތިތަކާ ކުރިމަތިވެފައިވާ ކަމަށެވެ. "ނަމަވެސް ހަމަ ހުއްޓާނުލާ އެ މަސައްކަތް އެބަ ކުރެވޭ. ރާއްޖޭގެ އިތުރުންް ވެސް އެހެން ގިނަ ގައުމުތަކަށް ވެސް ވަނީ ބެލަރުސް އިން އެގައުުމުތަކުގެ މީހުން ނެރެން ދަތިތަކާ ކުރިމަތިވެފަ،" މިއުވާން ވިދާޅުވި އެވެ. މިއުވާން ވިދާޅުވީ ބެލަރުސްގައި ތިބި ދިވެހީންނާ، މުއާމަލާތު ކުރަމުން އަންނަ ކަމަށާއި ފްލައިޓެއް ހަމަޖެހެންދެން ބެލަރުސްގެ ކަމާބެހޭ ފަރާތްތަކުގެ އިރުޝާދާ އެއްގޮތަށް އަމަލު ކުރުމަށް އެދޭކަމަށެވެ. އަދި ޒަރޫރީ ކަމެއްގައި މެނުވީ ބޭރަށް ނުކުމެ ނޫޅުމަށެވެ. ބެލަރުސްގެ ޕާކެއްގައި ބަޔަކު ވަގުތު ހޭދަކުރަނީ -- ފޮޓޯ/ގެޓީ އެމަޖެންސީ ކަމެއް ދިމާވެއްޖެ ނަމަ ޖަރުމަނުގައި ހުންނަ ދިވެހި އެމްބަސީއަށް ނުވަތަ ފޮރިން މިނިސްޓްރީއަށް އެންގުމަށް ވެސް އިލްތިމާސްކުރެއްވިއެވެ. އެކި ގޮތްގޮތަށް ވާހަކަތެއް ދެކެވުނު ނަމަވެސް، ސަރުކާރުން މިކަމުގައި މަސައްކަތް ކުރަމުން އަންނަ ކަމަށް ބެލަރުސްގައި ތިބި ބައެއް ދަރިވަރުން ގަބޫލުކުރެ އެވެ. ބެލަރުސްގެ ގްރޮޑްނޯ ސްޓޭޓް މެޑިކަލް ޔުނިވާސިޓީގައި ކިޔަވަމުން އަންނަ ދަރިވަަރަކު "ސަން" އަށް ބުނީ އެގައުމުން ބަލި ފެންނަން ފެށުމަށް ފަހު ވެސް ކޮލެޖުތަކުގައި ކިޔަވައިދިނުން ކުރިއަށްދިޔަ ކަމަށެވެ. އަދި މެޑިސިން ކިޔަވާ ކުދިންގެ ތެރެއިން، ބައެއް ކުދިންގެ ކްލާސްތައް ހޮސްޕިޓަލުގައި ވެސް ކުރިއަށް ދިޔަ ކަމަށެވެ. ހޮސްޕިޓަލަށް ނުގޮސް އޮންލައިންކޮށް ކްލާސްތައް ކުރިއަށް ގެންދާ ގޮތަށް ހަމަޖެހިގެން ދިޔައީ، އެ ޔުނިވާސިޓީގައި ކިޔަވާ އިންޑިއާ ދަރިވަރުންތަކެއް، ކްލާސްތައް ބޮއިކޮޓްކޮށް، ޔުނިވާސިޓީއަށް ދާން ދެކޮޅު ހެދުމުގެ ސަބަބުން، އެކަމަށް ސަރުކާރުތަކުން ވެސް އެދިގެންނެވެ. އެގޮތުން ރާއްޖޭގެ ފޮރިން މިނިސްޓްރީން ވެސް ދަރިވަރުން ގޭގައި ތިބެގެން އޮންލައިންކޮށް ކްލާސް ކުރިއަށް ގެންދަން ކޮލެޖުގައި އެދުނު ކަމަށް އެ ދަރިވަރު ބުންޏެވެ. އޭޕްރީލް މަހުގެ ހަ ވަނަ ދުވަހުން ފެށިގެން އެ ޔުނިވާސިޓީގެ ކުދިން ކްލާސްތައް ނަގަނީ އޮންލައިންކޮށެެވެ. ކޮންމެހެން ބޭރަށް ދާން ޖެހިގެން ނޫނީ ބޭރަކަށް ނުނުކުމެއެވެ. ނުކުންނަން ޖެހުނު ނަމަވެސް ނުކުންނަނީ މާސްކް އަޅައި، ރައްކާތެރިވާން ކުރެވޭނެ ކަންކަން އަމިއްލައަށް ކޮށްގެންނެވެ. ޔޫއެލް ފްލައިޓަކާ އެކު ކުޑަ އުންމީދެއް! މިވަގުތު ރާއްޖޭގެ ހާލަތު ވެސް ގޯސްވަމުން އަންނާތީ، ސިއްހީ ދާއިރާއިން ކިޔަވަމުން އަންނަ ހުރިހާ ކުދިންގެ އެހީތެރިކަން ވެސް މިވަނީ ބޭނުންވެފައެވެ. ބެލަރުސްގައި ތިބި މެޑިސިން ކިޔަވާ ކުދިން ވެސް ތިބީ މަސައްކަތަށް ނުކުންނަން ރާއްޖެ އަންނަން ބޭނުންވެފައެވެ. އެކުދިންނަށް ރިލީޒް ދިނުމަށް ސަރުކާރުން ވަނީ ޔުނިވާސިޓީގައި އެދިފަ އެވެ. އެހެންކަމުން ގްރޮޑްނޯގައި ތިބި ކުދިންގެ ތެރެއިން 65 ކުދިން މިހާރު ވެސް ތިބީ އެނބުރި ގައުމަށް އަންނަން ތައްޔާރުވެގެންނެވެ. ފްލައިިޓެއް ހަމަޖެއްސުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އަދި ފުރަން ބޭނުންވާ ހުރިހާ ލިޔެކިޔުމެއް ހަމަކޮށް ތައްޔާރަށް ތިބުން ބުއްދިވެރިކަމަށް ފޮރިން މިނިސްޓްރީން އެންގުމާއެކު އެކުދިން ވަނީ ގައުމުން ބޭރުވާން ވިސާ ނަގައި، ގައުމަށް ހިދުމަތް ކުރަން އަންނަން އަތުކުރި އޮޅާލައިފައެވެ. ނަމަވެސް ހަމަޖެހިފައި ނުވަނީ ފްލައިޓެކެވެ. ބެލަރުސްގައި ތިބި ސްރީލަންކާ ރައްޔިތުން ބަލާ މި މަހުގެ 20 ވަނަ ދުވަހު، މިންސްކް އިންޓަނޭޝަނަލް އެއާޕޯޓުގައި ފްލައިޓެއް ޖައްސާނެއެވެ. އެ ފްލައިޓާ އެކު ބެލަރުސްގައި ތިބި ކުދިންނަށް ވަނީ ކުޑަ އުންމީދެއް ލިބިފަ އެވެ. ސްރީލަންކަން އެއާލައިންގެ ފްލައިޓެއް -- ފައިލް ފޮޓޯ ނަމަވެސް އެ ފްލައިޓުން ދިވެހިންނަށް ޖާގަ ލިބޭނެ ކަމެއް ނޭނގެ އެވެ. އެކަމާ މިހާރު މަޝްވަރާތައް ވެސް އަންނަނީ ކުރެވެމުންނެވެ. އެ ފްލައިޓުން ދިވެހިންނަށް ޖާގަ ލިބުނު ނަމަވެސް، ޓިކެޓު އުޅޭނެ ކަމަށް ބެލެވެނީ 1000 ޑޮލަރުން މަތީގަ އެވެ. އަދި ކޮލަމްބޯއިން މާލެ ދިއުމަކީ ވެސް އިތުރު މަރުހަލާއެކެވެ. އިތުރު ހަރަދެކެވެ. މީގެ އިތުރުން އިނަ މޯލްޑިވްސް އިން އިސްނަގައިގެން، ޔޫއެލް މެދުވެރިކޮށް ބެލަރުސްގައި ތިބި ދިވެހި ދަރިވަރުންނަށް ފްލައިޓެއް ބޭއްވޭތޯ ވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ. "ވަރަށް ބޮޑަށް ޝުކުރު އަދާކޮށްލަން ބޭނުން އިނަ މޯލްޑިވްސް އަށް. އެބޭފުޅުން އެބަ ވަރަށް ބޮޑަށް މަސައްކަތް ކޮށްދެއްވާ އަޅުގަނޑުމެން ރާއްޖެއަށް ދެވޭނެ ގޮތް ހަދައިނުމަށް. މީގެ އިތުރުން ފޮރިން މިނިސްޓަރު ޝާހިދު ވެސް ވަރަށް ގާތުން އެބަ ބައްލަވާ. ސަރުކާރުން ވެސް އެބަ މަސައްކަތް ކޮށްދޭ،" ދަރިވަރަކު ބުންޏެވެ. މި އަހަރުގެ ސަމާ ބްރޭކަށް ރާއްޖެ އަންނަން އިއްތިހާދު އަދި ގަތަރު އެއާވޭޒް އިން ޓިކެޓު ނެގި ކުދިންގެ ޓިކެޓުތައް ކެންސަލްވެފައިވާއިރު އެކަން މިހާރު ވަނީ އަންގައިފަ އެވެ. ޔޫއެލްގެ ފްލައިޓުން އަގުބޮޑުކޮށް ޓިކެޓު ނަގައިގެން ރާއްޖެ އަންނަން ބައެއް ކުދިން ތައްޔާރަށް ތިބި ނަމަވެސް، ބައެއް ކުދިންނަށް އެ ހަރަދު ކުރެވޭކަށް ނެތެވެ. ނަމަވެސް ގިނަކުދިން އަދިވެސް ތިބީ އަނބުރާ ގައުމަށް އައިސް ގައުމީ ހިދުމަތަށް ނުކުމެވޭނެ ދުވަހެއްގެ އިންތިޒާރުގަ އެވެ.
ބެލަރުސްގެ ނަމްބަރު މައްޗަށް، ދިވެހިން ރާއްޖެ އަންނަން އެދިއެދި!
ކުޑަކުދިންނަށް އުފާވެރި މުސްތަގުބަލެއް ހޯދައިދިނުމަށް ޓަކައި ކުރެވެން ހުރި ކޮންމެ ކަމެއް ކުރައްވާނެ ކަމަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެެވެ. މިއަދަކީ ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ކުޑަކުދިންގެ ދުވަހެވެ. އެ ދުވަހުގެ މުނާސަބަތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކޮވިޑްއާ ދެކޮޅަށް ހަނގުރާމަ ކުރާ މި ދަނޑިވަޅުގައި އަމާޒަކީ ކުޑަކުދިން އެ ބަލިން ރައްކާތެރިކުރުމަށް މަސައްކަތް ކުރުން ކަމަށެވެ. އަދި އޭގެ އިތުރުން، ކުޑަކުދިންނަށް ކުރިމަތިވާ ނުރައްކާތައް ނައްތާލުމަކީ މި ސަރުކާރުން މަސައްކަތް ކުރާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. "އެއާއެކު ކުޑަކުދިންނަށް ރަނގަޅު ކާނާ އާއި ތައުލީމު ލިބޭކަން ކަށަވަރު ކުރުމާއި އެކި އަނިޔާތަކުން ސަލާމަތްކޮށް ކުޑަކުދިންނަށް އުފަވެރި މުސްތަގުބަލެއްވެސް ޔަގީން ކޮށްދޭނަން،" ރައީސް ވިދާޅުވި އެެވެ. ރާއްޖެއިން ކޮރޯނާވައިރަސް ޖެހުނު ފަރާތްތަކުގެ ތެރޭގައި ކުޑަކުދިން ވެސް ހިމެނެ އެވެ. އަދި މި ފަހުން ހަތް މަހުގެ ތުއްތު ކުއްޖަކުވެސް ކޮވިޑަށް ވަނީ ޕޮޒިޓިވްވެފަ އެެވެ. މިހާތަނަށްް ރާއްޖޭގެ 20 އަށް ވުރެ ގިނަ ކުޑަކުދިން ކޮވިޑަށް ވަނީ ޕޮޒިޓިވްވެފަ އެެވެ. ކޮރޯނާވައިރަހާ ގުޅިގެން މާލެ ލޮކްޑައުން ކުރުމުގެ މާ ކުރިން ރާއްޖޭގެ ސްކޫލްތައް އޮތީ ބަންދުކޮށްފަ އެެވެ. މިހާތަނަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދަކީ، 790 އެވެ. އޭގެ ތެރެއިން 29 މީހަކު ރަނގަޅުވެ، ތިން މީހަކު ވަނީ މަރުވެފަ އެވެ.
ކުޑަކުދިންގެ މުސްތަގުބަލަށްޓަކައި އަޅަން ޖެހޭ ކޮންމެ ފިޔަވަޅެއް އަޅާނަން: ރައީސް
މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އާ ގުޅިގެން މި އަހަރު ފިލާވަޅުތައް ނަގައިދީ ހަމަނުކުރިޔަސް ދަރިވަރުން ރިޕީޓް ނުކުރާނެކަމަށް އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރު އައިޝަތު އާތިޔާ ނަސީރު ވިދާޅުވެއްޖެ އެވެ. ކޮރޯނާއާ ގުޅިގެން ސްކޫލްތައް ބަންދުކޮށްފައި އޮންނަތާ މިހާރު މަހަކަށް ވުރެ ގިނަ ދުވަސް ވަނީ ވެފަ އެވެ. މީގެ ކުރިން ދަރިވަރުންނަށް ޓީވީ ޗެނަލްތައް މެދުވެރިކޮށް ނަގައިދެމުން އައި ޓެލެކްލާސްތައްވެސް މިހާރު ވަނީ މެދުކަނޑާލައިފަ އެވެ. އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރު އާތިޔާ މިއަދު "ސަން" އަށް ވިދާޅުވީ ރާއްޖޭގެ ތައުލީމީ ނިޒާމް ފަހަކަަށް އައިސް ބައްޓަން ކުރެވިފައި އޮތީ އޮޓަމެޓިކްއިން ދަރިވަރުން އެއް ގްރޭޑުން އަނެއް ގްރޭޑަށް ބަދަލުވާ ގޮތަށް ކަމަށާއި އެހެންކަމުން ދަރިވަރުން މިއަހަރު ވަކި ރިޕީޓް ނުކުރާނެ ކަމަށެވެ. މިހާރު އޮތް ހާލަތުގެ ސަބަބުން ދަރިވަރުންގެ ކިޔަވުން ފެށޭނެ ތާރީހެއް ނޭނގޭކަމަށާއި އެހެންނަމަވެސް ކިޔެވުން ފެށުމުން އަލުން ދަރިވަރުންނަށް ކިޔަވައިދީފިލާވަޅުތައް ހަމަކުރުމަށް ކުރަން ޖެހޭ މަސައްކަތްތަކުގެ ޕްލޭން ހަދަމުންދާ ކަމަށް އާތިޔާ ވިދާޅުވި އެވެ. "މިވަގުތު ނެތް ދޮއްތޯ މާހަލެއްވެސް. ދެން އަޅުގަނޑަށްވެސް އެނގޭ ދަރިވަރުންގެ މެދުގައި ބިރުވެރިކަން އޮތްކަން. ދަން މައިންބަފައިންވެސް ޖެހޭ ކުދިން ދައްކާ ވާހަކަ އަހައި ކުދިންނަށް އަޅާލާ ހަދަން. އޭގެ އިތުރުން މިވަގުތު ކުދިންނަށް ދުނިޔޭގެ އެކި ކަންތައްތައް ދަސްކޮށްދީ އަދަބު އަހުލާގުވެސް މިގަތު ދަސްކޮށްދެވިދާނެ." އޭނާ ވިދާޅުވި އެެވެ.
ފިލާވަޅުތައް ހަމަނުކުރެވުނަަސް ދަރިވަރުން ރިޕީޓެއް ނުކުރާނަން: އާތިޔާ
ލަންޑަން (10 މޭ 2020) : އިނގިރޭސި ސަރުކާރުގެ ސިއްހަތާބެހޭ ލެބޯޓްރީތަކަށް ޓެކްނިކަލް މައްސަލަތަކެއް ދިމާވުމުން ކޮރޯނާ ވައިރަސް "ކޮވިޑް-19" ގެ ސާމަޕްލްތައް ޓެސްޓް ކުރަން އެމެރިކާއަށް ފޮނުވަން ޖެހިއްޖެ އެވެ. އިނގިރޭސި މީޑިއާ ބުނާގޮތުން އެންއެޗްއެސް ގެ ލެބޯޓްރީތަކަށް މައްސަލަތަކެއް ދިމާވެފައިވާއިރު ބައިލައްކައެއްހާ މީހުން ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް ނަގާފައިވާ ސާމްޕަލްތައް ވައިގެ މަގުން އެމެރިކާއަށް ފޮނުވާލާފައިވާ ކަމުގައެވެ. އިނގިރޭސިވިލާތުގެ ސިއްހަތާބެހޭ މަސްއޫލުވެރިއަކު ވިދާޅުވީ މިގޮތަށް އަމަލުކުރީ ލެބޯޓްރީތަކަށް މައްސަލަތައް ކުރިމަތިވެއްޖެ ހާލަތެއްގައި އަމަލުކުރުމަށް ރާވާފައިވާ އޮންނަ ކޮންޓިންޖެންސީ އާ އެއްގޮތަށް ކަމުގައެވެ. ކޮވިޑް-19 ގެ ސާމަޕަލްތައް އެމެރިކާއިން ޓެސްޓު ކުރިނަމަވެސް ނަތީޖާ ނެރޭނީ އިނގިރޭސިވިލާތުގައި އޮންނަ ކަމާބެހޭ މިންގަނޑުތަކާ އެއްގޮތަށް ޓެސްޓްގެ ކަންތައް ކުރިޔަށް ދިޔަކަން ޔަގީން ކުރުމަށްފަހުގައި ކަމަށް އިނގިރޭސި ސަރުކާރުގެ އިނގިރޭސިވިލާތުގެ އޮފް ހެލްތް އެންޑް ސޯޝަލް ކެއާގެ ޑިޕާޓްމަންޓްގެ މަސްއޫލުވެރިޔާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ދުވާލެއްގެ މައްޗަށް ކޮވިޑް-19 ގެ އެއްލައްކަ ސާމަޕަލް ޓެސްޓް ކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ އަމާޒަށް ހާސިލް ނުވެވޭ ކަމަށާ ލެބޯޓްރީތަކަށް ދިމާވި ޓެކްނިކަލް މައްސަލަތަކުގެ ސަބަބުން އެ އަމާޒު ހާސިލް ކުރުމަށް އިތުރު ގޮންޖެހުންތައް ކުރިމަތިވެފައިވާ ކަމުގައެވެ. އިނގިރޭސި ސަރުކާރުގެ ސިއްޙަތާބެހޭ ނިޒާމު ކަމަށްވާ އެންއެޗްއެސް ގެ ލެބޯޓްރީތަކަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރަމުން ގެންދާއިރު އެކަމާގުޅިގެން ކުރިމަތިވި ދަތިތަކަށް މަޢާފަށް އެދޭކަމަށް ހެލްތް އެންޑް ސޯޝަލް ކެއާގެ ޑިޕާޓްމަންޓުން ނެރުނު ބަޔާނެއް ބުނެއެވެ. އިނގިރޭސިވިލާތަކީ ކޮވިޑް-19 ކޮންޓްރޯލް ކުރުމުގައި ޔޫރަޕްގެ އެހެން ގައުމުތަކަށްވުރެ ފަހަތުގައި އުޅޭ ގައުމެކެވެ. މިގޮތަށް ދިމާވީ އެރޯގާ ފެތުރުނުތާ ކުރީކޮޅު އިނގިރޭސި ސަރުކާރުން އެކަމުގައި ވީ އިހުމާލުތަކުގެ ސަބަބުންކަމަށް ރިޕޯޓްތައް ބުނެއެވެ. ނަމަވެސް އިނގިރޭސި ސަރުކާރުން ފަހުންވަނީ ވަރަށް ސީރިޔަސް ކަމާއެކު ކޮވިޑް-19 ކޮންޓްރޯލް ކުރުމުގެ މަސައްކަތް ފަށާފައެވެ. މިއާއެކު މިމަސް ނިމޭއިރު އިނގިރޭސިވިލާތުގައި ކޮވިޑް-19 ފެތުރޭ މިންވަރު މަޑުޖައްސާލެވޭނެކަމަށް އެގައުމުގެ ތަޖްރިބާކާރުން ލަފާކުރައްވައެވެ. ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އިނގިރޭސިވިލާތުންވަނީ ކަރަންޓީނާއި ފުރަބަންދުގެ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ. އަދި ކޮވިޑް-19 އަށް ޓެސްތް ކުރުމުގެ ގާބިލްކަންވެސްވަނީ އެތަށް ގުނައެއް އިތުރުކޮށް ފައެވެ. ނަމަވެސް ސަރުކާރުގެ އަމާޒުކަމަށްވާ ދުވާލަކަށް އެއްލައްކަ މީހުން ޓެސްޓް ކުރުމުގެ މަގްސަދު އަދި ހާސިލް ކުރެވިފައެއް ނުވެއެވެ. ޔޫރަޕްގެ ގިނަ ގައުމުތަކުން ފުރަބަންދުގެ ފިޔަވަޅުތަކަށް މިހާރު ލުއިދޭން ފަށާފައިވީނަމަވެސް އިނގިރޭސިވިލާތުން އަދި އެކަން ކުރާކަށް އަދި ނުވިސްނައެވެ. އިނގިރޭސިވިލާތުގައި 215 ހާސް މީހުންނަށް ކޮވިޑް-19 ޖެހި އޭގެތެރެއިން 31 ހާސް މީހުންވަނީ އެ ބަލީގައި މަރުވެފައެވެ. (ނޫސްއެޖެންސީތައް)
ޔޫކޭގެ ކޮވިޑް-19ގެ ސާމްޕަލްތައް ޓެސްޓްކުރަން އެމެރިކާއަށް ފޮނުވަނީ
ކޮވިޑް ރޯގާއާ ގުޅިގެން ހުއްޓާލާފައި އޮތް ގައުމީ ޔުނިވަސިޓީގެ ކިޔެވުން މިމަހުގެ 31 ގައި ފަށަން ނިންމާފައިވާ ކަމަށް އެ ޔުނިވަސިޓީއިން ބުނެފި އެވެ. ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކަ ކޮމިޓީގައި ވާހަކަ ދައްކަވަމުން ގައުމީ ޔުނިވަސިޓީގެ ޗާންސެލަރު މުހައްމަދު ޝަރީފު ވިދާޅުވީ 31 މާޗުގައި އޮންލައިންކޮށް ކިޔަވައިދިނުމުގެ މަސައްކަތްތައް ފަށަން ނިންމާފައިވާ ކަމަށެވެ. އޮންލައިންކޮށް ކިޔަވައިދިނުމަށް މާބޮޑު ދަތިތަކެއް އެ ޔުނިވަސިޓީއަށް ކުރިމަތި ނުވާނެކަމަށް ވައިސް ޗާންސެލަރު ފާހަގަކުރެއްވި އެވެ. "ޔުނިވަސިޓީއަކީ ދުރުންދޭ ތައުލީމަކަށް ނުވަތަ އިންޓަނެޓް ބޭނުންކޮށްގެން ކިޔަވައިދޭކަށް ބީރައްޓެހި ތަނެއް ނޫން. ގާތްގަނޑަަކަށް މީގެ 22 އަހަރު ކުރިން ޔުނިވަސިޓީގައި ދުރުންދޭ ތައުލީމު ފަށައިފި. އެހެންވީމަ އަޅުގަނޑުމެންނަކަށް އެގޮތަށް ބަދަލުކޮށްލުމުގެ އަނެއްހެން މާބޮޑު ދަތިތަކެއް ނުހުންނާނެ." ޑރ މުހައްމަދު ޝަރީފު ވިދާޅުވި އެވެ. އެހެންނަމަވެސް ޕްރެކްޓިކަލް ގިނަ މާއްދާތަކެއް ހުރުމުން ހުރިހާ މާއްދާއެއް އޮންލައިންކޮށް ކިޔަވައިދޭ މާއްދާތަކަކަށް ބަދަލުކުރުމަށް ކޮންމެވެސް ވަރެއްގެ ގޮންޖެހުންތަކެއް ހުންނާނެކަމަށް ޝަރީފު ވިދާޅުވި އެވެ. އެކަމަށް ވަގުތުތަކެއް ނަގާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. ގައުމީ ޔުނިވަސިޓީގެ އެކަޑެމިކް ކަލަޑަރުން ހަތް ހަފްތާ މިހާރުވެސް ގެއްލިފައިވާ ކަމަށް އެ ޔުނިވަސިޓީއިން ބުންޏެވެ. އެއީ ކިޔަވައިދިނުމުގެ ވަރަށް ބޮޑު ބައެއް ގެއްލުން ކަމަށްވެސް ބުންޏެވެ. ކޮމިޓީގައި ވާހަކަދައްކަވަމުން ގައުމީ ޔުނިވާސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލާ ޑރ. އާއިޝަތު ޝެހެނާޒް އާދަމް ވިދާޅުވީ ކޮވިޑް19 ގެ އެކި މަސައްކަތްތަކުގައި ޔުނިވާސިޓީގެ 1،300 އަށްވުރެ ގިނަ ދަރިވަރުންނާއި މުވައްޒަފުން ހަރަކާތްތެރިވަމުން ދާކަމަށެވެ. އަދި އެންމެ ކުރީސަފުގައި ހަރަކާތްތެރިވާ މީހުންގެ ތެރޭގައިވެސް އެމްއެންޔޫގެ ދަރިވަރުންނާއި މުވައްޒަފުން އުޅޭކަމަށް ވިދާޅުވިއެވެ.
ގައުމީ ޔުނިވަސިޓީގެ ކިޔެވުން މޭ 31 ގައި ފަށަނީ
ކުރިއަށް އޮތް ތިން މަހަށް ދައުލަތުގެ ހިދުމަތްތައް މެދުނުކެޑި ކުރިއަށް ގެންދިޔުމަށް 4.2 ބިލިއަން ރުފިޔާ މިވަގުތުން މިވަގުތަށް ވެސް ބޭނުންވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ރައްޔިތުންގެ މަޖިލީހުގައި ދަންނަވައިފި އެވެ. ކޮވިޑް 19 އާ ގުޅިގެން އައިސްފައިވާ އިގްތިސާދީ އަދި މާލީ ލޮޅުންތަކާއެކު ދައުލަތުގެ ހަރަދުތަކަށް ބޭނުންވާ ކޭޝްފްލޯ ހޯދުމަށް ދައުލަތުގެ ހަރަދަށް ޒިންމާވާ ގާނޫނަށް ލުއިތަކެއް ހޯދައިދިނުމަށް އެދި މިނިސްޓަރު މަޖިލީހަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ، ދައުލަތުގެ އާމްދަނީ އާއި ފައިނޭންސިންގެ ގޮތުގައި ވަންނަ ފައިސާ އިންތިހާއަށް މަދުވެފައިވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން، ކުރު މުއްދަތުގައި ދައުލަތުގެ ކޭޝްފްލޯ މެނޭޖްކުރުމަށްޓަކައި އިތުރު ފައިސާ ހޯދޭނެ ގޮތްތައް ވަނީ ހޯދަން ޖެހިފައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. "މިގޮތުން، ސިނާރޯ ތިނަކަށް ބަލައި، ކުރިއަށް އޮތް ތިން މަހަށް ދައުލަތުގެ ހިދުމަތްތައް ދަމަހައްޓައި، ސިއްހީ ހިދުމަތްތަކަށް ބޭނުންވާ ހޭދަތައްކޮށް، އިގްތިސާދީ ގޮތުން އާއިލާތަކަށް ބޭނުންވާ އަސާސީ ކަންކަން ފުއްދޭ މިންވަރު ކަށަވަރުކުރުމަށް އެންމެ މަދުވެގެން 4.2 ބިލިއަން ރުފިޔާގެ ފައިނޭންސިން ބޭނުންވެ އެވެ،" މިނިސްޓަރުގެ ސިޓީގައި ވިދާޅުވެފައިވެ އެވެ. އެ ސިޓީގައި ހިމަނުއްވާފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ކުރިއަށް އޮތް ހަ މަސްދުވަހުގެ ތެރޭގައި ދައުލަތަށް އެވްރެކްކޮށް މަހަކު ލިބޭނެ ކަމަށް ލަފާކުރެވެނީ 822 މިލިއަން ރުފިޔާ އެވެ. އެހެން ނަމަވެސް، ހަރަދުގެ ގޮތުގައި އެވްރެޖްކޮށް މަހަކު 2.3 ބިލިއަން ރުފިޔާ ހިނގާނެ ކަމަށް ފިނޭންސުން ލަފާކުރެ އެވެ. އެހެން ކަމަށް ވެއްޖެ ނަމަ، އެ ޑެފިސިޓް ފޫބައްދަން އެވްރެޖްކޮށް މަހެއްގެ މައްޗަށް އިތުރު 1.48 ބިލިއަން ރުފިޔާ ބޭނުންވެ އެވެ. މައުލޫމާތު: ފިނޭންސް ފިނޭންސް މިނިސްޓަރު ސިޓީގައި އިތުރަށް ފާހަގަ ކުރެއްވި ގޮތުގައި މާލެ ލޮކްޑައުންކުރަން ޖެހިފައި ވުމުގެ ސަބަބުން ވިޔަފާރިތައް ހުއްޓި، ވިޔަފާރިތަކުން ދައުލަތަށް ޓެކްސް ދެއްކުމަށް ވެސް އުނދަގޫތަކާ ކުރިމަތިވެފައިވާ ކަމަށެވެ. މީގެ އިތުރުން އިގްތިސާދީ ޑިމާންޑް ދަށްވެފައިވާ މިދަނޑިވަޅުގައި ހަރަދުތައް ކުޑަ ކުރުމަށް ފިޔަވަޅުތައް އެޅުމަކީ އިތުރަށް ކަންކަން ގޯސްވާނެ ކަމަކަށްވާތީ ހަރަދު ކުޑަކުރަން ދަތި ކަމަށެވެ. އަދި ކޮވިޑްގެ ހާލަތު ބަދަލުވަމުންދާ ގޮތުން ސިއްހީ އަދި ކާރިސާ މެނޭޖް ކުރުމަށް ކުރަންޖެހޭ ހަރަދު އިތުވެފައިވާ ކަމަށްވެސް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ. އަދި މިދަނޑިވަޅުގައި ދައުލަތް ހިއްސާވާ ކުންފުނިތަކުގެ އޮޕަރޭޝަނަލް ހަރަދުތައް ކުންފުނިތަކުން ސަރުކާރަށް ބަރޯސާވާން ޖެހިފައިވާ ކަމަށްވެސް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް ދައުލަތުން ބައެއް ހަރަދުތައް ކުޑަކުރިކަން އެ ލިޔުމުގައި މިނިސްޓަރު ފާހަގަ ކުރައްވާފައިވެ އެވެ. އެގޮތުން ޑެޕިއުޓީ މިނިސްޓަރު ލެވަލުން ފެށިގެން މަތީގެ ސިޔާސީ ބޭފުޅުންގެ މުސާރައިން 20 ޕަސެންޓް ކަނޑާލާފައިވާ ކަމަށް ވަނީ ވިދާޅުވެފަ އެވެ. ދައުލަތުން ކުޑަކުރި ހަރަދުތައް ޑެޕިއުޓީ މިނިސްޓަރު ލެވަލުން ފެށިގެން މަތީގެ ސިޔާސީ ބޭފުޅުންގެ މުސާރައިން 20 ޕަސެންޓް ކުޑަކުރުން ދަތުރުފަތުރަށް ކުރާ ހަރަދު ކުޑަކުރުން މަރާމާތުތަކާއި ހަރުމުދާ ހޯދުން މަޑު ޖައްސާލުން އެހެނިހެން ރިކަރަންޓު ހަރަދުތައްވެސް ކުޑަކުރުން އިތުރު މުވައްޒަފުން ނުނެގުން މަޝްރޫއުތައް އެވޯޑްކުރުން މަޑުޖައްސާލުން މިނިސްޓަރު އަމީރު ވިދާޅުވީ ބޭރު ގައުމުތަކުންނާއި ބައިނަލްއަގްވާމީ މާލީ އިދާރާތަކުން ހިލޭ އެހީއާއި ލޯނު ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. ނަމަވެސް ފައިސާ ހޯދުމުގެ މަޝްވަރާތައް ނިމި ފައިސާ ލިބޭ ހިސާބަށް ދިއުމަށް އިތުރު ވަގުތު ނަގާނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ. އެހެން ކަމުން މިނިސްޓަރު އެދިވަޑައިގެންނެވީ، ދައުލަތުގެ ހަރަދަށް ޒިންމާވާ ގާނޫނުގެ 32 ވަނަ މާއްދާގެ (ހ) އަށް އަމަލުކުރުން ފަސްކޮށް ދިނުމަށެވެ. އަމަލުކުރުން ފަސްކޮށްދިނުމަށް ފިނޭންސް މިނިސްޓަރު އެދިވަޑައިގެން 32 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ ދައުލަތުގެ މަރުކަޒީ ބޭންކުން ދައުލަތަށް ދަރަންޏަށް ފައިސާ ނެގޭނީ 91 ދުވަހުގެ ތެރޭގައި އެފައިސާ ދައްކާ ހަލާސްކުރާ ގޮތަށް ކަމަށެވެ. އަދި އެގޮތަށް ފައިސާ ނެގޭނީވެސް ވޭތުވެދިޔަ ތިން އަހަރު ސަރުކާރަށް ލިބުނު ޖުމްލަ އާމްދަނީގެ މައްޗަށް ބިނާކޮށް އަހަރަކަށް ޖެހޭ އެވްރެޖް އާމްދަނީގެ އެއް ޕަސެންޓަށްވުރެ އިތުރު ނުވާ ގޮތަށް ކަމަށްވެސް އެ މާއްދާގައި ވަނީ ބުނެފަ އެވެ. އެ މާއްދާއަށް އަމަލުކުރުން ފަސްކޮސްފި ނަމަ ވަކި މުއްދަތެއް ނެތް ގޮތަށް މަރުކަޒީ ބޭންކުން ދައުލަތަށް ދަރަންޏަށް ފައިސާ ނެގޭނެ އެވެ. އަދި ދަރަންޏަށް ފައިސާ ނަގާއިރު ލިމިޓެއް ނެތި ދަރަންޏަށް ފައިސާ ނެގޭނެ އެވެ. އޭގެ އިތުރުން ދެން ފިނޭންސް މިނިސްޓަރު ފަސްކޮށްދޭން އެދިވަޑައިގަތީ 32 ވަނަ މާއްދާގެ (ރ) އަދި އަދި ހަމަ އެ މާދާގެ (ބ) އެވެ. އެމާއްދާގެ (ބ) ގައި ބުނެފައިވަނީ ދައުލަތުން ދަރަންޏަށް ފައިސާ ނަގަން ވާނީ ގައުމީ ތަރައްގީގެ މަޝްރޫއުތަކާއި އުފެއްދުންތެރިކަން އިތުރުކުރެވޭނެ ވަސީލަތްތައް ހޯދުމަށް އެކަނި ކަމަށެވެ. 1 ޖެނުއަރީ 2016 ވަނަ ތާރީހުން ފެށިގެން ދައުލަތުގެ ދަރަނި އަދާކުރުމަށް ދަރަންޏަށް ފައިސާ ނަގައިގެން ނުވާނެ ކަމަށް އެ މާއްދާގައި ބުނެފައިވެ އެވެ. އެ މާއްދާގެ (ބ) ގައި ބުނެފައިވަނީ ދައުލަތުގެ ކޭޝް ފްލޯ މެނޭޖް ކުރުމުގެ ބޭނުމަށް ދައުލަތުގެ ކޭޝްފްލޯ މެނޭޖް ކުރުމުގެ ބޭނުމަށްޓަކައި ގިނަވެގެން 14 ދުވަހުގެ ތެރޭގައި އަނބުރާ ދައްކާ ގޮތަށް މަރުކަޒީ ބޭންކުން ދައުލަތަށް ފައިސާ ނެގޭނެ ކަމަށެވެ. އެ ދެ މާއްދާއަށް އަމަލު ކުރުން ހުއްޓާލުމަށް ފާސް ކުރުމަށްވެސް ފިނޭންސް މިނިސްޓަރު ވަނީ އެދިވަޑައިގެންފަ އެވެ
ދައުލަތް ހިންގަން މިހާރުން މިހާރަށް 4.2 ބިލިއަން ރުފިޔާ ބޭނުންވޭ: މިނިސްޓަރު
ކޮވިޑް19އާ ގުޅިގެން އިމާރާތްކުރުމުގެ ސައިޓުތަކުގައި މަސައްކަތް ކުރުމުގައި އަޅަން ޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ގައިޑްލައިނެއް މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ)އިން އާންމުކޮށްފި އެވެ. މަސީއިން އޮންލައިންކޮށް ބޭއްވި ބައްދަލުވުމެއްގައި "ގައިޑްލައިން ޓު ކޮމްބެކްޓް ކޮވިޑް-19" ނެރެދެއްވީ އެ ޖަމިއްޔާގެ ރައީސް މުހައްމަދު އަލީ ޖަނާހު އެވެ. ޖަނާހު ވިދާޅުވީ މި ގައިޑްލައިނާ އެއްގޮތަށް މަސައްކަތް ކުރުމުގައި ދަތިތަކެއް ކުރިމަތިވާނެ ކަމަށާއި ނަމަވެސް މިއީ އެންމެ ރައްކާތެރި ގޮތް ކަމަށެވެ. "މަސައްކަތް ލަސްވާނެ، މަޝްރޫއުތައް ވެސް ލަސްވާނެ އެހެން ނަމަވެސް މި ނޫން ގޮތަކަށް މަސައްކަތް ކުރިއަށްގެންދާކަށް މަސީއިން ލަފާއެއް ނުދޭނެ. މިއީ ނިއު ނޯމަލް،" ޖަނާހު ވިދާޅުވި އެވެ. ހަ ބަހަކުން (ދިވެހި، އިނިރޭސި، ނޭޕާލީ، ހިންދީ، ބެންގާލީ އަދި ސިންހަލީސް) ނެރުނު މި ގައިޑްލައިންގައި ފާހަގަކޮށްފައިވާ ބައެއް ކަންތައްތަކުގެ ތެރޭގައި ވަޒީފާ ދޭ ފަރާތުގެ މަސްއޫލިއްޔަތާއި ސައިޓުތަކުގެ މަސައްކަތްތައް ބައްޓަން ކުރަން ޖެހޭނެ ގޮތް ހިމެނެ އެވެ. އެގޮތުން ސައިޓު ހުޅުވުމުގެ ކުރިންނާއި ސައިޓު ތެރޭގައި އަދި ސައިޓުން ބޭރުގައި ކުރަން ޖެހޭ ކަންތައްތައް ވަނީ ހިމަނާފަ އެވެ. އަދި ކޮންމެ ކުންފުންޏަކުން ވެސް އެމާޖެންސީ ރެސްޕޮންސް ޕްލޭނެއް (އީއާރުޕީ- ސީ19) ބާއްވަން ޖެހޭނެ ކަމަށް އެ ގައިޑްލައިންގައި އިރުޝާދު ދީފައިވެ އެވެ. އެ ޕްލޭނުގައި ހިމަނަން ޖެހޭ ބައެއް ކަންތައްތަކަކީ؛ މުވައްޒަފެއްގެ ފަރަތުން ބަލީގެ އަލާމާތްތައް ފެނިއްޖެނަމަ އަމަލުކުރަން ޖެހޭ ގޮތް މުވައްޒަފަކު ކޮވިޑް19ގެ ޕޭޝަންޓަކާ ކޮންޓެކްޓް ވެއްޖެނަމަ އަމަލުކުރަން ޖެހޭ ގޮތް އައިސޮލޭޓް/ ކަރަންޓީނު ކުރާ ޕްރޮސީޖާ ކޮންޓެކްޓް ޓްރޭސިންއާ ގުޅޭ ކަންކަން މީގެ އިތުރުން ކޮންމެ ސައިޓެއްގައި ވެސް "ނުފޫޒުން އެއްކިބާވެގެންވާ" ސައިޓް ސޭފްޓީ އެންޑް ހެލްތު ރެޕްރެޒެންޓޭޓިވްއެއް (އެސްއެސްއެޗްއާރު) ބެހެއްޓުމަށް ވެސް އެ ގައިޑްލައިންގައި ބުނެ އެވެ. މިހާރު ސައިޓް ސޭފްޓީ ސުޕަވައިޒަރުން ތިބޭއިރު، އެސްއެސްއެޗްއާރުގެ ޒިންމާތަކުގެ ތެރޭގައި އެޗްޕީއޭއަށް އަންގަންޖެހޭ ކަންކަން ލަސްކުރުމެއްނެތި އެންގުން ހިމެނެ އެވެ. "ޓާގެޓަކީ މިއަށް އަހުލުވެރިކުރުވުން. އަންނަ ހަފުތާގައި އޮންލައިން ޓްރެއިނިން ސެޝަންއެއް ބާއްވާނަން އެއްފަހަރާ 100 މީހުންނަށް ބައިވެރިވެވޭ. ޓްރެއިންކޮށްފައި ރެންޑަމްކޮށް މަސީގެ މެމްބަރުން (384 ކުންފުނި) ޗެކް ކުރެވޭތޯ ބަލާނަން." ޖަނާހު ވިދާޅުވި އެވެ.
އިމާރާތްކުރާ ތަންތަނަށް ހާއްސަ ކޮވިޑް-19 ސޭފްޓީ ގައިޑް ނެރެފި
ސްޓެލްކޯ އަކީ ކެޓަގަރީ އޭގެ ކުންފުންޏަކަށްވުމާއެކު އެކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މުސާރައާއި އިނާޔަތްތަކަކީ އެ ކުންފުންޏާއި އެއް ގިންތިއެއްގައި ހިމެނޭ ހުރިހާ ކުންފުންޏެއްގެވެސް މެނޭޖިން ޑިރެކްޓަރުގެ މުސާރައާއި އިނާޔަތްތައް ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ. ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މުސާރައާއި ގުޅިގެން މީޑިއާގައި އާންމުވެފައިވާ ވާހަކަތަކާ ގުޅިގެން އެ ކުންފުނިން ނެރުނު ނޫސްބަޔާނެއްގައި ބުނީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މުސާރައާއި އިނާޔަތްތަކާއި ބެހޭގޮތުން އެކި ގޮތްގޮތަށް ބައެއް ނޫސްތަކުގައި އަދި ސޯޝަލް މީޑިއާގައި ދެކެވެމުންދާ ވާހަކަތަކާއި ގުޅިގެން އެކަމުގެ ހަގީގަތް ރައްޔިތުންނަށް ސާފުވެފައި އޮންނަންޖެހޭ ކަމަށް ފެންނަ ކަމަށެވެ. އެ ނޫސްބަޔާނުގައި ބުނީ މި ސަރުކާރު އައުމުގެ ކުރިން އެ ކުންފުނީގެ އެމްޑީންގެ މުސާރަތައް ކަނޑައަޅަމުން ގޮސްފައިވަނީ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ކަމަށެވެ. ނަމަވެސް މި ސަރުކާރު އައުމަށްފަހު ސަރުކާރު ކުންފުނިތަކުގެ ހިންގުން އިތުރަށް ހަރުދަނާކުރުމަށް އެޅިފިޔަވަޅުތަކާއެކު މިހާރު ކުންފުނީގެ އެމްޑީންގެ މުސާރަ ކަނޑައަޅަނީ މިނިސްޓްރީ އޮފް ފިނޭންސް އިން ކުންފުނިތައް ގިންތި ކޮށް މުސާރަތައް ކަނޑައަޅާފައިވާގޮތުގެ މަތިން ކަމަށް އެ ބަޔާނުގައި ބުންޏެވެ. "މުސާރައާއި އިނާޔަތްތައް ބިނާވެގެންވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޕާފޯމެންސް ލަނޑުދަނޑުތަކާއި، އަދި ކީ ޕާފޯރމެންސް އިންޑިކޭޓާރސް (ކޭޕީއައި) ހާސިލް ކުރާ މިންވަރުގެ މައްޗަށެެވެ. އަދި މި ކުންފުނި ގިންތި ކުރެވިގެންދަނީ ”A“ ކެޓަގަރީގައި ކަމަށްވާއިރު، އެ މުސާރައާއި އިނާޔަތްތަކަކީ މިކުންފުންޏާއި އެއް ގިންތިއެއްގައި ހިމެނޭ ހުރިހާ ކުންފުންޏެއްގެވެސް މެނޭޖިންގ ޑިރެކްޓަރުގެ މުސާރައާއި އިނާޔަތްތަކެވެ،" އެ ބަޔާނުގައި ބުނެފައިވެއެވެ. ސްޓެލްކޯގެ ބަޔާނުގައި ބުނީ ކުންފުނިން ހިންގަމުންގެންދާ ޕްރޮޖެކްޓްތަކާއި، ކުރަމުންދާ މަސައްކަތްތައް އާންމުންނާއި ހަމަޔަށް މީޑިއާއާއި، ސޯޝަލް މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް ގެނެސްދީ، ރައްޔިތުންނާއި ވީހާވެސް ގާތުން މަސައްކަތްކުރާ ކުންފުންޏަކަށް ކުންފުނި ހަދާފައިވާނެ ކަމަށެވެ. ދައުލަތުގެ އެއްވެސް އިދާރާއަކަށް ނުވަތަ އާންމު ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ އެއްވެސް މައުލޫމާތެއް ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން ޖެހިލުމެއްނެތި އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދެމުންގެންދާނެ ކަމުގެ ޔަގީންކަން ކަސްޓަމަރުންނާއި، ރައްޔިތުންނަށް ދޭކަމަށްވެސް ސްޓެލްކޯ އިން ބުންޏެވެެ. ސްޓެލްކޯގެ އެމްޑީގެ މުސާރަ ބަޔާންކޮށް، ރައްޔިތުން މަޖިލީހުގެ ކޮމިޓީއަކަށް ފޮނުވި ސިޓީއެއް ލީކްވި މައްސަލަ ބަލައި ދިނުމަށް ސްޓެލްކޯއިން ވަނީ މަޖިލީހުގެ ރައީސްގެ ކިބައިން އެދިވަޑައިގެންފަ އެވެ.
އެމްޑީގެ މުސާރަ ކަނޑައަޅަނީ ފިނޭންސުން: ސްޓެލްކޯ
ރާއްޖޭގައި ތިބި އިންޑިއާ ރައްޔިތުންގެ ތެރެއިން އެނބުރި ގައުމަށް ދިޔުމަށް ބޭނުންވާ މީހުން ބަލައި އެގައުމުގެ އަސްކަރިއްޔާގެ އިތުރު މަނަވަރެއް ރާއްޖެ އައިސްފި އެވެ. ކޮރޯނާ ވައިރަސް އާއެކު، އެކި ގައުމުތަކުގައި ތިބި އިންޑިއާ ރައްޔިތުން އެނބުރި ގައުމަށް ގެންދިޔުމުގެ ހާއްސަ، "ސަމުދުރާ ސެތޫ"ގެ ނަމުގައި އޮޕަރޭޝަނެއް އިންޑިއާ އިން ވަނީ ފަށައިފަ އެވެ. އޮޕަރޭޝަނުގެ ދަށުން ކަނޑުމަގުންނާއި ވައިގެ މަގުން އިންޑިއާ ރައްޔިތުން އެނބުރި ގައުމަށް ގެންދާނެ އެވެ. މިދިޔަ ހުކުރު ދުވަހު ރާއްޖޭގައި ތިބި އިންޑިއާގެ 750 މީހަކު ވަނީ އެނބުރި ގައުމަށް ފުރައިފަ އެވެ. މިއަދު އިންޑިއާ އަށް ފުރާ އެގައުމުގެ ރައްޔިތުން އިމިގްރޭޝަން ކަންތައް ފުރިހަމަ ކުރުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ގޮސްފައިވާއިރު އިމިގްރޭޝަން ފޯމަލިޓީސް ފުރިހަމަ ކުރުމަށްފަހު އެމީހުން ދެން ބޯޑު ކުރާނީ މާލޭގައި ބަނދަރުކޮށްފައިވާ އެގައުމުގެ އަސްކަރީ މަނަވަރަށެވެ. މި މަނަވަރުގައި އިންޑިއާ އަށް ދާ ރައްޔިތުން ފުރަތަމަ ޖެހޭނީ ކޮޗިންގައި 14 ދުވަހުގެ ކަރަންޓީނު ފުރިހަމަކުރާށެވެ. އެނބުރި އެމީހަކު ދާން ބޭނުންވާ ސްޓޭޓަކަށް ދެވޭނީ ކަރަންޓީނު ފުރިހަމަ ކުރުމަށްފަހު އެވެ. ރާއްޖޭގައި އެކި މަސައްކަތްތައް ކުރުމަށް އިންޑިއާގެ 27،000 އެއްހާ މީހުން އެބަތިއްބެވެ. އެނބުރި ގައުމަށް ގެންދާ މީހުންގެ ތެރެއިން އިސްކަންދެނީ މާބަނޑު މީހުންނާއި ކުޑަކުދިން އަދި ސިއްހީ މައްސަލަތަކެއް ހުރި މީހުންގެ އިތުރުން ވަޒީފާ ގެއްލުނު މީހުންނަށާއި އާއިލާގެ މީހަކު މަރުވެގެން ގައުމަށް ދާން ބޭނުންްވެފައި ތިބި މީހުންނަށާއި ރާއްޖޭގައި ތާށިވެފައި ތިބި އިންޑިއާ ފަތުރުވެރިންނަށެވެ. ރާއްޖެއިން މިހާތަނަށް 790 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު އޭގެ ތެރޭގައި އިންޑިއާގެ 62 މީހަކު ހިމެނެ އެވެ.
އިންޑިއާ މީހުން ރާއްޖެއިން ގެންދިޔުމުގެ ދެވަނަ އޮޕަރޭޝަން ފަށައިފި
ދިއްލީ (އޭޕްރިލް 22): އިންޑިއާއަށް ގެންދިޔަ ޗައިނާގެ ރެޕިޑް ޓެސްޓިން ކިޓުތައް ރަނގަޅަށް މަސައްކަތް ނުކުރާ ކަމަށް ބުނާ ޝަކުވާތަކާ ގުޅިގެން އެ ކިޓުތައް ދެ ދުވަސް ވަންދެން ބޭނުން ނުކުރުމަށް އިންޑިއަން ކައުންސިލް އޮފް މެޑިކަލް ރިސާޗް (އައިސީއެމްއާރު)އިން އިއްޔެ އަންގައިފި އެވެ. އައިސީއެމްއާރުގެ އެޕިޑެމިއޮލޮޖީ އެންޑް ކޮމިއުނިކެބުލް ޑިޒީސެސްގެ ވެރިޔާ ރަމަން ގަންގާކޭޑަކަރު ވިދާޅުވި ގޮތުގައި އެގައުމުގެ ތިން ސްޓޭޓަކުން ވަނީ ރެޕިޑް ޓެސްޓިން ކިޓުތަކުން ރަނގަޅު ނަތީޖާ ފެންނަ ވަރު މަދު ކަމަށް ބުނެފަ އެވެ. އެއީ ރާޖަސްތާން، ކެރަލާ އަދި ޓަމިލް ނާޑޫ އެވެ. "ކޭސްތައް ޑިޓެކްޓް ކުރެވޭ ވަރު މަދު ކަމަށް އެއް ސްޓޭޓުން ޝަކުވާ ކުރި. އެހެންވެ އަޅުގަނޑުމެން ތިން ސްޓޭޓަކާ ވާހަކަ ދެއްކިން އަދި ޕޮޒިޓިވް ސާމްޕަލްތައް ސައްހަވާ މިންވަރު ވަރަށް ބޮޑަށް ތަފާތުކަން ފާހަގަ ކުރެވުނު. ބައެއް ސަރަހައްދުތަކުގައި ސައްހަ ވަނީ ހަ ޕަސެންޓު އަދި އެހެން ސަރަހައްދުތަކުގައި 71 ޕަސެންޓު،" ގަންގާކޭޑަކަރު ވިދާޅުވި އެވެ. އައިސީއެމްއާރުން ވަނީ މި ދެ ދުވަސް ތެރޭ ކަމާ ބެހޭ މާހިރުން އެ ޓެސްޓުތަކުގެ މައްސަލަ ބަލާނެ ކަމަށް ބުނެފަ އެވެ. އަދި އޭގައި މައްސަލަ އުޅޭ ނަމަ ކިޓުތައް އުފެއްދި ފަރާތަށް ޝަކުވާ ހުށަހަޅާނެ ކަމަށް ބުނެފަ އެވެ. އެ މައްސަލައާ ގުޅިގެން ރާޖަސްތާނުން ވަނީ އެ ކިޓުތައް ބޭނުން ކުރަން ދެކޮޅު ހަދާފަ އެވެ. އެ ސްޓޭޓުގެ އޮފިޝަލުން ވިދާޅުވި ގޮތުގައި އެ ކިޓުތަކުގެ 'އެކިއުރެސީ ލެވެލް' ހުރީ ފަސް ޕަސެންޓުގަ އެވެ. އަދި ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފައިވާކަން ޔަގީންވާ މީހުންވެސް އެ ކިޓުތަކުން ޓެސްޓު ކުރުމުން ނެގެޓިވްވެފައިވެ އެެވެ. މިދިޔަ ހަފްތާ ތެރޭ އިންޑިއާއިން ވަނީ ޗައިނާގެ ފަސް ލައްކަ ރެޕިޑް ޓެސްޓިން ކިޓު އެގައުމަށް ގެންގޮސް، ވައިރަސް އެންމެ ބޮޑަށް ފެތުރިފައިވާ ޑިސްޓްރިކްޓުތަކަށް ބެހުމަށް ސްޓޭޓުތަކާ ހަވާލުކޮށްފަ އެވެ. އައިސީއެމްއާރުން ވަނީ އެ ރެޕިޑް ޓެސްޓިން ކިޓުތަކަކީ ކޮވިޑް-19 ޖެހިފައިވާކަން ކަށަވަރު ކުރުމަށް ބޭނުން ކުރާ މައިގަނޑު ޓެސްޓަކަށް ހަދައިގެން ނުވާނެކަން މީގެ ކުރިން ފާހަގަކޮށްފަ އެވެ. އެ ޓެސްޓު ކިޓުތަކުން ބަލަނީ މީހާގެ ހަށިގަނޑުގައި ވައިރަސް ހުރުމުން، އެ ވައިރަސް ނައްތާލުމަށް އުފައްދާ އެންޓިބޮޑީސް ލޭގައި ހުރިތޯ އެވެ. އަދި އެއީ ކޮރޯނާވައިރަހަށް ޕޮޒިޓިވްވިކަން ޔަގީން ކުރުމުގެ ބަދަލުގައި ގިނަ ބަޔަކު ވީހާވެސް އަވަހަށް ވައިރަހަށް ސްކްރީން ކުރުމަށް ބޭނުން ކުރާ ކިޓުތަކެވެ. ކޮވިޑް-19 ޖެހިފައިވޭތޯ ބެލުމަށް އެންމެ އިތުބާރު ކުރެވޭ އަދި ގިނަ ގައުމުތަކުން ބޭނުން ކުރާ ޓެސްޓަކީ ޕީސީއާރު ޓެސްޓެވެ. އިންޑިއާގެ އިތުރުން އެހެން ބައެއް ގައުމުތަކުންވެސް ވަނީ ޗައިނާގެ ރެޕިޑް ޓެސްޓިން ކިޓުތަކުގައި މައްސަލަ އުޅޭ ކަމަށް ބުނެފަ އެވެ. ނަމަވެސް ޗައިނާއިން ވަނީ އެގައުމުން އުފައްދަނީ ކޮލިޓީ ދަށް ކިޓުތައް ނޫން ކަމަށް ބުނެ، އެގައުމުން ސިއްހީ އާލާތްތައް އެކްސްޕޯޓު ކުރަނީ ވަރަށް ބޮޑަށް ބަލައިގެން ކަމަށް ބުނެފަ އެވެ. އިންޑިއާގައި މިހާތަނަށް 19,984 މީހަކު ވައިރަހަށް ޕޮޒިޓިވްވެ، ބަލީގައި 640 މީހަކު މަރުވެފަ އެވެ.
ކޮރޯނާވައިރަސް: އިންޑިއާއިން ޗައިނާގެ ރެޕިޑް ޓެސްޓިން ކިޓުތައް ބޭނުން ކުރުން ހުއްޓާލައިފި
ރާއްޖޭގައި ތިބި އިންޑިއާ ރައްޔިތުންގެ ތެރެއިން އެނބުރި ގައުމަށް ދިޔުމަށް ބޭނުންވާ މީހުން ބަލައި އެގައުމުގެ އަސްކަރިއްޔާގެ އިތުރު މަނަވަރެއް ރާއްޖެ އައިސްފި އެވެ. ކޮރޯނާ ވައިރަސް އާއެކު، އެކި ގައުމުތަކުގައި ތިބި އިންޑިއާ ރައްޔިތުން އެނބުރި ގައުމަށް ގެންދިޔުމުގެ ހާއްސަ، "ސަމުދުރާ ސެތޫ"ގެ ނަމުގައި އޮޕަރޭޝަނެއް އިންޑިއާ އިން ވަނީ ފަށައިފަ އެވެ. އޮޕަރޭޝަނުގެ ދަށުން ކަނޑުމަގުންނާއި ވައިގެ މަގުން އިންޑިއާ ރައްޔިތުން އެނބުރި ގައުމަށް ގެންދާނެ އެވެ. މިދިޔަ ހުކުރު ދުވަހު ރާއްޖޭގައި ތިބި އިންޑިއާގެ 750 މީހަކު ވަނީ އެނބުރި ގައުމަށް ފުރައިފަ އެވެ. މިއަދު އިންޑިއާ އަށް ފުރާ އެގައުމުގެ ރައްޔިތުން އިމިގްރޭޝަން ކަންތައް ފުރިހަމަ ކުރުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ގޮސްފައިވާއިރު އިމިގްރޭޝަން ފޯމަލިޓީސް ފުރިހަމަ ކުރުމަށްފަހު އެމީހުން ދެން ބޯޑު ކުރާނީ މާލޭގައި ބަނދަރުކޮށްފައިވާ އެގައުމުގެ އަސްކަރީ މަނަވަރަށެވެ. މި މަނަވަރުގައި އިންޑިއާ އަށް ދާ ރައްޔިތުން ފުރަތަމަ ޖެހޭނީ ކޮޗިންގައި 14 ދުވަހުގެ ކަރަންޓީނު ފުރިހަމަކުރާށެވެ. އެނބުރި އެމީހަކު ދާން ބޭނުންވާ ސްޓޭޓަކަށް ދެވޭނީ ކަރަންޓީނު ފުރިހަމަ ކުރުމަށްފަހު އެވެ. ރާއްޖޭގައި އެކި މަސައްކަތްތައް ކުރުމަށް އިންޑިއާގެ 27،000 އެއްހާ މީހުން އެބަތިއްބެވެ. އެނބުރި ގައުމަށް ގެންދާ މީހުންގެ ތެރެއިން އިސްކަންދެނީ މާބަނޑު މީހުންނާއި ކުޑަކުދިން އަދި ސިއްހީ މައްސަލަތަކެއް ހުރި މީހުންގެ އިތުރުން ވަޒީފާ ގެއްލުނު މީހުންނަށާއި އާއިލާގެ މީހަކު މަރުވެގެން ގައުމަށް ދާން ބޭނުންްވެފައި ތިބި މީހުންނަށާއި ރާއްޖޭގައި ތާށިވެފައި ތިބި އިންޑިއާ ފަތުރުވެރިންނަށެވެ. ރާއްޖެއިން މިހާތަނަށް 790 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު އޭގެ ތެރޭގައި އިންޑިއާގެ 62 މީހަކު ހިމެނެ އެވެ.
އިންޑިއާ މީހުން ރާއްޖެއިން ގެންދިޔުމުގެ ދެވަނަ އޮޕަރޭޝަން ފަށައިފި
ކޮވިޑް19 އާ ގުޅިގެން ކ. ވިލިވަރުގައި ތަރައްގީކުރި އައިސޮލޭޝަން ފެސިލިޓީގެ މަސައްކަތް ނިންމައި ހަވާލުކޮށްފި އެވެ. ޓޫރިޒަމް މިނިސްޓްރީ އިން ބުނީ ވިލިވަރު އެކްސްޓެންޝަން ޕްރޮޖެކްޓު ނިންމާލުމާ އެކު އެތަނުގައި ބަލިމީހުންނަށް 218 އެނދު ހުންނާނެ ކަމަށެވެ. އެއާކޮންޑިޝަން ތިން ޓެންޓާ އެކު ގާއިމްކުރި އެ ފެސިލިޓީގައި 20 ފާހާނާ އަދި ފެންވަރަން ހާއްސަ 29 ޝަވަރާ އެކެ އެވެ. އެ ތަންތަން ތަރައްގީކޮށްފައި ވަނީ ބިދޭސިންނަށް ހާއްސަކޮށްގެންނެވެ. ވިލިވަރުގައި އެންމެ ފުރަތަމަ ތަރައްގީކޮށްފައިވަނީ 30 މީހުންގެ ޖާގައިގެ ކަރަންޓީނު ފެސިލިޓީ އެކެވެ. ނަމަވެސް އެކިސަބަބުތަކާހުރެ އެތަން ބޭނުންކުރުން ހުއްޓާލި އެވެ. ދެވަނަ ފޭސް ތަރައްގީކުރި އިރު ވިލިވަރުގައި މަސައްކަތްކުރާ ސްޓާފުންނާއި މެޑިކަލް ފެސިލިޓީގެ ގޮތުގައި ބޭނުން ކުުރުމަށް އިތުރު 30 ކޮޓަރި ހުންނާނެ އެވެ. ޓޫރިޒަމް މިނިސްޓްރީ އިން ބުނީ ވިލިވަރު އެކްސްޓެންޝަން ޕްރޮޖެކްޓު ނިންމުމުގައި ފެނަކަ ކޯޕަރޭޝަނުގެ ބޮޑުއެހީތެރިކަމެއް ލިބުނު ކަމަށެވެ. ވިލިވަރު ކަރަންޓީނު ފެސިލިޓީ --- ފޮޓޯ: ޓޫރިޒަމް ސާދަ ދުވަހުގެ ތެރޭގައި ވިލިވަރު އެކްސްޓެންޝަން ޕްރޮޖެކްޓު ނިންމައި އެންޑީއެމްއޭ އާ ހަވާލު ކުރިއިރު، ޓޫރިޒަމް މިނިސްޓަރު އަލީވަހީދާއި ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ ވަނީ ވިލިވަރަށް ވަޑައިގެން އެތަން ބައްލަވާލައްވައިފަ އެވެ. ވިލިވަރު ކަރަންޓީނު ފެސިލިޓީ -- ފޮޓޯ: ޓޫރިޒަމް ރާއްޖެއިން މިހާތަނަށް 1106 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު އޭގެ ތެރޭ ހިމެނެނީ 399 ދިވެހިންނާއި 707 ބިދޭސިންނެވެ. މިހާތަނަށް ރާއްޖެއިން 80 މީހުން ބަލިން ރަނގަަޅުވެފައިވާކަމަށް އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކައެވެ. ކޮވިޑް19 އާއި ގުޅިގެން ކަރަންޓީނު އަދި އައިސޮލޭޝަން ފެސިލިޓީގެ ގޮތުގައި ގިނަ އަދަދެއްގެ ރިސޯޓުތައް ދަނީ ބޭނުން ކުރަމުންނެވެ.
ވިލިވަރު އެކްސްޓެންޝަން ޕްރޮޖެކްޓު ނިންމައި ހަވާލުކޮށްފި
ފަހަކަށް އައިސް ގައުމީ ފުޓްބޯޅަ ޓީމުގެ ފުރަތަމަ އެގާރައިގައި ކުޅެމުން އަންނަ ކްލަބް އީގަލްސްގެ ހުނަރުވެރި ފޯވާޑް މުހައްމަދު ނާއިމްގެ ކަކުލަށް ލިބުނު ސީރިއަސް އަނިޔާއަށް ފަހު މިހާރު ފިޓްވަމުން އަންނަ ކަމަށް އީގަލްސްއިން ބުނެފި އެވެ. ނާއިމްގެ ކަކުލު ހުޅަށް އަނިޔާވެފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަތުން 1-0 އިން އީގަލްސް މޮޅުވި މެޗުގަ އެވެ. އެ މެޗުގައި ލިބުނު އަނިޔާއާ ގުޅިގެން ސީޒަނުގެ ބާކީ ބައި އޭނާއަށް ވަނީ ގެއްލިފަ އެވެ. އެ އަނިޔާއިން ރަނގަޅުވުމަށް ނާއިމް ކަކުލުގެ އޮޕަރޭޝަން ކުރީ ޖަނަވަރީ މަހުގެ 28 ގަ އެވެ. ކަކުލުގެ އޮޕަރޭޝަނާ އެކު ނާއިމްއަށް ސީޒަން ނިމުނު ނަމަވެސް އީގަލްސްއަށް ވަނީ ދިވެހި ޕްރިމިއާ ލީގުގެ ދެވަނަ ލިބިފަ އެވެ. އަދި ކޮރޯނާ ވައިރަހުގެ ސަބަބުން ފުޓުބޯޅަ ސީޒަން ނިންމާލުމުން އީގަލްސްއަށް ވަނީ އަންނަ އަހަރުގެ އޭއެފްސީ މުބާރާތުން ވެސް ފުރުސަތު ލިބިފަ އެވެ. އީގަލްސްއިން ބުނީ މިދުވަސްވަރު ގޭގައި މަޑުކުރަން ޖެހުމާ އެކު ނާއިމް އަންނަނީ ފިޒިކަލީ ފިޓުވުމަށާއި ކުރިން ހުރި ފޯމަށް އައުމަށް ހާއްސަ ތަމްރީންތަކެއް ހަދަމުން ކަމަށެވެ. އަދި މިހާރު މިއޮތް ހާލަތުން އަރައިގަނެ އަލުން ޕްރެކްޓިސްތައް ފެށުމުން ނާއިމް ބައިވެރިވާނެ ކަމަށް އީގަލްސްއިން ވަނީ ބުނެފަ އެވެ. މެދުތެރެއަށާއި ކުރީގެ ކޮންމެ މަގާމަކަށް ވެސް ކުޅެވޭ ކ. ގުރައިދޫ އަށް އުފަން ނާއިމްއަށް ގައުމީ ޓީމުގެ ފުރަތަމަ އެގާރައިން ފުރުސަތު ދޭން ފެށީ މިދިޔަ އަހަރު މޮރިޝަސްގައި އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައެވެ. އެ މުބާރާތުގައި އޭނާ ވަނީ މެޔޯޓް ކޮޅަށް ލަނޑު ޖަހައިފަ އެވެ. ފީފާ ވޯލްޑް ކަޕް އަދި އޭއެފްސީ އޭޝިއަން ކަޕްގެ ޖޮއިންޓް ކޮލިފިކޭޝަނުގައި ރާއްޖެ ކުޅުނު ފުރަތަމަ ތިން މެޗުގައި ވެސް ނާއިމް ވަނީ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅެފައެވެ. އެކަމަކު އަނިޔާގެ ސަބަބުން އޭނާއަށް ވަނީ މާލޭގައި ފިލިޕީންސް އާއި ގުއާމްއާ ދެކޮޅަށް ކުޅުނު ދެ މެޗުވެސް ގެއްލިފައެވެ.
ނާއިމް ފިޓް ވަނީ، ޕްރެކްޓިސްތައް ފެށުމުން ބައިވެރިވާނެ: އީގަލްސް
ކްރިމިނަލް ކޯޓުގެ ގާޒީ އިބްރާހިމް އަލީގެ މައްސަލަ އެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަން ފަށައިފި އެވެ. ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ގާޒީ އިބްރާހިމް އަލީއާ ގުޅޭ ގޮތުން އެ ކޮމިޝަނަށް ހުށަހަޅާފައިވަނީ، ގާނޫނުއަސާސީއާ ހިލާފަށް ކޯޓު އަމުރު ނެރުމުގެ މައްސަލަ ކަމަށެވެ. އެހެން ކަމުން އެ މައްސަލަ ބެލުމަށް ތަހުގީގް ކޮމެޓީއެއް އެކުލަވާލާފައިވާ ކަމަށް ޖޭއެސްސީން ވަނީ ބުނެފަ އެވެ. ނަމަވެސް އެ ކޮމެޓީގައި ތިއްބަވަނީ ކޮން މެންބަރުންނެއް ކަމެއް ހާމަކޮށްފައެއް ނު ވެއެވެ. މިދިޔަ ތިން އަހަރުގެ ތެރޭގައި ހައިކޯޓުން އެންމެ ގިނައިން ބާތިލު ކުރީ ގާޒީ އިބްރާހިމް އަލީގެ ނިންމެވުންތަކެވެ. ގާޒީ އިބްރާހިމް އަލީގެ 20 ނިންމެވުމަކާ ދެކޮޅަށް އެ މުއްދަތުގެ ތެރޭގައި ހައިކޯޓުން ހުކުމްކޮށްފައިވެ އެވެ. އެއީ މުޅިންވެސް ދައުލަތުން އިސްތިއުނާފު ކުރި މައްސަލަތަކެވެ. އެ ކޮމެޓީން މައްސަލަ ބެލުމަށްފަހު ޖޭއެސްސީއަށް މައްސަލަ ނިންމި ގޮތުގެ ރިޕޯޓެއް ހުށަހަޅާނެ އެވެ. އަދި އެކަމުގައި ފިޔަވަޅު އަޅަން ޖެހޭ ކަމެއް ނުވަތަ އިސްލާހު ކުރަން ޖެހޭ ކަމެއްވާ ނަމަ ޖޭއެސްސީން އެކަން ހާމަކުރާނެ އެވެ. މަގާމުން ވަކިކުރަން ޖެހޭ ނަމަ ރައްޔިތުންގެ މަޖިލީހަށް އެ މައްސަލައެއް ފޮނުވާނެ އެވެ. މިފަހުން ޖޭއެސްސީން ވަނީ ގިނަ ފަނޑިޔާރުންނާއި މެޖިސްްޓްރޭޓުންތަކެއްގެ މައްސަލަ ބަލައި ފިޔަވަޅު އަޅައިފަ އެވެ. ކޮވިޑް-19 ބަލިމަޑު ކަމުގެ ސަބަބުން ދައުލަތުގެ ހިންގުން މަޑުޖެހިފައި އޮތް ނަމަވެސް މުހިންމު އެހެން އިދާރާތަތެކޭ އެއްގޮތަށް ޖޭއެސްސީގެ ބައްދަލުވުންތައް ވެސް ބާއްވަމުން އަންނަނީ އޮންލައިންކޮށެވެ.
ގާޒީ އިބްރާހިމް އަލީގެ މައްސަލައެއް ޖޭއެސްސީން ބަލަން ފަށައިފި
ބަންގްލަދޭޝް އިން ރާއްޖެއަށް ހަދިޔާކުރި ބޭހާއި ކާބޯތަކެތި އަދި މެޑިކަލް ސާމާނު ދިވެހި ސަރުކާރާ ހަވާލުކޮށްފި އެވެ. ބަންގްލަދަދޭޝް އިން ރާއްޖެއަށް ފޮނުވި އެހީ ރާއްޖެ ގެނެސްފައިވަނީ އެގައުމުގެ ނޭވީ ޝިޕެއްގައެވެ. އެހީގެ ގޮތުގައި ފޮނުވި ތަކެތީގެ ތެރޭގައި 100 މެޓްރިކް ޓަނުގެ ބޭހާއި ކާބޯތަކެތި އަދި މެޑިކަލް ސާމާނު ހިމެނެ އެވެ. ބަންގްލަދޭޝްގެ އެހީ އާއި ގުޅޭގޮތުން ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވީ ބަންގްލަދޭޝްއިން ރާއްޖެއަށް ހަދިޔާކުރި ތަކެތީގެ ތެރޭގައި 20،000 ޕީޕީއީ ސެޓާއި 960 އައި ޕްރޮޓެކްޝަން ގޮގްލްސް އަދި 5000 ޕީސް ހޭންޑް ސެނިޓައިޒާ ހިމެނޭ ކަމަށެވެ. މިތަކެތި ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އަދި ސިފައިންގެ ވެރިންނާއި ބަންގްލަދޭޝް އިން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ރެއާ އެޑްމިރަލް މުހައްމަދު ނަޒްމުލް ހަސަން ބައިވެރިވެ ވަޑައިގެންނެވިއެވެ. މި ރަސްމިއްޔާތުގައި ސަފީރު ނަޒްމުލް ވަނީ ރާއްޖޭގައި އުޅޭ ބަންގްލަދޭޝްގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ދިވެހި ސަރުކާރުން ކުރާ މަސައްކަތް ފާހަގަ ކުރައްވާ ޝުކުރު އަދާ ކުރައްވައިފައެވެ. މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ ކޮރޯނާވައިރަހުގެ ޝިކާރައަކަށް ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝް ރައްޔިތުންގެ ތެރެއިން ބަޔަކު ވެފައިވާއިރު، އެމީހުންނަށް ފަރުވާދިނުމުގައި ތަފާތުކުރުން ނުގެންގުޅޭނެ ކަމަށެވެ. އިތުރަށް ވިދާޅުވުމަށް ބަންގްލަދޭޝް އިން ވަނީ ކޮވިޑް19 އާއި ގުޅޭ ކަންކަމުގައި އެހީވުމަށް އެގައުމުގެ އަސްކަރިއްޔާގެ 10 މެޑިކަލް އޮފިސަރުންވެސް ރާއްޖެ ފޮނުވައިފައެވެ. މީގެ އިތުރުން އެގައުމުގައްޔާއި ނޭޕާލުގައި ތިބި 71 ދިވެހި ދަރިވަރަކު ބަންގްލަދޭޝްގެ އަސްކަރިއްޔާގެ މަތިންދާބޯޓެއްގައި އިއްޔެ ވަނީ ރާއްޖެ ގެނެސްދީފައެވެ.
ބަންގްލަދޭޝްއިން ފޮނުވި 100 މެޓްރިކްޓަނުގެ އެހީ ރާއްޖެއާ ހަވާލުކޮށްފި
ދެހާސް ނަވާރަ ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ ތެރޭގައި ޝަރުއީ ދާއިރާއިން ބޭއްވި ކޮންފަރެންސް އޮން ޖުޑީޝަލް ރިފޯރމްގައި އަޅުގަނޑު ކަރުދާހެއް ހުށައެޅީމެވެ. އެ ކަރުދާހުގެ މައުޒޫއަކީ "އަދުލުއިންސާފަށް ޓަކައި އިލްމު" މިއެވެ. މި ސުރުޚީން އިޝާރާތް ކުރަނީ ހަރުދަނާ އަދުލުއިންސާފުގެ ނިޒާމެއް ގާއިމު ކުރުމަށް ޓަކައި، އިލްމުގެ މުހިއްމުކަމަށެވެ. ޝަރުއީ އަދި ގާނޫނީ އިލްމުގެ ދާއިރާއިން ކުރިއަރައި ތިބި ބަޔަކު ފަނޑިޔާރުކަމުގައި ނެތި، އަދި އެފަދަ ބަޔަކު ގާނޫނީ ވަކީލުންގެ ގޮތުގައި ނެތި، އަދުލުއިންސާފުގެ ނިޒާމު ހަރުދަނައެއް ނުވާނެއެވެ. ގާނޫނު ހަދާން ތިބޭ މީހުންނަކީ ވެސް އެ އިލްމުން އެކަށޭނަ މިންވަރެއް ލިބިގެން ތިބޭ ބަޔަކަށް ވާން ޖެހޭނެއެވެ. މީގެ އިތުރުން، ގާނޫނު ހެދުމާއި، ގާނޫނު ތަންފީޒު ކުރުމާއި، ފަނޑިޔާރުކަމާއި ގާނޫނީ ވަކީލުކަން ކުރުމުގައި އުޅޭ މީހުންނަކީ އެހެން ބައެއް އިލްމުތައް ވެސް ކޮންމެވެސް މިންވަރަކަށް ލިބިފައި ހުންނަ ބަޔަކަށް ވުމީ މުހިއްމުކަމެކެވެ. މިސާލަކަށް، އިންސާނީ ނަފްސިއްޔާތުގެ އިލްމާއި، ޢިލްމުލް އިޖްރާމް ފަދަ އިޖުތިމާއީ ބައެއް އިލްމުތަކެވެ. އަޅުގަނޑުގެ ކަރުދާހުގައި ހުށައެޅީ، ރާއްޖޭގެ ކޮލެޖުތަކާއި ޔުނިވަރުސިޓީތަކުގައި ޝަރީއަތާއި ގާނޫނުގެ ދާއިރާއިން ކިޔަވައިދިނުމާއި، އަދި ފަނޑިޔާރުކަމާއި ވަކީލުކަމުގައި މަސައްކަތް ކުރައްވާ ބެއިފުޅުންނަށް "ކޮންޓިނިޔުޑް ލީގަލް އެންޑް ޖުޑީޝަލް އެޑިޔުކޭޝަން"ގެ ނިޒާމުން އިތުރު ތަމްރީނުތައް ދިނުމުގެ މަސައްކަތް، އިސްލާހު ކޮށް ހަރުދަނާ ކުރުމަށް ޓަކައި ކުރާން ޖެހޭ ކަމަށް އަޅުގަނޑަށް ފެންނަ ކަންތަކެވެ. އެ ކަރުދާހުގައި އަޅުގަނޑު ހުށައެޅި ހުށައެޅުންތައް، ކޮލަމެއްގެ ސިފައިގައި ލިޔެލައި އާއްމު ކުރާން ޖެހޭ ކަމަށް އަޅުގަނޑަށް ފެންނަނީ، މި ދެންނެވި ކޮންފަރެންސުގައި ކުރެވުނު ބުރަ މަސައްކަތް މުޅީން އެއްލައިލެވިފައި ވާތީއެވެ. އެނގިވަޑައިގަންނަވާނެ ފަދައިން، މިހާރު ދިވެހިރާއްޖޭގެ ވެރިކަމުގައި ތިއްބެވި ބެއިފުޅުން ވަނީ ގަދަބާރުން، ގާނޫނުއަސާސީއާ ޚިލާފަށް މުޅި ޝަރުއީ ނިޒާމު ހަލާކު ކޮށް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ބާރު ކަނޑުވައިލައިފައެވެ. އަދި ދެންނެވުނު ކޮންފަރެންސުން އެކުލަވައިލި ޖުޑީޝަލް ރިފޯމް ޕްލޭނަށް އަމަލު ނުކޮށް، އެ ޕްލޭން ވެސް ވަށިގަނޑަށް އަޅައިލައިފައެވެ. މި ޕްލޭނަކީ، އެއްވެސް ބަހުސަކަށް ޖާގަ ނެތް ފަދައިން، ރާއްޖޭގެ ތާރީޚުގައި، އަދުލުއިންސާފުގެ ނިޒާމު ހަރުދަނާ ކުރުމަށް ޓަކައި އެކުލަވައިލެވުނު އެންމެ ހަރުދަނާ އަދި އެންމެ ޝާމިލު ޕްލޭން ކަމުގައި ވުމާ އެކުވެސްމެއެވެ. ދެން މި ދަންނަވައިލަނީ، އަޅުގަނޑު ހުށައެޅި ކަރުދާހުގެ ކުރު ޚުލާސާއެކެވެ. މި ކޮލަމުގައި "ކޮންޓިނިޔުޑް ލީގަލް އެންޑް ޖުޑީޝަލް އެޑިޔުކޭޝަން"ގެ ނިޒާމާ ބެހޭގޮތުން އަޅުގަނޑު ހުށައެޅި ކަންކަން ނުހިމަނަމެވެ. ހަމައެކަނި ބަލައިލާނީ، ޝަރީޢަތާއި ގާނޫނުގެ ކޯސްތައް ހިންގާ ކޮލެޖުތަކާއި ޔުނިވަރުސިޓީތަކާ ބެހޭ ކަންކަމަށެވެ. ބޮޑެތި ބައެއް މައްސަލަތައް އެންމެ ފުރަތަމަ އަޅުގަނޑު ވާހަކަ ދެއްކީ، ދިވެހިރާއްޖޭގެ ކޮލެޖުތަކާއި ޔުނިވަރުސިޓީތަކުގައި ޝަރީއަތާއި ގާނޫނުގެ ދާއިރާއިން ކިޔަވައިދޭ ލެކްޗަރާރއެއްގެ ގޮތުގައި އަޅުގަނޑު މަސައްކަތް ކުރި ހައެއްކަ އަހަރުގެ ތެރޭގައި، އަމިއްލަ ތަޖުރިބާއިން އަޅުގަނޑަށް ފާހަގަ ކުރެވުނު ބޮޑެތި މައްސަލަތަކުގެ ވާހަކައެވެ. ފުރަތަމަ ކަމަކީ، ދިވެހި ކޮލެޖުތަކާއި ޔުނިވަރުސިޓީތަކުގައި ކިޔަވައިދެމުން ގެންދިޔަ މުގައްރަރުތަކަކީ އެކަށޭނަ ގޮތެއްގައި، ދިވެހިރާއްޖޭގެ ޝަރުއީ އަދި ގާނޫނީ ނިޒާމުގެ މައްޗަށް އެކުލަވައިލެވިފައި ހުރި މުގައްރަރުތަކަކަށް ނުވާކަމެވެ. މިސާލަކަށް، އެއިރު ދުސްތޫރީ ގާނޫނު ކިޔަވައިދިނުމުގައި ބައެއް ތަންތަނުގައި ގެންދިޔައީ ރާއްޖޭގެ ދުސްތޫރީ ނިޒާމާއި ގާނޫނުއަސާސީގެ ބަދަލުގައި، ނުވަތަ އެޔާ އެކުގައި ނަމަވެސް، އިނގިރޭސި ދުސްތޫރީ ނިޒާމާއި އެ ނިޒާމުގެ އުސޫލުތައް ކިޔަވައިދެމުންނެވެ. ހަރުދަނާ ގޮތެއްގައި މި މާއްދާ ކިޔަވައިނުދެވުމުގެ އެއް ނަތީޖާޔަކީ، ވަރަށް ގިނަ ގްރެޖުއޭޓުންނަށް ދިވެހިރާއްޖޭގައި އޮންނަނީ ގާނޫނުއަސާސީގެ ސިޔާދަތު ކަމާއި، ރާއްޖޭގައި ބަރުލަމާނީ ސިޔާދަތު ނޯންނަކަމާއި، ޖުޑީޝަލް ރިވިޔުގެ މަފްހޫމާއި އުސޫލުތައް ރަނގަޅަށް އޮޅުން ނުފިލުމެވެ. އިތުރު މިސާލެއް ނަގާ ނަމަ، ބައެއް ތަންތަނުގައި ކްރިމިނަލް ލޯވ ކިޔަވައިދެމުން ދިޔައީ އިނގިރޭސި ކްރިމިނަލް ލޯވގެ މައްޗަށް އެކުލަވައިލެވިފައި ހުރި މުގައްރަރުތަކަކަށެވެ. ދިވެހިރާއްޖޭގައި 2014 ވަނަ އަހަރު ފާސް ކުރެވުނު ގާނޫނުލް އުގޫބާތަކީ އިނގިރޭސި ޖިނާއީ ގާނޫނުގެ މަފްހޫމުތަކުގެ ދަށުން އެކުލަވައިލެވުނު ގާނޫނެއް ނޫނެވެ. އެ ގާނޫނަކީ، އިނގިރޭސި ޖިނާއީ ގާނޫނުގެ އަސާސުގެ މައްޗަށް، އެކަމަކު ވަރަށް މުހިއްމު އިސްލާހީ އުސޫލުތަކެއް ހިމަނައިގެން، އެމެރިކަން ލޯވ އިންސްޓިޓިޔުޓްގެ ފަރާތުން 1960ގެ އަހަރުތަކުގެ ތެރޭގައި ނެރުނު ނަމޫނާ ގާނޫނުލް އުގޫބާތެއްގެ މައްޗަށް އެކުލަވައިލެވުނު ގާނޫނެކެވެ. އެ ގާނޫނުގެ މައިގަނޑު އަނެއް މަސްދަރަކީ އިސްލާމީ ޝަރީއަތެވެ. އެހެންކަމުން، ޖިނާއީ ގާނޫނުގެ ދާއިރާގައި ވެސް އަޅުގަނޑުމެންގެ ކޮލެޖުތަކާއި ޔުނިވަރުސިޓީތަކުގައި ކިޔަވައިދޭ މާއްދާޔަކީ، ގައުމުގައި އަމަލު ކުރެވެމުން ދިޔަ ގާނޫނުތަކުގެ މައްޗަށް އެކުލަވައިލެވިފައި އޮތް މާއްދާއެއް ނޫނެވެ. ދެވަނަޔަށް ފާހަގަ ކުރެވުނު ކަމަކީ، އަދާހަމަ ކުރުމެއް ނެތި، އެތައް އަހަރެއް ވާންދެން، މުގައްރަރުތައް ބޭނުން ކުރަމުން ދިޔުމެވެ. ނަތީޖާއެއްގެ ގޮތުން، ދަރިވަރުންނަށް އެންމެ ފަހުގެ ޓެކްސްޓް ފޮތްތަކަކުން ކިޔަވައެއްނުދެވެއެވެ. ކޯޓުތަކުން ނިންމައިފައި ހުންނަ އެންމެ ފަހުގެ ގަޒިއްޔާތަކެއް ކިޔަވައެއްނުދެވެއެވެ. ބައެއް މާއްދާތަކުގައި ކިޔަވައިދެވެމުން ދިޔައީ، މާ ކުރީގެ ގަޒިއްޔާތަކުން އެކަށައެޅިފައި ހުރި، ފަހުގެ ގަޒިއްޔާތަކުން ބާތިލު ކުރެވިފައި ހުރި އުސޫލުތަކާއި ހަމަތަކެވެ. މީގެ އިތުރުން، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގަޒިއްޔާތައް ވަރަށް މަދު ހާލަތެއްގައި މެނުވީ، މުގައްރަރުގައި ހިމެނިގެން ކުދީންނަށް ކިޔަވައިދެވޭ ތަނެއް ނުފެނެއެވެ. ތިންވަނަޔަށް ފާހަގަ ކުރެވުނު ކަމަކީ، ޝަރުއީ އަދި ގާނޫނީ ތައުލީމުގެ މުއައްސަސާތައް އޮތް ނިކަމެތި ހާލަތެވެ. އެ ތަންތަނަށް އިންސާނީ ވަސީލަތްތަކުގެ ގޮތުން ދިމާ ވެފައި ހުރި ދަތިތައް ފަދަ ކަންކަމެވެ. އެއިރު، ގައުމީ ޔުނިވަރުސިޓީ އާއި އިސްލާމީ ޔުނިވަރުސިޓީގެ ޝަރީއަތާއި ގާނޫނުގެ ފެކަލްޓީތައް ހިންގަމުން ދިޔައީ ހަތަރު ފަސް ހައެއްކަ މުއައްޒަފުން، ކަށީން ހިތްވަރު ނެރެގެންނެވެ. އެ މުއައްޒަފުން މަސައްކަތް ކުރަމުން ގެންދިޔަ ގޮތް ދުށް މީހެއްގެ ހައިސިއްޔަތުން، އަޅުގަނޑު އެމީހުންނަށް ހަމްދަރުދީ ވެއެވެ. ނަމަވެސް ދައުލަތުން އެ ތަންތަން ހަރުދަނާ ކޮށް، އެކަށީގެންވާ އަދަދަށް މުއައްޒަފުން ލުން ފަދަ ކަންކަމުގެ ބަދަލުގައި، އަބަދު ވެސް ވިސްނަނީ ސިޔާސީ މީހުންނަށް ވަޒީފާ ދިނުމަށެވެ. ނަތީޖާއެއްގެ ގޮތުން، ގައުމަށް ބޭނުން ވާ މުހިއްމު މުއައްސަސާތަކަށް މުއައްޒަފުން ހޯދުމުގައި، އަބަދުވެސް އޮންނަނީ ބަޖެޓު ނުލިބުމުގެ ދަތިކަން ކުރިމަތި ވެފައެވެ. ހަތަރުވަނަ ކަމަކީ، ޝަރީއަތާއި ގާނޫނުގެ ތައުލީމު ދޭ ތަންތަނުގައި އިލްމީ ވަސީލަތްތައް ނުހުންނަކަމެވެ. ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރުސިޓީގެ ލޯވ ލައިބްރަރީގެ މަޖުމޫއާޔަކީ ވެސް ވަރަށް ފަގީރު މަޖުމޫއާއެކެވެ. އިސްލާމީ ޔުނިވަރުސިޓީގެ ކުތުބުޚާނާގެ ހާލަތު އެޔަށްވުރެ ވެސް ދަށެވެ. އިސްލާމީ ޝަރީއަތާއި ފިޤުހާއި އުޞޫލުލްފިޤްހުގެ ދާއިރާއިން ވިޔަސް، އަދި ހުޅަނގުގެ ގާނޫނީ އިލްމުގެ ދާއިރާތަކުން ވިޔަސް، އެކަށޭނަ މިންވަރަކަށް އެ ކުތުބުޚާނާތަކުގައި ފޮތެއް ނުހުރެއެވެ. ގިނަ މާއްދާތަކަކުން، ކުތުބުޚާނާގައި އޮންނާނީ ގިނަ ވެގެން ދެތިން ކޮޕީއެވެ. އެއިން ފޮތެއް އަތު ނުޖެހި، ސެމެސްޓަރެއް ފާއިތު ވާންދެން ވެސް ކުއްޖަކު ހުންނާން ޖެހިދެއެވެ. ކުރުކޮށް ދަންނަވާ ނަމަ، އަޅުގަނޑުމެންގެ އެއްވެސް ޔުނިވަރުސިޓީއެއް ކޮލެޖެއްގައި، ޝަރީއަތާއި ގާނޫނުގެ ޑިގްރީއެއް ހަދާ ދަރިވަރަކަށް ފުދޭ ވަރުގެ ކުތުބުޚާނާއެއް ނުހުންނާނެއެވެ. މީގެ އިތުރުން، އޮންލޭނުކޮށް ދިރާސާ ކުރާން ބޭނުން ކުރެވޭ ޑޭޓާބޭސްތައް ވެސް ނުހުރެއެވެ. ފަސްވަނަ މައްސަލަޔަކީ، ޝަރީއަތާއި ގާނޫނުގެ ދާއިރާއިން ކިޔަވައިދެއްވާ އުސްތާޒުންނާ ގުޅޭ ކަންކަމެވެ. ކިޔަވައިދެއްވާ ބެއިފުޅުންނަށް ދެވޭ ކުޑަކުޑަ މުސާރައިގެ ސަބަބުންނާ ވެސް އެކު، ރާއްޖޭގެ ކޮލެޖުތަކާއި ޔުނިވަރުސިޓީތަކުގައި ފުލް-ޓައިމްކޮށް ކިޔަވައިދެއްވާނެ ބެއިފުޅުންނެއް ގާތްގަނޑަކަށް އެއްގޮތަކަށް ވެސް ނުލިބެއެވެ. ކިޔަވައިދެއްވާ ގިނަ ބެއިފުޅުންނަކީ ޕާޓް-ޓައިމް ލެކްޗަރާރުންނެވެ. އެ ބެއިފުޅުންނަށް ވެސް މާއްދާއެއް ކިޔަވައިދެއްވައިގެން، މަހަކު ލިބިވަޑައިގަންނަވާނީ ގިނަ ވެގެން ތިންހާހެއްހައި ރުފިޔާއެވެ. ގިނަ ބެއިފުޅުން އެކަން ކުރައްވަނީ ޔުނިވަރުސިޓީން އެދިވަޑައިގަތީތީ ކަމެއް ކޮށްދެއްވާ އުސޫލުންނެވެ. އެ ބެއިފުޅުން އަބަދުވެސް އިސްކަން ދެއްވަނީ އަދާ ކުރައްވާ ފުލް-ޓައިމް ވަޒީފާ ފަދަ އެހެން ކަންތައްތަކަށެވެ. ނަތީޖާޔަކީ ކްލާސްތައް ކެންސަލް ވުމާއި، މާކު ކުރުން ފަދަ ކަންކަން ކަނޑައެޅޭ ޝެޑިޔުލާ އެއްގޮތަށް ނުދިނުމާއި، މާކު ކުރުމުގައި ފަރުވާ ކުޑަ ކޮށްލެވުން ފަދަ ކަންކަމެވެ. މި ހުރިހާ ކަމަކަށް ވުރެ ބޮޑު މައްސަލަޔަކީ، އުސްތާޒުންގެ ގޮތުގައި ގެންދެވޭ މީހުންގެ ފެންވަރު ދަށްވުމެވެ. ރާއްޖޭގެ ނުވަތަ ބޭރުގެ ވިޔަސް ކޮލެޖަކުން ނުވަތަ ޔުނިވަރުސިޓީއަކުން ޑިގްރީ ހެދުމަށް ފަހު، ޖެހިގެން އަންނަ ސެމެސްޓަރުގައި ޑިގްރީ ކޯހަށް ކިޔަވައިދޭން އުޅޭތަން ފެނެއެވެ. މިހެން އުޅޭ ބައެއް މީހުންނަކީ، ޑިގްރީ ޕްރޮގްރާމުގައި އެމީހުން ނުވެސް ކިޔަވާ މާއްދާތައް ކިޔަވައިދޭން އުޅޭ މީހުންނެވެ. ހަވަނަ މައްސަލަޔަކީ، އަޅުގަނޑުމެންގެ ކޮލެޖުތަކާއި ޔުނިވަރުސިޓީތަކުގައި ޝަރީއަތާއި ގާނޫނުގެ ދާއިރާއިން ކިޔެވުމުގެ ފުރުސަތު ދިނުމުގައި، ވީހައި ގިނަ ކުދީންނަށް ޖާގަ ދިނުމަށް ވިސްނައިގެން، ފެންވަރެއް ނެތް ކުދީންނަށް ޖާގަ ދިނުމުގެ މައްސަލައެވެ. ހަމައެކަނި ފެންވަރު ނެތުމެއް ނޫނެވެ. ފަނޑިޔާރުކަމާއި ގާނޫނީ ވަކީލުކަން ކުރުމަށް ޓަކައި ތަމްރީނު ކުރެވޭ ކުދީންގެ އަޚްލާޤީ ބެކްގްރައުންޑު ވެސް ރަނގަޅަށް ނުބެލެއެވެ. ގޭންގުތަކުގައި މާރާމާރީ ހިންގުމާއި، މަސްތުވާ ތަކެތީގެ ވިޔަފާރި ކުރުމާއި، މަސްތުވާ ތަކެތި ބޭނުން ކުރުމާއި، މިފަދަ އެހެނިހެން ވެސް ކުށްތަކުގައި ބައިވެރި ވެ އުޅޭ މީހުންނަށް ވެސް ކޯސްތަކުން ފުރުސަތު ދެވިފައި އެބަހުއްޓެވެ. މީގެ އިތުރުން، ނުހަނު ޒިންމާދާރު ފުލްޓައިމް ވަޒީފާތަކުގައި އުޅޭ މީހުންނަށް ކޯސްތަކުން ފުރުސަތު ދީގެން، އެމީހުންގެ ވަޒީފާގެ ވަގުތުތަކަށް ބަލައިގެން، ހަވީރާއި، ދެ ނަމާދު ދޭތެރޭގައްޔާއި، ރެއިގަނޑާއި، ހަފުތާބަންދު ދުވަސްތަކުގައި ކުލާސްތައް ނަގައިދިނުމަކީ ވެސް އަޅުގަނޑުގެ ނަޒަރުގައި ހެދެމުންދާ ބޮޑެތި ގޯސްތަކެވެ. ހަތްވަނަ ކަމަކީ، ދަރިވަރުން އެއްވެސް މަސައްކަތެއް ނުކޮށް، މާއްދާތަކުން ފާސް ވަމުން، ސެމެސްޓަރުތައް ފުރިހަމަ ކުރަމުން ގޮސް ކޯސް ނިންމާ މައްސަލައެވެ. ބައެއް ކުދީން ހަތަރު އަހަރުގެ ޑިގްރީ ކޯހެއް ނިންމަނީ އެއްވެސް ޓެކްސްޓް ފޮތެއް، ހަމަ އެންމެ ފަހަރަކު ވެސް ހުޅުވައިނުލައޭ މި ދަންނަވަނީ، އެއްވެސް ޝައްކެއް ނެތް މިންވަރަށް އެނގިހުރެއެވެ. އެތައް ކުދީން ހަދައިފައި ހުންނަ އެސައިންމަންޓުތަކުގައި، ވިކިޕީޑިޔާ އެންސައިކްލޮޕީޑިޔާއިން ފެށިގެން ގޮސް، އިންޓަރނެޓުގައި ހުންނަ އިލްމީ އެއްވެސް ބުރަދަނެއް ނެތް ލިޔުންތައް ފިޔަވައި އެހެން އެއްވެސް އެއްޗަކަށް ހަވާލާއެއް ނުދީ ހުރެއެވެ. އެފަދަ އެސައިންމަންޓުތަކަށް ނުވަދިހަ އިންސައްތައިން މާކުސް ދީފައި ހުއްޓާ ވެސް ފެނެއެވެ. ހަމައެހެންމެ، ބައެއް ކުދީން އެސައިންމެންޓުތައް ހައްދަނީ ތިމާގެ މީހަކު، ރައްޓެއްސަކު، ނުވަތަ ބައެއް ފަހަރު ކޮންމެވެސް މީހަކަށް ލާރި ދީގެންނެވެ. މިފަދަ ބޮޑު ޚިޔާނާތުން ކަންކަން ހިނގާ އިރު، މި ކަންކަން ހުއްޓުވާކަށް ޔުނިވަރުސިޓީތަކުން އެކަށޭނަ މަސައްކަތްތަކެއް ކުރާ ތަނެއް ވެސް ނުފެނެއެވެ. ހަގީގަތުގައި، ލޯވ ފެކަލްޓީތަކުގައި އެ މަސައްކަތް ކުރާނޭ ވަސީލަތްތަކާއި ފަންނީ ގާބިލިއްޔަތު ނުވެސް ހުންނަނީއެވެ. މިފަދަ ހާލަތެއްގައި، ދެން ދިމާ ވާ މައްސަލަޔަކީ، އެއްވެސް ދިރާސާއެއް ނުކޮށް، އިލްމީ އެއްވެސް ރިފަރެންސެއް ނުހަދައި، އިންޓަނެޓުން ތާކުންތާކު ނުޖެހޭ ލިޔުންތަކެއް ތަރުޖަމާ ކޮށްލައިގެން ކުދީން ހަދާ އެސައިންމެންޓަށް ދަށުން މާކުސް ދޭ ލެކްޗަރާރުންނަށް، ޔުނިވަރުސިޓީން ކުރިމަތި ކުރާ ޕްރެޝަރެވެ. ކުދީންނަށް ދަށުން މާކްސް ދޭތީ، އެއީ ލެކްޗަރަރގެ މައްސަލައެއް ކަމަށް ހެދުމަށް ދަރިވަރުންނާ ގުޅިގެން، ޔުނިވަރުސިޓީން ވެސް ބައެއް ފަހަރުފަހަރު މަސައްކަތް ކުރާކުރުމެވެ. ޚުދު ޔުނިވަރުސިޓީން ވެސް ބޭނުން ވަނީ، މީހާގެ ފެންވަރެއް ނެތަސް، އޭ ފާސް ނުވަތަ ބީ ފާސް ދީފައި، އެންމެން ގްރެޖުއޭޓް ކޮށްދިނުން ކަމަށް ހީ ވާ ފަހަރުފަހަރު އާދެއެވެ. މި ދެންނެވީ، ޝަރީއަތާއި ގާނޫނުގެ ދާއިރާއިން ތައުލީމު ދިނުމުގެ ނިޒާމުގައި ހުރި ބޮޑެތި ބައެއް މައްސަލަތައް ކަމަށް އަޅުގަނޑު ފާހަގަ ކުރި ބައެއް ކަންތައްތަކެވެ. ދެން މި ދަންނަވައިލަނީ، ނިޒާމު އިސްލާހު ކުރުމަށް ޓަކައި އަޅުގަނޑު ހުށައެޅި މުހިއްމު ބައެއް ކަންކަމެވެ. އިސްލާހު ކުރުން އިސް ވެ ދެންނެވުނު ބޮޑެތި މައްސަލަތައް ހައްލު ކުރުމުގެ އިތުރުން، އަޅުގަނޑުމެންގެ ޝަރީއަތާއި ގާނޫނުގެ ތައުލީމުގެ ނިޒާމު ހަރުދަނާ ކޮށް، އެ ނިޒާމުން ކިޔަވައިގެން ނުކުންނަ ކުދީންނަކީ އިލްމީ ގޮތުން ގާބިލު، އަދި ފަނޑިޔާރުކަމާއި ގާނޫނީ ވަކީލުކަމުގެ މަސައްކަތްތައް އެކަށޭނަ ފެންވަރެއްގައި ކުރެވޭނެ ބައެއްކަން ކަށަވަރު ކުރުމަށް ޓަކައި، ތިރީގައި މި ދަންނަވާ ފިޔަވަޅުތައް އެޅުން މުހިއްމުކަމަށް އަޅުގަނޑު ހުށައެޅީމެވެ. ފުރަތަމަ ކަމަކީ ޝަރީއަތާއި ގާނޫނުގެ ކޯސްތަކަށް ކުދީން ވެއްދުމުގައި ގެންގުޅޭ އިލްމީ މިންގަނޑުތައް މުރާޖައާ ކުރުމާއި، ލޯވ ސްކޫލް އެންޓްރެންސް ޓެސްޓެއް (އެލްސެޓް) ތައާރަފު ކުރުމެވެ. އަޅުގަނޑު ހުށައެޅީ، ޝަރީޢަތާއި ގާނޫނުގެ ކޯހަކުން ފުރުސަތު ދިނުމުގައި، އޯލެވެލުން ވެސް، އަދި އޭލެވެލުން ވެސް ހޯދި ނަތީޖާއިން ވިހި ކްރެޑިޓް ހަމަ ނުވާ ކުދީންނަށް ފުރުސަތު ނުދިނުމަށެވެ. ކްރެޑިޓް ދިނުމަށް ޓަކައި ބަލާ ގޮތަށް ހުށައެޅީ، އޭ ފާހަކަށް ފަސް ޕޮއިންޓް، ބީ ފާހަކަށް ތިން ޕޮއިންޓް، އަދި ސީ ފާހަކަށް އެއް ޕޮއިންޓެވެ. ސީ ފާހަށް ވުރެ ދަށް ނަމަ ޕޮއިންޓެއް ނުދިނުމަށެވެ. މި އުސޫލުން ވިހި ޕޮއިންޓް ލިބޭ ކުއްޖާޔަށް ވެސް، ކޯހުން ފުރުސަތު ލިބޭނީ، އިސް ވެ ދެންނެވި ފަދައިން، އެލްސެޓް ފުރިހަމަ ކޮށްގެންނެވެ. އެލްސެޓަކީ ދަރިވަރުގެ އިލްމީ ހުނަރުތަކާއި، ވިސްނުމާއި، ތަބީއީ ގާބިލިއްޔަތު، އަދުލުއިންސާފުގެ ނިޒާމުގައި، ފަނޑިޔާރުކަން ނުވަތަ ވަކީލުކަމުގެ މަސައްކަތުގައި އުޅުމަށް ފުދޭތޯ ބެލުމަށާއި، އޭނާގެ ކިބައިގައި މަންތިގީ ވިސްނުމާއި، ތަންގީދީ ނަޒަރުން ކަންކަން ވަޒަން ކުރުމުގެ ގާބިލުކަން ހުރިތޯ ބެލުމަށް ޓަކައި ކުރެވޭ ޓެސްޓެކެވެ. ކިޔެވުންތަކެއް ކިޔަވައިގެން، އޭގެ އަލީގައި ޖަވާބު ދޭން ޖެހޭ ސުވާލުތަކެއް ހުންނަ ޓެސްޓެއް ނޫނެވެ. ހަމައެޔާއެކު، އެލްސެޓުގެ އެއް ބަޔަކަށް ވާނީ ދަރިވަރުގެ ބަހަވީ ގާބިލިއްޔަތެވެ. ދިވެއްސާއި އިނގިރޭސި ބަސް ރަނގަޅު ފެންވަރަކަށް އެނގުމާ އެކު، ޢަރަބި ބަސް ވެސް އިސްލާމީ ޝަރީޢަތުގެ ފޮތްތައް ދިރާސާ ކުރެވޭ މިންވަރަށް އެނގުމަކީ، ޝަރީޢަތާއި ޤާނޫނުގެ ދާއިރާގައި އުޅޭ ބަޔަކަށް މުހިއްމު ވާނެ ކަމެކެވެ. އެހެންކަމުން، އަޅުގަނޑުގެ ހުށައެޅުމުގައި، ޝަރީޢަތާއި ޤާނޫނުގެ ޑިގްރީ ކޯހަށް ވަދެވޭނީ ދިވެހި ބަހުން ބީ ފާސް އޮވެފައި، ޢަރަބި ބަހުން ނުވަތަ އިނގިރޭސި ބަހުން ދަށް ވެގެން އޭލެވެލް ބީ ފާހެއް އޮވެގެންނެވެ. އަދި ގްރެޖުއޭޓް ވާނީ މި ދެ ބަހުން ވެސް، ޔުނިވަރުސިޓީން ދޭ ޓެސްޓަކުން ފާސް ވެގެންނެވެ. ދެވަނަ ކަމަކީ، ޝަރީޢަތާއި ޤާނޫނުގެ ޑިގްރީ ކޯހުން ފުރުޞަތު ދޭ އިރު، ވަރަށް ހަރުކަށިކޮށް، ކުއްޖާގެ ޖިނާއީ އަދި ސުލޫކީ ރިކޯޑު ބެލުމެވެ. އެކަމަށް ޓަކައި، މަދަރުސާގެ ސުލޫކީ ރިކޯޑާއި، ޕޮލިސް ރިޕޯޓާއި، އަދި އާއްމު ޖިނާއީ ރިކޯޑަށް ރިއާޔަތް ކުރުމެވެ. ކުއްޖާގެ ސުލޫކާއި، އަޚްލާޤާ މެދު ޝައްކު އުފެދި، އޭނާޔަކީ ފަނޑިޔާރުކަން ނުވަތަ ވަކީލުކަމުގައި މަސައްކަތް ކުރާ އިރު، ފުރިހަމަ ނަޒާހަތްތެރިކަމާ އެކު މަސައްކަތް ކޮށްފާނެ ކުއްޖެއްކަމާ މެދު ޝައްކު އުފައްދާ އެއްވެސް ރިކޯޑެއް އޮތް ނަމަ، ކުއްޖާޔަށް ކޯހުން ފުރުޞަތު ނުދިނުމެވެ. ތިންވަނަ ކަމަކީ، ދިވެހިރާއްޖޭގައި ފަނޑިޔާރުކަން ނުވަތަ ޤާނޫނީ ވަކީލުކަން ކުރެވޭނީ އިސްލާމީ ޝަރީޢަތާއި ޤާނޫނާ ދެ ބައި ހިމެނޭ ގޮތުން، ފަސް އަހަރުގެ ކޯހެއް، ފުލްޓައިމްކޮށް ކިޔަވައިގެން ފުރިހަމަ ކޮށްފައި ވާ މީހަކަށް ކަމުގައި ހެދުމެވެ. ހަމައެކަނި އިސްލާމީ ޝަރީޢާ، ނުވަތަ ހަމައެކަނި ޤާނޫނު، ނުވަތަ ފަސް އަހަރަށް ވުރެ ކުރު މުއްދަތުގެ ކޯހެއް، ނުވަތަ ޕާޓް-ޓައިމްކޮށް ކިޔަވައިގެން ކޯސް ހަދައިފައި ވާ ނަމަ، އެ މީހަކަށް ޝަރުޢީ އަދި ޤާނޫނީ ޚިދުމަތުގައި މަސައްކަތް ކުރުމުގެ ފުރުޞަތު އޮތް ނަމަވެސް، ފަނޑިޔާރުކަމާއި ޤާނޫނީ ވަކީލުކަން ނުކުރެވޭ ގޮތަށް އޮތުމެވެ. މިހެން ދެންނެވި ނަމަވެސް، އަޅުގަނޑުގެ ހުށައެޅުމުގައި، އިސްލާމީ ޝަރީޢަތް ނުވަތަ ޤާނޫނު އެކަނި ކިޔަވާ މީހުންނަށާއި، ފަސް އަހަރަށް ވުރެ ކުރު މުއްދަތެއްގައި ކިޔަވައިގެން ޑިގްރީ ހާސިލު ކުރާ ފަރާތްތަކަށް، ފަނޑިޔާރުކަމާއި ވަކީލުކަން ކުރެވޭނެ އިތުރު ގޮތެއް ހިމެނީމެވެ. އެއީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރުސިޓީން ނުވަތަ އިސްލާމީ ޔުނިވަރުސިޓީން، ނުވަތަ ހުއްދަ ދެވިފައި ވާ ރާއްޖޭގެ ކޮލެޖަކުން، އެ ދަރިވަރެއްގެ ޑިގްރީގައި އުނި ވާ މާއްދާތަކާއި ބައިތައް، ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާއަކުން ފުރިހަމަ ކުރުމެވެ. މި ވާހަކަ ދައްކާ އިރު ވެސް، އިސްލާމީ ޝަރީޢަތް ދެކެ ބިރު ގަންނަ ބަޔަކު އަޅުގަނޑުމެންގެ ތެރޭގައި ބާރުގައި ތިބިކަން އަޅުގަނޑު ހަނދާނެއް ނުނެތެއެވެ. އަދި މި ހުށައެޅުމާ ދެކޮޅަށް އެމީހުން ފުންމައިގަންނާނޭކަން ވެސް އެނގެއެވެ. ނަމަވެސް އަޅުގަނޑުގެ ނަޒަރުގައި، އިސްލާމީ ޝަރީޢަތް ނުހިމެނޭ ގޮތަށް ކިޔަވާ ބަޔަކު ދިވެހިރާއްޖޭގައި ފަނޑިޔާރުކަމާއި ވަކީލުކަމުގައި ތިބުމަކީ ދިވެހި ރައްޔިތުންނަށް ދެވޭ ދެރައެކެވެ. ބޮޑު ޚިޔާނާތެކެވެ. އަދި އެއީ ޤާނޫނުއަސާސީގެ ޙަޤީޤީ މަފްހޫމާއި ރޫޙަށް ބަލާ އިރު، ހުއްދަ ކުރެވޭނެ ކަމެއް ވެސް ނޫނެވެ. ހަތަރުވަނަ ކަމަކަށް އަޅުގަނޑު ހުށައެޅީ، ޝަރީޢަތާއި ޤާނޫނުގެ ދާއިރާއިން ކިޔަވައިދެއްވާ ބެއިފުޅުންގެ ކަންކަން ހަރުދަނާ ކުރުމެވެ. އެގޮތުން، އެ ބެއިފުޅުންގެ މުސާރަ ބޮޑު ކުރުމާއި، ކޮންމެ ޝަރީޢާ ޤާނޫނު ފެކަލްޓީއަކަށް ވެސް މަދު ވެގެން ތިން ހަތަރު ޕްރޮފެސަރުން ރާއްޖެއިން ބޭރުން ގެނައުމާއި، ފުލް-ޓައިމް ލެކްޗަރާރުން ގިނަ ކުރުމާއި، އެ ލެކްޗަރާރުންނަށް ކިޔަވައިދިނުމާއި ދަރިވަރުންގެ ފެންވަރު ވަޒަން ކުރުމުގެ ހުނަރުތައް ދަސް ކޮށްދޭ ސެމިނާރުތައް ފަދަ ޕްރޮގްރާމްތައް އަހަރުން އަހަރުން ހިންގުން ފަދަ ކަންކަން ކުރުމަށް އަޅުގަނޑު ހުށައެޅީމެވެ. އަދި ޑިގްރީއަށް ކިޔަވައިދެއްވާ ބެއިފުޅުންނަކީ މާސްޓަރޒް ފެންވަރުގެ، ނުވަތަ ޑިގްރީ ހެއްދެވުމަށް ފަހު، އެ ބެއިފުޅަކު ކިޔަވައިދެއްވާ މާއްދާޔަކުން މަދުވެގެން ހައެއްކަ އަހަރުގެ ޢިލްމީ އަދި ފަންނީ މަސައްކަތް ކުރައްވައި ތަޖުރިބާ ހޯއްދަވައި، މަދުވެގެން އެއް ކަރުދާސް ނަމަވެސް ޝާއިޢު ކުރައްވައިފައި ހުންނެވި ބެއިފުޅަކަށް ވުން ލާޒިމު ކުރުމަށް ވެސް ހުށައެޅީމެވެ. އިތުރު ބައެއް ކަންކަން ޔޫރަޕާއި މެދުއިރުމަތީގެ ގައުމުތަކަށް ބަލައިލިޔަސް، އަޅުގަނޑުމެންނަށް ފެންނަނީ ފަނޑިޔާރުކަމާއި ވަކީލުކަމަކީ އެހައި ފަސޭހަ ގޮތަކަށް ކުރެވޭ ކަންކަން ނޫންކަމެވެ. މިސާލަކަށް ޖަރުމަނު ނަގަމާތޯއެވެ! ޖަރުމަނު ވިލާތުގައި ގާނޫނީ ދާއިރާއިން މީހަކު ކޮލިފައި ވަނީ ފަސް އަހަރުގެ ޑިގްރީ ކޯހެއް ފުރިހަމަ ކުރުމުންނެވެ. އަދި އެ ކޯސް ފުރިހަމަ ކުރިޔަކަސް، އެ މީހަކަށް ފަނޑިޔާރުކަން ނުވަތަ ގާނޫނީ ވަކީލުކަމެއް ނުކުރެވެއެވެ. މި ދެ ޕްރޮފެޝަނަށް މީހަކު ކޮލިފައި ވަނީ، ނުވަތަ "ވޮލްޔުރިސްޓް" އެއްގެ ގޮތުގައި އެ މީހަކު ބަލައިގަނެވެނީ އިތުރު ދެ އަހަރުގެ ކިޔެވުމާއި ތަމްރީނު ފުރިހަމަ ކޮށް، އިމްތިހާނަކުން ފާސް ވުމުންނެވެ. ތުރުކީ ވިލާތް ފަދަ ބައެއް ގައުމުތަކުގައި، ފަނޑިޔާރުކަމަށް ކޮލިފައި ވަނީ އެކަމަށް ޚާއްސަ، އިތުރު ދެ އަހަރުގެ ތަމްރީނާއި ކިޔެވުމުގެ ކޯހެއް ފުރިހަމަ ކުރުމުންނެވެ. އަޅުގަނޑުގެ ކަރުދާހުގައި ހުށައަޅައިފައި ވާނީ، ފަސް އަހަރުގެ ޑިގްރީ ކޯހެއް ފުރިހަމަ ކުރުމުން، ގާނޫނީ ވަކީލުކަމަށް ޝަރުތު ހަމަ ވެ، ޕްރޮވިޝަނަލް ލައިސަންސެއް ލިބޭ ގޮތަށެވެ. އެ ލައިސަންސް ލިބޭތާ އެއް އަހަރު ނުވަތަ ދޮޅުއަހަރުގެ މުއްދަތުގެ ތެރޭގައި، 120 ގަޑި އިރުގެ ބާރ ތަމްރީނު ފުރިހަމަ ކުރުމުން، ލައިސަންސް ދާއިމީ ވާ ގޮތަށެވެ. ފަނޑިޔާރުކަމަށް ދިޔުމަށް ޓަކައި، ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީން ދޮޅު އަހަރު ނުވަތަ ދެ އަހަރުގެ އިތުރު ފުލް-ޓައިމް ކޯހެއް ފުރިހަމަ ކުރާ ގޮތަށް ވެސް އޮތުމަށެވެ. މި ކަންކަމާ އެކު، އަޅުގަނޑު ހުށައަޅައިފައި ވާނީ، ޝަރުޢީ އަދި ޤާނޫނީ ތަޢުލީމުގެ ނިޒާމުގެ ކަންކަން، ދިވެހިރާއްޖޭގެ ޖުޑީޝަރީ އާއި، އެޓަރނީ ޖެނެރަލްގެ އޮފީހާއި، ޕްރޮސިކިޔުޓަރ ޖެނެރަލްގެ އޮފީހާއި، ދިވެހިރާއްޖޭގެ ބާރ އެސޯސިއޭޝަނާއި، މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނާއި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރުސިޓީ އާއި، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރުސިޓީ އާއި، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ ތަމްސީލު ކުރެވޭ ކޮމިޓީއެއްގެ ލަފަޔާ އެކު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އިސް ވެ ބަލަހައްޓަވާ ގޮތަށް އިންތިޒާމު ކުރުމަށެވެ. އެނގިވަޑައިގަންނަވާނެ ފަދައިން، މިކަން ވެސް މިހާރު އޮތީ، ވަކި ބައެއްގެ އަތްމައްޗަށް ދިވެހިރާއްޖޭގެ ޤާނޫނީ ވަކީލުންގެ ހުރިހައި ކަމެއް ފިރައިލުމުގެ ނުބައި އެދުމުގައި ފަރުމާ ކުރި "ދިވެހިރާއްޖޭގެ ޤާނޫނީ ޚިދުމަތުގެ ޤާނޫނު" ގެ ދަށުން، ބާރ އެސޯސިއޭޝަނުގެ ބާރުގެ ދަށަށް ގެންގޮސް، އެހެން އެއްވެސް ފަރާތަކަށް ބަސް ނުކިޔޭ ކަމަކަށް ހަދައިފައެވެ. އެކަން ކޮށްފައި ވަނީ، ވަކި ބެއިފުޅަކަށް ބާރ އެސޯސިއޭޝަނުގެ ރައީސްކަން ލިބިވަޑައިގަންނަވާނެކަމަށް އޮތް ޔަޤީންކަމެއްގެ ބޮޑުކަމުންކަން ވެސް އެއީ އެނގޭ ކަމެކެވެ. އެ ބެއިފުޅާޔަށް އެއިރު ކަން ދިމާ ކުރި ގޮތުން، ކައުންސިލުގެ ރައީސްކަން ލިބިވަޑައިނުގަތީއެވެ. ވަރަށް ޚުލާޞާ ގޮތެއްގައި މި ދަންނަވައިލީ، ރާއްޖޭގެ ޝަރީޢަތާއި ޤާނޫނުގެ ތަޢުލީމުގެ ނިޒާމު ހަރުދަނާ ކޮށް އިޞްލާޙު ކުރުމަށް ޓަކައި އަޅުގަނޑު 2019 ވަނަ އަހަރުގެ ޖުޑީޝަލް ރިފޯރމް ކޮންފަރެންސުގައި ހުށައެޅި މައިގަނޑު ކަންކަމެވެ. ސާޅީހަކަށް ޞަފުޙާގެ ކަރުދާހެއްގައި ހިމެނޭ ހުރިހައި ކަމެއް، މި ކަހަލަ ކޮލަމެއްގައި ތަފްޞީލު ކޮށްނުދެވޭނެތީއެވެ. އަޅުގަނޑުގެ ކަރުދާހާއި ޕްރެޒެންޓޭޝަނުގައި ވާނީ، އަޅުގަނޑުގެ ޚިޔާލުތަކަށް ބާރު ދޭ ޒުވާބުތަކާއި، ކަމާބެހޭ ބައެއް ޢިލްމީ ދިރާސާތައް ވެސް ތަފްޞީލު ކޮށްދީފައެވެ. ނަމަވެސް މި ކޮލަމުގައި އެ ބައިތައް ވެސް ދޫ ކޮށްލީއެވެ. ހަމައެކަނި ރިކޯޑަކަށް ޓަކައި ލިޔުނު އެއްޗަކަށް ވާތީއެވެ.
ޝަރީއަތާއި ގާނޫނުގެ ތައުލީމުގެ ނިޒާމު އިސްލާހު ކުރުން
ވޮޝިންޓަން (މެއި 19): ކޮވިޑް-19 ބަލި ޖައްސާ ކޮރޯނާވައިރަހުން ރައްކާތެރިވުމަށް މެލޭރިއާ ބޭސް ހައިޑްރޮކްސިކްލޮރޮކުއިން ބޭސް ބޭނުން ކުރައްވަމުން ގެންދަވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ. ވައިޓް ހައުސްގައި ނޫސްވެރިންނާ ބައްދަލު ކުރައްވަމުން އިއްޔެ ޓްރަމްޕް ވިދާޅުވި ގޮތުގައި އޭނާ ހައިޑްރޮކްސިކްލޮރޮކުއިން ބޭނުން ކުރައްވާތާ މިހާރު ހަފްތާއަކަށް ވުރެ ގިނަ ދުވަސްވެއްޖެ އެވެ. "އަޅުގަނޑު ހައިޑްރޮކްސިކްލޮރޮކުއިން ބޭނުން ކުރަން. އަޅުގަނޑު އެ ބޭސް ބޭނުން ކުރާތާ ހަފްތާއަކާއި ބައި ވެދާނެ. ކޮންމެ ދުވަހަކު އެއް ބޭސް ގުޅަ،" ޓްރަމްޕް ވިދާޅުވި އެވެ. ޓްރަމްޕް ވިދާޅުވި ގޮތުގައި އޭނާ އެ ބޭސް ބޭނުން ކުރައްވަނީ އިންފެކްޝަނުން ރައްކާތެރިކޮށްދޭ އެންޓިބަޔޮޓިކްއެއް ކަމަށްވާ އަޒިތުރޮމައިސިން އާއި ޒިންކްއާ އެއްކޮށެވެ. އަދި އެ ބޭސް ބޭނުން ކުރުމަށް ވައިޓް ހައުސްގެ ޑޮކްޓަރު ހުއްދަ ދެއްވިތޯ ނޫސްވެރިން ސުވާލު ކުުރުމުން ޓްރަމްޕް ވަނީ އެ ބޭސް ބޭނުން ކުރަން އެދުނީ އަމިއްލައަށް ކަމަށާއި އެހެންކަމުން ޑޮކްޓަރު ބޭސް ދެއްވަން އެއްބަސްވީ ކަމަށް ވިދާޅުވެފަ އެވެ. "އަޅުގަނޑަށް ބުނެވެން އޮތީ އަޅުގަނޑުގެ ހާލު އަދިވެސް ރަނގަޅޭ،" ޓްރަމްޕް ވިދާޅުވި އެވެ. ޓްރަމްޕް އެފަދައިން ވިދާޅުވި ނަމަވެސް، ހައިޑްރޮކްސިކްލޮރޮކުއިން އަކީ އާ ކޮރޯނާވައިރަހުން ރައްކާތެރިވުމަށް ނުވަތަ ފަރުވާއެއްގެ ގޮތުގައި ބޭނުން ކުރެވިދާނެ ބޭހެއްކަން ދޭހަވާ ސައިންޓިފިކް ހެއްކެއް އަދި ފެނިފައި ނުވެ އެވެ. މީގެ އިތުރުން މިދިޔަ މަހު އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ)އިން ވަނީ ހައިޑްރޮކްސިކްލޮރޮކުއިންއަކީ ކޮވިޑް-19އިން ރައްކާތެރިވުމަށް ނުވަތަ ފަރުވާ ދިނުމަށް ރަނގަޅަށް މަސައްކަތް ކުރާ އަދި ރައްކާތެރި ބޭހެއްކަން އަދި ޔަގީންވެފައި ނުވާ ކަމަށް ބުނެފަ އެވެ. އަދި ކޮވިޑް-19 ހުންނަ މީހުން އެ ބޭސް ބޭނުން ކުރުމުން ހިތުގެ ވިންދު ޖެހުމަށް ބަދަލު އަންނަ ކަމުގެ ރިޕޯޓުތައް ލިބިފައިވާ ކަމަށް ބުނެފަ އެވެ. އެހެންކަމުން އެފްޑީއޭއިން ވަނީ ކޮވިޑް-19 ޖެހިފައިވާ މީހުން ހޮސްޕިޓަލުން ބޭރުގައި އެ ބޭސް ބޭނުން ނުކުރުމަށް އިލްތިމާސްކޮށްފަ އެވެ. އެމެރިކާގެ ވެޓެރަންސް ހެލްތް އެޑްމިނިސްޓްރޭޝަންގެ މެޑިކަލް ސެންޓަރުތަކުގައި ހައިޑްރޮކްސިކްލޮރޮކުއިންއާ ބެހޭ ގޮތުން ހެދި ދިރާސާއަކުން ވަނީ، ކޮވިޑް-19 ޖެހިފައިވާ މީހުންގެ ތެރެއިން ބޭސް ބޭނުން ކުރި މީހުންނާއި ބޭސް ބޭނުން ނުކުރާ މީހުންގެ ފަރާތުން ވަކި ތަފާތެއް ނުފެންނަ ކަމަށް ދައްކާފަ އެވެ.
ކޮވިޑް-19އިން ދިފާއުވާން އަހަރެން ބޭނުންކުރަނީ މެލޭރިޔާ ބޭސް: ޓްރަމްޕް
މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އާ ގުޅިގެން މަޝްހޫރު ޓޯކް ޝޯ ހޯސްްޓް އެލެން ޑިޖެނެރެސްގެ ޝޯގެ ކްރޫގެ މުސާރަ 60 ޕަސެންޓާ ހަމައަށް ކުޑަކުރުމުން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެއެވެ. އެލެންގެ ސްޓޭޖް ކްރޫގެ ގޮތުގައި 30 އަކަށް މުވައްޒަފުން އުޅޭއިރު އެމީހުންގެ މުސާރައާއި މަސައްކަތް ކުރަން ޖެހޭ ގަޑިއާ ބެހޭގޮތުންވެސް މަހެއް ވަންދެއް އެއްވެސް އެއްޗެއް ބުނެފައިނުވާ ކަމަށް ކްރޫއިން ބުނެއެވެ. އެކަމާ ގުޅޭގޮތުން ޕްރޮޑަކްޝަންގެ އިސްމީހުންނާ ވާހަކަ ދެއްކުމުންވެސް މާބޮޑު މައުލޫމާތެއް ދީފައިނުވާ ކަމަށް ކްރޫއިން ބުންނެވެ. ނަމަވެސް ފަހުން މިދިޔަ ހަފްތާގައި ކްރޫއިންގެ މުސާރަ 60 ޕަސެންޓާ ހަމައަށް ކުޑަކުރަން ނިންމިކަން ޝޯގެ އެކްޒެކިއުޓިވްއިން މިދިޔަ ހަފްތާގައި އެންގިކަމަށް ކްރޫއިން ބުނެއެވެ. ކްރޫއިންގެ މުސާރަ ކުޑަކުރަން ނިންމިއިރު މިހާރުވެސް އެލެންގެ ޝޯތައް ދަނީ ދައްކަމުންނެވެ. ނަމަވެސް މިހާރުގެ ޝޯތައް ޝޫޓް ކުރަނީ އެލެންގެ ގޭގައެވެ. އަދި އެ ޝޫޓްތައް ކުރަމުންދަނީ ތާޑް ޕާޓީއެއް ލައްވައެވެ. މިއީވެސް އެލެންގެ ޝޯގެ ކްރޫއިން ވަރަށް ބޮޑަށް ނުރުހުންވި ކަމެކެވެ. މުސާރަތައް ކުޑަކުރިއިރު އެލެންއަކީ ބޮޑު މައްސަންޖެއްކަން ފާހަގަކޮށްލެވެއެވެ. އޭނާގެ މިލްކިއްޔާތުގައި 490 މިލިއަން ޑޮލަރު ހުރިއިރު މިދިޔަ އަހަރު އެކަނިވެސް 75 މިލިއަން ޑޮލަރުގެ އާމްދަނީއެއް އެލެންއަށް ލިބިފައިވެއެވެ، ކޮރޯނާއާ ގުޅިގެން އެމެރިކާ ލޮކްޑައުންއަކަށް ވަނީ ގޮސްފައެެވެ. ލޮކްޑައުންގައި ހުރުމަކީ ޖަލެއްގައި ހުރުންކަމަށް ސިފަވާގޮތަށް އެލެން ދެއްކި ވާހަކަތަކަށްވެސް ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. މަސްދަރު: ނިއުއިންޑިއަންއެކްސްޕްރެސް
އެލެން ޑިޖެނެރެސް ޝޯގެ ކްރޫގެ މުސާރަ 60 ޕަސެންޓް ކުޑަކުރުމުން ފާޑުކިޔުން
ކޮވިޑް19ގެ ސަބަބުން ދިމާވެފައިވާ އިގްތިސޯދީ އަދި މާލީ ދަތިކަމާ އެކު، ދިރާގުގެ ބިލަށް ފައިސާ ދެއްކުމަށް ދަތިވާ ކަސްޓަމަރުންނަށް އެ ކުންފުނިން ލުއި ދީފި އެވެ. ދިރާގުން ބުނީ ކަސްޓަމަރުންނަށް ލުއި ދިިނުމުގެ ގޮތުން ބިލު ފޮނުވާ ތާރީހުން ފެށިގެން ދެ މަހުގެ މުއްދަތަށް ބިލުގެ މުއްދަތު އިތުރުކޮށްދޭން ނިންމާފައިވާ ކަމަށެވެ. އެގޮތުން މުއްދަތު އިތުރު ކުރުމަށް ބޭނުންވާ ކަސްޓަމަރުން އެކަމަށް އެދުމުން އެ ކަން ހަމަޖައްސައިދޭނެ ކަމަށެވެ. ލޭޓް ޕޭމެންޓް ޗާޖަސް، އަދި ރިކަނެކްޝަން ފީ ވެސް ނުނަގާނެ ކަމަށް ދިރާގުން ބުންޏެވެ. މީގެ އިތުރުން ކޮވިޑް19ގެ ސަބަބުން ވަޒީފާ ގެއްލުނު ކަމަށް ރެޖިސްޓްރީ ކޮށްފައިވާ ކަސްޓަމަރުންގެ ހިދުމަތްތައް ވެސް މި ޖޫންމަހުގެ ނިޔަލަށް މެދުކަނޑާނުލާ ދޭނެ ކަމަށާއި އެ ފަރާތްތަކަށް އިތުރު ގޮތެއް ފެންނަންދެން ހިދުމަތް މެދުނުކެނޑި ލިބޭނެ ކަމަށް އެކުންފުނިން ބުންޏެވެ. އަދި ހިދުމަތް ހޯދުމަށް ފަސޭހަ ޕޭމަންޓް މެތަޑުތައް ވެސް ކަސްޓަމަރުންނަށް އިހުތިޔާރު ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށްދިރާގުން ބުންޏެވެ. ދިރާގުން ވަނީ ކޮވިޑް19 އާ ގުޅިގެން ކަސްޓަމަރުންނަށް ހާއްސަ ޑޭޓާ އެލަވެންސް ތަކާއި ޑިސްކައުންޓުތައް ދޭން ފަށައިފަ އެވެ.
ބިލުދެއްކުމަށް ދަތިވާ ކަސްޓަމަރުންނަށް ދިރާގުން ލުޔެއްދީފި
ފުލުހުންގެ އޮޕަރޭޝަންތަކުގައި ކަރަންޓު ފިސްތޯލަ ނޫނީ ޓޭޒާ ގަން ބޭނުންކުރަން ފަށައިފި އެވެ. ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޮފިސަރުންގެ ސަލާމަތާއި އާންމުންގެ ރައްކާތެރިކަމަށްޓަކާ ފުލުހުންގެ އޮޕަރޭޝަންތަކުގައި "ކޮންޑަކްޓެޑް އިލެކްޓިރިކް ވެޕަން" ނޫނީ ކަރަންޓް ފިސްތޯލަ ބޭނުންކުރުމުގެ ޓްރަޔަލްއެއް މިހާރު ފަށާފައިވާ ކަމަށެވެ. ފުލުހުން ފިސްތޯލަ ބޭނުން ކުރާތަން ދައްކުވައިދޭ ވީޑިއޯއަކާ އެކު ސީޕީ ވިދާޅުވީ، މިއީ ބާރުގެ ބޭނުން ކުރަން ޖެހިއްޖެ ހާލަތުގައި، ފުލުހުންނަށް ލިބިދާނެ ގެއްލުން ކުޑަކުުރުމަށް ބޭނުންކުރާނެ ވަސީލަތެއްކަމަށެވެ. ސީޕީ ވިދާޅުވީ ކަރަންޓު ބަޑި ބޭނުންކުރަން ފަށާއިރު، އެ ބޭނުންކުރާ ގޮތް މޮނީޓާ ކުރެވިގެންދާނެ ކަމަށެވެ. މި ހަތިޔާރު ފުލުހުން ބޭނުން ކުރަނީ ޒިންމާދާރުކޮށްކަން ކަށަވަރު ކުރުމަށް ޓަކައި މި ފިސްތޯލަ ބޭނުންކުރާނީ ބޮޑީކެމެރާ އާއެކު ކަމަށްވެސް ސީޕީ ވިދާޅުވި އެވެ. މިއީ ފުލުހުންގެ އަމުރަށް މީހަކު ނުކިޔަމަންތެރިވާ ހާލަތުގައި ބޭނުންކުރާނެ އާލާތަކަށް ވާއިރު، ދުރުގައި ހުންނަ މީހާ އަށް އަމާޒުކޮށް އިލެކްޓްރިކް ޝޮކެއް ފޮނުވާލަ އެވެ. މި ޝޮކުގެ ސަބަބުން އެމީހާއަށް ގެއްލުމެއް ނުލިބޭނެ އެވެ.
ފުލުހުންގެ އޮޕަރޭޝަންތަކުގައި ކަރަންޓް ފިސްތޯލަ ބޭނުންކުރަން ފަށައިފި
ދުނިޔޭގެ ސޯޝަލް މީޑިއާގެ އެންމެ ބޮޑު ކުންފުނި ފޭސްބުކްއިން އިންޑިއާގެ ރިލަޔަންސްގެ ސަބްސިޑަރީ ކުންފުނި ޖިއޯގެ 10 ޕަސެންޓް ހިއްސާ 5.7 ބިލިއަން ޑޮލަރަށް ގަންނަން ނިންމައިފި އެވެ. މިއީ ފޭސްބުކްގެ އެންމެ ބޮޑެތި އިންވެސްޓްމަންޓްތަކުގެ ތެރޭގައި ހިމެނޭ އިންވެސްޓްމަންޓެކެވެ. އެ އިންވެސްޓްމަންޓާއެކު ޖިއޯގެ ނެޓްވޯތުގެ އަގު 66 ބިލިއަން ޑޮލަރަށް އަރާނެ އެވެ. އިންޑިއާގެ އެންމެ ބޮޑު މަހުޖަނު މުކޭޝް އަމްބާނީގެ ކުންފުނި ރިލަޔަންސް މި ފަހަކަށް އައިސް ވަނީ ވަރަށް ބޮޑަށް ދަރަނިވެރިވެފަ އެވެ. މިދިޔަ ސެޕްޓެމްބަރާ ހަމައަށް އެކުންފުނީގެ ދަރަނި 40 ބިލިއަނަށް އަރައިފައިވާއިރު ފޭސްބުކްއާއެކު ހެދި ޑީލްގެ ސަބަބުން ދަރަނިތައް ވަރަށް ބޮޑަށް ކުޑަވެގެން ދާނެ އެވެ. ރިލަޔަންސްގެ ޖިއޯއަކީ މޮބައިލް ނެޓްވޯކާއި ބްރޯޑްބޭންޑް އިންޓަނެޓްގެ އިތުރުން އީ ކޮމާސްގެ ހިދުމަތްވެސް ދެމުންގެންދާ ކުންފުންޏެކެވެ. އެ ޑީލްގެ ސަބަބުން އިންޑިއާގައި ވަޓްސްއަޕް މެދުވެރިކޮށް އޮންލައިން ޕޭމަންޓްތައް ދިނުމަށްވެސް މަގުފަހިވެގެންދާނެ އެވެ. ވަޓްސްއަޕްއަކީ ފޭސްބުކްއިން ހިންގާ ކުންފުންޏެއްވެސް މެއެވެ. އިންޑިއާގައި ވަޓްސްއަޕް ބޭނުންކުރާ މީހުންގެ އަދަދު 400 މިލިއަނަށް އަރަ އެވެ. އިންޑިއާގައި މިހާރުވެސް ގޫގަލްޕޭއިންވެސް ދަނީ ހިދުމަތް ދެމުންނެވެ. ފޭސްބުކްއިން ޖިއޯއާއެކު ހެދި ޑީލްގެ ސަބަބުން ވަޓްސްއަޕް ޕޭމަންޓްގެ ހިދުމަތް އިންޑިއާގައި ފަށައި ހިދުމަތް ފުޅާކުރެވޭނެކަމަށް ވަނީ ބެލެވިފަ އެވެ.
ފޭސްބުކްއިން އިންޑިއާގެ ރިލަޔަންސް ޖިއޯގެ 10 ޕަސެންޓް ހިއްސާ ގަންނަނީ
ކޮވިޑް19 ގެ ހާލަތާ ގުޅިގެން ރާއްޖެ ގެނައުމަށް ނިންމާފައިވާ އިތުރު ވެންޓިލޭޓަރުތަކުގެ ތެރެއިން 18 އައިސީޔޫ ވެންޓިލޭޓަރު ރާއްޖެ ގެނެސްފި އެވެ. މެޑިޓެކް އާއި ހަވާލުކޮށްގެން ރާއްޖެ ގެނައި 18 ވެންޓިލޭޓަރުގެ އިތުރުން ސިއްހީ އިތުރު ސާމާނު ރާއްޖެ ގެނެސްފައިވަނީ ސްރީލަންކަން އެއާލައިންސްގެ މަތިންދާ ބޯޓެއްގަ އެވެ. މި 18 ވެންޓިލޭޓަރު ރާއްޖެ އަންނާނެކަމަށް ފުރަތަލަ ލަފާކޮށްފައި އޮތީ މިމަހުގެ އެއްވަނަ ދުވަހު އެވެ. ކޮވިޑް-19 ރޯގާ ނުރައްކާތެރި ހާލަތަކަށް ގޮސްދާނެ ވަގުތަކަށް ތައްޔާރުވުމުގެ ގޮތުން ރާއްޖެއަށް 200 ވެންޓިލޭޓަރު ހޯދުމުގެ މަސައްކަތް، ހާއްސަ ކަމެއްގެ ގޮތުގައި ކުރުމަށް ޕޮލިސީ ކޮމިޓީން ނިންމާފައި ވަނީ މާޗު މަހުގެ 15 ވަނަ ދުވަހު އެވެ. އެގޮތުން 26 ވެންޓިލޭޓަރު ގެނައުމަށް 8.3 މިލިއަން ރުފިޔާއަށް ހަވާލުކޮށްފައި ވަނީ، ނާޑު ޕްރައިވެޓް ލިމިޓެޑްއާ އެވެ. ފަންސާސް އައިސީޔޫ ވެންޓިލޭޓަރު ގެނައުމަށް 14.4 މިލިއަން ރުފިޔާއަށް މެޑް ޓެކް ކުންފުންޏާ އެވެ. އަދި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ މެދުވެރިވެގެން 75 ވެންޓިލޭޓަރު 34 މިލިއަން ރުފިޔާއަށް ގެންނަނީ، ދުބާއީ ކުންފުންޏެއް ކަމަށްވާ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން އިންނެވެ. ވެންޓިލޭޓަރުތައް ރާއްޖެ ގެނައުމުގައި ލަސްތަކެއް ދިމާވެފައި ވަނީ ދަތުރުފަތުރުގެ ކަންތައް ހުރިގޮތުންނާއި ލޮކްޑައުންގެ ސަބަބުން ސަޕްލައި ރޫޓުގައި މަސައްސަލަތައް ދިމާވެ، އެ ތަކެތި އުފައްދާ ކުންފުނިތަކުގެ މަސައްކަތްތަކަށް ވެސް ހުރަސްތަކެއް ކުރިމަތިވެފައި ވުމާއި އަދި ދުނިޔޭގެ ބޮޑެތި ގައުމުތަކަށް ވެސް ވެންޓިލޭޓަރު ބޭނުންވެފައިިވާ މިންވަރު އިންތިހާއަށް ބޮޑުވެފައިވުމުންނެވެ. ރާއްޖޭގައި މިވަގުތު 97 ވެންޓިލޭޓަރު އެބަހުރިކަމަށް އެންއީއޯސީ އިން ވަނީ މީގެ ކުރިން ބުނެފައެވެ. ކޮވިޑް19 ގެ ސަބަބުން ހާލު ގޯސްވެ މިހާރުވެސް ދެ މީހަކު ވެންޓިލޭޓަރުގައި އެބައޮތެވެ. މިހާތަނަށް ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ އަދަދު 790 އަށް އަރާއިރު 29 މީހަކު ބަލިން ރަނގަޅުވެފައިވެއެވެ. ރާއްޖެިއން މިހާތަނަށް ބަލި ޖެހިގެން މަރުވީ ތިން މީހެކެވެ.
ނުގެނެވިގެން އުޅުނު 18 ވެންޓިލޭޓަރު ރާއްޖެ ގެނެސްފި
ނިއުދިއްލީ (22 އެޕްރީލް 2020) : އިންޑިއާގެ ރިޔާސީ ގަނޑު ރާޝްތްރަޕަތީ ބަވަންގައި މަސައްކަތްކުރާ މުވައްޒަފެއްގެ އާއިލާގެ މެންބަރަކު ކޮރޯނާވައިރަސް "ކޮވިޑް-19" އަށް ޕޮޒިޓިވް ވުމުން އެގަނޑުވަރު ކުއްލި ހާލަތަށް ގެނަސްފި އެވެ. އިންޑިއާގެ ރިޔާސީ ގަނޑުވަރުން ނެރުނު ކުރު ބަޔާނެއްގައި އެ ގަނޑުވަރުގައި މަސައްކަތްކުރާ އަދި އެތަނުގައި ގިނަ ވަގުތުތަކެއް ހޭދަކުރާ މުވައްޒަފެއްގެ އާއިލާގެ މެންބަރެއްގެ ހަށިގަނޑުން ކޮވިޑް-19ގެ އަލާމާތްތައް ފެންނާތީ އޭނާ ޓެސްޓްކުރުމުން އެރޯގާއަށް ޕޮޒިޓިވްވި ކަންވަނީ ކަށަވަރުކޮށްދީފަ އެވެ. ރާޝްތްރަޕަތީ ބަވަންގައި މަސައްކަތްކުރާ އެ މުވައްޒަފުގެ އާއިލާގެ މެމްބަރު ޕޮޒިޓިވް ވުމާގުޅިގެން އެ މުވައްޒަފު ޓެސްޓްކުރުމުން އޭނާގެ ހަށިގަނޑުން ކޮވިޑް-19 ފެނިފައިނުވާ ކަމަށް އެ ބަޔާންބުނެއެވެ. ޕޮޒިޓިވްވި މީހާ ދެނެގެންފައި ވަނީ، ކޮވިޑް-19 ޖެހިގެން ނިއުދިއްލީގައި މަރުވި މީހެއްގެ ކޮންޓެކްޓް ޓްރޭސިންގް ހެދުމުގެ ތެރެއިން ކަމަށް އިންޑިއާގެ މީޑިއާ ބުނެ އެވެ. އެ ހާލަތާގުޅިގެން ރާޝްތްރަޕަތީ ބަވަންގެ އެހެން މުވައްޒަފުން ވަނީ ކޮވިޑް-19 އަށް ޓެސްޓް ކުރަންފަށައިފަ އެވެ. މިދެންނެވި މުވައްޒަފު މަސައްކަތްކުރަނީ އިންޑިއާގެ ރައީސް ރާމްނާތް ކޯވިންދުގެ ސެކްޓެރިއޭޓްގައި ކަމަށާ އޭނާގެ އާއިލާ ދިރިއުޅެނީ އެ ގަނޑުވަރުގެ ކައިރީގައިވާ އަވަށުގައި ކަމަށް އިންޑިއާގައި ޝާއިޢުކޮށްފައިވާ މީޑިއާ ރިޕޯޓްތައް ބުނެ އެވެ. ޕޮޒިޓިވް ހާލަތާގުޅިގެން ރާޝްތްރަޕަތީ ބަވަންގެ ވަށައިގެންވާ ސަރަހައްދުގައިވާ އަވަށުގެ އެންމެން ކޮވިޑް-19 އަށް ޓެސްޓް ކުރުމުގެ މަސައްކަތް އިންޑިއާގެ ކަމާބެހޭ އިދާރާތަކުން ވަނީ ފަށައިފަ އެވެ. ރާޝްތްރަޕަތީ ބަވަން ހުންނަ ސަރަހައްދުގައިވާ އަވަށުގައި 115 އާއިލާ ދިރިއުޅޭކަމަށްވެ އެވެ. އިންޑިއާގައި ވަރަށް ބާރަށް ކޮވިޑް-19 ފެތުރެމުންދާއިރު ވެރިރަށް ނިއުދިއްލީއަކީ އެގައުމުގައި އެންމެ ހަލުއިކޮށް އެ ރޯގާ ފެތުރެމުންދާ އެއް ސަރަހައްދެވެ. އިންޑިއާގައި 20 ހާހަށް ވުރެ ގިނަ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ އިރު 650 މީހުން އެ ރޯގާގައި މަރުވިކަން ރިޕޯޓްކޮށްފައިވެ އެވެ. ނިއުދިއްލީއަށް ބަލާއިރު އެ ސަރަހައްދުން އެކަނި ވެސް 2156 މީހުން ކޮވިޑް-19 ޕޮޒިޓިވްވެފައިވާ އިރު 50 މީހުން އެސަރަހައްދުން މަރުވެފައިވެ އެވެ. އިންޑިއާގައި ކޮވިޑް-19 ބާރަށް ފެތުރޭކަން އެނގުނީ ޓެސްޓްކުރާ މީހުންގެ އަދަދު އިތުރުވާން ފެށުމުންނެވެ. (އިންޑިއާގެ މީޑިއާ)
ކޮރޯނާއާ ގުޅިގެން އިންޑިއާގެ ރިޔާސީ ގަނޑުވަރު ކުއްލި ހާލަތަކަށް ގެނަސްފި
މިހާރު ފެތުރެމުންދާ ކޮވިޑް-19 ގެ ހާލަތުން ރާއްޖެއަށް އަވަސް މުސްތަގުބަލެއްގައި އަރައިގަނެވޭނީ ހުރިހާ ރައްޔިތުން ކެތްތެރިކަން އިސްކޮށްގެން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ. ކޮވިޑް-19 އާ ގުޅިގެން އެ ވައިރަސް ރާއްޖޭގައި ކޮންޓްރޯލުކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތެއް ކުރަމުންނެވެ. އެގޮތުން ރާއްޖޭގެ ސިއްހީ ނިޒާމުގެ ކެޕޭސިޓީއަށް ބަލައި ގުދު ފަތިކުރުމަށްޓަކައި ގިނަ ކަންތައްތަކެއް މިހާރުވެސް ދަނީ ކުރަމުންނެވެ. އޭގެތެރޭގައި ވައިރަސް ފެތުރުން މަދުކުރުމަށްޓަކައި ފުރަބަންދު އިއުލާނުކޮށްފައި އޮތުން ހިމެނެ އެވެ. އެކަމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައި މިނިސްޓަރު އިމްރާން ވިދާޅުވީ ރާއްޖޭގައި މިއޮތް ހާލަތުން އަވަހަށް އަރައިގަނެވޭނީ ރައްޔިތުންގެ ކެތްތެރިކަން އިސްކުރުމާއެކު އެއް ރޫހެއްގައި އެކުގައި މަސައްކަތް ކޮށްގެން ކަމަށެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފައިވަނީ އާދައިގެ ހާލަތެއްގައި ނަމަ ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދު ހުންނާނީ ރާއްޖޭގެ ސިއްހީ ނިޒާމުގެ ކެޕޭސިޓީއަށްވުރެ އެތައް ގުނައެއް ދަށުގައި ކަމަށެވެ. އެއާއެކު ރާއްޖެއިން ކޮވިޑް-19 ފެނުނު ނަމަވެސް މިހާތަނަށް ބަލި ޖެހިފައިވާ މީހުންގެ މިންވަރަށް ބަލާއިރު ރާއްޖޭގެ ސިއްހީ ނިޒާމަށް ކަތާނެ ކަމަށް އެޗްޕީއޭއިން ބުނެ އެވެ. އެހެންނަމަވެސް ޑޮކްޓަރަށް ދައްކާ މީހުން އިތުރުވެ ޕޮޒިޓިވްވާ ކޭސްތައް އިތުރު ވާނަމަ ސިއްހީ ނިޒާމު ކެޕޭސިޓީއަށްވުރެ ބަލިމަޑުކަން އިތުރުވުމަކީ ވެދާނެ ކަމެއް ކަމަށް އެޗްޕީއޭއިން ފާހަގަކުރި އެވެ. އެހެންކަމުން މިހާރު މަސައްކަތްކުރަމުން ދަނީ ވައިރަސް ޖެހޭ މިންވަރު ކުޑަކޮށް، ކެޕޭސިޓީއަށް ނުކަތާ ވަރަށް ބަލިމަޑުކަން ފެތުރުނަ ނުދިނުމަށް ކަމަށް އެޗްޕީއޭއިން ބުންޏެވެ. ގުދުފަތި ކުރުމަށްޓަކައި ސަރުކާރުން ވަނީ އިޖުތިމާއީ ގައިދުރުކަން ހިޔާރުކޮށް ގޭގައި ތިބުމަށާއި އެއް ރަށުން އަނެއް ރަށަށް ދިޔުމަށް މަނާކުރުމަށް ނިންމާފަ އެވެ. އޭގެ އިތުރުން އާންމުން އެއްވެ އުޅޭ ތަންތައް އެއްކޮށް ބަންދުކޮށް ސްކޫލުތައް ފަދަ ތަންތައް ވެސް ވަނީ އެ ސަބަބަށްޓަކައި ބަންދުކޮށްފަ އެވެ.
މިހާލަތުން އަރައިގަނެވޭނީ ކެތްތެރިކަން އިސްކޮށްގެން: އިމްރާން
ބެއިޖިން (މެއި 10): ޗައިނާގެ ސައިންސުވެރިންގެ ޓީމަކުން ހެދި ދިރާސާއެއްގައި ބައިވެރިވި ކޮވިޑް-19 ޖެހިފައިވާ ފިރިހެނުންގެ ތެރެއިން 16 ޕަސެންޓު މީހުންގެ ދަރިފަނިން ކޮރޯނާވައިރަސް ފެނިފައިވާ ކަމަށް އެޓީމުން ބުނެފި އެވެ. ޗައިނާގެ ޝަންގްކިއު މުނިސިޕަލް ހޮސްޕިޓަލްގެ ޑޮކްޓަރުން ވިދާޅުވި ގޮތުގައި 38 ފިރިހެނަކު ހިމަނައިގެން ހެދި އެ ދިރާސާގައި ބަލި ހުރި މީހުންނާއި ބަލިން ރަނގަޅުވެފައިވާ މީހުންވެސް ބައިވެރިވި އެވެ. އަދި އޭގެ ތެރެއިން ހަ މީހެއްގެ ދަރިފަނިން ވައިރަސް ފެނިފައިވާ އިރު، އެ ހަ މީހުންގެ ތެރެއިން ދެ މީހުންނަކީ ބަލިން ރަނގަޅުވެފައިވާ މީހުންނެވެ. ޖާނަލް އޮފް ދަ އެމެރިކަން މެޑިސިން އެސޯސިއޭޝަންގައި ޝާއިއުކޮށްފައިވާ އެ ދިރާސާގައި ވަނީ ދަރިފަނިން ވައިރަސް ފެނުނު ނަމަވެސް، ޖިންސީ ގުޅުމުން ވައިރަސް ފެތުރޭކަން އެ ދިރާސާއިން ޔަގީން ނުވާ ކަމަށް ބުނެފަ އެވެ. އަދި ދަރިފަނީގައި ހުންނަނީ އެކްޓިވް ވައިރަސްތޯ އާއި ވައިރަސް ހުންނަ މުއްދަތު ފަދަ މައުލޫމާތު ހޯދަން އިތުރު ޓެސްޓުތައް ހަދަން ޖެހޭ ކަމަށް ބުނެފަ އެވެ. "ސާސް-ސީއޯވީ-2 ޖިންސީ ގުޅުމުން ފެތުރޭކަން ސާބިތު ކުރެވިއްޖެ ނަމަ، އެއީ ވައިރަސް ފެތުރުން ހުއްޓުވުމަށް އަޅާ ފިޔަވަޅުތަކަށް މުހިއްމު މައުލޫމާތަކަށް ވާނެ. ހާއްސަކޮށް ބަލިން ރަނގަޅުވަމުން އަންނަ މީހުންގެ ދަރިފަނިން ވައިރަސް ފެނިފައިވާތީ،" ޑޮކްޓަރުން ވިދާޅުވި އެވެ. މީގެ ކުރިން ތަފާތު ވައިރަސްތަކާ ބެހޭ ގޮތުން ހަދާފައިވާ ދިރާސާތަކުން ވަނީ ދަރިފަނީގައި ވައިރަސް ހުރި ނަމަވެސް ޖިންސީ ގުޅުމުން ނުފެތުރޭ ވައިރަސްތަކާއި ފެތުރޭ ވައިރަސްތައްވެސް ފެނިފަ އެވެ. އެގޮތުން ޒިކާ އާއި އެބޯލާ ވައިރަސް ޖިންސީ ގުޅުމުން ފެތުރޭކަން ވަނީ ހޯދިފަ އެވެ. ދުނިޔޭގެ 187 ގައުމާއި ޓެރިޓަރީއަށް ފެތުރިފައިވާ ކޮރޯނާވައިރަހަށް މިހާތަނަށް ހަތަރު މިލިއަން މީހުން ޕޮޒިޓިވްވެ، ބަލީގައި 279،000އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.
ކޮވިޑް-19 ޖެހުނު މީހުންގެ ދަރިފަނީގައި ކޮރޯނާވައިރަސް
މޮބައިލް ޑޭޓާއާއެކު މުޅި ދުވަހު ހިލޭ ގުޅޭ ޕެކޭޖެއް އުރީދޫއިން ތައާރަފުކޮށްފި އެވެ. ޕްރީޕެއިޑް ކަސްޓަމަރުންނަށް ހާއްސަކޮށްގެން އުރީދޫއިން އަލަށް ތައާރަފުކުރި "ޑެއިލީ ޑޭޓާ ކޮމްބޯ"ގެ އަގަކީ 35 ރުފިޔާ އެވެ. މި ޕެކޭޖުން ކޮންމެ ދުވަހަކު ވެސް ރޭގަނޑު 11:59 އާ ހަމައަށް އެއް ޖީބީގެ ޑޭޓާ ލިބޭއިރު، އުރީދޫ ހުރިހާ ނަންބަރަކަށް ވެސް ހިލޭ ގުޅާލެވޭނެ ކަމަށް އެކުންފުނިން ބުނެ އެވެ. މި ޕެކޭޖު އުރީދޫ އެޕްލިކޭޝަނުންނާއި #1*929* އަށް ގުޅައިގެން ވެސް އެކްޓިވޭޓް ކޮށްލެވޭނެ އެވެ. މިއީ މި ފެށޭ ރަމަޟާން މަހަށް ހާއްސަ ކޮށްގެން އުރީދޫއިން ތައާރަފުކުރި ޕެކޭޖެކެވެ. ހަލުވިކަމާއެކު ކޮވިޑް19 ފެތުރެމުންދާ މި ދުވަސްވަރު އުރީދޫއިން ވަނީ އެކުންފުނީގެ ކަސްޓަމަރުންނަށް ލުއިފަސޭހަ ގޮތްތަކެއް ފަހިކޮށްދީފަ އެވެ. އޭގެ ތެރޭގައި ސުޕަނެޓް ކަސްޓަމަރުންގެ މަންތްލީ ޕްލޭންގެ ލިމިޓް ހަމަވުމުން ދުވާލަކު ފަސް ޖީބީ ހިލޭ ދިނުމާއި ޕޯސްޓްޕެއިޑް އަދި ޕްރީޕެއިޑް ކަސްޓަމަރުންނަށްވެސް 25 ޕަސެންޓް ބޯނަސް ޑޭޓާ ދިނުން ހިމެނެ އެވެ.
ޑޭޓާއާއެކު މުޅި ދުވަހު ހިލޭ ގުޅާލެވޭ ޕެކޭޖެއް އުރީދޫއިން ތައާރަފުކޮށްފި
ޝަރުއީ ކޯޓުތަކުގެ ގާޒީންގެ މުސާރައިން ބަޔެއް އުނުކޮށް އެ ފަރާތްތަކުގެ މުސާރަ ކުޑަ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ފާސްކޮށްފި އެވެ. ކޮވިޑް-19 ބަލިމަޑުކަމާއި ގުޅިގެން މަޖިލީހުން މުސާރަ ކަނޑައަޅާ ފަރާތްތަކުގެ ތެރެއިން 20،000 އަށް ވުރެން މަތިން ލިބޭ ހުރިހާ ފަރާތްތަކުގެ މުސާރަތައް ކުޑަ ކުރުމަށް މާލިއްޔަތު ކޮމެޓީން ވަނީ ނިންމާފަ އެވެ. އެގޮތުން 20،001 ރުފިޔާ އާއި 30،000 ރުފިޔާއާ ދެމެދުގެ މުސާރަތަކުން 20 ޕަސެންޓު އުނިކުރަން ނިންމާފައިވާއިރު 30،001 ރުފިޔާ އާއި 60،000 ރުފިޔާއާ ދެމެދުގެ މުސާރަތަކުން 30 ޕަސެންޓު ކަނޑަން ވަނީ ނިންމާފަ އެވެ. އަދި 60،001 ރުފިޔާއަށް އަށްވުރެ މަތީގެ މުސާރަތަކުން އުނިކުރަން ނިންމާފައިވަނީ 35 ޕަސެންޓެވެ. މިއީ ސަރުކާރުން މުވައްޒަފުންގެ މުސާރަތައް ވެސް ކުޑަކުރުމަށް ނިންމާފައިވާ އުސޫލެވެ. ޕަސެންޓޭޖެއް ކަނޑައެޅުމުން މަތީ ރޭންކް ތަކުގެ ގާޒީންނަށް ވުރެން ބޮޑު މުސާރައެއް ދަށް ރޭންކް ތަކުގެ ގާޒީންނަށް ލިބޭތީ ކްރިމިނަލް ކޯޓާއި ސިވިލް ކޯޓުގެ އިތުރުން ޑްރަގް ކޯޓާއި ޖުވެނައިލް ކޯޓު ފެމެލީ ކޯޓު އަދި މެޖިސްޓްރޭޓް ކޯޓު ތަކުގެ ގާޒީންގެ މުސާރަ އުނިކުރުމަށް ފާސްކޮށްފައިވަނީ އަދަދުތަކެއް ކަނޑައެޅުމަށްފަހު އެވެ. އެގޮތަށް ހުށަހަޅުއްވާފައިވަނީ ދާންދޫ ދާއިރާގެ މެންބަރު އަބްދުﷲ ޔައުގޫބް އެވެ. ތާއިދުކޮށްފައިވަނީ ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް އެވެ. ހުށަހެޅުން ފާސްކޮށްފައިވަނީ ކޮމެޓީގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ. ރޭ ބޭއްވި އެ ކޮމެޓީގެ ބައްދަލުވުމުން ފާސްކޮށްފައިވާ ގޮތުން، ކްރިމިނަލް ކޯޓުގެ އިސް ގާޒީގެ މުސާރައިން 7100 ރުފިޔާ އުނިކުރަން ނިންމާފައިވާއިރު އެ ކޯޓުގެ އެހެނިހެން ގާޒީން މުސާރައިން 6300 ރުފިޔާ އުނިކުރުމަށް ވަނީ ނިންމާފަ އެވެ. ޑްރަގް ކޯޓުގެ އިސްގާޒީގެ މުސާރައިން 8600 ރުފިޔާ ކެނޑުމަށް ފާސްކުރިއިރު އެ ކޯޓުގެ އެހެން ގާޒީންގެ މުސާރައިން 7800 ރުފިޔާ އުނިކުރުމަށް ވަނީ ފާސްކޮށްފަ އެވެ. ސިވިލް ކޯޓާއި ޖުވެނައިލް ކޯޓުގެ އިސްގާޒީގެ މުސާރައިން 6950 ރުފިޔާ ކެނޑުމަށް ފާސްކުރިއިރު އެ ދެ ކޯޓުގެ އެހެން ގާޒީން މުސާރައިން 6150 ރުފިޔާ އުނިކުރުމަށް ވަނީ ފާސްކޮށްފަ އެވެ. ފެމެލީ ކޯޓުގެ އިސްގާޒީގެ މުސާރައިން ވެސް ވަނީ 6950 ރުފިޔާ އުނިކުރުމަށް ފާސްކޮށްފަ އެވެ. އަދި އެ ކޯޓުގެ އެހެނިހެން ގާޒީންގެ މުސާރަ އިން އުނިކުރުމަށް ފާސްކޮށްފައިވަނީ 6650 ރުފިޔާ އެވެ. މެޖިސްޓްރޭޓުންގެ ތެރެއިން ދާއިރާގެ އިސް މެޖިސްޓްރޭޓްގެ މުސާރައިން 4500 ރުފިޔާ އުނިކުރަން ފާސްކުރިއިރު ކޯޓުގެ އިސް މެޖިސްޓްރޭޓްގެ މުސާރައިން 2150 ރުފިޔާ އުނިކުރުމަށް ވަނީ ފާސްކޮށްފަ އެވެ. ނަމަވެސް މެޖިސްޓްރޭޓުންގެ މުސާރައިން އެއްވެސް އަދަދެއް އުނިއެއް ނުކުރެ އެވެ. ގާޒީންގެ މުސާރަތައް ކުޑަކުރުމަށް ނިންމާފައި ވަނީ ކުރިއަށް އޮތް މޭ، ޖޫން އަދި ޖުލައި ތިން މަހަށެވެ. ތިން މަހަށް ފަހު ހާލަތު މުރާޖައާ ކުރުމަށް ފަހު އަނެއްކާ ވެސް މުސާރައާ މެދު ގޮތެއް ނިންމާނެ އެވެ.
ގާޒީންގެ މުސާރަ ކުޑަ ކުރަން ކޮމެޓީން ފާސްކޮށްފި
މެޑްރިޑް (މެއި 10): ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން، ސްޕެއިންގެ ބައެއް ސަރަހައްދުތަކުގައި ބީޗަށް ދިޔުމުގެ ކުރިން ގޮނޑުދޮށުން ތަންކޮޅެއް ރިޒާވް ކުރަން އަންގަން ނިންމައިފި އެވެ. ސްޕެއިންގައި ކޮންމެ ދުވަހަކު ކޮރޯނާވައިރަހަށް ޕޮޒިޓިވްވާ މީހުންނާއި ބަލީގައި މަރުވާ މީހުންގެ އަދަދު މަދުވުމާ ގުޅިގެން އެގައުމުން ވަނީ ލޮކްޑައުންގެ ފިޔަވަޅުތައް ލުއިކޮށް، މީހުންނަށް ގެއިން ބޭރަށް ދިޔުމަށް ހުއްދަ ދޭން ފަށާފަ އެވެ. ނަމަވެސް ވައިރަސް އަނެއްކާވެސް ބޮޑަށް ފެތުރުން ހުއްޓުވުމަށްޓަކައި އެގައުމުން ދަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން ސްޕެއިންގެ ވެލެންސިއަން ކޮމިއުނިޓީގައި އޮންނަ ކަނެތު ޑެން ބެރެންގަރުގެ ބީޗު، ލޮކްޑައުންއަށް ފަހު ހުޅުވާލާއިރު ކޮންމެ ދުވަހަކުވެސް ބީޗު ބޭނުން ކުރެވޭނީ 5،000 މީހުންނަށް ކަމަށް ވަނީ ކަނޑައަޅާފަ އެވެ. އެއީ މީގެ ކުރިން އެ ބީޗަށް ދުވާލަކު ދާ މީހުންގެ ދެބައިކުޅައެއްބަޔެވެ. އެ ޓައުންގެ މޭޔަރު ވިދާޅުވި ގޮތުގައި ބީޗު އޮންނާނީ ނެޓު ޖަހައި، ގޮޅިތަކަށް ބަހާލާފަ އެވެ. އަދި ކޮންމެ ގޮޅިއެއްގެ މެދުގައިވެސް ދެ މީޓަރުގެ ދުރުމިން ހުންނާނެ ކަމަށާއި ބީޗަށް ދާން ބޭނުންވާ ކޮންމެ މީހަކުވެސް މޮބައިލް އެޕެއް މެދުވެރިކޮށް ރިޒަވޭޝަނެއް ހައްދަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. މީގެ އިތުރުން ކޮންމެ މީހަކަށްވެސް ސިނަމާއެއްގައި ގޮނޑިއެއް ހިޔާރު ކުރާ ފަދައިން ބީޗުގައި ހުޅުވާލާފައިވާ ކޮންމެ ތަނަކުންވެސް ތަންކޮޅެއް ރިޒާވް ކުރެވޭނެ ކަމަށާއި އެމީހުން ރިޒާވް ކުރި ގޮޅި ދައްކަން މުވައްޒަފުން ތިބޭނެ ކަމަށް މޭޔަރު ވިދާޅުވި އެވެ. ނަމަވެސް ކޮންމެ މީހަކަށްވެސް ގޮޅިއެއް ރިޒާވް ކުރެވޭނީ ހެނދުނަށް ނުވަތަ މެންދުރުފަހަށް ކަމަށާއި މުޅި ދުވަހަށް އެއްވެސް މީހަކަށް ރިޒަވޭޝަން ނެހެއްދޭނެ ކަން އޭނާ ފާހަގަ ކުރެއްވި އެވެ. ކަނެތުއިން އުއްމީދު ކުރަނީ އަންނަ މަހު ބީޗު ހުޅުވާލެވޭނެ ކަމަށެވެ. އަދި އެ ޓައުންގެ ބީޗް ޕްލޭނަށް ވަނީ 542،000 ޑޮލަރު ބަޖެޓުކޮށްފަ އެވެ. ސްޕެއިންގައި މިހާތަނަށް 222،000 ވުރެ ގިނަ މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެ، ބަލީގައި 26،299 މީހަކު ވަނީ މަރުވެފަ އެވެ.
ސްޕެއިންގެ ގޮނޑުދޮށްތަކަށް ދެވޭނީ ރިޒަވޭޝަން ހައްދައިގެން
މިއަހަރަށް ފާސްކުރި ދައުލަތުގެ ބަޖެޓުގައި، ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދާ ގާތަށް ވެސް ފައިސާ ނުލިބޭނެ ކަމަށާއި، އެހެންކަމުން ކުރިއަށް ގެންދަން ހުރި ޕްރޮޖެކްޓުތައް ހުއްޓާލަން ޖެހޭނެ ކަމަށް އެމްޑީޕީގެ ޕީޖީ ލީޑަރު، އަދި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެ އެވެ. އާޒިމް މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ފޮނުއްވާފައިވާ ސިޓީއާ ގުޅިގެން ވާހަކަދައްކަވަމުންނެވެ. އެ ސިޓީގައި މިނިސްޓަރު އެދިވަޑައިގަތީ ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ 32 ވަނަ މާއްދާގެ (ހ)، (ބ) އަދި (ރ) އަށް އަމަލު ކުރުން އެއް އަރަހަށް ފަސްކޮށްދިނުމަށެވެ. އެގޮތަށް ފަސްކޮށް ދިނުމަށް އެދޭ ސަބަބެއް ކަމަށް ސިޓީގައި ބުނެފަނީ މިވަގުތަކީ އެ ގާނޫނުގެ 36 ވަނަ މާއްދާގެ (ހ) ގައި ބުނާ ގުދުރަތީ ކާރިސާއެއް މެދުވެރިވެފައިވާ ހާލަތަކަށް ވާތީ އެވެ. ސިޓީއާ ގުޅިގެން ވާހަކަދައްކަވަމުން މެމްބަރު އާޒިމް ވިދާޅުވީ މިހާރުގެ ހާލަތުން ބަޖެޓަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށާއި، ލިބޭނެކަމަށް އަންދާޒާ ކުރި މިންވަރާ ގާތަށް ވެސް ފައިސާ ލިބެން ނެތް ކަމަށެވެ. "އެހެންވީމަ މިކަން އަޅުގަނޑުމެން މެމްބަރުން ދިރާސާކުރަން ޖެހޭނެ. ޔަގީނުން ވެސް ދާއިރާގެ ކައުންސިލަރުންނާ ވާހަކަދައްކަން ޖެހޭނެ، ޕްރޮޖެކްޓުތައް ހުއްޓާލަން ޖެހޭނެ،" އާޒިމް ވިދާޅުވި އެވެ. އާޒިމް ވިދާޅުވީ މިއީ ލޯމަރާލައިގެން ތިބެ ކުއްލިއަކަށް ނިންމޭނެ ކަންކަން ނޫން ކަމަށާއި، ފިނޭންސް މިނިސްޓަރު މަޖިލީހަށް ފޮނުއްވާފައިވާ ސިޓީއާ ގުޅިގެން ވަރަށް ރަނގަޅަށް ބަހުސްކޮށް، ވީއެންމެ އަވަހަކަށް އެކަން ނިންމަން ޖެހޭނެ ކަމަށެވެ. މިއަހަރަށް ފާސްކުރި 37.8 ބިލިއަން ރުފިޔާގެ ބަޖެޓުގައި ޕީއެސްއައިޕީގެ ގޮތުގައި ފާސްކޮށްފައިވަނީ 10.45 ބިލިއަން ރުފިޔާ އެވެ. އަދި އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 29.92 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. މީގެ ކުރިން މިނިސްޓަރު އަމީރު ވިދާޅުވެފައި ވަނީ ކޮރޯނާވައިރަސްއާ ގުޅިގެން ސަރުކާރުން ފުރަތަމަ ކޮށްފައިވާ ބަޖެޓުގެ އަންދާޒާތަކަށް މިހާރު ބޮޑެތި ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ. އެގޮތުން ޓޫރިޒަމް ދަށްވެ، ބަޖެޓަށް މިއަހަރު ލިބޭނެ ކަމަށް ލަފާވާ، 30 ބިލިއަން ރުފިޔާ ނުލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ކޮވިޑް19އާ ގުޅިގެން މިއަހަރުގެ ބަޖެޓު 12 ބިލިއަން ރުފިޔާއިން ޑެފިސިޓްވާނެ ކަމަށް ސަރުކާރުން ވަނީ ލަފާކޮށްފަ އެވެ. އަދި ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރުމުން 212 މިލިއަން ރުފިޔާގެ ކޮންޓިންޖެންސީ ބަޖެޓެއް ވެސް ފިނޭންސުން ކަނޑައެޅި އެވެ.
އަންދާޒާކުރި ފައިސާ ލިބޭކަށް ނެތް، ޕްރޮޖެކްޓުތައް ހުއްޓާލަން ޖެހޭނެ: އާޒިމް
ކޮވިޑް-19 އާ ގުޅިގެން ފަތުރުވެރިކަން މިހާރު ހުއްޓިފައި އޮތުމުން އަދި ލަފާކުރުންތަކަށް ބަލާއިރު މިއަހަރުގެ ތެރޭ ފަތުރުވެރިކަމުން އެއްވެސް އާމްދަނީއެއް ލިބޭނެ ކަމުގެ އުންމީދެއް ނެތް ކަމަށް މޯލްޑިވްސް އެސޯސިއޭޝަޝަން ފޯ ޓުއަރިޒަމް އިންޓަސްޓްރީ (މަޓީ) އިން ބުނެފި އެވެ. މަޓީއިން އެހެން ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީއިން މައުލޫމާތު ސާފު ކުރުމުންނެވެ. އެ ކޮމިޓީއިން ތައްޔާރު ކުރި ރިޕޯޓުގައި ބުނެފައިވަނީ ޓުއަރިޒަމް ފޯކާސްޓް އެކުލަވާލުމާ ބެހޭގޮތުން އެ ކޮމިޓީއިން ފަތުރުވެރިކަމާ ގުޅުން ހުރި މުއައްސަސާތަކާއި ޖަމިއްޔާތަކާ ބައްދަލުކޮށް އަދި ލިޔުމުން މައުލޫމާތު ހޯދާފައިވާ ކަމަށެވެ. އެގޮތުން މަޓީއިން ކޮމިޓީއަށް މައުލޫމާތު ދެމުން ފަތުރުވެރިކަމުގެ ސިނާއަތަށް ކުރިމަތިވެފައިވާ ހީނަރުކަމުން އަރައިގަތުމަށް ވަރަށް ބޮޑެތި ގޮންޖެހުންތައް ހުރިކަމަށާއި މި ބަލިމަޑުކަމުގައި ހާލަތު މިގޮތަށް އޮއްވާ ޓްރެވަލް ކޮންފިޑެންސް ލިބި އާންމު ހާލަތައް އައުމަކީ ނާދިރުކަމެއް ކަމަށް މައުލޫމާތު ދީފައިވާ ކަމަށް ކޮމިޓީއިން ވަނީ ބުނެފަ އެވެ. "މި އަހަރު ނިމުމުގެ ކުރިން ކޮވިޑް -19 ރޯގާއަށް ވެކްސިނެއް އުފެއްދިގެން އޭގެ ސަބަބުން ޓޫރިޒަމް އާންމު ހާލަތައް އަންނާނެކަމަށް ނުފެންނާތީ އާއި އަދި ސޯސް މާކެޓްތަކުގައި މި ބަލީގެ ސަބަބުން އެ ގައުމުތަކުގެ އިގްތިސާދީ ހާލަތަށް އަންނަ ބަދަލުތަކަށް ބަލައި މި އަހަރުގެ ބާކީ މިއޮތް ދުވަސްތަކަށް ފަތުރުވެރިކަމުގެ ސިނާއަތުން އާމްދަނީއެއް ލިބޭނެކަމަށް އުއްމީދު ނުކުރެވޭކަމަށާއި ކަންމިހެން އޮތްއިރު، ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ފިއުޗާ ރެވެނިއު ފޯކާސްޓް މި ދަނޑިވަޅުގައި ހެދިދާނެކަމަށް ނުބެލެވޭ ކަމަށް (މަޓީ) އިން މައުލޫމާތު ދީފައިވެ އެވެ" ކޮމިޓީ ރިޕޯޓުގައި ބުނެފައިވެ އެވެ. އޭގެ އިތުރުން ގެސްޓް ހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމްސް) އިން ކޮމިޓީގައި ބުނެފައިވަނީ ކޮވިޑްގެ ސަބަބުން މިހާރު އޮތް ހާލަތާއި ގުޅިގެން ގެސްޓް ހައުސްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެ ކަމަށެވެ. އެގޮތުން ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި 28.9 މިލިއަން ޑޮލަރުގެ ގެއްލުން ގެސްޓްހައުސް ވިޔަފާރިއަށް ވާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް ގޭމްސްއިން ވަނީ ބުނެފަ އެވެ. ރާއްޖޭގެ ފަތުރުވެރި ކަމާ ގުޅޭ ގޮތުން މަރުކަޒީ ބޭންކް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއިން (އެމްއެމްއޭ)އިން ވަނީ ހަތަރު ހާލަތެއް ލަފާކޮށްފަ އެވެ. އޭގެ ތެރެއިން މިހާރު ބެލެވެނީ ހަތަރު ވަނަ ހާލަތް ނޫނީ ސެޕްޓެމްބަރު މަސް ނިމެންދެން ރާއްޖެއިން އޮން އެރައިވަލް ވިސާ ދިނުން މެދުކަނޑާލާފައި އޮތުމެވެ. މި ހާލަތުން އަންދާޒާ ކުރެވެނީ މިއަހަރު ރާއްޖޭގެ އުފެއްދުންތެރިކަން ނޫނީ ޖީޑީޕީ، 2019 ވަނަ އަހަރާ އަޅާބަލާއިރު 7.7 ޕަސެންޓްއިން ދަށްވާނެ ކަމަށެވެ. މީގެ އިތުރުން، އެންމެ ގޯސް ހާލަތުގައި މިއަހަރު ރާއްޖޭގެ ޖީޑީޕީ، މިދިޔަ އަހަރާ އަޅާބަލާއިރު 7.17 ޕަސެންޓްއިން ދަށްވާނެކަމަށް ވެސް ލަފާކުރެވޭކަމަަށް ރިޕޯޓުގައި ބުނެފައިވެ އެވެ. ސިނާރިއޯ 4: 2020 ސެޕްޓެމްބަރުގެ ނިޔަލަށް އޮން އަރައިވަލް ވިސާ ދޫ ނުކުރާނެ. އޮންއަރައިވަލް ވިސާ އަލުން ދޫކުރަން ފަށާ ފަހުން ތިން މަހުގެ ރިކަވަރީ މުއްދަތެއް. ވައިރަސް ފެތުރުމުގެ ސަބަބުން ޓްރެވަލް ރެސްޓްރިކްޝަން ލެވުނު މާކެޓްތަކުގެ ރިކަވަރީ 97 އިންސައްތައިން ދަށްވާނެ ކަމަށް. އެހެނިހެން ގައުމުތަކުގެ ރިކަވަރީ ފަސް އިންސައްތައިން ދަށްވާނެ. އޮގަސްޓުގެ ނިޔަލަށް ސުން އިންސައްތައިގެ ކުރިއެރުން. ރިކަވަރީ މުއްދަތަށްފަހު ފަތުރުވެރިން ޒިޔާރަތް ކުރާ މިންވަރު މަހުން މަހަށް އިތުރުވަމުންދާނެ. ފަަތުރުވެރިކަމުގެ ސިނާއަތަކީ ރާއްޖޭގެ އިގްތިސާދު އެންމެ ބޮޑަށް ބަރޯސާވާ ސިނާއަތަށްވާއިރު، ކޮވިޑް -19 ރޯގާގެ މި ދަނޑިވަޅުގައި އެ ސިނާއަތަށް އަންނަމުންދާ ބަދަލުތަކާއެކު އެ ސިނާއަތަށް ވާނެގޮތުގެ ފޯކާސްޓެއް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ހެދިފައި ނުވާކަމަށް ކޮމިޓީއަށް ފާހަގަކުރެވޭތީ، ޓޫރިޒަމް ސިނާއަތުގެ ފޯކާސްޓްތަކެއް ސަރުކާރުން އަވަހަށް ހަދައި ރައްޔިތުންގެ މަޖިލީހަށް ފޮނުވުމަށް ކޮމިޓީއިން ވަނީ އެދިފަ އެވެ. މީގެ އިތުރުން ރާއްޖެއަށް ޓޫރިސްޓުން އަންނާނެ ވަރުގެ ފޯކާސްޓެއް ހެދުމަށް ގައުމީ ޔުނިވަސިޓީއާ ހަވާލުކުރުމަށް ވެސް ކޮމިޓީއިން ނިންމާފައިވެ އެވެ.
ފަތުރުވެރިކަމުން މިއަހަރު އާމްދަނީއެއް ލިބޭނެ ކަމަށް ލަފާނުކުރެވޭ: މަޓީ
ކާބުލް (މެއި 10): އަފްޣާނިސްތާނުގައި ކާނާގެ އެހީ ފޯރުކޮށްދެނީ ހަމަހަމަ ގޮތަކަށް ނޫން ކަމަށް ބުނެ އިއްޔެ އެގައުމުގެ ފީރޯޒްކޯ ސިޓީގައި ކުރިއަށްގެންދިޔަ މުޒާހަރާއެއްގައި ފުލުހުންނާ ދެމެދު ކުރިމަތިލުމެއް ހިނގައި، ހަ މީހަކު މަރުވެއްޖެ އެވެ. އަފްޣާނިސްތާނުގައި ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމުގެ މީހުން އެއްވެ އުޅުން ހުއްޓުވުމަށް އަޅާފައިވާ ފިޔަވަޅުތަކާ ގުޅިގެން ކާނާ ލިބުން ދަތިވެފައިވާ މީހުންނަށް ކާނާ ފޯރުކޮށްދިނުމުގެ މަސައްކަތް އެގައުމުގެ ސަރުކާރުން ވަނީ ފަށާފަ އެވެ. ނަމަވެސް އެގައުމުގައި އެހީ އެންމެ ބޭނުންވާ މީހުންނަށް އެހީ ލިބެމުން ނުދާ ކަމުގެ ރިޕޯޓުތައް ފެންމަތިވެފައިވާ ކަމަށް އަފްޣާން އިންޑިޕެންޑެންޓް ހިއުމަން ރައިޓްސް ކޮމިޝަނުން ބުންޏެވެ. އަދި އެހީ ލިބެނީ ކަމާ ބެހޭ އޮފިޝަލުންނާ ގުޅުން އޮތް މީހުންނަށް ކަމާ ބުނާ ޝަކުވާތައް ލިބިފައިވާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ. އެ އެހީއާ ބެހޭ ގޮތުން އިއްޔެ ކުރި މުޒާހަރާގައި ބަޑި ހިފައިގެން ތިބި ބަޔަކު ވަނީ ސަރުކާރުގެ އޮފީހަކަށް ހަމަލާ ދީފައި ކަމަށް އަފްޣާން އިންޓީރިއާ މިނިސްޓްރީން ބުންޏެވެ. އޭގެ ސަބަބުން ފުލުުހުންނަށްވެސް ބަޑި ޖަހަން ޖެހުނު ކަމަށާއި މަރުވި މީހުންގެ ތެރޭގައި ދެ ފުލުހުން ހިމެނޭ ކަމަށް އެ މިނިސްޓްރީން ބުންޏެވެ. އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ އެމްނެސްޓީ އިންޓަނޭޝަނަލް އިން ވަނީ އެ ހާދިސާގައި ފުލުހުން ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ކުރި މައްސަލަ ތަހުގީގު ކުރަން ގޮވާލާފަ އެވެ. އަފްޣާން ނައިބު ރައީސް އަމްރުﷲ ސާލިހު ވަނީ އެ ހާދިސާ ތަހުގީގު ކުރަމުންދާ ކަމަށާއި ކޮރޯނާވައިރަހުގެ ސަބަބުން މާލީ ގެއްލުންތައް ލިބިފައިވާ އެންމެންނަށްވެސް ކާނާ ފޯރުކޮށްދޭނެ ކަމަށް ވިދާޅުވެފަ އެވެ. މިދިޔަ ފެބްރުއަރީ މަހު އަފްޣާނިސްތާނުން ކޮރޯނާވައިރަސް ފެނުނު ފަހުން އެގައުމުގައި 4،000އަށް ވުރެ ގިނަ މީހުން ވައިރަހަށް ޕޮޒިޓިވްވެ، ބަލީގައި 115 މީހަކު ވަނީ މަރުވެފަ އެވެ.
އަފްޣާނިސްތާނުގައި އެހީ ފޯރުކޮށްދޭ ގޮތާ ހިތްހަމަ ނުޖެހި ކުރި މުޒާހަރާއެއްގައި ހަ މަރު
"ދަރިފުޅާ ނައިރާ! ދަރިފުޅުގެ ހާލު ކިހިނެއް؟" ރާބިޙު އޭނާގެ އަންހެން ދަރިފުޅު ނައިރާއަށް ބުންޏެވެ. "އެންމެ ރަނގަޅު ހާލުގައި ބައްޕާ!" ނައިރާ ޖަވާބު ދިނެވެ. "އަދި ކިރިޔާތަ ހަނދާން ވީ އަތްނބަކު ހުންނަ ކަން." ރާބިޙުގެ އަންހެނުން ބުންޏެވެ. "ބައްޕައަށް އެހީތެރި ވުމުގައި ވަގުތުކޮޅެއް ހޭދަ ވީ. އެހެން ވެ ލަސް ވީ." ރާބިޙު ބުންޏެވެ. "ދެން އަހަރެމެންނޯ؟" ރާބިޙުގެ އަންހެނުން ބުންޏެވެ. "މަންމާ! ބައްޕަ އެ އައީ މަސައްކަތުން. އެހެރީ ވަރުބަލި ވެފައި. އަދި ޔަގީނުން ވެސް އެއްވެސް އެއްޗެއް ނުކައި އެހެރީ." ނައިރާ ބުންޏެވެ. "އޫނ. ކާ ތަކެތި ތައްޔާރު ކުރުމަށް އެއްޗެހި ގަންނާނެ ފައިސާ އެބަ ހުރި ތަ ގޭގައި؟" ރާބިޙުގެ އަންހެނުން ބުންޏެވެ. "އަހަރެން ބަނޑުހައެއް ނޫން. އަހަރެން ހަމައެކަނި ބޭނުން ވަނީ ވަރުބަލި ފިލުވައިލާން." ރާބިޙު ބުންޏެވެ. "އަޅުގަނޑު މި ދަނީ ބައްޕަ އޮށޯންނަ ތަން ރީތި ކޮށްލާން." ނައިރާ ބުންޏެވެ. "ރާބިޙު! އަޑު އަހާ ބަލަ! ކޮންމެ ދުވަހަކު ވެސް ވަރަށް މަދު ވަގުތު ކޮޅަކު ނޫނީ އަހަރެމެންނަކަށް ކަލޭ ނުފެނޭ. ކަލޭގެ މައިފުނަގެއާއި މި ގެއާ މިހިރީ އެއް މަގެއްގެ ދެ ފަރާތުގައި." ރާބިޙުގެ އަންހެނުން ބުންޏެވެ. "އަހަރެން މިހާރު އެތައް ފަހަރަކު ބުނެފިން، އަހަރެންގެ މަންމައާއި ބައްޕަ ބެލެހެއްޓުމަކީ އަހަރެންގެ ހަޔާތުގެ އެންމެ މުހިއްމު ކަންތައް ކަމުގައި. ވީމާ މި ކަމުގައި އަހަންނަށް އެހީތެރި ވުމަކީ އަހަރެންގެ އަންހެނުންގެ ހައިސިއްޔަތުން ކަލޭގެ ވެސް މަސްއޫލިއްޔަތެއް. މަންމައާއި ބައްޕައަށް ކޮށްދޭ ކަމަކާއި އަހަރެން އަހަރެންގެ ދަރިފުޅަށް ނުވަތަ އަނބިމީހާއަށް ކޮށްދޭން ޖެހޭ ކަމަކާ އަޅައި ނުކިޔޭނެ. ކޮންމެ ކަމަކީ ވަކި ކަމެއް. ކޮންމެ ކަމަކީ ވެސް އަހަރެން ކުރާން ޖެހޭ ކަމެއް. އެންމެ ފުރަތަމައަށް އިސްކަން ދޭން ޖެހެނީ މަތިކޮޅާއި ދަރިކޮޅުގެ ލެޔަށް. އޭގެ ފަހުގައި އާއިލީ އެހެން ގުޅުންތަކާއި އެކުވެރީން އަންނާނީ. އަހަންނަކީ މައިންބަފައިންގެ ލޭ. ނައިރާއަކީ އަހަރެންގެ ލޭ. ތިޔައީ އަހަރެންގެ އަންހެނުން. އަހަރެންގެ ވާޖިބުތައް އަދާ ކުރުމުގައި އެހީތެރިކަން އަހަރެން ބޭނުމޭ ބުނަނީ ކޮންމެހެން ކަމެއް ކޮށްދޭށޭ ބުނުމަކަށް ނޫން. ތިޔަ ޝަކުވާތައް ނުކުރާށޭ ބުނާން." ރާބިޙު ބުންޏެވެ. "އާނ! އަހަރެން މީ ޝަކުވާ ކުރާ މީހާ. އަހަރެން މީ ނުބައި މީހާ." ރާބިޙުގެ އަންހެނުން އޭނާގެ އާދައިގެ މަތީން ފަތިވަރު ދަމައިލިއެވެ. "އަހަރެން ކައިވެނި ކުރާ ވާހަކަ ދެއްކުމާ އެކު މަންމަ ބުނި ތިމަންނަ ފޫހިފިލުވާލަ ދޭނޭ ޅީދަރިއަކު އަންނާތީ ވަރަށް އުފާވެއޭ. އެކަމަކު އަހަރެންގެ ބައްޕަ އަހަރެން ވަކީން އެއް ފަރާތަކަށް ގެންގޮސްފައި ބުނި، ޚަބަރުދާރޭ! ފިރިހެން ދަރިއެއްގެ މަންމައާއި އޭނާގެ އަނބިމީހާ، އެއް ފުރާޅެއްގެ ދަށުގައި ތިން ދުވަހަށް ވުރެ ގިނަ ދުވަހު ބޭތިއްބުން ހުއްދައެއް ނޫނޭ. އެއީ ފިތުނައަށް ހުޅުވޭ ދޮރެކޭ. ފިތުނައަށް ދޮރު ހުޅުވުމަކީ މީހަކު މެރުމަށް ވުރެ ވެސް ނުބައި ކަމެކޭ. ކިތައްމެ ރަނގަޅު ދެ އަންހެނަކަށް ވެސް މައްސަލަ ނުޖެހި ނޫޅެވޭނެޔޭ. އަންހެން ދަރިއަކާއި އޭނާގެ މަންމައާ ޖެހޭ މައްސަލަތައް ހައްލުވެދާނެޔޭ. އެހެނަސް ފިރިހެން ކުއްޖާގެ މަންމައާއި އޭނާގެ އަނބިމީހާއާ ދެމެދު ޖެހޭ މައްސަލައެއްގެ ހުޅުގަނޑު އެއިން އެކަކު ކަށްވަޅަށް ގޮސްފުމަށް ދާން ދެން ނުނިވޭނެޔޭ. ވީމާ އަމިއްލަ ގެއެއް އެޅުމަށް ފަހު ނޫނީ ކައިވެނި ނުކުރާށޭ. ނޫނީ ގެއެއް އެޅޭން ދެން އަންހެން ކުއްޖާގެ މައިފުނަގޭގައި އުޅޭށޭ. އަހަރެން އެ ނަސޭހަތް ގަބޫލު ކުރިން. އަހަރެންގެ ބައެއް ރަހުމަތްތެރީންނަށް އެ އުޅެނީ އެމީހުންގެ މަންމައާއި އަނބިމީހާއާ ދެ މީހުންގެ އަރައިރުމުގެ ތެރޭގައި ތާށިވެ އެކަމުން ސަލާމަތް ނުވެވިގެން." ރާބިޙު ބުންޏެވެ. "ތިޔައީ ވެސް ނަސީބެއް. އެކަނި އިންނާން ވިޔަސް މި ގޭގައި ވެއްޖެއްޔާ އަހަރެން ބޭނުން ގޮތަކަށް ކަންކަން ކުރެވޭ. ކަލޭގެ މަންމައާއި ބައްޕަ އުޅޭ ގޭގައި ނަމަ އަހަރެން ފިޔަވަޅު ވެސް އަޅާން ޖެހޭނީ ކަލޭގެ މަންމަ އެދޭ ގޮތަށް. އަޑު އަހާން ޖެހޭނީ ކަލޭގެ ބައްޕަގެ މޮޔަ އަނގަ ތެޅުންތައް." ރާބިޙުގެ އަންހެނުން ކިޔަމުން ދިޔައެެވެ. "އަހަންނަށް ރަނގަޅީ އަހަރެންނަށް އިވޭ ހިސާބުގައި އަހަރެންގެ މަންމައާއި ބައްޕަގެ އުނި ވާހަކަ ނުދެއްކިއްޔާ. އެ ކަމުން އަހަންނަށް ވަރަށް އަސަރު ކުރޭ. އަހަރެމެންގެ ދަރީންގެ ހެޔޮކަން އަހަރެމެން ބޭނުމިއްޔާ، އަހަރެމެން ޖެހޭނެ އެ ކުދީންނަށް ނަމޫނާއެއްގެ ގޮތުން އަހަރެމެންގެ މައިންބަފައިންނަށް ހެޔޮކޮށް ހިތާން. އަހަރެމެން ދެ މީހުން ދެބަސްވެ ޒުވާބު ކުރާ އަޑު އިވުމަކީ ނައިރާއަށް ހިތާމަ ލިބޭނެ ކަމެއް. އޭގެ ސަބަބުން ދިރިއުޅުމާ މެދު މާޔޫސްވެ އޭނާގެ އުފާވެރިކަން ގެއްލިގެން ހިނގައިދާނެ." ރާބިޙު ބުންޏެވެ. އެހެން ބުނެފައި ރާބިޙު ގެއިން ނުކުތީ ވަރުބަލި ފިލުވައިލާން އޮށޯންނާން އުޅެފައި އެކަން ވެސް ނުކޮށެވެ. ***** "ރާބިޙު އައިތަ؟ އޭނާ ދިޔައީ އަހަންނަށް ނުވެސް ފެނިތަ؟" ރާބިޙުގެ ބައްޕަ ސަލްމާނު ބުންޏެވެ. "ނޫން. އަދިއެއް ނާދޭ. އެ ކުއްޖާފުޅު ހުންނަނީ މަސައްކަތް ކޮށްކޮށް ވަރުބަލި ވެފަ. އެހެން ހުރެފަ އައިސް އަހަރެމެންނަށް ކާންބޯން ދީ އަހަރެމެންނަށް ނުވެފަައި ހުންނަ ކަންކަން ކޮށް ދޭނެ. އެކަމުގައި އެއްވެސް ވަރަކަށް ފަރުވާ ކުޑައެއް ނުކުރޭ." ރާބިޙުގެ މަންމަ ޢަތީޤާ ބުންޏެވެ. "ވާހަކަ ދައްކަދައްކާ އޮވެފައި އެއްކަލަ ހެން ނިދީ ދޯ؟" ޢަތީޤާ އެހެން ބުނި އިރު ސަލްމާނުގެ ގުގުރީގެ އަޑު އިވެއެވެ. "އަހަރެންގެ ވެސް ނިދި އަތުވެއްޖެ. އަހަރެމެން އަވަހަށް ނިދުމުން އަހަރެމެންގެ ދަރިފުޅަށް ވެސް އިތުރު ބުރައެއް ނުޖެހޭނެ." ރާބިޙުގެ މަންމަ ޢަތީޤާ އަމިއްލަ ނަފްސަށް ބުންޏެވެ. އޭގެ އިިރުކޮޅެއް ފަހުން ރާބިޙު އައިސް ދޮރުން ވަނެވެ. "އައްސަލާމު ޢަލައިކުމާ......." އެ ހިސާބަށް ބުނެވުުނު އިރަށް މަންމައާއި ބައްޕަ ނިދާފައި ތިބި ތަން ރާބިޙަށް ފެނުމުން އޭނާގެ އަޑު މަޑު ކުރިއެވެ. "މަންމައަށް ވެސް އޮތީ ނިދިފަ. ވީމާ މަންމައާއި ބައްޕަ ހޭލާން ދެން އަހަރެން އިންތިޒާރުގައި މަޑު ކުރާނީ. މަންމައާއި ބައްޕައަށް ކާން ދީފައި ނޫނީ އަހަރެން އަހަރެންގެ އަހުލުންގެ ކައިރިއަކަށް ވެސް ނުދާނަން." ރާބިޙު އަމިއްލަ ނަފްސަށް ބުންޏެވެ. ރާބިޙު އޭނާގެ މަންމައާއި ބައްޕަ ހޭލުމުގެ އިންތިޒާރުގައި ހުއްޓާ އޭނާގެ ދަރިފުޅު ނައިރާ އައިސް އެ ގެއަށް ވަނެވެ. އަދި ބުންޏެވެ. "ބައްޕާ! ބައްޕަ ލަސް ވެގެން. މި ގޭގައި އުޅޭ ތޯ ބަލާން އަޅުގަނޑު މި އައީ. ވަރަށް ބޮޑަށް ބަނޑުހައި ވެގެން. އަޅުގަނޑު ބޭނުން ކިރުފޮދެއް." ދަރިފުޅާ! ކެތްކޮށްލާ! ދަރިފުޅުގެ މާމައާއި ކާފައަށް ބޯން ދީފައި ނޫނީ ބައްޕައަކަށް ދަރިފުޅަށް ވެސް ނުދެވޭނެ. އެއީ ބައްޕަ އަމިއްލަ ނަފްސަށް ހިފައިފައިވާ އަހުދެއް." ރާބިޙު ބުންޏެވެ. "ބައްޕާ! އަހަންނަކަށް ކެތެއް ނުކުރެވޭނެ. އެހެން ވެގެން އެކަނި މި ގެއަށް މި އައީ ވެސް. މަންމަ ބުނުއްވީ ގޭގައި އެއްވެސް އެއްޗެއް ނެތޭ." ނައިރާއަށް ހުރީ ރޮވިފައެވެ. "ދަރިފުޅަކީ ބައްޕައަށް އިމްތިހާނެއް ކަމުގައި ނުލައްވާށި! ދަރިފުޅު ދޭ ގެއަށް. ގޮޮސް އޮށޯވެލާ. މާމައާއި ކާފަ ހޭލީމާ ކިރު ބޯން ދީފައި ބައްޕަ ދާނަން." ރާބިޙު އޭނާގެ ދަރިފުޅުގެ ބޮޮލުގައި ފިރުމާލަމުން ބުންޏެވެ. އެއްވެސް ބޮޑާ ހޭކުމެއް ނެތި ބައްޕަގެ ބަސް އަހައިގެން ނައިރާ މާމަމެންގެ ގެއިން ނުކުތެވެ. މަންމައާއި ބައްޕައަށް ހޭ ނުލެވޭތީ ރާބިޙު އިންތިޒާރުގައި އިންނަ ތާ ކިތައްމެ އިރެކެވެ. އެމީހުންނަށް ހޭ ލެވުުނީ ފުރިހަމަ ނިންޖަކުން ނިދުމަށް ފަހުގައެވެ. "ދަރިފުޅާ ރާބިޙު! މިއަދު ހެނދުނު ހެނދުނާ އައީ ކީއް ކުރަން؟ އިއްޔެ އިރު އޮއްސުނު އިރު ނާދެެވުނީ މާ ތަ؟" ރާބިޙުގެ މަންމަ ޢަތީޤާ އެހިއެވެ. "ބާއްޖަވެރި ހެނދުނެއް މަންމާ! ބާއްޖަވެރި ހެނދުނެއް ބައްޕާ! އަވަހަށް ކިރު ހިއްޕަވާ! އުފާވެރިކަމާއި ފުރިހަމަ ސިއްހަތު ލިއްބައިދޭ އެއްޗެއް ކަމުގައި ލައްވާށި!" ރާބިޙު ބުންޏެވެ. "ޔަގީން! އަހަރެމެންގެ ދަރިފުޅު ނުވެސް ނިދައި އެ ކިރު އެތި ހިފައިގެން މިތާ މުޅި ރޭގަނޑުު އެ ހޭދަ ކުރީ." ރާބިޙުގެ މަންމަ ބުންޏެވެ. "ކީއްވެ ދަރިފުޅުގެ ގެއަށް ދަރިފުޅު ނިދާން ނުދިޔައީ." ރާބިޙުގެ ބައްޕަ ސަލްމާނު އެހިއެވެ. "އަހަރެމެންނަށް ޓަކައި ތިޔަ އުފުލާ ބުރައަށް ﷲ ހެޔޮ ޖަޒާ ދެއްވާށި! ދަރިފުޅަށް ﷲ ބަރަކާތް ލައްވާށި!" ރާބިޙުގެ މަންމައަށް އުފަލުން ގޮސް ރޮވުނެވެ. "މަންމާ! ބުރަވެގެން އަހަރެން އެއްވެސް އެއްޗެކޭ ނުބުނަމެއް ނު." ރާބިޙު ބުންޏެވެ. "ދަރިފުޅު ނުބުންޏަސް މަންމައަށް އެނގޭ ދަރިފުޅު ތިހިރީ ނުނިދައި ކަން. އަދި ދަރިފުޅު ތި ކިރު އެތި ތަނެއްގައި ބަހައްޓާ ވެސް ނުލައި ހިފައިގެން މުޅި ރޭގަނޑު ތިޔަ އިނީ މި އެނދުގެ ކައިރީގައި ކަން." ރާބިޙުގެ މަންމަ ބުންޏެވެ. "ދަރިފުޅު ތިޔަ ހުރިހާ ބުރައެއް ތިޔަ އުފުލަނީ ހަމަ އަހަރެމެންގެ ހިތްހަމަ ޖެއްސުމަށް ޓަކައި ތަ؟ ﷲ މިއަޅާގެ ދަރިފުޅަށް ހެޔޮ ޖަޒާ ދެއްވާށި!" ރާބިޙުގެ ބައްޕަ ބުންޏެވެ. ***** "ޔާ ރަޙްމާނު! ޔާ ރަޙީމު! މި އަޅާގެ މައިންބަފައިންނަށް ޚިދުމަތް ކުރުމުގައި މި އަޅާ ކުރި އެ އަމަލަކީ އިބަ އިލާހަށް ޓަކައި އިހުލާސްތެރިކަމާ އެކު ކުރި އަމަލެއް ކަމުގައި ވާ ނަމަ، އެ އަމަލުގެ ސަބަބުން އަޅަމެންނަށް ރަހުމަތް ލައްވައި އަހަރެމެންނަށް ދިމާވެފައިވާ މުސީބާތް ފިއްލަވައި ފާނދޭ! އިބަ އިލާހު ފިޔަވައި އެހެން އިލާހަކު ނުވޭ!" ރާބިޙު ދުޢާ ކުރިއެވެ. - ނުނިމޭ -
ސަލްމާއާއި ގުރްއާނުގައިވާ ރީތި ވާހަކަތައް 27
ކޮރޯނާވައިރަހުގެ ޝިކާރައަކަށް ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝް ރައްޔިތުންގެ ތެރެއިން ބަޔަކު ވެފައިވާއިރު، އެމީހުންނަށް ފަރުވާދިނުމުގައި ތަފާތުކުރުން ނުގެންގުޅޭނެ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ. ބަންގްލަދޭޝް އިން ރާއްޖެއަށް ހަދިޔާކުރި 100 މެޓްރިކްޓަނުގެ އެހީ ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޝާހިދު ވިދާޅުވީ ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝް ރައްޔިތުންގެ ރައްކާތެރިކަމަށް އަޅާ ފިޔަވަޅުތަކާ، ދިވެހިންގެ ރައްކާތެރިކަމަށް އަޅާ ފިޔަވަޅުތަކުގައި ސަރުކާރުން ތަފާތު ކުރުން ނުގެންގުޅޭނެ ކަމަށެވެ. "ރާއްޖޭގައި ކޮވިޑް 19 ފެތުރުން މަހެއްހައި ދުވަސް ވަންދެން ކޮންޓްރޯލުކުރެވިފައި އޮތް ނަމަވެސް، ހިތާމައާއެކު ފާހަގަކުރަންޖެހެނީ މި ބަލި މިހާރު ކޮމިޔުނިޓީ ސްޕްރެޑެއްގެ ގޮތުގައި ހަލުވިކަމާއެކު ރާއްޖޭގައި ފެތުރެން ފަށާފައިވާކަން. ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ ރައްޔިތުންވެސް މި ވައިރަސްގެ ޝިކާރައަކަށް ވެފައިވާކަން ހިތާމައާއެކު ފާހަގަ ކުރަން. އެހެންނަމަވެސް، އަޅުގަނޑު ދޭން ބޭނުންވާ ޔަގީންކަމަކީ، ބައްޔަށް ފަރުވާދިނުމުގައި ދިވެހިންނާ ބަންގްލަދޭޝްގެ ރައްޔިތުންނާ އަދި އެހެން ބިދޭސީ އަކާ ތަފާތު ނުކުރާނެކަމުގެ ޔަގީންކަން. ކޮންމެ ގައުމެއްގެ ރައްޔިތެއް ނަމަވެސް ދޭންޖެހޭ ސިއްހީ އެހީތެރިކަމާ ރައްކާތެރިކަން ފޯރުކޮށްދޭނަން،" މިނިސްޓަރު ވިދާޅުވި އެވެ. ބަންގްލަދޭޝްގެ ސަރުކާރުން ރާއްޖެއަށް 100 މެޓްރިކްޓަނުގެ ކާބޯތަކެއްޗާއި ބޭސް އަދި މެޑިކަލް އިކުއިޕްމެންޓު ހަދިޔާކުރި އިރު މި ތަކެތި ރާއްޖެ ގެނެސްފައިވަނީ އެ ގައުމުގެ އަސްކަރީ މަނަވަރެއްގަ އެވެ. ބަންގްލަދޭޝް އިން މީގެ ކުރިން ވަނީ ކޮވިޑް19 އަށް ފަރުވާ ކުރުމުގައި އެހީތެރިވުމަށް އެގައުމުގެ 10 މެޑިކަޕް ޕްރޮފެޝަނަލުން ރާއްޖެ ފޮނުވައިފަ އެވެ. "މި ދަނޑިވަޅުގައި އަޅުގަނޑުމެންގެ އެދުމަކަށް ބަންގްލަދޭޝްގެ އަސްކަރިއްޔާ އިން ވަނީ 10 މެޑިކަލް ޕްރޮފެޝަނަލުން ކޮވިޑް19 އާއި ދެކޮޅަށް ރާއްޖެއިން ކުރާ މަސައްކަތުގައި އެހީވުމަށް ފޮނުވާފައި. އެކަން ޝުކުރުވެރިކަމާއެކު ފާހަގަ ކުރަން،" މިނިސްޓަރު ވިދާޅުވި އެވެ. މިނިސްޓަރު ޝާހިދު ވިދާޅުވީ މިހާރު ފެތުރެމުންދާ ބަލިމަޑުކަމުގެ ތެރެއިން ބަންގްލަދޭޝް އިން ރާއްޖެއަށް ބޮޑެތި އެހީތައް ވެދެމުންދާ ކަމަށެވެ. އެގޮތުން ބަންގްލަދޭޝް އާއި ނޭޕާލުގައި ތިބި ދިވެހި ކިޔަވާކުދިންގެ ތެރެއިން ރާއްޖެ ނާދެވި ތިބި 71 ދިވެހިން ބަންގަލަދޭޝްގެ އަސްކަރީ މަތިންދާބޯޓެއްގައި ރާއްޖެ ގެނެސްދިންކަން ފާހަގަކުރައްވާ އެފަދަ އެހީތަކަށް މިނިސްޓަރު ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ. މިނިސްޓަރު ވިދާޅުވީ ރާއްޖެ އާއި ބަންގްލަދޭޝްއާ ދެމެދު އޮންނަ ގުޅުމަކީ ވަރުގަދަ ގުޅުމެއް ކަމަށާއި ކާރިސާގެ މި ދަނޑިވަޅުގައިވެސް މި ގުޅުން އިތުރަށް ބަދަހިވަމުންދާ ކަމަށެވެ. މިނިސްޓަރު ވަނީ ބަންގަލަދޭޝް އިން ރާއްޖެއަށް ދިން އެހީތެރިކަމަށްޓަކާ އެގައުމުގެެ ބޮޑުވަޒީރު ޝައިހް ހަސީނާ އަށާއި ފޮރިން މިނިސްޓަރު ޑރ. އަބްދުލްކަލާމް މުއުމިން އަދި ބަންގްލަދޭޝްގެ ރައްޔިތުންނަށް ޝުކުރު އަދާކުރައްވައިފަ އެވެ.
ފަރުވާދިނުމުގައި ބަންގްލަދޭޝްމީހެއް ދިވެއްސެއް ތަފާތެއް ނުކުރާނަން: ފޮރިން މިނިސްޓަރު
ކޮރޯނާވައިރަހުގެ ޝިކާރައަކަށް ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝް ރައްޔިތުންގެ ތެރެއިން ބަޔަކު ވެފައިވާއިރު، އެމީހުންނަށް ފަރުވާދިނުމުގައި ތަފާތުކުރުން ނުގެންގުޅޭނެ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ. ބަންގްލަދޭޝް އިން ރާއްޖެއަށް ހަދިޔާކުރި 100 މެޓްރިކްޓަނުގެ އެހީ ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޝާހިދު ވިދާޅުވީ ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝް ރައްޔިތުންގެ ރައްކާތެރިކަމަށް އަޅާ ފިޔަވަޅުތަކާ، ދިވެހިންގެ ރައްކާތެރިކަމަށް އަޅާ ފިޔަވަޅުތަކުގައި ސަރުކާރުން ތަފާތު ކުރުން ނުގެންގުޅޭނެ ކަމަށެވެ. "ރާއްޖޭގައި ކޮވިޑް 19 ފެތުރުން މަހެއްހައި ދުވަސް ވަންދެން ކޮންޓްރޯލުކުރެވިފައި އޮތް ނަމަވެސް، ހިތާމައާއެކު ފާހަގަކުރަންޖެހެނީ މި ބަލި މިހާރު ކޮމިޔުނިޓީ ސްޕްރެޑެއްގެ ގޮތުގައި ހަލުވިކަމާއެކު ރާއްޖޭގައި ފެތުރެން ފަށާފައިވާކަން. ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ ރައްޔިތުންވެސް މި ވައިރަސްގެ ޝިކާރައަކަށް ވެފައިވާކަން ހިތާމައާއެކު ފާހަގަ ކުރަން. އެހެންނަމަވެސް، އަޅުގަނޑު ދޭން ބޭނުންވާ ޔަގީންކަމަކީ، ބައްޔަށް ފަރުވާދިނުމުގައި ދިވެހިންނާ ބަންގްލަދޭޝްގެ ރައްޔިތުންނާ އަދި އެހެން ބިދޭސީ އަކާ ތަފާތު ނުކުރާނެކަމުގެ ޔަގީންކަން. ކޮންމެ ގައުމެއްގެ ރައްޔިތެއް ނަމަވެސް ދޭންޖެހޭ ސިއްހީ އެހީތެރިކަމާ ރައްކާތެރިކަން ފޯރުކޮށްދޭނަން،" މިނިސްޓަރު ވިދާޅުވި އެވެ. ބަންގްލަދޭޝްގެ ސަރުކާރުން ރާއްޖެއަށް 100 މެޓްރިކްޓަނުގެ ކާބޯތަކެއްޗާއި ބޭސް އަދި މެޑިކަލް އިކުއިޕްމެންޓު ހަދިޔާކުރި އިރު މި ތަކެތި ރާއްޖެ ގެނެސްފައިވަނީ އެ ގައުމުގެ އަސްކަރީ މަނަވަރެއްގަ އެވެ. ބަންގްލަދޭޝް އިން މީގެ ކުރިން ވަނީ ކޮވިޑް19 އަށް ފަރުވާ ކުރުމުގައި އެހީތެރިވުމަށް އެގައުމުގެ 10 މެޑިކަޕް ޕްރޮފެޝަނަލުން ރާއްޖެ ފޮނުވައިފަ އެވެ. "މި ދަނޑިވަޅުގައި އަޅުގަނޑުމެންގެ އެދުމަކަށް ބަންގްލަދޭޝްގެ އަސްކަރިއްޔާ އިން ވަނީ 10 މެޑިކަލް ޕްރޮފެޝަނަލުން ކޮވިޑް19 އާއި ދެކޮޅަށް ރާއްޖެއިން ކުރާ މަސައްކަތުގައި އެހީވުމަށް ފޮނުވާފައި. އެކަން ޝުކުރުވެރިކަމާއެކު ފާހަގަ ކުރަން،" މިނިސްޓަރު ވިދާޅުވި އެވެ. މިނިސްޓަރު ޝާހިދު ވިދާޅުވީ މިހާރު ފެތުރެމުންދާ ބަލިމަޑުކަމުގެ ތެރެއިން ބަންގްލަދޭޝް އިން ރާއްޖެއަށް ބޮޑެތި އެހީތައް ވެދެމުންދާ ކަމަށެވެ. އެގޮތުން ބަންގްލަދޭޝް އާއި ނޭޕާލުގައި ތިބި ދިވެހި ކިޔަވާކުދިންގެ ތެރެއިން ރާއްޖެ ނާދެވި ތިބި 71 ދިވެހިން ބަންގަލަދޭޝްގެ އަސްކަރީ މަތިންދާބޯޓެއްގައި ރާއްޖެ ގެނެސްދިންކަން ފާހަގަކުރައްވާ އެފަދަ އެހީތަކަށް މިނިސްޓަރު ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ. މިނިސްޓަރު ވިދާޅުވީ ރާއްޖެ އާއި ބަންގްލަދޭޝްއާ ދެމެދު އޮންނަ ގުޅުމަކީ ވަރުގަދަ ގުޅުމެއް ކަމަށާއި ކާރިސާގެ މި ދަނޑިވަޅުގައިވެސް މި ގުޅުން އިތުރަށް ބަދަހިވަމުންދާ ކަމަށެވެ. މިނިސްޓަރު ވަނީ ބަންގަލަދޭޝް އިން ރާއްޖެއަށް ދިން އެހީތެރިކަމަށްޓަކާ އެގައުމުގެެ ބޮޑުވަޒީރު ޝައިހް ހަސީނާ އަށާއި ފޮރިން މިނިސްޓަރު ޑރ. އަބްދުލްކަލާމް މުއުމިން އަދި ބަންގްލަދޭޝްގެ ރައްޔިތުންނަށް ޝުކުރު އަދާކުރައްވައިފަ އެވެ.
ފަރުވާދިނުމުގައި ބަންގްލަދޭޝްމީހެއް ދިވެއްސެއް ތަފާތެއް ނުކުރާނަން: ފޮރިން މިނިސްޓަރު
މަރުކަޒީ ބޭންކުން ދައުލަތަށް ދިގު މުއްދަތަށް ލޯނު ނެގޭނޭ ގޮތަށް ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ މާއްދާއެއް އެއް އަހަރަށް ހިފަހައްޓައި ދޭން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ރައްޔިތުންގެ މަޖިލީހުގައި އެދި ވަޑައިގެންފި އެވެ. ރައްޔިތުންގެ މަޖިލީހަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ފޮނުއްވާފައިވާ ސިޓީގައި އެދިވަޑައިގަތީ ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ 32 ވަނަ މާއްދާގެ (ހ)، (ބ) އަދި (ރ) އަށް އަމަލު ކުރުން އެއް އަރަހަށް ފަސް ކުރުމަށް މަޖިލީހުން ފާސް ކުރުމަށެވެ. އެގޮތަށް ފަސްކޮށް ދިނުމަށް އެދޭ ސަބަބެއް ކަމަށް ސިޓީގައި ބުނެފަނީ މިވަގުތަކީ އެ ގާނޫނުގެ 36 ވަނަ މާއްދާގެ (ހ) ގައި ބުނާ ގުދުރަތީ ކާރިސާއެއް މެދުވެރިވެފައިވާ ހާލަތަކަށް ވާތީ އެވެ. އަމަލުކުރުން ފަސްކޮށްދިނުމަށް ފިނޭންސް މިނިސްޓަރު އެދިވަޑައިގެން 32 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ ދައުލަތުގެ މަރުކަޒީ ބޭންކުން ދައުލަތަށް ދަރަންޏަށް ފައިސާ ނެގޭނީ 91 ދުވަހުގެ ތެރޭގައި އެފައިސާ ދައްކާ ހަލާސްކުރާ ގޮތަށް ކަމަށެވެ. އަދި އެގޮތަށް ފައިސާ ނެގޭނީވެސް ވޭތުވެދިޔަ ތިން އަހަރު ސަރުކާރަށް ލިބުނު ޖުމްލަ އާމްދަނީގެ މައްޗަށް ބިނާކޮށް އަހަރަކަށް ޖެހޭ އެވްރެޖް އާމްދަނީގެ އެއް ޕަސެންޓަށްވުރެ އިތުރު ނުވާ ގޮތަށް ކަމަށްވެސް އެ މާއްދާގައި ވަނީ ބުނެފަ އެވެ. އެ މާއްދާއަށް އަމަލުކުރުން ފަސްކޮސްފި ނަމަ ވަކި މުއްދަތެއް ނެތް ގޮތަށް މަރުކަޒީ ބޭންކުން ދައުލަތަށް ދަރަންޏަށް ފައިސާ ނެގޭނެ އެވެ. އަދި ދަރަންޏަށް ފައިސާ ނަގާއިރު ލިމިޓެއް ނެތި ދަރަންޏަށް ފައިސާ ނެގޭނެ ކަމަށްވެސް ބެލެވެ އެވެ. އޭގެ އިތުރުން ދެން ފިނޭންސް މިނިސްޓަރު ފަސްކޮށްދޭން އެދިވަޑައިގަތީ 32 ވަނަ މާއްދާގެ (ރ) އަދި އަދި ހަމަ އެ މާދާގެ (ބ) އެވެ. އެމާއްދާގެ (ބ) ގައި ބުނެފައިވަނީ ދައުލަތުން ދަރަންޏަށް ފައިސާ ނަގަން ވާނީ ގައުމީ ތަރައްގީގެ މަޝްރޫއުތަކާއި އުފެއްދުންތެރިކަން އިތުރުކުރެވޭނެ ވަސީލަތްތައް ހޯދުމަށް އެކަނި ކަމަށެވެ. 1 ޖެނުއަރީ 2016 ވަނަ ތާރީހުން ފެށިގެން ދައުލަތުގެ ދަރަނި އަދާކުރުމަށް ދަރަންޏަށް ފައިސާ ނަގައިގެން ނުވާނެ ކަމަށް އެ މާއްދާގައި ބުނެފައިވެ އެވެ. އެ މާއްދާގެ (ބ) ގައި ބުނެފައިވަނީ ދައުލަތުގެ ކޭޝް ފްލޯ މެނޭޖް ކުރުމުގެ ބޭނުމަށް ދައުލަތުގެ ކޭޝްފްލޯ މެނޭޖް ކުރުމުގެ ބޭނުމަށްޓަކައި ގިނަވެގެން 14 ދުވަހުގެ ތެރޭގައި އަނބުރާ ދައްކާ ގޮތަށް މަރުކަޒީ ބޭންކުން ދައުލަތަށް ފައިސާ ނެގޭނެ ކަމަށެވެ. އެ ދެ މާއްދާއަށް އަމަލު ކުރުން ހުއްޓާލުމަށް ފާސް ކުރުމަށްވެސް ފިނޭންސް މިނިސްޓަރު ވަނީ އެދިވަޑައިގެންފަ އެވެ. ފިނޭންސް މިނިސްޓަރު މަޖިލީހަށް ފޮނުވި ސިޓީގައި ބުނެފައިވަނީ ކޮވިޑް 19 ގެ ސަބަބުން ގައުމަށް ދިމާވެފައިވާ މާލީ އަދި އިގްތިސާދީ ހާލަތަށް ރިއާޔަތްކޮށް ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ 32 ވަނަ މާއްްދާގައި ކަނޑައަޅާފައިވާ ބައެއް ފިސިކަލް ހަމަތަކަށް އަމަލު ކުރުމަކީ އިގްތިސާދީ ގޮތުން ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. "މި ދެންނެވި ފިސިކަލް ހަމަތަކަށް އަމަލުކުރަން އުޅެފި ނަމަ. ދައުލަތުގެ ކޭޝްފްލޯ މެނޭޖް ކުރުމަށާއި ދައުލަތުގެ ހިންގުމަށް ވަރަށް ގިނަ ގޮންޖެހުންތަކަކާއި ކުރިމަތިވުމުގެ ބިރު އޮތްކަމުގައި ދަންނަވަން." ފިނޭންސް މިނިސްޓަރުގެ ސިޓީގައި ވިދާޅުވެފައިވެ އެވެ. ކޮވިޑް 19 ގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށާއި މާލިއްޔަށް ވަރަށް ބޮޑު ލޮޅުމެއް އައިސްފައިވާ ކަމަށް ސިޓީގައި މިނިސްޓަރު ވިދާޅުވެފަ އެވެ. އެކަމުގެ ސަބަބުން ރާއްޖޭގެ އަންއެމްޕްލޯއިމެންޓް ރޭޓް ވަރަށް ބޮޑަށް މައްޗަށް ގޮސް ވިޔަފާރިތަކަށް ބޮޑު ލޮޅުމެއް އައިސްފައިވާ ކަމަށް ސިޓީގައިވެ އެވެ. އެ ސިޓީއާ ގުޅިގެން މަޖިލީހުގެ ތަޅުމުގައި މާދަމާ ބަހުސް ކުރުމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ނިންމާފަ އެވެ.
މަރުކަޒީ ބޭންކުން ސަރުކާރަށް ދިގު މުއްދަތުގެ ލޯނު ނެގޭ ގޮތް ހަދަނީ
މައިންގެ ކެތްތެރިކަމާއި ގުރުބާނީ ސިފަކޮށްދޭނީވެސް ކިހިނެއް ހެއްޔެވެ. ދަރީންގެ އުފަލަށްޓަކައި އެ މީހުންގެ މުޅި ހަޔާތް ހޭދަކުރެ އެވެ. އުފާތަކާއި ހިތްހަމަޖެހުން ދޫކޮށް ދަރީންނަށްޓަކައި އެތައް ވޭނަކާއި ތުރާލެއް އުފުލަނީ އެއްވެސް ޝަކުވާއެއް ނެތި އެވެ. މިވަރުގެ އިންސާނިއްޔަތު ކަމުގެ ނަމޫނާއެއް އަޅެ ފެންނާނެ ހެއްޔެވެ؟ އެ މީހުންގެ އަގު ނުކުރެވޭ ގުރުބާނީއަށް މުޅި ދުނިޔެ އިއްތިފާގުވާ އެއް ދުވަހަކީ މޭ 10އެއް، މަންމައިންގެ ދުވަހެވެ. ހުރިހާ މަންމައިންނަށް ދުވަހުގެ ތަހުނިޔާ އެވެ! ކޮރޯނާވައިރަހާ ދެކޮޅަށް ދުނިޔެ މި ކުރާ ހަނގުރާމައިގާ އެތައް މަންމައިންނެއް ކުރީ ސަފަށް ނިކުމެ، އަންނަނީ ނަމޫނާ ދައްކަމުންނެވެ. އެތައް މައިންމައިންނެއް ދަރީންނާއި ލޯބިވާ އާއިލާތައް ދޫކޮށް ކުރީ ސަފަށް ނިކުމެ އެ ތިބީ އިންސާނިއްޔަތަށް ޓަކަ އެވެ. އެ މަންމައިން ތިބީ މި ހަނގުރާމައިގައި ކާމިޔާބު ނުހޯދާ ގެއަށް ނުވަނުމުގެ އަޒުމުގަ އެވެ. އެމީހުން ތިބީ، މޭ އަށްޑަނައަކަށް ދިއްކޮށްގެންނެވެ. މުޅި ގައުމަށް ޓަކައި ދިވެހީންނަށް ޓަކައި ކުރީ ސަފަށް ނިކުމެ ތިބި، ދިވެހި މަންމައިން ވެސް ބައިވަރެވެ. ހާލަތު ނިޔާކުރާ ގޮތުން ލޯބިވާ ދަރީންނާއި އާއިލާއާ އެކު، މިދުވަސް ފާހަގަކުރުމުގެ ނަސީބުން މަހުރޫމްވެފައިވާ އެތައް މަންމައިންނެއް އެބަތިއްބެވެ. އެ މަންމައިންގެ އެ ގުރުބާނީއަކީ ގައުމާއި އިންސާނިއްޔަތުގެ ލޯބީގެ ލާމަސީނު ނަމޫނާ އެކެވެ. މިދުވަހުގެ މުނާސަބަތުގައި މި ކިޔައިދެނީ ކޮރޯނާވައިރަހާ ދެކޮޅު މަސައްކަތުގެ ފުރަންޓްލައިން ނޫނީ ކުރީ ސަފަށް ނިކުމެ ތިބި، މަންމައިގެންގެ ވާހަކަތަކެވެ. އެ މީހުންގެ ބޮޑު ގުރުބާނީގެ ވާހަކަ އެވެ. އެ މަންމައިންގެ ހިތަށް އަރައި ފައިބަމުން ދާ އެތައް ވާހަކަތަކެކެވެ. ޕޮލިސް ސްޓާފް ސާރޖެންޓް ނުހާ އަހްމަދު -- ފޮޓޯ:ޕޮލިސް ނުހާ އަހްމަދު: ޕޮލިސް ސްޓާފް ސާޖެންޓް މޯލްޑިވްސް ޕޮލިސް ސާރވިސްގެ ހިދުމަތުގައި ފާއިތުވެދިޔަ 10 އަހަރު ދެމިހުންނެވި ސްޓާފް ސާޖަންޓް ނުހާ އަހްމަދަކީ ކުޑަކުޑަ ދެ އަންހެންކުދިންގެ މަންމައެކެވެ. އުމުރުން ފަސް އަހަރާއި ހަތް އަހަރުގެ ކުއްޖެއް ހުންނައިރު، މަންމަމެންގެ ދުވަހު އޭނާ ހުންނަންޖެހިފައިވަނީ އެކުދިންނާއި ދުރުގައި ގައުމީ ހިދުމަތުގަ އެވެ. ހަށިގަނޑުގެ އެއްބައި ގޮތުގައި ނުހާ ސިފަކުރާ އޭނާގެ ދެކުދިންނާއި ވަކިން ދިރިއުޅޭތާ މިހާރު ތިން ހަފްތާއެއްހާ ދުވަސްވަނީ އެވެ. "އަސްލު ވަރަށް ދެރަވޭ، މި ހާލަތް އިއުލާނުކުރި ހިސާބުން ދެކުދިންވެސް ތިބެނީ ތިމާގެ މީހެއް ކައިރީގައި. ވަރަށް ބިރުވެރި މިތާންގައި މިހެން މަސައްކަތްކުރަން އުޅެއެޅެފައި އެނބުރި އެކުދިންކައިރިއަށް ގެއަށްދާން. އެހެންވެ އަޅުގަނޑުގެ ތިމާގެ މީހެއް ކައިރީ ކުދިން ތިބީ. ދެން ފޯނުން ކުދިންނާއި ވާހަކަދައްކަނީ." ނުހާ ކިޔައިދިނެވެ. ޝިފްޓް ޑިއުޓީއެއްގައި ނުހާ މަސައްކަތްކުރަމުންދަނީ ހުޅުމާލޭގެ ޕޮލިސް ސްޓޭޝަންގަ އެވެ. ލޮކްޑައުންއަށްފަހު ނުހާގެ އެކޮމޮޑޭޝަން ހަމަޖެހިފައިވަނީ ވަކިން ގެސްޓްހައުސްއެއްގަ އެވެ. ނުހާ ބުނާގޮތުން ވިޑީއޯކޯލަކުން ގުޅާލާ ކޮންމެ ފަހަރަކުވެސް ދަރިންގެ ޝަކުވާއަކަށް ނުވަތަ ސުވާލަކަށް ވަނީ މަންމަ ގެއަށް އަންނާނީ ކޮންއިރަކުތޯ އެވެ. އެ ސުވާލަށް ނުހާއަށް ދެވެން އޮތް ހަމައެކަނި ޖަވާބަކީވެސް މަންމަ ވަރަށް އަވަހަށް ދާނަމޭ އެވެ. އޭނާގެ އަތުގައި އެހެން ޖަވާބެއް ނުވެސް ނެތީ އެވެ. އެހެން ނަމަވެސް، ދަރިންނާ ދުރުގައި މިހާ ގިނަ ދުވަހު ހުންނަންޖެހުނު މިއީ ފުރަތަމަ ފަހަރަށްވާއިރު ނުހާ މި ދުވަސްތައް ސިފަކުރަނީ އޭނާގެ ގައިގެ އެއްބައި މަދުވުން ކަހަލަ ކަމެއްގެ ގޮތުގަ އެވެ. "އަޅުގަނޑުމެންވެސް ބޭނުން މިހާލަތުން އަރައިގަނެ ވީހާވެސް އަވަހަށް ގެއަށް ދަރިން ކައިރިއަށްދާން. ނޯމަލް ދިރިއުޅުމަކަށް ދާން. މި ދުވަސްތައް ހީވަނީ ހަމަ ހުވަފެނެއްހެން. މިއީ އަސްލު ކަމެއްކަމަށް ގަބޫލެއްވެސް ނުކުރެވޭ. އެހެންވީމަ ހުރީހާ ބޭފުޅުންވެސް އަޅުގަނޑުމެން ފުލުހުން މިދޭ އިރުޝާދުތަކާއި ސިއްހީ ބޭފުޅުން ދެއްވާ ނަސޭހަތް ގަބޫލްކުރައްވާ ގޭގައި ތިއްބަވާށޭ ދަންނަވާލަން ބޭނުން." ނުހާ ބުންޏެވެ. މިގޮތުގައި ނުހާ އަށް މަސައްކަތްކުރެވުމުގެ އެންމެ ބޮޑު ސިއްރަކީ އާއިލާގެ ފަރާތުން ދޭ އެހީތެރިކަމެވެ. އޭނާ ބުނާގޮތުން ދަރިންނާ ދުރުގައި އޭނާ ހުންނަން ޖެހުނަސް، އެކުދިންގެ ކަންކަން އާއިލާއިން ވަރަށް ފުރިހަމައަށް ބަލަހައްޓަމުން ދިއުމަކީ އޭނާ ހިދުމަތުގައި ހުންނަން ލިބޭ އެންމެ ބޮޑު ހިތްވަރެވެ. "ވަރަށް ރަނގަޅު ފެމިލީ. ވަރަށް ހިތްހަމަޖެހޭ. ބަރާބަރަށް އަޅުގަނޑަށް ގުޅާ ފޮޓޯ ފޮނުވާނެ. އެނގޭ އެކުދިން މިސްވެގެން ގުޅިއަސް އަސްލު ތިބެނީ ވަރަށް އުފަލުގައި ކަން. އެއީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް. އެކަމަކުވެސް މިސްވޭ، ދެރަވޭ އެކުދިން ހަނދާންވެފައި" ނުހާ ބުންޏެވެ. ކޮވިޑް- 19 އާއި ގުޅުން ހުރި މައުލޫމާތު ދިނުމަށް ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ޑރ. ނަޒްލާ ރަފީގް -- ސަން ފޮޓޯ/ ފަޔާޒު މޫސާ ޑރ.ނަޒްލާ ރަފީގު: އެޗްޕީއޭގެ އެޕިޑޮމިލޮޖިސްޓް ކޮވިޑް19އިގެ ބިރުވެރިކަން ފެށުނީއްސުރެ، ދިވެހީންނާ އެންމެ ރަހުމަތްތެރި އެއް މޫނަކީ ޑރ.ނަ ޒްލާ ރަފީގެވެ. މުޅި މާލޭގައި މި ބަލީގެ ކޮމިއުނިޓީ ސްޕްރެޑެއް އޮތްއިރު، ބަލި ފެތުރުނަ ނުދިނުމަށްޓަކައި އެންމެ ބޮޑު ސަމާލުކަމެއް ދޭންޖެހޭ "ކޮންޓެކްޓް ޓްރޭސިން"ގެ މަސައްކަތްތައް އެންމެ އިސްވެ ބަލަހައްޓަވަމުން ގެންދަނީ ޑރ. ނަޒްލާ އެވެ. ވައިރަސް ފަހާ ދުވާ ޓީމް ލީޑް ކުރެއްވުމުގައި މި ހުންނެވީ ދެ ކުދިންގެ މަންމަ ޑރ. ނަޒްލާ އެވެ. ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތާ އެކު، އޭނާގެ ކޮނޑުގައި އެޅިފައި އޮތް ޒިންމާއާއި އެއްވަރަށް ކުޑަ ދެކުދިންގެ މަންމައެއްގެ ހައިސިއްޔަތުން އޭނާ އަދާކުރައްވާ ރޯލުވެސް ވަކި ކުޑައެއް ނޫނެވެ. "އަޅުގަނޑު ގެއަށް އަންނަނީ ރޯދަވީއްލަން. މިދިޔަ 4 މަހެއްހާ ދުވަހު މަސައްކަތްހުރިގޮތުން ކުދިން ނިދާގަޑިއަށް ގެއަށް ނާދެވޭތީ، މި ރޯދަމަހުން ފެށިގެން މި ބަލަނީ އެ ގަޑީގައި ގޭގަ ހުރެވޭތޯ އެކުދިން ކައިރީގައި. އެއަށްފަހު ހެނދުނު ހެނދުނާއި އަނެއްކާ އަންނަނީ މަސައްކަތަށް" ޑރ. ނަޒްލާ އޭނާގެ ޝެޑިއުލް ހިއްސާކުރައްވަމުން ވިދާޅުވި އެވެ. ޑރ.ނަޒްލާގެ ދޮށީ ދަރިފުޅަށް 10 އަހަރެވެ. އަދި ހަގު ދަރިފުޅަށް 3 އަހަރެވެ. މަސައްކަތުގައި އެހާ ބުރަކޮށް އުޅޭއިރު ދަރީންގެ ކަންކަން ފުރިހަމަކުރުމަށް ފިރިމީހާއާއި އަދި އާއިލާގެ ފަރާތުން ލިބޭ އެހީތެރިކަން އޭނާ އުފަލާއިއެކީގައި ފާހަގަކުރެ އެވެ. "ވަރަށް އުނދަގޫވޭ ކުދިންނާއި އެކީގައި އެ ވަގުތުތައް ހޭދަނުކުރެވޭތީ. ގޭތެރޭގެ ކަންކަމާއި މާބޮޑަކަށް ވިސްނާކަށް ނުޖެހޭ. އެއީ އެންމެންވެސް ބަލައިގަނޭ މި ކުރާ މަސައްކަތަކީ މުހިންމު ކަމެއްކަން. އެކަމަކުވެސް ދަރިންނަށް މަންމައެއްގެ ހައިސިއްޔަތުން އަޅުގަނޑު ދޭންޖެހޭ ވަގުތެއް އެހެން މީހަކަށް ނުދެވޭނެތީ އެކަން ކުރެވޭތޯ ބަލަން" ނަޒްލާ ވިދާޅުވި އެވެ. ޑޮކްޓަރެއްގެ ގޮތުގައި މަސައްކަތްކުރާތާ 12 އަހަރުވާއިރު ޑރ. ނަޒްލާ ވިދާޅުވީ މިފަދަ ތަޖުރިބާއެއް އަދި ދުވަހަކުވެސް އޭނާ ކުރަންޖެހިފައި ނުވާކަމަށެވެ. މިގޮތުން 2011 ގައި ޑެންގީ އައުޓްބްރޭކް ފަދަ ނެޝެނަލް ލެވެލްގެ އައުޓްބްރޭކްތަކެއް ފެނި މެނޭޖްކުރަން ޖެހުނުއިރު، މިހާ ބައިވަރު ބަޔަކު ޝާމިލްވާ މިހާ ގިނަދުވަހަށް ދިގުދެމިގެންދާ އަދި މިހާ ނުރައްކާތެރި ކަމެއް މުޅި ކެރިއާގައިވެސް ކުރިމަތިވެފައި ނުވާކަމަށް އޭނާ ވިދާޅުވި އެވެ. "މީސަލްސް އައުޓްބްރޭކްއަކީވެސް މިއިން ޒަމާނަކު ނާންނާނެ ކަހަލަ އައުޓްބްރޭކެއް. އެކަމަކު ތަފާތަކީ އެ ބައްޔާއި ބެހޭގޮތުން އެނގޭ، މީހުން އިންފެކްޝަސް ވަނީ ކޮންއިރަކު ކަމާއި، އަލާމަތާއި، ޖެހޭގޮތާއި، ޕްރިވެންޓްކުރާ ގޮތްވެސް އެނގޭ. އެކަމަކު ކޮވިޑްއަކީ އާކަމެއް ވީމަ ބައްޔާއި ބެހޭގޮތުން އަދިވެސް ހޯދެމުންދަނީ. އަނެއްކޮޅުން އެހާ ހަލުވިކޮށް ފެތުރޭއިރު އަދި ޕްރިވެންޓިވް ގޮތްތަކެއްވެސް ހޯދިފައެއް ނެތް. އެހެންވީމަ މިކަހަލަ ކަމަކާއި އަދި ދުވަހަކުވެސް ކުރިމައްޗެއް ނުވޭ" ޑރ. ނަޒްލާ ވިދާޅުވި އެވެ. މިފަދަ ދަނޑިވަޅެއްގައިވެސް އަންހެނަކަށް ނުވަތަ މަންމައަކަށްވުމަކީ ފަސްޖެހެންވީ ނުވަތަ ހިދުމަތަށް ނިކުންނަން ނުކުރެވެންވީ ސަބަބެއްކަމަށް ޑރ. ނަޒްލާ ނުދެކެ އެވެ. އޭނާއަށް ލިބޭ ހިތްވަރަކީ މުޅި ގައުމުން އޭނާގެ އަގު ވަޒަންކުރުމެވެ. އާއިލާއިން އޭނާ ހިދުމަތުގައި ހުންނަން ދޭ ބޮޑު އެހީ އެވެ. ޑރ. ނަޒްލާ ވިދާޅުވާ ގޮތުގައި، މަންމައަކަށް ވުމަކީ އެއްފަހަރާއި އެތަށްކަމެއް ކުރަން ދަސްވާ ކަމެކެވެ. އެއީ މަސައްކަތުގެ މާހައުލުގައި ނުހަނު ބޭނުންތެރި ސިފައެއްކަމަށް ނަޒްލާ ފާހަގަކުރި އެވެ. "އަޅުގަނޑަކީވެސް ވޯކިން މަމްއެއްގެ ދަރިއެއް. ހަމަ އެންމެ ކުޑައިރުއްސުރެ މަންމަ މަސައްކަތްކުރެއްވި. އަޅުގަނޑުގެ ފުރަތަމަ ދަރިފުޅަށް 3 އަހަރުވާންދެން މަންމަ މަސައްކަތްކުރެއްވި. އެހެންވީމަ އަޅުގަނޑުމެންވެސް މިތިބީ އެގޮތަށް އާދަވެފައި. އެކަމަކު މަސައްކަތްކުރާއިރު ކުދިންގެ ކަންކަން ހަމަޖެއްސުމަށާއި ގޭތެރޭގެ ކަންކަމަށް އާއިލާގެ ނުވަތަ ފިރިމީހާގެ ސަޕޯޓް ލިބޭތީ ކުރިއަށްމިދެވެނީ،" ނަޒްލާ ވިދާޅުވި އެވެ. ޚަދީޖާ ޝާކިރު (ވ) ދަރިފުޅާއި ރަހުމަތްތެރިއަކާއި އެކު ހަދީޖާ ޝާކިރު: އެމްއާރްސީ، ރެޖިސްޓާޑް ނާސް އުމުރުން ދުވަސްވީ މަންމައާއި، ދަރިފުޅާއިއެކީ ދިރިއުޅެމުން އަންނަ ޚަދީޖާ ޝާކިރު (ހައްޖު) އަކީ ކޮވިޑް19ގައި ސައިކޯސޯޝަލް ސަޕޯޓް ދިނުމުގައި ހަރަކާތްތެރިވާ މޯލްޑިވިއަން ރެޑްކްރެސެންޓްގެ ދަރުމަވެރިއެކެވެ. އެއާއެކު ރަސްމީ ވަޒީފާއެއްގެ ގޮތުގައި މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީގެ ސްކޫލް އޮފް ނާސިންގެ ލެކްޗަރާއެއްގެ ގޮތުގައި ވަޒީފާ އަދާކުރާ ހީވާގި ނަރުހެކެވެ. މި ހާލަތުގައި އޭނާގެ ޒިންމާގެ ތެރޭގައި ހިމެނެނީ ސައިކޯސޯޝަލް ސަޕޯޓްދޭނެ ވޮލެންޓިއަރުންނާއި، ސިއްހީ ކުއްލި ހާލަތުގައި ފަރުވާދެވޭނެ ނަރުހުން ތަމްރީނު ކުރުމެވެ. އެއާ އެކު، ކޮވިޑް-19ގައި ނަފްސާނީ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީވުމުގައި ފޯނުކޯލުތަކަށް ޖަވާބުދިނުމާއި އަމަލީގޮތުން އެންއީއޯސީގައިވެސް ހަރަކާތްތެރިވަމުން އަންނައިރު، "ސިންގަލް މަންމަ"އެއްގެ ގޮތުގައިވެސް އޭނާއަށް މިއީ ޗެލެންޖިން ދުވަސްވަރެކެވެ. "އަޅުގަނޑުގެ އާއިލާގެ މެންބަރުންވެސް ވަރަށް ބިރުގަނޭ ގެއިން ބޭރަށް ނުކުންނަން ޖެހޭތީ. އެކަމަކު ދަރިފުޅަށް ވިސްނައިދެން މަންމަގެ މި ވަޒީފާގެ ގޮތުން ގޭގައި މިއަދު ހުރެވެން ނެތްކަން. މި ޕްރޮފެޝަންގައި ނޫނީ ނަރުހަކަށް ވީމަވެސް ގޭގައި މަޑުކުރުމަކީ ރަނގަޅު ގޮތެއް ނޫންކަން. ދެން މަންމައަކަށްވާއިރު، އެހެންކުދިންގެ މަންމަމެންވެސް އެކުދިން ބިރުގަންނާތީ ގޭގައި ތިބޭނަމަ އެހީވާންދާނީ ކޮންބައެއްކަމާއި، ދަރިފުޅުގެ މަންމައަށް މިކަހަލަ ހިދުމަތެއް ކޮށްދޭން ފުރުސަތު ލިބުމަކީ ކިހާބޮޑު އުފަލެއްކަންވެސް ވިސްނައިދެން" ހައްޖު އޭނާގެ 14 އަހަރުގެ ދަރިފުޅަށް ވިސްނައިދޭން ދެއްކި ބައެއް ވާހަކަތައް ހިއްސާކުރަމުން ބުންޏެވެ. މީގެކުރިން ނަރުހެއްގެ ގޮތުގައި އައިޖީއެމްއެޗްގައި މަސައްކަތްކޮށް އަދި މާސްޓާސްއަށްފަހު ހެލްތް މިނިސްޓްރީ ފަދަ ވުޒާރާތަކުގައިވެސް ހިދުމަތްކޮށްފައިވާއިރު، ސުނާމީ ކާރިސާގައިވެސް އެހީއަށް ބޭނުންވި ފަރާތްތަކާއި ވަރަށް ގާތުން ހިދުމަތްކުރުމުގެ ފުރުސަތު ހައްޖުއަށް ލިބުނެވެ. މީގެއިތުރުން ހައްޖުއަކީ މިހާރުވެސް މޯލްޑިވްސް ނާސިން އެސޯސިއޭޝަނާއި ހޯޕް ފޯ ވިމެންގައިވެސް އެގްޒެކެޓިވް މެންބަރެކެވެ. މިފުރުސަތުގެ ބޭނުން އޭނާ ހިފަނީ ދަރިފުޅަށް ދަރުމަވެރިކަމުގެ މުހިންމުކަމާއި އެއިން ލިބޭ ހިތްހަމަޖެހުމާއި އުފާ އަންގައިދިނުމަށެވެ. މިގޮތުން ލޮކްޑައުންގެ ކުރިން ބައެއް މަސައްކަތްތަކުގައިވެސް ދަރިފުޅު ބައިވެރިކޮށް، ހޭލުންތެރިކުރާކަމަށް ހައްޖު ބުންޏެވެ. ހަމައެޔާއެކު ހައްޖު ފާހަގަކުރަނީ މަންމައިންނަކީ ކޮންމެ އާއިލާއެއްގެވެސް ބިންގަލެއްގެ ގޮތުގަ އެވެ. ކުދިންނަށް މަގުދައްކައިދީ ތަރުބިއްޔަތު ކޮށްދިނުމުގެ އެންމެ ބޮޑު މޭސްތިރިޔާގެ ގޮތުގަ އެވެ. "ކޮންމެ އަންހެނަކީވެސް މަންމައެއް. ކޮންމެ ދުވަހެއްވެސް އެމީހުން ހޭދަކުރަނީ މުހިންމު ނިންމުންތަކެއް ނިންމާ، އެތަކެއް ގޮންޖެހުންތަކާއި ކުރިމަތިލާ، ހަމަނުޖެހުންތައް މަސަލަސްކޮށް، މަލްޓިޓާސްކިންގައި. އަދި އެމީހުންނަކީ އުމުރުން ދޮށީ ފަރާތްތަކާއި މުސްތަގްބަލާއި ދެމެދު އެޅޭ ބްރިޖެއް ފަދަ ބައެއް" މުޖްތަމައުގައި އަންހެނުންގެ ދައުރުގެ މުހިއްމުކަން ފާހަގަކުރަންމުން ހައްޖު ބުންޏެވެ. މަރްޔަމް ޝިފާނާ ހުސެއިން މަރްޔަމް ޝިފާނާ ހުސައިން: އާރްއާރްޓީ ޓީމް މަރްޔަމް ޝިފާނާ ހުސައިން އަކީ ކޮވިޑް19ގެ ރެޕިޑް ރެސްޕޮންސް ޓީމް (އާރްއާރްޓީ)ގެ މެންބަރެކެވެ. ޓެގް ޓީމުގެ އިރުޝާދުގެ ދަށުން ސާމްޕަލް ނެގުމާއި އަދި އެފަރާތްތަކަށް ސައިކޯސޯޝަލް ސަޕޯޓް ދިނުމާއި، ސަސްޕެކްޓްކުރެވޭ ފަރާތްތައް ޓްރާންސްފާ ކުރުމާއި ޑީކޮންޓެމިނޭޝަންގައިވެސް އަމަލީގޮތުން އެންމެ ކުރީ ސަފަށް ނިކުންނަ ޓީމްގެ މެންބަރެކެވެ. އަމިއްލަ ނަފްސަށް މިހާބޮޑު ނުރައްކަލެއް އޮތް ހާލަތެއްގައި ސަސްޕެކްޓްކުރެވޭ މީހަކާއި އެންމެ ކައިރިން މަސައްކަތްކުރުމަށް އެއްވެސް ވަރަކަށް ފަސްނުޖެހޭތޯ އަހާލުމުން އޭނާދިނީ ވަރަށް ކުރު ފޮނި ޖަވާބެކެވެ. ވަކި ބައްޔެއް ހުންނަ މީހަކަށްވުމަކީ، އެ މީހަކަށް ދޭން ޖެހޭ އަޅާލުން ދިނުމުގައި ތަފާތު ކުރަން ޖެހޭ ސަބަބެއް ނޫން ކަމަށެވެ. ޝިފާނާއަކީ ރެޖިސްޓާޑް ނަރުހެކެވެ. މިވަގުތު އިސްކަންދަރު ސްކޫލްގެ ހެލްތު އޮފިސަރުވެސް މެއެވެ. ކޮވިޑް19ގެ ޓީމުގެ ތެރެއަށް އޭނާއަށް ވަދެވުނީ 1 ފެބްރުއަރީގައި އެމްއާރްސީއިން ބޭއްވި ކޮވިޑް ތަމްރީން ސެޝަންއަކުންނެވެ. އެއަށްފަހު ކޮވިޑް ޓްރެއިނާއެއްގެ ގޮތުގައި އެކި ކުންފުނިތަކަށާއި، ދައުލަތުގެ މުވައްސަސާތަކަށާއި، މީހުން އެއްވާ ތަންތަނަށާއި ބިދޭސިންނަށްވެސް ހޭލުންތެރިކުރުވުމުގައި ހަރަކާތްތެރިވި އެވެ. އާރްއާރްޓީމާއި އޭނާ ގުޅުނީ 15 މާޗް ގައެވެ. ޝިފާނާއަކީ ތިން ކުދިންގެ މަންމަ އެވެ. އެންމެ ދޮށީ ދަރިފުޅަށް 11 އަހަރު ވީއިރު އަނެއް ދެ ކުދިންގެ އުމުރަކީ ނުވަ އަހަރާއި ހަތަރު އެވެ. އެކުދިންނާއި ވަކިން ދުރުގައި ހުންނަންޖެހުމަކީ ބުނެދޭން ނޭނގޭ އެތަށް ހިތްދަތި އަސަރުތަކެއް ޝިފާނާއަށް ވެސް ކުރުވާ ކަމެކެވެ. "ކުރިންނަމަ ހުރިހާ ވަގުތެއްވެސް ގާތްގަނޑަކަށް އުޅޭނީ ކުދިންނާއި އެކީގައި. އަޅުގަނޑާއި ފިރިމީހާ ކުދިންގެ ކަންކަން މެނޭޖްކުރަނީ. ކުދިންނަށް ވަގުތު ދޭންވެގެން ނަރުހެއްގެ ގޮތުގައި ހޮސްޕިޓަލުގައި މަސައްކަތް ނުކޮށް ސްކޫލެއްގައި މަސައްކަތްކުރަނީ. ސްކޫލް ނިމިގެން ކުދިން ގޭގައި ތިބޭ ވަގުތުތަކުގައި އެކުދިން ކައިރީގައި ހުންނަން. އެކަމަކު މިހާރު އެކުދިންނާއި ދުރުގައި މިހެން ހުންނަންވީމަ ވަރަށް ބޮޑު ބަދަލެއް މިއީ" ޝިފާނާ ބުންޏެވެ. ލޮކްޑައުންއާއިއެކު، ކުދިންނަށާއި އޭނާގެ އުމުރުން ދުވަސްވީ މަންމައަށާއި މައިދައިތަ ނުރައްކަލަކަށް ހުށަހެޅިދާނޭކަމުގެ ބިރާއި އެކު ޝިފާނާ މިވަގުތު ހުރީ އާރްއާރްޓީމުގެ ހާއްސަ އެކޮމޮޑޭޝަނެއްގަ އެވެ. ގާތް ރަހުމަތްތެރިންތަކެއް ލިބުނެއްކަމަކު، ދަރިންނާއި އާއިލާއާއި ދުރުގައި ހޭދަކުރަންޖެހޭ މި ވަގުތުތަކުގައި އެކަނިވެރިކަމުގެ އިހުސާސް ވަރަށްބޮޑަށް ކުރެވޭކަމުގައި ޝިފާނާ ބުންޏެވެ. "ވަރަށް ބޮޑަށް ހަނދާންވޭ ކުދިން މަތިން. އަޅުގަނޑު އަންނަން ޖެހުމާއެކު ކޮއްކޮ އެކުދިންކައިރީގައި މިހާރު ހުރެދީ ހުރިހާކަމެއް ކޮށްދެނީ. އަޅުގަނޑުގެ މަންމައާއި މައިދައިތަވެސް އެއީ އުމުރުން ދޮށީ ބޭފުޅުން. އެހެންވީމަ މި މަޑުކުރަނީ. ބޭނުންވޭ ދާން އެކަމަކު ރިސްކެއް ނަގަން ބޭނުމެއް ނުވޭ. އެކަނިވެރިވާ ވަގުތުތައްވެސް އާދޭ ވަރަށް ގިނައިން. ސައިކޯސޯޝަލް ސަޕޯޓް އަޅުގަނޑުމެންނަށްވެސް ލިބޭ. އެގޮތަށް ރަނގަޅު. އެކަމަކުވެސް ކުދިންމަތިން ހަނދާންވޭ. ވަރަށް ލޯބިވޭ ކުދިންދެކެ" ޝިފާނާގެ ހިތުގައި ހުރި އުދާސްތަކާއި އެކީ ދަރިންދެކެ ވާ ލޯބި އޭނާ ހާމަކުރި އެވެ. ކިތަންމެ ހިތްދަތިވިއަސް، ރޮވުނަސް، ޝިފާނާ ފަދަ އެތަށް މައިންނެއް މިއަދު ކޮވިޑް19 ގެ ފްރަންޓްލައިންގައި ސާބިތުވެ އެތިބީ ހަމަ އަމިއްލަ ގައުމާއި ދަރީންގެ ދިފާއުގަ އެވެ. "ދަރީން ލިބުމަކީ މިފަދަ މަސައްކަތަކަށް ނުކުންނަށް ހުރަހެއް ނޫން. އެއީ ހިތްވަރެއް. އަޅުގަނޑަށް މިކަމުގައި ކުރިއަށްދާން ލިބުނު އިތުރު ސަބަބެއް. މި މަސައްކަތް އެއްގޮތަކުން ބަލާއިރު ފަސޭހަ. ހަމައެކަނި ފުލް ޕީޕީއީގައި ތިބުމުން ވާ އުނދަގޫނޫނީ އިތުރުއެއްވެސް ކަމެއް ނެތް. އެކަމަކު މީހާ ބަލިކަށިވަނީ ހުރިހާ ކަނެކްޝަންއެއް ނެތީމައި ނަފްސާނީ ގޮތުން އެވާ އެކަނިވެރިކަމުން. އެކަމަކު އަޅުގަނޑުމެން ދިވެހިން ދިވެހި ގައުމަށްޓަކައި މި މަސައްކަތް ނުކުރާނަމަ ދެން އެހެން ބަޔަކު ނާންނާނެތީ މިކުރަނީ." ޝިފާނާ ބުންޏެވެ. މި ނޫނަސް އެންމެ ކުރީ ސަފުގައި އެތައް މަންމައިންނެއް އެބަ ތިއްބެވެ. އެ މީހުންގެ އުފާތައް ގުރުބާންކޮށް، ލޯބިވާ މީހުން ދޫކޮށް ނިކުމެ އެ ތިބީ ގައުމީ ހިދުމަތުގަ އެވެ. ދިވެހީންގެ އެތައް ފުރާނައެއް ސަލާމަތް ކުރަން އެ ގުރުބާން ކުރަނީ އެ މީހުންގެ އަމިއްލަ ފުރާނަ އެވެ. މި ބިރުވެރި ވަގުތުގައިވެސް މަންމައިން އެ ސާބިތުކޮށްދެނީ އެ މީހުންގެ ކެތްތެރިކަމެވެ. މަންމައިން ނަކީ، ގުރުބާނީ އާއި އިންސާނިއްޔަތު ކަމުގައި ދެވަނައެއް ނެތް ނަމޫނާ އެކެވެ.
މަންމައިންގެ ގުރުބާނީ ކުރީ ސަފުން، ކެތްތެރިކަމުގެ އިންތިހާ!
ދުނިޔޭގެ ގިނަ ލޯބިވެރިން ފަދައިން، ލަންކާގެ ދަރުޝަނަ ކުމާރަ ވިޖެނަރަޔަނަ އާއި ޕަވާނީ ރަސަންގަ ފުރަތަމަ ބޭނުންވީ އެ ދެ މީހުންގެ ކައިވެނީގެ ގުޅުން ފާހަގަ ކުރުމަށް މިއަހަރު ބޮޑު ހަފްލާއެއް ބޭއްވުމަށެވެ. ނަމަވެސް އެއީ ދުނިޔޭގައި ކޮރޯނާވައިރަސް ފެތުރި، ގިނަ އަދަދެއްގެ މީހުން އެއްވެ އުޅުމަށް ހުރަސް އެޅިގެން ދިޔުމުގެ ކުރިންނެވެ. އެސޯސިއޭޓެޑް ޕްރެސްއާ ވާހަކަ ދައްކަމުން ދަރުޝަނަ ބުނި ގޮތުގައި ލަންކާގައި ބަލިމަޑުކަން ފެތުރި، ފުރަބަންދު ކުރި އިރު އޭނާ އާއި ޕަވާނީ ތިބީ މިދިޔަ މަހުގެ 27ގައި ބާއްވަން އޮތް ކައިވެންޏަށް ހުރިހާ އިންތިޒާމުތައް ހަމަޖައްސައިގެންނެވެ. "އޭރު އަޅުގަނޑުމެން ވަނީ ހުރިހާ ތައްޔާރީތަކެއް ވެފަ. ހެދުމާއި އަނގޮޓި އާއި ކޭކު ވަނީ އޯޑަރުކޮށްފަ. ހަފްލާ ބާއްވާނެ ތަނެއް ވަނީ ބުކްކޮށްފަ. އަޅުގަނޑުމެން އުޅުނީ ޕާޓީއަށް 250 މީހުންނަށް ދައުވަތު ދޭން،" ދަރުޝަނަ ބުންޏެވެ. ލަންކާގެ ވެރިރަށް ކޮލަމްބޯގެ ދެކުނުން 100 މޭލު ދުރުގައި އޮންނަ މަލިމްބަދައިގައި ދިރިއުޅޭ ދަރުޝަނަ ބުނި ގޮތުގައި ފުރަބަންދުގެ ސަބަބުން އޭނާގެ އާއިލާ އާއި އެކުވެރިން ލަފާ ދިނީ ކައިވެނި ފަސް ކުރާށެވެ. ނަމަވެސް އޭނާ އާއި ޕަވާނީ ނިންމީ ކައިވެނިކޮށް، ތަފާތު ގޮތަކަށް އެ ގުޅުން ފާހަގަ ކުރާށެވެ. ދަރުޝަނަ އާއި ޕަވާނީ ވަނީ ކުޑަކުދިންގެ ބޮލުގައި އަޅާ ބޭންޑާއި ކުޅޭ ތަކެތި ހަދިޔާކޮށްފަ -- ފޮޓޯ: އޭޕީ އެގޮތުން ކައިވެނި ބާއްވަން އޮތް ދުވަހު އާއިލާގެ ބައެއް މެމްބަރުންނާއި އެންމެ ގާތް އެކުވެރިންގެ ކުރިމަތީގައި އެ ދެ މީހުން ކައިވެނި ރެޖިސްޓާ ކުރި އެވެ. އެއަށް ފަހު ދެމަފިރިން އަވަސްވެގަތީ ފުރަބަންދުގެ ސަބަބުން ހާލުގައި ޖެހިފައިވާ މީހުންނާއި ފަގީރުންނަށް ކާނާ އާއި އެކި ބާވަތުގެ ހަދިޔާ ބެހުމަށެވެ. އެ ދެމަފިރިން ކައިވެނީގެ ހެދުމުގައި ތިބެ ހަދިޔާތައް ބަހަމުން ދިޔަ އިރު، ހަދިޔާ ލިބުނު ފަރާތްތަކުގެ މޫނުމަތިން ހިނިތުންވުމާއި އުފާވެރިކަން ފެންނަ މަންޒަރު ފޮޓޯތަކުން ފެނިގެންދެ އެވެ. އެދެމަފިރިން ވަނީ އާއިލާތަކަށް ކާބޯތަކެތި ބެހުމުގެ އިތުރުން ކުޑަކުދިންނަށް ބޮލުގައި އަޅާ ބޭންޑާއި ކުޅޭ ތަކެތި ދީފަ އެވެ. ދަރުޝަނަ ކުޑަ ފިހާރައެއް ހިންގާ އިރު ޕަވާނީ އަކީ ސްކޫލެއްގެ ލެބް އެސިސްޓެންޓެކެވެ. އަދި އެ ދެމަފިރިންގެ ދީލަތިކަމަށް ތައުރީފުކޮށް ޝުކުރު އަދާ ކުރުމުގެ ގޮތުން ގިނަ އަދަދެއްގެ މީހުން އެ ދެމަފިރިންނަށް ގުޅާ، ފިހާރައަށް ޒިޔާރަތް ކުރާ ކަމަށް ދަރުޝަނަ ބުންޏެވެ. "[އެހީ ފޯރުކޮށްދިނުމަކީ] އަޅުގަނޑުމެންނަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބުނު ކަމެއް. އެމީހުންގެ މޫނުމަތިން، ހާއްސަކޮށް ކުޑަކުދިންގެ މޫނުމަތިން އެ އުފާވެރިކަން ފެނުމުން... އަޅުގަނޑުމެންނަށް ލިބޭ އުފާވެރިކަން ބަޔާންކޮށްދޭންވެސް ނޭނގެ،" ދަރުޝަނަ ބުންޏެވެ. ލަންކާއިން ކޮރޯނާވައިރަހުގެ ފުރަތަމަ ކޭސް ފެނުނީ މިދިޔަ ޖެނުއަރީ މަހުގަ އެވެ. އެއީ އެގައުމަށް ދިޔަ ޗައިނާގެ ފަތުރުވެރިއެއްގެ ފަރާތުންނެވެ. އަދި ލަންކާގެ މީހަކު ވައިރަހަށް ފުރަތަމަ ޕޮޒިޓިވްވީ މާޗް 11އިގަ އެވެ. އޭގެ ފަހުން އެގައުމުން ވަނީ ވައިރަސް ފެތުރުން ހުއްޓުވުމަށް ސްކޫލުތަކާއި ޔުނިވާސިޓީތަކާއި ގިނަ ވިޔަފާރިތައް ބަންދުކޮށްފަ އެވެ. ނަމަވެސް މިމަހު އެގައުމުން ވަނީ ފުރަބަންދުގެ ފިޔަވަޅުތައް ލުއި ކުރަން ފަށާފަ އެވެ. އަދި އާދިއްތަ ދުވަހު އެގައުމުގެ ހެލްތު މިނިސްޓްރީން ވަނީ ބަލި ކޮންޓުރޯލްކޮށްފައިވާ ކަމަށް ބުނެފަ އެވެ.
ލަންކާގެ ދެމަފިރިއަކު ކައިވެނި ޕާޓީ ކެންސަލްކޮށް، ބަދަލުގައި ފަގީރުންނަށް އެހީވެއްޖެ
މީގެ ކުރިން ކޮންމެ ހުކުރު، ހޮނިހިރަކީ ކުޑަ ކުދިންނަށް އީދު ދުވަހެކެވެ. ރައްޓެހިންނާއި އާއިލާގެ މެންބަރުންނާއެކު ވަގުތު ހޭދަކޮށް ޕާކަށް ގޮސް ކުޅެލާ، މޫދަށް އެރި މަޖާކޮށްލެވެ އެވެ. ރޯދަ މަސް ނަމަ، ބައްޕަ އާއެކު ނޫނީ ބޭބެމެންނާއެކު ފިނިބުރު ޖަހާލަން ގޮސް، މަޑި އަރުވަން ދެވެ އެވެ. ތޮށިގަނޑުމައްޗަށް ނަނުއެއްލަން ކާފައާއެކުދެވެ އެވެ. މިއީ ކޮރޯނާ ވައިރަހުގެ ބޯ ވިލާގަނޑު ބޯމަތިވުމުގެ ކުރިން، ކުޑަކުދިން އުޅެމުން އައި އުފާވެރި ދުނިޔެ އެވެ. އެކަމަކު ވައިރަހުގެ ބިރާ އެކު ކުޑަކުދިން ވެސް ގޭގައި ބަންދުވެއްޖެ އެވެ. ވައިރަހުގެ ބިރު ކުޑަކުދިންނަށްވެސް އޮތްއިރު، ދަރިން ރައްކާތެރި ކުރުމަށް ގެއިން ބޭރަށް ނުނެރެ ގެންގުޅެން މި ވަނީ މަޖުބޫރުވެފަ އެވެ. ސްކޫލްތައް ބަންދުވެ، ދަރިން އެތައް ދުވަހެއް ގޭގައި ބަންދުވެފައި ތިބެން ޖެހުން މިއީ އާދައިގެ ކަމެއް ނޫނެވެ. ނޭނގިވެސް ކުދިންނަށް މިކަމުން ކުރާނެ އަސަރު ވަރަށް ބޮޑުވެދާނެ އެވެ. ލޮކްޑައުންގެ މަޖުބޫރީ ހާލަތުން ކުދިންގެ ނަފްސީނީ ދުޅަހެޔޮކަމަށް ކުރަނީ ކޮން އަސަރެއް ހެއްޔެވެ؟ މި އަސަރު ކިހާ ދުވަހަކަށް ދެމިގެން ހިނގައިދާނެ ހެއްޔެވެ؟ މެއި 10، 2019: އުސްފަސްގަނޑު ސަރަހައްދުގައި މަޑި އެރުވުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ ކޮރޯނާވައިރަހުގެ ބިރުވެރިކަމާއި ލޮކްޑައުންގައި އަބަދު ތިބެން ޖެހުމުން ބޮޑެތި މީހުންނަށްވެސް ނަފްސާނީގޮތުން އަސަރު ކުރެ އެވެ. އެކި އުމުރުފުރައިގެ މީހުންނަށް މިކަމުގެ އަސަރު ކުރަނީ އެކި ގޮތަށް އެކި މިންވަރަށެވެ. އައިޖީއެމްއެޗް ހޮސްޕިޓަލުގެ، މެންޓަލް ހެލްތް ސެންޓަރުގެ ސައިކޮލަޖިސްޓް، ޑރ. އާފިޔާ އަލީ ވިދާޅުވި ގޮތުގައި ގޭގައި ބަންދުވެފައިތިބެން ޖެހުމުން އެންމެ ބޮޑު އަސަރެއް ކުރާނީ ނަފްސާނީ ގޮތުން މި ކަންތައް ބަލައިގަންނަން އުނދަގޫވާ ކުދިންނަށެވެ. އެފަދަ ކުދިން މިކަހަލަ ކަންކަމާ ވިސްނާ މިންވަރު އިތުރުވާނެ ކަމަށާއި އެކަމުގެ ސަބަބުން ބިރުގަނެ، ހާސްވުން ފަދަ ކަންތައް ދިމާވެދާނެ ކަމަށް، ޑރ. އާފިޔާ ވިދާޅުވި އެވެ. ޑޮކްޓަރު ވިދާޅުވީ ކުޑަކުދިންނަށް މިކަމުގެ ސަބަބުން ކުރާ އަސަރާއެކު އެކުދިންގެ އުޅުމަށްވެސް ބަދަލު އަންނާނެ ކަމަށެވެ. ގެއިން ބޭރަށް ނުނިކުމެ، އަބަދު ބަންދުވެފައި ތިބެންޖެހުމުގެ ސަބަބުން ރުޅިގަދަވުން ފަދަ ކަންތައް މެދުވެރިވެދާނެކަން ޑޮކްޓަރު ފާހަގަ ކުރެއްވި އެވެ. ޑރ. އާފިޔާ ވިދާޅުވި ގޮތުގައި ހާލަތާމެދު ބޮޑަށް ފިކުރުކޮށް ވިސްނާާ ކުދިންނަށް ސްޓްރެސް ބޮޑުވެ ނިދުމަށް ދަތިވެ، ކެއުމަށްވެސް ބުރޫ އަރާނެ އެވެ. މީގެ އިތުރުން ހޮޑުލަވާފައި ހުރުމާއި އަބަދު ބޮލުގައި ރިއްސުން ފަދަ ކަންތައް ކުދިންނަށް ދިމާވެދާނެކަން ޑޮކްޓަރު ފާހަގަ ކުރެއްވި އެވެ. މިިދިޔަ ރޯދަމަހު ކުޑަކުއްޖަކު މަޑިއަރުވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ ޑޮކްޓަރުގެ އިރުޝާދަކީ ކުދިންގެ ފަރާތުން މިފަދަ ކަންތައްތައް ފެނޭތޯ ބެލެނިވެރިންގެ ފާރަވެރިވުމެވެ. ކުދިންގެ ފަރާތުން އެފަދަ އަލާމާތްތައް ފެނި އަޅާ ނުލެވި "ސިވިއާ ވެއްޖެނަމަ،" ފަހުން ނަފްސާނީ ބަލީގެ ޝިކާރައަކަށް ދަރިފުޅު ވެގެން ހިނގަދާނެ ކަމަށް ޑރ. އާފިޔާ ލަފާކުރައްވަ އެވެ. ކޮވިޑްގެ މިހާލަތާ ގުޅިގެން މައިންބަފައިންނާއި އާއިލާ އަދި ބެލެނިވެރިން ރިއެކްޓު ކުރާގޮތަކީވެސް އޭގެ ސަބަބުން ކުދިންނަށް އެކަމުގެ އަސަރު ކުރާނެ ކަމެކެވެ. އެހެންވެ، ކުދިން ހިތްހަމަ ޖައްސައި ދިނުން މުހިންމެވެ. "މި ހާލަތުގައި ކުދިންނަށް މެންޓަލީ ކުރާ އަސަރު ބޮޑުވާނެ. އެކަމަކު އެކި ކުދިންނަށް އަސަރު ކުރާ މިންވަރު ތަފާތުވާނެ. މިސާލަކަށް އެގްޒިސްޓިން މެންޓަލް މައްސަލައެއް ހުންނަ ކުއްޖެއްނަމަ މިހާލަތުގައި އެކުއްޖާ އަށް ކުރާ އަސަރު ބޮޑުވާނެ،" ޑރ. ވިދާޅުވި އެވެ. ކުދިންނަށް ސްކޫލަށް ނުދެވި ގިނަ ދުވަސްވުމަކީ އޭގެ ނަފްސާނީ އަސަރު ކުޑަކަމެއް ނޫނެވެ. ދިރާސާތަކުން ދައްކާ ގޮތުން، ސްކޫލުތައް ބަންދުވުމުގެ އަސަރު އެންމެ ބޮޑަށް ކުރާނެ އެއްބަޔަކީ އުނގެނުމުގައި ދަތިތައް ދިމާވާ ކުދިން ނުވަތަ ލާނިން ޑިފިކަލްޓީސް ހުންނަ ކުދިންނެވެ. ސްކޫލުތަކުގައި މިކުދިންނަށް ހާއްސަ ސަމާލުކަމެއް ދީގެން ކިޔަވައިދިން ނަމަވެސް ގޭގައި ތިބެންޖެހުމުގެ ސަބަބުން އުނގެނުމުގައި ކުދިންނަށް ލިބެންޖެހޭ އެކަށީގެންވާ ސަމާލުކަމެއް ނުލިބެ އެވެ. މިއީ ނަފްސީ ޑޮކްޓަރުންގެ އެންމެ ބޮޑު ކަންބޮޑުވުމެވެ. ކުޑަކުދިންނަށް ހާއްސަ ސައިކޮލޮޖިސްޓް ޑރ. އާފިޔާ ވިދާޅުވާ ގޮތުގައި ކުދިން އަލުން ސްކޫލަށް ދާން ފެށުމުން ބައެއް ކުދިންގެ އުނގެނުމުގެ ހުނަރު "ފަހަތަށް ހިނގައިދާނެ" އެވެ. އިއްޒުއްދީން ސްކޫލް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ ކުޑަކުދިންނަށް ދެން އޮތް "ރިސްކަކީ" މި ހާލަތުގައި އަބަދު ކޮރޯނާ ވައިރަސްގެ ވާހަކަތައް މީޑިއާގެ އެކި ވަސީލަތްތަކުންނާއި އެހެން ގޮތްގޮތުން ކުދިންނަށް އިވުމުން ނަފްސާނީ ދުޅަހެޔޮކަމަށް އަސަރު ކުރުމެވެ. "މި ވާހަކަތަކަށް ކޮންޓިނުއަސްކޮށް ކުދިން އެކްސްޕޯސްވާނަމަ، އެކުދިންގެ އެންޒައިޓީ އިތުރުވާނެ. ބިރު ގަންނަ ވަރު ބޮޑުވާނެ،" ޑރ. އާފިޔާ ވިދާޅުވި އެވެ. މި ކަންކަމަށް ހައްލު ހޯދުމަށް ކުރެވިދާނެ ކަންތަކަކީ ކޮބައި ހެއްޔެވެ؟ ޑރ. އާފިޔާގެ ދެކެވަޑައިގަންނަވާ ގޮތުގައި ކުދިންގެ އުމުރާ އެކަށޭނަ ގޮތަކަށް މި ހާލަތުގެ ވާހަކަ ކުދިންނަށް ކިޔައިދެވިދާނެ އެވެ. ވައިރަހުގެ ނުރައްކާ ކަމާއި އެކަމުން ކުރިމަތިވާ ކަންތައްތައް ކިޔައިދެވިދާނެ އެވެ. މިހާލަތާ ގުޅިގެން އެކުދިންގެ ހިތުގައި ހުންނަ ސުވާލުތައް އަޑުއަހާ ޖަވާބު ދިނުން އަދި މާ މުހިންމެވެ. "ބައެއް ކުދިންނަކީ އަމިއްލަ އަށް އަމިއްލަ އިހުސާސްތައް ކިޔައިދޭނެ ކުދިންނެއް ނޫން. އެކުދިންނާ އަމިއްލަ އަށް ސުވާލުކޮށްގެން ކުދިންގެ ހިޔާލުތައް އޮޅުންފިލުވިދާނެ. ކުދިންގެ ސުވާލުތަކަށް ޖަވާބު ދޭންވާނެ،" ޑރ. އާފިޔާ ވިދާޅުވި އެވެ. ކޮރޯނާވައިރަހުގެ ވާހަކަތަކުން ކުދިންގެ ސިނކުޑި ދުުރުކުރުމަށް އޮތް އެންމެ ރަނގަޅު ފަރުވާއަކީ، ހޯމް ސްކޫލިން ނޫނީ ގޭތެރޭގައި ކުދިން އުގެނުމަށް ބާރު އެޅުމެވެ. އޭގެ ތެރޭގައ ސިނކުޑި މުއްސަދި ކުރާ މައުލޫމާތު ލިބިދޭ ގޭމުތައް ކުޅެލެވިދާނެ އެވެ. ޑރ. އާފިޔާ ފާހަގަ ކުރައްވާ ގޮތުގައި، ސްކްރީނުން ކުދިން ދުރުކުރުމަކީ ވެސް ވަރަށް މުހިންމު ކަމެކެވެ. ސްކްރީން ޓައިމް ލިމިޓް ކުރުން ވަރަށް މުހިންމެވެ. "ކުދިކުދި ތަންތާ އުޅޭއިރު މާބޮޑު ފިޒިކަލް އެކްޓިވިޓީސް ނުގެންދެވިދާނެ. އެކަމަކު އެކުދިންނާއެކު އިށީނދެ، ކުރަހާ ކުލަޖައްސާލާ ހެދިދާނެ. ކޮންމެވެސް ކްރިއޭޓިވް ކަމެއް ކޮށްލާ، މިއީ އުނގެނުމުގެ އިތުުރުން އާއިލާ އެކުގައި ހޭދަކުރެވޭ މަޖާ ވަގުތަކަށް ހެދިދާނެެ،" ޑރ. އާފިޔާ ވިދާޅުވި އެވެ. ޑރ. ވިދާޅުވީ މިހާލަތުގައިވެސް ކުދިން ހެލިފެލިވެ އުޅުމަށް ބާރު އަޅަން ޖެހެ އެވެ. ނަފްސާނީ ދުޅަހެޔޮކަމާ އެއްވަރަށް ކުދިންގެ ހަށިގަނޑުގެ ދުޅަހެޔޮކަން ދެެމެހެއްޓުމުގެ މުހިންމުކަން ވެސް މި ވަނީ ބޮޑުވެފަ އެވެ. ކުޑަކުއްޖަކު ޓެބްލެޓް ބަލަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ "ފިޒިކަލް އަދި ސައިކޮލޮޖިކަލް ވެލްބީން މި އޮންނަނީ ކަނެކްޓް ވެފައި، މިހެންތިބޭއިރު ފިޒިކަލީ ކުދިން އެކްޓިވް ކުރަން އެބަޖެހޭ. ސްކިޕިން ރޯޕް އެއް ކަހަލަ އެއްޗަކުން ސްކިޕް ކޮށްލުން، ކުދިންގެ އުމުރާ ގުޅޭ ކޮންމެވެސް ކަހަލަ އެކްސަސައިޒެއް ކުުރުވުން މިއީ މުހިއްމު ކަމެއް. އޮންލައިން އެކްސަސައިޒަސް އެކްސްޕްލޯކޮށް ކުދިންނާ ބައިވެރިވެގެން ކުރެވިދާނެ،" ޑރ. ވިދާޅު ވިއެވެ. އެކުވެރިންނާއި އާއިލާ މީހުންނާ ބައްދަލު ނުވިނަމަވެސް ވީޑިއޯ ކޯލުގެ ޒަރިއްޔާ އިން ނުވަތަ ފޯނު ކޯލުގެ ޒަރިއްޔާއިން ކުދިންނާއި އެމީހުން ގުޅުވައި ދިނުމަކީވެސް މިހާލަތުގައި މުހިއްމު ކަމެކެވެ. މި ހާލަތުގައި އަންނަ މުހިއްމު ދުވަސްތައް ވީޑިއޯ ކޯލުގެ ޒަރިއްޔާއިން ފަހަގަކޮށްލުމަކީ އެކުދިންނަށް ގެނެސްދޭނެ ހިތްހަމަ ޖެހުމެއް ކަމަށް ޑޮކްޓަރު ފާހަގަ ކުރެއްވި އެވެ. "ވަރަށް މުހިއްމުކަމެއް ކުދިންނަށް މިހާލަތުގައި ޕޮޒިޓިވް އެކްސްޕީރިއަންސެއް ހޯދައިދިނުމަކީ. ސޯޝަލް އިންޓަރެކްޝަން މުހިއްމު، މިސާލަކަށް ބާތްޑޭ ސެލެބްރޭޓް ކޮށްލެވިދާނެ ވީޑިއޯ ކޯލެއް މެދުވެރިކޮށް. އާއިލާ އާއި ރައްޓެހި ކުދިންނާ ގުޅުވާލަ ދެވިދާނެ،" ޑރ. ވިދާޅުވި އެވެ. މިއީ ނިއު ނޯމަލް އަކަށް ކުދިން ހާނުވަންވީ ވަގުތެވެ. ގޭތެރޭގައި އުޅޭއިރު ކުދިން ފޫހިވިޔަ ނުދީ ކޮންމެވެސް ކަމެއްގައި ޝާމިލު ކުރުމާއި، އެކުދިންގެ އުމުރާ ގުޅޭގޮތުން ގޭގެތޭގެ ކަންތައްތަކުގައި ބައިވެރިކޮށް ހުނަރު ދަސްކޮށްދިނުމަކީ މިހާލަތުގައި މުހިއްމު ކަމެކެވެ. ކުދިންގެ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރު ކުުރުމަށް މިހާލަތުގައި މައިންބަފައިންނާއި ބެލެނިވެރިންގެ ނަފްސާނީ ދުޅަހެޔޮކަންވެސް މުހިއްމެވެ. ބެލެނިވެރިން ހާސްވެ ކަންބޮޑުވެގެން އުޅޭނަމަ ކުދިންނަށް އޭގެ ސަބަބުން ނުރަނގަޅު އަސަރު ކުރާނެ އެވެ. ހަމަޖެހިލާށެވެ! އެއަށް ފަހު ކުދިންނާ ވާހަކަ ދައްކައި ކުދިންގެ އުމުރާ ގުޅޭގޮތުން ހާލަތާ ގުޅޭ މައުލޫމާތު ކިޔައިދޭން ފަށާށެވެ. ހާލަތު ބަދަލުވަމުންދާ ގޮތާއި ކުރީގެ ދިރިއުޅުމަށް ނުދެވުނަސް، މިހާލަތަށް ހޭނި ދިރިއުޅުން ކުރިއަށްގެންދަންވީ ގޮތުގެ ވާހަކަތައް ކުދިންނަށް ކިޔައިދީ "ނިއު ނޯމަލް"އަކަށް ދަރިން ހާނުވާށެވެ.
ކުޑަކުދިން ބަންދު ދުނިޔެއެއްގައި، ވާހަކަދައްކާ ހައްލު ހޯދާ!
ބޭރު ގައުމުތަކުގައި ތިބި 78 މެޑިކަލް ދަރިވަރުން ކަރަންޓީންގެ 14 ދުވަސް ނިންމައި، ހިދުމަތަށް ނުކުންނަން ތައްޔާރުވަމުންދާ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއައިއޯސީ) އިން ބުނެފި އެވެ. މިދިޔަ މާޗް މަސް ތެރޭ ސަރުކާރުން ވނީ، ކޮރޯނާވައިރަސް ރާއްޖޭގައި ފެތުރިއްޖެ ހާލަތެއްގައި އިތުރު ސިއްހީ ހިދުމަތް ތެރިން ބޭނުންވާނެތީވެ، ބޭރު ގައުމުތަކުގައި ތިބި ދިވެހިން މެޑިކަލް ދަރިވަރުން ރާއްޖެއައުމަށް އެދިފަ އެވެ. އަދި އެގައުމުގެތަކުގެ އެހީތެރިކަމާއެކު އެ ދިވެހިން ގެނައުމުގެ މަސައްކަތް ސަރުކާރުން ފެށި އެވެ. ރޭ ދަރުބާރުގޭ، އެންއައިއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު، މަބްރޫކު އަޒީޒު ވިދާޅުވީ، މިހާތަނަށް 128 ދަރިވަރުން ރާއްޖެ އައިސްފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން 78 ދަރިވަރުން މިހާރު ކަރަންޓިންގެ މުއްދަތު ނިމިފައިވާ ކަމަށް މަބްރޫކު ވިދާޅުވި އެެވެ. "މީގެތެރެއިން ގިނަ އަދަދެއްގެ ބޭފުޅުން އަޅުގަނޑުމެންނާއެކު އައިޖީއެމްޗްގައި އަދި މެޑިކަލް ކަލަސްޓާގައި، އެންއައިއޯސީ ތެރޭގައި މަސައްކަތް ކުރަމުން އެބަދޭ. މި ކުދިންނަށް ބޭނުންވާ ތަމްރީންތައް ދިނުމުގެ މަސައްކަތް މިހާރުވެސް ކުރިއަށް އެބަދޭ،" މަބްރޫކު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، މިދިޔަ ހޯމަ ދުވަހު ބަންގްލަދޭޝް އަދި ނޭޕާލުން އައި 46 ދަރިވަރަކު މިވަގުތު ކަރަންޓީންގައި އެބަތިބި ކަމަށެވެ. މުޅި ރާއްޖޭގައި މިވަގުތު ތިބި ޑޮކްޓަރުންގެ އަދަދަކީ 2،000 އެއްހާ ޑޮކްޓަރުންނެވެ. އޭގެ ތެރެއިން މިވަގުތު ކޮވިޑްއަށް އެންއައިއޯސީގައި މަސައްކަތް ކުރެވޭނެ ޑޮކްޓަރުންގެ އަދަދަކީ، 905 މީހުންނެވެ. ނަރުހުންގެ އަދަދަކީ، މުޅި ރާއްޖޭގައި 2،970 ނަރުހުންނެވެ. މީގެ އިތުރުން ސަރުކާރުން ދަނީ ބޭރުގެ ބައެއް ސިއްހީ މާހިރުންގެ ޓީމްތައްވެސް ރާއްޖެ ގެންނަމުންނެވެ. އެގޮތުން މިދިޔަ ހޯމަ ދުވަހުވެސް ބަންގްލަދޭޝް އިން 10 މީހުންގެ ސިއްހީ މާހިރުންގެ ޓީމެއް ވަނީ ރާއްޖެ އައިސްފަ އެވެ. މީގެ ކުރިން އިންޑިއާގެ ޓީމެއް ވެސް ރާއްޖެ އައިސްފައިވެ އެވެ. އާންމުންގެ ތެރޭގައި މި ވައިރަސް ފެތުރިގެންފައިވާއިރު، އެންމެ ފުރަތަމަ މާލެއިން ވައިރަހުގެ ކޭސްއެއް ފެނިފައިވަނީ މި މަހު 15 ވަނަ ދުވަހު އެވެ. އެފަހުން، ވޭތުވެދިޔަ ހަފްތާއެއްތެރޭ މާލެއިން ފެނުނު ކޭސްތަކުގެ އަދަދު ވަނީ، 66 އަކަށް އަރާފަ އެވެ. ރާއްޖެއަށް އޮތް ބިރަކީ، ދުވަހެއް ދުވަހަކަށް ފެންނަމުންދާ ކޭސްތައް އިތުރުވެ، ރާއްޖޭގެ ސިއްހީ ނިޒާމަށް ނުކުތާވަރަށް މީހުންނަށް ފަރުވާ ދޭން ޖެހުމެވެ. މާލޭގެ ހާލަތު ނާޒުކު، ދެން އޮތީ ކޮން މަރުހަލާއެއް؟ އިތުރަށް ވިދާޅުވުމަށް
ބޭރުން އައި 78 ދިވެހި މެޑިކަލް ދަރިވަރުން ކަރަންޓީން ނިންމައި، ހިދުމަތައް
ބާލިން (މެއި 19): ދުނިޔޭގައި މިހާރު ފެތުރިފައިވާ ކޮރޯނާވައިރަސް ބަލިމަޑުކަމާ ދެކޮޅަށް އެންމެން ގުޅިގެން މަސައްކަތް ކުރުމުން ބަލިމަޑުކަމުން އަވަހަށް އަރައިގަނެވޭނެ ކަމަށް ޖަރުމަނުގެ ޗާންސެލަރު އެންޖެލާ މާކެލް ވިދާޅުވެއްޖެ އެވެ. ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ)ގެ ބައްދަލުވުމެއްގައި ވީޑިއޯ މެދުވެރިކޮށް ބައިވެރިވެވަޑައިގަންނަވަމުން މާކެލް ވިދާޅުވި ގޮތުގައި އެއްވެސް ގައުމަކަށް އަމިއްލައަށް ކޮރޯނާވައިރަހާ ކުރިމަތިނުލެވޭނެ އެވެ. ނަމަވެސް ދުނިޔޭގެ ގައުމުތަކުން އެއްކޮށް މަސައްކަތް ކުރާ ނަމަ ބަލިމަޑުކަމުން އަރައިގަނެވޭނެ ކަމަށް އޭނާ ގަބޫލު ކުރައްވަ އެވެ. "އަޅުގަނޑަށް ޔަގީން އަޅުގަނޑުމެންނަށް ބަލިމަޑުކަމުން އަރައިގަނެވޭނެކަން. އަދި ބައިނަލްއަގުވާމީ ފެންވަރުގައި އަޅުގަނޑުމެން އެއްކޮށް މަސައްކަތް ކުރާ ވަރަކަށް، އެ އަމާޒަށް ވާސިލުވުން އަވަސް ވާނެ،" މާކެލް ވިދާޅުވި އެވެ. މީގެ އިތުރުން މާކެލް ވަނީ ޑަބްލިޔުއެޗްއޯއަކީ ކަމާ ގުޅުން ހުރި ދުނިޔޭގެ މައި އިދާރާ ކަމުން، އެޖަމްއިއްޔާގެ މަސައްކަތްތައް އިތުރަށް ރަނގަޅު ކުރެވޭނެ ގޮތްތައްވެސް ހޯދަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ. އޭނާ އެފަދައިން ވިދާޅުވީ، ކޮރޯނާވައިރަސް ބަލިމަޑުކަމާ ގުޅިގެން ޑަބްލިޔުއެޗްއޯއިން އަމަލު ކުރި ގޮތާ ބެހޭ މިނިވަން ތަހުގީގެއް ކުރިއަށްގެންދަން އެޖަމްއިއްޔާއިން އެއްބަސްވި ފަހުންނެވެ. ޑަބްލިޔުއެޗްއޯއިން އެފަދައިން ނިންމީ މެމްބަރު ގައުމުތަކުގެ އެދުމުގެ މަތިންނެވެ. ކޮރޯނާވައިރަސް ބަލިމަޑުކަން ފެތުރިގެން ދިޔަ ގޮތާ ގުޅިގެން ބައެއް ގައުމުތަކުން ވަނީ ޑަބްލިޔުއެޗްއޯއަަށް ފާޑު ކިޔާފަ އެވެ. އެގޮތުން އެމެރިކާއިން ވަނީ އެޖަމްއިއްޔާއިން ވައިރަހާ ބެހޭ މައުލޫމާތު ހޯދުމާއި ދެފުށް ފެންނަ ގޮތަކަށް އަމަލު ކުރުމުގައި ފެއިލްވެފައިވާ ކަމަށް އިއްޔެ ބުނެފަ އެވެ. މީގެ އިތުރުން ރައީސް ޑޮނަލްޑް ޓްރަމްޕް އިއްޔެ ވަނީ އެގައުމުން ކޮންމެ އަހަރަކު ޑަބްލިޔުއެޗްއޯއަށްދޭ 450 މިލިއަން ޑޮލަރު، 40 މިލިއަން ޑޮލަރަށް ކުޑަ ކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ވިދާޅުވެފަ އެވެ. ދުނިޔޭގައި މިހާތަނަށް 4.7 މިލިއަން މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފައިވާ އިރު، 1.7 މިލިއަނަށް ވުރެ ގިނަ މީހުން ވަނީ ބަލިން ރަނގަޅުވެފަ އެވެ. އަދި ބަލީގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 318،000އަށް އަރާފަ އެވެ.
ދުނިޔެއިން ގުޅިގެން މަސައްކަތް ކުރާ ނަމަ ބަލިމަޑުކަމުން އަވަހަށް އަރައިގަނެވޭނެ: މާކެލް
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ދަރިކަނބަލުން، އިވަންކާ ޓްރަމްޕުގެ ޕާޒަނަލް އެސިިސްޓަންޓް ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާ ކަމަށް ރިޕޯޓްތަކުން ބުނެފި އެވެ. ޓްރަމްޕުގެ ދަރިކަނބަލުން އިވަންކާ އަކީ އޭނާގެ ސީނިއާ އެޑްވައިޒަރެވެ. އަދި އެމެރިކާގެ ބޮޑެތި ބިޒްނަސްތަކެއްގައި ހިއްސާ ވެސް އޮންނަ އިވަންކާ އަކީ ޓްރަމްޕާއި އެންމެ ގާތުން މަސައްކަތް ކުރައްވާ އެކަކެވެ. އެހެން ކަމުން އިވަންކާއަށް އެމެރިކާގެ ވައިޓްހައުސްއިން ދީފައި އޮންނަ ސެކުއިރިޓީއާއި ރައްކާތެރިކަމަށް އަޅާފައިވާ ފިޔަވަޅުތައް ވެސް ވަކި ކުޑައެއް ނުވާނެ އެވެ. އެކަމަކު އިވަންކާގެ ޕާސޮނަލް އެސިސްޓަންޓް މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވެފައިވާ ކަމަށް ރިޕޯޓްތަކުން ބުނެފައިވާ އިރު މިކަމުގެ ސަބަބުން ވައިޓް ހައުސްގެ ސެކިއުރިޓީ އިތުރަށް ވަރުގަދަ ކުުރާނެ ކަމަށް ވަނީ ބެލެވިފަ އެވެ. ނަމަވެސް އިވަންކާގެ އެސިސްޓަންޓް މިހާރު އޭނާއާ ދިމާ ނުވާތާ ދެތިން ހަފުތާ ވެފައިވާ ކަމަށާއި މަސައްކަތް ކުރަނީ ވެބް-ބޭސްކޮށް ކަމަށް ރިޕޯޓްތަކުން ބުނެ އެވެ. މިކަމުގެ ސަބަބުން އިވަންކާއާއި އޭނަގެ ފިރިކަލުން ޖެއާޑް ކެޝްނާ މިހާރު ވަނީ ވައިރަހަށް ޓެސްޓް ކޮށްފަ އެވެ. އަދި ހުކުރު ދުވަހު ކުރި ޓެސްޓްތައް ވަނީ ނެގެޓިވްވެފައި ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފަ އެވެ. އެމެރިކާގެ ރިޔާސީ ގެކޮޅު ވައިޓް ހައުސްގައި މަސައްކަތް ކުރާ ދެ މީހަކަށް މިހާތަނަށް ވަނީ ކޮވިޑް-19 ޖެހިފަ އެވެ. އެއީ ނައިބު ރައީސް މައިކް ޕެންސްގެ ޕްރެސް ސެކްރެޓަރީ ކޭޓީ މިލާއާއި، ޓްރަމްޕުގެ ޕާސޮނަލް ވެލެޓް އެކެވެ. ވުމާއެކު، ޓްރަމްޕް ތަކުރާރުކޮށް ގެންދަވަނީ ކޮރޯނާވައިރަހަކީ ޗައިނާގެ ވޫހާން ސިޓީގެ ލެބެއްގައި އުފައްދާ ދޫކުރި އެއްޗެއް ކަމަށް ވިދާޅުވަމުންނެވެ. އަދި އެ ގޮތަށް ކަންތައް ކޮށްފައި ވަނީ މި އަހަރުގެ ނޮވެމްބަރު މަހު އޮންނަ ރިޔާސީ އިންތިޚާބުން އެމަނިކުފާނަނަށް ކާމިޔާބުވާން ޗައިނާ އިން ނޭދޭތީ ކަމަށް ވެސް ވިދާޅުވި އެވެ. ޓްރަމްޕުގެ ތުހުމަތު ޗައިނާ އިން ދޮގު ކުރެ އެވެ. އެމެރިކާ އިން މިހާތަނަށް ވަނީ 1.34 މިލިއަން މީހުން ޕޮޒިޓިވްވެ 79 ހާސް މީހުން މަރުވެފަ އެވެ.
އިވަންކާ ޓްރަމްޕުގެ އެސިސްޓަންޓް ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ
ރެސްޓޯރަންޓަކަށް މެންދުރުގެ ނުވަތަ ރޭގަނޑު ކެއުމަށް ގޮއްސިނަަމަވެސް އެންމެ އަވަހަށް ކޮންއެއްޗެއްތޯ ހުރީ ބަލާލެވޭ އެއް ސެކްޝަނަކީ ޕާސްތާއެވެ. ކްރީމީ ޗިކަން އަލްފްރެޑޯ އާއި ސްޕެގެޓީ ބޮލޮގްނީސް ނުވަތަ ކާބޮނާރާ ވިޔަސް މައްސަލައެއްނެތެވެ. ގޭގަ ފަސޭހައިން އަވަހަށް އެއްޗެއް ތައްޔާރުކޮށްލަން ބޭނުންވިޔަސް ޓޫނާ، ކުކުޅު ނުވަތަ ބީފްކޮޅަކާއި އެއްކޮށް ޗީޒް އެޑް ކޮށްލައިގެންވެސް ހަމަ ޕާސްތާ ވަރެއް ނެތެވެ. ދިވެހިންގެ ތެރޭގައި އިޓަލީގެ މި މީރު ރަހަ ގަދައެވެ. ލޮކްޑައުންގައިވެސް އަހަރެމެން މިދަނީ ރޯދަ ސުފުރާއަށް އުނިކަން ނާންނާނެ ފަދައިން ތަފާތު ކާބޯތަކެތި ކުޑަހަރަދަކުން ތައްޔާރުކުރާނެގޮތް ހޯދާ ބަލާ އެކްސްޕެރިމަންޓްކުރަމުންނެވެ. ޕާސްތާ ތައްޔާރުކޮށްލަން ބޭނުންވެ، ފިހާރައިން ޑެލިވަރީ ލަސްވެގެން މިހާރު ހާސްވާކަން ނުޖެހޭނެއެވެ. އެލީޝާ އަހުމަދު (ނޮނާ) މިއަދު އަހަރެމެންނާ ހިއްސާކޮށްލީ މިކަމުގެ ފަރުވާއެވެ. "ސްކްރެޗް" އިން ޕާސްތާ ތައްޔާރުކުރާނެގޮތެވެ. ޚަރަދުވެސް އެހާމެ ކުޑަ ރެސިޕީއެކެވެ. ބޭނުންވާތަކެތި: 2 ޖޯޑު ރަނގަޅު ކޮލިޓީ ފުށް (އެވްރެން ބްރޭންޑްގެ ފުށް ބޭނުންކުރެވިދާނެ) 2 ބިހުގެ ގޮބޮޅި 2 ބިސް 1 ސައިސަމުސާ ލޮނު 2-3 މޭޒުމަތީ ސަމުސާ ފެން (ފިނި) ތައްޔާރުކުރާނެގޮތް: ހެޔޮވަރު ސައިޒެއްގެ ބޯތައްޓެއް ޕާސްތާ ފުށްގަނޑު މޮޑެެން ތައްޔާރުކޮށްލާށެވެ. 2 ޖޯޑު ފުށް، ސައިސަމުސަލެއްގެ ލޮނު އަދި 2 ބިހާއި 2 ބިހުގެ ގޮބޮޅިވެސް އެއްކޮށް ރަނގަޅަށް މޮޑެލާށެވެ. މި ރެސިޕީ ތައްޔާރުކުރުމަށް ނޮނާ ބޭނުންކޮށްފައިވަނީ އެވްރެން ބްރޭންޑްގެ ފުށެވެ. ލޮޓަސް ފިހާރައިން މި ބްޜޭންޑްގެ ފުށް ލިބެންހުރިއިރު މިއީ އަގުވެސް ހެޔޮ ބާވަތެކެވެ. ޕާސްތާ ފުށްގަނޑު އެންމެ ބޭނުންވާގޮތަށް ތައްޔާރުކުރުމަށްޓަކައި އެކަމަށް ވަގުތުދީ، ރަނގަޅަށް މޮޑުމަށް ޚާއްސަ ސަމާލުކަމެއްދޭންވާނެއެވެ. ފުށްގަނޑު ތައްޔާރުކުރުމަށް މޮޑެމުން ގެންދާއިރު ރަނގަޅަށް އެއްނުވަނީހެން ހީވެ މާޔޫސްނުވާށެވެ. ވީޑިއޯ އިން ފެންނަގޮތަށް ނޮނާވެސް ފުށްގަނޑު އެންމެ ބޭނުންވާގޮތަށް މޮޑުމަށް ގިނަވަގުތު ހޭދެވެއެވެ. ފުށްގަނޑު ތައްޔާރުކުރުމަށް އަޅާފައިވާ ބާވަތްތައް ރަނގަޅަށް މިކްސްވުމުން 2-3 މޭޒުމަތީ ސަމުސާ ފެން އަޅާ އަދިވެސް ރަނގަޅަށް މޮޑެމުން ގެންދާށެވެ. މިކްސްއަށް ފެން އަޅާނީ ފަހަރަކު ސަމުސަލެއްގެ ރޭޓުން ރަނގަޅަށް މޮޑެ އެއްކުރަމުންނެވެ. ނޮނާ އަންގަނީ މޮޅު، ރަނގަޅު "ހޯމްމޭޑް" ޕާސްތާ ފުއްގަނޑެއްގެ ސިއްރަކީ، "ކްނީޑް، ކްނީޑް، ކްނީޑް" ކަމަށެވެ. ފުށްގަނޑު މޮޑެނިމޭއިރު ކުޑަ ކުރަކިކަމެއް ނުވަތަ "ކްރަމްބްލްޑް" ހެން ހީވެދާނެއެވެ. ހާސްނުވާށެވެ. ކްލިންގ ފިލްމް ނުވަތަ ޕްލާސްޓިކް ރެޕް އިން ފުށްގަނޑު ރަނގަޅަށް ކަވަރ ކޮށްލާފައި 30 މިނިޓް ބަހައްޓާށެވެ. އޭރުން އެކަމަށް ހައްލެއް ލިބޭނެއެވެ. އަދި ފުށްގަނޑު ރަނގަޅަށް ޕްރޫފްވެސް ކޮށްލެވުނީއެވެ. 30 މިނިޓް ފަހުން ފުށްގަނޑުން ކްލިންގ ފިލްމް ނައްޓާލާއިރު، ފުށްގަނޑު ކުރިއަށްވުރެ މަޑުވެ ފޯމް ވާން ފަށައިފިކަން ފާހަގަކުރެވޭނެއެވެ. ޕާސްތާ ހެދުމަށް ފުށްގަނޑު ދަމާ ބޯޑު ނުވަތަ މޭޒުމަތި ރަނގަޅަށް ސާފުކޮށްލާ ފުށްކޮޅެއް ބުރުވާލާށެވެ. އަދި އެއަށްފަހު، ހަތަރު ބަޔަށް ފުށްގަނޑު ބަހާލާށެވެ. ޕާސްތާ ތައްޔާރުކުރުމަށް ދަމާނީ ފަހަރަކު ބައެއް ކަމުން އަނެއް ތިންބައި ބޯތައްޓެއް ފަދަ އެއްޗަކަށް ލުމަށްފަހު ފޮތިގަނޑަކުން ރަނގަޅަށް ކަވަރ ކޮށްލާށެވެ. އެހެންނޫނީ މާބޮޑަށް ފުށްގަނޑު ހިކި ނުވަތަ ޑްރައިވެދާނެއެވެ. ފުށްގަނޑު ބައިކޮށްލުމަށްފަހު ބޭނުންކުރާ ކުއާޓަރ ދަމަން ފެށުމުގެ ކުރިން އަނެއްކާވެސް ވީޑިއޯއިން ފެންނަގޮތަށް "ކްނީޑް" ކޮށްލާށެވެ. އެއަށްފަހު ރޮށިދަމާ ކަހަލަ ރޯލާއަކުން ދަމާލާށެވެ. އާދައިގެ ރޮއްޓަކަށް ނުވަތަ ޕިއްޒާ ހަދަން ތައްޔާރުކުރާ ފުށްގަނޑަކަށްވުރެވެސް ބޮޑަށް ޕާސްތާ ހެދުމަށްޓަކައި ފުށްގަނޑު ދަމަންޖެހޭނެއެވެ. އެއަށްފަހު ވީޑިއޯ އިން ފެންނަގޮތަށް ފުށްގަނޑު ހަތަރެސްކަން ބައްޓަމަށް ފައްޖަހާލާށެވެ. އެއަށްފަހު އަދިވެސް ފުށްގަނޑު ދަމަމުން ގެންދާށެވެ. "ރެކްޓޭންގަލް" އެއްގޮތަށް ނުވަތަ ހިމަ ދިގު ބައްޓަމަށް ރޯލް ކުރަމުން ގެންދިޔުމުން ފަސޭހަވާނެއެވެ. ޕާސްތާ ފުށްގަނޑު ވަރަށް ތުނިކޮށް ދަމަންޖެހުމާއެކު އަދިވެސް އިތުރަށް ރޯލް ކުރަމުން ގެންދާށެވެ. ވީޑިއޯ އިން ފެންނަގޮތަށް ޕާސްތާ ފުށްގަނޑުގެ ނުފުށުން އަތުގެ އަތްތިލަ ފެންނަވަރަށް ރޯލްކޮށްލާށެވެ. މިއީ ނުވާވަރުގެ ކަމެއް ނޫނެވެ. ފުށްގަނޑުވެސް މޮޑެނިމުނުއިރު ހަަމަ ބަރާބަރު ނޫން ހެއްޔެވެ. ރޯލް ކޮށްލި ޕާސްތާ ފުށްގަނޑުގެ އެޖަސްތައް ކަފާލާށެވެ. ވީޑިއޯ އިން ފެންނަގޮތަށް ދެފަރާތުން ފުށްގަނޑު ރޯލް ކޮށްލާށެވެ. އޭރުން ދެބައިވެސް އައިސް މީޓްވާނީ ފުށްގަނޑުގެ މެދުގައެވެ. އަދި އެއްފަހަރު އެޖަސްތައް ކަފާލާ އެއްވަރުކޮށްލާށެވެ. އެއަށްފަހު މެދުން ކަފާލުމަށްފަހު ވީޑިއޯ އިން ފެންނަގޮތަށް ބޭނުން ސައިޒަކަށް ޕާސްތާ ކަފާލާށެވެ. ނޮނާ ކެފީ ޕަަޕަރޑެލޭ ސައިޒްއަށެވެ. ކިޔުންތެރިން ބޭނުން ސައިޒަކަށް ޕާސްތާ ބެހެއްޓުމުން މަައްސަލައެއް ނެތެވެ. މަޑުމަޑުން ޕާސްތާ ރޯލްތައް ނިއުޅާލާ ފުށްކޮޅެއްލުމަށްފަހު ބަހައްޓާށެވެ. އަދި ތިން ކުއާޓާރ އެއްކޮށް ރޯލްކޮށް ނިންމާލަން ވާނެ ނޫން ހެއްޔެވެ. ތިޔަކުރި ހިތްވަރަށް ސާބަހެވެ. ފަރުވާތެރިކަމާއެކު ކުރި ބުރަ މަސައްކަތުން ތިތައްޔާރުކޮށްލެވުނީ "ސްކްރެޗް" އިން ޕާސްތާއެވެ. އަވަހަށް އެންމެ ފޭވަރިޓް ގޮތަށް ޕާސްތާ ތައްޔާރުކޮށް ރަހަ ބަލާލާށެވެ. އަހަރެމެންނަށް ކޮމެންޓްތަކުގައި "ސްޓޯރ ބޯޓް" ޕާސްތާ ތޯ ނޫނީ ނޮނާގެ މި "ހޯމްމޭޑް" ރެސިޕީގެ ރަހަތޯ ސަޅީ ޝެއާ ކުރަންވާނެއެވެ.
"ސްކްރެޗް" އިން ޕާސްތާ ތައްޔާރުކުރުން
މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް19 އިން އަރައިގަތުމަށް ތައްޔާރުވުމަށް ކުރާ މަސައްކަތާ އެއްވަރަށް، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިމާވާ ކާރިސާތަކަށް ވެސް ތައްޔާރުވާން ޖެހޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ. ރައީސް މިހެން ވިދާޅުވީ ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ އާތު ޑޭގެ މުނާސަބަތުގައި ކުރެއްވި ޓުވީޓެއްގަ އެވެ. ރައީސް ވިދާޅުވީ މޫސުމީ ބަދަލުތަކުގެ ސަބަބުން ދުނިޔެއަށް ދިމާވަމުން އަންނަ ކާރިސާތައް ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނަ ކަމަށެވެ. އަދި މޫސުމީ ކާރިސާތަކާއި ކޮވިޑް19 ފަދަ ސިއްހީ ކާރިސާތަކުގެ ސަބަބުން ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުުމުތަކުގެ ހާލަތު އިތުރަށް ނާޒުކުވެގެންދާ ކަމަށެވެ. "ކޮވިޑް19 ފަދަ ޕެންޑެމިކް ތަކަށް ތައްޔާރުވާ ފަދައިން، ކުރިއަށް އޮތް ތަނުގައި ތިމާވެށީގެ ކާރިސާތަކަށް ވެސް ދުރާލާ ތައްޔާރުވެ ތިބެންޖެހޭ،" ރައީސް ވިދާޅުވި އެވެ. "އާތު ޑޭ" ގެ ގޮތުގައި ފާހަގަ ކުރަނީ ކޮންމެ އަހަރެއްގެ ވެސް އޭޕްރީލް މަހުގެ 22 ވަނަ ދުވަހެވެ. އާތު ޑޭ ފާހަގަ ކުރަނީ މި ޒަމާނުގެ ތިމާވެށީގެ ހަރަކާތްތަކުގެ ފެށުން ފާހަގަ ކުރާ ދުވަހެއްގެ ގޮތުގަ އެވެ.
ކޮވިޑް19 އާ އެއްވަރަށް ތިމާވެށީގެ ކާރިސާތަކަށް ވެސް ތައްޔާރުވާން ޖެހޭ: ރައީސް
ފްރާންސްގެ ގައުމީ އެއާލައިން "އެއާ ފްރާންސް" އިން ދަތުރު ކުރާ ހުރިހާ އެންމެން މާސްކް އެޅުމަށާއި، ދަތުރު ފެށުމުގެ ކުރިން ފިނި ހޫނުމިން ޓެސްޓް ކުރުމަށް މަޖުބޫރު ކޮށްފި އެވެ. މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަހުގެ ސަބަބުން ޔޫރޮޕުގެ ދަތުރުފަތުރުތައް ހުއްޓުމަކަށް އައިސްފައި އޮތުމަށްފަހު ހަރުކަށި ގަވާއިދުތަކަކާ އެކު އަލުން އެއާލައިންތަކުގެ ހިދުމަތްތައް ވަނީ މަޑު މަޑުން ފަށައިފަ އެވެ. އެގޮތުން އެއާ ފްރާންސްގެ ދަތުރުތައް ފަށާފައިވާ އިރު މިއަދުން ފަށައިގެން އެ އެއާލައިންު ދަތުރުކުރާ ކްރޫއިންނާއި ޕެސެންޖަރުންނަށް ވަނީ ގަވާއިދުތަކެއް ހަދައިފަ އެވެ. އެގޮތުން ފްލައިޓަށް އަރާ އެންމެން ވެސް މުޅި ދަތުރުގައި އުޅެން ޖެހޭނީ މާސްކް އަޅައިގެންނެވެ. އަދި ދަތުރު ފެށުމުގެ ކުރިން ހުރިހާ އެންމެންގެ ފިނިހޫނުމިން ބެލުމަށް ވަނީ ހަމަޖައްސައިފަ އެވެ. އެކަމަކު 38 އަށް ވުރެން މަތީގައި ފިނހޫނުމިން ހުރެއްޖެ ނަމަ އެ ފްލައިޓުގައި ދަތުރު ނުކުރެވޭނެ އެވެ. އެހެން ނަމަވެސް ފިނިހޫނުމިން އެއަށްވުރެން ދަށްވުމުން އެހެން ދުވަހެއްގެ ފްލައިޓުގައި އިތުރު އެއްވެސް ހަރަދަކާ ނުލައި ދަތުރު ކުރެވޭނެ ކަމަށް އެއާ ފްރާންސުން ވަނީ ބުނެފަ އެވެ. އެ އެއާލައިން ބޭނުން ކުރާ ހުރިހާ ކަސްޓަމަރުންނަށް މެސެޖް އަދި އީމެއިލްގެ ޒަރިއްޔާއިން މިހާރު ގަވާއިދުތަކަށް އައި ބަދަލުތަކުގެ ތަފްސީލް ފޮނުވާފައިވާ ކަމަށް އެއާލައިނުން ވަނީ ބުނެފަ އެވެ. އެއާލައިންގެ އާ ގަވާއިދުތައް: ދަތުރު ކުރާ ހުރިހާ ކްރޫއިންނާއި ކަސްޓަމަރުން މާސްކް އެޅުން. އެއާޕޯޓުގެ ތެރޭގައި އުޅުމުގެ ތެރޭގައި ސޯޝަލް ޑިސްޓެންސްގެ ހަމަތަކަށް ތަބާވުން ކަސްޓަމަރުންނާއި، ކްރޫއިން ކޮންޓެކްޓްވެފައިވާ ހުރިހާ ތަނެއް ދުވަހުން ދުވަހަށް ޑިސްއިންފެކްޓް ކުރުން އިން ފްލައިޓް ސާވިސްތައް މެދު ކަނޑާލުން (ފްލައިޓުތަކުގައި ކެއުމާއި، އެހެނިހެން ސާވިސްތައް) މީގެ އިތުރުން ކެބިން ތެރޭގައި ދައުރުވާ ވައި ތިން މިނެޓުން ތިން މިނެޓުން ބަދަލުވާނެ ކަމަށް އެއާ ފްރާންސުން ވަނީ ބުނެފަ އެވެ. އެ އެއާލައިންގައި ބޭނުން ކުރާ އެއާ ރިސައިކަލިންގް ސިސްޓަމަކީ ހޮސްޕިޓަލުތަކުގެ އޮޕަރޭޝަންތަކުގައި ވެސް ބޭނުންކުރާ ޒާތުގެ ސިސްޓަމެކެވެ. އެހެން ކަމުން ވައިގައި ހުންނަ 99.99 އިންސައްތަ ވައިރަސް މި ސިސްޓަމުން ބޭރުކުރާނެ އެވެ.
އެއާ ފްރާންސްއިން ދަތުރު ކުރާ އެންމެން މާސްކްް އަޅަން މަޖުބޫރު ކޮށްފި
މިޔާހްގެ ހާސްކަން އިތުރުވީ، ފާތުމަ އޭނާގެ އުނަގަނޑުގައި ދެއަތް އަޅުވައިލުމުންނެވެ. ގޭތެރެއަށް ވަންނާނެ ތަންކޮޅެއް ނުދެއްކި ތަނުގައި، ދެބުމަ ގޮށްޖަހާލައިގެން ބަލަން އޭނަ ހުއްޓެވެ. ******** "އުޅޭނެހާ ތާކު، އުޅޭނެހާ ވައްތަރަކަށް އުޅެއުޅެފަ އައިސް މަގޭ ގެދޮރަށް ވަންނަން ހަދާނެ ކަމެއް ނެތް..." ފާތުމަ ހަޅޭއްލަވައިގަތެވެ. ވަރުދެރަވެފައި ހުރި އީމާއަށް މިޔާހްގެ އަތުގެ ތެރެއިން ވީއްލިގަނެވުނު ގޮތް ވެސް ނޭނގުނެވެ. ބީރައްޓެއްސެއްގެ ކުރިމަތީގައި އަމިއްލަ މައިމީހާ އެފަދަ ގޮތަކަށް ކަންތައް ކުރުމުން، އޭނަ ހުރީ، ލަދުގަނެފައެވެ. އެ ހަށިގަނޑުގައި އެކަނި ހާލަށް، ކޮޅަށް ހުންނާނޭ ވަރު ނެތުމާ އެކު، އިސާހިތަކު އަރިއަޅާލައިފިއެވެ. މިޔާހް ހުށިޔާރެވެ. އޭނަ ހުރީ، އެފަދަ ކަމެއް ވެދާނޭ ކަމަށް ތައްޔާރު ވެގެންނެވެ. އީމާ ވެއްޓުމުގެ ކުރީން، އޭނަ އެ ހަށިގަނޑުގައި ހިފަހައްޓައިފިއެވެ. އީމާ ވަގުތުން ދުރަށް ޖެހުނެވެ. އޭނަ އަތުގެ އިޝާރާތުން އެންގީ، ދުރުގައި ހުރުމަށެވެ. "ދެން ދިޔަސް އެންމެ ރަނގަޅު..." އީމާ ވާހަކަ ދެއްކީ، މިޔާހް އަށް އަޑު އިވޭ ވަރަށެވެ. ގޭގެ ފާރުގައި ހިފަހައްޓަމުން ކަހަލަ ގޮތަކަށް، އީމާ އުޅުނީ، އެތެރެއަށް ވަންނާށެވެ. ދޮރުމަތިން ދުރަށް ވެސް ޖެހިނުލާން ފާތުމަ ހުރީ، ހުވާ ކޮށްގެން ކަހަލައެވެ. ކުރިއަށްވުރެ ބޮޑަށް އެ މޫނުމަތި ތަޣައްޔަރު ވެގެން ދިޔައެވެ. "މަންމާ!..." އީމާ ގޮވާލީ، ޝަކުވާގެ ރާގަކަށެވެ. "މަންމާ އޭ؟... ކަލޭ ލަދެއް ނުގަނޭތަ މަށަށް ތިހެން ކިޔާފަ ގޮވަން... ހުވާ މިބުނީ... ބޮޑުވެއްޖެ މުސީބާތެކޭ މީ... ނުވަންނާތި މިގެއަށް..." އީމާގެ މޭގައި އަތް އަޅައި ކޮއްޕައިލަމުން ފާތުމަ ހަޅޭއްލަވައިގަތެވެ. އެއްވެސް ހިފެހެއްޓުމެއްނެތި، އީމާ ވެއްޓުނެވެ. އެހާ ބޮޑަށް އެ ހިތުގައި ޖެހުނީ، މިޔާހްގެ ކުރިމަތީގައި ފާތުމަ އެފަދަ ގޮތަކަށް ކަންތައް ކުރުމުންނެވެ. އޭނަ މޫނުގައި ދެއަތް އެޅިއެވެ. ގިސްލާފައި ރޯންފެށި ގޮތުން، ހިތުގައި ކިރިޔާވެސް ރަހުމެއް ހުރި މީހެއްގެ ހިތް ފަޅައިގެން ދާނެއެވެ. އެކަމަކު، ފާތުމަގެ ހިލަ ހިތުގައި ރަހުމުގެ ކުޑަ ވެސް މިންވަރެއް ނެތެވެ. އޭނަ އީމާގެ މޫނުމައްޗަށް ދޮރު ޖަހައިފިއެވެ. މިޔާހް ހުރީ ދެލޯ ބޮޑުވެފައެވެ. މަންމައަކު އުފަން ދަރިއަކާއި ދޭތެރޭގައި އެފަދަ އަނިޔާވެރި ގޮތަކަށް ކަންތައް ކުރި ތަން އޭނައަށް ފެނުނު އެއީ ފުރަތަމަ ފަހަރެވެ. އެ ހިތް ހަމްދަރުދީ އިން ފުރިގެން އައެވެ. އޭނަ ގޮސް އީމާގެ ދެކޮނޑުގައި ހިފައި ނެގިއެވެ. އެ ހިތުގެ އަޑިން އަޒުމު ކަނޑައެޅީ، އީމާގެ ޙަޔާތަށް ދިރުން ގެނެސްދިނުމަށެވެ. އެ ހިތާމައިގެ ދުނިޔެއިން ނެރެ، އުފާތަކުން އުނގު ފުރާލަ ދިނުމަށެވެ. ******** ޝުކޫރަށް ނަހީރާ ހަމައަކަށް އެޅުވުނީ، އެތައް ވާހަކައެއް ދައްކައިގެންނެވެ. ނަހީރާ ގެންގޮސް ގެއަށް ލާފައި އޭނަ އުޅުނީ، އެ ގެއިން ނުކުންނާށެވެ. ދޮރުމަތީގައި ހުރި އުގެއިލް ފެނި، ޝުކޫރުގެ ފިޔަވަޅުތައް ހުއްޓިއްޖެއެވެ. އޭނަ ހާސްވެފައި، ސޯފާގައި އިން ނަހީރާއަށް އަވަސް ނަޒަރެއް ދިނެވެ. ނަހީރާ ފުންމައިގެން ތެދުވިއެވެ. އެ މޫނުމަތީގައި ވަނީ، ސިހުމެވެ. ޝުކޫރުގެ މޫނުން، ނަހީރާގެ މޫނަށް ބަލައިލި އުގެއިލް އެއްމިޔަކަނުން ހީލައިފިއެވެ. އެ ހިނިތުންވުމުގެ މާނަ އެނގުނީ، ހަމައެކަނި ނަހީރާ އަށެވެ. އޭގެ ފަހަތުގައި ފޮރުވިފައި ވަނީ ނުރައްކާތެރި އިންޒާރެކެވެ. "މިސްޓަރ ޝުކޫރު..." ޝުކޫރުގެ ކޮނޑުމަތީގައި އަތް ބާއްވައިލަމުން، އުގެއިލް ބުންޏެވެ. "ހާދަ އަވަހަކަށް ދަނީ؟..." އުގެއިލް ވާހަކަ ދެއްކީ، ދިވެހި ބަހުންނެވެ. ޝުކޫރުގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އެ އަޑަކީ، އޭނައަށް އާ އަޑެއް ނޫނެވެ. އެއީ ކޮންމެވެސް ތަނަކުން އޭނައަށް އިވިފައިވާ އަޑެކެވެ. ނަހީރާ ވެސް ހުރީ ދެލޯ ބޮޑުވެފައެވެ. އުގެއިލް އަށް ދިވެހި އެނގޭކަން އޭނައަށް ކުރިން އެނގިފައެއް ނުވެއެވެ. "ގާތް އެކުވެރިޔާ ހުސްއަތާ ފޮނުވާލަނީ؟..." ނަހީރާ އާއި ދިމާއަށް ބަލައިލަމުން، އުގެއިލް ސުވާލު ކުރިއެވެ. އެ އަޑުގައި ވަނީ މަލާމާތުގެ ރާގެވެ. ކޮންމެވެސް ކަމެއް ގޯސްވެއްޖެ ކަން ޝުކޫރަށް އެނގުނީ، ނަހީރާގެ މޫނުމަތީގެ އަސަރުތައް ހުރި ގޮތުންނެވެ. އޭނަގެ ހިތް ހާސް ކުރުވިއެވެ. "އެހެން ފަހަރަކުން... މިހާރު މިދަނީ ކުޑަކޮށް ލަސްވެގެން..." ހިނިތުންވެލެވޭތޯ މަސައްކަތް ކުރަމުން ޝުކޫރު ބުންޏެވެ. "އެހެން ފަހަރެއް އަންނާނެބާ... އާނ!... އާނ!... ވަގުތު ފާއިތު ނުވަނީސް، ކަންކަން ނިންމާލަން ވާނެ..." ލުއި ހިނިގަނޑެއް ޖަހައިލަމުން އުގެއިލް ބުންޏެވެ. "އަހަންނަށް ވެސް އެބައޮތޭ އަދި ނިންމާ ނުލެވިފަ އޮތް ކަމެއް... ވަރަށް ކުރިން ނިންމާލަން ޖެހޭ ކަމެއް އެއީ... އެކަން ވެސް ދެން ވަރަށް އަވަހަށް ނިންމާލާނަން..." ޝުކޫރުގެ ކޮނޑުގައި ދެފަހަރަކު ޖަހާލަމުން އުގެއިލް ބުންޏެވެ. މާނައިން ފުރިގެންވީ ޖުމްލަ ތަކެކެވެ. ޝުކޫރުގެ ހިތުގައި ބިރުވެރިކަމުގެ ރާޅެއް ދަތުރުކޮށްލިއެވެ. ކޮންމެވެސް ސަބަބަކާއި ހުރެ، އެ ޖުމްލަތައް އަމާޒުވީ، އޭނައަށް ހެން ޝުކޫރަށް ހީވިއެވެ. ފަހަރެއްގައި އެ ދެއްކީ، ޒެންހާގެ ވާހަކަ ކަމަށް ވުން ވެސް ގާތެވެ. ބޯޖަހާލާފައި ޝުކޫރު އެގެއިން ނުކުތެވެ. އޭގެ ކުރިން އޭނަ ނަހީރާއަށް ސިއްރުން ބަލައިލިއެވެ. އެ ދެލޯ ފެންކަޅިވެފައިވާ ތަން އޭނައަށް ރީތިކޮށް ފެނުނެވެ. ޝުކޫރު ގޮސް ނުކުންނަންދެން ބަލަން އުގެއިލް ހުއްޓެވެ. އޭގެ ފަހުގައި، އޭނަ ނަހީރާއަށް ބަލައިލީ، ދެބުމަ ގޮށްޖަހައިލަމުންނެވެ. އޭނަ ނަހީރާ އާއި ދިމާއަށް ދިޔައީ، ހަލުވި ފިޔަވަޅު ތަކެއްގައެވެ. އެ ހަރަކާތްތައް އަވަހެވެ. އިސްޖަހައިލި ނަހީރާގެ މޫނުމަތީގައި އޭނަ ބާރަަށް ޖަހައިފިއެވެ. ނަހީރާ ވެއްޓުނީ، ސޯފާގެ މައްޗަށެވެ. ޖެހިލެއް ބާރުކަމުން، އެ މޫނުމަތިން ދިލަ ނަގައިގެން ދިޔައެވެ. ލޮލުގެ ފެނުމަށް ދަތިވިހެން ހީވެ، ދެލޯ މަރައި ބާރުކޮށްލައިގެން އޭނަ އޮތެވެ. އުގެއިލް އޭނަގެ ފޯނު ނަގައި ނަންބަރަކަށް ގުޅިއެވެ. އޭނަ ވާހަކަ ދެއްކީ، އިނގިރޭސި ބަހުންނެވެ. "އެކަން ނިންމާލާ... އެއްވެސް ހެއްކެތް ފެނިގެން ނުވާނެ..." އުގެއިލް އަމުރު ކުރިއެވެ. ނަހީރާގެ ހިތް ތެޅިގަތެވެ. އޭނަ ކުއްލިއަކަށް ލޯ ހުޅުވައި އުގެއިލް އަށް ބަލައިލިއެވެ. "ނޫން!... ނޫން!... އެ ކުއްޖާފުޅަށް އެހެން ނަހަދާތި..." ނަހީރާ ރޮއެގަތެވެ. "އަހަރެން ލައްކަ ފުރުސަތު ދީފިން... ދެން ނުދެވޭނެ..." ނަހީރާގެ ވާހަކަ ނުނިމެނީސް، އުގެއިލް ބުންޏެވެ. ނަހީރާއަށް ވިސްނައިލާނޭ ފުރުސަތެއް ވެސް އުގެއިލް ނުދިނެވެ. ކުއްލިއަކަށް އެ ހަށިގަނޑުގެ މައްޗަށް ފުންމައިގަތެވެ. ހީވީ ބަނޑުހައިވެފައިވާ ސިންގާ އަކަށް ޝިކާރަ ކުރާނޭ އެއްޗެއް ލިބުނު ހެންނެވެ. މުޅި ތަނުގައި ގުގުމައިގެން ދިޔައީ، ނަހީރާގެ ވޭނީ ހަޅޭކުގެ އަޑެވެ. މަގުމަތީގައި ހުރި ޝުކޫރަށް އެ އަޑު އިވުނެވެ. އޭނަގެ ފިޔަވަޅުތައް ހުއްޓިއްޖެއެވެ. ފަސްއެނބުރި ބަލައިލިއިރު، އެ މޫނުމަތީގައި ވަނީ ކަންބޮޑުވުމުގެ އަސަރެވެ. ******** ތައްޔާރުވެލައިގެން ޒެންހާ ނުކުތީ، ބޭރަށެވެ. ރަތް ކުލައިގެ ދިގު ހެދުން ޒެންހާގެ ހަށިގަނޑާއި ވަރަށް ވެސް ގުޅެއެވެ. ކޮނޑާ ހަމައަށް ކޮށާލާފައި އޮތް އިސްތަށިގަނޑު އޮތީ، ހާމައަށް ދޫކޮށްލާފައެވެ. ޒެންހާ ނުކުމެ، ދެފަރާތް ހޯދާލިއެވެ. އެ ތުންފަތް މައްޗަށް ލުއި ހިނިތުންވުމެއް ވެރިވީ، އޭނަ އާއްމުކޮށް އިށީނދެ އިންނަ ބެންޗް، ހުސްކޮށް ހުރި ތަން ފެނުމުންނެވެ. އެއިން ހިސާބަކުން ވެސް މީހަކު ފެންނަން ނެތް ވަގުތެކެވެ. ޒެންހާ މަޑުމަޑުން ބެންޗާއި ދިމާއަށް، ހިނގަމުން ދިޔައެވެ. މިޝަލްގެ މަންމަ އާއި ބައްދަލު ކުރަން ޖެހޭތީ، ޒެންހާ ހުރީ، ހާސްވެފައެވެ. އެ ކައިވެނީގައި އެއްވެސް މާނައެއް ނެތްއިރު، މިޝަލް އޭނަގެ މަންމަ އާއި ބައްދަލު ކުރަން ބުނީ، ކީއްވެ ހެއްޔެވެ؟ އޭގެ މާނަ އަކީ ކޮބައި ހެއްޔެވެ؟ އެ ގެއަށް ގޮސްފައި، އޭނަ ބުނާނީ ވެސް ކީކޭ ހެއްޔެވެ؟ އެކި ފިކުރުތަކުގައި ހުރެ، އޭނަ ގޮސް ބެންޗްގައި އިށީނެވެ. ގަހުގެ ނިވަލުގައި މޫނު ނިވާކޮށްގެން މީހަކު ހުއްޓެވެ. އެ މީހާގެ އަތަށް ވަނީ އަންގި ލައްވާފައެވެ. އޭނަ ހުރީ، ރަނގަޅު ވަގުތެއްގެ އިންތިޒާރުގައެވެ. ފުރަގަސްދީގެން އިން ޒެންހާ އާއި ދިމާއަށް އެ މީހާ ބަލައިލީ، ނުރައްކާތެރި ގޮތަކަށެވެ. އޭނަ ލައިގެން ހުރި ފަޓުލޫނުގެ ޖީބަށް އަތް ކޮއްޕާލާފައި ނެގީ ވަޅި އެކެވެ. ******** މިޝަލް ނުކުތްއިރު، ޒެންހާ ފެންނާކަށް ނެތެވެ. އޭނަ މުޅި ތަން ހޯދި އިރުވެސް، ޒެންހާ ނުފެނުމުން، ހާސް ވިއެވެ. ނުބުނެ ޒެންހާ އެގޮތަށް އެއްވެސް ތާކަށް ހިނގައިދާނެ ކަމަކަށް އޭނަ އަކަށް ޤަބޫލެއް ނުކުރެވުނެވެ. މިޝަލް ހާސްވެގެން ދެކޮޅަށް ހިނގަހިނގައި ހުއްޓެވެ. އޭނަ އެގޮތަށް ހުންނަތާ ފަސްވަރަކަށް މިނެޓް ފަހުން، ވިކްޔަން އާއިއެކު އައިސް ގޯތިތެރެއަށް ވަން ޒެންހާ ފެނުނެވެ. މިޝަލް ކޮށި އަރާ ގޮތްވިއެވެ. އެ ރީތިކަން ފެނި، ހަރަކާތް ހުއްޓިފައި އޭނަ ހުއްޓެވެ. އޭރު ހިތުގެ އަޑިން، ޒެންހާއަށް ތައުރީފު ކުރަމުން ދިޔައެވެ. "އައްދޭ ސޮނިވެއްޓިފަ އެއްނު ތިހުރީ..." ވިކްޔަން ސަމާސާ ކޮށްލިއެވެ. މިޝަލްގެ ބުރަކަށީގައި ޖަހައިލަމުން، ވިކްޔަން ފެށީ، ހޭށެވެ. އޭނަ ހެމުން ޒެންހާއަށް ބަލާލާފައި އެއްލޯ މަރާލިއެވެ. ވިކްޔަން ފެނުމުން، މިޝަލްގެ ތަބީއަތު ޚަރާބު ވިއެވެ. އޭނަ ޒެންހާއަށް ބަލައިލީ، ޝަކުވާގެ ނަޒަރަކުންނެވެ. "އަހަރެން އައިއިރު، ޒެނީ އިނީ އެކަނި... ދެން އެހާ ރީތި ކުއްޖަކު އެކަނި ބޭންދުން ރައްކާތެރި ކަމަކަށް ނުވާނެތާ... މި ބޮޑީގާޑު ޚިދުމަތުގަ މަޑުކުރީ އެހެންވެ... ދޯ ޒެނީ..." ވިކްޔަން ސަމާސާ ކޮށްލަމުން، ޖަހައިލީ، ހިނިގަނޑެކެވެ. "މަންމަ ކައިރިއަށް ދާ ވާހަކަ ބުނީމަ، އެއްޗެއް ވެސް ގަނެލައިގެން މިއައީ..." ވިކްޔަން އޭނާގެ އަތުގައި އޮތް ކޮތަޅުތައް ދައްކައިލަމުން ބުންޏެވެ. "އަވަހަށް ދޭ... އެހެން ނޫނީ ލަސްވެދާނެ..." މިޝަލްގެ އަތަށް ކޮތަޅުތައް ލައިދެމުން، ވިކްޔަން ހިނިތުންވެލިއެވެ. ޒެންހާ އާއި މިޝަލް އެކުގައި ގޮސް ގެއިން ނުކުންނަން ދެން ބަލަން، އޭނަ ހުއްޓެވެ. އެ ތުންފަތް މަތީގައި ވަނީ ލުއި ހިނިތުންވުމެކެވެ. ކުއްލިއަކަށް ވިކްޔަންގެ ނަޒަރު ތަފާތު ވެއްޖެއެވެ. ދެބުމަ ގޮށްޖަހައިލަމުން އޭނަ ބަލައިލީ، ބެންޗް ކައިރީގައި ހުރި ގަހާއި ދިމާއަށެވެ. ގަހާއި ނިވާވެގެން، އެތަނުގައި އޭރުވެސް މީހަކު ހުއްޓެވެ. ވިކްޔަން ހަލުވި ފިޔަވަޅު ތަކެއްގައި ގަހާއި ދިމާއަށް ދިޔައެވެ. މީހަކު އަންނަ ކަން އެނގުމުން، އެ ތަނުގައި ފިލާ ހުރި މީހާ، އެ ދިމާއަށް ބަލާލައިފިއެވެ. ވިކްޔަން ފެނުމުން، ދެފަޔަށް ލެވުނުހާ ބާރެއް ލާފައި، އެ މީހަކު ދުއްވައިގަނެފިއެވެ. ވިކްޔަން ވެސް ދުއްވައިގަތެވެ. އޭނައަށް އެމީހަކު އަތުލައިގަނެވޭވަރުވީ، ފާރުމަތިން ފުންމާލަން އުޅެނިކޮށެވެ. އޭރު ފުލުހުންގެ ވެހިކަލް އައިސް ދޮރުމައްޗަށް މަޑުކޮށްލައިފިއެވެ. "ދޫކުރޭ... އަހަރެން ދޫކުރޭ..." ފުލުހުން ފެނުމުން، އެމީހާ ތެޅިގަތެވެ. "އަހަންނަށް ތިރިއަށް ނާދެވުނުނަމަ، ކަލޭ އެ އަންހެން ކުއްޖާގެ ފުރާނަ ދަމައިގަތީސް..." ވިކްޔަން ރުޅި އައިސްގެން ހަޅޭއްލަވައިގަތެވެ. ވިކްޔަން ބެލްކަނީގައި ހުއްޓައި، ހުރިހާ މަންޒަރެއް ވަނީ، ވަރަށް ސާފުކޮށް ފެނިފައެވެ. އޭނައަށް ތިރިއަށް އާދެވުނީ، ކިރިޔާއެވެ. އެ މީހަކު ހަމަލާއެއް ދިނުމުގެ ކުރިން، އޭނަ އަވަހަށް ޒެންހާ ގޮވައިގެން އެތަނުން ދިޔައީ އެވެ. "ކާކު ފޮނުވައިގެން ތިއައީ؟... ބުނޭ..." އެމީހާގެ ގިރުވާނުގައި ހިފައި ދަމައިގަންނަމުން ވިކްޔަން ސުވާލު ކުރިއެވެ. ******** ނަޒުރާނާ ދިރިއުޅޭ ގޭގެ ދޮރުމައްޗަށް ޓެކްސީ މަޑުކޮށްލުމާއެކު، މިޝަލްއަށް ދެލޯ މަރާލެވުނެވެ. އޭނަގެ އަތްފައި ފިނިވާގޮތް ވިއެވެ. ޓެކްސީ އިން ފުރަތަމަ ފޭބީ، ޒެންހާ އެވެ. މިޝަލް ފޭބީ، ޒެންހާގެ ފަހަތުންނެވެ. ދޮރުމަތީގައި ސާމީ އާއި މާރިޔާ ތިއްބެވެ. މިޝަލްގެ ދެމަފިރިން އަންނާތީ، އެމީހުންގެ އިސްތިޤްބާލް ގައެވެ. އެންމެން ޓެކްސީ އިން ފޭބުމާއިއެކު، ސާމީ ދުވެލާފައި ކަހަލަ ގޮތަކަށް އެމީހުންގެ ކައިރިިއަށް ދިޔައެވެ. އޭނަ އުފާވެފައި، ފަހަރަކު މީހެއްގެ މޫނަށް ބަލައިލިއެވެ. "ހާދަ ލޯބި ފަހަރި އެކޭ... ފެނުނީމަ، މަންމަ ލޯބިން މޮޔަވާނެ..." ސާމީ ވާހަކަ ދެއްކީ، މިޝަލްގެ ކަންފަތް ކައިރީގައި ސިއްރުންނެވެ. ނަޒުރާނާ އޮތީ، ސޯފާގައި އޮށޯވެލައިގެންނެވެ. އެ ހަށިގަނޑު ވަނީ، ހިކި އަނަރޫފަ ވެފައެވެ. ދެލޯ ކައިރި ކަޅުވެ، ވަޅުވަދެފައެވެ. ގޭތެރެއަށް އަޅައިލި ފުރަތަމަ ފިޔަވަޅާ އެކު، މިޝަލްގެ ހިތް ހީވީ، ހުއްޓުނު ހެންނެވެ. ނަޒުރާނާ ބަލި ގޮތަކަށް ކެއްސަނީއެވެ. ހީވަނީ، ދެންމެދެންމެ ނޭވާ އުފުރިދާނޭ ހެންނެވެ. މިޝަލްގެ ދެލޯ ކަރުނުން ފުރުނެވެ. އޭނަ ސާމީއަށް ބަލައިލުމުން، ބޯ ޖަހައިލިއެވެ. ކައިރިއަށް ދިޔުމަށް އެދުނެވެ. ލަސްލަހުން ފިޔަވަޅު ނަގަމުން ގޮސް، މަންމަގެ ކައިރީގައި އޭނަ ހުއްޓުނެވެ. (ނުނިމޭ)
އިންތިހާއަށް ލޯބިވީމޭ... - 28
އެމެރިކާގެ ޖައްވީ އިދާރާ، ނޭޝަނަލް އެރޮނޮޓިކްސް ސްޕޭސް ސްޓޭޝަން (ނާސާ)އާ ގުޅިގެން ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ޓޮމް ކުރޫޒް ޖައްވުގައި ފިލްމެއް ކުޅެން ތައްޔާރުވަމުން އަންނަ ކަމަށް އެ އިދާރާއިން ބުނެފި އެވެ. ޖައްވުގައި ހިނގާ ކަންކަމަށް ހޮލީވުޑްގެ އެތައް ފިލްމެއް އަހަރެއްގެ މައްޗަށް ނެރޭ އިރު، އާއްމުކޮށް އެ ފިލްމްތައް ކުޅެނީ ސްޓޫޑިއޯތަކުގެ ފެހި ސްކްރީން ފަހަތުގަ އެވެ. އެކަމަކު ތާރީހުގައި ވެސް ފުރަތަމަ ފަހަރަށް ޖައްވުގައި ހޮލީވުޑްގެ އެކަޓަރަކު ފިލްމެއް ކުޅެން ތައްޔާރުވަމުން އަންނަ ކަމަށް ނާސާއިން މިވަނީ ބުނެފަ އެވެ. އެ ޝަރަފު މި ލިބެނީ ގިނަ ދުވަސްތަކެއް ވަންދެން ހޮލީވުޑުގެ އެންމެ ޓޮޕް އެކްޓަރެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވާ ކްރޫޒްއަށެވެ. މީގެ ކުރިން ވެސް ޖައްވުގައި ބައެއް ޑޮކިއުމެންޓަރީ ފިލްމްތަކެއްގެ ޝޮޓުތަކެއް ވަނީ ޝޫޓް ކޮށްފަ އެވެ. އޭގެ ތެރޭގައި 2002 ވަނަ އަހަރު ނެރުނު އައިމެކްސް ޑޮކިއުމެންޓަރީއާއި 2012 ވަނަ އަހަރު ނެރުނު "އެޕޮޖީ އޮފް ފިއާ" ހިމެނެ އެވެ. އެކަމަކު ދުނިޔޭގެ ޖައްވީ ސްޓޭޝަން ނުވަތަ އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން (އައިއެސްއެސް) ގައި ފިލްމެއް ޝޫޓްކުރުމުގެ ފުރުސަތު އެއްވެސް އެކްޓަރަކަށް މީގެ ކުރިން ލިބިފައެއް ނުވެ އެވެ. ތާރީހީ މި ފިލްމުގެ މަސައްކަތްތައް ފެށުމުގެ މަޝްވަރާތައް ކުރިއަށްދާކަން ނާސާއިން ވަނީ ޔަގީންކޮށްދީފަ އެވެ. އެގޮތުން މި ޕްރޮޖެކްޓަށް ބޭނުންވާނެ ދަތުރުތައް ކުރުމަށް އައިއެސްއެސްއަށް ޖައްވީ ދަތުރުތައް ފެށުމުގެ ތައްޔާރީތައް ވަމުން އަންނަ މަހުޖަނު، އީލޮން މަސްކްއާ އެކު އަންނަނީ މަޝްވަރާތަކެއް ކުރަމުންނެވެ. ރިޕޯޓުތައް ބުނާގޮތުން ޓޮމް ކްރޫޒްގެ މި ފިލްމަކީ އޭނާ މީގެ ކުރިން ވެސް ކުޅެފައިވާ މަޝްހޫރު ފިލްމްތަކާ ގުޅުން ހުރި އެކްޝަން އެޑްވެންޗާ ފިލްމެކެވެ. އެކަމަކު ކްރޫޒްއާ އެކު ޖައްވަށް ދެން ދަތުރު ކުރާނީ ކޮން އެކްޓަރުންނެއް ކަމާއި، މި ދަތުރު ފަށާނެ ތާރީހެއް އަދި ހާމަ ކޮށްފައެއް ނުވެ އެވެ. ނާސާގެ އެޑްމިނިސްޓްރޭޓަރު ޖިމް ބްރައިޑެސްޓީން މިދިޔަ ބުދަ ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އައިއެސްއެސްގައި ކްރޫޒާއާ އެކު ފިލްމެއް ޝޫޓްކުރަން ނިންމި ވާހަކަ ހިއްސާކުރަނީ ވަރަށް އުފަލުން ކަމަށެވެ. އަދި މި ޕްރޮޖެކްޓް ކާމިޔާބުކުރަން މި ޖީލުގެ ސައިންޓިސްޓުންނާއި އިންޖިނިއަރުންގެ އެހީ ވެސް ބޭނުންވާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ. ކްރޫޒްގެ ދެން އެންމެ އަވަހަށް ސިނަމާތަކަށް އަންނާނެ ފިލްމަކީ ޑިސެމްބަރަށް ތާވަލުކޮށްފައި އޮތް "ޓޮޕް ގަން" ގެ ސީކްއަލް "މެވެރިކް" އެވެ.
ޓޮމް ކުރޫޒް ފިލްމް ކުޅެން ޖައްވަށް ދަނީ
މަހަލްދީބް ފައުންޑޭޝަނުގައި ރަޖިސްޓްރީވެފައިވާ އާއިލާތަކަށް ހިލޭ ސާބަހަށް ކާބޯތަކެތީގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ފެށި މަސައްކަރތަށް ބޭނުންވާ ވަރަށް ފަންޑު ހަމަޖެހިފައވާ ކަމަށް އެ ޖަމްއިއްޔާ އިން ބުނެފިއެވެ. "ގިފްޓް އަ ސްމައިލް ފުޑްބާސްކެޓް" ގެ ނަމުގައި ކުރިއަށްގެންދާ މި ޕްރޮޖެކްޓުގެ ދަށުން އެއް މަސް ދުވަހަށް ވާ ވަރަށް ކާބޯތަކެތި ފޯރުކޮށްދޭނީ ހަތަރު ކެޓަގަރީއަކުންނެވެ. އެއީ: 1. އެކަނިވެރި މައިން (އުމުރުން 18 އަހަރުން ދަށުގެ ކުދިން ބަލަމުންދާ އެކަނިވެރިން މައިން) 2. ހާއްސަ އެހީއަށް ބޭނުންވާ މީހުން ހިމެނޭ އާއިލާތައް (ޖިސްމާނީ ނުވަތަ ނަފްސާނީ ގޮތުން ދިމާވެފައިވާ މައްސަލަތަކާ ގުޅިގެން ކަންކަމުގައި ބައިވެރިވެ އުޅުމާއި، ހަރަކާތްތެރިވެ އުޅުމުގައި ދަތިތަކެއް ދިމާވާ ފަރާތްތައް ހިމެނޭ އާއިލާތައް) 3. ޔަތީމުން ބަލާ އާއިލާތައް (ބައްޕަ ނިޔާވެފައިވާ އުމުރުން 15 އަހަރުން ދަށުގެ ކުދިން ހިމެނޭ އާއިލާތައް) 4. ދަށް އާމްދީ ލިބޭ އާއިލާތައް (ގޭބިސީއެއްގައި ދިރިއުޅޭ މީހުންގެ ޖުމުލަ އާމްދަނީން ބޮލަކަށް ޖެހޭ މިންވަރު 1300ރ އަށްވުރެ މަދު ނުވަތަ ގޭބިސީތަކަށް ލިބޭ ޖުމުލަ އާމްދަނީގެ 80 ޕަސެންޓު ކުއްޔާއި ބޭސްފަރުވާއަށް ހަރަދުކުރާ އާއިލާތައް) މަހަލްދީބް ފައުންޑޭޝަނުން ބުނީ މިއީ މި މަޝްރޫއު ހިންގާތާ ފަސްވަނަ އަހަރު ކަމަށާއި އެ ޖަމިއްޔާގެ ދަފްތަރުގައި މިހާރު ވެސް 250 އާއިލާއެއް ރަޖިސްޓްރީވެފައިވާ ކަމަށެވެ. މި އާއިލާތަކުގެ ހާލަތު ލިޔެކިޔުންތަކުގެ އެހީގައި ކަށަވަރުކޮށްފައިވާ ކަމަށާއިޖެންޑާ މިނިސްޓްރީއާ އެ މައުލޫމާތު ހިއްސާކުރުމުން އެ މިނިސްޓްރީއިން ވެސް އެކަން ބަލައިގެންފައިވާ ކަމަށް އެ ޖަމިއްޔާއިން ބުނެ އެވެ. އެހެން ނަމަވެސް އާ އާއިލާތަކަށް ރަޖިސްޓްރީވުމުގެ ފުރުސަތު މި ދުވަސްވަރު ހުޅުވާލާފައި ނުވެ އެވެ. މި މަޝްރޫއުގެ ތެރެއިން މިހާތަނަށް 340 އަށްވުރެ ގިނަ އާއިލާއަކުން 2000އަށް ވުރެ ގިނަ މީހުންނަށް ތިންލައްކަ ރުފިޔާއަށްވުރެ އަގުހުރި ތަކެތި މަހަލްދީބް ފައުންޑޭޝަނުން ވަނީ ހަދިޔާކޮށްފަ އެވެ. އެޖަމިއްޔާގެ އަމާޒަކީ ކުރިއަށް މި އޮތް ފިތުރު އީދު އައުމުގެ ކުރިން އެ ޖަމިއްޔާގެ ދަފްތަރުގައި ހިމެނޭ އާއިލާތަކަށް އެއްމަސް ދުވަހުގެ ކާބޯތަކެތި ފޯރުކޮށްދިނުމެވެ. އެގޮތުން އެއްމަސް ދުވަހަށް 165 ޕެކްސް ފޯރުކޮށްދެވޭ ވަރަށް ފަންޑު ލިބިފައިވާ ކަމަށާއި މި ޕްރޮޖެކްޓަށް އެހީދިން ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރާ ކަމަށް އެ ޖަމްއިއްޔާ އިން ބުންޏެވެ. އެހީ ދިނުމަށް ކަނޑައަޅާފައިވާ ވަރަށްވުރެ ފައިސާ އިތުރުވެއްޖެ ނަމަ ހުޅުމާލޭގައި ހުންނަ މަމަކް ރެސްޓޯރެންޓާ ގުޅިގެން އެހީ ބޭނުންވާ ފަރާތްތަކަށް ކާބޯތަކެތި ފޯރުކޮށްދޭނެ ކަމަށްވެސް އެ ޖަމްއިއްޔާ އިން ބުންޏެވެ.
އެއްމަހުގެ ކާބޯތަކެތި ފޯރުކޮށްދޭނެ ފަންޑު ލިބިއްޖެ: މަހަލްދީބު ފައުންޑޭޝަން
މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19ގެ ސަބަބުން އަންނަ އަހަރަށް ފަސްކޮށްފައިވާ ޔޫރޯގެ ފައިނަލް ޖާގަތައް ކަށަވަރު ކުރުމަށް ކުޅޭ ޕްލޭއޮފް ގެ މެޗުތައް އެންމެ އަވަހަށް ވެސް ކުޅެވޭނީ މިއަހަރުގެ އޮކްޓޫބަރު، ނޮވެމްބަރު ހިސާބުގައި ކަމަށް ފުޓުބޯޅަ އެސޯސިއޭޝަން އޮފް އަޔަލެންޑް (އެފްއޭއައި) ގެ ސީއީއޯ ގެރީ އޮވެންސް ބުނެފި އެވެ. ކޮރޯނާ ވައިރަސް ފެތުރުން ހުއްޓުވުމަށް އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކު މިއަހަރުގެ ޖޫން މަހު ބާއްވަން ހަމަޖެހިފައި އޮތް ޔޫރޯ ފުޓުބޯޅަ މުބާރާތް އަންނަ އަހަރުގެ ޖޫން މަހަށް ބަދަލު ކުރީ މިއަހަރު އެ މުބާރާތް ބޭއްވޭނެ ޖާގައެއް ނެތުމުންނެވެ. އަދި އެއާ އެކު މާޗު މަހު ކުޅުމަށް ހަމަޖެހިފައި އޮތް ޕްލޭ އޮފްގެ މެޗުތައް ވެސް ވަނީ މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފަ އެވެ. ދުނިޔޭގެ ގިނަ ކަންކޮޅުތަކުގައި، ހާއްސަކޮށް ޔޫރޮޕުގެ ގައުމުތަކުގައި ކޮންޓްރޯލް ވުމެއް ނެތި އަދިވެސް ގިނަ ބަޔަކަށް ވައިރަސް ޖެހެމުންދާއިރު އިންޓަނޭޝަނަލް ފުޓުބޯޅަ އެނބުރި އަންނާނެ ތާރީހެއް ބުނަން ދަރި ކަމަށް ފީފާއިން ވަނީ ބުނެފަ އެވެ. އަދި މިހާރު ކުރިއަށްދާ ފުޓުބޯޅަ ސީޒަންތަކަށް ވެސް ގޮތެއް ނިންމިފައި ނުވާ އިރު އަންނަ ސީޒަނަށް ވެސް ބޮޑު އަސަރެއް ކުރާނެ ކަމަށްމިހާރު ވަނީޫ ބެލެވިފަ އެވެ. އެކަމަކު ގިނަ ބަޔަކު ދުރާލައި އިންތިޒާރު ކުރަމުން އައި ޔޫރޯ ފަސްކުރުމާ ގުޅިގެން ޕްލޭ އޮފް ކާމިޔާބުކޮށް ޖާގައެއް ޔަގީން ކުރުމަށް ބައެއް ގައުމުތަކުން އަދިވެސް ތިބީ ކެތްމަދުވެފަ އެވެ. އެގޮތުން ރިޕަބްލިކް އޮފަ އަޔަލޭންޑާއި، ސްލޮވޭކިއާ އަދި ބޮސްނިއާ-ހާޒެގޮވިނާގެ އިތުރުން ނޯދާން އަޔަލެންޑް ހިމެނެ އެވެ. މި މެޗުތައް ކުޅޭނެ ތާރީހުތަކެއް ޔަގިންކޮށް ޓީމުތަކާ ވާހަކަ ދެއްކުމަށް އިއްޔެގެ ވަގުތެއްގައި ޔޫއެފާއިން ވަނީ ވީޑިއޯ ކޮންފަރެންސެއް ބާއްވާފަ އެވެ. މި ކޮންފަރެންސަށް ފަހު އަޔަލޭންޑްްގެ ފުޓުބޯޅަ އިދާރައިގެ ސީއީއޯ އޮވެންސް ބުނީ ޕްލޭ އޮފްގެ މެޗުތައް އެންމެ އަވަހަށް ވެސް ކުޅެވޭނީ އަންނަ އޮކްޓީޯބަރު، ނޮވެމްބަރު ހިސާބުގައި ކަމަށެވެ. "ޕްލޭ އޮފް ތާރީހުތަކުގެ ކުޑަ އަޕްޑޭޓެއް އަދި ލިބުނީ. ކުރިން ހީކުރެވުނީ ނޮވެމްބަރު ފަހުކޮޅު ކަމަށް ޕްލޭ އޮފް ފެށޭނީ. އެކަމަކު މިހާރުގެ ހާލަތަށް ބަލައި އޮކްޓޫބަރު މަހުގެ ތެރޭގައި ސެމީ ފައިނަލް ކުޅެވޭނެ ކަމަށް ގަބޫލު ކުރެވޭ ކަމަށް ވާހަކަ ދެކެވެމުން ދަނީ،" އޮވެންސް ބުނެފައިވެ އެވެ. އެޮވެން ބުނީ، ޕްލޭ އޮފްގެ ސެމީ ފައިނަލާއި، ފައިނަލް އެއް މަހެއްގެ ތެރޭގައި ކުޅުމަށް ޔޫއެފާއިން ބޭނުން ނުވާ ކަމަށެވެ. އެހެން ކަމުން ފައިނަލް ކުޅުމަށް ވާހަކަ ދެކެވުނީ ނޮވެމްބަރުގައި ކަމަށް އޮވެންސް ބުންޏެވެ. މިހާޜު އޮތް ގޮތުން ނަމަ ޔޫރޯ ބާއްވަން ހަމަޖެހިފައިވާ ތާރީހަކީ އަންނަ އަހަރުގެ ޖޫން 21 އެވެ.
ޔޫރޯގެ ޕްލޭ އޮފް މެޗުތައް އޮކްޓޫބަރާއި ނޮވެމްބަރަށް
މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19ގެ ސަބަބުން އަންނަ އަހަރަށް ފަސްކޮށްފައިވާ ޔޫރޯގެ ފައިނަލް ޖާގަތައް ކަށަވަރު ކުރުމަށް ކުޅޭ ޕްލޭއޮފް ގެ މެޗުތައް އެންމެ އަވަހަށް ވެސް ކުޅެވޭނީ މިއަހަރުގެ އޮކްޓޫބަރު، ނޮވެމްބަރު ހިސާބުގައި ކަމަށް ފުޓުބޯޅަ އެސޯސިއޭޝަން އޮފް އަޔަލެންޑް (އެފްއޭއައި) ގެ ސީއީއޯ ގެރީ އޮވެންސް ބުނެފި އެވެ. ކޮރޯނާ ވައިރަސް ފެތުރުން ހުއްޓުވުމަށް އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކު މިއަހަރުގެ ޖޫން މަހު ބާއްވަން ހަމަޖެހިފައި އޮތް ޔޫރޯ ފުޓުބޯޅަ މުބާރާތް އަންނަ އަހަރުގެ ޖޫން މަހަށް ބަދަލު ކުރީ މިއަހަރު އެ މުބާރާތް ބޭއްވޭނެ ޖާގައެއް ނެތުމުންނެވެ. އަދި އެއާ އެކު މާޗު މަހު ކުޅުމަށް ހަމަޖެހިފައި އޮތް ޕްލޭ އޮފްގެ މެޗުތައް ވެސް ވަނީ މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފަ އެވެ. ދުނިޔޭގެ ގިނަ ކަންކޮޅުތަކުގައި، ހާއްސަކޮށް ޔޫރޮޕުގެ ގައުމުތަކުގައި ކޮންޓްރޯލް ވުމެއް ނެތި އަދިވެސް ގިނަ ބަޔަކަށް ވައިރަސް ޖެހެމުންދާއިރު އިންޓަނޭޝަނަލް ފުޓުބޯޅަ އެނބުރި އަންނާނެ ތާރީހެއް ބުނަން ދަރި ކަމަށް ފީފާއިން ވަނީ ބުނެފަ އެވެ. އަދި މިހާރު ކުރިއަށްދާ ފުޓުބޯޅަ ސީޒަންތަކަށް ވެސް ގޮތެއް ނިންމިފައި ނުވާ އިރު އަންނަ ސީޒަނަށް ވެސް ބޮޑު އަސަރެއް ކުރާނެ ކަމަށްމިހާރު ވަނީޫ ބެލެވިފަ އެވެ. އެކަމަކު ގިނަ ބަޔަކު ދުރާލައި އިންތިޒާރު ކުރަމުން އައި ޔޫރޯ ފަސްކުރުމާ ގުޅިގެން ޕްލޭ އޮފް ކާމިޔާބުކޮށް ޖާގައެއް ޔަގީން ކުރުމަށް ބައެއް ގައުމުތަކުން އަދިވެސް ތިބީ ކެތްމަދުވެފަ އެވެ. އެގޮތުން ރިޕަބްލިކް އޮފަ އަޔަލޭންޑާއި، ސްލޮވޭކިއާ އަދި ބޮސްނިއާ-ހާޒެގޮވިނާގެ އިތުރުން ނޯދާން އަޔަލެންޑް ހިމެނެ އެވެ. މި މެޗުތައް ކުޅޭނެ ތާރީހުތަކެއް ޔަގިންކޮށް ޓީމުތަކާ ވާހަކަ ދެއްކުމަށް އިއްޔެގެ ވަގުތެއްގައި ޔޫއެފާއިން ވަނީ ވީޑިއޯ ކޮންފަރެންސެއް ބާއްވާފަ އެވެ. މި ކޮންފަރެންސަށް ފަހު އަޔަލޭންޑްްގެ ފުޓުބޯޅަ އިދާރައިގެ ސީއީއޯ އޮވެންސް ބުނީ ޕްލޭ އޮފްގެ މެޗުތައް އެންމެ އަވަހަށް ވެސް ކުޅެވޭނީ އަންނަ އޮކްޓީޯބަރު، ނޮވެމްބަރު ހިސާބުގައި ކަމަށެވެ. "ޕްލޭ އޮފް ތާރީހުތަކުގެ ކުޑަ އަޕްޑޭޓެއް އަދި ލިބުނީ. ކުރިން ހީކުރެވުނީ ނޮވެމްބަރު ފަހުކޮޅު ކަމަށް ޕްލޭ އޮފް ފެށޭނީ. އެކަމަކު މިހާރުގެ ހާލަތަށް ބަލައި އޮކްޓޫބަރު މަހުގެ ތެރޭގައި ސެމީ ފައިނަލް ކުޅެވޭނެ ކަމަށް ގަބޫލު ކުރެވޭ ކަމަށް ވާހަކަ ދެކެވެމުން ދަނީ،" އޮވެންސް ބުނެފައިވެ އެވެ. އެޮވެން ބުނީ، ޕްލޭ އޮފްގެ ސެމީ ފައިނަލާއި، ފައިނަލް އެއް މަހެއްގެ ތެރޭގައި ކުޅުމަށް ޔޫއެފާއިން ބޭނުން ނުވާ ކަމަށެވެ. އެހެން ކަމުން ފައިނަލް ކުޅުމަށް ވާހަކަ ދެކެވުނީ ނޮވެމްބަރުގައި ކަމަށް އޮވެންސް ބުންޏެވެ. މިހާޜު އޮތް ގޮތުން ނަމަ ޔޫރޯ ބާއްވަން ހަމަޖެހިފައިވާ ތާރީހަކީ އަންނަ އަހަރުގެ ޖޫން 21 އެވެ.
ޔޫރޯގެ ޕްލޭ އޮފް މެޗުތައް އޮކްޓޫބަރާއި ނޮވެމްބަރަށް
ފުލުހުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ވިލިމާލޭ ޑިޓެންޝަންގައި ހައްޔަރުކޮށްފައި ތިބި ދެ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ. "ސަން" އަށް އެނގިފައިވާގޮތުގައި ޕޮޒިޓިވްވެފައި ވަނީ އެތަނުގައި ބަންދުކޮށްފައި ތިބި ދެ ބިދޭސީއެކެވެ. އެމީހުން ޕޮޒިޓިވްވިކަން އެޗްޕީއޭ އިން މިހާރު ވަނީ ފުލުހުންނަށް އަންގާފައެވެ. އަދި އެ ދެ މީހުންނާ ކޮންޓެކްޓްވި ފުލުހުން މިހާރު ތިބީ ކަރަންޓީނުކޮށްފައިކަން ވެސް އެނގިފައިވެއެވެ. ކޮވިޑް-19 މާލެ ތެރޭގައި ފެތުރެން ފެށުމާއެކު ކުށުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކުރާ މީހުން ފުރަތަމަ ގެންދަނީ ވިލިމަލޭ ޑިޓެންޝަނަށެވެ. ދޫނިދުއަށް ގެންދަނީ އެމީހެއްގެ ގައިގައި ބަލި ނެތްކަން ކަށަވަރު ކުރުމަށްފަހުއެވެ. މިހާތަނަށް ދޫނިދުއިން އެއްވެސް ބަންދު މީހަކު ޕޮޒިޓިވްވެފައެއް ނުވެއެވެ. ފުލުހުންގެ މުއައްސަސާގައި މަސައްކަތް ކުރާ 23 މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާ ކަމަށް މީގެކުރިން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ ވިދާޅުވެފައެވެ.
ވިލިމާލޭ ޑިޓެންޝަންގައި ބަންދުކޮށްފައި ހުރި ދެ މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ
މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑަށް ދުވަހުން ދުވަހަށް ޓެސްޓްކުރެވޭ މިންވަރު 600އާ ހަމައަށް އިތުުރު ކުރާނެ ކަމަށް ސަރުކާރުން ބުނެފި އެވެ. ކޮވިޑްއާ ގުޅޭ ގޮތުން އެންމެ ފަހުގެ މައުލޫމާތު ދިނުމަށް ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑްގެ ތަރުޖަމާނު މަބްރޫކް އަބްދުލް އަޒީޒް ވިދާޅުވީ އެ ޓެސްޓްތަކަކީ މެނުއަލްކޮށް ކުރާ ޓެސްޓްތަކަކަށް ވަތީ އެކަން ކުރެވޭނީ ވަކި ރޭންޖެއްގެ ތެރޭގައި ކަމަށެވެ. އަދި އެކަން ކުރެވޭނީ 600-650 އާ ދޭތެރޭގެ އަދަދަކަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ކޮވިޑްއަށް ޓެސްޓްކުރުން އިތުކުރުމުގެ ގޮތުން މިމަހު 17 ވަނަ ދުވަހު އާ މެޝިނެއް ގެންނަން ނިންމާފައިވާ އިރު އެސްޓީއޯއާ ގުޅިގެން ވެސް އާ މެޝިނެއް ގަތުމަށްް މިހާރު ދަނީ ތައްޔާރުވަމުންނެވެ. މަބްރޫކް ވިދާޅުވޫ އެ މެޝިންތައް ގަތުމުގެ މަސައްކަތް މިދޔަ މަސް ނިމުނު އިރު ފައްޓާފައިވާ ކަމަށެވެ. "މިކަމުގައި އަދި އިތުރަށް މަސައްކަތްތަކެއް އެބަކުރެވޭ. އަދި އަޅުގަނޑު ހިއްސާކޮށްލަން ބޭނުންވޭ މިހާރު އޭގެ އިތުރުން ވެސް އަދި އިތުރު ޓެސްޓް ކުރުމަށް ޓަކައި އަދި މެޝިނެއް ގެނެވޭ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޖީން އެކްސްޕާޓް މެޝިންގެ އިތުރުން އިތުރު މެޝިންތަކެއް ބެހެއްޓުމަށް ޓަކައި ވެސް އަދި ޕްރޮކިޔޯ ކުރެވޭތޯ އެބަދޭ. އެއީ މާގިނަ ލެބް ޓެކްނީޝަނުންނާއި ނުލައި އަޅުގަނޑުމެންގެ ފަސް ރީޖަންގައި ހަމަ ޓެސްޓްތައް ހެދޭނެ އިންތިޒާމްތައް ރޭވޭނެ." މަބްރޫކް ވިދާޅުވި އެެވެ.
ދުވަހުން ދުވަހަށް ޓެސްޓްކުރެވޭ މިންވަރު 600 އަށް އިތުުރުކުރެވޭނެ: މަބްރޫކް
ކޮވިޑް19 ފެތުރުން ކޮންޓްރޯލު ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުޔެއްދޭން އުޅޭ ކަމުގެ އިޝާރާތެއް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ދެއްވައިފި އެވެ. ދައުލަތުގެ މީޑިއާ ޕީއެސްއެމް އަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު އަމީން މިރޭ ވިދާޅުވީ ލޮކްޑައުން އަށް ލުއިދިނުމަށް ސަރުކާރުން ތައްޔާރުވަމުން އަންނަ ކަމަށެވެ. އެގޮތުން ނިއު ނޯމަލްއެއްގައި ކަންކުރާނެ އުސޫލުތައް އެކުލަވާލަމުންދާކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ. އެގޮތުން މިސްކިތްތަކާއި ސްކޫލުތައް އަދި ފިހާރަތަކާއި ކެފޭ ރެސްޓޯރެންޓުތައް ހުޅުވާލުމާ ގުޅޭ އުސޫލުތައް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހެލްތު މިނިސްޓަރު ވިދާޅުވި އެވެ. މާލޭގައި ލޮކްޑައުންގައި ގިނަ ދުވަސްތަކެއް ވަންދެން ތިބެވިއްޖެ ކަމަށާއިި ލޮކްޑައުންއަށް ލުއިދޭ އިރު އެ ދޭ ލުއި ވާން ޖެހޭނީ ފަރުވާގެ ކަންކަން އަތުން ކައްސާލައިގެން ނުދާނެ، ޕޮޒިޓިވްވާ މީހުންގެ އަދަދު ބޮއްސުންލައިގެން ނުދާނެ ގޮތަކަށް ވުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. "އަޅުގަނޑުމެން މިތިބި ހާލަތަށް ލުއި ލިބޭނެ،" ކަމަށް މިނިސްޓަރު އަމީން ވިދާޅުވި އެވެ. ހެލްތު މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ހާލަތު ގޯސްވެގެން ނުދިޔައީ ރައްޔިތުން އިރުޝާދުތަކަށް ތަބާވެ، ދުރާލާ ތައްޔާރުވުމުން ކަމަށެވެ. "ކުރިއަށް އޮތްތަނުގައި ވެސް އަޅުގަނޑުމެންނަށް ރަނގަޅު ހާލަތެއްގައި ތިބެވޭނީ ފަރުދީގޮތުންނާއި މިކަމުގައި އަމަލު ކުރަން ޖެހޭ ގޮތް ދެނެގަނެ އެގޮތްތަކަށް އަމަލު ކޮށްގެން،" މިނިސްޓަރު ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވީ މިހާރު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ރައްޔިތުންނަށް އޮތް ތަކުލީފު ކަމަށާއި ގެއިން ބޭރަށް ނުނިކުމެ، ދިރިއުޅުން ހުއްޓުމަކަށް އައިސްފައި އޮތުމުން ބޮޑު ގޮންޖެހުމެއް ރައްޔިތުންނަށް ކުރިމަތިވެފައިވާ ކަމަށެވެ. އަދިވެސް ރާއްޖޭގައި ބަލި ފެތުރިގެން ހިނގައިދާނެ ކަމަށާއި އެކަމަށް ސަމާލުވާން ޖެހޭ ކަމަށް ވިދާޅުވެ، މިނިސްޓަރު އަމީން ވިދާޅުވީ "ހުޅުވާލެވޭ ވަގުތަކީ ނާޒުކު ވަގުތެއް" ކަމަށެވެ. "ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވާނެ. ކްރިޓިކަލް ފަރުވާދޭންޖެހޭ މީހުންގެ އަދަދު އިތުރުވާނެ. އެހެންވިމާ މިހާލަތަށް ތައްޔާރުވުމަކީ މިވަގުތު ކުރަންޖެހޭނެެ ކަމަކީ،" މިހާރު އޮތް ރނަގަޅު ހާލަތުގެ މާނައަކީ ހުޅުވާލީމާ ބަލި ފެތުރެމުން ނުދާނެކަން ނޫން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވީ މީހުން އަރައިފޭބުމުގެ ކަންތައް ނުހިނގާތާ 30 ދުވަަށް ވުރެ ގިނަ ދުވަސް ވެފައިވާ ރަށްތައް ވެސް އެބަހުރި ކަމަށާއި އެރަށްތަކަށް ލުއި ދިނުމަށް ވާހަކަ ދައްކަމުންދާ ކަމަށެވެ. "ޕޮޒިޓިވްވާ މީހުން އިތުރުވަމުންދާ ދުވަސްވަރަކަށްވީމާ އަޅުގަނޑުމެން މަޑުކުރީ. މިހާރުން މިހާރަށް ދެވޭނެ ލުއިތަކެއް ވެސް އެބަހުރި. އެ ލުއިތައް ދެވެމުންދާނެ އަޅުގަނޑު ހިތުން. މާގިނަ ދުވަސްތަކެއް ނުވެ އެ ލުއިތައް ދޭން ފަށާނެ،" މިނިސްޓަރު ވިދާޅުވީ ލުއި ދިން ނަމަވެސް އަމަލުކުރަންޖެހޭނެ ކަންތައްތަކެއް ހުންނާނެ ކަމަށެވެ. "އެއްރަށުން އަނެއްރަށަށް ދަތުރު ކުރުމާއި މުދާ އެއްތަނުން އަނެއްތަނަށް ގެންދިޔުމާ، މިކަހަލަ ކަންތައް ހުންނާނެ،" މިނިސްޓަރު ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވީ މާލެއަށް ވެސް ބަލި އައީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައިވަނިކޮށް ކަމަށާއި ރަށްރަށަށް އެފަދަކަމެއް ދިވާމެދާނެ ކަމަށް ތައްޔާރުވާން ޖެހޭ ކަމަށެވެ. ރާއްޖެއިން މިހާތަނަށް 1106 މީހުން ކޮވިޑަށް ޕޮޒިޓިވްވެ ހަތަރު މީހަކު ވަނީ ބަލީގައި މަރުވެފަ އެވެ. ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 74 އަށް އަރައިފަ އެވެ.
ފުރަބަންދަށް ލުއިދޭން އުޅޭކަމުގެ ކަމުގެ އިޝާރާތެއް ހެލްތު މިނިސްޓަރު ދެއްވައިފި
ލަންޑަން (އޭޕްރިލް 21): ކޮރޯނާވައިރަހުން ރައްކާތެރިވުމަށް އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީން އުފައްދާ ވެކްސިން އިންސާނުންނަށް ދީގެން ޓެސްޓު ކުރުން މާދަމާ ފެށޭނެ ކަމަށް އެގައުމުން ބުނެފި އެވެ. އިނގިރޭސި ހެލްތް ސެކްރެޓަރީ މެޓް ހެންކޮކް ވިދާޅުވި ގޮތުގައި ކޮރޯނާވައިރަސް ބަލިކޮށްލެވޭނެ އެންމެ ރަނގަޅު ގޮތަކީ ވެކްސިނެއް އުފައްދައިގެންނެވެ. އަދި އެގައުމުގެ ސަރުކާރުން ދަނީ ވެކްސިނެއް އުފެއްދުމަށް ކުރެވެން އޮތް ހުރިހާ ކަމެއް ކުރަމުންނެވެ. ހެންކޮކް ވިދާޅުވި ގޮތުގައި އެގައުމުގައި ކޮރޯނާވައިރަހަށް ވެކްސިނެއް އުފެއްދުމުގައި އެންމެ ކުރީގައި އުޅެނީ ދެ ޔުނިވާސިޓީއެކެވެ. އެއީ އިމްޕީރިއަލް ކޮލެޖް ލަންޑަން އާއި އޮކްސްފޯޑް ޔުނިވާސިޓީ އެވެ. އަދި އެ ވެކްސިންތައް ޓެސްޓު ކުރުމަށް ދެ ޔުނިވާސިޓީއަށް ސަރުކާރުން 52 މިލިއަން ޑޮލަރު ދޭނެ އެވެ. ވެކްސިން އުފެއްދުމަށް މަސައްކަތް ކުރާ އޮކްސްފޯޑްގެ ޓީމުން ވަނީ ވެކްސިން ތައްޔާރު ކުރުމުގައި "ހުރިހާ ކަމެއްވެސް ރަނގަޅަށް ގޮސްފި ނަމަ އަންނަ ސެޕްޓެމްބަރު މަހާ ހަމަޔަށް ވެކްސިން އުފެއްދޭ ވަރު" ވާނެ ކަމަށް ބުނެފަ އެވެ. އިނގިރޭސިވިލާތުން މިހާރު ވަނީ ކޮރޯނާވައިރަހުން ޖެހޭ ކޮވިޑް-19 ބައްޔަށް ފަރުވާ ދިނުމަށް ބޭނުން ކުރެވިދާނެ ބޭސް ޓެސްޓު ކުރުމުގެ އެންމެ ބޮޑު ޓްރައަލްވެސް ފަށާފަ އެވެ. އެ ޓްރައަލްގައި 165 ހޮސްޕިޓަލަކުން 5،000 ބަލި މީހުން ބައިވެރިވާނެ ކަމަށް ރިޕޯޓުތަކުގައިވެ އެވެ. ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ބުނާ ގޮތުގައި އެކި ގައުމުތަކުގައި ކޮރޯނާވައިރަހަށް 70 ވެކްސިނެއް މިހާރު ދަނީ ޓެސްޓު ކުރަމުންނެވެ.
ކޮރޯނާވައިރަސް: އޮކްސްފޯޑްގެ ވެކްސިން އިންސާނުންނަށް ދީގެން ޓެސްޓު ކުރުން މާދަމާ
އިތުރު 25 މީހަކު މިރޭ ކޮވިޑަށް ޕޮޒިޓިވްވެ، ޕޮޒިޓިވްވީ މީހުންގެ ޖުމްލަ އަދަދު 790 އަށް އަރައިފި އެވެ. އިއްޔެ މާލެއިން ޕޮޒިޓިވްވި މީހުންގެ އަދަދަކީ، 39 އެވެ. ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިރޭ ޕޮޒިޓިވްވީ 25 މީހުންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ 20 މީހުންނާއި ފަސް ދިވެހިން ކަމަށެވެ. އެޗްޕީއޭ އިން ބުނީ، މިރޭ ދަންވަރު 2:00 އާ ހަމައަށް 25 ކޭސް ފެނިފައިވާ ކަމަށެވެ. ރާއްޖެއިން ޕޮޒިޓިވްވި މީޙުންގެ އަދަދަު މިހާރު 800 އާ ގާތް ކުރާއިރު، އޭގެ ތެރޭގައި ހިމެނެނީ 548 ބިދޭސީންނާއި 262 އެވެ. މިހާތަނަނަށް ވައިރަހުން ރަނގަޅުވެފައިވާ މީހުންގެ އަދަދަކީ، 29 އެވެ. އެއީ 13 ބިދޭސީންނާއި 16 ދިވެހިންނެވެ. މިހާރުގެ އަންދާޒާތަކުން ރާއްޖެއިން މުޅި ޖުމްލަ 77،305 މީހުންނަށް ބަލި ޖެހި، 13،568 މީހުން އެޑްމިޓްކޮށް، 5805 މީހުންނަށް އައިސީޔޫގައި ފަރުވާ ދޭން ޖެހޭނެ ކަމަށް ލަފާ ކުރެވެއެވެ. އަދި ކުރިން އަންދާޒާ ކުރި ވަރަށް ވުރެ، މަރުވާ މީހުންގެ އަދަދު 50 ޕަސަންޓް ދަށްވާނެ ކަމަށް ލަފާ ކުރެވެއެވެ.
އިތުރު 25 މީހަކު ކޮވިޑަށް ޕޮޒިޓިވްވެ، ޖުމްލަ 790 އަށް
ކޮވިޑް ފެތުރިފައިވޭތޯ ބެލުމަށް މާލޭ ޖަލާއި ކ. ހިންމަފުށީ އައްސޭރި ޖަލުން ނެގި ހުރިހާ ރެންޑަމް ސާމްޕަލްތައް ނެގަޓިވް ވެއްޖެއެވެ. މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނީ ކޮވިޑްގެ އެ ދެ ޖަލުގައި އަސަރުކޮށްފައިވާ މިންވަރު ދެނެގަތުމައްޓަކައި ހޮނިހިރު ދުވަހު ރެންޑަމްކޮށް ނެގި ސާޕަލްތައް ނެގަޓިވްވެފައިވާ ކަމަށް އެޗްޕީއޭ އިން އަންގާފައިވާ ކަމަށެވެ. ކަރެކްޝަންސް އިން ބުނީ އައްސޭރި ޖަލުން 25 ގައިދީންނާއި އޮފިސަރުންނާއި މުވައްޒަފުންގެ ތެރެއިން 12 މީހެއްގެ ސާމްޕަލް ނަގާފައިވާ ކަމަށެވެ. އަދި މާލޭ ޖަލުގެ ގައިދީންނާއި ބަންދުމީހުންގެ ތެރެއިން 15 މީހެއްގެ ސާމްޕަލާއި އޮފިސަރުންގެ ތެރެއިން 20 މީހެއްގެ ސާމްޕަލް ނަގާފައިވާ ކަމަށް ވެސް ކަރެކްޝަންސް އިން ބުންޏެވެ. އެ ދެ ޖަލުން ޖުމްލަ 72 ސާމްޕަލް ނެގުމުގައި ބަލައިފައިވާނީ ވަކި ޔުނިޓް ތަކުގެ ތެރެއިން ހޮވާލެވޭ ގައިދީންނާއި ތަފާތު އެކި ދާއިރާތަކުގައި މަސައްކަތްކުރާ އޮފިސަރުން ކަމަށް ކަރެކްޝަންސް އިން ބުންޏެވެ.
މާލޭ ޖަލާއި އައްސޭރި ޖަލުން ނެގި ސާމްޕަލްތައް ނެގެޓިވް
ބީއެމްއެލްގެ އޭޓީއެމްތައް މެދުވެރިކޮށް އެކައުންޓުތަކަށް ފައިސާ ޖަމާކުރެވޭ މިންވަރު އިތުރުކޮށްފިއެވެ. ބޭންކުން ބުނީ ކޮވިޑް19 ގެ ސަބަބުން އިއުލާނުކޮށްފައިވާ ލޮކްޑައުން އާއި ގުޅިގެން އާންމުންނާއި ވިޔަފާރިތަކަށް ނަގުދު ފައިސާ ޖަމާކުރުމުގައި ދަތިތައް ދިމާވެފައިވާ ކަމަށެވެ. މިކަމަށް ހައްލެއް ގެނައުމުގެ ގޮތުން އޭޓީއެމް މެދުވެރިކޮށް ފައިސާ ޖަމާކުރެވޭ އަދަދު އިތުރުކޮށްފައިވާ ކަމަށާއި މި ބަދަލާއެކު ވިޔަފާރި އެކައުންޓަކަށް ދުވާލަކު 500،000 ރުފިޔާ އަދި އާންމު ފަރުދުންގެ އެކައުންޓަކަށް ދުވާލަކު 100،000 ރުފިޔާ ޖަމާކުރެވޭނެ ކަމަށް ބޭންކުން ބުންޏެވެ. ބޭންކުގެ ކަސްޓަމަރުންނާއި މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަކީ ބޭންކުން އެންމެ އިސްކަންދޭކަންތައް ކަމަށާއި ލޮކްޑައުން މުއްދަތުގައި ބޭންކުގެ ބްރާންޗްތަކާއި ސާވިސް ސެންޓަރުތައް ބަންދު ނަމަވެސް ކަމާ ބެހޭ އިދާރާތަކުން ހުއްދަ ދޫކޮށްފައިވާ ފަރާތްތަކަށް ނަގުދު ފައިސާ ނެގުމާއި ޖަމާކުރުމަށް އޭޓީއެމްގެ ހިދުމަތް ލިބޭނެކަމަށް ބޭންކުން ބުންޏެވެ. ބީއެމްއެލް އިން ވަނީ ކޮވިޑް-19 ގެ ސަބަބުން ރާއްޖެ އިން ބޭރުގައި ދަތިތަކާ ދިމާވެފައިވާ ދިވެހިންނަށް ފައިސާގެ މުއާމަލާތްކުރުމުގައި ލުއިތަކެއް ހޯދައި ދިނުމުގެ ގޮތުން އޭޓީއެމުން ފައިސާ ނެގޭ އަދަދު އިތުރުކޮށް، ދިވެހި އެކައުންޓް މެދުވެރިކޮށް ފައިސާ ފޮނުވޭ ގޮތްވެސް ހަމަޖައްސައިފަައެވެ.
އޭޓީއެމް މެދުވެރިކޮށް ފައިސާ ޖަމާކުރެވޭ މިންވަރު ބީއެމްއެލް އިން އިތުރުކޮށްފި
"އާނ... އަހަރެމެން މި އައީ ހުށައެޅުމެއް ހިފައިގެން... ސާރާއާއި ޒައިދު ވެސް މިހާރު އެ ތިބީ ފުރާ ފުރިހަމަ ވެފަ... އަހަރެމެން ވެސް ޒައިދަށް ބޭނުންވަނީ ސާރާ ފަދަ ކުއްޖަކު... އެހެންވެ މިއައީ... އަހަރެން ބޭނުންވަނީ ސާރާއާއި ޒައިދު ކައިވެނީގެ ގުޅުމުން ގުޅެން" ވާސިމުގެ ވާހަކައާއެކު ސާރާއަށް ލިބުނު ސިހުމުގައި ތެދުވެވުނެވެ. އެއާއެކު އެތަނުގައި ތިބި އެންމެންގެ ނަޒަރު އޭނާއަށް ހުއްޓުނެވެ. ސާރާގެ މޫނުމަތިން ފެނުނީ ހައިރާންކަމެވެ. ހަމަޖެހެން މަސައްކަތް ކުރި ނަމަވެސް އެކަމެއް ނުކުރެވުނެވެ. ނިތުން ކޮންމެވެސް ވަރަކަށް ދާހިތްލާލައިފިއެވެ. "ސާރާ ހާދަ ހާސްވީ؟ މި އުޅެނީ މިހާރުން މިހާރަށް ކައިވެނި ކުރާކަށް ނޫނެއްނު... ހެހެ" ފަޒީލާ ބުނެލިއެވެ. ސާރާ ބަލައިލީ ސަލްމާއަށެވެ. ސަލްމާ ބޯ ޖަހައިލީ އިށީންނާށޭ ބުނާ ފަދަ ގޮތަކަށެވެ. މަންމަގެ މޫނަށް ބަލައިލާފައި އިސްޖަހާލަމުން ސާރާ އިށީނެވެ. "ކުއްލިއަކަށް ތި ފަދަ ވާހަކައެއް ބުނީމަ ސިހޭނެއެއްނު" ތަނުގައިވި ނުތަނަވަސްކަން ދުރުކުރެވޭތޯ ސަލްމާ ވާހަކަ ދެއްކިއެވެ. "ޒައިދު ވެސް މިކޮޅުގަ ހުންނަ އިރު ، ދެ ކުދިން އެކަކު އަނެކަކު ދަސްކުރަން ވެސް ފަސޭހަ ވާނެއެއްނު. ކައިވެންޏަށް ދެ ކުދިން ތައްޔާރުވާން ވަގުތު ކޮޅެއް ވެސް ލިބޭނެއެއްނު" ފަޒީލާ އޭނާގެ ޚިޔާލު ފާޅުކުރިއެވެ. ވާސިމު ވެސް ބޯ ޖަހައިލިއެވެ. ފާރޫޤަށް ބަލައިލެވުނީ ސާރާގެ މޫނަށެވެ. އެ ދަރިފުޅުގެ މޫނުމަތިން އުފާވެރިކަމެއް ނުފެނެއެވެ. އެހެން ނަމަވެސް އެ ވަގުތު އެ ވާހަކަ ދައްކާކަށް ފާރޫޤު ބޭނުމެއް ނުވިއެވެ. އެ ހުށައެޅުމާ މެދު އޭނާ ވެސް ނުހަނު އުފާވެއެވެ. ވާސިމު އަކީ ޒަމާންވީ ގާތް ރަޙުމަތްތެރިއެކެވެ. ދެ އާއިލާ ގުޅިއްޖެ ނަމަ އެއީ އޭނާއަށް ވެސް ލިބޭނެ ވަރަށް ބޮޑު އުފަލެކެވެ. އަނެއްކޮޅުން ޒައިދަކީ ކިޔަވައިގެން ހުރި ރަނގަޅު ކުއްޖެކެވެ. މި ޒަމާނުގައި އެފަދަ ކުއްޖަކު ހޯދުމަކީ ވެސް، ފަސޭހަކަމެއް ނޫނެވެ. ހުރި ހަމަ އެކަނި އަންހެން ދަރިފުޅު ގޮތް ނޭނގޭ މީހަކާ ހަވާލުކުރުމަށް ވުރެ, ޒައިދު ކަހަލަ ކުއްޖަކާ ހަވާލުކުރުން އެތައް ހާސްތަނެއް ރަނގަޅުވާނެއެވެ. ވާސިމާ ފަޒީލާއަކީ ވެސް، އެހާ ހެޔޮ ދެމަފިރިންނެވެ. އެކަކަށް ނޭނގުނު ކަމުގައި ވިޔަސް ސާރާއަށް ބަލަހައްޓައިގެން އިން ޒައިދަށް, ސާރާގެ މޫނުމަތީގައިވި ނުތަނަވަސްކަމުގެ މާނަ އެނގޭ ކަހަލައެވެ. އޭނާ އިނީ ކަޅި ޖަހާނުލާ ސާރާއަށް ބަލަހައްޓައިގެންނެވެ. "ހާދަ ވަރެއް ވެފައޭ އެއިނީ." ޒައިދުގެ ހިތަށް އެރިއެވެ. އޭނާގެ ޚިޔާލުގެ ލޯގަނޑަށް ސިފަވަނީ ލިއަމާއި ސާރާއެވެ. އަތް މުށްކަވާލެވުނީ ވެސް އެ ހަނދާން އާވެފައެވެ. ސާރާ ހާސިލު ކުރުމުގެ އަޒުމު އޭނާގެ ހިތުގައި ގަދަވެގަތެވެ. "ސާރާގެ ޚިޔާލެއް ވެސް ހޯދައިލަން ވާނެއެއްނު" ވާސިމު ބުނެލިއެވެ. ފަޒީލާ ސާރާގެ ބުރަކަށީގައި ފިރުމައިލިއެވެ. "އަޅުގަނޑު އަދި.... އަޅުގަނޑު އަދި ވިސްނައިލަން ބޭނުން" އެވަގުތު, ދެކޮޅު ހަދަން ނުކެރުމާއެކު، ސާރާއަށް ބުނެވުނީ ވެސް އަޅައަޅައި ގަންނަމުންވެ. "މައްސަލައެއް ނޫނޭ... އަންހެން ކުއްޖަކު ނަގަން ޖެހޭނެ އެންމެ ބޮޑު އެއް ފިޔަވަޅު މީ. ވިސްނަން ވަގުތު ބޭނުންވާނެއެއްނު" ޒައިދަށް ބަލައިލަމުން ފަޒީލާ ވާހަކަދެއްކިއެވެ. ސަލްމާމެން އެ ގުޅުމާ ގަބޫލު ވެއްޖެނަމަ ސާރާއަށް ދެކޮޅު ހަދަން ނުކެރޭނެ ކަމުގެ ޔަޤީންކަން ފަޒީލާއަށް އޮތްފަދައެވެ. "ސާރާގެ ޖަވާބަކަށް އަޅުގަނޑު އިންތިޒާރު ކުރާނަން، " ހިނިތުންވަމުން ޒައިދު ބުނެލިއެވެ. ހިނދުކޮޅަކަށް އޭނާއާއި ސާރާގެ ނަޒަރު ދިމާވިއެވެ. ސާރާ ވަގުތުން ދުރު ބަލައިލިއިރު، ޒައިދުގެ ތުންފަތް މައްޗަށް ވެރިވީ ހިނިތުންވުމެކެވެ. ކައިގެން ފަޒީލާމެން ދިޔައިރު ރޭގަނޑު އެގާރަ ޖަހާ ބޮޑުވެއްޖެއެވެ. ސަލްމާއާއި ފާރޫޤާ ދެމީހުން ސޯފާގައި އިށީނެވެ. ސާރާ ވެސް އައިސް އިށީނެވެ. "ދަރިފުޅުގެ ޖަވާބެއް ބައްޕަމެން ބޭނުން. ޒައިދަކީ ވަރަށް ރަނގަޅު ކުއްޖެއް. ކިޔަވައިގެން ހުރި ތަޢުލީމީ ކުއްޖެއް، އަނެއްކޮޅުން އެއީ ވަރަށް ރަނގަޅު އާއިލާއެއް. ދަރިފުޅުގެ އުމުރުން ވެސް ފަންސަވީސް އަހަރުވީ. ދެން މިހާރު މީހަކާ އިންނަވަރު ވެއްޖެޔޭ،" ފާރޫޤު ބުނެލިއެވެ. "ކުރީ ފަހަރު ވެސް ސާރާއަށް ކަމުނުދިޔައިމަ މަންމަމެން އަޅާނުލީ. އެކަމަކު މި ފަހަރު މިއައި ކިހާ ރަނގަޅު ހުށައެޅުމެއްތަ؟" ސަލްމާ ވެސް އޭނާގެ ޚިޔާލު ފާޅުކުރިއެވެ. މަންމަމެންގެ ބަސްތަކުގެ ސަބަބުން އެ ހުށައެޅުމާ ދެކޮޅު ހަދަން ސާރާ ފަސްޖެހުނެވެ. އިރުކޮޅެއްގެ ހަމަހިމޭންކަމަށްފަހު، އޭނަ އަނެއްކާ ވެސް، ބުނީ ކުޑަ ވަގުތު ކޮޅެއް ދިނުމަށެވެ. އެއަށްފަހު އެރީ މައްޗަށެވެ. ޓެރެސްއަށް ނުކުމެލީ އުދާސްކަން ދުރުވޭތޯއެވެ. އެހެން ނަމަވެސް އެތަނުން ވެސް ، ހަނދާން ކޮށްދިނީ ލިއަމްއެވެ. އެއާއެކު އޭނާގެ ނުތަނަވަސްކަން އިތުރު ވާ ގޮތް ވިއެވެ. ލިއަމްއާ ގަޔާވެވުނު ނަމަވެސް ސިކުނޑި ގޮވަނީ އެއީ ގޯސްކަމެއް ކަމަށެވެ. ލިއަމްއަކީ މުސްލިމެއް ނޫން ވީމައެވެ. ސިކުނޑީގައި އުފެދުނީ ވަރުގަދަ ހައިޖާނުގަނޑެކެވެ. އެތައް އިރަކު ސާރާ އެތަނުގައި ހުއްޓެވެ. ހަދަންވީ ގޮތެއް ނޭނގިފައެވެ، ވިސްނުން ގުޅެނީ ލިއަމާއެވެ. ގޮތެއް ނިންމަން އެހާ އުނދަގޫ ވެގެން އެ އުޅެނީ ލިއަމް އެ ދޭތެރެއަށް ވަންނާތީއެވެ. އަނެއްކޮޅުން ޒައިދަކީ އެހާ ރަނގަޅު ކުއްޖެއްހެން އޭނާއަށް ހީނުވަނީއެވެ. އޭނާ އަކީ އަންހެން ކުއްޖަކަށް ވިޔެއް ކަމަކު، ގަދަކަމުން ކައިވެނި ކުރުމެއް އިސްލާމް ދީނުގައި ނޯވެއެވެ. އެތައް ގޮތަކަށް ސާރާ ވިސްނިއެވެ. ***** ޚިޔާލުތަކާއި ވިސްނުން ތަކުގައި ގެނބެމުންދިޔަ ލިއަމްގެ އަތުގައި އޮތީ، ސާރާ އޭނާއަށް ދިން ގަނޑުކޮޅެކެވެ. ވިސްނުން ގުޅިފައިވަނީ ކޮން ކަމަކާ ކަމެއް ނޭނގެއެވެ. ބައެއް ފަހަރު ލޮލުގެ ހިމަކޮޅުން ވިދުމެއްގެ އަސަރު ފެންނަހެން ހީވެއެވެ. ތެދުވަމުން އޭނާ ފުންނޭވާއެއް ދޫކޮށްލިއެވެ. ގަނޑުކޮޅު މޭޒުމަތީގައި ބާއްވާލަމުން އޭނާ ލެޕްޓޮޕް ހިފައިގެން ބޭރަށް ނުކުމެލިއެވެ. ޚިޔާލުތަކާ ދުރުވާން އެންމެ ފަސޭހަ ވާނީ ކޮންމެވެސް އެހެން ކަމެއްގެ ތެރެއަށް ސިކުނޑި ހުޅުވައިލުމުންނެވެ. އެހެންވެގެން އޭނާ ލިޔަމުން ގެންދާ ޑޮކިއުމެންޓް ހުޅުވައިލިއެވެ. ޖެހިގެން ހުރި ގޭ ޓެރެސްއަށް ނަޒަރު ހުއްޓުމާއެކު، ލިއަމްގެ ހަނދާންތަކާ ސާރާ ގުޅުނެވެ. އެ ޚިޔާލުތަކާ ދުރަށް ދާން އޭނާ މަސައްކަތް ކުރަމުން ލެޕްޓޮޕަށް ނަޒަރު ހުއްޓައިލިއެވެ. ގަޑިން ތިނެއް ޖަހަންދެން ލިއަމް ބޭރުގައި އިނެވެ. ހިންދެމިލަމުން އާ ފުރިލިއެވެ. އެރިކް އޮންލައިންގައި އިނދެފައި ގުޅައިލީ އެވަގުތެވެ. ފޯނު ނަގާ ކަންފަތުގައި ޖައްސައިލަމުން ލިއަމް ވާހަކަ ދައްކަން ފެށިއެވެ. އިރުކޮޅަކު ވާހަކަ ދައްކައިލުމަށްފަހު، ފޯނު ބޭއްވުމަށްފަހު ލިއަމް ފޯނުން ޤުރުއާން އަޑު އަހަން ފެށިއެވެ. ހިތަށް ފިނިކަން ލިބޭ ކަމެއް ކަމުގައި އެކަން ވީތީއެވެ. މިހާރަކަށް އައިސް އެކީ އެކީހެން މިއުޒިކާ ދުރުވެވިއްޖެއެވެ. ހިތް ނުތަނަވަސްވާ ކޮންމެ ފަހަރަކު އަޑު އަހާލެވެނީ ޤުރުއާނެވެ. މާނަ ނޭނގުނެއް ކަމަކު އާދަޔާ ޚިލާފް ހިންހަމަ ޖެހުމެއް ރޫޙަށް ލިބެއެވެ. ***** ޖެހިގެން އައި ދުވަހު ސާރާގެ ޖަވާބަކާ ބެހޭގޮތުން ފާރޫޤު ސުވާލުކުރިއެވެ. އޭނާއަށް ހަފްތާ އެއް ނޫނީ ދެ ހަފްތާގެ މުއްދަތެއް ދިނުމަށް ސާރާ އެދުނެވެ. "ބައްޕަ އުންމީދު ކުރަން ސާރާ ނިންމާނީ ބައްޕަމެން ހިންހަމަޖެހޭ ފަދަ ނިންމުމެއް ކަމަށް" ފާރޫޤު ހުރީ ހިސާބަކަށް ހިންހަމަ ނުޖެހިފައި ހެން ހީވި ސާރާ ދެރަވިއެވެ. އޭނާ އިސްޖަހައިލިއެވެ. ސަލްމާ އެއްވެސް އެއްޗެއް ނުބުނެ ހުއްޓެވެ. އެގޮތުގައި ހަތަރު ދުވަސް ފާއިތުވެއްޖެއެވެ. ލިއަމްއާ ސާރާ އާ ދެމެދު ގަނޑުކޮޅު ބަދަލުކުރެވެއެވެ. ލިއަމްގެ ހިތުގައި އުފެދޭ ސުވާލުތަކުގެ ޖަވާބު ސާރާ ދެއެވެ. ޤުރުއާނުން ހެކި ދައްކައެވެ. އިސްލާމްދީނާ މެދު ލިއަމްގެ ހިތުގައި އޮތް ނަފްރަތުގެ މައްޗަށް ލޯބި ކުރިފަޅާ ހެދެން ފެށިއެވެ. އެ ދީނުގެ ކޮންމެ ކަމަކާ މެދު ލޯބި އުފެދެން ފެށިއެވެ. އުފެދުނު ޝައުގުވެރިކަމާއެކު، އޭނާ ދެ ދުވަހަކު މިސްކިތަށް ވެސް ދިޔައެވެ. އެއިން ކޮންމެ ފަހަރަކު ހިތަށް ލިބޭ ފިނިކަމެއްގެ ސަބަބުން ލިއަމް ހައިރާންވެއެވެ. ***** ރޭގަނޑެކެވެ. ނިދުމުގެ ކުރިން ސާރާ އިސްތިޚާރާ ނަމާދުކުރިއެވެ. ގޮތެއް ނިންމަން އުނދަގޫ ވެއްޖެނަމަ އޭނާ އަބަދުވެސް، އިސްތިޚާރާ ނަމާދުކުރެއެވެ. އިސްތިޚާރާ ނަމާދުކުރުމުގެ މަތީގައި ދެމި ހުންނަ ނަމަ ކުރެވެން އުޅެނީ ރަނގަޅު ކަމެއްނަމަ މާތް ﷲ އެކަމެއް ފަހި ކުރައްވައެވެ. ނަމާދުކޮށް ނިމިގެން އޭނާ ދުޢާ ކުރިއެވެ. ދަތި އުނދަގޫ މަގަކަށް ވިޔަސް، އޭނާއަށް އެންމެ ރަނގަޅު ގޮތެއް މިންވަރު ކޮށްދެއްވުމަށް އެދެވުނެވެ. ހިތަށް ލިބުނު ހިންހަމަޖެހުމާއެކު ސާރާއަށް އަރާމުކޮށް އެރޭ ނިދާލެވުނެވެ. ****** ލިއަމް އެކި އެކި އާޓިކަލް ކިޔަމުން ދަނިކޮށް ކީރިތި ޤުރުއާނާ ބެހޭގޮތުން މަޝްހޫރު ދީނީ އިލްމުވެރިއަކު ލިޔެފައި އޮތް ލިޔުންކޮޅެއް އޭނާގެ ލޮލުގައި އަޅައިގަތެވެ. ޝައުގުވެރިކަމާއެކު، ކިޔަމުން ދަނިކޮށް އޭނާގެ ލޮލުގައި އަޅައިގަތީ ކީރިތި ޤުރުއާނުގެ ދެ އާޔަތާއި އޭގެ މާނައެވެ. ފުރަތަމަ އޮތީ އަލް އިސްރާ ސޫރަތުގެ 88 ވަނަ އާޔަތާއި މާނައެވެ. "ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، މި قرآن އާ އެއްފަދަ އެއްޗެއް ގެނައުމަށް އިންސީންނާއި، ޖިންނީން އެއްވިނަމަވެސް، އެއާ އެއްފަދަ އެއްޗެއް އެއުރެންނަކަށް ނުގެނެވޭނެތެވެ. އެއުރެންގެ އެއްބަޔަކު އަނެއްބަޔަކަށް ވާގިވެރިން ކަމުގައި ވީނަމަވެސްމެއެވެ." އެއަށްފަހު ބަޤަރާ ސޫރަތުގެ 23 ވަނަ އާޔަތާއި އޭގެ މާނައެވެ "ތިމަންރަސްކަލާނގެ އަޅާއަށް (އެބަހީ: محمد ގެފާނަށް) ތިމަންރަސްކަލާނގެ ބާވައިލެއްވި އެއްޗަކާމެދު (އެބަހީ: قرآن އާމެދު) ތިޔަބައިމީހުން شك ކަމެއްގައި ވަނީނަމަ، ފަހެ ތިޔަބައިމީހުން އޭގައިވާފަދަ سورة އެއް ނިކަން ގެނެސްބަލާށެވެ! އަދި ތިޔަބައިމީހުން ތެދުވެރިން ކަމުގައި ވަނީނަމަ، اللَّه ފިޔަވައި ތިޔަބައިމީހުންނަށް نصر ދޭނޭ އެހީތެރިން (ތިބިނަމަ، އެއުރެން) ނަށް ނިކަން ގޮވައި، ގެނެސްބަލާށެވެ!" ލިއަމް ޝައުގުވެރިވިއެވެ. ކުއްލިއަކަށް, ހިތުގައި އޮތް ޝައްކެއް ވިއްޔާ ފިލައި ހިނގައްޖެއެވެ. ހިތުގެ އަޑިން ހުރިހާ ކަމެއް ޤަބޫލުކުރެވުނު ފަދައެވެ. ލިއަމަށް މެއާ ދިމާލުގައި އަތް ޖައްސައިލެވުނެވެ. އޭނާ އިސްލާމް ވާންވީހެއްޔެވެ؟ ޤަބޫލުކުރެވޭ ވަރަށް ހެކި ލިބިއްޖެއެވެ. އެކަމަކު އަދިވެސް، ފަސްޖެހެވެނީއެވެ. ގާތް ރައްޓެހިންނާއި އާއިލާ މީހުން ކިޔާނެ އެއްޗަކާ މެދު ވިސްނެނީއެވެ. އެމީހުންގެ ކުރިމަތީގައި އޭނާއަކީ މޮޔައެއްކަމަށް ވެދާނެއެވެ.އިސްލާމް ދީނުގައި އަންގަވާފައިވާ ގޮތަށް އުޅެވޭނެކަމުގެ ޔަޤީންކަމެއް އޭނާގެ ނުވެސް ނެތެވެ. ދެން އަނެއްކާވެސް ވިސްނުން ގުޅުނީ ސާރާއާއެވެ. ސާރާއަކީ އޭނާގެ ހިތުގެ ލޯތްބެވެ. އޭނާގެ މީހަކަށް ސާރާ ހަދަން ވަރަށް ބޭނުންވެއެވެ. އެކަމަކު އެކަން ވާން އޮތީ އޭނާ އިސްލާމްވުމަށް ފަހުއެވެ. ހަދާނީ ކިހިނެއްހެއްޔެވެ؟ ހިތް ދެކޮޅަށް ކިރެމުން ދިޔައެވެ. ނިންމަން ވީ ގޮތެއް ނޭނގޭ ޙާލުގައެވެ. ވިއްސާރަ ދުވަހެކެވެ. ސާރާ އިނީ ލިޔާ މޭޒުކައިރީގައެވެ. އަދިވެސް ދޭނެ ޖަވާބެއް ސާރާއަކަށް ނޭނގެއެވެ. މަންމަމެންގެ އުންމީދުތަކުގައި ކޮޅުފައިން ޖަހާކަށް ސާރާއަކަށް ނުކެރުނެވެ. އެހެންނަމަވެސް... ވާގޮތެއް ބުނެދޭކަށް އޭނާއަކަށް ނޭނގެއެވެ. މިއަދު ކޮލެޖުން އައި މަގުމަތީގައި ޒައިދާ ދިމާވެ އޭނާ ސާރާ ގާތުން ކުރީ ދުވަހު އުޅެވުނު ގޮތުން މާފަށް އެދުނެވެ. ޒައިދުގެ މޫނުމަތިން ފެނުނީ އުންމީދެވެ. ކުރެވުނު ކަންތަކުން ދެރަވެފައި ހުރި ހެންހީވިއެވެ. އޭނާ ބޭނުންވަނީ ސާރާ ފަދަ ދީންވެރި ކުއްޖަކު އޭނާގެ ޙަޔާތަށް ގެންނަން ކަމަށް ބުންޏެވެ. ޒައިދުގެ ވާހަކަތަށް ހުރި ގޮތުން ސާރާގެ ހިތާ ސިކުނޑީގައި އުފެދިފައިވާ ހައިޖާނުގަނޑު އިތުރު ވިހެން ހީވިއެވެ. އޭނާ ދެފަރާތަށް ބޯ ހޫރާލިއެވެ. އެ ވިސްނުން ތަކުން ދުރުވޭތޯއެވެ. ކުޑަ ދޮރު ލައްޕާލަމުން އައިސް އެނދުގައި އޮށޯތެވެ. މިއަދު ވެސް ބައްޕަ އޭނާގެ ޖަވާބަކާ ބެހޭގޮތުން ސުވާލުކުރިއެވެ. ***** ހަވީރުގެ ވަގުތެކެވެ. ލިއަމް ސައިކަލުގައި ގޮސް ޕާކެއް ކައިރިއަށް މަޑުކޮށްލިއެވެ. ޕާކުގު އެއްފަރާތުގައި އޮތް ވިނަގަނޑުމަތީގައި ހުއްޓިލިއެވެ ދުރުދުރަށް ފެތުރިފައި އޮތް ފަރުބަދަތަކާ ވާދީތަކުގެ ސަބަބުން މާހައުލު ވަރަށް ހިތްގައިމެވެ. ޖެހެނީ ފިނި ވައިރޯޅިތަކެވެ. ގަހުގެ ފަތްތައް ވެރި މުޅިތަނަށް ފަތްތައް ފެތުރިފައި ވާއިރު ހިތްގައިމެވެ. ކޮންމެ ދިމާލަކުން ވެސް ފެންނަނީ ފިނި މޫސުމަށް މަރުޙަބާ ކިޔަމުން ދާ މަންޒަރުތަކެވެ. ފަޒާގައި ވަނީ ތެތްފިނިކަމެކެވެ. ޖެކެޓެއް ލާފައި ހުއްޓަސް ލިއަމަށް ވެސް ކުޑަކޮށް ފިނީގެ އަސަރު ކުރިއެވެ. ނުކުންނަން ވެގެން ހިނގައިގަތް ލިއަމް އެތަނުގެ ދެ ތިން ފޮޓޯއެއް ނެގިއެވެ. ޕާކުން ނުކުތްތަނާ އޭނާގެ ލޮލުގައި އެއްފަރާތުގައި މަޑުކޮށްލައިގެން ހުރި ޒައިދު އަޅައިގަތެވެ. ޒައިދު ކައިރިން ލާފައި ލިއަމް ކުރިއަށް ހިނގައިގަތެވެ. "އަހަރެން މިއުޅެނީ ސާރާއާ އިންނަން، " ޒައިދުގެ އަޑާއެކު ލިއަމަށް ހުއްޓެވުނެވެ. އޭނާއަށް ވަގުތުން ޒައިދަށް ބަލައިލެވުނެވެ. އޭރު ޒައިދުގެ މޫނުމަތީގައި ވަނީ މަލާމާތުގެ ހިނިތުންވުމެކެވެ. "ކަލެއާ ސާރާއާ ކުޅޭ ލޯބީގެ ކުޅިގަނޑު އަހަންނަށް އެނގެޔޭ" ޒައިދު އިތުރު ކޮށްލިއެވެ. އެވަރުންވެސް އެއްޗެއް ނުބުނެ ވޭތޯ ލިއަމް ބެލިއެވެ. ދެއަތް މުށްކަވާލަމުން ޖެކެޓުގެ ތެރެއަށް ކޮށްޕައިލިއެވެ. ހަމަޖެހެން ބޭނުންވި ނަމަވެސް ހިތުގައި ހިނގައިގަތް ޖަޒުބާތުތައް ބޮއްސުން ލާން ފެށުމުން ނިތަށް ރޫތައް ގިނަ ކޮށްލެވި ދެބުމަ ގޮށް ޖަހާލެވުނެވެ. "ސާރާ ވާނީ މަގޭ މީހަކަށް" ލިއަމްގެ ކުރިމައްޗަށް އަރާ ޒައިދު ބުނެލިއެވެ. އެ އަޑުގައިވަނީ ޔަޤީން ކަމެވެ. "ކިހިނެއްވީ؟ ހާދަ ހާސްވީ! ކަލެއަށް އެނގޭތަ؟ ސާރާއަކަށް ދުވަހަކު ވެސް ކަލެއަކާ ކައިވެންޏެއް ނުކުރެވޭނެ... އެއީ ކަލެއަކީ މުސްލިމަކަށް ނުވާތީ. ހަހަ... އެ އާއިލާ ވެސް އަހަރެމެން ދެމީހުންގެ ގުޅުމަށް ޤަބޫލު. ސާރާއަކަށް ނުކެރޭނެ އޭނަ އާއިލާ މީހުންނާ ދެކޮޅަށް ކައިވެންޏާ ދެކޮޅު ހަދާކަށް" ޒައިދު އިތުރު ކޮށްލިއެވެ. ލިއަމްއަށް ލިބުނީ ސިހުމެކެވެ. އެ ގުޅުން އޮތީ އެހާ ހިސާބުގައި ހެއްޔެވެ؟ ޒައިދު އެހާ ގިނައިން އެގެއަށް އަންނަ ސަބަބަކީ އެއީ ހެއްޔެވެ؟ ލިއަމްގެ ކަތުރު ކަށިގަނޑަށް ވާންވީ ދަތްކުނޑި ވިކައިލުމާއެކުގައެވެ. އިވުނު ޚަބަރު އެއީ، ދޮގަކަށް ވާން އެދެވުނު ނަމަވެސް ޒައިދުގެ މޫނުމަތިން ފެނުނު ކުލަވަރުތަކުން އޭނާގެ ހިތް މަޑުޖެހިލިއެވެ. އުދާސްކަން ހަށިގަނޑުގައި ދައުރުކޮށްގަތެވެ. އެ ފިނީގައި ވެސް ކުޑަކޮށް ދާ ހިތްލާ ގޮތް ވިއެވެ. ލިއަމަށް ވަމުންދިޔަ ގޮތް ފެނި ސާރާ ހާސިލު ކުރުމުގެ އަޒުމު ޒައިދުގެ ހިތުގައި ހިނގައިގަތެވެ. ހަމަ ހަޤީގަތުގައި ވެސް ލިއަމް އެބަ ސާރާ ދެކެ ލޯބިވެއެވެ. ލިއަމްގެ ކިބައިން ބަދަލު ހިފަން ބޭނުންނަމަ މި ކުޅިގަނޑު ވަރަށް ރަނގަޅަށް ކުޅެން އެބަޖެހެއެވެ. "ސާރާ އަކީ ކަލޭ ކުޅިވަރު ކުޅެން ބޭނުންކުރާ އަންހެން ކުއްޖަކަށް ވުރެ މާތް ކުއްޖެއް" ލިއަމް ބުނެލިއެވެ. އޭނާ ހިނގައިގަންނަން އުޅުނެވެ. "ދާދި އަވަހަށް އަހަރެމެން ދެމީހުންގެ ކައިވެނީގެ ތާރީޚް އިއުލާނު ކުރެވިގެން ދާނެ" ޒައިދު ގޮވައިލިއެވެ. ލިއަމް ފިޔަވަޅުތަކަށް ބާރުކޮށްލިއެވެ. ސައިކަލަށް އަރާ ހުންގާނުގައި ހިފާލެވުނީ އެހާ ބާރަށެވެ. ދެތިން ފަހަރު ފުން ނޭވާއެއް ލީ އައިސްފައި ހުރި ރުޅިވެރިކަމާއި ނަފުސުގައި ހުރި އުދާސްކަން ދުރުކޮށްލުމުގެ ބޭނުމުގައެވެ. ހިތުގައި ސާރާ ގެއްލިދާނެ ކަމުގެ ބިރުވެރިކަން އުތުރި އަރަން ފެށިއެވެ. ސާރާއަށްޓަކައި އޭނާ އިސްލާމް ވާންވީ ހެއްޔެވެ؟. އޭރުން ސާރާ ޒައިދު ދޫކޮށްލާފައި އޭނާ ކައިރިއަށް އަންނާނެ ހެއްޔެވެ؟ ޒައިދު ސާރާއާ ކައިވެނި ކުރަން އެ އުޅެނީ ރަނގަޅު މަޤްސަދެއްގައި ހެނެއް ހިޔެއްނުވެއެވެ. ސާރާއަށް ދެރަގޮތެއް ވާން އޭނަ ނޭދެއެވެ. ސާރާއަށްޓަކައި އޭނާގެ ހިތުގައި އޮތީ މަތިވެރި މަޤާމެކެވެ. އޭނާ ސާރާ ކައިރިން އެވާހަކަ އަހާނީއެވެ. ޒައިދު ދޮގު ވެސް ހަދާފާނެއެވެ. އަނެއްކޮޅުން ލޯބީގެ ކުޅިގަނޑެކޭ ޒައިދު އެ ބުނީ ކީއްވެހެއްޔެވެ؟ ލިއަމްގެ ހިތުގައި ތަފާތު ސުވާލުތައް އުތުރި އެރިއެވެ. އެންމެ ދުވަހަކު ނޫނީ, ސާރާއާއި ޒައިދާ އޭނާއާއި، ތިން މީހުން އެއްތަނަކުން ދިމާވެފައެއް ވެސް ނުވެއެވެ. ***** ރޭގަނޑެކެވެ. ޓެރެސްގައި ހުރި ސާރާ އެތެރެއަށް ވަނީ ހިތަށް އުނދަގޫ ވާވަރުންނެވެ. ނުތަނަވަސް ވުމާއެކު ސާރާ ވުޟޫ ކޮށްގެން ސުންނަތް ނަމާދެއް ކޮށްލުމަށް އަވަސްވެގަތެވެ. ނަމާދަކީ އަބަދުވެސް އޭނާގެ ނުތަނަވަސްކަން ދުރުކޮށްދޭ ކަމެކެވެ. ހިތް ނުތަނަވަސްވެ އުނދަގޫވާނަމަ އޭނާ އަބަދުވެސް ނަމާދުކޮށްލުމުން ހިތަށް ފިނިކަން ލިބެއެވެ. ނަފުސު ތާޒާވެލައެވެ. ނަމާދުކޮށްލުމުން ލިބުނު ހިންހަމަޖެހުމުގައި އެރޭ ސާރާއަށް ނިދާލެވުނެވެ. ހޭލެވުނީ ފަތިސްނަމާދަށެވެ. ގަނޑުކޮޅެއް އޮވެދާނެޔޭ ހިތާ އޭނާ ޓެރެސްއަށް ނުކުމެލިއެވެ. އެހެން ނަމަވެސް މާޔޫސްވީ މިއަދު އެއްވެސް ގަނޑުކޮޅެއް ނެތުމުންނެވެ. ލިއަމް އުޅޭ ގޭ ޓެރެސްއަށް ނަޒަރު ހުއްޓައިލި ސާރާ އެ ދިމާލަށް ބަލަން އެތައް އިރަކު ހުއްޓެވެ. ލިއަމް ދުށުމަށް އޭނާގެ ހިތް އެދެމުން ދިޔައެވެ. "ޔާ ﷲ... ކަންތައް ކުރަންވީ ކިހިނެއްކަން މިއަޅާއަށް ފަހުމް ކޮށްދެއްވާންދޭވެ! ކޮންމެވެސް މަގެއް މިއަޅާއަށް ދައްކަވާނދޭވެ!" ސާރާ ދުޢާ ކުރިއެވެ. އޭނާ ދެލޯ މަރައިލިއެވެ. ޖެހިލި ފިނި ވައިރޯޅިއާއެކު އަރާމުވިއެވެ. އިރުކޮޅަކު މަޑުކޮށްލައިގެން ހުރުމަށްފަހު ތިރިއަށް ދިޔައިރު މަންމަ ސަލްމާ ހޭލާ އުޅެއެވެ. ސާރާ ފެނުމާއެކު ސަލްމާ ވާހަކަ ދެއްކިއެވެ. "ދަރިފުޅާ... އާދެބަލަ އިށީންނަން" ސަލްމާ އެދުނީ ސޯފާގައި އިށީނުމަށެވެ. "ސާރާ!. ކޮންމެ ފަހަރަކު އަންނަ ހުށައެޅުމާ ދެކޮޅު ހަދަންޖެހެނީ ސާރާ ގަބޫލުނުވާތީ. ސާރާއަށް ކަމުދާ ކުއްޖަކު ނުވެސް ފެނޭ، ވާސިމު، ބައްޕައަށްޓަކައި ކިހާ ބޮޑު ހެޔޮ ކަމެއް ކޮށްދިނީ ވެސް. މި ޒަމާނުގައި ހިލޭ މީހަކުވެސް އެފަދައިން ކަންތަކެއް ނުކޮށްދޭނެ. ޒައިދު އެއީ ވަރަށް ރަނގަޅު ކުއްޖެކޭ... ސާރާއަށް ދެރަގޮތެއް ވާން ނޭދޭތީ ދޯ މަންމަމެނަށް އަބަދު މި ވާހަކަ މިދެއްކެނީ" ސަލްމާ ބުނެލިއެވެ. "ދެން މަންމަ ތިބުނަނީ ވާސިމު އަންކަލް އެކަން ކޮށްދިނިއްޔޭ ކިޔާފަ އަޅުގަނޑު ޖެހޭނީ ޒައިދާ ކައިވެނި ކުރާށޭތަ؟ ބޭނުމެއް ނޫން ޒައިދާ ކައިވެނި ކުރާކަށް" ސާރާ ކުއްލިއަކަށް ތެދުވިއެވެ. މަންމަގެ ވިސްނުން އޭނާއަށް ކަމަކު ނުދިޔައެވެ. އެހެން ނަމަވެސް ވާހަކަދެއްކުނީ ދައްކަން ޖެހޭ ގޮތަށް ނޫންކަން ވިސްނި ސާރާ އިސްޖަހާލިއެވެ. އޭނާ ދުވަހަކު ވެސް ސަލްމާއާ އެހާ ނުރުހިފައި ވާހަކައެއް ނުދައްކައެވެ. އެހެންނަމަވެސް މަންމައަށްޓަކައި ޒައިދާ ކައިވެނި ކުރާކަށް އޭނާގެ ހިތް އެއްބަހެއް ނުވިއެވެ. "ތިހެން މީހަކާ ނީނދެ ހުންނަންޏާ މީހުން ފާޑު ފާޑުގެ ވާހަކަ ދައްކާނެ! " ސަލްމާ ވެސް ތެދުވިއެވެ. "އެކުގައި އުޅެން ފެށީމަ ލޯބި ވާނެ" ސަލްމާ އިތުރުކޮށްލިއެވެ. ސާރާ އެއްޗެއް ނުބުންޏެވެ. އިތުރަށް ސަލްމާ އެއްޗެއް ނުބުނުމުން ސާރާ ހިނގައިގަތީ މާފަށް އެދިފައެވެ. ދުވެފައި ސިޑިން އަރައިގެން އޭނާ ގޮސް ޓެރެސްއަށް ނުކުމެލިއެވެ. މާޔޫސްކަމާއެކު، ރެއިލިންގައި އަތް އަޅުވާލަމުން އޭނާ އިސްޖަހައިލިއެވެ. ކަރުނަތައް ފުހެލަމުން އެނބުރިލިއިރު ލިއަމް ފެނިގެން އޭނާ ސިހުނެވެ. ސާރާ ކަރުނަ ފުހެލިތަން ފެނި ލިއަމަށް ކީއްހޭ ވީ އަހާ ގޮތަކަށް ބުމަ އަރުވާލާ ,އަތުން އިޝާރާތް ކޮށްލެވުނެވެ. ސާރާ ދެފަރާތަށް ބޯ ހޫރާލިއެވެ. ފުން ނޭވާއެއް ލަމުން އޭނާ ލިއަމަށް ހިނިތުންވުމެއް ހަދިޔާ ކޮށްލަން މަސައްކަތް ކުރިއެވެ. ލިއަމް އޭނާގެ އަތުގައި އޮތް ގަނޑުކޮޅު އެއްލިއެވެ. އޭގައި އޮތް އެއްޗެއް ކިޔައިލި ސާރާގެ މޫނުމަތިން ފެނުނީ މީގެ ކުރިން ލިއަމަށް ފެނިފައިވާ އަސަރުތަކެއް ނޫނެވެ. ސާރާގެ ނަޒަރުން އޭނާގެ ހިތުގައި ރިއްސައިލިއެވެ. ޒައިދުގެ ވާހަކަތައް ތެދުކަން ވިސްނި ލިއަމަށް އިސްޖަހައިލެވުނެވެ. (ނުނިމޭ)
ނޫރު- 10
ނ. މަނަދޫ ޕޮލިސް ސްޓޭޝަނުގައި ހައްޔަރުކޮށްފައި ތިބި ދެ މީހަކު ބަންދުން ދޫކޮށްލައި، ކަރަންޓީނު ނުކޮށް އެއަތޮޅު ކެނދިކުޅުދުއަށް ގެންދަން އުޅޭތީ އެރަށު ރައްޔިތުން އިހްތިޖާޖު ކުރަމުން އެބަދެއެވެ. ކެނދިކުޅުދުއަށް ގެންދަން އުޅެނީ މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށްފައި ތިބި އެރަށުގެ ދެ މީހެކެވެ. ކެނދިކުޅުދޫ ކައުންސިލްގެ ރައީސް އަލީ ޝަމީމް މިރޭ "ސަން" އަށް ވިދާޅުވީ އެ ދެ މީހުން މާދަމާގެ ވަގުތެއްގައި އަނބުރާ އެރަށަށް ގެންދާނެ ކަމަށް މަނަދޫ ޕޮލިސްޓޭޝަނުން އަންގާފައިވާ ކަމަށެވެ. ކޮވިޑަށް ޕޮޒިޓިވްވެފައިވާ އިތުރު ނުވަ މީހަކު މަނަދޫން ވަނީ ފެނިފައެވެ. އެރަށް އަދިވެސް އޮތީ މޮނިޓަރިންގެ ހާލަތުގައެވެ. ކައުންސިލްގެ ރައީސް ވިދާޅުވީ މަނަދޫއަކީ ކޮމިއުނިޓީ ސްޕްރެޑެއް އޮތް ރަށަކަށްވާތީ، އެ ހާލަތު އެހެން އޮއްވައި އެމީހުން އަނބުރާ އެރަށަށް ނުގެންދާނެ ކަމަށް ކުރިން މަނަދޫ ޕޮލިސްސްޓޭޝަނުން ބުނެފައިވާ ކަމަށެވެ. ނަމަވެސް އޭގެފަހުން އެމީހުން ގެންދަން ނިންމިކަން އެ ޕޮލިސްޓޭޝަނުން އެންގި ކަމަށް އޭނާ ވިދާޅުވިއެވެ. https://web.facebook.com/natti.nadheem/videos/3233852749998622/ މަނަދޫ ޕޮލިސް ސްޓޭޝަނުން އެގޮތަށް އެންގުމުން، އެރަށު ކޮވިޑް ޓާސްކް ފޯހާ މަޝްވަރާ ކުރުމަށްފަހު އެ ރަށަށް އެމީހުން ނާރުވަން ނިންމި ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ. "ޕޮލިހުން އެދުނީމަ އަޅުގަނޑުމެން ވިލަރެސް ކޮމިޓީން [ކޮވިޑް ޓާސްކް ފޯސް] އިން މަޝްވަރާ ކުރުމަށްފަހު ނިންމީ އެމީހުން މިދުވަސްކޮޅު ރަށަށް ނުގެނައުމަށް. އެކަމަށް ޕޮލިހުން ވެސް ފުރަތަމަ އެއްބަސްވި. އެކަމަކު އަނެއްކާ ފަހުން އަޅުގަނޑުމެންނަށް އެންގީ މާދަމާ އެބޭފުޅުން މިކޮޅަށް ގެންނަ ވާހަކަ،" އަލީ ޝަމީމް ވިދާޅުވި އެވެ. އެކަމާ ގުޅިގެން އެރަށުގެ ރައްޔިތުން އިހްތިޖާޖު ކުރަމުން އަންނަ ކަމަށާއި ރައްޔިތުންގެ ކަންބޮޑުވުންތަކާ ގުޅިގެން އެލްޖީއަށާއި، އެޗްޕީއޭ އަދި މޯލްޑިވްސް ޕޮލިސް ސާވިސްއަށް ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ. އަދި އޭގެ ޖަވާބުގައި އެމީހުން އެރަށަށް ގެންދިޔުމުގެ ހުއްދަ މަނަދޫ ޕޮލިސް ސްޓޭޝަނަށް ދީފައިވާ ކަމަށް ބުނެފައިވާ ކަމަށެވެ. "ދެން ކޮންމެ ގޮތެއް ވިޔަސް މިކަމާ ދެކޮޅަށް ނުކުތުމަށް އަޅުގަނޑުމެންނަށް މިއޮތީ މަޖުބޫރުވެފައި. ރައްޔިތުންގެ ކަންބޮޑުވުން ވަރަށް ބޮޑު. ރަށުގެ ހުރިހާ ރައްޔިތުން ކަހަލަ ގޮތަކަށް މިއޮތީ ކައުންސިލް އިދާރާ ކުރިމައްޗަށް އެއްވެފައި،" ކައުންސިލްގެ ރައީސް ވިދާޅުވިއެވެ. ކައުންސިލްގެ ރައީސް ވިދާޅުވީ ރައްޔިތުން ސަރުކާރަށް ގޮވާލަމުން ދަނީ މިދަނޑިވަޅުގައި އެ ދެ މީހުން އެރަށަށް ގެންދިޔުމަށް ކުރާ މަސައްކަތް ހުއްޓާލުމަށް ކަމަށެވެ. އެރަށަކީ ފުލުހުންގެ ޚިދުމަތް ގާއިމްވެފައިވާ ރަށަކަށް ނުވުމުން ގެންނަ މީހުން ބެލެހެއްޓޭނެ ގޮތެއް ނެތް ކަމަށް ވެސް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ހައިރިސްކު ރަށްރަށުން އަންނަ އެންމެން ވެސް ކައިރި ރިޒޯޓުތަކުގައި ކަރަންޓީން ކުރާ އިރު، މަނަދޫން ގެންނަ މީހުން ކަރަންޓީނުނުކޮށް ސީދާ ރަށަށް ގެނައުމަކީ އިންސާފުވެރި ގޮތެއް ނޫންކަމަށެވެ. "މިރަށު ރައްޔިތުން ކަމާބެހޭ ފަރާތްތަކަށް މި ގޮވާލަނީ ތި ނިންމުން ބަދަލު ކުރާށޭ. މިދަނޑިވަޅުގައި އެމީހުން މިރަށަށް ނުގެންނާށޭ،"
މަނަދޫގައި ތިބި ބަޔަކު ކެނދިކުޅުދުއަށް ގެންދާތީ އިހްތިޖާޖުު ކުރަނީ